ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 78 · 2022/SC-A/08, 2022/SC-A/11

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ވ. ރޮބިންސަން ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުޓެކްސް އެޕީލް ޓްރައިބިއުނަލުގެ TAT-CA-B/2019/005 އަދި…
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 ނޮވެމްބަރު 2022ދަށު ކޯޓު: ހައިކޯޓު 2021/HC-A/160، 2021/HC-A/161، 2021/HC-A/74، 2021/HC-A/75ބާވަތް: ޓެކްސްއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2021/HC-A/160، 2021/HC-A/161، 2021/HC-A/74، 2021/HC-A/75، TAT-CA-B/2019/005، TAT-CA-B/2019/007
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމި ދެ މައްސަލަ މީރާއާއި ކުންފުނިން ހައިކޯޓަށް އިސްތިއުނާފުކުރުމުން، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދު ދުވަސްތައް ހިމަނައިގެން ގުނާއިރު މުއްދަތު ހަމަވުމަށްފަހު ހުށަހެޅިކަމަށް ބުނެ، ހައިކޯޓުން އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނެވެ.
ވާޤިޢާ
މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓުތަކާ ގުޅިގެން ރިސޯޓު ކުންފުނިން ހުށަހެޅި ދެ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލުން 18 ނޮވެންބަރު 2020 ގައި ނިންމިއެވެ. ދެ ފަރާތުންވެސް 14 ފެބުރުއަރީ 2021 ގައި ހައިކޯޓަށް އިސްތިއުނާފު ހުށަހެޅިއެވެ. ޤާނޫނުގައިވާ 60 ދުވަސް ބަންދު ދުވަސްތައް ހިމަނައިގެން ގުނާނަމަ 17 ޖަނަވަރީ 2021 ގައި މުއްދަތު ހަމަވާއިރު، ހައިކޯޓުގެ ގަވާއިދުގެ ގޮތުން ގުނާނަމަ 14 ފެބުރުއަރީ 2021 ގައި ހަމަވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަންވާނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދު ދުވަސްތައް ހިމަނައިގެންތޯ، ނުވަތަ ހައިކޯޓުގެ ގަވާއިދާ އެއްގޮތަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުނީ މައްސަލަ ނިމުނުތާ 126 ދުވަސް ފަހުން ކަމުން، ދީބާޖާގެ މައްސަލައިގެ ގޮތުން މުއްދަތު ގުނަންވާނީ ރިޕޯޓު ލިބުނު ތާރީޚުން ފެށިގެންކަމަށް މީރާއިން ބުންޏެވެ. ހައިކޯޓުގެ ގަވާއިދަށް ރިޢާޔަތްނުކޮށް ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާ ތަޠުބީޤުކުރުމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ޙައްޤުތައް ގެއްލުނުކަމަށް ކުންފުނިން ބުންޏެވެ.
ކޯޓުގެ ސަބަބުތައް
ރިޕޯޓު ނުލިބުމަކީ އިސްތިއުނާފުގެ ހުއްދަ ދެވޭ މަޤުބޫލު ސަބަބެއް ނަމަވެސް، މުއްދަތު ގުނަން ފަށަނީ ނިންމި ދުވަހުން ކަމަށް ކޯޓުން ކަނޑައެޅިއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދު ޓެކްސް ނެގުމުގެ އިދާރީ ކަންކަމުން ބޭރަށް ނުހިނގާއިރު، އިސްތިއުނާފުގެ މުއްދަތު ގުނުމުގެ ގަވާއިދު ހެދޭނީ ހައިކޯޓާއި ސުޕްރީމް ކޯޓަށެވެ. ހައިކޯޓުގެ ގަވާއިދުގެ ގޮތުން ގުނާއިރު އިސްތިއުނާފުތައް ހުށަހެޅީ މުއްދަތުގެ ތެރޭގައެވެ.

ނިންމުން

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ TAT-CA-B/2019/005 އަދި…

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ TAT-CA-B/2019/005 އަދި TAT-CA-B/2019/007 މައްސަލަތައް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން 2021/HC-A/74، 2021/HC-A/75، 2021/HC-A/160 އަދި 2021/HC-A/161 ގައި ނިންމި ނިންމުންތަކަށް ބަދަލުގެނެސް، އެ މައްސަލަތައް ހައިކޯޓުގެ ގަވާއިދާ އެއްގޮތަށް ގުނާއިރު އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާތީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭކަމަށް ކަނޑައަޅައި، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހުށަހަޅައިފިނަމަ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެވުނެވެ. މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ލިބޭ ތާރީޚުން މުއްދަތު ގުނަންވާނެ ކަމަށް މީރާއިން ހުށަހެޅި ނުކުތާ ކޯޓުން ބަލައިނުގަތެވެ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުލިބި އިސްތިއުނާފީ މުއްދަތު ފަހަނައަޅައި ދިޔުމަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެކެވެ. އަދި އެ ސަބަބު އެ ގޮތުގެމަތިން ހިނގާފައިވާތޯ ބެލުމަށްފަހު އިސްތިއުނާފު ކުރުމަށް ހުއްދަދެވޭ ސަބަބެކެވެ. ނަމަވެސް، އެ އުޒުރަކީ، ކޮންމެ މައްސަލައެއްގައި އިސްތިއުނާފީ މުއްދަތު ގުނަން ފަށާ ރޮނގެއް ނޫނެވެ. އިސްތިއުނާފު ކުރުމުގެ މުއްދަތުތައް ކަނޑައެޅިފައި ވަނީ ޤާނޫނު ގައެވެ. މައްސަލައެއް އެ ޓްރައިބުނަލަކުން ނުވަތަ އެ ކޯޓަކުން ނިންމާ ދުވަހުން ފެށިގެން ނެވެ.

HN2 ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމަށް ބޭނުންކުރެވިދާނެ އުޞޫލެއް ނޫނެވެ.

HN3 ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަކީ، ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެކަމަށް ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާ ޤާނޫނެވެ. ވުމާއެކު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދެއް، ޓެކްސް ނެގުމުގެ އިދާރީ ކަންކަމުން ބޭރުން އެހެން ކަންކަމަށް ބޭނުން ނުކުރެވޭނެއެވެ.

HN4 ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިސްތިއުނާފީ މައްސަލަތައް ބެލުމަކީ، ހައިކޯޓާއި ސުޕްރީމް ކޯޓަށް ޤާނޫނުން މަތިކޮށްފައިވާ މަސައްކަތެކެވެ. ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލު އިންޞާފު ގާއިމުކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާބެހޭ ގަވާއިދު ހެދުމަކީ ޤާނޫނުއަސާސީން ކޯޓުތަކަށް ދީފައިވާ ބާރެކެވެ. ވުމާއެކު، އިސްތިއުނާފުގެ މުއްދަތު ގުނުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް ގަވާއިދެއް ހެދޭނީ އެ ދެ ކޯޓަށެވެ. އަދި ޢަމަލު ކުރަންޖެހޭނީވެސް އެ ދެ ކޯޓުން ހަދާފައިވާ ގަވާއިދު ތަކަށެވެ. ޓެކްސް ނެގުމާގުޅޭ އިދާރީ ޤާނޫނުގައި ބަޔާންކުރާ އިސްތިއުނާފީ މުއްދަތުތައް ގުނުމުގައި ތަބާވާންޖެހޭނީ އެ އިސްތިއުނާފެއް ކުރެވޭ ކޯޓަކުން ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ގަވާއިދެއް ހަދާފައިވާނަމަ އެ ތަނެއްގެ ގަވާއިދަށެވެ.

HN5 ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމާ މައްސަލަތަކުގައި ވެސް ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމުގައި ޢަމަލުކުރަން ޖެހޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު ގައިވާ ގޮތުގެމަތިން ނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ފަތުޙުﷲ އިސްމާޢީލް، ސީ.ޓީ.އެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ
އިސްތިއުނާފުކުރި ފަރާތް ތަމްސީލުކުރީ
މަރްޔަމް ޔާޝާ
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

[1]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/160 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/161 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/74 ޤަޟިއްޔާ އަދި އެ ކޯޓުގެ ނަންބަރު 2021/HC-A/75 ޤަޟިއްޔާ (އެ ހުރިހާ މައްސަލަތައް އެކުއެކީގައި "މައްސަލަތައް" މިހެން އިޝާރާތް ކުރެވިފައިވާ) އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 02 (ދޭއް) އިސްތިއުނާފީ މައްސަލަ ހުށަހެޅުނެވެ.

[2]ފުރަތަމަ މައްސަލަ އަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/08 ޤަޟިއްޔާ އިން ބެލި އިސްތިއުނާފީ މައްސަލައެވެ. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/160 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/161 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ރޮބިންސަން ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން" ރޮބިންސަން" މިހެން އިޝާރާތްކޮށްފައިވާ) އަށް ރައްދުވާ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ" މިހެން އިޝާރާތްކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެވެ.

[3]ދެވަނަ މައްސަލަ އަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/11 ޤަޟިއްޔާ އިން ބެލި އިސްތިއުނާފީ މައްސަލައެވެ. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/74 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/75 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މީރާގެ މައްޗަށް ރައްދުވާ ގޮތަށް ރޮބިންސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެވެ.

[4]މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު، ބުނެވުނު 02 (ދޭއް) އިސްތިއުނާފީ މައްސަލަ އެއްކޮށް ހިންގުމަށްފަހު، އެ 02 (ދޭއް) ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ ނިޔާއެވެ.

[5]މި 02 (ދޭއް) މައްސަލައިގައި އޮތީ އިޖުރާއީ ސުވާލެކެވެ. އެއީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތު ގުނުމުގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރެވޭ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައިތޯ ކަނޑައެޅުމަށެވެ.

މައްސަލައިގެ ފަސްފަހަތް

[6]މީރާ އާއި ރޮބިންސަންގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމާފައިވާ 02 (ދޭއް) މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

[7]6.1. ފުރަތަމަ މައްސަލަ އަކީ، މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓް އަކާ ގުޅިގެން 18 ނޮވެންބަރު 2020 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2019/005 އިން ނިންމާފައިވާ، ރޮބިންސަން އިން ހުށަހެޅި މައްސަލައެވެ. މި މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމުމާ ވިދިގެން މީރާ އިންނާއި ރޮބިންސަން އިން ވަކިވަކިން 02 (ދޭއް) އިސްތިއުނާފެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ރޮބިންސަންގެ ފަރާތުން މީރާގެ މައްޗަށް ހުށަހެޅި އިސްތިއުނާފު ބަލާފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/75 ޤަޟިއްޔާ އިންނެވެ. މީރާ އިން ހުށަހެޅި އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު2021/HC-A/160 ޤަޟިއްޔާ އިން ނެވެ.

[8]6.2. ދެވަނަ މައްސަލަ އަކީ، މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓް އަކާ ގުޅިގެން 18 ނޮވެންބަރު 2020 ގައި ޓެކްސް އެޕީލް ޓްރައިބުނަލްގެ ނަންބަރު TAT-CA-B/2019/007 އިން ނިންމި، ރޮބިންސަން އިން ހުށަހެޅި މައްސަލަ އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އެ ނިންމުން ރޮބިންސަން އިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައި ވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/74 ޤަޟިއްޔާ އިންނެވެ. އަދި މީރާގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު 2021/HC-A/161 ޤަޟިއްޔާ އިންނެވެ.

[9]މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވުނުއިރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ދީފައިވާ މުއްދަތަކީ 60 (ފަސްދޮޅަސް) ދުވަހެވެ.

[10]އިސްތިއުނާފު ކުރެވޭ މައްސަލަތައް ބިނާވެފައި ވަނީ އެއް ނުކުތާއެއްގެ މައްޗަށް ކަމުގައިވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އަޑުއެހުންތައް ކުރިޔަށް ގެންގޮސްފައި ވަނީ އެއް މައްސަލައެއްގެ ގޮތުގައެވެ. އަޑުއެހުންތައް ކުރިޔަށް ދިޔައިރު، މި މައްސަލަތައް އިސްތިއުނާފު ކޮށްފައި ވަނީ ޤާނޫނުގައި މިފަދަ މައްސަލަތައް އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގެ ތެރޭގައިތޯ ދިވެހިރާއްޖޭގެ ހައިކޯޓުގައި ސުވާލު އުފެދި، އެކަމުގެ މައްޗަށް އިޖުރާއީ ނިންމުމެއް ނިންމައި، މި މައްސަލަތައް އިސްތިއުނާފު ކޮށްފައި ވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވުމަށް ފަހުގައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅިއެވެ.

[11]މި އިޖުރާއި ސުވާލު އުފެދުމުގެ މައިގަނޑު ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވޭ މައްސަލަތަކުގެ މުއްދަތު ގުނުމުގައި ޢަމަލުކުރަމުންދާ ހަމައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ބ) ގައިވާ ފަދައިން ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލް އިން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

[12]ނަމަވެސް، މި މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މުއްދަތު ގުނާފައި ވަނީ އެ ކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެންނެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައި ވަނީ މިފަދައިންނެވެ.

[13]"މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޤާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ."

[14]ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައިވާ އުސޫލުން އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމުން ހުށަހެޅިފައިވާ މި މައްސަލަތަކުގައި ނިކުންނަ ނަތީޖާ އަކީ ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ހަމަވުމެވެ. އެއީ، ޓެކްސް އެޕީލް ޓްރައިބިއުނަލް އިން މި މައްސަލަތައް ނިންމާފައި ވަނީ 18 ނޮވެންބަރު 2020 ގައި ކަމަށްވެފައި، އިސްތިއުނާފު ކުރުމަށް އޮންނަ 60 (ފަސްދޮޅަސް) ދުވަސް ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ގުނުމުން އިސްތިއުނާފީ މުއްދަތު ހަމަވާ ތާރީޚަކީ 17 ޖަނަވަރީ 2021 އެވެ. އެހެންކަމުން މި މައްސަލަތައް އިސްތިއުނާފު ކުރެވިފައި ވަނީ މި މުއްދަތަށް ފަހު 14 ފެބުރުވަރީ 2021 ގައި ކަމަށް ވުމުން މިއީ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ހަމަވުމަށްފަހު ހުށަހެޅިފައިވާ މައްސަލަތަކެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި އެވެ.

[15]އިސްވެ ބަޔާންކުރެވުނު ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައި ވުމުން މީރާ އާއި ރޮބިންސަން އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ހުށަހެޅިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

[16]މީރާގެ ފަރާތުން ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2021/HC-A/160 އާއި ނަންބަރު 2021/HC-A/161 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/08 ޤަޟިއްޔާ އިންނެވެ. އަދި ރޮބިންސަންގެ ފަރާތުން ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2021/HC-A/74 އާއި ނަންބަރު 2021/HC-A/75 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބަލާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/11 ޤަޟިއްޔާ އިންނެވެ. މި 02 (ދޭއް) އިސްތިއުނާފުގެ ތަފްސީލު އަންނަނިވި ފޮޅުވަތް ތަކުގައި ބަޔާންކުރެވިފައި އެ ވަނީއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/08 ޤަޟިއްޔާގެ އިސްތިއުނާފު

[17]ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2021/HC-A/160 އާއި ނަންބަރު 2021/HC-A/161 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި މީރާގެ ފަރާތުން ހުށަހަޅާފައި ވަނީ އެންމެ ނުކުތާ އެކެވެ. އެއީ މި މައްސަލައިގައި ވާހަކަ ދެކެވޭ 02 (ދޭއް) މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމައި، މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު މީރާއަށް ލިބިފައިވަނީ މައްސަލަ ނިމުނުތާ 126 (ސަތޭކަ ސައްބީސް) ދުވަސް ފަހުން ކަމުގައެވެ. ވުމާއެކު، މި މައްސަލައިގައި އިސްތިއުނާފުގެ މުއްދަތު ގުނަންވާނީ، ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު މީރާއަށް ލިބުނު ތާރީޚުން ފެށިގެން ކަމުގައެވެ. ނަމަވެސް މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފުގެ މުއްދަތު ގުނަން ފަށާފައި ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލް އިން މައްސަލަ ނިންމި ތާރީޚުން ފެށިގެން ކަމުގައެވެ.

މީރާގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގެ ޚުލާސާ

[18]މީރާ އިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައި ވަނީ އިސްތިއުނާފީ މުއްދަތު ގުނަން ޖެހޭނީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާ ޙަވާލާދެވި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ލިބޭ ތާރީޚުން ފެށިގެން ކަމަށް ދެކޭ ކަމާއި، މީރާ އިން އިސްތިއުނާފު ކޮށްފައިވާ މައްސަލަތަކުގެ ރިޕޯޓު ލިބިފައި ވަނީ މައްސަލަ ނިމުނުތާ 126 (ސަތޭކަ ސައްބިސް) ދުވަސް ފަހުން ކަމުގައެވެ.

[19]މި ނުކުތާ މީރާގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ޤަޟިއްޔާގައި އިސްތިއުނާފު ކުރުމުން ވަނީ ގޮތެއް ކަނޑައަޅާފައެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ގައި ކަނޑައަޅާފައިވާ ގޮތުން، މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުލިބި އިސްތިއުނާފީ މުއްދަތު ފަހަނައަޅައި ދިޔުމަކީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގައި އިޝާރާތްކުރާ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެކެވެ. އަދި އެ ސަބަބު އެ ގޮތުގެމަތިން ހިނގާފައިވާތޯ ބެލުމަށްފަހު އިސްތިއުނާފު ކުރުމަށް ހުއްދަދެވޭ ސަބަބެކެވެ. ނަމަވެސް، އެ އުޒުރަކީ، ކޮންމެ މައްސަލައެއްގައި އިސްތިއުނާފީ މުއްދަތު ގުނަން ފަށާ ރޮނގެއް ނޫނެވެ. އިސްތިއުނާފު ކުރުމުގެ މުއްދަތުތައް ކަނޑައެޅިފައި ވަނީ ޤާނޫނު ގައެވެ. މައްސަލައެއް އެ ޓްރައިބުނަލަކުން ނުވަތަ އެ ކޯޓަކުން ނިންމާ ދުވަހުން ފެށިގެން ނެވެ.

[20]މި އިސްތިއުނާފުގައި މީރާ އިން އެދިފައި ވަނީ އެ ފަރާތުން އިސްތިއުނާފު ކުރި 02 (ދޭއް) މައްސަލަ (ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2021/HC-A/160 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/161 ޤަޟިއްޔާ) އިސްތިއުނާފު ކޮށްފައި ވަނީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/11 ޤަޟިއްޔާގެ އިސްތިއުނާފު

[21]ރޮބިންސަންގެ ފަރާތުން ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2021/HC-A/74 އާއި ނަންބަރު 2021/HC-A/75 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށް ދެކި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ހުށަހަޅާފައި ވަނީ މައިގަނޑު 02 (ދޭއް) ނުކުތާ އެވެ. އެއީ؛

[22]ޤާނޫނުއަސާސީގެ 156 ވަނަ މާއްދާ އަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 96 ވަނަ މާއްދާ އަށާއި، ހައިކޯޓު ގަވާއިދުގެ 29 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްނުކޮށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭ ހައްގުތައް ގެއްލޭ ގޮތަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވާ އެހެނިހެން މުއްދަތުތައް ގުނުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާ ތަޠުބީޤުކުރަންޖެހޭ ކަމުގައި ކަނޑައަޅައިފައިވުން.

[23]އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައިވުން.

ރޮބިންސަންގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގެ ޚުލާސާ

[24]ރޮބިންސަން އިން ހުށަހަޅާފައި ވަނީ އިސްތިއުނާފީ ދެ ނުކުތާ އެވެ. މީގެ ތެރެއިން ދެވަނަ ނުކުތާ ގައި މީރާ އިން ފާހަގަކޮށްފައި ވަނީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އާ ޙަވާލާދެވި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ލިބޭ ތާރީޚުން ފެށިގެން އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމުގެ މައްޗަށެވެ. ނަމަވެސް، ރޮބިންސަންގެ ފަރާތުން މި ނުކުތާ އާ މެދު ގޮތެއް ކަނޑައަޅަން ބޭނުންނުވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްފައި ވާތީވެ، ރޮބިންސަން އިން ހުށަހަޅާފައިވާ އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ އަކީ، ހަމައެކަނި އިސްތިއުނާފީ ފުރަތަމަ ނުކުތާ އެވެ. މި ނުކުތާގެ ނަތީޖާ ބިނާވަނީ އިސްތިއުނާފީ މުއްދަތު ގުނުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދަށް އިސްކަންދޭން ޖެހޭނެ ކަމަށް ދެކި ރޮބިންސަން އިން ފާހަގަކުރާ ކަންކަމުގެ މައްޗަށެވެ. މިއީ ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި އެކަމުގެ މައްޗަށް ގޮތް ކަނޑައެޅުނު މައުޟޫއެވެ. އަދި އެ ޤަޟިއްޔާގައި ބަޔާންކޮށްފައި ވަނީ އިސްތިއުނާފީ މުއްދަތު ގުނުމުގައި ތަބާވާންޖެހޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދަށް ކަމަށެވެ.

[25]މި އިސްތިއުނާފުގައި ރޮބިންސަން އިން އެދިފައި ވަނީ އެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި 02 (ދޭއް) މައްސަލަ ކަމުގައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/74 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/75 ޤަޟިއްޔާ އިސްތިއުނާފު ކޮށްފައި ވަނީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ކަމަށް ކަނޑައަޅައި ދިނުމަށެވެ.

[26]ވުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ ކުރިމަތީގައި މިހާރު އޮތް ސުވާލަކީ އެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވުނީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައިތޯ ކަނޑައެޅުމުގެ މައްޗަށެވެ.

މުއްދަތު ގުނުމާގުޅޭ ހަމަ

[27]ޓެކްސް ނެގުމާގުޅޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމަށް ބޭނުންކުރެވިދާނެ އުޞޫލެއް ނޫން ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ގައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައެވެ. އަދި އޭގެ ފަހުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަރނޭޝަނަލް (ލަބްއާން) ލިމިޓެޑް އާއި ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ހަމަ ދަމަހައްޓާފައެވެ.

[28]މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ގައި ބަޔާންކޮށްފައި ވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެކަމަށް ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާ ޤާނޫނެވެ. ވުމާއެކު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދެއް، ޓެކްސް ނެގުމުގެ އިދާރީ ކަންކަމުން ބޭރުން އެހެން ކަންކަމަށް ބޭނުން ނުކުރެވޭނެއެވެ.

[29]ހަމަ މި އުސޫލުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ގާއިމުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާއި އެ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ހިންގުމުގެ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިސްތިއުނާފީ މައްސަލަތައް ބެލުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޤާނޫނުން މަތިކޮށްފައިވާ މަސައްކަތެކެވެ. މީގެ އިތުރުން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލު އިންޞާފު ގާއިމުކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާބެހޭ ގަވާއިދު ހެދުމަކީ ޤާނޫނުއަސާސީން ކޯޓުތަކަށް ދީފައިވާ ބާރެކެވެ. ވުމާއެކު، އިސްތިއުނާފުގެ މުއްދަތު ގުނުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް ގަވާއިދެއް ހެދޭނީ އެ ދެ ކޯޓަށެވެ. އަދި ޢަމަލު ކުރަންޖެހޭނީވެސް އެ ދެ ކޯޓުން ހަދާފައިވާ ގަވާއިދު ތަކަށެވެ. ވުމާއެކު، ޓެކްސް ނެގުމާގުޅޭ އިދާރީ ޤާނޫނުގައި ބަޔާންކުރާ އިސްތިއުނާފީ މުއްދަތުތައް ގުނުމުގައި ތަބާވާންޖެހޭނީ އެ އިސްތިއުނާފެއް ކުރެވޭ ކޯޓަކުން ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ގަވާއިދެއް ހަދާފައިވާނަމަ އެ ތަނެއްގެ ގަވާއިދަށެވެ. ހުށަހެޅިފައިވާ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދަށެވެ.

[30]އެހެންކަމުން، ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމާ މައްސަލަތަކުގައި ވެސް އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމުގައި ޢަމަލުކުރަން ޖެހޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު ގައިވާ ގޮތުގެމަތިން ނެވެ.

އުޞޫލު ތަތުބީޤުކުރުން

[31]ބަޔާންވެދިޔަ ހަމަ ތަޠުބީޤު ކުރާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2019/005 މައްސަލަ އާއި ނަންބަރު TAT-CA-B/2019/007 މައްސަލަ ނިންމާފައި ވަނީ 18 ނޮވެންބަރު 2020 ގައެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުމަށް ލިބިދީފައި ވަނީ 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތެކެވެ. މި މުއްދަތު ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު ގައިވާ ގޮތުގެމަތިން 14 ފެބުރުއަރީ 2021 ގައި ހަމަވިއިރު މީރާ އާއި ރޮބިންސަން އިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ހުށަހަޅާފައި ވެއެވެ.

[32]ވުމާއެކު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2019/005 މައްސަލަ އާއި ނަންބަރު TAT-CA-B/2019/007 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކޮށްފައި ވަނީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

[33]މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

[34]މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

[35]ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2019/005 މައްސަލަ އާއި ނަންބަރު TAT-CA-B/2019/007 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަދި ރޮބިންސަން ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން، އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2021/HC-A/74 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/75 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/160 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/161 ޤަޟިއްޔާގެ ނިންމުމަށް ބަދަލުގެނެސް އެ މައްސަލަތަކަކީ އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލަތަކެއް ކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަދި ރޮބިންސަން ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅައިފި ނަމަ އެ ކޯޓުން ބަލައިގަނެ އެމައްސަލަތަކުގައި ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)

ޢާއިޝާ ޝުޖޫން މުޙައްމަދު

މަޙާޒު ޢަލީ ޒާހިރު

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ހ)
  • ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ)
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) އަދި (ބ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 156 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 96 ވަނަ މާއްދާ
  • ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
  • ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް
  • ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަރނޭޝަނަލް (ލަބްއާން) ލިމިޓެޑް
  • ސުޕްރީމް ކޯޓުގެ ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ