ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 61 · 2022/SC-A/77

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން، އާދަމް އަޙްމަދު، އަފްޞަލް ޒާހިރު، އަޙްމަދު ނައުޝާދު، އަސްޢަދު މޫސާ، ޙަސަން ފައިޞަލް، ޙުސައިން ނާފިޢު އަދި މުޙައްމަދު ޢަލީ

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 ސެޕްޓެމްބަރު 2022ދަށު ކޯޓު: ހައިކޯޓު 2022/HC-B12/84,85,86,87,88,89,90,91ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2022/HC-B12/84,85,86,87,88,89,90,91، 801/Cr-C/2019، 800/Cr-C/2019
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދަޢުވާތައް ބާޠިލުކުރުމަށް ޝަރީޢަތުގެ ކުރިން ހުށަހެޅުމުން، މައްސަލަތައް މައުޟޫޢީ ގޮތުން ކުރިއަށް ގެންދެވިދާނެކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. އިސްތިއުނާފުގައި، ތަޙްޤީޤަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފު ބާޠިލު ތަޙްޤީޤެއްކަމަށް ހައިކޯޓުން ޙުކުމްކުރިއެވެ.
ވާޤިޢާ
މަސްތުވާތަކެތީގެ މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގައި ގެއެއް ބަލައިފާސްކުރި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ފުލުހުން، ޢާންމުންގެ ބަޔަކު ގައިގައި ތަޅައި މަރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނެވެ. އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އެކަނި ތަޙްޤީޤުކޮށް، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ކްރިމިނަލް ކޯޓުގައި ފުލުހުންގެ މައްޗަށް ދަޢުވާ އުފުލިއެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް އެ ކުށް ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބިގެންވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޤާނޫނު ތަންފީޛުކުރާ އެއް އިދާރާއަށް ވުރެ ގިނަ އިދާރާއަކަށް ކުށެއްގެ ތަޙްޤީޤުކުރުމުގެ ޤާނޫނީ އިޚްތިޞާޞް ލިބޭ ހާލަތުގައި، ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތެއް ފުލުހުން އެކަނި ތަޙްޤީޤުކުރުމަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 76 ވަނަ މާއްދާއާ އެއްގޮތަށް ކުރެވޭ ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ގުޅިގެން ތަޙްޤީޤު ހިންގަންޖެހެނީ އެހެން އިދާރާއަކަށް އެކްސްކްލޫސިވް ޖުރިސްޑިކްޝަން ލިބިފައިވާނަމަ ކަމަށާއި، ކޮންކަރަންޓް ޖުރިސްޑިކްޝަން ލިބޭ ހާލަތުގައި ގުޅިގެން ތަޙްޤީޤުކުރުމަކީ އިދާރާތަކުގެ އިޚްތިޔާރެއްކަމަށާއި، ހެޔޮނިޔަތުގެ އިސްތިސްނާ ބޭނުންކުރެވޭނެކަމަށް ދައުލަތުން ބުންޏެވެ. ޚާއްޞަ އިޚްތިޞާޞް އޮތް އިދާރާއެއް ބައިވެރިނުކޮށް ފުލުހުން އެކަނި ތަޙްޤީޤުކުރުމުން އެ ޤާނޫނުތަކުގެ މަޤްޞަދު ގެއްލޭނެކަމަށާއި، އެ އިސްތިސްނާ ހަނިވަނީ ބަލައިފާސްކުރުމަށްކަމަށް ދަޢުވާ ލިބުނު ފަރާތްތަކުން ބުންޏެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނު ތަންފީޛުކުރާ އެހެން އިދާރާއަކަށްވެސް ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބޭ ކުށެއްގެ ތަޙްޤީޤު ހިންގަންވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުންގެ މައްޗަށް ފާރަވެރިވާ، ޚާއްޞަ އިޚްތިޞާޞް ލިބިގެންވާ އިދާރާއެކެވެ. ފުލުހުންގެ ޢަމަލުތައް ފުލުހުން އެކަނި ތަޙްޤީޤުކުރުމަކީ nemo judex in causa sua ގެ އުޞޫލާ ޚިލާފު ކަމެކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއަކީ އިޚްތިޔާރީ މާއްދާއެއް ނޫން ކަމަށާއި، ގުޅިގެން ތަޙްޤީޤުކުރުމުގެ އުނދަގޫތަކަކީ ޤާނޫނީ ސަބަބެއް ނޫންކަމަށާއި، ފަރުވާ ލިބޭނީ މަޖިލީހަށްކަމަށް ކޯޓުން ކަނޑައެޅިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ 2022/HC-B12/84,85,86,87,88,89,90,91 ޙުކުމް ޤާއިމު: ދަޢުވާތައް ބިނާވާ ތަޙްޤީޤަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ ބާޠިލު ތަޙްޤީޤެއްކަމަށް ހައިކޯޓުން ކަނޑައެޅި ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިސްތިއުނާފު ޤަބޫލުނުކުރެވުނެވެ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޖިނާއީ މައްސަލައެއްގައި ހިމެނޭ ކުށަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން، ޤާނޫނު ތަންފީޛުކުރާ އެހެން އިދާރާއަކުން ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބޭ ކުށެއްނަމަ، އެ ކުށުގެ ތަޙްޤީޤު ހިންގަންވާނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 76 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށްކަން އެ މާއްދާގެ ނައްސުން އެނގެއެވެ.

HN2 ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބެލުމުގެ އިޚްތިޞާޞް ލިބޭ މައްސަލަތަކުގެ ތެރޭގައި ޖިނާއީ ކުށްތައް ހިމެނިފައި، ޖިނާއީ ދަޢުވާއެއް ކުރުމަށް އެ ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ބާރު ލިބިގެންވާތީ، ފުލުހުންގެ މައްޗަށް ހުށަހެޅޭ ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމުގެ އިޚްތިޞާޞް ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ ދަށުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ލިބިގެންވެއެވެ.

HN3 ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގައި ކޮމިޝަނުން ކުރެވުނު ތަޙްޤީޤަކާ ގުޅިގެން ޖިނާއީ ދަޢުވާއެއް ކުރުމަށް ފެންނަނަމަ އެކަން ކުރިއަށް ގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެ ކަމުގައި ބަޔާންކޮށްފައިވުމަކީ، ޖިނާއީ ކުށުގެ ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބިގެންވާ ކޮންމެ އިދާރާއަކުން އެފަދަ ކަމެއް އިޚްތިޞާޞް ލިބިގެންވާ އެހެން އިދާރާތަކާ ވަކިން ތަޙުޤީޤު ކުރުމުގެ އިޚްތިޔާރު އެ އިދާރާތަކަށް ލިބިދޭ ސަބަބެއް ނޫނެވެ. އެއީ، އެކަމަށް ޤާނޫނުން އިރުޝާދު ދީފައި އޮތުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ފުލުހުން އަމަލުކުރަން އޮންނަ ގޮތަށް އުނިއިތުރެއް އަންނާނެކަމެއް ކަމުގައި ނުވާތީއެވެ.

HN4 ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުން ހިމެނޭގޮތުން، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމުގެ ބާރާއި މަސްއޫލިއްޔަތު އުފުލަންޖެހޭ މުއައްސަސާއެއްކަމުން، އެ ކޮމިޝަނަކީ އޭގެ އިޚްތިޞާޞް ހިނގާ އިދާރާތަކުގެ މައްޗަށް ފާރަވެރި އިދާރާ (oversight body) އެއްގެ ގޮތުގައި ޤާއިމުކޮށްފައިވާ، އެ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތަކާމެދު ހުށަހެޅޭ މައްސަލަތައް ބެލުމުގެ ޚާއްޞަ އިޚްތިޞާޞް ލިބިގެންވާ އިދާރާއެކެވެ. އަދި އެ ކޮމިޝަނަށް ފުލުހުންގެ ފަރާތުން ކުރާ ކަންކަމާއި ނުކޮށް ދޫކޮށްލާ ކަންކަންވެސް ބެލޭނެއެވެ.

HN5 ފުލުހުންގެ ވަޒީފާ އަދާކުރުމުގެ ތެރޭގައި ކުރާ އަމަލުތައް ފުލުހުންގެ ފަރާތުން އެކަނި ތަޙުޤީޤު ކުރުމުގައި މަސްލަހަތު ފުށުއެރުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން، އެފަދަ ކަންކަން ބެލުމަށް ފާރަވެރި އިދާރާއެއް ޤާއިމުވެ އޮވެމެ، އެ އިދާރާގެ ބަހެއް ނެތި އެފަދަ ތަޙުޤީޤެއް ހިންގުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. އަދި މުއައްސަސާއެއްވިޔަސް، އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި އަމިއްލައަށް ގޮތް ނުނިންމުމަކީ (nemo judex in causa sua)، ހުރިހާ ޤާނޫނީ ނިޒާމެއް ބަލައިގެންފައިވާ ގޮތުންވެސް ތަބިއީ އިންސާފު (natural justice) ގެ އަސާސީ އުސޫލެކެވެ.

HN6 ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިގެންވަނީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ކަމުގައިވާތީ، އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ފުލުހުންނަށް ޚާއްޞަ ކޮށްފައިވާ ބާރެއް ނޫނެވެ. އެ ޤާނޫނުގެ 76 ވަނަ މާއްދާ ތަޠުބީޤުކުރަންޖެހެނީ އެއް އިދާރާއަށް ވުރެ ގިނަ އިދާރާއަށް ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިގެންވާ ޙާލަތުގައެވެ. ފުލުހުން ތަޙްޤީޤުކުރަމުންދާ ޖިނާއީ މައްސަލައެއްގައި ވަކި ޚާއްޞަ ބާވަތެއްގެ ޖިނާއީ ތަޙްޤީޤު ހިންގުމުގެ ބާރު ޤާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިޚްތިޞާޞް ހިނގާނަމަ، އެ ތަޙުޤީޤު ހިންގަންވާނީ އެ ކުށުގެ އެ ބައިގެ ތަޙްޤީޤު އެ އިދާރާއަކުން ކުރިއަށް ގެންދިޔުމަށްޓަކައި އެ އިދާރާއަށް މައްސަލަ ހުށަހަޅައިގެން ނުވަތަ ޤަވާއިދުގައިވާ ގޮތުގެމަތިން ޖޮއިންޓް އިންވެސްޓިގޭޝަނެއް މެދުވެރިކޮށެވެ.

HN7 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ އެކުލަވާލާފައިވާ ގޮތުން އެއީ އިޚްތިޔާރީ މާއްދާއެއް ނޫނެވެ. އެއީ މާއްދާގައި ބޭނުންކޮށްފައިވާ އިބާރާތުގެ ސަބަބުން އަދި އެނޫން ގޮތަކަށް އެ މާއްދާ މާނަކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެހެން ޤާނޫނުތަކުގައި އެކި އިދާރާތަކާއި މަތިކޮށްފައިވާ މަސްއޫލިއްޔަތާއި ބާރަށް އެ މާނަކުރުމުގެ ސަބަބުން އަސަރުކުރާނެ ކަމަށްޓަކައެވެ.

HN8 ބައެއް ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މަސައްކަތް ބައްޓަންކޮށްފައިވާ ގޮތުން ނުވަތަ އެފަރާތްތަކުގެ ވަޞީލަތްތަކާއި ޤާބިލުކަން ހުރި ގޮތުން ގުޅިގެން ތަޙްޤީޤެއް ހިންގުމަކީ އުނދަގުލާއި ނުވަތަ ގޮންޖެހުމާއި ކުރިމަތިލާންޖެހޭ ސަބަބެއް ކަމުގައިވުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން އަމަލު ނުކުރުމަށް އޮތް ޤާނޫނީ ސަބަބެއް ނޫނެވެ. އެފަދައިން ގުޅިގެން ތަޙްޤީޤު ހިންގުމަށް ލާޒިމުކޮށްފައި އޮތުމަކީ އެކަށީގެންވާ ފަދައަކުން ޖިނާއީ ތަޙުޤީޤުތައް ހިންގުމަށް އޮތް ހުރަހަކަށްވާނަމަ، އެކަމުގެ ފަރުވާ ލިބިދެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އަޙްމަދު ޤާސިމް، މަރްޔަމް ޝަހުމާ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ނޫރުއްސަލާމް އަބޫބަކުރު، މަޙްފޫޡް ސަޢީދު، ލެކްސަވީ ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޢާއިޝާ ޝުޖޫން މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/84,85,86,87,88,89,90,91 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ދައުލަތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/77 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޢަބްދުލްމުހައިމިން، ދިލާސާގެ / ގއ.ކޮލަމާފުށި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A301054) އަށާއި، އާދަމް އަޙްމަދު، ގުރަހާގެ / ގދ.ތިނަދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A103304) އަށާއި، އަފްޞަލް ޒާހިރު، ފައްސިޔަ / ގއ.ކޮލަމާފުށި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A116639) އަށާއި، އަޙްމަދު ނައުޝާދު، ކެތި / ފ.ނިލަންދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A236855) އަށާއި، އަސްޢަދު މޫސާ، މަލާޒް / ހއ. ހޯރަފުށި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A262623) އަށާއި، ޙަސަން ފައިޞަލް، ހަތިހާ / ހއ.ހޯރަފުށި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A093820) އަށާއި، ޙުސައިން ނާފިޢު، އޮއިވަރު / ގއ.ކޮލަމާފުށި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A225285) އަށާއި، މުޙައްމަދު ޢަލީ، ހިމާލިޔާ / ރ.ކަނދޮޅުދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A157604) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް") ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

205 ޖުލައި 2019 ވަނަ ދުވަހުގެ 19:35 ހާއިރު، މ.އުޖާލާ / ކ.މާލެ އެވެ ކިޔާ ގޭގައި ބަޔަކު މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފަރާތުން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކޮށްފައިވެއެވެ. މ.އުޖާލާ ބަލައިފާސްކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުން ޢާންމުންގެ ބަޔަކު ގައިގައި ތަޅައި މަރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް 11 (އެގާރަ) ފުލުހުއްގެ މައްޗަށް ކުރެވި، އެ މައްސަލަ ތަޙުޤީޤު ކުރުމަށްފަހު، 31 އޮކްޓޫބަރު 2019 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާކުރުމަށްޓަކައި މައްސަލަ ހުށަހަޅައި، ކްރިމިނަލް ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު801/Cr-C/2019 އަދި 800/Cr-C/2019 ޤަޟިއްޔާއިން ދައުވާ ކުރިއެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން

3ކްރިމިނަލް ކޯޓުގައި މައްސަލަތަކުގެ ޝަރީއަތް ކުރަން ފެށުމުގެ ކުރިން، މައްސަލައިގެ ދަޢުވާ ލިބޭ ފަރާތްތަކުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހުށަހެޅުމެއްގެ ގޮތުގައި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 76 ވަނަ މާއްދާ އަށް ހަވާލާދީ، މި މައްސަލަތަކުގެ ދަޢުވާ ބިނާކޮށްފައިވާ ތަޙްޤީޤަކީ އެ ތަޙްޤީޤުކުރުމުގެ އިޙްތިޞާޞް ނެތި ފުލުހުން ހިންގާފައިވާ ތަޙްޤީޤެއްކަމަށް ބުނެ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ދަޢުވާތައް ބާޠިލުކޮށްދިނުމަށް އެދި ހުށަހަޅާފައެވެ.

4މި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 119 ވަނަ މާއްދާގެ (ހ) ގެ ދަށުން މި މައްސަލަތަކަކީ މައުޟޫޢީ ގޮތުން ކުރިއަށް ގެންދެވިދާނެ މައްސަލަތަކެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

5ކްރިމިނަލް ކޯޓުން ބުނެވުނު ދަޢުވާތައް ކުރިޔަށް ގެންދެވޭނެ ކަމަށް ނިންމުމާ ގުޅިގެން ދަޢުވާ ލިބޭ ފަރާތްތަކުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/84,85,86,87,88,89,90,91 ޤަޟިއްޔާއިން ބެލުނު އެ މައްސަލައިގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ، ދަޢުވާތައް ބިނަވާ ތަޙްޤީޤަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ ތަޙްޤީޤެއް ކަމުގައިވާތީ، އެއީ ބާޠިލު ތަޙްޤީޤެއް ކަމުގައި ކަނޑައަޅައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް

6ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/84,85,86,87,88,89,90,91 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 03 (ތިނެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ތިންވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ބަހުސް

7ސުޕްރީމް ކޯޓު ކުރިމަތީގައި އޮތް ސުވާލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ އެފަދައިން އޮތްހިނދު، އެއް އިދާރާއަށް ވުރެ ގިނަ އިދާރާއަށް ކުށެއްގެ ތަޙްޤީޤުކުރުމުގެ ޤާނޫނީ އިޚްތިޞާޞް ލިބޭ ހާލަތުގައި، ފުލުހުންގެ ފަރާތުން އެކަނި ތަޙްޤީޤެއް ހިންގާ މައްސަލައާމެދު ގޮތް ކަނޑައެޅިދާނެ ކަމުގެ މައްޗަށް އުފެދޭ ސުވާލެވެ.

ދެފަރާތުގެ ވާހަކަ

8ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ސުވާލުގެ ޖަވާބުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ ގުޅިގެން ހިންގާ ތަޙުޤީޤު ހިންގާންޖެހޭނީ ހަމައެކަނި ވަކި ޚާއްޞަ ބާވަތެއްގެ ޖިނާއީ ތަޙްޤީޤު ހިންގުމުގެ ބާރު ޤާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިޚްތިޞާޞް ނުވަތަ "އެކްސްކްލޫސިވް ޖުރިސްޑިކްޝަން" އެ ކަމުގެ މައްޗަށް ހިނގާނަމަ ކަމުގައިއެވެ. އަދި މިގޮތުން، ހައިކޯޓުން ބަޔާންކޮށްފައިވާ ފަދައިން މި މައްސަލައިގައި ތަޙްޤީޤުކުރެވުނު ކުށާ ގުޅިގެން ޤާނޫނު ނަންބަރު 2015/27 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު) ގެ ދަށުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް އިޚްތިޞާޞް ލިބިގެންވާކަމަށް ބެލި ނަމަވެސް، އެ އިދާރާތަކަށް އެ ކުށް ތަޙުޤީޤުކުރުމުގެ "އެކްސްކްލޫސިވް ޖުރިސްޑިކްޝަން" ލިބިފައިނުވާތީ، މި މައްސަލައިގައި ގުޅިގެން ހިންގާ ތަޙުޤީޤެއް ހިންގާން ނުޖެހޭކަމުގައެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދަޢުވާތަކާ ގުޅޭ ތަޙުޤީޤަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައިވާ ގޮތަށް ހިންގަންޖެހޭ ތަޙުޤީޤެއް ކަމުގައި ބެލިނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު [2022] SC 07 ޤަޟިއްޔާގައި ޙަވާލާދޭ ހެޔޮނިޔަތުގެ އިސްތިސްނާ މި މައްސަލައިގައި ބޭނުން ކުރެވޭނެކަމަށެވެ. މީގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ މީހުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ފަދައަން ޖިނާއީ ކުށުގެ ތަޙުޤީޤު ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމާއި، އެފަދަ ތަޙުޤީޤުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމުގެ އުސޫލުތައް ކަނޑައެޅުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤްސަދެއްގެ ގޮތުގައި ހިމަނާފައިވާ ކަމެއް ކަމުގައިވެފައި، ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތުން، ދެ އިދާރާއަކަށް ޖިނާއީ ކުށެއް ތަޙުޤީޤުކުރުމުގެ އިޚްތިޞާޞްލިބޭ ޙާލަތުގައި (ކޮންކަރަންޓް ޖުރިސްޑިކްޝަން)، އެ ދެ އިދާރާ އެކުގައި ނޫންގޮތަކަށް ތަޙްޤީޤު ކުރިއަށް ނުގެންދެވޭނެ ކަމުން، އެއީ ގޯސް މާނަކުރުމެކެވެ. އަދި ދެ އިދާރާއަކަށް މިފަދައިން ކޮންކަރަންޓް ޖުރިސްޑިކްޝަން ލިބޭ ޙާލަތުގައި، އެ މައްސަލައެއް ތަޙުޤީޤުކުރާނީ ދެ އިދާރާ ގުޅިގެންކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ އެ ދެ އިދާރާއަށް ލިބިގެންވާ އިޚްތިޔާރެއް ކަމުގައެވެ.

9މި ނުކުތާތަކުގެ ރައްދުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ އެހެން ގޮތަކަށް މާނަކުރަންޖެހޭ ހާލަތެއް އަދި މަސްލަހަތެއް ވެސް ނެތް ކަމުގައާއި، ދެ އިދާރާއެއްގެ އިޚްތިޞާޞް ހިނގާނަމަ، ކުށެއްގެ ތަޙްޤީޤު ފުރިހަމައަށް އެންމެ އެދެވޭ ގޮތުގައި ހިނގާނީ ދެ އިދާރާ ބައިވެރިވެގެން ހިންގީމާކަން ނުވަތަ އެ ދެ އިދާރާގެ ތެރެއިން ޚާއްޞަ އިޚްތިޞާޞް އޮތް އިދާރާއިން އެކަނި ތަޙްޤީޤެއް ކުރުމުންކަމުގައި ވާތީއާއި، މި ނޫންގޮތަކަށް އެ މާއްދާ މާނަކުރުމަކީ ޚާއްޞަ އިޙްތިޞާޞް ލިބޭ އިދާރާތަކުގެ ބޭނުމާއި މަޤުޞަދު ގެއްލިގެންދާނެ ކަމެއްކަން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު [2022] SC 07 ގަޟިއްޔާގައި ހެޔޮ ނިޔަތުގެ އިސްތިސްނާ ކަނޑައަޅާފައިވަނީ ބަލައިފާސްކުރުމުގެ ކަންކަމާ ގުޅޭ ގޮތުންކަމުގައާއި، އެއީ ކޮންމެ ޙާލަތެއްގައި ބޭނުންކުރެވިދާނެ އާންމު އުސޫލެއް ނޫންކަމުގައިވެސް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކުރެއެވެ. ހަމަ މިއާއެކު، ސުޕްރީމް ކޯޓު ކުރިމަތީގައި އޮތް ސުވާލަށް ގޮތް ކަނޑައެޅުމުގައި މަނާކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 6 ވަނަ މާއްދާއަށް ރިޢާޔަތްކުރަންވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނާއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ މަޤްޞަދު ސާފުކޮށް އެނގެން އޮތް ކަމަށާއި، އެކި އެކި ކުށްތައް ބެލުމަށް ވަކި ޚާއްޞަ އިޚްތިޞާޞް ލިބޭ އިދާރާތައް އުފެއްދުމަށްފަހު، އެ އިދާރާތަކުގެ ބައިވެރިވުމެއް ނެތި ފުލުހުން އެކަނި ތަޙްޤީޤު ހިންގުމުން އެ މާއްދާގެ މަޤްޞަދު ގެއްލުމުގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޖިނާއީ ތަޙްޤީޤުކުރުމުގެ ބާރު ލިބިދީފައިވާ ޤާނޫނުތަކުގެ މަޤްޞަދުވެސް ގެއްލޭކަމުގައި އެފަރާތުން ބުނެއެވެ.

ނިންމަން ފެންނަ ގޮތާއި ސަބަބު

10HN1އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހުށަހަޅާފައިވާ ޖިނާއީ މައްސަލަތަކުގައި ހިމެނޭ ކުށްތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން، ޤާނޫނު ތަންފީޛުކުރާ އެހެން އިދާރާއަކުން ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބޭ ކުށްތަކެއް ކަމާމެދު ދައުލަތާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކާމެދު ޚިޔާލުތަފާތުވުމެއް ނެތެވެ. އެ ޙާލަތުގައި، އެ ކުށުގެ (ނުވަތަ ކުށްތަކުގެ) ތަޙްޤީޤު ހިންގަންވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށްކަން އެ މާއްދާގެ ނައްސުން އެނގެއެވެ.

11HN2ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތް ހިމެނޭގޮތުން، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމާއި، އެފަދަ ޢަމަލެއް ހިންގައިފިކަމަށް ތުހުމަތުކުރެވިއްޖެނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުން ހިމެނިގެންވެއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބެލުމުގެ އިޚްތިޞާޞްލިބޭ މައްސަލަތަކުގެ ތެރޭގައި ޖިނާއީ ކުށްތައް ހިމެނިފައި، ޖިނާއީ ދަޢުވާއެއް ކުރުމަށް އެ ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ބާރު ލިބިގެންވާތީ، ފުލުހުންގެ މައްޗަށް ހުށަހެޅޭ ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމުގެ އިޚްތިޞާޞް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ލިބިގެންވާކަން ސާފެވެ.

12HN3އެހެންނަމަވެސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގައި ކޮމިޝަނުން ކުރެވުނު ތަޙްޤީޤަކާ ނުވަތަ މައްސަލައަކާ ގުޅިގެން ޖިނާއީ ދަޢުވާއެއް ކުރުމަށް ފެންނަނަމަ އެކަން ކުރިއަށް ގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެ ކަމުގައި ބަޔާންކޮށްފައިވާތީ، އެފަދަ ތަޙުޤީޤަކީ ޖިނާއީ ކުށުގެ ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބިގެންވާ ކޮންމެ އިދާރާތަކުން އެފަދަ ކަމެއް (އިޚްތިޞާޞް ލިބިގެންވާ އެހެން އިދާރާތަކާއި) ވަކިން ތަޙުޤީޤު ކުރުމުގެ އިޚްތިޔާރު އެ އިދާރާތަކަށް ލިބިދޭ ސަބަބެއް ކަމުގައި އަހުރެން ނުދެކެމެވެ. އެއީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލާ މައްސަލައެއްގެ ތެރެއިން ޖިނާއީ ތަޙުޤީޤެއް ހިންގަންޖެހޭ ފަދަ ކަމެއް ފެނިގެން، އެކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ޤާނޫނުން އިރުޝާދު ދީފައި އޮތުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ފުލުހުން އަމަލުކުރަން އޮންނަ ގޮތަށް އުނިއިތުރެއް އަންނާނެކަމެއް ކަމުގައި ނުވާތީއެވެ.

13HN4އޭގެ އިތުރުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުން ހިމެނޭގޮތުން، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމުގެ، އެފަދަ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުމުގެ ބާރާއި މަސްއޫލިއްޔަތު އުފުލަންޖެހޭ މުއައްސަސާއެއްކަމުން، އެ ކޮމިޝަނަކީ އެ ކޮމިޝަނުގެ އިޚްތިޞާޞް ހިނގާ އިދާރާތަކުގެ މައްޗަށް ފާރަވެރި އިދާރާ (oversight body) އެއްގެ ގޮތުގައި ޤާއިމުކޮށްފައިވާ ކޮމިޝަނެއްކަން އެނގެއެވެ. އެހެންކަމުން، އެ ކޮމިޝަނަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ އިޚްތިޞާޞް ހިނގާ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތަކާމެދު ހުށަހެޅޭ މައްސަލަތައް ބެލުމުގެ ޚާއްޞަ އިޚްތިޞާޞް ލިބިގެންވާ އިދާރާއެކެވެ. އަދި އެ ކޮމިޝަނަށް ފުލުހުންގެ ފަރާތުން ކުރާ ކަންކަމާއި ނުކޮށް ދޫކޮށްލާ ކަންކަންވެސް ބެލޭނެއެވެ.

14HN5އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރެވޭ ޖިނާއީ ކުށް ބިނާވަނީ އެފަރާތްތަކުން ފުލުހުންގެ ވަޒީފާ އަދާކުރުމުގެ ތެރޭގައި ކުރި އަމަލުތަކެއްގެ މައްޗަށް ކަމަށްވެފައި، ފުލުހުންގެ ފަރާތުން ކުރާ އެފަދަ އަމަލުތައް ފުލުހުންގެ ފަރާތުން އެކަނި ތަޙުޤީޤު ކުރުމުގައި މަސްލަހަތު ފުށުއެރުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން، އެފަދަ ކަންކަން ބެލުމަށް ފާރަވެރި އިދާރާއެއް ޤާއިމުވެ އޮވެމެ، އެ އިދާރާގެ ބަހެއް ނެތި އެފަދަ ތަޙުޤީޤެއް ހިންގުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. އެއީ، ފުލުހުން އެކަނި ކުރާ އެފަދަ ތަޙުޤީޤެއްގައި ވަކި ފަރާތަކަށް ބުރަވުމުގެ ނުވަތަ ބަލަންޖެހި ނުބަލާ ކަންތައްތަކެއް ހުރުމުގެ އިހްތިމާލު އޮތުމުންނެވެ. އަދި މުއައްސަސާއެއްވިޔަސް، އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި އަމިއްލައަށް ގޮތް ނުނިންމުމަކީ (nemo judex in causa sua)، ހުރިހާ ޤާނޫނީ ނިޒާމެއް ބަލައިގެންފައިވާ ގޮތުންވެސް ތަބިއީ އިންސާފު (natural justice) ގެ އަސާސީ އުސޫލެކެވެ.

15HN6ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިގެންވަނީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ކަމުގައިވާތީ، އެއީ އެ ޤާނޫނުން ފުލުހުންނަށް ޚާއްޞަ ކޮށްފައިވާ ބާރެއް ނޫންކަން އެނގެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ ތަޠުބީޤުކުރަންޖެހެނީ އެއް އިދާރާއަށް ވުރެ ގިނަ އިދާރާއަށް ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިގެންވާ ޙާލަތުގައެވެ. އަދި ފުލުހުންނަކީ އެފަރާތަށް މަތިކޮށްފައިވާ މަސްއޫލިއްޔަތާއި ބާރުތަކުގެ ސަބަބުން އާންމު އުސޫލުން ޖިނާއީ ތަޙުޤީޤުކުރާނެ ފަރާތްކަމުގައިވާހިނދު، ފުލުހުން ތަޙްޤީޤުކުރަމުންދާ ޖިނާއީ މައްސަލައެއްގައި ވަކި ޚާއްޞަ ބާވަތެއްގެ ޖިނާއީ ތަޙްޤީޤު ހިންގުމުގެ ބާރު ޤާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިޚްތިޞާޞް ހިނގާނަމަ، އެ ތަޙުޤީޤު ހިންގަންވާނީ އެ ކުށުގެ އެ ބައިގެ ތަޙްޤީޤު އެ އިދާރާއަކުން ކުރިއަށް ގެންދިޔުމަށްޓަކައި އެ އިދާރާއަށް މައްސަލަ ހުށަހަޅައިގެން ނުވަތަ ޤަވާއިދުގައިވާ ގޮތުގެމަތިން ޖޮއިންޓް އިންވެސްޓިގޭޝަނެއް މެދުވެރިކޮށް ކަމުގައި ބަޔާންކޮށްފައިވަނީ އެންމެ ފުރިހަމަކޮށް ތަޙުޤީޤު ކުރިއަށް ގެންދިއުމުގެ މަޤްސަދުގައިކަމަށް ބަލަންޖެހެއެވެ.

16HN7ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ އެކުލަވާލާފައިވާ ގޮތުން އެއީ އިޚްތިޔާރީ މާއްދާއެއް ކަމުގައި އަހުރެން ނުދެކެމެވެ. އެއީ މާއްދާގައި ބޭނުންކޮށްފައިވާ އިބާރާތުގެ ސަބަބުން އަދި އެނޫން ގޮތަކަށް އެ މާއްދާ މާނަކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެހެން ޤާނޫނުތަކުގައި އެކި އިދާރާތަކާއި މަތިކޮށްފައިވާ މަސްއޫލިއްޔަތާއި ބާރަށް އެ މާނަކުރުމުގެ ސަބަބުން އަސަރުކުރާނެ ކަމަށްޓަކައެވެ.

17HN8ބައެއް ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މަސައްކަތް ބައްޓަންކޮށްފައިވާ ގޮތުން ނުވަތަ އެފަރާތްތަކުގެ ވަޞީލަތްތަކާއި ޤާބިލުކަން ހުރި ގޮތުން ގުޅިގެން ތަޙްޤީޤެއް ހިންގުމަކީ އުނދަގުލާއި ނުވަތަ އެހެންވެސް ގޮންޖެހުމާއި ކުރިމަތިލާންޖެހޭ ސަބަބެއް ކަމުގައިވުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން އަމަލު ނުކުރުމަށް އޮތް ޤާނޫނީ ސަބަބެއް ކަމުގައިވެސް އަހުރެން ނުދެކެމެވެ. އެފަދައިން ގުޅިގެން ތަޙްޤީޤު ހިންގުމަށް ލާޒިމުކޮށްފައި އޮތުމަކީ އެކަށީގެންވާ ފަދައަކުން ޖިނާއީ ތަޙުޤީޤުތައް ހިންގުމަށް އޮތް ހުރަހަކަށްވާނަމަ، އެކަމުގެ ފަރުވާ ލިބިދެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމުގައި އަހުރެން ދެކެމެވެ.

18އިސްވެ ބަޔާން ކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/84,85,86,87,88,89,90,91 ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

19މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

20މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެ މަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/84,85,86,87,88,89,90,91 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތް ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)

ޙުސްނުއްސުޢޫދު

ޢަލީ ރަޝީދު ޙުސައިން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 76 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 76 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 117 ވަނަ މާއްދާ
  • ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 119 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
  • ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު)
  • ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު)
  • ސުޕްރީމް ކޯޓުގެ [2022] SC 07 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު)

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ