ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ވިއާމް (އެޑްރެސް ސިއްރު ކުރެވިފައި)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކޯޓުގެ ނަން ސިއްރު ކުރެވިފައި xxx
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ޤާނޫނު ނަންބަރު 12/2009 ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރި މީހަކު، ބަންދުކުރިއިރު ހުރި ޙާލަތު ބަދަލުވެއްޖެކަމަށް ބުނެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ބަންދުން ދޫކުރުމަށް މެޖިސްޓްރޭޓް ކޯޓުން ނިންމުން ޤާނޫނާ އެއްގޮތްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ އަމުރާއި ބަންދު މުރާޖަޢާކޮށް ނިންމިގޮތް ބާޠިލު؛ ދައުލަތުން 7 ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ ބަންދާމެދު ކުރު މުއްދަތެއްގައި ގޮތެއް ކަނޑައެޅުމަށް ދަށުކޯޓަށް އަމުރުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނު ނަންބަރު 12/2009 ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ ބަންދު މުރާޖަޢާކުރަނީ އެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުންނެވެ.
HN2 ޚާއްޞަ ޤާނޫނުގެ ދަށުން ބަންދުކުރާ މީހަކީ ހެކި ފޮރުވުމަށް ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުމަށް ނުވަތަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިކުރުމަށް އިފްތިރާޟްކުރެވޭ މީހެއްކަމުން، އެ މީހަކު ބަންދުން ދޫކުރެވޭނީ އެންމެ ކުޑަމިނުން ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބުތައް އެގޮތުގައި ނެތްނަމައެވެ (ސުޕްރީމް ކޯޓުގެ 2024/SC-A/13)؛ ޙާލަތު ބަދަލުވެފައިވޭތޯ ބަލަންވާނީ ފުރަތަމަ ބަންދުކުރިއިރު ޙަވާލާދިން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޙާލަތްތަކަށް ބަދަލު އައިސްފައިވޭތޯއެވެ (ސުޕްރީމް ކޯޓުގެ 2024/SC-A/19).
HN3 ދަޢުވާ ހުށަހެޅި ޝަރީޢަތް ކުރިއަށްދިޔުމުން ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަން ސާފުވުމަކީ ޙާލަތު ބަދަލުވުމެއް ނޫނެވެ؛ ބަންދުކުރިއިރުވެސް ކުއްޖާގެ ޢުމުރާއި ކުއްޖާގެ ބަޔާން އެނގި ރިޢާޔަތްކޮށްފައިވާނަމަ، ކުއްޖާގެ ޢުމުރުގެ ސަބަބުން ބަންދުކުރި ޙާލަތަށް ބަދަލު އައިސްފިކަމަށް ނިންމުމަށް ޤާނޫނީ އަސާސެއް ނެތެވެ.
HN4 ބަންދު މުރާޖަޢާ ކުރަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ތަރަހައިގެ ތެރެއިންނެވެ؛ އަސްލު މައްސަލައިގެ ޝަރީޢަތުގައި ހުށަހެޅޭ ހެކިތަކުން ހާމަވާ ކަންކަމަށް ރިޢާޔަތްކޮށްގެން ނުވާނެއެވެ؛ ޙުކުމުގެ ކުރިން ވަކިވަކި ހެކި ވަޒަންކުރުމަކީ އަސްލު މައްސަލަ ފަސާދަކުރާނެ ކަމެކެވެ (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު؛ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް)؛ އެހެންކަމުން ކުއްޖާގެ ބަޔާނާމެދު ސުވާލު އުފައްދާ ސިޓީއަކަށް ބަލައި ބަންދު މުރާޖަޢާގެ މަރުޙަލާގައި ގޮތެއް ކަނޑައެޅޭކަށް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުއްރައޫފު އިބްރާހީމް
- ބެންޗު
- މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ފައިސަލްގެ ރައުޔު
މައްސަލައިގެ ތަޢާރުފު:
1މިއީ، މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު މިއީ، (08 އޮކްޓޫބަރު 2024) ކޯޓު އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލާ ޚިލާފަށްކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ކަމަށް ބުނެފައި) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އަޙްމަދު ވިއާމް (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އަޙްމަދު ވިއާމް" ކަމަށް ބުނެފައި) އެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
2އިސްތިއުނާފު ރައްދުވާ ފަރާތް ކުޑަކުއްޖަކަށް މަސްތުވާތަކެތިދީ، އެކްސްޕްލޮއިޓްކޮށް، އެ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގައި، ބްލެކްމެއިލްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތް 24 މޭ 2024 ގައި ހައްޔަރުކޮށްފައިވެއެވެ. އެއަށްފަހު ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ދެ ފަހަރު މަތިން 30 ދުވަހަށް އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކޮށްފައިވެއެވެ. އަދި 24 ޖުލައި 2024 ގައި އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ދަށު ކޯޓުން އަމުރުކޮށްފައިވެއެވެ. އެ އަމުރުގައި ބަންދުކުރި ސަބަބުކަމަށް ބަޔާންކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންގެ ސަލާމަތަށް ނުރައްކާވުމުގެ އިޙްތިމާލު އޮތުމުންނާއި މިފަދަ ކަމެއް ތަކުރާރުވުމުގެ އިޙްތިމާލު އޮތްކަމަށް ފެންނާތީއާއި އަދި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަމަށެވެ.
3ބުނެވިދިޔަ އަމުރު މުރާޖަޢާކުރުމަށް އެދި ޤާނޫނު ނަންބަރު 12/2009 ގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވެއެވ. މި ހުށަހެޅުމުގައި އެދިފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރު މުރާޖަޢާކޮށް ޖަލު ބަންދުން ދޫކޮށްލައި، މާލެ ސިޓީގައި އުޅޭ ގޮތަށް ދޫކޮށްލުމަށް ނުވަތަ ކޯޓުން ކަނޑައަޅާ ޝަރުޠުތަކެއްގެ މަތިން ހެކިބަސްދޭން ތިބި މީހުންނާ މުޢާމަލާތް ނުކުރުމަށާއި، ހެކިންނަށް ނުފޫޒު ނުފޯރުވުމަށާއި، އަދި މިނޫންވެސް އެހެން ޝަރުޠެއް ކަނޑައަޅައި އިސްތިއުނާފު ރައްދުވާ ފަރާތް ޖަލު ބަންދުން ދޫކުރުމަށް އަމުރުކޮށްދިނުމަށެވެ. މި ހުށަހެޅުމާ ގުޅިގެން ދަށުކޯޓުގެ ނަންބަރު (08) އޮކްޓޫބަރު 2024) ކޯޓު އަމުރުން ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރު ބާޠިލުކުރުމަށެވެ. އަދި އެ ނިންމުން ބިނާ ކުރި ސަބަބުތައް ބަޔާންކޮށްފައިވަނީ ދަށު ކޯޓުގެ ނަންބަރު (08) އޮކްޓޫބަރު 2024) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ގައިއެވެ. އެ ނިންމުމުގައި، ނިންމިގޮތް ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ! މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު [REDACTED] ބަންދު އަމުރުން، [REDACTED] އަޙްމަދު ވިއާމް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވާ ނިންމުން، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން، މުރާޖަޢާ ކުރުމަށް އެދި ހުށަހަޅާފައިވާ ފޯމާ ގުޅިގެން، އިސްވެ ބުނެވިދިޔަ ކަންކަން އެގޮތުގައި ފާހަގަކުރެވިފައިވާތީ، އަޙްމަދު ވިއާމް، ބަންދުކުރިއިރު އޮތް ޙާލަތު މިހާރު އޮތްކަމަށް ޝަރިޢަތަށް ޤަބޫލުނުކުރެވޭތީ، [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު [REDACTED] ޢަމުރު ބާޠިލްކޮށް، [REDACTED] އަޙްމަދު ވިއާމް، ޝަރުޠުތަކާއެކު ބަންދުން ދޫކުރުމަށް އަންގާ ޢަމުރުކުރަމެވެ."
4މި މައްސަލައާ ގުޅިގެން 23 ޖުލައި 2024 ގައި ދައުލަތުން، ޤާނޫނު ނަންބަރު 12/2009 ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ ދަށުކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އުފުލާފައިވެއެވެ. އިސްތިއުނާފީ ނުކުތާ
5އިސްތިއުނާފުކޮށްފައިވާ އަމުރާއި، ދަށުކޯޓުގެ ބަންދު މުރާޖަޢާކޮށް ނިންމިގޮތް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ނިންމުން އިސްތިއުނާފު ކުރުމަށް 01 (އެކެއް) ނުކުތާ ހުށަހަޅައި އެނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީ؟
5.1. ދަށުކޯޓުގެ ބަންދު މުރާޖަޢާކޮށް ނިންމިގޮތާއި، އިސްތިއުނާފުކޮށްފައިވާ އަމުރުން ނިންމާފައިވާ ނިންމުމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 12/2009 ގެ 2 ވަނަ މާއްދާގެ (ހ) އާއި، 26 ވަނަ މާއްދާއާއި، 36 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6މި ނުކުތާގެ ތަފްޞީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކަމާއި، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމާމެދު ސުވާލެއް ނެތްކަމަށެވެ. މި މައްސަލައިގައި ދަށުކޯޓުގެ ފަނޑިޔާރު ރިޢާޔަތްކުރަންޖެހެނީ ޤާނޫނު ނަންބަރު 12/2009ގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ކަމަށެވެ. އެހެންނަމަވެސް، އިސްތިއުނާފުކުރެވޭ އަމުރުގައި ދަށު ކޯޓުގެ ފަނޑިޔާރު އެ ކަންކަން ވަޒަންކޮށްފައިނުވާ ކަމަށާއި، އޭގެ ބަދަލުގައި އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނެރެފައިވާ އަމުރުގައި ފަނޑިޔާރު ނިންމާފައިވާ ކަންކަމަށާއި، ހެކިން ތިބި ޙާލަތަށާއި އަނިޔާ ލިބުނު ކުއްޖާގެ އުމުރަށާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކުށުގެ ރެކޯޑަށް ރިޢާޔަތްކޮށްފައިވާ ކަމަށެވެ. އަދި އިސްތިއުނާފުކުރެވޭ އަމުރުން އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ނިންމާފައިވަނީ ބަންދުކުރި ޙާލަތު ބަދަލުވެގެން ނޫންކަން އެނގޭކަމަށެވެ. ޤާނޫނު ނަންބަރު 12/2009 ގެ 26 ވަނަ މާއްދާއާއި 28 ވަނަ މާއްދާ ކިޔުމުން އެ ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ ފަރާތްތަކަށް ބަންދުން މިނިވަންވުމުގެ ހައްޤު ހިފެހެއްޓިފައިވާކަން އެނގޭކަމަށެވެ. އަދި ބަންދު މުރާޖަޢަކުރުމުގައި ޤާނޫނު ނަންބަރު 12/2009 ގެ 36 ވަނަ މާއްދާގައިވާ ކަންކަމަށް ވާޞިލުވުމަށް ކުރަންޖެހޭ 2 ސުވާލަކީ ޝަރުޠުކޮށް ބަންދުން ދޫކޮށްލާފައިވަނީ ބަންދުކުރަމުން އައި ޙާލަތު ބަދަލުވެގެންތޯއާއި ބަންދުން ދޫކުރުމުގައި ކޮށްފައިވާ ޝަރުޠުތަކަކީ އެކަށީގެންވާ ޝަރުޠުތަކެއްތޯ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ޔުނާން ޤަޟިއްޔާ އަދި ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ޙަމްދޫން ޤަޟިއްޔާއިން އެނގޭކަމަށެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޮށްފައިވާ އަމުރަކީ އެ ފަރާތަށް އިސްތިއުނާފުކުރުމަށް ފުރުސަތު ލިބި އިސްތިއުނާފުކޮށްފައިނުވާ އަމުރެއް ކަމަށާއި، މުރާޖަޢާކުރުމުގައި އެ އަމުރާމެދު ސުވާލު އުފެއްދުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ބަހުސްގެ ބޭނުމަށް ޤާނޫނު ނަންބަރު 12/2009 ގެ 32 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަވޭތޯ ބަލާއިރު، ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓުން ކުއްޖާއަށް ނަފްސާނީ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށްފައިވާ ކަމަށާއި، ތުހުމަތުކުރާ ހާދިސާއަކީ 15 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ މައްސަލަކަމާއި، މި މައްސަލައިގައި ތުހުމަތުކުރެވެނީ އެ ކުއްޖާއަށް މަސްތުވާތަކެތިދީ ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ކަމާއި، މައްސަލައިގައި ތުހުމަތުކުރެވިގެން ކޯޓު އަމުރަކުން އިސްތިއުނާފު ރައްދުވާ ފަރާތް ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރުމުން ފިލާފައިވާ ކަމާއި، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހްޤީޤްކުރަމުން އަންނަކަމަށެވެ. އަދި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލުވެސް ބޮޑު ކަމަށާއި، މައްސަލައިގެ ހެކިބަސް ދޭންތިބީ ރަށުގައި އުޅޭ މީހުން ކަމަށާއި، އެ ރަށަކީ ކުޑަ އާބާދީއެއްގެ މައްޗަށް އެކުލެވޭ ނިސްބަތުން ކުޑަ ރަށެއްކަމަށެވެ. އަދި ބަންދުން ދޫކޮށްލިފަހުން ޝަރުޠާ ޚިލާފަށް ރަށަށް ގޮސްފައިވާތީ ކަންހިނގައިދިޔަ ގޮތް ބެލިއިރު ދަށުކޯޓަށް ގުޅާފައި ރަށަށް ދިޔުމުގެ ހުއްދަ ހޯދައި ރަށަށް ގޮސްފައިވާކަމަށާއި، ދަށުކޯޓުން ލިޔުމުން ހުއްދަ ހޯދާފައިނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
7ދަށުކޯޓުގެ ބަންދު މުރާޖަޢާކޮށް ނިންމިގޮތާއި އިސްތިއުނާފުކޮށްފައިވާ އަމުރުން ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއް ކަމަށް ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހެޅުމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދާމެދު 07 (ހަތެއް) ދުވަހުގެ ތެރޭގައި އަލުން ގޮތެއް ކަނޑައަޅަން އަމުރުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދާމެދު ގޮތެއް ކަނޑައަޅަންދެން އިސްތިއުނާފު ރައްދުވާ ފަރާތް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށް އެދޭކަމަށެވެ.
އިސްތިއުނާފުގެ ޖަވާބު
8އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ދައުލަތުން ޤާނޫނު ނަންބަރު 12/2009ގެ 32 ވަނަ މާއްދާގެ ދަށުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވަނީސް ކަމަށާއި، ބަންދުކުރުމަށް ނެރެފައިވާ އަމުރުގައިވެސް އެ މާއްދާއަށް ހަވާލާދީފައިނުވާކަމަށެވެ. އޭގެ އިތުރުން އެ އަމުރު ނެރެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަށު ކޯޓުގައި ދަޢުވާ އުފުލާފައިނުވަނީސް ކަމަށާއި، މިހާރު އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާ އުފުލާފައިވާއިރު، މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަކީ ކޮބައިކަން ދަށުކޯޓުގެ ފަނޑިޔާރަށް ސާފުވާނެކަމަށާއި، އެހެންކަމުން އެއީ ބަދަލުވެފައިވާ ޙާލަތެއް ކަމަށެވެ. މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ނަފްސާނީގޮތުން އަސަރުކޮށްފައިވާ ކުއްޖެއްކަން ކުއްޖާގެ ބަޔާނުން އެނގޭކަމަށާއި، ބަޔާން ދީފައިވަނީ ފުލުހުންނާއި ޖެންޑާއިން ވަކި ގޮތަކަށް ބަޔާންދިނުމަށް މަޖުބޫރުކޮށްގެންކަން ކުއްޖާ ██████████ ޕޮލިހަށް ފޮނުވާފައިވާ ސިޓީއިން އެނގެން އޮންނަކަމަށެވެ. ވީމާ، ކުއްޖާ ބުނާބަހުގެ ހަޤީޤަތާމެދު ސުވާލު އުފެދޭ ކަމަށެވެ. މި މައްސަލައިގައި ޤާނޫނު ނަންބަރު 12/2009 ގެ 36 ވަނަ މާއްދާ ވަޒަންކޮށް އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ނިންމާފައިވަނީ އޭނާ ބަންދުކުރި ހާލަތު ބަދަލުވެފައިވާތީކަމަށް ދަށުކޯޓުގެ ފަނޑިޔާރަށް ފެނިގެންކަން އިސްތިއުނާފުކުރެވޭ ނިންމުމުން އެނގެން އޮންނަކަމަށެވެ. އަދި ބަންދު މުރާޖަޢާކުރުމަށް ރިޢާޔަތްކުރި ކަންކަން ބަންދު މުރާޖަޢާކޮށް ނިންމިގޮތުގެ 12 ވަނަ ނުކުތާއިން 15 ވަނަ ނުކުތާއަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލާފައިވަނީ ޝަރުޠުތަކެއް ކޮށްފައިކަން އަމުރުން އެނގޭކަމަށާއި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކުށުގެ ރެކޯޑެއް އޮތް ފަރާތެއް ނޫންކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
9ދަށުކޯޓުގެ ބަންދު މުރާޖަޢާކޮށް ނިންމިގޮތާއި އިސްތިއުނާފުކޮށްފައިވާ އަމުރުގައި ނިންމާފައިވާ ނިންމުން ބާޠިލްކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ދެއްކިފައިނުވާކަމަށް ކަނޑައަޅައި، އެ ނިންމުން ދެމެހެއްޓުމަށް އަމުރުކޮށްދިނުމަށް އެދޭކަމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
10މި މައްސަލައިގައި ޖަވާބު ދޭންޖެހޭ ސުވާލަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދު މުރާޖަޢާކޮށް ދަށުކޯޓުގެ ބަންދު މުރާޖަޢާކޮށް ނިންމިގޮތާއި އިސްތިއުނާފުކޮށްފައިވާ އަމުރުން އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވަނީ ޤާނޫނު ނަންބަރު 12/2009ގެ 36 ވަނަ މާއްދާގައިވާ ގޮތުގެ މަތިންތޯއެވެ.
11HN1ޤާނުނު ނަންބަރު 12/2009 ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކުގެ ބަންދު މުރާޖަޢާކުރަނީ އެ ޤާނުނުގެ 36 ވަނަ މާއްދާގެ ދަށުންނެވެ. އެގޮތުން، މި މައްސަލައިގައި ދަށުކޯޓުން ގޮތެއް ނިންމާފައިވަނީ އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 3 ޙާލަތުގެ ތެރެއިން ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު މިހާރު ބަދަލުވެއްޖެކަމަށް ފެނިގެންކަން އިސްތިއުނާފުކުރެވޭ ނިންމުމުން އެނގެއެވެ. ވީމާ، އަހުރެން އަލިއަޅުވާލާނީ ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު މިހާރު ބަދަލުވެއްޖެކަމަށް ދަށުކޯޓުގެ ފަނޑިޔާރު ވަޒަންކުރި ކަންކަމަށާއި، އެ ކަންކަމުގެ ޤާނުނީ އަސާސަށެވެ. އެހެނީ، މިއީ ދައުލަތުގެ އިސްތިއުނާފު ބިނާވެފައިވާ ތަރަހަ ކަމުގައިވާތީއެވެ.
12HN2ޤާނުނު ނަންބަރު 12/2009 ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހާއަކީ ޚާއްޞަ އިޖުރާއަތެއްގެ ދަށުން ބަންދުކުރާ މީހެއް ކަމުގައިވެފައި، އެ ޚާއްޞަ އިޖުރާއަތުގެ ދަށުން ބަންދުކުރާ މީހަކީ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާނެ އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރާނެ މީހެއްކަމުގައި އިފްތިރާޟް ކުރެވޭ ހިނދު، އެންމެ ކުޑަމިނުން އެފަދަ މީހަކު ބަންދުން ދޫކުރެވޭނީ އެ މީހަކު ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބުތައް އެގޮތުގައި ނެތްނަމަ ކަމުގައި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އަދި ބަންދު މުރާޖަޢާކުރާއިރު ބަންދުކުރި ހާލަތު ބަދަލުވެފައިވޭތޯ ބެލުމުގައި ބަލަންޖެހޭނީ ޤާނުނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ހާލަތްތަކުންކުރެ ފުރަތަމަ ބަންދުކުރިއިރު ވުޖޫދުވެފައި ހުރިކަމަށް ހަވާލާދިން ހާލަތުތަކަށް ބަދަލު އައިސްފައިވޭތޯ ކަން ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް ޤަޟިއްޔާއިން އެނގެއެވެ.
13އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި ސަބަބަށް ބަލާއިރު، އެ ސަބަބަކީ އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންގެ ސަލާމަތަށް ނުރައްކާވުމުގެ އިހްތިމާލު އޮތުމުންނާއި މިފަދަ ކަމެއް ތަކުރާރުވުމުގެ އިހްތިމާލު އޮތްކަމަށް ފެންނާތީއާއި އަދި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަން އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނެރެފައިވާ އަމުރުން އެނގެއެވެ.
14ދަށު ކޯޓުން ބަންދު މުރާޖަޢާކޮށް ނިންމި ނިންމުމުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ކަންކަމެވެ. (1) މައްސަލަ ތަޙުޤީޤު ނިންމާ ޝަރީޢަތަށް ހުށަހެޅި އިބްތިދާއީ އަޑުއެހުންތައް ފެށިފައިވާކަން (2) ހެކިބަސް ދޭންތިބި ގިނަ ފަރާތްތަކަކީ އަނިޔާ ލިބުނު ކުއްޖާގެ ޢާއިލީ ގުޅުން ހުރި ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައްކަމަށާއި، އެ ފަރާތްތަކުގެ ބަޔާންތައް ނަގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާކަން (3) އަނިޔާލިބުނު ކުއްޖާއަކީ 15 އަހަރު ވެފައިވާ ކުއްޖެއްކަން (4) މިހާދިސާ ހިނގާފައިވާ ގޮތާއި، އަނިޔާލިބުނު ކަމަށް ބުނާ ކުއްޖާގެ އުމުރާއި، އެކުއްޖާ ދީފައިވާ ބަޔާނާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ކުށުގެ ރެކޯޑަށް ބަލާއިރު މުޖުތަމަޢުގައި އުޅޭ އެހެން ކުޑަކުދިންނަށް މީނާގެ ފަރާތުން ނުރައްކަލެއް އޮތްކަމަށް ބެލެވެން ނެތްކަން (5) ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/13 ޤަޟިއްޔާއާ ހަވާލާދީ ބަންދުކޮށްފައިވާ ޙާލަތު ފިލައިގޮސްފިނަމަ ބަންދުން ދޫކުރުމަށް ޤާނޫނީ ހުރަހެއް ނެތްކަން
15HN3ބުނެވިދިޔަ ކަންކަމަށް ބަލާއިރު، މައްސަލައިގެ ދަޢުވާ ހުށަހެޅި ޝަރީޢަތް ކުރިއަށް ދިޔުމުން ސާފުވާ ޙަޤީޤަތަކީ މައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމެވެ. އަދި އިސްތިއުނާފުކުރެވޭ ނިންމުމުގައިވެސް ތުހުމަތުކުރެވޭ މިންވަރަށް ހެކި ނެތްކަމަށް ބަޔާންކޮށްފައިނުވެއެވެ. ހާދިސާ ހިނގި އިރު ކުއްޖާގެ އުމުރަކީ ކޮބައިކަން ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކުރި އިރުވެސް އެނގެން އޮތް ހިނދު އަދި ކުއްޖާބުނާ ބުނުމަކީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމި އިރުވެސް ރިޢާޔަތްކޮށްފައިވާ ކަމެއްކަން އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރުން އެނގެން އޮތް ހިނދު، ކުއްޖާގެ އުމުރުގެ ސަބަބުން ބަންދުކުރި ޙާލަތަށް ބަދަލު އައިސްފައިވާ ކަމަށް ދަށުކޯޓުގެ ފަނޑިޔާރަށް ފެނިވަޑައިގެންނެވި ޤާނޫނީ އަސާސް ސާފެއްނޫނެވެ.
16HN4އިސްތިއުނާފު ރައްދުވާ ފަރާތުން މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ ފޮނުވާފައިވާ ސިޓީއެއް ވާކަމާއި، އެ ސިޓީގެ ސަބަބުން ކުއްޖާ ދީފައިވާ ބަޔާނާމެދު ސުވާލު އުފެދޭކަމަށް ބަޔާންކޮށްފައިވެއެވެ. ބަންދު މުރާޖަޢާ ކުރަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރެއިންކަމަށާއި، އެ ތަރަހައިގެ ބޭރުން، މީހެއްގެ މައްޗަށް ދަޢުވާކުރެވި ހިނގަމުންދާ އަސްލު މައްސަލައިގެ ޝަރީޢަތުގައި ހުށަހެޅޭ ހެކިތަކުން ހާމަވާ ކަންކަމަށް ރިޢާޔަތްކޮށްގެން ނުވާނެކަމަށް ބުނެފައިވެއެވެ. އަދި މައުޟޫޢީ މައްސަލައިގައި ޙުކުމް ކުރުމުގެކުރިން ދަށުކޯޓުން ވަކިވަކި ހެކިތައް ވަޒަންކުރުމުން، އިސްތިއުނާފީ ކޯޓުގައި އެ މައްޗަށް ބަހުސްކުރެވި ގޮތްނިންމާނަމަ، އަސްލު މައްސަލައިގެ މުއާލާތްކެނޑި، މުޅި ޝަރީޢަތުގެ މަރުހަލާ ފަސާދަވެ، ތަޣައްޔަރު ވާނެކަމަށް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. މި އުސޫލަކީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް ޤަޟިއްޔާގައިވެސް ހަވާލާދީފައިވާ އުސޫލެކެވެ. ވީމާ، މި މަރުޙަލާގައި "ސުވާލު އުފެދިފައިވާ" ސިޓީއަކަށް ރިޢާޔަތްކޮށް ގޮތް ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
ނިންމަން ފެންނަގޮތް
17އިސްވެ ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު (08 އޮކްޓޫބަރު 2024) ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު (08 އޮކްޓޫބަރު 2024) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ބާޠިލުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައްސަލަ ބަލާ ދަށުކޯޓަށް މިއަދުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން، އެކަށީގެންވާ ކުރު މުއްދަތެއްގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް މައްސަލަ ބަލާ ދަށުކޯޓަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
18މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް ތާއިދުކުރަމެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
19މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް ތާއިދުކުރަމެވެ.
ޙުކުމް
ދެންފަހެ, ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު [REDACTED] (08 އޮކްޓޫބަރު 2024) ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު [REDACTED] (08 އޮކްޓޫބަރު 2024) "ބަންދު މުރާޖަޢަކޮށް ނިންމިގޮތް" ބާޠިލުކޮށް، އަޙްމަދު ވިއާމް ބަންދުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައްސަލަ ބަލާ ދަށުކޯޓަށް މިއަދުން (19 ނޮވެންބަރު 2024) ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު މި ޤަސިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން، އެކަށީގެންވާ ކުރު މުއްދަތެއްގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް މައްސަލަ ބަލާ ދަށުކޯޓަށް އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަސިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަސިއްޔާ ބަލައި ޙުކުމް ކުރީ: ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ފަނޑިޔާރު މުޙައްމަދު ފައިޞަލް (ރިޔާސަތު) ފަނޑިޔާރު ޙުސައިން މަޒީދު
ފުޓްނޯޓު
- ދރކކ ނަންބަރު .
- މީގެފަހުން "ޤާނޫނު ނަންބަރު 12/2009" ކަމަށް ބުނެފައި.
- ދަށުކޯޓުގެ ނަންބަރު (08) ކޯޓު އަމުރުން 25 މެއި 2024 އިން 24 ޖޫން 2024 އަށް (30 ދުވަސް) އަދި އެ ކޯޓުގެ ނަންބަރު (08) ކޯޓު އަމުރުން 24 ޖޫން 2024 އިން 24 ޖުލައި 2024 އަށް (30 ދުވަސް).
- މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު (08) ކޯޓު އަމުރު، މީގެފަހުން "ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރު" ކަމަށް ބުނެފައި.
- މީގެފަހުން "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ކަމަށް ބުނެފައި.
- ޤާނޫނު ނަންބަރު 9/2014
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު [REDACTED] ދަޢުވާ ހުށަހަޅާ ފޯމު (23 ޖުލައި 2024).
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/83 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/29 ޤަޝިއްޔާ.
- މި ޙާލަތްތަކަކީ؛ 1. ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއަކީ، ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް ކޯޓަށް ފެނުން؛ ނުވަތަ 2. އޭނާ ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު މިހާރު ބަދަލުވެއްޖެކަމަށް ކޯޓަށް ފެނުން؛ ނުވަތަ 3. އެ އަމުރު އެގޮތަށް ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނުން.
- ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/13 ޤަސިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/19 ޤަޝިއްޔާ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/19 ޤަޟިއްޔާގެ 12 ވަނަ ނުކުތާގައި މަދަނީ މިންގަނޑުން ޝަރީޢަތް ކުރެވޭ މިންގަނޑަށް ހެކި ހުރުމަކީ ތުހުމަތު އުފެދޭ މިންގަނޑަށް ވުރެ މަތީ މިންގަނޑެއްކަމުގައި ބަޔާންކޮށްފައިވެއެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޝިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/19 ޤަޝިއްޔާ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 36 ވަނަ މާއްދާ (ހ) އާއި (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/13 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/19 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.