ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަންސާމް (އެޑްރެސް ސިއްރު ކުރެވިފައި)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކޯޓުގެ ނަން ސިއްރު ކުރެވިފައި xxx
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަޙުޤީޤު މަރުޙަލާގައި ދެވޭ "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށް ދެވޭ ޤާނޫނީ އިންޒާރު" ގައި ފަހުން ދަޢުވާކުރާ ކުށުގެ މާއްދާ ހިމަނާފައިނުވުމުން ޤާނޫނު 12/2009 ގެ 15 ވަނަ މާއްދާގެ ދަށުން (ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ) ދަޢުވާ ބާޠިލުކުރެވޭނެތޯ؛ އަދި އިބްތިދާއީ މަރުޙަލާގައި ބާޠިލުކުރި ދަޢުވާ ކުރިއަށް ގެންދަންވީ ގޮތް.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަޢުވާ ބާޠިލުކުރި ބައި ބާޠިލު؛ ދައުލަތުން 10 މަސައްކަތު ދުވަހުގެ ތެރޭގައި އަލުން ހުށަހަޅައިފިނަމަ ޝަރީޢަތުގެ މަރުޙަލާއިން ކުރިއަށް ގެންދިއުމަށް އެންގި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން ތުހުމަތުކުރެވޭ ކުށަކީ ކޮބައިކަން (ދަޢުވާގެ ތަފްޞީލު) އެނގުމުގެ ޙައްޤަކީ ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހަކަށް ލިބޭ ޙައްޤެކެވެ؛ ތަޙުޤީޤު މަރުޙަލާގައި ފަހުން ދަޢުވާކުރާ މާއްދާއަށް ޙަވާލާދީ ސުވާލުކުރުމަކީ ކުށުގެ ތުހުމަތުގައިވާ މީހަކަށް ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤެއް ނޫނެވެ.
HN2 ޤާނޫނީ އިންޒާރުގައި ކުށުގެ މާއްދާ ހިމަނާފައިނުވުމުން ދަޢުވާ ބާޠިލުކުރަންވާނީ ކޮންމެ މައްސަލައެއް ވަކިން ބަލައިގެން: (1) ދަޢުވާކުރާ ކުށާ ގުޅޭ އެކަށީގެންވާ ތަޙުޤީޤެއް ހިންގާފައިވޭތޯ، (2) ދޭންޖެހޭ މަޢުލޫމާތު ނުދެވުމުން ދަޢުވާ ތުހުމަތުކުރެވޭ މީހާއަށް އޮޅިފައިވޭތޯ، (3) އެ ސަބަބުން ދިފާޢު ތައްޔާރުކުރުމަށް ހުރަސް އެޅިފައިވޭތޯ ބަލައިގެންނެވެ. (2023/HC-A/170، 2022/HC-A/112)
HN3 ހާދިސާގެ ތާރީޚާއި ތުހުމަތުކުރެވޭ ޢަމަލުގެ ބާވަތް ތުހުމަތުކުރެވޭ ފަރާތަށް ސާފުވާ މިންވަރަށް ބަޔާންކޮށް، ޚާއްޞަ ޤާނޫނެއްގެ ދަށުން ތަޙުޤީޤުކުރާކަން އަންގާފައިވާނަމަ، ޤާނޫނީ އިންޒާރުގައި ދަޢުވާކުރާ ވަކި މާއްދާއެއް ނުހިމެނުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ ދަށުން ދަޢުވާއަށް ހުރަހަކަށްވާ ދިފާޢެއް ނޫނެވެ.
HN4 ތުހުމަތުކުރެވޭ ފަރާތް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ލިޔުންތަކުގެ ޞައްޙަކަމާ ސުވާލު ނުއުފައްދާ، އެ ލިޔުންތަކުގެ ކޮޕީ ނުލިބުނުކަމުގެ ޝަކުވާ އެކަނި އޮތުމަކީ ރަނގަޅު ނުކުރެވޭ އިޖުރާއީ ޢައިބެއް ނުވަތަ ދަޢުވާއަށް އަސަރުކުރާ ޤާނޫނީ ގޯހެއް ނޫނެވެ.
HN5 ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އަލުން ބެލުމަށް ތަޙުވީލުކުރަންޖެހޭނީ ޝަރީޢަތް ހިންގައި ވާޤިޢާތަކާއި ކުށުގެ ޢުންޞުރުތަކާމެދު ކުރިން ގޮތެއް ނިންމާފައިވާ މައްސަލަތަކެވެ؛ ޝަރީޢަތުގެ މަރުޙަލާ ނުފަށައި އިބްތިދާއީ މަރުޙަލާގައި އިޖުރާއީ ސަބަބަކަށް ދަޢުވާ ބާޠިލުކުރި މައްސަލައެއްނަމަ، ތަޙުވީލުކުރުމުގެ ބަދަލުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލުން ހުށަހަޅައިފިނަމަ ކޯޓުން ބަލައިގަނެ ކުރިއަށް ގެންދަންވާނެއެވެ. (2021/SC-A/12)
HN6 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން ސުޕްރީމް ކޯޓުގެ 2021/SC-A/12 ގައި ކަނޑައެޅި އުޞޫލަށް ތަބާވެ، އިބްތިދާއީ މަރުޙަލާއިން ބާޠިލުކުރި ދަޢުވާ އަލުން ހުށަހަޅައިފިނަމަ ޝަރީޢަތުގެ މަރުޙަލާއިން ފެށިގެން ކުރިއަށް ގެންދަންވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަޙްމަދު ނައުޝާދު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަލީ ސަޢީދު
- ބެންޗު
- ދީބާނާޒް ފަހުމީ، މުޙައްމަދު ނިޔާޒު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔުމީ ރައުޔަށް ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު ޢަބްދުލްމާނިޢު
ޙުސައިން ތާއިދު ކުރައްވައެވެ.
ތަޢާރަފު
1މީއީ، މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު [REDACTED] "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން" (17 ސެޕްޓެމްބަރ 2024) އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށްބުނެފައިވާ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ [REDACTED]، މުޙައްމަދު އަންސާމް (މީގެފަހުން "މުޙައްމަދު އަންސާމް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށްބުނެފައިވާ) އެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
2ދައުލަތުން، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 15 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން، މީހަކު އޭނާގެ ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ 22 ސެޕްޓެންބަރު 2020 ދުވަހު މެޖިސްޓްރޭޓް ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އުފުލާފައިވެއެވެ.
3އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދަޢުވާގެ ތެރެއިން، ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެދަޢުވާ ދަށުކޯޓުގައި ބަލަމުންދިޔައީ، އެ ކޯޓުގެ ނަންބަރު ޤަޟިއްޔާއިންނެވެ.
4ބުނެވިދިޔަ ޤަޟިއްޔާގެ އިބްތިދާއީ މަރުޙަލާގައި، އިސްތިއުނާފު ރައްދުވާ ފަރާތުން، ޝަރީޢަތުގެކުރީގެ ހުށަހެޅުންތަކެއް ހުށަހަޅާފައިވެއެވ. އެ ހުށަހެޅުންތަކުގެ ތެރެއިން، މި މައްސަލައިގައި ދައުލަތުގެ އިސްތިއުނާފު ފޯމުގައިގައިވާ ޤާނޫނީ ބަހުސް ބިނާކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި 10 ހުށަހެޅުމުގެ ތެރެއިން 8 ވަނަ ހުށަހެޅުމާ ގުޅުންހުރި، މި މައްސަލައިގެ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ނިންމި ނިންމުން"ގެ "ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކުރެވޭނެ ދަޢުވާއެއް ނޫންކަމަށްބުނެ ހުށަހެޅިހުށަހެޅުން" ސުރުޚީގެ ދަށުގައިވާ ކަންކަމުގެ މައްޗަށެވެ.
5އިސްތިއުނާފު ރައްދުވާ ފަރާތުން، ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން، 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ ތިރީގައިވާ ގޮތަށެވެ. "12 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުއްޖަކާއެކު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ކޮށްފައިވާ ތަޙްޤީޤެއްގެ ދަށުން މީހަކު އޭނާގެ ޢާއިލާގެ މީހަކާއެކު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށްބުނެ ދަޢުވާ ކޮއްފައި އޮތުމުން އެފަދައިން ދަޢުވާ ނުކުރެވޭނެކަމަށް ދެކޭތީ ހުށަހަޅާ ހުށަހެޅުން."
6މީގެއިތުރުން، ބުނެވިދިޔަ 8 ވަނަ ހުށަހެޅުމުގެ ތަފުޞީލުގައި ބަޔާންކޮށްފައިވަނީ ތިރީގައިވާ ގޮތަށެވެ. "ޢާއްމު ގޮތެއްގައި ދަޢުވާ އުފުލަން ޖެހެނީ ތަޙްޤީޤުކުރެވޭ މައްސަލައަކާގުޅޭ ދަޢުވާއެވެ. ވައްކަން ކުރިކަމަށް ތުހުމަތުކުރެވިގެން ތަޙްޤީޤު ކުރުމަށްފަހު، ރޭޕް ކުރުމުގެ ދަޢުވާއެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކޯޓެއްގައި އުފުލިދާނެ ކަމަކަށް ނުދެކެމެވެ. މިހެންވެ، ދައުވާ 1 އަކީވެސް ކޮށްފައިވާ ތަޙުޤީޤާ ނުގުޅޭ ދަޢުވާއެއްކަމުން އެދަޢުވާ ކުރެވިދާނެ ކަމަކަށް ނުދެކެމެވެ."
7އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުމާ ގުޅިގެން، "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ނިންމި ނިންމުން"ގެ، "ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކުރެވޭނެ ދަޢުވާއެއް ނޫންކަމަށްބުނެ ހުށަހެޅި ހުށަހެޅުން" ސުރުޚީގެ ދަށުގައި، އެ ނިންމުމުގެ ނުކުތާ 31 އިން 38 އަށް، އެ ހުށަހެޅުމާމެދު ފަނޑިޔާރުގެ ނިންމުމަށް ވާސިލުވިގޮތް ބަޔާންކޮށްފައިވެއެވެ. އަދި ބުނެވިދިޔަ ނިންމުމުގެ 33 ވަނަ ނުކުތާގައި، ދައުލަތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް، ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން ކޮށްފައިވާ، މީހަކު އޭނާގެ ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއަކީ ތަޙުޤީޤުގައި ތުހުމަތުނުކުރާ ކުށެއްކަމަށް ބުނެފައިވެއެވެ. އަދި އެ ކުށާގުޅިގެން ތަޙުޤީޤެއް ހިންގާފައިނުވާތީ، އެ މާއްދާގެ ދަށުން ކޮށްފައިވާ ދަޢުވާ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކުރެވޭނެކަމަށް ޝަރީޢަތުން ނުދެކޭކަމަށް ބަޔާންކުރުމަށްފަހު، "ނިންމުން" ސުރުޚީގެ ދަށުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަށުކޯޓުގައި ކޮށްފައިވާ ނަންބަރު ޤަޟިއްޔާގައިވާ ޢާއިލާގެ މީހަކާއެކު ބަދުއަޚްލާޤީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ބާޠިލުކަމަށް ކަނޑައަޅުއްވާފައިވެއެވެ.
8ދަށުކޯޓުގެ ނަންބަރު ޤަސިއްޔާގެ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ނިންމި ނިންމުން"ގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ޤާނޫނު ނަންބަރު 12/2009 ގެދަށުން ދައުލަތުން އުފުލާފައިވާ ދަޢުވާ ބާޠިލުކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކޮށްފައިވެއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފި ޤަޟިއްޔާއެވެ.
9މި މައްސަލައާ ގުޅިގެން ފުރަތަމަ އަޑުއެހުމެއް ބޭއްވިފައިވަނީ 05 ނޮވެމްބަރު 2024 ދުވަހުއެވެ. އެއަށްފަހު، 12 ނޮވެމްބަރު 2024 ދުވަހު މައްސަލަބަލާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަދަލު ކުރުމަށްފަހު، މިހާރު މައްސަލަ ބަލަމުންދާ ބެންޗުން 12 ނޮވެމްބަރު 2024 ދުވަހު ޝަރީޢަތުގެ އަޑުއެހުން ބާއްވައި، ޚަޞްމުންގެ ހުށަހެޅުންތައް ނިންމުމަށް ފުރުޞަތު ދީފައިވެއެވެ. ދަށުކޯޓުގެ "ޝަރީޢަތުގެ ކުރިން ހުށަހެޅުމާމެދު ނިންމި ނިންމުން"
10އިސްތިއުނާފު ކޮށްފައިވާ ނިންމުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޝަރީޢަތުގެ ކުރީގެ 8 ވަނަ ހުށަހެޅުމާ ގުޅިގެން، އެ ޤަޟިއްޔާ ބާޠިލުކަމަށް ކަނޑައަޅުއްވާފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ.
10.1 ދަޢުވާފޯމާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރެއިން، ފޯލިއޯ ނަންބަރު 5 ގައިވާ "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށްދެވޭ ޤާނޫނީ އިންޒާރު" ފޯމުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށްތަކުގެ ތެރޭގައި، ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ހިމަނާފައިނެތަތީ، އެ ދަޢުވާއާ ގުޅިގެން އެއްވެސް ތަޙުޤީޤެއް ހިންގާފައިނުވުން.
10.2 ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމްޖަދު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި، މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވޭއިރު، އެ ކުށުން ދިފާޢުވުމަށް އެކަށީގެންވާ ވަޞީލަތްތަކާއި ފުރުޞަތު ލިބިދިނުމަކީ ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ ޙައްޤެއްކަމަށް ބަޔާންކޮށްފައިވާކަމަށާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްމާޢީލް ނާހިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 8 ޤަޟިއްޔާގައި، ޤާނޫނުއަސާސީއާ ޚިލާފަށްކުރާ ކޮންމެ ކަމަކީ ބާޠިލްކަމެއް ކަމަށާއި، ދަޢުވާލިބޭ ފަރާތުގެ މައްޗަށް ތުހުމަތުނުކުރާ ކުށަކަށް ދަޢުވާ ކޮށްފައިވުމުން، އެ ދަޢުވާ ބާޠިލު ކޮށްފައިއޮތުން.
10.3. ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަމިއްލަ ނަފުސުގެ ދިފާޢުގައި ތަޙްޤީޤު މަރުހަލާގައި ވާހަކަ ދެއްކުމާއި، ކުށުން ދިފާޢުވުމަށް މައްސައްކަތްކުރުމުގެ ޙައްޤު އިސްތިއުނާފު ރައްދުވާ ފަރާތަށް މި މައްސަލައިގައި އެއްކޮށް ގެއްލިފައިވުން.
10.4. ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކޮށް، މި މައްސަލައިގައި ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދައުލަތުން ކޮށްފައިވާ މީހަކު އޭނާގެ ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއަކީ ތަޙުޤީޤުގައި ތުހުމަތު ނުކުރާ ކުށަކަށްވާއިރު، އެ ކުށުގެ ތަޙުޤީޤުވެސް ހިންގާފައިނެތަތީ، އެ މާއްދާގެ ދަށުން ކޮށްފައިވާ ދަޢުވާ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކުރެވޭނެކަމަށް ޝަރީޢަތަށް ނުފެންނާތީކަމަށެވެ. އިސްތިއުނާފީ ނުކުތާތަކާއި ދެކެވުނު ވާހަކަތައް
11ދަށުކޯޓުގެ ނަންބަރު ██████████ "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން" އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ 1 (އެކެއް) އިސްތިއުނާފީ ނުކުތާއެވެ. އެގޮތުން، އިސްތިއުނާފު ކޮށްފައިވާ ނިންމުމަކީ ޤާނޫނު ނަންބަރު 12/2016 8 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/108 ޤަޟިއްޔާ. (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 46 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ދައުލަތުން ބުނެފައިވެއެވެ. މި އިސްތިއުނާފު ނުކުތާއާ ގުޅިގެން ދައުލަތުން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
12މި މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން ކޮށްފައިވާ ދަޢުވާއަކީ ތަޙުޤީޤުކޮށްފައިނުވާ މައްސަލައެއްގައި ކޮށްފައިވާ ދަޢުވާއެއްކަމަށް، އިސްތިއުނާފު ކޮށްފައިވާ "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން"ގައި ބަޔާންކޮށްފައިވަނީ ރަނގަޅަށްކަމަށް ދައުލަތުން ނުދެކޭކަމަށެވެ. ސަބަބަކީ، މި މައްސަލައާއެކު ހުށަހެޅި ލިޔުންތަކުގެ ތެރެއިން ފޯލިއޯ ނަންބަރު 5 ގެގޮތުގައި ހިމަނާފައިވާ 28 އޭޕްރީލް 2020 ދުވަހުގެ "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށްދެވޭ ޤާނޫނީ އިންޒާރު" ފޯމުގައި، ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގެ (ހ)ގައިވާ ކުށް ހިމަނާފައިވާތީކަމަށެވެ.
13މި މައްސަލައިގެ "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށްދެވޭ ޤާނޫނީ އިންޒާރު" ފޯމުތަކުގެ ތެރެއިން، 27 އޭޕްރީލް 2020 ދުވަހުގެ ފޯމުގައި ޙަވާލާދީފައިވަނީ ޤާނޫނު ނަންބަރު 12/2009 ގެ 2 (ދޭއް) ކުށަކަށެވެ. އަދި 28 އޭޕްރީލް 2020 ދުވަހުގެ ފޯމުގައި 3 (ތިނެއް) ކުށަކަށް ޙަވާލާދީފައިވާއިރު، ތިންވަނަ ކުށަކީ ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގައިވާކުށެވެ. ބުނެވިދިޔަ ދެ ފޯމުގެ ތެރެއިން 28 އޭޕްރީލް 2020 ދުވަހުގެ ފޯމަކީ، މައްސަލައިގެ ދަޢުވާ ފޯމު ޖެމްސް މެދުވެރިކޮށް ފުރަތަމަ ކޯޓަށް ހުށަހެޅިއިރު ހިމަނާފައިވާ ލިޔުމެއް ނޫންކަމަށެވެ. އެހެންނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތާ ޙަވާލުކުރުމަށް ފޮނުވުނު ކަރުދާސްތަކުގެ ތެރޭގައި، 27 އޭޕްރީލް 2020 ދުވަހާއި 28 އޭޕްރީލް 2020 ދުވަހުގެ "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށްދެވޭ ޤާނޫނީ އިންޒާރު" ހިމަނާފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ދައުލަތުން ދަޢުވާ ހުށަހަޅާފައިވަނީ އެ ޤާނޫނީ އިންޒާރު ދިނުމަށްފަހުކަމަށް ދައުލަތުން ބުނެފައިވެއެވެ.
14މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަމާއްދާގައި، ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރެވޭ މީހުންނާ ގުޅުންހުރި އިޖުރާއަތުތައް ފުރިހަމަ ކޮށްފައިވާކަމަށް ދައުލަތުން ދެކޭކަމަށެވެ. މި މައްސަލައިގެ ރެކޯޑިންގ ޝަރީޢަތަށް ހުށަހަޅާފައިވާއިރު، އެ ރެކޯޑިންގުން އެކަންކަން ސާފުވާކަމަށް ދައުލަތުން ދެކޭކަމަށެވެ.
15ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ދަޢުވާލިބޭ ފަރާތާ ސުވާލުކުރިއިރު ނަގާފައިވާ އޯޑިއޯ ވީޑިއޯ ރެކޯޑިންގ މައްސަލައިގެ ލިޔެކިޔުންތަކާއެކު ދައުލަތުން ހުށަހަޅާފައިވާއިރު، އެ ރެކޯޑިންގުން، ދަޢުވާކޮށްފައިވާ ކުށާ ގުޅިގެން ޤާނޫނީ އިންޒާރު ދީފައިވާކަން އެނގޭނެކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާއާގުޅޭ ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކުގައި، ވަކީލަކު ދީފައިނުވާކަމަށް ބުނެފައިވާއިރު، މި މައްސަލައިގެ "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން"ގެ "ޝަރީޢަތަށް ފާހަގަވި ކަންކަން" ސުރުޚީގެ ދަށުން 13 ވަނަ ނަންބަރުގައި، މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންގޮސްފައިވަނީ ވަކީލަކާއެކުކަން މައްސަލައިގެ ރެކޯޑިންގން އެނގޭކަމަށް ދަށުކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ބަޔާންކުރައްވާފައި ވާކަމަށެވެ. އެހެންކަމުން، މީނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށްތަކުގެ ތަފުޞީލު ހިމެނޭ އޯޑިއޯ ވީޑިއޯ ރެކޯޑިންގއަކީ ޝަރީޢަތަށް ހުށަހެޅިފައިވާ، އަދި މައްސަލަ ބައްލަވާ ފަނޑިޔާރު ރިޢާޔަތް ކުރައްވާފައިވާ ރެކޯޑިންގއެއްކަމަށެވެ.
16ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 84 ވަނަ ޕެރަގްރާފަށް ރިޢާޔަތްކުރުމުން، ޤާނޫނީ އިންޒާރުދިންކަން ކަށަވަރުކުރުމަށް އިންޓަރވިއު ރެކޯޑިންގއާއި ތަޙުޤީޤަށްދިން ބަޔާނަށް ބެލުމުން، ދަޢުވާކޮށްފައިވާ ތުހުމަތު އިއްވައި އަދި އެ ތުހުމަތާ ގުޅިގެން ސުވާލުކޮށްފައިވާކަން އެނގޭނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ.
17މި މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ 8 ވަނަ ހުށަހެޅުމުގައި، ތަޙުޤީޤުނުކުރާ މައްސަލައަކާ ގުޅިގެން ދަޢުވާ ކޮށްފައިވާކަމަށް ބުނެފައިވާއިރު، އެކަން އެގޮތަށް މި މައްސަލައިގައި ހިނގާފައިވާގޮތުގެ ތަފުޞީލު އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާކަމަށް ދައުލަތުން ނުދެކޭކަމަށެވެ. ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގައި، ޤަނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަމުގައި، އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާގޮތަށް ފަނޑިޔާރު ރިޢާޔަތް ކުރަންވާނެކަމަށް ބުނެފައިވާކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 އަދި 118 ވަނަ މާއްދާގައި ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅުންހުރި ތަފުޞީލުތައް ހިމަނަންވާނެކަމަށް ބުނެފައިވާއިރު، އިސްތިއުނާފު ރައްދުވާފަރާތުގެ ހުށަހެޅުމުގައި އެފަދަ ތަފުޞީލެއް ހިމަނާފައި ނެތްކަމަށެވެ. އަދި ތަފުޞީލު ހުށަހެޅިނަމަ، ދައުލަތަށް އެކަންކަމަށް ރައްދު ދިނުމަށް ފުރުޞަތު ލިބިދެވޭނެއިރު، މި މައްސަލައިގައި އެފަދައިން ދައުލަތަށް ފުރުޞަތު ލިބިފައިނުވާކަމަށެވެ.
18ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވަނީ އެޑްވަސޭރިއަލް ނިޒާމުގެ އަސާސީ ގިނަ ސިފަތަކަކާއެކުކަމަށް ކަނޑައަޅުއްވާފައިވާކަމަށެވެ. އެ އުޞޫލަށް މި މައްސަލައިގައި ރިޢާޔަތްކުރާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުންތަކުގައިވާ ކަންކަން މީނާއަށް ސާބިތުކޮށްދެވިފައިވާކަމަށް ދައުލަތުން ނުދެކޭކަމަށެވެ.
19މީގެއިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިނުވާ ކަމަކާގުޅިގެން ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެތެރެއިން މައްސަލައިގައި ގޮތެއްނިންމާ ޙާލަތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޝާ ޤަޟިއްޔާގެ 69 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާގޮތަށް، ޚަޞްމަކު ފާހަގަނުކުރާ ނަމަވެސް ފަނޑިޔާރަށް ފާޅުކަންބޮޑު ގޮތެއްގައި ފާހަގަކުރެވޭ ޤާނޫނީކަމެއް އޮތްކަމުގައިވާނަމަ، އެކަމާމެދު ޚަޞްމުން ދެކޭގޮތެއް ސާފުކޮށް، ދެފަރާތުންވާހަކަދައްކައި ޖަދަލުކޮށް ތައުނުކުރުމުގެ ފުރުޞަތު ދޭންވާނެކަމަށް ދައުލަތުން ދެކޭކަމަށެވެ.
20އެހެންކަމުން، މި މައްސަލައިގެ "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން"އިން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދައުލަތުންކުޅަ ޢާއިލާގެ މެންބަރަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ފޯމު، ދަށުކޯޓުން ބާޠިލު ކުރައްވާފައިވަނީ ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބެއްލެވުމެއްނެތިކަމަށް ދައުލަތުން ދެކޭކަމަށެވެ. އެގޮތުން، ބުނެވިދިޔަ ދަޢުވާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވާ ޤާނޫނީ އިންޒާރުގެ ކަރުދާސް ދަށުކޯޓަށް ހުށަހަޅާފައިވާކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ދ)ގެ ދަށުން ހެކީގެގޮތުގައި ބަލައިގަނޭވޭފަދަ މައްސަލައިގައި ސުވާލުކުރި އޯޑިއޯ ވީޑިއޯ ރެކޯޑިންގ ހުށަހަޅާފައިވާކަމަށެވެ.
21ދައުލަތުގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރިފަހުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. (ނަމާއި އެޑްރެސް ސިއްރުކޮށްފައި) ޤަޟިއްޔާގެ 41 ވަނަ ނުކުތާގައި، ޤާނޫނުގައި އެ ކުށަކަށް ބަޔާންކުރާ ނަމުން ތުހުމަތު ބަޔާން ކޮށްދެވިފައިނުވާތީ، ދަޢުވާތައް ކޯޓުން ބޭރުކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކުރާ ޖިނާއީ ޢަދުލުގެ ނިޒާމު ހިންގޭނެ ގޮތެއްކަމަށް ނުދެކޭކަމަށް ބަޔާންކުރައްވާފައި ވާކަމަށް ކަނޑައަޅާފައިވާކަމަށެވެ. މި މައްސަލައަކީ، އެފަދަ ޙާލަތެއްކަމަށް ދައުލަތުން ދެކޭކަމަށާއި، މި މައްސަލައަކީ ދަށުކޯޓުން އަލުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ދައުލަތުން ދެކޭކަމަށް ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވެއެވެ.
22މި މައްސަލައިގެ އަޑުއެހުމުގައި ޝަރީޢަތުންކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި ދައުލަތުން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
22.1 މި މައްސަލައާ ގުޅިގެން 05 ނޮވެމްބަރު 2024 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު އަޑުއެހުމުގައި، ސުވާލު އުފެދިފައިވާ ޤާނޫނީ އިންޒާރަކީ ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުމަކަށްވާއިރު، އެ ލިޔުން ނެތްކަމަށް ފަނޑިޔާރު ބައްލަވާފައިވާކަމަށް ދައުލަތުން ބުނުމުން، އެކަމަކީ ފަނޑިޔާރަށް އެނގިވަޑައިނުގަންނަވާ ކަމެއްތޯ ޝަރީޢަތުން ސުވާލު ކޮށްފައިވެއެވެ. ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، އެ ލިޔުން އޮތްކަމާއި، އެކަން އެމަގުން ހިނގާފައިވާކަން ފަނޑިޔާރަށް އެނގިވަޑައިގަންނަވާކަމަށް ދައުލަތުން ދެކޭކަމަށެވެ. ދައުލަތުގެ އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާގޮތަށް، "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން"ގެ ޝަރީޢަތަށް ފާހަގަވި ކަންކަނަ" ސުރުޚީގެ ދަށުން 13 ވަނަ ނަންބަރުގައި ފަނޑިޔާރު ބަޔާން ކުރައްވާފައިވާ ކަންކަމަށް ބެލުމުން، އެކަން ސާފުވާކަމަށެވެ.
22.2. މި މައްސަލައަކީ މައުޟޫޢީގޮތުން ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމުގެ ދިފާޢު ހުށަހަޅާފައިވޭތޯ ޝަރީޢަތުން ސުވާލު ކުރުމުން، އެކަން ސާފުނުވާކަމަށާއި، އެންމެހައި ހުށަހެޅުންތަކަށް ރިޢާޔަތްކޮށް ތުހުމަތު އުފުލާފައިވަނީ ޤާނޫނީ އިންޒާރު ދީފައިނުވާ ދަޢުވާއަކަށްވާތީ، ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅުއްވައި، އެ ނިންމުމުން އެ ދަޢުވާ ބާޠިލު ކޮށްފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ.
22.3. ދަޢުވާއެއް މައުޝޫޢީގޮތުން ކުރިއަށް ނުގެންދެވޭނެ ކަންކަން ޖިނާއީ އިޖުރާއަތުގެ ޤަނޫނުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެ ކަންކަމަށް ރިޢާޔަތްކޮށް ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާއާ ގުޅުވައި ހުށަހެޅުމެއް ހުށަހަޅާފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އެފަދައިން ހުށަހަޅާފައި ނުވާކަމަށް ދައުލަތުން ބުނެފައިވެއެވެ.
22.4. އިސްތިއުނާފު ރައްދުވާ ފަރާތުން ދައުލަތުގެ އިސްތިއުނާފީ ނުކުތާގައިވާ ޤާނޫނީ ބަހުސް ސާފުނުވާކަމަށް ބުނެފައިވާ ވާހަކަތަކަށް ރައްދު ދިނުމަށް ޝަރީޢަތުން އެރުވިފުރުޞަތުގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ 8 ވަނަ ހުށަހެޅުމާއި ތަފުޞީލީ ގުޅިގެން ދައުލަތުގެ ރައްދުގައި، އެ ހުށަހެޅުމުގެ ޤާނޫނީއަސާސް ބަޔާންކޮށްފައި ނުވާކަމަށް ދައުލަތުން ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ. އަދި މައްސަލަ ތަޙުޤީޤު ކޮށްފައިވަނީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކޮށްގެން ހުށަހެޅުނު މައްސަލައެއްގެ ގޮތުގައިކަމަށާއި، ދަޢުވާލިބޭ ފަރާތަކީ ކުއްޖާގެ ބައްޕަކަމަށްވެފައި، މި ޙާލަތުގައި ކުރެވޭނެ ދަޢުވާއަކީ މީހަކު އޭނާގެ ޢާއިލާގެ މެންބަރަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާކަމަށް ހުށަހަޅާފައި ވާނެކަމަށެވެ. އަދި ދަޢުވާއަކީ ތަޙުޤީޤާ ގުޅުންނެތް ދަޢުވާއެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތްކަމަށް ދައުލަތުން ރައްދުގައި ދަށުކޯޓަށް ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ.
22.5. ލިޔުން ނުލިބޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާބުނުމާމެދު ޝަރީޢަތުން ސުވާލުކުރުމުން، މައްސަލައިގެ ލިޔުންތައް އިސްތިއުނާފު ރައްދުވާ ފަރާތަށް ފޯރުކޮށްދިނުމަށް ކޯޓަށް ހުށަހަޅާފައިވާކަން ދައުލަތުގެ ލިޔުންތަކުން ދައްކާކަމަށް ބުނެފައިވެއެވެ.
22.6. މައްސަލައެއްގެ ތަޙުޤީޤު ކުރިއަށްދާއިރު މުއްތަހަމަކަށްދެވޭ ޤާނޫނީ އިންޒާރުގައި، އެ މީހެއްގެ މައްޗަށް އާޚިރުގައި ކުރެވޭނެ ދަޢުވާގެ މާއްދާ ހިމަނަންޖެހޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކެވި ވާހަކައަށް ރައްދު ދިނުމަށް ދައުލަތަށް ފުރުޞަތު އެރުވުނެވެ. ޖަވާބުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ބޭނުމަކީ، މީހެއްގެ މައްޗަށް ތުހުމަތުކޮށް ތަޙުޤީޤުކުރެވެނީ ކޮންހާދިސާއަކާ ގުޅިގެން، ކޮންޤާނޫނަކުންކަން ސާފުވުން ކަމަށާއި، އަދި ދަޢުވާކުރުމުގެ މަރުޙަލާގައި އެ ތުހުމަތުތަކާ ގުޅިގެންތޯ ދަޢުވާކުރެވެނީ ބެލުމުގެ ބޭނުމަށްކަމަށް ބުނެފައިވެއެވެ. އެ އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، ތުހުމަތުކުރެވޭ ހާދިސާއާއި ކުށްތައް ބަޔާންކޮށްފައި ވާކަމަށާއި، އެގޮތުން ޤާނޫނު ނަންބަރު 12/2009 ގެ ކޮންމާއްދާއަކުންކަން ތުހުމަތުކުރެވެނީ ސާފުކޮށްދީފައި ވާކަމަށެވެ. އަދި މީހެއްގެ މައްޗަށް ތުހުމަތުކުރެވޭއިރު އެ ޤާނޫނުގެ އެންމެހައި މާއްދާތަކާގުޅިގެން ތުހުމަތުކުރެވުމަކީ ލާޒިމުކަމެއްކަމަށް ދައުލަތުން ނުދެކޭކަމަށް ބުނެފައިވެއެވެ. މި އުޞޫލަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/170 ޤަޟިއްޔާގެ 41 ވަނަ ނުކުތާގައިވެސް ބަޔާންކޮށްފައިވާ އުޞޫލުކަމަށެވެ. ޝަރީޢަތުން އިތުރަށް ސާފުކުރުމުން، ދަޢުވާކުރާ މާއްދާ ބަޔާންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދައުލަތުން ނުދެކޭކަމަށެވެ. އަދި ހާދިސާއެކަނި ބަޔާންކުރުމުން ޤާނޫނީ އިންޒާރު ދެވިފައިވާކަމަށް ދައުލަތުން ދެކޭކަމަށް ބުނެފައިވެއެވެ.
22.7. ޤާނޫނީ އިންޒާރުގެ ބޭނުމަށް ހާދިސާ ބަޔާންކުރުމުން ފުދޭކަމަށް ދައުލަތުން ހުށަހަޅާއިރު، މި މައްސަލައިގައި ޤާނޫނީ އިންޒާރަށް ދަޢުވާ އިތުރުކޮށް އަލުން ބަޔާން ނަގާފައިވަނީ ކީއްވެތޯ ޝަރީޢަތުން ސުވާލުކުރުމުން، ހާދިސާ ބަޔާންކުރުމުން ފުދޭކަމަށާއި، ޤާނޫނު ލާޒިމުކުރާ މިންވަރަކީ އެއީކަމަށް ދައުލަތުން ބުނެފައިވެއެވެ. ނަމަވެސް، ދައުލަތަށް ބައެއް ޙާލަތުގައި ދިމާވެފައިވާ ދަތިތަކަކީ، ސީދާ މާއްދާ އިންޒާރުގައި ހިމަނާފައިނުވާނަމަ މައްސަލަ ކޯޓުތަކުން ބޭރުކުރުންކަމަށާއި، އޭގެސަބަބުން އިސްތިއުނާފު ކުރަންޖެހި ވަރަށްގިނަ ވަގުތު ހޭދަވާކަމަށް ދައުލަތުން ބުނެފައިވެއެވެ.
22.8. މި މައްސަލަ ދައުލަތުން ތަޙުވީލުކުރުމަށް އެދިފައިވާ ސަބަބާގުޅޭގޮތުން ޝަރީޢަތުން ސުވާލުކުރެވުނެވެ. ޖަވާބުގައި، މިއީ އެއްހަދިސާއަކާ ގުޅިގެން އުފުލުނު ދެ ދަޢުވާއެއްގެ ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއްގައި، އެއްދަޢުވާ ބާޠިލުކޮށްފައިވާ މައްސަލައަކަށްވެފައި، އަނިޔާއެއް ދިނުމުގެ ދަޢުވާއާ އެކުއެކީގައި ކުރިއަށް ގެންދިޔުމަށް އެދޭކަމަށް ބުނެފައިވެއެވެ.
22.9. ކޮންމެ ޖިނާޢީ ދަޢުވާއަކަށް ވަކި ޤަޝިއްޔާ ނަންބަރެއް ދީގެން ކުރިއަށް ގެންދެވޭއިރު، ދައުލަތުން އެދޭގޮތަށް ދެ މައްސަލަ އެކުގައި ކުރިއަށް ގެންދިޔުމަށް އެދުމުގައި ދިމާވާ ހުރަހަކީ ކޮބައިތޯ ސުވާލުކުރުމުން، ދައުލަތުން އެއްދަޢުވާ ފޯމުން ހުށަހެޅުމުން ދެ ޤަޟިއްޔާ ކުރިއަށް ގެންގޮސްފައިވަނީ އެކުގައިކަމަށެވެ. އަދި މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާގޮތަކުން އަލުންބެލުމުގެ ފުރުޞަތުއޮތް މައްސަލައެއްކަމަށް ބުނެފައިވެއެވެ.
22.10. ދައުލަތުން އަލުން ދަޢުވާ ހުށަހެޅުމުގައި ދިމާވަނީ ކޮންހުރަހެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، އަލުން ދަޢުވާ ހުށަހެޅުމުން މައްސަލަ އަލުން ފަށައިގެން ދަށުކޯޓުތަކުން ކުރިއަށް ގެންދަވާކަމަށް ދައުލަތުން ޖަވާބުދީފައިވެއެވެ.
22.11. ވަކިހިސާބަކުން ކުރިއަށް ގެންދިޔުމަށް މަތީމަރުޙަލާގެ ކޯޓަކުން އެންގުމުން އެކަމަށްއޮތް ހުރަހަކީ ކޮބައިތޯ ސުވާލުކުރުމުން، ވަކިގޮތަކަށް ކޯޓުން ކަންކުރުމަށް ބަޔާންކޮށްފައިނުވާ މައްސަލަތަކުގައި ދަށުކޯޓުތަކުގެ ފަރާތުން ދައުލަތަށް ދަތިތަކާ ކުރިމަތިވާކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި ޝަރީޢަތުގެ މަރުޙަލާއާ ހަމައިން ކުރިއަށް ގެންދިޔުމަށް އެދިފައިވީނަމަވެސް، މި މައްސަލަ ތަޙުވީލު ކޮށްދިނުމަށް އެދޭކަމަށް ބުނެފައިވެއެވެ.
22.12. މި މައްސަލައިގެ ލިޔުންތަކުގެ ތެރޭގައި ދަށުކޯޓަށް ހުށަހަޅާފައިވަނީ ހަމައެކަނި 27 އޭޕްރީލް 2020 ދުވަހުގެ ބަޔާންތޯ ޝަރީޢަތުން ސުވާލުކުރުމުން، 27 އޭޕްރީލް 2020 އަދި 28 އޭޕްރީލް 2020 ދުވަހުގެ ބަޔާންވެސް ހުށަހަޅާފައިވާކަމަށް ދައުލަތުން ޖަވާބު ދީފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
23ދައުލަތުން އެދޭގޮތުގައި ބަޔާންކޮށްފައިވަނީ ތިރީގައިވާ ގޮތަށެވެ.
23.1. އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ، 8 ވަނަ ހުށަހެޅުމަކީ، ގަވާއިދު ނަންބަރު 2021-SC-REG-01 "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު"ގެ 118 ވަނަ މާއްދާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އޮންނަންވީގޮތުގެ އިޖުރާއަތާ ޚިލާފު ހުށަހެޅުމެއްކަމަށް ކަނޑައަޅައި،
23.2. ދަށުކޯޓުގެ ނަންބަރު ޤަޟިއްޔާގެ ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކޮށްފައިވާ ޢާއިލާގެ މީހަކާއެކު ބަދުއަޚްލާޤީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ބާޠިލުކަމަށް ކަނޑައަޅާފައިވާ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި،
23.3. މި މައްސަލައަކީ މައުޟޫޢީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅައި، މައްސަލަ ގޮސްފައިވާ ހިސާބުން ކުރިއަށް ގެންދިޔުމަށް ދަށު ކޯޓަށް ތަޙުވީލުކޮށްދިނުމަށް އެދޭކަމަށެވެ.
އިސްތިއުނާފީ ނުކުތާގެ ރައްދާއި ދެކެވުނު ވާހަކަ
24ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޖަވާބު ފޯމާއި ޝަރީޢަތުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
25ދައުލަތުގެ އިސްތިއުނާފުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާއާ ޙަވާލާ ދީފައިވާއިރު، ދަށުކޯޓުގެ ނިންމުން ޚިލާފުވެފައިވަނީ އެ މާއްދާގެ ކޮންއަކުރަކާކަން އަދި ކޮންގޮތަކަށްކަން ދައުލަތުން ބަޔާންކޮށްފައި ނުވާކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ތުހުމަތުކުރެވޭ މީހަކު ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރުމާ ގުޅޭގޮތުންކަމަށެވެ.
26ދައުލަތުން ޙަވާލާދޭ 28 އޭޕްރީލް 2020 ދުވަހުގެ ޤާނޫނީ އިންޒާރު (ފޯލިއޯ 5) ފޯމާއި، އެ ދުވަހުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގއާއި 28 އޭޕްރީލް 2020 ދުވަހުގެ ތަޙުޤީޤު ބަޔާނަށް ބެލުމުން، ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގައިވާ ކުށާގުޅޭ ޤާނޫނީ އިންޒާރު ދީފައިވާކަން ސާފުވާކަމަށް ދައުލަތުން ބުނެފައިވާކަމަށެވެ. ނަމަވެސް، މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މި މައްސަލަ އެންމެ ފުރަތަމަ ދަށުކޯޓަށް ހުށަހެޅިއިރު، އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވުނު ކަރުދާސްތަކުގެ ތެރެއިން ފޯލިއޯ ނަންބަރު 23 އަދި 24 ވަނަ ނަންބަރުގައިވަނީ 27 އޭޕްރީލް 2020 ދުވަހުގެ ބަޔާންކަމަށެވެ. އަދި ދައުލަތުން ދެފަހަރަށް ލިޔުންތައް ހުށަހެޅިއިރުވެސް، 28 އޭޕްރީލް 2020 ދުވަހުގެ ބަޔާން ދައުލަތުން ހުށަހަޅާފައި ނުވާކަމަށެވެ.
27އެހެންކަމުން، ފަނޑިޔާރު ކުރިފުޅުމަތީގައިހުރި ލިޔުންތަކުން ޤާނޫނީ އިންޒާރު ދިންކަން އެނގޭކަމަށް ދައުލަތުން ބުނާއިރު، މި މައްސަލައާ ގުޅިގެން ޖެމްސުން ހުށަހެޅި ލިޔުންތަކުގައިވެސް 28 އޭޕްރީލް 2020 ދުވަހުގެ "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށްދެވޭ ޤާނޫނީ އިންޒާރު" ހިމަނާފައިނުވާކަން ދައުލަތުގެ ބަހުންވެސް އެނގޭކަމަށެވެ.
28ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާގައި ގިނައަކުރުތަކެއް ހުރިއިރު، އިސްތިއުނާފުކުރާ ނިންމުން ޚިލާފުވަނީ އޭގެތެރެއިން ކޮންއަކުރަކާކަން ދައުލަތުން ސާފުކޮށްދީފައި ނުވާކަމަށެވެ. އަދި ދައުލަތުގެ ދަޢުވާފޯމު ބަލައިގެން، އިސްތިއުނާފު ރައްދުވާ ފަރާތުން އޭގެން ދޭހަކުރެވޭކަމަށް ބެލެވޭކަންކަމަށް ބިނާކޮށްގެން އިސްތިއުނާފުގެ ޖަވާބު ހުށަހަޅަންޖެހިފައި ވާކަމަށެވެ. މިއީ، އިސްތިއުނާފު ބިނާކުރަންވާގޮތްކަމަށް ނުދެކޭކަމަށެވެ.
29މި މައްސަލައިގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ބެލުމުން، ޤާނޫނީ އިންޒާރު ދިންކަން އެނގޭކަމަށް ދައުލަތުން ބުނެފައިވާއިރު، އެ ރެކޯޑިންގގައި ބަޔާންކޮށްފައިވާ ވަކިވަކި ވާހަކަތަކާ ޙަވާލާދީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ފޯމުގައި ތަފުޞީލުކޮށް، ވަކީލުގެ ފުރުޞަތު ލިބިދީފައިވާކަން އެނގެން ނެތްކަމަށް އިސްތިއުނާފީ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަންކަމާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދެއްކުމުން، 05 ނޮވެމްބަރު 2024 ދުވަހު ބޭއްވުނު އަޑުއެހުމުގައި، އެ ރެކޯޑިންގގައިވާ ތަފްޞީލުތަކަށް މި މަރުޙަލާގައި ރިޢާޔަތް ކުރެވޭނެ މިންވަރާމެދު ޝަރީޢަތުން ސުވާލުކުރުމުން، އެ ކަންކަމަކީ ބަހުސްގެ ބޭނުމަށް ހުށަހަޅާފައިވާ ކަންކަން ކަމަށާއި، ބަޔާނަށް ބަލައިގެން އިންޒާރު ދިންކަމަށް ބެލެވެން ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށް ބުނެފައިވެއެވެ. އަދި އޯޑިއޯ ވީޑިއޯ ރެކޯޑިންގަގައިވާ ތަފުޞީލުތަކުގެ މައުޟޫޢުއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނުވަންނާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން، މި ނިންމުމުގައި، އެ ރެކޯޑިންގގައިވާ ތަފުޞީލުތަކާ ގުޅޭގޮތުން، މި މައްސަލައިގައި އިސްތިއުނާފު ކޮށްފައިވާ "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން"ގައި ބަޔާންކޮށްފައިވާ މިންވަރުގެ ބޭރުން ރިޢާޔަތްކޮށްފައި ނުވާނެއެވެ.
30އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަރުވާއަކީ ޝަރީޢަތުން ނަގައިދެވޭނެ ފަރުވާއެއްކަމަށް ނުދެކޭކަމަށެވެ. ދައުލަތުން އެދިފައިވާގޮތަށް އިސްތިއުނާފު ކޮށްފައިވާ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 118 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައި، އެ ނިންމުން ބާޠިލުކޮށްދިނުމަށް ދައުލަތުން އެދިފައިވާއިރު، އެކަމަކީ އިސްތިއުނާފީ ނުކުތާގައި ހިމެނިފައިވާ ކަމެއްނޫންކަމަށެވެ. އެހެނީ، އިސްތިއުނާފު ކޮށްފައިވާ ނިންމުން ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 118 ވަނަ މާއްދާއާ ޚިލާފުކަމަށް ކަނޑައަޅާނަމަ، އެންމެ ހުށަހެޅުމަކަށް އެކަން ގައިދު ކުރެވޭނެކަމަށް ނުދެކޭކަމަށާއި، އެފަދައިން އެދުމުގެ ސަބަބުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކުގެ ފޯމުގައިވާ އެހެން ހުރިހާ ހުށަހެޅުންތަކާމެދުވެސް ސުވާލު އުފެދޭނެކަމަށެވެ. މީގެއިތުރުން، ދައުލަތުގެ އިސްތިއުނާފު ބިނާކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޝަރީޢަތުގެ ކުރީގެ 8 ވަނަ ހުށަހެޅުމާ ގުޅޭގޮތުން ކަމަށްވާއިރު، ދައުލަތުން އިސްތިއުނާފުކުރި "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން"ގައިވާ އެހެންކަންމާމެދު ބަހުސެއް ކުރުމަކާނުލައި، މުޅިނިންމުން ބާޠިލު ކުރެވޭނެކަމަށް ނުދެކޭކަމަށާއި، އެއީބުއްދީގެ ހަމަތަކުން ބަލާއިރުވެސް ކުރެވޭނެކަމެއްކަމަށް ނުދެކޭކަމަށެވެ.
31އެހެންކަމުން، މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކާއި އެދޭގޮތާ ދިމާނުވާކަމަށެވެ. އަދި މި މައްސަލައަކީ އިސްތިއުނާފީއޮޅި ގިރާކުރާ މައްސަލައެއް ނޫންކަމަށެވެ.
32މި މައްސަލައިގެ އަޑުއެހުމުގައި ޝަރީޢަތުންކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
32.1 މައްސަލައިގެ ލިޔުންތަކުގެ ތެރެއިން 28 އެޕްރީލް 2020 ދުވަހުގެ ޤާނޫނީ އިންޒާރުގެ ކަރުދާސް އިސްތިއުނާފު ރައްދުވާ ފަރާތަށް ފޯރުކޮށްދިނުމަށް ދައުލަތުން ކޯޓަށް ހުށަހަޅާފައިވާކަމަށް ބުނެފައިވާއިރު، އެ ލިޔުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، ލިޔުންތައް ނުލިބޭކަމަށް މުވައްކިލު ވިދާޅުވެފައިވާކަމަށް ވަކީލު ވިދާޅުވެފައިވެއެވެ.
32.2. މައްސަލައިގައި ކޯޓުން ޙަވާލުކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި އެ ލިޔުން އޮތްކަން ނުވަތަ ނޫންކަން ވަކީލު ބައްލަވާފައި ޖަވާބު ދިނުމަށް ޝަރީޢަތުން އެރުވި ފުރުޞަތުގައި، 28 އެޕްރީލް 2020 ދުވަހު އެއްވެސް ބަޔާނެއް ނަގާފައި ނުވާކަމަށާއި، ބަޔާން ނަގާފައިނުވާ ޙާލަތުގައި އިންޒާރެއް ދީފައި ނުވާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަކީލު ވިދާޅުވެފައިވެއެވެ. އަދި ލިބިފައިވަނީ 27 އޭޕްރީލް 2020 ދުވަހުގެ ދެ ބަޔާންކަމަށެވެ.
32.3. އިސްތިއުނާފުކުރެވޭ މައްސަލައިގެ ލިޔުންތަކާއެކު 28 އޭޕްރީލް 2020 ދުވަހުގެ ޤާނޫނީ އިންޒާރު ލިބިފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އެ ލިޔުން ލިބިފައިވާކަމަށް ޖަވާބު ދެއްވާފައިވެއެވެ.
32.4. އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުއްވުމަކީ، މައްސަލައެއްގެ ތަޙުޤީޤު ކުރިއަށްދާއިރު މުއްތަހަމަކަށްދެވޭ ޤާނޫނީ އިންޒާރުގައި، އެ މީހެއްގެ މައްޗަށް އާޚިރުގައި ކުރެވޭނެ ދަޢުވާގެ މައްދާ ހިމަނަންޖެހޭކަމަށް ދެކެނީތޯ ޝަރީޢަތުން ސުވާލު ކޮށްފައިވެއެވެ. ޖަވާބުގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުމަކީ އެއީކަމަށާއި، ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގެ ދަށުން ދައުލަތުން ދަޢުވާކުރާ ކަމުގައިވާނަމަ، އެ މާއްދާގެ ދަށުން ޤާނޫނީ އިންޒާރު ދޭންވާނެކަމަށް ދެކޭކަމަށް ބުނެފައިވެއެވެ.
32.5. އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުމުގެ ނަތީޖާއަކީ ތަޙުޤީޤު މަރުޙަލާގައި ދައުލަތުން އާޚިރުގައިކުރާނެ ދަޢުވާ އެނގުންކަމަށްވާއިރު، ދިވެހިރާއްޖޭގެ ނިޒާމަށް ރިޢާޔަތް ކުރައްވައި، އިސްތިއުނާފު ރައްދުވާފަރާތުގެ ބުނެވިދިޔަ ޖަވާބުގެ ޤާނޫނީ އަސާސް ސާފުކޮށްދިނުމަށް ޝަރީޢަތުން އެދިފައިވެއެވެ. ޖަވާބުގައި، އެމީހެއްގެމައްޗަށް ކުރެވޭތުހުމަތު އެނގުމަކީ ޤާނޫނުއަސާސީގައި އަސާސީ ޙައްޤެއްގެ ގޮތުގައި އޮތްކަމެއްކަމަށާއި، ތުހުމަތުކުރެވޭ މީހަކާއި ބަންދުކުރެވޭ މީހެއްގެ ޙައްޤުތަކެއް ހުރިއިރު، ކޮންކުށަކާ ގުޅިގެންކަން އެމީހަކު ހައްޔަރު ކުރެވުނީ އެމީހަކަށް އެނގެންޖެހޭނެކަމަށް ދެކޭކަމަށް ބުނެފައިވެއެވެ. 27 އޭޕްރީލް 2020 އަދި 28 އޭޕްރީލް 2020 ދުވަހަކީވެސް އިސްތިއުނާފު ރައްދުވާފަރާތް ބަންދުގައިހުރި ދުވަހެއްކަމަށެވެ. ފުރަތަމަ މަރުޙަލާގައި ދައުލަތުން ކުރާނެ ދަޢުވާއެއް ނޭނގިދާނެކަމަށާއި، އެހެންނަމަވެސް މި މައްސަލައިގައި ތުހުމަތުކުރެވޭ ޢަމަލު އެނގޭއިރު ދަޢުވާކުރެވޭ ކުށް ބަޔާންކުރަންޖެހޭކަމަށް ދެކޭކަމަށެވެ.
32.6 ދައުލަތާ ޝަރީޢަތުންކުރި ސުވާލަކާ ގުޅިގެން، 27 އޭޕްރީލް 2020 އަދި 28 އޭޕްރީލް 2020 ދުވަހުގެ ބަޔާން ހުށަހަޅާފައިވާކަމަށް ދައުލަތުން ބުނުމާގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުގެ އެދުމުގެމަތިން އެރުވުނު ފުރުޞަތުގައި، އިސްތިއުނާފީ މައްސަލައިގެ ލިޔުންތަކުގެ ތެރޭގައި ހިމަނާފައިވާ ފޯލިއޯ ނަންބަރު 23 އަދި 24 އަކީވެސް 27 އޭޕްރީލް 2020 ދުވަހުގެ ބަޔާންކަމަށާއި، 28 އޭޕްރީލް 2020 ދުވަހުގެ ބަޔާނެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.
32.7 ދަށުކޯޓުގައި ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅިއިރު، 28 އޭޕްރީލް 2020 ދުވަހުގެ ބަޔާން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އެ ބަޔާން ލިބިފައިނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
33އިސްތިއުނާފުކުރާ ފަރާތުން އެދޭފަދައިން، އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ހުށަހެޅި 8 ވަނަ ހުށަހެޅުމަކީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 118 ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައި ކަނޑައަޅައިދެވޭނެ ހަމައެއްނެތްކަމަށް ކަނޑައަޅައި، މި ބީދައިން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން ބާޠިލުކޮށްދޭނެ ތަނެއް ނެތްކަމަށް ނިންމައިދިނުމަށް އެދޭކަމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
34މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައިއޮތް މައިގަނޑު ސުވާލުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
34.1 ކުށެއްގެ ތުހުމަތަކާގުޅިގެން ތަޙުޤީޤު މަރުޙަލާގައި ބަންދުގައި ހުންނަ މީހަކަށްދެވޭ "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށްދެވޭ ޤާނޫނީ އިންޒާރު" ފޯމުގެ، "ޙަވާލާދޭ ޤާނޫނާއި ކުށް"ގައި، ދައުލަތުންކުރާ ދަޢުވާ ހިމަނަންޖެހޭތޯ؟
34.2 ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ނިންމުމަކުން ދަޢުވާ ބާޠިލުކޮށް ނިންމާފައިވާ މައްސަލައެއް، ނިމުނު ހިސާބުން ދަށުކޯޓުގައި ކުރިއަށް ގެންދާ ޙާލަތުގައި ޢަމަލު ކުރަންޖެހޭގޮތަކީ ކޮބައިތޯ؟ ކުށެއްގެ ތުހުމަތަކާގުޅިގެން ތަޙުޤީޤު މަރުޙަލާގައި ބަންދުގައި ހުންނަ މީހަކަށްދެވޭ "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށްދެވޭ ޤާނޫނީ އިންޒާރު" ފޯމުގެ، "ޙަވާލާދޭ ޤާނޫނާއި ކުށް"ގައި، ދައުލަތުންކުރާ ދަޢުވާ ހިމެނަންޖެހޭތޯ؟
35މި މައްސަލައިގައިވާ ފުރަތަމަ ސުވާލާ ގުޅުންހުރި މައްސަލަތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހައިކޯޓުން 29 ނޮވެމްބަރު 2022 ދުވަހު ނިންމާފައިވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޢީސާ ޤަޟިއްޔާ ހިމެނެއެވެ. އެ ޤަޟިއްޔާއަކީވެސް ޝަރީޢަތުގެ ކުރީގެ ހުށަހެޅުމަކާ ގުޅުންހުރި ޤަޟިއްޔާއެކެވެ. ދަށުކޯޓުގައި ޢަލީ ޢީސާގެ ޝަރީޢަތުގެ ކުރީގެ ހުށަހެޅުމަކީ، އޭނާގެ މައްޗަށް އެ މައްސަލައިގައި ދައުލަތުން އުފުލާފައިވާ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައިނުވާކަމަށާއި، އެ ތުހުމަތާ ގުޅިގެން މުއްތަހަމު ދެކޭގޮތް ހާމަކުރުމުގެ ފުރުޞަތު ލިބިފައިނުވާކަމަށާއި، އަދި އެ ސަބަބަށްޓަކައި، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ޙައްޤާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44 ވަނަ މާއްދާއާއި 46 ވަނަ މާއްދާގައިވާ ޙައްޤުތަކުން އޭނާ މަޙުރޫމުވެފައިވާތީ، މައްސަލައިގައި ހިންގާފައިވާ ތަޙުޤީޤަކީ ބާޠިލު ތަޙުޤީޤެއްކަމަށާއި، ބާޠިލު ތަޙުޤީޤެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާވެސް ބާޠިލުވާނެކަމަށެވެ. އެ މައްސަލައިގައި ދަޢުވާކޮށްފައިވަނީ ޢަލީ ޢީސާއަށް ލިބެންޖެހޭ ބައެއް ޙައްޤުތައް ލިބިދިނުމަކާނުލައި ކަމަށްވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ ދަށުން، އެ ދަޢުވާއަކީ މައުޟޫޢީގޮތުން ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ދަށުކޯޓުން ކަނޑައަޅުއްވާފައިވެއެވެ.
36ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޢީސާ ޤަޟިއްޔާގައި، ޝަރީޢަތުގެ ކުރިމަތީގައިއޮތް ޤާނޫނީ ސުވާލަކީ، އެ މައްސަލައިގައި ޢަލީ ޢީސާގެ މައްޗަށް ތުހުމަތުކުރެވުނު ކުށަކީ ކޮބައިކަން ބުނެދިނުމުގައި އިޖުރާއީގޮތުން ގޯހެއް ހަދާފައިވޭތޯއާއި، ގޯހެއްއޮތްނަމަ އެއީ އެކަމުން މައްސަލައިގެ ނިންމުމަށް އަސަރުކުރާފަދަ ގޯހެއްތޯއެވެ. އަދި އެ ޤަޟިއްޔާގައި ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރަޢުޔުގައި، މައްސަލައިގެ ހާދިސާއާ ގުޅޭގޮތުން ޢަލީ ޢީސާއަށް ދީފައިވާ ޤާނޫނީ އިންޒާރުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ހާދިސާއަކީ 2020 ގައި ހިނގި ހާދިސާއެއްކަމަށް ބުނެފައިވާއިރު، 2019 ވަނަ އަހަރުގެ ހާދިސާއަކަށް ދަޢުވާކޮށްފައި އޮތުމަށް ބަލާއިރު، މައްސަލައިގައިވާ ކުށުގެ ބާވަތަށް ރިޢާޔަތްކުރާއިރު، އެ ކުށުގެ ޢަމަލު ހިނގި ތާރީޚެއް އަނިޔާލިބުނު ކުއްޖާއަށް ބުނެނުދެވުމަކީ އެކަށީގެންވާ ކަމަކަށްވުމުން، އެފަދަ ދަޢުވާތަކުގައި ވަކިދުވަހެއް ހިމެނުން ލާޒިމުނުވާނެކަމަށް ބަޔާންކުރައްވާފައިވެއެވެ. އެހެންނަމަވެސް، ތަޙުޤީޤުގެ ތެރެއިން، ކުށުގެ ހާދިސާގެ ތާރީޚު އިތުރަށް ސާފުވުމަށްފަހު، އެ ބަދަލާ ގުޅިގެން މުއްތަހަމަށް ބަސްބުނުމުގެ ފުރުޞަތު ދިނުމަކީ އެންމެ ފުރިހަމަގޮތްކަމަށެވެ. އަދި ޢަލީ ޒުބައިރުއާއި އިތުރު ދެމީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތް ކުރާއިރު، ޢަލީ ޢީސާގެ މައްސަލައިގައިވާ ގޯހަކީ ރަނގަޅު ނުކުރެވޭފަދަ، މުޅި ދަޢުވާ ބާޠިލު ކުރުވަނިވިފަދަ ޤާނޫނާ ޚިލާފު ގޯހެއްކަމުގައި ނުބެލެވޭނެކަމަށެވެ.
37އެއަށްފަހު، 24 އޮކްޓބަރޯ 2024 ދުވަހު ނިންމާފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/170 ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޢީސާ ޤަޟިއްޔާއަށް ޙަވާލާ ދެއްވުމާއެކު، މި މައުޟޫޢުގައި އިތުރުކަންކަން ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން، ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރަޢުޔުގައި، ޤާނޫނުއަސާސީގައި ކުށުގެ ތުހުމަތުގައިވާ މީހަކާއި ދަޢުވާ އުފުލިފައިވާ މީހެއްގެ ޙައްޤުތަކުގެ ތަފާތާއި، އަސާސީ ޙައްޤުތަކަށް ރިޢާޔަތް ކުރުމާއެކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި މުއްތަހަމުގެ ޙައްޤުތަކާއި އެ ޙައްޤުތަކުގެ މަޤުޞަދުތައް ތަފުޞީލު ކުރައްވައި، ބައިނަލްޢަޤުވާމީ މުއާހަދާގައިވާ ޤާނޫނީ އުޞޫލުތަކުގެ އަލީގައި، ހައްޔަރުކުރާ ވަގުތު ނުވަތަ ތަޙުޤީޤުގައި ނަމުންކަނޑައަޅައި ވަކިކުށަކަށް ތުހުމަތުކޮށްފައި ނުވާކަމަށްބުނެ، ދަޢުވާ ބާޠިލު ނުކުރެވޭނެމަށް ކަނޑައަޅުއްވާ ސަބަބުތައް ބަޔާން ކުރައްވާފައިވަނީ ވަރަށް ތަފުޞީލުކޮށްކަމަށް ދެކެމެވެ. މީގެއިތުރުން، އެ ޤަޟިއްޔާގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ދަޢުވާ އުފުލިފައިވާ ކުށްފިޔަވައި އެހެން ކުށެއް ސާބިތުކުރުމުގެ ފުރުޞަތަށް ޤާނޫނު ތަންދޭކަމަށްވެސް ފާހަގކަ ކުރައްވާފައިވެއެވެ.
38HN2ބުނެވިދިޔައީ މިފަދަ މައްސަލައިގައިވާ ޙާލަތުގައި ޢަމަލު ކުރަންޖެހޭ ޢާއްމު އުޞޫލުކަމުގައި ވީނަމަވެސް، ކޮންމެ މައްސަލައެއް ވަކިން ބަލައި ގޮތެއް ނިންމަންވާނެކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/170 ޤަޟިއްޔާގައި ބަލަންޖެހޭކަމަށް ބަޔާންކުރައްވާފައިވާ ކަންކަން ތިރީގައި އެވަނީއެވެ.
38.1 ތުހުމަތު ކުރެވުނު ކުށުގެ ޢަމަލާ ގުޅިގެން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން، ފަހުން ދަޢުވާކުރާ ކުށާގުޅިގެން އެކަށީގެންވާ ތަޙުޤީޤެއް ހިންގާފައިވޭތޯ؛ އަދި
38.2 މީހެއްގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށާގުޅިގެން ދޭންޖެހޭ މަޢުލޫމާތު ނުދެވުމުގެ ސަބަބުން، އެ މީހެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާ އެމީހާއަށް އޮޅިފައިވޭތޯ؛ އަދި
38.3 ބުނެވިދިޔަ ކަންކަމުގެ ސަބަބުން، އެ މީހެއްގެ ދިފާޢު ތައްޔާރުކުރުމަށް ހުރަސް އެޅިފައިވޭތޯއެވެ.
39މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު، އިސްތިއުނާފު ކޮށްފައިވާ "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން" ނިންމި ތާރީޚަކީ 17 ސެޕްޓެމްބަރ 2024 އެވެ. ވީމާ، މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޢީސާ ޤަޟިއްޔާގެ ފަހުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/170 ޤަޟިއްޔާގެ ކުރީގެ ދަށުކޯޓުގެ ނިންމުމެކެވެ.
40މި މައްސަލައިގައި ދައުލަތުން ބަޔާންކޮށްފައިވާ ފަދައިން، ޝަރީޢަތުގެ ކުރީގެ ހުށަހެޅުމުގައި މައްސަލައިގެ ދަޢުވާ ކުރިއަށް ގެންދަންނުޖެހޭ ޤާނޫނީ ސަބަބު ސާފުކޮށްދީފައިވާކަމަށް ނުދެކެމެވެ. އަދި ދަށުކޯޓުގެ ނިންމުމަށް ވާސިލުވި ސަބަބުތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ކަންކަމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އައިބެއްގެ ސަބަބުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި 120 ވަނަ މާއްދާގެ ދަށުން ދަޢުވާ ކުރުމަށް ހުރަހަކަށްވެދާނެ ދިފާޢެއް ހުށަހަޅާފައި ވާކަމަށް ނުދެކެމެވެ.
41HN1މީގެއިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ފަދައިން، ތަޙުޤީޤު މަރުޙަލާގައި މައްސަލައިގައި ދައުލަތުން ދަޢުވާކުރާ މާއްދާއަށް ޙަވާލާދީ ސުވާލު ކުރުމަކީ، އަސާސީ ޙައްޤެއްކަމަށް މާނަކުރެވޭނެކަމަށް ނުދެކެމެވެ. ސަބަބަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ކޮބައިކަން އެނގުމުގެ ޙައްޤަކީ ކުށެއްގެ ދަޢުވާ އުފުލާފައިވާ މީހަކަށް ލިބިގެންވާ އަސާސީ ޙައްޤެކެވެ. ކުށުގެ ތުހުމަތުގައިވާ މީހަކަށް ޤާނޫނުއަސާސީއިން ލިބިދީފައިވާ ޙައްޤެއްނޫނެވެ.
42މި ނިންމުމުގެ 38 ވަނަ ނުކުތާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/170 ޤަޟިއްޔާގައި ބަލަންޖެހޭކަމަށް ކަނޑައަޅުއްވާފައިވާ ކަންކަން މި މައްސަލައަށް ތަޠުބީޤުކުރުމުން، ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
43މި މައްސަލައިގައި އެކަށީގެންވާ ތަޙުޤީޤެއް ހިންގާފައިވޭތޯ ބަލާއިރު، އިސްތިއުނާފު ކޮށްފައިވާ "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން"ގެ "ޝަރީޢަތަށް ފާހަގަވި ކަންކަން" ސުރުޚީގެ 9 ވަނަ ނަންބަރުގައި، މި މައްސަލައަކީ ތަޙުޤީޤު ނިންމާފައިވާ މައްސަލައެއްކަމަށް ދަށުކޯޓުންވެސް ކަނޑައަޅުއްވާފައިވެއެވެ. މީގެއިތުރުން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށްދެވޭ ޤާނޫނީ އިންޒާރު" ފޯމަށް ބެލުމުން، މީނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަފުސިލުގައި، މީނާގެ މައްޗަށް ތުހުމަތުކުރެވެނީ، 27 މާރޗް 2020 ދުވަހު، މީނާގެ 14 (ސާދަ) އަހަރުގެ އުފަން ދަރިފުޅަށް ޖިންސީ އަދި ޖިސްމާނީ އަދި ނަފުސާނީގޮތުން އަނިޔާކުރުންކަމާއި، އެ ހާދިސާއާ ގުޅިގެން ޤާނޫނު ނަންބަރު 12/2009 ގެ ދަށުން ދެ ދަޢުވާއެއް ބަޔާންކޮށްފައި ވާކަން އެނގެއެވެ. އެހެންކަމުން ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި، ހާދިސާގެ ތާރީޚު މުއްތަހަމަށް ސާފުވާ މިންވަރަށް ބަޔާންކޮށްދީފައިވެއެވެ. އަދި މައްސަލައިގައި މުއްތަހަމުގެ ބަޔާން އެކިފަހަރުމަތިން ނަގާފައިވުމާއި، ދަޢުވާއާއެކު ހުށަހަޅާފައިވާ ހެކިތަކާއި ލިޔުންތަކަށް މަތިމަތިން ބަލާއިރު، މިއީ އެކަށީގެންވާ ތަޙުޤީޤެއް ހިންގާފައިވާ މައްސަލައެއްކަމަށް ބުރަވެވެއެވެ.
44HN3މި މައްސަލައިގައި މުއްތަހަމަށް ދަޢުވާ އޮޅުމުގެ ފުރުޞަތު އޮތްތޯ ބަލާއިރު، މައްސަލައިގެ ހާދިސާ ހިނގި ތާރީޚާއި، ތުހުމަތުކުރެވެނީ އުފަން ދަރިއަކާމެދު ބަދުއަޚުލާޤީ ޢަމަލު ހިންގުންކަން ބަޔާންކޮށްފައި އޮތުމުން، މީނާގެ މައްޗަށް އުފުލިދާނެ ދަޢުވާއާމެދު އޮޅުން އަރަންޖެހޭފަދަ މަގުބޫލު ޤާނޫނީ ސަބަބެއް އޮތްކަމަށް ނުދެކެމެވެ. މި ޙާލަތަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ 8 ވަނަ ހުށަހެޅުމުގެ ތަފުޞީލުގައި، ވައްކަމުގެ މައްސަލައެއް ތަޙުޤީޤު ކުރުމަށްފަހު ރޭޕްގެ ދަޢުވާ ކުރުންފަދަ މީހެއްގެ މައްޗަށް ތުހުމަތުކޮށް ތަޙުޤީޤުކުރި މައްސަލައާއި ދައުލަތުން އާޚިރުގައިކުރި ދަޢުވާއާ ޢަރީބު މައްސަލައެއްކަމަށް ނުދެކެމެވެ.
45ބުނެވިދިޔަ ކަންކަމުގެ ސަބަބުން، މުއްތަހަމަށް ދިފާޢު ބިނާކުރަން ހުރަސް އެޅިފައިވޭތޯ ބަލާއިރު، 27 އޭޕްރީލް 2020 ދުވަހުގެ ޤާނޫނީ އިންޒާރުގައި، ޤާނޫނު ނަންބަރު 12/2009 ގެ ދަށުން ދެ ކުށެއް ހިމަނާފައިވުމުން، މީނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤުގެ މައްޗަށް ޚާއްޞަ ޤާނޫނީ އުޞޫލުތައް ހިނގާނެކަމާއި، އަސާސީ ޙައްޤުތައް ހިފެހެއްޓުމުގެ ފުރުޞަތުއޮތްކަން މީނާގެ ސަމާލުކަމަށް ގެނެވިފައިވެއެވެ. އެހެންކަމުން، މީނާގެ މައްޗަށް ދަޢުވާ އުފުލިދާނެ ކުށާގުޅޭ ޤާނޫނުގެ ވަކިމާއްދާއެއް ޤާނޫނީ އިންޒާރުގައި ހިމަނާފައި ނުވިނަމަވެސް، އެހިސާބުންވެސް މީނާގެ މައްޗަށް ދަޢުވާ އުފުލެނީ ކޮންޤާނޫނަކުންކަން ކޮންދަރަޖައެއްގެ މީހަކާމެދު ޖިންސީ ގޯނާކޮށްގެންކަން މީނާއަށް ސާފުވާ މިންވަރަށް މަޢުލޫމާތު ދީފައިވެއެވެ.
46މި މައްސަލައިގެ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތަށް ޤާނޫނީ އިންޒާރު އެކިފަހަރުމަތިން ދީފައިވާއިރު، ބަހުސް އުފެދިފައިވަނީ ދެޤާނޫނީ އިންޒާރާއި، އެ ދެއިންޒާރުގެ ނަތީޖާއާމެދުއެވެ. މި މައްސަލައިގެ ލިޔުންތަކުގެ ތެރޭގައި ހިމެނޭ، 27 އޭޕްރީލް 2020 ދުވަހުގެ "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށްދެވޭ ޤާނޫނީ އިންޒާރު" ފޯމުގެ "ޙަވާލާދޭ ޤާނޫނާއި ކުށް" ސުރުޚީގެ ދަށުން ޙަވާލާދީފައިވަނީ ޤާނޫނު ނަންބަރު 12/2009 ގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ކުށާއި، އެ ޤާނޫނުގެ 9 ވަނަ މައްދާގެ (ހ) ގައިވާ ކުށަށެވެ. އަދި 28 އޭޕްރީލް 2020 ދުވަހުގެ ފޯމުގެ "ޙަވާލާދޭ ޤާނޫނާއި ކުށް" ސުރުޚީގެ ދަށުގައި، ބުނެވިދިޔަ ދެ ކުށުގެ އިތުރުން އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައިވާ ކުށާއެކު ޖުމްލަ 3 (ތިނެއް) ކުށަށް ޙަވާލާދީފައިވެއެވެ. މި ދެ ލިޔުމުގެވެސް ފޯލިއޯ ނަންބަރަކީ 5 (ފަހެއް) އަށް ވާއިރު، 28 އޭޕްރީލް 2020 ދުވަހުގެ އިންޒާރުގެ ކޮޕީގެ ކަނުގައި، (15) 12/2009 އަތުން ލިޔެފައިވެއެވެ. މި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމަށް ހުށަހެޅިއިރު 28 އޭޕްރީލް 2020 ދުވަހުގެ އިންޒާރު ހިމަނާފައިނުވާކަމާއި، އެ ލިޔުން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރޭޝަންގެ އެންގުމަށް، މައްސަލަ ރަޖިސްޓަރީ ކުރުމުގެ މަރުޙަލާގައިކަން އިދާރީގޮތުން މި ކޯޓަށް އެންގިފައިވެއެވެ.
47މީގެއިތުރުން، ދައުލަތުގެ އިސްތިއުނާފު ފޯމާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދެ ބަޔާން ހިމަނާފައިވެއެވެ. އެގޮތުން، ފޯލިއޯ ނަންބަރު 23 ގެގޮތުގައި ހިމަނާފައިވަނީ، 27 އޭޕްރީލް 2020 ދުވަހުގެ ބަޔާނަކަށްވާއިރު، އެ ބަޔާނުގެ ކަނުގައި 9/2014 އަތުން ލިޔެފައިވެއެވެ. އަދި ފޯލިއޯ ނަންބަރު 24 ގެ ގޮތޮތުގައި ހިމަނާފައިވާ 27 އޭޕްރީލް 2020 ދުވަހުގެ ބަޔާނުގެ ކަނުގައި 12/2009 އަތުން ލިޔެފައިވެއެވެ.
48މި މައްސަލައިގައި 12 ނޮވެމްބަރު 2024 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި، 28 އޭޕްރީލް 2020 ދުވަހު އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަޔާން ނަގާފައިވާކަމަށް ދައުލަތުން ބުނާއިރު، އެފަދަ ބަޔާނެއް ނަގާފައި ނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަކީލު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. އަދި މައްސަލައިގެ ލިޔުންތައް އިތުރަށް ބެލިއިރު، މި ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔުންތަކުގެ ތެރޭގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ 28 އޭޕްރީލް 2020 ދުވަހުގެ ބަޔާނެއް ހިމަނާފައިނެތެވެ. އަދި 28 އޭޕްރީލް 2020 ދުވަހުގެ ބަޔާން ދައުލަތުގެ ފަރާތުން 13 ނޮވެމްބަރު 2024 ދުވަހު އިދާރީގޮތުން ހޯދިއިރު، 28 އޭޕްރީލް 2020 ތާރީޚުގެ ބަޔާނުގެ ފޯލިއޯ ނަންބަރަކީ 24 ކަމަށްވާއިރު، އެ ބަޔާނުގެ ކަނުގައި (15) 12/2009 އަތުން ލިޔެފައިވެއެވެ.
49ބުނެވިދިޔަ އެންމެހައި ކަންކަމަށް ނަޒަރުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ލިޔުންތައް ހުށަހެޅިއިރުވެސް މައްސަލައިގެ އިސްތިއުނާފުގެ މައުޟޫޢަށް އެންމެ މުހިއްމު އެއްލިޔުން ކަމަށްބެލެވޭ، 28 އޭޕްރީލް 2020 ދުވަހުގެ "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށްދެވޭ ޤާނޫނީ އިންޒާރު" ފޯމު މި ކޯޓަށް ފުރަތަމަ ހުށަހަޅާފައިނުވެއެވެ. މިހެން މެދުވެރިވި ސަބަބެއްކަމަށް ބެލެވެނީ، 27 އޭޕްރީލް 2020 ދުވަހުގެ ޤާނޫނީ އިންޒާރު ފޯމާއި 28 އޭޕްރީލް 2020 ދުވަހުގެ އިންޒާރު ފޯމަށްވެސް ދީފައިވަނީ އެއްފޯލިއޯ ނަންބަރަކަށްވުމެވެ. އެ ދެފޯމުގެ ފޯލިއޯ ނަންބަރަކީ 5 އެވެ.
50ހަމައެއާއެކު، ފޯލިއޯ ނަންބަރު 22 އަދި ފޯލިއޯ ނަންބަރު 23 އަކީ 27 އޭޕްރީލް 2020 ދުވަހުގެ ދެ ބަޔާނެވެ. 28 އޭޕްރީލް 2020 ދުވަހުގެ ބަޔާން، އިސްތިއުނާފީ ލިޔުންތަކާއެކު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިނުވެއެވެ. މިހެން މެދުވެރިވި ސަބަބެއްކަމަށް ބެލެވެނީ، މައްސަލައިގެ ލިޔުންތަކުގެ ތެރޭގައި ހިމަނާފައިވާ 27 އޭޕްރީލް 2020 ދުވަހުގެ އެއްބަޔާނާއި، 28 އޭޕްރީލް 2020 ދުވަހުގެ ބަޔާނަށް ދީފައިވަނީ ފޯލިއޯ ނަންބަރު 24 ކަމަށްވުމެވެ. އެހެންކަމުން ދެ ތާރީޚުގެ ދެ ބަޔާނުގައި އެއްފޯލިއޯ ނަންބަރު ލިޔެފައިވެއެވެ.
51HN4ބުނެވިދިޔަ ކަންކަމުގެ އަލީގައި، އިސްތިއުނާފު ރައްދުވާ ފަރާތަށް ލިޔުންތައް ލިބިފައި ނެތުމުގެ ސަބަބުން، މައްސަލައިގެ މައުޟޫޢުއަށް އަސަރުކުރާފަދަ ޤާނޫނީ ސަބަބެއް އޮތްތޯ ބަލާއިރު، 28 އޭޕްރީލް 2020 ދުވަހުގެ ޤާނޫނީ އިންޒާރާއި އެ ތާރީޚުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަޔާނުގެ ކޮޕީއެއް، މައްސަލައިގެ ލިޔުންތަކާއެކު ލިބިފައި ނުވިނަމަވެސް، ބުނެވިދިޔަ ޤާނޫނީ އިންޒާރާއި ބަޔާނަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ސޮއިކޮށް، އިނގިލީގެ ނިޝާންޖަހާފައިވާ ލިޔުންތަކެކެވެ. އަދި އެ ލިޔުންތައް ހުރިކަމަށް ދައުލަތުން ބުނަމުން ދިޔައިރު، އެ ލިޔުންތަކުގެ ޞައްޙަކަމާމެދު ސުވާލެއް އުފައްދާފައި ނުވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ ލިޔުން ނުލިބުމެވެ. މި ޙާލަތުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޢީސާ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން، މިއީ ރަނގަޅު ނުކުރެނިވި އިޖުރާއީ އައިބެއް ނުވަތަ ދަޢުވާއަށް އަސަރު ކުރަނިވި ޤާނޫނީ ގޯހެއްކަމަށް ނުދެކެމެވެ.
52ބުނެވިދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، ތަޙުޤީޤު މަރުޙަލާގައި، "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރާ މީހުންނަށްދެވޭ ޤާނޫނީ އިންޒާރު" ފޯމުގައި އެ މީހެއްގެ މައްޗަށް ދަޢުވާކުރެވޭ ކުށް ހިމަނާފައި ނުވުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ ދަށުން، ދަޢުވާކުރުމަށް ހުރަހަކަށް ވާފަދަ ދިފާޢެއްކަމަށް މި މައްސަލައިގައި ބެލެވޭނެ ޤަނޫނީ ސަބަބެއްނެތެވެ. އެހެންކަމުން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން ކޮށްފައިވާ، މީހަކު އޭނާގެ ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ބާޠިލުކަމަށް ދަށުކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ދެކެމެވެ.
53މީގެއިތުރުން، މި މައްސަލައިގައި އިސްތިއުނާފު ކޮށްފައިވާ "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމުން"ގައިވާ ކަންކަމުގެ ތެރެއިން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން ކޮށްފައިވާ، މީހަކު އޭނާގެ ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ބާޠިލުކަމަށް ކަނޑައެޅިބައި ފިޔަވައި، އެހެން ހުރިހާ ކަންކަމާއި ނިންމުންތަކެއް އެގޮތުގެމަތިން ދެމިއޮންނާނެކަމަށްވެސް ދެކެމެވެ. ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ނިންމުމަކުން ދަޢުވާ ބާޠިލުކޮށް ނިންމާފައިވާ މައްސަލައެއް، ނިމުނު ހިސާބުން ދަށުކޯޓުގައި ކުރިއަށް ގެންދާ ޙާލަތުގައި ޢަމަލު ކުރަންޖެހޭގޮތަކީ ކޮބައިތޯ؟
54އިބްތިދާއީ މަރުޙަލާގައި ނިންމާ ޖިނާއީ ޤަޟިއްޔާ ދަށުކޯޓުން ބެލުމުގައި ޢަމަލުކުރާނެ އުޞޫލު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފުއާދު ޤަޟިއްޔާގައި ތަފުޞީލުކޮށް ބަޔާންކޮށްފައިވާނެއެވެ. ދައުލަތުން މި މައްސަލައިގެ އިސްތިއުނާފުގައި އެދިފައިވަނީ މި މައްސަލަ ތަޙުވީލު ކުރުމަށްކަމަށްވާއިރު، މި މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ފަސްވަނަބައިގައިވާ ޝަރީޢަތުގެ މަރުޙަލާ އެއްވެސް މިންވަރަކަށް ހިންގުމަކާނުލައި، އިބްތިދާއީ މަރުޙަލާގެ ތެރެއިން ދަޢުވާ ފޯމު ބާޠިލުކޮށް، މައްސަލައިގެ ޤަޟިއްޔާ ފައިލު ބަންދުކޮށްފައިވާ މައްސަލައެކެވެ.
55HN5ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 36 ވަނަ މާއްދާގެ ފެށުމުގައި، ހައިކޯޓަށް ހުށަހެޅޭ މައްސަލަ މައުޟޫޢީގޮތުން ބެލުމުގައި ޢަމަލުކުރާނެ ގޮތްތައް އެ މާއްދާގެ އަކުރުތަކުގައި ބަޔާންކޮށްފައި ވާކަމަށް ބުނެފައިވެއެވެ. އަދި އެ މާއްދާގެ (ށ)ގައި، އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ ދަށުކޯޓަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާގޮތް އަލުން ބަލަން ޖެހޭގޮތަށްއޮތް މައްސަލައެއްނަމަ، އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށުކޯޓަށް ތަޙުވީލު ކުރަންވާނެކަމަށް ބުނެފައިވެއެވެ. ކޯޓުތަކުގެ ޤާނޫނަކީ، ޝަރީޢަތް ހިންގައި މައުޟޫޢީގޮތުން މައްސަލަ ބެލުމަކާނުލައި، އިޖުރާއީ މަރުޙަލާގައި މަތިމަތިން ކަންކަންބަލައި، ޕްރައިމާ ފޭސީ މިންގަނޑުން ދަޢުވާއާމެދު ގޮތްކަނޑައެޅުމުގެ އިޖުރާއަތުތައް މި ރާއްޖޭގެ ޤާނޫނީ ނިޒާމަށް ތަޢާރަފުވުމުގެކުރިން ފާސްކޮށްފައިވާ ޤާނޫނަކަށްވެފައި، އެ ޤާނޫނު މިހާރު ތަރުޖަމާ ކުރަންވާނީ މިހާރުގެ ނިޒާމީ ބަދަލުތަކަށް ތަންދީގެންނެވެ. އެހެންކަމުން، ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާގޮތަށް، އަލުން ބަލަން ތަޙުވީލު ކުރަންޖެހޭ ބާވަތުގެ މައްސަލައަކީ، ދަޢުވާއާގުޅޭ ޝަރީޢަތް ހިންގައި، ކަންހިނގާފައިވާގޮތް ކުރިން ބަލައި، ވާޤިއާތަކާއި އުންސުރުތަކާމެދު ކުރިން ގޮތްނިންމާފައިވާ މައްސަލައަކަށް ވާނަމަކަމަށް ދެކެމެވެ.
56ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (1) ޤަޟިއްޔާއަކީ އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ މައްޗަށް ދައުލަތުން ހުށަހެޅި ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުންބެލި ޤަޟިއްޔާގެ އިބްތިދާއީ މަރުޙަލާގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެދަށުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ދައުލަތުގެ ދަޢުވާ ބަލާނެތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށް ނިންމާފައިވާ މައްސަލައެކެވެ. އަދި އެ ނިންމުމުގެ 28 ވަނަ ޕެރެގްރާފްގައި، ދަށުކޯޓުގެ ޤަޟިއްޔާ ކުރިއަށް ގެންދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅާފައިވަނީ، މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާމެދު 30 މީގެފަހުން "ކޯޓުތަކުގެ ޤާނޫނު" ޤާނޫނުކަމަށް ބުނެފައިވާ. ކްރިމިނަލް ކޯޓުން ނިންމިގޮތުގެ ސަބަބުންކަމަށްވާތީ، އެ މައްސަލައިގެ މައުޟޫޢުއާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، އެ މައްސަލައަކީ އެ ކޯޓުން ބަލައިގަނެ ކުރިއަށް ގެންދަންވާނެ މައްސަލައެއްކަމަށް ކަނޑައަޅުއްވާފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (1) ޤަޝިއްޔާގައި، މައްސަލަ ތަޙުވީލު ކުރުމުގެ ބަދަލުގައި، އެ މައްސަލަ ދައުލަތުން އަލުން ހުށަހަޅައިފިނަމަ ކުރިއަށް ގެންދަންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވަނީ، ޤާނޫނުއަސާސީއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ ދަޢުވާކުރުމާއި ދަޢުވާ އަނބުރާ ގެނައުމުގެ ބާރަށް އިޙުތިރާމު ކުރުމާއެކު، އެ މައްސަލައަކީ މައުޟޫޢީގޮތުން ބަލާފައިވާ މައްސަލައަކަށް ނުވާތީކަމަށްދެކެމެވެ.
57މި މައްސަލައަކީ، ކަންހިނގާފައިވާގޮތް ބަލައި، މައްސަލައިގެ ވާޤިޢާއަކާމެދު ގޮތެއްނިންމައި، ތުހުމަތުކުރެވޭ ކުށާމެދު ޤާނޫނީގޮތެއް ކަނޑައަޅައި، މައުޟޫޢީގޮތުން އެއްވެސް މިންވަރަކަށް ޝަރީޢަތެއް ކޮށްފައިވާ މައްސަލައެއްނޫނެވެ. އަދި ދަޢުވާގައިވާ ކުށުގެ ވާޤިޢާއަކާމެދު ނުވަތަ ކުށުގެ އުންޞުރެއް ފުރިހަމަވުމާމެދު ގޮތެއްކަނޑައަޅައި، މުއްތަހަމު ކުށްވެރިވުމާމެދު ނުވަތަ މައުޞޫމުކަމާމެދު ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއްވެސްނޫނެވެ. އިބްތިދާއީ މަރުޙަލާގައި އިޖުރާއީ ސަބަބުތައް، މަތިމަތިން ބަލައި ވަޒަންކުރުމަށްފަހު ގޮތެއްނިންމާފައިވާ މައްސަލައެކެވެ.
58HN6ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)ގައި، މަތީމަރުޙަލާގެ ކޯޓުތަކުގެ ނިންމުމަށް އެއަށްވުރެ ދަށުމަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބުނެފައިވެއެވެ. އެހެންކަމުން، މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (1) ޤަޝިއްޔާގައި ކަންހިނގިފަދައިން، އިބްތިދާއީ މަރުޙަލާގައި ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވާ މައްސަލައަކަށްވާތީ، މައުޟޫޢުގައި ގޮތެއްކަނޑައެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި މައްސަލަ އަލުން ކޯޓަށް ހުށަހަޅައިފިނަމަ، މައްސަލަ ބަލައިގަނެ، ޝަރީޢަތުގެ މަރުޙަލާއާ ހަމައިން ކުރިއަށް ގެންދަންޖެހޭ މައްސަލައެއްކަމަށް ދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
59އިސްވެ ބަޔާންކުރި ސަބަބުތައް އެގޮތުގެމަތިން ހުރުމުން؛
59.1 އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކޮށްފައިވާ ޢާއިލާގެ މީހަކާއެކު ބަދުއަޚްލާޤީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ބާޠިލްކަމަށް މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމުން"ގައި ކަނޑައަޅުއްވާފައިވާބައި ބާޠިލުކަމަށް ކަނޑައަޅައި؛ އަދި
59.2 މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ޤަޟިއްޔާއިން ބަލާފައިވާ ދަޢުވާ، މި މައްސަލަ ނިންމާ ތާރީޚުން ފެށިގެން މަސައްކަތު 10 (ދިހައެއް) ދުވަހުގެތެރޭގައި، ދައުލަތުން އަލުން ހުށަހަޅައިފިނަމަ، އެ މައްސަލަ ކޯޓުން ބަލައިގަނެ، އިބްތިދާއީ މަރުޙަލާ ނިމުނުކަމަށް ކަނޑައަޅައި، ޝަރީޢަތުގެ މަރުޙަލާއިން ފެށިގެން މައްސަލަ ކުރިއަށް ގެންދިޔުމަށް އަންގައި، މި އިސްތިއުނާފުގެ މައްސަލަ ނިންމަންފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު
60މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު
61މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، [REDACTED] މުޙައްމަދު އަންސާމްގެ މައްޗަށް ކޮށްފައިވާ ޢާއިލާގެ މީހަކާއެކު ބަދުއަށްލާޤީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ބާޠިލްކަމަށް [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު "ސަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި ކަނޑައަޅާފައިވާބައި ބާޠިލުކޮށް، [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު [REDACTED] ޤަޟިއްޔާއިން ބަލާފައިވާ ދަޢުވާ، މި މައްސަލަ ނިންމާ ތާރީޚުން ފެށިގެން މަސައްކަތު 10 (ދިހައެއް) ދުވަސްތެރޭގައި، ދައުލަތުން މުޙައްމަދު އަންސާމްގެ މައްޗަށް އަލުން ހުށަހަޅައިފިނަމަ، އެ މައްސަލަ ކޯޓުން ބަލައިގަނެ، އިބްތިދާއީ މަރުޙަލާ ނިމުނުކަމަށް ކަނޑައަޅައި، ސަރީޢަތުގެ މަރުޙަލާއިން ފެށިގެން މައްސަލަ ކުރިއަށް ގެންދިޔުމަށް އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)
ފުޓްނޯޓު
- ދިވެހިރާއްޖެއްކަން އަންގައިދޭކާޑު ނަންބަރު
- މީގެފަހުން "ޤާނޫނު ނަންބަރު 12/2009" ކަމަށް ބުނެފައިވާ.
- މީގެފަހުން "ޤާނޫނުލްޢުޤޫބާތު" ކަމަށް ބުނެފައިވާ.
- އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހަޅާ ފޯމު (29 ސެޕްޓެންބަރު 2020) ގެ 3 ވަނަ ޞަފްޙާ.
- އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހަޅާ ފޯމު (29 ސެޕްޓެންބަރު 2020) ގެ 14 ވަނަ ޞަފްޙާ.
- އިސްތިއުނާފު ކޮށްފައިވާ "ޝަރީޢަތުގެ ކުރިން ހުށަހެޅުމާމެދު ނިންމި ނިންމުން"ގެ 34 ވަނަ ޕެރެގްރާފު.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-N-A/03 ޤަޟިއްޔާ.
- އިސްތިއުނާފުކުރެވޭ ނިންމުމުގެ 35 ވަނަ ޕެރެގްރާފް.
- އިސްތިއުނާފުކުރެވޭ ނިންމުމުގެ 36 ވަނަ ޕެރެގްރާފް.
- އިސްތިއުނާފުކުރެވޭ ނިންމުމުގެ 37 ވަނަ ޕެރެގްރާފް. ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 8 ޝަރީޢަތް ނިމުނުގޮތް 2024/HC-B12/55
- މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު"ކަމަށް ބުނެފައިވާ.
- މީގެފަހުން "ފަނޑިޔާރުންގެ ޤާނޫނު"ކަމަށް ބުނެފައިވާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/30 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/23 ޤަޝިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 ޤަޝިއްޔާ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/170 ޤަޟިއްޔާ. މީގެފަހުން "ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/170 ޤަޟިއްޔާ"ކަމަށް ބުނެފައިވާ.
- މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ގަވާއިދު"ކަމަށް ބުނެފައިވާ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/112 ޤަޝިއްޔާ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/112 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/112 ޤަޝިއްޔާގެ 12 ވަނަ ނުކުތާ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/112 ޤަޝިއްޔާގެ 18 ވަނަ ނުކުތާ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/112 ޤަސިއްޔާގެ 19 ވަނަ ނުކުތާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/108,109,110 ޤަސިއްޔާ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/112 ޤަސިއްޔާ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/170 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/112 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/112 ޤަޝިއްޔާ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/183 ޤަޝިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/12 ޤަޝިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/12 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/12 ޤަޝިއްޔާ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 44، 46، 85، 119 (ހ) (2) އަދި 120 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާ (ށ)
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާ (ދެވަނަ ދަޢުވާ)
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 118 ވަނަ މާއްދާ
- ހައިކޯޓުގެ 2022/HC-A/112 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޢީސާ)
- ހައިކޯޓުގެ 2023/HC-A/170
- ހައިކޯޓުގެ 2020/HC-A/183 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފުއާދު)
- ސުޕްރީމް ކޯޓުގެ 2021/SC-A/12 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (1))
- ސުޕްރީމް ކޯޓުގެ 2020/SC-A/108,109,110 (ޢަލީ ޒުބައިރު އާއި އިތުރު ދެމީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.