ޙުސައިން ޙިލްމީ ވ. އިސްމާޢީލް ޝުޖާޢު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/640، 866/Cv-C/2019
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ރިޓާންވި 3 ޗެކްގެ USD 3,726,977 ހޯދުމަށް ކުރި ދަޢުވާގައި ސިވިލް ކޯޓުން ނިންމީ ދަރަނި ސާބިތު ނުވާކަމަށާއި، އިޢުތިރާފުން ސާބިތުވާ 7,250,000ރ. ދައްކަންޖެހޭ ކަމަށެވެ. ހައިކޯޓުން އަޣުލަބިއްޔަތުން އެ ޙުކުމް ބާޠިލުކޮށް ޗެކްތަކުގެ ފައިސާ ދައްކަން ނިންމުމުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- ޙުސައިން ޙިލްމީ އިސްމާޢީލް ޝުޖާޢުއަށް ދިން 3 ޑޭޓެޑް ޗެކް ފައިސާ ނެތުމުން ރިޓާންވިއެވެ. އެއީ ކުރިން ދިން 17 ޗެކްގެ ބަދަލުގައި ދިން ޗެކްތަކެވެ. ނަގުދު ފައިސާ ލިބުނުކަމަށް ސޮއިކޮށްފައިވާ އެއްބަސްވުންތައް ހުށަހެޅުނެވެ. ޙިލްމީ ބުނީ ފައިސާއެއް ނުލިބޭ ކަމަށާއި، ބިރުދައްކައިގެން ސޮއިކުރުވި ކަމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޗެކްތަކާއި ނަގުދު ފައިސާ ލިބުނުކަމަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށް، ފައިސާ ލިބުނުކަމަށް އިންކާރުކުރާ ފަރާތުގެ މައްޗަށް ދަރަނި ސާބިތުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ހުށަހެޅިފައިވާ ހެކިތަކާއި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޙިލްމީ ބުނީ ހައިކޯޓުން ހެކިތަކުން ނުލިބޭ ނަތީޖާ ނެރުނު ކަމަށާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 12، 13 އަދި 15 ވަނަ މާއްދާއާ ޚިލާފުވި ކަމަށާއި، ޗެކެއް އެކަނި ދަރަނީގެ ހެއްކަކަށް ނުވާ ކަމަށެވެ. ޝުޖާޢު ބުނީ އެއްބަސްވުންތަކާއި ޗެކްތައް ދިމާވާ ކަމަށާއި، ޗެކްތައް ދިންކަމަށް ޙިލްމީ އިންކާރު ނުކުރާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އަޣުލަބިއްޔަތުން ބުނީ، ޗެކްތަކާ ގުޅޭ ހައިކޯޓުގެ ނިންމުންތައް ލިޔުންތަކުން ދޭހަނުވާ ކަމަށާއި، ފައިސާ ނަގުލުވިކަން ސާބިތުކުރަންޖެހޭނީ ދަޢުވާކުރާ ފަރާތުން ކަމަށާއި، ހެކިވެރިއެއް ނެތް އެއްބަސްވުންތަކަށް ބުރަދަނެއް ނުދެވޭ ކަމަށެވެ. ނުފޫޒުގެ އިފްތިރާޟު މިތާނގައި ނުހިނގާ ކަމަށާއި، ޙުކުމަށް ތާވަލުކުރުމަށްފަހު އިސްތިއުނާފު އަނބުރާ ގެންދިއުމުގެ ހުއްދަ ނުދޭ ކަމަށް ބުނެއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ 2019/HC-A/640 ޙުކުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ކަނޑައަޅައި، އެ ޙުކުމް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ބާޠިލުކޮށްފި. ޗެކްތަކާ ގުޅޭ ހައިކޯޓުގެ ނިންމުންތައް ހުށަހެޅިފައިވާ ލިޔުންތަކުން ދޭހަވާ ގޮތަށް ނުވާކަމާއި، ފައިސާ ނަގުލުވިކަމަށް ދަލާލަތުކުރާ ހެއްކެއް ނެތްކަން ކަނޑައަޅައިފި. ނުރަނގަޅު ނުފޫޒާއި ބިރުދެއްކުމާ ބެހޭ ނުކުތާއާއި، ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު މައްސަލައާ ބެހޭ ނުކުތާއާއި، ހައިކޯޓުގެ އަޑުއެހުން ސިއްރުކުރުމާ ބެހޭ ނުކުތާ ޤަބޫލުނުކުރި. ޙުކުމަށް ތާވަލުކުރުމަށްފަހު ސެޓްލްމަންޓަށް ބިނާކޮށް އިސްތިއުނާފު އަނބުރާ ގެންދިއުމުގެ ހުއްދަ ނުދެއްވި. އުއްތަމަ ފަނޑިޔާރުގެ ރައުޔަކީ ދެފަރާތް ކޯޓުން ބޭރުގައި ޙައްލުވެފައިވާތީ މައްސަލަ ކުރިއަށް ނުގެންދަންވާނެ ކަމެވެ.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނީ ގޮތުން ތަންފީޒު ކުރެވޭ އެއްބަސްވުމަކަށް ވުމަށްޓަކައި އެއްބަސްވުމުގެ މުޤާބިލު އެއްފަރާތުން އަނެއް ފަރާތަށް ބަދަލުވާންޖެހެއެވެ.
HN2 އަސްލަކީ، ކޮންމެ މީހަކީ ޒިންމާއިން ބަރީޢަވެގެންވާ މީހަކު ކަމުގައި ބެލުމެވެ. މި ސަބަބަށްޓަކައި ވަކި މީހަކީ، އަނެކާއަށް ދަރާފައިވާ މީހެއްކަމުގައި މީހަކު ބުނާނަމަ، އެކަން ސާބިތު ކުރުމަކީ އެހެން ބުނާ މީހެއްގެ ޒިންމާއެކެވެ.
HN3 ފައިސާ ނަގުލުވިކަމަށް އެއްބަސްވުމުގައި އޮތް އޮތުމަށް އަނެއް ފަރާތުން އިންކާރު ކުރުމުން، އެކަން ސާބިތު ކުރުމަކީ، ޢާންމު އުސޫލުން އެ ފައިސާ ލިބުނުކަމަށް ބުނާ ފަރާތުން ސާބިތު ކޮށްދޭންޖެހޭނެ ކަމެކެވެ.
HN4 އެއްބަސްވުމެއްގައި ހެކިވެރިއެއް ސޮއިކޮށްފައި ނުވާ، ހެކިވެރިއެއްގެ ނަމެއް ނެތް ހާލަތުގައި، މުޢާމަލާތުގެ ދެ ފަރާތުން އެ އެއްބަސްވުމާ ގުޅިގެން އުފެދޭ އެއްވެސް ދެބަސްވުމަކަށް ނުވަތަ ޚިޔާލު ތަފާތުވުމަކަށް އެއްބަސްވުމުގައި ލިޔެފައި އޮތް އެއްޗަކަށް ދެވޭނެ ބުރަދަނެއް އޮތްކަމުގައި ނުދެކެމެވެ. އެހެނީ އެފަދަ އެއްބަސްވުންތަކަށް ބުރަދަން ދޭނެ އިތުރު ހެއްކެއް ނެތުމުން، އެ އެއްބަސްވުންތަކެކޭ، ދެ ފަރާތުގެ ދެމެދުގައި ހެއްކެއް ނެތި އަނގަބަހުން ދެކެވިފައިވާ ވާހަކަތަކެކޭ އެއްވެސް ތަފާތެއް އޮތް ކަމުގައި ނުދެކެމެވެ.
HN5 ނުފޫޒު ފޯރުވުމާއި (Undue Influence) ބިރު ދެއްކުމަކީ (Duress)، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގައި އޮތް ތަފާތު ދެ މަފްހޫމެކެވެ. މި ދެ މަފްހޫމުގެ މައްޗަށް ތަރުތީބުވާ އުސޫލުތައް ވެސް ތަފާތެވެ.
HN6 ނުރަނގަޅު ނުފޫޒު ފޯރުވާފައިވާކަމުގެ އިފްތިރާޟު ކުރެވޭ ޙާލަތުގައި (Presumed Undue Influence) ތަޠުބީޤު ކުރެވޭ އުސޫލަކީ، ނުފޫޒެއް ފޯރުވިދާނެ މަޤާމެއްގައި ހުރެ ނުވަތަ ގުޅުމެއް އޮވެ އެ އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް އިތުރު ކަމެއް ސާބިތުކޮށް ދިނުމެއް ނެތި ކޮންޓްރެކްޓުގައި ނުފޫޒު ފޯރުވާފައިވާކަމަށް އިފްތިރާޟު ކުރެވޭ ޙާލަތުގައި ތަޠުބީޤު ކުރެވޭނެ އުސޫލެކެވެ. އެ ޙާލަތުގައި ނުފޫޒު ފޯރުވޭފަދަ މަޤާމެއްގައި ހުންނަ މީހާއަށް އެކަން ނަފީ ކުރުމަށް ހެކި ހުށަނޭޅިއްޖެ ނަމަ، ނުފޫޒެއް އޮތްކަމަށް ބަލަންޖެހޭނެއެވެ.
HN7 ނިންމުމުގެ ކުރިއަށް އަންނަ އިޖުރާއީ އައިބެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއެއް ހުށަހެޅޭނީ، އެ އިޖުރާއަތަކީ ބާޠިލު އިޖުރާއަތަކަށް ވުމާއެކު، އެ އިޖުރާއީ އައިބުގެ ސަބަބުން ނިންމުމަށް އަސަރެއް ފޯރާފައިވާނަމައެވެ. މިކަން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) އިން އެނގެއެވެ.
HN8 މަދަނީ މައްސަލައެއްގެ އިސްތިއުނާފީ މަރުޙަލާގައި، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމުގައި ބުނެ ޚަޞްމަކު އިސްތިއުނާފު ފޯމު ބާޠިލު ކުރުމަށް ކޯޓަކަށް ހުށަހެޅުމުން ޢަމަލު ކުރާނެ އިޖުރާއަތެއް ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންވެފައިނުވެއެވެ. އެ ޤާނޫނުގެ 23 ވަނަ ބާބުގައިވާ "ދަޢުވާ އަނބުރާ ގެނައުން" ގެ އުސޫލުތަކަކީ، އިސްތިއުނާފީ މަރުޙަލާގައި ބޭނުންކުރުމަށް ލިޔެވިފައިވާ އުސޫލުތަކެއް ނޫނެވެ.
HN9 ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 252 ވަނަ މާއްދާގެ (ށ) އާއި، ސުޕްރީމް ކޯޓުގެ ޤަވާޢިދު 2020 ގެ 51 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ދަޢުވާއެއް ނުވަތަ މައްސަލަ އަނބުރާ ގެންދިއުމަކީ، ދަޢުވާކުރާ ފަރާތަށް ނުވަތަ މައްސަލަ ހުށަހަޅާ ފަރާތަށް މުޠުލަޤަށް ލިބިދީފައިވާ ބާރެއް ނޫނެވެ. އެ ބާރަކީ، ކޯޓުގެ ހިފެހެއްޓުންތެރިކަމެއް އޮތް ބާރެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ނޫރުއްސަލާމް އަބޫބަކުރު، ލެކްސަވީ ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތް ތަމްސީލުކުރީ
- ޙަސަން ޞަފްވާން
- ބެންޗު
- އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރައުޔު ލިޔުނު ފަނޑިޔާރު
- މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު
- ޚިލާފު ރައުޔު
- އަޙްމަދު މުޢުތަޞިމް ޢަދުނާން
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 19 2020/SC-A/96 ޝަރީޢަތް ނިމުނުގޮތް ޙުސައިން ޙިލްމީ ވ. އިސްމާޢީލް ޝުޖާޢު ފަނޑިޔާރުންގެ މަޖިލިސް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ނިމުނު ތާރީޚު 25 އޭޕްރިލް 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/640 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް އިސްމާޢީލް ޝުޖާޢު، ގ. ޗާންދަނީމާގެ، މާލެ ޙުސައިން ޙިލްމީ، މއ. ވަހާރި، މާލެ ބަދަލުގައި: ޙަސަން ޞަފްވާން، ބިލެތްމާގެ،
ހދ. ކުރިނބި ބަދަލުގައި: ނޫރުއްސަލާމް އަބޫބަކުރު، ލެކްސަވީ ޗެމްބާރސް، އެލްއެލްޕީ
މަދަނީ – ފައިސާހޯދުން – ޗެކުން ލިބެންޖެހޭ ފައިސާ ހޯދުން – ނުފޫޒުގެ ބޭނުންކޮށްގެން އުފަން ކުރުވާ އެއްބަސްވުން – ނުފޫޒެއް ނެތްކަން ސާބިތުކޮށްދިނުން – ނުރަނގަޅު ނުފޫޒު – ހުށަހެޅިފައިވާ ހެކިތަކުން ފެންނަން ނެތް ނަތީޖާ
ފިހުރިސްތު
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/640 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ މއ. ވަހާރި، މާލެ، ޙުސައިން ޙިލްމީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A035307) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޙުސައިން ޙިލްމީ") ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގ. ޗާންދަނީމާގެ، މާލެ، އިސްމާޢީލް ޝުޖާޢު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A034857) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އިސްމާޢީލް ޝުޖާޢު") އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
2އިސްމާޢީލް ޝުޖާޢުގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާ އަނބުރާ ދެއްކުމަށްޓަކައި ޙުސައިން ޙިލްމީ (ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)1 ގެ ފަރާތުން 3 ޗެކެއް އިސްމާޢީލް ޝުޖާޢުއާ ހަވާލުކުރިއެވެ. އެތިން ޗެކް އަކީ؛
2.1- 2017 ނޮވެންބަރު 30 ވަނަ ދުވަހު ދީފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު USD 1385034 ޗެކަށްވާ $2,000,000 (ދެމިލިޔަން އެމެރިކާ ޑޮލަރު) އާއި،
2.2- 2017 ޑިސެންބަރު 31 ވަނަ ދުވަހު ދީފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު USD 1385035 ޗެކަށްވާ $1,000,000 (އެއްމިލިޔަން އެމެރިކާ ޑޮލަރު) އާއި،
2.3- 2018 ޖެނުއަރީ 31 ވަނަ ދުވަހު ދީފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު USD 1385038 ޗެކަށްވާ $726,977 (ހަތްލައްކަ ސައްބީސް ހާސް ނުވަސަތޭކަ ހަތްދިހަ ހަތެއް އެމެރިކާ ޑޮލަރު) މިއެވެ.
2.4- 2017 ނޮވެންބަރު 30 ވަނަ ދުވަހު ދީފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު USD 1385034 ޗެކަށްވާ $2,000,000 (ދެމިލިޔަން އެމެރިކާ ޑޮލަރު) އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން 2017 ޑިސެންބަރު 07 ވަނަ ދުވަހު މި ޗެކް ރިޓާންވިއެވެ. ޗެކް ރިޓާންވި ކަން އަންގައި 7 ދުވަހުގެ ތެރޭގައި ޗެކްގައިވާ ފައިސާ އަދާކޮށްދިނުމަށް 7 ޑިސެންބަރު 2017 ގައި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޙުސައިން ޙިލްމީއަށް ސިޓީއެއް ފޮނުވިއެވެ. މި ސިޓީއާ ހަވާލުވެ ޙުސައިން ޙިލްމީ ސިޓީގައި ސޮއިކޮށްފައިވެއެވެ.
2.5- 2017 ޑިސެންބަރު 31 ވަނަ ދުވަހު ދީފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު USD 1385035 ޗެކަށްވާ $1,000,000 (އެއްމިލިޔަން އެމެރިކާ ޑޮލަރު) އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން 11 ޖަނަވަރީ 2018 ވަނަ ދުވަހު މި ޗެކް ރިޓާންވިއެވެ. ޗެކް ރިޓާންވި ކަން އަންގައި 7 ދުވަހުގެ ތެރޭގައި ޗެކްގައިވާ ފައިސާ އަދާކޮށްދިނުމަށް 11 ޖަނަވަރީ 2018 ގައި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޙުސައިން ޙިލްމީއަށް ސިޓީއެއް ފޮނުވިއެވެ. މި ސިޓީއާ ހަވާލުވެ ޙުސައިން ޙިލްމީ ސިޓީގައި ސޮއިކޮށްފައިވެއެވެ.
2.6- 2018 ޖަނަވަރީ 31 ވަނަ ދުވަހު ދީފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު USD 1385038 ޗެކަށްވާ $726,977 (ހަތްލައްކަ ސައްބީސް ހާސް ނުވަސަތޭކަ ހަތްދިހަ ހަތެއް އެމެރިކާ ޑޮލަރު) އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން 2018 ފެބުރުވަރީ 05 ވަނަ ދުވަހު މި ޗެކް ރިޓާންވިއެވެ. ޗެކް ރިޓާންވި ކަން އަންގައި 7 ދުވަހުގެ ތެރޭގައި ޗެކްގައިވާ ފައިސާ އަދާކޮށްދިނުމަށް 08 ފެބުރުވަރީ 2018 ގައި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޙުސައިން ޙިލްމީއަށް ސިޓީއެއް ފޮނުވިއެވެ. މި ސިޓީއާ ހަވާލުވެ ޙުސައިން ޙިލްމީ ސިޓީގައި ސޮއިކޮށްފައިވެއެވެ.
3ފައިސާ އަނބުރާ ދެއްކުމަށްޓަކައި ދޫކޮށްފައިވާ ޑޭޓެޑް ޗެކްތައް އެ ޗެކްތަކުގައިވާ ތާރީޚުގެ ފަހުން ބޭންކަށް ފޮނުވައި ޗެކްގައިވާ އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން ރިޓާންވެފައިވާތީ މިކަން ޙުސައިން ޙިލްމީގެ ސަމާލުކަމަށް ގެނެސް މި ފައިސާ އަނބުރާ ދެއްކުމަށް އެންގިފައިވާ ކަމަށާއި މި ކަމަށް ޙުސައިން ޙިލްމީގެ ފަރާތުން އެއްވެސް އިޖާބައެއް ލިބިފައިނުވާކަމަށް އިސްމާޢީލް ޝުޖާޢު ބުނެއެވެ.
4ބުނެވުނު 03 ޗެކަށް ފައިސާ ލިބިފައިނުވާތީ، އެ 03 ޗެކްގެ ޖުމްލަ ޢަދަދަށްވާ USD 3,726,977 (ތިންމިލިއަން ހަތްލައްކަ ސައްބީސްހާސް ނުވަސަތޭކަ ހަތްދިހަ ހަތް ޑޮލަރު) އެކީ އެއްފަހަރާ ޙުސައިން ޙިލްމީ އަދި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ހޯދުމަށް އިސްމާޢީލް ޝުޖާޢު ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް
5އިސްމާޢީލް ޝުޖާޢުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 866/Cv-C/2019 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ، މި ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ އެ ޢަދަދަށް ދަޢުވާކުރާ އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދަޢުވާ ލިބޭ ޙުސައިން ޙިލްމީއަށް ދަރަންޏަށް ދީފައިވާ ފައިސާކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތު ނުވާކަމަށެވެ. އަދި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޙުސައިން ޙިލްމީއަށް ދީފައިވާ ފައިސާގެ ގޮތުގައި ޙުސައިން ޙިލްމީގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާ 7,250,000/-ރ. (ހަތް މިލިޔަން ދެލައްކަ ފަންސާސް ހާސް ރުފިޔާ) އަނބުރާ ދައްކާފައިވާކަން ދަޢުވާލިބޭ ފަރާތްތަކަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ، މި ފައިސާއަކީ ދަޢުވާ ރައްދުވާ ފަރާތްތަކުން އިސްމާޢީލް ޝުޖާޢުއަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާ ކަމަށެވެ.
6މި މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ. އެއީ،
6.1- މި ދައުވާގައި ހަވާލާދޭ ޗެކްތަކުގައި ހިމެނޭ ޢަދަދަށް ޙުސައިން ޙިލްމީއަށް އިސްމާޢީލް ޝުޖާޢުގެ ފަރާތުން ފައިސާ ދީފައިވާކަމަށް ސޮއިކޮށްފައިވާ އެއްވެސް ލިޔުމެއްގައި ފައިސާ ދޫކުރި ތާރީޚެއް އެނގެން ނެތުން؛
6.2- ބައެއް ލިޔުންތަކުގައި ފައިސާ އަނބުރާ ދައްކަންޖެހޭ ތާރީޚުގެ ގޮތުގައި ލިޔެފައިވާ ތާރީޚާއި ޗެކްގައި ލިޔެފައިވާކަމަށް ޗެކްތައް އަނބުރާ ހަވާލުކުރި ލިޔުމުގައި ބަޔާންކޮށްފައިވާ ތާރީޚުތަކާ ދިމާ ނުވުން؛
6.3- ޗެކްދޫކުރިކަމަށް ބަޔާންކޮށް ލިޔެފައިވާ ލިޔުމުގައި ބައެއް ޗެކްތަކުގެ ނަންބަރު ލިޔެފައި ނެތްއިރު އަނެއްބައި ލިޔުންތަކުގައި ލިޔެފައި އޮންނަ ނަންބަރާއި ޗެކްގެ ނަންބަރުކަމަށް ޗެކްތައް އަނބުރާ ޙަވާލުކުރި ލިޔުމުގައި ބަޔާންކޮށްފައި އޮންނަ ނަންބަރާ ދިމާނުވުން؛
6.4- ބައެއް ލިޔުންތަކުގައި އިސްމާޢީލް ޝުޖާޢު އާއި ޙުސައިން ޙިލްމީ ސޮއިކޮށްފައި އޮންނައިރު އަނެއްބައި ލިޔުންތަކުގައި ޙުސައިން ޙިލްމީ އެކަނި ސޮއިކޮށްފައިވުން؛
6.5- ބައެއް ލިޔުންތަކުގައި އިސްމާޢީލް ޝުޖާޢުގެ އަތުން ޙުސައިން ޙިލްމީއަށް ނަގުދު ފައިސާއިން ލިބިފައިވާކަމަށް ބަޔާންކޮށްފައި އޮންނަ ފައިސާގެ ޢަދަދާއި، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން ދީފައިވާ ޑޭޓެޑް ޗެކްގައި ލިޔެފައި އޮންނަ ފައިސާގެ އަދަދުތައް ދިމާނުވުން؛
6.6- ބަޔާންވެ ދިޔަ ޑޭޓެޑް ޗެކްތަކުގެ ތެރެއިން ގިނަ ލިޔުންތަކާއި ޗެކްތަކުގައި ހިމަނާފައިވާ ފައިސާގެ ޢަދަދުތަކަކީ ވަރަށް ބޮޑެތި އަދަދުތައް ކަމުގައިވާއިރު އަނބުރާ ދައްކާގޮތަށް ދީފައިވާ ބަޔާންވެދިޔަ ފައިސާއަކީ އެއްވެސް ބޭންކިންގ ނިޒާމެއްގެ ތެރެއިން ދޫކޮށްފައިވާ ފައިސާއަކަށް ނުވެފައި އެ ލިޔުންތަކުގައިވާ ފައިސާގެ އަދަދުތަކާމެދު ޙުސައިން ޙިލްމީ ޝައްކު އުފައްދައި އިންކާރުކޮށްފައި ވާއިރު އިތުބާރު ހުރި ވަސީލަތެއް މެދުވެރިކޮށް ކަށަވަރުކުރެވޭނެ ގޮތެއްނެތް އިރު، އެ ފައިސާ ހަވާލުކުރިކަން ދަންނާނެ ހެކިވެރިޔަކު ހެކިކޮށް ހެކިވެރިއެއްގެ ނަން އެއިން އެއްވެސް ލިޔުމެއްގައި ބަޔާންކޮށްފައިނުވާއިރު، އެ ފައިސާ ހުސައިން ޙިލްމީއަށް ދިންކަން ދަންނާނެ އެއްވެސް ޝަފަހީ ހެއްކެއްވެސް ހުށަހަޅާފައިނުވުން؛
6.7- ޗެކްތައް ރިޓާންވެފައިވަނިކޮށް އިތުރަށް ޑޭޓެޑް ޗެކް ހަމަ އެފަރާތްތަކަށް މިހާ ބޮޑެތި އަދަދުން ތަކުރާރުކޮށް ދޫކުރުމަކީ ސަލާމަތް ބުއްދީގެ ހަމައިން ވިސްނާއިރުވެސް ގަބޫލުކުރަން ދަތިކަމެއްކަމުގައިވުން؛
6.8- އިސްމާޢީލް ޝުޖާޢުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ޙުސައިން ޙިލްމީގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް 12 މޭ 2018 ގައި ފޮނުވި ސިޓީއަށް ޖަވާބުދެމުން، ޙުސައިން ޙިލްމީއާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު 2016 ގެ ފަހުކޮޅު ހިނގާފައިވާ މުޢާމަލާތުގައި ރިބާ އެކުލެވިގެންވާކަމަށް ފެންނާތީ އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރުމުގެ މަސްލަހަތެއް އޮތްކަމަށް ނުފެންނާތީ އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަނބުރާ ފޮނުވާލާފައިވާކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްމާޢީލް ޝުޖާޢުއަށް ފޮނުވާފައިވާ އަމިއްލަ ފަރާތްތަކަށް ފޮނުވާ ސިޓީއިން އެނގެން އޮތުން؛
6.9- ބުނެވުނު ސިޓީގައި ބަޔާންކޮށްފައި އޮންނައޮތުމުން، އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޙުސައިން ޙިލްމީއަށް ފައިސާ ދީފައިނުވާކަމަށް ބުނެ ޙުސައިން ޙިލްމީ އުފައްދާ ޝައްކުގެ މައްޗަށް ބާރުލިބިދޭ ބަދީހީ ޤަރީނާއެއްކަމަށްވުން؛
6.10- ޕްރޮސިކިއުޓަރ ޖެނެރަލްގެ ސިޓީއިން އިސްމާޢީލް ޝުޖާޢު ހޯދުމަށް އެދިފައިވާ ފައިސާ ހޯދުމަށް ޗެކްތައް ދޫކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައިކަން އެނގެން އޮތުމާއެކު މި ދަޢުވާގައި ހިމެނޭ މުޢާމަލާތަކީ އެ މުޢާމަލާތުގައި އެކުލެވިގެންވާ ޗެކްތަކާއި އެއްބަސްވުންތަކުގައި ހިމެނޭ ފައިސާ އެ އަދަދަށް ދޫކޮށްފައިވާކަމާމެދު ޝައްކު އުފެދިފައިވާ މުޢާމަލާތެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތުން؛
6.11- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22 ޤަޟިއްޔާއަށް ބަލާއިރު ޗެކް ދޫކުރެވެނީ ޤާނޫނީ ރިކުއެމެންޓަކަށްޓަކައި ނުވަތަ ޗެކްގައިވާ ޢަދަދަށް ފައިސާ އަދާކުރުން ކަށަވަރުކޮށްދޭ ހަރުދަނާ ހެއްކެއްގެ ގޮތުގައި ކަމަށާއި ޗެކްގައި ބަޔާންވެފައިވާ ތާރީޚުގައި އެ ޗެކުން ފައިސާ ލިބެންވާ ފަރާތަށް ޗެކްގައިވާ ފައިސާ ލިބުން ހައްގުވާނެކަމަށާއި ޗެކް ދޫކުރުމުގައި ޗެކްދޫކުރާ ފަރާތުގެ މަސްއޫލިއްޔަތަކީ އެ ޗެކްގައިވާ އަދަދަށް އަމިއްލަ އެކައުންޓުގައި އެ އަދަދަށް ފައިސާ ހުރިކަން ކަށަވަރުކޮށްދިނުން ކަމަށާއި އެކައުންޓްގައި ޗެކްގައި ބުނެފައިވާ އަދަދަށް ފައިސާ ނެތުމަކީ ޗެކް ބައުންސްވުންކަމަށާއި ޗެކާއި ގުޅިގެން އުފުލަންޖެހޭ ޒިންމާއާއި ޚިލާފުވުންކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އުސޫލެއް ގާއިމުކޮށްފައިވާކަން އެނގެން އޮންނަކަމަށް ބަޔާންކޮށް ޤާނޫނީ ގޮތުން ޝަކުލިއްޔާތު ފުރިހަމަކޮށް މީހެއްގެ އަމިއްލަ އިޚްތިޔާރުން ޗެކް ދޫކޮށްފިނަމަ އެ ޗެކްގައި ފައިސާ ލިބެންވާ ފަރާތްކަމަށް ލިޔެފައިވާ ފަރާތަށް އެ ޗެކްގައިވާ ފައިސާ ލިބިދިނުމަކީ ޗެކް ދޫކުރި ފަރާތުގެ ޤާނޫނީ މަސްއޫލިއްޔަތެއްކަމަށާއި، މިގޮތުން ގާނޫނީ ޝަކުލިއްޔާތު ފުރިހަމަކޮށް ދޫކުރެވޭ ޗެކަކީ އެ ޗެކްގައިވާ ފައިސާ އެ ޗެކް ދޫކުރެވޭ ފަރާތަށް ލިބުމަށްޓަކައި އިތުރު އެހެން ވާގިއާއެއް ގާނޫނީ ގޮތުން ސާބިތުވުން ލާޒިމު ނުވާގޮތުން އެ ޗެކަކީ އޭގެ ޒާތުގައިވެސް ޗެކްގައިވާ ޢަދަދަށް ފައިސާ އަދާކުރުން ކަށަވަރުކޮށްދޭ ހަރުދަނާ ހެއްކެއްކަން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވުން؛ އަދި
6.12- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/29 ޤަޟިއްޔާއިން ޗެކެއް ނުވަތަ ޗެކްތަކެއް ދޫކުރުމުގައި އެއްވެސް މީހަކަށް މަޖުބޫރުކަމެއް އެކަމުގައި އެކުލެވޭ ގޮތެއްގެ މައްޗަށް ދޫކުރެވޭ ޗެކަކީ ނުވަތަ ޗެކްތަކަކީ އަމިއްލަ އިޚްތިޔާރުން ދޫކޮށްފައިވާ ޗެކެއް ނުވަތަ ޗެކްތަކެއް ކަމަށްނުވާއިރު އެ ޗެކްތަކުގައި ހިމެނޭ ފައިސާ އެ ޗެކްދޫކުރެވޭ ފަރާތަށް ލިބުމަށްޓަކައި އިތުރު އެހެން ވާގިއާއެއް ގާނޫނީ ގޮތުން ސާބިތުވުން ލާޒިމްވާ ކަންއެނގެން އޮތުން؛ މިއެވެ.
ހައިކޯޓުން މައްސަލަ ނިންމި ގޮތް
7ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/640 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ޙުކުމް ބާޠިލް ކަމަށް ކަނޑައަޅައި، ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން، ޙުސައިން ޙިލްމީ އާއި ކާސްޓް އަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައި ނިންމަވާފައިވަނީ، USD 3,726,977 (ތިން މިލިއަން ހަތްލައްކަ ސައްބީސްހާސް ނުވަސަތޭކަ ހަތްދިހަ ހަތް އެމެރިކާ ޑޮލަރު) އަކީ އިސްމާޢީލް ޝުޖާޢުއަށް ލިބެންޖެހޭ ފައިސާއެއްކަމަށެވެ.
8ހައިކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.
8.1- އިސްމާޢީލް ޝުޖާޢުގެ ފަރާތުން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ 24 ފެބުރުވަރީ 2019 ގައިކަން އެނގޭއިރު، ޙުސައިން ޙިލްމީގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާފައިވަނީ 22 މޭ 2019 ގައި ކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ "މަޢުލޫމާތު ރަޖިސްޓްރީ ކުރި ލިޔުން" އަށް ބެލުމުން އެނގެން އޮތުމުން، ޙުސައިން ޙިލްމީ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ބިރުދައްކައިގެން ނުފޫޒު ފޯރުވައިގެންކަމަށް ބުނެ މައްސަލަ ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވަނީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުނު ފަހުންކަމާއި، އެއްބަސްވުންތަކުގައި ދެފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮންނާތީ މި އެއްބަސްވުންތަކުގައި ޙުސައިން ޙިލްމީ ސޮއިކޮށްފައިވަނީ ބިރުދައްކައި ނުފޫޒު ފޯރުވައިގެންކަމަށް ޙުސައިން ޙިލްމީ ބުނާއިރު އެކަން ސާބިތުކޮށްދިނުމަކީ ޙުސައިން ޙިލްމީގެ ފަރާތުން އުފުލަންޖެހޭ ބުރައެއްކަން.
8.2- އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގައި ހުށަހެޅިފައިވާ އެއްބަސްވުންތަކުގައި ދެފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮންނަކަމާއި، އެހެންކަމުން، މި އެއްބަސްވުންތަކުގައި ޙުސައިން ޙިލްމީ ސޮއިކޮށްފައިވަނީ އިސްމާޢީލް ޝުޖާޢު އޭނާއަށް ބިރުދައްކައި ނުފޫޒު ފޯރުވައިގެން ކަމަށް ޙުސައިން ޙިލްމީގެ ފަރާތުން ބުނާއިރު، އެކަން ސާބިތުކޮށްދިނުމަކީ ޙުސައިން ޙިލްމީގެ ފަރާތުން އުފުލަންޖެހޭ ބުރައެއްކަމަށްވީހިނދު، ޙުސައިން ޙިލްމީގެ ފަރާތުން މިކަން ސާބިތުކޮށްދިނުމުގެ ގޮތުން އޭނާ ބުނާބުނުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން.
8.3- ސިވިލް ކޯޓުން އިސްމާޢީލް ޝުޖާޢުއަށް ނަގާދީފައިވާ 7,250,000.00ރ .(ހަތްމިލިޔަން ދެލައްކަ ފަންސާސްހާސް ރުފިޔާ) އަކީ މި މައްސަލައިގައި ދަޢުވާ ކުރާ ފައިސާ އާ ވަކި މުޢާމަލާތެއްކަމާއި މި ފައިސާގެ މުޢާމަލާތް ނިމިފައިވާކަމަށްބުނެ ޙުސައިން ޙިލްމީއާއި އިސްމާޢީލް ޝުޖާޢު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮތުމުން، މި މުޢާމަލާތަކީ މިހާރު ނިމިފައިވާ މުޢާމަލާތެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، މި ފައިސާ ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްނޫންކަން.
8.4- އެފަރާތެއްގެ ރުހުމާއި ޤަބޫލުގައި، ޤާނޫނުގައި ކަނޑައެޅިފައިވާ ޝަކުލިއްޔާތު (ފޯމެލިޓީސް) ފުރިހަމަކޮށް، އެއްވެސް ފަރާތަކުން ޗެކެއް ދޫކޮށްފިނަމަ، އެއްވެސް ޝަރުޠަކާނުލައި އެ ޗެކްގައި ބަޔާންވެފައިވާ ފައިސާގެ މިންވަރު އެ ޗެކް ދޫކުރެވުނު ފަރާތަށް ލިބިދިނުމުގެ ހުރިހާ ޒިންމާއެއް އެ ޗެކް ދޫކުރި ފަރާތުން އުފުލަންޖެހޭކަން ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނަށް2 ބެލުމުން އެނގެން އޮންނަކަން.
8.5- މިގޮތުން ޤާނޫނީ ގޮތުން ޝަކުލިއްޔާތު ފުރިހަމަކޮށް މީހެއްގެ އަމިއްލަ އިޚްތިޔާރުން ޗެކް ދޫކޮށްފިނަމަ އެ ޗެކްގައި ފައިސާ ލިބެންވާ ފަރާތްކަމަށް ލިޔެފައިވާ ފަރާތަށް އެ ޗެކްގައިވާ ފައިސާ ލިބިދިނުމަކީ ޗެކް ދޫކުރި ފަރާތުގެ ޤާނޫނީ މަސްއޫލިއްޔަތެއްކަމާއި މިގޮތުން ޤާނޫނީ ޝަކުލިއްޔާތު ފުރިހަމަކޮށް ދޫކުރެވޭ ޗެކަކީ، އެ ޗެކްގައިވާ ފައިސާ، އެ ޗެކް ދޫކުރެވޭ ފަރާތަށް ލިބުމަށްޓަކައި އިތުރު އެހެން ވާޤިޢާއެއް ޤާނޫނީގޮތުން ޘާބިތުވުން ލާޒިމުނުވާގޮތުން އެ ޗަކަކީ އޭގެ ޒާތުގައިވެސް ޗެކްގައިވާ ޢަދަދަށް ފައިސާ އަދާކުރުން ކަށަވަރުކޮށްދޭ ހަރުދަނާ ހެއްކެއްކަމުން އިސްވެ އިޝާރާތްކުރެވުނު 03(ތިނެއް) ޗެކްގައިވާ ފައިސާއަކީ ޙުސައިން ޙިލްމީއާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް ޝުޖާޢުއަށް ދޭންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަން.
އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތައް
9ހައިކޯޓުގެ ނަންބަރު 2019/HC-A/640 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޙުސައިން ޙިލްމީގެ ފަރާތުން ސުޕްރީމް ކޯޓަށް 04 ނުކުތާއެއް ހުށަހެޅިއެވެ.
9.1- ފުރަތަމަ ނުކުތާއަކީ، ޞައްޙަނޫން އެއްބަސްވުންތަކަކަށް ރިޢާޔަތްކޮށް ކޮންޓްރެކްޓާބެހޭ ޤާނޫނު3ގެ 12، 13، 15 މި މާއްދާތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/14 (ޙުސައިން ޢަބްދުލްޤާދިރު ވ. ރިފާސް ޙުސައިން) ޤަޟިއްޔާއިން ޤާއިމްކޮށްފައިވާ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު4 ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށް މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9.2- ދެވަނަ ނުކުތާއަކީ، ހުށަހެޅިފައިވާ ހެކިތަކުން ނުލިބޭ ނަތީޖާތަކެއްގެ މައްޗަށް، އަދި އެކަމުގެ ޤާނޫނީ ސަބަބުތައް ބަޔާންކުރުމެއްނެތި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9.3- ތިންވަނަ ނުކުތާއަކީ، ޗެކަކީ އޭގެ ޒާތުގައި އިތުރު ހެކި ޤަރީނާއަކާ ނުލައި ދަރަނި ސާބިތުކުރެވޭނެ ވަސީލަތެއްގެ ގޮތުގައި ކަނޑައަޅުއްވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު) ޤަޟިއްޔާއިން ޤާއިމްކޮށްފައިވާ އުސޫލުތަކަށް ރިޢާޔަތްކުރެއްވުމެއް ނެތި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 20 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9.4- ހަތަރުވަނަ ނުކުތާއަކީ، މައްސަލަ ނިންމެވުމުގެ ގޮތުން ބޭއްވި އަޑުއެހުން ސިއްރު ޝަރީޢަތެއްގެ ގޮތުގައި ބާއްވައި، ޚާއްޞަ ޙާލަތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފީ ނުކުތާތަކަށް ދީފައިވާ ރައްދު
10ޙުސައިން ޙިލްމީގެ ފަރާތުން އިސްތިއުނާފު ކުރި ނުކުތާތަކުގެ ތެރެއިން؛
10.1- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި، އިސްމާޢީލް ޝުޖާޢުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 12، 13 އަދި 15 ވަނަ މާއްދާއާ ޚިލާފުވާ އެއްބަސްވުމެއްނަމަ އެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫންކަމަށެވެ. މި މާނަކުރުމުން ދޭހަވަނީ އެ އެއްބަސްވުމަކީ ފުރަތަމަ ވީ އިރުވެސް ބާޠިލު ޞައްޙަ ނޫން އެއްބަސްވުމެއްކަމަށް ޙުސައިން ޙިލްމީގެ ފަރާތުން މާނަކުރައްވާކަމާއި އެހެންނަމަވެސް ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައި އޮންނަނީ ބިރެއްދައްކައިގެން ނުވަތަ ޙަޤީޤަތެއް އޮޅުވާލައިގެން ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫޒު ބޭނުންކޮށްގެން މީހަކު ނުވަތަ ބަޔަކު ބައިވެރިކުރުވާ ކޮންޓްރެކްޓަކީ އެ މީހެއްގެ ނުވަތަ އެ ބައެއްގެ އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ ކޮންޓްރެކްޓެއް ނޫން ކަމަށެވެ. އަދި ހަމަ އެހެންމެ އެ ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް މީހަކު ނުވަތަ ބަޔަކު ކޮންޓްރެކްޓްގައި ބައިވެރިވެފައިވާނަމަ އެއީ ބާޠިލު ކޮންޓްރެކްޓެއް ކަމަށެވެ. ދިވެހިރާއްޖޭގައި މިއަދާ ހަމައަށް ޝަރުޢީ ކޯޓަކުން ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި އޮންނަ ބާޠިލުކުރުން މާނަކޮށްފައި ނުވާކަމަށެވެ. ކޮންޓްރެކްޓާ ގުޅޭ ޤާނޫނީ ތިޔަރީތަކުގައި އޮންނަ ގޮތުންނަމަ އަދި ތަރައްޤީވެ ތަހުޒީބުވެފައިވާ މުޖުތަމަޢުތަކުގައި ޢަމަލުކުރަމުންދާ ގޮތުންނަމަ ބިރުދެއްކުން އޮޅުވާލުން ނުވަތަ ނުރަނގަޅު ނުފޫޒު ބޭނުންކޮށްގެން ވަންނަ އެއްބަސްވުމަކީ އެގޭ ޒާތުގައި ބާޠިލު އެއްބަސްވުމެއް ނޫންކަމަށެވެ. އެއީ ބާޠިލުކުރެވިދާނެ އެއްބަސްވުމެއްކަމަށެވެ. އެއްބަސްވުމަކީ ބާޠިލުކުރެވިދާނެ އެއްބަސްވުމެއް ނަމަ އެކަމުގެ ދަޢުވާއެއްކުރަން އެކަމުގައި ދަޢުވާއެއްކުރާ ފަރާތުން އެ އެއްބަސްވުމެއް ރެސިންޑްކުރަން ޖެހޭ ކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތުން ދަރަނީގެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓުގައި އަދި ހައިކޯޓުގައި ފާހަގަކޮށްފައިވަނީ ބިރުދެއްކުންކަމާއި، ނުރަނގަޅު ނުފޫޒެއް އޮތްކަމަށް އެއިރު ނުބުނާކަމަށެވެ. އަދި ނުރަނގަޅު ނުފޫޒަކީ ވަކި މުސްތަގިއްލު ޑޮކްޓްރިންއެއް ކަމާއި ކޮންޓްރެކްޓާ ބެހޭ ޤާނޫނުގައި ވެސް ނުރަނގަޅު ނުފޫޒު ބަޔާންކޮށްފައިވަނީ ވަކި މާއްދާއެއްގެ ގޮތުގައި އެ ޤާނޫނުގެ 15 ވަނަ މާއްދާގައި ކަމަށެވެ. އިސްތިއުނާފު ކުރާފަރާތުން އެއްވެސް އިރެއްގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއެއް ނުވަތަ ނުރަނގަޅު ނުފޫޒު ވަކި ޑިފެންސެއްގެ ގޮތުގައި ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ފާހަގަކޮށްފައި ނުވާކަމަށެވެ. އަދި ޙުސައިން ޢަބްދުލް ޤާދިރު ވ. ރިފާސް ޙުސައިން މައްސަލައިގައި ނުރަނގަޅު ނުފޫޒު ތަޠުބީޤުކޮށްފައިވަނީ އެ މައްސަލައިގައި ހިމެނޭ ދެ ޚަސްމުންނަކީ ދެ ބަފައިންނަށް ވާތީކަމާއި މިކަން މައްސަލައިގެ ޚުލާސާ ރިޕޯޓުން އެނގޭކަމަށެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އިސްތިއުނާފުކުރާ ފަރާތަށް ބަރޯސާވާން ޖެހޭ ފަދަ ޚާއްޞަ މަޤާމެއްގައި ހުރި މީހެއް ނޫން ކަމަށެވެ.
10.2- އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި، އިސްމާޢީލް ޝުޖާޢުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މައްސަލައާއެކު ހުށަހަޅާފައިވާ ހެކި ޤަރީނާއިން ފެންނަން ނެތް ނަތީޖާއެއް ފަނޑިޔާރުން ނެރުއްވާފައި ވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ވިދާޅުވާ ސަބަބަކީ، ދެ ފަރާތެއް ދެމެދުގައި ހަދާފައިވާ ބައެއް އެއްބަސްވުންތަކުގައި ޗެކް ނަންބަރުގެ ފަހަތަށް ޗެކް ނަންބަރު ޖަހާފައި ނުވާތީއާއި ދެ ފަރާތުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުންތަކަކާ ޙުސައިން ޙިލްމީ ދޫކޮށްފައިވާ ޗެކްތަކާ ދިމާނުވާތީކަމަށެވެ. މައްސަލައިގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޗެކްތަކާއި އެއްބަސްވުންތަކަށް ބަލާއިރުގައި އެއްބަސްވުންތަކުގައި ޗެކް ނަންބަރު ހިމަނާފައި ނެތްނަމަވެސް އެ އެއްބަސްވުންތަކުގައި ބަޔާންކުރާ ފައިސާގެ ޢަދަދުތަކާ އެކައުންޓް ނަންބަރާއި އެއްބަސްވުމުގައި ބަޔާންކުރާ ތާރީޚާއި ޗެކްގައި ބަޔާންކުރާ ތާރީޚާ ފުށުއެރުމެއް ނެތްކަން ފާހަގަކުރާކަމަށެވެ. ޙުސައިން ޙިލްމީއާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު އެއްބަސްވުންތަކުގެ ދަށުން ދޫކުރެވުނު ފައިސާގެ ތަފްޞީލު މި މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅިކަމަށެވެ. އަދި މައްސަލައިގައި ހުށަހަޅާފައިވާ އެއްބަސްވުންތަކާއި އެ ޗެކްތަކުގައި ސޮއިކޮށް ފިންގަރ ޕްރިންޓް ޖަހާފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޙުސައިން ޙިލްމީގެ ފަރާތުން ބުނެފައިވާކަމީ މިކަމަށް ބާރުދޭ އަދި މީ އޮޅުމެއް ނެތް ޙަޤީޤަތެއްކަން ސާފުކޮށްދޭ ކަމެއް ކަމަށެވެ. އެހެންކަމުން މިކަމަކީ ފެންނަން ނެތް ނުވަތަ ޝަރީޢަތަށް ހުށަހަޅާފައިނުވާ ހެކި ޤަރީނާއަކުން ފަނޑިޔާރުން ނެރުއްވާފައިވާ ނަތީޖާކަމަށް މަދަނީ މިންގަނޑުން ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.
10.3- އިސްތިއުނާފީ ތިން ވަނަ ނުކުތާގެ ރައްދުގައި، އިސްމާޢީލް ޝުޖާޢުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު5 ޤަޟިއްޔާގެ ރިޕޯޓުގެ 6 ވަނަ ނުކުތާގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވަނީ ޗެކެއް އޮންނަ އޮތުމަކުން ދެ ފަރާތުގެ ދެމެދު ވަކި މުޢާމަލާތެއް ހިނގިކަން ސާބިތު ނުވާނެ ކަމަށެވެ. އެކަމަކު އިތުރު ޤަރީނާތަކާއެކު ޗެކެއް އޮންނަ އޮތުމުން ދެ ފަރާތު ދެމެދު މުޢާމަލާތެއް ހިނގިކަން ސާބިތުކުރެވޭނެ ކަމަށެވެ. ހުށަހެޅިގެން މިއުޅޭ މައްސަލައިގައި އޮތީ ހަމައެކަނި ޗެކެއް ނޫން ކަމަށެވެ. ޗެކްތަކަށް ބާރުދޭ އެއްބަސްވުންތަކެއް އެބަހުރި ކަމަށެވެ. އަދި އެ ޗެކްތަކުގައި އެވާ ފައިސާ ދޭނެކަމަށް ޙުސައިން ޙިލްމީ އެއްބަސްވެ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެއްބަސްވުންތަކެއް ވާކަމަށެވެ. އަދި އެ އެއްބަސްވުންތަކާ އެ ޗެކްތަކުގައިވާ ފައިސާގެ އަދަދާ ރަނގަޅަށް ދިމާވާކަމަށެވެ.
10.4- އިސްތިއުނާފީ ހަތަރު ވަނަ ނުކުތާގެ ރައްދުގައި، އިސްމާޢީލް ޝުޖާޢުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އޮންލައިންކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމަށް ހައިކޯޓު އަދި ސުޕްރީމް ކޯޓުން ނިންމި ކަމަށާއި އެ ދުވަސްވަރު ހައިކޯޓުން ކުރިއަށް ގެންދިޔަ ގިނަ ޝަރީޢަތްތައް ހައިކޯޓުން ލައިވްކޮށްފައިނުވާކަމަށެވެ. އެހެންކަމުން މިކަން މިހެން ހިނގާފައި އޮތުމަކީ މި މައްސަލައަށް ޚާއްޞަކަމެއްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތަކުން ނުދެކޭކަމަށެވެ.
ގޮތް ކަނޑައަޅަންޖެހޭ ކަންކަން
11މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އިސްތިއުނާފީ ފުރަތަމަ ތިން ނުކުތާއަކީ، މި މައްސަލައިގައި ހުށަހެޅިފައިވާ ހެކި ހައިކޯޓުން ވަޒަންކުރި ގޮތާމެދެދު ހުށަހަޅާފައިވާ ތިން ނުކުތާއެވެ. ކަންމިހެން އޮތުމުން މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތައް ހުށަހެޅިފައިވާ ތަރުތީބުން އެ ތިން ނުކުތާއާމެދު ގޮތް ކަނޑައަޅާނަމެވެ. މި ގޮތުން އެންމެ ފުރަތަމަ ގޮތެއް ކަނޑައަޅާނީ އިސްތިއުނާފީ ދެވަނަ ނުކުތާއާ މެދުގައެވެ. އަދި އެއަށްފަހު، އިސްތިއުނާފީ ފުރަތަމަ ނުކުތާ އާއި ތިންވަނަ ނުކުތާއާ މެދު ގޮތެއް ކަނޑައަޅާނަމެވެ. އަދި އެންމެ ފަހުން ގޮތެއް ކަނޑައަޅާނީ އިސްތިއުނާފީ ހަތަރުވަނަ ނުކުތާއާ މެދުގައެވެ.
ހުށަހެޅުނު ދަޢުވާ އާއި ދަޢުވާއަށް ރައްދުދީފައިވާ ގޮތް
12މި މައްސަލައިގައި އިސްމާޢިލް ޝުޖާޢު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ގައްޔާއި، ދަޢުވާ ބިނާކޮށްފައިވާ ގޮތާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފުސީލުގައި އިސްމާޢިލް ޝުޖާޢު ބުނެފައިވަނީ، މި މައްސަލައަކީ، އިސްމާޢިލް ޝުޖާޢުގެ އަތުން ފައިސާ ނެގުމަށްފަހު، އެ ފައިސާ އަނބުރާ ދެއްކުމަށްޓަކައި، ޙުސައިން ޙިލްމީ ދޫކޮށްފައިވާ 3 ޗެކަށް ފައިސާ ލިބިފައިނުވާތީ ކޮށްފައިވާ ދަޢުވާ އެއްކަމުގައެވެ.6
13މި ދަޢުވާގެ ރައްދުގައި ޙުސައިން ޙިލްމީ ފާހަގަކޮށްފައިވަނީ، ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާއަކީ އޭނާއަށް ލިބިފައިވާ ފައިސާއެއް ނޫންކަމުގައެވެ. އަދި މި ފައިސާ އިސްމާޢިލް ޝުޖާޢުގެ ފަރާތުން ކާސްޓްއަވޭ މޯލްޑިވްސް އަށް ނުވަތަ ޙުސައިން ޙިލްމީއަށް ދީފައިވާކަން ސާބިތުކޮށްދިނުމަށް އެދޭ ކަމުގައި ޙުސައިން ޙިލްމީގެ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.7
14އިތުރަށް ޙުސައިން ޙިލްމީގެ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށްފައިވަނީ، ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާ ދެމެދު މި މުޢާމަލާތް ފެށިފައިވަނީ 2016 އޭޕްރިލް 24 ވަނަ ދުވަހު ދަރަންޏަށް އިސްމާޢީލް ޝުޖާޢުގެ އަތުން 7,250,000/- (ހަތްމިލިޔަން ދެލައްކަ ފަންސާސް ހާސް) ރުފިޔާ ޙުސައިން ޙިލްމީ ހޯދި ހިސާބުން ފެށިގެން ކަމުގައެވެ. މި ފައިސާ އިސްމާޢީލް ޝުޖާޢު ދީފައިވަނީ ބެންކް އޮފް މޯލްޑިވްސްގައި އޭނާގެ ނަމުގައި ހުޅުވާފައި އޮންނަ އެކައުންޓެއްގެ ޗެކަކުން ކަމުގައެވެ.8 އަދި މި ފައިސާއަށް އިންޓަރެސްޓް އިތުރު ކުރުމަށްފަހު، މި ފައިސާ އަނބުރާ ދެއްކުމަށް ޗެކްތަކެއް ދޫކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމަށާއި، މި ގޮތަށް ޗެކްތައް ދޫކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޙުސައިން ޙިލްމީގެ ނުރުހުމުގައި، އިސްމާޢީލް ޝުޖާޢު ޙުސައިން ޙިލްމީއަށް ބިރު ދައްކައިގެން ކަމުގައެވެ. އަދި ބިރު ދެއްކި މައްސަލަ 30 ޑިސެމްބަރ 2018 ގައި ޕޮލިހުގައި ރަޖިސްޓްރީ ވެފައިވާކަމުގައި ބުނެ ފުލުހުންގެ އިދާރާއިން ދޫކޮށްފައިވާ ލިޔުމެއް ޙުސައިން ޙިލްމީގެ ފަރާތުން ހުށަހަޅާފައިވެއެވެ.
15ދަޢުވާގެ ޖަވާބުގައި ޙުސައިން ޙިލްމީގެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދުދެމުން އިސްމާޢީލް ޝުޖާޢުގެ ފަރާތުން ބުނެފައިވަނީ، ދަޢުވާގައިވާ ފައިސާއަކީ ޙުސައިން ޙިލްމީއަށް ލިބިފައިނުވާ ފައިސާއެއް ކަމުގައި ހުސައިން ޙިލްމީ ބުނި ނަމަވެސް، ދަޢުވާގައި ބަޔާންކޮށްފައިވާ ޗެކްތަކަކީ ޞައްޙަ ނޫން ޗެކްތަކެއް ކަމުގައި ބުނެފައިނުވާ ކަމުގައެވެ. އައި އެ ޗެކްތަކަކީ ޞައްޙަ ޗެކްތަކެއް ކަމުގައިވާތީ، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ9 21 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ފައިސާއަކީ، ޙުސައިން ޙިލްމީ ދައްކަންޖެހޭ ފައިސާއެއްކަމުގައި އެ ފަރާތުން ދެކޭ ކަން ފާހަގަކޮށްފައިވެއެވެ.
16ސިވިލް ކޯޓުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ދިފާޢުތަކަށް ބަލާއިރު، ޙުސައިން ޙިލްމީގެ ފަރާތުން ދަޢުވާއަށް ޖަވާބު ދެމުން، ދަޢުވާގައި ބަޔާންވެފައިވާ ފައިސާއަކީ، ޙުސައިން ޙިލްމީ އަށް ނުވަތަ ކާސްޓްއަވޭ މޯލްޑިވްސްއަށް ލިބިފައިވާ ފައިސާއެއް ނޫންކަމުގައި ބުނާ ބުނުމަށް ރައްދުދިނުމުގެ ގޮތުން އެ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި ޙުސައިން ޙިލްމީއަށް ލިބިފައިވާކަމަށް ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތަކެއް ހުށަހަޅާފައިވެއެވެ. އަދި ބިރު ދެއްކި ކަމަށް ބުނެ، ޙުސައިން ޙިލްމީގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން ޙުސައިން ޙިލްމީގެ ފަރާތުން ބުނެފައިވަނީ، އެ ފަދަ މައްސަލައެއް ސިވިލް ކޯޓަށް ފައިސާ ހޯދުމުގެ މައްސަލަ ހުށަހެޅުމާ ހަމައަށް ޕޮލިހަށް ޙުސައިން ޙިލްމީގެ ފަރާތުން ހުށަހަޅާފައިނުވާ ކަމުގައެވެ. އަދި ޙުސައިން ޙިލްމީގެ ފަރާތުން ޕޮލިހަށް މައްސަލަ ހުށަހަޅައިގެން އުޅެނީ، ފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލަ ލަސްކޮށް ވަގުތު ނަގައިލުމުގެ ބޭނުމުގައި ކަމަށެވެ.10
ހެކިތަކުން ނުލިބޭ ނަތީޖާތަކެއް ދޭހަކޮށްފައި ވުމާމެދު
17ޙުސައިން ޙިލްމީގެ މައްޗަށް ހުށަހެޅި ދަޢުވާއަށް އިންކާރު ކުރަމުން ޙުސައިން ޙިލްމީ ބުނެފައިވަނީ ކުރިން އިޝާރާތްކުރި ފަދައިން މި މައްސަލައިގައި އިސްމާޢީލް ޝުޖާޢު ޙުސައިން ޙިލްމީގެ އަތުން ހޯދުމަށް އެދޭ ފައިސާއަކީ އިސްމާޢީލް ޝުޖާޢު ޙުސައިން ޙިލްމީއަށް ދިން ފައިސާއެއް ނޫންކަމުގައެވެ. އަދި ދަޢުވާގައިވާ ތިން ޗެކަކީ، އެކި ތާރީޚު ތަކުގައި ޙުސައިން ޙިލްމީގެ އަތުން އަތުލާފައިވާ 17 ޗެކަކަށް ފައިސާ ނުލިބުމުން ހޯދާފައިވާ 03 ޗެކް ކަމުގައެވެ.
18މި އިޝާރާތް ކުރި 17 ޗެކުގެ ބަދަލުގައި 03 ޗެކް ދޫކުރެވުނު ގޮތް އެނގޭނެ ލިޔުމެއް (މީގެ ފަހުން "ފައިސާ އަނބުރާ ދެއްކުމަށް ދޫކޮށްފައިވާ ޗެކްތައް ބަދަލުކުރި ގޮތުގެ ލިޔުން") އިސްމާޢީލް ޝުޖާޢު އާއި ޙުސައިން ޙިލްމީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ ލިޔުމުގައި ކާސްޓްއަވޭ މޯލްޑިވްސްގެ ދިވެހި ރުފިޔާގެ އެކައުންޓަކުން 11 ޗެކް ދޫކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ކުންފުނީގެ ޑޮލަރު އެކައުންޓަކުން 6 ޗެކް ދޫކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި 17 ޗެކްގެ ބަދަލުގައި ކާސްޓްއަވޭ ކުންފުނީގެ ޑޮލަރު އެކައުންޓަކުން 03 ޗެކް ދޫކޮށްފައިވާ ކަމުގައި ބަޔާންކޮފައިވެއެވެ. މި ލިޔުމުގައި ސޮއިކޮށްފައިވަނީ ހަމައެކަނި ޙުސައިން ޙިލްމީއެވެ. އިނގިލީގެ ނިޝާނެއް ނެތެވެ. އަދި މި ލިޔުމުގައި ތާރީޚަކަށް އޮތީ 15 އޮގަސްޓް 2017 އެވެ.
19މި މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް ބަލާއިރު، މުޅި މުޢާމަލާތުގައި ހިމެނޭ 17 ޗެކުގެ ތެރެއިން އެއްވެސް ޗެކެއްގެ ކޮޕީއެއް ނުވަތަ އެއިން ޗެކެއްގެ މަޢުލޫމާތު ކަށަވަރު ކުރެވޭނެ ލިޔުމެއް އެއްވެސް ފަރާތަކުން ސިވިލް ކޯޓަށް ހުށަހަޅާފައިނުވެއެވެ. ނަމަވެސް، މި 17 ޗެކްގެ ބަދަލުގައި އެންމެ ފަހުން ކާސްޓްއަވޭ ކުންފުނިން ދޫކޮށްފައިވާ 03 ޗެކްގެ ކޮޕީ މައްސަލައިގެ ލިޔުންތަކުގެ ތެރޭގައި ހިމެނިފައިވެއެވެ.
20މި މައްސަލައިގައި ސިވިލް ކޯޓަށް ދެ ފަރާތުންމެ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ދެ ފަރާތުގެ ދެމެދުގައި "ފައިސާ ދެވުނު ގޮތާއި ފައިސާ ދައްކާ ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" ނަމުގައި ލިޔުންތަކެއް ހުށަހަޅާފައިވެއެވެ. މި ގޮތުން އެއް ފަރާތުން ހުށަހެޅި ލިޔުމަކަށް އަނެއް ފަރާތުން އިންކާރު ކޮށްފައިނުވެއެވެ. މިއިން ކޮންމެ ލިޔުމެއްގައި 4 ނަންބަރެއްގެ ދަށުން ޢިބާރާތްތަކެއް ލިޔެފައި ވެއެވެ.
20.1- ފުރަތަމަ ނަންބަރުގައި އޮންނަނީ "މި އެއްބަސްވުމުގެ ދަށުން ޙުސައިން ޙިލްމީ އަށް އިސްމާޢީލް ޝުޖާޢު ދީފައިވާ ފައިސާގެ ޢަދަދަކީ" ބަޔާންކުރުމަށް ފަހު އެ ޢަދަދެވެ.
20.2- ދެވަނަ ނަންބަރުގައި އޮންނަނީ، އެއްވަނަ ނަންބަރުގައިވާ ފައިސާ ދެއްކުމަށް ޙުސައިން ޙިލްމީ އެއްބަސްވާ ކަމުގައެވެ. އަދި "ފައިސާ ދެއްކުމަށްޓަކައި" މި ފަދައިން ލިޔުމަށްފަހު ބޭންކްގެ ނަން ލިޔުމަށް ހުސްޖާގައެއް ދިނުމަށްފަހު، ބެންކްގެ އެކައުންޓް ނަންބަރު ލިޔުމަށާއި، ޗެކް ނަންބަރު ލިޔުމަށް ހުސްޖާގައެއް ދީފައިވެއެވެ. މި ހުސްޖާގަ ފުރާފައިވަނީ އަތު ލިޔުމުންނެވެ. މީގެ އިތުރުން އަނބުރާ ދެއްކުމަށް އެއްބަސްވާ ފައިސާގެ ޢަދަދު ލިޔެފައިވެއެވެ. މި ޢަދަދު ލިޔެފައިވަނީ އަތު ލިޔުމަކުން ނޫނެވެ.
20.3- ތިންވަނަ ނަންބަރުގައި އޮންނަނީ، އެއްވަނަ ނަންބަރުގައިވާ ފައިސާވަނީ ޙުސައިން ޙިލްމީއަށް ނަގުދު ފައިސާއިން ހަމައަށް ލިބިފައި ކަމުގައެވެ.
20.4- ހަތަރުވަނަ ނަންބަރުގައި އޮންނަނީ، "މި އެއްބަސްވުމުގައި ސޮއިކޮށް ފިންގަރ ޕްރިންޓް ޖަހާފައިވަނީ އަޅުގަނޑުމެންގެ އަސްލު ފިންގަރ ޕްރިންޓާއި ސޮއިކަމަށް ވެސް ހެކިވަމެވެ." މި ފަދައިންނެވެ.
21އިސްތިއުނާފީ ދެވަނަ ނުކުތާގައި ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވަނީ، ކުރިން މި އިޝާރާތްކުރި ޗެކްތަކާއި، އެ ޗެކްތަކުގައިވާ ފައިސާ ދެއްކުމަށް ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކުން ނުލިބޭ ނަތީޖާތަކެއް ހައިކޯޓުން ނެރެފައިވާ ކަމުގައެވެ. ހުށަހެޅިފައިވާ ހެކިތަކުން ނުލިބޭ ނަތީޖާތަކެއް ނެރެފައިވާ ކަމުގައެވެ. އަދި އެކަމުގެ ސަބަބުވެސް އެ ކޯޓުން ބަޔާންކޮށްފައިނުވާ ކަމުގައެވެ. އަދި މި ކަންކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ11 5 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ12 16 ވަނަ މާއްދާއާ ޚިލާފު ކަމުގައެވެ.
22މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން ޙުސައިން ޙިލްމީގެ ފަރާތުން ބުނެފައިވަނީ ހެކިތަކުން ނުލިބޭ ނަތީޖާތަކެއް ނެރުމަކީ ހެކިތަކަށް ރިޢާޔަތް ނުކުރުން ކަމުގައި ބަލަންޖެހޭ ކަމުގައެވެ. އެހެނީ ހެކިތަކަށް ރިޢާޔަތްކުރުމަކީ، ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރުންނަށް ލާޒިމު ކަމެއް ކަމުގައެވެ.
23މި އިސްތިއުނާފީ ނުކުތާގެ ރައްދަށް ބަލާއިރު، އިސްމާޢީލް ޝުޖާޢުގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި ހުށަހެޅިފައިވާ އެއްބަސްވުންތަކުގައިވާ ޢަދަދާއި، ޙުސައިން ޙިލްމީ ދޫކޮށްފައިވާ ޗެކްތަކުގައި ބަޔާންވެފައިވާ ޢަދަދުތަކާ ފުށުއެރުމެއް ނެތްކަމުގައެވެ. އަދި މި ނުކުތާގައި ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބެލެވެން ނެތްކަމުގައެވެ.
24ތިރީގައި ވަކިވަކިން މި ބަލާލަނީ މި އިސްތިއުނާފީ ނުކުތާގައި އެއްބަސްވުންތަކާއި، ޗެކްތަކާއި، މި ލިޔުންތަކުގައި ހިމެނޭ ފައިސާގެ ޢަދަދުތަކާ ގުޅިގެން ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށެވެ.
ދެ މިލިޔަން ރުފިޔާގެ ފުރަތަމަ ޗެކް
25ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކުރާ ގޮތުން ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 17 ވަނަ ސަފުހާގެ ދެވަނަ ޕެރެގްރާފުގައި، އޮތީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމުގައެވެ. އެ ޕެރެގްރާފުގައި ހައިކޯޓުން އިޝާރާތްކޮށްފައިވާ 12 ޖޫން 2017 ގެ ތާރީޚުގައި ހަދާފައިވާ އެއްބަސްވުމެއްގައި ޗެކްގެ ވާހަކައެއް ނެތްކަމުގައެވެ. އަދި ހައިކޯޓުން ޙަވާލާ ދީފައިވަނީ އެ ތާރީޚުގައި ހަދާފައިވާ ކޮން އެއްބަސްވުމަކަށް ކަން ވެސް އެނގެން ނެތް ކަމުގައެވެ.
26ޙުސައިން ޙިލްމީގެ ފަރާތުން އިޝާރާތް ކޮށްފައިވާ ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އެ ނިންމުމުގައި އޮތީ، ތިންވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (ނަން އުނިކޮށްފައި) އެކައުންޓުން ދޫކޮށްފައިވާ ނަންބަރު 0750418 ޗެކުކަމުގައެވެ. މި ޗެކުގައިވާ ޢަދަދަކީ 2,000,000.00ރ. (ދެމިލިއަން ރުފިޔާ) ކަމާއި، މި ޗެކުގައިވާ ތާރީޚަކީ 15 ޖޫން 2017 ކަމުގައެވެ. އަދި މި ޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 12 ޖޫން 2017 ދުވަހު ވެފައިވާ "ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" ގެ ދަށުން ދޫކޮށްފައިވާ 2,000,000.00ރ. (ދެމިލިއަން ރުފިޔާ) ދެއްކުމަށްޓަކައި ދީފައިވާ ޗެކެއްކަމުގައެވެ. އަދި އެ، އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ނަގުދު ފައިސާއިން ހަމައަށް ލިބިފައިވާކަމަށް ބަޔާންކޮށްފައިވާކަން މި އެއްބަސްވުމުން އެނގޭ ކަމުގައެވެ.
27ހައިކޯޓުގެ މި ނިންމުމަށް ބަލާއިރު، އެ ނިންމުމުގައި އިޝާރާތް ކޮށްފައިވާ ޗެކުގެ ޞައްޙަ މައުލޫމާތު އެނގޭނެ ލިޔުމެއް ސިވިލް ކޯޓަށް ހުށަހެޅިފައި ނެތެވެ. އެ ޗެކްގެ ކޮޕީއެއް ނުވަތަ އެ ޗެކާ ގުޅިގެން ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެއް ފަދަ ލިޔުމެއް ނެތެވެ. މި ފަދަ ލިޔުމެއް ނެތި، ޗެކްގެ ނަންބަރެއް، ޗެކްގައިވާ ތާރީޚެއް ކަށަވަރުކަމާއެކު ސާފުވާނެ ގޮތެއް ނެތެވެ. އަދި ހައިކޯޓުގެ ޙުކުމުގައި، އިޝާރާތް ކޮށްފައިވާ 12 ޖޫން 2017 ގެ ތާރީޚުގައި 6 އެއްބަސްވުމުގައި ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާއިރު، އެ ތާރީޚުގައި 2,000,000.00ރ. (ދެމިލިއަން ރުފިޔާ) ގެ ވާހަކަ ބަޔާންވެފައިވާ އެއްބަސްވުމުގައި ޗެކެއްގެ ނަންބަރެއް ނެތެވެ. މުޅި މުޢާމަލާތުގެ ތެރެއިން 2,000,000.00ރ. (ދެމިލިއަން ރުފިޔާ) ގެ ތަފާތު ދެ މުޢާމަލާތެއް ފާހަގަވާއިރު، ހައިކޯޓުން އިޝާރާތްކޮށްފައިވާ ޗެކްގެ ނަންބަރު (0750418) ފެންނަން އޮތީ ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރެއިން "ފައިސާ އަނބުރާ ދެއްކުމަށް ދޫކޮށްފައިވާ ޗެކްތައް ބަދަލުކުރި ގޮތުގެ ލިޔުން" ގައެވެ. އަދި މި ޗެކްގެ ތާރީޚެއްގެ ގޮތުގައި ހައިކޯޓުން ފާހަގަ ކޮށްފައިވަނީ 15 ޖޫން 2017 އެވެ. މިއީ އެ ލިޔުމުގައި ވެސް އޮތް ތާރީޚެވެ.
28ހުށަހެޅިފައިވާ ލިޔުންތަކުން ޖޫން 2017 ގައި ދެ ފަރާތުގެ ދެމެދުގައި 2,000,000.00ރ. (ދެމިލިއަން ރުފިޔާ) އިތުރު މުޢާމަލާތެއް ފާހަގަ ނުވާއިރު، 15 ޖޫން 2017 ގައި ދޫކޮށްފައިވާ ޗެކަށް ފައިސާ ނުލިބިގެން އެ ޢަދަދަށް އެހެން ޗެކެއް ދޫކުރި ކަމުގައި އޮންނަ ލިޔުމުގައި، 15 ޖޫން 2017 ގައި ދޫކުރި ޗެކްގެ ނަންބަރެއް ކަމުގައި އޮތީ، 0750410 އެވެ. މިއީ ކުރިން އިޝާރާތް ކުރި ނަންބަރެއް ނޫނެވެ. އަދި 15 ޖޫން 2017 ގައި ފައިސާ ދޫކުރުމަށް އޮތް ޗެކަށް ފައިސާ ނުލިބިގެން ޙުސައިން ޙިލްމީ ދެވަނަ ޗެކެއް ދޫކުރިކަމަށް އޮންނަ ލިޔުމުގައި ދެވަނަ ޗެކެއް ދޫކުރި ތާރީޚުކަމަށް އޮތީ 12 ޖޫން 2017 ގެ ތާރީޚެވެ.13 12 ޖޫން 2017 ގައި 15 ޖޫން 2017 ގައި ފައިސާ ދޫކުރުމަށް އޮތް ޗެކަކަށް ފައިސާ ނުލިބުނު ކަމަށް އޮންނަ އޮތުމަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ.
ހަތްމިލިޔަން ފަސްލައްކަ ރުފިޔާގެ ޗެކް
29ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކުރާ ގޮތުން ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 18 ވަނަ ސަފުހާގެ ފުރަތަމަ ޕެރެގްރާފުގައި، 26 ޖޫން 2017 ޖަހާފައިވާ 7,500,000.00ރ. (ހަތްމިލިއަން ފަސްލައްކަ) ރުފިޔާގެ ޗެކާބެހޭ (0750414 ނަންބަރު ޗެކް) ގޮތުން އެ ކޯޓުން ފާހަގަ ކޮށްފައިވާ ކަންކަން ޙަޤީޤަތާ އެއްގޮތް ނޫންކަމުގައެވެ. އަދި އެ ނިންމުމުގައި އެ ޗެކް ދޫކުރީ 12 ޖޫން 2017 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމުގައި ފާހަގަ ކޮށްފައިވާއިރު، އެ ތާރީޚުގައި އޮތް އެއްބަސްވުމެއްގައި ހައިކޯޓުން އިޝާރާތް ކޮށްފައިވާ ޗެކްގެ ނަންބަރެއް ނެތެވެ. އަދި ހައިކޯޓުން އެ އިޝާރާތްކޮށްފައިވަނީ އެ ތާރީޚުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކޮން އެއްބަސްވުމަކަށް ކަން އެނގެން ނެތް ކަމުގައެވެ.
30ހައިކޯޓުގެ ނިންމުމަށް ބަލާއިރު އެ ނިންމުމުގައި އޮތީ، "ހަތަރުވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު 0012606277020201 އެކައުންޓުގެ ނަންބަރު 0750414 ޗެކު" ކަމުގައެވެ. އަދި އެ ޗެކުގައިވާ ތާރީޚަކީ 26 ޖޫން 2017 ކަމުގައްޔާއި، ޗެކުގައިވާ ޢަދަދަކީ 7,500,000.00ރ. (ހަތްމިލިއަން ފަސްލައްކަ) ރުފިޔާ ކަމުގައެވެ. އަދި މި ޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 12 ޖޫން 2017 ދުވަހު ވެފައިވާ "ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ 7,500,000.00ރ. (ހަތްމިލިއަން ފަސްލައްކަ ރުފިޔާ) ދެއްކުމަށްޓަކައި ދީފައިވާ ޗެކެއް ކަމުގައެވެ. އަދި، އެ އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފައިސާ ނަގުދު ފައިސާ ހަމައަށް ލިބިފައިވާކަމުގައްޔާއި، މި ފައިސާ 26 ޖޫން 2017 ދުވަހު އަނބުރާ ދެއްކުމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަން މި އެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމުގައެވެ.
31ހައިކޯޓުގެ މި ނިންމުމަށް ބަލާއިރު، ކުރިން އިޝާރާތް ކުރި ފަދައިން އެ ނިންމުމުގައިވާ ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައި އޮތް ނަންބަރު 0012606277020201 އެކައުންޓްގެ ނަންބަރު 0750414 ޗެކެއް ނުވަތަ އެ ޗެކްގެ މައުލޫމާތު މުޢުތަބަރުކޮށް އެނގޭނެ ލިޔުމެއް މި މައްސަލައިގެ ލިޔުންތަކުގެ ތެރޭގައި ހިމެނިފައި ނުވެއެވެ. މީގެ އިތުރުން 26 ޖޫން 2017 ގައި ދެ ފަރާތުގެ ދެމެދުގައި ސޮއި ކޮށްފައިވާ ފައިސާ ދެވުނު ގޮތާއި ފައިސާ ދައްކާ ޚަލާޞްކުރާ ގޮތުގެ އެއްބަސްވުމުގައި ޗެކެއްގެ ނަންބަރެއް ފެންނަން ނެތެވެ. މި މަޢުލޫމާތު ފެންނަން ނެތް އިރު، ޗެކްގައިވާ ފައިސާގެ ޢަދަދަކީ ކޮބައިކަން އަދި އެ ޗެކަކީ ވަކި ތާރީޚެއްގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ޗެކެއް ކަމުގައި ކަނޑައެޅޭނެކަމުގައި ނުދެކެމެވެ.
ނުވަ މިލިޔަން ރުފިޔާގެ ޗެކް
32ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކުރާ ގޮތުން ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 18 ވަނަ ސަފުހާގެ ދެވަނަ ޕެރެގްރާފުގައި، 26 ޖޫން 2017 ގެ ތާރީޚު ޖަހާފައިވާ 9,000,000.00ރ. (ނުވަ މިލިއަން) ރުފިޔާގެ ޗެކާބެހޭ (0750416 ނަންބަރު ޗެކް) ގޮތުން އެ ކޯޓުން ފާހަގަ ކޮށްފައިވާ ކަންކަން ޙަޤީޤަތާ އެއްގޮތް ނޫންކަމުގައެވެ. މި އަދި އެ ނިންމުމުގައި އެ ޗެކް ދޫކުރީ 12 ޖޫން 2017 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމުގައި ފާހަގަ ކޮށްފައިވާއިރު، އެ ތާރީޚުގައި އޮތް އެއްބަސްވުމެއްގައި ހައިކޯޓުން އިޝާރާތް ކޮށްފައިވާ ޗެކްގެ ނަންބަރެއް ނެތެވެ. އަދި ހައިކޯޓުން އެ އިޝާރާތް ކޮށްފައިވަނީ އެ ތާރީޚުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކޮން އެއްބަސްވުމަކަށް ކަން އެނގެން ނެތް ކަމުގައެވެ.
33ހައިކޯޓުގެ ނިންމުމަށް ބަލާއިރު އެ ނިންމުމުގައި އޮތީ، "ފަސްވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު 0012606277020201 އެކައުންޓުގެ ނަންބަރު 0750416 ޗެކު" ކަމުގައެވެ. އަދި އެ ޗެކުގައިވާ ތާރީޚަކީ 26 ޖޫން 2017 ކަމުގައްޔާއި، ޗެކުގައިވާ ޢަދަދަކީ 9,000,000.00ރ. (ނުވަ މިލިއަން) ރުފިޔާ ކަމުގައެވެ. އަދި މި ޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 10 އޭޕްރިލް 2017 ދުވަހު ވެފައިވާ "ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ 9,000,000.00ރ. (ނުވަ މިލިއަން) ދެއްކުމަށްޓަކައި ދީފައިވާ ޗެކެއްކަމުގައެވެ. އަދި، އެ އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފައިސާ (ނަގުދު ފައިސާ) ހަމައަށް ލިބިފައިވާކަމުގައްޔާއި، މި ފައިސާ 26 ޖޫން 2017 ދުވަހު އަނބުރާ ދެއްކުމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަން މި އެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމުގައެވެ.
34ހައިކޯޓުގެ މި ނިންމުމަށް ބަލާއިރު، 10 އޭޕްރިލް 2017 ގައި ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގައި ނަންބަރު 0750416 ޗެކެއްގެ ވާހަކައެއް ނެތެވެ. އެ ތާރީޚުގައި ވެފައިވާ އެއްބަސްވުމުގައި އޮތީ ނަންބަރު 0750404 ޗެކެއްގެ ވާހަކައެވެ. މިއީ ތަފާތު ދެ ނަންބަރެކެވެ. އަދި މިއިން އެއްވެސް ޗެކެއް މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ފެންނަން ނެތެވެ.
ހަ މިލިޔަން ފަސް ލައްކަ ރުފިޔާގެ ޗެކް
35ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވަނީ ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 19 ވަނަ ސަފުހާގެ ފުރަތަމަ ޕެރެގްރާފުގައި، 26 ޖޫން 2017 ގެ ތާރީޚު ޖަހާފައިވާ 6,500,000.00ރ. (ހަމިލިއަން ފަސް ލައްކަ) ރުފިޔާގެ ޗެކާބެހޭ (0750415 ނަންބަރު ޗެކް) ގޮތުން އެ ކޯޓުން ފާހަގަ ކޮށްފައިވާ ކަންކަން ޙަޤީޤަތާ އެއްގޮތް ނޫންކަމުގައެވެ. މި އަދި އެ ނިންމުމުގައި އެ ޗެކް ދޫކުރީ 22 މެއި 2017 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމުގައި ފާހަގަ ކޮށްފައިވާއިރު، އެ ތާރީޚުގައި އޮތް އެއްބަސްވުމެއްގައި ހައިކޯޓުން އިޝާރާތް ކޮށްފައިވާ ޗެކްގެ ނަންބަރެއް ނެތެވެ. އަދި ހައިކޯޓުން އެ އިޝާރާތްކޮށްފައިވަނީ އެ ތާރީޚުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކޮން އެއްބަސްވުމަކަށް ކަން އެނގެން ނެތް ކަމުގައެވެ.
36ހައިކޯޓުގެ ނިންމުމަށް ބަލާއިރު އެ ނިންމުމުގައި އޮތީ، "ހަވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު 0012606277020201 އެކައުންޓުގެ ނަންބަރު 0750415 ޗެކު" ކަމުގައެވެ. އަދި އެ ޗެކުގައިވާ ތާރީޚަކީ 26 ޖޫން 2017 ކަމުގައްޔާއި، ޗެކުގައިވާ ޢަދަދަކީ 6,500,000.00ރ. (ހަމިލިއަން ފަސް ލައްކަ) ރުފިޔާ ކަމުގައެވެ. އަދި މި ޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާ ދެމެދު 22 މެއި 2017 ދުވަހު ވެފައިވާ "ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ 6,500,000.00ރ. (ހަމިލިއަން ފަސް ލައްކަ) ދެއްކުމަށްޓަކައި ދީފައިވާ ޗެކެއް ކަމުގައެވެ. އަދި، އެ އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފައިސާ (ނަގުދު ފައިސާ) ހަމައަށް ލިބިފައިވާކަމުގައްޔާއި، މި ފައިސާ 15 ޖޫން 2017 ދުވަހު އަނބުރާ ދެއްކުމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަން މި އެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމުގައެވެ.
37ހައިކޯޓުގެ މި ނިންމުމަށް ބަލާއިރު، 22 މެއި 2017 ގައި ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢުގެ ދެމެދުގައި 15 ޖޫން 2017 ގައި ހަ މިލިޔަން ފަސްލައްކަ ރުފިޔާ އަނބުރާ ދެއްކުމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ ލިޔުމުގައި ޗެކެއްގެ ނަންބަރެއް އަދި ޗެކެއް ދޫކޮށްފައިވާ އެކައުންޓް ނަންބަރެއް ނެތެވެ.14 މީގެ އިތުރަށް 15 ޖޫން 2017 ގައި ދޫކޮށްފައިވާ ހަ މިލިޔަން ފަސް ލައްކަ ރުފިޔާގެ ޗެކަށް ފައިސާ ނުލިބިގެން އެހެން ޗެކެއް ދޫކުރި ކަމަށް އޮތް ލިޔުމުގައި، 15 ޖޫން 2017 ގައި ދޫކުރި ޗެކްގެ ނަންބަރެއް ކަމުގައި ލިޔެފައިވަނީ 0750407 އެވެ.15 މިއީ ހައިކޯޓުން ފާހަގަ ކޮށްފައި އޮތް ހަމިލިޔަން ރުފިޔާގެ ޗެކްގެ ނަންބަރެއް ނޫނެވެ. އަދި 15 ޖޫން 2017 ގައި ފައިސާ ލިބޭ ގޮތަށް ދޫކުރި ޗެކަށް ފައިސާ ނުލިބިގެން އެހެން ޗެކެއް ދޫކުރިކަމަށް ބުނާ ލިޔުމުގައި ސޮއިކޮށްފައިވަނީ 12 ޖޫން 2017 ގައެވެ. މިއީ ވެސް ސުވާލު އުފެދޭ ކަމެކެވެ. ކުރިން ތަކުރާރުކުރި ފަދައިން މި އިން އެއްވެސް ޗެކެއް މި މައްސަލައިގައި ޝަރީޢަތަށް ހުށަހެޅިފައި ނުވެއެވެ.
ތިން މިލިޔަން ރުފިޔާގެ ޗެކް
38ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވަނީ ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 19 ވަނަ ޞަފުޙާގެ ދެވަނަ ޕެރެގްރާފުގައި، 10 ޖުލައި 2017 ގެ ތާރީޚު ޖަހާފައިވާ 3,000,000.00ރ. (ތިން މިލިއަން) ރުފިޔާގެ ޗެކާބެހޭ (0750411 ނަންބަރު ޗެކް) ގޮތުން އެ ކޯޓުން ފާހަގަ ކޮށްފައިވާ ކަންކަން ޙަޤީޤަތާ އެއްގޮތް ނޫންކަމުގައެވެ. މި އަދި އެ ނިންމުމުގައި އެ ޗެކް ދޫކުރީ 21 ފެބްރުއަރީ 2017 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމުގައި ފާހަގަ ކޮށްފައިވާއިރު، އެ ތާރީޚުގައި އޮތް އެއްބަސްވުމެއްގައި ހައިކޯޓުން އިޝާރާތް ކޮށްފައިވާ ޗެކްގެ ނަންބަރެއް ނެތެވެ. އަދި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޗެކްގެ ނަންބަރާއި ތާރީޚާއި، ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ވާހަކަތަކާ ދިމާނުވާ ކަމުގައެވެ.
39މީގެ އިތުރަށް 17 މާރޗް 2017 ވަނަ ދުވަހު މި ތިން މިލިޔަން ރުފިޔާ ދިނުމަށްޓަކައި ދޫކުރި ޗެކަށް ފައިސާ ނުލިބުމުން އެ ޗެކްގެ ބަދަލުގައި 21 މާރޗް 2017 ގައި ލިޔުމެއްގައި ސޮއިކުރިކަމަށާއި، މި ފައިސާ ދޫކުރުމަށްޓަކައި ޙުސައިން ޙިލްމީ 4 ފަހަރެއްގެ މަތިން ޗެކް ދޫކުރިކަމަށާއި، މިއިން ކޮންމެ ޗެކެއް ދޫކޮށްފައިވަނީ ކުރިން ދޫކުރި ޗެކު އަނބުރާ ލިބުމުން ކަމުގައި ޗެކްތައް ދޫކުރި ލިޔުމުން އެނގޭ ކަމުގައި ހައިކޯޓުން ފާހަގަ ކޮށްފައިވަނީ ކޮން އަސާސެއްގެ މައްޗަށްކަން ބަޔާންކޮށްފައިނުވާ ކަމުގައި ޙުސައިން ޙިލްމީގެ ފަރާތުން ބުނެއެވެ.
40ތިން މިލިޔަން ރުފިޔާގެ ޗެކާ ބެހޭ ގޮތުން ހައިކޯޓުގެ ނިންމުމަށް ބަލާއިރު އެ ނިންމުމުގައި އޮތީ، "ހަތްވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު 0012606277020201 އެކައުންޓުގެ ނަންބަރު 0750411 ޗެކު" ކަމުގައެވެ. އަދި އެ ޗެކުގައިވާ ތާރީޚަކީ 10 ޖުލައި 2017 ކަމުގައްޔާއި، ޗެކުގައިވާ ޢަދަދަކީ 3,000,000.00ރ. (ތިން މިލިއަން) ރުފިޔާ ކަމުގައެވެ. އަދި މި ޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާ ދެމެދު 21 ފެބްރުއަރީ 2017 ދުވަހު ވެފައިވާ "ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ 3,000,000.00ރ. (ތިން މިލިއަން) ރުފިޔާ ދެއްކުމަށްޓަކައި ދީފައިވާ ޗެކެއް ކަމުގައެވެ. އަދި، އެ އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފައިސާ (ނަގުދު ފައިސާ) ހަމައަށް ލިބިފައިވާކަމުގައްޔާއި، މި ފައިސާ 17 މާރޗް 2017 ދުވަހު އަނބުރާ ދެއްކުމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަން މި އެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމުގައެވެ.
41ހައިކޯޓުގެ މި ނިންމުމަށް ބަލާއިރު، 21 ފެބްރުއަރީ 2017 ގައި ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢުއާ ދެމީހުން ސޮއިކޮށްފައިވާ ލިޔުމެއްގެ އެއްތަނުގައި ހިސާބު އަކުރުން ތިންލައްކަ، އަދި އަނެއް ތަނުގައި ހިސާބު އަކުރުން ތިން މިލިޔަން ލިޔެފައިވާ ލިޔުމެއް ފެންނަން އެބައޮތެވެ. އެ ލިޔުމުގައި ޗެކެއްގެ ނަންބަރެއް ލިޔެފައި ނެތެވެ. އަދި ޗެކެއް ދޫކޮށްފައިވާ އެކައުންޓް ނަންބަރެއް، އެކައުންޓެއް ހުޅުވާފައި އޮތް ބެންކެއްގެ ނަމެއް ވެސް ނެތެވެ. އަދި މި ލިޔުމުގައި ފައިސާ އަނބުރާ ދައްކާ ތާރީޚެއް ކަމުގައި އޮތީ 17 މާރޗް 2017 އެވެ. އަދި މި ތާރީޚުގައި ފައިސާ ދެއްކުމަށް ޗެކެއް ދޫކުރިކަމަށް އޮތް އިރު، ހައިކޯޓުގެ ޙުކުމުގައި ޗެކްގައިވާ ތާރީޚެއް ކަމުގައި ފާހަގަ ކޮށްފައިވަނީ 10 ޖުލައި 2017 އެވެ.
42މީގެ އިތުރަށް މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ދެ ފަރާތުން ހުށަހަޅާފައިވާ "ފައިސާ އަނބުރާ ދެއްކުމަށް ދޫކޮށްފައިވާ ޗެކްތައް ބަދަލުކުރި ގޮތުގެ ލިޔުން" އަށް ބަލާއިރު ފާހަގަ ކުރެވެނީ 3 މިލިޔަން ރުފިޔާގެ އެންމެ މުޢާމަލާތެކެވެ. އަދި 3 މިލިޔަން ރުފިޔާއެއްގެ ވާހަކަ އެންމެ ފުރަތަމަ ބަޔާންވެފައިވަނީ 21 ފެބްރުއަރީ 2017 ގައި ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ކުރިން އިޝާރާތް ކުރެވުނު ލިޔުމުގައެވެ.16 އެ ލިޔުމުގައި 3 މިލިޔަން ރުފިޔާ އަނބުރާ ދެއްކުމަށް ދޫކުރި ޗެކެއްގެ ނަންބަރެއް، އެ ޗެކަކީ ކޮން ބެންކެއްގައި ހުޅުވާފައިވާ ކޮން އެކައުންޓަކުން ދޫކުރި ޗެކެއްކަން ބަޔާންކޮށްފައި ނުވެއެވެ. ނަމަވެސް އެ ފައިސާ އަނބުރާ ދައްކާނީ 17 މާރޗް 2017 ގައި ކަމުގައި އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. އެއަށްފަހު، ދެން 3 މިލިޔަން ރުފިޔާގެ ވާހަކައެއް އޮތީ 21 މާރޗް 2017 ގެ ތާރީޚުގައި ޙުސައިން ޙިލްމީ ސޮއިކޮށްފައި އޮތް ލިޔުމެއްގައެވެ.17 މި ލިޔުމުގައި އޮތީ 17 މާރޗް 2017 ގައި ދޫކުރި 3 މިލިޔަން ރުފިޔާގެ ޗެކަށް ފައިސާ ލިބޭ ގޮތް ނުވުމުން އައު ޗެކެއް ދޫކުރި ކަމުގައެވެ. އަދި ކުރިން ދޫކުރީ ބޭންކް އޮފް ސިލޯންގެ ނަންބަރު 6320174682 އެކައުންޓުގެ ޗެކެއް ކަމުގައި މި ލިޔުމުގައި އޮވެއެވެ. ނަމަވެސް އަލަށް ދޫކުރީ ޗެކްގެ މައުލޫމާތެއް މި ލިޔުމުގައި ނެތެވެ. މި ދެ ލިޔުމަށް ބަލާއިރު، ފުރަތަމަ ޗެކް ދޫކުރިކަމަށް ބުނާ ތާރީޚު ދިމާވި ނަމަވެސް، ޗެކާ ގުޅުންހުރި މުހިންމު މަޢުލޫމާތު އުނިވާތީ ކަށަވަރުކަމާއެކު، މިއީ އެއް މުޢާމަލާތެއް ކަމަށް ބަލަން ދައްޗެވެ.
4321 މާރޗް 2017 ގެ ލިޔުމަށްފަހު، 3,000,000.00ރ. (ތިންމިލިއަން ރުފިޔާ) ގެ ވާހަކަ އެއް ދެން އޮތީ 10 އޭޕްރިލް 2017 ގައި ޙުސައިން ޙިލްމީ ސޮއިކޮށްފައިވާ ލިޔުމެއްގައެވެ.18 މި ލިޔުމުގައި އޮތީ 10 އޭޕްރިލް 2017 ގައި ދޫކުރި 3,000,000.00ރ. (ތިން މިލިއަން ރުފިޔާ) ޗެކަކަށް ފައިސާ ނުލިބިގެން އައު ޗެކެއް ދޫކުރި ވާހަކައެވެ. ފައިސާ ނުލިބުނު ޗެކަކީ ސްޓޭޓް ބެންކް އޮފް އިންޑިއާގައި ހުޅުވާފައި އޮތް އެކައުންޓަކުން ދޫކުރި ޗެކެއްކަން މި ލިޔުމުން އެނގެއެވެ. އަދި މި ލިޔުމުން މިއީ 21 މާރޗް 2017 ގައި ސޮއިކުރި ލިޔުމުގައި ބަޔާންވެފައިވާ، އަލަށް ދޫކުރި ޗެކްކަން ނުވަތަ ނޫންކަން ކަށަވަރެއް ނުވެއެވެ. ސަބަބަކީ 21 މާރޗް 2017 ގައި އަލަށް ދޫކުރި ޗެކްގެ މައުލޫމާތެއް ނެތެވެ.
4410 އޭޕްރިލް 2017 ގައި ޙުސައިން ޙިލްމީ ސޮއިކޮށްފައިވާ ދެވަނަ ލިޔުމެއްގައި ވެސް 03 މިލިޔަން ރުފިޔާގެ ޗެކެއްގެ ވާހަކަ އޮވެއެވެ.19 އެ ލިޔުމުގައި އޮތީ، 26 މެއި 2017 ދުވަހު 03 މިލިޔަން ރުފިޔާ ލިބޭ ގޮތަށް ދޫކޮށްފައިވާ ޗެކަކަށް ފައިސާ ނުލިބިގެން ޙުސައިން ޙިލްމީ އެހެން ޗެކެއް ދޫކުރި ވާހަކައެވެ. އަދި އަލަށް ދޫކުރި ޗެކްގެ މައުލޫމާތެއް މި ލިޔުމުގައި ނެތެވެ.
4503 މިލިޔަން ރުފިޔާގެ ޗެކެއްގެ ވާހަކަ ދެން އޮތް ލިޔުމަކީ 12 ޖޫން 2017 ގައި ޙުސައިން ޙިލްމީ ސޮއި ކޮށްފައި އޮތް ލިޔުމެކެވެ.20 މި ލިޔުމަށް ބަލާއިރު، މިއީ މި ލިޔުމުގައި ސޮއިކުރުމުގެ ފަހުގެ ތާރީޚެއް ކަމުގައިވާ 15 ޖޫން 2017 ގައި ފައިސާ ލިބޭ ގޮތަށް ޙުސައިން ޙިލްމީ ދޫކޮށްފައިވާ 3,000,000.00ރ. (ތިން މިލިޔަން ރުފިޔާ) ގެ ޗެކަކަށް ފައިސާ ލިބޭ ގޮތް ނުވުން އެހެން ޗެކެއް ދޫކުރިކަމަށް އޮތް ލިޔުމެކެވެ.
46މަތީގައި މި އިޝާރާތްކުރި 3,000,000.00ރ. (ތިން މިލިޔަން ރުފިޔާ) ދޫކުރުމަށް ޙުސައިން ޙިލްމީ ދޫކުރި ޗެކްތަކަކީ، އެއް މުޢާމަލާތަކާ ގުޅިގެން ދޫކޮށްފައިވާ ޗެކްތަކެއްކަން ކަށަވަރު ނުވެއެވެ. އެހެނީ މި ލިޔުންތައް އެއް ލިޔުން އަނެއް ލިޔުމާ ނުގުޅެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މިއީ 21 ފެބްރުއަރީ 2017 ގައި ސޮއިކުރި ލިޔުމުގައި ބަޔާންކޮށްފައިވާ 3,000,000.00ރ. (ތިން މިލިޔަން ރުފިޔާ) ގެ ޗެކާ ގުޅުންހުރި ލިޔުންތަކެއް ކަމުގައި ބެލެވެން ނެތެވެ.
ފަސްމިލިޔަން ރުފިޔާގެ ޗެކް
47ޗެކްތަކާ ގުޅިގެން ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 20 ވަނަ ސަފުހާގައި، 10 ޖުލައި 2017 ގެ ތާރީޚު ޖަހާފައިވާ 5,000,000.00ރ. (ފަސް މިލިއަން ރުފިޔާ) ގެ ޗެކާބެހޭ (0750412 ނަންބަރު ޗެކް) ގޮތުން އެ ކޯޓުން ފާހަގަ ކޮށްފައިވާ ކަންކަން ޙަޤީޤަތާ އެއްގޮތް ނޫންކަމުގައި ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކުރެއެވެ. މި ގޮތުން އެ ނިންމުމުގައި އެ ޗެކް ދޫކުރީ 21 މާރޗް 2017 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމުގައި ފާހަގަ ކޮށްފައިވާއިރު، އެ ތާރީޚުގައި އޮތް އެއްބަސްވުމެއްގައި ހައިކޯޓުން އިޝާރާތް ކޮށްފައިވާ ޗެކްގެ ނަންބަރެއް ނެތް ކަމުގައްޔާއި، ހައިކޯޓުން އެ އިޝާރާތްކޮށްފައިވަނީ އެ ތާރީޚުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކޮން އެއްބަސްވުމަކަށް ކަން އެނގެން ނެތް ކަމުގައި ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަ ކުރެއެވެ.
48ހައިކޯޓުގެ ނިންމުމަށް ބަލާއިރު އެ ނިންމުމުގައި އޮތީ، "އަށްވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު 0012606277020201 އެކައުންޓުގެ ނަންބަރު 0750412 ޗެކު" ކަމުގައެވެ. އަދި އެ ޗެކުގައިވާ ތާރީޚަކީ 10 ޖުލައި 2017 ކަމުގައްޔާއި، ޗެކުގައިވާ ޢަދަދަކީ 5,000,000.00ރ. (ފަސް މިލިއަން) ރުފިޔާ ކަމުގައެވެ. އަދި މި ޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 21 މާރޗް 2017 ގައި ވެފައިވާ "ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ 5,000,000.00ރ. (ފަސް މިލިއަން) ދެއްކުމަށްޓަކައި ދީފައިވާ ޗެކެއް ކަމުގައެވެ. އަދި، އެ އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފައިސާ (ނަގުދު ފައިސާ) ހަމައަށް ލިބިފައިވާކަމުގައްޔާއި، މި ފައިސާ 10 އޭޕްރިލް 2017 ގައި އަނބުރާ ދެއްކުމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަން މި އެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމުގައެވެ.
49ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ 21 މާރޗް 2017 ގެ "އެއްބަސްވުމުގައި" އޮތީ އެ ކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވާ ޗެކް ނަންބަރެއް ނޫނެވެ. އެ ލިޔުމުގައި ޗެކްގެ ނަންބަރަކަށް އޮތީ 0721820 ނަންބަރެވެ.21 އަދި މި ލިޔުމުގައި އެއްތަނުގައި ފައިސާގެ ޢަދަދު ހިސާބު އަކުރުން ލިޔުމުގައި އޮތީ ފަސްލައްކަ ރުފިޔާ ލިޔެފައެވެ. ނަމަވެސް ތާނައިން ފަސްމިލިޔަން ރުފިޔާ ލިޔެފައިވެއެވެ. އަދި މި ތާރިޚުގައި 5,000,000.00ރ. (ފަސް މިލިޔަން ރުފިޔާ) ގެ އިތުރު މުޢާމަލާތަކާ ގުޅޭ ލިޔުމެއް ފެންނަން ނެތެވެ. މީގެ އިތުރުން މި ވާހަކަ ދެކެވޭ ފަސްމިލިޔަން ރުފިޔާގެ ޗެކެއް މި މައްސަލައިގައި ފެންނަންނެތެވެ. އަދި ޗެކްގެ ޞައްޙަ މައުލޫމާތު އެނގޭނެ ލިޔުމެއް ވެސް މި މައްސަލައިގައި ހުށަހެޅިފައި ނުވެއެވެ.
ދެ މިލިޔަން ރުފިޔާގެ ދެވަނަ ޗެކް
50ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 20 ވަނަ ސަފުޙާގެ އެންމެ ފަހު ޕެރެގްރާފުގައި ކާސްޓްއަވޭ މޯލްޑިވްސް އިން ދޫކޮށްފައިވާކަމަށް ބުނާ 2,000,000.00ރ. (ދެ މިލިޔަން ރުފިޔާ) ގެ ނަންބަރު 0750413 ޗެކާބެހޭ ގޮތުން ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކާ ދިމާނުވާ ކަމުގައި ޙުސައިން ޙިލްމީގެ ފަރާތުން ބުނެއެވެ.
51ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ނަންބަރު 0750413 ޗެކުގައިވާ ތާރީޚަކީ 10 ޖުލައި 2017 ކަމުގައްޔާއި، އެ ޗެކަކީ 2,000,000.00ރ. (ދެ މިލިޔަން ރުފިޔާ)ގެ ޗެކެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މިއީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާ ދެމެދު 05 މާރޗް 2017 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ޗެކެއް ކަމުގައްޔާއި، މި ޗެކްގައިވާ ފައިސާ ދެއްކުމަށް އެއްބަސްވެފައިވަނީ 21 މާރޗް 2017 ގައި ކަން އެނގޭކަމުގައި ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.
52ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ޗެކާ ބެހޭ މަޢުލޫމާތަކީ، "ފައިސާ އަނބުރާ ދެއްކުމަށް ދޫކޮށްފައިވާ ޗެކްތައް ބަދަލުކުރި ގޮތުގެ ލިޔުމުގެ 09 ވަނަ އަށް ބަޔާންކޮށްފައިވާ 2,000,000.00ރ. (ދެ މިލިޔަން ރުފިޔާ) ގެ ޗެކަކާ ގުޅިގެން ފާހަގަކޮށްފައިވާ މައުލޫމާތު ކަމުގައި ބެލެވެއެވެ. އަދި އެ ނިންމުމުގައި ޙަވާލާދީފައިވާ 05 މާރޗް 2017 ގައި ދެ ފަރާތުން ސޮއިކޮށްފައިވާ ލިޔުމަށް ބަލާއިރު، އެ ލިޔުމުގައި ޙުސައިން ޙިލްމީއަށް އިސްމާޢީލް ޝުޖާޢު ދީފައިވަނީ 2,000,000.00ރ. (ދެ މިލިޔަން ރުފިޔާ) ކަމެއް 2,000,00.00ރ. (ދެ ލައްކަ ރުފިޔާ) ކަމެއް ސާފެއް ނޫނެވެ.22 އެ ލިޔުމުގައި އެ އަދަދު ހިސާބު އަކުރުން ލިޔެފައިވާ ގޮތާއި، ތާނައިން ލިޔެފައިވާ ގޮތާ ދިމާ ނުވެއެވެ. މި ލިޔުމުގައި ޙުސައިން ޙިލްމީގެ އިނގިލީގެ ނިޝާނެއް ނެތެވެ. އަދި މި ލިޔުމުގައި އެ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވި ގޮތް ބަޔާންކޮށްފައިވާ ތާވަލުގައިވާ ތާރީޚަށް ބަލާއިރު، އެ ތާވަލުގައި އޮތީ، 21 މާރޗް 2017 އެވެ. ނަމަވެސް، "ފައިސާ އަނބުރާ ދެއްކުމަށް ދޫކޮށްފައިވާ ޗެކްތައް ބަދަލުކުރި ގޮތުގެ ލިޔުމަށް" ބަލާއިރު، އެ ލިޔުމުގައި މި ޗެކްގެ ތާރީޚެއް ކަމުގައި ބަޔާންވެފައިވަނީ 10 ޖުލައި 2017 އެވެ. އެހެން ޗެކްތަކާ ޚިލާފަށް ހުރިހާ ލިޔުމެއްގައި ޗެކް ނަންބަރެއްގެ ގޮތުގައި އެއް ނަންބަރެއް ލިޔުންތަކުން ފާހަގަވި ނަމަވެސް، ކުރިން އިޝާރާތް ކުރި ތާރީޚަކީ އެއްޗެކަކާ ގުޅިގެން ތަފާތުވާންޖެހޭނެ ތާރީޚެއް ކަމުގައި ނުފެނެއެވެ.
ފަސްމިލިޔަން ފަސްލައްކަ ރުފިޔާގެ ޗެކް
53ހައިކޯޓުގެ ނިންމުމުގައި 5,500,000.00ރ. (ފަސްމިލިޔަން ފަސްލައްކަ ރުފިޔާ) ގެ ޗެކާ ގުޅިގެން ނިންމާފައިވާ ނިންމުން ރަނގަޅު ނޫންކަމުގައި ޙުސައިން ޙިލްމީގެ ފަރާތުން ބުނެއެވެ. މި ގޮތުން ހައިކޯޓުގެ ނިންމުމުގައި އެ ޗެކްގެ ނަންބަރަކީ 0750419 ކަމުގައި ބުނާއިރު، އެ ޗެކަކީ 15 ޖުލައި 2017 ގައި ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކުރި ޗެކެއްކަމުގައި ހައިކޯޓުން ނިންމާފައިވައިރު، އެ ތާރީޚުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި ޗެކެއްގެ ނަންބަރެއް ނެތް ކަމުގައި ޙުސައިން ޙިލްމީގެ ފަރާތުން ބުނެއެވެ.
54ހައިކޯޓުގެ ނިންމުމަށް ބަލާއިރު، މި ވާހަކަ ދެކެވޭ ޗެކަކީ 0750419 ނަންބަރު ޗެކް ކަމުގައްޔާއި، އެ ޗެކްގައިވާ ތާރީޚަކީ 13 ސެޕްޓެމްބަރ 2017 ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ޗެކަކީ 15 ޖުލައި 2017 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ޗެކެއް ކަމުގައްޔާއި، އެ އެއްބަސްވުމުގެ ދަށުން ޙުސައިން ޙިލްމީއަށް ލިބުނު ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ ތާރީޚަކީ 13 ސެޕްޓެމްބަރ ކަމުގައި ބަޔާން ކޮށްފައިވެއެވެ.
55ހައިކޯޓުގެ މި ނިންމުމަށް ބަލާއިރު، ނިންމުމުގައި ފާހަގަކޮށްފައިވާ 15 ޖުލައި 2017 ގައި ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު ސޮއިކޮށްފައިވާ 5,500,000.00ރ. (ފަސް މިލިޔަން ފަސްލައްކަ ރުފިޔާ) އާ ގުޅުންހުރި ލިޔުމުގައި ޗެކެއްގެ ނަންބަރެއް ލިޔެފައިނުވެއެވެ.23 ޙުސައިން ޙިލްމީގެ ފިންގަރ ޕްރިންޓެއް ނެތެވެ. މި ލިޔުމުގައި ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދާއި، "ފައިސާ އަނބުރާ ދެއްކުމަށް ދޫކޮށްފައިވާ ޗެކްތައް ބަދަލުކުރި ގޮތުގެ ލިޔުމުގައިވާ، ފައިސާގެ އަދަދު ދިމާވި ނަމަވެސް، މި ލިޔުންތަކުން ޗެކްގެ ނަންބަރު ކަށަވަރު ކުރެވޭނެކަމުގައި ނުދެކެމެވެ.
އެއް މިލިޔަން ފަސްލައްކަ ރުފިޔާގެ ޗެކް
56ހައިކޯޓުގެ ނިންމުމުގައި 1,500,000.00ރ. (އެއްމިލިޔަން ފަސްލައްކަ ރުފިޔާ) ގެ ޗެކާ ގުޅިގެން ނިންމާފައިވާ ނިންމުން ރަނގަޅު ނޫންކަމުގައި ޙުސައިން ޙިލްމީގެ ފަރާތުން ބުނެއެވެ. މި ގޮތުން ހައިކޯޓުގެ ނިންމުމުގައި އެ ޗެކްގެ ނަންބަރަކީ 0750420 ކަމުގައި ބުނާއިރު، އެ ޗެކަކީ 15 ޖުލައި 2017 ގައި ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކުރި ޗެކެއްކަމުގައި ހައިކޯޓުން ނިންމާފައިވާއިރު، އެ ތާރީޚުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި ޗެކެއްގެ ނަންބަރެއް ނެތްކަމުގައި ޙުސައިން ޙިލްމީގެ ފަރާތުން ބުނެއެވެ.
57ހައިކޯޓުގެ ނިންމުމަށް ބަލާއިރު، މި އެއްމިލިޔަން ފަސްލައްކަރުފިޔާގެ ޗެކަކީ 0750420 ނަންބަރު ޗެކް ކަމުގައްޔާއި، އެ ޗެކްގައިވާ ތާރީޚަކީ 03 އޮކްޓޯބަރ 2017 ކަމުގައި ބަޔާން ކޮށްފައިވެއެވެ. އަދި އެ ޗެކަކީ 15 ޖުލައި 2017 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ޗެކެއް ކަމުގައްޔާއި، އެ އެއްބަސްވުމުގެ ދަށުން ޙުސައިން ޙިލްމީއަށް ލިބުނު ފައިސާ އަނބުރާ ދައްކަން އެއްބަސްވެފައިވަނީ 03 އޮކްޓޯބަރ 2017 ކަމުގައި ބަޔާން ކޮށްފައިވެއެވެ.
58ހައިކޯޓުގެ މި ނިންމުމަށް ބަލާއިރު، ނިންމުމުގައި ފާހަގަކޮށްފައިވާ 15 ޖުލައި 2017 ގައި ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު ސޮއިކޮށްފައިވާ 1,500,000.00ރ. (އެއް މިލިޔަން ފަސްލައްކަ ރުފިޔާ) އާ ގުޅުންހުރި ލިޔުމުގައި ޗެކެއްގެ ނަންބަރެއް ލިޔެފައިނުވެއެވެ.24 މި ލިޔުމުގައި ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދާއި، "ފައިސާ އަނބުރާ ދެއްކުމަށް ދޫކޮށްފައިވާ ޗެކްތައް ބަދަލުކުރި ގޮތުގެ" ލިޔުމުގައިވާ، ފައިސާގެ އަދަދު ދިމާވި ނަމަވެސް، މި ލިޔުންތަކުން ޗެކްގެ ނަންބަރު ކަށަވަރު ކުރެވޭނެކަމުގައި ނުދެކެމެވެ.
އެއްލައްކަ ހަތްދިހަ ހަހާސް ޑޮލަރުގެ ޗެކް
59ހައިކޯޓުގެ ނިންމުމުގެ 22 ވަނަ ސަފުޙާގެ ދެވަނަ ޕެރެގްރާފުގައި އެ ކޯޓުން ފާހަގަކޮށްފައިވާ 1,76,000.00US$ )އެއްލައްކަ ހަތްދިހަ ހަހާސް ޑޮލަރު (ގެ ނަންބަރު 1385025 ޗެކާ ގުޅިގެން އެނގޭކަމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތަފުސީލެއް އަދި އެ ކަންކަން އެނގުނު ގޮތެއް ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިނުވާ ކަމުގައި ޙުސައިން ޙިލްމީގެ ފަރާތުން ބުނެއެވެ.
60ހައިކޯޓުގެ ނިންމުމުގައި މި 1,76,000.00US$ )އެއްލައްކަ ހަތްދިހަ ހަހާސް ޑޮލަރު) ގެ ޗެކަކީ 1385025 ނަންބަރު ޗެކް ކަމުގައްޔާއި، އެ ޗެކްގައިވާ ތާރީޚަކީ 15 ޖޫން 2017 ކަމުގައި ބަޔާން ކޮށްފައިވެއެވެ. އަދި އެ ޗެކަކީ 12 ޖޫން 2017 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ޗެކެއް ކަމުގައްޔާއި، މި ޗެކް ދޫކޮށްފައިވަނީ އިސްމާޢީލް ޝުޖާޢުގެ އަތުން ޙުސައިން ޙިލްމީ ނަގާފައިވާ 40000.00US$ (ސާޅީސްހާސް ޑޮލަރު) ގެ 3 (ތިނެއް) ޗެކަކާއި، 28,000.00US$ )އަށާވީސްހާސް ޑޮލަރު) ގެ 2 ޗެކަށް ފައިސާ އަނބުރާ ދޫކުރުމަށް ދޫކޮށްފައިވާ ޗެކެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
61ހައިކޯޓުގެ ނިންމުމާ ގުޅިގެން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، 12 ޖޫން 2017 ގައި ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު 1,76,000.00US$ )އެއްލައްކަ ހަތްދިހަ ހަހާސް ޑޮލަރު) ގެ ވާހަކައެއް ލިޔެފައިވާ އެއްބަސްވުމެއް ނުވަތަ ލިޔުމެއް ފެންނަން ނެތެވެ. އެހެން ނަމަވެސް 15 ޖޫން 2017 ގައި 40,000.00US$ )ސާޅީސްހާސް ޑޮލަރު) ގެ 3 ޗެކަކާއި، 28,000.00US$ )އަށާވީސްހާސް ޑޮލަރު) ގެ 2 ޗެކަށް ފައިސާ ނުލިބިގެން 12 ޖޫން 2017 ގައި 1,76,000.00US$ )އެއްލައްކަ ހަތްދިހަ ހަހާސް ޑޮލަރު) ގެ ޗެކެއް ދޫކުރިކަމުގައި ހަމައެކަނި ޙުސައިން ޙިލްމީ ސޮއިކޮށްފައިވާ ލިޔުމެއް އެބައޮތެވެ. ނަމަވެސް މި ލިޔުމުގައި 1,76,000.00US$ )އެއްލައްކަ ހަތްދިހަ ހަހާސް ޑޮލަރު) ދިނުމަށް ދޫކުރި ޗެކްގެ ނަންބަރެއް ނެތެވެ. ޗެކާ ގުޅިގެން ހަމައެކަނި ފާހަގަކޮށްފައިވަނީ އެ ޗެކްގައިވާ ފައިސާގެ ޢަދަދު އެކަންޏެވެ.
އިތުރު ހަތަރު ޗެކެއް
62ޗެކްތަކާ ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުންތައް ރަނގަޅު ނޫންކަމުގައި ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަ ކުރާ ކަންކަމުގެ ތެރެއިން، ވަކި ހަތަރު ޗެކެއް (1385022، 1385026، 1385029، 1385030) ފާހަގަ ކުރުމަށްފަހު އެ ޗެކްތަކަކީ އެހެން ޗެކްތަކެއްގެ ބަދަލުގައި ދޫކޮށްފައިވާ ޗެކްތަކެއް ކަމުގައި ހައިކޯޓުން ނިންމި ނަމަވެސް، އެކަމުގެ ތަފުސީލެއް، އަދި އެކަން އެނގުނު ގޮތެއް ހައިކޯޓުން ފާހަގަ ކޮށްފައިނުވާ ކަމުގައި ބުނެއެވެ. ތިރީގައި މިވަނީ މި ހަތަރު ޗެކާމެދު ފާހަގަ ކުރެވޭ ކަންކަމެވެ.
ނަންބަރު 1385022 ޗެކް
63ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އެ ނިންމުމުގައި އޮތީ، 1385022 ނަންބަރު ޗެކަކީ، 08 ޖެނުއަރީ 2017 ގައި ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ދޫކުރެވުނު ޗެކެއް ކަމުގައެވެ. މިއީ 245633 (ދެލައްކަ ސާޅީސް ފަސްހާސް ހަސަތޭކަ ތިރީސް ތިނެއް) އެމެރިކާ ޑޮލަރުގެ ޗެކެއް ކަމުގައެވެ. އަދި މި ޗެކްގެ ފައިސާ ދެއްކުމަށް އަލުން 12 ޖޫން 2017 ގައި މި ޢަދަދުގެ ޗެކެއް ދޫކޮށްފައިވާ ކަމުގައެވެ.25
64މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، 08 ޖެނުއަރީ 2017 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި 245,633.00US$ (ދެލައްކަ ސާޅީސް ފަސްހާސް ހަސަތޭކަ ތިރީސް ތިނެއް އެމެރިކާ ޑޮލަރު) ގެ ޗެކެއް ދޫކުރިކަމަށް އޮތް އިރު، އެ ޗެކްގެ ނަންބަރެއް ކަމުގައި އެ އެއްބަސްވުމުގައި އޮތީ 5069791 އެވެ.26 މީގެ އިތުރުން، 12 ޖޫން 2015 ގައި މި ޢަދަދުގެ ފައިސާ ހިމެނޭ ކުރިން ދޫކޮށްފައިވާ ޗެކެއްގެ ބަދަލުގައި އެހެން ޗެކެއް ދޫކުރިކަމަށް އޮންނަ ލިޔުމުގައި ކުރިން ދޫކުރި ޗެކްގެ ނަންބަރެއްކަމުގައި ބަޔާންވެފައި އޮތީ، 1385017 އެވެ.27 އަދި ކުރިން ދޫކުރި ޗެކަކީ 08 ޖެނުއަރީ 2017 ގެ އެއްބަސްވުމުގެ ދަށުން ދޫކުރި ޗެކެއްކަން ނުވަތަ ނޫންކަމެއް މި ލިޔުމުން އެނގެން ނެތެވެ. މި ލިޔުންތަކަށް ބަލާއިރު، 245633 (ދެލައްކަ ސާޅީސް ފަސްހާސް ހަސަތޭކަ ތިރީސް ތިނެއް) އެމެރިކާ ޑޮލަރާ ގުޅުންހުރި، ނަންބަރު ތަފާތު ޗެކްތަކެއް މި މައްސަލައިގެ ލިޔުންތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މިއިން ކޮންމެ ނަންބަރެއް ތަފާތުވާއިރު، މިއީ އެއް މުޢާމަލާތަކާ ގުޅިގެން ދޫކޮށްފައިވާ ޗެކްތަކެއްކަން މި ލިޔުންތަކުން އެނގޭކަށް ނެތެވެ.
ނަންބަރު 1385026 ޗެކް
65ނަންބަރު 1385026 ޗެކާމެދު ހައިކޯޓުން ނިންމާފައިވަނީ، އެޗެކްގައިވާ ތާރީޚަކީ 15 ޖުލައި 2017 ކަމުގައެވެ. އަދި އެއީ 400000 (ހަތަރު ލައްކަ) އެމެރިކާ ޑޮލަރުގެ ޗެކެއް ކަމުގައެވެ. އަދި މިއީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢުއާ ދެމެދު 12 ޖޫން 2017 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ޗެކެއް ކަމުގައެވެ. އަދި މި ޗެކް ދޫކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ދޫކޮށްފައިވާ ޗެކަށް ފައިސާ ނުލިބިގެން އެ ޗެކްގެ ބަދަލުގައި ކަމުގައެވެ.
66މައްސަލައިގައި ހިމެނިފައިވާ ލިޔުންތަކުގެ ތެރެއިން ހައިކޯޓުން އިޝާރާތްކޮށްފައިވާ، 12 ޖޫން 2017 ގެ ލިޔުމަށް ބަލާއިރު، އެ ލިޔުމުގައި އޮތީ، އެ 15 ޖޫން 2017 ގައި 400000 (ހަތަރު ލައްކަ) އެމެރިކާ ޑޮލަރު ނެގޭ ގޮތަށް 1385016 ނަންބަރު ޗެކް ޙުސައިން ޙިލްމީ ދޫކުރި ކަމުގައެވެ.28 މިއީ ހައިކޯޓުން ފާހަގަކޮށްފައިވާ ޗެކް ނަންބަރެއް ނޫނެވެ. އަދި ޗެކްގެ ތާރީޚަކީ ވެސް ހައިކޯޓުން ފާހަގަ ކޮށްފައި އޮތް ތާރީޚެއް ނޫނެވެ. އަދި 12 ޖޫން 2017 ގައި 400,000.00US$ (ހަތަރު ލައްކަ އެމެރިކާ ޑޮލަރު) ގެ ޗެކެއް ދޫކުރިކަން އެނގޭނެ، ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢުއާ ދެމީހުން ސޮއިކުރި ލިޔުމެއް މައްސަލައިގެ ލިޔުންތަކުން ފެންނަން ނެތެވެ. އެހެން ނަމަވެސް 2016 ސެޕްޓެމްބަރ 27 ގެ ތާރީޚުގައި 400,000.00US$ (ހަތަރު ލައްކަ އެމެރިކާ ޑޮލަރު) ގެ މުޢާމަލާތަކާ ގުޅޭ ދެ ފަރާތް ސޮއިކޮށްފައިވާ ލިޔުމެއް ލިޔުންތަކުގެ ތެރެއިން ފާހަގަވާއިރު،29 މިއީ ހައިކޯޓުން އިޝާރާތްކުރާ ލިޔުމެއް ނޫނެވެ.
ނަންބަރު 1385029 އަދި ނަންބަރު 1385030 ޗެކް
67ހައިކޯޓުގެ ނިންމުމުގައި އޮތީ، ނަންބަރު 1385029 ޗެކްގައިވާ ތާރީޚަކީ 30 ޖުލައި 2017 ކަމުގައެވެ. އަދި މި ފައިސާ 30 ޖުލައި 2017 ގައި ދެއްކުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމުގައެވެ. އަދި ނަންބަރު 1385030 ޗެކްގައިވާ ތާރީޚަކީ 15 އޮގަސްޓް 2017 ކަމުގައެވެ. އަދި މި ދެ ޗެކަކީ 15 ޖުލައި 2017 ގައި ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ 40000 (ސާޅީސް ހާސް) އެމެރިކާ ޑޮލަރުގެ ދެޗެކު ކަމުގައެވެ.
68ހައިކޯޓުގެ މި ނިންމުމަށް ބަލާއިރު، 15 ޖުލައި 2017 ގައި ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ތާވަލެއްގައ40,000.00US$ (ސާޅީސްހާސް އެމެރިކާ ޑޮލަރު) ދެ ޗެކެއްގެ ވާހަކަ ފެންނަން އެބަ އޮތެވެ.30 މީގެ ތެރެއިން އެއް ޗެކްގެ ތާރީޚު ކަމުގައި އެ ތާވަލުގައި އޮތީ 30 ޖުލައި 2017 އެވެ. އަނެއް ޗެކްގެ ތާރީޚެއް ކަމުގައި އޮތީ 15 އޮގަސްޓް 2017 އެވެ. މި އެއްބަސްވުމުގައި މިއިން ޗެކެއްގެ ނަންބަރެއް ލިޔެފައި ނެތެވެ. ތާވަލުގައި އެ ކޮލަމު އޮތީ ހުހަށެވެ. އަދި މިއިން އެއްވެސް ޗެކެއް، ނުވަތަ ޗެކްގައިވާ މަޢުލޫމާތު ކަށަވަރު ކުރެވޭނެ ލިޔުމެއް މި މައްސަލައިގެ ލިޔުންތަކުން ފެންނަންނެތެވެ.
ޗެކްތައް ދޫކުރިކަމަށް އިންކާރުކޮށްފައި ނުވުން
69މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ހެކިތަކުން ނުލިބޭ ނަތީޖާތަކެއްގެ މައްޗަށް ބިނާކޮށްކަމުގައި ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަ ކުރަމުން އެންމެ ފަހު ފަހުކަމަށް ފާހަގަކޮށްފައިވަނީ، "17 ޗެކަކީ ވެސް ޙުސައިން ޙިލްމީގެ ފަރާތުން އިސްމާޢީލް ޝުޖާޢު އަތުން ނަގާފައިވާ ފައިސާ އަދާކުރުމުގެ ގޮތުން ދީފައިވާ ޗެކްތަކެއްކަން ޙުސައިން ޙިލްމީގެ ފަރަތުން އިންކާރު ކޮށްފައި ނުވާ" ކަމުގައެވެ. ނަމަވެސް، މި ޗެކްތަކުގައިވާ ޢަދަދަށް ޙުސައިން ޙިލްމީއަށް ފައިސާ ލިބިފައިނުވާ ކަމުގައި އޭނާގެ ފަރާތުން ސިވިލް ކޯޓާއި ހައިކޯޓުގައި ވެސް ތަކުރާރުކޮށް ބުނެފައިވާނެ ކަމުގައެވެ.
70ޙުސައިން ޙިލްމީގެ މި ހުށަހެޅުމަށް ބަލާއިރު، ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 25 ވަނަ ސަފުހާގެ އެންމެ ފަހު ޕެރެގްރާފުގައި، މި 17 ޗެކަކީ، ލިބިފައިވާ ފައިސާއެއް އަނބުރާ އަދާކުރުމުގެ ގޮތުން ދީފައިވާ ޗެކްތަކެއްކަމާމެދު ޙުސައިން ޙިލްމީގެ ފަރާތުން އިންކާރުކޮށްފައިނުވާ ކަމުގައި ބަޔާންވެފައިވެއެވެ. އަދި މީގެ އިތުރުން މި މައްސަލައިގައި ސިވިލް ކޯޓަށް ޙުސައިން ޙިލްމީގެ ފަރާތުން ހުށަހެޅި ޖަވާބު ފޯމުން ފެށިގެން ހައިކޯޓުގެ އަޑުއެހުންތަކުގައި، މި ޗެކްތަކުގައިވާ ފައިސާއަކީ، އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޙުސައިން ޙިލްމީއަށް ލިބިފައިވާ ފައިސާއެއް ނޫންކުގައި ތަކުރާރުކޮށް ބުނެފައިވެއެވެ.
71ޗެކްތަކު ނަންބަރާއި، ޗެކްތަކާ ގުޅުންހުރި އެހެނިހެން ލިޔުންތަކާއި، މަޢުލޫމާތުތަކާމެދު މަތީގައި ތަފުސީލުކޮށް އަހުރެން މި ބަޔާންކުރި ކަންކަމަށް ބަލާއިރު، އެ ޗެކްތަކާ ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުންތަކަކީ، މި މައްސަލައިގައި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން ދޭހަވާ ދޭހަވުމެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުންތަކެއް ކަމުގައި އަހުރެންނަށް ނުފެނެއެވެ. މީގެ އިތުރުން އެ ނިންމުންތަކަކީ، އެ ޗެކްތަކާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ހުރިނެތް ގޮތް ބެލުމަށްފަހު ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ވެސް ގަބޫލެއް ނުކުރެވެއެވެ. އަދި އެ ނިންމުންތަކަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމުގައި އަހުރެން ނުދެކެމެވެ.
72މީގެ އިތުރުން، ޙުސައިން ޙިލްމީގެ ފަރާތުން މި 17 ޗެކްގައިވާ ފައިސާއަކީ، ޙުސައިން ޙިލްމީ އިސްމާޢީލް ޝުޖާޢު އަތުން ނަގާފައިވާ ފައިސާ އަދާކުރުމުގެ ގޮތުން ދީފައިވާ ޗެކްތަކެއްކަމާމެދު ޙުސައިން ޙިލްމީގެ ފަރާތުން އިންކާރު ކޮށްފައި ނުވާކަމުގައި ހައިކޯޓުން ނިންމާފައިވަނީ މި މައްސަލައި ހިމެނޭ ޚަޞްމުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްގެން ކަމުގައި އަހުރެންނަށް ގަބޫލެއް ނުކުރެވެއެވެ.
ޞައްޙަ ނޫން އެއްބަސްވުންތަކަކަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވުމާމެދު
73ސިވިލް ކޯޓުގައި މި މައްސަލައަށް ޖަވާބުދާރީވަމުން ޙުސައިން ޙިލްމީ ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި އިސްމާޢީލް ޝުޖާޢު ހޯދުމަށް އެދިފައިވާ ފައިސާއަކީ، ޙުސައިން ޙިލްމީ އަށް ނުވަތަ ކާސްޓްއަވޭ ކުންފުންޏަށް އިސްމާޢީލް ޝުޖާޢުގެ ފަރާތުން ލިބިފައިވާ ފައިސާއެއް ނޫންކަމުގައެވެ. އެހެންކަމުން މި ފައިސާއެއް އަނބުރާ ދައްކަންޖެހޭ ހާލަތެއް މި މައްސަލައިގައި ނެތްކަމުގައެވެ. މީގެ އިތުރުން މި މައްސަލައިގައި ހުށަހެޅިފައިވާ އެއްބަސްވުންތަކަކީ، ޞައްޙަ އެއްބަސްވުންތަކެއް ނޫންކަމުގައެވެ. މި އެއްބަސްވުންތަކަކީ، ޙުސައިން ޙިލްމީގެ ނުރުހުމުގައި އޭނާ ލައްވައި ސޮއިކުރުވާފައިވާ އެއްބަސްވުންތަކެއް ކަމުގައެވެ. އަދި ޗެކްތަކަކީވެސް އެފަދައިން ނުރުހުމުގައި އަތުލާފައިވާ ޗެކްތަކެއް ކަމުގައެވެ.
74މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ފާހަގަ ކުރި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވަނީ ކުރިން މި އިޝާރާތް ކުރި ކަންކަމެވެ. އެ ނުކުތާގައި ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ޞައްޙަ ނޫން އެއްބަސްވުންތަކަކަށް ރިޢާޔަތްކޮށްގެން ކަމުގައެވެ. އަދި ހައިކޯޓުގެ ނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާ އާއި، 13 ވަނަ މާއްދާ އާއި، 15 ވަނަ މާއްދާއާ ޚިލާފު ކަމުގައެވެ. އަދި ހައިކޯޓުގެ ޙުސައިން ޢަބްދުލްޤާދިރު ވ. ރިފާސް ޙުސައިން31 މައްސަލައިގައި އެ ކޯޓުން ޤާއިމުކޮށްފައިވާ އުސޫލުތަކާ ވެސް ހައިކޯޓުގެ ނިންމުން ޚިލާފު ކަމުގައެވެ.
75މި ނުކުތާ ތަފުސީލު ކުރަމުން ޙުސައިން ޙިލްމީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި މައިގަނޑު ދެކަމެއް ފާހަގަ ކުރެއެވެ.
75.1- ފުރަތަމަ ކަމަކީ، އިސްމާޢީލް ޝުޖާޢު ހޯދުމަށް އެދިފައިވާ ފައިސާއަކީ، އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޙުސައިން ޙިލްމީއަށް ނުވަތަ ކާސްޓްއަވޭ ކުންފުންޏަށް ލިބިފައިވާ ފައިސާއެއް ނޫންކަމުގައި ބުނާ ބުނުމެވެ. އަދި ހޯދުމަށް އެދިފައިވާ ތިން މިލިޔަނަށްވުރެ ގިނަ ޑޮލަރު، އިސްމާޢީލް ޝުޖާޢުގެ މިލްކިއްޔާތުން މަދުވިކަމާއި، މި ފައިސާ ޙުސައިން ޙިލްމީއަށް ދީފައިވަނީ ނަގުދުފައިސާއިން ނަމަ، ފައިސާ ހަވާލުކުރި ތަނަކާއި، އެކަމުގައި އުޅުނު ބައެއް އިސްމާޢީލް ޝުޖާޢުއަށް ބުނެދެވެން ޖެހޭނެކަން ބުއްދީގެ ހަމަތަކުން ގަބޫލު ކުރެވޭ ކަމުގައި ބުނާ ބުނުމެވެ.
75.2- ދެވަނަ ކަމަކީ، އެއްބަސްވުންތަކުގައި ސޮއިކޮށް ޗެކްތައް އަތުލާފައިވަނީ އިސްމާޢީލް ޝުޖާޢު ޙުސައިން ޙިލްމީއަށް ބިރު ދައްކައި ނުފޫޒު ފޯރުވައިގެން ކަމުގައި ބުނާ ބުނުމެވެ.
76މި ނުކުތާއާ ގުޅޭ ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އެ ކޯޓުން ފާހަގަ ކޮށްފައިވަނީ، ޙުސައިން ޙިލްމީ އެކި ދުވަސްމަތިން އިސްމާޢީލް ޝުޖާޢުގެ އަތުން ފައިސާ ނަގާފައިވާ ކަމުގައެވެ. އަދި މި ފައިސާ ޙުސައިން ޙިލްމީއާ ޙަވާލުކޮށްފައިވަނީ ނަގުދު ފައިސާއިން ކަމުގައެވެ. އަދި މި ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެފައިވަނީ ޗެކުންކަމުގައެވެ. އަދި ޗެކްތައް ދޫކުރިކަމަށް ޙުސައިން ޙިލްމީ އިންކާރު ކޮށްފައިނުވާ ކަމުގައްޔާއި، މި މައްސަލައިގައި ހިމެނޭ އެއްބަސްވުންތަކުގައި ޙުސައިން ޙިލްމީ ސޮއިކޮށްފައިވަނީ އިސްމާޢީލް ޝުޖާޢުގެ ފަރާތުން ބިރު ދެއްކުމުންކަމުގައި ބުނި ނަމަވެސް، ބިރު ދެއްކުމަށް އިސްމާޢީލް ޝުޖާޢު ކޮށްފައިވަނީ ކޮން ކަމެއްކަން ޙުސައިން ޙިލްމީއަށް ބުނެދެވިފައިނުވާ ކަމުގައެވެ. އަދި އެކަން ސާބިތު ކުރުމަށް ހެއްކެއް ހުށަހަޅާފައިނުވާ ކަމުގައެވެ.
77ތިރީގައި މި ތަފުސީލު ކުރަނީ މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން އަހުރެންނަށް ފާހަގަ ކުރެވޭ ކަންކަމެވެ.
ފައިސާ ލިބުނުކަމާމެދު
78މި މައްސަލައިގައި އިސްމާޢިލް ޝުޖާއުގެ އަތުން ޙުސައިން ޙިލްމީ ނަގާފައިވާ ފައިސާތަކެއް އަނބުރާ ދިނުމަށް ޙުސައިން ޙިލްމީ ދޫކޮށްފައިވާ ތިން ޗެކަކަށް ފައިސާ ނުލިބިގެން އެ ފައިސާ ހޯދުމަށް އިސްމާޢީލް ޝުޖާޢު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި ދަޢުވާއަށް އިންކާރު ކުރަމުން ޙުސައިން ޙިލްމީ އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ، ދަޢުވާގައިވާ "އެއްވެސް ފައިސާއަކީ ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ލިބިފައިވާ ފައިސާއެއް ނޫނެވެ." މި ފަދައިންނެވެ.32
79މި ފައިސާއަކީ ޙުސައިން ޙިލްމީއަށް ލިބިފައިވާ ފައިސާއެއް ނޫންކަމުގައި ބުނެ ހުށަހެޅި ދިފާޢަށް ރައްދުދީ އިސްމާޢީލް ޝުޖާޢުގެ ފަރާތުން ސިވިލް ކޯޓުގައި މައިގަނޑު ގޮތެއްގައި ދައްކާފައިވާ ވާހަކައަކީ، ނަގުދު ފައިސާއިން މި ފައިސާ ޙުސައިން ޙިލްމީއަށް ލިބުނު ކަމުގައި ޙުސައިން ޙިލްމީ އެއްބަސްވެ، ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެއްބަސްވުންތަކެއް ހުރިކަމުގައެވެ. އަދި މި މައްސަލައިގެ އެއްވެސް ޗެކެއް ދޫކުރިކަމަށް ޙުސައިން ޙިލްމީ އިންކާރު ކޮށްފައިނުވާ ކަމުގައެވެ.
80މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅިފައިވާ އެއްގޮތަކަށް ހުރި އެއްބަސްވުންތަކަށް ބަލާއިރު، ކޮންމެ އެއްބަސްވުމެއްގެ ފުރަތަމަ ނަންބަރުގައި "މި އެއްބަސްވުމުގެ ދަށުން ޙުސައިން ޙިލްމީއަށް އިސްމާޢީލް ޝުޖާޢު ދީފައިވާ ފައިސާގެ ޢަދަދަކީ" މި ފަދައިން ބަޔާން ކުރުމަށްފަހު، އެ ޢަދަދު ވިޔަ އަކުރުންނާއި، ތާނަ އަކުރުން ލިޔެފައިވެއެވެ. އަދި 2 ވަނަ ނަންބަރުގައި އެ ފައިސާ އަނބުރާ ދައްކާނެ ގޮތް ބަޔާންކޮށްފައިވެއެވެ.
81HN1HN2މި އެއްބަސްވުންތަކަށް ބަލާއިރު، މި ފައިސާއަކީ، މި އެއްބަސްވުމުގެ މުޤާބިލެވެ. މި އެއްބަސްވުންތައް ހަދާފައި މިވަނީ މި ފައިސާއާ ގުޅިގެންނެވެ. ޤާނޫނީ ގޮތުން ތަންފީޒު ކުރެވޭ އެއްބަސްވުމަކަށް ވުމަށްޓަކައި އެއްބަސްވުމުގެ މުޤާބިލު އެއްފަރާތުން އަނެއް ފަރާތަށް ބަދަލުވާންޖެހޭއިރު،33 މި މައްސަލައިގައި އެ ފަދައިން މުޤާބިލު ބަދަލުވި ހެއްޔެވެ؟ މީގެ އިތުރުން އަސްލަކީ، ކޮންމެ މީހަކީ ޒިންމާއިން ބަރީޢަވެގެންވާ މީހަކު ކަމުގައި ބެލުމެވެ. މި ސަބަބަށްޓަކައި ވަކީ މީހަކީ، އަނެކާއަށް ދަރާފައިވާ މީހެއްކަމުގައި މީހަކު ބުނާނަމަ، އެކަން ސާބިތު ކުރުމަކީ އެހެން ބުނާ މީހެއް ޒިންމާއެކެވެ. ސުވާލަކީ މި ޒިންމާ މި މައްސަލައިގައި އަދާކުރެވިފައިވޭ ހެއްޔެވެ؟
82މި މައްސަލައިގައި ދެ ފަރާތުން ޝަރީޢަތުގެ ތިން މަރުޙަލާގައި ދައްކާފައިވާ ވާހަކަތަކުން، މި މައްސަލައިގައި ވާހަކަ ދެކެވޭ ފައިސާ އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޙުސައިން ޙިލްމީއަށް ނަގުލުވި ކަމަކަށް ދަލާލަތު ކުރާ ހެއްކެއް މި މައްސަލައިގައި ޝަރީޢަތަށް ހުށަހެޅިފައި ނެތެވެ. ފައިސާ ނަގުލުވިކަމަށް އިސްމާޢީލް ޝުޖާޢުގެ ފަރާތުން ހަމައެކަނި ދައްކާ ވާހަކައަކީ އެއްބަސްވުމުގައި އެ ފައިސާ ނަގުލުވިކަމަށް އޮންނަ އޮތުމެވެ.
83HN3ފައިސާ ނަގުލުވިކަމަށް އެއްބަސްވުމުގައި އޮތް އޮތުމަށް ފައިސާ ދިންކަމަށް ބުނާ ޙުސައިން ޙިލްމީ އިންކާރު ކުރުމުން، އެކަން ސާބިތު ކުރުމަކީ، ޢާންމު އުސޫލުން އެ ފައިސާ ލިބުނުކަމަށް ބުނާ ފަރާތުން، މި މައްސަލައިގައި ނަމަ އިސްމާޢީލް ޝުޖާޢު ސާބިތު ކޮށްދޭންޖެހޭނެ ކަމެކެވެ. އިސްމާޢީލް ޝުޖާޢުއަށް މިކަމެއް ސާބިތު ކޮށްދެވިފައި ނުވެއެވެ. މިސާލަކަށް އެއްލައްކަ ހަތްދިހަ ހަހާސް ޑޮލަރު ނަގުދު ފައިސާއިން އިސްމާޢީލް ޝުޖާޢު ޙުސައިން ޙިލްމީއަށް ދިނީ ކިހިނަކުންކަން ކޮންތަނެއްގައި ތިބެކަން، އެ ޢަދަދަށް ނަގުދު ފައިސާ ދިނީ ކޮން ޢަދަދެއްގެ ކިތައް ނޫޓުންކަން ބުނެދެވެންޖެހޭއިރު، މިފަދަ އެއްވެސް ކަމެއް މި މައްސަލައިގައި އިސްމާޢީލް ޝުޖާޢުއަށް ސާބިތުކޮށް ދެވިފައިނުވެއެވެ. ކަންހިނގި ގޮތެއް ބުނެދެވިފައި ނުވެއެވެ.
84HN4އެއްބަސްވުންތަކަށް ބުރަދަނެއް ދެވޭތޯ ބަލާއިރު، އެއްވެސް އެއްބަސްވުމެއްގައި ހެކިވެރިއެއް ސޮއިކޮށްފައި ނުވެއެވެ. ހެކިވެރިއެއްގެ ނަމެއް ނެތެވެ. މި ހާލަތުގައި މުޢާމަލާތުގެ ދެ ފަރާތުން އެ އެއްބަސްވުމާ ގުޅިގެން އުފެދޭ އެއްވެސް ދެބަސްވުމަކަށް ނުވަތަ ޚިޔާލު ތަފާތުވުމަކަށް އެއްބަސްވުމުގައި ލިޔެފައި އޮތް އެއްޗަކަށް ދެވޭނެ ބުރަދަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ މި އެއްބަސްވުންތަކަށް ބުރަދަން ދޭނެ އިތުރު ހެއްކެއް ނެތުމުން، މި އެއްބަސްވުންތަކެކޭ، ދެ ފަރާތުގެ ދެމެދުގައި ހެއްކެއް ނެތި އަނގަބަހުން ދެކެވިފައިވާ ވާހަކަ ތަކެކޭ އެއްވެސް ތަފާތެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ.
85ކަންމިހެން އޮތުމުން ޙުސައިން ޙިލްމީ އެކި ދުވަސްމަތިން އިސްމާޢީލް ޝުޖާޢުގެ އަތުން ފައިސާ ނަގާފައިވާ ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ އެކަމަށް ދަލާލަތު ކުރާ ހެއްކެއް އޮވެގެން ކަމުގައި އަހުރެން ނުދެކެމެވެ.
ނުފޫޒު ފޯރުވުމާއި، ބިރުދެއްކުމާމެދު
86އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ޙުސައިން ޙިލްމީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ކުރެވިފައިވާ މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާ އާއި، 13 ވަނަ މާއްދާ އާއި، 15 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ފާހަގަ ކުރެއެވެ. އަދި ހައިކޯޓުން މައްސަލަ ނިންމުމުގައި އެ ކޯޓުގެ ޙުސައިން ޢަބްދުލްޤާދިރު ވ. ރިފާސް ޙުސައިން34 މައްސަލައިގައި އެ ކޯޓުން ޤާއިމުކޮށްފައިވާ ސާބިތު ކުރުމުގެ އުސޫލުތަކާ ވެސް ހައިކޯޓުގެ ނިންމުން ޚިލާފު ކަމުގައި ފާހަގަ ކުރެއެވެ.
87ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބަޔާންވެފައިވަނީ، "ބިރެއްދައްކައިގެން، ނުވަތަ ޙަޤީޤަތް އޮޅުވާލައިގެން ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫޛުގެ ބޭނުންކޮށްގެން، މީހަކު ނުވަތަ ބަޔަކު ބައިވެރި ކުރުވާފައިވާ ކޮންޓްރެކްޓަކީ، އެމީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ ކޮންޓްރެކްޓެއް ނޫނެވެ." މި ފަދައިންނެވެ. އަދި 13 ވަނަ މާއްދާގައި ބުނެފައިވަނީ، އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް މީހަކު ނުވަތަ ބަޔަކު ކޮންޓްރެކްޓެއްގައި ބައިވެރިވެފައިވާނަމަ، އެއީ ބާޠިލު ކޮންޓްރެކްޓެކެވެ." މި ފަދައިންނެވެ. އަދި 15 ވަނަ މާއްދާގައި ބުނެފައިވަނީ، މީހެއްގެ މައްޗަށް ނުފޫޛެއް ހިންގޭފަދަ މަގާމެއްގައި ހުރެ، އެފަދަ ނުފޫޛެއް ހިންގައިގެން މީހަކު ކޮންޓްރެކްޓެއްގައި ބައިވެރި ކުރުވުމަކީ ނުރަނގަޅު ގޮތަކަށް ނުފޫޛުގެ ބޭނުން ކުރުން ކަމަށް ވާނެއެވެ." މި ފަދައިންނެވެ.
88ހައިކޯޓުގެ ޙުސައިން ޢަބްދުލްޤާދިރު ވ. ރިފާސް ޙުސައިން35 މައްސަލައާ ހަވާލާދީ ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، އެ މައްސަލައިގައި، "ނުރަނގަޅު ނުފޫޒު ފޯރުވޭފަދަ މަޤާމެއްގައި ހުރި މީހާއަށް އެކަން ނަފީ ކުރެވޭފަދަ ހެއްކެއް ހުށަނޭޅިއްޖެ ނަމަ، ބަލަންޖެހޭނީ މުޢާމަލާތު ކޮށްފައިވަނީ އޭނާގެ ފަރާތުން ނުރަނގަޅު ނުފޫޒެއް ފޯރުވައިގެން ކަމަށް" ބަލަންޖެހޭ ކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމުގައެވެ. އަދި މި އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާ ހާލަތުގައި އެއްބަސްވުމެއް ވެވޭ ދެ މީހެއްގެ ދެމެދުގައި އެކަކަށް މަންފާއެއް ލިބޭ ގޮތަށް އެއްބަސްވުމެއްވެވޭ ނަމަ، ނުރަނގަޅު ނުފޫޒެއް އޮތުމުގެ ފުރުސަތު އޮތްކަމަށް ބަލަންޖެހޭ ކަމުގައްޔާއި، ނުރަނގަޅު ނުފޫޒު ފޯރުވޭފަދަ މަޤާމެއްގައި ހުރި މީހާއަށް އެކަން ނަފީ ކުރެވޭ ފަދަ ހެއްކެއް ހުށަނޭޅިއްޖެނަމަ، ނުރަނގަޅު ނުފޫޒެއް ފޯރުވީކަމުގައި ބަލަންޖެހޭނެ ކަމުގައި ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
89ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވާ ހައިކޯޓުގެ ޙުސައިން ޢަބްދުލްޤާދިރު ވ. ރިފާސް ޙުސައިން36 މައްސަލައަކީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލައެކެވެ. އަދި މި މައްސަލައިގައި ސުޕްރީމް ކޯޓުން ހައިކޯޓުގެ ނިންމުމަށް ތާއީދު ވެސް ކޮށްފައިވެއެވެ. އަދި ހައިކޯޓުގެ ޙުކުމުގައި އޮތް ނުރަނގަޅު ނުފޫޒު އިތުރަށް ތަފުސީލު ކުރަމުން، ނުފޫޒެއް ފޯރުވިދާނެ މަޤާމެއްގައި ހުންނަ މީހަކު ނުރަނގަޅު ނުފޫޒު ފޯރާފައި ނުވާކަން ސާބިތު ކުރުމުގެ ބުރަ އުފުލަންޖެހޭނީ، ނުރަގަނޅު ނުފޫޒު ފޯރުވާފައިވާކަމުގެ އިފްތިރާޟު ކުރެވޭ ޙާލަތުގައި (Presumed Undue Influence) ނުވަތަ، "ނުފޫޒެއް ފޯރުވިދާނެ މަޤާމެއްގައި ހުރެ ނުވަތަ ގުޅުމެއް އޮވެ، ކޮންޓްރެކްޓެއްގައި ބައިވެރިވެއްޖެނަމަ، ހަމައެކަނި އެ އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް އިތުރު ކަމެއް ސާބިތުކޮށް ދިނުމެއް ނެތި ކޮންޓްރެކްޓުގައި ނުފޫޒު ފޯރުވާފައިވާކަމަށް ބުނުމުގެ ފުރުސަތު"37 އޮންނަ ހާލަތުގައި ކަމުގައި ސުޕްރީމް ކޯޓުން ކަނޑަޅާފައިވެއެވެ.
90ނުރަނގަޅު ނުފޫޒެއް ފޯރުވިކަން ތަފުސީލު ކުރަމުން ޙުސައިން ޙިލްމީގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، މި މައްސަލައިގައި އިސްމާޢީލް ޝުޖާޢު ޙުސައިން ޙިލްމީ އަށް ލޯނެއް ދިނުމަށްފަހު، ޙުސައިން ޙިލްމީގެ އަތުން ޗެކްތަކެއް ހޯދާފައިވާ ކަމުގައެވެ. އަދި މި ޗެކްތައް ބައުންސް ކޮށްފާނެކަމުގެ އިންޒާރުދީގެން ތަފާތު އެކި ދުވަސް މަތިން އެކި އެއްބަސްވުންތަކުގައި ސޮއި ކުރުވައި، އެކި ޢަދަދު ތަކުން ޙުސައިން ޙިލްމީގެ އަތުން ގިނަ ޢަދަދެއްގެ ޗެކްތަކެއް އަތުލާފައިވާ ކަމުގައެވެ. އަދި ހައިކޯޓުގެ ޙުކުމުގައި ބަޔާންވެފައިވާ ޗެކްތަކަކީ މި ގޮތަށް އަތުލާފައިވާ ޗެކްތަކެއް ކަމުގައެވެ.
91ނުފޫޒު ފޯރުވުމާއި ބިރު ދެއްކުމާ ގުޅިގެން ސިވިލް ކޯޓުގައި ޙުސައިން ޙިލްމީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްމާޢީލް ޝުޖާޢުގެ ފަރާތުން ކުރިމަތިވި ކަންކަން ބަޔާންކޮށްދެމުން ފާހަގަކޮށްފައިވަނީ، މި މައްސަލަ ފެށިފައިވަނީ 24 އޭޕްރިލް 2016 ގައި ޙުސައިން ޙިލްމީ ދަރަނީގެ ގޮތުގައި އިސްމާޢީލް ޝުޖާޢުގެ އަތުން ހަތްމިލިޔަން ދެލައްކަ ފަންސާސްހާސް ރުފިޔާ ނެގި ހިސާބުން ފެށިގެން ކަމުގައެވެ. އަދި މި ފައިސާއަށް އިންޓްރެސްޓް އިތުރު ކުރުމަށްފަހު ޗެކްތައް ދޫކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމުގައެވެ. އޭގެ ފަހުން އެތަކެއް އެއްބަސްވުންތައް ހެދިފައިވާ ކަމުގައްޔާއި، އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ޗެކްތައް ހޯދާފައިވަނީ އެކި ފަހަރު މަތިން ޙުސައިން ޙިލްމީއަށް އިސްމާޢީލް ޝުޖާޢު ދަރަންޏަށް ފައިސާ ދީފައިވާކަމަށް ބަޔާންކޮށްގެން ކަމުގައެވެ.38 އަދި މި ޗެކްތަކަކީ ޙުސައިން ޙިލްމީގެ ނުރުހުމުގައި ގަދަކަމުން ހޯދާފައިވާ ޗެކްތަކެއް ކަމުގައެވެ.39 އަދި މި ޗެކްތަކުގައި ސޮއިކޮށްފައިވަނީ ޙުސައިން ޙިލްމީއަށް ބިރު ދައްކައިގެން ކަމުގައެވެ.40 އަދި އިސްމާޢީލް ޝުޖާޢު ޙުސައިން ޙިލްމީއަށް ބިރު ދައްކައިގެން ސޮއިކުރުވާފައިވާ ލިޔުންތަކާއި ހޯދާފައިވާ ޗެކްތަކުގެ މައްސަލަ ޕޮލިހަށް ހުށަހަޅައި ތަޙްޤީޤު ކުރަމުންދާ ކަމުގައްޔާއި، އެ މައްސަލަ 30 ސެޕްޓެމްބަރ 2018 ގައި ފުލުހުންގެ އިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ކަމުގައެވެ. މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ ޗެކްތަކަށް ފައިސާ ނުލިބި ރައްދުވުމުން އިސްމާޢީލް ޝުޖާޢު އެ ޗެކްގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމުން އެ އިދާރާއިން އެ މައްސަލަ ތަޙްޤީޤުކޮށް، ދަޢުވާ ކުރުމަށް ފޮނުވުމުން، އެ މައްސަލައިގައި ޖިނާއީ ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވުމުން މިއީ ޢާންމު އުސޫލުން ހިނގާފައިވާ ޗެކް ބައުންސްގެ މައްސަލައެއް ނޫންކަން ސާފުކޮށް އެނގޭ ކަމުގައެވެ.
92ނުފޫޒު ފޯރުމުމާއި، ބިރު ދެއްކުމާ ގުޅިގެން ޙުސައިން ޙިލްމީގެ ފަރާތުން ސިވިލް ކޯޓަށް ދެ ލިޔުމެއް ހުށަހަޅާފައިވެއެވެ. އެއް ލިޔުމަކީ، ބިރު ދެއްކި މައްސަލައެއް ފުލުހުންގެ އިދާރާގައި ރަޖިސްޓްރީވިކަން އަންގައިދޭ ލިޔުމެކެވެ. އަނެއް ލިޔުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ޙުސައިން ޙިލްމީ ފޮނުވި ސިޓީއެއްގެ ޖަވާބެވެ.
93މިގޮތުން، ޙުސައިން ޙިލްމީގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާފައިވަނީ 22 މޭ 2019 ގައިކަން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރައްވާފައި ވީނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަޢުލޫމާތު ރަޖިސްޓްރީކުރި ލިޔުމުގައި މި މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚަކީ 30 ޑިސެންބަރު 2018 ކަމަށް ބަޔާންކޮށްފައިވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލިޔުމުން އެނގެން އޮންނަ މައްސަލަ ހުށަހެޅި ތާރީޚުގެ ގޮތުގައި ހައިކޯޓުން ފާހަގަ ކުރާ 22 މޭ 2019 ދުވަހުގެ ތާރީޚަކީ ބުނެވުނު ލިޔުމުގެ ތިރީގައި ލިޔެފައިވާ ތާރީޚު އެވެ. އެހެންކަމުން އެ ތާރީޚަކީ، ލިޔުން ދޫކުރެވުނު ތާރީޚު ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، ބުނެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަޢުލޫމާތު ރަޖިސްޓްރީކުރި ލިޔުމުގައި ބިރުދެއްކުމުގެ މައްސަލަ ހުށަހެޅީ ކޮންފަރާތަކާ ދެކޮޅަށް ކަން އެނގޭކަށް ނެތެވެ.
94މީގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޙުސައިން ޙިލްމީއަށް ފޮނުވާފައިވާ ޖަވާބަށް ބަލާއިރު، ދަޢުވާކުރުމުގެ މަސްލަހަތެއް އޮތްކަމަށް ނުފެންނާތީވެ، އެ އޮފީހުން ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ މައްސަލައަކީ، ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު 2016 ވަނަ އަހަރުގެ ފަހުކޮޅު ހިންގާފައިވާ މުޢާމަލާތަކާ ގުޅިގެން ތަޙުޤީޤު ކުރެވިފައިވާ މައްސަލައެއްކަން އެނގެއެވެ. އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގެ މުޢާމަލާތަކީ، ޕްރޮސިއިކުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީގައި އިޝާރާތްކޮށްފައިވާ މައްސަލަކަން ނުވަތަ ނޫންކަމަށް ބަލާއިރު، 2016 ވަނަ އަހަރުގެ ފަހުކޮޅުގައި (27 ސެޕްޓެމްބަރ 2016 ގައި) އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޙުސައިން ޙިލްމީއަށް ލިބިފައިވާ ފައިސާއެއް އަނބުރާ ދެއްކުމަށް ޙުސައިން ޙިލްމީ 28000 (އަށާވީސްހާސް) ޑޮލަރުގެ 06 ޗެކެއް ދިންކަމުގައި ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވިފައި ވަނީ އެންމެ ލިޔުމެއްގައެވެ. އަދި މައްސަލައިގައި ހިމެނޭ އެހެން ލިޔުންތަކަށް ބަލާއިރު، 08 ޖެނުއަރީ 2017 އިން ފެށިގެން 28 ފެބްރުއަރީ 2018 ގެ ނިޔަލަށް ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެކި ލިޔުންތަކާއި ފޮނުވާފައިވާ ސިޓީތައް ހިމެނެއެވެ. ކަންމިހެން އޮތްއިރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީއަކީ އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ މުޅި މުޢާމަލާތުގެ މައްޗަށް ހެކި ލިބޭ ސިޓީއެއްކަމުގައި ގަބޫލެއް ނުކުރެވެއެވެ.
95HN5އިސްތިއުނާފީ މި ނުކުތާ ހުށަހަޅަމުން ޙުސައިން ޙިލްމީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ގޮތެއް ކަނޑައަޅަން ގޮންޖެހުމެއް ކުރިމަތިވެއެވެ. އެ ގޮންޖެހުމަކީ، އެ ވާހަކަތަކުގައި ނުފޫޒާއި ބިރު ދެއްކި ކަމަށް ބުނާ ބުނުމަށް އެއް ވާޤިޢާތަކަކާއި، އެއް ޤާނޫނީ އުސޫލުތަކެއް ހުށަހަޅާފައި ވުމުންނެވެ. ނުފޫޒު ފޯރުވުމާއި (Undue Influence) އާއި ބިރު ދެއްކުމަކީ، (Duress) ކޮންޓްރެކްޓާބެހޭ ޤާނޫނުގައި އޮތް ތަފާތު ދެ މަފްހޫމެކެވެ. މި ދެ މަފްހޫމުގެ މައްޗަށް ތަރުތީބުވާ އުސޫލުތައް ވެސް ތަފާތެވެ.
96HN6ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވާ ރިފާސްގެ މައްސަލައިން އުސްއަލި ކޮށްފައިވާ އުސޫލަކީ، އެއްބަސްވުމުގެ ބައިވެރިންގެ ތިބި މަޤާމުގެ ގޮތުން ނުރަގަނޅު ނުފޫޒު ފޯރުވާފައިވާކަމުގެ އިފްތިރާޟު ކުރެވޭ ޙާލަތުގައި (Presumed Undue Influence) ތަޠުބީޤު ކުރެވޭނެ އުސޫލެކެވެ. އެހެން ގޮތަކަށް ބުނާނަމަ، ނުފޫޒެއް ފޯރުވިދާނެ މަޤާމެއްގައި ހުރެ ނުވަތަ ގުޅުމެއް އޮވެ އެ އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް އިތުރު ކަމެއް ސާބިތުކޮށް ދިނުމެއް ނެތި ކޮންޓްރެކްޓުގައި ނުފޫޒު ފޯރުވާފައިވާކަމަށް އިފްތިރާޟު ކުރެވޭ ޙާލަތުގައި ތަޠުބީޤު ކުރެވޭނެ އުސޫލެކެވެ. މި އުސޫލުގެ އެންމެ ރަނގަޅު މިސާލަކީ، ރިފާސްގެ މައްސަލައެވެ. ބައްޕައަކާއި ދަރިއަކާ ދެމެދު އޮންނަ ގުޅުމަކީ، އެ ގުޅުމުގެ މައްޗަށް ބިނާކޮށް، އިތުރު ކަމެއް ސާބިތުކޮށް ދިނުމެއްނެތި، ނުފޫޒު ފޯރުވާފައިވާކަމަށް އިފްތިރާޟު ކުރެވޭ ހާލަތެއްކަމުގައިވާތީ، އެ ޙާލަތުގައި ނުފޫޒު ފޯރުވޭފަދަ މަޤާމެއްގައި ހުންނަ މީހާއަށް އެކަން ނަފީ ކުރުމަށް ހެކި ހުށަނޭޅިއްޖެ ނަމަ، ނުފޫޒެއް އޮތްކަމަށް ބަލަންޖެހޭ ކަމުގައި އެ މައްސަލައިގައި ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވެއެވެ. ކަންމިހެން އޮތުމުން ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވާ ނުރަނގަޅު ނުފޫޒާ ގުޅޭ އުސޫލަކީ މި މައްސަލައަށް ތަޠުބީޤު ކުރެވޭނެ އުސޫލެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި އެހުށަހެޅުމުގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ.
97އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޙުސައިން ޙިލްމީއަށް ބިރު ދައްކައިގެން އެއްބަސްވުންތަކުގައި ބައިވެރިކުރުވިކަން ނުވަތަ ނޫންކަމަށް ބަލާއިރު، އެކަން ސާބިތުކުރުމަށް ޝަރީޢަތަށް ހުށަހެޅުނު ދެ ލިޔުމަށާއި، ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން ބިރު ދެއްކުމުގެ ގޮތުން އިސްމާޢީލް ޝުޖާޢު ކޮށްފައިވަނީ ކޮން ކަމެއްކަން ސާފެއް ނުވެއެވެ. އެ ކަމެއް މެދުވެރިވިކަމަށް ހެއްކެއް ނުލިބެއެވެ. މީގެއިތުރުން ޙުސައިން ޙިލްމީގެ ފަރާތުން ހުށަހަޅާފައިނުވި ނަމަވެސް، ބަހުސްގެ ބޭނުމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ނުރަނގަޅު ނުފޫޒުގެ މައިގަނޑު އެއްބާވަތް ކަމުގައިވާ، ސީދާ ނުފޫޒު ފޯރުވުން ނުވަތަ (actual undue influence) ގެ އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރުމަށް ބަލާއިރު ވެސް، ހުށަހަޅާފައިވާ ހެކިތަކުން އެކަމަށް ބާރު ލިބޭ ކަމުގައި ބުރަނުވެއެވެ.
98ކަންމިހެން އޮތުމުން، ޙުސައިން ޙިލްމީގެ ފަރާތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ޗެކް ދޫކޮށްފައި އޮތުމުގެ މައްޗަށް ބިނާކޮށް ދަރަނި ސާބިތު ކުރުމާމެދު
99އިސްތިއުނާފީ ތިންވަނަ ނުކުތާގައި ޙުސައިން ޙިލްމީގެ ފަރާތުން ބުނެފައިވަނީ ޗެކަކީ އެއިގެ ޒާތުގައި އިތުރު ހެކިޤަރީނާއާ ނުލައި ދަރަނި ސާބިތު ކުރެވޭނެ ވަސީލަތެއް ނޫންކަމުގައި ސުޕްރީމް ކޯޓުގެ
ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު41 މައްސަލައިގައި ކަނޑައަޅާފައިވާކަމުގައެވެ. ނަމަވެސް، އިސްތިއުނާފުކޮށްފައިވާ މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ އެ އުސޫލާ ޚިލާފަށް ކަމުގައެވެ.
100މި ނުކުތާ ތަފުސީލު ކުރަމުން ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވަނީ، ހައިކޯޓުން މި މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޑިއުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް42 މައްސަލައަށް ކަމުގައެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ޤާނޫނީ ގޮތުން ޝަކުއްލިއްޔާތު ފުރިހަމަކޮށް މީހެއްގެ އަމިއްލަ އިޚްތިޔާރުގައި ޗެކެއް ދޫކޮށްފިނަމަ، އެ ޗެކްގައިވާ ފައިސާ، އެ ޗެކްގައި ފައިސާ ލިބުމަށް އޮންނަ ފަރާތަށް ލިބިދިނުމަކީ ޗެކް ދޫކުރި ފަރާތުގެ ޤާނޫނީ މަސްއޫލިއްޔަތެއް ކަމަށް ކަނޑައަޅާފައިވާ ކަމުގައެވެ. އަދި އެ ފައިސާ ލިބިދިނުމަށްޓަކައި އިތުރު ވާޤިޢާއެއް ސާބިތުވުން ލާޒިމު ނުވުމުގެ އިތުރަށް ޗެކަކީ އޭގެ ޒާތުގައި ޗެކްގައިވާ ޢަދަދަށް ފައިސާ އަދާކުރުން ކަށަވަރުކޮށްދޭ ހެއްކެއް ކަމުގައި އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަމުގައެވެ. ނަމަވެސް، މި އުސޫލަކީ ސުޕްރީމް ކޯޓުން އެ އުސޫލަކާ ދުރަށް ގޮސްފައިވާ އުސޫލެއްކަން ސުޕްރީމް ކޯޓުން ނިންމާފައިވާ ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު43 މައްސަލައިގެ ނިންމުމުން އެނގޭ ކަމުގައެވެ.
101މި ނުކުތާއާ ގުޅިގެން އިސްމާޢީލް ޝުޖާޢުގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލަ ނިންމުމުގައި ހައިކޯޓުން ބުރަވެފައިވަނީ ހަމައެކަނި ޗެކްތަކުގެ މައްޗަށް ނޫންކަމުގައެވެ. އަދި ޗެކްތަކާއެކު، މި މައްސަލައިގައި ހުށަހެޅިފައިވާ އެއްބަސްވުންތަކަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވާކަން އެ ކޯޓުގެ ނިންމުން އެނގޭ ކަމުގައެވެ.
102މި ނުކުތާއާ ގުޅިގެން ހައިކޯޓުގެ ނިންމުމަށް ރުޖޫޢަވާއިރު، ހައިކޯޓުން ސުޕްރީމް ކޯޓުގެ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޑިއުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް44 މައްސަލައަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. ނަމަވެސް، އެ މައްސަލައަށް ރިޢާޔަތް ކުރުމާއެކު، މައްސަލައިގައި ދެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ އެއްބަސްވުންތަކަށް ރިޢާޔަތްކޮށްފައިވާކަން ހައިކޯޓުގެ ނިންމުމުގައި ސުޕްރީމް ކޯޓުގެ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޑިއުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް45 މައްސަލައިގެ ވާހަކަ ބަޔާންކުރުމަށްފަހު، ޖެހިގެން އަންނަ ޕެރެގްރާފުތަކުގައި ދައްކާފައިވާ ވާހަކަތަކުން ސާފުކޮށް އެނގެއެވެ.
103ކަންމިހެން އޮތުމުން، ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު46 މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމުގައި ކަނޑައަޅާނެ ތަނެއް މި މައްސަލައިގައި އޮތްކަމަށް އަހުރެން ނުދެކެމެވެ.
މައްސަލަ ނިންމުމަށް ބޭއްވި އަޑުއެހުން ސިއްރުކުރުން
104އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލަ ހައިކޯޓުން ނިންމުމުގައި، ހައިކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލާ އެކޯޓުން ޚިލާފުވެފައިވާ ކަމުގައެވެ. މި ގޮތުން އެ އުސޫލުގެ 4 ވަނަ ނަންބަރުގެ (ރ) ގައި ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާ ނަމަ، ޙުކުމް ކުރާ މައްސަލައިގެ ޙުކުމް ކުރާ ޝަރީޢަތުގެ މަޖިލިސް އޮންލައިންކޮށް ޔޫޓިއުބް މެދުވެރިކޮށް ލައިވްކުރަންވާނެ ކަމުގައި ބަޔާންވެފައިވީ ނަމަވެސް، ހައިކޯޓުން މި މައްސަލަ ނިންމުމަށް ބޭއްވި އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުގައެވެ. އަދި މިކަން މިއުސޫލުން ހިނގާފައި އޮތުމަކީ، އިސްތިއުނާފީ އެހެން ނުކުތާތަކަށް ބާރެއް ދޭންޖެހޭ ސަބަބެއް ކަމުގައެވެ.
105މި ނުކުތާއަށް ބަލާއިރު، ދެ ފަރާތުގެ ވާހަކަތަކުން މި މައްސަލަ ނިންމުމުގެ އަޑުއެހުން ހައިކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމަށް ފާހަގަކުރި ނަމަވެސް، އެ އަޑުއެހުން ހައިކޯޓުން ސިއްރުކުރި ސަބަބަކީ ކޮބައިކަން ފާހަގަކޮށްފައިނުވެއެވެ. އަދި އިސްމާޢީލް ޝުޖާޢުގެ ފަރާތުން މިއީ މި މައްސަލައިގައި އެކަނި ހިނގާފައިވާ ކަމެއް ނޫންކަމުގައްޔާއި، މި މައްސަލަ ނިންމި ދުވަސްވަރު ހައިކޯޓުން ކުރިއަށް ގެންގޮސްފައިވާ ގިނަ ޝަރީޢަތްތަކެއް އެ ކޯޓުން ޔޫޓިއުބް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
106HN7ޙުސައިން ޙިލްމީގެ ފަރާތުން މި ނުކުތާގައި ފާހަގަ މި ކުރަނީ ހައިކޯޓުގެ ނިންމުމުގެ ކުރިއަށް އައި އިޖުރާއީ އައިބެކެވެ. މިފަދަ އިޖުރާއީ އައިބެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއެއް ހުށަހެޅޭނީ، އެ އިޖުރާއަތަކީ ބާޠިލު އިޖުރާއަތަކަށް ވުމާއެކު، އެ އިޖުރާއީ އައިބުގެ ސަބަބުން ނިންމުމަށް އަސަރެއް ފޯރާފައިވާނަމައެވެ. މިކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ށ) އިން އެނގެއެވެ.
107މި އިސްތިއުނާފީ ނުކުތާ ފާހަގަކުރަމުން ޙުސައިން ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މި މައްސަލަ ނިންމުމުގެ އަޑުއެހުން ހައިކޯޓުން ޔޫޓިއުބް މެދުވެރިކޮށް ވަގުތުން ދުރަށް ފޮނުވާފައިނުވަނީ، ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަމެއް ސާފުވެފައިނުވެއެވެ. އަދި ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް އެ އަޑުއެހުން ސިއްރުކުރުމުގެ ސަބަބުން، ހައިކޯޓުގެ ނިންމުމަށް ކޮށްފައިވާ އަސަރެއް ޙުސައިން ޙިލްމީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ފާހަގައެއް ނުވެއެވެ. އެހެންކަމުން މި ނުކުތާއާމެދު ގޮތެއް ކަނޑައަޅާނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ.
މައްސަލަކުރިއަށް ގެންދިއުމަށް ނިންމުމާމެދު
1082024 އޭޕްރިލް 25 ވަނަ ދުވަހު މި މައްސަލައިގައި ޙުކުމް ކުރުމަށް ޝަރީޢަތުގެ އަޑުއެހުމެއް ތާވަލުކޮށް، އެ ދުވަހު 0845 އަށް ޝަރީޢަތަށް ހާޒިރުވުމަށް ޚަޞްމުންނަށް ކޯޓު އަމުރު ރައްދުކުރެވިފައިވެއެވެ. މި ފަދައިން ކަން ހިނގާފައިވަނިކޮށް، 2024 އޭޕްރިލް 23 ވަނަ ދުވަހު މެންދުރު ފަހު 13:49 ގައި މި މައްސަލަ އިސްތިއުނާފުކުރާ ޙުސައިން ޙިލްމީގެ ފަރާތުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާތީ އިސްތިއުނާފު ފޯމު ބާޠިލުކޮށްދިނުމަށް އެދި ކޯޓަށް ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީ ފޮނުވާފައިވަނީ އީ-މެއިލް މެދުވެރިކޮށެވެ.
109އަދި 25 އޭޕްރިލް 2024 ގައި ޙުކުމުގެ ޝަރީޢަތުގެ އަޑުއެހުމަށް ހާޒިރުވުމަށް އަންގައި ކޯޓުން ފޮނުވި ކޯޓު އަމުރުގެ އީމެއިލްއާ ހަވާލާދީ، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން، 2024 އޭޕްރިލް 23 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުނު ފަހުން، 1455 ގައި، މައްސަލައިގެ ދެ ފަރާތުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ސެޓްލްމަންޓް އެގްރިމެންޓެއްގައި ސޮއިކޮށްފައިވާ ވާހަކަ ކޯޓުގެ ސަމާލުކަމަށް ގެނައުމަށް ސިޓީއެއް ފޮނުވާފައިވެއެވެ. މިސިޓީއަކީ 23 އޭޕްރިލް 2024 ގެ ތާރީޚު ޖަހާފައިވާ ސިޓީއެކެވެ. އަދި މި ސިޓީގައި ބަޔާންކޮށްފައިވާ އެ އެގްރިމެންޓްގެ ކޮޕީއެއް މި އީމެއިލްއާއެކު އެ ފަރާތުން ފޮނުވާފައިވެއެވެ.
110HN8މަދަނީ މައްސަލައެއްގެ އިސްތިއުނާފީ މަރުޙަލާގައި، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމުގައި ބުނެ ޚަޞްމަކު އިސްތިއުނާފު ފޯމު ބާޠިލު ކުރުމަށް ކޯޓަކަށް ހުށަހެޅުމުން ޢަމަލު ކުރާނެ އިޖުރާއަތެއް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައިނުވެއެވެ. އެ ގާނޫނުގެ 23 ވަނަ ބާބުގައިވާ "ދަޢުވާ އަނބުރާ ގެނައުން" ގެ އުސޫލުތަކަކީ، އިސްތިއުނާފީ މަރުޙަލާގައި ބޭނުންކުރުމަށް ލިޔެވިފައިވާ އުސޫލުތަކެއް ނޫނެވެ. މިކަން އެ ބާބުގެ މާއްދާތަކުގައި ބޭނުންކޮށްފައިވާ ބަސްމަގާއި، އެ ބާބުގައި ދަޢުވާއެއް އަނބުރާ ގެންދިއުމަށް ލިޔެފައިވާ އިޖުރާއަތުންނާއި، އެ ޤާނޫނުގައި އިސްތިއުނާފީ އުސޫލުތައް ބަޔާންވެފައިވާ 26 ވަނަ ބާބުން އިތުރަށް ސާފުވެއެވެ.
111ސުޕްރީމް ކޯޓުގެ ގަވާއިދު 2020 ގެ 51 ވަނަ މާއްދާގެ (ށ) ގައި މައްސަލައެއް ރަޖިސްޓްރީވުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ގެންދިއުމުގެ އުސޫލުތައް ބަޔާވެފައިވެއެވެ. އެ އަކުރަށް ބަލާއިރު، އެ އަކުރުގައި އޮތީ، "ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ރަޖިސްޓްރީވުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ގެންދަން ބޭނުން ނަމަ، އެކަން އެ މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު، އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން، އަނބުރާ ގެންދިއުމުގެ އިޚްތިޔާރު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ. މައްސަލަ އަނބުރާ ގެންދަން ހުށަހަޅައިފިނަމަ، މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތައް ހާޒިރުކޮށް އެ މައްސަލަ އަނބުރާ ގެންދިއުމުގެ ހުއްދަ ނުދޭން ފެންނަ ސަބަބެއް އޮތްތޯ ސާފުކުރަންވާނެއެވެ." މި ފަދައިންނެވެ.
112HN9އިސްތިއުނާފީ މަރުޙަލާގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގައިވާ "ދަޢުވާ އަނބުރާ ގެންދިއުމުގެ އުސޫލުތައް ނުހިނގާނެ ކަމުގައި ބެލި ނަމަވެސް، އެ ޤާނޫނުގެ 252 ވަނަ މާއްދާގެ (ށ) އާއި، ސުޕްރީމް ކޯޓުގެ ޤަވާޢިދު 2020 ގެ 51 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ދަޢުވާއެއް ނުވަތަ މައްސަލަ އަނބުރާ ގެންދިއުމަކީ، ދަޢުވާކުރާ ފަރާތަށް ނުވަތަ މައްސަލަ ހުށަހަޅާ ފަރާތަށް މުޠުލަޤަށް ލިބިދިފައިވާ ބާރެއް ނޫންކަން އެނގެއެވެ. އަދި އެ ބާރަކީ، ކޯޓުގެ ހިފެހެއްޓުންތެރިކަމެއް އޮތް ބާރެއްކަން އެ ޤާނޫނީ މާއްދާތަކުން ސާފުކޮށް އެނގެއެވެ.
113މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި، ހުށަހެޅިފައިވާ ލިޔެކިޔުމަށް ބަލާއިރު، ދެ ފަރާތުގެ ދެމެދުގައި ސެޓްލްމަންޓް އެގްރިމެންޓެއްގައި ސޮއިކޮށްފައިވަނީ، 07 މާރޗް 2024 ގައެވެ. މި އެއްބަސްވުމުގެ 6.1 ވަނަ މާއްދާގައިވާ ގޮތުން އެއްބަސްވުމުގައި ސޮއިކުރެވޭތާ 03 ދުވަހުގެ ތެރޭގައި ކޯޓުތަކުގައި ހުރި މައްސަލަތައް އަނބުރާ ނެގުމަށް ދެ ފަރާތުން ކޯޓުތަކަށް ހުށަހަޅަންވާނެއެވެ. ނަމަވެސް މި މާއްދާގައި ބަޔާންވެފައިވާ ފަދަ ހުށަހެޅުމެއް އެ މުއްދަތުގައި ކޯޓަށް ލިބިފައި ނުވެއެވެ.
114އަދި މި މައްސަލަ އަނބުރާ ގެންދިއުމަށް އެދިފައި މިވަނީ މި މައްސަލަ ނިންމުމަށް ތާވަލުކޮށް ދެ ފަރާތަށް ކޯޓު އަމުރު ރައްދުވުމުގެ ފަހުން ކަމުގައިވާތީ، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 51 ވަނަ މާއްދާގެ (ށ) ގެ މައްސަލަ އަނބުރާ ގެންދިއުމު ހުއްދަ ދިނުމަށް އަހުރެންނަށް ބުރަނުވެއެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
115މަތީގައި ތަފުސީލުކުރި ސަބަބުތައް އެ ގޮތުގެ މަތިން ހުރުމުން މި މައްސަލައިގައި ހައިކޯޓުގެ ނަންބަރު 2019/HC-A/640 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު
116މަދަނީ މައްސަލައެއްގައި، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމުގައި ބުނެ ޚަޞްމަކު އިސްތިއުނާފު ފޯމު ބާޠިލު ކުރުމަށް އިސްތިއުނާފީ ކޯޓަކަށް ހުށަހެޅުމުން ޢަމަލު ކުރާނެ އިޖުރާއަތެއް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައިނެތެވެ. އެހެން ނަމަވެސް، ސުޕްރީމް ކޯޓުގެ ގަވާއިދު 2020 ގެ 51 ވަނަ މާއްދާގެ (ށ) ގައި މައްސަލައެއް ރަޖިސްޓްރީވުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ގެންދިއުމުގެ އުސޫލުތައް ބަޔާން ކޮށްފައިވެއެވެ. އެ އަކުރަށް ބަލާއިރު، އެ އަކުރުގައި އޮތީ، "ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ރަޖިސްޓްރީވުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ގެންދަން ބޭނުން ނަމަ، އެކަން އެ މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު، އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން، އަނބުރާ ގެންދިއުމުގެ އިޚްތިޔާރު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ. މައްސަލަ އަނބުރާ ގެންދަން ހުށަހަޅައިފިނަމަ، މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތައް ހާޒިރުކޮށް އެ މައްސަލަ އަނބުރާ ގެންދިއުމުގެ ހުއްދަ ނުދޭން ފެންނަ ސަބަބެއް އޮތްތޯ ސާފުކުރަންވާނެއެވެ." މި ފަދައިންނެވެ.
117މަދަނީ ޚުޞޫމަތެއްގައި ކޮންމެ މަރުޙަލާއެއްގައިވެސް އެ މައްސަލައެއްގައި ދެކޭގޮތް ބަދަލުވުމުގެ ފުރުޞަތު އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ދެ ފަރާތުން ވަކިގޮތަކަށް ރުހޭ ހިނދު އެއާ ޚިލާފަށް ޝަރީޢަތުން ގޮތެއް ކަނޑައެޅުމަކީ އިންސާފުވެރި ގޮތެއް ކަމަށް ނުދޭކޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ޤަޟިއްޔާގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ގެ ރައުޔުގައި ވިދާޅުވެފައިވެއެވެ.
118ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގަވާއިދުގެ 51 ވަނަ މާއްދާގެ (ށ) އަށާއި މަތީގައި ބަޔާންކުރި ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލަށް އަދި މި މައްސަލައިގައި ހިމެނޭ ދެ ފަރާތުންވެސް ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރެވިފައިވާކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަކަށް އަހުރެންނަކަށް ނުފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
119މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/640 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ނަންބަރު 2019/HC-A/640 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)
ޢާއިޝާ ޝުޖޫން މުޙައްމަދު
މަޙާޒު ޢަލީ ޒާހިރު
ފުޓްނޯޓު
- ނޯޓް: ސިވިލް ކޯޓުގައި ދައުވާލިބޭ ފަރާތަކީ ޙުސައިން ޙިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ފޯމުގައި އިސްތިއުނާފު ކުރާ ފަރާތުގެ ގޮތުގައި މި ދެފަރާތް ހިމެނިފައިވީނަމަވެސް، މި މައްސަލަ ރަޖިސްޓްރާރ ބަލައި ނުގަންނަން ނިންމި ނިންމުން އަލުން ބަލައި ދިނުމަށް އެދި ހުށަހެޅުނު ފޯމުގައި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިސްތިއުނާފު ކުރާ ފަރާތުގެ ގޮތުގައި ހިމެނިފައިނުވެއެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް ކިޔައިދިނުމުގައި ޙުސައިން ޙިލްމީގެ ނަން އެކަނި ބޭނުންކުރެވިފައި އެވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާ ފަރާތަކީ ހަމައެކަނި ޙުސައިން ޙިލްމީ ކަމުގައިވާތީއެވެ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53ޤަޟިއްޔާ
- ސިވިލް ކޯޓުގެ ނަންބަރު 866/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ "މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމުގެ" ނަންބަރު 7، ހުށަހަޅާ ދަޢުވާ ނުވަތަ ދައުވާގެ ޚުލާޞާ - ސަފުހާ 26
- ސިވިލް ކޯޓުގެ ނަންބަރު 866/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގެ "މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމުގެ" ނަންބަރު 7.1 ގައި ހުށަހަޅާފައިވާ ދަޢުވާގެ ތަފުސީލު، ސަފުހާ 48
- ސިވިލް ކޯޓުގެ ނަންބަރު 866/Cv-C/2019 ޤަޟިއްޔާއާ ގުޅިގެން އިސްމާޢީލް ޝުޖާޢުގެ ފަރާތުން 19 ޖޫން 2019 ގައި ހުށަހަޅާފައިވާ ބަޔާން، ސަފުހާ ނަންބަރު 44
- ސިވިލް ކޯޓުގެ ނަންބަރު 866/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، 12 ޖޫން 2017 ގައި ޙުސައިން ޙިލްމީ ދިން ކަމަށް ބުނެ ހުށަހެޅި ލިޔުން، ސަފުހާ 112
- ހައިކޯޓުގެ ނަންބަރު 2018/HC-S-A/14 ޤަޟިއްޔާ
- ސިވިލް ކޯޓުގެ ނަންބަރު 866/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު، "ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމް"، ސަފުހާ 47
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/113 އަދި ނަންބަރު 2015/SC-A/24 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2018/HC-S-A/14 ޤަޟިއްޔާ
- އބމ
- އބމ
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/29 ޤަޟިއްޔާ
- އބމ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 23 ވަނަ ބާބު
- ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 26 ވަނަ ބާބު
- ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 252 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓުގެ ގަވާއިދު 2020 ގެ 51 ވަނަ މާއްދާގެ (ށ)
- ހައިކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުގެ 4 ވަނަ ނަންބަރުގެ (ރ)
- ސުޕްރީމް ކޯޓުގެ 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު)
- ސުޕްރީމް ކޯޓުގެ 2013/SC-A/29 (އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޑިއުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2012/SC-A/22
- ސުޕްރީމް ކޯޓުގެ 2020/SC-A/113
- ސުޕްރީމް ކޯޓުގެ 2015/SC-A/24
- ހައިކޯޓުގެ 2018/HC-S-A/14 (ޙުސައިން ޢަބްދުލްޤާދިރު ވ. ރިފާސް ޙުސައިން)
- ސުޕްރީމް ކޯޓުގެ 2019/SC-A/300 ([2021] SC 778)
- ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.