މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ވ. ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2020/SC-A/58
2020/SC-A/59
ޝަރީޢަތް ނިމުނުގޮތް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ވ. ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު
06 ޖުލައި 2022އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2017/HC-A/393
ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/58 ޤަޟިއްޔާ
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
ޤާނޫނީ ވަކީލު:
ފަތުޙުﷲ އިސްމާޢިލް ޤާނޫނީ ވަކީލު:
ޑެޕިއުޓީ މެނޭޖަރ، މަރްޔަމް ޔާޝާ
ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/59 ޤަޟިއްޔާ
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް
ޤާނޫނީ ވަކީލު:
ޑެޕިއުޓީ މެނޭޖަރ
ފަތުޙުﷲ އިސްމާޢިލް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
ބަދަލުގައި:
މަދަނީ- ޓެކްސްއާބެހޭ- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޚްތިސާސް- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 40 (ހ)، 42، 44 ވަނަ މާއްދާ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ވ. ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް
[2022] SC 44
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/393 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 02 (ދޭއް) އިސްތިއުނާފީ މައްސަލަ ހުށަހެޅުނެވެ. އެއީ، ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު2020/SC-A/58 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ މައްޗަށް ރައްދުވާގޮތަށް ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-04/2007) (މީގެ ފަހުން "ނޫމަޑި ރިޒޯޓްސް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މި ކޯޓުގެ ނަންބަރު 2020/SC-A/59 ޤަޟިއްޔާއެވެ.
މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު، ބުނެވުނު ދެ އިސްތިއުނާފީ މައްސަލަ އެއްކޮށް ހިންގުމަށްފަހު، އެ ދެ ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާ ނިޔާއެވެ.
މައްސަލައިގައި ފަސްފަހަތް
ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ (މީގެ ފަހުން "ބީ.ޕީ.ޓީ" ޤާނޫނު) ދަށުން، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ވިތްހޯލްޑިންގ ޓެކްސް ހިސާބުކޮށް ހަމައަށް ދައްކާފައިވޭތޯ ބެލުމަށްޓަކައި01 ޖުލައި 2015 އިން 30 ޖޫން 2016 އާ ދެމެދު މީރާގެ ފަރާތުން ނޫމަޑި ރިޒޯޓްސްގެ ޓެކްސް އޮޑިޓެއް ކުރިއެވެ.
މި އޮޑިޓަށްފަހު، މުވައްޒަފެއްގެ މުސާރައިން ވިތްހޯލްޑިންގ ޓެކްސް ދެއްކިފައިވާކަން ފާހަގަކުރެވިފައިވާތީވެ ނޫމަޑި ރިޒޯޓްސްގެ ފަރާތުން އެ ފައިސާ ހޯދުމުގެ އިޖުރާއަތުތައް ފެށިއެވެ. އެކަމާގުޅިގެން މީރާއިން ދެކޭގޮތްކަމަށް ބަޔާންކުރަމުން ބުނެފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން ޓެކްސް ދައްކަންޖޭހޭކަމަށް ކަނޑައެޅުނު ޢަދަދުގެ މުއްދަތާ ގުޅޭގޮތުން ޓެކްސް ބަޔާން ހުށަހަޅާފައިވާނަމަ، އެ ބަޔާން އެ ކަނޑައެޅުމާ އެއްގޮތަށް އިޞްލާޙުވެގެން ދިޔައީ ކަމުގައި ބަލަންޖެހޭ ކަމަށާއި، އަދި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ (ރ) ގައި ޓެކްސް ދައްކާ ފަރާތުން ޓެކްސް ބަޔާން ހުށަހަޅައިފައިވަނިކޮށް، އެ ބަޔާން ނިސްބަތްވާ މުއްދަތަށް މީރާއިން ނިންމުމެއް ނިންމައިފިނަމަ، އެ މުއްދަތަށް އެ ފަރާތުން ހުށަހަޅާފައިވާ ބަޔާން، މީރާއިން ނިންމާފައިވާ ނިންމުމަކަށް ބަދަލު އަންނަ ގޮތަށް، އެ ފަރާތަކަށް އިޞްލާޙެއް ނުކުރެވެނޭކަމަށާއި، ނަމަވެސް، އެ ޙާލަތުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން މީރާގެ ނިންމުމާމެދު އެ ފަރާތަކަށް އިއުތިރާޒު ކުރެވިދާނެކަމަށާއި، އެހެންކަމުން ނޫމަޑި ރިޒޯޓްސްއިން އެދިފައިވާ ގޮތަށް ޓެކްސް ބަޔާނަށް ބަދަލުނުގެނެވޭނެ ކަމަށާއި، ނަމަވެސް، މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމެންޓަށް އިއުތިރާޒު ކުރެވިދާނެކަމަށެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އިސްވެ ޙަވާލާދެވުނު ނޯޓިސް އޮފް ޓެކްސް އެސެސްމެންޓަށް ނޫމަޑި ރިޒޯޓްސްގެ ފަރާތުން އިއުތިރާޒުކުރުމުން، މީރާއިން އެ އިއުތިރާޒާމެދު ނިންމިގޮތް ނޫމަޑި ރިޒޯޓްސްއަށް އެންގިއެވެ. މީރާގެ ނިންމުމުގައި ބުނެފައިވަނީ، ނޫމަޑި ރިޒޯޓްސްގެ ފަރާތުން ކޮށްފައިވާ އިއުތިރާޒަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާއާ އެއްގޮތަށް ހުށަހަޅާފައިވާ އިއުތިރާޒުކުރުމަކަށް ނުވާތީ، ނޫމަޑި ރިޒޯޓްސްގެ ފަރާތުން ކުރި އިއުތިރާޒު ބަލައިގަނެވެން ނެތްކަމުގައެވެ.
އިސްވެ ބުނެވުނު މީރާގެ ނިންމުމާ ގުޅިގެން އެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ނޫމަޑި ރިޒޯޓްސްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ.
އެ މައްސަލަ ބަލައި ނުގަތުމަށް އެޓްރައިބުއުނަލުން ބަޔާންކޮށްފައިވަނީ ނޫމަޑި ރިޒޯޓްސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އިތުރަށް ދެއްކިފައިވާ ޓެކުހަކާގުޅޭ މައްސަލައަކަށް ވެފައި، މީރާގެ އޮޑިޓް ރިޕޯޓުގައި ނިންމާފައިވާ ނިންމުމަކާގުޅޭ މައްސަލައަކަށް ނުވާތީއާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރެވޭނީ މީރާގެ ނިންމުމަކާ ގުޅިގެން އިއުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން މީރާގެ ނިންމުންކަމަށް ބަޔާންކޮށްފައިވާތީއާއި، ނަމަވެސް މި މައްސަލައާ ގުޅިގެން ޓެކްސް ދައްކާ ފަރާތުން ހުށަހެޅި އިއުތިރާޒަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ބަލައިގަނެވޭނެ އިއުތިރާޒެއް ނޫންކަމަށް މީރާއިން ނިންމާފައިވާތީއާއި، ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އިއުތިރާޒު ނުކުރެވޭނެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ލިބިދީފައިނުވާތީ، މި މައްސަލަ އެ ޓްރައިބިއުނަލްއަށް ބަލައިގަނެވެން ނެތްކަމުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް
ނޫމަޑި ރިޒޯޓްސްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2017/HC-A/393 ޤަޟިއްޔާއިން ބެލިއެވެ. އަދި އެ ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިސްތިއުނާފު ނަންބަރު TAT-AS/2017/7 މައްސަލަ އެ ޓްރައިބިއުނަލްއިން ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވާ ނިންމުން ބާޠިލުކޮށް، އެ މައްސަލައަކީ އެ ޓްރައިބިއުނަލްއިން ބަލައި މައްސަލައިގެ މަޢުޟޫގައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމުގައި ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.
އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
9.1. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި އިސްތިއުނާފު ކުރުމަށް ލިބިދޭ ޙައްޤު އުފަންކުރުވާ "މީރާއިން ނިންމާ ނިންމުން" ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2013/HC-A/203 ޤަޟިއްޔާއިން މާނަކޮށްދީފައިވާކަމާއި، މިގޮތުން މީރާގެ މުވައްޒަފުންނާއި ގުޅޭގޮތުން އެ އިދާރާއިން ނިންމާ ނިންމުންތަކާއި އެފަދަ އިދާރީ އެހެނިހެން ނިންމުންތައް ފިޔަވައި ޓެކްސްނެގުމާއި ގުޅޭގޮތުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ކަނޑައެޅިފައިވާ ކަންކަމާއި ގުޅިގެން މީރާއިން ނިންމާ ނިންމުންތަކަކީ އެ ނިންމުންތަކުގެ މައްޗަށް ޤާނޫނާއި ގަވާއިދުތަކުގައި ބަޔާންކުރާ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ޗެލެންޖްކުރެވޭނެ ނިންމުންތަކެއްކަމަށް އިސްވެދެންނެވުނު ހައިކޯޓުގެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަން.
9.2. ޓެކްސް އެޕީލް ޓްރައިބިއުނަލްއިން ބެލޭނެ މައްސަލަތަކާއި ނުބެލޭނެ މައްސަލަތައް ބަޔާންކޮށް އެ ޓްރައިބިއުނަލްގެ އިޚްތިސާސް ބަޔާންކޮށްދޭ ވަކި ޚާއްސަ ބާބެއް ނުވަތަ ޖަދުވަލެއް ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައި ނެތްނަމަވެސް، އެ ޤާނޫނުގެ 31، 36، 44، 47 ގެ (ޅ)، 52 ގެ (ޅ)، 70، އަދި 81 ވަނަ މާއްދާއަށް ބެލުމުން މި މާއްދާތަކުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މައްސަލަ ބެލުމާއި އަމުރުނެރުމުގައި ލިބިގެންވާ އިޚްތިސާސްތައް ބަޔާންވެގެންވާކަމާއި، އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 62 ވަނަ މާއްދާއިން ބާރު ލިބިގެން ހެދިފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 6 ވަނަ މާއްދާގައި ވެސް އެ ޓްރައިބިއުނަލްއަށް ލިބިގެންވާ އިޚްތިސާސްތަކަކީ ކޮބައިކަން ބަޔާންކޮށްދީފައިވާކަން އެނގޭއިރު، މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިޢުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން މީރާއިން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ އެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރެވިދާނެކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާއާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގޭކަން.
9.3. ނޫމަޑި ރިޒޯޓްސްއާއި މީރާއާއި ދެމެދު އުފެދިފައިވާ ޚުސޫމަތު ބިނާވެފައިވާ ކަންކަމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ ދަށުން އިޢުތިރާޒު ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަން އެނގޭކަމާއި، ނޫމަޑި ރިޒޯޓްސްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ ބެލެން ނެތް ސަބަބެއްގެ ގޮތުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-AS/2017/7 ލިޔުމުގައި ފާހަގަކޮށްފައިވަނީ " ޓެކްސް ދައްކާ ފަރާތުން ހުށަހެޅި އިޢުތިރާޒަކީ މީރާއިން ބަލައިގަނެވޭނެ އިޢުތިރާޒެއް ނޫންކަމަށް މީރާއިން ނިންމަވާފައިވާތީ" ކަމަށް ބަޔާންކޮށްކަން އެނގޭއިރު، އެއީ މުޅި މައްސަލައިގެ ޙައްލު ހޯދުމަށް އެދޭ މައުޟޫޢުގެ ތެރޭގައި ހިމެނޭ ކަމެއްކަމާއި އަދި މި މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހަޅަން ޖެހުނީ ވެސް މީރާއިން އެފަދައިން ނިންމާފައިވާތީކަން އެނގޭއިރު، މީރާއިން މައްސަލައާމެދު ގޮތެއް ނިންމާފައިވާތީ އެކަން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ބެލެން ނެތްކަމަށް ކަނޑައެޅުމަކީ ޓެކްސް އެޕީލް ޓްރައިބިއުނަލް ވުޖޫދުކުރުމުގެ މަޤްޞަދާއި މުޅިން ފުށުއަރާކަމެއްކަން އެނގޭކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2017/HC-A/393 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި މީރާގެ ފަރާތުން އަދި ނޫމަޑި ރިޒޯޓްސްގެ ފަރާތުން ވަކި 02 (ދޭއް) މައްސަލައެއް ހުށަހަޅާފައިވެއެވެ. މިދެ އިސްތިއުނާފުގެ ތަފުސީލު ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
މީރާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް
މީރާގެ ފަރާތުން ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ހުށަހަޅާފައިވަނީ މައިގަނޑު 03 (ތިނެއް) ނުކުތާއެވެ.
ހައިކޯޓުގެ ނަންބަރު 2017/HC-A/393 ޤަޟިއްޔާގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ރ) ގައި ޝަރީޢަތުން ބަލާ މައްސަލަތަކުގައި ނިޔާ ކަނޑައަޅަންވާނީ އެ މައްސަލައަކީ ގުޅިގެން ބަލަންޖެހޭ އެންމެހައި ބެލުންތައް ބެލުމަށްފަހު އަދި ރިޢާޔަތްކުރަންޖެހޭ އެންމެހައި ކަންކަމުގެ މައްޗަށް ޝަރީޢަތުން ފުރިހަމައަށް ރިޢާޔަތްކުރުމަށް ފަހުގައިކަމަށް ބަޔާންކޮށްފައިވާ އުޞޫލާއި ޚިލާފަށްކަމާއި، އަދި އެ ސަބަބަށްޓަކައި ހައިކޯޓުން ޙުކުމް ކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފުވެފައިވާކަން.
ހައިކޯޓުގެ ނަންބަރު 2017/HC-A/393 ޤަޟިއްޔާގެ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި“Stare Decisis” ނުވަތަ “to Stand by decided Cases” ގެ ޤާނޫނީ ޤާއިދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމާއި، އެ ނިންމުން ނިންމުމުގައި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާއަށް ހައިކޯޓުން ރިޢާޔަތްކޮށްފައިނުވާކަމާއި، މި ސަބަބުތަކަށްޓަކައި ހައިކޯޓުގެ ނަންބަރު2017/HC-A/393 ޤަޟިއްޔާގެ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 68 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމުގައިވުން.
ހައިކޯޓުގެ ނަންބަރު 2017/HC-A/393 ޤަޟިއްޔާގެ ނިންމުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 40 ވަނަ މާއްދާއާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ (ރ) އާއި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގައި ޓެކްސް ބަޔާން އިޞްލާޙުކުރުމާއި ގުޅިގެން ކަނޑައަޅާފައިވާ އުޞޫލުތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި، ޚާއްޞަކޮށް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ބާރު ކެނޑިގެންދާ ފަދައިން މައްސަލަ ނިންމާފައިވުން.
ބަޔާންވެދިޔަ 3 (ތިނެއް) ނުކުތާގެ މައްޗަށް ބިނާކޮށް މީރާގެ ފަރާތުން އެދިފައިވަނީ، ޚުސޫމަތު އުފެދިފައިވާ މިމައްސަލައަކީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިސާސް ލިބިގެން ނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް ދިނުމަށެވެ.
ނޫމަޑި ރިޒޯޓްސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/393 ޤަޟިއްޔާ، އިސްތިއުނާފު ކުރަމުން ނޫމަޑި ރިޒޯޓްސްގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ 33 ވަނަ މާއްދާގެ (ށ) އާއި 43 ވަނަ މާއްދާގެ (ށ) އާއި 45 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށެވެ.
މިނުކުތާގެ ތަފުސީލުގައި، ނޫމަޑި ރިޒޯޓްސްގެ ފަރާތުން ދައްކާފައިވާ ވާހަކަތުން ދޭހަވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/393 ޤަޟިއްޔާގައި ނޫމަޑި ރިޒޯޓްސްއިން އިސްތިއުނާފު ކުރުމަށްޓަކައި 9 (ނުވައެއް) ނުކުތާއެއް ހުށަހެޅުނު ކަމާއި އޭގެ ތެރެއިން 1 (އެކެއް) ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެއްވެސް ފަރުވާއެއް ދީފައި ނުވާކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު އެނުކުތާގެ ޚުލާސާއަކީ، ޚުސޫމަތު އުފެދިފައިވާ މިމައްސަލައިގެ އޮޑިޓް ރިޕޯޓާއި އެ އޮޑިޓާ ގުޅިގެން ފައިސާ ދައްކަން އެންގި އެންގުމާ ގުޅޭގޮތުން މީރާއިން ނިންމާފައިވާ ނިންމުގައި ސޮއިކޮށް އެ ނިންމުން އެޕްރޫވްކޮށްފައިވަނީ މިމައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލުން ބެއްލެވި މެންބަރެއްގެ ފިރިކަލުން ކަމަށްވާއިރު، އެނިންމުން ނިންމުމުގައި އެމެންބަރު ތަނާޒުލުވެފައި ނުވާތީވެ، އެއީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ގަވާއިދުގެ 40 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ދެކޭކަމަށެވެ.
ނޫމަޑި ރިޒޯޓްސްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގެ ގޮތުގައި ބުނެފައިވަނީ މި މައްސަލައިގެ މައުޟޫއަކީ މީރާގެ މުވައްޒަފު އެކަނި ނިންމާފައިވާ ނިންމުމެއް ނޫންކަމަށާއި، ނަމަވެސް، މީރާގެ ޤާނޫނީ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި އިދާރީގޮތުން އެކުލަވާލާފައިވާ ކޮމިޓީއަކުން ނިންމާފައިވާ "މީރާގެ ނިންމުން" އެއް ކަމާއި، މައްސަލަ ހުށަހަޅާފައިވަނީ ވެސް މީރާގެ މައްޗަށްކަމަށާއި، މީރާގެ މުވައްޒަފުން ކުރާ މަސައްކަތްތަކަކީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަމުރާ އެއްގޮތަށް ނުވަތަ އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދަކާ އެއްގޮތަށް މުވައްޒަފަކު އޭނާގެ ވާޖިބު އަދާކުރުމުގައި ލިބޭ ގެއްލުމަކަށް ނުވަތަ އެފަދަ މައްސަލައަކާގުޅޭ ގޮތުން ކުރެވޭ ޝަރީޢަތަކަށް އެ މުވައްޒަފަކު ފަރުދީގޮތުން ޒިންމާވާން ނުޖެހޭނެކަމަށާއި، އެފަދަ ޙާލަތެއްގައި ޒިންމާ އުފުލާނީ މީރާއިން ކަމަށްވާތީ، މި މައްސަލައިގައި މީރާގެ މުވައްޒަފެއްގެ ޚާއްޞަ ޒާތީ މަޞްލަޙަތެއް އެކުލެވިގެން ނުވާކަން ސާފުކޮށް އެނގެން އޮންނާތީ، އެ މުވައްޒަފަކާ ޢާއިލީ ގޮތުން ގުޅުން ހުރި ފަރާތެއް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ޙައިސިއްޔަތުން ނިންމާ ނިންމުމެއްގައި އެ މެންބަރެއްގެ މަޞްލަޙަތު ހިމެނޭނެ ޤާނޫނީ ސަބަބެއް ނެތްހިނދު، މި މައްސަލައިން އެ މެންބަރަކު ތަނާޒުލްވާންޖެހޭނެ ޤާނޫނީ ސަބަބެއް ނެތްކަމުގައެވެ.
އިސްތިއުނާފުގެ ތަފުސީލު
އިސްވެ ބުނެވުނު ދެ އިސްތިއުނާފަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/393 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ހުށަހަޅާފައިވާ ދެ އިސްތިއުނާފެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާއަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލުން މައްސަލައެއް ބަލައިނުގަތުމަށް ނިންމާފައިވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި މައްސަލައަކަށްވެފައި، ޚުސޫމަތު އުފެދިފައިވާ މި މައްސަލާގައި ކަންހިގާފައިވާ ގޮތާއި ވާޤިޢާތްތަށް ކަށަވަރު ކުރެވި މިމައްސަލަ މަޢުޟޫއީގޮތުން ބެލިފައިނުވެއެވެ. އެހެންކަމުން، މުޅި މިމައްސަލާގައި އޮތީ އިޖުރާއީ ސުވާލެކެވެ.
މިމައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަންކަމަށް ބަލައި، މީރާގެ ފަރާތުން މިމައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްތިއުނާފީ 3 (ތިނެއް) ނުކުތާގެ މައިގަނޑު ބިނާވެފައިވަނީ އެފަރާތުގެ ނަޒަރުގައި މި މައްސަލައަކީ ޓެކްސް އެޕީލް ޓްރައިބިއުނަލުން ބެލުމުގެ އިޚްތިސާސް ލިބިފައިނުވާ މައްސަލައެއްކަން ބަޔާންކޮށް ދިނުމުގެ ސަބަބުތަކުގެ މައްޗަށެވެ.
ނޫމަޑި ރިޒޯޓްސް ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ އަކީ އެންމެ ނުކުތާއެކެވެ. އެއީ މިރައުޔުގެ 14 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، މިމައްސަލައިގެ އޮޑިޓް ރިޕޯޓާއި އެ އޮޑިޓާ ގުޅިގެން ފައިސާ ދައްކަން އެންގި އެންގުމާ ގުޅޭގޮތުން މީރާއިން ނިންމާފައިވާ ނިންމުގައި ސޮއިކޮށް އެ ނިންމުން އެޕްރޫވްކޮށްފައިވަނީ މިމައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލުން ބެއްލެވި މެންބަރެއްގެ ފިރިކަލުން ކަމަށްވާއިރު، އެނިންމުން ނިންމުމުގައި އެމެންބަރު ތަނާޒުލުވެފައި ނުވާތީވެ، މަޞްލަޙަތު ފުށުއެރުމާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ނުކުތާއެވެ. މިނުކުތާގެ ތަފުސީލު ދެމުން، ނޫމަޑި ރިޒޯޓްސްއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރި ނުކުތާގައި ބަޔާންކުރާ މަޞްލަޙަތު ފުށުއެރުމެއް މިހާރު ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ވުޖޫދުގައި އޮތްކަމަށް ނުދެކޭތީވެ، މިނުކުތާގައި މިހާރު ގޮތެއް ކަނޑައެޅުމުގެ ފާޢިލިއްޔަތެއް ނެތެވެ.
ނަމެވެސް މައްސަލައެއްގައި، ނިޔާ ކަނޑައަޅާ ކޮންމެ ފަރާތަކުން، އެކުރެވޭ ޝަރީޢަތެއް ނުވަތަ ބެލޭ މައްސަލައެއްގައި އިންސާފުން އެއްކިބާވެފައިވާކަމަށް ދޭހަވާ ކޮންމެ ޝުބުހައަކުން ދުރުވުމަކީ އެފަދަ މައްސަލައެއް ބަލާ ކޮންމެ ފަރާތެއްގެ މައްޗަށް އޮތް ޒިންމާއެކެވެ. އެނޫންގޮތެއް ނެތް ޙާލަތެއްގައި މަޞްލަޙަތު ފުށުއެރުމެއް އޮންނަ މައްސަލައެއްގައި، ބަލައި ގޮތެއް ކަނޑަޅަންޖެހިއްޖެ ޙާލަތެއް، އެއޮތް މަޞްލަޙަތު ފުށުއެރުމެއް ފާޅުކޮށް ހާމަކުރަން ވާނެއެވެ.
ވުމާއެކު، މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހިފައިވަނީ މީރާގެ އިސްތިއުނާފުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް އެކަންޏެވެ. އެއީ، މި މައްސަލައަކީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ބަލައިގަނެ، މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްތޯ މިކަމުގެ މައްޗަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އިޚްތިސާސް
ޓެކްސްއާގުޅޭ މައްސަލަތައް ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ބެލުމުގެ އިޚްތިސާސް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިފައިވެއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އިޚްތިސާސް ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ގަވާއިދު 2012 ގެ 6 ވަނަ މާއްދާގައި ތިރީގައި އެވާގޮތަށް ބަޔާންކުރެވިފައިވެއެވެ.
(ހ) މީރާއިން ނިންމި ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން މީރާއިން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ، އެކަމެއް އިސްތިއުނާފުކުރުމަށް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ބެލުން.
(ށ) ޓެކްސްއާބެހޭ ޤާނޫނެއް ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާ މައްސަލަތައް ބެލުން.
(ނ) ޓެކްސްއާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ޝައްކު ކުރެވޭނަމަ، ނުވަތަ އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އަދި ޓެކްސްއާ ގުޅޭ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމަށް މީރާއަށް ޤަބޫލު ކުރެވޭނަމަ އެކުށް ކުރަމުންދާ ތަނަކަށް ވަނުމަށް މީރާއިން އެދިއްޖެ ޙާލަތެއްގައި އެތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުން.
ހުށަހެޅިފައިވާ މިމައްސަލާގައި ޙަވާލާދެވެނީ މަތީގައި އިޝާރަތްކުރެވިފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ގަވާއިދު 2012 ގެ 6 ވަނަ މާއްދާގެ (ހ) އަށެވެ. އެމާއްދާ މިހާރު އިޞްލާޙުކުރެވިފައިވާ ޓެކްސް އެޕީލް ގަވާއިދު 2021 ގެ 5 ވަނަ މާއްދާގެ (ހ) ގައި ވަނީ ތިރީގައި އެވާގޮތަށެވެ.
"ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ މީރާއިން ނިންމާ ނިންމުކާ މެދު ޓެކްސް ދައްކާފަރާތުން ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ކޮންމެ ނިންމުމެއް އިސްތިއުނާފުކުރުމަށް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ބެލުން"
ބަޔާންކުރެވިފައިވާ މާއްދާގެ ދާއިރާގައި ހިމެނޭ މައްސަލަތައް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅުމަށްޓަކައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ނުވަތަ މީރާގެ ނިންމުމެއް އޮވެ، އެމައްޗަށް ޓެކްސް ދައްކާފަރާތުން އިއުތިރާޒު ކުރުމާއެކު އެކަމާގުޅޭގޮތުން ނިންމާ ކޮންމެ ނިންމުމެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފު ކުރެވިދާނެކަން އެމާއްދާއަށް ބެލުމުން އެނގެއެވެ.
މީރާއިން ނިންމާ ކޮންމެ ނިންމުމެއް ޓެކްސް ދައްކާފަރާތުގެ ނަޒަރުގައި އެނިންމުމުގެ ސަބަބުން އެފަރާތުގެ މަޞްލަޙަތަށް އުނިކަމެއް އަންނަކަމަށް ފެންނަ ހިނދަކު، ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އިޖުރާއާތުތައް ފުރިހަމަ ކުރުމަށްފަހު، އެމައްސަލައެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފު ކުރެވިދާނެއެވެ.
މީރާގެ ނިންމުންތައް އިސްތިއުނާފުކުރުން
ޓެކްސް އެޕީލް ޓްރައިބުނަލަށް މައްސަލައެއް ހުށަހެޅުމުގައި ޢަމަލުކުރާ އިޖުރާއާތުތަކަށް ބަލާއިރު، މީރާގެ ނިންމުންތައް އިސްތިއުނާފު ކުރުމުގައި ޢަމަލު ކުރަންޖެހޭނެ ގޮތް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން އެ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކޮށް ހުށަހެޅުމުން އެކަމާގުޅޭގޮތުން މީރާއިން ނިންމާ ކޮންމެ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެއެވެ.
ޓެކްސް ދައްކާފަރާތުން އިއުތިރާޒު ކުރެވިދާނެ ކަންކަމުގެ ތެރޭގައި މީރާއިން ކަނޑައަޅާފައިވާ ޢަދަދަކާ ގުޅޭގޮތުންނާއި އެ ޢަދަދު ކަނޑައެޅުމުގައި މީރާއިން ޢަމަލުކޮށްފައިވާ ގޮތުން ޓެކްސް ދައްކާފަރާތުގެ އެއްވެސް ޙައްޤަކަށް އުނިކަން އައިސްފައިވާކަމަށް ޤަބޫލުކުރެވޭނަމަ އެކަމާ ގުޅިގެން ޓެކްސް ދައްކާ ފަރާތަށް އެނިންމުމެއް ނިންމި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިއުތިރާޒުކުރާކަމުގެ އެންގުމެއް މީރާއަށް ހުށަހެޅިދާނެއެވެ.
ޓެކްސް ދައްކާ ފަރާތަކުން މީރާއަށް ހުށަހަޅާ އިއުތިރާޒު އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ނިންމުމަކާ މެދު ޓެކްސް ދައްކާފަރާތުން ހިތްހަމަ ނުޖެހޭނަމަ، އެނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެމައްސަލައެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އިޚްތިސާސް ލިބިގެންވާ މައްސަލައެއްކަމަށް ކަނޑައެޅުން
ހުށަހެޅިފައިވާ މިމައްސަލައަށް ބަލާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލުން މިމައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ ނޫމަޑި ރިޒޯޓްސްއިން ހުށަހެޅި މައްސަލައަކީ އިތުރަށް ދެއްކިފައިވާ ޓެކުހަކާގުޅޭ މައްސަލައަކަށްވެފައި، މީރާގެ އޮޑިޓް ރިޕޯޓުގައި ނިންމާފައިވާ ނިންމުމަކާ ގުޅޭ މައްސަލައަކަށް ނުވާތީވެ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރެވޭނީ މީރާގެ ނިންމުކާ ގުޅިގެން އިއުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން މީރާގެ ނިންމުން ކަމަށް ވިޔަސް މިމައްސަލާގައި ޓެކްސް ދައްކާ ފަރާތުން ހުށަހެޅި އިއުތިރާޒަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ބަލައިގަނެވޭނެ އިއުތިރާޒެއް ނޫންކަމަށް މީރާއިން ނިންމާފައިވާތީވެ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އިއުތިރާޒު ނުކުރެވޭނެ މައްސަލައެއް ބެލުމުގެ އިޚްތިސާސް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިފައިނުވާތީވެ، މިމައްސަލަ ޓްރައިބިއުނަލަށް ބަލައި ގަނެވެން ނެތްކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން މިމައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައި އުފެދޭ ފުރަތަމަ ސުވާލަކީ ޓެކްސް ދައްކަފާރާތަށް އިތުރަށް އެއްވެސް އަދަދެއް ދެއްކިފައިވާނަމަ، އެކަމާގުޅޭ ގޮތުން ތައުނު ކުރުމުގެ ފުރުސަތު ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ނެތްކަމަށެވެ. ދެވަނައަށް އުފެދޭ ސުވާލަކީ، މީރާގެ އޮޑިޓް ރިޕޯޓުގައި އިތުރަށް ދެއްކިފައިވާ އަދަދާގުޅޭ ގޮތުން ނިންމުމެއް އޮތްތޯއެވެ. އަދި ނޫމަޑި ރިޒޯޓްސްގެ ފަރާތުން ހުށަހެޅި އިއުތިރާޒަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ބަލައިގަނެވޭނެ އިއުތިރާޒެއް ނޫންކަމަށް މީރާއިން ނިންމާފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްތޯއާއި، އަދި އެފަދަ ޙާލަތެއްގައި އެކަމާގުޅޭ ގޮތުން ދަޢުވާ އުފުލައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ތައުނު ނުކުރެވޭތޯއެވެ. ބަޔާންވެދިޔަ ސުވާލުތަކުގެ ޖަވާބު މިމައްސަލައިގެ ތެރެއިން ސާފުވެގެން ދާނީ މިމައްސަލައިގެ ކަންހިނގާދިޔަ ގޮތް އޮޅުންފިލުވި ވާގިޢާތަށް ކަށަވަރު ކުރެވިގެންކަމަށް ދެކެމެވެ. ނަމަވެސް މިމައްސަލައަކީ ޓެކްސް އެޕީލް ޓްރައިބިއުނަލުން ބަލައިނުގަނެފައިވާ މައްސަލައަކަށްވާތީވެ މިއިން އެއްވެސް ސުވާލެއްގެ ސާފު ޖަވާބެއް ނެތެވެ.
މިމައްސަލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލައި ދޭހަވަނީ، ޚުސޫމަތު އުފެދިފައިވަނީ ނޫމަޑި ރިޒޯޓްސްގެ މުވައްޒަފެއްގެ މުސާރައިން ވިތްހޯލްޑިންގ ޓެކްސް ދެއްކިފައިވާތީވެ އިތުރަށް ދެއްކިފައިވާ އެފައިސާ އަބުރާ ހޯދުމާގުޅޭ މައްސަލައެކެވެ. މިމައްސަލާގައި ދައްކަންޖެހޭ ވަރަށްވުރެ އިތުރަށް ވިތްހޯލްޑިންގ ޓެކްސް ދެއްކިފައިވާކަން ފާހަގަކުރެވިގެން ނޫމަޑި ރިޒޯޓްސްއިން އިޞްލާޙުކޮށްފައިވާ ވިތްހޯލްޑިންގ ޓެކްސް ބަޔާނެއް ހުށަހެޅުމުން، އެފަދަ އިޞްލާޙު ކުރެވިފައިވާ ޓެކްސް ބަޔާނެއް ހުށަހެޅިފައިވަނީ މީރާއިން އޮޑިޓްކޮށްފައިވާ މުއްދަތަކަށް ކަމަށްވާތީވެ އެމުއްދަތަށް އިޞްލާޙުކޮށްފައިވާ ޓެކްސް ބަޔާނެއް ހުށަހެޅުމަކީ ޓެކްސްނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން ކުރެވޭނެ ކަމެއްނޫންކަމާއި، މީރާއިން ކަނޑައަޅާފައިވާ އަދަދާ މެދު އިއުތިރާޒުކުރުމަށް ބޭނުންވާނަމަ އިއުތިރާޒު ކުރާކަމުގެ އެންގުމެއް ހުށަޅުމަށެވެ. ނޫމަޑި ރިޒޯޓްސްގެ ނަޒަރުގައި މީރާގެ މިއިރުޝާދަށް ތަބާވެ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ނޫމަޑި ރިޒޯޓްސް އިން އިއުތިރާޒު ކުރުމުން، އިއުތިރާޒު ކުރާކަމުގެ އެންގުމުން ބަލައި ނުގަތުމުން އުފެދިފައިވާ އިޖުރާއީ މައްސަލައެކެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒެއް މީރާއަށް ހުށަހެޅުމުން ޢަމަލު ކުރަން އޮންނަ ގޮތްކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކޮށްފައިވަނީ އިއުތިރާޒާ ގުޅިގެން މީރާގެ ނިންމުން އެއްކޮށް ބަދަލުކުރުން ނުވަތަ މީރާގެ ނިންމުމުން ބައެއް ބަދަލު ކުރުން އަދި މީރާގެ ނިންމުން ރަނގަޅުކަމަށް ކަނޑައެޅުމެވެ. ބަޔާންވެދިޔަ 3 (ތިނެއް) ގޮތުން ކުރެގޮތަކަށް ނިންމުމެއްނެތި، އިއުތިރާޒު ބަލައިނުގަތުމަށް މީރާއިން ނިންމާފައިވާ ސަބަބު ސާފެއްނުވެއެވެ. ނަމަވެސް، ސާފުވާ ޙަޤީޤަތަކީ އިއުތިރާޒު ބަލައިނުގަތުމަށް މީރާއިން ކަނޑައަޅާފައި އޮތް އޮތުމަކީ އޭގެ ޒާތުގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކުރުމުން މިރާއިން ނިންމާފައިއޮތް ނިންމުމެއްކަމާއި މިފަދަ ކޮންމެ ނިންމުމެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފު ކުރެވިދާނެކަމެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ޒިންމާއަކީ ޓެކްސްއާގުޅޭ ގޮތުން އެޓްރައިބިއުނަލުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަތަށް ބެލުންކަމުގައި ވާހިނދު، މީރާއިން ނިންމާ ކޮންމެ ނިންމުމެއްގެ ސަބަބުން ޓެކްސް ދައްކާ ފަރާތުގެ ނަޒަރުގައި އެފަރާތުގެ މަޞްލަޙަތަށް އުނިކަމެއް އަންނަކަމަށް ފެންނަ ހިނދަކު، ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އިޖުރާއާތުތައް ފުރިހަމަ ކުރުމަށްފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފު ކުރެވިދާނެކަމާއި، ނޫމަޑި ރިޒޯޓްސްގެ މައިގަނޑު ޝަކުވާއަކީ މިމައްސަލާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކުރުމުން އެއިއުތިރާޒު މީރާއިން ބަލައި ނުގަތުންކަމަށް ވާހިނދު، މީރާއިން އެ އިއުތިރާޒު ބަލައި ނުގަނެފައިވަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމަށްޓަކައި މިމައްސަލާގައި ކަންހިނގާފައިވާގޮތް ކަށަވަރުކޮށް، ސުވާލު އުފެދިފައިވާ ކަންކަމުގެ ޖަވާބު ހޯދުމަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ފަދައިން މިމައްސަލަ މަޢުޟޫއީގޮތުން ގޮތެއް ކަނޑައެޅުމަށްޓަކައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ބަލައިގަންނަންޖެހޭ މައްސަލައެއްކަމަށް އަހުރެން ދެކެމެވެ.
ބަޔާންވެދިޔަ ކަންކަން އެހެން ހުރުމާއެކު، މިމައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ފާހަގަކުރެވިފައި ނުވެއެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/393 ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުސްނުއްސުޢޫދުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.