ނާޞިރާ މުޙައްމަދުދީދީ ވ. މާލެ ސިޓީ ކައުންސިލްގެ އިދާރާ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 28 2021/SC-A/25 ޝަރީޢަތް ނިމުނުގޮތް ނާޞިރާ މުޙައްމަދުދީދީ ވ. މާލެ ސިޓީ ކައުންސިލް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 30 މެއި 2024
އިސްތިއުނާފު ކުރެވުނު ގަޟިއްޔާ 2020/HC-A/214 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މާލެ ސިޓީ ކައުންސިލް ނާޞިރާ މުޙައްމަދުދީދީ، މ. ކުޑަނެވިގެ، މާލެ ޤާނޫނީ ވަކީލު: 1. ޢަލީ އާމިރު، ޗެމްބާރސް އިން އެލް.އެލް.ޕީ
2. ޢަބްދުﷲ ސިޔާޒު
ބަދަލުގައި: ޢަލީ ނަޞީރު ޤާސިމް، ދަފްތަރު. ނަންބަރު ރސ 535، މާލެ ބަދަލުގައި: ޢަބްދުﷲ ނަޞީރު މުޙައްމަދު، ބޯޅަދަނޑުގެ، ގދ. ދިއްދޫ ތަދައްޚުލުވި ފަރާތް އަޖުވާދު މުޙައްމަދުދީދީ ބަދަލުގައި: ޒުމްރާ ޢަބްދުލްޣަފޫރު، ހެޕީލައިފް، ހއ. ތަކަންދޫ
މަދަނީ މައްސަލަ – ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާ – ތަޙުވީލުކުރުން – ތަދައްޚުލުވުން – ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
ފިހުރިސްތު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 1
ތަޢާރުފު 1
ފަސްފަހަތް 1
ސިވިލް ކޯޓުން ނިންމިގޮތް 3
ހައިކޯޓުން ނިންމިގޮތް 4
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް 5
ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން 6
މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށްފައި ނުވުން 6
ދަށު ކޯޓުގައި ތަދައްޚުލުވުމުގެ ފުރުޞަތުދީފައި ނުވުން 9
ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ 11
މައްސަލަ ނިންމަން ފެންނަ ގޮތް 15
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 15
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 15
ޙުކުމް 16
` ނާޞިރާ މުޙައްމަދުދީދީ ވ. މާލެ ސިޓީ ކައުންސިލް [2024] SC 28 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1. މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/214 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، މާލެ، މ. ކުޑަނެވިގެ، ނާޞިރާ މުޙައްމަދުދީދީ1 (މީގެ ފަހުން "ނާޞިރާ މުޙައްމަދުދީދީ" ކަމަށް ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ ސިޓީ ކައުންސިލް (މީގެ ފަހުން "މާލެ ސިޓީ ކައުންސިލް" ނުވަތަ "ކައުންސިލް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
2. މި މައްސަލައިގެ މަސްލަޙަތު ހިމެނޭ ފަރާތެއްގެ ޙައިޞިއްޔަތުން މާލެ، މ. ކުޑަނެވިގެ، އަޖުވާދު މުޙައްމަދުދީދީ2 )މީގެފަހުން "އަޖުވާދު މުޙައްމަދުދީދީ" ކަމަށް ބުނެފައިވާ ފަރާތް) މި މައްސަލައަށް ތަދައްޚުލްވެފައިވެއެވެ.
ފަސްފަހަތް
3. މ. ހަރިޔާނާއެވެ ކިޔާ ގޯއްޗަށް ވަދެ ނިކުތުމަށް ބޭނުންކުރާ 234 އަކަފޫޓުގެ ގޯޅި މަގެއް އޮވެއެވެ.
4. ނާޞިރާ މުޙައްމަދުދީދީ ބުނާގޮތުގައި އެ ގޯޅި މަގަކީ ބަންޑާރަ ގޯޅިއެކެވެ. ނާޞިރާ މުޙައްމަދުދީދީ އަށް އެފަދައިން ޤަބޫލުކުރެވިފައި އޮތީ، މި މަގަކީ ބަންޑާރަ ގޯޅިއެއްކަން ނުވަތަ ނޫންކަން ސާފުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް 12 ފެބުރުއަރީ 2015 ގައި ސިޓީއެއް ލިޔުމުން، އެ އިދާރާގައި އޮތް ޗާޓު ދައްކާ ގޮތުން މ. ހަރިޔާނާ އެވެ ކިޔާ ގޯއްޗަށް ވަދެ ނިކުމެވާ ގޯޅި މަގު މ.ހަރިޔާނާ އެވެ ކިޔާ ގޯތީގެ އިމުގެ ތެރޭގައި ހިމެނިފައި ނުވާތީ އެ ގޯޅި މަގަކީ ބަންޑާރަ ގޯޅި މަގެއް ކަމަށް، 19 ފެބުރުއަރީ 2015 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ޖަވާބު ދީފައިވާތީއެވެ.3
5. މި މައްސަލައަށް ތަދައްޚުލުވެފައިވާ އަޖުވާދު މުޙައްމަދުދީދީ ބުނާ ގޮތުން އެ ގޯޅި މަގަކީ މ.ހަރިޔާނާއެވެ ކިޔާ ގޯތީގެ އިމުގެ ތެރޭގައި ހިމެނޭ އެ ގޯތީގެ ބައެކެވެ. އަޖުވާދު މުޙައްމަދުދީދީ އެފަދައިން ޤަބޫލުކުރަނީ، މަރކަންޓައިލް ޑިވިޝަންގެ ނަންބަރު 130/MD/76 ޤަޟިއްޔާއިން، 1976 ވަނަ އަހަރު މ. ލައިނޫފަރުގެ އެވެ ކިޔާ ބަންޑާރަ ގޯތި ވާރިޘުންގެ މެދުގައި ބަހައި އިންޖަހާފައިވާއިރު، ހަތަރު ބެހެނިވެރިންގެ ތެރެއިން ތިން ފަރާތަށް މަގުމަތިން ވަދެވޭ ގޮތަށް ބައި ލިބިފައިވީނަމަވެސް، ހަތަރުވަނަ ފަރާތް ކަމަށްވާ އަޙްމަދު ނަޞީރުއަށް ލިބިފައިވާ ބަޔަށް ވަދެ ނިކުމެވޭނެ އެހެން ގޮތެއް ނެތުމުން، އަޙްމަދު ނަޞީރުގެ ގޯއްޗަށް ވަދެ ނިކުތުމަށް ބޭނުންކޮށްފައިވަނީ އެ ގޯޅިމަގު ކަމަށްވާތީއެވެ.
6. އަޙްމަދު ނަޞީރުއަށް ލިބިފައިވާ ބަޔަކީ މިހާރު މ. ހަރިޔާނާއެވެ ކިޔާ ގޯއްޗެވެ. އަޖުވާދު މުޙައްމަދުދީދީއަކީ، ބެލުން ޝަރުޠުކުރުމުގެ އެއްބަސްވުމެއްގެ ދަށުން އެގޯތި ލިބިފައިވާ ފަރާތް ކަމަށާއި، މ. ހަރިޔާނާ ގެ ރަޖިސްޓްރީ މިހާރު އޮންނަނީ އަޖުވާދު މުޙައްމަދުދީދީގެ ނަމުގައި ކަމަށް އަޖުވާދު މުޙައްމަދުދީދީގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.
7. އަޖުވާދު މުޙައްމަދުދީދީއަށް އެނގުމަކާ ނުލައި ޢާންމުންގެ ބަޔަކަށް، ބަޔާންވެދިޔަ ގޯޅިމަގު ބޭނުންކުރުމުގެ ހުއްދަ، ކައުންސިލުން ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދީފައިވާކަމަށް ބުނެ، މާލެ ސިޓީ ކައުންސިލްގެ މައްޗަށް އަޖުވާދު މުޙައްމަދުދީދީ ސިވިލް ކޯޓަށް ދަޢުވާ ހުށަހަޅާފައިވެއެވެ.
ސިވިލް ކޯޓުން ނިންމިގޮތް
8. ސިވިލް ކޯޓަށް އަޖުވާދު މުޙައްމަދުދީދީގެ ފަރާތުން ހުށަހެޅި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 3129/Cv-C/2019 ޤަޟިއްޔާއިންނެވެ.
9. މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ، މާލެ ސިޓީ ކައުންސިލްގެ ފަރާތުން ދަޢުވާއަށް އިޢުތިރާފުވެ، ދަޢުވާއާ ގުޅިގެން ހޯދަން އެދިފައިވާ މާލީ ބަދަލު މަޢާފުކޮށް، މަރކަންޓައިލް ޑިވިޝަންގެ ނަންބަރު 130/MD/76 ޤަޟިއްޔާގައިވާ ގޮތުގެމަތިން މ. ހަރިޔާނާއެވެ ކިޔާ ގޯތީގެ އިމުން ނަގާފައިވާ 234 އަކަފޫޓުގެ ބިމަކީ މ. ހަރިޔާނާއެވެ ކިޔާ ގޯތީގެ ބައެއް ކަމުގައި، ސިވިލް ކޯޓުން މައްސަލަ ނިމުނު ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ހަމަޖައްސައި، އެގޮތުގެމަތިން މ. ހަރިޔާނާ އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބަދަލުކުރުމުގެ ފުރުޞަތަކަށް އެދި މާލެ ސިޓީ ކައުންސިލުން ހުށަހެޅި ހުށަހެޅުން، އަޖުވާދު މުޙައްމަދުދީދީ ޤަބޫލުކޮށް ދެފަރާތް ސުލްޙަވެފައިވާ ކަމަށެވެ.
10. އެހެންކަމުން އެގޮތުގެ މަތިން މ. ހަރިޔާނާ އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.
11. ސިވިލް ކޯޓުގެ މި ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބުނެ، ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
ހައިކޯޓުން ނިންމިގޮތް
12. ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2020/HC-A/214 ޤަޟިއްޔާއިންނެވެ. އަދި އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް އެކޯޓުން ނިންމާފައިވަނީ، ޚުޞޫމަތު އުފެދިފައިވާ ގޯޅި މަގަކީ މ.ހަރިޔާނާއެވެ ކިޔާ ގޯތީގެ ބައެއް ކަމަށެވެ.
12.1. މ. ލައިނޫފަރުގެ ބެހެނިވެރިންގެ މެދުގައި 4 ބަޔަކަށް ބައިކުރުމުގެ ކުރިން މުޅި ގޯތި އެކީ އެކައްޗަކަށް އޮތްއިރު، ޚުޞޫމަތު އުފައްދާ ގޯޅި އެތަނުގައި ނެތްކަމާއި، އެ ގޯތި އޮތް ގޮތުގެ ކުރެހުމުން އެނގެން އޮތީ އެގޯތީގެ އުތުރުން އޮތީ ފަރީދީމަގު ކަމާއި، ގޯތީގެ އިރުން އޮތީ ނަރުގިސްގޯޅި ކަމާއި، ގޯތީގެ ދެކުނުންނާއި ހުޅަނގުން އޮތީ އެހެން ދެގޯއްޗެއް ކަމުން، ޙުޞޫމަތު އުފެދިފައިވާ ގޯޅިއަކީ ބަންޑާރަ ގޯޅިއެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދާނެ ޖާގަ ނެތްކަމާއި، އެ ގޯޅިއަކީ ބަންޑާރަ ގޯޅިއެއް ނޫންކަން ޔަޤީނީ ޢިލްމުން ސާބިތުވާކަން؛
12.2. މ. ލައިނޫފަރުގެ 4 ބަޔަށް ބައިކުރިއިރު ބަންޑާރަ މަގަކުން ނުވަތަ ބަންޑާރަ ގޯޅިއަކުން ވަދެވޭނެ ގޮތެއްނެތީ ހަމައެކަނި އަޙްމަދު ނަޞީރުއާ ޙަވާލުކުރި ބަޔަށްކަމާއި، އެހެންކަމުން ޚުޞޫމަތު އުފެދިފައިވާ ގޯޅިއަކީ މ. ލައިނޫފަރުގެއެވެ ކިޔާ ގޯތި 4 ބަޔަށް ބައިކުރުމަށްފަހު ހަމައެކަނި އަޙްމަދު ނަޞީރުއާ ޙަވާލުކުރި ބަޔަށް ވަނުމަށްޓަކައި މ. ލައިނޫފަރުގެ އެވެ ކިޔާ ބަންޑާރަ ގޯތިން ނަގައި ހިމަނާފައިވާ ގޯޅިއެއްކަމަށް ބުރަވެވޭކަން؛
12.3. މާކެންޓައިލް ޑިވިޝަންގެ ޤަޟިއްޔާ ނިންމީ ރެޖިސްޓްރޭޝަން ޑިވިޝަންއިން ލައިނޫފަރުގެއެވެ ކިޔާ ބަންޑާރަގޯތި ބައިކުރުމަށް ފާހަގަކޮށްފައިވާ ގޮތަށް ކަމަށްވާތީ، އެ ޤަޟިއްޔާގައި އެގޯޅީގެ ވާހަކަ އިތުރަށް ބަޔާން ނުކުރި ނަމަވެސް، އެކުރެހުމަށް ބެލުމުން އެގޯޅި ހިމެނުމުގެ ބޭނުން ސާފުކޮށް ދެނެގަނެވޭ ކަމާއި، އެއީ އަޙްމަދު ނަޞީރުއަށް ލިބިދިން ބަޔަށް ވަދެ ނިކުމެވާނެ ގޮތެއް އޮތުންކަން.
13. ހައިކޯޓުގެ މި ނިންމުން ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
14. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/214 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ، ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފީ ދެ ނުކުތާ ހުށަހަޅާފައިވެއެވެ.
15. ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ޤަޟިއްޔާ އެ ކޯޓުގައި ކުރިއަށް ގެންގޮސް ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން އިސްތިއުނާފުކުރެވިފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގެ ޙުކުމްގެ އަޣުލަބިއްޔަތު ރައުޔުން ކަނޑައަޅައި، މައްސަލަ އަލުން ބަލަން ދަށުކޯޓަށް ތަޙުވީލުކުރުމަކާ ނުލައި ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު4 ގެ 46 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް، އިސްތިއުނާފުކުރާ ނާޞިރާ މުޙައްމަދުދީދީގެ ޙައްޤުތައް ގެއްލޭގޮތަށް، އަދި އިސްތިއުނާފީ މަރުޙަލާގައި ޢާންމުކޮށް ޢަމަލުކުރަމުން އަންނަ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
16. ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ޤަޟިއްޔާއަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ހެއްކާބެހޭ ޤާނޫނު5 ގެ 5 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން
17. ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން އިސްތިއުނާފުގައި ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
17.1. ސިވިލް ކޯޓަށް މައްސަލަ ތަޙުވީލުކުރުމަކާ ނުލައި ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްތޯ ނުވަތަ ނޫންތޯ؛6
17.2. ސިވިލް ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު ނާޞިރާ މުޙައްމަދުދީދީއަށް ތަދައްޚުލުވުމުގެ ފުރުޞަތު އެކޯޓުން ދީފައި ނުވާތީ، އެކަމާ ގުޅިގެން ހުށަހެޅި ހުށަހެޅުމާމެދު ހައިކޯޓުން ނިންމި ގޮތް ރަނގަޅުތޯ ނުވަތަ ނޫންތޯ؛7
17.3. ހައިކޯޓުން ކޮށްފައިވާ ޙުކުމް ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއާ ޚިލާފުވޭތޯ ނުވަތަ ނޫންތޯ.8
މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށްފައި ނުވުން
18. ހައިކޯޓުން މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށްފައި ނުވާތީ ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރައްދުދެމުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބުނެފައިވަނީ، މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ތަޙުވީލުކުރެވޭނެ ޙާލަތަކީ، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ޙާލަތު ކަމަށާއި، މި މައްސަލައިގައި އިތުރަށް ސާފުކުރަންޖެހޭ ކަމެއް ނެތްކަމަށާއި، ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ކަންހިނގާފައިވާ ގޮތްކަމަށް ފާހަގަކޮށްފައިވާ ވާހަކަތަކަކީ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށްވާތީ، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ސާފުވެފައި ނުވާކަމަށް ބެލުމުގެ ޖާގަ ނެތްކަމަށެވެ.
19. އަޖުވާދު މުޙައްމަދުދީދީގެ ފަރާތުން ބުނެފައިވަނީ، ދަށު ކޯޓަށް އަލުން ތަޙުވީލުކުރަން ޖެހޭ ޙާލަތަކީ ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭނެ ޙާލަތެއް ކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ފާހަގަކޮށްފައިވާ ކަމަށާއި، ހައިކޯޓުގެ ޤަޟިއްޔާއަކީ އެފަދަ ޙާލަތެއް އޮތް ޤަޟިއްޔާއެއް ނޫންކަމަށާއި، ސަބަބަކީ ހައިކޯޓުގެ ޤަޟިއްޔާގައި އިސްތިއުނާފުކުރުމުގެ ފުރުޞަތާއި، ބޭނުން ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުޞަތާއި، ކިތާބީ ހެކި ހުށަހެޅުމުގެ ފުރުޞަތާއި އަދި ޝަރީޢަތުގެ މަޖިލީހުގައި ޖަވާބުދާރީ ވުމުގެ ފުރުޞަތު ވަރަށް ފުޅާކޮށް ދީފައިވާތީ ކަމަށެވެ.
20. މިކަމާ ގުޅިގެން ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ޙަވާލާދެނީ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 19 ވަނަ ޕެރެގްރާފަށެވެ.9 އެ ޕެރެގްރާފްގައިވަނީ،
"ސިވިލް ކޯޓުގެ ނަންބަރު 3129/Cv-C/2019 ޤަޟިއްޔާއަކީ މާލެ ސިޓީ ކައުންސިލްގެ މައްޗަށް މ. ކުޑަނެވިގެ، މާލެ އަޖުވާދު މުޙައްމަދުދީދީ ހުށަހަޅައިގެން ނިންމި މައްސަލައެއް ނަމަވެސް، މި މައްސަލަ ނިމިގެންދިޔަގޮތުން، މ. ކުޑަނެވިގެ، ނާޞިރާ މުޙައްމަދުދީދީގެ ޙައްޤަކަށް އުނިކަން ލިބިއްޖެކަމަށް އޭނާއަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުން، ސިވިލް ކޯޓުގެ ބަޔަންވެދިޔަ ޤަޟިއްޔާ އިސްތިއުނާފުކުރުމަކީ ނާޞިރާ މުޙައްމަދުދީދީއަށް ޤާނޫނުއަސާސީ އިން ލިބިދޭ ޙައްޤެކެވެ. އެހެންކަމުން، އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ދަޢުވާ ފޯމު ބާޠިލެއް ނުކުރެވޭނެއެވެ." މިހެންނެވެ.
21. މި މައްސަލައިގައި ހައިކޯޓުން ޙުކުމްކޮށްފައިވަނީ އަޣުލަބިއްޔަތު ރައުޔަކުންނެވެ. އެ ޙުކުމްގެ ތަފާތުވި ރައުޔުގައި ބަޔާންވެފައިވަނީ، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ މަސްލަޙަތެއް ނާޞިރާ މުޙައްމަދުދީދީއަށް ނެތުމުން، މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލުކުރަންޖެހޭ ކަމަށެވެ.
22. ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާގައި، ބަޔާންވެދިޔަ ޕެރެގްރާފް އެގޮތަށް ގެނެސްފައިވަނީ، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައިޞިއްޔަތު ނާޞިރާ މުޙައްމަދުދީދީއަށް ލިބިފައިވާކަން ބަޔާންކޮށްދިނުމުގެ ގޮތުން ކަމުގައި ބުރަވެވެއެވެ. އެހެން ނަމަވެސް ނާޞިރާ މުޙައްމަދުދީދީ ބުނާ ފަދައިން، ސިވިލް ކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއް ކަމުގައި ހައިކޯޓުން ކަނޑައަޅާފައި އޮތްތަނެއް ފެންނާކަށް ނެތެވެ.
23. ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން އިތުރަށް ޙަވާލާދެނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އަށެވެ. އެ މާއްދާއަކީ މައުޟޫޢީ ގޮތުން މައްސަލަ ބެލުމުގައި ހައިކޯޓުން ޢަމަލުކުރާނެ އުސޫލު ބަޔާންކުރާ މާއްދާއެވެ. 46 ވަނަ މާއްދާގެ (ށ) ގައި އެ މާއްދާގެ (ހ) އާ ޙަވާލާދީފައިވާތީ އެ ދެ އަކުރުގައިވާ ޢިބާރާތް ތިރީގައި ނަކަލުކޮށްލާނަމެވެ.
(ހ) އެ މައްސަލައަކީ މައުޟޫއީގޮތުން ބެލެންއޮތް މައްސަލައަކަށްވެފައި، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞައްޙަކޮށްކަމަށް ކަނޑައެޅިއްޖެނަމަ، އެ މައްސަލައިގައި ޢަމަލުކުރަންޖެހޭ ޝަރުއީ ނުވަތަ ޤާނޫނީ އުޞޫލު ކަނޑައަޅައި، މައްސަލަ ނިންމުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައްސަލައަކީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލުކުރުން.
24. މިމައްސަލަ ސިވިލްކޯޓުގައި ހިންގިއިރު ނާޞިރާ މުޙައްމަދުދީދީ އަކީ މައްސަލައިގެ ޚަޞްމެއް ނޫނެވެ. އެހެންކަމުން، ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިއިރު، ނާޞިރާ މުޙައްމަދުދީދީ ގެ ފަރާތުން ހުށަހަޅަން ބޭނުންވި ހުރިހާ ކަމެއް ހުށަހެޅުމުގެ ފުރުޞަތު ނާޞިރާ މުޙައްމަދުދީދީ އަށް ލިބިފައިވެއެވެ. ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ވާގިއާތަކަކީ ހައިކޯޓަށް ވެސް ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތައްކަން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފު ފޯމުތައް އަޅާ ކިޔުމުން އެނގެއެވެ.
25. ނާޞިރާ މުޙައްމަދުދީދީ ގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ، ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމުގައި ކަނޑައަޅައި، މައްސަލައިގައި ފައިސަލާ ކުރަނިވި ޙުކުމެއް އިއްވައި ދިނުމަށެވެ.10 މައްސަލަ ސިވިލް ކޯޓަށް ތަޙުވީލު ކުރުމަކީ ނާޞިރާ މުޙައްމަދުދީދީ ހައިކޯޓުން ހޯދުމަށް އެދިފައިވާ ފަރުވާއެއް ނޫނެވެ. ކަން މިހެން އޮތްއިރު، މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށްގެން ކަށަވަރުކުރަން ޖެހޭ މުހިންމު ވާގިއާ އަކީ ކޮބައިކަން ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ސާފުކޮށްދެވިފައި ނުވެއެވެ.
ދަށު ކޯޓުގައި ތަދައްޚުލުވުމުގެ ފުރުޞަތުދީފައި ނުވުން
26. ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ބުނަނީ، މި މައްސަލައިގައި ނާޞިރާ މުޙައްމަދުދީދީގެ މަޞްލަޙަތު އެކުލެވޭ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވީ ނަމަވެސް، ދަށުކޯޓުގައި ތަދައްޚުލުވުމުގެ ފުރުޞަތު ނާޞިރާ މުޙައްމަދުދީދީއަށް ލިބިދީފައި ނުވާކަމަށެވެ. އެހެންކަމުން އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއް ކަމަށެވެ.
27. މިއީ ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ހައިކޯޓަށް ވެސް ހުށަހަޅާފައިވާ ކަމެކެވެ. އެހެން ނަމަވެސް ތަދައްޚުލުވުމާ ގުޅިގެން ހުށަހަޅާފައިވާ ކަންކަމާމެދު ހައިކޯޓުން ގޮތެއް ނިންމާފައި ނުވެއެވެ. އޭގެ ބަދަލުގައި ހައިކޯޓުން ނިންމާފައިވަނީ، އިސްތިއުނާފުގެ މައްސަލައިގައި ބަޔާންކުރާ ގޯޅިއަކީ ބަންޑާރަ ގޯޅިއެއްތޯ ނުވަތަ ނޫންތޯ ސުވާލެއް އުފައްދާނެ ޖާގައެއް ނެތްކަމަށާއި، އެ ގޯޅިއަކީ ބަންޑާރަ ގޯޅިއެއް ނޫންކަން ސާބިތުވާ ކަމަށެވެ.11
28. މި މައްސަލައިގައި ކައުންސިލުން ނާޞިރާ މުޙައްމަދުދީދީ އަށް ދީފައިވާ ޖަވާބުގެ ސަބަބުން އެގޯޅި މަގަށް އުފަންވެފައިވަނީ ހަމައެކަނި ނާޞިރާ މުޙައްމަދުދީދީގެ ޙައްޤެއް ނޫނެވެ. އެއާ ޚިލާފަށް އެ ގޯޅި މަގަކީ ބަންޑާރަ ގޯޅިއެއް ކަމަށް ކަނޑައެޅިގެން ދިއުމާ ގުޅިގެން އެ މަގު ބޭނުންކުރަމުން ދިޔަ އެންމެހާ ޢާންމުންގެ ޙައްޤުވެސް އުފަން ވެފައިވެއެވެ. އެހެން ނަމަވެސް، ކައުންސިލުން ދީފައިވާ ޖަވާބުން ނާޞިރާ މުޙައްމަދުދީދީ އަށް އެގޯޅިމަގަށް އޮތް ޙައްޤު އެހެން ޢާންމުންނަށްވުރެ ބޮޑުވާ ސަބަބަކީ، ކައުންސިލްގެ އެ ޖަވާބާއި، އެއާ ވިދިގެން ކައުންސިލްގެ އިދާރާއިން ދީފައިވާ ހުއްދަތަކަށް ބަރޯސާވެ، އެ ގޯޅިމަގުން ވަދެ ނިކުމެވޭ ގޮތަށް ދޮރު ކަނޑައި، މ. ކުޑަނެވިގެ ޢިމާރާތް ކޮށްފައިވާތީއެވެ.
29. މިއީ މި މައްސަލައިގައި ނާޞިރާ މުޙައްމަދުދީދީގެ މައިގަނޑު ޝަކުވާއެވެ. އަދި ސިވިލް ކޯޓުގެ މައްސަލައަށް ތަދައްޚުލުވުމުގެ ފުރުޞަތު ދެވުނު ނަމަ ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން އެކޯޓުގައި ހުށަހަޅަން ހުރީވެސް މިކަންތަކެވެ. އެ ފުރުޞަތު ނާޞިރާ މުޙައްމަދުދީދީ އަށް ލިބިފައި ނުވާތީ، ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ހުށަހަޅަން ހުރިކަންކަން ހުށަހެޅުމުގެ ފުރުޞަތު ހައިކޯޓުން ފަހިކޮށްދީފައިވާކަން އެނގެން އޮވެއެވެ. އެ ހުށަހެޅުންތަކަށް ބިނާކޮށް ސިވިލް ކޯޓުން މި މައްސަލައިގައި ވާޞިލުވެފައިވާ ނަތީޖާއަށް ބަދަލެއް އަތުވެދާނެތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
29.1. ޝަރީޢަތަށް ހުށަހެޅިފައިވާ ޗާޓުންނާއި، ދެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު، މ. ހަރިޔާނާއިން ވަދެނިކުމެވެން އޮތް ހަމައެކަނި މަގަކީ ޚުޞޫމަތު އުފެދިފައިވާ ގޯޅިމަގު ކަމާމެދު އެއްވެސް ފަރާތަކުން ދެބަސްވެފައި ނެތެވެ.
29.2. މ. ކުޑަނެވިގެ އިންވެފައިވަނީ ނަރުގިސް ގޯޅިއަށްވާ ގޮތަށް ކަމުން، އެ މަގާ ދިމާލުން ދޮރު ކަނޑައިފިނަމަ ޚުޞޫމަތު އުފެދިފައިވާ ގޯޅި މަގު ބޭނުން ކުރުމަކާ ނުލައި މ. ކުޑަނެވިގެ އިން ވަދެ ނިކުމެވޭނެ އިތުރު ގޮތެއް އޮންނާނެ ކަމާމެދުވެސް މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން ދެބަސްވެފައި ނެތެވެ.
29.3. ސިވިލް ކޯޓު މަރުޙަލާއިން ފެށިގެންވެސް ކައުންސިލްގެ ފަރާތުން ބުނަމުން އައީ، ޑިޕާޓްމަންޓް އޮފް ހޯމް އެފެއަރޒް ގެ ރަޖިސްޓްރޭޝަން ޑިވިޝަން (ށ) އިން ދޫކޮށްފައިވާ އަސްލު ޗާޓަށް ބަލާއިރު، އެ ގޯޅިމަގަކީ މ. ހަރިޔާނާއެވެ ކިޔާ ގޯތީގެ ބައެއްކަން އެނގޭ ކަމަށާއި، އެ ގޯޅި މަގަކީ މ.ހަރިޔާނާ ގޭގެ ބައެއްކަމުގައިވާއިރު އެ ބައިން އެހެން ގޯއްޗަކުން ވަދެ ނިކުމެވޭ ގޮތަށް ޢިމާރާތްކުރުމުގެ ހުއްދައާއި، ބޭނުންކުރުމުގެ ހުއްދަ ދިނީ ކީއްވެތޯ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުން، އެފަދައިން ކުރެހުން ފާސް ކުރެވިފައިވަނީ، އޭރު އެންމެ ކުރީގެ ޗާޓަށް ބެލިފައި ނުވާތީ ކަމަށް ކައުންސިލްގެ ފަރާތުން ބުނެފައިވާ ކަމެވެ.
30. ސިވިލް ކޯޓުގެ ނިންމުން ބިނާވެފައިވަނީ ކައުންސިލްގެ އިޢުތިރާފުގެ މައްޗަށް ކަމަށްވާއިރު، އެ ކޯޓުގައި މައްސަލަ ހިންގި އިރު ނާޞިރާ މުޙައްމަދުދީދީ އަށް ތަދައްޚުލުވުމުގެ ފުރުޞަތު ދެވުނު ކަމުގައިވިޔަސް ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު އައުމުގެ ފުރުޞަތެއް އޮންނާނެ ކަމަކަށް ނުފެނެއެވެ.
ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
31. އިސްތިއުނާފީ ދެވަނަ ނުކުތާގައި ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ބުނަނީ، ޚުޞޫމަތު އުފެދިފައިވާ ގޯޅި މަގަކީ މ.ހަރިޔާނާ ގެ ބައެއް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާއިރު، އެއީ މ. ހަރިޔާނާއެވެ ކިޔާ ގޯތީގެ އިމުގެ ބައެއްކަން އެނގޭނެ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާކަމަށާއި، އެއާ ޚިލާފަށް ޚުޞޫމަތު އުފެދުނު ގޯޅި މަގަކީ މ. ހަރިޔާނާއެވެ ކިޔާ ގޯތީގެ އިމުގެ ބައެއް ނޫންކަން މާލެ ސިޓީ ކައުންސިލް އިދާރާގެ ސިޓީއިން ވަރަށް ސާފުކޮށް އެނގެން އޮންނަކަމަށާއި، އެހެންކަމުން ސިވިލް ކޯޓުގެ ޙުކުމް، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއާ ޚިލާފު ކަމަށެވެ.
32. މި ނުކުތާއަށް ރައްދު ދެމުން ކައުންސިލްގެ ފަރާތުން ބުނެފައިވަނީ، ހައިކޯޓުން މައްސަލަ ނިންމިއިރު، މާކެންޓައިލް ޑިވިޝަންގެ ޤަޟިއްޔާގެ ނިންމުމާއި، ރެޖިސްޓްރޭޝަން ޑިވިޝަން (ށ) ގެ ކުރެހުން ހެއްކެއް ގޮތުގައި ބަލައި އެތަކެއްޗަށް ރިޢާޔަށްކޮށްފައިވާ ކަމަށާއި، އެހެންކަމުން އެ ނިންމުން ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއާ ޚިލާފުކަމަށް ބަލާނެ ޖާގައެއް ނެތްކަމަށެވެ.
33. އަޖުވާދު މުޙައްމަދުދީދީގެ ފަރާތުން ބުނެފައިވަނީ މާކެންޓައިލް ޑިވިޝަންގެ ޤަޟިއްޔާގެ އަސްލު ޗާޓަކީ ކައުންސިލްގެ ސިޓީ ނަފީ ކުރެވޭފަދަ ކިތާބީ ހެއްކެއް ކަމަށާއި، ކައުންސިލްގެ ސިޓީއަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދީފައިވާ ހުއްދައެއްކަން ކައުންސިލުން ވަނީ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައި ކަމަށެވެ.
34. 01 ޖުލައި 1976 ގައި ނިންމާފައިވާ މާކަންޓައިލް ޑިވިޝަން ގެ ނަންބަރު 130/MD/76 ޤަޟިއްޔާއަށް ބެލުމުން އެނގެން އޮތީ، ރަޖިސްޓްރޭޝަން ޑިވިޝަން (ށ) އިން މ. ލައިނޫފަރުގެ އެވެ ކިޔާ ބަންޑާރަ ގޯތި ބައިކުރުމަށް ފާހަގަކޮށްފައިވާ ގޮތުގެމަތިން، ގޯތީގެ އިރުއުތުރު ބައިގައިވާ ޢިމާރާތްތައް ޙުސައިންދީދީއަށް، ހުޅަނގުއުތުރު ބައިގައިވާ ޢިމާރާތްތައް ޢާއިޝަތުދީދީއަށް، ހުޅަނގުދެކުނު ބައިގައިވާ ޢިމާރާތްތައް އަޙްމަދު ނަޞީރުއަށް، އިރުދެކުނު ބައިގައިވާ ޢިމާރާތްތައް މުޙައްމަދުދީދީގެ ވާރިޘުންނަށް12 ޢިމާރާތް ވަކިކޮށްދިނުމުން، އުނިއިތުރު ވެގެން އެއް ވާރިޘަކު އަނެއް ވާރިޘަކަށް ދޭންޖެހޭބައި، އެއް ވާރިޘަކު އަނެއް ވާރިޘަކަށް މަޢާފުކޮށް ކަޑާލައިފިކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، އެގޮތުގެ މަތިން މ. ލައިނޫފަރުގެ ބަހައި ބަޔާންވެދިޔަ ވާރިޘުންނަށް މިލްކުވެރިކަން ހަމަޖައްސައިދީފައިވާކެމެވެ. މުޙައްމަދުދީދީގެ ވާރިޘުންގެ މެދުގައި މުޙައްމަދުދީދީއަށް ލިބުނު ބައި ބަހާލުމުން، ނާޞިރާ މުޙައްމަދުދީދީ އަށް ލިބިފައިވަނީ ޚުޞޫމަތު އުފެދިފައިވާ ގޯޅިއާ އިންވެގެން އޮތް ބައެކެވެ.
35. ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.
"ޝަރީއަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ. ނަމަވެސް އެ ލިޔުމެއް ނެތުނީ ޤަބޫލުކުރެވޭ ފަދަ އުޒުރަކުންކަން ޝަރީއަތުގެ މަޖިލީހަށް ސާބިތު ވާނަމަ އޭގެ ބަދަލުގައި އެހެން ހެކި ޤަބޫލު ކުރެވޭނެއެވެ."
36. މި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތަކުންވެސް ޙަވާލާދޭ ކިތާބީ ހެކިތަކަކީ ދައުލަތުގެ އިދާރާއަކުން ދޫކުރެވިފައިވާ ރަސްމީ ލިޔުންތަކެއް ކަމުގައިވާއިރު، ކޮންމެ ޚަސްމަކުވެސް ޤަބޫލުކުރަނީ، އެ ފަރާތުން ހުށަހަޅާފައިވާ ހެއްކަކީ އަނެއް ފަރާތުން ހުށަހެޅި ހެއްކަށް ވުރެ ބާރުގަދަ ހެއްކެއް ކަމަށެވެ.
37. ކަން ހިނގާފައިވާ ގޮތް ކަމަށް ބުނާ ދެ ގޮތެއް ފަނޑިޔާރެއްގެ ކުރިމަތީގައި އޮވެފައި އެއިން އެއްވެސް ގޮތަކީ މުސްތަޙީލު ގޮތެއް ކަމަށް ނުބެލެވޭނަމަ، އެ ތަނުން އެއްގޮތަކީ ވުން މާ ދުރު ގޮތެއް ކަމަށް ފަނޑިޔާރު ކަނޑައަޅައިފިނަމަ ދެން ބާކީ އޮންނަ ގޮތަކީ ބޮޑަށް ޤަބޫލުކުރެވޭ މިންގަނޑުން އެކަމެއް ވެފައިވާ ގޮތް ކަމަށް ބެލެވިދާނެ ކަމަށް، ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޖާބިރު ޢަބްދުއްރަޙްމާނު13 ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
38. ބަޔާންވެދިޔަ އުސޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
38.1. ނާޞިރާ މުޙައްމަދުދީދީގެ ފަރާތުންނާއި އަޖުވާދު މުޙައްމަދުދީދީގެ ފަރާތުންވެސް ހުށަހަޅާފައިވަނީ ސަރުކާރުގެ ރަސްމީ ލިޔުންތަކެއް ކަމުގައި ވިޔަސް، އޭގެ ތެރެއިން ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ހުށަހަޅާފައިވާ ސިޓީ ދޫކުރެވިފައިވަނީ އިދާރީ އޮޅުމަކުން ކަން ކައުންސިލްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނި ހިސާބުން އެ ސިޓީގެ ޞައްޙަކަމަށް ދެވޭ ބުރަދަން ލުއިވެގެން ގޮސްފައިވެއެވެ.
38.2. ޚުޞޫމަތު އުފެދިފައިވާ ގޯޅިމަގަކީ މ. ލައިނޫފަރުގޭގެ ހަތަރު ވާރިޘުންނަށް ބޭނުންކުރެވޭ ފަދައިން އޮތް އެއްމެދު މަގެއް ނޫނެވެ. އެގޯޅީގެ އުތުރުން އޮތީ މ. ކުޑަނެވިގެއެވެ. އަދި ހުޅަނގުން އޮތީ މ. ހަރިޔާނާއެވެ. އަދި ގޯޅީގެ އިރުން އޮތީ ނަރުގިސް ގޯޅިކަމަށް ވާއިރު، ދެކުނުން އޮތީ މ. ލައިނޫފަރުގޭގެ ވާރިޘުންނަށް ނިސްބަތް ނުވާ ގޯތިތަކެވެ. އެމަގަކީ ހަތަރު ވާރިޘުންނަށް ބޭނުންކުރެވޭ ގޮތަށް އޮތް މަގެއް ނަމަ އެއީ ބަންޑާރަ ގޯޅިއެއް ކަމުގައި ބެލުމުގެ ފުރުޞަތު އޮތީހެވެ. މ. ލައިނޫފަރުގެ އެވެ ކިޔާ ގޯތީގެ ޗާޓަށް ބަލާއިރު، ޚުޞޫމަތު އުފެދިފައިވާ ގޯޅިމަގުގެ އިމުގެ ތެރެއަށް "ބަދިގެ" މިހެން ލިޔެފައިވާ ތަނެއްގެ ދެކުނުން، ފާރުކަމަށް ބެލެވޭފަދަ ރޮނގެއް ކުރަހާފައިވާތީ ފެންނަން އޮވެއެވެ. މިއީވެސް، އެ ގޯޅިމަގަކީ މ. ލައިނޫފަރުގޭގެ ބައެއް ކަމުގައި ބެލެވޭ ޙުއްޖަތެކެވެ. ކަން މިހެން އޮތްއިރު، ގޯޅިމަގުގެ މިލްކުވެރިކަމާމެދު، އެ ގޯޅީގެ އުތުރުން އޮތް މ.ކުޑަނެވިގޭގެ ނާޞިރާ މުޙައްމަދުދީދީ ދަޢުވާ ނުކުރާއިރު، ބުއްދީގެ ހަމަތަކުން ބަލާއިރު އެ ގޯޅިމަގު ނިސްބަތްވާނީ އެ މަގާ ދެން އިންވެގެން ހުރި މ. ހަރިޔާނާ އަށެވެ.
38.3. ޚުޞޫމަތު އުފެދިފައިވާ ގޯޅިމަގުގެ އެއްކޮޅުގައި އޮތީ ނަރުގިސް ގޯޅިއެވެ. އަދި އަނެއް ކޮޅުގައި އޮތީ މ. ހަރިޔާނާއެވެ. އެއީ ބަންޑާރަ ގޯޅިއެއް ކަމަށްވާނަމަ އެތަނުގެ މުޠުލަޤު މިލްކުވެރިކަން އޮންނާނީ ދައުލަތަށެވެ. އެއްވެސް ސަބަބަކާހުރެ ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން މަގު ބަންދުކުރަން ދައުލަތުން ނިންމާ ޙާލަތުގައި، މ. ހަރިޔާނާގެ އަށް ވަދެ ނިކުތުމުގެ މަގު އޮންނާނީ އެއްކޮށް ބަންދުވެފައެވެ. އެފަދަ ޙާލަތަކަށް ހުށަހެޅިދާ ފަދައަކުން ގޯއްޗެއް ބަހައިދީފައި އޮވެދާނެ ކަމާމެދު ޝައްކު އުފެދެއެވެ. އަދި އެ ސަބަބަށްޓަކައި، މި ގޯޅިމަގުގެ ފުރިހަމަ ބާރާއި އިޚްތިޔާރު މ. ހަރިޔާނާއަށް އޮތުން ކޮންމެހެން މުހިންމު ކަމަށް ފެނެއެވެ.
38.4. ކައުންސިލުން ނާޞިރާ މުޙައްމަދުދީދީ އަށް ދީފައިވާ ޖަވާބުން، އެއީ ބަންޑާރަ ގޯޅިއެއް ކަމަށް ކަނޑައެޅިގެން ދިއުމުގެ ނަތީޖާއަކަށްވާނީ، މ. ހަރިޔާނާއަށް އެގޯޅިމަގުގެ މައްޗަށް އޮތް ބާރާއި އިޚްތިޔާރުން މަޙުރޫމް ވެގެން ދިޔުމެވެ. އޭގެ ސަބަބުން އެފަރާތަށް ފޫނުބެއްދޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަމަށް އަންދާޒާ ކުރެވެއެވެ. އެއާ ޚިލާފަށް، ކައުންސިލުން އިޢުތިރާފުވާ ފަދައިން އެ ގޯޅިމަގަކީ މ. ހަރިޔާނާއެވެ ކިޔާ ގޯތީގެ ބައެއްނަމަ، އެ ގޯޅިމަގަށްވާ ގޮތަށް މ. ކުޑަނެވިގެއަށް ވަދެ ނިކުމެވޭ ފަދައިން ކަނޑާފައިވާ ދޮރުތައް ބަންދުކޮށް، ނަރުގިސް ގޯޅިއަށް ދޮރުކެނޑުމުގެ ފުރުޞަތު ނާޞިރާ މުޙައްމަދުދީދީ އަށް ލިބިފައިވެއެވެ. އަދި އޭގެ ސަބަބުން ލިބޭނެ މާލީ ގެއްލުމުގެ ބަދަލު ޝަރުޢީ މަރުޙަލާގެ ތެރެއިން ނަގައިދެވުމުގެ ފުރުޞަތުވެސް އޮތްކަމަށް ފެނެއެވެ.
39. އެހެންކަމުން މި މައްސަލައިގައި ހުށަހެޅިފައިވާ ކިތާބީ ހެއްކަށް ބަލާއިރު މަދަނީ މިންގަނޑުން ބޮޑަށް ބުރެވެވެނީ، ޚުޞޫމަތު އުފެދިފައިވާ ގޯޅި މަގަކީ މ. ހަރިޔާނާ އެވެ ކިޔާ ގޯތީގެ އިމުގެ ތެރޭގައި ހިމެނޭ ތަނަކަށް ވުމެވެ. މި ސަބަބަށްޓަކައި ހައިކޯޓުގެ ޙުކުމް ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއާ ޚިލާފުކަމަށް ކަނޑައަޅާނެ ތަނެއް ނެތެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
40. އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ޚުޞޫމަތު އުފެދިފައިވާ ގޯޅި މަގަކީ މ. ހަރިޔާނާ އެވެ ކިޔާ ގޯތީގެ އިމުގެ ތެރޭގައި ހިމެނޭ ތަނަކަށްވާތީ، މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ކަނޑައަޅަން ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
41. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
42. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ހައިކޯޓުގެ ނަންބަރު
2020/HC-A/214 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބެލެވޭނެ ތަނެއް ނެތުމުން، ހައިކޯޓުގެ އެ ނިންމުމަށް ތާއީދުކޮށް، މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1
2
3 މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (MISL)425-G1/INDIV/2015/89 (19 ފެބުރުއަރީ 2015) "އަމިއްލަ މީހުން ހުށަހަޅާ ސިޓީގެ ޖަވާބު"
4 ޤާނޫނު ނަންބަރު 22/2010
5 ޤާނޫނު ނަންބަރު 24/76
6 އިސްތިއުނާފީ ފުރަތަމަ ނުކުތާ
7 އިސްތިއުނާފީ ފުރަތަމަ ނުކުތާ
8 އިސްތިއުނާފީ ދެވަނަ ނުކުތާ
9 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުގެ 6.1.13
10 ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/214 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 94
11 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/214 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު"، ސ. 13-14، ޕެރެގްރާފް 21
12 މުޙައްމަދުދީދީ ނިޔާވެފައިވާތީ، މ. ލައިނޫފަރުގެއިން މުޙައްމަދުދީދީއަށް ލިބޭ ބައި މިލްކުވެފައިވަނީ އެފަރާތުގެ ވާރިޘުންނަށް.
13 ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ
2021/SC-A/25 [2024] SC 28
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.