އަޙްމަދު ލަޠީފް ވ. މަރްޔަމް ޖަނާން މުންޢިމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2024/HC-A/04، 3275-CVC-2022
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ކަނޑައެޅީ 13 ޖޫން 2007 ގެ އެއްބަސްވުމުގެ ޞައްޙަކަން ސާބިތުނުވާކަމަށާއި، ދެ ފްލޯރ ހުސްކޮށް ހަވާލުކޮށް، މުއްދަތު ހަމަވިފަހުން ރައްދު ދަޢުވާގައި އެދުނު ރޭޓުން ކުލި ދައްކަންޖެހޭކަމަށެވެ. ހައިކޯޓުން ތާއީދުކުރިއެވެ.
- ވާޤިޢާ
- 16 އެޕްރީލް 2007 ގެ އެއްބަސްވުމުން އަޙްމަދު ލަޠީފް ޢިމާރާތް ކޮށް، 15 އަހަރަށް ދެ ފްލޯރ ލިބުނެވެ. މުއްދަތު ހަމަވުމުން ތަން ހުސްކުރަން އެންގުމުން، 13 ޖޫން 2007 ގެ އެއްބަސްވުމަކުން ކުލި ނުދައްކާ އިތުރު 3 އަހަރު ލިބިފައިވާކަމަށް އޭނާ ދަޢުވާކުރިއެވެ. މަރްޔަމް ޖަނާން މުންޢިމް އިންކާރުކޮށް ކުލި ހޯދަން ރައްދު ދަޢުވާ ކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- 13 ޖޫން 2007 ގައި ވެފައިވާކަމަށް ބުނާ އެއްބަސްވުމުގެ ޞައްޙަކަމާމެދު ޚިލާފު އުފެދުމުން، އެ ލިޔުމުގެ އަސްލު ހުށަހަޅަން ކޯޓުން ނާންގައި، ހެކިން ޙާޟިރުކުރުމެއް ނެތި ޞައްޙަކަން ސާބިތުނުވާކަމަށް ނިންމުމަކީ 2017/SC-A/40 ގައިވާ އުސޫލުތަކާ ޚިލާފު ކަމެއްތޯ؛ އަދި ހައިކޯޓުގެ އޮބިޓަރ ބަޔަކާ ގުޅޭ މުޤާބިލުގެ ނުކުތާއާއި، ދަށުކޯޓުގައި ނުނަގާ ކުލީގެ މިންވަރާބެހޭ ނުކުތާ އިސްތިއުނާފުގައި ބަލަންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އަޙްމަދު ލަޠީފް ބުނީ، އަސްލު ހުށަހަޅަން ނާންގައި ހެކިން ހާޟިރުނުކޮށް ނިންމީ 2017/SC-A/40 އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށް ކަމަށާއި، މުޤާބިލާބެހޭ ނިންމުމާއި ކުލީގެ މިންވަރު ގޯސްކަމަށެވެ. މަރްޔަމް ޖަނާން މުންޢިމް ބުނީ ބުރަ އޮތީ އޭނާގެ މައްޗަށް ކަމަށާއި ކުލި ތަޢުނުކޮށްފައި ނުވާކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޚިލާފު އުފެދުނު ލިޔުމެއްގެ ޞައްޙަކަން ސާބިތުކުރުމުގެ ބުރަ އޮތީ ހުށަހެޅި ފަރާތުގެ މައްޗަށެވެ. ހެކި ހުށަހަޅަން ކޯޓުން އެންގުމަކީ ހަމަހަމަކަމަށް ބުރޫއަރާ ކަމެކެވެ. މުޤާބިލުގެ ނުކުތާ ބިނާވީ އޮބިޓަރ ބަޔަކަށް ކަމުން ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ބަލަން ނުޖެހެއެވެ. ދަށުކޯޓުގައި ނުނަގާ ކުލީގެ ނުކުތާ އިސްތިއުނާފުގައި ނެގޭނީ އިސްތިސްނާ ޙާލަތުގައެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޯޓުގެ ކުރިމައްޗަށް ހުށަހަޅާ ދަޢުވާ ނުވަތަ ދަފްޢު ސާބިތުކުރުމުގެ ބުރައަކީ ޢާންމު އުސޫލުން އަބަދުވެސް އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ. އަމިއްލަ ޑޮކިއުމަންޓެއްގައިވާ ސޮޔާމެދު ނުވަތަ އެ ޑޮކިއުމަންޓުގެ ޞައްޙަކަމާމެދު (އެ ޑޮކިއުމަންޓް ހުށަހެޅި ޚަޞްމު ނޫން) އަނެއް ޚަޞްމު އިންކާރުކޮށްފިނަމަ، އެ ކަންކަން ސާބިތުކުރެވޭނީ އާއްމު އުސޫލުން ހެކި ހުށަހަޅައިގެން ކަމަށާއި، އެ ޑޮކިއުމަންޓުގެ ޞައްޙަކަން ސާބިތުކޮށްދިނުމަކީ އެ ޑޮކިއުމަންޓު ހުށަހެޅި ފަރާތުގެ ޒިންމާއެކެވެ.
HN2 ކޯޓުން މާނަކުރަންޖެހޭ ޤާނޫނު އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައި ކިޔަންޖެހޭ އުސޫލަކީ ކޯޓުގެ ނިންމުންތައް ދޭހަކުރުމުގައާއި މާނަކުރުމުގައިވެސް ގެންގުޅެންޖެހޭ އުސޫލެކެވެ. ކޯޓުގެ ނިންމުމެއްގައި ބަޔާންކުރާ ވަކި ޖުމްލައެއް، އެ ނިންމުމާ ގުޅިގެން ކޯޓުން ފާހަގަކޮށްފައިވާ އެހެނިހެން ކަންކަމާ މުޅިން ވަކިކޮށް މާނަކުރުމުން ދޭހަވާ މާނައާއި، ހުރިހާ ކަންކަމަށް ރިޢާޔަތްކޮށްގެން މާނަކުރުމުން ދޭހަވާ މާނަ ތަފާތުވާނެއެވެ.
HN3 ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ އަސާސްގެ ދަށުން ޚަސްމުންގެ މެދުގައި ހަމަހަމަކަން (equality of arms) ޤާއިމުކުރަންޖެހެއެވެ. ކޯޓުތަކަށް ޚަސްމުންނާއި ހެކިވެރިންނަށް ސުވާލުކުރުމުގެ އަދި ލިޔުން ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު ލިބިދީފައިވި ނަމަވެސް، އެޑްވަސޭރިއަލް އުސޫލުތަކަށް ބުރަވެ ޝަރީޢަތްކުރާ ނިޒާމެއްގައި، ވަރަށް ޚާއްސަ ހާލަތްތަކުގައި މެނުވީ ޝަރީޢަތަށް ވަކި ހެއްކެއް ހުށަހެޅުމަށް އެންގުން ފަދަ ކަންކަމުން ފަނޑިޔާރުން ދުރުހެލިވާންޖެހެއެވެ.
HN4 މައްސަލައެއްގައި ޚަސްމަކު ހުށަނުއަޅާ ލިޔެކިޔުމެއް ނުވަތަ ހުށަހަޅާފައިވާ ހެއްކެއްގެ އަސްލު ކޯޓަށް ހުށަހެޅުމަށް އަންގަންޖެހޭނީ ކޯޓުން ކަމަށާއި، ކޯޓުން ނާންގައިފިނަމަ އެއީ އިސްތިއުނާފުގެ ނުކުތާއަކަށް ވެދާނެ ކަމަށް ދެކުމަކީ ޚަސްމުންގެ މެދުގައި ހަމަހަމަކަމަށް ބުރޫއަރާ ކަމެކެވެ. ޚިލާފު އުފެދިފައިވާ ލިޔުމެއްގެ އަސްލު ހުށަހެޅުމަށް ކޯޓުން އަންގާފައިނުވާކަމަށް ބުނެ 2017/SC-A/40 (އެޕޯލޯ ހޯލްޑިންގްސް) މައްސަލައަށް ބަރޯސާވުމަކީ އެ މައްސަލައިގެ ރަނގަޅުނޫން ދޭހައެކެވެ.
HN5 ހައިކޯޓުގެ ނިންމުމެއް ޤާނޫނީ ނުވަތަ ޝަރުޢީ އުސޫލަކާ ޚިލާފުވެފައިވާ ގޮތާއި، އެ ނިންމުން ތައުނުކުރުމަށް އެދި ހުށަހަޅާ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ނުދެވޭނަމަ، އެ އިސްތިއުނާފީ ނުކުތާގެ މައްޗަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ނުޖެހެއެވެ.
HN6 ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން، އިޖުރާއީ ސަބަބެއް ނުހިމެނޭ އިސްތިއުނާފީ ނުކުތާއަކީ (1) ހައިކޯޓުގެ ނިންމުން އެ މައްޗަށް ބިނާވާ ސަބަބަކަށް (ratio decidendi) ވުމާއި، (2) އެއީ ޤާނޫނާ ޚިލާފަށްކަމަށް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކަކަށް ވާންޖެހެއެވެ. ހައިކޯޓުން އޮޅުމެއް ސާފުކޮށްދިނުމުގެ ގޮތުން ފާހަގަކުރި (obiter dictum) ކަންކަމުގެ މައްޗަށް ފަރުމާކޮށްފައިވާ ނުކުތާއަކަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ނުޖެހެއެވެ.
HN7 ދަށުކޯޓަށާއި ހައިކޯޓަށް ހުށަހަޅާފައި ނުވާ އައު ނުކުތާއެއް އިސްތިއުނާފުގައި ހުށަހެޅޭނީ އިސްތިސްނާ ޙާލަތްތަކުގައި އެކަނިއެވެ. އެހެނީ، ކުރިން ނުދައްކާ އައު ވާހަކައަކަށް ހަވާލާދީ ނިންމުމެއް އިސްތިއުނާފުކުރުމަކީ، އެ ނިންމުން ނިންމިއިރު ރިއާޔަތްކޮށްފައިނުވާ އައު ކަމެއް އެ ނިންމުން ގޯސްކަމަށް ބުނެ ހުށަހެޅުން ކަމުން، އެފަދަ ނުކުތާއަކީ ކޮންމެ އިސްތިއުނާފީ މައްސަލައެއްގައި ބަލައިގަންނަ ނުކުތާއަކަށްވާނަމަ ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ މައްޗަށް ތަރުތީބުވެފައިވާ ނިޒާމު ރޫޅިގެންދާނެތީއެވެ. ހައިކޯޓަށް ކުރެވޭ އިސްތިއުނާފަށްވެސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން މި އުސޫލު ހިނގައެވެ.
HN8 ރައްދު ދަޢުވާގައި ހޯދަން އެދުނު ކުލީގެ މިންވަރަށް ތަޢުނުކުރުމުގެ އެކި ފުރުޞަތު ދަށުކޯޓުގައި ލިބި، އެ ފުރުޞަތުތަކުގައި އެ މިންވަރާމެދު އެއްވެސް ކަމެއް ފާހަގަނުކޮށް، ކުލި ނުދައްކަންޖެހޭ ސަބަބެއްގެ ގޮތުގައި އެއްބަސްވުމުގެ ޞައްޙަކަމަށް އެކަނި ބަރޯސާވި ފަރާތަކަށް، ކުލީގެ ޢަދަދު ކަނޑައަޅާފައިވަނީ އުސޫލެއް ނެތިކަމަށް ބުނެ އިސްތިއުނާފު މަރުހަލާގައި އެ ނުކުތާ ނެގިދާނެ ކަމަކަށް ނުވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ރަޝީދު، ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢާއިޝާ ޝުޖޫން މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2026] SC 31 2025/SC-A/17 ޝަރީޢަތް ނިމުނުގޮތް އަޙްމަދު ލަޠީފް ވ. މަރްޔަމް ޖަނާން މުންޢިމް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 24 ސެޕްޓެމްބަރ 2026 އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2024/HC-A/04 އިސްތިއުނާފުކުރާ ފަރާތް އަޙްމަދު ލަޠީފް، ކެރީބިއަން، ނ.ވެލިދޫ ޤާނޫނީ ވަކީލު: ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ އިސްތިއުނާފު ރައްދުވާ ފަރާތް މަރްޔަމް ޖަނާން މުންޢިމް، ހ.ކޯޒީރައުންޑް، މާލެ ޤާނޫނީ ވަކީލު: ޢަބްދު ﷲ ރަޝީދު، ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ މަދަނީ، އެއްބަސްވުމާ މެދު ޚިލާފު އުފެދުން، އެއްބަސްވުމުގެ މުޤާބިލް، އެއްބަސްވުމުގެ އަސްލު ހުށަހެޅުމަށް ޝަރީޢަތުން އަންގާފައި ނެތުން، ކުލީގެ މިންވަރު ކަނޑައެޅުން، ދަޢުވާ ސާބިތުކުރުކުމުގެ ބުރަ، ރައްދު ދަޢުވާ، އައު އިސްތިއުނާފީ ނުކުތާ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ އަޙްމަދު ލަޠީފް ވ. މަރްޔަމް ޖަނާން މުންޢިމް [2026] SC 31
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދުކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ނ.ވެލިދޫ، ކެރީބިއަން، އަޙްމަދު ލަޠީފް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އަޙްމަދު ލަޠީފް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2025/SC-A/17 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ކ.މާލެ، ހ.ކޯޒީރައުންޑް، މަރްޔަމް ޖަނާން މުންޢިމް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މަރްޔަމް ޖަނާން މުންޢިމް") ގެ މައްޗަށެވެ.
ކަންހިނގާފައިވާ ގޮތް
2ހ.ކޯޒީހައުސް، ޢާބިދާ ޢީސާ (މީގެ ފަހުން "ޢާބިދާ ޢީސާ") ގެ ނަމުގައި ރަޖިސްޓަރީކޮށްފައި އޮތް ހ.ކޯޒީހައުސް އެވެ ކިޔާ ބަންޑާރަ ގޯތީގައި ހިމެނޭ 621 (ހަސަތޭކަ އެކާވީސް) އަކަފޫޓުގެ ބިމުގައި ޢިމާރާތެއް ކުރުމާގުޅޭ ގޮތުން އަޙްމަދު ލަޠީފްއާއި ޢާބިދާ ޢީސާއާ ދެމެދު އެއްބަސްވުމެއްވެ، 16 އެޕްރީލް 2007 ގައި އެ އެއްބަސްވުން (މީގެ ފަހުން "16 އެޕްރީލް 2007 ގެ އެއްބަސްވުން") މަދަނީ ކޯޓުގައި ރަޖިސްޓްރީކުރިއެވެ.
3ބަޔާންކުރެވުނު އެއްބަސްވުމުގެ ދަށުން، އަޙްމަދު ލަޠީފްގެ ފަރާތުން އޭނާގެ އަމިއްލަ ޚަރަދުގައި ހ.ކޯޒީހައުސް އެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުމަތީ ބައިގައި ހުރި 621 (ހަސަތޭކަ އެކާވީސް) އަކަފޫޓުގެ ޢިމާރާތް ތަޅާލުމަށްފަހު، އެ ތަނުގައި 05 (ފަހެއް) ބުރީގެ ފައުންޑޭޝަނަކާއި 3 (ތިނެއް) ޝީޓް އެޅުމަށާއި، ހ.ކޯޒީހައުސް އެވެ ކިޔާ ބަންޑާރަ ގޯތީގައި ހަދާ އެ ޢިމާރާތުގެ ގްރައުންޑް ފްލޯރ ޢާބިދާ ޢީސާއަށް ހަވާލުކުރުމަށާއި، އަޙްމަދު ލަޠީފުގެ ފަރާތުން ޢިމާރާތްކުރުމަށް ކުރާ ޚަރަދުގެ ބަދަލުގެ ގޮތުގައި 01 ޖޫން 2007 އިން ފެށިގެން މީލާދީ 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޢިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފްލޯރ އަޙްމަދު ލަޠީފަށް ދިނުމަށް ޝަރުޠުކޮށްފައިވެއެވެ.
4އެއަށްފަހު، 16 އެޕްރީލް 2007 ގެ އެއްބަސްވުމަށް ބަދަލު ގެނައުމަށް ޢާބިދާ ޢީސާ ބޭނުންވެގެން، 03 ސެޕްޓެމްބަރ 2007 ދުވަހު ޢާބިދާ ޢީސާ އާއި އަޙްމަދު ލަޠީފުއާ ދެމެދު އިތުރު އެއްބަސްވުމެއް (މީގެ ފަހުން "03 ސެޕްޓެމްބަރ 2007 ގެ އެއްބަސްވުން") ވިއެވެ. މި އެއްބަސްވުމުގެ ދަށުން، 16 އެޕްރީލް 2007 ގައި ޢާބިދާ ޢީސާ އާއި އަޙްމަދު ލަޠީފް އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ޢިމާރާތް ކުރުމަށް ކަނޑައެޅި ބިމުގެ ބޮޑުމިން 621 (ހަސަތޭކަ އެކާވީސް) އަކަފޫޓުން 86 (އަށްޑިހަ ހައެއް) އަކަފޫޓު އުނިކޮށް، މި ބަދަލާ ގުޅިގެން އަޙްމަދު ލަޠީފަށް ލިބޭ ގެއްލުމުގެ ބަދަލުގައި ޢިމާރާތުގެ ގްރައުންޑް ފްލޯރގެ ހުރިހާ މަސައްކަތެއް ޢާބިދާ ޢީސާގެ އަމިއްލަ ޚަރަދުގައި ކޮށް ނިންމުމަށް އޭނާ އެއްބަސްވެފައިވެއެވެ. އަދި 16 އެޕްރީލް 2007 ގެ އެއްބަސްވުމާ އެއްގޮތަށް، 01 ޖޫން 2007 އިން ފެށިގެން މީލާދީ 15 (ފަނަރަ) އަހަރު ދުވަހަށް ޢިމާރާތުގެ ފަސްޓް ފްލޯރ އަދި ސެކަންޑް ފްލޯރ އަޙްމަދު ލަޠީފަށް ދީފައިވެއެވެ.
5ބަޔާންކުރެވުނު ދެ އެއްބަސްވުން ވީފަހުން، 15 އޮގަސްޓް 2008 ގައި ޢާބިދާ ޢީސާ ނިޔާވުމުން، އޭނާގެ ވާރިސުންގެ ގޮތުގައި ތިބި، މއ. ޖޫޓްފްލާވަރ، މާލެ، މުޙައްމަދު ތަޢުފީޤު އާއި، މ. ދިލާވަރުގެ، މާލެ، ޢަލީމަނިކު އާއި، ހ. ކޯޒީރައުންޑް، އަޙްމަދު މުންޢިމްގެ މައްޗަށް ހ. ކޯޒީހައުސް އެވެ ކިޔާ ބަންޑާރަ ގޯތި ރަޖިސްޓްރީ ކޮށްދީފައި ވެއެވެ.
6ޢާބިދާ ޢީސާ ގެ ވާރިސުންގެ ތެރެއިން، ހ. ކޯޒީރައުންޑް، އަޙްމަދު މުންޢިމް، 15 ނޮވެންބަރު 2011 ގައި ނިޔާވެފައި ވެއެވެ. އަޙްމަދު މުންޢިމް ނިޔާވުމާ ގުޅިގެން، ހ. ކޯޒީހައުސް އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިން، ބެހެނިވެރިންގެ މެދުގައި ބައިކޮށް، ގޯތީގެ އިރަށް އަބަދަށްފެހި މަގަށްވާ ގޮތަށް އޮތް 720.33 (ހަތްސަތޭކަ ވިހި ޕޮއިންޓް ތިނެއް ތިނެއް) އަކަފޫޓުގެ ބިމާއި އެ ބިމުގައިވާ ނުއުފުލޭ މުދާ އަލްމަރްޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންނަށް އައްޔަން ކޮށްދީ "ހ.ޖީމާ" މި ނަމުގައި މިބައި ވަކި ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދީފައި ވެއެވެ.
716 އެޕްރީލް 2007 ގެ އެއްބަސްވުމުގެ ދަށުން އަޙްމަދު ލަޠީފްގެ ފަރާތުން ޢިމާރާތްކޮށް، މީލާދީ 15 (ފަނަރަ) އަހަރު ދުވަހަށް ފަސްޓް ފްލޯރ އަދި ސެކަންޑް ފްލޯރ އަޙްމަދު ލަޠީފަށް ލިބިދީފައިވާ ޢިމާރާތަކީ ގޯއްޗަށް އައި ބަދަލުގެ ތެރެއިން ހ.ޖީމާ އެވެ ކިޔާ ގޯތީގެ ބައެކެވެ.
816 އެޕްރީލް 2007 ގެ އެއްބަސްވުމުގެ ޞައްޙަކަމާމެދު ސުވާލު އުފައްދައި އަޙްމަދު މުންޢިމްގެ ވާރިސުންގެ ފަރާތުން 2018 ވަނަ އަހަރު ސިވިލް ކޯޓުގައި ދަޢުވާކުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3697/Cv-C/2018 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ޙުކުމްކޮށްފައިވަނީ އެ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއް ކަމަށް ކަނޑައެޅެން ނެތް ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން އަޙްމަދު ލަޠީފް ކުއްޔަށް ހިފާފައިވާ، ހ.ޖީމާ އެވެ (ކުރީގެ ހ.ކޯޒީހައުސް އެވެ) ކިޔާ ގޯތީގައި ހުރި 06 (ހައެއް) ބުރީގެ ޢިމާރާތުގެ ތެރެއިން ފުރަތަމަ އަދި ދެވަނަ ފްލޯރ ހުސްކުރުމަށް އަޙްމަދު ލަޠީފްއަށް އަންގާނެ ތަނެއް ނެތް ކަމަށެވެ.
9ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ނިންމުން އަލްމަރްޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެކޯޓުގެ ނަންބަރު 2019/HC-A/599 ޤަޟިއްޔާއިން ބެލި އެ އިސްތިއުނާފީ މައްސަލައިގައި ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3697/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
10އޭގެ ފަހުން، 16 އެޕްރީލް 2007 ގެ އެއްބަސްވުމުގެ މުއްދަތު 10 ސެޕްޓެންބަރު 2022 ގެ ނިޔަލަށް ހަމަވާތީ، ގޯތީގައި ހުރި 06 (ހައެއް) ބުރީގެ ޢިމާރާތުގެ ތެރެއިން އަޙްމަދު ލަޠީފްގެ ބެލުމުގެ ދަށުގައިވާ 02 (ދޭއް) ފްލޯރގައި ހުރި އެންމެހައި ތަކެތި ނެރެ، ތަން ހުސްކޮށް، ތަން ހަވާލުކުރުމަށް އަންގައި އަލްމަރްޙޫމް އަޙްމަދު މުންޢިމްގެ ވާރިސުންގެ ފަރާތުން މަރްޔަމް ޖަނާން މުންޢިމް 21 އޮގަސްޓް 2022 ގައި އަޙްމަދު ލަޠީފް އަށް ސިޓީއެއް ފޮނުވިއެވެ. އަދި 12 ސެޕްޓެންބަރު 2022 ގައި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން އަޙްމަދު ލަޠީފްއަށް އިތުރު ސިޓީއެއް ފޮނުވައި، 16 އޭޕްރީލް 2007 ގެ އެއްބަސްވުމުގެ މުއްދަތު 10 ސެޕްޓެންބަރު 2022 ގެ ނިޔަލަށް ހަމަވެފައިވާތީ، އަޙްމަދު ލަޠީފް ދިރިއުޅޭ ފުރަތަމަ ފްލޯރއަށް ދުވާލަކަށް -/750ރ. (ހަތްސަތޭކަ ފަންސާސް ރުފިޔާ) ގެ މަގުން 15 (ފަނަރަ) ދުވަހުގެ ކުއްޔަށްވާ -/11,250ރ. (އެގާރަހާސް ދުއިސައްތަ ފަންސާސް ރުފިޔާ) އާއި، ދެވަނަ ފްލޯރއަށް ދުވާލަކަށް -/433ރ. (ހަތަރު ސަތޭކަ ތިރީސް ތިން ރުފިޔާ) ގެ މަގުން 20 (ވިހަ) ދުވަހުގެ ކުއްޔަށްވާ -/8,660ރ. (އަށްހާސް ހަސަތޭކަ ފަސްދޮޅަސް ރުފިޔާ) އާއެކު ޖުމްލަ -/19,910ރ. (ނަވާރަހާސް ނުވަސަތޭކަ ދިހަ ރުފިޔާ)، ސިޓީ ލިބުމާއެކު ހަވާލުކޮށްދިނުމަށް އެދޭކަމުގައި ބަޔާންކޮށްފައިވެއެވެ.
11ބަޔާންކުރެވުނު ސިޓީތައް ލިބުމާއި ގުޅިގެން އަޙްމަދު ލަޠީފްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.
ސިވިލް ކޯޓުގެ ނަންބަރު 3275-CVC-2022 ޤަޟިއްޔާ
12ސިވިލް ކޯޓުގެ ނަންބަރު 3275-CVC-2022 ޤަޟިއްޔާގެ ގޮތުގައި ހުށަހެޅުނު އެ މައްސަލައިގައި އަޙްމަދު ލަޠީފްގެ ފަރާތުން އެދިފައިވަނީ ޢިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފްލޯރ ބޭނުންކުރުމުގެ ހައިސިއްޔަތު އޭނާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އަޙްމަދު ލަޠީފްގެ ފަރާތުން އެ ދަޢުވާގައި ބަޔާންކޮށްފައިވާ ގޮތުން، 16 އޭޕްރީލް 2007 ގެ އެއްބަސްވުމުގެ މުއްދަތު 01 ޖުލައި 2022 ގައި ހަމަވެފައިވާނަމަވެސް، 13 ޖޫން 2007 ގައި އަޙްމަދު ލަޠީފްއާއި ޢާބިދާ ޢީސާއާދެމެދު އިތުރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން، 16 އޭޕްރީލް 2007 ގެ އެއްބަސްވުމުގައިވާ ކަންކަން އަޙްމަދު ލަޠީފްގެ ފަރާތުން ކޮށްފައިވާތީ، ޢިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފްލޯރ އިތުރު އެއްވެސް ކުއްޔާއި ނުލައި އިތުރު 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް އަޙްމަދު ލަޠީފްއަށް ލިބިދީފައިވާ ކަމުގައި އަޙްމަދު ލަޠީފް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، 13 ޖޫން 2007 ގައި ވެފައިވާކަމަށް ބުނާ އެއްބަސްވުމުގެ ދަށުން އަޙްމަދު ލަޠީފްއަށް ކުއްޔަކާއި ނުލައި އިތުރު 03 (ތިނެއް) އަހަރުގެ މުއްދަތު ލިބިދީފައިވަނީ ޢިމާރާތް ކުރުމަށް ފުރަތަމަ އެއްބަސްވި ޢިމާރާތުގެ ސައިޒަށް ބަދަލުއައިސްފައިވާތީ، އަޙްމަދު ލަޠީފްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަމުގައިވެސް ސިވިލް ކޯޓުގައި ހިނގި އެ މައްސަލައިގެ ތެރެއިން، އަޙްމަދު ލަޠީފް ފާހަގަކޮށްފައިވެއެވެ.
13ސިވިލް ކޯޓުން ބެލި އެ (ކޯޓުގެ ނަންބަރު 3275-CVC-2022) މައްސަލައިގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ 13 ޖޫން 2007 ގައި ޢާބިދާ ޢީސާއާއި އަޙްމަދު ލަޠީފްއާ ދެމެދު ވެފައިވާ ކަމަށް ބަޔާންކޮށް އަޙްމަދު ލަޠީފް ހުށަހަޅާފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ޝަރީޢަތަށް ސާބިތުނުވާކަމަށާއި، އެ އެއްބަސްވުމުގެ މުއްދަތުގައި ހ.ޖީމާ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފްލޯރ ބޭނުންކުރުމުގެ ހައިސިއްޔަތު އަޙްމަދު ލަޠީފްއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދެވޭނެ ހަމައެއް ނެތުމުން، ސިވިލް ކޯޓުން މައްސަލައިގެ ޙުކުމް ކުރި ދުވަހުން (10 ޑިސެންބަރު 2023 އިން) ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި (10 ޖަނަވަރީ 2024 ގެ ކުރިން) ހ.ޖީމާ ގޭގެ ފުރަތަމަ އަދި ދެވަނަ ފްލޯރގައި އަޙްމަދު ލަޠީފްގެ ފަރާތުން ބަހައްޓާފައި ހުރި ތަކެއްޗާއި މީހުން ހުސްކޮށް، އެ ތަންތަން މަރްޔަމް ޖަނާން މުންޢިމްއާ ހަވާލުކުރުމަށާއި، މަދަނީ ކޯޓުގެ ނަންބަރު MC/C-235/2007 އެއްބަސްވުމުގެ މުއްދަތު 31 ޖުލައި 2022 ގައި ހަމަވުމަށްފަހު، ހ.ޖީމާ އެވެ ކިޔާ ގޭގެ ފުރަތަމަ އަދި ދެވަނަ ފްލޯރ ބޭނުންކޮށްފައިވާ ދުވަސްތަކަށް އަދި ތަންހުސްކުރުމާއި ހަމައަށް ފުރަތަމަ ފްލޯރއަށް ދުވާލަކަށް -/750ރ. (ހަތްސަތޭކަ ފަންސާސް ރުފިޔާ) ގެ މަގުން އަދި ދެވަނަ ފްލޯރއަށް ދުވާލަކަށް -/433ރ. (ހަތަރު ސަތޭކަ ތިރީސް ތިން ރުފިޔާ) ގެ މަގުން، އަޙްމަދު ލަޠީފްގެ ފަރާތުން ހ.ޖީމާ އެވެ ކިޔާ ގޭގެ ވެރިފަރާތްތައް ކަމުގައިވާ ހ.ކޯޒީރައުންޑް / މާލެ، ޙައްވާދީދީ އާއި ހ.ކޯޒީރައުންޑް / މާލެ، މުޙައްމަދު ޖައިޝް ބިން އަޙްމަދު އާއި ހ.ކޯޒީރައުންޑް / މާލެ، ޖަޒްލާން ބިން އަޙްމަދު މުންޢިމް އާއި ހ.ކޯޒީރައުންޑް / މާލެ، މަރްޔަމް ޖަނާން މުންޢިމް އަށް ކުލި ދައްކަންޖެހޭ ކަމަށް ކަނޑައަޅައި، 10 ޑިސެންބަރު 2023 އާއި ހަމައަށް ތަނުގެ ކުލީގެ ގޮތުގައި ޖުމްލަ ދައްކަންޖެހޭ -/586,768ރ. (ފަސްލައްކަ އަށްޑިހަހަހާސް ހަތްސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ) އަކީ އަޙްމަދު ލަޠީފްގެ ފަރާތުން ހ.ޖީމާ ގޭގެ މިލްކުވެރި ފަރާތްތަކަށް ލިބިދިނުމުގެ ގޮތުން 10 ޑިސެންބަރު 2023 އިން ފެށިގެން މަސް ހަމަކޮށް 06 (ހައެއް) މަސްދުވަހުގެ ތެރޭގައި (10 ޖޫން 2024 ގެ ކުރިން) ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ މިންވަރަށްވުރެ މަދު ނޫން މިންވަރަކުން ސިވިލް ކޯޓަށް ދައްކަމުން ގޮސް ޚަލާޞްކުރުމަށް އަޙްމަދު ލަޠީފްއަށް އަންގައި، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން -/40,000ރ. (ސާޅީސް ހާސް ރުފިޔާ) ދޭންޖެހޭ ކަމަށް ކަނޑައަޅައި، މި ފައިސާ މަރްޔަމް ޖަނާން މުންޢިމްއަށް ލިބިދިނުމުގެ ގޮތުން 25 ޑިސެންބަރު 2023 ގެ 12:00 ގެ ކުރިން ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް އަޙްމަދު ލަޠީފްއަށް އަންގައެވެ.
14ސިވިލް ކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
14.1 13 ޖޫން 2007 ގައި ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫން ކަމުގައި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ސުވާލު އުފައްދާފައިވާތީ، މި އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކޮށްދިނުމަކީ އަޙްމަދު ލަޠީފްގެ މައްޗަށް އޮންނަ ބުރައެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލަށް ބެލުމުން އެނގޭކަން.
14.2 ބަހުސްގެ ބޭނުމަށްޓަކައި 13 ޖޫން 2007 ގައި ސޮއިކޮށްފައިވާ ކަމަށް ބުނާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ބެލިނަމަވެސް، އެއްވެސް ކުއްޔަކާއި ނުލައި އިތުރު 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ހ. ކޯޒީހައުސް (މިހާރު ޖީމާ)، މާލެ އެވެ ކިޔާ ގޯތީގެ ފުރަތަމަ އަދި ދެވަނަ ފްލޯރ އަޙްމަދު ލަޠީފްއަށް ބޭނުން ކުރެވޭގޮތަށް ވެފައިވާކަމަށް ބުނާ އެއްބަސްވުމަކީ އެއްވެސް މުޤާބިލެއް ނެތް އެއްބަސްވުމެއް ކަމުގައިވާތީ، އެ އެއްބަސްވުމަކީ ތަންފީޒުކޮށްދެވޭނެ އެއްބަސްވުމެއް ނޫންކަން.
14.3 އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކުރުމަށްޓަކައި އަޙްމަދު ލަޠީފްގެ ފަރާތުން 3 (ތިނެއް) ޝަފަހީ ހެކިންގެ ނަން ހުށަހަޅާފައިވާ ނަމަވެސް، އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހަޅާފައިވަނީ އޭގެތެރެއިން ފާޠިމަތު ޙުސައިންގެ ހެކީގެ ބަޔާން އެކަނި ކަމާއި، އެ ފަރާތް ޝަރީޢަތަށް ޙާޟިރުކޮށް އެ ފަރާތުގެ ހެކިބަސް ޝަރީޢަތުގައި ނެގުމަށް އެދިފައި ނުވާކަމާއި، ދެން ތިބި ދެ ހެކީންގެ ހެކީގެ ބަޔާނެއް ނުވަތަ މި ފަރާތްތަކުގެ ހެކީގެ ޚުލާޞާ ބަޔާނެއްވިޔަސް އަޙްމަދު ލަޠީފްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ނުވާކަން.
14.4 ފާޠިމަތު ޙުސައިންގެ ހެކިބަސް ޝަރީޢަތުގައި ނަގައިދިނުމަށް އަޙްމަދު ލަޠީފްގެ ފަރާތުން އެދިފައިނުވުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 326 ވަނަ މާއްދާގެ (ހ) އަށް ބެލުމުން، އެ ހެކީގެ ބަޔާން ބެލެވެނީ އިވުނު ކަމަށް ބުނާ ހެކީގެގޮތުގައި ކަމުގައާއި، ބަހުސްގެ ބޭނުމަށް އެ ބަޔާނަށް ބުރަދަނެއް ދިނުމަށް ބެލިނަމަވެސް، ޢާބިދާ ޢީސާއާއި އަޙްމަދު ލަޠީފް އާއި ދެމެދު 13 ޖޫން 2007 ގައި ވެފައިވާ 02 (ދޭއް) އެއްބަސްވުމެއް ފެންނަން އޮތުމުން، ފާޠިމަތު ޙުސައިންގެ ބަޔާނުގައި އިޝާރާތްކުރަނީ އޭގެ ތެރެއިން ކޮން އެއްބަސްވުމަކަށްކަން އެނގެން ނެތުމުން، އެ ހެކީގެ ބަޔާނުގެ މައްޗަށް ބަލައި އެއްވެސް ކަމެއް ސާބިތުކުރެވެން ނެތްކަން.
14.5 މައްސަލައިގައި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހުށަހަޅާފައިވާ ރައްދު ދަޢުވާގައި ހޯދުމަށް އެދިފައިވާ ކުއްޔާއި ގުޅިގެން އަޙްމަދު ލަޠީފްއަށް ޖަވާބުދާރީވެ ދިފާޢުވުމުގެ ފުރުޞަތު ލިބިފައިވާ ނަމަވެސް، މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހޯދުމަށް އެދި ހުށަހަޅާފައިވާ ފައިސާއާ މެދު ސުވާލު އުފައްދައި ތަޢުނުކުރުމުގެ ފުރުޞަތު ލިބިމެ، އަޙްމަދު ލަޠީފްގެ ފަރާތުން އެކަން އެމަގުން ކޮށްފައިނުވާތީ، މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން އެދިފައިވާ ގޮތަށް އެ ފައިސާ ނަގައިދޭންޖެހޭކަން.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާ
15ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3275 ޤަޟިއްޔާގެ ނިންމުން އަޙްމަދު ލަޠީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާއިން ބަލައި ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއިދުކޮށެވެ.
16ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްގެންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
16.1 ޚުޞޫމާތު އުފެދިފައިވާ އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކުރުމަށް ދަށު ކޯޓަށް އެއްބަސްވުމުގެ އަސްލު ހުށަހަޅާފައިވާ ކަމަށް އަޙްމަދު ލަޠީފްގެ ފަރާތުން ބުނިނަމަވެސް، އެފަދައިން އެއްބަސްވުމުގެ އަސްލު ހުށަހަޅާފައިނުވާކަން އެނގޭ ކަމަށާއި، އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ޝަފަހީ ހެކީގެ ތެރެއިން ޢަބްދުލް ޙަމީދު ޢަބްދުލްފައްތާޙު އަދި މުޙައްމަދު ވަޙީދުއަކީ މި އެއްބަސްވުމުގައި ހެކިންގެ ގޮތުގައި ސޮއިކުރި ކަމަށް ފެންނަން އޮތް ދެ ފަރާތް ކަމުގައިވާ ނަމަވެސް، މި ދެ ފަރާތުގެ ހެކީގެ ބަޔާން ހުށަހަޅާފައިނުވާކަން.
16.2 މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހުށަހަޅާފައިވާ މުޙައްމަދު ވަޙީދުގެ ހެކީގެ ޚުލާޞާ ބަޔާނަށް ބެލިނަމަވެސް، 16 އޭޕްރީލް 2007 ގެ އެއްބަސްވުމުގެ މުއްދަތު 3 (ތިނެއް) އަހަރު ދުވަހަށް އިތުރުކުރުމަށް 13 ޖޫން 2007 ގައި ވެފައިވާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އަޙްމަދު ލަޠީފްގެ ފަރާތުން ބުނާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ބެލެވޭނެ މިންވަރަށް ހެކީގެ ބަޔާނުން ދަލާލަތުކޮށްދޭ ގޮތެއް އަޙްމަދު ލަޠީފްގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްނުދެވޭކަން.
16.3 މައްސަލައިގައި ފާޠިމަތު ޙުސައިންގެ ހެކިބަސް ނެގުމަށް 2023 ސެޕްޓެންބަރު މަހުގައި ސިވިލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި އެދިފައިވާނެ ކަމުގައި އަޙްމަދު ލަޠީފްގެ ފަރާތުން ބުނި ނަމަވެސް، 14 ސެޕްޓެންބަރު 2023 އާއި 12 އޮކްޓޫބަރު 2023 ގައި ބޭއްވުނު އަޑުއެހުމުގައިވެސް އެ ފަރާތުގެ ހެކިބަސް ޝަރީޢަތުން ނަގައިދިނުމަށް އެދިފައި ނުވާކަން އަޑުއެހުންތަކުގެ ރެކޯޑުން އެނގޭކަން.
16.4 13 ޖޫން 2007 ގައި ވެފައިވާކަމަށް ބުނާ އެއްބަސްވުމަކީ، ޢިމާރާތުގެ ސައިޒަށް ބަދަލު އައިސްފައިވާތީ އަޙްމަދު ލަޠީފަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ފުރަތަމަ ފްލޯރ އަދި ދެވަނަ ފްލޯރ އިތުރު 3 (ތިނެއް) އަހަރު ދުވަހަށް ދިނުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުމުގެ މުޤާބިލަކީ އެއީ ކަމުގައި އަޙްމަދު ލަޠީފްގެ ފަރާތުން ބުނިނަމަވެސް، ޢިމާރާތުގެ ސައިޒަށް އައި ބަދަލާއި ގުޅިގެން ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމަކީ 03 ސެޕްޓެންބަރު 2007 ގެ އެއްބަސްވުންކަމާއި، އެކަމުގެ މުޤާބިލު ހިމެނެނީ އެ އެއްބަސްވުމުގައިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/298 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ [2022] SC 72 މައްސަލައިގައި ކަނޑައަޅާފައިވާކަން.
16.5 ހައިކޯޓު މަރުހަލާގައި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހުށަހަޅާފައިވާ އައު ހެއްކަކީ ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާ ހިނގަމުން ދިޔައިރު، 19 މާރިޗު 2018 ގައި އަޙްމަދު ލަޠީފް ދީފައިވާ ހެކިބަހެއް ކަމުގައިވާއިރު، އެ މައްސަލައިގެ ޙަޞްމަކަށް މަރްޔަމް ޖަނާން މުންޢިމް ނުވާހިނދު، އަދި އެއީ މިހާރު ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢާ ގުޅޭ ލިޔެކިޔުންތަކެއް ކަމުގައި ނުވާއިރު، އެ ލިޔެކިޔުންތަކަކީ މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ފަރުވާތެރި ކަމާއެކު މަސައްކަތްކުރި ނަމަވެސް ވުޖޫދުގައިވާ ލިޔުމެއްކަން އެ ފަރާތަށް އެނގެންޖެހޭ ލިޔުމެއް ނޫންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަދި ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކުރުމުން، މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހުށަހަޅާފައިވާ އައު ހެކި ބަލައިގަންނަންޖެހޭ ކަމަށާއި؛ ސިވިލް ކޯޓުގެ ނަންބަރު 2747/Cv-C/2017 ޤަޟިއްޔާގައި އަޙްމަދު ލަޠީފް ދީފައިވާ ހެކިބަހަށް ބަލާއިރު، އަލްމަރްޙޫމް ޢާބިދާ ޢީސާއާއެކު އެއްބަސްވުމެއް ވެފައިވާކަމާއި، އެ އެއްބަސްވުމަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެއްބަސްވުމެއް ކަމުގައި އަޙްމަދު ލަޠީފް ބުނެފައިވާއިރު، މި ނޫން އިތުރު އެއްބަސްވުމެއް އޮންނާނެތޯ ޝަރީޢަތުން ސުވާލުކުރުމުން "ނޯންނާނެ" މިފަދައިން އަޙްމަދު ލަޠީފް ބުނެ، އަދި އެތަން ހެދުމަށް އަޙްމަދު ލަޠީފް ކުރި ޚަރަދުގެ ބަދަލަކީ އެއްބަސްވުން 15 (ފަނަރަ) އަހަރު ދުވަހަށްވުންތޯ ޝަރީޢަތުން ސުވާލުކުރުމުން އެއީ އެ ފައިސާގެ ބަދަލު ކަމުގައި އަޙްމަދު ލަޠީފް ބުނެ ހެކި ބަސްދީފައިވުމުން، މި މައްސަލައިގެ އިސްތިއުނާފުގައި މުޤާބިލާ ގުޅޭގޮތުން އަޙްމަދު ލަޠީފް ދައްކާ ވާހަކަ ނަފީވެގެންދާކަން.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް އަދި އޭގެ ރައްދު
17ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ ނިންމުމާމެދު ހިތްހަމަނުޖެހޭތީ، އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ގޮތުން އަޙްމަދު ލަޠީފްގެ ފަރާތުން އަންނަނިވި 3 (ތިނެއް) ސަބަބު ހުށަހަޅާފައިވެއެވެ.
17.1 13 ޖޫން 2007 ގައި ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށްކަން.
17.2 13 ޖޫން 2007 ގައި ވެފައިވާ އެއްބަސްވުމުގައި ކޮންސިޑަރޭޝަން ފުރިހަމަވެފައި ނުވާކަމަށް ނިންމާފައިވަނީ ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާއަށް ރިޢާޔަތްކުރުމެއް ނެތި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެޓްކާބެހޭ ޤާނޫނު) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަން.
17.3 ކުލީގެ މިންވަރާމެދު ސިވިލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖެޓަން ޓްރެވަލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް [2024] SC 39 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަން.
18އިސްވެ ބަޔާންކުރި 3 (ތިނެއް) އިސްތިއުނާފީ ނުކުތާ ވަކިވަކިން ބެލުން މުހިންމުކަމުގައި ފެންނާތީ، އެއިން ކޮންމެ ކަމެއް ވަކި ސުރުޚީއެއްގެ ދަށުން ހިމަނާނަމެވެ.
(ހ) އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫންކަމަށް ކަނޑައަޅާފައިވުން
1913 ޖޫން 2007 ގައި ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ (މީގެ ފަހުން "އެޕޯލޯ ހޯލްޑިންގްސް މައްސަލަ") ގައި ކަނޑައަޅާފައިވާ އުސޫލު އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށް ކަމަށް އަޙްމަދު ލަޠީފްގެ ފަރާތުން ބުނެ ހުށަހަޅާފައިވާ ނުކުތާއާ ގުޅިގެން އަޙްމަދު ލަޠީފްގެ ފަރާތުން ބަޔާންކޮށްފައިވާ ކަންކަން ފާހަގަކުރުމުގެ ކުރިއަށް، އަޙްމަދު ލަޠީފްގެ ފަރާތުން އެޕޯލޯ ހޯލްޑިންގްސް މައްސަލައަށް ހަވާލާދީ ހައިކޯޓަށް ހުށަހެޅި ނުކުތާ އަދި އެ ނުކުތާއާ ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަލާލާނަމެވެ.
20އަޙްމަދު ލަޠީފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި 04 (ހަތަރެއް) އިސްތިއުނާފީ ނުކުތާގެ ތެރެއިން ފުރަތަމަ ނުކުތާގައި އޮތީ، ސިވިލް ކޯޓުން ޚުޞޫމާތް އުފެދިފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުން (13 ޖޫން 2007 ގައި ސޮއިކުރި އެއްބަސްވުން ކަމުގައި ބުނެ އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހެޅި އެއްބަސްވުން) ގެ ޞައްޙަކަން ކަށަވަރުކޮށްފައިވަނީ އެޕޯލޯ ހޯލްޑިންގްސް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް މާނަކޮށްފައިވާތީ، އެ (ސިވިލް ކޯޓުގެ) ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމުގައެވެ. އެހެންކަމުން، އެ ކޯޓަށް ހުށަހެޅުނު އެ އިސްތިއުނާފީ ނުކުތާއަށް ގޮތް ކަނޑައެޅުމުގައި، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ އެޕޯލޯ ހޯލްޑިންގްސް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަން ނުވަތަ ނޫންކަމުގެ މައްޗަށް ހައިކޯޓުން ބަލާފައިވެއެވެ. އެގޮތުން:
20.1 އެޕޯލޯ ހޯލްޑިންގްސް މައްސަލައަށް ހަވާލާދީ އަޙްމަދު ލަޠީފްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރޭގައި، އެއްބަސްވުމުގައި ސޮއިކުރި ފަރާތުން އެއްބަސްވުމުގައި ސޮއިކުރުމާމެދު އިންކާރުކޮށްފައި ނުވާކަން އަޙްމަދު ލަޠީފްގެ ފަރާތުން ފާހަގަކޮށްފައި އޮތުމުން، 13 ޖޫން 2007 ގައި ވެފައިވާ ކަމަށް ބުނާ އެއްބަސްވުމުގެ އަނެއް ބައިވެރިޔާ ކަމުގައިވާ ޢާބިދާ ޢީސާ ނިޔާވެފައިވާތީ، އޭނާއަށް އެއްބަސްވުމަށް އިންކާރުކުރުމުގެ ނުވަތަ އެއްބަސްވުމާމެދު ބަސްބުނުމުގެ ފުރުސަތު ނެތް ކަމަށާއި، ޢާބިދާ ޢީސާގެ ފަރާތުން ބަސްބުނުމަށް ތިބީ އޭނާގެ ވާރިސުންކަމާއި، ޢާބިދާ ޢީސާގެ ވާރިސެއްގެ ހައިސިއްޔަތުން އަދި ދަށުކޯޓުގައި ދަޢުވާ ރައްދުވި ފަރާތުގެ ހައިސިއްޔަތުން، މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން އެއްބަސްވުމަށް އިންކާރުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.
20.2 13 ޖޫން 2007 ގައި ސޮއިކުރި ކަމުގައި ބުނާ އެއްބަސްވުމުގެ އަސްލު ހުށަހެޅުމަށް ކޯޓުން އަންގާފައިނުވާކަން އަޙްމަދު ލަޠީފްގެ ފަރާތުން ފާހަގަކޮށްފައި އޮތުމުން، ޝަރީޢަތަށް ޙަޞްމަކު ހުށަހަޅާ ލިޔުމެއްގެ ޞައްޙަކަމާމެދު ސުވާލު އުފެދިއްޖެނަމަ، އެ ލިޔުމަކީ ޞައްޙަ ލިޔުމެއްކަން ސާބިތުކޮށްދިނުމުގެ ޒިންމާ އޮންނަނީ އެ ލިޔުމެއް ހުށަހެޅި ފަރާތުގެ ކިބައިގައި ކަމަށާއި، އެފަދަ ހާލަތެއްގައި އެ ލިޔުމެއްގެ އަސްލު ޝަރީޢަތަށް ހުށަހެޅުމަކީ ކޯޓުން ނުވަތަ އެހެންވެސް ފަރާތަކުން އަންގައިގެން ކުރަންޖެހޭ ކަމެއް ނޫންކަމުގައި ހައިކޯޓުން ކަނޑައަޅާފައިވެއެވެ.
20.3 އެޕޯލޯ ހޯލްޑިންގްސް މައްސަލައަށް ހަވާލާދީ، 13 ޖޫން 2007 ގައި ސޮއިކުރި އެއްބަސްވުން ކަމުގައި ބުނެ އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހެޅި އެއްބަސްވުމަކީ ޞައްޙަ ލިޔުމެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން އަޙްމަދު ލަޠީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކިން ޙާޟިރުކޮށްފައި ނުވާކަމުގައި ބުނެ އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމާއި ގުޅިގެން، އެ އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކުރުމަށް 3 (ތިނެއް) ހެއްކެއްގެ ނަން އަޙްމަދު ލަޠީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި އޮތް ނަމަވެސް، އެ ހެކިންގެ ތެރެއިން ހެކީގެ ބަޔާނެއް ހުށަހަޅާފައިވަނީ ހަމައެކަނި ފާޠިމަތު ޙުސައިންގެ ކަމަށާއި، އޭނާއަކީ ޚުޞޫމާތް އުފެދިފައިވާ އެއްބަސްވުމުގައި ސޮއިކުރިއިރު އެތަނުގައި ހާޟިރުވެ ހުރި ފަރާތެއް ނޫންކަމުގައާއި، އެ އެއްބަސްވުމުގައި ސޮއިކުރިއިރު އެތަނުގައި ހާޟިރުވެތިބި ކަމަށް ފެންނަން އޮތް ޢަބްދުލްޙަމީދު ޢަބްދުލްފައްތާޙު އާއި މުޙައްމަދު ވަޙީދުގެ ނަން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ނަމަވެސް، އެ ދެފަރާތުގެ ހެކީގެ ބަޔާން އަޙްމަދު ލަޠީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ނުވާކަމުގައި ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި އަޙްމަދު ލަޠީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމުގައި ބުނެ ހަވާލާދީފައިވާ ހެކީގެ ބަޔާނަކީ މުޙައްމަދު ވަޙީދުގެ ހެކީގެ ހުލާސާ ބަޔާނެއް ކަމުގައާއި، އެ ބަޔާނަށް ބެލި ނަމަވެސް، 13 ޖޫން 2007 ގައި ސޮއިކުރި އެއްބަސްވުން ކަމުގައި ބުނެ ހުށަހަޅާފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަން އެ ހުލާސާ ބަޔާނުން ދަލާލާތުކޮށްދޭ ގޮތެއް އަޙްމަދު ލަޠީފްގެ ފަރާތުން ބަޔާންކޮށްދެވިފައިނުވާ ކަމަށް ވެސް ހައިކޯޓުން ބަޔާންކޮށްފައިވެއެވެ.
21އެހެންކަމުން، ހައިކޯޓުން އެ ނުކުތާގައި ގޮތް ކަނޑައަޅާފައިވަނީ އެ ސަބަބުތަކަށްޓަކައި، 13 ޖޫން 2007 ގައި ސޮއިކުރި އެއްބަސްވުން ކަމުގައި ބުނެ އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހެޅި އެއްބަސްވުމުގެ ޞައްޙަކަން ކަށަވަރުކުރުމުގައި ސިވިލް ކޯޓުން އެޕޯލޯ ހޯލްޑިންގްސް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފުވެފައިވާ ކަމުގައި ބެލެވެން ނެތް ކަމުގައި ކަނޑައަޅައެވެ.
22ހައިކޯޓުން ކަނޑައަޅާފައި މި ކަނޑައެޅުމަކީ އެޕޯލޯ ހޯލްޑިންގްސް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކާ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމުގައި ބުނެ އަޙްމަދު ލަޠީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި، އޭނާގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ:
22.1 އެޕޯލޯ ހޯލްޑިންގްސް މައްސަލައިގައި، އަމިއްލަ ޑޮކިއުމަންޓެއްގައި ހިމެނޭ ކަންކަން ސާބިތުކުރެވޭނީ އެ ޑޮކިއުމަންޓުގެ އަސްލު ހުށަހަޅައިގެން ނުވަތަ އެޑޮކިއުމަންޓުގެ އަސްލު ވުޖޫދުގައި އޮތް ނަމަވެސް ނެތް ނަމަވެސް ކޯޓުން ޤަބޫލުކުރާ ގޮތަކަށް އެ ޑޮކިއުމަންޓުގެ ނުވަތަ އެ ޑޮކިއުމަންޓްގެ ކަމާބެހޭ ބައިގެ ކޮޕީއަކީ އަސްލާ އެއްގޮތް ކޮޕީއެއް ކަމަށް ބަޔާންކޮށް ތަސްދީގުކޮށްފައިވާ ކޮޕީއަކުން ކަމުގައާއި؛
22.2 ޑޮކިއުމަންޓުގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހާ ހިނދަކު އެ ޑޮކިއުމަންޓަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ސޮއިކޮށްފައިވާ ޞައްޙަ ޑޮކިއުމަންޓެއް ކަމަށް ބެލެވޭނެކަމަށާއި، އެ ޑޮކިއުމަންޓުގައި ހިމެނިފައިވާ ބަޔާންތަކާއި ވާގިއާތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައި ހިނދަކު، ޞައްޙަ ބަޔާންތަކާއި ވާގިއާތަކެއް ކަމުގައި ބެލެވޭނެކަމަށާއި؛
22.3 އަމިއްލަ ޑޮކިއުމަންޓެއްގައިވާ ސޮޔާމެދު ނުވަތަ އެ ޑޮކިއުމަންޓެއްގެ ޞައްޙަކަމާމެދު މައްސަލައިގެ އަނެއް ޚަޞްމު އިންކާރުކޮށްފިނަމަ، އެ ކަންކަން ސާބިތުކުރެވޭނީ އެކަންކަން ސާބިތުކުރުމަށް އާންމު އުސޫލުން ހެކި ހުށަހަޅައިގެން ކަމުގައާއި؛
22.4 ޑޮކިއުމަންޓެއްގެ ޞައްޙަކަމާ މެދު ޑޮކިއުމަންޓް ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތުން އިންކާރުކޮށްފިނަމަ އެ ޑޮކިއުމަންޓުގެ ޞައްޙަކަން ސާބިތުކޮށްދިނުމަކީ އެ ޑޮކިއުމަންޓް ހުށަހެޅި ފަރާތުގެ ޒިންމާއެއް ކަމުގައާއި، ޑޮކިއުމަންޓަކާ މެދު ޚަޞްމުންގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ، އެ ޑޮކިއުމަންޓު ހެކީގެ ގޮތުގައި ހުށަހެޅި ޚަޞްމަށް ކޯޓުން އަންގަންވާނީ އެޑޮކިއުމަންޓްގެ އަސްލު (އަސާސީ ހެކި) ހުށަހެޅުމަށާއި، އެ ލިޔުމުގައި ސޮއިކުރި ފަރާތް ދުނިޔޭގައި ހުރިނަމަ އެ ފަރާތާއި، އެ ލިޔުންތައް ތައްޔާރުކުރި މީހުންނާއި، އެ ލިޔުމުގައި ސޮއިކުރިއިރު ބަޔަކު ހެކިންގެ ގޮތުގައި ތިބިނަމަ، އެބަޔަކާއި އަދި އެ ނޫންވެސް އެހެން ސާނަވީ ހެކި ހުރިނަމަ އެ ހެއްކެއް ހުށަހެޅުމަށްކަން އެޕޯލޯ ހޯލްޑިންގްސް މައްސަލައިގައި ކަނޑައަޅާފައިވާއިރު، އަޙްމަދު ލަޠީފްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވަނީ ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ އަސްލުން ސްކޭންކޮށްފައިވާ ކުލަ ކޮޕީއެއް ކަމުގައާއި، އެ އެއްބަސްވުމުގެ އޮރިޖިނަލް ހުށަހެޅުމަށް ޝަރީޢަތުން އަންގާފައިނުވާކަން؛ އަދި
22.5 މަދަނީ އިޖުރާއާތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، 13 ޖޫން 2007 ގައި އެއްބަސްވުމުގައި ސޮއިކުރިއިރު އެތާނގައި ހުރި ފާޠިމަތު ޙުސައިންގެ ނަން ހެއްކެއްގެ ގޮތުގައި ހުށަހަޅައި، ފިންގަރ ޕްރިންޓްޖަހާފައިވާ ފާޠިމަތު ޙުސައިންގެ ބަޔާނެއް ޝަރީޢަތަށް ހުށަހަޅާފައިވާއިރު، އެ ހެކިބަހަށް އެއްވެސް ވަރަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަން، މިއެވެ.
23އެހެންކަމުން، 13 ޖޫން 2007 ގައި ވެފައިވާ އެއްބަސްވުމުގެ އަސްލު ސިވިލް ކޯޓަށް ހުށަހަޅާފައި ނުވާކަމަށާއި، އެ ލިޔުން ހުށަހެޅުމަށް އެންގުމަކީ ކޯޓުން ކުރަންޖެހޭ ކަމެއް ނޫންކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށް އެއްބަސްވުމުގެ ޞައްޙަކަމާމެދު ހެކިން ހާޟިރުކުރުމެއް ނެތި ގޮތް ކަނޑައަޅާފައިވަނީ އެޕޯލޯ ހޯލްޑިންގްސް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް އަޙްމަދު ލަޠީފް ހުށަހަޅާފައިވެއެވެ.
24މި އިސްތިއުނާފީ ނުކުތާއަށް ރައްދު ދެމުން މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުން ދަޢުވާ ސާބިތުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޕޯލޯ ހޯލްޑިންގްސް މައްސަލައިގައިވާ ގޮތުގެ މަތިން 13 ޖޫން 2007 ގައި ވެފައިވާކަމަށް ބުނާ އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކޮށްދިނުމަކީ އަޙްމަދު ލަޠީފްގެ މައްޗަށް އޮތް ބުރައެއް ކަމަށާއި، އެ އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކުރުމަށް ޝަރީޢަތަށް ހުށަހަޅާފައިވަނީ އެއްބަސްވުމުގައި ހެއްކެއްގެ ގޮތުގައިވެސް ސޮއިކޮށްފައިނުވާ، އަދި އެއްބަސްވުމުގައި ސޮއިކުރިއިރު އެތަނުގައި ހުރި މީހަކަށްވެސް ނުވާ ފަރާތެއްގެ ހެކި ބަޔާނެއް އެކަނި ކަމަށްވާއިރު، އަދި އެ ހެކިވެރިޔާ ކޯޓަށް ހާޒިރުކުރުމަށް އަޙްމަދު ލަޠީފްގެ ފަރާތުން އެދިފައިނުވާއިރު، މައްސަލަ ނިންމުމުގައި ހައިކޯޓުން ޤާނޫނީ ނުވަތަ ޝަރުޢީ އުސޫލަކާ ޚިލާފުވެފައިވާ ގޮތެއް އަދި އެކަމުގައި އޮތް ޤާނޫނީ ބަހުސަކީ ކޮބައިކަން އަޙްމަދު ލަޠީފަށް ބުނެދީފައިނުވާކަމުގައެވެ.
25އަޙްމަދު ލަޠީފްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން އަހުރެން އެކަމުގައި ގޮތް ކަނޑައަޅާންޖެހެނީ (1) 13 ޖޫން 2007 ގައި ސޮއިކުރި ކަމަށް ބުނާ އެއްބަސްވުމުގެ އޮރިޖިނަލް ހުށަހެޅުމަށް ޝަރީޢަތުން އަންގާފައިނުވާ ކަމުގައި ބުނެ ހުށަހަޅާފައިވާ ހުށަހެޅުމަށާއި، (2) އެއްބަސްވުމުގެ ޞައްޙަކަމާމެދު ގޮތް ކަނޑައަޅާފައިވަނީ ހެކިން ހާޟިރުކުރުމެއް ނެތި ކަމުގައި ބުނެ ހުށަހަޅާފައިވާ ހުށަހެޅުމާގުޅިގެން ކަމުގައި އަހުރެން ދެކެމެވެ.
(1) އެއްބަސްވުމުގެ އޮރިޖިނަލް ހުށަހެޅުމަށް ޝަރީޢަތުން އަންގާފައިނުވުން
26އަޙްމަދު ލަޠީފްގެ ފަރާތުން ހަވާލާދީފައިވާ އެޕޯލޯ ހޯލްޑިންގްސް މައްސަލައިގައި، ކިތާބީ ހެއްކާބެހޭ ބައެއް އާންމު އުސޫލު ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ހިމަނާފައި އޮތްއިރު، ޑޮކިއުމަންޓެއްގެ ޞައްޙަކަމާމެދު ޚަޞްމުންގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ، ހެކީގެ ގޮތުގައި އެ ޑޮކިއުމަންޓު ހުށަހެޅި ފަރާތަށް ޑޮކިއުމަންޓުގެ އަސްލު ހުށަހެޅުމަށާއި، އެ ލިޔުމުގައި ސޮއިކުރި ފަރާތް ދުނިޔޭގައި ހުރިނަމަ އެ ފަރާތާއި، އެ ލިޔުން ތައްޔާރުކުރި މީހުންނާއި، އެ ލިޔުމުގައި ސޮއިކުރިއިރު ބަޔަކު ހެކިންގެ ގޮތުގައި ތިބިނަމަ އެ ބަޔަކާއި، އަދި އެނޫންވެސް އެހެން ސާނަވީ ހެކި ހުރިނަމަ އެ ހެއްކެއް ހުށަހެޅުމަށް ކޯޓުން އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
27HN1އެހެންކަމުން، އަޙްމަދު ލަޠީފްގެ ހުށަހެޅި އިސްތިއުނާފަށް ގޮތް ނިންމުމުގައި، ޝަރީޢަތަށް ޚަޞްމަކު ހުށަހަޅާ ލިޔުމެއްގެ ޞައްޙަކަމާމެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި އެ ލިޔުމަކީ ޞައްޙަ ލިޔުމެއްކަން ސާބިތުކޮށްދިނުމުގެ ޒިންމާ އޮންނަނީ އެ ލިޔުމެއް ހުށަހެޅި ފަރާތުގެ ކިބައިގައި ކަމަށާއި، އެފަދަ ހާލަތެއްގައި އެ ލިޔުމެއްގެ އަސްލު ޝަރީޢަތަށް ހުށަހެޅުމަކީ ކޯޓުން ނުވަތަ އެހެންވެސް ފަރާތަކުން އަންގައިގެން ކުރަންޖެހޭ ކަމެއް ނޫންކަމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، އެޕޯލޯ ހޯލްޑިންގްސް މައްސަލައިގައި ކިތާބީ ހެއްކާބެހޭ ބައެއް އާންމު އުސޫލު ހިމަނާފައި އޮތްއިރު، އަމިއްލަ ޑޮކިއުމަންޓެއްގައިވާ ސޮޔާމެދު ނުވަތަ އެ ޑޮކިއުމަންޓުގެ ޞައްޙަކަމާމެދު (އެ ޑޮކިއުމަންޓް ހުށަހެޅި ޚަސްމު ނޫން) މައްސަލައިގެ އަނެއް ޚަސްމު އިންކާރުކޮށްފިނަމަ، އެ ކަންކަން ދެން ސާބިތުކުރެވޭނީ އެ ކަންކަން ސާބިތުކުރުމަށް އާއްމު އުސޫލުން ހެކި ހުށަހަޅައިގެން ކަމުގައާއި، އެ ޑޮކިއުމަންޓެއްގެ ޞައްޙަކަން ސާބިތުކޮށް ދިނުމަކީ އެ ޑޮކިއުމަންޓު ހުށަހެޅި ފަރާތުގެ ޒިންމާއެއްކަމުގައިވެސް ބަޔާންކޮށްފައިވާކަން ފާހަގަކުރަންޖެހެއެވެ.
28އަދި މި ކަންކަމަކީ ހައިކޯޓުން އެ ނުކުތާއަށް ގޮތް ކަނޑައެޅުމުގައި ބަޔާންކޮށްފައިވާ ކަންކަން ކަމުގައިވެސް ފާހަގަކުރަމެވެ.
29ކޯޓުގެ ކުރިމައްޗަށް ހުށަހަޅާ ދަޢުވާ ނުވަތަ ދަފްޢު ސާބިތު ކުރުމުގެ ބުރަ އަކީ ޢާންމު އުސޫލުން އަބަދުވެސް އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތުން އުފުލަންޖެހޭ ބުރައެއް ކަމުގައި ކަނޑައަޅައި، ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ މައްސަލައިން ފެށިގެން މި ކޯޓުން ނިންމާފައިވާ ގިނަ ނިންމުންތަކެއްގައި ބަޔާންކޮށް، އެ އުސޫލު ވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިސްތިޤުރާރުވެފައެވެ.
30HN2މީގެ އިތުރުން، ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތް ހިމެނޭ ޤާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައި ކަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް ވ. އަތަމާ މެރައިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް [2021] SC 79 މައްސަލައާއި އޭގެ ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައި ބަޔާންކޮށްފައިވާ ހިނދު، މި އުސޫލަކީ ކޯޓުން ވަކި ކަމެއް މާނަކުރުމުގައި ގެންގުޅޭ އުސޫލަކަށްވުމުގެ އިތުރުން، ކޯޓުގެ ނިންމުންތައް ދޭހަކުރުމުގައާއި މާނަކުރުމުގައިވެސް ގެންގުޅެންޖެހޭ އުސޫލެކެވެ. އެހެނީ، ކޯޓުން ނިންމާ ނިންމުމެއްގައި ބަޔާންކުރާ ވަކި ޖުމްލައެއް، އެ ނިންމުމާ ގުޅިގެން ކޯޓުން ފާހަގަކޮށްފައިވާ އެހެނިހެން ކަންކަމާއި މުޅިން ވަކިކޮށް މާނަކުރުމުން ދޭހަވާ މާނައާއި، ކޯޓުގެ ނިންމުމުގައި ބަޔާންކުރާ ވަކިކަމެއް ބަޔާންކުރުމުގެ ތެރޭގައި ބަޔާންކުރާ ހުރިހާ ކަންކަމަށް ރިޢާޔަތްކޮށްގެން މާނަކުރުމުން ދޭހަވާ މާނަ ތަފާތުވާނެ ކަމުންނެވެ.
31HN3ހަމަ އެއާއެކު ފާހަގަކުރަންޖެހޭ އަނެއް ކަމަކީ، ކޯޓުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމަކީ ކޯޓުތަކުން ނަގަހައްޓަންޖެހޭ އެންމެ މުހިންމު އެއް އަސާސްކަމެވެ. އަދި ޚަސްމުންގެ މެދުގައި ހަމަހަމަކަން (equality of arms) ޤާއިމުކުރުމަކީ އެ އަސާސްގެ ދަށުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމެވެ. ޚަސްމުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް ބަލާއިރު، އެފަދަ ހަމަހަމަކަން ބިނާވަނީ ޚަސްމުންނަށް ހަމަހަމަ ފުރުސަތުދިނުމާއި، މައްސަލައިގައި ހިމެނޭ ހެއްކަށް އެކްސެސް ލިބިފައިވުމާއި، އެއް ޚަސްމަށް އަނެއް ޚަސްމުގެ މައްޗަށް ސީދާ އަދި ނުސީދާ ބާރާއި މަންފާ/އެޑްވާންޓޭޖް ލިބިނުދެވޭނެ ފަދައިން ޝަރީޢަތުގެ ކަންކަން ބައްޓަންކުރުމުގެ މައްޗަށެވެ. ކޯޓުތަކަށް އޭގެ ޒާތުން ބާރުތަކެއް ލިބިދީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާގުޅޭ ގޮތުން ތެދު ޙަޤީޤަތް ހޯދުމަށްޓަކައި ކޮންމެ ވަގުތެއްގައިވިޔަސް މައްސަލައިގެ ޚަސްމުންނާއި ހެކިވެރިންނަށް ބޭނުން ސުވާލެއް ކުރުމުގެ، ނުވަތަ ކޯޓަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު ލިބިދީފައިވާ ނަމަވެސް، ދިވެހިރާއްޖެ ފަދަ، ޤާނޫނީ ނިޒާމުގެ ގިނަ ކަންކަން ކޮމަން ލޯގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ، އެޑްވަސޭރިއަލް އުސޫލުތަކަށް ބުރަވެ ޝަރީޢަތްކުރާ ޤައުމުތަކުގައި، ވަރަށް ޚާއްސަ ހާލަތްތަކުގައި މެނުވީ ޝަރީޢަތަށް ވަކި ހެއްކެއް ހުށަހެޅުމަށް އެންގުން ފަދަ ކަންކަން ކުރުމަކީ، ޝަރީޢަތުގެ ހަމަހަމަކަން ގެއްލިދާފަދަ އަމަލަކަށްވުމުގެ ފުރުސަތު އޮތްކަމެއް ކަމުގައިވާތީ، ފަނޑިޔާރުން އެކަންކަމުން ދުރުހެލިވާންޖެހޭ ކަންކަމެވެ.
32HN4ކަން މިހެން އޮތުމުން، މައްސަލައެއްގައި ޚަސްމަކު ހުށަނުއަޅާ ލިޔެކިޔުމެއް ނުވަތަ ހުށަހަޅާފައިވާ ހެއްކެއްގެ އަސްލު ކޯޓަށް ހުށަހެޅުމަށް އަންގަންޖެހޭނީ ކޯޓުން ކަމުގައި ބުރަވެ، އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ވިސްނުން ދުރުކޮށް، ކޯޓުން އެފަދައިން ނާންގައިފިނަމަ، އެއީ އިސްތިއުނާފު އެ މައްޗަށް ބިނާވާ ނުކުތާއެއް ކަމަށްވުމުގެ ފުރުސަތު އޮތުމަކީ ބަޔާންކުރެވުނު ހަމަހަމަކަމަށް ބުރޫއަރާ، އެ ހަމަހަމަކަން ނެތިދިއުމުގެ ފުރުސަތު ބޮޑުކޮށްދޭ ބާވަތުގެ ކަމެއް ކަމުގައިވާތީ، އެޕޯލޯ ހޯލްޑިންގްސް މައްސަލައަށް ހަވާލާދީ 13 ޖޫން 2007 ގައި ސޮއިކުރިކަމަށް ބުނާ އެއްބަސްވުމުގެ އަސްލު ހުށަހެޅުމަށް ކޯޓުން އަންގާފައިނުވާކަން ފާހަގަކޮށްފައިވަނީ އެޕޯލޯ ހޯލްޑިންގްސް މައްސަލައިގެ ރަނގަޅުނޫން ދޭހައެއްގެ ތެރެއިން ކަމުގައި އަހުރެން ދެކެމެވެ.
(2) ހެކިން ހާޟިރުކުރުމެއް ނެތި އެއްބަސްވުމުގެ ޞައްޙަކަމާމެދު ގޮތް ކަނޑައަޅާފައިވުން
33ދިވެހިރާއްޖޭގެ ހައިކޯޓަށް އަޙްމަދު ލަޠީފްގެ ފަރާތުން ކުރި އިސްތިއުނާފުގައި، 13 ޖޫން 2007 ގައި ސޮއިކުރިކަމަށް ބުނާ އެއްބަސްވުމަކީ ޞައްޙަ ލިޔުމެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން އަޙްމަދު ލަޠީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކިން ޙާޟިރުކޮށްފައި ނުވާކަމުގައި ބުނެ އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމާއި ގުޅިގެން، ހައިކޯޓުގެ ނިންމުމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
33.1 އެ އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކުރުމަށް 3 (ތިނެއް) ހެއްކެއްގެ ނަން އަޙްމަދު ލަޠީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި އޮތް ނަމަވެސް، އެ ހެކިންގެ ތެރެއިން ހެކީގެ ބަޔާނެއް ހުށަހަޅާފައިވަނީ ހަމައެކަނި ފާޠިމަތު ޙުސައިންގެ ކަން؛
33.2 އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމުގައި އަޙްމަދު ލަޠީފް ބުނާ ބުނުމަށް ބާރުދެނީ ފާޠިމަތު ޙުސައިންގެ ހެކިބަހުގެ ބަޔާންކަމުގައިވާއިރު، ފާޠިމަތު ޙުސައިންއަކީ ޚުޞޫމާތް އުފެދިފައިވާ އެއްބަސްވުމުގައި ސޮއިކުރިއިރު އެތަނުގައި ހާޟިރުވެ ހުރި ފަރާތެއް ނޫންކަން؛
33.3 ހެކިބަސް ނެގުމަށްޓަކައި ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ފާޠިމަތު ޙުސައިން ޙާޟިރުކޮށްދިނުމަށް އެދިފައިވާނެ ކަމުގައި އަޙްމަދު ލަޠީފްގެ ފަރާތުން ބަޔާންކުރާތީ، ހައިކޯޓުން ބެލިބެލުމުން، އަޙްމަދު ލަޠީފްގެ ފަރާތުން މައްސަލައިގެ ޓްރެކް ކަނޑައެޅުމުގެ މައުލޫމާތު ސާފުކުރާ ފޯމު ފުރިހަމަކޮށްފައި ނުވުމުން، ހެކިން ހުށަހެޅުމުގެ ޤަސްދު އޮތްކަން އެނގެން ނެތް ކަމުގައާއި، އެހެނަސް 2023 ގެ މެއި މަހު ހެކިންގެ ލިސްޓު ހުށަހަޅައި، 2023 ޖޫން މަހު ފާޠިމަތު ޙުސައިންގެ ހެކިބަހުގެ ބަޔާން ހުށަހަޅާފައިވާ ހިނދު، ސިވިލް ކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތަކުގެ ރިކޯޑިންގއަށް ބެލުމުން، ފާޠިމަތު ޙުސައިންގެ ހެކިބަސް ނެގުމަށްޓަކައި އޭނާ ކޯޓަށް ޙާޟިރުކޮށްދިނުމަށް އަޙްމަދު ލަޠީފްގެ ފަރާތުން އެދިފައިނުވާކަން އެނގޭކަން؛
33.4 މަދަނީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުން، ހެކިބަސް ނަގަންޖެހެނީ ޝަރީޢަތަށް ޙާޟިރުކޮށްގެން ކަމުގައިވެފައި، ފާޠިމަތު ޙުސައިންގެ ހެކިބަސް ޝަރީޢަތުގައި ނަގައިދިނުމަށް އަޙްމަދު ލަޠީފްގެ ފަރާތުން އެދިފައިނުވުމުން، އެ ހެކީގެ ބަޔާން ބެލެވެނީ އިވުނު ކަމަށް ބުނާ ހެއްކެއްގެ ގޮތުގައި ކަމުގައާއި، ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގައިވާ ގޮތުން، އެ ހެކީގެ މައްޗަށް ބިނާކޮށް، ވަކި ވާޤިޔާއެއް ވުޖޫދުގައި އޮތްކަން ސީދާ އަދި ނުސީދާގޮތުން ވެސް ސާބިތުކޮށް ނުދެވޭނެކަމަށާއި، އެ ހެއްކަކީ ހަމައެކަނި ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ހެއްކެއްކަން؛
33.5 އެ އެއްބަސްވުމުގައި ސޮއިކުރިއިރު އެތަނުގައި ހާޟިރުވެ ތިބި ކަމަށް ފެންނަން އޮތް ޢަބްދުލްޙަމީދު ޢަބްދުލްފައްތާޙު އާއި މުޙައްމަދު ވަޙީދުގެ ނަން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ނަމަވެސް، އެ ދެފަރާތުގެ ހެކީގެ ބަޔާން އަޙްމަދު ލަޠީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ނުވާކަން؛
33.6 އަޙްމަދު ލަޠީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމުގައި ބުނާ ހެކީގެ ބަޔާނަކީ މުޙައްމަދު ވަޙީދުގެ ހެކީގެ ހުލާސާ ބަޔާނެއް ކަމުގައާއި، އެ ބަޔާނަށް ބެލި ނަމަވެސް، 13 ޖޫން 2007 ގައި ސޮއިކުރި އެއްބަސްވުން ކަމުގައި ބުނެ ހުށަހަޅާފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަން އެ ހުލާސާ ބަޔާނުން ދަލާލާތުކޮށްދޭ ގޮތެއް އަޙްމަދު ލަޠީފްގެ ފަރާތުން ބަޔާންކޮށްދެވިފައި ނުވާކަން.
34HN5ހައިކޯޓުން ހެކިންނާއި ގުޅިގެން އިސްވެ ބަޔާންކުރި ފަދައިން ނިންމާފައިވާއިރު، އަޙްމަދު ލަޠީފްގެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ބަސް ނަގާފައި ނުވާ ކަމަށް ބުނެ އޭނާގެ ފަރާތުން އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ހައިކޯޓުން އިސްވެ ބަޔާންކުރި ފަދައިން ނިންމާފައިވާ ނިންމުން ޤާނޫނީ ނުވަތަ ޝަރުޢީ އުސޫލަކާ ޚިލާފުވެފައިވާ ގޮތެއް އަދި އެ ނިންމުން ތައުނުކުރުމަށް އެދި އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހަޅާ ޤާނޫނީ ބަހުސަކީ ކޮބައިކަމެއް ސާފުވާން ނެތުމުން، ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް ނިންމުމަށް ހަވާލާދީ، މި ނުކުތާގެ މައްޗަށް ގޮތް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.
(ށ) ކޮންސިޑަރޭޝަން ފުރިހަމަވެފައި ނުވާކަމަށް ނިންމި ނިންމުން
35ޢާބިދާ ޢީސާ އާއި އަޙްމަދު ލަޠީފް އާ ދެމެދު ވެފައިވާ 13 ޖޫން 2007 ގައި ވެފައިވާ އެއްބަސްވުމުގައި ކޮންސިޑަރޭޝަން ފުރިހަމަވެފައި ނުވާކަމަށް ހައިކޯޓުން ނިންމި ނިންމުމަކީ ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާއަށް ރިޢާޔަތްކުރުމެއް ނެތި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެޓްކާބެހޭ ޤާނޫނު) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ (މީގެ ފަހުން "ނަމީރާ އިންޖިނިއަރިންގ މައްސަލަ") ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ އަޙްމަދު ލަޠީފްގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ.
36އެ ނުކުތާ ތަފްސީލުކޮށްދެމުން، އަޙްމަދު ލަޠީފްގެ ފަރާތުން ބުނެފައިވަނީ 13 ޖޫން 2007 ގައި ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާއަކީ ކުއްޔާއި ކުލި ދެއްކުމާބެހޭ މާއްދާކަމުގައާއި، އެ މާއްދާގައި ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ 16 އެޕްރީލް 2007 ގެ އެއްބަސްވުމުގެ މުއްދަތު 31 ޖުލައި 2022 ހަމަވުމުން، އެ ތާރީޚުން ފެށިގެން އިތުރު 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ހ. ޖީމާ އެވެ ކިޔާ ގޯތީގެ ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ވަނަ ފަންގިފިލާ އަޙްމަދު ލަޠީފަށް ބޭނުންކުރެވޭ ގޮތަށް ޢާބިދާ ޢީސާއާ އަޙްމަދު ލަޠީފު އެއްބަސްވެފައިވަނީ 16 އެޕްރީލް 2007 ގެ އެއްބަސްވުމުގެ މުޤާބިލުގެ ތެރެއިން ކަމުގައިވުމުން، އިތުރު ކުރެވުނު މުއްދަތުގައި ކުލީގެ ޢަދަދެއް ހިމަނާފައި ނުވަނީ ކަމަށެވެ. މީގެ އިތުރުން، 13 ޖޫން 2007 ގައި ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާއިން އެނގެން އޮތް ފަދައިން، ކުއްޔަށްދޭ މުއްދަތު އިތުރުކުރުމަކީ ޢާބިދާ ޢީސާއާ އަޙްމަދު ލަޠީފުގެ ފަރާތުން އަނގަބަހުން އެއްބަސްވެފައިވާ އެއްބަސްވުމެއްގެ މައްޗަށް ގެނެވިފައިވާ ބަދަލެއް ކަމުގައެވެ. ޢާބިދާ ޢީސާގެ ފަރާތުން މިފަދައިން އަނގަބަހުން މުއްދަތު އިތުރުކުރުމަށް އެއްބަސްވެފައިވަނީ ޢިމާރާތްކުރުމަށް ފުރަތަމަ އެއްބަސްވި ޢިމާރާތުގެ ސައިޒަށް އައި ބަދަލާއި ގުޅިގެން، އަޙްމަދު ލަޠީފް ކޮށްފައިވާ ޚަރަދަށް ރިއާޔަތްކޮށް އަޙްމަދު ލަޠީފަށް ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށްޓަކައި ޢިމާރާތުގެ ބައެއް ޢާބިދާ ޢީސާ އަމިއްލަ ޚަރަދުގައި ހެދުމުގެ އިތުރުން އަޙްމަދު ލަޠީފަށް ޢިމާރާތް ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ކަމުގައިވެސް އަޙްމަދު ލަޠީފްގެ ފަރާތުން ބުނެއެވެ.
37މި ނުކުތާއަށް ރައްދުދެމުން، މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ބުނެފައިވަނީ، އެއްބަސްވުމުގެ މުޤާބިލާ ގުޅިގެން އަޙްމަދު ލަޠީފްގެ ފަރާތުން ސިވިލް ކޯޓު އަދި ހައިކޯޓުގައިވެސް ވަކާލާތުކޮށްފައިވާ ގޮތުން، 13 ޖޫން 2007 ގައި ވެފައިވާ އެއްބަސްވުމަކީ ޢިމާރާތުގެ ސައިޒަށް އައި ބަދަލާ ގުޅިގެން އަޙްމަދު ލަޠީފްގެ ފަރާތުން އެތަނަށް ކޮށްފައިވާ ޚަރަދުގެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޢިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފްލޯރ އިތުރު 3 (ތިނެއް) އަހަރަށް ކުއްޔަކާއި ނުލައި ދިނުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި އަޙްމަދު ލަޠީފްގެ ފަރާތުން އެފަދައިން ބުނެފައިވާ ނަމަވެސް، ޢިމާރާތުގެ ސައިޒަށް ބަދަލު އައުމާގުޅިގެން ދެފަރާތުގެ މެދުގައި ވެފައި އޮތް (ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ) 16 އޭޕްރީލް 2007 ގެ އެއްބަސްވުމަށް ބަދަލުގެނެސް 03 ސެޕްޓެންބަރު 2007 ގައި އެއްބަސްވުމެއްވެ، ސިވިލް ކޯޓުން އެ އެއްބަސްވުމުގައި ތައްގަނޑުޖަހައި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، އަޙްމަދު ލަޠީފަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޢިމާރާތުގެ ފުރަތަމަ ފްލޯރގެ ހުރިހާ މަސައްކަތެއް ޢާބިދާ ޢީސާގެ އަމިއްލަ ޚަރަދުގައިކޮށް ނިންމުމަށް ޢާބިދާ ޢީސާ އެއްބަސްވެ، ޢިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފްލޯރ 15 (ފަނަރަ) އަހަރަށް ކުއްޔަށް ދީފައިވާކަން ހައިކޯޓުގެ ނަންބަރު 2018/HC-A/298 އަދި ސުޕްރީމް ކޯޓުގެ ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ [2022] SC 72 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ކަމުގައެވެ. ކަން މިފަދައިން އޮތްއިރު، އަދި އަޙްމަދު ލަޠީފްގެ ފަރާތުން އެކަން ސިވިލް ކޯޓާއި ހައިކޯޓުގައި ހިނގި މައްސަލަތަކުގެ ތެރެއިން ތައުނުކޮށްފައި ނުވާކަމުގައި ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 115، 116، 117 އަދި 118 ވަނަ ނުކުތާގައި ފާހަގަކޮށްފައި އޮތުމުން، މުޤާބިލާ ގުޅޭގޮތުން ހައިކޯޓުން މި ނުކުތާތަކުގައި ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގެ ނަމީރާ އިންޖިނިއަރިންގ މައްސަލައާ ޚިލާފުވާ ގޮތެއް އަޙްމަދު ލަޠީފްއަށް ބުނެދެވިފައި ނުވާކަމުގައެވެ.
38މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނުއިރު، މުޤާބިލާމެދު އަޙްމަދު ލަޠީފްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނުކުތާއާ އެއްގޮތަށް އޮތް ނުކުތާއެއް އޭނާގެ ފަރާތުން ހައިކޯޓަށްވެސް ހުށަހަޅާފައި އޮތެވެ. އެހެންކަމުން، ހައިކޯޓުން އެ ނުކުތާގައި ނިންމާފައިވާ ގޮތަށް ބަލާއިރު، މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައި އޮތް 16 އޭޕްރީލް 2007 ގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އިތުރު 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ހ. ކޯޒީހައުސް (ހ. ޖީމާ) އެވެ ކިޔާ ގޯތީގެ ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ވަނަ ފަންގިފިލާ އަޙްމަދު ލަޠީފަށް ބޭނުންކުރެވޭގޮތަށް ވެފައިވާ ކަމަށް ބުނާ 13 ޖޫން 2007 ގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫންކަމުގައި ދަށު ކޯޓުން ކަނޑައަޅާފައިވާތީ، އެއްބަސްވުމުގެ ރުކުންތަކާ ގުޅޭގޮތުން އިތުރަށް ބަހުސްކުރުމުގެ ފުރުސަތު އޮތްކަމުގައި ނުދެކޭކަމުގައި ހައިކޯޓުން ނިންމާފައިވެއެވެ.
39HN6އެއަށްފަހު، މުޤާބިލާއި ގުޅޭގޮތުން ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމަކީ، ދަށު ކޯޓުގެ ނިންމުމުގައި "ބަހުސްގެ ބޭނުމަށް" އެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމުގައި ބަލައިފިނަމަވެސް، އެ އެއްބަސްވުމަކީ މުޤާބިލެއް ނެތް އަދި ތަންފީޒުނުކުރެވޭނެ އެއްބަސްވުމެއް ކަމުގައި ބުނެ ދަށު ކޯޓުން ކަންތައްތަކެއް ފާހަގަކޮށްފައިވާތީ، "ބަހުސްގެ ބޭނުމަށް" ނަމަވެސް ދަށުކޯޓުން މުޤާބިލާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމާއި އަޅުވާ އަޙްމަދު ލަޠީފްގެ ފަރާތުން އުފުލާފައިވާ ޖަދަލާއި ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗައް ހައިކޯޓުން ފާހަގަކޮށްފައިވާ (obiter dictum) ކަންކަމެވެ. އެ ކަންކަމަކީ އޭގެ ޒާތުން، ހައިކޯޓުން ނިންމުން އެ މައްޗަށް ބިނާވާ ސަބަބުތަކެއް (ratio decidendi) ނޫނެވެ. ހައިކޯޓުން އިސްވެ ބަޔާންކޮށްފައިވާ ފަދައިން ފާހަގަކޮށްފައިވަނީ ދަށުކޯޓުން "ބަހުސްގެ ބޭނުމަށް" ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން، އިތުރަށް އެ މަޢުޟޫއާ ގުޅިގެން އެއްވެސް އޮޅުމެއްވާނަމަ، އެކަންކަން ސާފުކޮށްދިނުމުގެ ގޮތުންކަމުގައި ދެކެމެވެ.
40ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ހައިކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭ ދެ ޙާލަތެއް ބަޔާންކޮށްފައި އޮތް އިރު، އިޖުރާއީ ސަބަބެއް ނުހިމެނޭ ފަދަ ޙާލަތެއްގައި އެފަދަ އިސްތިއުނާފެއް ހުށަހެޅޭނީ "އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރު[މު]ން" ކަމުގައި ބަޔާންކޮށްފައިވާތީ، އިސްތިއުނާފުކުރާ ނުކުތާއަކީ (1) ހައިކޯޓުގެ ނިންމުން އެ މައްޗަށް ބިނާވާ ސަބަބަކަށްވުން، އަދި (2) އެއީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކަކަށް ވާންޖެހެއެވެ.
41މި މައްސަލައަށް ބަލާއިރު، މުޤާބިލާއި ގުޅޭގޮތުން އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުގެ ނިންމުން އެ މައްޗަށް ބިނާވި ސަބަބެއްގެ މައްޗަށް ފަރުމާކޮށްފައިވާ ނުކުތާއެއް ނޫނެވެ. އެހެންކަމުން، މުޤާބިލަށް ހަވާލާދީ އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.
(ނ) ކުލީގެ މިންވަރު ކަނޑައަޅާފައިވާ ގޮތް
42އަޙްމަދު ލަޠީފްގެ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައިވާ 3 (ތިނެއް) ވަނަ އިސްތިއުނާފީ ނުކުތާގައި، ކުލީގެ މިންވަރާމެދު ސިވިލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް [2024] SC 39 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެފައިވެއެވެ.
43ބަޔާންކުރެވުނު އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އަޙްމަދު ލަޠީފްގެ ފަރާތުން ބުނެފައިވަނީ ހ.ޖީމާ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ ފުރަތަމަ ފްލޯރއަކީ އަޙްމަދު ލަޠީފް ދިރިއުޅެމުންދިޔަ ފްލޯރ ކަމަށާއި، އެތަނަކީ އެއްވެސް އިރެއްގައި އަޙްމަދު ލަޠީފްގެ ފަރާތުން ކުއްޔަށްދީފައި ހުރި ތަނެއް ނޫން ކަމަށްވާނަމަވެސް، އެ ފްލޯރއަށް ދުވަހު ކުއްޔެއް ކަނޑައަޅާފައިވަނީ އެއްވެސް އުސޫލެއް ނެތި، ހަމައެކަނި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ރިއާޔަތްކޮށް ކަމުގައެވެ. އަދި މިހާލަތުގައި މީގެކުރިން ޝަރުޢީ ކޯޓުތަކުން ކަނޑައަޅަމުން ގޮސްފައިވަނީ މިޘްލީ ކުއްޔެއް ކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު އަނީސް ވ. މުޙައްމަދު ޝަވީދު [2022] SC 40 ޤަޟިއްޔާގައި ކަނޑައަޅާފައިވުމުން، 13 ޖޫން 2007 ގައި ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫންކަމަށް ކަނޑައަޅާ ޙާލަތުގައިވެސް ކުލީގެ މިންވަރު ކަނޑައެޅުމުގައި އަޙްމަދު ލަޠީފް ދިރިއުޅެމުންދިޔަ އެޕާޓްމަންޓަށާއި، އަޙްމަދު ލަޠީފްގެ ފަރާތުން ކުއްޔަށް ދީފައިވާ ފްލޯރއަށް ރިޢާޔަތްކުރަންޖެހޭނެ ކަމުގައި އޭނާ ފާހަގަކުރެވެއެވެ. މީގެ އިތުރުން، އަޙްމަދު ލަޠީފްގެ ފަރާތުން ކުލީގެ މިންވަރާމެދު ސިވިލް ކޯޓުގައި އިންކާރުކޮށްފައިވާހިނދު، އެތަނަށް ދުވަހު ކުލި ކަނޑައެޅުމަށް ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް [2024] SC 39 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމުގައިވެސް އަޙްމަދު ލަޠީފް ބުނެއެވެ.
44މީގެ އިތުރުން، ސުޕްރީމް ކޯޓަށް އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ސުޕްރީމް ކޯޓުގެ ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް [2024] SC 39 ޤަޟިއްޔާގެ ރިޕޯޓުގެ 14 ވަނަ ޕެރެގްރާފަށް ޙަވާލާދީ، ޚަޞްމަކު އިސްތިއުނާފީ ކޯޓަކަށް ހުށަހަޅާ ހުށަހެޅުންތަކަކީ ހަމައެކަނި އިސްތިއުނާފު ފޯމަށް ނުވަތަ ޖަވާބު ފޯމަށް ޤައިދުވެފައިވާ ކަންތައްތަކެއް ނޫންކަމުގައާއި، ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފީ ނުކުތާއާ ގުޅުވައިގެން ޚަޞްމުން ދައްކާ ވާހަކަތަކާއި، އެ ވާހަކަތަކާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ކުރާ ސުވާލުތަކަށް ދެވޭ ޖަވާބަކީވެސް އެ ޚަޞްމެއްގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކެއް ކަމުގައި ބަލަންވާނެކަން ފާހަގަކޮށް، ކުލި ކަނޑައެޅުމުގައި ސިވިލް ކޯޓުން އެއްވެސް ވަރަކަށް މާކެޓް ރޭޓަށް ބަލާފައިނުވާ ކަމަށް އަޙްމަދު ލަޠީފްގެ ފަރާތުން ފާހަގަކޮށްފައިވާއިރު، ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ އެ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރުމަކާއި ނުލާކަން އަޙްމަދު ލަޠީފްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
45މި އިސްތިއުނާފީ ނުކުތާއަށް ރައްދުދެމުން، މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހުށަހެޅި ކުލި އަޙްމަދު ލަޠީފްގެ ފަރާތުން އެއްވެސް މިންވަރަކަށް ތަޢުނުކޮށްފައިނުވާކަން ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 122، 123، 124 އަދި 129 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް، އަޙްމަދު ލަޠީފް އަށް ޖަވާބުދިނުމަށް ދިން ފުރުޞަތުގައި އަދި އެފަރާތުން ރައްދު ދަޢުވާއަށް ދިން ޖަވާބުގައިވެސް ޢިމާރާތުގެ ކުލީގެ ގޮތުގައި ހުށަހަޅާފައިވާ މިންވަރު ތަޢުނުކޮށްފައިނުވާކަން ސާފުކޮށް އެނގެން އޮތުމުން، އެ ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނީ އުސޫލަކާ ޚިލާފުވާ ގޮތެއް އަޙްމަދު ލަޠީފް އަށް ބުނެދެވިފައި ނުވާކަމުގައި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ބުނެއެވެ.
46ކުލި ހިސާބުކޮށްފައިވާ ގޮތާއި ގުޅުވައި އަޙްމަދު ލަޠީފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއާ ގުޅޭ ގޮތުން އެ ކޯޓުން ގޮތް ކަނޑައެޅުމުގައި، އިސްތިއުނާފީ ނުކުތާއަށާއި، އެ ނުކުތާއަށް ހުށަހަޅާފައިވާ ރައްދަށާއި، ދަށުކޯޓު މަރުހަލާގައި ކަންހިނގާފައިވާ ގޮތަށާއި، ޚަޞްމެއްގެ ފަރާތުން ޝަރީޢަތަށް ދަޢުވާއެއް ނުވަތަ ދަޢުވާއެއްގެ ތެރެއިން ފަރުވާއެއް ހޯދުމަށް އެދިއްޖެނަމަ، ނުވަތަ ދަފްޢެއް ކުރިމަތިކުރާނަމަ އަމަލުކުރަންޖެހޭގޮތް ޚުލާސާކޮށް، ދަށުކޯޓުގައި ކުލި ނަގައިދިނުމަށް އެދި ހުށަހެޅި ރައްދު ދަޢުވާއަށް ޝަރީޢަތުން ގޮތް ކަނޑައަޅަން މެދުވެރިވި ސަބަބު ބަޔާންކޮށްފައިވެއެވެ. އަދި އަޙްމަދު ލަޠީފްގެ ފަރާތުން ކުލީގެ މިންވަރާއި ގުޅޭގޮތުން ބަހެއް ބުނެފައިވަނީ ޝަރީޢަތުން ސުވާލުކުރުމުން ކަމުގައާއި، ކުލީގެ މިންވަރަކީ މާކެޓް ރޭޓަށްވުރެ މަތީ ޢަދަދެއްކަން ބުނުމުގެ އިތުރަށް، އެހެން އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާތީ، އެކަން ތައުނުކުރުމަށް އެކި މަޙައްލުގައި ފުރުޞަތު ލިބި، އެ ފުރުސަތުތަކުގެ ބޭނުން އަޙްމަދު ލަޠީފްގެ ފަރާތުން ހިފާފައި ނުވާ ޙާލު، ކުލި ކަނޑައަޅާފައިވަނީ އެއްވެސް އުސޫލެއް ނެތި، ކުލި ކަނޑައެޅިގޮތް ސާފުވާ ފަދައިން ނޫންކަމުގައި ބުނެ، ހައިކޯޓު މަރުހަލާގައި އެ ޖަދަލު އުފެއްދޭނެ ކަމުގައި ނުދެކޭ ކަމުގައި ހައިކޯޓުން ކަނޑައެޅިއެވެ.
47ކުލި ކަނޑައެޅުމާ ގުޅިގެން ދަށުކޯޓު މަރުހަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކުރުމުގައި، ހައިކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
47.1 ދަށުކޯޓުގައި އަޙްމަދު ލަޠީފްގެ ފަރާތުން އުފުލި ދަޢުވާއަށް މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ރައްދު ދަޢުވާއެއް ހުށަހަޅާފައިވާކަން؛
47.2 އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ ރައްދު ދަޢުވާގައި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން އެދިފައިވާ ކަންކަމުގެ ތެރޭގައި، އަޙްމަދު ލަޠީފްގެ ޙަވާލުގައި ހުރި ހ.ޖީމާ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ 2 (ދޭއް) ފަންގިފިލާ މަރްޔަމް ޖަނާން މުންޢިމްއާ ހަވާލުކުރުމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު، އެތަން ބޭނުންކުރަމުންދާ މުއްދަތަށް، ހ.ޖީމާ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ ފުރަތަމަ ފްލޯއަށް ދުވާލަކު -/750ރ. (ހަތްސަތޭކަ ފަންސާސް ރުފިޔާ)، އަދި ދެވަނަ ފްލޯއަށް ދުވާލަކު -/433ރ. (ހަތަރު ސަތޭކަ ތެއްތިރީސް ރުފިޔާ) ގެ ރޭޓުން ކުލި ނަގައިދިނުމަށްކަން؛
47.3 މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ކުއްޔަށް އެދި ހުށަހެޅިއިރު، ފުރަތަމަ އަދި ދެވަނަ ފްލޯއަށް އެފަރާތުން ކަނޑައަޅާފައިވާ ޢަދަދު ތަފާތުވާ ސަބަބު ސާފުކޮށްދިނުމަށް ޝަރީޢަތުން އެދުމުން، ޢިމާރާތުގައި ލިފްޓެއް ނެތުމުން ފުރަތަމަ ފްލޯއަށް އަރާ ފައިބަން ފަސޭހަވާނެތީ، އަދި ތަނުގެ ޑިމާންޑަށް ބަލާފައިވާކަމުގައި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ބުނެފައިވާކަމަށާއި، މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހޯދުމަށް އެދި ހުށަހަޅާފައިވާ ކުލީގެ ޢަދަދުތަކަކީ އޭނާގެ ފަރާތުން އަޙްމަދު ލަޠީފަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ޢަދަދުކަމުގައާއި، އަޙްމަދު ލަޠީފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ބިނާކޮށްފައިވަނީ އެ ސިޓީގެ މައްޗަށް ކަމުގައި މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ފާހަގަކޮށްފައިވާކަން؛
47.4 މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހުށަހެޅި ރައްދު ދަޢުވާއަށް އަޙްމަދު ލަޠީފްގެ ފަރާތުން ޖަވާބެއް ހުށަހަޅާފައިވާ ހިނދު، އެ ޖަވާބުގައި އަޙްމަދު ލަޠީފްގެ ފަރާތުން ފާހަގަކޮށްފައިވަނީ 13 ޖޫން 2007 ގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމުގައިވާތީ، މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހުށަހެޅި ރައްދު ދަޢުވާއާމެދު ގޮތެއް ކަނޑައަޅަންޖެހޭ ޤާނޫނީ ހަމައެއް ނެތްކަމުގައިކަން؛
47.5 އަޙްމަދު ލަޠީފްގެ ފަރާތުން ރައްދު ދަޢުވާއަށް ހުށަހެޅި ޖަވާބުގައި އަދި ދަށުކޯޓަށް ހުށަހެޅި ޚުލާސާ ބަޔާނުގައި ވެސް މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހޯދުމަށް ހުށަހެޅި ކުލީގެ ޢަދަދާއި ގުޅޭގޮތުން އެއްވެސްކަމެއް ފާހަގަކޮށްފައި ނުވާކަން؛
47.6 ދަށުކޯޓުގައި ބޭއްވުނު ޝަރީޢަތުގެ ފަހު އަޑުއެހުމުގައި އަޙްމަދު ލަޠީފަށް ވާހަކަ ދެއްކުމަށް ދެވުނު ފުރުޞަތުގައިވެސް، މަރްޔަމް ޖަނާން މުންޢިމްގެ ފަރާތުން ހޯދުމަށް ހުށަހެޅި ކުއްޔާއި ގުޅޭގޮތުން އަޙްމަދު ލަޠީފްގެ ފަރާތުން ވަކިކަމެއް ފާހަގަކޮށްފައި ނުވާތީ، ދިފާޢީ ދަޢުވާއާ ގުޅޭގޮތުން އެއްޗެއް ބުނަން އޮތްނަމަ އެކަމެއް ފާހަގަކުރުމަށް ޝަރީޢަތުން ދިން ފުރުޞަތުގައި، އަޙްމަދު ލަޠީފްގެ ފަރާތުން ތަކުރާރުކޮށްފައިވަނީ އޭނާ އެތަން ބޭނުންކުރަމުންދަނީ ޞައްޙަ އެއްބަސްވުމެއްގެ ދަށުންކަމުގައިވާތީ، އަޙްމަދު ލަޠީފްގެ ފަރާތުން މަރްޔަމް ޖަނާން މުންޢިމްއަށް ކުލި ދެއްކުމަށް އަމުރުކުރާނެ ތަނެއް އޮތްކަމުގައި ނުދެކޭކަމުގައިކަން.
48HN8މި ކަންކަމަށް ބެލުމުން، ހައިކޯޓުގެ ނިންމުން ބިނާވަނީ ކުއްޔާއި އޭގެ ނިސްބަތާމެދު އަޙްމަދު ލަޠީފްގެ ފަރާތުން ދަށުކޯޓުގައި ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމަށް އެކި ފުރުސަތު ލިބި، އެ ފުރުސަތުތަކުގައި ފާހަގަކޮށްފައިނުވާ ކަންކަމުގެ މައްޗަށް ބަރޯސާވެ ހައިކޯޓަށް އެ އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވުމުގެ މައްޗަށް ކަމުގައި އަހުރެންނަށް ފެނެއެވެ.
49HN7ސުޕްރީމް ކޯޓާއި އެއް ފަދައިން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައި އޮތްއިރު، އިޖުރާއީ ސަބަބެއް ނުހިމެނޭ ފަދައިން، އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން ހިމެނެއެވެ.
50ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ އަލީގައި، ފުރަތަމަ މަރުހަލާގައާއި ހައިކޯޓަށް ހުށަހަޅާފައި ނުވާ އައު ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަތުމުގެ އުސޫލުތައް މިކޯޓުން ކަނޑައަޅާފައިވެއެވެ. އެގޮތުން، އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ މައްސަލައާއި، މަހުދީ ޢަޤީލް ވ. ވްލަޑިމިއަރ ޑްރަގްލޮވިޗް [2021] SC 109 މައްސަލައާއި، ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 މައްސަލައާއި، އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް މައްސަލަ ފާހަގަކުރަމެވެ.
51ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަދި ޔޫސުފް ނަޢީމް [2026] SC 22 މައްސަލައިގައި އަހުރެން ފާހަގަކޮށްފައިވާ ފަދައިން، ދަށުކޯޓަށާއި ހައިކޯޓަށް ހުށަހަޅާފައި ނުވާ އައު ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަތުމުގެ އުސޫލުތައް އިސްވެ ބަޔާންކުރި ފަދައިން ތަރުތީބުކޮށްފައި އޮންނަންޖެހެނީ، އިސްތިއުނާފު ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނަނީ ވަކި ޙާލަތްތަކެއްގައި ކަމުގައިވެފައި، ނިންމުމެއް ނިންމާފައިވަނީ ގޯހުންކަމަށް ބުނެ އެކަމެއް އިސްތިއުނާފަށް ހުށަހަޅާއިރު، ކުރިން ނުދައްކާ އައު ވާހަކަތަކަކަށް ހަވާލާދީ އެ ނިންމުމެއް އިސްތިއުނާފުކުރުމަކީ، އެ ނިންމުން ފުރަތަމަ ނިންމިއިރު އެކަމުގެ މައްޗަށް ބިނާކޮށް ވަކާލާތުކޮށްފައިނުވާ ނުވަތަ ރިއާޔަތްކޮށްފައިނުވާ އައު ކަމެއް އެ ނިންމުން ގޯސްކަމަށް ބުނެ ހުށަހެޅުން ކަމުގައި ވާތީއެވެ. އައު ނުކުތާ ހުށަހެޅުމަކީ އިސްތިސްނާ ޙާލަތްތަކެއްގައި އެކަނި ކުރެވިދާނެ ކަމެއްކަމުގައި ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ނިންމުން ނިންމާފައިވާނީ، އެ ނުކުތާއެއް ހުށަހެޅެން އޮވެމެ، ހުށަހަޅާފައި ނުވުމުން، އެ ބަހުސަށް ބެލުމެއް ނެތިކަމުގައިވާތީއެވެ. މިނޫން ގޮތަކަށް ނިޒާމު ފަރުމާކޮށްފިނަމަ، ނިންމުމަކާމެދު ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު އައު ޤާނޫނީ ނުކުތާއެއް ހިމަނައިގެން ކޯޓަށް އައުމުގެ ފުރުސަތު ހުޅުވިގެންދާހިނދު، އެ (އައު) ނުކުތާއަކީ ހިތްހަމަ ނުޖެހޭ އެ ނިންމުން ނިންމުމުގެ ކުރިން ފާހަގަކޮށްފައިނުވާ، އަދި އެ ނިންމުން ނިންމުމުގައި އެކަމުގެ މައްޗަށް ބަލާފައިނުވާ ނުކުތާއަކަށް ވާނެތީ، އެފަދަ (އައު) ނުކުތާއަކީ ހަމަ ކޮންމެ އިސްތިއުނާފީ މައްސަލައެއްގައި ބަލައިގަންނަ ނުކުތާއަކަށްވާނަމަ، އެކަމުގެ ސަބަބުން އަދުލުވެރިކަމާއި ހަމަހަމަ ކަމުގެ މައްޗަށް ތަރުތީބުވެގެންވާ ނިޒާމެއް ރޫޅިގެން ދާނެތީއެވެ.
52އެހެންކަމުން، މައްސަލަ ދަށުކޯޓުގައި ހިނގަމުން ދިޔައިރު އަޙްމަދު ލަޠީފަށް ލިބިދެވުނު އެކި ފުރުޞަތުގައި ކުލީގެ މިންވަރާއި ގުޅޭގޮތުން ބަހެއް ބުނެފައިވަނީ ޝަރީޢަތުން ސުވާލުކުރުމުން ކަމުގައިވެފައި، އެ ހިނދުގައިވެސް އެފަރާތުން ރައްދު ދަޢުވާ ތައުނު ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ 13 ޖޫން 2007 ގައި ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމުން ކުލީގެ އަދަދެއް ނަގަންޖެހޭ ޤާނޫނީ ސަބަބެއް ނެތުންކަމުގައި ބުނެ ހުށަހަޅާފައިވާ ހުށަހެޅުން ކަމުގައިވާތީ އާއި، ހައިކޯޓަށް ކުއްޔާއި ގުޅޭގޮތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުސަތު ލިބި ހުށަހަޅާފައި ނުވާ ނުކުތާއެއް ކަމުގައިވާތީއާއި، ހައިކޯޓަށް އެ އިސްތިއުނާފީ ނުކުތާ ހުށަހަޅަމުންވެސް ކުލީގެ މިންވަރަކީ މާކެޓް ރޭޓަށްވުރެ މަތީ ޢަދަދެއްކަން ބުނުމުގެ އިތުރަށް، އަޙްމަދު ލަޠީފްގެ ފަރާތުން އެހެން އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާތީ، ދަށުކޯޓުން ކުލީގެ ޢަދަދު ކަނޑައަޅާފައިވަނީ އެއްވެސް އުސޫލެއް ނެތި، ކުލި ކަނޑައެޅިގޮތް ސާފުވާ ފަދައިން ނޫންކަމުގައި ބުނެ، ހައިކޯޓު މަރުހަލާގައި އެ ނުކުތާ ނެގިދާނެކަމަށް ނުދެކޭކަމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ އިސްވެ ބަޔާންކުރެވުނު ޤާނޫނީ ނުކުތާތަކުގެ އަލީގައި، ރަނގަޅަށް ކަމުގައި އަހުރެންނަށް ބުރަވެވެއެވެ.
ނިންމަން ފެންނަ ގޮތް
53އަޙްމަދު ލަޠީފްގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އަހުރެން (އިސްވެ) ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން:
(ހ) އަޙްމަދު ލަޠީފްއާއި ޢާބިދާ ޢީސާއާމެދު 13 ޖޫން 2007 ގައި ވެފައިވާކަމަށް ބުނާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމުގައި ކަނޑައެޅޭނެ ޤާނޫނީ ބިނާއެއް ނެތްކަމުގައި؛ އަދި
(ށ) މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެ ކޯޓުގެ ނަންބަރު MC/C-235/2007 އެއްބަސްވުން (16 އޭޕްރީލް 2007 ގެ އެއްބަސްވުން) ގެ މުއްދަތު ހަމަވުމަށްފަހު އަޙްމަދު ލަޠީފްގެ ޙަވާލުގައި ހުރި ހ.ޖީމާ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފްލޯ އޭނާގެ ފަރާތުން ބޭނުންކުރާ ދުވަސްތަކަށް ކަނޑައަޅާފައިވާ ކުއްޔަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަނޑައަޅާފައިވާ ކުއްޔެއް ނޫންކަމަށް ކަނޑައެޅޭނެ ބިނާއެއް ނެތްކަމުގައި؛
ކަނޑައަޅައި، މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
54މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
55މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، އިސްތިއުނާފުކޮށްފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިން
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)
މުޙައްމަދު އިބްރާހީމް
ފުޓްނޯޓު
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A007318
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A329926
- މަދަނީ ކޯޓުގެ ނަންބަރު MC/C-235/2007 އެއްބަސްވުން (16 އެޕްރީލް 2007)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ [2022] SC 72 (ނަންބަރު 2020/SC-A/113) ޤަޟިއްޔާގެ 5 އަދި 6 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ [2022] SC 72 (ނަންބަރު 2020/SC-A/113) ޤަޟިއްޔާގެ 11 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ [2022] SC 72 (ނަންބަރު 2020/SC-A/113) ޤަޟިއްޔާގެ 12 ވަނަ ޕެރެގްރާފް.
- ސިވިލް ކޯޓުގެ ނަންބަރު 3275-CVC-2022 ޤަޟިއްޔާގެ 2 ވަނަ ނުކުތާ
- ސިވިލް ކޯޓުގެ ނަންބަރު 3275-CVC-2022 ޤަޟިއްޔާގެ 4 ވަނަ ނުކުތާ
- ސިވިލް ކޯޓުގެ ނަންބަރު 3275-CVC-2022 ޤަޟިއްޔާގެ 5 ވަނަ ނުކުތާ
- ސިވިލް ކޯޓުގެ ނަންބަރު 3275-CVC-2022 ޤަޟިއްޔާގެ 6 ވަނަ ނުކުތާ
- ސިވިލް ކޯޓުގެ ނަންބަރު 3275-CVC-2022 ޤަޟިއްޔާގެ 15.6 ވަނަ ނުކުތާ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A033245
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A393123
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A359103
- ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/113 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/24 ޤަޟިއްޔާ
- ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/19 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 14.1 ވަނަ ޕެރެގްރާފް އަދި އަޙްމަދުލަޠީފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި "ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު" ގެ 6 ވަނަ ނަންބަރުގެ 1.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 61.2 ވަނަ ޕެރެގްރާފް އަދި 80 އިން 88 ވަނަ ޕެރެގްރާފްގެ ނިޔަލަށް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 82 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 83 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 85 އަދި 86 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 87 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 88 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާގެ 18 ވަނަ ޕެރެގްރާފް
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފް
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާގެ 21 ވަނަ ޕެރެގްރާފް
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާގެ 22 ވަނަ ޕެރެގްރާފް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 83 އަދި 84 ވަނަ ޕެރެގްރާފް
- ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާގެ 18 ވަނަ ޕެރެގްރާފްއިން ފެށިގެން 29 ވަނަ ޕެރެގްރާފްގެ ނިޔަލަށް
- Burden of proof
- އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ)
- މުޙައްމަދު މަނިކު ވ. މުޙައްމަދު ޢަލީ ޖަނާހް (ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/48 ޤަޟިއްޔާ) އާއި، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔާ) އާއި، ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު (ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 ޤަޟިއްޔާ) އަދި މި ނޫން ވެސް މައްސަލަތައް.
- ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/46 ޤަޟިއްޔާ
- ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވ. ދައުލަތް (ރައްޔިތުންގެ މަޖިލީހުގެ އިދާރާ) [2023] SC 47 (ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-C/02 ޤަޟިއްޔާ)؛ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަމީން [2021] SC 92 (ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/79 ޤަޟިއްޔާ)؛ ޢަލީ ޒާހިރު ވ. މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑް [2024] SC 38 (ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/73 ޤަޟިއްޔާ).
- މިސާލަކަށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ރ) އަދި (ބ) އަދި 48 ވަނަ މާއްދާގެ (ރ) އަދި (ބ).
- މިސާލަކަށް، ހުށަހަޅާފައިވާ ހެކިތަކުން މައްސަލައިގެ ޙަޤީޤަތްތަކުގެ (facts) އަސާސީ ހުސްކަމެއް ފާހަގަކުރެވޭނަމަ، އެކަމާމެދު ސުވާލުކޮށް އިތުރު ހެކި ހޯދުން؛ ނުވަތަ ޝަރީޢަތުގެ ތެރެއިން ކުރުން ޤާނޫނީ ގޮތުން ލާޒިމުވާކަމެއް ކުރުމަށް އެންގުން ފަދަ، ހަމަހަމަކަމާއެކު އިންސާފު ޤާއިމުކުރުމަށް ފުށުނުއަރާ ބައެއް ކަންކަން.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާގެ 18 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފްއިން 23 ވަނަ ޕެރެގްރާފްގެ ނިޔަލަށް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 85 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 86 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 96 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 97 ވަނަ ޕެރެގްރާފް.
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 326 ވަނަ މާއްދާގެ (ހ).
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 89 އަދި 90 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 93 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 87 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 87 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު".
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/24 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/17 ޤަޟިއްޔާއާ ގުޅިގެން ސުޕްރީމް ކޯޓުގައި 22 މެއި 2025 ވަނަ ދުވަހު ބޭއްވުނު ފުރަތަމަ އަޑުއެހުމުގެ މަހުޟަރު ބަޔާނުގެ 10 އަދި 11 ވަނަ ސަފުހާ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/17 ޤަޟިއްޔާއާ ގުޅިގެން ސުޕްރީމް ކޯޓުގައި 22 ޖޫން 2025 ވަނަ ދުވަހު ބޭއްވުނު ތިންވަނަ އަޑުއެހުމުގެ މަހުޟަރު ބަޔާނުގެ 3 ވަނަ ސަފުހާ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/113 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާ ރިޕޯޓުގެ ސަފުހާ 154 އިން 166 އަށް ހިމަނާފައިވާ (ސޮފްޓް ކޮޕީގެ ސަފުހާ 156 އިން 168 އަށް) "އިސްތިއުނާފީ ދަޢުވާގެ ޖަވާބު ފޯމު" ގެ 7.3
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 104 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 105 ވަނަ ޕެރެގްރާފްއިން ފެށިގެން 118 ވަނަ ޕެރެގްރާފްގެ ނިޔަލަށް.
- ރޭޝިއޯ ޑެސިޑެންޑީ (ratio decidendi) އާއި އޮބިޓަރ ޑިކްޓަމް (obiter dictum) ގެ ފަރަޤު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް [2021] SC 18 (ނަންބަރު 2019/SC-A/15 ޤަޟިއްޔާ) ގެ 53 ވަނަ ޕެރެގްރާފްގައި ހިމަނާފައިވެއެވެ.
- އޭގެ އިތުރުން، 16 އޭޕްރީލް 2007 ގެ އެއްބަސްވުމުގެ މުއްދަތު 31 ޖުލައި 2022 ހަމަވުމުން، އެ ތާރީޚުން ފެށިގެން އިތުރު 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ހ. ޖީމާ އެވެ ކިޔާ ގޯތީގެ ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ވަނަ ފަންގިފިލާ އަޙްމަދު ލަޠީފަށް ބޭނުންކުރެވޭގޮތަށް ޢާބިދާ ޢީސާއާ އަޙްމަދު ލަޠީފު އެއްބަސްވެފައިވަނީ 16 އޭޕްރީލް 2007 ގެ އެއްބަސްވުމުގެ މުޤާބިލުގެ ތެރެއިން ކަމުގައި އަޙްމަދު ލަޠީފްގެ ފަރާތުން ބުނާއިރު، 13 ޖޫން 2007 ގެ އެއްބަސްވުމުގެ 4 ވަނަ މާއްދާގައި އަޙްމަދު ލަޠީފް މުޤާބިލާ ގުޅޭ ގޮތުން ބަޔާންކުރާ ކަންކަމަށް އެއްވެސް އިޝާރާތެއް ކޮށްފައިނުވާތީ އާއި، މުޤާބިލާއި ގުޅޭގޮތުން އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހަޅާ އެ ނުކުތާ ސާބިތުކޮށްދިނުމުގެ ގޮތުން އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން ފާހަގަވެއެވެ. އަދި، 13 ޖޫން 2007 ގެ އެއްބަސްވުމުގެ 4 ވަނަ މާއްދާގައިވާ ގޮތުން، އެއްބަސްވުމަށް އަމަލުކުރަންފަށާނީ ފަހުގެ ތާރީޚެއްގައި ކަން އެނގެން އޮވެފައި، އެ އެއްބަސްވުމުގެ 3 ވަނަ މާއްދާގައި "ކުއްޔަށްދޭ މުއްދަތު" ގެ ގޮތުގައި ކަނޑައެޅިފައިވާ ވަކި މުއްދަތެއް ބަޔާންކޮށްފައިވާތީ، އެ އެއްބަސްވުމުގެ 3 ވަނަ މާއްދާގައި މަދަނީ ކޯޓުގައި ރަޖިސްޓަރީކޮށްފައިވާ (16 އޭޕްރީލް 2007 ގެ) އެއްބަސްވުމަށް ހަވާލާދީ ފައިވުމަކުން، 13 ޖޫން 2007 ގެ އެއްބަސްވުމަކީ 16 އޭޕްރީލް 2007 ގެ އެއްބަސްވުމުގެ މުޤާބިލުގެ ތެރެއިން ހަމައެކަނި 16 އޭޕްރީލް 2007 ގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ވެފައިވާ އެއްބަސްވުމެއް ކަމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނީ އުސޫލުތަކުގެ އަލީގައި ބަލައިގަތުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަވެއެވެ.
- ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/19 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-F/02 ޤަޟިއްޔާ
- ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/19 ޤަޟިއްޔާ
- ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/19 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާއިން ބެލި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި އަޙްމަދުލަޠީފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި "ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު" ގެ 7.4. އެ އިސްތިއުނާފީ ނުކުތާގައި އަޙްމަދު ލަޠީފްގެ ފަރާތުން ބުނެފައިވަނީ "އިސްތިއުނާފު ރައްދުވާ ފަރާތުން ކުލީގެ މިންވަރު ކަނޑައަޅާފައިވާ ގޮތާމެދު ޝަރީޢަތުން ސުވާލުކުރުމުން، އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށާއި، އެކަމަށް ރިޢާޔަތްކުރުމެއް ނެތި އަދި ކުލީގެ މިންވަރު ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ކޮން އުސޫލަކުންކަން އެނގެން ނެތްކަން" މިފަދައިންނެވެ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 119 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 120 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 121 ވަނަ ޕެރެގްރާފްއިން ފެށިގެން 126 ވަނަ ޕެރެގްރާފްގެ ނިޔަލަށް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 127 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 128 ވަނަ ޕެރެގްރާފް އަދި 129 ވަނަ ޕެރެގްރާފް.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/04 ޤަޟިއްޔާގެ 130 ވަނަ ޕެރެގްރާފް.
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާގައި ސުޕްރީމް ކޯޓު މަރުހަލާއަކީ ފުރަތަމަ މަރުހަލާގެ ކޯޓަށް ހުށަހެޅުނު މުޅި ދަޢުވާ އަލުން ބަލާ އުސޫލުން ނުވަތަ ފުރަތަމަ މަރުހަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ އެންމެހައި އުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތާއި، މި އެންމެހައި ކަންކަން ބަލާ މަރުހަލާއެއް ނޫން ކަމުގައި ކަނޑައަޅާފައިވެއެވެ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ޤަޟިއްޔާގައި އިސްތިސްނާ ޙާލަތެއްގައި މެނުވީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ، ސުޕްރީމް ކޯޓުން އެ މައްސަލައެއް ބަލައި ފައިސަލާކުރާނީ ދަށުކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުގައާއި، ދަށު ކޯޓަށް ހުށަހަޅާފައިނުވާ އައު ހުށަހެޅުންތައް ސުޕްރީމް ކޯޓުގެ މަރުހަލާގައި ހުށަހަޅައި އެއާމެދު ބަހުސްކޮށް ޝަރީޢަތްތައް ހިންގުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ ވަރަށް ބޮޑަށް މަޙްދޫދުކުރެވިފައިވާ ކަމެއް ކަމުގައި ކަނޑައަޅާފައިވެއެވެ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޟިއްޔާ ގައި ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ ހާލަތުގައި ޢަމަލުކުރަންޖެހޭނެ ޢާންމު އުސޫލުން، އިސްތިއުނާފު ކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުހަލާތަކުގައިވެސް ހުށަހެޅިފައި އޮތް ޤާނޫނީ ބަހުސަކަށް ވާންޖެހޭ ނަމަވެސް، ވަރަށް އިސްތިސްނާ ހާލަތެއްގައި ދަށު މަރުހަލާތަކުގައި ހުށަހެޅި ދިފާއުތަކާއި ޤާނޫނީ ބަހުސްތަކާ ތަފާތު އައު ނުކުތާއެއް ހުށަހެޅޭނީ އިންސާފަށް ވާސިލުވުމަށްޓަކައިކަމުގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން: (1) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ؛ ނުވަތަ (2) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވާނަމަ؛ އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުން ބަލައިގަތުމުގައި ހުރަހެއް ނެތްކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް، އެފަދައިން ހުށަހަޅާ އައު ނުކުތާއަކަށް ރިޢާޔަތްކުރާނަމަ، އެ ނުކުތާއަކާ ގުޅިގެން މައްސަލައިގެ އިތުރު ވާޤިޢާތަކެއް ކަށަވަރުކުރަން ނުޖެހުމާއި، އެ ނުކުތާއެއް ދަށު ކޯޓަށް ހުށަނޭޅުނު ސަބަބާއި އަދި މި ނޫންވެސް އެހެނިހެން މައްސަލައިގެ ވަށައިގެންވާ ކަންކަމަކީ އެ ނުކުތާއާ މެދު ގޮތެއް ކަނޑައެޅުމުގައި ރިއާޔަތްކުރެވިދާނެ ކަންކަން ކަމުގައި ބަޔާންކޮށްފައިވެއެވެ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާގައި އާންމު އުސޫލަކީ ސުޕްރީމް ކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި އައު ހުށަހެޅުންތައް ހުށަހަޅައި އެއާ މެދު ބަހުސް ނުކުރުން ކަމުގައި ވީނަމަވެސް، ހައިކޯޓުން ފައިޞަލާކޮށް ނިންމާފައިވާ މައްސަލައެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވިފައިވާ ޙާލަތުގައި، އެ މައްސަލައިގެ ބާވަތަށާއި މައްސަލައަކާ ގުޅިގެން އަލަށް ހުށަހެޅޭ ހުށަހެޅުމުގެ މުހިންމުކަމުގެ މައްޗަށާއި އެ ހުށަހެޅުމުގެ ޞައްޙަކަމާއި އަދި އެ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުޞަތު ނުދީފިނަމަ ނިކުމެދާނެ ނަތީޖާގެ މައްޗަށް ބަލައި، އައު ހުށަހެޅުންތައް ހުށަހަޅައި އެކަންކަމާމެދު ބަހުސްކުރުމުގެ ފުރުޞަތު ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި ސުޕްރީމް ކޯޓުގެ މަރުހަލާގައިވެސް ދެވިދާނެކަމުގައާއި، މިގޮތުން، އިސްތިސްނާ ޙާލަތްތަކުގައި އައު ހެކި ބަލައިގަތުމުގައި، ހުށަހެޅޭ އައު ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އަންނަނިވި އުންސުރުތައް ފުރިހަމަވާ ހެކިކަމުގައި ވާންވާނެކަމުގައި ކަނޑައަޅާފައިވެއެވެ. (1) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުހަލާގައި ހިނގަމުންދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (Non-availability)؛ (2) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (Relevance)؛ އަދި (3) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (Credibility).
- ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/28, 29, 30 ޤަޟިއްޔާ
- މި ރައުޔުގެ 49 ވަނަ ޕެރެގްރާފުން 51 ވަނަ ޕެރެގްރާފްގެ ނިޔަލަށް.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ރ) އަދި (ބ)، އަދި 48 ވަނަ މާއްދާގެ (ރ) އަދި (ބ)
- 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ)
- 2011/SC-A/48 (މުޙައްމަދު މަނިކު ވ. މުޙައްމަދު ޢަލީ ޖަނާހް)
- 2013/SC-A/28 (އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް)
- 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު)
- 2017/SC-A/40 (ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)
- [2021] SC 79 (މިނިސްޓްރީ އޮފް ޓޫރިޒަމް ވ. އަތަމާ މެރައިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- [2023] SC 47 (ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވ. ދައުލަތް (ރައްޔިތުންގެ މަޖިލީހުގެ އިދާރާ))
- [2021] SC 92 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަމީން)
- [2024] SC 38 (ޢަލީ ޒާހިރު ވ. މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑް)
- 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- [2021] SC 18 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް)
- 2012/SC-A/27 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ)
- [2021] SC 109 (މަހުދީ ޢަޤީލް ވ. ވްލަޑިމިއަރ ޑްރަގްލޮވިޗް)
- [2021] SC 75 (ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
- 2013/SC-A/20 (އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- [2026] SC 22 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަދި ޔޫސުފް ނަޢީމް)
- [2022] SC 72 (ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.