އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2021/HC-A/372، 2021/HC-A/358، TAT-CA-B/2019/008
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މީރާއިން 2018 ގައި ފޮނުވި ޓެކްސް އެސެސްމަންޓާއި އިޢުތިރާޟު މުރާޖަޢާކުރި ރިޕޯޓާމެދު އުރީދޫއިން ޓެކްސް އެޕީލް ޓްރައިބިއުނަލަށް (TAT-CA-B/2019/008) އިސްތިއުނާފުކުރިއެވެ. ޓްރައިބިއުނަލުން، އިސްތިއުނާފުގެ މުއްދަތު ފާއިތުވި ކަމަށް ބުނެ މީރާއިން ހުށަހެޅި އިޖުރާއީ ނުކުތާ ބަލައިނުގަނެ، މައްސަލަ މައުޟޫޢީ ގޮތުން ބައެއް ކަންކަމުގައި އުރީދޫއަށް ނިންމިއެވެ. ދެފަރާތުން ހައިކޯޓަށް އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 2021/HC-A/372 ޤަޟިއްޔާގައި އިޖުރާއީ ނުކުތާ ބަލައިގަނެ ޓްރައިބިއުނަލުގެ ދެ ނިންމުން ބާޠިލުކޮށް، 2021/HC-A/358 ޤަޟިއްޔާގައި އިތުރު ގޮތެއް ނިންމަން ނުޖެހޭކަމަށް ނިންމިއެވެ. އެ ދެ ނިންމުމާމެދު އުރީދޫއިން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- 2013 އިން 2015 އަށް އުރީދޫގެ ވިޔަފާރި ފައިދާ ޓެކުހުގެ އޮޑިޓެއް ކޮށް، ބެލެނިވެރި ކުންފުނިން ނެގި ލޯނުގެ އިންޓަރެސްޓާއި ފޮރިން އެކްސްޗޭންޖް ގެއްލުން ކެނޑޭނެ ނޫންކަމަށް މީރާއިން ނިންމިއެވެ. އުރީދޫއިން ޓްރައިބިއުނަލަށް 7 މާރިޗު 2019 ގައި މައްސަލަ ހުށަހެޅި، ތިން އަޑުއެހުން ބޭއްވިއެވެ. މައްސަލަ ނިންމުމަށް އަޑުއެހުމެއް ތާވަލުކޮށް 6 ޖުލައި 2021 ގައި ޚަޞްމުންނަށް އަމުރު ފޮނުވުމަށްފަހު، 15 ޖުލައި 2021 ގައި މީރާއިން، މައްސަލަ ހުށަހެޅީ މުއްދަތު ފާއިތުވުމަށްފަހު ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ހުށަހެޅިއެވެ. އެ ނުކުތާގެ ބިންގަލަކީ ބަންދު ދުވަސްތައް ހިމަނައިގެން މުއްދަތު ގުނަންޖެހޭކަމަށް ހައިކޯޓުން 1 ޖުލައި 2021 ގައި މޫސާ ނަސީމްގެ ޤަޟިއްޔާގައި ކަނޑައެޅި އުޞޫލެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޓްރައިބިއުނަލުގައި އަޑުއެހުންތައް ނިމި ނިންމުން އިޢުލާނުކުރަން ތާވަލުކުރުމަށްފަހު، އިސްތިއުނާފުގެ މުއްދަތު ފާއިތުވެފައިވާކަމަށް ބުނެ މީރާއިން ހުށަހެޅި އިޖުރާއީ ނުކުތާ ޓްރައިބިއުނަލުން ބަލައިނުގަތުމުގެ ނިންމުން ހައިކޯޓުން ބާޠިލުކުރުމަކީ ޤާނޫނާ އެއްގޮތް ކަމެއްތޯ، އަދި މުއްދަތު ގުނުމާބެހޭ ހައިކޯޓުގެ ސާބިޤާ އަޑުއެހުން ނިމިފައިވާ މައްސަލަތަކަށް ފަހަތަށް ތަޠުބީޤުކުރެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އުރީދޫން ބުނީ، ގަވާއިދު ނަންބަރު 2021/R-75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު) ގެ 51 ވަނަ މާއްދާއާއި ސިވިލް ކޯޓުގެ ޝަރީޢަތުގެ އިޖުރާއީ ނުކުތާއާބެހޭ ގަވާއިދު ގެ ދަށުން އިޖުރާއީ ނުކުތާ ނަގަންވީ މައުޟޫޢީ އަޑުއެހުން ފެށުމުގެ ކުރިން ކަމަށާއި، 10 ވަރަކަށް އަހަރު ވަންދެން ބަންދު ދުވަސް ނުހިމަނައި މުއްދަތު ގުނަމުން އައިއިރު އެ ގޮތް ބަދަލުކުރުމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ހަމަހަމަކަމުގެ ޙައްޤާ ޚިލާފު ކަމެއް ކަމަށާއި، ހައިކޯޓުން ދެފަރާތުގެ ބަހުސްތަކަށް ރިޢާޔަތްނުކޮށް ނިންމި ކަމަށެވެ. މީރާއިން ބުނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާއާއި ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 77 ވަނަ މާއްދާގެ (ށ) ގެ ދަށުން އުރީދޫގެ އިސްތިއުނާފު ހުށަހެޅީ މުއްދަތު ހަމަވުމަށްފަހު ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، މައްސަލަ ބަލައިގަތުމާމެދު އިޢުތިރާޟު ހުށަހަޅަންވީ އިބްތިދާއީ މަރުޙަލާގައި ކަމަށާއި، ދެ އަހަރު މައްސަލަ ހިނގައި އަޑުއެހުންތައް ނިމުމަށްފަހު ހުށަހެޅި އިޖުރާއީ ނުކުތާ ޓްރައިބިއުނަލުން ބަލައިނުގަތީ ރަނގަޅަށް ކަމަށާއި، ހައިކޯޓުން އެ ނިންމުން ބާޠިލުކުރީ ޤާނޫނީ ބިނާއެއް ނެތި ކަމަށެވެ. އަދި 10 އަހަރު ވަންދެން ހިނގި ޕްރެކްޓިސަށް ރައްޔިތުން އިތުބާރުކޮށްފައިވާއިރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޫސާ ނަސީމް (ހައިކޯޓު 2021/HC-A/29) ގައި ކަނޑައެޅި އުޞޫލު އަޑުއެހުން ނިމިފައިވާ މައްސަލައަކަށް ފަހަތަށް ތަޠުބީޤުކުރުމަކީ ޓެކްސް ދައްކާ ފަރާތަށް ފާޅުކަން ބޮޑު ބޭއިންސާފެއް ކުރިމަތިވާ ކަމެއް ކަމަށް ކަނޑައެޅިއެވެ. އެހެންކަމުން ހައިކޯޓުގެ އިޖުރާއީ ނިންމުން ބާޠިލުކޮށް، ދެ ޤަޟިއްޔާ މައުޟޫޢީ ގޮތުން ބެލުމަށް ހައިކޯޓަށް އިއްތިފާޤުން ތަޙުވީލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ އިޖުރާއީ ނިންމުން ބާޠިލު؛ ދެ ޤަޟިއްޔާ މައުޟޫޢީ ގޮތުން ބެލުމަށް ހައިކޯޓަށް ތަޙުވީލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މައްސަލައެއް ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ބަލައިގެންފައިވަނީ އެއްވެސް އިޖުރާއަތަކާ ޚިލާފަށްކަމަށް ބުނާނަމަ، އެ އިއުތިރާޒެއް ކޯޓަށް ހުށަހަޅާނީ މައްސަލައިގެ އިބްތިދާއީ މަރުހަލާގައެވެ. އެކަން ވަރަށް ސާފުކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު އިންނާއި ސިވިލް ކޯޓުން އަމަލުކުރަމުންދިޔަ ގަވާއިދުންނާއި އަދި މިހާރު އަމަލުކުރަމުންދާ މަދަނީ އިޖުރާއަތުގެ ގާނޫނު ންނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުން ވަރަށް ސާފުކޮށް އެނގެއެވެ.
HN2 މައުސޫމު ޚަސްމުންނަށް މާލީ ގެއްލުންވާ ގޮތަށް ގާނޫނު ހިންގާ ފަރާތްތަކުން އެކިފަހަރު އެކި ގޮތަށް ގާނޫނު މާނަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. 10 ވަރަކަށް އަހަރު ވަކިގޮތަކަށް ގާނޫނު ތަތުބީގުކުރެވުމުން އައުމުގެ ސަބަބުން، އެ ޕްރެކްޓިސްގެ މައްޗަށް ރައްޔިތުން އިތުބާރުކޮށް އެ އިތުބާރުގެ މައްޗަށް ބިނާކޮށްގެން އެ ފަރާތްތަކުގެ އަމަލުތައް ތަރުތީބުކޮށްފައި ވަނިކޮށް، މާޒީގައި ހިނގާފައި އޮތް ކަމެއްގެ މައްޗަށް އެ ގާނޫނު ނުވަތަ އެ ގަވާއިދު ތަތުބީގުކުރުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ.
HN3 ކުރިންވެސް ބަޔާންކުރި ފަދައިން، ބަންދު ދުވަސްތައް ނުހިމަނައި، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ މ.44 ގައި ބަޔާންކޮށްފައިވާ 30 ދުވަހުގެ މުއްދަތު 10 އަހަރުވަންދެން ޓްރައިބިއުނަލުން ގުނަމުން ދިޔައިރު ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ މ.77 ގެ (ށ) އަށް ބިނާކޮށް އިޖުރާއީގޮތުން އިއުތިރާޒު ނުކޮށް، ޓްރައިބިއުނަލުގައި އަޑުއެހުން ނިމިފައިވާ މައްސަލައަކަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޫސާ ނަސީމް ގަޒިއްޔާގެ 16 ގެ ނިންމުން ރަޖުއީކޮށް ތަތުބީގު ކޮށް ދިނުމަށް އެދުނު އެދުމަކީ އަދި މީރާއިން ހުށަހެޅި ހުށަހެޅުމަށް އިސްތިއުނާފުކުރެވޭ ނަންބަރު 2021/HC-A/372 ގަޒިއްޔާގައި ތާއީދުކޮށްފައިވަނީ ޓެކްސް ދައްކާ ފަރާތަކަށް ކަނޑައެޅިގެން ބޮޑު މާލީ ގެއްލުމެއް ކުރިމަތިވެދާނެ ގޮތަކަށް ކަމަށް ވުމާއެކު، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/372 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަކީ ފާޅުކަންބޮޑު ބޭއިންސާފެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ނިންމުމަކަށްވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/372 ގަޒިއްޔާގައި ނިންމާފައިވާ އިޖުރާއީ ނިންމުން ނިންމާފައިވަނީ، މަތީގައި އިސްވެ ހަވާލާދިން ޓްރައިބިއުނަލުގައި މައްސަލަ ބެލުމުގެ އިޖުރާއަތާއި، ކޯޓުތަކުގައި ޝަރިއަތްކުރުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށް ދެކެމެވެ.
HN4 ޝަރިއަތުން ކުރާ ހުކުމަކީ ފާޅުކަން ބޮޑު ބޭއިންސާފެއް ކުރިމަތިވެދާނެ ގޮތަށް އަދި އިންސާފަށް ވާސިލުވާން އޮންނަ ދޮރެއް ބަންދުވާނެ ގޮތަށް ކުރެވޭ ހުކުމަކަށް ވެގެންނުވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު : (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
1ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2019/008 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން އެމައްސަލައިގައި ހިމެނޭ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ (މީގެފަހުން "އުރީދޫ") އާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެފަހުން "މީރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅި ދެ ގަޒިއްޔާ ކަމުގައިވާ ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2021/HC-A/358 ގަޒިއްޔާ އާއި ނަންބަރު 2021/HC-A/372 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމާމެދު ހިތް ހަމަނުޖެހިގެން އެ ދެ ނިންމުން އިސްތިއުނާފުކުރުމަށް އުރީދޫ އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/358 ގަޒިއްޔާގެ އިސްތިއުނާފުގެ މައްސަލަ ބަލަނީ މި ކޯޓުގެ ނަންބަރު 2022/SC-A/2022/SC-A/88 ގަޒިއްޔާގައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/372 ގަޒިއްޔާގެ އިސްތިއުނާފުގެ މައްސަލަ މިކޯޓުގައި ބަލަނީ މިކޯޓުގެ ނަންބަރު2022/SC-A/89 ގަޒިއްޔާގައެވެ. މިކޯޓުގެ ދެ ގަޒިއްޔާގައިވެސް އިސްތިއުނާފު ރައްދުވަނީ މީރާ އަށެވެ. މިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފުގެ މި ދެ ގަޒިއްޔާގައި ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2019/008 މައްސަލައަކީ އެއް ޚަސްމުންތަކެއްގެ މެދުގައި އެއް މައުލޫއެއްގެ މައްޗަށް އުފެދިފައިވާ ޚުސޫމާތެއް ކަމަށްވެފައި، މިކޯޓުން މި ދެ ގަޒިއްޔާގައި ނިންމަންޖެހޭ ގާނޫނީ ނުކުތާއަކީ އެއް ނުކުތާތަކަކަށް ވާތީވެ، މި ކޯޓުގައި މި ދެ ގަޒިއްޔާ ހިންގާފައިވަނީ އެކުގައެވެ. އެހެންކަމުން މި ހުކުމަކީ ހަވާލާދިން މި ކޯޓުގެ އިސްތިއުނާފީ ދެ ގަޒިއްޔާގެ ހުކުމެވެ. މި ކޯޓުގެ 2022/SC-A/88 ގަޒިއްޔާ އާއި 2022/SC-A/89 ގަޒިއްޔާގެ ފަސްފަހަތް
201 ޖަނަވަރީ 2013 އިން 31 ޑިސެމްބަރު 2015 ގެ ނިޔަލަށް އުރީދޫ އިން ވިޔަފާރި ފައިދާ ހިސާބު ކޮށްފައިވަނީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނު (މީގެފަހުން "ބީޕީޓީ ޤާނޫނު") އާ އެއްގޮތަށްތޯ ބެލުމަށް މީރާގެ ފަރާތުން އޮޑިޓެއް ކުރިއެވެ. އެ އޮޑިޓަށް ފަހު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 1001772/NOTA-BPT/LBD/2018/04 "ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް" (މީގެފަހުން "ނޯޓީސް އޮފް ޓެކްސް އެސެސްމަންޓް") އަދި ނަންބަރު AR-LBD/BPT/2018/079 "ބިޒްނަސް ޕްރޮފިޓް ޓެކްސް އޮޑިޓް ރިޕޯޓް" (މީގެފަހުން "އޮޑިޓް ރިޕޯޓް") 28 ޖޫން 2018 ގައި އުރީދޫއަށް ފޮނުވިއެވެ.
3މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓުގައި ހިމަނާފައިވާ އޮޑިޓް ރިޕޯޓުގައި މީރާއިން ނިންމާފައިވަނީ އަންނަނިވި ގޮތަށެވެ.
(ހ) އުރީދޫގެ އެންމެ ގާތް ބެލެނިވެރި ކުންފުނި ކަމުގައިވާ ނޭޝަނަލް މޮބައިލް ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (މީގެފަހުން "ބެލެނިވެރި ކުންފުނި") އިން ނަގާފައިވާ ލޯނުގެ އިންޓްރަސްޓް ޕޭމަންޓް ކަނޑާފައި ވާތީ، އެއީ ގުޅުން ނެތް ދެ ފަރާތް ދެމެދުގައި މެނުވީ ނުކުރާނެ މުޢާމަލާތެއް ކަމަށާއި، އެ ސަބަބަށްޓަކައި، އެ ލޯނަކީ ބީޕީޓީ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ "އާމްސް ލެންތް ޓަރމްސް" ގައި ކޮށްފައިވާ މުޢާމަލާތެއް ކަމަށް ނުވާތީ، ޓެކްސް ހިސާބު ކުރުމުގައި ލޯނުގެ އިންޓްރެސްޓް ނުކެނޑޭނެކަމަށް؛ އަދި
(ނ) ބޭރުފައިސާއިން ހަދާފައިވާ ޕޭމަންޓްތަކާ ގުޅިގެން އަރާފައިވާ ފޮރިން އެކްސްޗޭންޖް ލޮސް އަދި ކަނޑާފައިވާ ބައެއް ޚަރަދާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާފައި ނެތުމުން، އެ އަދަދުތައް ނުކެނޑޭނެ ކަމަށް.
4މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓްއާ މެދު 09 އޯގަސްޓް 2019 ގައި އުރީދޫއިން މީރާއަށް އިރުތިރާޒެއް ހުށަހެޅިއެވެ. އެ އިއުތިރާޒާ ގުޅިގެން މީރާއިން އޮބްޖެކްޝަން ރިވިއު ރިޕޯޓެއް (އިއުތިރާޒު މުރާޖައާ ކުރިގޮތުގެ ރިޕޯޓު) ހެދިއެވެ. އިއުތިރާޒު މުރާޖައާ ކުރި ގޮތުގެ ރިޕޯޓުގެ ތާރީޚަކީ 29 ޖަނަވަރީ 2019 އެވެ. އެ އޮބްޖެކްޝަން ރިވިއު ރިޕޯޓުގައި ބުނެފައިވަނީ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓުގައި އޮތް ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި އުރީދޫއިން އިތުރަށް ދައްކަންޖެހޭކަމަށް އެނިންމުމުގައި ބަޔާންކުރި އަދަދުތައް އުރީދޫއިން ދައްކަންޖެހޭކަމަށެވެ.
5މީރާގެ "އޮބްޖެކްޝަން ރިވިއު ރިޕޯޓު" އިސްތިއުނާފުކުރުމަށް 7 މާޗް 2019 ގައި އުރީދޫއިން ޓެކްސް އެޕީލް ޓްރައިބިއުނަލް (ޓެކްސްގެ އިސްތިއުނާފު މަޖިލިސް) އަށް ހުށަހެޅިއެވެ. ޓްރައިބިއުނަލުން ބެލި މައްސަލައިގެ ނަންބަރަކީ TAT-CA-B/2019/008 އެވެ.
6މައްސަލައާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ތިން އަޑުއެހުމެއް ބޭއްވިއެވެ. އަދި 23 ޑިސެމްބަރު 2020 ގައި ބޭއްވި ތިންވަނަ އަޑުއެހުމުގައި، އިތުރުކަމެއް ސާފުކުރަން ނެތްނަމަ، ދެން އޮންނާނީ މައްސަލަ ނިންމުން ކަމަށް ރިޔާސަތުން އިއުލާނު ކުރިއެވެ. މައްސަލަ ހިނގަމުން ގޮސް ގާތްގަޑަކަށް 2 އަހަރާއި 4 މަސް ވެފައި ވަނިކޮށް، 28 ޖުލައި 2021 ގެ 1300 ގައި މައްސަލަ ނިންމުމަށްޓަކައި ޓްރައިބިއުނަލުގައި އަޑުއެހުމެއް ތާވަލުކޮށް، ޓްރައިބިއުނަލަށް ހާޒިރުވުމަށް 6 ޖުލައި 2021 ގައި ޓްރައިބިއުނަލުން ޚަސްމުންނަށް އަމުރެއް ފޮނުވިއެވެ. 6 ޖުލައި 2021 ގައި ފޮނުވި ހާޒިރުވުމުގެ އަމުރު ލިބިފައިވަނިކޮށް، 15 ޖުލައި 2021 ގައި މީރާއިން އިޖުރާއީ ނުކުތާއެއް ޓްރައިބިއުނަލަށް ހުށަހެޅިއެވެ. އުރީދޫއިން ޓްރައިބިއުނަލަށް ހުށަހެޅި އިޖުރާއީ ނުކުތާގައި ބުނެފައިވަނީ، އުރީދޫ އިން މީރާގެ ނިންމުން އިސްތިއުނާފުކުރަން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު?ގައި ބުނާ މުއްދަތު ފާއިތުވި ފަހުން ކަމަށާއި، އެ ސަބަބަށްޓަކައި ޓްރައިބިއުނަލުން ބެލި މައްސަލައިގެ އިސްތިއުނާފް ފޯމު ބާތިލު ކޮށްދިނުމަށެވެ. މި އިޖުރާއީ ނުކުތާއާ ގުޅިގެން ޓްރައިބިއުނަލުގެ 3 މެންބަރުންގެ އިއްތިފާގުން ނިންމީ 15 ޖުލައި 2021 ގައި މީރާއިން ހުށަހަޅާފައިވާ އިޖުރާއީ ނުކުތާ ބަލައި ނުގަތުމަށެވެ (މީގެ ފަހުން "ޓްރައިބިއުނަލުގެ އިޖުރާއީ ނިންމުން").
7އިޖުރާއީ ނުކުތާއާ މެދު އެގޮތަށް ނިންމުމަށްފަހު، އުރީދޫއިން ހުށަހެޅި މައްސަލަ މައުލޫއީ ގޮތުން ޓްރައިބިއުނަލުން ނިންމާފައިވަނީ 30 އޯގަސްޓް 2021 ގައެވެ. އެ ނިންމުމުގައި ވަނީ ތިރީގައި ބުނެފައި މިވާ ގޮތަށެވެ (މީގެ ފަހުން "ޓްރައިބިއުނަލުގެ މައުލޫއީ ނިންމުން").
(ހ) އުރީދޫގެ ބެލެނިވެރި ކުންފުނިން އުރީދޫ ނަގާފައިވާ ލޯނަށް ދައްކަންޖެހޭ އިންޓްރަސްޓް އުނިނުކުރެވޭނެ ކަމަށް މީރާއިން ހެދި އޮބްޖެކްޝަން ރިވިއު ރިޕޯޓުގައި ނިންމާފައިވަނީ ބީޕީޓީ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި، އެގާނޫނުގެ 29 ވަނަ މާއްދާގެ (ކ) އާ ޚިލާފަށް ކަމަށް؛ އަދި
(ށ) ފޮރިން ކަރަންސީ ލޮސްއާ ގުޅިގެން އިއުތިރާޒު މަރުޙަލާގައި ހުށަހެޅި ލިޔެކިޔުންތައް ބަލައިނުގަންނަން މީރާއިން ނިންމާފައިވަނީ ޓެކްސް ރޫލިންގ TR-2015/A2 އާ އެއްގޮތަށް ކަމަށް؛
(ނ) މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓްގެ ދަށުން އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅާފައިވާ US$ 1,087,912.00 ގެ ތެރެއިން ލޯން އިންޓްރަސްޓް ގެ ގޮތުގައި އުނިކޮށްފައިވާ US$ 968,816 އަކީ، އުރީދޫގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް؛ އަދި،
(ރ) އިތުރަށް ދައްކާފައިވާ ފައިސާ އުރީދޫގެ ކުރިއަށްހުރި ޓެކްސް މުއްދަތުތަކުގައި ދައްކަންޖެހޭ ޓެކުހުގެ ފައިސާއިން މީރާއިން އުނިކުރުމަށާއި، އިތުރަށް ދައްކާފައިވާ ފައިސާއާ ގުޅިގެން އެއްވެސް އިންޓްރަސްޓަކާއި ޖޫރިމަނާއެއް ދައްކާފައިވާނަމަ 60 ދުވަހުގެ ތެރޭގައި އެ އަދަދުތައް އުރީދޫއަށް ރައްދުކުރުމަށް.
8ކުރިންވެސް ބަޔާންކުރި ފަދައިން، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފް ކުރުމަށް (1) މީރާގެ ފަރާތުންވެސް އަދި (2) އުރީދޫގެ ފަރާތުންވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އުރީދޫއިން ހުށަހެޅި މައްސަލައަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދީފައިވާ ގަޒިއްޔާ ނަންބަރަކީ 2021/HC-A/2021/HC-A/358 އެވެ. މިއީ ސުޕްރީމް ކޯޓުގެ މި ނިންމުމުގައި ހިމެނޭ ފުރަތަމަ ގަޒިއްޔާއެވެ. މީރާއިން ހުށަހެޅި މައްސަލައަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދީފައިވާ ނަންބަރަކީ 2021/HC-A/372 އެވެ.
9އުރީދޫއިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅި ގަޒިއްޔާ (ނަންބަރ 2021/HC-A/358) ގެ އަޑުއެހުންތައް ތާވަލުކޮށް އެ ގަޒިއްޔާ ހައިކޯޓުގައި ހިންގާފައިވަނީ މީރާއިން ހައިކޯޓަށް ހުށަހެޅި (ނަންބަރ 2021/HC-A/372) މައްސަލައިގެ އަޑުއެހުންތަކާއެކުއެވެ.
10މީރާގެ ފަރާތުން ހައިކޯޓަށް ކޮށްފައިވާ އިސްތިއުނާފުގައި ފާހަގަކޮށްފައިވާ އިޖުރާއީ ނުކުތާތަކާމެދު ނިންމާ ގޮތަކުން އުރީދޫގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިމިގެން ހިނގައިދާނެތީ އެ ދެ ގަޒިއްޔާ ހައިކޯޓުގައި ކުރިއަށް ގެންދިޔައިރު ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މީރާގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ ނުކުތާތަކުގެ ބައެވެ. އިޖުރާއީ ނުކުތާގައި ހައިކޯޓުން ނިންމި ނިންމުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރެވުނު ދެ ގަޒިއްޔާގައި ހިމެނޭ މައުލޫއީ އެއްވެސް ކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓު ގެ ޝަރިއަތުގެ މަޖިލީހުގައި އެއްވެސް ވާހަކައެއް ދެކެވިފައި ނުވެއެވެ. އަދި ހައިކޯޓުން މައްސަލައިގެ މައުލޫއީ އެއްވެސް ކަމެއްގެ މައްޗަށް ގޮތެއް ނިންމާފައިވެސް ނުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސުޕްރީމް ކޯޓުގެ މި ނިންމުމުގައި ވެސް މައްސަލައިގެ މައުލޫއީ އެއްވެސް ކަމެއްގެ މައްޗަށް ގޮތެއް ކަނޑައަޅާފައި ނުވެއެވެ.
11ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/372 ގަޒިއްޔާގައި ހައިކޯޓުން ނިންމި އިޖުރާއީ ނިންމުމުގައި ބުނެފައިވަނީ ޓްރައިބިއުނަލަށް އުރީދޫއިން ހުށަހެޅި މައްސަލަ ހުށަހަޅާފައި ވަނީ މީރާގެ ނިންމުންތައް ޓްރައިބިއުނަލަށް ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނިކޮށް ކަމަށެވެ. ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ޓްރައިބިއުނަލުން އެ ހުށަހެޅުން ބަލައިގެންފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ މ.44 (ހ) އާއި، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ މ.77 (ށ) އާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ މ.35 އާ ޚިލާފަށް ކަމަށެވެ. މި ސަބަބު ފާހަގަކޮށް، ޓްރައިބިއުނަލުން ބަލައި ނިންމި މައްސަލައިގެ އިޖުރާއީ ނިންމުމާއި މައުލޫއީ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/372 ގަޒިއްޔާގައި ބާތިލުކުރިއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/372 ގަޒިއްޔާގައި އިޖުރާއީ ނުކުތާއާމެދު މަތީގައި މި ބަޔާންކުރި ގޮތަށް ނިންމާފައިވާތީވެ، އުރީދޫއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނަންބަރު 2021/HC-A/358 ގަޒިއްޔާގައި އުރީދޫގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ މި މައްސަލައާމެދު އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ބަޔާންކޮށް އެ ގަޒިއްޔާ ވެސް ހައިކޯޓުން ނިންމިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތައް
12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/372 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އުރީދޫގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
(ހ) މީރާއިން ޓްރައިބިއުނަލަށް ހުށަހެޅި އިޖުރާއީ ނުކުތާ ބަލައިނުގަތުމަށް ޓްރައިބިއުނަލުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ހިނގާ މައްސަލަތަކާ ގުޅިގެން އިޖުރާއީ ނުކުތާ ހުށަހެޅުމާ ބެހޭ އުސޫލާއި ޝަރުއީ ކޯޓުތަކުގައި އިޖުރާއީނުކުތާ ނެގުމާ ބެހޭ އުސޫލުތަކާ ޚިލާފަށް ހައިކޯޓުން ނިންމި ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ހ) ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުމާ ގުޅިގެން މީރާއިން އިސްތިއުނާފް ކުރުމަށް ހުށަހެޅި ތިން ނުކުތާގައި އޮތް ގާނޫނީ ބަހުސް އަދި އެ ނުކުތާތަކުގެ ރައްދުގައި އުރީދޫއިން ހުށަހެޅި ގާނޫނީ ނުކުތާތަކާ މެދު ދެކެވަޑައިގަންނަވާ ގޮތްތަކެއް ބަޔާން ކުރުމެއް ނެތި ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) އުރީދޫއިން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ ކުރިން 10 ވަރަކަށް އަހަރުވަންދެން ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް އޮންނަ މުއްދަތު ގުނާފައިވަނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށްވާއިރު، އަދި އެގޮތަށް ދުވަސް ގުނުމުގެ މަންފާ ޓެކްސް ދައްކާ އެތަކެއް ފަރާތްތަކަކަށް ގިނަ ޒަމާންތަކެއް ވަންދެން ލިބިދީފައިވާއިރު، އަދި އެ އަހަރުތަކުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ހ) ވުޖޫދުގައި އޮތް ހިނދު، އަދި މި މައްސަލައިގެ އިޖުރާއީ ނުކުތާ ނެގިފަހުން 5 ވަރަކަށް މަސް ތެރޭގައި، ދުވަސް ގުނުމާ ގުޅިގެން ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވާއިދުގައި އޮތް މާއްދާ އިސްލާހުކޮށް އޭގެ ފަހުގައި ޓެކްސް ދައްކާ ފަރާތްތަކަށް ހަމަ އެ މަންފާ ލިބިފައިވާތީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާއާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް އުރީދޫއިން ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ ބާތިލުކުރުމަކީ ގާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ދަށުން އުރީދޫއަށް ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމުގެ ހައްގާ ތައާރަޒުވާ ކަމެއް ކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާ.
(ރ) ޓްރައިބިއުނަލަށް އުރީދޫއިން ހުށަހަޅި މައްސަލަ ހުށަހެޅުމުގައި ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބުނާ މުއްދަތު ގުނުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ނުކޮށް އެ ވަނީ ދައުލަތުގެ ޒިންމާދާރު އިދާރާއެއްގެ އިހުމާލުން ކަމަށް ވާއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ހ) އަށް ތަތުބީޤުކޮށް އުރީދޫގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ ޓްރައިބިއުނަލްގެ މައްސަލަ ހުށަހަޅާފައި ވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ފާއިތުވުމުގެ ފަހުން ކަމަށް ކަނޑައަޅައި ހުކުމް ކުރެއްވުން ވެގެންދާނީ މައުސޫމް ޓެކްސްދައްކާ ފަރާތެއްގެ ހައްގުތައް ގެއްލިގެންދާ ގޮތަށް ކަމަށްވާއިރު، އެފަދަ ނިންމުންތައް ނިންމުމުގެ ކުރީން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ގަޒިއްޔާގެ ހުކުމުގެ 40 ވަނަ ޕެރެގްރާފުގައިވާ ފަދައިން، އިސްތިއުނާފު ކުރުމުގެ މުއްދަތު ފާއިތުވެފައި ވީނަމަވެސް، އެ މައްސަލައެއްގައި އަދާލަތުގެ ޒަމީރާ ފުށުއަރާ ހާލަތެއް އޮތްތޯ ބަލަންޖެހޭއިރު، ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ އެ ފަދަ ހާލަތެއް އޮތްތޯ ބެލުމެއް ނެތި ކަމަށްބުނެ ހުށަހެޅި ނުކުތާ.
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/358 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އުރީދޫގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ. މީރާއިން އިސްތިއުނާފުކުރަން ހުށަހެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ 2021/HC-A/372 ގަޒިއްޔާގެ ހުކުމްގައި ޓްރައިބިއުނަލުގެ އިޖުރާއީ ނިންމުން ބާތިލްކުރި ކުރުމުގެ މައްޗައް ބިނާކޮށް، އުރީދޫއިން އިސްތިއުނާފުކުރަން ހުށަހެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/358 ގަޒިއްޔާގައި އުރީދޫގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް އިސްތިއުނާފީ ނުކުތާއެއް ޝަރިއަތުގެ މަޖިލީހުގައި ހުށަހެޅުމަށް ފުރުސަތުނުދީ ހައިކޯޓުގެ ނަންބަރ 2021/HC-A/358 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) އާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ގަޒިއްޔާގެ 35 ވަނަ ޕެރެގްރާފުގައި މައްސަލައިގެ ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރުމާ ބެހޭގޮތުން ބަޔާންކޮށްފައިވާ އުސޫލާއި، ސުޕްރީމް ކޯޓުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިއާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގެ 38 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ އެޑްވަރސޭރިއަލް އުސޫލުން ޝަރިއަތްކުރާ ނިޒާމުތަކުގައި މައްސަލަ ބަލާ ފަނޑިޔާރުންގެ މަސްއޫލިއްޔަތާ ޚިލާފަށް ކަމަށާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގަޒިއްޔާގައި ކަންހިނގާފައިވާ ގޮތަށް ރިއާޔަތް ނުކޮށް، މައްސަލައިގެ ޚަސްމުންނާއި، ކޯޓުތަކުގެ އެތައް ވަގުތެއް ބޭކާރު ގޮތުގައި ހޭދަވެގެންދާ ގޮތަށް ކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާ.
14މަތީގައި ބަޔާންކުރި އިސްތިއުނާފީ ނުކުތާތަކާމެދު ސުޕްރީމް ކޯޓުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށްގެން، އުރީދޫއިން މިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ތިރީގައި ރިއާޔަތްކޮށްފައި މިވަނީއެވެ. އިޖުރާއީ ނުކުތާއާ ގުޅޭގޮތުން ހައިކޯޓުން ނިންމި ނިންމުމާ ގުޅޭ
15އުރީދޫއިން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ބުނާ މުއްދަތު ފާއިތުވިފަހުން ކަމުގައި ބުނެ މީރާއިން ޓްރައިބިއުނަލުގައި ނެގި އިޖުރާއީ ނުކުތާ ޓްރައިބިއުނަލުން ބަލައި ނުގަނެ، އުރީދޫއިން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ މައުލޫއީ ގޮތުން ނިންމުމުން، އެކަމާ ހިތްހަމަނުޖެހިގެން މީރާގެ ފަރާތުން އެ އިޖުރާއީ ނުކުތާ އެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ތެރޭގައި ނަގާފައިވެއެވެ. މި ހުށަހެޅުމާ ގުޅިގެން އިޖުރާއީ ނުކުތާއާ މެދު ޓްރައިބިއުނަލުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފައިވެއެވެ. މި ނިންމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފައިވަނީ، އުރީދޫއިން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ހުށަހަޅާފައިވަނީ، މީރާގެ ނަންބަރު 220-OA/2018/84/OA/2018 އިއުތިރާޒުކުރި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ގައި މީރާއިން ނިންމާފައިވާ ނިންމުން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރަން ހުށަހަޅެޅުމުން ޓްރައިބިއުނަލަށް އެ މައްސަލަ ބަލައިގެންފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު7ގެ މ.44 ގެ (ހ) އާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގް މ.77 ގެ (ށ) އާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު9ގެ މ.35 އާ ޚިލާފަށް ޓްރައިބިއުނަލަށް އިސްތިއުނާފަށް ހުށަހަޅަން އޮންނަ މުއްދަތު ހަމަވުމަށްފަހުގައި ކަމަށް ބަޔާންކުރުމަށްފަހުގައެވެ.
16އުރީދޫގެ ފަރާތުން ހުށަހެޅި މި ނުކުތާގައި ބަހުސް އުފައްދާފައިވަނީ އުރީދޫގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިމި، އެ މައްސަލައިގެ ނިންމުން އިއުލާނުކުރުމަށްޓަކައި ބާއްވާ މަޖިލީހަށް ހާޒިރުވުމަށް ދެފަރާތަށް އަމުރު ފޮނުވާފައިވަނިކޮށް، ޓްރައިބިއުނަލުގެ އިޖުރާއީ ނުކުތާ ހުށަހެޅުމާބެހޭ އިޖުރާއަތުގެ ބޭރުން މީރާއިން ހުށަހެޅި އިޖުރާއީ ނުކުތާއެއް ބަލައި ނުގަތުމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފައިވަނީ މައްސަލަބެލުމުގެ އިޖުރާއީ އުސޫލުތަކާ އެއްގޮތަށްތޯ ނުވަތަ ނޫންތޯއެވެ. އުރީދޫގެ ފަރާތުން ބުނެފައިވަނީ މީރާއިން އިޖުރާއީ ނުކުތާ ޓްރައިބިއުނަލަށް ހުށަހެޅީ ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ހިނގާ މައްސަލަތަކާ ގުޅިގެން އިޖުރާއީ ނުކުތާ ހުށަހެޅުމާ ބެހޭ އުސޫލާއި ޝަރުއީ 7 ޤާނޫނު ނަންބަރު 3/2010 8 ގަވާއިދު ނަންބަރު: 2013/R-45/R-45 9 ގާނޫނު ނަންބަރު: 4/2011 ކޯޓުތަކުގައި އިޖުރާއީނުކުތާ ނެގުމާ ބެހޭ އުސޫލުތަކާ ޚިލާފަށް ކަމަށާއި، އެހެންކަމުން، އިސްތިއުނާފީ މަރުހަލާގައި، ދިވެހިރާއްޖޭގެ ހައިކޯޓުން މީރާގެ އިޖުރާއީ ނުކުތާ ބަލައިގަތުމަށް ނިންމާފައިވަނީ ގާނޫނާއި، މައްސަލަ ބެލުމުގެ އިޖުރާއީ ގަވާއިދުތަކާ ޚިލާފަށް ކަމަށެވެ.
17މި ނުކުތާގެ ތަފްސީލުގައި އުރީދޫގެ ފަރާތުން ބުނެފައިވަނީ، އުރީދޫއިން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައި ވަނީ 07 މާރިޗު 2019 ގައި ކަމަށާއި، މައްސަލައާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ތިން އަޑުއެހުމެއް ބޭއްވުނު ކަމަށާއި، އަދި 23 ޑިސެމްބަރ 2020 ގައި ބޭއްވުނު ތިން ވަނަ އަޑުއެހުމުގައި އިތުރުކަމެއް ސާފުކުރަން ނެތްނަމަ، ދެން އޮންނާނީ މައްސަލަ ނިންމުންކަން ރިޔާސަތުން އިއުލާނުކުރި ކަމަށާއި، މައްސަލަ ހިނގަމުން ގޮސް ގާތްގަޑަކަށް 2 އަހަރާއި 4 މަސް ވެފައި ވަނިކޮށް، 6 ޖުލައި 2021 ގައި މި މައްސަލަ ނިންމުމަށްޓަކައި 28 ޖުލައި 2021 ގެ 1300 އަށް އަޑުއެހުމެއް ތާވަލުކޮށް، ޓްރައިބިއުނަލަށް ހާޒިރުވާން މައްސަލައިގެ ހަސްމުންނަށް އަމުރެއް ފޮނުވާފައިވަނިކޮށް، އުރީދޫއިން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގައި ބުނާ މުއްދަތު ފާއިތުވިފަހުން ކަމުގައި ބުނެ އިސްތިއުނާފް ފޯމު ބާތިލް ކޮށްދިނުން އެދި މީރާގެ ފަރާތުން 15 ޖުލައި 2021 ގައި އިޖުރާއީ ނުކުތާއެއް ހުށަހެޅި ކަމަށެވެ.
18މީގެ އިތުރުން، އުރީދޫގެ ފަރާތުން ބުނެފައިވަނީ، މީރާގެ ފަރާތުން ޓްރައިބިއުނަލްގައި އިޖުރާއީ ނުކުތާ ފާހަގަ ކުރިއިރު އަމަލު ކުރެވެމުންދިޔަ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު ގެ މ.51 ގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވަނީ، މައްސަލައެއްގައި މައުލޫއީގޮތުން އަޑުއެހުންތައް ފެށުމުގެ ކުރިން އިޖުރާއީ ނުކުތާއެއް އޮތްނަމަ އެކަން ހުށަހަޅަންވާނެ ކަމަށާއި، މައުލޫއީގޮތުން އަޑުއެހުންތައް ފަށަންވާނީ އިޖުރާއީ ނުކުތާއާމެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށެވެ. މިގަވާއިދުގެ މ.51 ގެ (ހ) އަދި (ށ) ގައި ކަނޑައަޅާފައިވާ އުސޫލަށް އޮތް ހަމައެކަނި އިސްތިސްނާ ހާލަތަކީ، މައުލޫއީ ގޮތުން މައްސަލަ ކުރިއަށް ދަނިކޮށް އިޖުރާއީ މައްސަލައެއް ފާހަގަކުރެވުން ކަމަށް އެމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. މިގޮތުން، އެމާއްދާގެ (ނ) ގެ މުރާދަކީ، މައްސަލަ ހިނގަމުންދަނިކޮށް އިޖުރާއީ އައު މައްސަލައެއް ފާހަގަވުން ކަމަށާއި، އެފަދަ އައު އިޖުރާއީ މައްސަލައެއް ޓްރައިބިއުނަލްގެ މައްސަލައިގައި ފާހަގަކޮށްފައި ނެތް ކަމަށެވެ.
19އިތުރަށް އުރީދޫގެ ފަރާތުން ބުނެފައިވަނީ، އުރީދޫގެ ފަރާތުން ޓްރަބިއުނަލަށް މައްސަލަ ހުށަހެޅީ މީރާގެ ނިންމުން އިސްތިއުނާފު ކުރުމުގެ މުއްދަތު ފާއިތުވުމަށް ފަހުގައި ކަމަށް ބަޔާންކުރުމަށް މީރާގެ ފަރާތުން ބޭނުންކޮށްފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ މ.77 ގެ (ށ) ކަމަށާއި؛ ނަމަވެސް އެ ގަވާއިދުގެ އެ މާއްދާއަކީ، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި އިރުވެސް ވުޖޫދުގައި އޮތް މާއްދާއެއް ކަމަށް ވާތީވެ، އެމާއްދާގެ މައްޗަށް ބިނާކޮށް އިޖުރާއީ ނުކުތާއެއް ހުށަހެޅުމަށް އެދޭނަމަ ހުށަހަޅަން ޖެހޭނީ، މައްސަލަ މައުލޫއީ ގޮތުން ބަލަން ފެށުމުގެ ކުރިން ކަމަށެވެ. އެހެންކަމުން، މީރާގެ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަނާޅައި 2 އަހަރާއި، 3 މަހާއި، 27 ދުވަސް ލަސްކޮށްފައިވަނީ އެއްވެސް މަގުބޫލު ސަބަބެއް ނެތި ކަމަށެވެ.
20މީގެ އިތުރުން، ޓްރައިބިއުނަލުގެ މައްސަލަތައް ހިންގަންވާނީ ޝަރުއީ އުސޫލުތަކާ އެއްގޮތަށްކަން ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ މ.55 ގެ (ހ) އިން އެނގޭ ކަމަށާއި، އެހެންކަމުން، މިމައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުނު އިރު އަމަލުކުރަމުން ގެންދިޔަ "ސިވިލް ކޯޓުގެ ޝަރީޢަތުގެ އިޖުރާއީ ނުކުތާއާބެހޭ ގަވާއިދު" ގައި ވެސް ބަޔާންކޮށްފައިވަނީ، ޝަރީއަތުގެ މަޖިލީހުގައި ނަގާ އިޖުރާއީ ނުކުތާއެއް، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ނުވަތަ އެއާ ވިދިގެން ބޭއްވޭ އަޑުއެހުމުގައި ނަގަންވާނެ ކަމަށާއި، ކުރީގެ ކަމަކާމެދު އެ އަޑުއެހުމެއް ފަހަނައަޅައި ދިޔުމަށްފަހު، އެ އިޖުރާއީ ނުކުތާއެއް ދެން އަލަކުން ނުނެގޭނެ ކަމަށާއި، އަލުން އިޖުރާއީ ނުކުތާއެއް ނެގޭނީ އޭގެ ފަހުން ހިނގާ އިޖުރާއީ ކަމަކާ ގުޅިގެން ކަމަށެވެ.
21ޓްރައިބިއުނަލުގައި މީރާގެ ފަރާތުން ނެގި އިޖުރާއީ ނުކުތާއާ ގުޅިގެން، އެ އިޖުރާއީ ނުކުތާއާ މެދު ޓްރައިބިއުނަލުން ގޮތެއް ނިންމާފައިވަނީ އުރީދޫ އިން ހަވާލާ ދިން ގަވާއިދުތަކުގެ މައްޗަށް ވާހަކަދެކެވި، އެ ގަވާއިދު ތަކުގެ މައްޗަށް ބުރަވެގެންކަން އެނގެއެވެ.
މައްސަލަ ބަލައިގަތުމާމެދު އިއުތިރާޒުކުރުން
22HN1HN2މައްސަލައެއް ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ބަލައިގެންފައިވަނީ އެއްވެސް އިޖުރާއަތަކާ ޚިލާފަށްކަމަށް ބުނާނަމަ، އެ އިއުތިރާޒެއް ކޯޓަށް ހުށަހަޅާނީ މައްސަލައިގެ އިބްތިދާއީ މަރުހަލާގައެވެ. އެކަން ވަރަށް ސާފުކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު އިންނާއި ސިވިލް ކޯޓުން އަމަލުކުރަމުންދިޔަ ގަވާއިދުންނާއި އަދި މިހާރު އަމަލުކުރަމުންދާ މަދަނީ އިޖުރާއަތުގެ ގާނޫނު ންނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުން ވަރަށް ސާފުކޮށް އެނގެއެވެ. އަތުގައި މި އޮތް މައްސަލައިގައި ޓްރައިބިއުނަލުން މައްސަލަބަލައިގެންފައި އޮތް ގޮތާމެދު މީރާއިން އިއުތިރާޒުކުރީ 2 އަހަރު ވަންދެން މައްސަލަ ހިންގައި މައްސަލައިގެ އަޑުއެހުންތައް ނިމުނުކަން ޓްރައިބިއުނަލުން އިއުލާންކޮށްފައި ވަނިކޮށްކަން ސާފުކޮށް އެނގެން އޮތް އިރު، އެ އިޖުރާއީ އިއުތިރާޒް ބަލައި ނުގަންނަން ނިންމާފައިވަނީ ރަނގަޅަށް ކަމަށްވާއިރު، ޓްރައިބިއުނަލުން ނިންމި މި އިޖުރާއީ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކުރީ އެއްވެސް ގާނޫނީ ބިނާއެއް ނެތިއެވެ. އަދި ހައިކޯޓުގެ ނިންމުމަކީ އެކަމުގެ ސަބަބުން ޓެކްސް ޕޭޔަރަށް އިއާދަނުކުރެވޭނޭ މާލީ ގެއްލުމެއް ލިބި އަދުލުއިންސާފުގެ ދޮރު ބަންދުވާ ގޮތަށް ނިންމާފައިވާ ނިންމުމެކެވެ. މައުސޫމު ޚަސްމުންނަށް މާލީ ގެއްލުންވާ ގޮތަށް ގާނޫނު ހިންގާ ފަރާތްތަކުން އެކިފަހަރު އެކި ގޮތަށް ގާނޫނު މާނަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. 10 ވަރަކަށް އަހަރު ވަކިގޮތަކަށް ގާނޫނު ތަތުބީގުކުރެވުމުން އައުމުގެ ސަބަބުން، އެ ޕްރެކްޓިސްގެ މައްޗަށް ރައްޔިތުން އިތުބާރުކޮށް އެ އިތުބާރުގެ މައްޗަށް ބިނާކޮށްގެން އެ ފަރާތްތަކުގެ އަމަލުތައް ތަރުތީބުކޮށްފައި ވަނިކޮށް، މާޒީގައި ހިނގާފައި އޮތް ކަމެއްގެ މައްޗަށް އެ ގާނޫނު ނުވަތަ އެ ގަވާއިދު ތަތުބީގުކުރުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ.
ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު
23HN3HN4ޓްރައިބިއުނަލަށް މީރާއިން ހުށަހެޅި އިޖުރާއީ އިއުތިރާޒާއި އިސްތިއުނާފުކުރެވޭ ނަންބަރު 2021/HC-A/372 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ދައުރުވަނީ މީރާގެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު ގެ މ.44 ގައި ބަޔާންކޮށްފައިވާ 30 ދުވަހުގެ މުއްދަތު ގުނުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު ގެ މ.77 ގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލު ތަތުބީގުކުރުމާބެހޭ ގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުން 1 ޖުލައި 2021 ގައި ނިންމި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޫސާ ނަސީމް ގަޒިއްޔާގައި ކަނޑައެޅި އުސޫލު ޓްރައިބިއުނަލުން އެހާތަނަށް ބަލައިގެންފައިވާ މައްސަލަތަކަށާއި، އަތުގައި މި އޮތް އިސްތިއުނާފީ މައްސަލައިގައި ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2019/008 މައްސަލަފަދައިން ޓްރައިބިއުނަލުން އަޑުއެހުންތައް ނިމިފައިވާ މައްސަލަތަކަށް ރަޖުއީކޮށް ހިންގިދާނެތޯއެވެ. ކުރިންވެސް ބަޔާންކުރި ފަދައިން، ބަންދު ދުވަސްތައް ނުހިމަނައި، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ މ.44 ގައި ބަޔާންކޮށްފައިވާ 30 ދުވަހުގެ މުއްދަތު 10 އަހަރުވަންދެން ޓްރައިބިއުނަލުން ގުނަމުން ދިޔައިރު ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ މ.77 ގެ (ށ) އަށް ބިނާކޮށް އިޖުރާއީގޮތުން އިއުތިރާޒު ނުކޮށް، ޓްރައިބިއުނަލުގައި އަޑުއެހުން ނިމިފައިވާ މައްސަލައަކަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޫސާ ނަސީމް ގަޒިއްޔާގެ 16 ގެ ނިންމުން ރަޖުއީކޮށް ތަތުބީގު ކޮށް ދިނުމަށް އެދުނު އެދުމަކީ އަދި މީރާއިން ހުށަހެޅި ހުށަހެޅުމަށް އިސްތިއުނާފުކުރެވޭ ނަންބަރު 2021/HC-A/372 ގަޒިއްޔާގައި ތާއީދުކޮށްފައިވަނީ ޓެކްސް ދައްކާ ފަރާތަކަށް ކަނޑައެޅިގެން ބޮޑު މާލީ ގެއްލުމެއް ކުރިމަތިވެދާނެ ގޮތަކަށް ކަމަށް ވުމާއެކު، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/372 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަކީ ފާޅުކަންބޮޑު ބޭއިންސާފެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ނިންމުމަކަށްވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/372 ގަޒިއްޔާގައި ނިންމާފައިވާ އިޖުރާއީ ނިންމުން ނިންމާފައިވަނީ، މަތީގައި އިސްވެ ހަވާލާދިން ޓްރައިބިއުނަލުގައި މައްސަލަ ބެލުމުގެ އިޖުރާއަތާއި، ކޯޓުތަކުގައި ޝަރިއަތްކުރުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށް ދެކެމެވެ. ޝަރިއަތުން ކުރާ ހުކުމަކީ ފާޅުކަން ބޮޑު ބޭއިންސާފެއް ކުރިމަތިވެދާނެ ގޮތަށް އަދި އިންސާފަށް ވާސިލުވާން އޮންނަ ދޮރެއް ބަންދުވާނެ ގޮތަށް ކުރެވޭ ހުކުމަކަށް ވެގެންނުވާނެއެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
24އިސްވެދިޔަ ޕެރެގްރާފުތަކުގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/372 ގަޒިއްޔާގައި ހައިކޯޓުން ނިންމި އިޖުރާއީ ނިންމުން ބާތިލުކޮށް، އެކޯޓަށް މީރާގެ ފަރާތުން އިސްތިއުނާފުކުރަން ހުށަހެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/372 ގަޒިއްޔާ އާއި އުރީދޫގެ ފަރާތުން އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/358 ގަޒިއްޔާ މައުލޫއީ ގޮތުން ބަލައި ގޮތެއް ކަނޑައެޅުމަށް މި ދެ ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަން ޖެހެއެވެ. 16 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/29 ގަޒިއްޔާ
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
25މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
26މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/372 ގަޒިއްޔާގައި ހައިކޯޓުން ނިންމި އިޖުރާއީ ނިންމުން ބާތިލުކޮށް، އެކޯޓަށް މީރާގެ ފަރާތުން އިސްތިއުނާފުކުރަން ހުށަހެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/372 ޤަޟިއްޔާ އާއި އުރީދޫގެ ފަރާތުން އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/358 ޤަޟިއްޔާ މައުލޫއީ ގޮތުން ބަލައި ގޮތެއް ކަނޑައެޅުމަށް މި ދެ ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- ޤާނޫނު ނަންބަރު 5/2011
- ޤާނޫން ނަންބަރު 3/2010
- [2021] SC 30
- ނަންބަރު 2017/SC-A/23
- ނަންބަރު 2016/SC-A/25
- ގަވާއިދު ނަންބަރު 2021/R-75
- ގަވާއިދު ނަންބަރު 2021/R-75
- ޤާނޫނު ނަންބަރު: 32/2021
- ޤާނޫނު ނަންބަރު: 3/2010
- ގަވާއިދު ނަންބަރު: 2013/R-45
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/29 ގަޒިއްޔާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ހ)
- ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 77 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2021/R-75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު) ގެ 51 ވަނަ މާއްދާ
- ސިވިލް ކޯޓުގެ ޝަރީޢަތުގެ އިޖުރާއީ ނުކުތާއާބެހޭ ގަވާއިދު
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޫސާ ނަސީމް (ހައިކޯޓު 2021/HC-A/29)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.