އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2022/HC-A/48، 2021/HC-A/366، TAT-CA-G/2019/024، TAT-CA-G/2019/025
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މީރާއިން ކުރި ދެ ޖީއެސްޓީ އޮޑިޓާ ގުޅިގެން ނިންމި ނިންމުންތައް، އޭޑީކޭ އެންޓަރޕްރައިސަސްއިން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި (TAT-CA-G/2019/024 އަދި TAT-CA-G/2019/025) އިސްތިއުނާފުކުރިއެވެ. މުއްދަތު ފަހަނައަޅާފައިވާ ކަމަށް މީރާއިން ނެގި އިޖުރާއީ ނުކުތާ ޓްރައިބިއުނަލުން ބަލައިނުގަނެ، މައްސަލަ މައުޟޫޢީ ގޮތުން ނިންމިއެވެ. ހައިކޯޓުގެ 2022/HC-A/48 އަދި 2021/HC-A/366 ޤަޟިއްޔާތަކުގައި، ބަންދު ދުވަސްތައް ހިމަނައިގެން ގުނާއިރު މުއްދަތު ހަމަވެފައިވާތީ ޓްރައިބިއުނަލުގެ އިޖުރާއީ އަދި މައުޟޫޢީ ނިންމުންތައް ބާޠިލުކުރިއެވެ. އޭޑީކޭ އެންޓަރޕްރައިސަސްއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- ޓެކްސް އަހަރު 2014 އިން 2018 އަށް އޭޑީކޭ އެންޓަރޕްރައިސަސްއިން ދައްކަންޖެހޭ ޖީއެސްޓީ ބެލުމަށް މީރާއިން ދެ އޮޑިޓް ކޮށް، އިތުރަށް ޓެކްސް ދައްކަންޖެހޭ ކަމަށް ނިންމިއެވެ. ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން ހުށަހެޅި ދެ އިޢުތިރާޟުގައިވެސް މީރާއިން ނިންމީ އޮޑިޓް ނިންމުންތަކަށް ބަދަލެއް ނުގެންނަން ކަމަށެވެ. މީރާއިން ބުނީ، ބަންދު ދުވަސްތައް ހިމަނައިގެން ގުނާއިރު ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ 30 ދުވަހުގެ މުއްދަތު ފަހަނައެޅުމަށްފަހު ކަމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މީރާއިން ނިންމާ ނިންމުމެއް ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފުކުރުމަށް ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގައިވާ 30 ދުވަހުގެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންތޯ ނުވަތަ ނުހިމަނައިތޯ؟
- ޚަޞްމުންގެ ހުށަހެޅުންތައް
- އޭޑީކޭ އެންޓަރޕްރައިސަސްއިން ބުނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގެ މުއްދަތު ގުނުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (2013/R-45) ގެ 77 ވަނަ މާއްދާ ތަޠުބީޤުކުރުމަކީ ޤާނޫނުތަކުގެ ދަރަޖައިގެ އުޞޫލާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާ ޚިލާފު ކަމަށާއި، އިޖުރާއީ ޤާނޫނުގެ އެކަށީގެންވާ މާނަކުރުމަކަށް ބަރޯސާވެގެން ކުރި ޢަމަލުތަކުގެ މަންފާ ލިބެންވާނެ ކަމަށެވެ. މީރާއިން ބުނީ، މި މުއްދަތު ގުނަންވާނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށާއި، އެކަމަށް ހަވާލާދިނީ ހައިކޯޓުގެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޫސާ ނަސީމް ޤަޟިއްޔާއަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ފާހަގަކުރީ، ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ 30 ދުވަސް ގުނާނެ ގޮތެއް ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގައި ނެތް ކަމާއި، 10 އަހަރު ދުވަހު ބަންދު ދުވަސް ނުހިމަނައި މުއްދަތު ގުނަމުން އައި ކަމެވެ. އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2023] SC 25 ގައި، ހައިކޯޓުގެ މޫސާ ނަސީމް ޤަޟިއްޔާގެ ނިންމުން ބާޠިލުކޮށް، މި މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ، ހައިކޯޓުގެ އިޖުރާއީ ނިންމުންތައް ބާޠިލުކުރިއެވެ. ޓްރައިބިއުނަލުގެ TAT-CA-G/2019/025 މައްސަލައާ ގުޅޭ މައުޟޫޢީ ނުކުތާތައް ބެލުމަށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ހައިކޯޓަށް ތަޙުވީލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ އިޖުރާއީ ނިންމުންތައް ބާޠިލު؛ މައުޟޫޢީ ނުކުތާތައް ބެލުމަށް ހައިކޯޓަށް ތަޙުވީލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މީރާއިން ނިންމާ ނިންމުންތައް ޓްރައިބިއުނަލަށް ހުށަހެޅުމަށް އޮންނަ 30 ދުވަހުގެ މުއްދަތު ގުނާނެ ގޮތާބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލެވުނު އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގަޒިއްޔާގައި މީރާއިން ނިންމާ ނިންމުންތައް ޓެކްސް ދައްކާ ފަރާތުން އިސްތިއުނާފު ކުރަން ޓްރައިބިއުނަލަށް ހުށަހަޅަން އޮންނަ 30 ދުވަހުގެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ކަނޑައަޅާފައި ވެއެވެ.
HN2 މީރާއިން ނިންމާ ނިންމުންތައް ޓްރައިބިއުނަލަށް ހުށަހެޅުމަށް އޮންނަ 30 ދުވަހުގެ މުއްދަތު ގުނާނެ ގޮތާބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާރު ވަކިގޮތެއް ކަނޑައަޅާފައިވާތީވެ، … ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އިޖުރާއީ ނިންމުންތައް ބާތިލުކޮށް، އެ ގަޒިއްޔާތަކުގައި މީރާއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައުލޫއީ ނުކުތާތަކުގެ ބައި … ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޑރ. އަޒްމިރާލްދާ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު : (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 2022/HC-A/48 ގަޒިއްޔާ އާއި، ނަންބަރު 2021/HC-A/366 ގަޒިއްޔާއާ، މި ދެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް އޭޑީކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ("އޭޑީކޭ އެންޓަރޕްރައިސަސް" ކަމަށް މީގެ ފަހުން ބުނެފައިވާ) އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ("މީރާ" ކަމަށް މީގެ ފަހުން ބުނެފައިވާ) އަށެވެ.
މައްސަލައިގެ ފަސްފަހަތް
2ޓެކްސް އަހަރު 2014 އިން ފެށިގެން ޓެކްސް އަހަރު 2018 އަށް ހުރި މުއްދަތުތަކަށް އޭޑީކޭ އެންޓަރޕްރައިސަސް އިން ދައްކަންޖެހޭ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ދައްކާފައިވަނީ ރަނގަޅަށްތޯ ބެލުމަށް މީރާއިން ދެ އޮޑިޓްކުރިއެވެ. މި ދެ އޮޑިޓަށްފަހު މީރާއިން ނިންމާފައިވަނީ އޭޑީކޭ އެންޓަރޕްރައިސަސް އިން އިތުރަށް ޓެކްސް ދައްކަން ޖެހޭ ކަމަށެވެ.
3މި ދެ އޮޑިޓާ ގުޅިގެން މީރާއިން ނިންމި ނިންމުމާ ގުޅިގެން ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 1 42 ވަނަ މާއްދާގެ ދަށުން އޭޑީކޭ އެންޓަރޕްރައިސަސް އިން ދެ އިއުތިރާޒް މީރާއަށް ހުށަހެޅިއެވެ. މި ދެ އިއުތިރާޒާ ގުޅިގެންވެސް މީރާއިން ނިންމާފައިވަނީ މީރާގެ ދެ އޮޑިޓް ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.
ޓްރައިބިއުނަލްގެ މަރުހަލާ
4މީރާގެ ދެ ނިންމުން އިސްތިއުނާފު ކުރުމަށް އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ދެ މައްސަލައެއް ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ހުށަހެޅިއެވެ. އެ ދެ މައްސަލަ އެ ޓްރައިބިއުނަލްގައި އެކުގައި ބަލާފައިވަނީ ޓްރައިބިއުނަލުގެ ނަންބަރު TAT-CA-G/2019/024 މައްސަލަ އާއި ނަންބަރު TAT-CA-G/2019/025 މައްސަލައިގެ ގޮތުގައެވެ.
5ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ގޮސް އަޑުއެހުންވެސް ބޭއްވުނު ފަހުން، މި މައްސަލައަކީ ޓްރައިބިއުނަލްގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ބުނެ މީރާއިން އިޖުރާއީ ނުކުތާއެއް ނެގިއެވެ. މި އިޖުރާއީ ނުކުތާގައި މީރާއިން ބުނެފައިވަނީ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 ވަނަ މާއްދާއިން ލިބޭ 30 ދުވަސް ގުނަންވާނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު 2013/R-45 ގެ 77 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ކަމަށާއި، އެހެންކަމުން އެ މުއްދަތު ފާއިތުވި ފަހުން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވާތީ، އޭޑީކޭ އެންޓަރޕްރައިސަސް އިން ހުށަހަޅާފައިވާ ފޯމުތައް ބާތިލުކުރަންޖެހޭ ކަމަށެވެ. މި އިޖުރާއީ ނުކުތާ ނެގުމުގައި މީރާއިން ހަވާލާ ދީފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޫސާ ނަސީމް ގަޒިއްޔާއަށެވެ. 1 ފާނޫނު ނަންބަރު 3/2010 2 2021/HC-A/21
6ނަމަވެސް ޓްރައިބިއުނަލުން ނިންމީ މީރާގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާ ބަލައި ނުގަތުމަށާއި، މައްސަލައިގައި މައުލޫއީ ގޮތުން ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ.
7ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2019/025 މައްސަލައިގައި ޓްރައިބިއުނަލުން ނިންމީ އިތުރަށް ދައްކަންޖެހޭ ކަމަށް މީރާއިން ކަނޑައަޅާފައިވާ -/224,532 ރުފިޔާއަކީ ޖީއެސްޓީގެ ގޮތުގައި އޭޑީކޭ އެންޓަރޕްރައިސަސް އިންމީރާއަށް ދައްކަންޖެހޭ އަދަދެއް ނޫން ކަމަށެވެ. ޓްރައިބިއުނަލުގެ ނަންބަރު 220-37/OA/2019 މައްސަލައިގައި ނިންމާފައިވަނީ މީރާގެ ނަންބަރު TAT-CA-G/2019/024 އޮބްޖެކްޝަން ރިވިއު ރިޕޯޓުގައިވާ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ.
ހައިކޯޓުގެ އިސްތިއުނާފު
8މީރާގެ ފަރާތުން ޓްރައިބިއުނަލުގެ ނަންބަރު TAT-CA-G/2019/024 މައްސަލަ އާއި، ނަންބަރު TAT-CA-G/2019/025 މައްސަލައިގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2019/025 މައްސަލައާ ގުޅޭގޮތުން ޓްރައިބިއުނަލުން ނިންމި އިޖުރާއީ ނުކުތާ އާއި މައުލޫއީ ނުކުތާ މީރާއިން އިސްތިއުނާފުކޮށްފައިވާ އިރު، ޓްރައިބިއުނަލުގެ ނަންބަރު TAT-CA-G/2019/024 މައްސަލައާބެހޭ ގޮތުން މީރާއިން ހައިކޯޓުގައި އިސްތިއުނާފުކުރ މީރާއިން ޓްރައިބިއުނަލަށް ހުށަހެޅި އިޖުރާއީ ނުކުތާގައި ޓްރައިބިއުނަލުން ނިންމި ނިންމުމެވެ.
9މި ދެ އިސްތިއުނާފާ ގުޅިގެން އެކުއެކީގައި ބެލި ހައިކޯޓުގެ ނަންބަރު 2022/HC-A/48 ގަޒިއްޔާ އަދި ނަންބަރު 2021/HC-A/366 ގަޒިއްޔާގައި ހައިކޯޓުން ނިންމާފައިވަނީ، މީރާ އިން ނިންމާފައިވާ ނަންބަރު 220-AO/2018/45/AO/2018 އާއި ނަންބަރު 220-AO/2019/37/AO/2019 އޮބްޖެކްޝަން ރިވިއު ރިޕޯޓުގައިވާ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނިކޮށް، އެ ހުށަހެޅުން ބަލައިގެންފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ގަބޫލުކުރެވޭތީ، ޓްރައިބިއުނަލުގައި މި އިސްތިއުނާފުތައް ކުރިއަށް ގެންދެވޭނޭ ގާނޫނީ ހަމައެއް ނެތުމުން ޓްރައިބިއުނަލުގެ އިޖުރާއީ ނިންމުމާއި މައުލޫއީ ނިންމުން ބާތިލުކޮށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު
10އޭޑީކޭ އެންޓަރޕްރައިސަސްގެ ފަރާތުން ސުޕްރީމް ކޯޓަށް ދެ ނުކުތާއެއް ހުށަހަޅާފައި ވެއެވެ. އެއީ:
(ހ) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވާ މުއްދަތު ގުނަންޖެހޭނީ ޓެކްސްނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ބ) ތަތުބީގު ކޮށްގެން ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 62 ވަނަ މާއްދާ އާއި ގާނޫނުތަކުގެ ދަރަޖަތަކުގެ އުސޫލާއި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވާ މުއްދަތު ގުނުމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވާ އުސޫލަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 25 ވަނަ މާއްދާ އާއި ހައިކޯޓުގެ ރައީފާ އަބްދުލް ވައްހާބު އަދި އެހެން ފަރާތެއް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް އަދި އެހެން ފަރާތެއް ގައި ގަވާއިދަކީ ކޮބައިކަން ބަޔާންކޮށް ކަނޑައަޅާފައިވާ އުސޫލާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ކަމަށްވުން.
(ށ) ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މޫސާ މުޙައްމަދު ގަޒިއްޔާގައި ކަނޑައަޅާފައިވާ އިޖުރާއީ ގާނޫނުގެ އެކަށީގެންވާ މާނަކުރުމަކަށް ބަރޯސާވެ ކޮށްފައިވާ އަމަލުތަކުގެ މަންފާ ދިނުމަށް އޮތް އުސޫލާއި އާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ކަނޑައަޅާފައިވާ އިޖުރާއީ ގާނޫނާ ގުޅިގެން އަރާ ހަގީގީ އޮޅުންތަކާއި އަމިއްލަ ބާރު ނުފޯރުވޭ ހާލަތްތަކުގެ މަންފާ އެ އޮޅުމެއް އެރި ނުވަތަ އެ ހާލަތެއް މެދުވެރިވި ފަރާތަކަށް ދިނުމަށް އޮތް އުސޫލުތަކާ ޚިލާފަށް ހައިކޯޓުން މައްސަލަ ނިންމާފައިވުން. މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލު
11މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ މީރާއިން ނިންމާ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރުމަށް ހުށަހަޅަން ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 30 ދުވަހުގެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންތޯ ނުވަތަ ނޫންތޯއެވެ.
12ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ލިބޭ 30 ދުވަސް ގުނާނެ ގޮތެއް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި ނެތެވެ. އިދާރީ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގެ ބޭނުމަށްޓަކައި މުއްދަތު ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި ބަޔާންވެފައި އޮތް ނަމަވެސް ފާއިތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލަތަކުގައިވެސް، އަދި ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު މައްސަލަތަކުގައިވެސް އަދި ސުޕްރީމް ކޯޓުގައި ބެލެވުނު މައްސަލަތަކުގައިވެސް މީރާއިންވެސް އަދި ޓެކްސް ދައްކާ ފަރާތްތަކުންވެސް މުއްދަތު ބަލަމުން އައީ ބަންދު ދުވަސްތައް ނުހިމަނައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޫސާ ނަސީމް ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ މީރާގެ ނިންމުންތައް ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރަން ހުށަހަޅަން އޮންނަ މުއްދަތު ގުނަންވާނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ބަންދު ދުވަސްތައް ނުހިމަނައި މުއްދަތު ގުނައިގެން ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލަތަކުގައި މީރާއިން އިޖުރާއީ ނުކުތާ ނަގައި އެފަދައިން ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލަތައް ޓްރައިބިއުނަލުން ބޭރުކޮށްދިނުމަށް މީރާއިން ޓްރައިބިއުނަލުގައި އެދެމުން ގެންދިޔައެވެ.
13HN1މީރާއިން ނިންމާ ނިންމުންތައް ޓްރައިބިއުނަލަށް ހުށަހެޅުމަށް އޮންނަ 30 ދުވަހުގެ މުއްދަތު ގުނާނެ ގޮތާބެހޭ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޫސާ ނަސީމް ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލެވުނު އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގަޒިއްޔާގައި ބާތިލުކޮށް، މީރާއިން ނިންމާ ނިންމުންތައް ޓެކްސް ދައްކާ ފަރާތުން އިސްތިއުނާފު ކުރަން ޓްރައިބިއުނަލަށް ހުށަހަޅަން އޮންނަ 30 ދުވަހުގެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ކަނޑައަޅާފައި ވެއެވެ.
14HN2އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގަޒިއްޔާގައި މީރާއިން ނިންމާ ނިންމުންތައް ޓްރައިބިއުނަލަށް ހުށަހެޅުމަށް އޮންނަ 30 ދުވަހުގެ މުއްދަތު ގުނާނެ ގޮތާބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާރު ވަކިގޮތެއް ކަނޑައަޅާފައިވާތީވެ، އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނަންބަރު 2022/HC-A/48 ގަޒިއްޔާ އާއި ނަންބަރު 2021/HC-A/366 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އިޖުރާއީ ނިންމުންތައް ބާތިލުކޮށް، އެ ގަޒިއްޔާތަކުގައި މީރާއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައުލޫއީ ނުކުތާތަކުގެ ބައި (ޓްރައިބިއުނަލުގެ ނަންބަރު TAT-CA-G/2019/025 މައްސަލަ) ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
15މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
16މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނަންބަރު 2022/HC-A/48 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/366 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އިޖުރާއީ ނިންމުންތައް ބާތިލުކޮށް، މީރާއިން އެ ގަޒީއްޔާތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައުލޫއީ ނުކުތާތަކުގެ ބައި (ޓްރައިބިއުނަލުގެ ނަންބަރު TAT-CA-G/2019/025 މައްސަލަ) ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަލީ ރަޝީދު ޙުސައިން ޙުސްނުއްސުޢޫދު އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)
ފުޓްނޯޓު
- ޤާނޫނު ނަންބަރު 4/2011
- 2019/HC-DM/02
- SC 24 [2022]
- SC 24 [2021]
- 2021/HC-A/29
- [2023] SC 25
- [2023] SC 25
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ)
- އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2023] SC 25
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.