ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-B12/65

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ސިއްރުކޮށްފައި

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 7 ޖަނަވަރީ 2025ދަށު ކޯޓު: ކޯޓުގެ ނަން ސިއްރު ކުރެވިފައި xxxބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކޯޓުގެ ނަން ސިއްރު ކުރެވިފައި xxx
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މެޖިސްޓްރޭޓް ކޯޓުން، ބަންދުގެ މުއްދަތުގައި ހެކިންނަށް ނުފޫޒު ފޯރުވިކަމަށް ދައުލަތުން ފާހަގަ ނުކުރާތީއާއި ކުށުގެ ރެކޯޑެއް ނެތުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މާއްދާތަކަށް ޙަވާލާދީ ޝަރުޠުކޮށް ދޫކޮށްލިއެވެ.
ވާޤިޢާ
ސްކޫލެއްގެ ޓީޗަރެއް ކަމަށްވާ ތުހުމަތުކުރެވޭ ފަރާތް، 18 އަހަރުން ދަށުގެ ކުދިންތަކަކާ ގްރޫމްކޮށް ޖިންސީ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި ޙައްޔަރުކޮށް ބަންދުކޮށް، ބަންދު އިތުރުކުރުމަށްފަހު ދަޢުވާ ވެސް ހުށަހަޅާފައި ވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޤާނޫނު ނަންބަރު 12/2009 ގެ ދަށުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކު، ޙުކުމް ކުރުމުގެ ކުރިން ޝަރުޠުކޮށް ދޫކޮށްލުމަށް މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ޤާނޫނާ އެއްގޮތްތޯ؛ އަދި އެ ޤާނޫނުގެ 28 ވަނަ މާއްދާގެ އިފްތިރާޟުތަކުގެ ސަބަބުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޙައްޤު ހިފެހެއްޓިފައިވާ މިންވަރަކީ ކޮބައިތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ ބަންދުކުރި ޙާލަތު ދެމިއޮތްކަމަށާއި ޚާއްޞަ ޤާނޫނުގެ 5 ވަނަ ބައި ދޫކޮށް ޢާއްމު އިޖުރާއަތަށް ރުޖޫޢަވުމަކީ ސުޕްރީމް ކޯޓުގެ 2021/SC-A/12 ގެ އުޞޫލާ ޚިލާފު ކަމަށެވެ. ރައްދުވާ ފަރާތުން ބުނީ ގޭބަންދުގައި ހުރި ދުވަސްތަކުގައި ނުފޫޒު ފޯރުވި އެއްވެސް ކަމެއް ނުވާތީ ދަށުކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު) ގެ 28 ވަނަ މާއްދާއިން ނުރައްކާއާއި ނުފޫޒު ފޯރުވުމުގެ އިފްތިރާޟު ޤާނޫނުން ބަލާފައިވާތީ، ދަށުކޯޓުން ބުނި ސަބަބުތަކަކީ ޤާނޫނާ ޚިލާފު ސަބަބުތަކެއް ކަމަށާއި، ޚާއްޞަ ޤާނޫނުގެ ދަށުގެ މައްސަލައެއްގައި ޢާންމު ޤާނޫނަށް ރުޖޫޢަވި ސަބަބު ސާފުނުވާތީ އަމުރު ބާޠިލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ އަމުރު ބާޠިލު؛ ތުހުމަތުކުރެވޭ ފަރާތް 7 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނު ނަންބަރު 12/2009 ގެ ދަށުން ތުހުމަތުކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާއިރު، ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް އެ ޤާނޫނުން ހިފެހެއްޓިފައިވާ ގޮތަށް ފަނޑިޔާރުން ބަލަންޖެހޭއިރު، 29 ވަނަ މާއްދާގެ ސަބަބުން އެ ހިފެހެއްޓުމުގެ ގޮތާއި މިންވަރާމެދު ޝަރީޢަތުގައި އިތުރަށް ބަޙުޘްކުރުމުގެ ފުރުޞަތެއް ނެތެވެ.

HN2 ޤާނޫނުއަސާސީގެ 45 އާއި 49 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތަކަކީ މުޠްލަޤު ޙައްޤުތަކެއް ނޫނެވެ. 49 ވަނަ މާއްދާގައިވާ ހަތަރު އިސްތިސްނާއީ ޙާލަތަކީ އެނޫން ގޮތަކަށް ސާބިތުކޮށްދެވިދާނެ އިފްތިރާޟުތަކެއް (rebuttable presumptions) ކަމަށާއި، އެ އިސްތިސްނާއެއް އޮތްކަން ދައްކަންޖެހެނީ ބަންދުކުރަން އެދޭ ފަރާތުންނެވެ.

HN3 ޤާނޫނު ނަންބަރު 12/2009 ގެ 28 ވަނަ މާއްދާއިން، ތުހުމަތުކުރެވޭ މީހާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމާއި ހެކި ފޮރުވުމަށް ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެކަން ޤާނޫނުން ބަލާފައިވާތީ، އެ ދެ ޙާލަތު އޮތްކަން ސާބިތުކުރަން ބަންދުކުރަން އެދޭ ފަރާތަށް ނުޖެހޭނެއެވެ؛ އެ ފަދަ ނުރައްކަލެއް ހަޤީޤަތުގައި ނެތްނަމަވެސް ޤާނޫނު ބަލަނީ އެގޮތަށެވެ.

HN4 ޤާނޫނު ނަންބަރު 12/2009 ގެ 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ (އ) ކިޔަންވާނީ 28 ވަނަ މާއްދާގެ ބާރު ނެތިނުދާނެ ގޮތަކަށެވެ. އެހެންކަމުން، ތުހުމަތުކުރާ ކުށެއް ނުވަތަ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބާރުދޭ އެކަށީގެންވާ ސަބަބެއް އޮތްކަން ޕްރޮސިކިއުޝަނުން ސާބިތުކުރުމުން އެ މާއްދާތަކުގެ ޝަރުޠު ފުރިހަމަވެ، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއަށް ރުޖޫޢަވެ ނުރައްކާ ވަޒަންކުރަން ނުޖެހޭނެއެވެ.

HN5 ތުހުމަތުކުރެވޭ މީހާ ބަންދުން ބޭރުގައި ހުރި ދުވަސްތަކުގައި ހެކިންނަށް ނުފޫޒު ފޯރުވި ކަމަށް ދައުލަތުން ފާހަގަ ނުކުރުމަކީ ނުވަތަ ކުށުގެ ރެކޯޑެއް ނެތުމަކީ، 28 ވަނަ މާއްދާގެ ޤާނޫނީ އިފްތިރާޟާ ޚިލާފަށް ދޫކޮށްލުމުގެ ސަބަބެއް ނޫނެވެ؛ އެ އިފްތިރާޟު ނަފީކޮށް އެނޫން ގޮތެއް ސާބިތުކުރަންޖެހެނީ ބަންދުކުރެވޭ ފަރާތުންނެވެ.

HN6 ޤާނޫނު ނަންބަރު 12/2009 ގެ ދަށުން ކުރާ ބަންދު މުރާޖަޢާކުރަންވާނީ 36 ވަނަ މާއްދާގައިވާ ގޮތަށެވެ؛ ބަންދު ބާޠިލުކޮށް ދޫކޮށްލާނަމަ، މުޖުތަމަޢަށް އޮތް ނުރައްކަލާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ޤާނޫނީ ބެލުން ނިމުމަކަށް ނާދޭކަމުގެ އުޞޫލު ކޯޓުން ބަލަންޖެހޭއިރު، ޙާލަތު ބަދަލުވެފައިވާކަން ބަޔާންކުރަންޖެހެނީ ބަންދުގައި ހުރި ފަރާތުންނެވެ. ޚާއްޞަ ޤާނޫނުގެ ދަށުން ބަންދުކުރެވިފައިވާ މައްސަލައެއްގައި ޢާންމު ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރުޖޫޢަވާން ޖެހުނު ސަބަބު ސާފުނުވާނަމަ އެ ނިންމުން ޤާއިމްނުވެއެވެ.

HN7 ޤާނޫނީ ވަކީލެއްގެ ޙައްޤަކީ އަސާސީ ޙައްޤަކަށްވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198-3 ގެ ދަށުން 14 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މިބާވަތުގެ މައްސަލަތަކުގައި ޚަޞްމުން ވަކީލުގެ ޙައްޤު ހޯދުމަށް ސަމާލުކަން ދޭންޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު

މައްސަލައިގެ ތަޢާރުފު:

1މިއީ، (ސިއްރުކުރެވިފައި) މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:CA/98/2024- ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް ނިންމި އަމުރަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްބުނެ، އެނިންމުން އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެފަހުން "ޕްރޮސިކިއުޝަން" ނުވަތަ "ދައުލަތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މުޙައްމަދު (ފުރިހަމަ ނަމާއި އެޑްރެސް ސިއްރުކުރެވިފައި) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މުޙައްމަދު")އެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:

2މުޙައްމަދަކީ ރާއްޖޭގެ ސްކޫލެއްގައި ކިޔަވައިދެމުންދިޔަ ޕްރައިމަރީ ޓީޗަރެކެވެ. އެ ސްކޫލުގައި ކިޔަވަމުންދާ 18 އަހަރުން ދަށުގެ ފިރިހެން ކުދިންތަކަކާމެދު ޖިންސީ ޢަމަލު މިނާ ހިންގިކަމަށް ތުހުމަތުކޮށް ހެކިތައް ހުށަހަޅާފައިވެއެވ. އަދި ޖިންސީ ޢަމަލު ހިންގުމަށްޓަކައި މީގެ ތެރެއިން ގިނަ ކުދިންތަކެއް ގްރާމް ކޮށް، އެކުދިންނާއެކު ޖިންސީ ޣަރީޒާ ހިލި، ހޭލައްވައި އެކި ޒާތުގެ ވާހަކަ ދައްކާ، މަކުނުބަލީގެ ފޮޓޯ އޭގެ ތެރެއިން ކުއްޖަކަށް ފޮނުވައި ހެދިކަމަށް ތުހުމަތުކޮށް ހެކި ހުށަހަޅާފައިވެއެވ. މިކުދިންގެ ނިސްބަތުގައި މުޙައްމަދަކީ ޤާނޫނުގައި ބަޔާންކުރާ ގޮތުން، އެކުދިން އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މީހެކެވެ.

3މިތުހުމަތުތަކާއި ގުޅިގެން، މުޙައްމަދު ޙައްޔަރު ކުރުމުގެ އަމުރެއް އެރަށު ކޯޓުން ނެރުނެވެ. މިއަމުރުގެ ދަށުން 27 އޮކްޓބަރޯ 2024 ގައި ފުލުހުންގެ ބެލުމުގެ ދަށަށް މުޙައްމަދު ގެނެސް، ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން، 20 (ވިހި) ދުވަހަށް މުޙައްމަދު ބަންދުކުރިއެވެ. މި 20 (ވިހި) ދުވަހުގެ މުއްދަތު ހަމަވާތީ، 17 ނޮވެމްބަރު 2024 ގައި މުޙައްމަދުގެ ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން އިތުރު 30 (ތިރީސް) ދުވަހަށް ބަންދުގެ މުއްދަތު ކޯޓުން އިތުރު ކޮށްފައިވެއެވެ.

4މުޙައްމަދުގެ ބަންދުގެ މުއްދަތު އިތުރުކުރި ކުރުން، 17 ޑިސެމްބަރު 2024 އަށް ހަމަވާތީ، އޭނާގެ ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ޙާޟިރު ކުރުމުން، 17 ޑިސެމްބަރު 2024 ގައި، ޝަރުޠުތަކެއް ކުރުމަށްފަހު މުޙައްމަދު ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭރު މުޙައްމަދުގެ މައްޗަށް ޕްރޮސިކިއުޝަނުން ކުރާ ދަޢުވާތައް އެރަށު ކޯޓަށްވަނީ ހުށަހަޅާފައެވެ.

5މުޙައްމަދު ބަންދުން ދޫކޮށްލި ދޫކޮށްލުމަކީ ޤާނޫނާއި އެއްގޮތަށް ކުރިކަމެއް ނޫންކަމަށް ބުނެ، ޕްރޮސިކިއުޝަނުން އެނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން، މިކޯޓުން ބަލާ މައްސަލައެކެވެ. އިސްތިއުނާފީ ނުކުތާ:

6(ސިއްރުކުރެވިފައި) މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/98/2024- (17 ޑިސެމްބަރު 2024) ކޯޓު އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެ ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޝަނުގެ ފަރާތުން (ދޭއް) 02 ނުކުތާ ހުށަހަޅައި އެނުކުތާތަކާއިމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛

6.1- ފުރަތަމަ ނުކުތާއަކީ: (ސިއްރުކުރެވިފައި) މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/98/2024- (17 ޑިސެމްބަރު 2024) ކޯޓު އަމުރުން ތުހުމަތުކުރެވޭ މީހާގެ މައްޗަށް ޝަރުޠުކުރުމަށްފަހު ބަންދުން ދޫކުރުމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި، 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި، 28 ވަނަމާއްދާއާއި، 30 ވަނަ މާއްދާއާއި، 32 ވަނަ މާއްދާއާއި، 35 ވަނަ މާއްދާއާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

6.2- ދެވަނަ ނުކުތާއަކީ: (ސިއްރުކުރެވިފައި) މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/98/2024- (17 ޑިސެމްބަރު 2024) ކޯޓު އަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ސުޕްރީމް ކޯޓުގެ ނަންބަރު: 2021/SC-A/12 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހިމް ސައްމާޙް އަޙްމަދު ފަތުޙީ) ޤަޟިއްޔާ ގައި ކަނޑައަޅުއްވާފައިވާ އިޖުރާއަތުތައް މަސްހުނި ނުކުރުމުގެ އުސޫލާ ޚިލާފަށް ކުރައްވާފައިވާ އަމުރެއް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ

7އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ، މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކުރި ހާލަތު ދެމި އޮއްވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލާއި މުޖްމަތަމަޢުއަށް އޮތް ނުރައްކާ އެގޮތުގައި ދެމިއޮއްވާކަމަށެވެ. އެކަން މިމައްސަލާގައި ކޯޓުން ކޮށްފައިވާ އަމުރުން އެނގެން އޮންނަކަމަށެވެ. އަދި އެކަންކަމުގެ ތަފްސީލްތައް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާނެކަމަށެވެ. މިގޮތުން އެކަންކަން މިގޮތުގެ މަތިން އޮއްވައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިބާވަތުގެ މައްސަލަތަކުގައި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލާއި މިބާވަތުގެ މައްސަލަތަކުގައި މީހުންގެ ފަރާތުން އޮތް ނުރައްކަލާ ގުޅިގެން ނިންމާފައިވާ ނިންމުންތަކަށް އެއްވެސް ވަރަކަށް ރިޢާޔަތް ނުކުރައްވާ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު3ގައި ކަނޑައަޅާފައިވާ ބަންދާގުޅޭ އިޖުރާއަތުތަކަށްވެސް އެއްވެސް މިންވަރަކަށް ރިޢާޔަތް ނުކުރައްވާކަމަށެވެ. މީގެ އިތުރުން ބަންދުން ދޫކުރިއިރު ބަންދުކުރި ހާލަތަށް ބަދަލެއް އައިސްފައިވޭތޯ ނުވަތަ ނޫންތޯ ބަލާފައިނުވާކަމަށެވެ.

8ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު4ގެ ދަށުން މީހެއްގެ މައްޗަށް ތުހުމަތު އުފުލޭ ހިނދު، އެ މީހަކީ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާނެ އަދި މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހެއްކަމުގައި އިފްތިރާޟްކޮށް، އެ މީހަކު ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް މަގުފަހިކޮށްދޭކަމަށް މާނަކުރެވޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/13 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޤަޟިއްޔާ) އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/83 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޔުނާން ޤަޟިއްޔާ) ގައި ބަޔާންކޮށްފައިވާކަމަށެވެ.

9މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ކުށްކޮށްފައިވަނީ އަނިޔާ ލިބުނު ކުދިންނަށް އިތުބާރުކުރެވޭފަދަ މަޤާމެއްގައިހުރެ އެ މަޤާމުގެ ސަބަބުން ކުދިން އޭނާއަށް ކުރި އިތުބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ތަކުރާރުކޮށް އެކި ދުވަސްމަތިންކަމަށާއި، އަނިޔާ ލިބުނު ކުދިންނަށް ޖިންސީ 3 ޤާނޫނު ނަންބަރު 12/2009 4 އިބިމ ގޯނާކުރުމަށްޓަކައި ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށްގެންކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި އެ ދައުވާތައް ސާބިތުކުރުމަށް ހުށަހެޅި ހެކިތަކުންވެސް ސާފުވާކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު5ގެ 22 ވަނަ މާއްދާގެ (ނ) ގެ ދަށުން ޖިނާއީ ބޮޑު ކުށެއްކަމުން އިސްތިއުނާފު ރައްދުވާ ފަރާތަކީ އޭނާގެ ފަރާތުން މުޖުތަމައުގައި އުޅޭ ކުޑަކުދިންނަށް ނުރައްކާ އޮތް މީހެއްކަމަށެވެ.

10އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި ދައުލަތުން ބުނެފައިވަނީ ޙާއްސަ އުސޫލުތަކެއް ޤާނޫނެއްގައި ކަނޑައަޅާފައިވަނީ އެކަމުގެ ޙާއްސަ މަޤްސަދުތަކެއް އޮވެގެންކަމަށާއި، ޙާއްސަ ޤާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަމާއި އާންމު އިޖުރާއަތުގެ ޤާނޫނުތަކުގައިވާ ކަންކަމާއި މަސްހުނި ނުކުރުމަކީ ޙާއްސަ ޤާނޫނެއްގައި އެންމެ މުހިއްމު މައްސަދުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2021/SC-A/12 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހިމް ސައްމާޙް އަޙްމަދު ފަތުޙީ) ބަޔާންކުރައްވާފައިވާކަމަށާއި، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ކޯޓުން ރިޢާޔަތްކޮށްފައިވަނީ އިޖުރާއަތަށްކަން ސާފުކޮށް ކޯޓު އަމުރުގައި ލިޔެފައިވާކަމަށެވެ. މީގެ އިތުރުން ޙާއްސަ ޤާނޫނުން ބަންދުކޮށްދިނުމަށް ޕްރޮސިކިއުޝަނުން އެދިފައިވަނިކޮށް އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް އަމުރު ކުރައްވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު6ގެ 60 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުންކަމަށެވެ. ތުހުމަތުކުރެވޭ ފަރާތް ބަންދުކުރުމާއި ގުޅިގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޙާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 5 ވަނަ ބައިގައި ހުރި މާއްދާތަކަށް ރިޢާޔަތްނުކޮށް ޢާއްމު އިޖުރާއަތްތަށް ރުޖޫޢަވެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެންނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް މަސްހުނި ނުކުރުމުގެ އުސޫލާ ޚިލާފަށްކަމަށެވެ. 5 ޤާނޫނު ނަންބަރު 12/2016 6 އބމ

11މިނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އޭނާ ގޭބަންދަށް ދޫކުރި ކުރުމަކީ ދަށު ކޯޓުން ރަނގަޅަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ. ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް އަދި މުޖްތަމަޢުއަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ޕްރޮސިކިއުޝަނުން އިސްތިއުނާފު ރައްދުވާ ފަރާތް ފާހަގަކޮށްފައިވީނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތް ގޭބަންދަށް ދޫކޮށްގެން މިވ ދުވަސްތަކުގެ ތެރޭގައިވެސް އެކަހަލަ އެއްވެސްކަމެއް ފާހަގަކުރެވިފައިނުވާނެކަމަށެވެ. އަދި މީގެ އިތުރުން އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީވެސް ދޮގު ދަޢުވާއެއްކަމަށެވެ. އޭގެ ކުރިންވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވިގެން ދިޔައިރުވެސް އޭނާ ގޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންގޮސް ގާތްގަޑަކަށް ދެ ހަފްތާއެއްހާ ދުވަސް ވީއިރުވެސް، އޭނާގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވައި މިކަހަލަ އެއްވެސް ކަމެއް ފެނިފައި ނުވާނެކަމަށެވެ. އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:

12އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، މިމައްސަލައިގައި ތުހުމަތު ކުރެވޭ މުޙައްމަދަކީ، ބަންދުން ދޫވެފައި ހުރެއްޖެނަމަ، އޭނާގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލާއި، މުޖުތަމަޢުގެ ސަލާމަތަށް މުޙައްމަދުގެ ފަރާތުން ނުރައްކާ އޮތް މީހެއްކަމަށް ކަނޑައަޅުއްވައި ދެއްވައި، (ސިއްރުކުރެވިފައި) މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/98/2024- (17 ޑިސެމްބަރު 2024) ކޯޓު އަމުރު ބާޠިލްކޮށްދެއްވައި، މުޙައްމަދަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ކަނޑައަޅުއްވައި ދެއްވައި، ޤާނޫނު ނަންބަރު:12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 32 ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވައި، 35 ވަނަ މާއްދާގެ ދަށުން، މުޙައްމަދު 07 (ހަތެއް) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުމަށެވެ.

13އަދި މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ދައުލަތުގެ ފަރާތުން، (ސިއްރުކުރެވިފައި) މެޖިސްޓްރޭޓް ކޯޓުގައި 07 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވާ މުއްދަތު ހަމަވުމުގެ ކުރިން (ސިއްރުކުރެވިފައި) މެޖިސްޓްރޭޓް ކޯޓުން މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމަން ވާނެކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:

14އިސްތިއުނާފު ރައްދުވާފަރާތުން އެދިފައިވަނީ، (ސިއްރުކުރެވިފައި) މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ރަނގަޅުކަމުގައިވާތީ އެކޯޓުގެ ނިންމުމަށް އެއްވެސް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައިދީ މައްސަލަ ނިންމަވައިދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް: އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅޭ:

15HN1ޤާނޫނު ނަންބަރު:12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު)ގެ ދަށުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ނުވަތަ ޙައްޔަރުކުރެވޭ މީހާއަށް ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކުގެ ތެރެއިން ބައެއް ޙައްޤުތައް، އެޙައްޤުތައް ހިފަހައްޓާފައިވާ މާއްދާތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް ހިފެހެއްޓިގެންވާކަމަށް އެޤާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ވީމާ، މިޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމާއިރު، ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ހިފެހެއްޓިފައިވާ ގޮތުގެ މައްޗަށް ފަނޑިޔާރުން ބަލަންޖެހެއެވެ.

16މި ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) އަށާއި (ށ) އަށް ބަލާއިރު، ހިފެއްޓިފައިވާ ޙައްޤުތައް ހިފެއްޓިފައިވާ ގޮތާއި މިންވަރާމެދު އިތުރަށް ޝަރީޢަތުގައި ބަޙުޘް ކުރުމަކީ ދެވިގެންވާނެ ފުރުޞަތެއް ނޫންކަން އެނގެއެވެ. ސަބަބަކީ، މިޤާނޫނުގައި، އެޙައްޤުތައް އެމިންވަރަށް ހިފައްޓާފައިވަނީ، ޤާނޫނުއަސާސީގެ ދަށުން ރިޢާޔަތް ކުރަންޖެހޭ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން ރިޢާޔަތް ކޮށްގެންކަން ކޯޓުތަކުން ބަލަންވާނެކަމަށް ބަޔާންކުރާތީއެވެ. ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރީން ބަންދު ނުކުރުމުގެ ޙައްޤު:

17HN2ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައި، މި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާއި އެއްގޮތްވާ ގޮތުގެ މަތީން މެނުވީ، "އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް، އަދި ބަންދުކޮށްގެނެއް ނުވާނެ" ކަމަށް ބަޔާންކުރެއެވެ. ވީމާ، އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް، އަދި ބަންދު ކޮށްގެން ނުވުމަކީ، ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤެކެވެ. ނަމަވެސް މިއީ މުޠުލަޤު ޙައްޤެއް ނޫންކަން، ޤާނޫނުއަސާސީގެ 45 ވަނަ މާއްދާއިން ސާފުވެއެވެ. އެއީ، މީހުންގެ ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް، އަދި ބަންދު ކުރެވޭނެ ގޮތް އެމާއްދާގައި ބަޔާންކުރާތީއެވެ.

18ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާއި އެއްގޮތްވާ ގޮތުގެމަތީން، މީހަކު ހިފައި ހައްޔަރުކޮށް ބަންދު ކުރިނަމަވެސް، އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ބަޔާންކޮށް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ބަޔާންކުރާ އަސާސީ ޙައްޤެއް އެންމެންނަށްވެސް ލިބިދެއެވެ. މިއީވެސް މުޠްލަޤު ޙައްޤެއް ނޫންކަން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާތަކުން އެނގެއެވެ. އިސްތިސްނާ:

19ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ލިބިދޭ އަސާސީ ޙައްޤަކީ، ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރީން ބަންދުގައި ނުބެހެއްޓުމުގެ އަސާސީ ޙައްޤެކެވެ. ނަމަވެސް، މިޙައްޤަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއިން އެޙައްޤަށް އިސްތިސްނާތަކެއް ބަޔާންކުރުމަށްފަހު އެކަށައަޅާފައިވާ އަސާސީ ޙައްޤެކެވެ. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާއީ ހަތަރު ޙާލަތަކީ؛

19.1. ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައި.

19.2. ކޯޓަށް ޙާޟިރު ނުވެދާނެ ކަމަށްޓަކައި.

19.3. ފިލާފާނެ ކަމަށްޓަކައި.

19.4. ބަންދުން ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި. މިހަތަރު ޙާލަތެވެ. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާއީ ހަތަރު ޙާލަތަކީ، އެނޫންގޮތަކަށް ސާބިތުކޮށްދެވިދާނެ އިފްތިރާޟް (rebuttable presumption) ތަކެއްކަން، މިއިސްތިސްނާތަކާއި، މިމާއްދާއިން އެކަށައެޅި ޙައްޤާއި ގުޅުވުމަށް ބޭނުންކޮށްފައިވާ "މެނުވީ" މިބަހުން ސާފުކޮށް އަންގައި ދެއެވެ.

20ވީމާ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމަށްޗަށް މީހަކު ޙާޟިރުކުރުމުން، މިއިން އިސްތިސްނާއީ ޙާލަތެއް އޮތްކަން ބަޔާންކޮށްދިނުމަކީ، އޭނާ ބަންދު ކުރަން އެދޭ ފަރާތުގެ މައްޗަށް އޮތް ކަމެކެވެ. އެފަދަ ޙާލަތެއް އޮތްނަމަ، އެމީހަކާމެދު ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބެހެއްޓުން ޤާނޫނުއަސާސީ ހުއްދަ ކުރެއެވެ. ވީމާ، ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން ބަންދު ކުރުމަކީ (pre-trail detention/remand) ޤާނޫނުއަސާސީ ދަންނަ ޤާނޫނުއަސާސީގައި އޮތް މަފްހޫމެކެވެ. ޙުކުމެއް ކުރުމުގެ ކުރިން ބަންދު ނުކުރުމުގެ ޙައްޤު، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު)ގެ ދަށުން ހިފެހެއްޓިފައިވާ މިންވަރު:

21ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރީން ބަންދުގައި ނުބެހެއްޓުމުގެ އަސާސީ ޙައްޤަކީ، އިސްތިސްނާތަކެއް ބަޔާންކޮށް، އެފަދަ އިސްތިސްނާއެއް އެބައޮތްކަން ސަބަބު ދައްކައި، ހެކި ޤަރީނާ ހުށަހަޅައި ބަހުޘްކޮށް ޙުކުމެއް ކުރުމުގެ ކުރިންވެސް އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ބަޔާންކޮށްދިނުމުގެ ފުރުޞަތު އޮންނަ ގޮތަށް ޤާނޫނުއަސާސީގައި ބަޔާންކުރާ ޙައްޤެކެވެ. ވީމާ، ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބަހައްޓަންޖެހޭކަން ނުވަތަ ނޫންކަން ދެނެގަތުމަށް ބަހުޘްކުރުމުގެ ދޮރު ހުޅުވާލެވިގެންވަނީ މި އިސްތިސްނާތަކުގެ މައްޗަށެވެ. ކުރިން ބަޔާންކުރިހެން އެކަންކުރަންޖެހެނީ، އެމީހަކު ބަންދުގައި ބަހައްޓަން އެދޭ ފަރާތުންނެވެ.

22HN3ނަމަވެސް، މި އިސްތިސްނާތަކުގެ ތެރެއިން، ދެޙާލަތެއްގެ މައްޗަށް، ސަބަބު ދައްކައި ހެކި ޤަރީނާ ހުށަހަޅައި ބަހުޘް ކުރުމުގެ ދޮރު، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު)ގެ ދަށުން ކުށެއްގެ ތުހުމަތު ކުރެވޭ މީހާއަށްވަނީ ހިފަހައްޓާފައެވެ. މާނައަކީ، މިޤާނޫނުގެ ދަށުން ހައްޔަރުކޮށް ބަންދުކުރެވޭ މީހާގެ ނިސްބަތުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާއީ ޙާލަތްތަކުގެ ތެރެއިން ދެ ޙާލަތެއްގެ މައްޗަށް އެނާ ބަންދުގައި ބަހައްޓަން އެދޭ ފަރާތުން ބަހުޘް ކުރުމެއް ނެތެވެ. އެކަން އެޤާނޫނުގެ 26 ވަނަ މާއްދާ އާއި 29 ވަނަ މާއްދާ އާ އެކު އެޤާނޫނުގެ 28 ވަނަ މާއްދާ ކިޔުމުން އެނގެއެވެ.

23މިދެންނެވި ޤާނޫނުގެ 28 ވަނަ މާއްދާގައި ބަޔާން ކުރަނީ؛ ތަޙްޤީޤުގެ މަރުޙަލާގައި 28. ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކު، އެމީހާ ހިމެނޭ މައްސަލައިގެ ހެކި ބަންދުން މިނިވަންވުމުގެ ބައްޔާރު ހިފެހެއްޓިގެންވުން ފޮރުވުމަށް، ނުވަތަ ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި، ނުވަތަ ފިލާފާނެކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި މެނުވީ، ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެކަމަށް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބަލައި، ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް، ފަނޑިޔާރަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ ޙައްޤު އެ މިންވަރަށް މި ޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވެއެވެ.

24ވީމާ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ އެނޫން ގޮތަކަށް ސާބިތުކޮށްދެވިދާނެ އިފްތިރާޟް (rebuttable presumption) ތަކުގެ ތެރެއިން، ދެ ޙާލަތެއް މިވަނީ މި ޤާނޫނުގެ ބޭނުމަށްޓަކައި، އެ ދެޙާލަތު ވުޖޫދުވާކަމަށް ބަލައި، މިޤާނޫނުގެ 28 މާއްދާއިން ކަނޑައަޅާފައެވެ. އެހެން ގޮތަކަށް ބަޔާންކުރާނަމަ، މި ޤާނޫނުގެ ބޭނުމަށްޓަކައި އެކަންކަން އެގޮތަށް އޮތްކަމަށް އެވަނީ މިޤާނޫނުން ބަލާފައެވެ. ވީމާ، މިޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް، އޭނާ ބަންދުކުރަން އެދޭ ފަރާތަށް އެދެޙާލަތު އޮތްކަން ސާބިތުކޮށްދިނުމަށް މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ.

25ނަތީޖާއަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ލިބިދޭ، ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރީން ބަންދުގައި ނުބެހެއްޓުމުގެ ޙައްޤު، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ

7. ސުޕްރީމް ކޯޓުގެ ނަންބަރު: 2024/SC-A/13 ޤަސިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ)ގެ 12 ވަނަ ނުކުތާގައިވެސް މިކަން ބަޔާން ކުރެއެވެ. މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދު ކުރެވޭ މީހަކަށް ލިބިދޭންޖެހޭތޯ ފަނޑިޔާރު ބަލާއިރު، އެ ޤާނޫނުގެ 28 ވަނަ މާއްދާ ބަޔާންކޮށްފައި އެވަނީ، އޭނާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތް މީހެއް ކަމަށެވެ. އޭނާއަކީ ހަޤީޤަތުގައި އެފަދަ ނުރައްކަލެއް ކުރިމަތި ކުރެވިދާނެ މީހެއް ކަމަށް ނުވިޔަސް މެއެވެ. ހަމައެހެންމެ، އޭނާގެ ނިސްބަތުގައި، މިޤާނޫނު ބަލާފައި އޮތީ، އޭނާއަކީ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް މަސައްކަތްކުރާނެ މީހެއް ކަމުގައެވެ. އެފަދައިން މަސައްކަތް ކުރުމުގެ އެއްވެސް ކުޅަދާނަކަމެއް އޭނާގެ ކިބައިގައި ޙަޤީޤަތުގައި ނެތްކަމަށް ވިޔަސް މެއެވެ.

26ހަމައެހެންމެ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ބަޔާންކުރާ ގޮތުން، ކަފާލަތުގެ އުޞޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުޠުތަކެއް ކަނޑައަޅައި، ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން އެމީހަކު ބަންދުން ދޫކޮށްލެވިދާނެއެވެ. ނަމަވެސް ޤާނޫނު ނަންބަރު:12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން ބަންދުގައި ހުންނަ މީހާގެ މައްޗަށް ކަފާލާތުގެ އުޞޫލު ނުހިނގާނެކަން އެޤާނޫނުގެ 50 ވަނަ މާއްދާއިން އެނގެއެވެ. ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު) އެހެން ބައެއް މާއްދާތަކުގައި މިކަން އޮތްގޮތް:

27HN4ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު) ގެ 28 ވަނަ މާއްދާ، މިޤާނޫނުގެ 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ (އ) އާއެކު ކިޔުމުން، މި ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު، ތަޙްޤީޤު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ދެމެހެއްޓުމަށްޓަކައި، އޭނާއަކީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތް މީހެއްކަން ނޫނީ އޭނާއަކީ މައްސަލައިގެ ހެކި ފޮރުވާފައިވާނެ ނޫނީ ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފާނެ މީހެއްކަން ޕްރޮސިކިއުޝަނުން ސާބިތުކޮށްދޭން ޖެހޭކަމަށް ފުރަތަމަ ނަޒަރުން ބަލާއިރު، މާނަކުރެވިދާނެއެވެ. އަދި އެފަދަ އަމުރެއް ކުރުމުގެ ކުރިން ކޯޓުން ރިޢާޔަތް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި މިކަމަށް ރިޢާތްކުރަންޖެހޭ ކަމަށް ފެންނާން އޮވެއެވެ.

28ނަމަވެސް އެޤާނޫނުގެ 28 ވަނަ މާއްދާއިން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙައްޤު ހިފެއްޓުމުގެ ގޮތުން، ފަނޑިޔާރަށް މަގުފަހިކޮށްދިނުމަށްޓަކައިކަމަށްބުނެ މިޤާނޫނު ބަލައިގަތް ދެޙާލަތުގެ މައްޗަށް، އަލުން ސަބަބުދައްކައި ހެކި ޤަރީނާ ހުށަހަޅައި ބަހުޘް ކުރުމަކީ މިޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުވާ މީހާ ހައްޔަރުކުރަން އެދޭ ފަރާތުން ކުރާންޖެހޭ ކަމެއްގެ ގޮތުގައި، މި ޤާނޫނުގެ 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ (އ.) އަށް މާނަ ދޭނަމަ، 28 ވަނަ މާއްދާއިން އެ ދެޙާލަތާއި ގުޅޭ ގޮތުން ކަނޑައެޅި އިފްތިރާޟް (presumption) ގެ ބޭނުން ނެތިގެން ދެއެވެ.

29ނަތީޖާއަކީ، މިޤާނޫނުގެ ދަށުން މީހަކު ބަންދުގައި ދެމެހެއްޓުމަށް ފަނޑިޔާރަށް މަގު ފަހިވުމުގެ ބަދަލުގައި މަގު ދިގުވެ، މަގު އޮޅޭ ގޮތް މެދުވެރިވުމެވެ. ސަބަބަކީ، އެފަދަ ކުށެއްގެ ތުހުމަތުވާ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް މިޤާނޫނުގެ 28 ވަނަ މާއްދާއިން ބަލައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއިން ލިބިދޭ އަސާސީ ޙައްޤު ހިފައްޓާފައި އޮތްއިރު، އޭގެ ފަހަށް ބަޔާންކުރި މާއްދާތައް މާނަކުރުމުގައި އޭނާގެ ފަރާތުން މުޖުތަޢުގެ ސަލާމަތަށް ނުރައްކާ އޮތްތޯ ނުވަތަ ނޫންތޯ ނޫނީ އޭނާއަކީ ހެކި ފޮރުވައި ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވާނެ މީހެއްތޯ ނުވަތަ ނޫންތޯ ސަބަބު ދައްކައި ސާބިތުކޮށްދޭންޖެހޭ ގޮތަށް މާނަކުރާންވެއްޖެނަމަ، 28 ވަނަ މާއްދާއިން ޤާނޫނު ޤަބޫލުކުރި ގޮތުގެ ބާރު ނެތިގެންދެއެވެ. އެ ޤާނޫނުގެ 28 ވަނަ މާއްދާއަކީ ބޭކާރު މާއްދާއަކަށް ވެގެންދެއެވެ.

30ވީމާ، ޤާނޫނު ނަންބަރު:12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު)ގެ 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ (އ) ކިޔަންޖެހޭނީ، އެޤާނޫނުގެ 28 ވަނަ މާއްދާގެ ބާރު ނެތިގެން ނުދާނެ ގޮތަކަށް ކަމަށްވާތީ، އެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދު ކުރެވޭ މީހުން އޭނާގެ ތަޙްޤީޤު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ދެމެހެއްޓުމަށް އެދި ހުށަހަޅާއިރު، އެޤާނޫނުގެ ދަށުން ތުހުމަތުކުރާ ކުށެއް ކުރިކަމަށް ބާރުދޭ އެކަށީގެންވާ ސަބަބެއް އޮތްކަން ނޫނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބާރުދޭ އެކަށީގެންވާ ސަބަބެއް އޮތްކަން ޕްރޮސިކިއުޝަނުން ސާބިތު ކޮށްދިނުމުން، 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަވީއެވެ. އެފަދަ މީހަކީ ހެކި ފޮރުވުމަށް، ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ މީހެއްތޯ ބެލުމަށް ނޫނީ އެފަދަ މީހެއްގެ ކިބައިން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތްތޯ ބަލައި ވަޒަންކުރުމަށް، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަށް ނޫނީ އެމާއްދާގެ (ނ) އަށް ރުޖޫޢަވެ ބަލަންޖެހޭނެ އިތުރު ކަމެއް އޮންނާނެ ކަމަކަށް ނުފެނެއެވެ. އިސްތިއުނާފު ކުރެވިފައިވާ މައްސަލަ:

31HN5ދަށު ކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތް ޝަރުޠުކޮށް ދޫކޮށްލަން އަމުރު ކުރި އެއްސަބަބަކީ، "ދަޢުވާ ލިބޭ ފަރާތް ސަސްޕެންޑް ކުރެވި ބަންދު ކުރުމާއި ދެމެދަށް ހޭދަވެފައިވާ ދުވަސްތަކުގައި ހެއްކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފައި ވާކަމަށް ދައުލަތުން ފާހަގަކޮށްފައި ނުވާތީ..." ކަމަށް ބަޔާންކޮށްފައެވެ.

32ނަމަވެސް، ޤާނޫނު ނަންބަރު:12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު) ގެ 28 ވަނަ މާއްދާގައި ބަޔާންކުރަނީ، "...މި ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ، ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ބަލައި،..." ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ އެ ޙައްޤު އެ މިންވަރަށް މި ޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެން ވެއެވެ.

33ވީމާ، މުއްތަހަމު ނުވަތަ ދަޢުވާލިބޭ ފަރާތް ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވަފާނެތީކަމަށް ބުނެ، އޭނާ ބަންދުގައި ދަމަހައްޓަން އެދި ހުށަހަޅާ ފަރާތުން، ހުށަހެޅުމެއް ހުށަހެޅިތޯ ފަނޑިޔާރު ސުވާލު ކުރުމުގެ ކުރިން، އޭނާ އެކަން އެގޮތަށް ކުރާނެ ކަމަށް ބަލައި ޤާނޫނުންވަނީ އެސުވާލުގެ ޖަވާބުދީފައެވެ. ވީމާ، ޝަރީޢަތުން ޙުކުމް ކުރަންދެން އޭނާއަކީ ހެކި ފޮރުވުމަށް ނޫނީ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކުރާނެ މީހެއްކަމަށް ޤާނޫނު ބަލައެވެ. ޤާނޫނުގައި އެގޮތަށް ބަލާފައި އޮތުމުން އެނޫން ގޮތަކަށް ފަނޑިޔާރު ބަލަންޖެހޭނީ، ބަންދުކުރެވޭ މީހާގެ ފަރާތުން އެފަދަ ހުށަހެޅުމެއް ހުށަހަޅައި އެކަން ސާބިތުކޮށްދިނުމުން ކަމަށް ދެކެމެވެ.

34އިސްތިއުނާފު ކުރެވިފައިވާ މައްސަލައަކީ، މުޙައްމަދު ބަންދުގައި ހުރި މުއްދަތު ދިގުވެއްޖެކަމަށް ކޯޓަށް ފާހަގަ ކުރެވިގެން ކޯޓުން މުރާޖަޢާ ކުރި މައްސަލައެއް ނޫނެވެ. ނޫނީ މިއީ މުޙައްމަދު ބަންދުގައި ހުންނަތާ ގިނަދުވަސްވެގެން އޭނާގެ ބަލަދުވެރިންގެ ފަރާތުން ހުށަހަޅައިގެން މުރާޖަޢާކުރި މައްސަލައެއްވެސް ނޫނެވެ.

35އިސްތިއުނާފު ރައްދުވާ ފަރާތް ޝަރުޠުކޮށް ދޫކޮށްލުމަށް އަމުރުކުރި އަނެއް ސަބަބުކަމަށް ބެލެވެން އޮތީ، މީނާގެ ކުށުގެ ރެކޯޑެއް ނެތުމާއި މީނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ނުބެލެވުމެވެ. ނަމަވެސް، މިއީވެސް ޤާނޫނު ނަންބަރު:12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު) ގެ 28 ވަނަ މާއްދާއިން ޤާނޫނު ބަލާފައި އޮތް ގޮތާއި ޚިލާފު ނިންމުމެކެވެ. ޤާނޫނު ބަލާފައި އޮތީ މިފަދަ މީހަކީ މުޖުތަމަޢުގެ ސަލަމާތަށް އޮތް ނުރައްކަލެއް ކަމަށެވެ.

36ކުރިން މިބާވަތުގެ ކުށެއް ސާބިތުވެ ރެކޯޑް ކުރެވިފައި ނެތުމަކީ ނުވަތަ ކުރިން މިބާވަތުގެ މައްސަލައަކަށް ތުހުމަތުވެ ރެކޯޑެއް ކުރެވިފައި ނެތުމަކީ، މިހާރު ތުހުމަތު ކުރެވިފައިވާ ކުށުގެ ނުރައްކާތެރިކަމުން އެހެން ކުޑަކުދިން ސަލާމަތްކޮށްދޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން، މީނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ޝަރީޢަތުން ރިޢާޔަތްކުރި ގޮތެއް ސާފެއް ނުވެއެވެ. ހުށަހެޅި ލިޔުންތަކުގެ މައްޗަށް ސަބަބުވެރި އިންސާނަކު ބަލައިފިނަމަ، މީނާގެ ދިރިއުޅުމުގެ ވައްޓަފާޅި މިހުރީ ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށް ނޫން ކަމަށް ބުރަވާނެއެވެ.

37HN6މި ޤާނޫނުގެ ދަށުން ތަޙްޤީޤުގެ މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން މީހަކު ބަންދުގައި ދެމެހެއްޓުމަށް ކޮށްފައިވާ އަމުރެއް މުރާޖަޢާ ކުރާނެ ގޮތް ބަޔާންކުރަނީ މި ޤާނޫނުގެ 36 ވަނަ މާއްދާގައެވެ. ވީމާ، މުރާޖަޢާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ އަޑުއެހުމެއް ގެންދަންޖެހޭނީ، އެމާއްދާގައި ބަޔާންކުރާ ގޮތަށެވެ.

38މިމާއްދާގެ (ނ) އަށް ބަލާއިރު، މިޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހަކު ތަޙްޤީޤު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދު ކުރުމަށްފަހު، އެބަންދު މުރާޖަޢާ ކުރުމަށް ހުށަހެޅުމުން، އޭނާއަކީ ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް ނޫނީ ޙާލަތު މިހާރު ބަދަލުވެއްޖެކަމަށް ކޯޓަށް ފެނިގެން އެފަދަ އަމުރެއް ބާޠިލުކޮށް، ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން އެމީހަކު ބަންދުން ދޫކޮށްލާނަމަ، ޝަރީޢަތުން ބަލަންޖެހޭ ޤާނޫނީ އުޞޫލަކީ، އޭނާގެ ފުށުން މުޖުމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ނެތިގެން ނުދާކަމަށެވެ. އަދި އޭނާގެ ފަރާތުން ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނޫފުޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ޤާނޫނީ ގޮތުން ބެލި ބެލުން ނިމުމަކަށް އައިސްފައިނުވާ ކަމަށެވެ. އެކަންކަން އޮތީ އޭނޫން ގޮތަކަށްކަން ބަޔާން ކޮށްދޭންޖެހެނީ ބަންދުގައި ހުރި ފަރާތުންނެވެ. ޤާނޫނީ އިފްތިރާޟު ނަފީ ކުރުމުގެ ގޮތުން މިއީ ބަންދުގައި ހުރި މީހާއަށް ކުރަން ފަސޭހަވާނެ ކަމެއް ނޫނެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ:

39ދަށު ކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތް ޝަރުޠުކޮށް ދޫކޮށްލުމަށް، ޙަވާލާދީފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު:12/Cr-C/2022 ޤަޟިއްޔާ'އާއި ގުޅިގެން ބަންދުގައި ހުރި ފަރާތުގެ ބަންދު މުރާޖަޢާ ކުރި ގޮތުގެ ނަންބަރު:145-B7/AM/2024/05 ނިންމުމާ ޙަވާލާދީ، ދަށު ކޯޓު ފަނޑިޔާރު ފާހަގަކުރި ކަންކަމަކީ ކިހިނެތް ކޮން ގޮތަކަށް ފާހަގަކުރިކަންކަމެއްކަން ސާފެއް ނުވެއެވެ. ހަމަ އެހެންމެ، ބަންދު މުރާޖަޢާކުރި ގޮތުގެ އެމައްސަލައާއި ހުށަހެޅިފައި މިއޮތް މައްސަލައާ އެއްގޮތް ވެގެންދަނީ ކިހިނެތް ކޮން ގޮތަކަށް ކަމެއް ސާފެއްނުވެއެވެ.

40މިމައްސަލައިގައި ދަށު ކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދު މުރާޖަޢާ ކުރުމުގައި ޤާނޫނު ނަންބަރު:12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ އެކިއެކި މާއްދާތަކަށް ޙަވާލާދީފައިވަނީކޮން އުޞޫލަކުންކަމެއް ސާފެއްނުވެއެވެ. މިމައްސަލައަކީ، އިސްތިއުނާފު ރައްދުވާ ފަރާތް، ޤާނޫނު ނަންބަރު:12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން، ހައްޔަރުކޮށް ބަންދުކޮށްފައިވާ މައްސަލައެކެވެ. ވީމާ، ޢާންމު ޤާނޫނަކާއި ޚާއްޞަ ޤާނޫނެއް އެއްޤާނޫނު އަނެއް ޤާނޫނާއި މަސްހުނި ކުރަންޖެހުނު ގޮތެއް ސާފެއް ނުވެއެވެ. 8 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާން ޤަޞިއްޔާ ޤާނޫނީ ވަކީލެއްގެ ޙައްޤު:

41HN7މިމައްސަލައިގެ އަޑުއެހުން ކުރިއަށްދިޔަ ވަގުތު، މައްސަލައާއެކު ކުރިއަށް ދާންބޭނުންވަނީ ޤާނޫނީ ވަކީލަކާއެކު ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. ޤާނޫނީ ވަކީލެއްގެ ޙައްޤަކީ އަސާސީ ޙައްޤަކަށްވާތީ، އެޙައްޤު ލިބިދިނުމުގެ ގޮތުން މައްސަލަ ތާވަލު ކުރުމުގެ ކުރިން، ޚަޞްމުންނަށް އަންގަންޖެހޭ އެންގުންތައް ވާނީ އިދާރީ ގޮތުން މިކޯޓުން އަންގާފައެވެ.

42ޤާނޫނު ނަންބަރު:12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ގެނެވުނު 5 ވަނަ އިޞްލާޙު ބަޔާން ކުރާގޮތުން، މިފަދަ މައްސަލައެއް މިކޯޓުގައި ރަޖިސްޓްރީ ކުރާ ތާރީޚުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަން ޖެހެއެވެ. އުޞޫލެއްގެ ގޮތުން މައްސަލަ ޝެކްޝަނަށް ލިބުމާއެކު އަޅާ އިދާރީ ފިޔަވަޅުތަކުގެ ތެރޭގައި ވަކީލަކު ހަމަޖެއްސުމަށް އަބަދުވެސް އަންގާނެއެވެ. ވީމާ، މިބާވަތުގެ މައްސަލަތަކުގައި ޚަޞްމުން، ބަންދުގައި ތިބޭ މީހުންނާއި ވީއްލިފައި ތިބޭ މީހުން ހިމެނޭ ގޮތަށް، ޤާނޫނީ ވަކީލުގެ ޙައްޤު ހޯދާއި ލިބިގަތުމުގައި ސަމާލުކަން ދޭންޖެހޭ ކަމަށް ދެކެމެވެ.

ނިންމަން ފެންނަ ގޮތް

43ވީމާ، އިސްތިއުނާފު ކޮށްފައިވާ ކޯޓު އަމުރު ބާޠިލު ކުރަންޖެހޭ ކަމަށް ދެކެމެވެ.

44ޤާނޫނު ނަންބަރު:12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން، ތަޙްޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި މީހަކު ބަންދުގައި ދަމަހައްޓަން ކޯޓުން ކުރާ އަމުރު، ނިމުމަކަށް ގެނެވޭނީ، އެ އަމުރު ނެރުނު ކޯޓުން އެ އަމުރު ބާޠިލު ކުރުމުން ކަމަށް މި ޤާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރެއެވެ. ވީމާ، މިކޯޓުން ނެރޭ އަމުރެއްގެ ދަށުން މީނާ ބަންދުކުރަން އަމުރު ކުރުމަކީ، މުރާޖަޢާ ކުރުމަށް މިޤާނޫނުގައި އޮތް އުޞޫލު ތަންފީޛު ކުރަން އުދަގޫ ތަކަކާއި ކުރިމަތިވާނެ ކަމެއް ކަމަށް ދެކެމެވެ.

45އެހެންކަމުން، މުޙައްމަދު ޝަރުޠުކޮށް ދޫކޮށްލި އަމުރަކީ ބާޠިލު އަމުރެއް ކަމަށް ނިންމުމާއެކު، ޤާނޫނު ނަންބަރު:22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން، މުޙައްމަދު 07 (ހަތެއް) ދުވަހަށް ބަންދު ކުރުމަށް އަމުރު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު

46މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް ތާއިދު ކުރަމެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

47މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް ތާއިދު ކުރަމެވެ.

ޙުކުމް

ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، (ސިއްރުކުރެވިފައި) މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:CA/98/2024- [REDACTED] (17 ޑިސެމްބަރު 2024) ޝަރުޠުކޮށްފައި މުޙައްމަދު ބަންދުން ދޫކޮށްލުމަށް ކުރި އަމުރު ބާޠިލުކުރުމާއިއެކު، މުޙައްމަދު 07 (ހަތެއް) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށް، މިމުއްދަތުގެ ތެރޭގައި، މުޙައްމަދުގެ ބަންދާމެދު، ގޮތް ނިންމުމަށް (ސިއްރުކުރެވިފައި) މެޖިސްޓްރޭޓް ކޯޓަށް އަލުން ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަންގައި، މިގޮތަށް ހުށަހެޅުމުން، މިޤަޝިއްޔާގައި ކަނޑައަޅާފައިވާ ގޮތަށް މުޙައްމަދުގެ ބަންދާމެދު އަލުން ގޮތް ކަނޑައަޅަން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޝިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަޝިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. އައި.ޑީ.ކާރޑް ނަންބަރު: (ސިއްރުކުރެވިފައި)
  2. ޤާނޫނު ނަންބަރު:19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 123 ވަނަމާއްދާގެ (ނ) ގައި "ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރާމް ކުރުމަކީ" ކޮބައިކަން ބަޔާން ކޮށްދެއެވެ.
  3. ސުޕްރީމް ކޯޓުގެ ނަންބަރު: 2024/SC-A/13 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބދް ﷲ)ގެ 12 ވަނަ ނުކުތާގައިވެސް މިކަން
  4. "198-3. (އ) މި މާއްދާގެ (ޅ) ނުވަތަ (ކ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގެ އިދާރީ ކަންކަން ފުރިހަމަކޮށް، އެ މައްސަލައެއް ކޯޓަށް ލިބޭތާ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި މައްސަލަ ރަޖިސްޓްރީކުރުމާމެދު ގޮތެއް ނިންމަންވާނެއެވެ. (ވ) މި މާއްދާގެ (ޅ) ނުވަތަ (ކ) ގައިވާ ގޮތުގެމަތިން ކޯޓު އަމުރެއް ނުވަތަ ކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރުމުން، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އަމުރާމެދު ނުވަތަ އެނިންމުމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ. (މ) މި މާއްދާގެ (ވ) ގައި ބަޔާން ކުރާ 14 (ސާދަ) ދުވަހުގެ މުއްދަތު ގުނާނީ، މައްސަލަ ރަޖިސްޓަރީކުރާ ތާރީޚުން ފެށިގެންނެވެ. އަދި އެމުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ."
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ