މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 27 2023/SC-A/05 ޝަރީޢަތް ނިމުނުގޮތް މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޙުސްނުއްސުޢޫދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 08 ޖޫން 2023
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2020/HC-A/162
އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ޤާނޫނީ ވަކީލު: ޙުސައިން ސިރާޖް، ފިފްޓީ ފްލާވަރ، އއ. އުކުޅަސް ޤާނޫނީ ވަކީލު: ނޫރުއްސަލާމް އަބޫބަކުރު، ލެކްސަވީ ޗެމްބަރސް އެލްއެލްޕީ
މަދަނީ މައްސަލަ – އެއްބަސްވުމާ ހިލާފުވުން – ކޮންޓްރެކްޓާ ޚިލާފުވެގެން ކޮންޓްރެކްޓް ނިމުމަކަށް ގެނައުން – ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން - ޕްރިވިޓީ އޮފް ކޮންޓްރެކްޓް privity of contract)) - ބޯޑު ރިޒޮލިއުޝަން ތަންފީޒުކުރަން ތިންވަނަ ފަރާތަކުން ދައުވާކުރުން - ވިޔަފާރިތަނެއްގެ އޮޕަރޭޝަން ފެށިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޓެސްޓް
ފިހުރިސްތު
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 1
ތަޢާރުފު 1
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް 1
ސިވިލް ކޯޓުގެ 126/Cv-C-HD/2018 ގަޒިއްޔާ 2
ދިވެހިރާއްޖޭގެ ހައިކޯޓުގެ 2020/HC-A/162ގަޒިއްޔާ 3
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު 5
އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމާބެހޭ 6
އެގްރިމަންޓުގެ ދަށުން ކުރަންޖެހޭ މަސައްކަތް ފަށާފައިވޭތޯ 9
އެއްބަސްވުމެއް ނިމުމަކަށް ގެނައުމާބެހޭ އުސޫލުތައް 11
މައްސަލަ ނިންމަން ފެންނަ ގޮތް 14
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 14
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 14
ޙުކުމް 14
` މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް [2023] SC 25 ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު : (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި) ތަޢާރުފު
1. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/162 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "މެރިން ކޮރަލް") އިން ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (މީގެ ފަހުން "އެޗްޑީސީ") އަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
2. އެޗްޑީސީއަކީ ހުޅުމާލެ އުމްރާނީގޮތުން ތަރައްގީކުރާ ކުންފުންޏެވެ. އެހެންކަމުން ހުޅުމާލޭގެ ބިމުން މުއާމަލާތް ކުރުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވެއެވެ.
3. "ސިނާއީ ބޭނުންތަކަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން" (މީގެ ފަހުން "އެއްބަސްވުން") މި ނަމުގައި އެޗްޑީސީ އާއި މެރިން ކޮރަލްއާ ދެމެދު 12 އޮކްޓޯބަރ 2010 ގައި ކޮންޓްރެކްޓެއްގައި ސޮއިކުރިއެވެ.1 މި އެއްބަސްވުމުގެ ދަށުން އެޗްޑީސީއިން 4418.271 އަކަފޫޓުގެ ބިން 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދޫކޮށްފައި ވެއެވެ.
4. 17 ސެޕްޓެމްބަރު 2015 ގައި އެޗްޑީސީއިން އެއްބަސްވުން ނިމުމަކަށް ގެނައެވެ.2
ސިވިލް ކޯޓުގެ 126/Cv-C-HD/2018 ގަޒިއްޔާ
5. އެޗްޑީސީއިން އެއްބަސްވުން ނިމުމަކަށް ގެނައީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، އެއެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އެދިގެން މެރިން ކޮރަލް އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.3 ސިވިލް ކޯޓަށް މެރިން ކޮރަލް އިން ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 126/Cv-C-HD/2018 ގަޒިއްޔާގައެވެ.
6. މި ދައުވާގެ ޖަވާބުގައި އެޗްޑީސީގެ ފަރާތުން ބުނެފައިވަނީ އެޗްޑީސީއިން އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ އެއްބަސްވުމުގެ ޖައުހަރީ މާއްދާތަކަކާ ޚިލާފުވެފައިވާތީ ކަމަށެވެ. އެގޮތުން މެރިން ކޮރަލްއިން ޚިލާފުވެފައިވާ ޖައުހަރީ ކަންކަމުގެ ގޮތުގައި އެޗްޑީސީއިން ސިވިލް ކޯޓުގައި ފާހަގަކުރީ އަންނަނިވި ކަންކަމެވެ.
(ހ) ކުއްޔަށް ދޫކޮށްފައިވާ ބިމުގެ ކުލި އެއްބަސްވުމާ އެއްގޮތަށް ގަވައިދުން ދައްކާފައި ނުވުން.
(ށ) މެރިން ކޮރަލްއަށް ދޫކޮށްފައިވާ ބިމުގައި އެއްބަސްވުމާ އެއްގޮތަށް އިމާރާތްކޮށްފައި ނުވުން.
(ނ) ކުއްޔަށް ދޫކޮށްފައިވާ ބިމުގައި އެއްބަސްވުމާ އެއްގޮތަށް ގާއިމުކުރަންޖެހޭ ސިނާއަތު ފައްޓާފައި ނުވުން.
7. މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި، އިސްވެދިޔަ ޕެރެގްރާފުގައިވާ ފުރަތަމަ ނުކުތާއާ ބެހޭގޮތުން، ބުނެފައިވަނީ ކުއްޔަށް ދޫކޮށްފައިވާ ބިމުގެ ކުލި މެރިން ކޮރަލް އިން އެއްބަސްވުމާ އެއްގޮތަށް ގަވައިދުން ދައްކާފައި ނުވާކަމަށް އެޗްޑީސީއިން ބުނާ ބުނުން ސާބިތުނުވާކަމަށެވެ.4
8. މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި، އިސްވެދިޔަ 6 ވަނަ ޕެރެގްރާފުގައިވާ ދެވަނަ ނުކުތާއާ ބެހޭގޮތުން، ބުނެފައިވަނީ މެރިން ކޮރަލްއަށް ދޫކޮށްފައިވާ ބިމުގައި އެއްބަސްވުމާ އެއްގޮތަށް އިމާރާތްކޮށްފައި ނުވާ ކަމަށެވެ. އެއްބަސްވުމާ އެއްގޮތަށް އިމާރާތްކޮށްފައި ނުވާ ކަމަށް ސާބިތުވާ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހުޅުމާލޭގައި އިމާރާތްކުރެވޭނީ ހުޅުމާލޭގައި އިމާރާތްކުރުމުގެ ހުއްދަ ނަގައިގެން ކަމަށްވާއިރު، އެޗްޑީސީއިން ދޫކޮށްފައިވާ "އިމާރާތްކުރުމުގެ ހުއްދަ" އާއި އެއްގޮތަށް މެރިން ކޮރަލް އިން ކުއްޔަށް ދެވުނު ބިމުގައި އިމާރާތްކޮށްފައި ނުވާތީ ކަމަށެވެ.
9. މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި، އިސްވެދިޔަ 6 ވަނަ ޕެރެގްރާފުގައިވާ ތިންވަނަ ނުކުތާއާ ބެހޭގޮތުން، ބުނެފައިވަނީ މެރިން ކޮރަލްއަށް ދޫކޮށްފައިވާ ބިމުގައި އެއްބަސްވުމާ އެއްގޮތަށް އެ ބިމުގައި ގާއިމުކުރަންޖެހޭ ސިނާއަތު ގާއިމުކޮށްފައި ނުވާ ކަމަށެވެ. އެއީ، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ގ) ގެ ދަށުން 15 މަސްދުވަހުގެ ތެރޭގައި ސިނާއަތު ފަށަންޖެހޭނެ ކަމަށް ބުނެފައިވާއިރު، އެގޮތަށް އެ ސިނާއަތު ފަށާފައި ނުވާތީ އެ ސިނާއަތު ގާއިމުކުރެވިފައިނުވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ 2020/HC-A/162ގަޒިއްޔާ
10. ސިވިލް ކޯޓުގެ ނަންބަރު 126/Cv-C-HD/2018 ގަޒިއްޔާ ނިމުނު ގޮތާމެދު ހިތްހަމަނުޖެހިގެން މެރިން ކޮރަލް އިން އެ މައްސަލަ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2020/HC-A/162 ގަޒިއްޔާގައެވެ. ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް މެރިން ކޮރަލްއިން ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
(ހ) ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ހުށަހެޅުނު ކިތާބީ އަދި ޝަފަހީ ހެއްކަށް ރިއާޔަތްނުކޮށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
11. އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ދެވަނަ ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރި ފަރާތުން ކޯޓުގައި ބަޔާންކޮށްދީފައި ނެތުމުން، އެ ދެ ނުކުތާއަކީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރެވޭ ދެނުކުތާ ނޫން ކަމަށެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ – ދަށު ކޯޓުން ކިތާބީ އަދި ޝަފަހީ ހެއްކަށް ރިއާޔަތްކޮށްފައި ނެތް ކަމަށް ބުނެ ހުށަހެޅި ނުކުތާ - އާ ބެހޭގޮތުން ހައިކޯޓުން ނިންމާފައިވާ ނިންމުން ނިންމާފައިވަނީ 5 ސުރުޚީއެއްގެ ދަށުގައެވެ.
(ހ) ސިނާއަތް ގާއިމުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ: މި ނުކުތާއާ ބެހޭ ގޮތުން ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ކުއްޔަށް ދޫކުރެވުނު ބިމުގައި އިމާރާތްކޮށް ސިނާއަތު ފަށަންޖެހޭ ވަކި މުއްދަތެއް އެއްބަސްވުމުގައި ކަނޑައެޅި ބަޔާންވެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ސިނާއަތު ގާއިމުކޮށްފައި ނުވާނަމަ ވަގުތުން އެއްބަސްވުން ބާތިލުކުރުމުގެ އިޚްތިޔާރު އެއްބަސްވުމުގެ ދަށުން އެޗްޑީސީއަށް ލިބިގެންވާއިރު، އެއްބަސްވުމާއެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތަނުގައި ގާއިމުކުރަންޖެހޭ ސިނާއަތު ގާއިމުކޮށްފައިނުވާކަން ސާބިތުވާ ކަމަށެވެ.
(ށ) ކުލިދެއްކުމާބެހޭ ނުކުތާ: ކުލި ދެއްކުމާބެހޭ ގޮތުން ދަށު ކޯޓުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ބަދަލުގެނެސްފައި ނުވެއެވެ.
(ނ) ޕާފޮމަންސް ގެރެންޓީއާބެހޭ ނުކުތާ: ޕާފޮމަންސް ގަރަންޓީގެ ފައިސާ ދޫކޮށްފައިވާ ކަމަށާއި، އެކަމުން ދަލާލަތުކޮށްދެނީ އެއްބަސްވުމުގެ ދަށުން ގާއިމުކުރަންޖެހޭ ސިނާއަތު ގާއިމުކޮށްފައިވާކަން ކަމަށާއި، ސިނާއަތު ގާއިމުނުކުރާނަމަ ޕާފޮމަންސް ގެރެންޓީ ދޫ ނުކުރާނެ ކަމަށް މެރިން ކޮރަލް އިން ބުނެފައިވީ ނަމަވެސް، ޕާފޮމަންސް ގެރެންޓީގެ ފައިސާ އެޗްޑީސީއިން މެރިން ކޮރަލްއަށް ދޫކޮށްފައިވަނީ އެޗްޑީސީއަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ކަމަށްވާއިރު، އެކަމަކީ އެއްބަސްވުމުގެ ދަށުން ގާއިމުކުރަންޖެހޭ ސިނާއަތު ގާއިމުކޮށްފައިވާކަން ދަލާލަތުކޮށްދޭ ކަމެއް ނޫންކަމަށް ހައިކޯޓުން ކަނޑައަޅާފައި ވެއެވެ.
(ރ) ޝަފަހީ ހެއްކަށް ރިއާޔަތްނުކުރާކަމަށް ބުނެ ހުށަހެޅި ނުކުތާ:
މިފަދައިން ފާހަގަކުރި ކުރުން ފިޔަވައި ޝަރިއަތުން ރިއާޔަތްނުކުރަނީ އެފަރާތުން ހުށަހެޅި ކޮން ހެއްކަކަށްކަން ބަޔާންކޮށްފައި ނުވާތީ މި ނުކުތާއާ މެދު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
(ބ) އެއްބަސްވުން ދެމެހެއްޓުމަށް އެޗްޑީސީގެ ބޯޑުން ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ: މި ނުކުތާއާ މެދު ހައިކޯޓުން ކަނޑައެޅި ކަނޑައެޅުމުގައި ބުނެފައިވަނީ އެފަދަ ނިންމުމެއް އެޗްޑީސީގެ ބޯޑުން ކަނޑައެޅި ނަމަވެސް، އެ ނިންމުން މެރިން ކޮރަލްއަށް އެންގިކަން އެނގެން ނެތް ކަމަށެވެ.
12. ސުޕްރީމް ކޯޓުގެ 2018/SC-A/22 އަދި 2018/SC-A/11 އެގޮތަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ މައްސަލަތަކުގައި ހިމެނޭ އެއްބަސްވުންތައް އެޗްޑީސީއިން ނިމުމަކަށް ގެނެސްފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ ސިނާއަތު ގާއިމުކުރުމަށް އެ އެއްބަސްވުންތަކުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތުމުން ކަމަށާއި، މި މައްސަލާގައި ހިމެނޭ އެއްބަސްވުމުގައި ސިނާއަތު ގާއިމުކުރަންޖެހޭ ވަކި މުއްދަތެއް ބަޔާންކޮށްފައިވާ ކަމަށާއި، އެ ސަބަބަށްޓަކައި މި މައްސަލައާއި ކުރިން ސުޕްރީމް ކޯޓުން ނިންމި ދެ މައްސަލައާ ތަފާތުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު
13. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/162 ގަޒިއްޔާގައި އެކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން މެރިން ކޮރަލްގެ ފަރާތުން އެ ނިންމުން މި ކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ. މެރިން ކޮރަލްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ތިރީގައި މިވަނީއެވެ.
(ހ) އެއްބަސްވުން ބާތިލުކުރުމަށް ނިންމި ނިންމުން އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ބަދަލުކޮށްފައިވާ ކަން ދަލީލުކޮށްދޭ އެކުންފުނީގެ ބޯޑުގެ ނިންމުމަށް ރިއާޔަތް ނުކޮށް މައްސަލަ ނިންމާފައިވުން.
(ށ) މެރިން ކޮރަލްގެ ފަރާތުން ކުރަންޖެހޭ މަސައްކަތް ފަށާފައިވާކަން އެނގޭނެ ހެކި ގަރީނާ ހުށަހެޅިފައިވީއިރު، އެއްބަސްވުމުގެ ދަށުން މަސައްކަތާގުޅޭގޮތުން ހިމެނޭ މާއްދާ މާނަކުރުމާމެދު ދެފަރާތުގެ ދެމެދުގައި އޮތް ޚިލާފާމެދު ގޮތެއް ނިންމުމުގައި، އެ މާއްދާއާ އެއްގޮތަށް މަސައްކަތް ފަށާފައި ނުވާކަމަށް، ހައިކޯޓުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްނުކޮށް ކަމުގައި ވުން.
އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމާބެހޭ
14. މި ނުކުތާގައި މެރިން ކޮރަލްގެ ފަރާތުން ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުން އެ ބޯޑުން ބަދަލުކޮށްފައި ވާކަން ދަލީލުކޮށްދޭ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަށް އޮތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ރިއާޔަތް ނުކޮށް ކަމަށާއި، އެހެންކަމުން، ހައިކޯޓުން މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވަނީ މައްސަލައިގެ ނިންމުމަށް ވާސިލުވުމުގައި މައްސަލައިގެ ވާގިއާތައް ކަށަވަރުކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ޑެފްނޭ ޕްރައިވެޓް ލިމިޓެޑް ވ. ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް5 ގަޒިއްޔާ އާއި އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްތަފާ6 ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
15. މެރިން ކޮރަލްގެ ފަރާތުން ބުނެފައިވަނީ އެޗްޑީސީގެ ނަންބަރު MD-M/2018/2893 މެމޯ ޑޮކިއުމަންޓް ނަންބަރު 3 ގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، މި މެމޯ މެރިން ކޮރަލްއިން ދަށު ކޯޓަށް ހުށަހަޅާފައިވަނީ މި މައްސަލައިގައި އެއް ހާލަތެއްގައި ތިބި ސްޓެޓިކް ކޮމްޕެނީއާއި، ހުސެން ފަޔާޒްއަށް އެޗްޑީސީއިން އެއް މަގްސަދަށް އެކުލަވާލެވުނު އެއްބަސްވުމާމެދު އަމަލުކުރަން ނިންމި ގޮތަށް، މި މައްސަލައިގައި ހިމެނޭ އެއްބަސްވުންވެސް ދަމަހައްޓަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަން ސާބިތުކުރުމަށް ކަމަށެވެ. އަދި އެއްބަސްވުން ދަމަހައްޓަން ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުން އެޗްޑީސީގެ ލީގަލް ޑިޕާޓްމަންޓަށް އަންގާފައިވާކަން އެލިޔުމުން ސާބިތުވާ ކަމަށާއި، އެއްބަސްވުން ދަމަހައްޓަން އެޗްޑީސީގެ ބޯޑުން ނިންމި ނިންމުމަށް ޝަރިއަތުގެ މަޖިލީހުގައި އެޗްޑީސީގެ ވަކީލުން އިންކާރުކޮށްފައި ނުވާ ކަމަށް މެރިން ކޮރަލްގެ ފަރާތުން ބުނެފައިވެއެވެ.
16. މި ނުކުތާގެ ރައްދުގައި އެޗްޑީސީގެ ފަރާތުން ބުނެފައިވަނީ، ބޯޑުގެ އެ ނިންމުމަކީ މެރިން ކޮރަލްއާއި ހިއްސާކޮށްފައިވާ ލިޔުމެއް ނޫންކަމަށްވާތީވެ، އެއީ ސައްހަ ލިޔުމެއް ނޫންކަމަށެވެ. އެޗްޑީސީގެ ފަރާތުން ބުނެފައިވަނީ އެޗްޑީސީގެ ނިންމުންތަކާއި ފޮނުވާ ބޯޑުގެ މެމޯތަކަކީ ސިއްރުއެއްޗެހި ކަމަށާއި، އެއްވެސް ހާލެއްގައި ތިންވަނަ ފަރާތަކާއި އެޗްޑީސީއިން ހިއްސާ ކުރާނޭ އެއްޗެއް ނޫން ކަމަށާއި، އަދި ބޯޑުގެ ނިންމުމެއްގެ މެމޯ ކޮންމެވެސް ނުރަސްމީ ނުވަތަ ޣައިރުގާނޫނީ ގޮތަކަށް ހޯދައި ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވަނީ ކަމަށެވެ. އަދި އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވަނީ މިފަދަ ލިޔުމެއް ކޯޓަށް ހުށަހެޅުމަކީ އަދި ކޯޓުން މިފަދަ ލިޔުމަކަށް ރިއާޔަތްކުރުމަކީ ގާނޫނުއަސާސީގެ 24 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި މި ލިޔުމަށް ސުޕްރީމް ކޯޓުން އެއްވެސް މިންވަރަކަށް ރިއާޔަތްނުކުރެވޭނެ ކަމަށެވެ. ބަހުސްގެ ބޭނުމަށް މި ލިޔުމަށް ރިއާޔަތްކުރި ނަމަވެސް އެ ލިޔުމަކީ އޭގެ ޒާތުގައި އެ ލިޔުމުގެ މައްޗަށް ބިނާކޮށް ދެފަރާތުގެ ދެމެދުގައި ދެފަރާތް ބަނދެވޭ ހައްގުތަކެއް އުފަންކުރުވާ ލިޔުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ބޯޑުން އެގްރީމަންޓު އިއާދަކުރަން ނިންމި ނަމަވެސް، އެ ނިންމުމަށް އެއްވެސް ގާނޫނީ ބާރުވެރިކަމެއް ލިބޭނީ އެ ނިންމުން މެރިން ކޮރަލްއަށް އަންގާފައިވާނަމަ ކަމަށެވެ.
17. ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ދަމަހައްޓަން އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށް މެރިން ކޮރަލްގެ ފަރާތުން ފާހަގަކުރި ނަމަވެސް އެފަދަ ނިންމުމެއް ނިންމައި އެކަން މެރިން ކޮރަލްއަށް އަންގާފައިވާކަން އެނގެން ނެތްކަމަށެވެ.
18. އާއްމު އުސޫލެއްގެ ގޮތުން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ނިންމުންތައް ހިނގާނީ ކުންފުނީގެ މައްޗަށާއި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ މައްޗަށެވެ. އެހެންކަމުން، އާއްމު އުސޫލެއްގެ ގޮތުން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ތަންފީޒުކުރަން ކޯޓުގައި ދައުވާކުރުމަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓުގެ މަފްހޫމުގެ ދަށުން ތިންވަނަ ފަރާތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މި އާއްމު އުސޫލުގެ އިސްތިސްނާ ހާލަތުތަކެއް ހުރެއެވެ. މިސާލަކަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާ ނިންމުމަކުން ނުވަތަ ގަރާރަކުން ކަނޑަޅި އައްޔަންވެގެންވާ ތިންވަނަ ފަރާތަކަށް މަންފާއެއް ނުވަތަ ހައްގެއް ދިނުމަށް ނިންމާފައިވާ ހާލަތުގައި އެފަދަ ހައްގެއް ނުވަތަ މަންފާއެއް ލިބިގަތުމަށް ދައުވާކުރެވިދާނެއެވެ.
19. މި މައްސަލައިގައި ހަވާލާދީފައިވާ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުން ގަވާއިދުން އެޗްޑީސީގެ ފަރާތުން މެރިން ކޮރަލްއަށް އެންގިކަން އެނގެންނެތެވެ. އެފަދަ ނިންމުމެއް ބޯޑުން ނިންމާފައި އޮތްކަން ސާބިތުކުރުމަށް މެރިން ކޮރަލްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވަނީ ބޯޑުން ނެރެފައިވާ މެމޯއެއް ކަމަށް ބުނާ ލިޔުމެއްގެ ކޮޕީއެކެވެ. އެ ނިންމުން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށް ކުންފުނިން ކޯޓުގައި އިންކާރުކޮށްފައި ނެތެވެ. ނަމަވެސް އެ ލިޔުން މެރިން ކޮރަލްއަށް ލިބިފައިވަނީ ސައްހަމަގަކުން ނޫންކަމަށް އެޗްޑީސީއިން ކޯޓުގައި ބުނެފައި ވެއެވެ. މި ލިޔުން މެރިން ކޮރަލް އަށް ލިބުނީ ކިހިނެތްކަން އެފަރާތުން ކޯޓުގައި ހާމަކޮށްފައި ނުވެއެވެ. ދައުވާއެއް ސާބިތުކުރުމަށް ބޭނުންވާ ލިޔުންތަކުގެ ތެރެއިން ލިޔުމަކީ ޚަސްމުގެ އަތުގައި އޮތް ލިޔުމަކަށް ނުވާނަމަ، އަދި އެ ލިޔުމެއް އެއްވެސް ފަރާތެއްގެ އަތުގައި އޮތްކަމަށް ގަބޫލުކުރެވޭނަމަ، އެ ލިޔުމެއް ހާމަކުރަން އެދި އެފަރާތެއްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ހައްގު މަދަނީ އިޖުރާއަތުގެ ގާނޫނު7ގެ ދަށުން ޚަސްމުންނަށް ލިބިގެންވެއެވެ. އެއްވެސް ފަރާތަކުން ނިންމާ ނިންމުމެއްގެ ދަށުން އެހެން ފަރާތަކަށް ހައްގެއް ލިބޭނީ އެނިންމުމުގެ ޒަރީއާއިން މަންފާލިބޭ ފަރާތަށް އެ ކަމެއް އެންގުމުންނެވެ. އެފަދަ އެންގުމެއް އެޗްޑީސީގެ ފަރާތުން މެރިން ކޮރަލްއަށް އަންގާފައި ނެތުމުގެ ސަބަބުން، ކުންފުނީގެ އެތެރޭގައި ނިންމާފައި އޮންނަ ނިންމުމެއް ތަންފީޒުކުރަން ހުށަހެޅުމުގެ ހައްގު މެރިން ކޮރަލްއަށް ލިބިގެންވާކަމަށް ނުފެނެއެވެ. އެހެން ނަމަވެސް، އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ނިންމުން އަނބުރާ ގެނައުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް އޮވެ، އެކަން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށާއި، ކޯޓަށް ވަންހަނާކޮށް، އެ ނިންމުން ކުންފުނިން ތަންފީޒުނުކޮށް އެ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ކޯޓުގައި ވަކާލާތުކޮށްފައިވަނީ ހެޔޮނިޔަތުގައި ކަމަށް ނުދެކެމެވެ. އަދި އެއްހާލަތެއްގައި ތިބި ދެކުންފުންޏަކާ މެދު ދެގޮތަކަށް އަމަލުކުރި ކުރުމަކީވެސް ހެޔޮނިޔަތުގައި ކުރިކަމެއް ކަމަށްވެސް ނުދެކެމެވެ.
އެގްރިމަންޓުގެ ދަށުން ކުރަންޖެހޭ މަސައްކަތް ފަށާފައިވޭތޯ
20. އެގްރިމަންޓްގެ ދަށުން ކުރަންޖެހޭ މަސައްކަތް ފަށާފައިވޭތޯ، މި ނުކުތާގައި މެރިން ކޮރަލްގެ ފަރާތުން ބުނެފައިވަނީ، އެ ފަރާތުން ކުރަންޖެހޭ މަސައްކަތް ފަށާފައިވާކަމަށް ހެކި ގަރީނާ ހުށަހެޅިފައިވީ ނަމަވެސް، އެއްބަސްވުމުގައި މަސައްކަތާ ގުޅޭގޮތުން އޮތް މާއްދާ މާނަކުރުމާމެދު ދެފަރާތުގެ ދެމެދުގައި އޮތް ޚިލާފާމެދު ހައިކޯޓުން ނިންމާފައިވަނީ ހުށަހެޅިފައިވާ ހެކިތަކާއި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ރިއާޔަތްނުކޮށް ކަމަށެވެ.
21. އެޗްޑީސީ އިން މި ނުކުތާގެ ރައްދުގައި ބުނެފައިވަނީ މެރިން ކޮރަލްއަށް ދޫކޮށްފައިވާ ބިމުގައި އެއްބަސްވުމާ އެއްގޮތަށް އެ ބިމުގައި ގާއިމުކުރަންޖެހޭ ސިނާއަތު ގާއިމުކޮށްފައި ނުވާ ކަމަށެވެ. އެޗްޑީސީގެ ފަރާތުން ބުނެފައިވަނީ، އެއްބަސްވުމުގެ ދަށުން މެރިން ކޮރަލް އިން ގާއިމުކުރަންޖެހޭ ސިނާއަތު ގާއިމުކޮށްފައިނުވާ ކަމަށް އެފަރާތުން ބުނާ ސަބަބަކީ، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ގ) ގެ ދަށުން 15 މަސްދުވަހުގެ ތެރޭގައި ސިނާއަތު ފަށަންޖެހޭނެ ކަމަށް ބުނެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި އަދި ފަހުން އިތުރުކޮށްދެވުނު 8 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ވެސް އެ ސިނާއަތު އެތަނުގައި ފަށާފައި ނުވާތީ ކަމަށެވެ.
22. މެރިން ކޮރަލްގެ ފަރާތުން އެއްބަސްވުމާއެއްގޮތަށް ސިނާއަތު ގާއިމުކޮށްފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ ޝަރިއަތުގައި ބަޔާންކުރުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ހަވާލާދީފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގެ ހުކުމުގެ 34 ވަނަ ޕެރެގްރާފްގައި އެ ކޯޓުން ބަޔާންކޮށްފައިވާ ވާގިއާތަކަށެވެ. އެ ނުކުތާގެ ތަފްސީލުގައި އެޗްޑީސީގެ ފަރާތުން ބުނެފައިވަނީ އެގްރީމަންޓު ނިމުމަކަށް ގެނައުމަށް އެޗްޑީސީގެ ފަރާތުން ނޯޓިސް ފޮނުވުމުން އެ ނޯޓިސްގެ ރައްދުގައި މެރިން ކޮރަލް އިން އެޗްޑީސީއަށް ފޮނުވި ސިޓީއިން އެތަނުގައި އެޗްޑީސީއިން ހުއްދަދީފައިވާ ކުރެހުންތަކާ އެއްގޮތަށް ކުރަންޖެހޭ އިމާރާތް ހަދައި އެ ކުރެހުންތަކުގައި ކަނޑައެޅިފައިވާ ފެންވަރަށް ހަދައިނުނިމޭކަމަށް މެރިން ކޮރަލްއިން އިއުތިރާފުވެފައިވާ ކަމަށް ހައިކޯޓުގެ ހުކުމުގެ 34 ވަނަ ޕެރެގްރާފުގައި ހައިކޯޓުން ބަޔާންކޮށްފައިވާ ކަމަށެވެ.
23. މެރިން ކޮރަލްގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ގ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިމުގައި ގާއިމުކުރަންޖެހޭ ސިނާއަތު ގާއިމުކުރެވިފައިވާ ކަމަށާއި، އެގޮތުން ސިނާއަތު ގާއިމުނުކުރާ ކަމަށް އިސްތިއުނާފް ރައްދުވާ ފަރާތުން ބުނާ ބިމުގައި އިމާރާތްކުރުމުގެ ހުއްދަ އެޗްޑީސީއިން ހޯދުމަށްފަހު، 14 ފޫޓް 60 ފޫޓުގެ އިމާރާތެއް ރާނާ ހިޔާކޮށްފައިވާ ކަމަށާއި، އެ އިމާރާތުގެ ފޮޓޯތައް ދަށު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އިމާރާތަކީ އެޗްޑީސީއިން ހުއްދަ ދީގެން ކަރަންޓާއި ފެނުގެ ޚިދުމަތްވެސް ގާއިމުކޮށްފައިވާ ކަމަށާއި އެކަމާބެހޭ ލިޔެކިޔުންތައް ދަށު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
24. މެރިން ކޮރަލްއިން އިތުރަށް ބުނެފައިވަނީ، ސިނާއަތު ގާއިމުކުރާނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އެޗްޑީސީގައި ބަހައްޓާފައިވާ ޕާފޮމަންސް ގަރަންޓީގެ ފައިސާ ދައުވާކުރާ ފަރާތަށް ދޫކޮށްފައި އޮތުމުން އެއީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ސިނާއަތު ގާއިމުކުރެވިފައިވާކަން އެފަރާތުން ގަބޫލުކުރާ ކަމުގެ ހެއްކެއް ކަމަށާއި، އެ ނޫން ނަމަ، އެފައިސާ އެޗްޑީސީއިން ދޫކުރާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
25. މެރިން ކޮރަލްގެ ފަރާތުން އިތުރަށް ބުނެފައިވަނީ މިހާރުވެސް އެތަނުގެ ކުލި އަންނަނީ އެޗްޑީސީއަށް ދައްކަމުން ކަމަށާއި، އެ ފައިސާ އެޗްޑީސީއިން ބަލައިގަންނަމުންދާ ކަމަށެވެ.
26. ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ގ) ގައި ބުނެފައިވަނީ އެއްބަސްވުން ގާއިމުކުރާ ދުވަހުން ފެށިގެން 15 މަސްދުވަހުގެ ތެރޭގައި ބިމުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސިނާއަތް ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމައި އެ ސިނާއަތު ފެށުން މެރިން ކޮރަލްގެ މައްޗަށް ލާޒިމުވާ ކަމަށެވެ. އަދި ސިނާއަތު ގާއިމުކުރުމަށް މެރިން ކޮރަލްއަށް ދީފައިވާ މުއްދަތު ދެފަހަރެއްގެ މަތިން އެޗްޑީސީއިން އިތުރުކޮށްދީފައިވާކަން ދަށުކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.
27. ކުއްޔަށް ދޫކޮށްފައިވާ ބިމުގައި ހަދާފައިވާ ތަނުގައި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރަމުންގެންދާކަން ސާބިތުކުރުމަށް ދައުވާކުރާ ފަރާތުން އިޝޫކޮށްފައިވާ އަދި އެފަރާތުން އެކްސްޕޯޓްކުރި ތަކެތި އެނގޭނޭ ޑޮކިއުމަންޓުތައް މެރިން ކޮރަލްގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވެއެވެ.
އެއްބަސްވުމެއް ނިމުމަކަށް ގެނައުމާބެހޭ އުސޫލުތައް
28. ދެ ފަރާތެއްގެ ދެމެދުގައި އޮތް ދެބަސްވުމަކީ އެޗްޑީސީއިން އިން އެއްބަސްވުން އުވާލާފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ކަމާ މެދުގައެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ8 ގަޒިއްޔާގައި ކަނޑައަޅާފައިވާ ފަދައިން، "ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓަކާ ޚިލާފުވެގެން، ދެފަރާތެއްގެ ދެމެދުގައި ވާސިލުވެވިފައިވާ ކޮންޓްރެކްޓެއް ނިމުމަކަށް ގެނެވޭނީ އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން ކަމަށް ވާނަމައެވެ. ޚިލާފުވީ ކަމަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމެއް ކަމަށްވާނީ އެ ޚިލާފަކީ ބުރަދަން ހުރި ސީރިއަސް ނަތީޖާއެއް ނިކުންނަ ކަމަކަށްވާ ނަމައެވެ." ވީމާ، މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަކީ، މެރިން ކޮރަލް އިން ކޮންޓްރެކްޓާ ޚިލާފުވެފައިވޭތޯ އާއި ޚިލާފުވެފައިވާނަމަ، އެ ޚިލާފަކީ ކޮންޓްރެކްޓެއް ނިމުމަކަށް ގެނައުން ހުއްދަވާ މިންވަރުގެ ބުރަދަންހުރި ސީރިއަސް ނަތީޖާއެއް ނިކުންނަ ޚިލާފެއްތޯ އެވެ.
29. މި މައްސަލައަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި ޚިލާފުވުން އުފެދިފައިވަނީ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ގ) މާނަކޮށްފައިވާ ގޮތާމެދުގައެވެ. އެޗްޑީސީގެ ފަރާތުން ބުނެފައިވަނީ މެރިން ކޮރަލް އިން ކުއްޔަށް ދިން ބިމުގައި ގާއިމުކުރަންޖެހޭ ސިނާއަތު ގާއިމުކޮށްފައި ނުވާތީވެ، މެރިން ކޮރަލް އިން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށެވެ. އަނެއް ކޮޅުން މެރިން ކޮރަލްއިން ބުނަނީ އެއްބަސްވުމުގެ 11 ވަނަ މާއްދާ ލާޒިމުކުރަނީ ސިނާއަތު ފެށުން ކަމަށެވެ. ސިނާއަތު ފެށުން ކަމަށް އިޝާރާތްކުރަނީ އެތަނުގައި ކުރަން ހުށަހަޅާފައިވާ މަސައްކަތްކުރަން ފެށުމަށެވެ.
30. ތަނެއްގައި ފަށަންޖެހޭ މަސައްކަތެއް ފެށިއްޖެތޯ ބެލުމަށްޓަކައި ގެންގުޅޭނޭ ޓެސްޓު ބަޔާންކޮށްފައިވަނީ މިކޯޓުން ކުރިން ނިންމާފައިވާ ގަޒިއްޔާ އެއްކަމުގައިވާ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސް)9 ގަޒިއްޔާގައެވެ. އެ ހުކުމުގެ 40 ވަނަ ޕެރެގްރާފުގައި ބުނެފައިވަނީ އަންނަނިވި ގޮތަށެވެ.
"ވިޔަފާރިތަނެއްގެ އޮޕަރޭޝަން ފެށިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް އެކިއެކި ކަންކަމަށް ރިއާޔަތްކުރެވެއެވެ. އެހެން ކަމުން ތަނެއްގެ އޮޕަރޭޝަންތައް ފެށިއްޖެ ކަމަށް ބެލެވޭނީ ކޮންމެ މައްސަލައެއްގައި ވެސް އެ މައްސަލައިގެ ޚާއްސަ ވާގިއާތަކަށް ރިއާޔަތް ކޮށްގެންނެވެ. އެގޮތުން އެކި ވިޔަފާރިތަކުގައި އޮޕަރޭޝަންތައް ފެށިއްޖެތޯ ކަނޑައެޅުމަށް އަންނަނިވި ކަންކަމަށް ރިއާތްކުރެވިފައި ހުރެއެވެ. އެއީ:
(ހ) އެތަނުން އިންވޮއިސް ހަދައި އިންވޮއިސް ބަލައިގަންނަން ފެއްޓުން
(ށ) މުދާ އުފައްދާ ތަންތަނުން މުދާ އުފައްދަން ފެށުން
(ނ) މުދާ ވިއްކަން ފެށުން
(ރ) ވިޔަފާރިއަށް ބޭނުންވާ މުދާ ގަތުން
(ބ) ކުންފުނިން ވިޔަފާރި ކުރުމަށް ކޮންޓްރެކްޓު ހެދުން
(ޅ) މުވައްޒަފުން ހޯދުން ނުވަތަ މަސައްކަތު މީހުން ހޯދުން
(ކ) މުވައްޒަފުންނަށް މުސާރަ ދިނުން
(އ) ކުންފުނީގެ ޚަރަދުތަކަށް ފައިސާ ދެއްކުން
(ވ) ކުންފުނީގެ ވިޔަފާރިއަށް މާލީ އިންސްޓްރޫމެންޓު ގަތުން
31. މި މައްސަލައިގައި ދަށުކޯޓަށް ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެތަނުގައި އިމާރާތެއް ކުރެވި އެ އިމާރާތް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންގެންދާކަން އެނގެއެވެ. އަދި އެތަނުގައި މުދާ އުފައްދަން ފަށައި މުދާ ރާއްޖެއިން ބޭރަށް ފޮނުވަން ފަށާފައިވާ ކަން ހުށަހެޅިފައިވާ އިންވޮއިސްތަކާއި ޝިޕިންގ ޑޮކިއުމަންޓުތަކުން އެނގޭތީވެ، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސް)10 ގަޒިއްޔާގެ ހުކުމުގެ 40 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ މިންގަނޑުން ބަލާއިރު، މި މައްސަލައިގައި ކުއްޔަށް ދޫކުރެވުނު ތަނުގައި ސިނާއަތު ފެށިފައި އޮތްކަން ހުށަހެޅިފައިވާ ހެކިތަކުން އެއްވެސް އޮޅުމެއް ނެތި ސާފުކޮށް އެނގެއެވެ.
32. އިސްވެ ބަޔާންކުރި ފަދައިން ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓަކާ ޚިލާފުވެގެން، ދެފަރާތެއްގެ ދެމެދުގައި ވާސިލުވެވިފައިވާ ކޮންޓްރެކްޓެއް ނިމުމަކަށް ގެނެވޭނީ އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން ކަމަށް ވާނަމައެވެ. ޚިލާފުވީ ކަމަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމެއް ކަމަށްވާނީ އެ ޚިލާފަކީ ބުރަދަން ހުރި ސީރިއަސް ނަތީޖާއެއް ނިކުންނަ ކަމަކަށް ވާނަމައެވެ. މި މައްސަލައިގައި އެ އޮޅިގަނޑު އެޗްޑީސީއަށް ގިރާކުރެވޭކަމަށް ނުދެކެމެވެ. ސަބަބަކީ މިބާވަތުގެ ކުލީގެ އެއްބަސްވުންތަކުގެ އެންމެ ޖައުހަރީ ޝަރުތަކީ ކުލި ދެއްކުން ކަމަށްވާއިރު، މެރިން ކޮރަލް އިން އެ ޝަރުތާ ޚިލާފުވެފައިނުވާ ކަމަށް ދަށުކޯޓުންނާ ހައިކޯޓުން އޮތީ ކަނޑައަޅާފައެވެ. އެއްބަސްވުމުގެ ދަށުން އެތަނުގައި ސިނާއަތް ގާއިމުކުރަން ލާޒިމުވާއިރު، އެ ސިނާއަތު އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ގ) ގައިވާ ގޮތަށް ފެށިފައިވާކަން ޝަރިއަތަށް ހުށަހެޅުނު ޑޮކިއުމަންޓުތަކުން ސާބިތުވެއެވެ. އަދި އެ ސިނާއަތް ގާއިމުކޮށް ފުރިހަމަވެފައިނުވާކަން ދެފަރާތުގެ ބަހުންވެސް އެނގެއެވެ. ސިނާއަތް ފެށިފައި އޮވެ، އެ ސިނާއަތު ގާއިމުކޮށް ނިމިފައިނުވަނީ އެތަނުގައި ހަދަންޖެހޭ އިމާރާތްހަދައި މުޅިން ފުރިހަމަވެފައި ނެތީމަ، ކަމަށް އެޗްޑީސީއިން ބުނާއިރު، އެކަމުގެ ސަބަބުން އެޗްޑީސީއަށް ލިބޭ މާލީ އެއްވެސް ގެއްލުމެއް އޮތްކަމަށް އެޗްޑީސީއިން ބަޔާންކޮށްދީފައި ނެތުމުން، އެ ޚިލާފަކީ އެގްރީމްނަޓު ނިމުމަކަށް ގެނައުމަށްފުދޭ ބުރަދަން ހުރި ސީރިއަސް ނަތީޖާއެއް ނިކުންނަ ޚިލާފެއްކަމަށް އަހުރެންނަށް ބުރަނުވެވެއެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
33. މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމުން، ސިވިލް ކޯޓުގެ 126/Cv-C-HD/2018 ނަންބަރު ގަޒިއްޔާއާއި، އެގަޒިއްޔާގެ ހުކުމަށް ތާއީދުކޮށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2020/HC-A/162 ނަންބަރު ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، ކޮންޓްރެކްޓާބެހޭ ގާނޫނުގެ މ. 25 (ށ) ގައިވާ ގޮތުގެ މަތިން، އެޗްޑީސީ އާއި މެރިން ކޮރަލްއާ ދެމެދު 12 އޮކްޓޯބަރ 2010 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަށް އަމަލުކުރަން އެޗްޑީސީގެ މައްޗަށް އަމުރުކުރަން ފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
34. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
35. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ 126/Cv-C-HD/2018 ނަންބަރު ގަޒިއްޔާއާއި، އެގަޒިއްޔާގެ ހުކުމަށް ތާއީދުކޮށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ
2020/SC-A/162 ނަންބަރު ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، ކޮންޓްރެކްޓާބެހޭ ގާނޫނުގެ މ. 25 (ށ) ގައިވާ ގޮތުގެ މަތިން، އެޗްޑީސީ އާއި މެރިން ކޮރަލްއާ ދެމެދު 12 އޮކްޓޯބަރ 2010 ގައި ސޮއިކޮށްފައިވާ އެއްބަސްވުމަށް އަމަލުކުރަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން އެޗްޑީސީގެ މައްޗަށް އަމުރުކުރަމެވެ.
މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރު ޙުސްނުއްސުޢޫދު ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
1 ސިވިލް ކޯޓުގައި ދައުވާކުރި ފަރާތުން ހުށަހެޅި ޑޮކިއުމަންޓު ނަންބަރު 1
2 ސިވިލް ކޯޓުގައި ދައުވާކުރި ފަރާތުން ހުށަހެޅި ޑޮކިއުމަންޓު ނަންބަރު 2
3 126/Cv-C-HD/2018 ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަހުގެ 1 ވަނަ ނަންބަރު
4 126/Cv-C-HD/2018 ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަހުގެ 3 ވަނަ ނަންބަރުގެ (ނ) ގެ (2)
5 [2022] SC 63
6 2010/SC-A/02
7 ޤާނޫނު ނަންބަރު 2021/32
8 [2021] SC 52
9 [2021] SC 65
10 [2021] SC 65
2019/SC-A/300 [2021] SC 778
2023/SC-A/05 [2023] SC 27
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.