—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2016/SC-A/23
އިސްތިއުނާފު ކުރާ ފަރާތް:
މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-349/2005)
އިސްތިއުނާފު ރައްދުވާ ފަރާތް:
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މައްސަލައިގެ ބާވަތް:
ފައިސާ ހޯދުން
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
03 އޮގަސްޓް 2016ރަޖިސްޓްރީ ކުރެވުނު ތާރީޚު:
20 އޮކްޓޯބަރ 2016ނިމުނު ތާރީޚު:
01 އޮކްޓޯބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2014/HC-A/01
ހުށަހެޅުނުތާރީޚު :
06 ޖަނަވަރީ 2014ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
09 މެއި 2016ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީގެފަހުން "މީރާ") އިން މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު: C-349/2005 މީގެފަހުން "މީޑިއާނެޓް") ގެ ޓެކްސް އޮޑިޓެއްކުރިއެވެ. މި އޮޑިޓަށްފަހު މީރާއިން ކަނޑައެޅީ 18 ޖުލައި 2011 އާއި 31 ޑިސެމްބަރު 2011 އާ ދެމެދު މީޑިއާނެޓުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ (މީގެ ފަހުން "ބީ.ޕީ.ޓީ ޤާނޫނު") 6 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ދައުލަތަށް މީޑިއާނެޓުން ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭ ކަމަށެވެ. އެއީ ރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ފަރާތްތަކަކަށް މީޑީއާނެޓުން ޗެނަލް ލައިސަންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ރައިޓްސް ފީ ދައްކާތީކަމަށް މީރާއިންބުނެއެވެ. ނަމަވެސް ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މީޑިއާނެޓުން ދައްކާފައިވާނުވާތީ، ދައުލަތަށް ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި 2,182,882/-ރ. (ދެމިލިއަން އެއްލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ އަށްޑިހަ ދެ ރުފިޔާ) އާއި އަދި ޖޫރިމަނާގެ ގޮތުގައި 250,000/-ރ. (ދެލައްކަ ފަންސާސްހާސް ރުފިޔާ) ހޯދުމަށް މީރާއިން މީޑިއާނެޓުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
އެ ފައިސާއަކީ މީޑިއާނެޓުން ދައްކަން ނުޖެހޭ ފައިސާއެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު 343/Cv-C/2013 ޤަޟިއްޔާއިން ޙުކުމް ކުރުމުން، ހައިކޯޓުގައި އެ މައްސަލަ މީރާގެ ފަރާތުން އިސްތިއުނާފު ކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު2014/HC-A/01 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކުރީ އެ ފައިސާއަކީ މީޑިއާނެޓުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއްކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ނަންބަރު2014/HC-A/01 ޤަޟިއްޔާ މީޑިއާނެޓުގެ ފަރާތުން އިސްތިއުނާފު ކުރުމުން ބެލި މައްސަލައެވެ.
މައްސަލައިގައި ކަންހިނގާދިޔަ ގޮތް
މި މައްސަލައިގައި ކަންހިނގާ ދިޔަ ގޮތަށް ބަލާއިރު، 12 މާރޗް 2011 އިން 04 ޖޫން 2012 ގެ ނިޔަލަށް މީރާއިން މީޑިއާނެޓްގެ ޓެކްސް އޮޑިޓެއްކުރިއެވެ. މި އޮޑިޓުން މީރާއަށް ފާހަގަވީ މީޑިއާނެޓުން ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ޗެނަލްތަކުގެ އޮޕަރޭޓަރުންނަށް ޗެނަލް ލައިސަންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ރައިޓްސް ފީ ދައްކާކަމާއި، އެހެންނަމަވެސް މި އޮޕަރޭޓަރުންނަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކެއް ނޫންކަމެވެ.
މީރާއިން ބުނަނީ ދިވެހިރާއްޖޭގައި ދިރިނޫޅޭ މީހަކަށް ފައިސާ ދައްކާފައިވާނަމަ، އެފައިސާ ދައްކާ ފަރާތުން ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ވިތްހޯލްޑިންގް ޓެކްސް ދައްކަންޖެހޭކަމަށެވެ. އެހެންކަމުން، މީރާއިން ކުރި އޮޑިޓުގެ މައްޗަށް ބިނާކޮށް، 18 ޖުލައި 2011 އިން 31 ޑިސެމްބަރު 2011 އަށް މީޑިއާނެޓުން ވިތްހޯލްޑިންގ ޓެކްސް ނެގޭ މުޢާމަލާތެއް ކޮށްފައިވާތީ، މީޑިއާނެޓަކީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތެއްކަމަށް ކަނޑައަޅައި، 4 ޖޫން 2012 ގައި މީރާއިން މީޑިއާނެޓަށް ނޯޓިސް އޮފް ޓެކްސް އެސެސްމަންޓެއް ފޮނުވިއެވެ. އަދި މީޑިއާނެޓުން ދައުލަތަށް ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި 2,182,882/-ރ. (ދެމިލިއަން އެއްލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ އަށްޑިހަ ދެ ރުފިޔާ) ދައްކަންޖެހޭކަމަށް ކަނޑައަޅައި، ޖޫރިމަނާގެ ގޮތުގައި 250,000/-ރ. (ދެލައްކަ ފަންސާސްހާސް ރުފިޔާ) ދެއްކުމަށް މި ޓެކްސް އެސެސްމަންޓްއިން މީޑިއާނެޓަށް އެންގިއެވެ.
އިސްވެ ޙަވާލާދެވުނު ނޯޓިސް އޮފް ޓެކްސް އެސެސްމަންޓްގައި މީޑިއާނެޓުން އެ އެސެސްމަންޓާމެދު އިއުތިރާޒުކުރަން ބޭނުންވާނަމަ، އެކަން ކުރެވޭނީ ބީ.ޕީ.ޓީ ޤާނޫނުގެ 26 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިންކަމަށް އަންގާފައިވެއެވެ. އެގޮތުން ބީ.ޕީ.ޓީ ޤާނޫނުގެ 26 ވަނަ މާއްދާގެ (ބ) ގެ ދަށުން، 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެފަދަ ކަމަކާމެދު ކުރާ އިންކާރު އެއީ ޞައްޙަ އެއްޗެއްގެ ގޮތުގައި ބެލެވެނީ އެހާތަނަށް މީރާއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ނިންމުމަށްފަހުގައެވެ.
އެހެންކަމުން، ބީ.ޕީ.ޓީ ޤާނޫނުގެ 26 ވަނަ މާއްދާގެ (ބ) ގެ ދަށުން މީޑިއާނެޓަށް މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓަށް އިއުތިރާޒުކުރުމަށް 30 (ތިރީސް) ދުވަސް ލިބުނުކަމުގައި ވީނަމަވެސް، އެ އިއުތިރާޒު ޞައްޙަކަމަށް ބަލައިގަންނަނީ މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓުގެ ދަށުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވާނަމައެވެ.
3 ޖުލައި 2012 ގައި މީޑިއާނެޓުން މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓަށް އިއުތިރާޒުކުރިއެވެ. އެހެންނަމަވެސް މި އިއުތިރާޒަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ އިއުތިރާޒެކެވެ. އަދި އެ އިއުތިރާޒު ބިނާވާ ސަބަބުކަމަށް ބަޔާންކޮށްފައި އޮތީ މީޑިއާނެޓުން ދައްކަންޖެހޭކަމަށް އަންގާފައިވާ ވިތްހޯލްޑިންގ ޓެކްސްއަކީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދާއިރާގެ ތެރޭގައި ހިމެނިފައިވާ އެއްޗެއްކަމަށް މީޑިއާނެޓުން ނުދެކޭތީކަމަށެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 43 ވަނަ މާއްދާގައި އިސްވެ އިޝާރާތްކުރެވުނުފަދަ އިއުތިރާޒެއް ޓެކްސް ދައްކާ ފަރާތުން ހުށަހަޅައިފިނަމަ، މީރާއިން އެ މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމުގެ އިޖުރާއާތުތައް އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުގައި ބަޔާންކުރަންވާނެކަމަށް އޮވެއެވެ. އެގޮތުން، މީޑިއާނެޓުން ފޮނުވި އިއުތިރާޒާ މެދު މީރާއިން ނިންމިގޮތް 11 އޮކްޓޯބަރ 2012 ގައި މީޑިއާނެޓަށް އެންގިއެވެ. އެ ނިންމުމުގައި ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް މީޑިއާނެޓަށް އަންގާފައިވަނީ ޤާނޫނާ ގަވާއިދާ ޚިލާފަށްކަމަށް މީރާއަށް ނުފެންނާތީ، ނޯޓިސް އޮފް ޓެކްސް އެސެސްމަންޓަށް ބަދަލު ގެންނާނެ ތަނެއްނެތްކަމަށް މީޑިއާނެޓަށް އަންގާފައިވެއެވެ. އަދި 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށްވެސް މީޑިއާނެޓަށް އަންގާފައިވެއެވެ.
އެހެންނަމަވެސް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މިމައްސަލަ އިސްތިއުނާފު ކުރަން މީޑިއާނެޓުން އެދޭނަމަ، އެކަން ކުރެވޭނީ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓްގެ ދަށުން ކަނޑައަޅާފައިވާ ޖުމްލަ ޢަދަދު މީރާއަށް ދެއްކުމަށްފަހުކަމަށް މީރާއިން މީޑިއާނެޓަށް އެންގިއެވެ. މީޑިއާނެޓުން މިމައްސަލަ އިސްތިއުނާފުކުރަން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށައެއްނާޅައެވެ.
އެހެންކަމުން، މީރާގެ ޓެކްސް އެސެސްމަންޓަށްފަހު މީޑިއާނެޓުން ދައްކަންޖެހޭކަމަށް ކަނޑައެޅުނު 2,182,882/-ރ. (ދެމިލިއަން އެއްލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ އަށްޑިހަ ދެ ރުފިޔާ) އާއި، އަދި ޖޫރިމަނާގެ ގޮތުގައި 250,000/-ރ. (ދެލައްކަ ފަންސާސްހާސް ރުފިޔާ) އާއި އިންޓަރެސްޓްގެ ގޮތުގައި އެހާތަނަށް އަރާފައިވާ 335,087/24ރ. (ތިންލައްކަ ތިރީސްފަސްހާސް އަށްޑިހަ ހަތްރުފިޔާ / ސައުވީސް ލާރި) އާ އެކު ޖުމްލަ 2,767,969/24ރ. (ދެމިލިއަން ހަތްލައްކަ ފަސްދޮޅަސް ހަތްހާސް ނުވަސަތޭކަ ފަސްދޮޅަސްނުވަ ރުފިޔާ/ ސައުވިސްލާރި) އާއި، މި ފައިސާ ދައްކާ ޚަލާޞްކުރާ ދުވަހާ ހަމައަށް އިތުރަށް އަރާ އިންޓަރެސްޓް އެއްފަހަރާ ހޯދުމަށް މީޑިއާނެޓްގެ މައްޗަށް މީރާއިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލައި ނިންމާފައިވަނީ އެކޯޓުގެ ނަންބަރު 343/Cv-C/2013 ޤަޟިއްޔާއިންނެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ މީރާއިން ހޯދުމަށް އެދިފައިވާ ފައިސާ ދެއްކުމަށް މީޑިއާނެޓަށް އަންގާނެ ތަނެއް ނެތްކަމަށެވެ. ސިވިލް ކޯޓުން މިގޮތަށް ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) މައްސަލައިގެ ދަޢުވާ ބިނާވެފައިވަނީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މީރާއަށް ލިބެންޖެހޭ ޓެކްސް ފައިސާ ނުލިބުމުގެ މައްޗަށްކަން؛
(ށ) ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބުނާ "އެނޫންވެސް މުދާ" މާނަކުރުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު ގެ 8 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، "އެނޫންވެސް މުދާ" ރައްދުކުރެވޭނީ "ޕްލާންޓް، މެޝިނަރީ، އިކުއިޕްމަންޓް" އާ އެއްފަދަ ތަކެތީގެ މައްޗަށްކަން؛
(ނ) މި މައްސަލައިގައި މީރާއިން ހޯދުމަށް އެދިފައިވާ ފައިސާ ބިނާވެފައިވަނީ ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ޗެނަލްތަކުގެ އޮޕަރޭޓަރުންނަށް ޗެނަލް ލައިސަންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ރައިޓްސް ފީގެ ގޮތުގައި ދައްކާފައިވާ ފައިސާގެ މައްޗަށްކަން އަދި ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ޕްލާންޓް، މެޝިނަރީ، އިކުއިޕްމަންޓް ނުވަތަ އެއާ އެއްފަދަ ވެގެންވާ ތަކެތީގެ މައްޗަށްނޫންކަން؛
(ރ) ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް އުފަންކޮށްފައިވަނީ އެ މާއްދާއިން ދައްކަންޖެހޭ ފައިސާއަކަށް ނިސްބަތްކޮށް ޓެކްސް ބިނާކޮށްފައިވާނަމަ ކަމަށާއި، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ދައްކަންޖެހޭ ފައިސާގެ ތައުރީފު ލިބިގެންނުވާ ފައިސާއެއްގެ މައްޗަށް މީރާއިން ނިންމާފައިވާ އިދާރީ ނިންމުމެއް ސިވިލް ކޯޓުން ބަލައި މުރާޖަޢާކުރެވިދާނެކަން؛
އެހެންކަމުން، މި ސަބަބުތަކަށްޓަކައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ މީރާއިން ހޯދުމަށް އެދިފައިވާ ފައިސާ ބިނާވެފައިވަނީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބުނާ ތަކެތީގެ މައްޗަށް ކަމަށްނުވާތީ، އެ ފައިސާ ދެއްކުމަށް މީޑިއާނެޓަށް އަންގާނެތަނެއް ނެތްކަމަށެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
މީރާގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 343/Cv-C/2013 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުން އެ ކޯޓުގެ ނަންބަރު2014/HC-A/01 ޤަޟިއްޔާގައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 343/Cv-C/2013 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށެވެ. ހައިކޯޓުން އެ ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) މީރާއިން ނިންމި ނިންމުމަކާމެދު އިއުތިރާޒުކޮށް ޓެކްސް ދައްކާ ފަރާތުން ހުށަހެޅުމުން، އެ ހުށަހެޅުމަށް މީރާއިން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ ޢަމަލުކުރަންޖެހޭ އިޖުރާއަތަކީ، އެ ނިންމުމެއް ނިންމިތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަމެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރުންކަން؛
(ށ) މީރާގެ ނިންމުމާމެދު އިއުތިރާޒުކޮށް އެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރިނަމަވެސް، ޓެކްސްއާ ގުޅޭގޮތުން މީރާ އިން ކަނޑައަޅާފައިވާ ޢަދަދު ދެއްކުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުގެ މައްޗަށް ލާޒިމްކަމެއްކަން؛
(ނ) މީރާއިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުންތައް ޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޒުކުރުމަށް ދަށު ކޯޓަށް ހުށަހެޅުމުން، އެ ނިންމުންތައް ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފިޔަވައި، އެ ނިންމުމަކާ ގުޅިގެން އިތުރު ޝަރީޢަތުގެ މަޖިލިސްތައް ބޭއްވުމަކީ ޤާނޫނީގޮތުން ހަމަޖެހޭ ކަމެއްނޫންކަން؛
(ރ) މީރާގެ ނިންމުން އިސްތިއުނާފުކުރުމުގެ ފުރުޞަތު މީޑިއާނެޓަށް އޮތްނަމަވެސް، އެ މުއްދަތުގެ ތެރޭގައި މީރާގެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފުކޮށްފައިނުވާތީ، އެ ނިންމުމަކީ ނިހާއީ ނިންމުމެއްކަމުގައި ޤާނޫނީގޮތުން ބެލެވޭނެކަން އަދި އެ ނިންމުމާމެދު އިއުތިރާޒުކުރުމުގެ ޙައްޤެއް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންނުވާކަން.
އެހެންކަމުން، މި ސަބަބުތަކަށްޓަކައި ހައިކޯޓުން އެ މައްސަލަ ނިންމާފައިވަނީ މީރާއިން ދަޢުވާގައި އެދިފައިވާ ފައިސާއަކީ މީޑިއާނެޓްގެ ފަރާތުން މީރާ އަށް ދައްކަންޖެހޭ ފައިސާއެއްކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/01 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މީޑިއާނެޓްގެ ފަރާތުން އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު 02 (ދޭއް) ނުކުތާއަކީ؛
15.1 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޚްތިޞާޞްކަމަށް ބަޔާންކޮށްފައިވަނީ، ޓެކްސްއާ ގުޅޭ ޤާނޫނުތަކާ އެއްގޮތްވާގޮތުގެމަތިން ހުށަހެޅޭ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުން ކަމަށާއި، ޤާނޫނެއް މާނަކުރުމުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިގެންނުވާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި 274 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގޭކަމަށާއި، އެހެންކަމުން، ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނުގައި ބުނާ އެއްޗެއް މާނަކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަނޭޅޭނެކަމަށް ބުނެ ހުށަހެޅި ނުކުތާ.
15.2 މީރާގެ ފަރާތުން ވިތްހޯލްޑިންގ ޓެކްސްގެ ފައިސާ ހޯދުމަށް އެދިފައިވަނީ މީޑިއާނެޓުން ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ޗެނަލްތަކުގެ އޮޕަރޭޓަރުންނަށް ދައްކަންޖެހޭ ޗެނަލް ލައިސަންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ރައިޓްސް ފީގެ ގޮތުގައި ދައްކާފައިވާ ފައިސާގެ މައްޗަށް ކަމުގައިވާއިރު، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރޭގައި ޗެނަލް ލައިސަންސް ފަދަ ޣައިރު މާއްދީ (intangible) މުދާ ނުހިމެނޭނެކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ އިޖުރާއާތު
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ އިޖުރާއާތަށް ބަލާއިރު، އެޓްރައިބިއުނަލްގައި މީރާއިން ނިންމާ ނިންމުމެއް އިސްތިއުނާފު ކުރުމުގެ ޙައްޤު އުފަންވާގޮތް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މިފަދައިންނެވެ.
އިސްތިއުނާފުކުރުމަށް ލިބިދޭ ޙައްޤު އުފަންވުން މީރާއިން ނިންމި ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން މިރާއިން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެކަމެއް އިސްތިއުނާފުކުރުމަށް، އެ ނިންމުން ނިންމިތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ. އަދި މި ގޮތުގެ މަތިން އިސްތިއުނާފުކުރި ނަމަވެސް، މީރާއިން ޢަދަދެއް ކަނޑައަޅާފައިވާނަމަ، އެގޮތުން ކަނޑައެޅުނު ޢަދަދު މީރާއަށް ދެއްކުމަކީ ޓެކްސް ދައްކާ ފަރާތުގެ މައްޗަށް މި ޤާނޫނު ލާޒިމުކުރާކަމެކެވެ. އަދި އެ ފައިސާ އެގޮތަށް ނުދައްކާހާ ހިނދަކު، އަދި އެފަރާތަކުން އެއްވެސް ޓެކްސް ޤާނޫނެއްގެ ދަށުން އެ ހިނދަށް ދައްކަންޖެހޭ އެންމެހައި ފައިސާ ފުރިހަމައަށް ދައްކާފައިނުވާހާހިނދަކު، ޓެކްސް ދައްކާ ފަރާތަށް އިސްތިއުނާފުކުރުމަށް ލިބިދޭ ޙައްޤު އެއީ، އުފަންވެއްޖެ ޙައްޤެއް ކަމުގައެއް ނުބެލެވޭނެއެވެ.
ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ޙަވާލާދޭ އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދޭ މީރާގެ ނިންމުމަކީ އެޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކޮށް ހުށަހެޅުމުން، މީރާއިން ނިންމާ ނިންމުމެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ؛
އިއުތިރާޒުކުރުން މީރާއިން ނިންމި ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒު ކުރާނަމަ، އެ އެންގުން އެންގި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން މީރާއަށް ޓެކްސް ދައްކާ ފަރާތުން ލިޔުމުން އަންގަންވާނެއެވެ. އަދި އެލިޔުމުގައި އޭނާ އެކަމަށް އިއުތިރާޒު ކުރާ ސަބަބު ތަފްޞީލުކޮށް ބަޔާންކުރަންވާނެއެވެ.
ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގައި ބުނާ މީރާގެ ނިންމުން އިސްތިއުނާފުކުރުމަށް ލިބިދޭ ޙައްޤު އުފަންވާ ޙާލަތް އެވަނީ އެޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައެވެ. އެގޮތުން، 44 ވަނަ މާއްދާގެ ދަށުން، އިސްތިއުނާފުކުރުމުގެ ޙައްޤު އުފަންވަނީ ތިން ޝަރުޠެއް ފުރިހަމަ ވުމުންނެވެ. އެއީ؛
(ހ) އިސްތިއުނާފު ކުރަނީ މީރާގެ ނިންމުން ނިންމިތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަމުގައިވުމުން؛ އަދި
(ށ) މީރާއިން ޢަދަދެއް ކަނޑައަޅާފައިވާނަމަ، އެ ފައިސާ ދައްކާފައިވުމުން؛ އަދި
(ނ) އިސްތިއުނާފުކުރަން އެދޭ ފަރާތުން ޓެކްސްގެ ޤާނޫނެއްގެ ދަށުން އެހިނދަށް ދައްކަންޖެހޭ އެންމެހައި ފައިސާ ފުރިހަމައަށް ދެއްކުމުންކަން ފާހަގަކުރެވެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވުމާއެކު، އިސްތިއުނާފު ކުރާ ފަރާތުން މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އުފަންވެއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގައި އެޓްރައިބިއުނަލްގެ އިޚްތިޞާޞް ބަޔާންކުރާ 6 ވަނަ މާއްދާގެ ދަށުން، މީރާއިން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމުން، އެ ނިންމުންތައް ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ. އެގޮތުން، ގަވާއިދުގެ 6 ވަނަ މާއްދާގައި ވަނީ މިފަދައިންނެވެ؛
ޓްރައިބިއުނަލްގެ އިޚްތިޞާޞް 6. (ހ) މީރާއިން ނިންމި ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން މީރާއިން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެކަމެއް އިސްތިއުނާފުކުރުމަށް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ބެލުން.
(ށ) ޓެކްސްއާބެހޭ ޤާނޫނެއް ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާ މައްސަލަތައް ބެލުން.
(ނ) ޓެކްސްއާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ޝައްކު ކުރެވޭ ނަމަ، ނުވަތަ އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އަދި ޓެކްސްއާ ގުޅޭ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމަށް މީރާއަށް ޤަބޫލު ކުރެވޭ ނަމަ އެކުށް ކުރަމުންދާ ތަނަކަށް ވަނުމަށް މީރާއިން އެދިއްޖެ ހާލަތެއްގައި އެތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުން.
މީގެ އިތުރުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން، ޓްރައިބިއުނަލުން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލަށް ލިބިގެންވާކަމަށް ބަޔާންކުރެވިފައިވެއެވެ.
އެހެންކަމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 6 ވަނަ މާއްދާގައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޚްތިޞާޞްއަކީ ހަމައެކަނި މީރާއިން ޢަދަދެއް ކަނޑައެޅުމުން، އެޢަދަދުތަކުގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުން ނޫންކަން އެމާއްދާއިން އެނގެއެވެ. މީގެ އިތުރުން، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގައި، ޓެކްސް އެޕީލް ޓްރައިބިއުނަލުން މައްސަލައެއް ޝަރުޢީ އުޞޫލުތަކާ ނުވަތަ ޤާނޫނާއި ގަވާއިދާ ޚިލާފަށް ނިންމައިފިނަމަ، ނުވަތަ އެޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްފައިވާނަމަ، އެކަމެއް ޓްރައިބިއުނަލުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ޓެކްސް އެޕީލް ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި ޤާނޫނު ތަޠުބީޤު (apply) ކުރުމުގެ ބާރު ލިބިދެވިފައިވާކަން ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) އިންވެސް އެނގެން އޮވެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޤާނޫނުއަސާސީ މާނަކުރެވިދާނެތޯ
މީޑިއާނެޓްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/01 ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އަދި (ށ) އިން ޤާނޫނު މާނަކުރުމުގެ ބާރު ލިބިދީފައިނުވާ ފަރާތަކަށް އެބާރު ލިބިގެންވާކަމަށް ކަނޑައަޅާފައިވާކަމަށް ބުނެފައިވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގައި ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެނޫންވެސް އެއްޗެއް ނެގޭނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ޤާނޫނަކުން ކަމަށާއި، މީޑިއާނެޓްގެ ކިބައިން މީރާއިން ހޯދުމަށް އެދިފައިވާ ވިތްހޯލްޑިންގ ޓެކްސް ބިނާކުރަނީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ކަމުގައިވާއިރު، މިމާއްދާގެ ދަށުން މީރާއިން ނަގަން އުޅޭ ޓެކްސް ނުނެގޭނެކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) މާނަކުރުމުގެ އިޚްތިޞާޞް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިދެވިފައިނުވާކަމަށް މީޑިއާނެޓުން ބުނެއެވެ. މިކަމުގެ ސަބަބުކަމަށް މީޑިއާނެޓުން ބުނަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ) ގެ ދަށުން ޤާނޫނުއަސާސީ މާނަކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަން ކުރެވެން އޮތީ މައްސަލަ ބަލަމުންދާ ކޯޓަކަށްކަމަށާއި، އަދި ކޯޓުގެ މާނައިގެ ތެރޭގައި މީގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލް ނުހިމެނޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/09 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީ މާނަކުރުމުގެ އިޚްތިޞާޞް ޓެކްސް އެޕީލް ޓްރައިބިއުނަލަށްވެސް ލިބިދެވިފައިނުވާކަމަށް މީޑިއާނެޓުން ބުނެއެވެ.
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ ކޯޓުތަކުގެ އިޚްތިޞާޞްއެވެ. އެމާއްދާގައި އޮންނަނީ؛
143. (ހ) ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް، ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށެވެ.
ކޯޓުތަކުގެ އިޚްތިޞާޞް
(ށ) ކޮންމެ ކޯޓެއްގައި ވިޔަސް ބަލަމުންދާ މައްސަލައެއްގައި ޤާނޫނުއަސާސީ މާނަކުރަން ޖެހިއްޖެނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެ ކޯޓަކުން ޤާނޫނުއަސާސީ މާނަކުރުމަކީ މި މާއްދާގެ (ހ) އާ ތަޢާރުޟުވާކަމެއް ނޫނެވެ.
ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ކޯޓު" ކަމަށް ބުނެފައިވަނީ ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން ޝަރީޢަތްކުރުމަށް ޤާނޫނުއަސާސީން، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، ޤާއިމްކޮށްފައިވާ ކޮންމެ ތަނަކަށެވެ. އަދި ހަމަ އެމާއްދާގައި "ޓްރައިބިއުނަލް" ކަމަށް ބުނެފައިވަނީ ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާބެހޭ ގޮތުން ޚިލާފު އުފެދިފައިވާ ޙާލަތުގައި، އެކަމަކާމެދު ވަކި ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން، އެކަމަކާމެދު ވަކި ގޮތެއް ކަނޑައެޅުމުގެ ބާރު ޤާނޫނުން ލިބިފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއަކަށެވެ.
އެހެންކަމުން، ބަލަމުންދާ މައްސަލައެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ތަޢާރުޟުވާކަމަށް ހުށަހަޅާ މައްސަލަތަކުގައާއި، އަދި ބަލަމުންދާ މައްސަލައެއްގެ ތެރޭގައި ޤާނޫނުއަސާސީ މާނަކުރަން ޖެހިއްޖެ ޙާލަތެއްގައި، އެކަމެއް ކުރުމުގެ އިޚްތިޞާޞް ޤާނޫނުއަސާސީގެ ދަށުން މަތިކުރެވިފައިވަނީ ހަމައެކަނި ޝަރުޢީ ކޯޓުތަކަށްކަން އެނގެންއޮވެއެވެ. އިސްތިއުނާފުކުރާ މީޑިއާނެޓުން ހުށަހަޅާފައިވާ ފަދައިން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ބަލަމުންދާ މައްސަލައެއްގެ ތެރެއިންވެސް ޤާނޫނުއަސާސީ މާނަކުރުމުގެ އިޚްތިޞާޞް އެޓްރައިބިއުނަލަށް ލިބިދެވިފައިނުވެއެވެ.
މި މައްސަލައިގައި ޤާނޫނުއަސާސީ މާނަކުރަންޖެހޭތޯ
އިސްތިއުނާފުކުރާ މީޑިއާނެޓުން ބުނަނީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) މާނަކުރުމުގެ އިޚްތިޞާޞް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިދެވިފައިނުވާކަމަށެވެ. އެއީ އެފަދަ ކަމެއް ކުރުމުގެ އިޚްތިޞާޞް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދެވިފައިވަނީ ހަމައެކަނި ޝަރުޢީ ކޯޓުތަކަށްކަމަށް ވުމުންނެވެ.
މި މައްސަލައިގައި ޚުޞޫމާތް އުފެދިފައިވަނީ މީޑިއާނެޓުން ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ޗެނަލްތަކުގެ އޮޕަރޭޓަރުންނަށް ޗެނަލް ލައިސަންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ރައިޓްސް ފީ ދައްކާތީ، އަދި އެ އޮޕަރޭޓަރުންނަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކެއް ނޫންކަމުން، މީޑިއާނެޓުގެ ކިބައިން ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ވިތްހޯލްޑިންގް ޓެކްސް ނެގިދާނެތޯ ނުވަތަ ނޫންތޯއެވެ. އެ ޓެކްސްއަކީ ދައްކަން ނުޖެހޭ ޓެކްސެއްކަމަށް ބުނެ މީޑިއާނެޓުން ހުށަހަޅާ ޤާނޫނީ ބިނާއަކީ، ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގައި ބުނާ ގޮތުން، ދައުލަތަށް ޓެކުހެއް ނެގޭނީ ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނެއްގައިވާ ގޮތުގެ މަތިންކަމަށާއި، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން، މީޑިއާނެޓުން ބްރޯޑްކާސްޓްކުރާ ޗެނަލްތަކުގެ އޮޕަރޭޓަރުންނަށް ޗެނަލް ލައިސަންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ރައިޓްސް ފީއަށް ޓެކްސް ނެގިދާނެކަމަށް އެ އަކުރުގައި ބަޔާންކޮށްފައިނެތުމެވެ.
ބީ.ޕީ.ޓީ ޤާނޫނުގައި ބަޔާން ނުކުރާ އެއްޗަކަށް ޓެކްސް ނުނެގޭނެކަމަށް ބުނެ މީޑިއާނެޓުން ހުށަހަޅާ ޤާނޫނީ ނުކުތާއަކީ ދުސްތޫރީ މައްސަލައަކާ ގުޅޭ ޙާލަތެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ، ޤާނޫނެއްގައި ވަކި އެއްޗެއް ނުވަތަ ކަމެއް ބަޔާންކޮށްފައި ނެތުމަކީ ޤާނޫނުއަސާސީ މާނަކުރުމެއް ނޫނެވެ. ނުވަތަ ޤާނޫނުއަސާސީއާ ޚިލާފަށް ޤާނޫނެއް ހެދިފައި އޮތުމެއްވެސް ނޫނެވެ. ހުށަހެޅިފައިމިވާ މައްސަލައިގައި، މީޑިއާނެޓުން އުފައްދާފައިވާ ސުވާލަކީ ޤާނޫނު މާނަކުރުމާ ގުޅޭ ސުވާލެކެވެ. އެއީ، މީޑިއާނެޓުގެ މައްޗަށް ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭކަމަށް ކަނޑައެޅި ކަނޑައެޅުމަކީ، ޤާނޫނީ ބާރު ލިބިގެން ކޮށްފައިވާ ކަމެއްތޯ ނުވަތަ ނޫންތޯއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްއަކީވެސް ޝަރުޢީ ކޯޓެއްގެ އިޚްތިޞާޞް އޮތް ތަނެއް ނޫންކަމުގައި ވީނަމަވެސް، އަދި އެ ޓްރައިބިއުނަލަށް ހަމަޖައްސާ މެންބަރުންގެ ތަޢުލީމީ ޝަރުޠުތަކަކީ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމް ޝަރުޠުތަކާ އެއްފަދަ ޝަރުޠުތަކަކަށް ނުވިނަމަވެސް، އެ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައިވެސް ޓްރައިބިއުނަލަށް ޤާނޫނު ތަޠުބީޤުކުރުމުގެ ބާރު އޮވެއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލަކީވެސް ޤާނޫނުގައިވާ ފަދައިން ހިނގާ ތަނެއްނަމަ، ކަމާބެހޭ ޤާނޫނުތައް ތަޠުބީޤުކުރުމާއި މާނަކުރުމުގެ ބާރު އެ ޓްރައިބިއުނަލަށް ލިބިދެވިފައިވާކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. އަދި މި ޙާލަތުގައި ޤާނޫނު މާނަކުރުންކަމަށް މި ބުނަނީ، އޭގެ އެންމެ ތިލަ ގޮތުގައި، ޤާނޫނެއްގެ ދަށުން ވަކި ކަމެއް ކުރެވޭނެކަމަށް ނުވަތަ ނުކުރެވޭނެކަމަށް ކަނޑައެޅުމަށެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ޝަރުޢީ އުޞޫލުތަކާއި، ނުވަތަ ޤާނޫނާއި ގަވާއިދާ ޚިލާފުވާ ގޮތަކަށްނަމަ، ނުވަތަ އެ ޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންނަމަ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުޞަތު މައްސަލައިގެ ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ.
އެހެންކަމުން، މި މައްސަލައިގައި މީރާއިން ޓެކްސް ނަގަން ހުށަހަޅާފައިވަނީ ޤާނޫނުގައިވާގޮތުގެ މަތިންތޯ ކަނޑައެޅުމުގެ ބާރު ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިދެވިފައިވެއެވެ. އަދި މިއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގައި ޙަވާލާދޭ ދުސްތޫރީ މައްސަލައެއް ހިމެނޭ މައްސަލައެއްކަމަށް އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ.
މީޑިއާނެޓުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ނުދިއުމުން އިއުތިރާޒު ކުރުމުގެ ޙައްޤު ގެއްލުނީތޯ
ދެން އުފެދޭ ސުވާލަކީ މީޑިއާނެޓުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ނުދިއުމުން، މީރާއިން ނިންމާފައިވާ ނިންމުމަށް އިއުތިރާޒު ކުރުމުގެ ޙައްޤު މީޑިއާނެޓަށް ގެއްލިގެން ދިޔައީތޯއެވެ. މި މައްސަލައިގައި، މީރާއިން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީޑިއާނެޓުން ދައްކަންޖެހޭ ޢަދަދު ކަނޑައެޅިއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އެ ޢަދަދަށް މީޑިއާނެޓުން އިއުތިރާޒުކުރިއެވެ. އަދި އެ އިއުތިރާޒު ބިނާވާ ސަބަބުކަމަށް ބުނެފައިވަނީ، މީޑިއާނެޓުން ދައްކަންޖެހޭކަމަށް އަންގާފައިވާ ވިތްހޯލްޑިންގ ޓެކްސްއަކީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދާއިރާގެ ތެރޭގައި ހިމެނިފައިވާ އެއްޗެއްކަމަށް މީޑިއާނެޓުން ނުދެކޭތީކަމަށެވެ.
މީޑިއާނެޓުން ކުރި އިއުތިރާޒު ބަލައިނުގަތުމަށް މީރާއިން ނިންމިއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން، މީރާގެ އެނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރުމުގެ ފުރުޞަތު މީޑިއާނެޓަށް އޮތެވެ. ނަމަވެސް ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ކުރުމުގެ ޙައްޤު އުފަންވަނީ، އެ މާއްދާގައި ބަޔާންކުރާ ވަކި ޝަރުޠުތަކެއް ފުރިހަމަވުމުންނެވެ. އެއީ މީރާގެ ނިންމުން ނިންމިތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެހާތަނަށް މީޑިއާނެޓުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދެއްކުމާއެކު، ޚުޞޫމާތް އުފެދިފައިވާ ފައިސާވެސް އެއްކޮށް ދެއްކުމުންނެވެ.
މީޑިއާނެޓުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން މި މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ނުކުރެއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 40 ވަނަ މާއްދާގެ (ށ) ގައި މީރާއިން ކަނޑައަޅާ ޢަދަދު ނިސްބަތްވާ މުއްދަތުގައި ޓެކްސް ބަޔާން ހުށަހަޅާފައިނުވާނަމަ، މީރާއިން ކަނޑައަޅާ ޢަދަދަކީ އެ މުއްދަތުގައި ޓެކްސް ދައްކާފަރާތުން ދައްކަންޖެހޭ ޓެކްސްގެ ޢަދަދުކަމުގައި ބެލެވޭނެކަމަށް އޮވެއެވެ. އަދި އެޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމަށް މަދަނީ ގޮތުން ކޯޓުގައި ދަޢުވާ އުފުލުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.
49. (ހ) އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް ނުވަތަ އެހެންވެސް ޢަދަދެއް، ނުދައްކައި އޮވެއްޖެނަމަ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދޭނެއެވެ. މީރާއިން މި ފައިސާ ކޯޓުގައި ދަޢުވާކޮށްގެން ހޯދިދާނެއެވެ. ލިބެންވާ ފައިސާ ހޯދުމުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި، ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތުގެ ނަމާއި އެޑްރެހާއި އަދި ދައްކަންޖެހޭ ޢަދަދުގެ ތަފްޞީލު ހިމެނޭ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމެއް، ދައްކަންޖެހޭ ޢަދަދު ޘާބިތުކުރުމަށް އޮތް ހެއްކެއްކަމުގަޔާއި އަދި ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއްކަމުގައި ފުދޭނެއެވެ. ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމަށް
މަދަނީގޮތުން ކޯޓުގައި ދަޢުވާ އުފުލުން
(ށ) މިމާއްދާގެ (ހ) ގެ ދަށުން ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދަކީ، ރަނގަޅު ޢަދަދެއް ނޫންކަމަށްވާނަމަ ނުވަތަ އެޢަދަދަކާމެދު އިއުތިރާޒު ކުރާކަމަށް ވަނީނަމަ ނުވަތަ އެމައްސަލަ އަލުން ބަލައިދިނުމަށް އެދޭނަމަ އެ މައްސަލައެއް ނިންމާތާ 90 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު2014/HC-A/01 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީފައިވީ ނަމަވެސް، އެމާއްދާގެ (ށ) ގެ ވާހަކަ ދައްކާފައިނުވެއެވެ. އަދި އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ބ) ގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޤާއިމްކުރެވިފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ނިޒާމްއާ ގުޅޭ ގޮތުން ބަޔާންކޮށްފައިވަނީ؛
"...ޓެކްސްއާ ގުޅޭ ގޮތުން މީރާ އުފައްދާފައިވާ މަޤުޞަދާއި އަދި އެ އިދާރާއާ މަތިކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދީފައިވާ ބާރުތަކަށް ޤާނޫނީ ނަޒަރަކުން ބެލުމުން، ޓެކްސްއާ ގުޅޭ ގޮތުން މީރާއިން ނިންމާ ނިންމުންތަކާއި، އަދި ޓެކްސް މައްސަލަތަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދީފައިވާ ބާރުތަކަށް ޤާނޫނީ ނަޒަރަކުން ބެލުމުން، ޓެކްސްއާ ގުޅޭ ގޮތުން މީރާއިން ނިންމާ ނިންމުންތަކާއި، އަދި ޓެކްސް މައްސަލަތަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ސިވިލް ކޯޓަށް ހުށަހެޅުމުން އެ ނިންމުންތައް ތަންފީޒު ކުރުމުގެ ބަދަލުގައި އެ މައްސަލަތަކުގެ މުޅި މައުޟޫޢުއާ މެދު ވާހަކަދެކެވި ގޮތްތަކެއް ކަނޑައެޅިގެން ދިޔުމަކީ، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ރޫހާއި އެޤާނޫނުގެ ދަށުން އުފެދިފައިވާ މީރާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ މެދު ސުވާލު އުފެދޭ އަދި ބުނެވިދިޔަ ޤާނޫނުގެ ދަށުން އުފެދިފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަޤްޞަދާއި ބޭނުން ނެތިދާނެ ކަމެއްކަމަށް ބެލެވޭ..." ކަމަށެވެ.
ހައިކޯޓުގެ ނިންމުމުގައި ވަޒީފާއާބެހޭ ނިންމުންތައް ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފިޔަވައި، އެ ނިންމުމަކާ ގުޅިގެން އިތުރު ޝަރީޢަތުގެ މަޖިލިހެއް ބޭއްވުމަކީ ޤާނޫނީގޮތުން ހަމަޖެހޭ ކަމަކަށް ނުވާތީ، ވަޒީފާއާބެހޭ ނިންމުމެއް ދަށު ކޯޓަށް ހުށަހެޅިއްޖެނަމަ، އެ ނިންމުމެއް ތަންފީޒު ކުރުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅައިގެން ނުވާނެކަމަށް އަންގައި 21 މާރޗް 2010 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2/2010 ޢާއްމު ސިޓީގައި ބަޔާންކޮށްފައި އޮތްއޮތުން ފާހަގަކޮށްފައިވެއެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އެފަދަ ނިންމުންތައްވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުންތަކާ ޤިޔާސްކޮށްފައިވެއެވެ.
އިސްވެ ޙަވާލާދެވުނު އުޞޫލު މީޑިއާނެޓުގެ މި މައްސަލައަށް ހައިކޯޓުން ތަޠުބީޤު ކުރުމުން، ހައިކޯޓަށް ވާސިލުވެވުނު ނަތީޖާއަކީ މީޑިއާނެޓުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މި މައްސަލަ އިސްތިއުނާފު ނުކުރުމުން، އެހާތަނުން ތަޤާދުމުގެ އުޞޫލުން އެ ނިންމުމަކީ ނިހާއީ ނިންމުމެއް ކަމުގައި ޤާނޫނީ ގޮތުން ބެލެވެން އޮތްކަމަށެވެ. އެހެން އިބާރާތަކުން ބުނާނަމަ، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރަން އޮތް މުއްދަތުގައި މީޑިއާނެޓުން އިސްތިއުނާފު ނުކުރުމުން، ދެން އެ ނިންމުމުގެ މައްޗަށް ޢަމަލުކުރަންޖެހުމެވެ. އަދި އެ ފައިސާ ހޯދުމަށް ސިވިލް ކޯޓުގައި މީރާއިން ދަޢުވާކުރުމުން، މައްސަލައިގެ މައުޟޫޢުއާ ގުޅޭ ގޮތުން މީޑިއާނެޓަށް އިތުރަށް ވާހަކަ ދެއްކުމަށް ފުރުޞަތު ނެތްކަމަށް ކަނޑައެޅުމެވެ.
ސުޕްރީމް ކޯޓުގެ ނަންބަރު 2/2010 ޢާއްމު ސިޓީގައިވާ އުޞޫލު ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ޙާލަތަށް ހައިކޯޓުން ޤިޔާސްކޮށްފައިވާ ގޮތަށް އަހުރެން ތާއީދުކުރަމެވެ. އެހެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއެކޭ އެއްފަދައިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމެއްވެސް އެއީ ޝަރުޢީ އުޞޫލެއް ނުވަތަ ޤާނޫނެއް ނުވަތަ ގަވާއިދަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްނަމަ، ނުވަތަ އެޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެން ނިންމާފައިވާ ނިންމުމެއް ނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، މައްސަލަ ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ނުކުރާނަމަ، ދެން އެނިންމުން ތަންފީޒުކުރާ މަރުޙަލާގައި، މައްސަލައިގެ މައުޟޫޢުއާމެދު އަލުން ވާހަކަ ދެއްކުމުގެ ފުރުޞަތު އޮތުމަކީ ޤާނޫނީ ގޮތުން ހަމަޖެހޭކަމެއްނޫނެވެ.
އެހެންނަމަވެސް، މިއުޞޫލު ހުށަހެޅިފައިމިވާ މައްސަލައަށް ހައިކޯޓުން ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްކަމަށް އަހުރެންނަށް ޤަބޫލެއްނުކުރެވެއެވެ. މި މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމެއް ނެތެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2/2010 ޢާއްމު ސިޓީގައިވެސް ޙަވާލާދީފައިވަނީ ސީދާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުންތަކަށެވެ. ޓްރައިބިއުނަލްގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުޞަތު އޮންނަކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 86 ވަނަ މާއްދާގެ (ށ) ގައިވާކަން ސުޕްރީމް ކޯޓުގެ ޢާއްމު ސިޓީގައިވެސް ފާހަގަކޮށްފައިވެއެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މީޑިއާނެޓުން މައްސަލަ އިސްތިއުނާފު ނުކޮށް، މީރާގެ ނިންމުން ތަންފީޒުކުރަންދާ މަރުޙަލާގައި އެމައްސަލައާ މެދު މައުޟޫޢީގޮތުން ވާހަކަ ދެއްކުމުގެ ފުރުޞަތު ނުވަތަ އިއުތިރާޒު ކުރުމުގެ ފުރުޞަތު ޤާނޫނުގައި ލިބިދެވިފައިވޭތޯ ނުވަތަ ނޫންތޯއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައި މީރާއަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް މީރާއަށް ކޯޓުގައި ދަޢުވާކުރެވިދާނެކަމަށާއި، އަދި ދައްކަންޖެހޭ ޢަދަދަކީ ކޮބައިކަން ކަނޑައަޅައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމެއް އެއީ ޢަދަދު ސާބިތުކުރުމަށް އޮތް ހެއްކެއްކަމަށް ބެލެވޭނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. 49 ވަނަ މާއްދާގެ (ށ) ގައި ދަށު ކޯޓުން ނިންމާ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ ތިން ޙާލަތެއް ބަޔާންކޮށްފައިވެއެވެ. އެއީ؛
(ހ) ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދަކީ ރަނގަޅު ޢަދަދެއް ނޫންކަމަށް ވާނަމަ، ނުވަތަ
(ށ) އެ ޢަދަދަކާ މެދު އިޢުތިރާޒު ކުރާކަމަށް ވަނީނަމަ، ނުވަތަ
(ނ) އެ މައްސަލައެއް އަލުން ބަލައިދިނުމަށް އެދޭނަމަ
އިސްވެ ބުނެވުނު ތިން ޙާލަތުންކުރެ ޙާލަތެއްވާނަމަ، އެ ނިންމުން ނިންމާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ އިބާރާތެވެ. 49 ވަނަ މާއްދާގެ (ހ) އަށް ހައިކޯޓުން މައްސަލަ ނިންމިއިރު ޙަވާލާދިން ނަމަވެސް، އެމާއްދާގެ (ށ) ގެ ވާހަކަ ދައްކާފައިނުވެއެވެ. 49 ވަނަ މާއްދާގެ (ށ) އާ ގުޅޭ ގޮތުން މި މައްސަލައިގެ ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން ސިވިލް ކޯޓުގައިވެސް، އަދި ހައިކޯޓުގައިވެސް ވާހަކަ ދައްކާފައިނުވެއެވެ. މީޑިއާނެޓުގެ ފަރާތުން ސިވިލް ކޯޓުގައިވެސް ނެގި މައިގަނޑު ދިފާޢުއަކީ މި މައްސަލައަކީ ދުސްތޫރީ މައްސަލައެއްކަމަށް ބުނެ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޚްތިޞާޞް ނުހިނގާނެކަމަށް ބުނުމެވެ.
އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު2014/HC-A/01 ޤަޟިއްޔާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) އާ ޙަވާލާ ދީފައި އޮތުމާއި، އަދި އެ މާއްދާގެ (ށ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ ސަމާލުކަމަށް އައިސްފައި އޮތަތީ، 49 ވަނަ މާއްދާގެ (ށ) ގައި ބުނާ އެއްޗެއްގެ މާނައާއި މަޤުޞަދު ސާފުކޮށްދިނުމަށްޓަކައި މީރާއަށްވެސް އަދި މީޑިއާނެޓަށްވެސް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފުރުޞަތު ދެވުނެވެ. އެ ގޮތުން، މީޑިއާނެޓުގެ ފަރާތުން ބުނެފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ކުރުމުގެ އިޖުރާއާތާއި، ހަމަ އެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގައި ހައިކޯޓަށް ދަށު ކޯޓުގެ ނިންމުން އިސްތިއުނާފުކުރާ އިޖުރާއާތަކީ ތަފާތު ދެ އިޖުރާއާތެއްކަމަށެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ކަމުގައިވާއިރު، 49 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނީ ދަށު ކޯޓުގެ ނިންމުންކަމަށެވެ.
މިކަމާ ގުޅިގެން މީރާއިން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވަނީ ޓެކްސްއާ ބެހޭ މައްސަލަތައް އިސްތިއުނާފު ކުރުމަށް އޮންނަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްކަމަށެވެ. އަދި އެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފު ކުރެވޭނެކަމަށް ބަޔާން ކުރެވިފައިވަނީ މީރާއިން ކަނޑައަޅާ ޢަދަދާ މެދު އިއުތިރާޒު ކުރާނަމަކަމަށާއި، އޭގެ މިސާލެއްގެ ގޮތުން ޖޫރިމަނާ ފައިސާއާއި އެހެނިހެން ޢަދަދުތައް ހިމަނައިގެން ކޯޓަށް ހުށަހެޅުމަށްޓަކައި މީރާއިން ހިސާބުކުރާ ޖުމްލަ ޢަދަދާމެދު ޓެކްސް ދައްކަންޖެހޭ ފަރާތެއް އިއުތިރާޒުކޮށްފާނެ ކަމަށެވެ. އަދި 49 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލައިގެ މައުޟޫޢޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުޞަތު ދެވިއްޖެނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ އިސްތިއުނާފުކުރުމަށް އޮންނަ ނިޒާމު ރޫޅިގެންދާނެ ކަމަށާއި، އަދި އެ މާއްދާގެ ދަށުން އެއްވެސް ފަރާތަކުން މީރާއަށް ޓެކްސް ދެއްކުމަށްފަހު އިސްތިއުނާފު ކުރުމަށް ނާންނާނެކަމަށެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ބިލާ މެދު ރައްޔިތުންގެ މަޖިލިހުގައި ބަހުސްކުރެވުނުއިރު 49 ވަނަ މާއްދާގެ (ށ) ގެ ދަށުން އޮތް އިސްތިއުނާފު ކުރެވޭނެ ކަންކަމާމެދު ވަކި އެއްޗެއް މަޖިލިހުން ފާހަގަކޮށްފައިނުވާކަން މައްސަލައިގެ ދެފަރާތުންވެސް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. އަދި މި އަކުރު އިބާރާތް ކުރެވިފައިވާ ގޮތުން، މި އަކުރުގެ ދަށުން ޙާސިލުކުރަން ބޭނުންވާ މަޤުޞަދު މީރާއަށްވެސް ޝަރީޢަތުގައި ސާފުކޮށް ބުނެދެވިފައިނުވެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) މާނަކުރުން
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފު ކުރެވޭނީ ހަމައެކަނި މީރާއިން ކަނޑައަޅާ ޢަދަދަށް ކަމަށް މީރާއިން ބުނާ ބުނުމަށް ބަލާއިރު، މީރާއިން ހުށަހަޅާގޮތް ޢަމަލީ ގޮތުން ހިނގާނެ ގޮތަށް ބަލައިލުން މުހިންމެވެ.
އެގޮތުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓުން ކަނޑައަޅާ ޢަދަދު އެއީ ރަނގަޅު ޢަދަދެއްކަމަށް ނުފެންނަނަމަ އެކަން ހައިކޯޓުގައި އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާންކޮށްފައިއޮވެއެވެ. ޝަރުޢީ ކޯޓުތަކަށް މައްސަލައެއް ހުށަހަޅާ ހިސާބުން ކޯޓުތަކުން އެ މައްޗަށް ޢަމަލުކުރަންޖެހޭ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރާ އުޞޫލުތައް ހިނގާނެކަން ހަނދާން ބަހައްޓަންޖެހެއެވެ. އެ ގޮތުން، ހައިކޯޓުގައި މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެންނެވެ. މިހާ ހިސާބުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަޔާންކުރާ އިސްތިއުނާފެއް ބިނާކުރެވިދާނެ 3 ޙާލަތްތަކާ ގުޅޭ ގޮތުން ފުރަތަމަ މަރުޙަލާ ކޯޓުގައިވެސް ބަހުސް ކުރެވެންވާނެއެވެ. އެދިފާޢުއަކީ އެމަރުޙަލާގައި ނުނަގާ ދިފާޢުއެއްނަމަ، ހައިކޯޓުގައި އެ ދިފާޢު ބަލައިގަތުންވާނީ ނާދިރުކަމަކަށެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފުރަތަމަ ޙާލަތަށް ބަލާއިރު، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަރުޢީ ކޯޓަކުން ޙުކުމް ކުރާ މައްސަލައެއް ނިންމާފައިވަނީ ރަނގަޅު ޢަދަދެއްގެ މައްޗަށް ނޫންކަމަށް ޓެކްސް ދައްކާ ފަރާތަށް ބުރަވެވޭނަމަ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރެވިދާނެއެވެ. މީރާއިން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާ ފަދައިން، މި ޙާލަތުގައި، މީރާއިން ކަނޑައަޅާ ޢަދަދުތަކުގެ ތެރޭގައި ހިމެނޭ ޖޫރިމަނާގެ ފައިސާ ފަދަ ޢަދަދުތަކާމެދު ދަށު ކޯޓުގައި ބަހުސް ކުރުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ.
އެހެންނަމަވެސް، 49 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފު ކުރެވޭ ދެވަނަ ޙާލަތް އެހާ ސާފެއް ނޫނެވެ. އެގޮތުން، ޙުކުމް ކުރާ މައްސަލައެއްގައި ދައްކަންޖެހޭ ކަމަށް ބުނާ ޢަދަދަކާ މެދު އިއުތިރާޒުކުރާނަމަ، އެކަން އިސްތިއުނާފު ކުރެވިދާނެއެވެ. "ޢަދަދަކާ މެދު އިއުތިރާޒު" ކުރުމަކީ އޭގެ ޒާތުގައިވެސް ސަބްޖެކްޓިވް (subjective) ކަމެކެވެ. މިސާލަކަށް ހުށަހެޅިފައިމިވާ މައްސަލައިގައިވާ ފަދައިން މީޑިއާނެޓުން ދައްކަންޖެހޭކަމަށް ކަނޑައެޅި ޢަދަދަށް މީޑިއާނެޓުން އިއުތިރާޒުކުރާކަން އެނގެއެވެ. މީޑިއާނެޓުގެ އިއުތިރާޒު ބިނާވަނީ އެ ޓެކްސްއަކީ މީރާއިން ޙަވާލާދޭ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދާއިރާގެ ތެރޭގައި ނުހިމެނޭ ޓެކްސްއެއްކަމަށް މީޑިއާނެޓުން ދެކޭތީއެވެ. އެހެންކަމުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢަދަދަށް އިއުތިރާޒުކުރުމުގެ އެއް ޙާލަތަކީ މުޅި ދަޢުވާއަށް އިއުތިރާޒުކުރުންކަމަށް ބެލެވެއެވެ.
ބަހުސްގެ ބޭނުމަށްޓަކައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން އިއުތިރާޒު ކުރެވޭނީ ހަމައެކަނި ޢަދަދަކަށްކަމަށް ބެލިކަމުގައި ވީނަމަވެސް، އެ އަކުރުގައި ބަޔާންކުރާ އިސްތިއުނާފު ކުރެވޭ ތިންވަނަ ޙާލަތަކީ އެމައްސަލަ އަލުން ބަލައި ދިނުމަށް ހައިކޯޓުގައި އެދެން ބޭނުންވުމެވެ. މި އިބާރާތުން ދޭހަވަނީ، މީރާއިން ކަނޑައަޅާ ޢަދަދުތައް ފިޔަވައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރާ އިސްތިއުނާފު ކުރުމުގެ އުޞޫލުތަކުގެ ތަރަހައިގެ ތެރެއިން، އެހެނިހެން ކަންކަން އިސްތިއުނާފުކުރުމުގެ ފުރުޞަތު ހުޅުވިގެންދާކަމެވެ. އަދި ކުރިންވެސް ފާހަގަކުރި ފަދައިން، މިފަދަ ކަންކަން ބިނާވާންޖެހޭނީ ދަށު ކޯޓުގައި އިސްތިއުނާފުކުރަން އެދޭ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާއި ދިފާޢުތަކުގެ މައްޗަށެވެ.
އެހެންކަމުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން ދަޢުވާކުރުމުން، އެ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފުކުރަން ބޭނުންވާ ޓެކްސް ދައްކާ ފަރާތުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށް، ޢަދަދު ކަނޑައަޅާ ލިޔުމާމެދު ތަޢުނު ކުރުމުގެ ފުރުޞަތު ހުޅިވިގެންދެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެ ލިޔުމުގައި ވަނީ ރަނގަޅު ޢަދަދެއް ނޫންކަމަށް ބުނުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ. ނުވަތަ އެ ލިޔުމުގައި ވާސިލުވެވުނު ޢަދަދަށް އިއުތިރާޒު ކުރުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ. ނުވަތަ މުޅި އެ މައްސަލަ ހިނގަމުންދާ ގޮތާ މެދު ޓެކްސް ދައްކާ ފަރާތުން ފާހަގަކުރަން ބޭނުންވާ އެހެނިހެން ކަންކަން ފާހަގަކުރުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) މާނަކުރުމުގައި ރިޢާޔަތް ކުރަން ޖެހޭނީ ޢާންމު މާނައަށްކަމަށް ބުރަވެވެއެވެ. ސަބަބަކީ އެމާއްދާގެ ކުރިންއައި މާއްދާތަކުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަ އިސްތިއުނާފު ކުރާނެ އިޖުރާއާތުގެ ތަފްޞީލީ މާއްދާތަކެއް ބަޔާންކުރާއިރު، 49 ވަނަ މާއްދާގެ (ށ) ގައި ތަފްޞީލުކޮށް ވަކި ކަންކަން ކުރެވިދާނެކަމަށް ބަޔާންކުރެވިފައި އޮތްއޮތުން ޤާނޫނަށް ގެންނަ އިޞްލާހަކުން މެނުވީ ހަނި ނުކުރެވޭނެތީވެއެވެ. އެހެނީ، ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެނޫންވެސް އެއްޗެއް ނެގުމަކީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ޤާނޫނެއްގައިވާ ގޮތުގެ މަތިން މެނުވީ ދައުލަތަށް ނުކުރެވޭނެ ކަމެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ ކިބައިން ޓެކްސް ނެގޭނީ ޤާނޫނެއްގެ ދަށުން ބަޔާންކޮށްފައި އޮތުމުންކަމަށް ކަށަވަރުކޮށްދޭ ކަމެއްގައި، ޤާނޫނުގައި ޓެކްސް ދައްކާ ފަރާތުގެ، އެބަހީ ރައްޔިތުންގެ މަޞްލަޙަތާ އެއްކޮޅަށް މާނަކުރެވެން ހުރި ކަންކަން މާނަކުރުމުގައި ބަލަންވާނީ އެ ޖުމްލައިން ދޭހަވާ ޢާންމު މާނަ އެގޮތުގައި ދެމެހެއްޓުމަށެވެ. އެހެންގޮތަކަށް ބުނާނަމަ، މީރާއިން 49 ވަނަ މާއްދާގެ (ށ) މާނަކުރަން ބޭނުންވާ ގޮތަށް މާނަކުރާނަމަ، ޤާނޫނުގައި ސާފު އިބާރާތުން ކަނޑައަޅައި، ބަޔާންކުރެވިފައިވާ ކަންކަން ހަނިކުރެވުމުގެ ފުރުޞަތު އޮންނާނެއެވެ.
މީރާއިން ސުޕްރީމް ކޯޓުގައި ޙަވާލާދީފައިވާ ހައިކޯޓުގެ ނަންބަރު 2013/HC-A/200 ޤަޟިއްޔާގެ މައްސަލައިގައިވާ ޙާލަތަކީ، ހުށަހެޅިފައިވާ މައްސަލައިގައިވާ ޙާލަތާ މުޅިން ތަފާތު ޙާލަތެއްކަން ފާހަގަކުރަމެވެ. އެޤަޟިއްޔާ ބިނާވެފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ މުޅިން ތަފާތު އިޖުރާއާތަކާ ގުޅިގެން ކަމުގައިވާއިރު، މި މައްސަލައަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައިވެސް އިސްތިއުނާފު ނުކުރާ، ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއް ސާބިތުކުރުމަށް މީރާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) މި މައްސަލައަށް ތަޠުބީޤުކުރުން
އިސްތިއުނާފީ މައްސަލަތައް ބެލުމުގެ ޢާންމު އުޞޫލަކީ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކުރުމެވެ. އިސްތިއުނާފު ކުރާ ފަރާތްތަކުން އެހެނިހެން ޝަރުޢީ މަރުޙަލާތަކުގައި ނުދައްކާ ވާހަކަތަކަކަށް ރިޢާޔަތް ނުކުރެއެވެ.
މި މައްސަލައިގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) އާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ޝަރީޢަތުގައި ސުވާލުކުރުމުގެ ކުރިން، މައްސަލައިގެ ޚަޞްމުން މި އަކުރާ ގުޅޭގޮތުން ވާހަކަ ދައްކާފައިނުވެއެވެ. އެހެންނަމަވެސް، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު2014/HC-A/01 ޤަޟިއްޔާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ޙަވާލާދީފައިވެއެވެ. އެ ކޯޓުގައި ކަނޑައެޅުނު މައިގަނޑު ކަމަކީ މިޑިއާނެޓުން ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މީރާގެ ނިންމުން އިސްތިއުނާފުކޮށްފައި ނެތަތީ، މައްސަލައިގެ މައުޟޫޢުއާ ގުޅޭ ގޮތުން ދަރަނި ސާބިތުކުރަން އަންނަ މަރުޙަލާގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދެން ގެއްލޭނެކަމަށް ކަނޑައެޅުމެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮތީ މީރާއިން ދަރަނި ސާބިތުކުރަން ދަޢުވާކުރުމުން، ޝަރުޢީ މަރުޙަލާގައި ޢަމަލުކުރެވިދާނެ ގޮތްތަކެވެ. އެހެން ގޮތަކަށް ބުނާނަމަ، ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން ޝަރުޢީ ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގެ މައުޟޫޢޫއާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުޞަތު، 49 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ އިބާރާތުން ލިބިދެވެއެވެ. މީޑިއާނެޓުން މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު ނެގި ދިފާޢުތަކަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ އަލީގައި ޝަރުޢީ މަރުޙަލާގައި މީރާއިން މަދަނީ ދަރަންޏެއް ސާބިތުކުރުމަށް ހުށަހަޅާ މައްސަލަތަކުގައި ހުށަހެޅޭނެ ދިފާޢުތަކެވެ.
އެހެންކަމުން ހައިކޯޓުގެ ނަންބަރު2014/HC-A/01 ޤަޟިއްޔާގައި ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މީޑިއާނެޓުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކޮށްފައި ނުވާތީ، ތަޤާދުމުގެ އުޞޫލުން އެ ނިންމުމަކީ ނިހާއީ ނިންމުމެއްކަމަށާއި، އެ ނިންމުމަކީ ޤާނޫނީ ގޮތުން ތަންފީޒު ކުރެވޭނެ ނިންމުމެއް ކަމަށާއި، އަދި ތަންފީޒީ މަރުޙަލާގައި އެ ނިންމުމާ އެއްގޮތަށް ޢަމަލުކުރުމަށް އިއުތިރާޒު ކުރުމަކީ މީޑިއާނެޓުގެ މައްޗަށް އޮތް ޙައްޤެއް ނޫންކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނާ ޚިލާފަށެވެ.
އެހެނީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ސާފު އިބާރާތުން، ދަރަނި ސާބިތުކުރުމަށް ޝަރުޢީ ކޯޓުތަކަށް މީރާއިން ހުށަހަޅާ މައްސަލަތަކުގައި، މީރާއިން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދުކަމަށް ބުނެ ހުށަހަޅާ ޢަދަދުތަކާ މެދު ބަހުސްކޮށް، އިއުތިރާޒު ކުރުމުގެ އިތުރުން، މުޅި މައްސަލައިގައި ހިމެނޭ އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ޓެކްސް ދައްކާ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުޞަތު ސީދާ ޤާނޫނުން ލިބިދެވެއެވެ.
ވަކި ކަންތައްތަކެއް ކުރެވިދާނެކަމަށް ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކުރާ ޙާލަތުގައި، އަދި ޤާނޫނު ޢިބާރާތްކޮށްފައިވާ ގޮތުން، އެ ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަމާމެދު މާ ގިނަ އިތުރު މާނަތަކެއް ނެރެވެން ނެތް ޙާލަތުގައި، ޤާނޫނަކުން ލިބިދެވޭ ޙައްޤެއް ހަނިވާ ގޮތަކަށް އެޤާނޫނު މާނަކުރުމުގެ ބާރެއް އެއްވެސް ފަރާތަކަށް ނޯންނާނެއެވެ. މި މައްސަލައިގައި މީރާއިން ބުނަނީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) އެ އޮތް އިބާރާތުގައިވާ ގޮތުގެ މަތިން މާނަކޮށްފިނަމަ، އެ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ އިސްތިއުނާފު ކުރުމަށް ރޭވިފައި އޮތް އިޖުރާއާތު ރޫޅިގެންދާނެކަމަށެވެ. ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލުގައި 49 ވަނަ މާއްދާގެ (ށ) ގައިވާ ފުށުއެރުން ކަމާބެހޭ ފަރާތްތަކަށް ފާހަގަނުކުރެވި އޮތުން އެކަށީގެންވެއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ރައްޔިތުންގެ މަޖިލިހުން ފާސްކުރެވިގެން ރައީސުލްޖުމްހޫރިއްޔާ އެ ޤާނޫނު އެންމެ ފުރަތަމަ ތަސްދީޤުކުރި 18 މާރޗް 2010 ގެ ފަހުން، އެ ޤާނޫނަށް އިތުރު ދެ އިޞްލާޙު ގެނެވުނެވެ. އެހެންނަމަވެސް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ޢަމަލު ކުރަން ފެށިތާ 10 (ދިހައެއް) ވަރަކަށް އަހަރު ވީއިރުވެސް، އެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) އަށް އެއްވެސް އިޞްލާޙެއް ހުށަހަޅާފައިނުވެއެވެ.
ޤާނޫނުގައި ވަކި ކަމެއް ސާފުކޮށް ބަޔާން ނުކުރެވި އޮންނަ ޙާލަތެއްގައި އެ ޤާނޫނުގެ މަޤުޞަދާއި، ރައްޔިތުންގެ މަޖިލިހުގައި އެބިލުގެ ބަހުސް ކުރިއިރު މެންބަރުންގެ ނިޔަތްފަދަ ކަންކަމަށް ރިޢާޔަތް ކުރެވިދާނެއެވެ. އެހެންނަމަވެސް، ޤާނޫނެއްގައި ސާފު އިބާރާތުން ވަކި ކަމެއް ކުރެވިދާނެކަމަށް އޮންނަ އޮތުމަކަށް ރައްޔިތުންގެ މަޖިލިހުގެ ނިޔަތްވެސް ސާފުކޮށް އެނގެން ނެތް އިރު، ކަމާބެހޭ ތަންފީޒީ އިދާރާތަކުންވިޔަސް އަދި ޝަރުޢީ ކޯޓުތަކުން ވިޔަސް ބަދަލު ގެނެވިދާނެކަމަށް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 343/Cv-C/2013 ޤަޟިއްޔާގައި މައްސަލައިގެ މައުޟޫޢުއާ މެދު މީޑިއާނެޓުން ދިފާއުތަކެއް ހުށަހެޅުމަށް ފުރުޞަތު ދީފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބަލާނެ ތަނެއްނެތެވެ.
މީޑިއާނެޓުގެ ކިބައިން ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ހޯދަނީ ޤާނޫނުގައި ބަޔާންކުރާ ޓެކްސްއެއްތޯ
މީޑިއާނެޓުގެ ފަރާތުން އިސްތިއުނާފުކުރާ ދެވަނަ ނުކުތާގައި، މީރާގެ ފަރާތުން ވިތްހޯލްޑިންގ ޓެކްސްގެ ފައިސާ ހޯދުމަށް އެދިފައިވަނީ މީޑިއާނެޓުން ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ޗެނަލްތަކުގެ އޮޕަރޭޓަރުންނަށް ދައްކަންޖެހޭ ޗެނަލް ލައިސަންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ރައިޓްސް ފީގެ ގޮތުގައި ދައްކާފައިވާ ފައިސާގެ މައްޗަށް ކަމުގައިވާއިރު، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރޭގައި ޗެނަލް ލައިސަންސް ފަދަ ޣައިރު މާއްދީ (intangible) މުދާ ނުހިމެނޭނެކަމަށް މީޑިއާނެޓުން ބުނެއެވެ. އަދި މި އިއުތިރާޒު ސިވިލް ކޯޓުގައާއި ހައިކޯޓުގައިވެސް މި މައްސަލަ ބަލަމުން ދިޔައިރު މީޑިއާނެޓުގެ ފަރާތުން ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.
ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ މިފަދައިންނެވެ.
ފައިސާ ދައްކާ ހިސާބުން ޓެކްސް ނެގޭ ރޯޔަލްޓީއާއި އެހެނިހެން ފައިސާ 6 . (ހ) ތިރީގައި ބަޔާންކުރެވޭގޮތަށް ދައްކާ ފައިސާއަކީ، އެއްވެސް ޓެކްސް އަހަރެއްގައި ދިވެހިރާއްޖޭގައި ދިރިއުޅެމުންނުދާ މީހަކަށް ދައްކާފައިވާ، ނުވަތަ އެ ޓެކްސް އަހަރުގައި ދައްކަންޖެހިފައިވާ ފައިސާއެއްނަމަ، އެ ފައިސާ ދައްކާ ފަރާތުން މި މާއްދާގެ ދަށުން ޓެކްސް ދައްކަންޖެހޭނެ ފައިސާއެވެ.
ވިޔަފާރީގެ ގޮތުން ބޭނުންކުރާ ޕްލާންޓް، މެޝިނަރީ، އިކުއިޕްމަންޓް އަދި އެނޫންވެސް މުދާ ބޭނުންކުރުމަށް ދައްކަންޖެހޭ ކުލި، ރޯޔަލްޓީ، ނުވަތަ އެނޫންވެސް އެފަދަ ފައިސާ؛
މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއާ ޙަވާލާދީ، މީޑިއާނެޓުން ބުނަނީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު މާނަކުރުމުގައި، "އެނޫންވެސް މުދާ" ނިސްބަތްކުރެވޭނީ މާއްދީ މުދަލަށްކަމަށެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛
މާނަކުރުމުގެ ބައެއް ހަމަތައް 8. (ހ) ވަކި ބައެއްގެ ވާހަކަ ނުވަތަ ވަކި އެއްޗެއްގެ ވާހަކަ ޚާއްޞަ ލަފުޒުތަކަކުން ބަޔާންކުރުމަށްފަހު، އެއާވިދިގެން ޢާންމު ބަސްތަކަކުން އެފަދަ ޢާންމު ބަޔަކަށް ނުވަތަ އެއްޗިހިތަކަކަށް ޤާނޫނެއްގައި ޙަވާލާދީފައިވާކަމަށްވާނަމަ، ބެލެވޭނީ އެ ޢާންމު ޙަވާލާދިނުން އެ ރައްދުވަނީ އެ ޚާއްޞަ ގިންތީގެ މީހުންނަށް ނުވަތަ އެއްޗެއްސަށް އެކަނި ކަމުގައެވެ.
މި މާއްދާގައި ބުނަނީ ޚާއްޞަ ލަފުޒުތަކަކުން ބަޔާންކުރުމަށްފަހު، އެއާވިދިގެން ޢާންމު ބަސްތަކަކުން އެފަދަ ޢާންމު ބަޔަކަށް ނުވަތަ އެއްޗިހިތަކަކަށް ޤާނޫނެއްގައި ޙަވާލާދީފައިވާކަމަށްވާނަމަ، އެ ޢާންމު ޙަވާލާދިނުން ރައްދުވަނީ އެ ޚާއްޞަ ގިންތީގެ މީހުންނަށް ނުވަތަ އެއްޗެއްސަށް އެކަނިކަމަށެވެ. އެހެންކަމުން، މީޑިއާނެޓުގެ ފަރާތުން ބުނަނީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ޙަވާލާދެނީ ޕްލާންޓް، މެޝިނަރީ، އިކުއިޕްމަންޓް އަދި އެނޫންވެސް އެފަދަ މާއްދީ މުދަލަށްކަމަށެވެ. އަދި މި ކެޓަގަރީގެ ދަށުން މީޑިއާނެޓުން ވިތްހޯލްޑިންގ ޓެކްސް ނަގަން އުޅޭ ޗެނަލް ލައިސަންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ރައިޓްސް ފީ ނުހިމެނޭނެކަމަށެވެ. މީގެ އިތުރު ހުއްޖަތެއްގެ ގޮތުގައި ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުންކުރުމަށް ދައްކާ ފައިސާއާއި (6) ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ ސިނަމާ ފިލްމުތައް (ކޮންމެ ފޯމެޓެއްގައި ނަމަވެސް) ބެލުމަށް ދައްކަންޖެހޭ ކުލި ބަޔާންކޮށްފައި އޮތުމުން، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ޣައިރު މާއްދީ މުދާ ނުހިމެނޭނެކަމަށް މީޑިއާނެޓުން ބުނެފައިވެއެވެ.
މީޑިއާނެޓުގެ މި ހުށަހެޅުމާ ގުޅިގެން މީރާގެ ފަރާތުން ޤާނޫނުގައި ރޯޔަލްޓީ މާނަކޮށްފައިވާގޮތް ފާހަގަކުރިއެވެ. އެގޮތުން، ބީ.ޕީ.ޓީ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި "ރޯޔަލްޓީ" ކަމަށް ބުނެފައިވަނީ؛
43. (ހ) "ރޯޔަލްޓީ" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކުރެވިފައިވާ ގޮތަކަށް ދައްކާފައިވާ ފައިސާއަށެވެ.
(1) އެއްވެސް ޢިލްމީ، ފަންނީ ނުވަތަ ތަޙުލީލީ މަސައްކަތެއްގެ ކޮޕީރައިޓެއް؛ އެއްވެސް ޕޭޓެންޓެއް، ޓްރޭޑްމާކްއެއް، ފަރުމާއެއް ނުވަތަ މޮޑެލްއެއް، ކުރެހުމެއް، ސިއްރު ފޯމިއުލާއެއް، ނުވަތަ ޕްރޮސެސްއެއް؛ ސިނާއީ، މަދަނީ ނުވަތަ ތަޙުލީލީ މަސައްކަތްކުރާ ސާމާނު، މިއިން އެއްވެސް އެއްޗެއް ނުވަތަ ބޭނުންކުރުމަށް ނުވަތަ ބޭނުންކުރުމަށް ޙައްޤު ހޯދުމަށް މުޤާބިލެއްގެ ގޮތުގައި ދައްކާ ފައިސާ؛
މާނަ
(2) ސިނާއީ، މަދަނީ ނުވަތަ ތަޙުލީލީ މަސައްކަތްކުރުމުގެ ތަޖުރިބާއާބެހޭ މަޢުލޫމާތު ދިނުމަށްދެވޭ ފައިސާ؛
މަޢުދަން؛ މަޢުދަން އެކުލެވޭ ތެޔޮ އަދި އެހެނިހެން ޤުދުރަތީ ވަސީލަތްތައް ނެގުމަށް މަސައްކަތްކުރުމުގެ ޙައްޤު ދިނުމުގެ މުޤާބިލެއްގެ ގޮތުގައި ދައްކާ ވަކި މިންވަރެއް ކަނޑައެޅިފައިވާ ނުވަތަ ވަކި މިންވަރެއް ކަނޑައެޅިފައިނުވާ ފައިސާ.
އެހެންކަމުން، ރޯޔަލްޓީ މާނަކޮށްފައިވާ ގޮތަށް ރިޢާޔަތް ކުރުމާއެކު، މީޑިއާނެޓުގެ ކިބައިން ޗެނަލް ލައިސަންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ރައިޓްސް ފީއަށް ވިތްހޯލްޑިންގ ޓެކްސް ނެގޭނެކަމުގައި މީރާއިން ބުނެއެވެ.
މި މައްސަލައިގައި ދެބަސްވުން އުފެދިފައިވާ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގެ ސާފު އިބާރާތުން ވިޔަފާރީގެ ގޮތުން ބޭނުންކުރާ ޕްލާންޓް، މެޝިނަރީ، އިކުއިޕްމަންޓް އަދި އެނޫންވެސް މުދާ ބޭނުންކުރުމަށް ދައްކަންޖެހޭ ކުލި، ރޯޔަލްޓީ، ނުވަތަ އެނޫންވެސް އެފަދަ ފައިސާއަށް ޓެކްސް ދައްކަންޖެހޭނެ ކަމަށް ބަޔާންކުރެވިފައިއޮވެއެވެ. އުފެދޭ ސުވާލަކީ ޕްލާންޓް، މެޝިނަރީ، އިކުއިޕްމަންޓް ފަދަ ތަކެއްޗަށް ރޯޔަލްޓީއަކީ ނެގިދާނެ އެއްޗެއްތޯ ނުވަތަ ނޫންތޯއެވެ.
އެ ގޮތުން، މެޝިނަރީ ފަދަ ތަކެތި ބޭނުންކުރުމަށް ރޯޔަލްޓީ ނެގިދާނެކަމަށް މީޑިއާނެޓުގެ ފަރާތުން ބުނެފައިވެއެވެ. އަދި މިހެން ޢާންމު ގޮތެއްގައި ނަގަނީ އިންޑަސްޓްރިއަލް، ކޮމާރޝަލް އަދި ސައިންޓިފިކް އިކުއިޕްމަންޓަށް ކަމަށް ބުނެފައިވެއެވެ. މިހާރު ރާއްޖޭގައި ޢަމަލުކުރަމުންދާ ގޮތާ ގުޅިގެން މީރާއަށް ސުޕްރީމް ކޯޓުގައި ސުވާލު ކުރިމަތިކުރުމުން، މިހާތަނަށް މާއްދީ މުދަލަކަށް ދައްކާ ރޯޔަލްޓީއިން ޓެކްސް ނަގާފައިވާނެކަން ނުވަތަ ނޫންކަން ސާފުކޮށްދެވިފައިނުވެއެވެ.
ވިޔަފާރީގެ ގޮތުގައި ބޭނުންކުރާ ޕްލާންޓް، މެޝިނަރީ، އިކުއިޕްމަންޓް އަދި އެނޫންވެސް މުދަލެއް ބޭނުންކުރުމުގައި ފިކުރީ މުދަލެއް އެކުލެވިގެންވާނަމަ، އެ ފިކުރީ މުދަލަށް ރޯޔަލްޓީ ދައްކަންޖެހޭ ޙާލަތެއް މެދުވެރިވެދާނެއެވެ. މިސާލަކަށް، އަލަށް އީޖާދުކުރާ މެޝިނެއްގެ ޕޭޓަންޓްގެ ވެރިފަރާތަކީ އެމެޝިނެއް ވިޔަފާރީގެ އުޞޫލުން އުފައްދާ އަދި ވިއްކާ ފަރާތަށް ނުވެދާނެއެވެ. ހަމަ އެފަދައިން، އިންޑަސްޓްރިއަލް ޑިޒައިނެއްގެ ވެރިފަރާތަކީ، އެފަދަ ޑިޒައިނެއް ބޭނުންކުރުމާއެކު ވިޔަފާރީގެ ގޮތުން އުފައްދާ އަދި ވިއްކާ ފަރާތަށް ނުވެދާނެއެވެ. އެފަދަ ޙާލަތްތަކުގައި ފިކުރީ މުދަލުގެ ވެރިފަރާތަށް އެ މުދަލުގެ ބޭނުންކުރުމަށްޓަކައި ރޯޔަލްޓީ ދެއްކުމަކީ ދުނިޔޭގެ މި ބާވަތުގެ އުފެއްދުންތެރި ޤައުމުތަކުގައި އޮންނަކަމެއްކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޓެކްސްއާ ގުޅޭ ޤާނޫނުތައް ފަދަ އެކި ޤާނޫނުތަކަކީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބޭރުގެ ފަންނީ އެހީތެރިކަން ހޯދުމާއެކު އެކުލަވާލާ ބިލުތަކެކެވެ. މިފަދަ ބިލުތައް ބިނާވެގެންވަނީ ބައިނަލްއަޤުވާމީ "ބެސްޓް ޕްރެކްޓިސް" އުޞޫލުތަކެއްގެ މައްޗަށެވެ. އެހެންކަމުން، ދެބަސްވުން އުފެދިފައިވާ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގެ ޢާންމު މާނައަށް ބަލާއިރު، އެއަކުރުގެ ދަށުން އެއްވެސް ޕްލާންޓް، މެޝިނަރީ، އިކުއިޕްމަންޓް އަދި އެނޫންވެސް މުދަލަކާ ގުޅޭ ރޯޔަލްޓީއަކަށް ކަމަށް އިޝާރާތް ކުރަނީ އެއަކުރުގެ ހިމެނިފައިވާ ބާވަތުގެ މާއްދީ މުދަލެއްގެ ރޯޔަލްޓީއަށް ކަމަށް ބެލެވެއެވެ. އަދި އެއަކުރުގައި ހިމެނޭ "އެނޫންވެސް މުދާ" ގެ ތެރޭގައި ޗެނަލް ލައިސަންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ރައިޓްސް ފީ ގިންތި ކުރެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަކަށް ޤަބޫލުނުކުރެވެއެވެ. އެހެނީ، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދެންހުރި ބައެއް ނަންބަރުތަކުގައި ރޯޔަލްޓީ ނެގިދާނެ ފިކުރީ މުދަލުގެ ޙައްޤު ހިމެނިގެންވާ އެހެނިހެން ތަކެތި ހިމެނިފައިވާތީ، ޕްލާންޓް، މެޝިނަރީ، އިކުއިޕްމަންޓް ބަޔާންކުރުމަށްފަހު، "އެނޫންވެސް މުދާ" ކަމަށް ބުނަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެގިންތީގައި ހިމެނޭނެ އެފަދަ މާއްދީ މުދަލަށްކަމަށްވާތީއެވެ.
އެހެންކަމުން، މި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 343/Cv-C/2013 ޤަޟިއްޔާގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ކުރުމާއެކު، ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ޗެނަލް ލައިސަންސިންގ ފީ ނުވަތަ ބްރޯޑްކާސްޓިންގ ރައިޓްސް ފީއަށް ވިތްހޯލްޑިންގ ޓެކްސް ނުނެގޭނެކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) ގައި ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ޤާނޫނެއްގައިވާ ގޮތުގެ މަތިން މެނުވީ ވެރިކަން ހިންގާ ފަރާތުން ދައުލަތަށް ޢާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެނޫންވެސް އެއްޗެއް ނަގައިގެން ނުވާނެކަމަށް ބަޔާންކޮށްފައިއޮވެއެވެ. ޓެކްސް ދެއްކުމަކީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފެއް ކަމުގައިވާއިރު، ޓެކްސް ނެގޭނެ ގޮތާއި، ޓެކްސް ނެގޭނެ ޚިދުމަތްތަކާއި ތަކެއްޗާއި އަދި މިނޫންވެސް އެހެނިހެން ކަންކަމަކީ ރައްޔިތުންނަށް ފަހުމްވާނެ ފަދައިން ޤާނޫނެއްގައި ބަޔާންކުރެވިފައި އޮންނަންޖެހޭ ކަންކަމެވެ. އެހެނީ، ޤާނޫނު ހެދުމުގެ މަޤުޞަދަކީ އޭގެ މައްޗަށް ޢަމަލުކުރަން ތިބި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަދި ޢަމަލުކުރަންޖެހޭ ގޮތް ދެފުށްފެންނަ ގޮތަކަށް ބަޔާންކޮށްދިނުމަށްޓަކައި ރައްޔިތުންނަށް އުޞޫލާއި ސިޔާސަތު އަންގައިދޭ، އަދި އެ އެއްޗެއްގެ މައްޗަށް ޢަމަލު ކުރުން ލާޒިމު މަސްދަރުކަމުގައިވާތީއެވެ. ޤާނޫނު މާނަކުރަންވާ ގޮތް، ޤާނޫނުގެ ޞަރީޙަ އިބާރާތުން ބަޔާންކޮށްފައި އޮންނަގޮތާ ޚިލާފަށް ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް މާނަނުކުރެވޭނެއެވެ. ޤާނޫނުގައި ބުނާ އެއްޗަކާ މެދު ހީވާ ހީވުމެއްގެ މައްޗަށް ރައްޔިތުން ޢަމަލު ކުރުން ލާޒިމްނުކުރެވޭނެއެވެ. ޤާނޫނުން ލިބިދެވޭ ޙައްޤެއް ހަނިވާ ގޮތަކަށް މުއައްސަސާއެއްގެ އެތެރޭގެ ސިޔާސަތު އިސްނުކުރެވޭނެއެވެ. ޤާނޫނުގައި ބުނާ އެއްޗެއް ގަވާއިދަކުން ވިޔަސް އަދި އުޞޫލަކުންވިޔަސް ހަނި ނުކުރެވޭނެއެވެ. މިފަދައިން ޢަމަލުކުރުން ހުއްދަ ކުރެވޭނަމަ، ވެރިކަންކުރާ ފަރާތް ބަދަލުވާ ކޮންމެ ފަހަރަކު، ނުވަތަ ދައުލަތުގެ އިދާރާއެއްގައި ނުވަތަ މުއައްސަސާއެއްގައި ތިބޭ ވެރިން ބަދަލުވާ ކޮންމެ ފަހަރަކު، އެފަރާތްތަކުން ޤަބޫލުކުރާ ސިޔާސަތުތައް ޤާނޫނުގެ މައްޗަށް އިސްކުރެވި، ޤާނޫނުގެ ސިޔާދަތު ބަލިކަށިވުމަށް ފުރުޞަތު ހުޅުވިގެންދާނެއެވެ.
ޢަމަލު ކުރެވެމުން އަންނަ ޤާނޫނެއްގައި ހުރި ދެކޮޅުނުޖެހޭ ކަންކަން ފާހަގަކުރެވޭނަމަ، ކަމާބެހޭ ދައުލަތުގެ އިދާރާތަކުން، ޤާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއާތުތަކުގެ ތެރެއިން، އެމައްސަލަތައް ފޫބެއްދުމަށްޓަކައި މަސައްކަތްކުރުމުގެ އިލްތިޒާމް އުފުލަންޖެހެއެވެ. ޤާނޫނެއް ފާސްވެ ޢަމަލުކުރަން ފަށާ ހިސާބުން، ފަހުން ފާހަގަކުރެވޭ މައްސަލަތަކަށް ދައުލަތުގެ މުއައްސަސާތަކުން އަމިއްލައަށް އެތެރެ އެތެރޭން ފިޔަވަޅު ނާޅައި، ޤާނޫނީ އިމުގެ ތެރެއިން މައްސަލަތައް ޙައްލުކުރުން އިސްކުރަންޖެހެއެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނު ބައްޓަން ކުރެވިފައިވަނީ އެކި ޙާލަތްތަކާ ގުޅޭ އެކި އިޖުރާއާތުތައް ކަނޑައެޅުމާއެކު، އެއާ އެއްގޮތަށް ޢަމަލު ކުރުމުގެ ނިޔަތުގައިކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. އޭގެން އެއް އިޖުރާއާތު އަނެއް އިޖުރާއާތާ ފުށުއަރާކަމަށް މީރާއަށް ޤަބޫލުކުރެވޭނަމަ، ޤާނޫނުގައި ކުރެވިދާނެކަމެއްކަމަށް ސާފުކޮށް ކަނޑައަޅާފައިވާ ކަމަކަށް ޢަމަލުނުކޮށް ދޫކޮށްލައި، ނުވަތަ ވަކި ގޮތަކަށް ޤާނޫނު މާނަކުރަން އުޅުމުގެ ބަދަލުގައި، އެކަމަކަށް ޙައްލު ހޯދަން މަސައްކަތް ކުރަންވާނީ ޤާނޫނީ އިމުގެތެރެއިންނެވެ. އެހެންގޮތަކަށް ބުނާ ނަމަ، ޤާނޫނުގައި ވަކި ކަމެއް ކުރެވިދާނެކަމަށް އޮންނަ އޮތުމުން މައްސަލަތަކެއް ކުރިމަތިވާނަމަ، ދެން އެމައްސަލަތައް ޙައްލު ކުރެވޭނީ ޤާނޫނަށް އިޞްލާޙު ގެނެވިގެންނެވެ. ޤާނޫނުގެ ވަކި ބަޔަކަށް ޢަމަލުކޮށްފައި، ދެންހުރި ބައިތަކަށް ޢަމަލުކުރުން އެއްފަރާތް ކޮށްގެންނެއް ނޫނެވެ.
ހަމަ މިމޭރުމުން، ރައްޔިތުން ޓެކްސް ދައްކަންޖެހޭ މުޢާމަލާތްތަކާއި ޚިދުމަތްތަކާއި ތަކެއްޗަކީ ކޮބައިކަން ޤާނޫނުގައި ސާފުކޮށް ކަނޑައެޅި ބަޔާންކުރެވިފައި އޮންނަންޖެހެއެވެ. ޓެކްސް ނަގަންޖެހޭނީ ކަމާބެހޭ ތަންފީޒީ އިދާރާއެއްގައި ތިބޭ ވެރިންނާއި މުވައްޒަފުންނަށް އެވަގުތު ފެންނަ ފެނުމެއްގެ މައްޗަށް ބިނާކޮށެއްނޫނެވެ. ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) ގެ ރޫޙާ އެއްގޮތަށް ޢަމަލުކުރާނަމަ، ޤާނޫނުގައި ސާފުކޮށް ކަނޑައެޅި ބަޔާންކުރެވިފައިވާ ކަންކަމަށް މެނުވީ ދައުލަތުން ޓެކްސްއެއް ނުނެގޭނެއެވެ.
އިސްވެ ބުނެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/01 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރަޢުޔު
މި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނުކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އިސްތިއުނާފުކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2014/HC-A/01 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި، އެ ޙުކުމް ބާޠިލު ކުރުމާއެކު، ދިވެހިރާއްޖޭގެ ސިވިލް ކޯޓުގެ ނަންބަރު 343/Cv-C/2013 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.