ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މޫސާ މުޙައްމަދު
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މޫސާ މުޙައްމަދު
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފުމިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/26 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ދައުލަތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިކޯޓުގެ ނަންބަރު 2022/SC-A/39 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އަޙްމަދު މޫސާ މުޙައްމަދު ގެ މައްޗަށެވެ.
މި އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާއަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބުނާ ދަށު ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާ ނަމަ، އެ އަމުރެއް ނެރޭ ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި އިސްތިއުނާފު ކުރަންވާނޭ ކަމަށް ބަޔާން ކޮށްފައި ވާތީވެ، މި މާއްދާގައި ބަޔާންކުރާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ މުއްދަތު ގުނުމުގެ މައްޗަށެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތްދައުލަތުގެ ފަރާތުން، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ދަޢުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ޚިޔާނާތްތެރިވުމުގެ 42 ދަޢުވާއާ ގުޅޭ ކްރިމިނަލް ކޯޓުގެ ނަންބަރު 317-358/Cr-C/2021 ޤަޟިއްޔާތަކުގެ ޝަރީޢަތް ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ބަންދު ކޮށްދިނުން އެދި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން އަމުރުކުރީ އަޙްމަދު މޫސާ މުޙައްމަދު ޝަރުޠުތަކާއެކު ދޫކޮށްލުމަށެވެ.
އަޙްމަދު މޫސާ މުޙައްމަދު ޝަރުޠުތަކާއެކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި މި އަމުރު ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެކޯޓުން ނިންމީ އަޙްމަދު މޫސާ މުޙައްމަދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުމާ ގުޅިގެން އަޙްމަދު މޫސާ މުޙައްމަދު ބަންދުގައި ހުރި ހުރުން ދެފަހަރުމަތިން ކްރިމިނަލް ކޯޓުން ދެމެހެއްޓިއެވެ.
އެހެންނަމަވެސް، މީހަކު ޖާމިނުވާގޮތަށް ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން ކްރިމިނަލް ކޯޓަށް 13 އޮކްޓޫބަރު 2021 ގައި ފޯމު ހުށަހެޅުމުން، ރަށުން ބޭރަށް ދިޔުން މަނާކޮށް، 2 (ދޭއް) މީހަކު ޖާމިނު ކުރުމަށްފަހު، ޝަރުޠުތަކާއިއެކު، ކަފާލާތުގެ ދަށުން އަޙްމަދު މޫސާ މުޙައްމަދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ މި އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ކްރިމިނަލް ކޯޓުގެ މި އަމުރު ބާޠިލު ކަމަށް ނިންމައި، ޝަރީޢަތް ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކުރިއެވެ.
އެއަށްފަހު، އަޙްމަދު މޫސާ މުޙައްމަދު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފައި ވަނިކޮށް، 20 މާޗް 2022 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުނު ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމެއްގައި، އަޙްމަދު މޫސާ މުޙައްމަދު ޝަރުޠުތަކަކާއެކު ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
މި އަމުރު ކްރިމިނަލް ކޯޓުން ނެރެފައިވަނީ 2022 މާޗް 20 ވަނަ ދުވަހުގެ 16:00 ގައެވެ. ދައުލަތުން، ކްރިމިނަލް ކޯޓުގެ މި އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރީ 2022 މާޗް 23 ވަނަ ދުވަހުގެ 12:12 ގައެވެ. މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/26 ޤަޟިއްޔާއިންނެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 145-B3(317-358-2021)/MA/2022/02 (20 މާޗް 2022) ކޯޓު އަމުރު ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، ދައުލަތުން ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބުނާ އިސްތިއުނާފު ކުރުމުގެ މުއްދަތު ކަމުގައިވާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ފަހުން ކަމަށް ވާތީ، އެ މައްސަލައަކީ އިޖުރާއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/26ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ސުޕްރީމް ކޯޓުން ކަނޑައަޅާ ނިޔާއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާމި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/26ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) އާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ) އާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާއި، އެ ޤާނޫނުގެ 17 ވަނަ މާއްދާ އާއި، އެޤާނޫނުގެ 35 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ބަޔާންވެދިޔަ ނުކުތާގެ މައްޗަށް ބިނާކޮށް ދައުލަތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/26 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) އާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ) އާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާއި، އެ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ބާޠިލު ނިންމުމެއް ކަމަށް ކަނޑައަޅައި، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ މައުޟޫޢީ ގޮތުން ބަލައި ނިންމައި ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އަމުރު ކޮށްދިނުމަށެވެ.
މި އިސްތިއުނާފުގެ ޖަވާބުގައި އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތް ކަމުގައެވެ. އެހެނީ މި މައްސަލައިގައި ވަގުތު ގުނަންޖެހޭނީ ގަޑިއިރުންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) އިން ސާފުވާކަމަށާއި، މި މައްސަލަ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ، އެ މާއްދާގައި ބުނާ 48 (ސާޅީސް އަށެއް) ގަޑިއިރު ފާއިތުވި ފަހުން ކަމުގައެވެ.
މި އިސްތިއުނާފުގައި ދައުރުވާ ޤާނޫނީ ނުކުތާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ 48 (ސާޅީސް އަށެއް) ގަޑިއިރު ގުނާނެ ގޮތުގެ މައްޗަށް ކަމުގައިވާތީވެ، އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއަކީ، ޖިނާއީ މައްސަލަތައް އިސްތިއުނާފު ކުރުމުގެ މުއްދަތުތަކާއި އިންތައް ބަޔާންކުރާ މާއްދާއެވެ. މި މާއްދާގެ ނައްސު ތިރީގައި ނަކަލު ކުރެވިފައި އެވަނީއެވެ.
އިސްތިއުނާފުކުރުން 198- (ހ) މި ޤާނޫނުގައި ނުވަތަ ޖިނާއީ ކުށް ކަނޑައެޅުމުގެ ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކޯޓަކުން ކޮށްފައިވާ ޙުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ޤާނޫނުއަސާސީއާ ނުވަތަ ޝަރުޢީ އުސޫލަކާ ނުވަތަ ޤާނޫނަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމާބެހޭ ފަރާތަކުން އެ ޙުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ކޮށްފައިވާ ޙުކުމެއް، އެ ޙުކުމް ކުރާ ތާރީޚުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، އެ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނަމަ، އެ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) އަދި (ރ) ގައިވާ ގޮތުގެމަތިން ކޯޓަކުން ނެރޭ އަމުރެއް ނުވަތަ ނިންމާ ނިންމުމެއް އިސްތިއުނާފު ކުރުމުން، އިސްތިއުނާފު ކުރާ ތާރީޚުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އަމުރާމެދު ނުވަތަ އެ ނިންމުމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
މި މައްސަލައިގައި މުއްދަތު ގުނާނެ ގޮތާމެދު ސުވާލު އުފެދިފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައިވާ ޢިބާރާތަށް ބަލާއިރު އެ ޢިބާރާތުގައި އޮތީ، "ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާ ނަމަ، އެ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންވާނެއެވެ." މި ފަދައިންނެވެ. މި މާއްދާގެ (ރ) ފިޔަވައި އެހެން އަކުރުތަކުގައި މުއްދަތު ގުނުމަށް ދީފައިވަނީ ދުވަސްތަކެކެވެ. އަދި ހުރިހާ އަކުރެއްގައިމެ މުއްދަތު ފަށާ ވަގުތަށް އިޝާރާތްކޮށް ލިޔެފައިވަނީ "ނިންމާ ތާރީޚުން ފެށިގެން" މި ގޮތަށެވެ.
ކޯޓުތަކުން ޤާނޫނު މާނަކުރުމުގައި ގެންގުޅޭ ޢާންމު އެއް އިފްތިރާޟަކީ، ޤާނޫނު އެކަށައަޅާ ފަރާތުން ކުށަކުން ނުވަތަ އޮޅިގެން ޤާނޫނުގައި ވަކި ލަފުޒެއް ނުވަތަ ޢިބާރާތެއް ނުހިމަނާނެ ކަމުގައި ބެލުމެވެ. މި ސަބަބަށްޓަކައި، "ޤާނޫނެއް އެކުލަވާލުމުގައި، ވަކި ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއް، ޤާނޫނުގައި ބޭނުންކޮށްގެން، އެބަހުން ނުވަތަ ޢިބާރާތުން ނުވަތަ ޖުމްލައިން ދޭންބޭނުންވަނީ ކޮން މާނައެއްކަން ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމުގައި ބަލައި، ވަކި ކަމެއް ބަޔާންކުރުމަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނެއްގައި ބޭނުންކޮށްފައިވާ ބަސް، ނުވަތަ ޢިބާރާތް، ނުވަތަ ޖުމްލަ، އެގޮތުގައި ދެމެހެއްޓުމަށްވުރެ ރަނގަޅުގޮތެއް ނޯންނާނެ" ކަމުގައި ކޯޓުތަކުން ބަލަންޖެހެއެވެ. އަދި، "ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫން" ކަމުގައި ބަލަންޖެހެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، އެ އަކުރުގައި ބަޔާންކުރާ މުއްދަތު ފެށެނީ އަމުރެއް ނެރޭ ނުވަތަ ނިންމުން ނިންމާ ތާރީޚުން ނެވެ. އެ މުއްދަތު ނިމެނީ އެ ތާރީޚުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރު ނިމުމުންނެވެ. މުއްދަތު ގުނުމަށް ދީފައި އޮތީ ވަގުތުކޮޅެކެވެ. އެއީ އެންމެ 48 (ސާޅީސް އަށެއް) ގަޑިއިރެވެ. އިތުރަށް މި އަކުރަށް ބަލާއިރު، މުއްދަތު ފެށުމަށް ތާރީޚެއް ދީފައި އޮތުމުން، ކޮންމެ ތާރީޚެއްގައި 24 ގަޑިއިރު ހިމެނޭނެއެވެ. މިސާލަކަށް 20 މާޗް 2022 ގެ ތާރީޚު ފެށޭނީ 19 މާޗް 2022 ވަނަ ދުވަހުގެރޭ މެންދަމު 12:00 އިން ފެށިގެންނެވެ. އަދި އެ ތާރީޚު ނިމޭނީ 20 މާޗް 2022 ދުވަހުގެ ރޭ މެންދަމު 12:00 އަށެވެ.
މުއްދަތު ފެށޭއިރު ދެނެގަތުމަށް ތާރީޚެއް ދިނުމަށްފަހު، މުއްދަތު ނިމޭއިރު ދެނެގަތުމަށް ވަގުތެއް ދިނުމުން ބަހުސެއް އުފެދެއެވެ. އުފެދޭ ބަހުސަކީ، މިސާލަކަށް؛ 20 މާޗް 2022 ވަނަ ދުވަހުގެރޭ 23:00 ގައި ދަށު މަރުޙަލާގެ ކޯޓަކުން ވާހަކަ ދެކެވޭ ބާވަތުގެ މައްސަލައެއް ނިންމުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި އޮތް "ނިންމާ ތާރީޚު" ގުނަން ފަށާނީ އެ ތާރީޚުގައި ހިމެނޭ 24 ގަޑިއިރުގެ ކިހައި ހިސާބަކުން ކަން ދެނެގަތުމުގެ ބަހުސެވެ.
ބަހުސް ކުރެވިދާނެ އެއްގޮތަކީ ޤާނޫނުގެ ޢިބާރާތަށް ބަލައި 20 މާރޗް 2022 ގެ ތާރީޚު ފެށުނު، ނުވަތަ އެ ދުވަސް ފެށުނު ހިސާބުން ވަގުތު ގުނަން ފެށުމެވެ. ނަމަވެސް މި ގޮތަށް ފަށައިގެން 23:00 އާ ހަމައަށް ހިނގާފައިވާ ވަގުތަކީ، ދަށު ކޯޓުން ނިންމުމެއް ނިންމި ވަގުތުގެ ކުރިއަށް ހިނގާފައިވާ "ކަމާނުބެހޭ" ވަގުތު ތަކެކެވެ.
ބަހުސް ކުރެވޭނެ ދެވަނަ ގޮތަކީ، ނިންމުން ނިންމި ވަގުތުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރު ގުނަން ފެށުމެވެ. މިފަދައިން ގުނާނަމަ، އެ ގުނެނީ ވަގުތަކުން ކަމަށާއި، ޤާނޫނުގައި ބުނަނީ ތާރީޚަކުން ކަމުގައި ބުނެ ޖަދަލު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެހެން ނަމަވެސް ކުރިން އިޝާރާތް ކުރި ގޮތަށް، ދަށު ކޯޓުން މައްސަލަ ނިންމާ ވަގުތު އޮންނާނީ އެ ނިންމި ތާރީޚުގެ ތެރޭގައި ކަމުގައިވާތީ އާއި، އަދި ކަމާނުބެހޭ ވަގުތެއް އެފަދައިން ގުނުމުގައި ނުގުނޭނެތީ، މިއީ މިހާލަތުގައި ވަގުތު ގުނުމަށް އެންމެ ރައްކާތެރި، އަދި އިންސާފުވެރި ގޮތްކަމުގައި ދެކެމެވެ.
ވުމާއެކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި 48 (ސާޅީސް އަށެއް) ގަޑިއިރު ގުނާނީ ދަށު ކޯޓުން މައްސަލަ ނިންމި ވަގުތުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރު ކަމުގައި ދެކެމެވެ.
މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ)
މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި އޮތީ، "ވަގުތު ނުވަތަ މުއްދަތު ވަކި ޤާނޫނެއްގެ ބޭނުމަށްޓަކައި ބަލަންޖެހިއްޖެހިނދެއްގައި، އެ ޤާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާނަމަ، ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތްކޮށްފައިވާނަމަ، އެ މުއްދަތު ގުނަންވާނީ އެ ދެ ކަމެއް ހިނގާ ދެ ދުވަސް ނުހިމަނައެވެ." މި ފަދައިންނެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި މުއްދަތެއް ނުވަތަ ވަގުތެއް ގުނަން އޮންނަ ކޮންމެ ހާލަތަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ)ގެ ބޭނުން ކުރަންޖެހޭ ހާލަތެއް ނޫނެވެ. އެހެނީ އެ އަކުރުގައިވާ، "ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތް ކޮށްފައިވާ ނަމަ، އެ މުއްދަތު ގުނަންވާނީ އެ ދެކަމެއް ހިނގާ ދެ ދުވަސް ނުހިމަނައެވެ." އޮންނަ އޮތުމަށް ޢަމަލު ކުރެވޭނީ ދެ ޝަރުޠެއް ފުރިހަމަ ވެގެންނެވެ.
ފުރަތަމަ ޝަރުޠަކީ ޤާނޫނުގައި މުއްދަތު ނުވަތަ ވަގުތު ގުނުމަށް ގޮތެއް ކަނޑައެޅިފައި ނުވުމެވެ.
ދެވަނަ ޝަރުޠަކީ ފުރަތަމަ ޝަރުޠު ހަމަވުމާއެކު، ދެކަމެއްގެ ދޭތެރޭގައި ހިނގާނެ މުއްދަތަށް ޤާނޫނުގައި އިޝާރާތް ކޮށްފައި އޮތުމެވެ.
ސުވާލަކީ މި ޝަރުޠުތައް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ފުރިހަމަވޭ ހެއްޔެވެ؟ މިއިން އެއްވެސް ޝަރުޠެއް 198 ވަނަ މާއްދާގެ (ރ) ގައި ފުރިހަމަވާ ކަމުގައި އަހުރެން ނުދެކެމެވެ. އެއަށްވުރެ އެ އަކުރުގައިވާ ޢިބާރާތް ތިލަވެފައި ސާފެވެ. ކުރިން ބުނި ގޮތަށް މުއްދަތު ފެށޭ ވަގުތާއި، މުއްދަތު ނިމޭ ހިސާބާއި، މުއްދަތު ގުނަން ބޭނުންކުރާނީ ކޮން އެއްޗެއްކަން އެ މާއްދާއިން ސާފެވެ. އެ އަކުރުގައި، "ދަށު މަރުޙަލާގެ ކޯޓުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ލިބޭނީ 48 ގަޑިއިރެވެ." މިފަދަ އިބާރާތެއް އޮތްނަމަ، އެ ހިސާބުން އެ އިބާރާތް މާނަކޮށް ޝަރަޙަ ކުރަން ފަށަން ވީއެވެ. އެހެނީ އެ ޢިބާރާތުގައި އޮތީ ހަމައެކަނި މުއްދަތަކަށް އިޝާރާތް ކޮށްފައެވެ. ވުމާއެކު، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަކީ، މި މައްސަލައަށް ތަޠުބީޤު ކުރެވޭނެ އަކުރެއް ކަމުގައި އަހުރެން ނުދެކެމެވެ.
ރައްޔިތުންގެ މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ފަރުމާކުރުމުގައި، އެ އަކުރުގައި 48 (ސާޅީސް އަށެއް) ގަޑިއިރު ލިޔެފައިއެވަނީ 198 ވަނަ މާއްދާގައި ބުނެފައިވާ ހާލަތްތަކުގައި ދައުލަތުން މައްސަލެއް އިސްތިއުނާފު ކުރުމަށް ހުށަހަޅާނީ، ނުރައްކާތެރި ކުށެއް ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު ދޫވެފައި ހުރުމުގެ ޚުޠޫރަތްތެރިކަމެއް އޮވެގެންކަން އެ މާއްދާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުޙަލާގައި ދެކެވިފައިވާ ވާހަކަތަކުން ދޭހަވެއެވެ. މި ހާލަތުގައި ޤާނޫނު އެކަށައެޅި ފަރާތުގެ ނިޔަތް ހާސިލު ކުރެވޭނީ ޤާނޫނު އެކަށައެޅި ފަރާތުން، ޤާނޫނު އެކަށައެޅި ގޮތަށް، މާނަކުރުމުގެ ތެރެއިން ނަމަވެސް އުނިއިތުރެއް ނުގެނެސް ކިޔައިގެން ކަމުގައި އަހުރެން ދެކެމެވެ.
އަހުރެންވެސް އެއްބަހެވެ. 48 (ސާޅީސް އަށެއް) ގަޑިއިރަކީ މައްސަލައެއް އިސްތިއުނާފު ކުރުމަށް މަދު ވަގުތު ކޮޅެކެވެ. މި ވަގުތު ކޮޅުގައި މައްސަލައެއް އިސްތިއުނާފު ކުރުމަށްޓަކައި މުޖުތަމަޢުގެ ޙައްޤުގައި ދައުލަތުގެ ވަކީލުން މަސައްކަތް ކުރާނީ ނުހަނު ބުރަކޮށެވެ. އިސްތިއުނާފު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރާނީ ޤާނޫނުން ލިބިދީފައި އޮތް މަދު ވަގުތުކޮޅާ ވާދަ ކުރަމުންނެވެ. އިސްތިއުނާފު ތައްޔާރު ކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކޮންމެހެން ހޯދަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯދަމުންނެވެ. މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތައް ދިރާސާ ކުރަމުންނެވެ. މި ފަދައިން އިސްތިއުނާފު ކުރުމަށްޓަކައި ކޮންމެހެން ހޯދަންޖެހޭ ލިޔުމެއް ނުލިބި ވަނިކޮށް، ނުވަތަ ހޯދަންޖެހޭ މަޢުލޫމާތެއް ނުލިބި ވަނިކޮށް، 48 (ސާޅީސް އަށެއް) ގަޑިއިރު ފާއިތުވެއްޖެ ނަމަ، އިސްތިއުނާފީ އެހެން މައްސަލަތަކެކޭ އެއްގޮތަށް އެ ކަމަކީ މަޤުބޫލު ސަބަބެއްކަން ނުވަތަ ނޫން ކަން ދެނެގަނެ އިސްތިއުނާފީ ކޯޓުތަކުން އިސްތިއުނާފު ބަލައިގަތުމާމެދު ގޮތެއް ނިންމުމަކީ ކުރެވިދާނެ ކަމެކެވެ. އެއީ ޤާނޫނު ހުރަސް އަޅާ ކަމެއް ނޫނެވެ.
ދަށު ކޯޓުން މައްސަލަ ނިންމާ ތާރީޚުގެ ފަހަތަށް ރަސްމީ ބަންދު ދުވަހެއް އަންނަ ނަމަ، 48 (ސާޅީސް އަށެއް) ގަޑިއިރުގެ ބޭނުމަށްޓަކައި އެ ބަންދު ދުވަސްތައް ނުގުނޭނެ ކަމުގައި އަހުރެން ދެކެމެވެ. ސަބަބަކީ ރާއްޖޭގައި ޢަމަލުކުރެވޭ ގޮތަށް ބަލާއިރު، ޤާނޫނެއްގައި ވަކި ގޮތަކަށް ބުނެފައި ނުވާނަމަ، 07 ދުވަހަށްވުރެ ދިގު ނޫން މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ކަމެއް ކޮށްފިކަން ކަށަވަރު ކުރުމުގައި، ނުވަތަ އެ މުއްދަތު ފަހަނައަޅައި ހިނގައްޖެކަން ކަށަވަރު ކުރުމުގައި އެ 07 ދުވަހުގެ ތެރޭގައި ރަސްމީ ބަންދު ދުވަސްތައް ނުގުނައެވެ. ވުމާއެކު 48 (ސާޅީސް އަށެއް) ގަޑިއިރަކީ 07 ދުވަހަށްވުރެ ކުރު މުއްދަތެއް ކަމުގައިވެފައި ޤާނޫނުގައި ވަކި ގޮތެއް ބަޔާންކޮށްފައި ނުވާތީ، ދަށު ކޯޓުން މައްސަލަ ނިންމާ ވަގުތުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރު ހަމަވުމާއި މެދަށް އަންނަ ބަންދު ދުވަސްތައް 48 (ސާޅީސް އަށެއް) ގަޑިއިރު ގުނުމުގެ ތެރޭގައި ނުގުނޭނެ ކަމުގައި އަހުރެން ދެކެމެވެ.
ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ "ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި" ކަމުގައި ބުނެފައި އެބަ އޮތެވެ.
ޤާނޫނުގެ 198 ވަނަ މާއްދާއާއެކު ގަވާއިދުގެ 169 ވަނަ މާއްދާ، ކިޔާއިރު، ފުށުއެރުންތަކެއް އެބަ އާދެއެވެ.
ފުރަތަމަ ކަމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން މުއްދަތު ފަށަން ޖެހެނީ ދަށު ކޯޓުން ނިންމުން ނިންމާ ތާރީޚުންނެވެ. ގަވާއިދު ބުނާ ގޮތުން މި މުއްދަތު ފަށަންޖެހޭނީ ދަށު ކޯޓުން ނިންމި ދުވަސް ދޫކޮށް، ޖެހިގެން އަންނަ ދުވަހުންނެވެ. މިއީ މުއްދަތު ފެށުމަށް ޤާނޫނުގައި ދީފައިވާ މުއްދަތަށްވުރެ ފަހުގެ މުއްދަތެކެވެ.
ދެވަނަ ކަމަކީ، މުއްދަތު ނިމޭ ހިސާބެވެ. ޤާނޫނު ބުނަނީ ދަށު ކޯޓުން ނިންމުން ނިންމާ ތާރީޚުން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންވާނެ ކަމުގައެވެ. ގަވާއިދު ބުނާ ގޮތުން މުއްދަތު ނިމޭ ހިސާބަކީ، މެދަށް ދެ ދުވަސް ދޫކޮށް ޖެހިގެން އަންނަ ދުވަސް ނިމުމުން ކަމުގައެވެ. މި ގޮތަށް ގުނާނަމަ، ދަށު ކޯޓުން ނިންމުން ނިންމާ ތާރީޚުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއަށްވުރެ ގިނަ ވަގުތު އިސްތިއުނާފު ކުރުމަށް އެބަ ހޭދަވެއެވެ. މިއީ ޤާނޫނުގެ މާއްދާ ތަސައްވުރު ކުރާ ގޮތް ކަމުގައި ނުދެކެމެވެ.
ކަންމިހެން އޮތުމުން، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި ބޭނުން ކުރެވެވޭނެ މާއްދާއެއް ކަމުގައި އަހުރެން ނުދެކެމެވެ.
ފޯރުކޮށްދޭ ހައްލުއަހުރެންގެ މި ރައުޔުގައި ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި ބޭނުން ކުރެވިދާނެ މައްދާއެއް ނޫންކަމުގައި ބުނެފީމެވެ.
އެހެން ނަމަވެސް، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ މި މައްސަލަ އިސްތިއުނާފު ކުރުމުގައި ދުވަސް ގުނުމަށް ދައުލަތުން ބަރޯސާވި މާއްދާއެވެ. އަދި ދައުލަތުން އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމުގައި އެ މާއްދާއަށް ބަރޯސާވިއިރު، އެ މާއްދާއަކީ އެއްވެސް ފަރާތަކުން ސުވާލު އުފައްދައި، ކޯޓަކުން އެ މާއްދާ މާނަކޮށް، ޝަރަޙަ ކޮށްފައިވާ މާއްދާއެއް ނޫނެވެ. އެއީ "ދިރިދިރި އޮތް" މާއްދާއެކެވެ. އަދި އެ މާއްދާގެ ދަށުން ދައުލަތުން ވަގުތު ގުނާފައިވަނީ، އެ މާއްދާގައި ވަގުތު ގުނުމަށް އޮތް ގޮތަށެވެ. އެ މުއްދަތަށް ބަލާނަމަ، މި މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ، އެ މުއްދަތުގެ ތެރޭގައެވެ.
ޤާނޫނެއް ބާޠިލުވުމާ ހަމައަށް އެ ޤާނޫނުގެ ދަށުން ކޮށްފައިވާ ޢަމަލުތައް ބާޠިލުވެގެން ނުދާނެ އުސޫލުން، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި ބޭނުން ކުރެވިދާނެ މައްދާއެއް ނޫންކަމުގައި ނިންމުމާ ހަމައަށް، ގަވާއިދުގެ 169 ވަނަ މާއްދާއަށް ބަރޯސާވެ ދައުލަތުގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތް ރަނގަޅުކަމުގައި ބަލައި، އެކަމުގެ މަންފާ ދައުލަތަށް ލިބެންޖެހޭނެ ކަމުގައި އަހުރެން ދެކެމެވެ.
ނިންމަން ފެންނަ ގޮތްކަންމިހެން އޮތުމުން، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ގެ (ހ) އަށް ބަރޯސާވުމުގައި ދައުލަތުން އަމަލުކޮށްފައިވާ ގޮތަށް ރިޢާޔަތްކޮށް، މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައުޟޫޢީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމުގައްޔާއި، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ބާޠިލު ކަމުގައި ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޖިހާދު ނިންމުމުގައި، ދައުލަތުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އަހުރެން ވެސް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީފައިވެއެވެ. އެހެންނަމަވެސް، އެ މައްސަލައިގައި އަހުރެންގެ ރައުޔުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް އަހުރެން ޙަވާލާދީފައިވަނީ 48 (ސާޅީސް އަށެއް) ގަޑިއިރުގެ މުއްދަތު ގުނުމުގައި ބަންދު ދުވަސްތައް ހިމެނުމާއި ނުހިމެނުމުގެ މައްޗަށް ކަމުގައިވެފައި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަންދު ދުވަހަށް ޙަވާލާދީފައި ނުވާތީ، އެ މާއްދާގެ އެ އަކުރު، އަހުރެންގެ ރައުޔުގެ އެ ޕެރެގްރާފްގައި ހިމެނިފައިވަނީ ކުށަކުން ކަމުގައި އަހުރެން ދެކެމެވެ. އެހެނީ، އެ މައްސަލައަކީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ވުޖޫދުވުމުގެ ކުރިން ނިންމާފައިވާ މައްސަލައެއް ކަމުގައިވެފައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައިވާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ މުއްދަތު ގުނުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަހުރެން ތަޠުބީގުކުރިނަމަ، އެ މައްސަލައިގައި އަހުރެންގެ ރައުޔުގައި ބަޔާންކޮށްފައިވާ ނަތީޖާ ނިކުންނާނެކަމުގައި އަހުރެން ނުދެކެމެވެ.
އަދި ހަމަ އެއާއެކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި މުއްދަތު ގުނަންޖެހޭ ގޮތް ސާފުކޮށް ބަޔާންކޮށްފައި ނެތުމުން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ބަލަންޖެހޭ ކަމުގައި އަހުރެންގެ އެ ރައުޔުގައި ޖުމްލަ ގޮތެއްގައި ބަޔާންކޮށްފައިވަނީ ގޯހުންކަމުގައި ވެސް ދެކެމެވެ.
އާނއެކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި މުއްދަތު ގުނުމަށް ދީފައިވާ އިރުޝާދު ސާފެއް ނޫނެވެ. އެއީ ޤާނޫނު ޑްރާފްޓްކުރުމުގައި، ވަގުތު ގަޑިއިރުން ގުނުމުގައާއި، ދުވަހުން ގުނުމުގައާއި، މަހުން ނުވަތަ އަހަރުން ގުނުމުގައި، އެ ބަޔާންކުރަން ބޭނުންވާ ވަގުތަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދިނުމުގެ ގޮތުން ވަރަށް ފަރުވާތެރިކޮށް ލިޔަންޖެހޭހިނދު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) އޮތީ އެހެން ކަމުގައި ނުވާތީއެވެ. އެ އަކުރުގައި ބަޔާންކުރާ ގޮތުން، ގުނަން ފަށަންޖެހެނީ ތާރީޚަކުންނެވެ. އެހެންނަމަވެސް ގުނަންޖެހެނީ ގަޑިއިރެވެ. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ލިޔެފައިވަނީ މުއްދަތު ގުނުމުގެ އުސޫލުތައް މަސްހުނިވާގޮތަށް ކަމުގައި ދެކެމެވެ.
އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި މުއްދަތު ގުނުމަށް ދީފައިވާ އިރުޝާދު ސާފުނުވުމަކީ އެ އަކުރު މާނަކުރުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ބޭނުންކުރަންޖެހޭ ސަބަބެއް ކަމުގައި ވެސް އަހުރެން ނުދެކެމެވެ. އެހެނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ތަޠުބީގު ކުރަންޖެހޭ ހާލަތު މެދުވެރިވަނީ، އެ އަކުރުގައި ބަޔާންވެގެންވާ ގޮތުން، "ވަގުތު ނުވަތަ މުއްދަތު ވަކި ޤާނޫނެއްގެ ބޭނުމަށްޓަކައި ބަލަންޖެހިއްޖެހިނދެއްގައި، އެ ޤާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާނަމަ..." އެވެ. ކަމާބެހޭ ޤާނޫނުގައި ގޮތް ކަނޑައަޅާފައި ނުވުމާއި، ޤާނޫނުގައި ގޮތެއް ކަނޑައަޅާފައި އޮވެމެ، އެ ކަނޑައަޅާފައިވާ ގޮތް ސާފުކޮށް ލިޔެފައި ނުވުމަކީ އަހުރެން ދެކޭ ގޮތުގައި ދެކަމެކެވެ.
ބަހުސްގެ ބޭނުމަށްޓަކައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތު ކަނޑައެޅުމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގެ ބޭނުންކުރަންވާނެ ކަމުގައި ބަލާނަމަ، ޤާނޫނީ ފުށުއެރުންތަކެއް ކުރިމަތިވާ ކަމުގައި ވެސް އަހުރެން ދެކެމެވެ. އެހެނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި އޮންނަނީ "... އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރު..." ގެ ތެރޭގައި އިސްތިއުނާފު ކުރުމަށް ކަމުގައިވާތީ، އަމުރު ނެރޭ ނުވަތަ ނިންމުން ނިންމާ ތާރީޚުން ފެށިގެން އެ އަކުރުގައިވާ މުއްދަތު ގުނަންޖެހޭކަން އެނގެއެވެ. އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތު ގުނުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ތަޠުބީގުކޮށްގެން ކުރިއަށްދާނަމަ، ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތު ގުނުމުގައި އެ ދެ ކަމެއް ހިނގާ ދެ ދުވަސް ނުހިމެނުމުގެ ގޮތުން، މިހާލަތުގައި، ނިންމުން ނިންމި ދުވަހާއި އެ ނިންމުން އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަސް ނުހިމަނާނެއެވެ. އެހެންކަމުން، މި ހާލަތުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތު ގުނުމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ތަޠުބީގުކޮށްފިނަމަ ނިކުންނަ ނަތީޖާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި މުއްދަތު ގުނަން ފަށަންވާނެ ކަމުގައި ބުނެފައިވާ ގޮތާއި ތަފާތު އަދި ތައާރުޒުވާ ނަތީޖާއެކެވެ. އެހެންކަމުން، އަހުރެން ދެކޭގޮތުގައި، މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތު ކަނޑައެޅުމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ބޭނުން ނުހިފޭނެކަން ދަލާލާތުކޮށްދޭ ދެވަނަ ސަބަބެކެވެ.
ދެން އޮތް ސުވާލަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައިވާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ މުއްދަތު ހަމަވާނެ ވަގުތު ކަނޑައެޅުމުގައި، އަހުރެންގެ މި ރައުޔު (ޕެރެގްރާފް 36 އަދި 37) ގައި އިސްވެ ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ބިނާކޮށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ތަޠުބީގު ނުކުރެވޭނެ ކަމުގައި ބެލި ނަމަވެސް، އެ މުއްދަތު ކަނޑައެޅުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތް ކުރެވިދާނެކަން ނުވަތަ ނޫންކަމާމެދު އުފެދޭ ސުވާލެވެ. އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގައި، ދައުލަތުން އެ މާއްދާގެ ބޭނުން ހިފޭނެކަމަށް ދެކޭހިނދު، އިސްތިއުނާފު ރައްދުވާ ފަރާތުން އެފަދައިން ނުދެކެއެވެ.
ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ) ގައި އޮންނަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހާއި އެދެމެދުގައި އަންނަ ބަންދު ދުވަސް ނުހިމަނާ ކަމުގައެވެ. މިއީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަދި (ށ) އެއްކޮށް ތަޠުބީގުކުރުމުން ނިކުންނަ ނަތީޖާވެސްމެއެވެ.
ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ) ގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި މުއްދަތު ގުނާނީ އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމުގައިވާތީ، އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ) ގައި މުއްދަތު ގުނުމުގެ ބޭނުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) އިސްތިސްނާކޮށްފައިނުވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބުނާ މުއްދަތު ހަމަވާ ދުވަހެއް ކަނޑައެޅުމުގައި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ) ބޭނުންކުރާނަމަ، (އަހުރެންގެ މިރައުޔު (ޕެރެގްރާފް 37) ގައި އިސްވެ ބަޔާންކުރެވުނު ސަބަބު އެގޮތުގައި އޮތުމުން) މުއްދަތު ގުނުމަށް އެމާއްދާ ތަޠުބީގުކުރުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި މުއްދަތު ގުނަން ފަށަންޖެހޭ ކަމަށް ބަޔާންކުރާ ތާރީޚުގައި މުއްދަތު ގުނާކަށް ނުފެށޭނެއެވެ. އޭރުން މުއްދަތު ގުނަން ފަށަންޖެހޭނީ ނިންމުން ނިންމި ދުވަހާއި ޖެހިގެން އަންނަ ބަންދު ނޫން ދުވަހުން ފެށިގެންނެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި މުއްދަތު ގުނަން ފަށަންވާނެ ކަމުގައި ބުނެފައިވާ ގޮތާއި ތަފާތު ގޮތެއްކަމުން، ޤާނޫނަކާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާމެދު އޮތް ފުށުއެރުމެކެވެ.
ރާއްޖޭގައި އަމަލުކުރާ ގަވާއިދުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރުލިބިގެން ހަދާ ގަވާއިދަށް ވުމުގެ އިތުރުން، އެފަދަ ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހަދާ ގަވާއިދުތައް ކަމުގައި ވާންޖެހޭކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ކަނޑައަޅާފައިވާ ހުދޫދުން ބޭރަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ނިކުމެވޭނެ ކަމުގައި ނުދެކެމެވެ. އަދި ޤާނޫނަކާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާއި ފުށުއަރާނަމަ، ބަލަންޖެހޭނީ ޤާނޫނަށް ކަމުގައިވެސް ދެކެމެވެ. އަދި އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައިވާ މުއްދަތު ކަނޑައެޅުމުގައި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ކުރެވިދާނެ ކަމުގައި ވެސް އަހުރެން ނުދެކެމެވެ.
ކަން މިހެން އޮތްއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި މުއްދަތު ގުނުމަށް ދީފައިވާ އިރުޝާދު ސާފެއް ނޫނެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) މުއްދަތު ހިސާބުކުރުމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ) ގެ ބޭނުން ހިފޭނެ ކަމަށް އަހުރެން ނުދެކޭހިނދު، ދެން މިކަމުގައި ޢަމަލުކުރެވިދާނީ ކޮންގޮތަކަށް ކަމުގެ މައްޗަށް އަހުރެން އެއްޗެއް ބުނަން ޖެހެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާކުރުން މާނަކުރުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ނުކުރެވޭނެ ކަމާމެދު އަހުރެންނާއި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރުގެ ޚިޔާލުތަފާތުވެމެއް ނެތް ހިނދު، ޚިޔާލުދެކަފިވަނީ މިހިސާބުންނެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ ދަށުން ނިންމާއެކި ނިންމުންތައް އިސްތިއުނާފު ކުރުމަށް ލިބިދީފައިވާ މުއްދަތުތައް ކަމުގައިވެފައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކާމެދު ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ބަހުސްތަކަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހަޅައި ކުރިން އޮތްގޮތާއި ޚިލާފަށް މުއްދަތުތަކެއް ހިމަނާފައިވަނީ އިސްތިއުނާފު ކުރެވޭ އަމުރު ފަދަ ތަކެތި ނިންމުމުގައި ގިނަ ދުވަސްތަކެއް ނަގާތީ، އެފަދަ ނިންމުންތައް އަވަހަށް ނިންމޭނެ މަގެއް ހޯދުމުގެ ގޮތުން ކަން އެނގެން އޮވެއެވެ. އަދި، ކޯޓުން ދޫކޮށްލާ މީހުންގެ މައްސަލަ އިސްތިއުނާފު ކުރުމުގައި އިތުރު ހަލުވިކަމެއް އަންނަންޖެހޭ ކަމުގައި ވެސް އެ ބަހުސްތަކުގައިވެއެވެ. މި ބަހުސްތަކުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި މުއްދަތުތަކެއް ކަނޑައެޅި ސަބަބާއި، އެ މުއްދަތުތަކުގައި ތަފާތުތަކެއް ހުރި ސަބަބު އެނގި ސާފުވެއެވެ.
އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގަޑިއިރުން ހިމަނާފައިވާއިރު، އެ އަކުރު ފިޔަވާ އެ މާއްދާގައި ބަޔާންކޮށްފައިވާ އެހެން ހުރިހާ މުއްދަތެއް ބަޔާންކޮށްފައިވަނީ ދުވަހުންނެވެ. މިއީ، ދައުލަތުގެ ފަރާތުން އަވަހަށް އެފަދަ އިސްތިއުނާފެއް ކުރުވުމުގެ ބޭނުމުގައި އޮތް ގޮތެއްކަން ބަހުސުން ސާފުވާހިނދު، ދައުލަތް ނޫން އެހެން ފަރާތްތަކަށް 10 (ދިހައެއް) ދުވަސް ލިބިދީފައިވުމުން، ދައުލަތަށް ލިބިދީފައިވާ މުއްދަތަކީ ކޮންމެ ގޮތަކުން ބެލިނަމަވެސް ކުރު މުއްދަތެއްކަން އެނގެއެވެ.
އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، ވަގުތު ގުނާނީ ގަޑިއިރުންކަން ނުވަތަ ދުވަހުންކަމާމެދު ގޮތެއް ނިންމުމުގައި، 48 (ސާޅީސް އަށެއް) ގަޑިއިރަކީ 2 (ދޭއް) ދުވަސް ކަމުގައި ބަލައިގެން ކުރިއަށް ދިއުމަކީ އެންމެ އެކަށޭނަގޮތް ކަމުގައި އަހުރެން ދެކެމެވެ. އެއީ، އެ މާނަކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މަޤުޞަދު ކަމުގައި އެމަޖިލީހުގެ ބަހުސްތަކުން ފެންނަން އޮތް އަވަސް ކުރުމުގެ ވިސްނުމާއި ތައާރުޒުވާ މާނަކުރުމެއް ކަމުގައި ނުވެފައި، އެއީ މި މައްސަލައަށް އެންމެ ޢަދުލުވެރި ހައްލު ވެސް ލިބިދެވެން އޮތްގޮތް ކަމުގައި އަހުރެން ދެކޭތީއެވެ.
48 (ސާޅީސް އަށެއް) ގަޑިއިރަކީ އޭގެ ޒާތުން 2 (ދޭއް) ދުވަހެވެ. ކަމެއް ނިންމާ ވަގުތުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރު ގުނެވުނު ނަމަވެސް، ކަމެއް ނިންމާ ތާރީޚަކުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރު ގުނުމުގައި މައްސަލަތަކެއް ކުރިމަތިވެއެވެ. ކަމެއް ނިންމާ ތާރީޚުން ފެށިގެން 2 (ދޭއް) ދުވަސް ގުނުމުގައި ބުނެވުނު މައްސަލަތަކެއް ކުރިމަތި ނުވެއެވެ.
މީގެ އިތުރުން، އިސްތިއުނާފު ކުރުމަށް ލިބިދީފައިވާ މުއްދަތުތައް ބަޔާންކުރުމުގައި ދައުލަތަށް ލިބިދީފައިވާ މުއްދަތު ފިޔަވާ އެހެން ހުރިހާ މުއްދަތުތަކަކީ ދުވަހުން ހިމަނާފައިވާ މުއްދަތު ކަމުގައިވާތީ، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ދަށުން ދައުލަތް ނޫން އެހެން ހުރިހާ ފަރާތްތަކަށް އިސްތިއުނާފު ކުރުމަށް ލިބިދީފައިވާ މުއްދަތު ގުނާގޮތަށް ދައުލަތަށް އިސްތިއުނާފު ކުރުމަށް ލިބިދީފައިވާ މުއްދަތު ގުނުމަކީ ވެސް އެންމެ ރަނގަޅުގޮތް ކަމުގައި ވެސް ދެކެމެވެ.
މީގެ އިތުރުން، މި މާނަކުރުމުގެ ސަބަބުން، ދައުލަތުން 2 (ދޭއް) ދުވަހަށް ވުރެ އަވަހަށް އިސްތިއުނާފު ކުރަން ހުށަހެޅުމަކަށް ހުރަސް އެޅިގެން ނުދާތީ، މި މާނަކުރުމަކުން ދައުލަތަށް އަދި އެހެން ފަރާތަކަށް ވެސް ނޭދެވޭ އަސަރެއް ކުރާކަމުގައި ނުދެކެމެވެ.
މީގެ މާނައަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، މުއްދަތު ގުނަންޖެހޭނީ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން ކަމާއި؛ ދައުލަތުގެ ފަރާތުން އެފަދަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފު ކުރާނަމަ، 2 (ދޭއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަންވާނެ ކަމާއި؛ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ތާރީޚަކީ ބަންދު ދުވަހެއް ކަމުގައިވާނަމަ، އެ ބަންދާއި ވިދިގެން އަންނަ އެންމެ ފުރަތަމަ ބަންދު ނޫން ދުވަހު އިސްތިއުނާފު ހުށަހަޅަންވާނެ ކަމެވެ.
އިސްތިއުނާފު ކޮށްފައިވާ މި މައްސަލައަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ20 މާރިޗު 2022 ވީ އާދިއްތަ ދުވަހުގައި ކަމުގައިވެފައި، އެ ދުވަހުން ފެށިގެން 2 (ދޭއް) ދުވަސް ގުނުމުގައި ބަންދު ދުވަހަކާއި ކުރިމަތި ނުވާތީ، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެފައިވަނީ22 މާރިޗު 2022 ވީ އަންގާރަ ދުވަހު ކަމުގައި އަހުރެން ދެކެމެވެ. މިއީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ވުޖޫދުވުމުގެ ކުރިން، ހަމައެކަނި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައި އަހުރެންނަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޖިހާދު ގައިވެސް ދެކެވުނު ގޮތެވެ.
މި މައްސަލައިގައި ކޯޓުގެ ކުރިމަތީގައި އޮތް ހަމައެކަނި ސުވާލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ދައުލަތަށް އިސްތިއުނާފު ކުރުމަށް ލިބިގެންވާ މުއްދަތާމެދު އުފެދިފައިވާ ސުވާލު ކަމުގައިވުމުން، ޤާނޫނު މާނަކޮށް، އަހުރެންގެ ކުރުމަތީގައި އޮތް ސުވާލަށް ޤާނޫނު ތަޠުބީގުކުރުމުގެ ނަތީޖާއަކީ މިއީ ކަމުގައިވާހިނދު، އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ) އަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، ޤާނޫނުގެ އިމުން ބޭރުވާ އަކުރެއް ކަމުގައި އަހުރެން ދެކޭހިނދު، ދައުލަތުގެ ފަރާތުން ކަންކޮށްފައިވަނީ އެ ގަވާއިދުގައި ދީފައިވާ އިރުޝާދަކީ ރަނގަޅު އިރުޝާދެއް ކަމުގައި ބަލައި، އެ ގޮތުގެ މަތިން ކަމުގައިވާތީ، މި މައްސަލައިގައި ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ނ) އާއި ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ބޭނުންހިފައި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ) ޤާނޫނާ ޚިލާފުކަމަށް މިއަދު މި ކަނޑައެޅި ކަނޑައެޅުމާއި ހަމައަށް، އެއަށް ބަރޯސާވެ ދައުލަތުގެ ފަރާތުންކޮށްފައިވާ ޢަމަލުތައް ބާޠިލުނުވާ ކަމުގައި ބަލަންޖެހޭކަމަށް އަހުރެން ދެކެމެވެ. އެހެނީ، މިއީ ދިވެހިރާއްޖޭގެ ހައިކޯޓަށް މައުޟޫޢީ ގޮތުން ގޮތެއް ކަނޑައަޅަން އިސްތިއުނާފު ކުރި ހުށަހެޅުމަކާއި ގުޅިގެން ކުރިމަތި ކުރުވި އިޖުރާއީ ނުކުތާއަކާމެދު އެ ކޯޓުން ނިންމި ނިންމުމެއްގެ ސަބަބުން މި ކޯޓަށް އިސްތިއުނާފު ކުރެވުނު ނުކުތާއެއް ކަމުގައިވެފައި، ސުޕްރީމް ކޯޓަށް މައްސަލައިގެ މައުޟޫޢީ އެއްވެސް ކަމެއް ކަނޑައެޅުމަށް އިސްތިއުނާފު ކުރެވިފައިނުވާތީއާއި، އިޖުރާއީގޮތުން މި ނުކުތާގައި މިކޯޓުން މިފަދައިން ކަނޑައެޅިކަމުގައިވީ ނަމަވެސް، ކުށުގެ ތުހުމަތު ކުރެވޭ ފަރާތަށް މިކަމުގައި މައުޟޫޢީ ގޮތުން ދައްކަން ހުރި ވާހަކަތައް ދެއްކުމުގެ ފުރުސަތު އެއްވެސް ވަރަކަށް ބަންދުވެގެން ނުދާނެތީ، މިއީ މި މައްސަލައިގައި ޢަމަލުކުރެވެން އޮތް އެންމެ އިންސާފުވެރިގޮތް ކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/26 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި އެ ޙުކުމް ބާޠިލު ކުރުމާއެކު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ މި މައްސަލައަކީ މައުޟޫޢީ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމުގައި، މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.
އަދި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެފައިވާ 48 (ސާޅީސް އަށެއް) ގަޑިއިރު ގުނާނީ، ދަށު މަރުޙަލާގެ ކޯޓުން އެ މާއްދާގައި ބަޔާންވެފައިވާ ނިންމުމެއް ނިންމި ވަގުތުން ފެށިގެން ކަމުގައި، މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައަޅަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމްމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.