ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 19 · 2021/SC-A/04ސުޕްރީމް ކޯޓު · 18 ފެބުރުއަރީ 2021

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޖިހާދު

ސުޕްރީމް ކޯޓު
10 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 18 ފެބުރުއަރީ 2021ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2021/SC-A/04

ޝަރީޢަތް ނިމުނުގޮތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޢަބްދުﷲ ޖިހާދު

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

18 ފެބުރުވަރީ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2021/HC-A/004

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ޢަބްދުﷲ ޖިހާދު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤާނޫނީ ވަކީލު: ޙަސަން ފަލާޙް، އެޑްވޮކެސީ ޗެމްބަރސް ޤާނޫނީ ވަކީލު: ޢާއިޝަތު މުޙައްމަދު، މާޒިޙް މުޙައްމަދު،އަޙްމަދު ނައުފަލް

ޖިނާއީ – ކޯޓު އަމުރު – ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާ، 198 ވަނަ މާއްދާ - ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު - ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 88 ވަނަ މާއްދާ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޢަބްދުﷲ ޖިހާދު

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ދަފްތަރު ނަންބަރު ރސ 1015 / މާލެ ، ޢަބްދުﷲ ޖިހާދު(މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޢަބްދުﷲ ޖިހާދު"( ގެ މައްޗަށް ރައްދުވާ ގޮތަށް، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ.

ކްރިމިނަލް ކޯޓުގައި ކަންހިނގާފައިވާ ގޮތް

ޢަބްދުﷲ ޖިހާދުގެ މައްޗަށް ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓުގެ ނަންބަރު 726/Cr-C/2020 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވަނިކޮށް، ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ އަށް އެދި، 21 ޑިސެންބަރު 2020 ގައި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު") ގެ ދަށުން އެކުލަވާލާފައިވާ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، "ފުރައިގެން ދިއުމުގެ ހުއްދައަށްއެދި ހުށަހަޅާ ފޯމް" ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. ޢަބްދުﷲ ޖިހާދު މި ފޯމު ހުށަހެޅުމާއި ގުޅިގެން، 24 ޑިސެންބަރު 2020 ގައި ޝަރީޢަތުގެ މަޖިލީހެއް ބޭއްވުމަށްފަހު، ޢަބްދުﷲ ޖިހާދު 24 ޑިސެންބަރު 2020 އިން ފެށިގެން 20 ޖަނަވަރީ 2021 ގެ ނިޔަލަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުން މަނާކުރުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 145-B7(726-2020)/PH/2020/33 ކޯޓު އަމުރުން (މީގެފަހުން "ކޯޓު އަމުރު") އަމުރުކޮށްފައިވެއެވެ.

ކޯޓު އަމުރު ރިވިއު ކޮށްދިނުމަށް އެދި ޢަބްދުﷲ ޖިހާދުގެ ފަރާތުން ކްރިމިނަލް ކޯޓަށް 24 ޑިސެންބަރު 2020 ގައި ސިޓީއަކުން އެދުމުން، އަމުރު މުރާޖަޢާކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް އެ ކޯޓުން ނިންމާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވުމުން، އެ މައްސަލަ ބެލި ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ، އެ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމުގައި ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އަމުރު ބާޠިލްކޮށެވެ.

އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ދަޢުވާކުރާ ފަރާތުން ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވެވޭގޮތަށް، މައްސަލަ ހުށަހެޅިފައިވާ ކޯޓު ހުރި ރަށުން ބޭރަށް ދަޢުވާލިބޭ ފަރާތް ފުރައިގެންދާނަމަ، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 88 ވަނަ މާއްދާގައި ބަޔާންވެފައިވާ އިޖުރާއަތު ފިޔަވައި އެހެން އިޖުރާއަތެއް، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ބާރުލިބިގެން ހެދިފައިވާ ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވެސް ބަޔާންކުރެވިފައި ނުވާކަން؛

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގައި ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ތަޙްޤީޤު މަރުޙަލާގައި "ޤާނޫނު ތަންފީޛުކުރާ އިދާރާ" އަކުން އެދެން އޮތް ހިނދު، މި ހާލަތުގައި އެ މާއްދާ ތަރުޖަމާކުރަންވާނީ ޝަރީޢަތަށް ހުށަހެޅިފައިވާ އެފަދަ މައްސަލައެއްގައި އެފަދަ އަމުރަކަށް އެދޭނީ ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނި ނަމަވެސް، އެކަން ވެގެންދާނީ ޤާނޫނު ލިޔުމުގައި ޝާރިޢު ކަނޑައަޅަފައިވާ ނުވާކަމެއް ފަނޑިޔާރު އަމިއްލައަށް ކަނޑައެޅުން ނުވަތަ ފަނޑިޔާރު ޤާނޫނު ލިޔުންކަން؛

ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް އެދި އެކަމާބެހޭ ގޮތުން ވާހަކަ ދެއްކުމަށްޓަކައި ހުށަހަޅާފައިވަނީ ސިޓީއެއް ކަމާއި، އެ ސިޓީގައި މި ވާހަކަ ދެއްކުމަށް ޝަރީޢަތުގެ މަޖިލީހެއް ބާއްވާ ދިނުމަށް އެދިފައިވާކަން އެނގޭއިރު، އެކަމަކީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގެ އިޖުރާއަތާ ޚިލާފު ކަމެއް ކަން؛

ޢަބްދުﷲ ޖިހާދު ފުރައިގެން ދާން އުޅޭ ކަމަށް ލިބިފައިވާ ހެއްކަކީ، ޢަބްދުﷲ ޖިހާދު ފުރުމުގެ ހުއްދައަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމާއެކީ އޮތް ޓިކެޓް ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނި ނަމަވެސް، އެ ޓިކެޓަކީ އޭނާއާ ދެކޮޅަށް ބޭނުންކުރެވޭނެ ހެއްކެއް ކަމުގައި ބެލޭނެ އުސޫލެއް ބުނެދެވިފައިވާ ނުވުމުގެ އިތުރުން ޢަބްދުﷲ ޖިހާދު ފުރައިގެން ހިނގައިދާނެކަމަށް ބެލެވޭ އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައި ނުވާކަން؛

ޢަބްދުﷲ ޖިހާދުގެ މައްޗަށް އުފުލުނު ދަޢުވާއަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށް ކަމުގައިވާއިރު، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ޢަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ކުށެއް ކަމަށް ބަޔާންކޮށްފައިވަނީ ރަނގަޅަށް ނޫންކަން؛ އަދި

ހައިކޯޓުގެ ޤަޟިއްޔާއެއް ކަމުގައިވާ ޢަލީ ޝިޔާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އިސްތިއުނާފު ކުރެވުނު އަމުރުގައި ތުހުމަތު ކުރެވޭ މައްސަލައަކީ ޖިނާއީ ބޮޑު ކުށެއްކަން އެނގޭކަމާއި، އެ ޤަޟިއްޔާގައި އަމުރު ނެރެފައިވަނީ މީހެއްގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވިފައިވާ ހާލަތުގައިކަން އެނގެން އޮތްއިރު، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި އިސްވެ ބުނެވުނު ހައިކޯޓުގެ ޤަޟިއްޔާއަށް ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ނޫންކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 2 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އެއީ:

ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ އެގާރަވަނަ ނުކުތާ ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާއާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު؛ އަދި

ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ތޭރަވަނަ ނުކުތާގައި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/004ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން ޢަބްދުﷲ ޖިހާދުގެ ފަރާތުން މައިގަނޑު 6 (ހައެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނަރަލްގެ ފަރާތުން ފޮނުވި ސިޓީގައިވާ ޢިބާރަތަކީ "ޢަބްދުﷲ ޖިހާދު ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން ގޮތެއް ކަނޑައެޅުއްވުމުގެ ކުރިން މިކަމާއި ގުޅިގެން ވާހަކަ ދެއްކުމަށްޓަކައި ޝަރީއަތުގެ އަޑުއެހުމެއް ވެވަޑައިގެންނެވި އެންމެ އަވަސް ފުރުސަތެއްގައި ތާވަލް ކޮށްދެއްވުން އެދެމެވެ." މިފަދައިން ކަމުގައިވާއިރު، މި ސިޓީ އަކީ ޢަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ބޭނުންކުރެވޭނެ އެއްޗެއް ކަމުގައި ނުވާތީ، އަދި މި ސިޓީއަށް ބިނާކޮށް ޢަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އިޖުރާއަތުތައް ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި"ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާ ނުކޮށްފިނަމަ އެ އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅާ ހާލަތުގައި އޭގެ ބާރުވެރިކަން ނުހިނގާ ފަދަ ހާލަތެއް ކުރިމަތިވުމުގެ އިޚްތިމާލް އޮތަތީ މި މައްސަލާގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ފުރައިގެން ނުދިއުމަށް އަންގާ އަމުރުކުރާކަމަށް" މިފަދައިން ބަޔާންކޮށްފައިވީނަމަވެސް، ކްރިމިނަލް ކޯޓުގެ އެ އަމުރަކީ މިހާރު މުއްދަތު ފާއިތުވެގެން ގޮސްފައިވާ އަމުރެއް ކަމުގައިވާތީ، މި މައްސަލައިގައި ކޮންމެ ގޮތަކަށް ކަނޑައެޅުނު ނަމަވެސް އެކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މިފަދަ މައްސަލަތައް އިސްތިއުނާފު ކުރެވެން ވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެގެންވަނީ 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ކަމުގައިވާއިރު، ގާތްގަނޑަކަށް 24 ޖަނަވަރީއާ ހަމައަށް މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެގެންދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، މުއްދަތު ގުނުމުގައި ޢަމަލުކުރަންޖެހޭ ގޮތެއް މި ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި ނެތުމުން މި މައްސަލައިގައި އެ މާއްދާ މާނަކޮށްދިނުމަށް އެދޭ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ޢަބްދުﷲ ޖިހާދުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފުރައިގެން ދިއުމުގެ ހުއްދައަށް އެދޭ ފޯމާ އެކީގައި ރިޓާން ޓިކެޓް ވެސް ހުށަހަޅާފައިވާއިރު، އަދި ޢަބްދުﷲ ޖިހާދު ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅޭކަމުގެ އެއްވެސް ހެއްކެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައި ނުވާއިރު، ޢަބްދުﷲ ޖިހާދު ބޭސްފަރުވާ ކުރުމަށާއި ރާއްޖޭން ބޭރުގައި ކިޔަވަން ހުންނަ ދަރިއަކާ ބައްދަލުކުރުމަށްޓަކައި، ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދައަށް އެދި ހުށަހެޅުމަކީ، ނުވަތަ ޤާނޫނުގައި އޮންނަ އިޖުރާއަތާ އެއްގޮތަށް އަމަލުކުރުމަކީ ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފިލައިގެން ދާން އުޅޭކަމަށް ބުނެ އޭނާގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ސަބަބެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ޖިނާއީ އިޖުރާއަތު ޤާނޫނުގެ 75 ވަނަ މާއްދާ އޮތް ގޮތުން، އެ މާއްދާ މި މައްސަލައިގައި ތަޠްބީޤު ނުކުރެވޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި މައްސަލައިގައި ޙަވާލާދޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއަކީ، މި މައްސަލައާ މުޅިން ތަފާތު ޖިނާއީ ބޮޑު މައްސަލައަކާއި ގުޅިގެން ނިންމާފައިވާ މައްސަލައެއް ކަމުގައިވާތީ، އެ ނިންމުން މި މައްސަލައަށް ތަޠްބީޤު ނުކުރެވޭނެކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ވަގުތީ އަމުރު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅިއިރު، މައްސަލައާއެކު، ޢަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓާދިނުން އެދި އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައިވެއެވެ. އަދި ސުޕްރީމް ކޯޓުންވަނީ، އަޑުއެހުމަކާއި ނުލައި، ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފިނަމަ، އޭނާ އަނބުރާ ރާއްޖެ ނައުމުގެ އިޙްތިމާލު އޮތްކަމުގައި ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާތީ، އަދި އިސްތިއުނާފު ކޮށްފައިވާ އެ އަމުރާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާ ނުކޮށްފިނަމަ، އެ އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅާ ހާލަތުގައި، އޭގެ ބާރުވެރިކަން ނުހިނގާފަދަ ހާލަތެއް ކުރިމަތިވުމުގެ އިޚްތިމާލު އޮތަތީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ ވަކިގޮތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަންދެން، ޢަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓާފައެވެ.

15 ފެބުރުވަރީ 2021 ގެ 19:00 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ ޖިހާދުގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ކޯޓު އަމުރަކީ މިހާރު މުއްދަތު ފާއިތުވެގެން ގޮސްފައިވާ އަމުރެއް ކަމުގައި ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުން ނެރުނު އިސްވެ ބަޔާންކުރެވުނު ވަގުތީ އަމުރު މުރާޖަޢާ ކޮށްދިނުމަށް ޢަބްދުﷲ ޖިހާދުގެ ފަރާތުން އެދިފައި ނުވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާ

މި މައްސަލައިގައި ހުސޫމާތު އުފެދިފައިވާ މައިގަނޑު ކަމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާއަށް ޙަވާލާދީ ޢަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަމާމެދުއެވެ. އިސްތިއުނާފުކުރެވޭ މައްސަލައިގައި ހައިކޯޓުން ބުނެފައިވަނީ އެމާއްދާގައިވާ އިޖުރާއަތު ފުރިހަމަކޮށްފައި ނުވާ ކަމަށާއި، ކޯޓު އަމުރު ނެރުމުގައި 75 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށްކަމަށެވެ.

ޕާސްޕޯޓު ހިފެހެއްޓުމަށް އެދުން

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) އަށް ބެލުމުން، އެ މާއްދާގެ ނައްސުން، މީހެއްގެ ޕާސްޕޯޓް (ނުވަތަ ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ އެނޫންވެސް ރަސްމީ ލިޔުމެއް) ހިފެހެއްޓުމަށް އެދި ކޯޓަށް ހުށަހަޅަންޖެހޭ ކަމާއި، އެފަދަ އަމުރަކަށް އެދި ހުށަހަޅާއިރު ވަކި މަޢުލޫމާތު ތަކެއް ހުށަހަޅަންޖެހޭކަން އެނގެއެވެ. އަދި، ޕާސްޕޯޓު ހިފެހެއްޓުމަށް އެދި ހުށަހަޅާއިރު، ފުރިހަމަކުރަންޖެހޭ ތަފްސީލު އިޖުރާއަތު ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޢަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދި ހުށަހަޅާފައިވަނީ ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރަން އެދިގެން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 88 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ފޯމު (ޓިކެޓުގެ ކޮޕީއާއެކު) 20 ޑިސެންބަރު 2020 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެކަމާބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޝަރީޢަތުގެ މަޖިލީހެއް ބާއްވާ ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީ އަކާއި ގުޅިގެން، ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރަން އެދި ހުށަހެޅި ހުށަހެޅުމަށް ގޮތް ކަނޑައެޅުމުގެ ކުރިން ބޭއްވުނު ޝަރީޢަތުގެ މަޖިލީހެއްގައެވެ. ޢަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފެއްޓުމަށް އަންގާ ކޯޓު އަމުރު ނެރެފައިވަނީ މި ޝަރީޢަތުގެ މަޖިލީހަށް ފަހުއެވެ.

ކަންހިނގާފައިވާ ގޮތަށާއި، މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުމަށް ބަލާއިރު، ޢަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދި އެއްވެސް ފަރާތަކުން ޤާނޫނާއި ގަވާއިދުގައިވާ ފަދައިން ހުށަހެޅުމެއް ހުށަހަޅާފައިވާކަން އެނގޭން ނެތްކަން ފާހަގަވެއެވެ.

ތަންފީޛުކުރާ އިދާރާ

އިސްތިއުނާފު މި ކުރެވޭ ހައިކޯޓުގެ ޤަޟިއްޔާގައި، ޕްރޮސިކިއުޓަރ ޖެނެރަލްއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ޙަވާލާދޭ "ޤާނޫނު ތަންފީޛުކުރާ އިދާރާ" އެއް ކަމުގައި މާނަކުރުން ވެގެންދާނީ ޤާނޫނުގައި ނެތް ކަމެއް ފަނޑިޔާރު އަމިއްލައަށް ކަނޑައެޅުން ކަމުގައި ބަޔާންކޮށްފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއަށް ޙަވާލާދީ، ޤާނޫނު މާނަކުރަންޖެހޭނީ ޤާނޫނުގެ މަޤްޞަދާ އެއްގޮތަކަށް ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ޙަވާލާދޭ "ޤާނޫނު ތަންފީޛުކުރާ އިދާރާ" ގެ މާނައިގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ނުހިމެނޭނެ ކަމުގައި ބަލައިފިނަމަ، އޭގެން ނިކުންނަ ނަތީޖާއަކީ ހަމަޖެހޭ ނަތީޖާއެއް ނޫންކަމުގައި ބުނެފައިވެއެވެ. އަދި ޤާނޫނުގެ އެފަދަ މާނަކުރުމެއް ވެގެންދާނީ ޖިނާއީ އިޖުރާއަތު ރޭވިފައިވާގޮތަށް މަސައްކަތްކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި، އެފަދަ މާނަކުރުމެއްގެ ސަބަބުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ގެއްލިގެންދާނެކަމުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ "ޤާނޫނު ތަންފީޛުކުރާ އިދާރާ" ގެ މާނައިގެ ތެރޭގައި ހިމެނޭ އިދާރާއެއް ކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، އެ ލަފުޒަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 18 ވަނަ މާއްދާގައި މާނަކޮށްފައިވާ ލަފުޒެއްކަން ފާހަގަކުރަމެވެ. އެގޮތުން، ޤާނޫނު ތަންފީޛުކުރާ އިދާރާއަކީ "ފުލުހުން ހިމެނޭގޮތުން، ޖިނާއީ ކުށް ތަޙްޤީޤުކޮށް، ފިޔަވަޅުއެޅުމުގެ ބާރު، ޤާނޫނުއަސާސީންނާއި ޤާނޫނުން ލިބިދީފައިވާ ކޮންމެ ތަޙްޤީޤީ އިދާރާއެއް" ކަން ޤާނޫނުގެ ނައްސުން އެނގެން އޮވެއެވެ. ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތަޙްޤީޤުކުރުން ހިމަނާފައި ނުވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ "ޤާނޫނު ތަންފީޛުކުރާ އިދާރާ" އެއް ކަމުގައި ބެލެވޭން އޮތްކަމުގައި ނުދެކެމެވެ.

ޖިނާއީ ޢަދުލުގެ ނިޒާމަކީ ތަފާތު މަރުޙަލާތަކަކަށް ބެހިފައިވާ ނިޒާމެކެވެ. އެއިން ކޮންމެ މަރުޙަލާއެއްގައި، ވަކިވަކި ފަރާތްތަކާ ޤާނޫނީ ޒިންމާތަކެއް މަތިކުރެވިފައިވަނީ އެކަމުގެ ބޭނުން އެގޮތުގައި އޮންނާތީއެވެ. ތަހްޤީގުކުރުމާއި ހެކި ހޯދުމަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ޒިންމާއެއްގެ ގޮތުގައި އޮންނައިރު، ޖިނާއީ ދައުވާ އުފުލުމުގެ ޒިންމާ ޕްރޮސިކިއުޓަރ ޖެނެރަލަށް އޮވެ، ޝަރީޢަތް ކުރުމުގެ ޒިންމާ ކޯޓުތަކަށް ލިބިދީފައި އޮންނަނީ ވަކި މަގަކުން ނުވަތަ ތަރުތީބަކުން ކަންކަން ގެންދިއުމަށެވެ. އަދި އެހެންކަމުން، އެ ނިޒާމުގެ ތެރެއިން، ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ޕާސްޕޯޓު ހިފެހެއްޓުމަށް އެދުމުގެ އިޚްތިޔާރު ލިބިދީފައިވަނީވެސް މި ވިސްނުމުގެ ތެރެއިންކަމުގައި ދެކެމެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، އެ މީހެއްގެ މައްޗަށް ޝަރީޢަތް ކުރެވެމުންދާ މީހެއް ފިލައިގެން ދިއުމުގެ ފުރުޞަތު އޮތް ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤަބޫލުކުރެވޭ ހިނދުގައި، އެފަދަ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދުމުގެ ފުރުޞަތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ނެތުމަކީ އެކަމުގެ އަސަރު، ޖިނާއީ އަދުލުގެ ނިޒާމަށް ނޭދެވޭ ގޮތެއްގައި ކުރުމުގެ އިޙްތިމާލު އޮތް ކަމެއް ކަމުގައި ގަބޫލުކުރަމެވެ. އެހެންނަމަވެސް، ޤާނޫނުގައި ވަކި އިޖުރާއަތެއް ކަނޑައަޅާފައިވާހިނދު، އެ އިޖުރާއަތުގެ ސަބަބުން ކުރިމަތިވެދާނެ އުނދަގުލަކުން ނުވަތަ އެހެންވެސް ކަމަކުން މިންޖުވުމުގެ މަޤްޞަދުގައި، ޤާނޫނުގެ ހުދޫދުން ބޭރުން ޢަމަލުކުރުމުގެ ބާރު، އެ އޮފީހަށް އަދި ކޯޓަށްވެސް ލިބިގެން ނުވެއެވެ. އެކަމުގެ ޙައްލު ލިބިދެވޭނީ ޤާނޫނު ހެދުމުގެ ބާރު އޮތް، ރައްޔިތުންގެ މަޖިލީހަށެވެ.

ކަން މިހެން އޮތް ނަމަވެސް، ޝަރީޢަތުގެ މަރުޙަލާގައިވާ ޖިނާއީ މައްސަލަތަކުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން ޖެހިއްޖެ ކަމުގައި ފެނިގެން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދެ ރުކުން ފުރިހަމަވާނަމަ، ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ޕާސްޕޯޓު ހިފެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް، އެ މައްސަލައެއް ތަހްޤީގުކުރި ތަންފީޛުކުރާ އިދާރާއަކަށް އެންގިދާނެ ކަމުގައި ދެކެމެވެ.

އަދި ހަމަ އެހެންމެ، އެ މީހެއްގެ މައްޗަށް ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހަކު، ޤާނޫނުގައިވާ ގޮތުގެ މަތިން ފުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅައިފިނަމަ، ސަބަބު ދައްކައި، އެ ކަމާމެދު އިޢުތިރާޟު ކުރުމުގެ ފުރުސަތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. އެފަދަ ހާލަތެއްގައި، ކޯޓުން މީހަކު ފުރުމަށް ހުއްދަ ދިނުމަށް ނުވަތަ ނުދިނުމަށް ނިންމުމުގައި، އެ މީހަކު ހުށަހަޅާ ހުށަހެޅުމާއި އެ ހުށަހެޅުން ހުށަހެޅި ސަބަބުތަކުގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާ ކަންކަމަށް ރިޢާޔަތްކުރުން މުހިންމުކަމުގައި ދެކެމެވެ.

އިސްތިއުނާފު ކުރެވުނު ކޯޓު އަމުރާއި ގުޅިގެން ބެލެވުނު މި މައްސަލައިގައިވެސް ކަންހިނގާފައިވަނީ މި ފަދައިން ކަމުގައިވާ ނަމަވެސް، ކޯޓުން ޢަބްދުﷲ ޖިހާދު ފުރުމަށް ހުއްދަ ދިނުމަށް ނުވަތަ ނުދިނުމަށް ނިންމުމުގެ ބަދަލުގައި، ކޯޓުން ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާއަށާއި ހައިކޯޓުގެ ނަންބަރު 2019/HC-A/473 ޤަޟިއްޔާއަށް ޙަވާލާދީ، އޭނާ ފުރައިގެން ދިޔުން މަނާކޮށްފައިވެއެވެ. އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 88 ވަނަ މާއްދާގައި ބަޔާންވެފައިވާ އިޖުރާއަތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގައި ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރާއި ގުޅިގެން އޮންނަ އިޖުރާއަތާއި މުޅިން ވަކި، އަދި ތަފާތު ދެ އިޖުރާއަތެއް ކަމުގައި ފާހަގަކުރަމެވެ.

ޢަބްދުﷲ ޖިހާދު ފުރުމުގެ ހުއްދައަށް އެދި ހުށަހެޅި މި ހާލަތުގައި، ކޯޓުން ކަނޑައަޅަންޖެހޭނީ އެ މީހަކު ފުރުމުގެ ހުއްދަ ދިނުމަށް ނުވަތަ ނުދިނުމުގެ މައްޗަށެވެ. މި ހާލަތަކީ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރު ނެރެވޭނެ ކަމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހާލަތެއް ނޫނެވެ.

އަމުރު ނެރުމުގައި ފުރިހަމަ ވާންޖެހޭ ކަންކަން

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) އަށް ބެލުމުން، ޤާނޫނު ތަންފީޛުކުރާ އިދާރާއަށް މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓެއްގައި އެދެވޭނީ 2 (ދޭއް) ކަމެއް ފުރިހަމަވެގެންކަން އެ މާއްދާގެ ނައްސުން އެނގެން އޮވެއެވެ. އެއީ:

މީހަކު ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ޤަބޫލުކުރެވޭ މިންވަރުގެ އެކަށީގެންވާ ހެކި ލިބިފައިވާނަމަ؛ އަދި

އޭނާ ފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެވެ.

ކޮންމެ މީހަކީވެސް އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ، ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލުމުގެ ޙައްޤު އޮންނަ މީހެއްކަމުން، މީހަކު ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ޤަބޫލުކުރެވޭނީ ކިހިނެއްކަން ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ތަޙްޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި، އެކަން ބަލާނީ އެކަށީގެންވާ ސަބަބެއް (probable cause) އޮތުމުގެ މައްޗަށެވެ. މި މައްސަލައިގެ ބޭނުމަށްޓަކައި، އެކަން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދަޢުވާއާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުމުން ފެންނާން އޮތްކަމުގައި ބަލާނަމެވެ. އެހެނީ، ހަސްމުންގެ މެދުގައި ހުސޫމާތް އުފެދިފައިވަނީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ދެވަނަ ރުކުނާއި މެދުގައި ކަމުގައިވާތީއެވެ.

ޢަބްދުﷲ ޖިހާދަކީ ފިލައިގެން ދާންއުޅޭ ކަމަށް ބެލެވޭ މީހެއް ހެއްޔެވެ؟ އަދި އެކަމުގެ އެކަށީގެންވާ ހެކި އެބަހުރިހެއްޔެވެ؟

ކްރިމިނަލް ކޯޓާއި ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަކާލާތުކޮށްފައިވަނީ، ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރަން އެދި ހުއްދައަށް އެދުނު އެދުމަކީ އޭނާ ރާއްޖެ ދޫކޮށް ދާންއުޅޭކަމުގެ އިޢުތިރާފު ކަމަށާއި، ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާއެކު ޢަބްދުﷲ ޖިހާދުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ޓިކެޓުގެ ކޮޕީއަކީ އެކަމުގެ ހެކި ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ޙަވާލާދެނީ ރާއްޖެ ދޫކޮށް ދިއުމަކަށް ނުވަތަ ފުރުމަކަށް ނޫނެވެ. އެ މާއްދާގައި ޙަވާލާދެނީ ފިލައިގެން ދިއުމަށެވެ. އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބަޔާންކުރާ ފަދައިން، ޢަބްދުﷲ ޖިހާދަކީ އޭނާގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު އުފުލިފައިވާ މީހެއް ކަމުގައިވާތީ، އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، ކުށުގެ އުޤޫބާތެއްގެ ގޮތުން އޭނާ ޖަލަށްލުމުގެ އިޙްތިމާލު އޮތުމަކީ އޭނާ ފިލާފާނެ ކަމުގެ ހެއްކެއް ހެއްޔެވެ؟ އަދި ޢަބްދުﷲ ޖިހާދަކީ ދިގު މުއްދަތަކަށް ދައުލަތުގެ އިސް މަޤާމުތަކެއް އަދާކޮށްފައިވާ ފަރާތެއް ކަމުގައިވާތީ، މަސައްކަތުގެ ތެރެއިން އުފެދިފައިވާ (ބާރުގަދަ) ގުޅުންތައް އޭނާގެ ހުންނާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނާތީ، އެއީ ޢަބްދުﷲ ޖިހާދު ފިލާފާނެ ކަމުގެ ހެއްކެއް ހެއްޔެވެ؟ އަދި ޢަބްދުﷲ ޖިހާދުގެ މާލީ ތަނަވަސްކަން ހުރިގޮތުން އޭނާއަކީ ރާއްޖެ ދޫކޮށް ގޮސް، ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ މީހެއްކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނުމަކީ ޢަބްދުﷲ ޖިހާދު ފިލާފާނެ ކަމުގެ ހެއްކެއް ހެއްޔެވެ؟ ޢަބްދުﷲ ޖިހާދަކީ ފިލަން އުޅޭ ފަރާތެއްކަމުގައި ބުނާނަމަ، އެކަން އެފަދައިން ހިނގުމުގެ އިޙްތިމާލު ހަމަ ހަގީގަތުގައިވެސް އޮތްކަން ދެއްކުމުގެ ގޮތުން، ދައްކާ ވާހަކައަށް ބުރަދަނެއް ލިބިދެވޭނެ ނުވަތަ އެ ވާހަކަ ކޮރާބޮރޭޓްކުރާނެ ކޮންމެވެސް ހެއްކެއް ހުށަހެޅުމަކީ އެކަން އެފަދައިން ހިނގާފާނެ ކަމަށް ބުނާ ފަރާތުގެ ޒިންމާއެކެވެ. މިއީ ޤާނޫނީ އުސޫލުތަކުގެ ތެރެއިން އަސާސީ ކަމެކެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޢަބްދުﷲ ޖިހާދު އަދާކޮށްފައިވާ ދައުލަތުގެ އިސް މަޤާމުތަކުގެ ސަބަބުން އުފެދިފައިވާ (ބާރުގަދަ) ގުޅުންތަކުގެ ބޭނުން ކޮށްގެން އޭނާ ފިލަނީ ކަމުގައި ބުނާނަމަ، އެފަދައިން ހަމައެކަނި ބުނެފައި ނިންމާލުމުގެ ބަދަލުގައި، މިސާލަކަށް، އެފަދަ ރޭވުމެއް އޮތްކަން ދޭހަކޮށްދޭ ހެކި ހުށަހެޅިދާނެއެވެ. އަދި އޭނާގެ މާލީ ތަނަވަސްކަން ހުރިގޮތުން އޭނާއަކީ ރާއްޖެ ދޫކޮށް ގޮސް، ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ މީހެއްކަމުގައި ބުނާނަމަ، އެހެން ހަމައެކަނި ބުނުމުގެ ބަދަލުގައި، މިސާލަކަށް، އޭނާގެ ހަމަ ހަގީގަތުގައިވެސް އެފަދަ މާލީ ގާބިލުކަން ހުރިކަން ދައްކުވާދޭ ހެކި، އެ ބުނާ ބަހަށް ބާރުދިނުމުގެ ގޮތުން ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، މި މައްސަލައިގައި، އެފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެއެވެ. އަދި ހެއްކެއްގެ ގޮތުގައި ދައްކާފައިވަނީ ޢަބްދުﷲ ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާ ޓިކެޓެވެ.

ޢަބްދުﷲ ޖިހާދުގެ ފަރާތުން، ޖިނާއީ އިޖުރާއަތުގައިވާ ފަދައިން، އޭނާ ފުރުމުގެ ހުއްދައަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު، އޭނާ ހުރީ މިނިވަނެއްގެ ގޮތުގައެވެ. އަދި އޭރު، (އެކަމަށް އެދުން ހިމެނޭގޮތުން) އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެނޫންވެސް ފިޔަވަޅެއް ޢަބްދުﷲ ޖިހާދުއާ މެދު އަޅާފައިވާކަން ނުވަތަ އެފަދަ ފިޔަވަޅެއް އަޅާދިނުން އެދި ހުށަހަޅާފައިވާކަންވެސް އެނގޭކަށް ނެތެވެ. އެހެން ގޮތަކަށް ބުނާނަމަ، ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު، އޭނާއަކީ އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއް އުފުލިފައިވާ މީހަކަށްވުމުގެ އިތުރުން، އެ ސަބަބަށްޓަކައި އޭނާގެ އެއްވެސް ޙައްޤެއް ހަނިކުރެވިފައިވާ މީހެއް ނޫނެވެ. އަދި ޢަބްދުﷲ ޖިހާދަކީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާގެ ސަބަބުން ފިލާފާނެ މީހެއްކަމުގައި ވަނީނަމަ، އޭނާ ކޯޓުން ފުރުމުގެ ހުއްދައަށް އެދުމުގެ ބަދަލުގައި، ކޯޓުގެ އެނގުމަކާއި ނުލައި، ހަމަ ފުރައިގެން ދިއުމުގެ ހުރިހާ ފުރުސަތެއް އޮތެވެ. އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެފަދައިން ބުނާ ބުނުން ފިޔަވައި، ސަބަބުވެރި މީހެއްގެ މިންގަނޑުން ބަލާއިރު، ޢަބްދުﷲ ޖިހާދަކީ ފިލާފާނެ މީހެއްކަމުގައި ބެލެން އޮތްކަމުގައި ނުދެކެމެވެ.

މަތީ މަރުޙަލާ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުން

ހައިކޯޓުގައި ކޯޓު އަމުރު އިސްތިއުނާފު ކުރުމުން، އެއަމުރު ނެރުމުގައި ކްރިމިނަލް ކޯޓުން، ހައިކޯޓުގެ ނަންބަރު 2019/HC-A/473 ޤަޟިއްޔާއަށް ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި އެ ކޯޓުން ކަނޑައަޅާފައިވެއެވެ. އެފަދައިން ހައިކޯޓުން ކަނޑައަޅާފައިވަނީ، މައިގަނޑު 2 (ދޭއް) ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ:

ހައިކޯޓުގެ ނަންބަރު 2019/HC-A/473 ޤަޟިއްޔާގައި އިސްތިއުނާފު ކުރެވުނު އަމުރުގައި ތުހުމަތު ކުރެވޭ ކުށަކީ ޓެރަރިޒަމްގެ ކުށްކަމުގައި ވެފައި، އެ ކުށަކީ ޖިނާއީ ބޮޑުކުށެއް ކަމުގައިވާއިރު، ޢަބްދުﷲ ޖިހާދުގެ މައްޗަށް ނެރެފައިވާ އަމުރުގައި ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ ބޮޑުކުށެއް ކަމުގައި ނުވުން؛ އަދި

ހައިކޯޓުގެ ނަންބަރު 2019/HC-A/473 ޤަޟިއްޔާގައި އިސްތުއުނާފު ކުރެވުނު އަމުރު ނެރެފައިވަނީ ކުށުގެ ތުހުމަތުގައިވާ ފަރާތެއްގެ މައްޗަށް ކަމުގައިވުން.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ރ) ގައި، ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ޕާސްޕޯޓު ހިފެހެއްޓުމުގެ ކޯޓު އަމުރެއް ނެރެދިނުމަށް އެދިއްޖެނަމަ، އެފަދަ އަމުރެއް ނެރުމުގައި ފަނޑިޔާރު ބަލަންޖެހޭ ކަންކަން ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ އަކުރުގައި ފަނޑިޔާރަކު ޕާސްޕޯޓު ހިފެހެއްޓުމުގެ ކޯޓު އަމުރެއް ނެރެދޭންވާނީ، އަންނަނިވި ކަންކަން އެ މީހަކާ ގުޅޭގޮތުން ފުރިހަމަވާނަމަ ކަމުގައި ބަޔާންކޮށްފައިވެއެވެ.

ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާ ކުށެއް ކޮށްފައިވާކަމަށް ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކުރަންއުޅޭ ކަމުގެ ހެކި ލިބިފައިވުން؛

އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމުގެ ހެކި ލިބިފައިވުން؛ އަދި

އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުން.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ރ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ ހަމަ އެ މާއްދާގެ (ހ) ގައި، ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓެއްގައި އެދެވުމުގައި ފުރިހަމަކުރަން ޖެހޭކަމަށް ބަޔާންކޮށްފައިވާ 2 (ދޭއް) ކަމެވެ. އެހެންކަމުން އެކަންކަމަކީ ޤާނޫނު ތަންފީޛުކުރާ އިދާރާއިން ހުށަހެޅުމުގެ އިތުރުން، ފަނޑިޔާރު ފުރިހަމަވޭތޯ ބަލަންޖެހޭ ކަންކަމެވެ.

އެހެންނަމަވެސް، މިމައްސަލައަށް ހައިކޯޓުގެ ނަންބަރު 2019/HC-A/473 ޤަޟިއްޔާ ތަޠުބީޤުކޮށް ހައިކޯޓުން ބަޔާންކޮށްފައިވާ ފަދައިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ރ) ގައި، ފަނޑިޔާރު ބަލަންޖެހޭ ކަންކަމުގެ ތެރޭގައި ކުށުގެ ކުޑަ ބޮޑު މިނާއި، އަމުރު ނެރެފައިވަނީ ކުށުގެ ތުހުމަތާއި ގުޅޭ މަރުޙަލާގައިކަން ނުވަތަ ނޫންކަން ބެލުން ހިމެނިފައި ނުވެއެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުން ކޯޓު އަމުރު ނެރުމުގައި ހައިކޯޓުގެ ނަންބަރު 2019/HC-A/473 ޤަޟިއްޔާއަށް ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި އެ ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނަމަވެސް، އަޣުލަބިއްޔަތު ރައުޔުގައި އެ ޤަޟިއްޔާއަށް ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ނޫންކަން ތަފްސީލުކޮށްދިނުމުގެ ގޮތުން ބަޔާންކޮށްފައިވާ ސަބަބުތަކަކީ އެކަށޭނަ ސަބަބުތަކެއް ކަމުގައި އަހުރެން ނުދެކެމެވެ.

ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ފަދައިން، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތައް އެއަށްވުރެ ދަށު ކޯޓުތަކުން ތަބާވުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް [2021] SC 18 ގައި، ފަނޑިޔާރު ޑރ. އަޒަމިރާލްދާ ޒާހިރުގެ ރައުޔުގެ ޕެރެގްރާފް 44 އިން 58 އަށް ("މަތީ މަރުޙަލާ ކޯޓުތަކުން ކަނޑައަޅާ އުސޫލުތަކާއި ނިންމާ ނިންމުންތައް އެއަށްވުރެ ދަށު މަރުޙަލާ ކޯޓުތަކުން ޢަމަލުކުރުން ލާޒިމުވުން" މި ސުރުޚީގެ ދަށުގައިވާ ޕެރެގްރާފްތަކުގައި) ފާހަގަކޮށްފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ދަށުން މުއްދަތު ގުނުން

އިސްތިއުނާފުކުރެވުނު މި މައްސަލަ ހުށަހެޅުމުގައި އަދި ބެލުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި ކޮށްފައިވާ ކަންކަމާމެދު ޢަބްﷲ ޖިހާދުގެ ފަރާތުން ސުވާލު އުފައްދާފައިވާތީ، އެކަމަށް އަލިއަޅުވާލުން މުހިންމުކަމުގައި ފެނެއެވެ.

ކަން ހިނގާފައިވާ ގޮތް

މި މައްސަލައިގައި އިސްތިއުނާފު ކުރުމާ ގުޅޭ ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ 13 ޖަނަވަރީ 2021 ވީ ބުދަ ދުވަހުގައެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ 17 ޖަނަވަރީ 2021 ގައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން އެދިގެން ހުށަހެޅުމުން، މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް 18 ޖަނަވަރީ 2021 ގައި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރ އަންގާފައިވެއެވެ.

އެހެންނަމަވެސް، ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 24 ޖަނަވަރީ 2021 ގައި ހުށަހަޅުމުން، މި މައްސަލައަކީ ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ކަމަށް 01 ފެބުރުވަރީ 2021 ގައި ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވެއެވެ.

މައްސަލަ ބަލައިގަންނަން ޖެހޭކަމަށް ނިންމުމާއެކު، ހަމަ އެދުވަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލައާ ގުޅޭ ލިޔެކިޔުންތައް 16 ފެބުރުވަރީ 2021 ގެ 12:00 ގެ ނިޔަލަށް ހުށަހެޅުމަށް ރަޖިސްޓްރާރ އެންގުމުން، 03 ފެބުރުވަރީ 2021 ގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (ފައިސާ ދެއްކުމަށް މިނިސްޓްރީ އޮފް ފިނޭންސްގައި އެދިފައިވާ) ޕޭމަންޓް ވައުޗަރާއެކު މި މައްސަލައާގުޅޭ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާފައިވެއެވެ.

ހިނގަމުން މިދާ މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވަނީ 11 ފެބުރުވަރީ 2021 ގައި، ކޯޓަށް ފައިސާ ލިބުމުންނެވެ. އަދި މައްސަލައިގެ އިބްތިދާއީ ބައްދަލުވުން ބޭއްވި، މައްސަލައިގެ ބެންޗް ކަނޑައަޅާފައިވަނީ 14 ފެބުރުވަރީ 2021 ގައި އެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތައް

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި ވަނީ:

(ހ) މި ޤާނޫނުގައި ނުވަތަ ޖިނާއީ ކުށް ކަނޑައެޅުމުގެ ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހިނދަކު، ކޯޓަކުން ކޮށްފައިވާ ޙުކުމެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ޤާނޫނުއަސާސީއާ ނުވަތަ ޝަރުޢީ އުސޫލަކާ ނުވަތަ ޤާނޫނަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން އެކަން ފާހަގަކޮށް، ކަމާބެހޭ ފަރާތަކުން އެ ޙުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ކޮށްފައިވާ ޙުކުމެއް، އެ ޙުކުމް ކުރާ ތާރީޚުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، އެ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނަމަ، އެ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) އަދި (ރ) ގައިވާ ގޮތުގެމަތިން ކޯޓަކުން ނެރޭ އަމުރެއް ނުވަތަ ނިންމާ ނިންމުމެއް އިސްތިއުނާފު ކުރުމުން، އިސްތިއުނާފު ކުރާ ތާރީޚުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އަމުރާމެދު ނުވަތަ އެ ނިންމުމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި މިވާ މުއްދަތުތައް ގުނުމުގައި ޢަމަލުކުރަންޖެހޭނީ ކޮން ގޮތަކަށް ކަން ބަލާއިރު، މުއްދަތު ގުނަންޖެހޭ ގޮތް ސާފުކޮށް އެ ޤާނޫނުގައި ބަޔާންކޮށްފައި ނެތްކަން ފާހަގަކުރަމެވެ. އެހެންކަމުން، މި ހާލަތުގައި ބަލަންޖެހޭނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި މުއްދަތު ގުނުމުގައި ޢަމަލުކުރަންޖެހޭ ކަމަށް ބަޔާންކޮށްވާ މާއްދާތަކަށެވެ. އެގޮތުން ބަލާއިރު، އެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައިވަނީ:

"ވަގުތު ނުވަތަ މުއްދަތު ވަކި ޤާނޫނުއްގެ ބޭނުމަށްޓަކައި ބަލަންޖެހިއްޖެހިނދެއްގައި، އެ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތްކޮށްފައިވާނަމަ، އެ މުއްދަތު ގުނަންވާނީ އެ ދެ ކަމެއް ހިނގާ ދެ ދުވަސް ނުހިމަނައެވެ."

އެ މާއްދާގެ (ށ) ގައިވަނީ:

"ވަކިކަމެއްކުރަން އޮތް ތާރީޚަކީ، ނުވަތަ ވަކިކަމެއްކުރަން އޮތް އެންމެފަހު ތާރީޚަކީ، ރަސްމީ ބަންދު ދުވަހަކަށްވާނަމަ، ދެން އެކަމެއް އެ ބަންދުދުވަހާ ވިދިގެންއަންނަ ރަސްމީ ބަންދުނޫން ދުވަހު ކުރެވިދާނެއެވެ."

އެ މާއްދާގެ (ނ) ގައިވަނީ:

"ޤާނޫނެއްގައި ނުވަތަ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ، 7 (ހަތެއް) ދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެތެރޭގައި ކުރަންޖެހޭ ކަމެއް ކޮށްފިކަން ކަށަވަރުކުރުމުގައި ނުވަތަ އެ މުއްދަތު ފަހަނައަޅައި ހިނގައްޖެކަން ކަށަވަރުކުރުމުގައި، އެ 7 (ހަތެއް) ދުވަހުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭނެއެވެ."

މައްސަލަ އިސްތިއުނާފުކޮށްފައިވަނީ 48 ގަޑިއިރުގެ ތެރޭގައިތޯ؟

މައްސަލަ އިސްތިއުނާފުކުރުމަށް، ދައުލަތް ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ 48 ގަޑިއިރުގެ މުއްދަތެވެ. އަދި އެ މުއްދަތު ގުނުމުގައި ޢަމަލުކުރެވެނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ބަންދު ދުވަސްތައް ނުހިމަނައެވެ.

ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ، 13 ޖަނަވަރީ 2021 ވީ ބުދަ ދުވަހުއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތު ހަމަވަނީ ބަންދު ދުވަހެއްގައި ކަމަށްވާތީ، މައްސަލަ އިސްތިއުނާފު ކުރުމަށް ހަފުތާ ބަންދާއި ވިދިގެން އައި ބަންދު ނޫން ދުވަހު – އެއީ 17 ޖަނަވަރީ 2021 ވީ އާދިއްތަ ދުވަހު ގައި - މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި ދެކެމެވެ.

ކޯޓުން މައްސަލަ ނިންމަން އޮންނަ މުއްދަތު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުމާއި، އެ މައްސަލަ ރަޖިސްޓްރީވުމާ ދެމެދު ހޭދަވެފައިވާ މުއްދަތަކީ، އިސްތިއުނާފު ކުރުމުގެ އާންމު އުސޫލުގެ ދަށުން ޢަމަލުކުރުމަށާއި ލިބިދޭންޖެހޭ ފުރުޞަތުތައް ލިބިދިނުމަށް ހިގާދިޔަ މުއްދަތުތަކެވެ. އެ މުއްދަތު އެހެން ހިނގައި ދިއުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުތަކަށް އަމަލުކޮށްފައި ނުވާކަމުގައި ބުނެވޭނެ ސަބަބެއްކަމުގައި އަހަރެން ނުދެކެމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އެއީ މައްސަލަ ކޯޓުގައި ރަޖިސްޓަރީވާ ދުވަހުން ގުންނަން ފެށޭ މުއްދަތެއް ކަމުގައި ދެކެމެވެ. އެހެނީ، މައްސަލައެއް ކޯޓަކަށް ހުށަހަޅާފައި އޮތުމަކުން، އެ މައްސަލައެއް ކޯޓުގައި ރަޖިސްޓަރީވެފައި ނުވާނަމަ، އެއީ ކޯޓުގައި އެކަމަށް ޤާޟާއީ ފައިސަލާއެއް ކުރުމަށް އޮތް މައްސަލައެއް ކަމުގައި ބެލެވޭނެ ގޮތެއް ނެތުމުންނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ބެލެވޭ މައްސަލަ ރަޖިސްޓަރީ ކޮށްފައިވަނީ 11 ފެބުރުވަރީ 2021 ގައެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ނ) އަށް ބެލުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ 7 (ހަތެއް) ދުވަހުގެ މުއްދަތު ގުނަން ޖެހެނީ އެ 7 (ހަތެއް) ދުވަހުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާކަން ސާފެވެ. އެހެންކަމުން، ސުޕްރީމް ކޯޓުން މައްސަލަ ނިންމަންޖެހޭ ތާރީޚަކީ 21 ފެބުރުވަރީ 2021 ވަނަ ދުވަހެވެ.

މައްސަލައިގެ ނަތީޖާ

މައްސަލަ އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައިވަނީ ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާގައި އެ ކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތް ރަނގަޅުނޫން ކަމުގައި ކަނޑައަޅާ ދިނުމާއެކު އެ ޤަޟިއްޔާގެ ނިންމުން ބާޠިލު ކޮށްދިނުމަށެވެ. ޢަބްދުﷲ ޖިހާދު އެދިފައިވަނީ ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާ ދަމަހައްޓާ ދިނުމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާ އަހުރެން މާނަކުރާ ގޮތާއި، މިމައްސަލައަށް ތަތުބީޤު ކުރާގޮތް މި ރައުޔުގެ 11 އިން 29 އަށް ޕެރެގްރާފް ގެ ނިޔަލަށް ބަޔާންކޮށްފައި އެވަނީއެވެ. މިކޯޓުގައި ބެލުނު އިސްތިއުނާފު މައްސަލައިގެ ތެރެއިން:

ޢަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން އެދި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ހުށަހަޅާފައި ނުވާތީ އާއި؛

ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރުމުގައި ފަނޑިޔާރުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާއަށް ޙަވާލާދީފައިވާ ނަމަވެސް، އެ މާއްދާގެ (ރ) ގެ ދަށުން، ފަނޑިޔާރު ބަލަންޖެހޭ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކޮށްފައިވާ ނުވާތީ އާއި؛

ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާއާއި ވަކިން އޮންނަ، ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 88 ވަނަ މާއްދާގައި ބަޔާންވެފައިވާ ކަންކަން ފުރިހަމަކުރުމުގެ ގޮތުން ޢަބްދުﷲ ޖިހާދުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމެއް ހުށަހެޅުމުންކަން؛

އެނގެން އޮންނާތީ، އަދި މައްސަލައިގެ ތެރެއިން އިސްތިއުނާފު ކުރެވުނު ކޯޓު އަމުރު ނެރުމުގައި އެއް ކަމަށް ވުރެ ގިނަ ކަންކަން ގޯހުން ހިނގާފައިވާ ކަމަށް ފެންނާން އޮތުމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާގައި އެ ކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތް ރަނގަޅު ކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގެ 19 ވަނަ ޕެރެގްރާޕްގައި ބަޔާންކޮށްފައިވާ ގޮތުގެ އިތުރުން، ޝަރީޢަތުގެ މަރުޙަލާގައިވާ ޖިނާއީ މައްސަލަތަކުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މީހެއްގެ ޕާސްޕޯޓް ހިފަހައްޓަންޖެހިއްޖެ ކަމުގައި ފެނިގެން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދެ ރުކުން ފުރިހަމަވާނަމަ، ތިރީގައި މިވާ ގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ޢަމަލު ކުރެވިދާނެކަމަށް ދެކެމެވެ.

ތަންފީޛުކުރާ އިދާރާއަކާއި ގުޅިގެން ޤާނޫނުގައިވާ ގޮތުގެ މަތިން ޕާސްޕޯޓު ހިފެހެއްޓުމަށް އެދުން.

ތަންފީޛުކުރާ އިދާރާއެއްގެ ފަރާތުން އެފަރާތުގެ ރުހުމާއެކު ޤާނޫނުގައިވާ ގޮތުގެ މަތިން ޕާސްޕޯޓު ހިފެހެއްޓުމަށް އެދުން.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާ  މާނަކޮށްފައިވަނީ ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާއާ ޚިލާފަށް ކަމަށް، އަދި ހައިކޯޓުގެ ނަންބަރު 2019/HC-A/473 ޤަޟިއްޔާ ތަޠުބީޤުކުރުމާ ގުޅޭގޮތުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅާނެ ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިންޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ