ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ސިއްރުކޮށްފައި
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކޯޓުގެ ނަން ސިއްރު ކުރެވިފައި xxx
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާއެއް، ހައްޔަރުކުރިއިރާއި ތަޙްޤީޤުގައި އެ ނަމުން ތުހުމަތު ބަޔާންނުކުރުމުގެ ސަބަބުން (2020/HC-A/108 އަށް ހަވާލާދީ) ޝަރީޢަތް ހިންގުމަށްފަހު ދަށު ކޯޓުން ބާޠިލުކުރުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޤާނޫނާ އެއްގޮތްވާ ނިންމުމެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ނިންމުން ބާޠިލު، މައުޟޫޢީ ޙުކުމަކަށް އަލުން ބެލުމަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގައި މައުޟޫޢީ ގޮތުން ނުބަލާ ގޮތެއް ނިންމޭނެ އިޢުތިރާޟު ހުށަހެޅޭނީ ޝަރީޢަތް ފެށުމުގެ ކުރިންނެވެ. ޝަރީޢަތް ފެށުމާއެކު އެ ދޮރު ބަންދުވެއެވެ. އިސްތިސްނާއަކީ 119 ވަނަ މާއްދާގެ (ށ) ގައިވާ، ޝަރީޢަތް ފެށުމަށްފަހު ހާމަވާ ހެކި އެކަންޏެވެ. އެއިން ބޭރުން ޝަރީޢަތް ފެށުމަށްފަހު އެފަދަ ހުށަހެޅުމަށް ފުރުޞަތު ދިނުމަކީ ޖިނާއީ އިޖުރާއަތުގެ ތަރުތީބު ގެއްލޭ ކަމެކެވެ.
HN2 ކޮންމެ ޖިނާއީ ދަޢުވާއެއްގައި ހިމެނޭ ކުށް އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤުކުރެވިފައި އޮންނަންވާނެއެވެ (ޤާނޫނުއަސާސީގެ 50 ވަނަ މާއްދާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 5 (ހ)). ނަމަވެސް ކުށާ ގުޅޭ މަޢުލޫމާތު ދެވިފައިވޭތޯއާއި އެކަށީގެންވާ ތަޙްޤީޤެއް ކުރެވިފައިވޭތޯ ބަލަންޖެހެނީ ކޮންމެ މައްސަލައެއް ވަކިން، އޭގެ ވަށައިގެންވާ ކަންކަމަށް ބަލައިގެންނެވެ.
HN3 ޤާނޫނުއަސާސީގައި ތުހުމަތުކުރެވޭ މީހާ (suspect) އާއި ދަޢުވާ އުފުލިފައިވާ މީހާ (accused) އާ ދެމެދު ތަފާތުކޮށްފައިވެއެވެ. ހައްޔަރުކުރެވޭ މީހާއަށް ލިބޭ ދުސްތޫރީ ޙައްޤަކީ ހައްޔަރުކުރި ސަބަބު ވަގުތުން އެންގުމެވެ؛ ތުހުމަތުކުރެވޭ ކުށް ކޮން ޤާނޫނެއްގެ ކޮން ކުށެއްކަން އެންގުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އިޖުރާއީ ޝަރުޠެއް، ދުސްތޫރީ ޙައްޤެއް ނޫނެވެ. ދަޢުވާގެ ބާވަތާއި ސަބަބު ލަސްނުކޮށް ދޭހަވާ ބަހުން އެނގުމަކީ ދަޢުވާ އުފުލިފައިވާ މީހާގެ ދުސްތޫރީ ޙައްޤެކެވެ (ޤާނޫނުއަސާސީގެ 51 (ހ)، ICCPR 14 (3) (a)).
HN4 ހައްޔަރުކުރާއިރު ނުވަތަ ތަޙްޤީޤުގައި ޤާނޫނުގައިވާ ނަމުން ވަކި ކުށަކަށް ތުހުމަތު ބަޔާންނުކުރުމުގެ ނަތީޖާއަކީ ދަޢުވާ ކޯޓުން ބޭރުވުމެއް ނޫނެވެ؛ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 85، 87، 91 ވަނަ މާއްދާތަކުން ވެސް މިކަން ދޭހަވެއެވެ. އެފަދަ ޙާލަތެއްގައި ކޯޓުން ބަލަންޖެހެނީ، (1) ކުށުގެ ޢަމަލާ ގުޅިގެން އެކަށީގެންވާ ތަޙްޤީޤެއް ކުރެވިފައިވޭތޯއާއި، (2) މަޢުލޫމާތު ނުދިނުމުން ދަޢުވާ ތުހުމަތުކުރެވޭ ފަރާތަށް އޮޅިފައިވޭތޯއާއި ދިފާޢު ތައްޔާރުކުރުމަށް ހުރަސް އެޅިފައިވޭތޯއެވެ.
HN5 ހައްޔަރުކުރާއިރު، ހައްޔަރުކުރާ ސަބަބާއި ކޮން ޤާނޫނެއްގެ ދަށުން ކަމާއި ކޮން ކުށެއްކަން ދެނެގަނެވޭ ފަދަ މަޢުލޫމާތު ދިނުމުން އިޖުރާއީ ޝަރުޠު ފުރިހަމަވެއެވެ؛ 82 ވަނަ މާއްދާގެ (ރ) ގައިވާ ތަފްޞީލަކީ ދަޢުވާގައި ބަޔާންކުރަންޖެހޭ ތަފްޞީލެކެވެ. ގަދަކަމުން ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމުގެ ތުހުމަތާއި ރޭޕާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ތުހުމަތުތައް ބަޔާންކުރުމުން ޖިންސީ ގޯނާގެ އުންސުރުތަކުގެ މަޢުލޫމާތު ދެވިފައިވާކަމަށް ބެލެވޭނެއެވެ.
HN6 އިޖުރާއަތުގައި އުނިކަމެއް ހުރިކަމަށް ބަލާ ޙާލަތުގައިވެސް، ތުހުމަތުކުރެވޭ ފަރާތް ތަޙްޤީޤުގައި ހަނުހުރެފައިވާނަމަ ދިފާޢު ތައްޔާރުކުރަންޖެހެނީ ޝަރީޢަތުގެ މަރުޙަލާއަށް ކަމަށްވާތީ، ޝަރީޢަތުގެ މަރުޙަލާގައި ކުށާ ގުޅޭ މަޢުލޫމާތު ދިނުމުން އެ އިޖުރާއީ އުނިކަން ރަނގަޅުކުރެވޭނެއެވެ.
HN7 ހައިކޯޓުގެ 2020/HC-A/108 ޤަޟިއްޔާގައި ކަނޑައެޅި އުޞޫލަކީ ތުހުމަތު ކުރެވުނު ކުށް އެކަށީގެންވާ މިންވަރަށް ތަޙްޤީޤުކުރުމުގެ އުޞޫލެވެ؛ ވާޤިޢާ ތަފާތު މައްސަލައަކަށް އެ ޤަޟިއްޔާ އެއްގޮތަކަށް ތަޠުބީޤުކޮށް ދަޢުވާ ބާޠިލުކުރުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، (މިރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އަދި ފަނޑިޔާރު
ޢަބްދުލްމާނިޢު ޙުސައިން ތާޢީދު ކުރެއެވެ.)
ތަޢާރަފު
1މިއީ، ހުވަދުއަތޮޅު އުތުރުބުރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 228/ 2008 ޤަޞިއްޔާ އެކޯޓުން ނިންމާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ("ދައުލަތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ 1 / (" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
2އިސްތިއުނާފު ރައްދުވާ ފަރާތަށް ވަކީލަކު އައްޔަންކުރުމަށް އަންގައި 23 މެއި 2023 ގައި ފޮނުވި އެންގުމުން 25 މެއި 2023 ގައި ވަނީ ހަވާލުވެފައެވެ. އޭގެ ފަހުން، 12 މާރިޗް 2024 ދުވަހު ބޭއްވުނު އަޑުއެހުން ބޭއްވުމާއި ހަމައަށްވެސް ވަކީލަކު އައްޔަންކޮށްފައެއް ނުވެއެވެ. އަދި އެދުވަހު ބޭއްވުނު އަޑުއެހުމުގައި ވަކީލު އައްޔަންކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ބުނެފައިވެއެވެ. އެގޮތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ވަކީލަކު އައްޔަންކުރުމަށް އިތުރު ފުރުސަތެއް ދީ، ދެން އަންނަ އަޑުއެހުމަކަށް ވަކީލާއެކު ޙާޟިރުވުމަށާއި، އެދުވަހުގެ އަޑުއެހުމަށް ވަކީލު އައްޔަންކޮށްފައިނުވާނަމަ، ދެން ޖަވާބުދާރީވާންޖެހޭނީ އަމިއްލައަށްކަމަށް ޝަރީޢަތުން އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާފައިވެއެވެ.
3އޭގެފަހުން، 2024 ޖުލައި 08 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޙާޟިރުވެފައިވަނީ ވަކީލަކާއި ނުލައެވެ. އަދި ވަކީލް އައްޔަންކޮށްފައިނުވާ ސަބަބެއްކަމަށްބުނެފައިވަނީ އޭނާ މިމައްސަލައަށް އައްޔަންކުރަން ބޭނުންވަނީ ދެވަކީލުންކަމަށާއި، މިކަމަށް އޭނާގެ މާލީ ހާލަތު ތަން ނުދޭކަމަށެވެ. 1 އައި.ޑީ. ކާރޑް ނަންބަރު އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ދައުލަތުގެ އެހީގައި ވަކީލަކު އައްޔަންކުރުމަށްވެސް މަސައްކަތްކުރިކަމަށާއި، ނަމަވެސް މިބާވަތުގެ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކީލުން އައްޔަން ނުކޮށްދޭކަމަށް އޭނާއަށް މަޢުލޫމާތު ދީފައިވާކަމަށެވެ. މިކަމާއި ގުޅިގެން ޕްރޮސިކިއުޝަން އާއި ސުވާލުކުރުމުން ޕްރޮސިކިއުޝަންގެ ފަރާތުންވެސް ބުނެފައިވަނީ ދައުލަތުން ވަކީލު ހަމަޖައްސާދެނީ 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލު ޙުކުމް އަންނަ މައްސަލަތަކުގައިކަމަށާއި، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ކުށް ސާބިތުވާ ޙާލަތުގައި އަންނާނީ 3 އަހަރާއި 7 އަހަރާއި ދެމެދުގެ ޙުކުމަކަށްވާތީ، މިމައްސަލައިގައި ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސައި ނުދޭނެކަމަށެވެ.
4އެހެންކަމުން، މިމައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަށް ދެފަހަރެއްގެ މަތިން ވަކީލަކު އައްޔަންކުރުމަށް ފުރުސަތު ދެވިފައިވާތީއާއި، ދެން އޮންނަ އަޑުއެހުމަކަށް ވަކީލަކު އައްޔަންކޮށްފައިނުވާނަމަ ކުރިއަށް ދެވޭނީ ވަކީލަކާނުލައި ކަމަށް އަންގާފައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުދާރީވެފައިވަނީ ވަކީލަކާ ނުލައެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
529 އޮގަސްޓް 2018 ދުވަހުގެ 20:25 އެހަކަށްހައިރު، އަނިޔާ ލިބުނު ފަރާތް (ރަށާއި ގޭގެ އެޑްރެސް އުނިކުރެވިފައި), ދިރިއުޅޭ ކޮޓަރިއަށް ގެންގޮސް އަނިޔާ ލިބުނު ފަރާތުގެ ނުރުހުމުގައި އޭނާ ލައިގެންހުރި ހެދުމާއި، ތިރިން ލައިގެންހުރި ޖިންސާއި ޖަނގިޔާ ގަދަކަމުން ބާލުވައި، އަނިޔާލިބުނު ފަރާތުގެ ކުރިމަތިފަރާތް އޭނާގެ ރުހުމަކާނުލައި، ހާމަކޮށްފައިވާތީއާއި، މީނާ ލައިގެން ހުރި އަންނައުނު އަމިއްލައަށް ބާލައި މީނާގެ ކުރިމަތި ފަރާތް އަނިޔާލިބުނު ފަރާތުގެ ކުރިމަތި ފަރާތަށް ގަދަކަމުން ކޮށްޕަން އުޅެފައިވާކަމަށްބުނެ ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ
(ހ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، [REDACTED] ގެ މައްޗަށް ދައުލަތުން ހުވަދުއަތޮޅު އުތުރުބުރީ [REDACTED] މެޖިސްޓްރޭޓްގައި ކޮށްފައިވެއެވެ.
6ބުނެވުނު ދަޢުވާ ހުވަދު އަތޮޅު އުތުރުބުރީ [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2018/ [REDACTED] 228 ޤަޝިއްޔާއިން ބަލައި ނިންމާފައިވަނީ، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ހައްޔަރުކުރެވުނުއިރު، އަދި ތަޙުޤީޤުގައި އޭނާއަށް ސުވާލުކުރިއިރު ތުހުމަތު ކުރެވުނު ކުށަކަށް ނުވާތީއާއި، މި ކުށާއި ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އެއްވެސް ތަޙުޤީޤެއް ހިންގާފައިނުވާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްމާއީލް ނާހިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް މިއީ ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށެވެ. ހުވަދުއަތޮޅު އުތުރުބުރީ [REDACTED] މެޖިސްޓްރޭޓް ކޯޓުން ނިންމި ގޮތް:
7ދައުލަތުން ހުށަހެޅި މި ދަޢުވާ، ހުވަދުއަތޮޅު އުތުރުބުރީ [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 228/ [REDACTED] ޤަޝިއްޔާއިން ބަލައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން، ދައުލަތުން (އެޑްރެސް އުނިކުރެވިފައި) [REDACTED] ގެ މައްޗަށް ކުޅަ ޖިންސީ ގޯނާކުރުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ނަޒަރުކުރި ހިނދު، [REDACTED] ގެ މައްޗަށް ދަޢުވާ އުފުލާފައިވާ ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދަޢުވާއަކީ މިމައްސަލައިގައި [REDACTED] ޙައްޔަރުކުރެވުނު އިރު އަދި ތަޙުޤީޤުގައި އޭނާއަށް ސުވާލުކުރިއިރު ތުޙުމަތު ކުރެވުނު ކުށަކަށް ނުވާތީއާއި، މިކުށާއި ގުޅިގެން [REDACTED] ގެ މައްޗަށް އެއްވެސް ތަޙުޤީޤެއް ހިންގާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްމާއީލް ނާހިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް މިއީ ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި މިމައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކޮށް މައްސަލަ ނިންމިއެވެ. އިސްތިއުނާފީ ނުކުތާތައް:
8ހުވަދު އަތޮޅު އުތުރުބުރީ އެވެ. މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2018/222/ ޤަޝިއްޔާ ބަޔާންވެދިޔަ ގޮތަށް ނިންމުމުން، އެނިންމުމަކީ ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ތިރީގައިވާ ނުކުތާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅައި އެނުކުތާއާއިމެދު ތަފްޞީލުކޮށް ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީ؛
8.1. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
9އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ތަފްޞީލުކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ތަފްޞީލުކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްޞީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމެވެ. މިގޮތުން؛
9.1- އިސްތިއުނާފީ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ޕްރޮސިކިއުޝަނުން ބުނެފައިވަނީ މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ދައުވާފޯމް ބާޠިލްކޮށްފައިވަނީ ތަޙުޤީޤު މަރުހަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވާ ޤާނޫނީ އިންޒާރުގައި ޖިންސީ ގޯނާކުރުމުގެ ކުށް ނުހިމެނޭތީކަމަށެވެ. އަދި ދަށު ކޯޓުގެ މިނިންމުން ބިނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/108 ޤަޟިއްޔާގެ ނިންމުމަށް ބިނާކޮށް ނަމަވެސް، މި ދެ މައްސަލަ ވަރަށް ތަފާތުކަމަށެވެ. އިޝާރާތްކުރެވުނު ހައިކޯޓުގެ މައްސަލައިގައި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް އުފުލިއިރު، ތަޙުޤީޤުހައި އޭނާއަށް ޤާނޫނީ އިންޒާރު ދީފައިވަނީ ހަމައެކަނި މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށަށްކަމަށެވެ. ނަތީޖާއެއްގެ ގޮތުން، ޤާނޫނުއާސީއިން އޭނާއަށް ލިބިދޭ އަސާސީ ހައްޤަކަށް އުނިކަން ލިބުނުކަމަށެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރުމާ ގުޅިގެން ތަޙުޤީޤުގައި އޭނާއާ އެއްވެސް މިންވަރަކަށް ސުވާލުކުރެވިފައި ނެތްކަމަށެވެ.
9.2- އިޝާރާތްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާގައި ފާހަކޮށްފައިވާ ކަންކަމުން އެނގެނީ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ލިބިދެވިފައިވާކަމަށް ބަލާ މިންގަނޑަކީ، އެކަށީގެންވާ ތަޙުޤީޤެއް ކުރެވިފައިވޭތޯ މިމިންގަނޑުކަމަށެވެ. އެމިންގަނޑު މިމައްސަލައަށް ތަޠުބީޤުކުރުމަށް ބަލާއިރު ރަނގަޅުކަމަށެވެ. ޖިންސީ ގޯނާކުރުމުގެ ކުށް ޤާނޫނީ އިންޒާރުގައި ހިމެނޭ ތުހުމަތުތަކުގެ ތެރޭގައި ނުހިމެނޭކަމަށެވެ. ނަމަވެސް އެއަށްވުރެ ބޮޑު ކުށެއްކަމުގައިވާ ރޭޕްކުރުމާއި، ޖިންސީ އަނިޔާގެ ކުށުގެ ތުހުމަތު ޤާނޫނީ އިންޒާރުގައި ހިމެނޭކަމަށެވެ. އެ ތުހުމަތުގެ އަސާސަކީ 29 އޮގަސްޓް 2018 ދުވަހު އަނިޔާ ލިބުނު ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ގަދަކަމުން ބަދުއަޚުލާޤީ ޢަމަލެއް ހިންގާފައިވުންކަމަށް ޤާނޫނީ އިންޒާރުގައި ބަޔާންކޮށްފައިވާކަމަށާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ޖިންސީ ގޯނާގެ ކުށުގެ ދަޢުވާ އުފުލާފައިވަނީވެސް އެ އަސާސްގެ މައްޗަށްކަމަށެވެ. ވީމާ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ޢަމަލު އެކަށީގެންވާ ގޮތެއްގައި ތަޙުޤީޤުކުރެވި އެތުހުމަތާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތާއި ތަޙުޤީޤުހައި ސުވާލުކޮށްފައިވާކަމާމެދު ޝައްކެއް ނެތްކަމަށެވެ. އަދި އެ ތުހުމަތާއި ގުޅިގެން ދޭންޖެހޭ އަސާސީ ޙައްޤުތައްވެސް އިސްތިއުނާފު ރައްދުވާ ފަރާތަށް ކަށަވަރުކޮށްދީފައިވާކަމަށެވެ. އެހެންކަމުން އިޝާރާތްކުތެވުނު ހައިކޯޓު ޤަޟިއްޔާ މިމައްސަލައަށް ތަޠުބީޤުކުރެވޭނެ ޙާލަތެއްނެތްކަމަށެވެ. މިކަންކަން ވަރަށް ތަފްޞީލްކޮށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތް:
10އިސްތިއުނާފުކުރާ ފަރާތުން މިމައްސަލައިގ އެދިފައިވަނީ، ހުވަދު އަތޮޅު އުތުރުބުރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2018/ 228/ ޤަޝިއްޔާގެ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅުއްވައި، އެނިންމުން ބާޠިލުކޮށްދެއްވައި މައުޟޫޢީ ގޮތުން މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް މައްސަލަ ތަހުވީލުކޮށްދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
11އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ބުނެފައިވަނީ މި މައްސަލައިގައި ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް އެނގޭއިރު އެ ޙައްޤުތައް ނިގުޅައިގަނެ ފުރިހަމަނުވާ ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ކުރިއަށް ގެންގޮސް އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާނަމަ އެވަނީ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް އެއްފަރާތް ކުރުމަށްފަހު ކުރެވޭ ޙުކުމަކަށްކަމަށެވެ. އަދި މި މައްސަލައަކީ ހެކި ވަޒަންކޮށް ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށް ޝަރީޢަތަށް ނުފެންނަކަމަށާއި، އަދި މި މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށް މައްސަލަ ނިންމަން ފެންނަކަމަށް ދަށު ކޯޓުން ނިންމާފައިވާކަމަށެވެ. އެހެންކަމުން މިމައްސަލައަކީ ޖިނާއީ އިޖުރާއަތާއި ޚިލާފަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި، މިމައްސަލައަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ސާބިތުވާނެ މައްސަލައެއް ނޫންކަމަށެވެ. އަދި މިމައްސަލައިގައި އޭނާ ހައްޔަރުކުރިއިރު ޤާނޫނީ އިންޒާރެއް ދީފައިނުވާކަމަށާއި، މިމައްސަލައިގައި އެއްވެސް ހެއްކެއް ޤަރީނާއެއް ވެސް ނެތުމުން މިއީ އޭނާގެ މައްޗަށް ސާބިތުވާނެ މައްސަލައެއް ނޫންކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭ ގޮތް:
12އިސްތިއުނާފު ރައްދުވާ ފަރާތުން މިމައްސަލައިގައި އެދިފައިވަނީ މިމައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށް މައްސަލަ ހައިކޯޓުން ބޭރުކޮށްދެއްވުމަށެވެ. ޝަރީޢަތުން ފާހަގަކުރާ ކަންކަން:
13މިމައްސަލައާއި ގުޅިގެން ހުވަދު އަތޮޅު އުތުރުބުރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 228/ /2018 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޝަނުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
14މިމައްސަލައިގައި ޕްރޮސިކިއުޝަނުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެނުކުތާގައި ބަޔާންކުރަނީ، މިމައްސަލަ ދަށު ކޯޓުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށެވެ. ޤާނޫނުއަސާސީން ޙަވާލާދޭ އެއަކުރުގައި ބަޔާންކުރަނީ؛ "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުމްތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެއެއެވެ."
15HN7ޕްރޮސިކިއުޝަނުން ބަޔާންކުރާ ގޮތުން، ދަށު ކޯޓުން މިމައްސަލަ ނިންމިއިރު، ޙަވާލާދިން ހައިކޯޓުގެ ނަންބަރު: 2020/HC-A/108 ޤަޟިއްޔާ އާއި އިސްތިއުނާފު ކުރެވިފައިވާ މައްސަލައާ ވާޤިއީ ގޮތުން ތަފާތެވެ. ވީމާ، ދަށު ކޯޓުން ހައިކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާއަށް ޙަވާލާދީ މިމައްސަލަ ނިންމާފައިވަނީ ރަނގަޅަކަށް ނޫނެވެ. ދަށުކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔަ ގޮތް:
16މިދަޢުވާ އާއި ގުޅިގެން، އިބްތިދާއީ މަރުޙަލާ ކުރިއަށްގެންގޮސް، ޝަރީޢަތުގެ ކުރިން ހުށަހަޅާނެ ހުށަހެޅުމެއް އޮތްނަމަ، އެހުށަހެޅުން ހުށަހެޅުމަށް ފުރުޞަތު ދީފައިވެއެވެ. ޕްރޮސިކިއުޝަނުންވެސް އަދި ދަޢުވާ ރައްދުވި ފަރާތުންވެސް ޝަރީޢަތުގެ ކުރިން ހުށަހެޅުމެއް ހުށަހަޅާފައެއް ނެތެވެ.
17އެހެންވެ، ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް މިދަޢުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދޭވެނެ ދަޢުވާއެއް ކަމަށް ކަނޑައަޅާ ޝަރީޢަތް ފަށާފައިވެއެވެ. އަދި ދަޢުވާއަށް ދަޢުވާ ލިބޭ ފަރާތުން އިންކާރު ކުރާތީ، ދަޢުވާ ސާބިތު ކުރުމަށް ޕްރޮސިކިއުޝަނުން ހެކި ހުށަހަޅާފައިވެއެވ.
18ދަޢުވާ ލިބޭ ފަރާތުން، ޝަރީޢަތުގެ މަރުޙަލާގައި ދެ އިޢުތިރާޟެއް ހުށަހަޅާފައިވެއެވ. ފުރަތަމަ އިޢުތިރާޟަކީ، ދަޢުވާ ކޯޓަށް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތު ފާއިތުވި ފަހުންކަމަށްބުނެ ހުށަހެޅި އިޢުތިރާޟެވެ. ދެވަނަ އިޢުތިރާޟަކީ، ޕްރޮސިކިއުޝަނުން ދަޢުވާ ކޮށްފައިވަނީ ތަޙުޤީޤުގައި ތުހުމަތުނުކުރާ ކުށަކަށްކަމަށްބުނެ ހުށަހެޅި އިޢުތިރާޝެވެ.
19ބަޔާންވެދިޔަ ދެ އިޢުތިރާޝުވެސް ޝަރީޢަތުން ބަލައިގަންފައެއް ނުވެއެވެ. އެއިޢުތިރާޝްތައް ބަލައިނުގަތް ސަބަބުތައް ދަށު ކޯޓުގެ ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. ދެވަނައަށް ހުށަހެޅި އިޢުތިރާޟް ބަލައި ނުގަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:2016/HC-A/430 ޤަޟިއްޔާއަށް ޙަވާލާދީއެވެ.
20HN1ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 117 ވަނަ މާއްދާ ބަޔާން ކުރާގޮތުން، ޝަރީޢަތުގައި މަޢުޟޫޢީގޮތުން ބެލުމަކާއި ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޟެއް، ނުވަތަ ހުށަހެޅުމެއް، މައްސަލައިގައި ހިމެނޭ ފަރާތަކަށް ޝަރީޢަތް ފެށުމުގެ ކުރިން ކޯޓަށް ހުށަހެޅިދާނެއެވެ. ވީމާ އުޞޫލެއްގެ ގޮތުން، އިޢުތިރާޟެއް ހުށަހެޅޭނީ ޝަރީޢަތް ފެށުމުގެ ކުރިންނެވެ. ޝަރީޢަތް ފެށުމާއެކު އެދޮރު ބަންދު ވާނެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 119 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިސްނާކޮށްފައިވަނީ، ޝަރީޢަތް ފެށުމަށްފަހު ހާމަވާ ހެއްކާމެދު ގައެވެ.
4 ޤާނޫނު ނަންބަރު 12/2016
21ވީމާ ޝަރީޢަތް ފެނުމުގެ ކުރިން، ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކިކަމަށް ހުށަހަޅަން ޖެހުނަސް، ޝަރީޢަތް ފަށާފަހުން ހާމަވާ ހެކިތަކަށް މި ޢާންމު އުޞޫލު ނުހިނގާކަން އެނގެއެވެ. އެގޭ ސަބަބު ވަރަށް ސާފެވެ. އެއީ، ޝަރީޢަތް ފެނުމުގެ ކުރިން އެފަދަ ހެއްކެއް ހާމަވެފައި ނުވުމުގެ ސަބަބުން އެއަށް އިޢުތިރާޟު ކުރެވޭނެ ފުރުޞަތު ނޯންނާނެތީއެވެ. ޝަރީޢަތް ފެށުމަށްފަހު، ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް ހުއްދަ ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ތަރުތީބުގެއްލޭނެ ކަމެއްކަމަށްވާތީ، ޤާނޫނުގައި ބަޔާންކުރާ އިސްތިސްނާއީ ޙާލަތުގައި މެނުވީ ޝަރީޢަތުގެ ކުރިން ހުށަހަޅާންޖެހޭ ހުށަހެޅުމެއް ހުށަހަޅަން ޝަރިޢަތް ފެށުމަށްފަހު ފުރުޞަތު ދީގެން ނުވާނެއެވެ.
22ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި، ދަޢުވާ ލިބޭ ██████████ ގެ މައްޗަށް އުފުލި ދަޢުވާއަކީ، ޤާނޫނު ނަންބަރު: 17/2014 (ޖިންސީކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ
(ރ)ގެ ދަށުން ޖިންސީގޯނާ ކުރުމުގެ ކުށުގެ ދަޢުވާއެވެ. މިދަޢުވާއާއި ގުޅިގެން ޝަރީޢަތުން ހުއްދަދީގެން ދަޢުވާލިބޭ ފަރާތުން ޝަރީޢަތް ފެށިފަހުން ހުށަހެޅި ދެ އިޢުތިރާސްވެސް ޝަރީޢަތަށް ބަލައިގަންފައެއް ނުވެއެވެ.
23އެއަށްފަހު މިދަޢުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދަޢުވާއެއްކަމަށް ޝަރީޢަތުން ކަނޑައަޅާފައިއެވެ. އަދި ދަޢުވާ ލިބޭ ފަރާތުން ދަޢުވާއަށް އިންކާރު ކުރާތީ، ދަޢުވާ ސާބިތު ކުރުމަށް ޕްރޮސިކިއުޝަނުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާފައި ވެއެވެ. އޭގެ ފަހުން، ޚުލާޞާ ބަޔާން ހުށަހަޅާ ފައިވާކަންވެސް އެނގެން އޮވެއެވެ. ނަމަވެސް މައްސަލައިގެ ވާޤިއާތަކުގެ މައްޗަށް ހުށަހެޅުނު ހެކިތަކުން ލިބޭ ބުރަދަން ބަލައި މައްސަލައިގެ މައުޟޫއަށް ޙުކުމެއް ކޮށްފައެއް ނެތެވެ. މިމައްސަލައިގެ ޝަރީޢަތްކޮށް ނިންމުމަށްފަހު، އިޖުރާއީ ކަމަކާއި މަތިކޮށް، މިދަޢުވާ މިވަނީ ދަށު ކޯޓުން ބޭރުކޮށްފައެވެ.
24މިދަޢުވާއަކީ ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ، ހައިކޯޓުގެ ނަންބަރު:2020/HC-A/108 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ތަޙްޤީޤުގައި ތުހުމަތު ނުކުރާ ކުށަކަށް ދަޢުވާ ކޮށްފައިވަނީ ކަމަށް ބަލައިގެންނެވެ. ޕްރޮސިކިއުޝަނުން ބަޔާންކުރަނީ ޙަވާލާދެވޭ ހައިކޯޓުގެ ޤަޟިއްޔާ އާއި އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާއަކީ ވާޤީއީ ގޮތުން ތަފާތު ދެ ޤަޟިއްޔާ ކަމުގައެވެ. އެހެންކަމުން، ހައިކޯޓުގެ ޙަވާލާދެވޭ ޤަޟިއްޔާ މިމައްސަލައަށް ތަތުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. ހައިކޯޓުގެ ނަންބަރު: 2020/HC-A/108 ޤަޟިއްޔާ:
25އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ޝަރީޢަތް ހިންގައި ޚުލާޞާ ބަޔާން ހުށަހެޅިފަހުން، ދިވެހިރާއްޖޭގެ ހައިކޯޓުން 28 ޖޫން 2021 ގައި ނިންމާފައިވާ، ނަންބަރު:2020/HC-A/108 ޤަޟިއްޔާ 8 އަށް ޙަވާލާދީ، މިދަޢުވާއަކީ އިތުރަށް ކުރިއަށް ގެންދެވިދާނެ ދަޢުވާއެއްތޯ ދަށު ކޯޓުން އަލުން ބަލާފައިވެއެވެ. އެގޮތަށް ބެލުމަށްފަހު، ނިންމާފައިވަނީ މިދަޢުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެނިންމުމުގައި ބަޔާންކުރަނީ؛ " ދެންފަހެ، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ
(ހ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން، ދައުލަތުން (އަތޮޅާއި ރަށާއި އެޑްރެސް) އަދި މައްޗަށް ކުޅަ ޖިންސީ ގޯނާކުރުމުގެ ކުށުގެ މިދަޢުވާއަށް ޝަރީޢަތުން ނަޒަރުކުރި ހިނދު؛ އަދި މައްޗަށް ދަޢުވާ އުފުލާފައިވާ ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދަޢުވާއަކީ މިމައްސަލައިގައި އަދި މައްޗަށް ކުރުމުން އިރު އަދި ތަޙުޤީޤުގައި އޭނާއަށް ސުވާލުކުރިއިރު ތުހުމަތު ކުރެވުނު ކުށަކަށް ނުވާތީއާއި، މި ކުށާއި ގުޅިގެން އަދި މައްޗަށް އެއްވެސް ތަޙުޤީޤެއް ހިންގާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްމާއީލް ނާހިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް މިއީ ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި މިމައްސަލައިގެ ދަޢުވާ ފޯމު ބާޠިލްކޮށް މައްސަލަ ނިންމީއެވެ."
26ޙަވާލާދެވޭ ޙައިކޯޓުގެ ޤަޟިއްޔާއަކީ މަސްތުވާތަކެއްޗާއި ގުޅޭ މައްސަލައެކެވެ. މިމައްސަލައިގައި މުއްތަހަމުގެ މައްޗަށް ތުހުމަތު ކުރެވުނީ "ކެނެބިސް ބޭނުންކުރުން، ޑައިމޯފިން ޕެޑްލްކުރުން، ކެނެބިސް ޕެޑްލްކުރުން، ޑައިމޯފިން ބޭނުންކުރުން އަދި ޖަދުވަލު 1 ގައިވާ އެހެން މަސްތުވާއެއްޗެއް ބޭނުންކުރުމެވެ." ނަމަވެސް ދަޢުވާ ކޮށްފައިވަނީ "ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްޗަށެވެ. ޑައިމޯފިން ޓްރެފިކްކުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭކަމަށް އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް ބަޔާންކުރިއިރު ބަޔާނެއް ނުކުރެއެވެ. ވީމާ، ދަޢުވާ އުފުލާފައިވާ ކުށް ކަމުގައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށަކީ މުއްތަހަމު ހައްޔަރު ކުރެވުނު ވަގުތު އޭނާގެ މައްޗަށް އޮތް ތުހުމަތެއް ކަމަކަށް ނުވެއެވެ.
27ނަމަވެސް، މަސްތުވާތަކެއްޗާއި ގުޅޭ މައްސަލަތަކުގެ ތަބީޢަތަށް ބަލައި މިމައްސަލައިގައި ހައިކޯޓުން ބުނެފައިވަނީ، "...މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި.....އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ސީދާކޮށް ކަނޑައެޅި އެ މަޙައްލުގައި ބަޔާންކޮށްދިނުމަކީ ކުރެވިދާނެ ކަމެއްކަމަށް... ޤަބޫލެއް ނުކުރެވޭ..." ކަމަށެވެ. މިފަދަ ޙާލަތުގައި ޢަމަލު ކުރަންޖެހޭ ގޮތަކީ، "...އެތަކެތި ތަޙްލީލުކުރުމަށްފަހު ލިބުނު ނަތީޖާގެ މައްޗަށް ބަލާއިރު، ފުރަތަމަ ކުރެވުނު ތުހުމަތަށް ބަދަލު އައިސްފައިވާނަމަ އަލުން ޤާނޫނީ އިންޒާރު (މިރަންޑާ ވާރނިންގ) ދިނުމަށްފަހު އޭނާއާ ސުވާލު ކުރުމެވެ."
28HN2ވީމާ، ޙަވާލާދެވޭ ހައިކޯޓުގެ ޤަޟިއްޔާގައި ބަޔާންކުރާ އަސާސީ އުޞޫލަކީ "ކޮންމެ ޖިނާއީ ދަޢުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤު ކުރެވިފައި އޮންނަންވާނެ ކަމަށް" ބަޔާންކުރާ އުޞޫލެވެ. މިގޮތަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 50 ވަނަ މާއްދާ އާ ޙަވާލާދީފައެވެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ހ) ގައިވެސް އެކަން އޮތް ގޮތެވެ.
29ކޮންމެ މައްސަލައަކީ ވަކި މައްސަލައެކެވެ. އެމައްސަލައެއްގައި ބަޔާންކުރާ ކުށާގުޅޭ މަޢުލޫމާތު އެކަށީގެންވާ ގޮތަކަށް މުއްތަހަމަށް ދެވިފައިވޭތޯ އާއި އެ ކުށާއި ގުޅޭ ގޮތުން އެކަށީގެންވާ ތަޙްޤީޤެއް ކުރެވިފައިވޭތޯ ބަލަންޖެހެނީ ކޮންމެ މައްސަލައެއްވެސް ވަކިން، އެމައްސަލައެއްގެ ވަށައިގެން ހުރި ކަންކަމުގެ މައްޗަށް ބަލައި ރިޢާޔަތް ކޮށްގެންނެވެ.
30އިސްތިއުނާފު ކުރެވިފައިވާ މިމައްސަލަ ދަށު ކޯޓުން ނިންމާފައިވަނީ، 27 ޑިސެމްބަރު 2022 ގައެވެ. ޙަވާލާދީފައިވަނީ ހައިކޯޓުން 28 ޖޫން 2021 ގައި ނިންމި މައްސަލައަކަށެވެ. ނަމަވެސް 29 ނޮވެމްބަރު 2022 ގައި ހަމަ މިމައުޟޫޢުގައި ހައިކޯޓުގެ ނަންބަރު:2022/HC-B12/112 ޤަޟިއްޔާ ނިންމާފައިވެއެވެ. މިޤަޟިއްޔާގައި ބަލާފައިވާ އުޞޫލަކީ މިދެންނެވި އުޞޫލުން ހުށަހެޅުނު މައްސަލައިގައި ކަންހިނގާފައިވާ ގޮތެވެ. އެއަށްފަހު ބަޔާން ކޮށްފައިވަނީ، "...ތުހުމަތު ކުރެވޭ ކުށް އެނގުމާއި، އެއާ ގުޅުން ހުރި ޙައްޤުތަކަށް އުނިކަމެއް އައިސްފައިވާ ކަމަށް ބުރަނުވޭވެ ކަމަށެވެ." ވީމާ، އެޤަޟިއްޔާގައި ބަޔާންކުރާ ތުހުމަތު ކުރެވުނު ކުށް ހިނގާދިޔަ އަހަރު ބަދަލުވެފައިވާކަމަށްބުނެ ފާހަގަކުރާ އިޖުރާއީ އައިބަކީ ދަޢުވާ ބާޠިލުކުރެވޭފަދަ އައިބެއް ނޫން ކަމަށެވެ. ޤާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤާއި ގުޅޭ:
31HN3ޤާނޫނުއަސާސީގައި ބަޔާންކުރާ ޙައްޤުތައް ލިބިދިނުމުގައި، ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހާ (suspect) އާއި ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާ (accused) އާ ދެމެދު ޤާނޫނުއަސާސީގައި ތަފާތު ކޮށްފައިވާތީ ފެނެއެވެ.
32ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާ (suspect) އަށް ދުސްތޫރީ ޙައްޤެއްގެ ގޮތުގައި ލިބިދޭންޖެހޭ އެއްކަމަކީ، ހައްޔަރު ކުރެވުނު ސަބަބު ވަގުތުން އޭނާއަށް އެންގުމެވެ. ހައްޔަރު ކުރެވެނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮށް ކުށަކާ ގުޅިގެންކަން އޭނާއަށް އެންގުމަކީ ދުސްތޫރީ ޙައްޤެއްގެ ގޮތުގައި ކުރަންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާ (accused) ގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ކޮބައިކަން އެމީހަކަށް ރަނގަޅަށް ދޭހަވާނެ ބަހަކުން ލަސްނުކޮށް އެންގުމަކީ އޭނާއަށް ލިބިދޭ ދުސްތޫރީ ޙައްޤެކެވެ.
33ދިވެހިރާއްޖެއިން ބައިވެރިވެފައިވާ، މަދަނީ އަދި ސިޔާސީ ޙައްޤުތަކާއިބެހޭ މުޢާހަދާ (އައި.ސީ.ސީ.ޕީ.އާރު) ގެ 14 ވަނަ މާއްދާގައިވެސް ބަޔާން ކުރަނީ ދަޢުވާ އުފުލިފައިވާ މީހާއަށް ލިބިދޭންޖެހޭ ޙައްޤެއްގެ ގޮތުން، އޭނާގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ ބާވަތާއި (nature) ސަބަބު (cause) ލަސްނުކޮށް އޭނާއަށް އެނގޭނެ ބަހަކުން އެންގުމަށެވެ. ޔޫރަޕިއަން ހިއުމަން ރައިޓްސް ކޮންވެންޝަން އާއި އެމެރިކަން ކޮންވެންޝަން އޮން ހިއުމަން ރައިޓްސް ގައިވެސް ބަޔާންކުރަނީ މިޙައްޤު ދަޢުވާ އުފުލިފައިވާ މީހާއަށް ލިބިދޭންޖެހޭ ކަމަށެވެ.
34އައި.ސީ.ސީ.ޕީ.އާރުގެ 14 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ (އޭ)ގައި ބަޔާންކުރާ ޙައްޤަކީ ކޮބާކަން ބަޔާން ކޮށްދެމުން ބުނެފައިވަނީ، އޭނާގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ ބާވަތް (nature) އެބަހީ ދަޢުވާ ކުރެވޭ ޤާނޫނު (the law) އަދި ދަޢުވާ ބިނާކުރާ ސަބަބު (cause) އެބަހީ އެދަޢުވާ ބިނާވެގެންދާ ވާޤިއާތައް (alleged facts) ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާއަށް ތަފްޞީލުކޮށް އެންގުން ކަމަށެވެ. 18 މިކަން "ލަސްނުކޮށް" އެންގުމުގެ މާނައަކީ ކަމާބެހޭ އިދާރާއަށް ފުރަތަމަ ދަޢުވާ ހުށަހެޅުމާއެކު ލަސްނުކޮށް އެކަން އެންގުންކަމަށްވެސް ބަޔާން ކުރެއެވެ. 19 ޖިނާއީ އިޖުރާއަތުގެ ޤާނޫނު:
35އޭނާ ހައްޔަރު ކުރެވެނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮށް ކުށަކާ ގުޅިގެންކަން އެންގުމަކީ ނުވަތަ އެފަދައިން ތުހުމަތު ބަޔާން ކޮށްދިނުމަކީ ދުސްތޫރީ ޙައްޤެއް ކަމުގައި ނުވިނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނު 20ގައި ބަޔާންކުރާ ގޮތުން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރާއިރު، މުއްތަހަމުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ މަޢުލޫމާތު ދޭންޖެހެއެވެ. 21 އަދި ހައްޔަރުކުރާ ވަގުތު ދޭންޖެހޭ ޤާނޫނީ އިންޒާރުގައިވެސް މިމަޢުލޫމާތު ހިމަނަންޖެހޭކަން އެނގެއެވެ. 22 ނަމަވެސް މިއީ ދުސްތޫރީ ޙައްޤެއްނޫނެވެ. މިއީ ޤާނޫނުގައި ބަޔާންކުރާ އިޖުރާއީ ކަންތައްތަކެވެ.
36ވީމާ، ހައްޔަރު ނުވަތަ ބަންދު ކުރުމުގެ ތެރޭގައި ނޫނީ ތަޙްޤީޤު ކުރުމުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ކަމެއް ފުރިހަމަ ކޮށްފައިނެތިގެން ދުސްތޫރީ ޙައްޤެއް ގެއްލިއްޖެކަމަށް ބުނެ މައްސަލައެއް ހުށަހެޅުމުން، ފުރަތަމަވެސް ބަލަންޖެހޭ ކަމަކީ އެޝަކުވާ ކުރާ ކަމަކީ ހަމަ ހަޤީޤަތުގައިވެސް ދުސްތޫރުގައި ބަޔާންކުރާ އަސާސީ ޙައްޤެއްތޯ ނުވަތަ ނޫންތޯއެވެ. ސަބަބަކީ، ދުސްތޫރީ ޙައްޤެއް ގެއްލިގެން އެކަމާމެދު ކުރާ ޝަކުވާތަކާއިގުޅިގެން ބަލަންޖެހޭ ކަންކަމާއި ޤާނޫނުގައި ބަޔާންކުރާ ކަމެއް ނުކޮށްގެން އެކަންބަޔާން ކޮށްގެން ކުރާ ޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަމުގައި ފަރަގެއް ވާތީއެވެ. 18 އައި.ސީ.ސީ.ޕީ.އާރުގެ 14(13)(އޭ) ގެ މާނަ ކުރުމަށް އދ. ހިއުމަންރައިޓްސް ކޮމިޓީން ދީފައިވާ 13 ނަންބަރު ކޮމެންޓްގައި. 19 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާއިން ފެށިގެން ތަފާތު މަރުޙަލާތަކުގައި މިޙައްޤު ދަޢުވާ އުފުލިފައިވާ މީހާއަށް ލިބިދެވޭނެއެވެ. މިގޮތުން އެޤާނޫނުގެ 105، 106 (ށ)، 107(ނ)(2) ފަދަ މާއްދާތަކުން، ދަޢުވާ އުފުލިފައިވާ މީހާގެ މައްޗަށް އުފުލިފައިވާ ދަޢުވާ އޭނާއަށް ސާފުކޮށް އަންގަންޖެހޭކަން އެނގެވެ. 20 ޤާނޫނު ނަންބަރު 12/2016 21 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ނ)ގައި. 22 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) (1) ގައި. ހައްޔަރު ކުރާއިރު ނޫނީ ތަޙްޤީޤު ކުރާއިރު ތުހުމަތު ކުރާ ކުށް ބަޔާން ނުކުރުމުގެ ނަތީޖާ:
37HN4ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރާނަމަ، އިޖުރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަންޖެހޭނެއެވެ. މީގެ ތެރޭގައި، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާއި އެކުށް ބަޔާންކުރާ ޤާނޫނު އޭނާއަށް ބުނެދޭންޖެހެއެވެ. ނަމަވެސް، މިމަރުޙަލާގައި، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަށް ޤާނޫނުގައި ދީފައިވާ ނަމުން ތުހުމަތު ބަޔާން ކޮށްދިނުމަކީ ކުރެވޭނެ އަދި ކުރަންޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ، ޤާނޫނުގައި އެކިއެކި ނަންނަމުން ބަޔާންކުރާ ކުށް ކުށާއި ގުޅިގެން ހަމަ ކުރަންޖެހޭ އުންސުރުތައް ތަފާތުވާނެތީ، މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރާ ވަގުތު ކުށް އުފައްދާ ހުރިހާ ޤާނޫނަކަށް އަދި އެޤާނޫނުތަކުގައި ބަޔާންކުރާ ހުރިހާ ކުށެއްގެ ނަންތައް ހިމަނައިގެން ތުހުމަތެއް އެންގުމަކީ މުސްތަހީލުކަމަކަށް ވާނެތީއެވެ.
38މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ އެހެން މާއްދާތަކަށް ބަލާއިރުވެސް، ކުށެއްގެ ތުހުމަތު ކުރެވޭ ވަގުތު ނުވަތަ ކުށެއްގެ ތަޙްޤީޤު ހިންގާ ވަގުތު ވަކި ޤާނޫނެއްގައި ބަޔާން ކުރާ ވަކި ކުށެއްގެ ނަމުން ތުހުމަތު އެންގުމަކީ ކުރަންޖެހޭ ކަމެއް ނޫންކަން ދެނެގަނެވެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 85 ވަނަ މާއްދާ އާއި 87 ވަނަ މާއްދާ އާއި 91 ވަނަ މާއްދާ ފަދަ މާއްދާތަކަށް ބަލާއިރު، ހައްޔަރު ކުރާ ވަގުތު ނުވަތަ ތަޙްޤީޤުގައި ވަކި ކުށަކަށް ތުހުމަތު ކޮށްފައި ނެތުމަކީ އެކުށެއްގެ މައްޗަށް ކުރެވޭ ދަޢުވާ ކޯޓުން ބޭރުކޮށްލެވޭނެ ސަބަބެއް ނޫންކަން ދެނެގަނެވެއެވެ. މިސާލަށް 87 ވަނަ މާއްދާގެ (ހ) ގައި؛ " މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށުގެ ޝަރީޢަތުގައި ހާމަވާ ހެކީގެ ސަބަބުން އޭނާ އެހެން ކުށެއްގެ ޢަމަލު ހިންގިކަން ސާބިތުވާ ޙާލަތުގައި، އޭނާގެ މައްޗަށް އެ ދެވަނަ ކުށުގެ ދަޢުވާ އުފުލިފައިނުވި ނަމަވެސް، އެ ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެއެވެ." މިފަދައިން ބަޔާން ކޮށްފައި އޮތުމުން، ހައްޔަރުކުރާ ވަގުތު ނުވަތަ ތަޙްޤީޤުގައި ނަމުން ކަނޑައަޅައި ވަކި ކުށަކަށް ތުހުމަތުކޮށްފައި ނެތްކަމަށް ބުނެ، އެދަޢުވާއެއް ބޭރުކޮށް ނުލެވޭނެކަން އެނގެއެވެ. މިޙާލަތުގައި، ހުށަހެޅިފައިވާ ހެކިތަކުން އެހެން ކުށެއް ސާބިތުވާނަމަ، އެކުށްވެސް ސާބިތުކުރެވިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަޞައްވަރު ކުރެއެވެ.
39ވީމާ، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރާ ވަގުތު ނުވަތަ ހައްޔަރު ކުރުމަށްފަހު ތަޙްޤީޤުގައި ސުވާލު ކުރާއިރު، ޤާނޫނުގައި ކަނޑައަޅާ ނަމުން ބަޔާންކުރާ ވަކި ކުށަކަށް ތުހުމަތެއް ކޮށްފައި ނެތުމުގެ ނަތީޖާއަކީ އޭނާގެ މައްޗަށް ކުރާ ދަޢުވާ ކޯޓުން ބޭރުވެގެން ދިއުމެއް ނޫނެވެ. ނަމަވެސް، މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ކޯޓުން ކުރަންޖެހޭ ކަމަކީ، ކޮންމެ މައްސަލައެއްވެސް ވަކިން އެމައްސަލައެއްގައި ކަންހިނގާފައިވާ ގޮތް ދިރާސާކުރުމަށްފަހު ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ކޮންމެ މައްސަލައެއްގައިވެސް ވަކިން ގޮތް ނިންމުމެވެ.
40މިގޮތުން ފުރަތަމަ ބަލަންޖެހޭކަމަކީ، ތުހުމަތު ކުރެވުނު ކުށުގެ ޢަމަލާއި ގުޅިގެން ނުވަތަ ނުކޮށް ދޫކޮށްލިކަމެއްގެ ސަބަބުން އުފެދޭ ކުށާއި ގުޅިގެން އެކަށީގެންވާ ތަޙްޤީޤެއް ކޮށްފައި އޮތްތޯ ބެލުމެވެ. ދެވަނަ ކަމަކީ، ކުށުގެ ތުހުމަތު ކުރެވޭ ފަރާތަށް ކުށާއި ގުޅިގެން ދޭންޖެހޭ މަޢުލޫމާތު ދެވިފައި ނެތުމުގެ ސަބަބުން މުއްތަހަމުގެ މައްޗަށް ކުރެވުނު ދަޢުވާ އޭނާއަށް އޮޅިފައި ވޭތޯ ދެނެގަތުމެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ދިފާޢު ތައްޔާރު ކުރުމަށް އޭނާއަށް ހުރަސް އެޅިފައި ވޭތޯ ބެލުމެވެ. އެހެނީ، ތުހުމަތު ކުރެވޭ ކުށާއި ގުޅިގެން މުއްތަހަމަށް މަޢުލޫމާތު ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ އެކަށީގެންވާ ގޮތެއްގައި އޭނާއަށް ދިފާޢުވުމަށް ފުރުޞަތު ދިނުން ކަމަށްވާތީއެވެ.
41މިއިން އެއްވެސް ކަމެއް ބެލުމަކާއިނުލައި، ތުހުމަތު ކުރިއިރު ނުވަތަ ތަޙްޤީޤު ކުރިއިރު، ޤާނޫނުގައި އެކުށަށް ބަޔާންކުރާ ނަމުން ތުހުމަތު ބަޔާންކޮށް ދެވިފައިނުވާތީ ދަޢުވާތައް ކޯޓުން ބޭރުކުރުމަކީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި ބަޔާންކުރާ ޖިނާއީ ޢަދުލުގެ ނިޒާމު ހިންގޭނެ ގޮތެއްކަމަށް ނުފެނެއެވެ. މިމައްސަލައިގައި ތަޙްޤީޤު ކުރެވުނު ކުށް:
42އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ތުހުމަތުކޮށް ތަޙްޤީޤު ހިންގުނީ،
42.1 ޖިންސީ އެދުންވެރިކަމެއް އުފެއްދުމުގެ މަޤްސަދުގައި ނުވަތަ ޖިންސީ އެދުންވެރިކަމެއް ޙާސިލުކުރުމުގެ މަޤްޞަދުގައި އެހެންމީހެއްގެ ރުހުމާއިނުލައި އޭނާއާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް.25
42.2 ރޭޕް ކުރުމުކުށް.26
42.3 ރޭޕް ކުރަން އުޅުމުގެ ކުށް.27
42.4 ޖިންސީ އަނިޔާގެ ކުށް.28
42.5 ޖިންސީ އަނިޔާ ކުރަން އުޅުމުގެ ކުށް.29
42.6 ޖިންސީ ގޯނާ ކުރަންއުޅުމުގެ ކުށް.30
42.7 ޒިނޭ ކުރުމުގެ ކުށް.31
42.8 ނުކުޅެދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް.32
42.9 ހިފެހެއްޓުމުގެ ކުށް.33
42.10 މީހަކު ޖިންސީ ޢަމަލެއްގައި ބައިވެރިކުރެވުމުގެ ކުށް.34
42.11 އެކަކަށްވުރެ ގިނަމީހުން ބައިވެރިވެގެން ކުށެއްކުރުން.35 މިކުށްތަކުގެ ތުހުމަތުގެ މައްޗަށެވެ.
43މީގެ އިތުރުން، ތުހުމަތުކުރެވޭ މައްސަލައިގެ ތަފްޞީލުގައި ތުހުމަތު ކުރެވުނު ކުށް ޖުމްލަ ގޮތެއްގައި ބަޔާންކޮށް ބުނެފައިވަނީ، 2018 އޯގަސްޓް 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި (އަނިޔާ ލިބުނު ފަރާތް) 25 ޤާނޫނު ނަންބަރު:9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 131 ވަނަ މާއްދާގެ (ހ) އާއި މެދު (އިސްތިއުނާފު ރައްދުވާ ފަރާތުގެ ރަށާއި ގޭގެ އެޑްރެސް އަދި ނަން) ގަދަކަމުން ބަދުއަޙްލާޤީ ޢަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ، މިގޮތަށެވެ. ޤާނޫނުގައި ކުށް ބަޔާންކޮށްފައިވާ ގޮތް:
44އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އުފުލި ދަޢުވާގައި ބަޔާން ކުރާ ކުށަކީ، ޖިންސީ ގޯނާގެ ކުށެވެ. މިދަޢުވާގައި ބަޔާން ކުރަނީ؛ "(އިސްތިއުނާފު ރައްދުވާފަރާތުގެ ނަން) 29 އޯގަސްޓް 2018 ދުވަހުގެ 20:25 އެހައިކަށްހާއިރު، (ރަށުގެ ނަން) ގޯލްޑަންހައުސް (އަނިޔާ ލިބުނު ފަރާތުގެ ނަން)، (ރަށުގެ ނަން) ލިފަދޫގޭގެ ޢަލީ ލަޠީފު ދިރިއުޅޭ ކޮޓަރިއަށް ގެންގޮސް (އަނިޔާ ލިބުނު ފަރާތުގެ ނަން) ގެ ނުރުހުމުގައި އޭނާ ލައިގެން ހުރި ހެދުމާއި، ތިރިން ލައިގެން ހުރި ޖިންސާއި ޖަނގިޔާ ގަދަކަމުން ބާލުވައި، (އަނިޔާ ލިބުނު ފަރާތުގެ ނަން) ގެ ކުރިމަތިފަރާތް އޭނާގެ ރުހުމާނުލައި، ހާމަކޮށްފައިވާތީއާއި، މީނާ ލައިގެންހުރި އަންނައުނު އަމިއްލައަށް ބާލައި މީނާގެ ކުރިމަތިފަރާތް (އަނިޔާ ލިބުނުފަރާތުގެ ނަން)ގެ ކުރިމަތި ފަރާތަށް ގަދަކަމުން ކޮށްޕަން އުޅެފައިވާތީ، ޤާނޫނު ނަންބަރު:17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ
(ހ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ ކުރާ" ކަމަށެވެ.
45HN5ޖިންސީކުށުގެ ޤާނޫނުގެ ދަށުން، ކުރެވޭ ކުށުގެ ތުހުމަތަކާއި ގުޅިގެން، އެކުށް ބިނާވަނީ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލެއް ހިންގި ޢަމަލުގެ މައްޗަށްކަން އެނގޭ ގޮތަށް ކުށާއި ގުޅޭ ގޮތުން މުއްތަހަމަށް މަޢުލޫމާތު ދެވިފައިވެއެވެ. އެކަން ކުރިން ބަޔާންކުރި ތުހުމަތު ކުރެވުނު ކުށުގެ ލިސްޓުގެ އިތުރުން "ގަދަކަމުން ބަދުއަޚްލާޤީ ޢަމަލެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ" މިޢިބާރާތުން ސާފުވެއެވެ. މިޢަމަލާއި ގުޅިގެން މުއްތަހަމަށް މަޢުލޫމާތު ދިނުމުން އޭނާ ހުރީ ހަނެވެ. އެކަމާއި ގުޅިގެން އޭނާ ވާހަކައެއް ނުދެއްކިއެވެ. އެއާއެކު، މިޢަމަލުގެމައްޗަށް ތަޙްޤީޤު ހިންގައި ތަޙްޤީޤުން ހެކިތައް ހޯދާފައިވާކަން ހުށަހެޅި ލިޔުންތަކުން ސާފުވެއެވެ.
46ކުރިން ބަޔާންކުރިހެން، ކުށެއްގެ ތުހުމަތު މީހެއްގެ މައްޗަށް ކުރެވޭއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާހާ ތަފްޞީލުތައް އަންގާކަށް ނުޖެހެއެވެ. އެއީ ދަޢުވާގައިބަޔާން ކުރާންޖެހޭ ތަފްޞީލެވެ. ވީމާ، ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ އިރު، ހައްޔަރު ކުރެވޭ ސަބަބުގެ އިތުރުން، ހައްޔަރު ކުރެވެނީ ކޮންޤާނޫނެއްގެ ދަށުން ކަމާއި އަދި އެއީ ކޮން ކުށެއްކަން ދެނެގަނެވޭނެ ފަދައަކުން ކުށާގުޅޭ މަޢުލޫމާތު މުއްތަހަމަށް ދިނުމުން އިޖުރާއީ ބޭނުމަށް އެކަން ފުރިހަމަ ކުރެވުނީއެވެ.
47އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާ އުފުލުނު ޖިންސީ ގޯނާ ކުރުމުގެ ކުށަށް ބަލާއިރު، ޖިންސީ ގޯނާގެ ތަޢުރީފު ކަމުގައި އެ ޤާނޫނުގައި ބަޔާން ކުރަނީ؛ ""ޖިންސީ ގޯނާ" ކަމަށް ބުނެފައި އެވަނީ، ރޭޕް ކުރުމަށް ނުވާގޮތުން، އަދި، ޖިންސީ އަނިޔާއަށް ނުވާގޮތުން، ދެމަފިރިން ކަމުގައި ނުވާ ދެމީހެއްގެ ދެމެދުގައި، ޖިންސީ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސީ ނިޔަތެއް އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލާ، އޭނާގެ ޖިންސީ ގުނަވަނެއްގައި، މީހަކު، އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިނުކޮށް އަތްލުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލާ، ހާމަކުރުވުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލާ ހާނިއްކައެއް ކުރުމަށެވެ. ނުވަތަ އެނޫންވެސް އިހާނެތި ޢަމަލެއް މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލާ ކުރުމަށެވެ."
48HN6މިތަޢުރީފަށް ބެލުމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކޮށްފައިވާ "ގަދަކަމުން ބަދުއަޚްލާޤީ ޢަމަލެއް" ހިންގަން އުޅުނުކަމަށް ބުނެ ދިން މަޢުލޫމާތުގައި "ޖިންސީ ގޯނާ" ގެ މަޢުލޫމާތު ހިމެނޭކަން އެނގެއެވެ. އެހެނީ، މިކުށުގެ އަސާސީ އުންސުރުތަކަކީ ޖިންސީ ނިޔަތެއް އޮތުމާއި އަނެކާގެ ރުހުން ނެތުމާއި އަނެކާގެ ޖިންސީ ގުނަވަނެއްގައި އަތްލުން، ހާމަކުރުން އިހާނެތިކޮށް ހިތުންކަމަށް ވާއިރު، ރޭޕްގެ ތުހުމަތާއި ރޭޕްކުރަން އުޅުމުގެ ތުހުމަތާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ތުހުމަތާއި ގުޅިގެންވެސް، މިދެންނެވި އުންސުރުތަކުގެ ދިފާޢުގައި މުއްތަހަމު މަސައްކަތް ކުރަންޖެހޭނެ ކަން ދެނެގަނެއެވެ. ނަމަވެސް މުއްތަހަމު ތަޙްޤީޤު މަރުޙަލާގައި ވަނީ ހަނު ހުރެފައެވެ. ވީމާ، މުއްތަހަމު ދިފާޢު ތައްޔާރުކުރިޔަސް ކުރަންޖެހޭނީ ޝަރީޢަތުގެ މަރުޙަލާއާއި ގުޅިގެންނެވެ. ތަޙްޤީޤު މަރުޙަލާއަކީ ނޫނެވެ. ވީމާ އިޖުރާއަތު ގޯސްކަމަށް ބަލާ ޙާލަތުގައިވެސް، ޝަރިޢަތުގެ މަރުޙަލާގައި ޖިންސީ ގޯނާ ކުރުމުގެ ކުށާއި ގުޅިގެން މުއްތަހަމަށް މަޢުލޫމާތު ދިނުމުން މިމައްސަލައިގައި އިޖުރާއަތު ރަގަޅު ކުރެވޭނެއެވެ.
ނިންމުން
49ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، މިދަޢުވާއަކީ، މިދަޢުވާ ހުށަހެޅިފައިވާ ހުވަދު އަތޮޅު އުތުރުބުރީ އެޖިސްޓްރޭޓް ކޯޓުން އަލުން ގޮތް ކަނޑައަޅަންޖެހޭ ދަޢުވާއެކެވެ. މިދަޢުވާ އާއި ގުޅިގެން، ހުވަދު އަތޮޅު އުތުރުބުރީ އެޖިސްޓްރޭޓް ކޯޓުގައި ޝަރީޢަތް ހިންގާ ނިންމާފައިވާތީ، އިޖުރާއީ އިތުރުނުކުތާއަކަށް ބަހުޘް ކުރުމުގެ ފުރުޞަތު ހުޅުވާނުލައި، ދެފަރާތަށް ފަހު ފުރުޞަތު ދިނުމާއެކު މި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށްފަހު، ހުށަހެޅުނު ހެކި ޤަރީނާތަކުގެ މައްޗަށާއި ދެފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ބުރަވެ، މިދަޢުވާގައި ބަޔާންކުރާ ކުށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅައި ހުވަދު އަތޮޅު އުތުރުބުރީ އެޖިސްޓްރޭޓް ކޯޓުން ފައިޞަލާކުރަނިވި ޙުކުމެއް ކުރުމަށްޓަކައި މިމައްސަލަ އެ ކޯޓަށް ތަހުވީލު ކުރަންޖެހެއެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު؛
50ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު؛
51ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ހުވަދު އަތޮޅު އުތުރުބުރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: / /228 ޤަސިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، މިރިޕޯޓުގެ 49 ވަނަ ނުކުޠާގައި ބަޔާންކޮށްފައިވާ ގޮތަށް މިދަޢުވާއާއި ގުޅިގެން، ގޮތެއް ނިންމުމަށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 46 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ، މިމައްސަލަ ހުވަދު އަތޮޅު އުތުރުބުރީ މެޖިސްޓްރޭޓް ކޯޓަށް ތަޙުވީލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤާސިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ ޢިއްތިފާޤުން ޙުކުމްކޮށްފީމެވެ. މިޤާސިއްޔާ ބަލައި ޙުކުމް ކުރީ ފަނޑިޔާރު މުޙައްމަދު ފައިޞަލް (ރިޔާސުތު)
ފުޓްނޯޓު
- ހުވަދު އަތޮޅު އުތުރުބުރީ [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ޤަޝިއްޔާގެ ޙުކުމްގައި މައްސަލައިގެ ތުހުމަތުކުރެވުނު ފަރާތުގެ އެޑްރެސް ހިމަނާފައިވީނަމަވެސް، މިނުކުތާގައި އެހުކުމް ނަކަލު ކުރެވިފައިމިވަނީ އަނިޔާ ލިބުނު ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ އެޑްރެސް ބައި އުނިކުރުމަށްފަހުއެވެ.
- އިބްރާހިމް އިބާދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް.
- ޤާނޫނު ނަންބަރު 12/2016
- އބމ
- ޙަވާލާދާ ދެވޭ ހައިކޯޓުގެ ޤަޝިއްޔާގެ 42 ވަނަ ނުކުތާ.
- މިރަންޑާ ވާނިންގ ގައި ބަޔާންކުރާ ކަންކަމުގެ ތެރޭގައި ކުށެއްގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ބަޔާންކުރާ ޤާނޫނާއި އެޤާނޫނުގައި ބަޔާންކުރާ ކުށް އޭނާއަށް އެންގުމަކީ އޮތްކަމެއް ނޫނެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުން އެކަން މުއްތަހަމަށް ބަޔާން ކޮށްދޭންޖެހެއެވެ. މިރަންޑާ ވާނީންގ ގައި ބަޔާން ކުރާ ޙައްޤުތަކަކީ (1) ހަނު ހުރެވޭނެކަން އެންގުން. (ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އަދި ޖިނާއި އިޖުރާއަތުގެ 44(ށ)(1)). (2) އޭނާ ވާހަކަ ދައްކައިފިނަމަ، އެވާހަކައެއް އޭނާއާ ދެކޮޅަށް ކޯޓުގައި ބޭނުން ކުރެވޭނެކަން އެންގުން.(ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44(ށ)(4)). (3) ޤާނޫނީ ވަކީލެއް އެހީތެރިކަންހޯދޭނެކަން އެންގުން. (ޤާނޫނުއަސާސީގެ 48(ށ)، 50(ށ) އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44(ށ)(5). (4) ޤާނޫނީ ވަކީލަކު ހޯދުމުގެ ތަނަވަސްކަން ނެތްނަމަ ވަކީލަކު ހޯދައި ދެވިދާނެކަން އެންގުން.(ޤާނޫނުއަސާސީގެ 53(ށ) އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44(ށ)(6).
- ޙަވާލާދާ ދެވޭ ހައިކޯޓުގެ ޤަޝިއްޔާގެ 42 ވަނަނުކުތާ.
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ހ) ގައި އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި.
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ).
- އައި.ސީ.ސީ.ޕީ.އާރުގެ 14 މާއްދާގެ 3ވަނަ ނަންބަރުގެ (އޭ).
- ޔޫރަޕިއަން ކޮންވެންޝަން ފޯ ދި ޕްރޮޓެކްޝަން އޮފް ހިއުމަންރައިޓް އެންޑް ފަންޑަމެންޓަލް ފްރީޑަމްގެ 6ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ (އޭ).
- އެމެރިކަން ކޮންވެންޝަން އޮން ހިއުމަން ރައިޓްސް ގެ 8 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގެ (ބީ).
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ހ)، (ށ)، (ނ)؛ 50 ވަނަ މާއްދާ؛ 51 ވަނަ މާއްދާގެ (ހ)؛ 53 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)، 43 ވަނަ މާއްދާގެ (ހ) އަދި (ނ)، 44 ވަނަ މާއްދާގެ (ށ)، 82 ވަނަ މާއްދާގެ (ރ)، 84، 85، 87 (ހ)، 91، 105، 106 (ށ)، 107 (ނ) (2)، 117، 119 (ށ) ވަނަ މާއްދާތައް
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ (ރ)؛ "ޖިންސީ ގޯނާ" ގެ ތަޢުރީފު
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 131 ވަނަ މާއްދާގެ (ހ) (ތުހުމަތުތަކުގެ ލިސްޓުގައި)
- މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ICCPR) ގެ 14 ވަނަ މާއްދާގެ 3 (a)؛ އދ. ހިއުމަން ރައިޓްސް ކޮމިޓީގެ ޖެނެރަލް ކޮމެންޓް 13
- ޔޫރަޕިއަން ކޮންވެންޝަން އޮން ހިއުމަން ރައިޓްސްގެ 6 ވަނަ މާއްދާގެ 3 (a)؛ އެމެރިކަން ކޮންވެންޝަން އޮން ހިއުމަން ރައިޓްސްގެ 8 ވަނަ މާއްދާގެ 2 (b)
- ހައިކޯޓުގެ 2020/HC-A/108 (އިސްމާޢީލް ނާހިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ހައިކޯޓުގެ 2022/HC-B12/112
- ހައިކޯޓުގެ 2016/HC-A/430 (ދަށު ކޯޓުން ހަވާލާދިން)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.