ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 07 · 2022/SC-A/16, 2022/SC-A/18, 2022/SC-A/19

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު

ސުޕްރީމް ކޯޓުދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
6 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 ފެބުރުއަރީ 2022ދަށު ކޯޓު: ހައިކޯޓު 2022/HC-B12/03، 2022/HC-B12/06 އަދި 2022/HC-B12/07ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2022/HC-B12/03، 2022/HC-B12/06، 2022/HC-B12/07، 363/HMC/2019، 398/HMC/2019
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދެ ދަޢުވާއެއްގައި ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހެޅުންތަކާމެދު ހައިކޯޓުން ނިންމި ތިން ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުން، އެކުގައި ބެލުނެވެ.
ވާޤިޢާ
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ބަންދުގެ އަމުރުތައް އެ ކޯޓަށް އިޚްތިޞާޞް ނެތުމުން ބާޠިލުކުރެވުނެވެ. އަނެއް މައްސަލައިގައި އެ ކޯޓުގެ ބަލާ ފާސްކުރުމުގެ އަމުރަކުން މަސްތުވާތަކެތި ފެނުނެވެ. ތުހުމަތުކުރެވޭ މީހުން ބުނީ ބަންދުގައި ދިން ބަޔާނާއި އެ ހެކި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ބާޠިލު ކަމަށެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޤާނޫނާ ޚިލާފު ބަންދެއްގައި ތިބިއިރު ހިންގި ތަޙްޤީޤެއްގެ މައްޗަށް ދަޢުވާ ކުރިއަށް ގެންދެވޭނެތޯ އާއި ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި ދިން ބަޔާން ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެތޯ، އަދި ބަލާ ފާސްކުރުމުގެ އަމުރު ނެރުމުގެ އިޚްތިޞާޞް ނެތް ކޯޓެއްގެ އަމުރެއް ތަންފީޛުކޮށް ހޯދި ހެކި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ޝަރީޢަތަށް ބަލައިގަނެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ފުލުހުން ޢަމަލުކުރީ ޤާނޫނީ އިމުގެ ތެރެއިން ކަމަށާއި، ހެޔޮ ނިޔަތުގެ އިސްތިސްނާ ތަޠުބީޤުވާނެ ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތްތަކުން ބުނީ ޤާނޫނާ ޚިލާފަށް ހޯދި ހެކި ބާޠިލު ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންޖެހޭ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނާ ޚިލާފު ބަންދެއްގެ ނަތީޖާއަކީ ބަންދުން ދޫވުން ކަމަށާއި، އޭގެ ސަބަބުން ތަޙްޤީޤާއި ބަޔާން ބާޠިލު ނުވާނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ. ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ޢާންމު އުޞޫލަށް ހެޔޮ ނިޔަތުގެ އިސްތިސްނާ ހިމެނޭ ކަމަށާއި، ކޯޓު އަމުރެއް ހޯދައި ނުނިޔަތެއް ނެތި ތަންފީޛުކޮށް ހޯދި ހެކި ބަލައިގަންނަން ޖެހޭނެ ކަމަށް ނިންމިއެވެ.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

2022/SC-A/16: ހައިކޯޓުގެ 2022/HC-B12/03 ޙުކުމް ބާޠިލުކޮށް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ 363/HMC/2019 ގައި އަޙްމަދު ރަޝީދުގެ މައްޗަށް ހުށަހެޅި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ ކުރިއަށް ގެންގޮސް ނިންމަން ކަނޑައެޅި. 2022/SC-A/18 އަދި 2022/SC-A/19: ހައިކޯޓުގެ 2022/HC-B12/06 އަދި 2022/HC-B12/07 ޙުކުމްތަކަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި (އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ އިސްތިއުނާފު ޤަބޫލުނުކޮށް)، 398/HMC/2019 ގެ ދަޢުވާ ފޯމު ބާޠިލު ދަޢުވާ ފޯމެއް ނޫންކަމަށާއި އެ ދަޢުވާ ކުރިއަށް ގެންގޮސް ނިންމަން ކަނޑައެޅި. (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިޖުރާއީ އައިބުތަކަށް ފަރުވާކުރުމުގައި ސުޕްރީމް ކޯޓުން ގެންގުޅޭ އަދާހަމަ ޓެސްޓަކީ، އިޖުރާއަތު ފުރިހަމަ ކުރުމުގެ ތެރޭގައި އަމަލުކޮށްފައިވާ ގޮތަށް ބަލައިގެން އެ އިޖުރާއީ އައިބަށް ފަރުވާ ދެވޭތޯ ބެލުމުގެ ޓެސްޓެވެ.

HN2 އިޖުރާއީ ޤާނޫނުގައި ވަކިކަމެއް ކުރުން މަނާކޮށްފައި ވަނިކޮށް އެ ނޫން ގޮތަކަށް އެކަންކުރުމުގެ ނަތީޖާއަކީ އެކަމަކީ ޣައިރު ޤާނޫނީ ކަމަކަށްވުމެވެ. އަދި މިފަދަ ކަމެއް ފަހުން ޤާނޫނީ ކަމަކަށް ނުހެދޭނެއެވެ. އިޖުރާއަތު ޤާނޫނުގައި ބަޔާންވެފައިވާ ގޮތަށް އެންމެ ފުރިހަމައަށް އިޖުރާއަތު ފުރިހަމަކޮށްފައި ނެތް ހާލަތުގައި، އެ އުނިކަމަކީ ޠަބީޢީ އިންސާފުގެ ހަމަތަކާ ޚިލާފު އުނިކަމަކަށް ނުވަތަ ޢައިބަކަށް ވެގެން ނުވާނެއެވެ. އަދި މި ހާލަތުގައި ފުރިހަމަ ނުކުރެވުނު އިޖުރާއަތު ފުރިހަމަކޮށް އިސްލާހު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

HN3 ބަލާ ފާސްކުރުމުގެ އަމުރު ނެރުމުގެ އިޚްތިޞާޞް ނެތް ދުވަސްވަރެއްގައި ނެރެފައިވާ އަމުރެއް ތަންފީޒުކޮށް، ހެކި ހޯދައި އެއްތަންކޮށް އެ ހެކީގެ މައްޗަށް ދަޢުވާ ކޮށްފައި އޮންނަ އޮތުމަކީ، އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން އަލުން އަމުރެއް ހޯދައި، އެ ހުރިހާ ކަމެއް އަލުން ފަށައިގެން ނިޔަލަށް ރަނގަޅު ކުރުމުގެ އިހުތިމާލު އޮތް އިޖުރާއަތުތަކެއް ނޫނެވެ.

HN4 ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން ބަންދުކުރެވޭ ޙާލަތްތަކުގެ ތެރޭގައި ތަޙްޤީޤުގެ ބޭނުމަށް ނުވަތަ ތަޙްޤީޤު ނިމެންދެން ބަންދުކުރެވިދާނެ ކަމުގައި ބަޔާންކޮށްފައި ނުވެއެވެ. ތުހުމަތުކުރެވޭ މީހާ ބަންދު ކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ކަނޑައެޅުމާއި، އޭނާގެ މައްޗަށް ތަޙްޤީޤު ހިންގުމާއި އެއީ ތަފާތު ދެކަމެކެވެ. އޭނާގެ ތަޙްޤީޤު ފުރިހަމަވުމަށްޓަކައި ބަންދުގައި ހުރުން ލާޒިމެއް ނޫނެވެ. ބަންދުގައި ހުންނަ ހުރުމުގައި، އަދި ބަންދުން ދޫވުމަށްފަހުވެސް ތަޙްޤީޤު ކުރިއަށް ދެވިދާނެއެވެ.

HN5 ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ހައްޔަރު ކުރުމަކީ، ނުވަތަ ބަންދުކޮށްފައިވާ ކުރުމަކީ، ޤާނޫނާ ޚިލާފު ހައްޔަރެއްކަމުގައި، ނުވަތަ ބަންދެއް ކަމުގައި ކަނޑައެޅުމުގެ ނަތީޖާއެއްގެ ގޮތުން އެ މީހެއްގެ މައްޗަށް ޤާނޫނު ތަންފީޒުކުރާ އިދާރާއަކުން ހޯދާ ހެކި އެ ސަބަބަށްޓަކައި ކޯޓުން ޤަބޫލުކުރަން ނުޖެހޭ ޤާނޫނީ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ.

HN6 ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހާޒިރުކުރެވުނު މުއްދަތު މަޖިލީހުގައި ތުހުމަތުކުރެވޭ މީހާ ދީފައިވާ ބަޔާނަކީ، އެ މަޖިލީހުގައި އޭނާ ދިނުން ޤާނޫނު ލާޒިމުކުރާ ބަޔާނެއް ނޫނެވެ. އެ ފަދައިން ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ފަހުން ނިންމި ނިންމުމުގެ ނަތީޖާއަކަށް ވެގެންދާނީ އޭނާ ބަންދުން ދޫވުމެވެ. އެއަށްވުރެ ދުރަށް އެ ނަތީޖާ ނުގެންދެވޭނެއެވެ. ކަންމިހެން އޮތުމުން، މުއްދަތު މަޖިލީހުގައި ދީފައިވާ ބަޔާން ހެއްކެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެއެވެ.

HN7 ޢާންމު އުސޫލަކީ ޤާނޫނާ ޚިލާފަށް ހޯދާ ހެކި ބަލައި ނުގަތުމެވެ. މި އުސޫލުގެ ފަހަތުގައިވަނީ ޤާނޫނުގެ ޙުކޫމަތު ދެމެހެއްޓުމާއި، އަބަދުމެ ޤާނޫނު ނެގެހެއްޓުމެވެ. އަދި ހެކި ހޯދި ނަމަވެސް، އެ ހެކި ޝަރީޢަތުން ބަލައި ނުގަނެ ހެކި ހޯދުމަށް ޤާނޫނާ ޚިލާފަށް މަސައްކަތްކުރި ފަރާތްތަކަށް އެކަމުން ނަތީޖާއެއް ހާސިލުވިޔަ ނުދިނުމެވެ. ޤާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލަކީ ޢާންމު އުސޫލެކެވެ.

HN8 ޤާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ބަލައި ނުގަތުމުގެ އުސޫލަކީ ޤާނޫނުއަސާސީގެ އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނިފައިވާ އުސޫލެއް ކަމުގައިވާތީ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ދަށުން މި އުސޫލަށް މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ ގޮތް ބެލުމަކީ، އެންމެ ރަނގަޅު ކަމެކެވެ. މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޤާނޫނާ ޚިލާފަށް ހޯދާ ހެކި ބަލައިގަތުމުގައި، ހެޔޮ ނިޔަތުގެ އިސްތިސްނާ (Good Faith Exception)، މުސްތަގިއްލު މަޞްދަރެއްގެ އުސޫލު (Independent Source Doctrine) އަދި ޤާނޫނާ އެއްގޮތަށް ޢަމަލު ކުރިނަމަވެސް ފެންމަތި ނުވެ ނުދާނެ ހެކީގެ އުސޫލު (Inevitable Discovery Doctrine) ފަދަ އިސްތިސްނާ ހާލަތްތަކެއް ކަނޑައަޅައި އުސޫލުތަކެއް ގެންގުޅެއެވެ.

HN9 ޤާނޫނު ތަންފީޒުކުރާ ފަރާތަކުން ޤާނޫނާ ޚިލާފަށް ހެޔޮ ނިޔަތުގައި ކުރާ ޢަމަލެއްގެ ނަތީޖާއިން ހެކިތަކެއް ލިބިއްޖެނަމަ، އިސްތިސްނާއީ ހާލަތްތަކުގައި އެ ހެކިތައް ކޯޓުތަކުން ބަލައިގަނެއެވެ. ނަމަވެސް، މިފަދަ ހެކިތައް ބަލައިގަތުމުގައި ކޮންމެ މައްސަލައެއްގެ ވާޤިޢާތައް ވަކިވަކިން ބަލަންޖެހެއެވެ. މި ގޮތުން މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި، ޤާނޫނު ތަންފީޒުކުރާ ފަރާތުގެ ޢަމަލުތައް ހުރީ ޤާނޫނާ އެއްގޮތަށް ޢަމަލުކުރާ ހާލަތުގައި އޭނާގެ ޢަމަލުތައް ހުންނާނެ ގޮތުގައިކަން ނުވަތަ ނޫންކަމާއި، އޭނާގެ ޢަމަލުން ހީލަތްތެރިކަމެއް ނުވަތަ ނުނިޔަތެއް ފާޅުވާކަން ނުވަތަ ނޫންކަން ވަޒަންކުރެވެއެވެ.

HN10 ޤާނޫނާ ޚިލާފަށް ހެކި ހޯދުމަށް މަސައްކަތް ކުރި މުވައްޒަފުގެ ޢަމަލަކީ، އެ ޢަމަލުގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް، ކަނޑައެޅިގެން ޤާނޫނު އެއްފަރާތް ކުރުމުގެ ޢަމަލެއްކަން ނުވަތަ، އެ ޢަމަލަކީ ޤާނޫނީ ގޮތުން ދެކޮޅުޖެހޭ، ރަނގަޅު ޢަމަލެއް ކަމުގައި، ޤާނޫނީ ގޮތުން ބަހުސްކުރެވޭނެ ޖާގައެއް އޮތް ޢަމަލެއްކަން އެ ޢަމަލާމެދު ގޮތެއް ނިންމުމުގައި ބަލަންޖެހޭނެއެވެ.

HN11 އިޚްތިޞާޞް ނެތް ކޯޓެއްގެ އަމުރެއް ތަންފީޒު ކުރުމުގައި، ޤާނޫނު ތަންފީޒުކުރި ފަރާތުގެ ޢަމަލުތަކުގައި ޤާނޫނު އެއްފަރާތް ކުރުމުގެ ނުނިޔަތެއް، މަކަރެއް، ހީލަތެއް ފާހަގަ ނުވެ، ކޯޓަކުން އަމުރެއް ހޯދުމަށްފަހު އެ އަމުރުގެ ދާއިރާއިން ބޭރުނުވެ ބަލާ ފާސްކޮށް، އެ އަމުރު ތަންފީޒު ކުރުމުގެ ސަބަބުން ހެކި ފެނިފައިވާނަމަ، އެއީ ޤާނޫނު ތަންފީޒުކުރާ ފަރާތުން ހެޔޮ ނިޔަތުގައި ކޯޓު އަމުރުތަކެއް ތަންފީޒު ކުރުމުގެ ތެރޭގައި ފެނިފައިވާ ހެކިތަކެއް ކަމުގައިވާތީ، އެ ހެކިތައް މި އިސްތިސްނާއީ ހާލަތުގައި ބަލައިގަންނަން ޖެހޭނެއެވެ.

HN12 ބަލާ ފާސްކުރުމުގެ އަމުރު ތަންފީޒުކޮށް ހެކި ހޯދާފައިވާ މުއްދަތަކީ، އެއްވެސް ފަރާތަކުން އަމުރު ނެރުނު ކޯޓަށް އެ އަމުރު ނެރުމުގެ އިޚްތިޞާޞް އޮތްކަމާމެދު ސުވާލު އުފެދިފައި އޮތް މުއްދަތެއް ނޫން ކަމަށާއި، އެ ކޯޓަށް އިޚްތިޞާޞް ލިބިގެންވާ ކަމުގައި ބަހުސްކުރުމުގެ ޖާގަ އެއިރު އޮތްކަމަކީ، އަމުރު ތަންފީޒުކުރި މުވައްޒަފުގެ ހެޔޮ ނިޔަތް އޮތްކަން ބެލުމަށް ބާރު އަޅާ ކަމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢާއިޝަތު ރީޝާ، އާދަމް ޝުޒައިން، ޢަލީ އަޙްމަދު، އަޙްމަދު ނައުޝާދު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ނޫރުއްސަލާމް އަބޫބަކުރު، އުއްމުކުލްޘޫމް އަބޫބަކުރު، ލެކްޒަވީ ޗެމްބަރސް
ބެންޗު
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ރިޔާސަތު
މަޙާޒު ޢަލީ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބިންވަޅު ނަގައި ލިޔެފައިވެއެވެ "މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަންކަމެއް ނޫނެވެ. އެ ގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެއެވެ." މިއަދު އަހުރެންގެ ކުރިމަތީގައި މިއޮތީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ތިން ޤަޟިއްޔާއެކެވެ. މި ތިން ޤަޟިއްޔާގެ މައިގަނޑު އެއް ބަހުސަކީ ޤާނޫނާ ޚިލާފަށް ހޯދާ ހެއްކެއް ކޯޓަށް ބަލައިގަނެވިދާނެކަން ނުވަތަ ނޫންކަމާމެދު ކުރެވޭ ބަހުސެވެ.

2މި ތިން ޤަޟިއްޔާގެ ތެރެއިން ފުރަތަމަ ޤަޟިއްޔާއަކީ ހައިކޯޓުގެ ނަންބަރު 2022/HC-B12/3 ޤަޟިއްޔާއެވެ. އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ. އިސްތިއުނާފު ރައްދުވަނީ އަޙްމަދު ރަޝީދު، (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A298295) ހުޅުމާލެ ގޯތި ނަންބަރު 10361 އަށެވެ. ދެވަނަ އަދި ތިންވަނަ ޤަޟިއްޔާއަކީ، ހައިކޯޓުގެ ނަންބަރު 2022/HC-B12/06 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2022/HC-B12/07 ޤަޟިއްޔާއެވެ. މި ދެ ޤަޟިއްޔާގެ ތެރެއިން ހައިކޯޓުގެ ނަންބަރު 2022/HC-B12/06 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އިސްމާޢީލް މީރާން، (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A098768) ފުނަމާގެ، ގދ. ގައްދޫ އެވެ. އަދި ހައިކޯޓުގެ ނަންބަރު 2022/HC-B12/07 ޤަޟިއްޔާ އިސްތިއުނާފު ކޮށްފައިވަނީ މަރްޔަމް ތިލްމީޒާ، (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A144338) މ. ހިއުމިޑްއެވެ. މި ދެ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށެވެ.

3މި ތިން ޤަޟިއްޔާގެ އިސްތިއުނާފުގައި ބަހުސްކުރެވެނީ ޤާނޫނީ އެއް މައުޟޫއެއްގެ މައްޗަށް ކަމުގައިވާތީ، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 60 ވަނަ މާއްދާގެ ދަށުން މި ތިން ޤަޟިއްޔާގެ އިސްތިއުނާފު ބެލިފައިމިވަނީ އެއް މައްސަލައެއްގެ ގޮތުގައެވެ.

މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތް

(ހ) އަޙްމަދު ރަޝީދުގެ މައްސަލަ

42019 ޖޫން 04 ވަނަ ދުވަހުގެ 03:10 އެހައިކަށްހައިއިރު، ހުޅުމާލެ ގޯތި ނަންބަރު 10361 (ޕިންކްޕަރލް) އަޙްމަދު ރަޝީދާއި އިތުރު ބަޔަކާ ގުޅިގެން އެ ގޭގެ ގްރައުންޑް ފްލޯރގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އަޙްމަދު ރަޝީދުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (ދައުލަތުން) ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.

5އަޙްމަދު ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވޭ މި ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެކި ފަހަރު މަތިން އަޙްމަދު ރަޝީދު ހައްޔަރު ކޮށްފައިވެއެވެ. މި ފަދައިން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގައި 06 ޖޫން 2019 ގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ދެ އަމުރެއް ނެރެފައިވެއެވެ. ނަމަވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ މިފަދަ އަމުރު ނެރުމުގެ އިޚްތިޞާޞް ލިބިފައިނެތް ކޯޓެއް ކަމުގައިވާތީ، އެ ނުކުތާ ފާހަގަކޮށް، އަޙްމަދު ރަޝީދުގެ ފަރާތުން ދެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި ދެ މައްސަލަ ހައިކޯޓުން ނިންމާފައިވަނީ އަޙްމަދު ރަޝީދާ އެއްކޮޅަށެވެ. މި ދެ މައްސަލައިގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރުތައް ނެރެފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ކަނޑައަޅައި އެ ދެ އަމުރު ބާޠިލުކޮށްފައި ވެއެއެވެ. އަދި މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ވެސް މި މައްސަލަ ނިންމާފައިވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ.

6އަޙްމަދު ރަޝީދުގެ ހައްޔަރާ ގުޅިގެން ކުރިން މި ބުނި އަމުރުތައް ބާޠިލުކުރި ނަމަވެސް، އަޙްމަދު ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް ތަޙްޤީޤުކޮށް އޭނާގެ މައްޗަށް ދަޢުވާ އުފުލުމުން އިބްތިދާއީ މަރުޙަލާގައި، ޝަރީޢަތުގެ ކުރިން ހުށަހެޅުންތަކެއް އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވެއެވެ. މިފަދައިން ހުށަހެޅި ހުށަހެޅުންތަކުގެ އަސާސަކީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ، ބަންދުގެ އަމުރު ނެރުމުގެ އިޚްތިޞާޞް ލިބިފައިނުވާ ކޯޓެއްކަން ހައިކޯޓާއި ސުޕްރީމް ކޯޓުގެ ނިންމުންތަކުން ކަނޑައަޅާފައި އޮންނަ އޮތުމެވެ. މި ގޮތުން އަޙްމަދު ރަޝީދު ހުށަހެޅި

އެއް ހުށަހެޅުމަކީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި 06 ޖޫން 2019 ގައި ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އޭނާ ދީފައިވާ ބަޔާން އޭނާއާ ދެކޮޅަށް ބޭނުން ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެވެ.

އަނެއް ހުށަހެޅުމަކީ، އަޙްމަދު ރަޝީދުގެ މައްޗަށް މި މައްސަލައިގައި ހިންގާފައިވާ ތަޙްޤީޤަކީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި، 52 ވަނަ މާއްދާއާ ޚިލާފަށް ހިންގާފައިވާ ތަޙްޤީގެއް ކަމުގައި ބުނެ ހުށަހެޅި ހުށަހެޅުމެވެ.

7މި ދެ ހުށަހެޅުމާމެދު، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ، މި މައްސަލައިގައި ފުލުހުން ހެކި ހޯދާފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 52 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވާތީ، އެ ތަޙްޤީޤުގެ މައްޗަށް މި ދަޢުވާ ކުރިއަށް ގެންދެވެން ނެތްކަމަށެވެ. މިފަދައިން ނިންމުމުގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބަރޯސާވެފައިވަނީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު މައްސަލައަށެވެ.

8އަޙްމަދު ރަޝީދު ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތައް އޭނާއާ އެއްކޮޅަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުގެ އަޣްލަބިއްޔަތުން މި މައްސަލަ ނިންމާފައިވަނީ އަޙްމަދު ރަޝީދާ އެއްކޮޅަށެވެ.

(ށ) އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ މައްސަލަ

9ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ތަންތަނާއި ތަކެތި ބަލާ ފާސްކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ކޮށްފައިވެއެވެ. މި އަމުރު ނެރެފައިވަނީ 10 ޖޫން 2019 ގައެވެ. މި އަމުރުގެ ދަށުން ފުލުހުން ހުޅުމާލެ ފްލެޓް 02-2-174 ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވެއެވެ. މި މައްސަލަ ތަޙްޤީޤުކޮށް، މި މައްސަލައިގައި ތުހުމަތު ކުރެވޭ އިސްމާޢީލް މީރާން އާއި އޭނާގެ އަންހެނުން މަރްޔަމް ތިލްމީޒާގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ ދައުލަތުން ހުށަހެޅިއެވެ.

10މި ދަޢުވާއާ ގުޅިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި އިސްމާޢީލް މީރާންއާއި މަރްޔަމް ތިލްމީޒާ ހުށަހެޅުމެއް ހުށަހެޅިއެވެ. މި ގޮތުން މި ދެމީހުންގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި ދެމީހުންނާ ދެކޮޅަށް މި މައްސަލައިގައި ހޯދާފައިވާ ހެކިތަކަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ހޯދާފައިވާ ހެކިތަކެއް ކަމުގައްޔާއި، އެއީ ބާޠިލު ހެކިތަކެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.

11އިސްމާޢީލް މީރާންއާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގެ ތަފުސީލަށް ބަލާއިރު، މި ހުށަހެޅުން ބިނާކޮށްފައިވާ އަސާސަކީ ހައިކޯޓުގެ އަޙްމަދު ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ބަންދުގެ އަމުރު ނެރުމުގެ އިޚްތިޞާޞް ނެތް ކޯޓެއް ކަނޑައަޅާފައި އޮތް އޮތުމެވެ.

12އިސްމާޢީލް މީރާންއާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ، އިސްމާޢީލް މީރާންއާއި މަރްޔަމް ތިލްމީޒާގެ މައްޗަށް ދަޢުވާ ކުރެވޭ މައްސަލައިގައި އެ ކޯޓުން ނެރެފައިވާ އަމުރެއް މަތީ މަރުޙަލާގެ ކޯޓުން ބާޠިލު ކޮށްފައިނުވާ ކަމަށާއި، ހައިކޯޓާއި ސުޕްރީމް ކޯޓުން އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި މައްސަލަތަކުގައި ނިންމާފައިވާ ނިންމުމުގައި، އެ ކޯޓުން ނެރެފައިވާ އެހެން އަމުރަކާމެދު، ގޮތެއް ނިންމާފައި ނުވާކަމަށެވެ. ކަންމިހެން އޮތުމުން އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ މައްޗަށް ދައުވާކުރެވޭ މައްސަލައިގައި ހެކި ހޯދާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބެލެވެން ނެތްކަމަށެވެ.

13ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން އިސްމާޢީލް މީރާންއާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ ދެ މައްސަލަ ނިންމާފައިވަނީ އެ ދެ މީހުންނާ ދެކޮޅަށެވެ. މި ފަދައިން ނިންމުމުގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އެ ދެމީހުންގެ މައްސަލައިގައި ނެރެފައިވާ އަމުރެއް މަތީ މަރުޙަލާގެ ކޯޓަކުން ބާޠިލުކޮށްފައި ނުވާއިރު، އެ ފަދަ އަމުރެއްގެ ދަށުން ހޯދާފައިވާ ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ކަމުގައި ނުބެލެވޭނެކަމުގައި ހައިކޯޓުން ނިންމާފައިވެއެވެ.

އަޙްމަދު ރަޝީދުގެ މައްސަލައިގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާ

14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/3 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަ ކޮށްފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އާއި އިތުރު ދެ މީހަކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުކަމުގައެވެ.

15މި ނުކުތާ ތަފުސީލު ކުރަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަ ކޮށްފައިވަނީ، އިޖުރާއީ ގޮތުން ހެދޭ ގޯސްތަކުގެ ތެރޭގައި ހިމެނޭ، އެ އިޖުރާއަތެއްގެ ސަބަބުން އަސާސީ ހައްގެއް ގެއްލި، މައްސަލައިގެ ނިޔާއަށް އަސަރު ކުރާ އިޖުރާއަތުތަކާއި، އަސާސީ ހައްގުތަކާ ގުޅުމެއްނެތް، މައްސަލައިގެ މައުޟޫޢަށް އަސަރުނުކުރާ، އެ އިޖުރާއަތެއް ރަނގަޅުކުރުމުގެ ފުރުސަތު ލިބޭ އިޖުރާއަތުތައް ހުންނަ ކަމުގައި ސުޕްރީމް ކޯޓުގެ އެ ނިންމުމުގައި ފާހަގަ ކޮށްފައިވާ ކަމަށާއި، މި މި މައްސަލައަށް މިއުސޫލު ތަޠުބީޤުކުރާއިރު، ކޯޓު އަމުރު ތަންފީޛުކުރުމުގައި ފުލުހުން ޢަމަލު ކޮށްފައިވަނީ ޤާނޫނީ އިމުގެ ތެރެއިން އެހެން މައްސަލަތަކުގައިވެސް ޢަމަލު ކުރާ އުސޫލުން ކަމަށާއި، ހަމައެކަނި މި މައްސަލައިގައި މެދުވެރިވެފައިވާ ކަމަކީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ހައްޔަރު ކުރުމާއި، ބަލާ ފާސްކުރުމުގެ އަމުރު ދޫކުރުމުގެ އިޚްތިޞާޞް ނެތް ކޯޓެއްކަން، މި މައްސަލައިގައި ހިމެނޭ އަމުރު ތަންފީޛުކޮށް، ހެކި ޤަރީނާ ހޯދިފަހުން އެނގިގެން ދިއުންކަމަށެވެ. ވުމާއެކު، މިއީ މައްސަލައިގެ ނިޔާއަށް އަސަރު ކުރާނެ ކަމެއް ނޫންކަމަށާއި، މި މައްސަލައިގައި ވާހަކަ ދެކެވޭ އަމުރު ތަންފީޛު ކުރުމުގައި ތުހުމަތު ކުރެވޭ ފަރާތުގެ އަސާސީ ޙައްޤެއް ގެއްލިފައި ނުވާނެ ކަމަށެވެ.

16އިތުރަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަ ކޮށްފައިވަނީ، ސުޕްރީމް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް މައްސަލައިގައި ބަޔާންކޮށްފައިވާ "ހެޔޮ ނިޔަތުގެ އިސްތިސްނާ" މި މައްސަލައަށް ތަޠުބީޤުވާނެ ކަމަށާއި، މި މައްސަލައިގައި ކޯޓު އަމުރު ހޯދުމާއި، އެ އަމުރު ތަންފީޛު ކުރުމުގައި ފުލުހުން މަސައްކަތް ކޮށްފައިވަނީ މި ބާވަތުގެ އެހެނިހެން މައްސަލަތަކުގައިވެސް ފުލުހުން ޢަމަލުކުރާ އުސޫލުން ކަމުގައި ކަމަށެވެ. އަދި މި މައްސަލައިގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކޮށްފައިވަނީ، ޢާންމު އުސޫލުން އެ އަމުރަކީ އަމުރު ނެރުމުގެ ބާރު ލިބިގެންވާ ކޯޓަކުން ދޫކޮށްފައިވާ އަމުރެއް ކަމުގައި ބަލައިގެން ކަމަށާއި، މި އަމުރުގެ ދަށުން ބަލައި ފާސްކުރިކުރުމުގައި މަސްތުވާތަކެތި ފެނިފައިވާކަމަށާއި، އަދި އެއިގެ ފަހުން އަމުރު ދޫކުރި ކޯޓުގެ އިޚްތިޞާޞާމެދު ސުވާލު އުފެދުމަކީ، މި މައްސަލައިގައި ފެނިފައިވާ ހެއްކަށް އޭގެ އަސަރު ނުކުރާނެ ކަމެއްކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

އަޙްމަދު ރަޝީދުގެ ފަރާތުން ދީފައިވާ ރައްދު

17ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ކަންކަމަށް ރައްދު ދެމުން އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި ހާދިސާގައި އަޙްމަދު ރަޝީދު މަގުމަތިން ފުރަތަމަ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއް ނެތިކަމަށާއި، އެއިގެ ފަހުން ފުލުހުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އޭނާ ހައްޔަރު ކުރުމުގެ އަމުރަކާއި، ބަލާ ފާސްކުރުމުގެ އަމުރެއް ގެނައިކަމަށާއި، މި ހާދިސާގައި ފުލުހުން ބަލާ ފާސްކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމުގައެވެ.

18މީގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް މައްސަލައިގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ "ހެޔޮ ނިޔަތުގެ އިސްތިސްނާ"ގެ މަންފާ ދައުލަތަށް ލިބޭނީ އެ މައްސަލައިގައި ބަޔާންކޮށްފައިވާ ފަދައިން ތަޙްޤީޤި އިދާރާގެ ހުރިހާ ޢަމަލެއް ޤާނޫނީ އިމުގެ ތެރެއިން ހުރެގެން ކަމުގައެވެ. ނަމަވެސް މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އަޙްމަދު ރަޝީދު ފުލުހުންނަށް އެއްބާރުލުން ދޭ ގޮތެއްގެ މައްޗަށް ބަލައި އޭނާގެ މަންމަ ހައްޔަރުކޮށް ދޫކޮށް ހެދުމާއި، އެކި ފަހަރު މަތިން ކޯޓު އަމުރު ހޯދައި އަޙްމަދު ރަޝީދު ހައްޔަރުކުރަން މަސައްކަތް ކުރުންފަދަ ކަންކަމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ފުލުހުން ކޮށްފައިވާ ކަންތައްތަކެއް ކަމުގައި ނުދެކޭކަން ފާހަގަ ކޮށްފައިވެއެވެ.

19އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް މައްސަލައިގައި "ހެޔޮ ނިޔަތުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްފަރާތް ކުރުމުގެ ފުރުޞަތު ދެވިއްޖެނަމަ، ދައުލަތުގެ އިދާރާތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ބޮޑުވާނެ" ކަމަށް ބަޔާންކޮށްފައިވާ އޮންނަކަން އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

20މީގެ އިތުރުން ޢަލީ ޒުބައިރު އާއި އިތުރު ދެ މީހަކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތައް މި މައްސަލައަށް ތަޠުބީޤުކުރާނަމަ، މި މައްސަލައިގައި އިޖުރާއީ ގޮތުން ހަދާފައިވާ ގޯސްތަކުގެ ސަބަބުން އަޙްމަދު ރަޝީދުގެ އަސާސީ ޙައްޤުތަކެއް ގެއްލިފައިވާ ކަމަށާއި، އޭގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި އަޙްމަދު ރަޝީދު ހިފަހައްޓައި ހައްޔަރުކޮށް ބަލާފާސްކޮށްފައިވާކަން ހިމެނޭކަން ފާހަގަ ކޮށްފައިވެއެވެ.

އިސްމާޢީލް މީރާންއާއި މަރްޔަމް ތިލްމީޒާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

21ހައިކޯޓަށް އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ހުށަހެޅި ދެ މައްސަލަ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ތިން ނުކުތާއެއް ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ، ހައިކޯޓުން މި ދެ މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، ހައިކޯޓުން މި ދެ މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރާއި 02 ވަނަ ނަންބަރާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ދަޢުވާ ފޯމު ބާޠިލު ކުރުމާމެދު ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޢަބްދުﷲ ރަޝީދު މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތައް މި މައްސަލައަށް އެ ކޯޓުން ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

22އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާގައި ވާހަކަ ދައްކާފައިވަނީ މި މައްސަލައިގައި އެ ދެމީހުންނާ ދެކޮޅަށް ހެކި ހޯދުމުގައި ފުލުހުން ބަލާ ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައި ވީނަމަވެސް، އެ ކޯޓު އަމުރަކީ އެފަދަ އަމުރުތައް ދޫކުރުމުގެ އިޚްތިޞާޞް ލިބިގެން ނުވާ ކޯޓަކުން ނެރެފައިވާ އަމުރެއްކަން ހައިކޯޓުގެ ނަންބަރު 2019/HC-A/312 ޤަޟިއްޔާއިން ކަނޑައަޅާފައިވާއިރު، ބަލާ ފާސްކުރުމުގެ އަމުރު ތަންފީޛު ކުރުމުގެ ތެރެއިން ހޯދާފައިވާ ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ކަމުގައި ދެކޭ ކަމަށެވެ. އަދި މި މައްސަލައަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް މައްސަލައިގައިވާ އުސޫލު ތަޠުބީޤު ކޮށްފިނަމަ، ހެޔޮ ނިޔަތުގެ އިސްތިސްނާގެ މަންފާ ދައުލަތަށް ނުލިބޭނެ ކަމުގައްޔާއި، މިފަދަ އެއްވެސް ކަމަކަށް ހައިކޯޓުން މި މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައިނުވާ ކަމުގައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދީފައިވާ ރައްދު

23އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި އަންނަނިވި ކަންކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ މައްސަލައިގައި ވާހަކަ ދެކެވޭ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު HMC-CA/392/2019 (10 ޖޫން 2019) ބަލާ ފަސްކުރުމުގެ އަމުރު އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައި ނުވާކަމަށާއި، ވުމާއެކު އެއީ ނިހާއީ އަމުރެއްގެ ބާރު ލިބިފައިވާ އަމުރެއް ކަމަށާއި، އެ އަމުރުގެ ޞައްޙަކަމާމެދު މިހާރު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތްކަން.

ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް މައްސަލައާއި މި މައްސަލަ ތަފާތު ކަމަށާއި، ޙުސައިން ޞަބާޙް މައްސަލައިގައި ފުލުހުން ޢަމަލު ކޮށްފައިވަނީ ކޯޓު އަމުރެއް އޮންނަންޖެހޭ ހާލަތުގައި ކޯޓު އަމުރެއް ނެތިކަމަށާއި، މި މައްސަލައިގައި ފުލުހުން ބަލާ ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އެ އަމުރު ދޫކޮށްފައިވާ ކޯޓަކީ އެފަދަ އަމުރު ދޫކުރުމުގެ އިޚްތިޞާޞް އެ ވަގުތު ލިބިފައި ނެތް ކޯޓެއްކަމަށް މަތީ މަރުޙަލާއިން ކަނޑައެޅިފައިވަނީ ފަހުން ކަމަށާއި، އެ އިޚްތިޞާޞާމެދު އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުންވެސް އެއިގެ ކުރިން ސުވާލު އުފައްދާފައި ނުވާކަން.

މި މައްސަލައިގައި ފުލުހުން ކޯޓު އަމުރު ތަންފީޛު ކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށާއި، މި ހާލަތުގައި ހޯދޭ ހެއްކަކީ ބަލައިގަނެވޭނެ ހެކި ކަމުގައި އެކި ޖޫރިސްޑިކްޝަންތަކުގައި ކަނޑައަޅާފައިވާ ކަމަށާއި އެ ގޮތުން އެމެރިކާގެ ޓެނެސްސީ ސުޕްރީމް ކޯޓުގެState v. McElrath މައްސަލައަކީ އެއިގެ އެއް ނިންމުންކަން.

ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޢަބްދުﷲ ރަޝީދު މައްސަލައިގައި ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާއާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނި ނަމަވެސް، މި މައްސަލައިގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ބަލާ ފާސްކުރުމުގެ އަމުރު އިސްތިއުނާފު ކުރުމެއްނެތި، އެ އަމުރުގެ ދަށުން ހޯދާފައިވާ ހެކިތަކަކީ ޞައްޙަ ނޫން ހެކިތަކެއް ކަމުގައި މި މަޙައްލުގައި ބުނެވިދާނެ ކަމަށް ނުދެކޭކަން.

ގޮތެއް ނިންމަންޖެހޭ ކަންކަން

24ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ މި ތިން މައްސަލައަށް ބަލާއިރު، ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ހަތަރު ކަމެއް ފާހަގަ ކުރެވެއެވެ.

ފުރަތަމަ ކަމަކީ، އަޙްމަދު ރަޝީދުގެ މައްސަލައިގައި ޢަލީ ޒުބައިރު އާއި އިތުރު ދެ މީހަކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިޖުރާއީ އައިބުތައް ގިންތިކޮށް، އިޖުރާއީ އައިބަކީ ކޮންކަހަލަ އައިބެއްތޯ ބެލުމުގެ އުސޫލު ހިނގާނެކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމެވެ.

ދެވަނަ އަށް ގޮތެއް ނިންމަންޖެހޭ ނުކުތާއަކީ، ޤާނޫނާ ޚިލާފު ބަންދެއްގައި ބަހައްޓައިގެން ހިންގާ ތަޙްޤީޤެއްގެ މައްޗަށް ދަޢުވާ އުފުލިދާނެ ކަން ނުވަތަ ނޫންކަމާމެމެދުގައެވެ. އަދި ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ މުއްދަތުގައި ތުހުމަތު ކުރެވޭ މީހާ ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނެއް އޭނާއާ ދެކޮޅަށް ބޭނުން ކުރެވިދާކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. މީއީ އަޙްމަދު ރަޝީދުގެ މައްސަލާ ގުޅިގެން ގޮތެއް ނިންމަންޖެހޭ ނުކުތާއެކެވެ.

ތިން ވަނައަށް ގޮތެއް ނިންމަންޖެހޭ ކަމަކީ، ކޯޓު އަމުރު ދޫކުރުމުގެ އިޚްތިޞާޞް ނެތް ކޯޓަކުން ދޫކޮށްފައިވާ ކޯޓު އަމުރެއް ތަންފީޛުކުރުމުގެ ތެރެއިން ހޯދާ ހެއްކަކީ ކޯޓަށް ބަލައިގަނެވިދާނެ ހެއްކެއްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމެވެ. މިއީ އިސްމާޢީލް މީރާންއާއި، މަރްޔަމް ތިލްމީޒާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ދެ މައްސަލައިގައި ފާހަގަ ކޮށްފައިވާ ނުކުތާއެކެވެ.

ހަތަރު ވަނައަށް ގޮތެއް ކަނޑައަޅަން ޖެހެނީ، ޖިނާއީ އިޖުރާއަތުގެ 119 ވަނަ މާއްދާގައި ބަޔާންވެގެންވާ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން އެ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގައިވާ ހާލަތުގައި ފިޔަވައި އެހެން ހާލަތަކާ ގުޅިގެން ދަޢުވާ ފޯމު ބާޠިލު ކުރެވިދާނެކަން ނުވަތަ ނޫންކަމާމެދުގައެވެ. މިއީ ވެސް އިސްމާޢީލް މީރާންއާއި، މަރްޔަމް ތިލްމީޒާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ދެ މައްސަލައިގައި ފާހަގަ ކޮށްފައިވާ ނުކުތާއެކެވެ.

އިޖުރާއީ އައިބުތައް ރަނގަޅުކުރުން

25ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އަޙްމަދު ރަޝީދު މައްސަލަ އިސްތިއުނާފު ކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ފާހަގަ ކޮށްފައިވާ އެއްކަމަކީ، ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އާއި އިތުރު ދެ މީހަކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި އިޖުރާއީ އައިބުތަކަށް ފަރުވާ ކުރުމުގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް މި މައްސަލަ ހައިކޯޓުން ނިންމާފައިވާ ކަމުގައެވެ. މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން ޢަލީ ޒުބައިރު އާއި އިތުރު ދެ މީހަކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ސުޕްރީމް ކޯޓުން އިޖުރާއީ އައިބުތަކާމެދު ކަނޑައަޅާފައިވާ އުސޫލު އެ އޮފީހުން ތަފުސީލު ކޮށްދީފައިވެއެވެ. މި ގޮތުން އެ މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަންނަނިވި ޢިބާރާތް އެ އޮފީހުގެ ފަރާތުން ފާހަގަ ކުރެއެވެ.

"... ބައެއް އިޖުރާއާތުތަކަކީ އެއާ ޚިލާފުވުމުގެ ސަބަބުން، ތުހުމަތުކުރެވޭ މީހާގެ އަސާސީ ޙައްޤެއް ގެއްލިގެން ހިނގައިދާނޭ ކަންކަމެވެ. އަދި އޭގެ ސަބަބުން މައްސަލައިގެ ނިޔާއަށް އަސަރު ކުރާނެ ކަންކަމެވެ. ބައެއް ޙާލަތްތަކުގައި ބަންދުގައި ހުރި މީހެއްނަމަ ބަންދުން އެ މީހަކު ދޫވެގެންދާ ޙާލަތްތަކެވެ. އަނެއް ބައި ކަންކަމަކީ، ތުހުމަތުކުރެވޭ މީހާއަށް ލިބެންޖެހޭ އަސާސީ ޙައްޤަކާ ގުޅުމެއް ނެތް، އަދި އެ އިޖުރާއާތު ރަނގަޅު ކުރެވުމުގެ ފުރުސަތު އޮންނަ، އިދާރީ އިންތިޒާމުތަކެކެވެ. އެފަދަ ކަންކަމުގެ ސަބަބުން މައްސަލައެއްގެ މައުޟޫޢުއަށް އަދި މައްސަލައިގެ ނިޔާއަށް އަސަރެއް ނުކުރާނެއެވެ. އިޖުރާއަތު ތަންފީޒުކުރާ ފަރާތަކުން ހަދާ ގޯހެއްގެ ސަބަބުން، ޤާނޫނުއަސާސީގެ ދަށުން ލިބެންޖެހޭ އަސާސީ ޙައްޤެއް ގެއްލިގެން ނުދާނަމަ އަދި، އެ ޚިލާފުވި އިޖުރާއަތަކީ ރަނގަޅުކުރެވުމުގެ ފުރުސަތު އޮތް އިޖުރާއާތެއްނަމަ، އެކަމެއް ރަނގަޅުކުރުމާއެކު، އެ މައްސަލައެއް ކުރިއަށް ގެންދެވިދާނެއެވެ."

26މަތީގައި މި ބުނެވިދިޔަ ނުކުތާ ފާހަގަ ކުރުމާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަޙްމަދު ރަޝީދުގެ މައްސަލައިގައި ފުލުހުން ޢަމަލު ކޮށްފައިވަނީ އެފަދަ އެހެން މައްސަލަތަކުގައި ވެސް ޢަމަލުކުރާ އުސޫލުން ކަމުގައްޔާއި، މި މައްސަލައިގައި ހަމައެކަނި މެދުވެރިވެފައިވާ ކަމަކީ، މި މައްސަލައިގައި އަމުރުތައް ނެރެފައިވާ ކޯޓަކީ އެ ފަދަ އަމުރުތައް ނެރުމުގެ އިޚްތިޞާޞް އޮތް ކޯޓެއްކަމާމެދު އެ އަމުރުތައް ތަންފީޛުކޮށް ނިމުނު ފަހުން ސުވާލު އުފެދުންކަން ފާހަގަ ކޮށްފައިވެއެވެ.

27HN1HN2ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އާއި އިތުރު ދެ މީހަކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައަށް ބަލާއިރު، އެ މައްސަލައިގައި އިޖުރާއީ ގޯސްތައް ނުވަތަ އައިބުތައް ގިންތިކޮށް ރަނގަޅު ކުރުމާމެދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އާއި، ފަނޑިޔާރު ޙުސްނުއްސުޢޫދު ބަހުސް ކުރައްވާފައިވެއެވެ. މި ބަހުސްގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އިޖުރާއީ އައިބުތަކަށް ފަރުވާ ދިނުމުގައި ގެންގުޅެފައިވާ ޓެސްޓަކީ އިޖުރާއަތު ފުރިހަމަވެފައިވާ ގޮތުގެ ނަތީޖާއަށް ބަލައިގެން އެ އިޖުރާއީ އައިބަކީ ފަރުވާ ދެވޭނެ އައިބެއްތޯ ބެލުމުގެ ޓެސްޓެވެ. މި ގޮތުން ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އިޖުރާއީ އައިބުތައް ގިންތި ކުރައްވާފައިވަނީ، (1) އަސާސީ ޙައްޤަކާ ގުޅިފައިވާ، އަދި މައްސަލައިގެ ނިޔާއަށް އަސަރުކުރާ ގޯސްތަކާއި، (2) އަސާސީ ޙައްޤަކާ ގުޅުމެއްނެތް އަދި މައްސަލައިގެ މައުޟޫޢާއި ނިޔާއަށް އަސަރު ނުކުރާ، ނަމަވެސް ރަނގަޅު ކުރުމުގެ ފުރުސަތު އޮންނަ އިޖުރާއަތުތަކަށެވެ. ފަނޑިޔާރު ޙުސްނުއްސުޢޫދު އިޖުރާއީ އައިބުތަކަށް ފަރުވާ ދިނުމުގައި ބަޔާންކުރައްވާފައިވާ ޓެސްޓަކީ އިޖުރާއަތު ފުރިހަމަ ކުރުމުގެ ތެރޭގައި އަމަލުކޮށްފައިވާ ގޮތަށް ބަލައިގެން އެ އިޖުރާއީ އައިބަށް ފަރުވާ ދެވޭތޯ ބެލުމުގެ ޓެސްޓެވެ. މި ގޮތުން އިޖުރާއަތު ފުރިހަމަ ކުރުމުގައި އަމަލުކޮށްފައިވާ ގޮތުން އެ އިޖުރާއަތު ފެތެނީ އަންނަނިވި ހާލަތުންކުރެ ކޮން ހާލަތަކަށްތޯ ބަލަންޖެހޭނެ ކަމުގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ބަޔާންކުރައްވާފައިވެއެވެ.

ފުރަތަމަ ހާލަތަކީ، އިޖުރާއީ ޤާނޫނުގައި ވަކިކަމެއް ކުރުން މަނާކޮށްފައި ވަނިކޮށް އެ ނޫން ގޮތަކަށް އެކަންކުރުމެވެ. މިހާލަތުގައި ނުކުންނާނެ ނަތީޖާއަކީ އެކަމަކީ ޣައިރު ޤާނޫނީ ކަމަކަށްވުމެވެ. އަދި މިފަދަ ކަމެއް ފަހުން ޤާނޫނީ ކަމަކަށް ނުހެދޭނެއެވެ.

ދެވަނަ ހާލަތަކީ، އިޖުރާއަތު ޤާނޫނުގައި އިޖުރާއަތު ބަޔާންވެފައިވާ ގޮތަށް އެންމެ ފުރިހަމައަށް އެ އިޖުރާއަތު ފުރިހަމަކޮށްފައި ނެތުމެވެ. އުނިކަންތަކާއެކު ނުވަތަ އައިބުތަކާއެކު އެކަން ކޮށްފައިއޮތުމެވެ. މި ހާލަތުގައި އެ އުނިކަމަކީ ޠަބީޢީ އިންސާފުގެ ހަމަތަކާ ޚިލާފު އުނިކަމަކަށް ނުވަތަ ޢައިބަކަށް ވެގެން ނުވާނެއެވެ. އަދި މި ހާލަތުގައި ފުރިހަމަ ނުކުރެވުނު އިޖުރާއަތު ފުރިހަމަކޮށް އިސްލާހު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

28އިޖުރާއީ އައިބުތަކަށް ފަރުވާ ދިނުމުގައި ޢަލީ ޒުބައިރު އާއި އިތުރު ދެ މީހަކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ހުރިހާ ފަނޑިޔާރުންމެ އިއްތިފާޤުވާ އެއްކަމަކީ އިޖުރާއަތެއް އެންމެ ފުރިހަމައަށް ފުރިހަމަވެފައި ނެތް ނަމަވެސް، އެ އިޖުރާއަތު ރަނގަޅު ކުރުމުގެ ފުރުސަތު އޮތްނަމަ އެއީ ފަރުވާދީ ރަނގަޅު ކުރެވިދާނެ އިޖުރާއަތެއް ކަމެވެ.

29ޢަލީ ޒުބައިރު އާއި އިތުރު ދެ މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި އިޖުރާއީ އައިބުތައް ރަނގަޅު ކުރުމާމެދު ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ބަޔާން ކޮށްފައިވާ ޓެސްޓަކީ، އެ މައްސަލައިގެ ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ އިބްރާހީމް ޚުޝާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި އާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ސުޕްރީމް ކޯޓުން ގެންގުޅެފައިވާ ޓެސްޓެވެ. ވުމާއެކު، އިޖުރާއީ އައިބުތަކަށް ފަރުވާކުރުމުގައި ސުޕްރީމް ކޯޓުން ގެންގުޅޭ އަދާހަމަ ޓެސްޓަކީ ފަނޑިޔާރު ޙުސްނުއްސުޢޫދު ޢަލީ ޒުބައިރު އާއި އިތުރު ދެ މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ގެންގުޅެފައިވާ ޓެސްޓެވެ.

30އިޖުރާއީ ގޮތުން ހެދޭ ގޯސްތައް ނުވަތަ އިޖުރާއީ އައިބުތައް ރަނގަޅު ކުރުމުގައި ސުޕްރީމް ކޯޓުގެ އެކި މައްސަލަތަކުގައި ކަނޑައަޅާފައިވާ އުސޫލަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަޙްމަދު ރަޝީދުގެ މައްޗަށް އިސްތިއުނާފު ކޮށްފައިވާ މައްސަލައަށް ފެތޭ އުސޫލެއްކަން ނުވަތަ ނޫންކަމަށް ބަލާއިރު، ފާހަގަ ކުރެވޭ އެންމެ މުހިންމު ކަމަކީ، އަޙްމަދު ރަޝީދުގެ މައްސަލައިގައި ވާހަކަ ދެކެވޭ ބަލާ ފާސްކުރުމުގެ އަމުރު ތަންފީޒު ކުރުމުގައި އިޖުރާއީ ގޯހެއް ހެދިފައި ނުވާކަމަށާއި، މި މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅައި ބަޔާންވެފައިވާ ގޮތުގެ މަތިން ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނާކަމެވެ. އަދި މި މައްސަލައިގައި ހަމައެކަނި ކުރިމަތިވެފައިވާ ކަމަކީ، ބަލާ ފާސްކުރުމުގެ އަމުރު ދޫކުރި ކޯޓަކީ އެ އަމުރު ނެރުނު ދުވަސްވަރު، އެފަދަ އަމުރުތައް ނެރުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓެއްކަމާމެދު ސުވާލު އުފެދުންކަން ވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރެއެވެ.

31HN3ބަހުސްގެ ބޭނުމަށްޓަކައި، ބެލިނަމަވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ބަލާ ފާސްކުރުމުގެ އަމުރު ނެރުމުގެ އިޚްތިޞާޞް ނެތް ދުވަސްވަރެއްގައި ނެރެފައިވާ އަމުރެއް ތަންފީޒުކޮށް، ހެކި ހޯދައި އެއްތަންކޮށް އެ ހެކީގެ މައްޗަށް ދަޢުވާ ކޮށްފައި އޮންނަ އޮތުމަކީ، އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން އަލުން އަމުރެއް ހޯދައި، ކުރިން މިބުނި ހުރިހާ ކަމެއް އަލުން ފަށައިގެން ނިޔަލަށް ރަނގަޅު ކުރުމުގެ އިހުތިމާލު އޮތް އިޖުރާއަތުތަކެއްކަމުގައި އަހުރެން ނުދެކެމެވެ.

ޤާނޫނާ ޚިލާފު ބަންދެއްގައި ބަހައްޓައިގެން ތަޙްޤީޤު ކުރިއަށް ގެންދިއުމާއި، އެ މަރުޙަލާގައި ހޯދާ ހެކި ބަލައިގަތުން

32ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަޙްމަދު ރަޝީދުގެ މައްސަލައިގެ އިސްތިއުނާފީ ނުކުތާ ތަފުސީލު ކުރަމުން ފާހަގަ ކޮށްފައިވާ އެއްކަމަކީ، އަޙްމަދު ރަޝީދު ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަނޑައެޅި ނަމަވެސް، އެކަމަކީ، އޭނާގެ މައްޗަށް ހިންގާފައިވާ ތަޙްޤީޤަށް އަސަރު ކުރާނެ ކަމެއް ނޫންކަމުގައެވެ.

33HN4ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބެހެއްޓުމުގެ އުސޫލަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ އުސޫލެކެވެ. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން ބަންދުކުރެވޭ ޙާލަތްތަކަށް ބަލާއިރު، އެ މާއްދާގައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ބަންދުގައި ހުންނަ ހުރުމާއި، އެ މީހާގެ މައްޗަށް ހިންގޭ ތަޙްޤީޤާއި ގުޅުމެއް އޮތް ހާލަތެއް ބަޔާން ކޮށްފައިނުވެއެވެ. މީގެ އިތުރުން އެ ހާލަތްތަކުގެ ތެރޭގައި ތަޙްޤީޤުގެ ބޭނުމަށް ނުވަތަ ތަޙްޤީޤު ނިމެންދެން ބަންދުކުރެވިދާނެ ކަމުގައި ބަޔާންކޮށްފައި ނުވެއެވެ. މި އުސޫލުތައް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ލިޔެވިފައިވަނީވެސް ހަމަ މިގޮތަށެވެ.

34HN5ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، ހައްޔަރު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ކޯޓަކުން ކަނޑައެޅުމުން ނުކުންނާނެ ނަތީޖާތައް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައްޔާއި ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންވެފައިވެއެވެ. މިފަދަ ނަތީޖާތަކުގެ ތެރޭގައި އެ މީހެއްގެ މައްޗަށް ހިންގޭ ތަޙްޤީޤު އެ ހިސާބުން ނިމުމާއި، އެމީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ތަޙްޤީޤު އިދާރާތަކުން ހޯދާފައިވާ ހެކި ޞައްޙަ ނުވުމާއި، މުއްދަތު މަޖިލީހުގައި އެމީހަކު ދޭ ބަޔާން ހެކީގެ ގޮތުގައި ކޯޓުތަކަށް ބަލައި ނުގަތުންފަދަ ނަތީޖާއެއް ބަޔާންވެފައި ނުވެއެވެ.

35މި ބަހުސްގެ ޚުލާޞާއަކީ، ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ހައްޔަރު ކުރުމަކީ، ނުވަތަ ބަންދުކޮށްފައިވާ ކުރުމަކީ، ޤާނޫނާ ޚިލާފު ހައްޔަރެއްކަމުގައި، ނުވަތަ ބަންދެއް ކަމުގައި ކަނޑައެޅުމުގެ ނަތީޖާއެއްގެ ގޮތުން އެ މީހެއްގެ މައްޗަށް ޤާނޫނޫ ތަންފީޒުކުރާ އިދާރާއަކުން ހޯދާ ހެކި އެ ސަބަބަށްޓަކައި ކޯޓުން ޤަބޫލުކުރަން ނުޖެހޭ ޤާނޫނީ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ.

އުސޫލު ތަޤުބީޤު ކުރުން

36HN6އަޙްމަދު ރަޝީދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މުއްދަތު މަޖިލީހުގައި ދީފައިވާ ބަޔާނަކީ، އެ މަޖިލީހުގައި އޭނާ ދިނުން ޤާނޫނު ލާޒިމުކުރާ ބަޔާނެއް ނޫނެވެ. އެ މުއްދަތު މަޖިލީހަކީ، ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހާޒިރުކުރެވުނު މަޖިލީހަކަށްވެފައި، އެ ފަދައިން ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ފަހުން ނިންމި ނިންމުގެ ނަތީޖާއަކަށް ވެގެންދާނީ އޭނާ ބަންދުން ދޫވުމެވެ. އެއަށްވުރެ ދުރަށް އެ ނަތީޖާ ގެންދެވޭނެ ކަމުގައި އަހުރެން ނުދެކެމެވެ. ކަންމިހެން އޮތުމުން، މުއްދަތު މަޖިލީހުގައި އަޙްމަދު ރަޝީދު ދީފައިވާ ބަޔާން ހެއްކެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމުގައި ދެކެމެވެ.

37އަދި އަޙްމަދު ރަޝީދުގެ މައްޗަށް ހިންގުނު މުޅި ތަޙްޤީޤާއި، އެ ތަޙްޤީޤުގައި ހޯދާފައިވާ ހެކިތަކަކީ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު މައްސަލައިގެ ނަތީޖާއެއްގެ ގޮތުން ބާޠިލުވާނެ ކަންތައްތަކެއް ނޫނެވެ. އެހެނީ އަޙްމަދު ރަޝީދު ބަންދު ކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ކަނޑައެޅުމާއި، އޭނާގެ މައްޗަށް ތަޙްޤީޤު ހިންގުމާއި އެއީ ތަފާތު ދެކަމެކެވެ. އެހެން ގޮތަކަށް ބުނާނަމަ، އޭނާގެ ތަޙްޤީޤު ފުރިހަމަވުމަށްޓަކައި ބަންދުގައި ހުރުން ލާޒިމެއް ނޫނެވެ. ބަންދުގައި ހުންނަ ހުރުމުގައި، އަދި ބަންދުން ދޫވުމަށްފަހުވެސް ތަޙްޤީޤު ކުރިއަށް ދެވިދާނެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަރުހީބު ދެނީ ބަންދު ނުކޮށް ތަޙްޤީޤު ކުރުމަށޭ ވެސް ބުނެވިދާނެއެވެ.

38ކަންމިހެން އޮތުމުން، ހައިކޯޓުގެ ނަންބަރު2022/HC-B12/3 ޤަޟިއްޔާގައި، އަޙްމަދު ރަޝީދު ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައިވާތީ، ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި އަޙްމަދު ރަޝީދު ދީފައިވާ ބަޔާން ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭނެކަމަށް ނިންމާފައިވާ ނިންމުމާއި، އަހްމަދު ރަޝީދު ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ކަނޑައަޅާފައިވާތީ، އޭނާގެ މައްޗަށް ހިންގުނު ތަޙްޤީޤަކީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 52 ވަނަ މާއްދާއާ ޚިލާފަށް ހިންގާފައިވާ ތަޙްޤީޤެއް ކަމުގައިބުނެ، އެ ތަޙްޤީޤުގެ މައްޗަށް އޭނާގެ މައްޗަށް އުފުލިފައިވާ ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމުގައި ކަނޑައަޅާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ.

ޤާނޫނާ ޚިލާފަށް ހޯދާ ހެކި ބަލައިގަނެވިދާނެތޯ؟

39ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި، "މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަންކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެއެވެ." މި ފަދައިން ބަޔާންކޮށްފައި ވެއެވެ.

40އަހުރެންގެ ކުރިމަތީގައި މި އޮތް އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ މައްސަލައަށް ބަލާއިރު، އެ މައްސަލައިގައި މަސްތުވާތަކެތި ފެނިފައިވާ ތަނަށް ވަދެވޭނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓު އަމުރެއް ހޯދައިގެން ކަމާމެދު މި މައްސަލައިގައި ސުވާލެއް އުފެދިފައި ނުވެއެވެ. އަދި އެ ތަނަށް ފުލުހުން ވަދެ ބަލާ ފާސްކޮށްފައި ވަނީވެސް ކޯޓު އަމުރެއް އޮވެގެންނެވެ.

41ވުމާއެކު ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ ބަލާފާސް ކުރުމުގެ އަމުރު ނެރުމުގެ އިޚްތިޞާޞް ނެތް ކޯޓަކުން ދޫކޮށްފައިވާ ބަލާ ފާސްކުރުމުގެ އަމުރު ތަންފީޒު ކުރުމުގެ ތެރެއިން ހޯދާ ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކަށް ނުވާނެ ހެއްޔެވެ؟ މި ސުވާލަށް ލިބޭ ޖަވާބަކީ، އެ ހެކިތަކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިތަކެއް ނަމަ، މި ހެކި ޝަރީޢަތަށް ޤަބޫލު ކުރެވިދާނެ ހެއްޔެވެ؟

42މި ތަނުގައި އަމުރު ދޫކުރުމުގެ އިޚްތިޞާޞް އަމުރު ދޫކުރި ވަގުތުގައި ލިބިފައިނުވާކަމަށް މި ބުނަނީ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ތާއީދު ކުރަމުންނެވެ. އެ ނިންމުމުގައި ބަހުސް ކުރެވިފައިވަނީ ހައްޔަރު ކުރުމަށް ދޫކޮށްފައިވާ އަމުރުތަކަކާ މެދުގައެވެ. ނަމަވެސް، ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅިފައިވާ ޤާނޫނުތަކުގައި ހައްޔަރު އަމުރުތަކާއި ބަލާ ފާސްކުރުމުގެ އަމުރުތަކާ ގުޅިގެން ކޯޓުތައް ތަފާތުކޮށް އިޚްތިޞާޞް ކަނޑައަޅާފައިނުވެއެވެ. އަދި ވަކިން ޚާއްޞަކޮށް އަހުރެންގެ ކުރިމަތީގައި މި އޮތް ތިން މައްސަލައިގައި އުފެދޭ މައިގަނޑު ބަހުސް ފެށުމަށް މެދުވެރިވެފައިވަނީ، މެޖިސްޓްރޭޓް ކޯޓުތަކަށް ޤާނޫނުން ލިބިދިފައިވާ އިޚްތިޞާޞްގެ ތެރެއިން ހަމައެކަނި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞްއިން ޖިނާއީ އެކިއެކި މައްސަލަތަކާ ގުޅިގެން ނެރެންޖެހޭ އަމުރު ނެރުމުގެ އިޚްތިޞާޞް އުނިކޮށް ސުޕްރީމް ކޯޓުން 07 ފެބްރުއަރީ 2016 ގައި ނެރެފައިވާ ސަރކިއުލަރ އާއި، މި ސަރކިއުލަރއާ އެއްގޮތަށް، އެ ކޯޓުގެ އިޚްތިޞާޞް ޤާނޫނާ އެއްހަމަ ކުރުމެއްނެތި، 08 އޮގަސްޓް 2018 ގައި ޢަމަލު ކުރުމަށްފެށި، "ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި އެ ފަދަ އަމުރުތައް ނެރުމުގެ އިޚްތިޞާޞް ލިބިދޭ ކޯޓުތައް ބަޔާންކޮށްފައި އޮތުމުގެ ސަބަބުންނެވެ. އަދި މީގެ އިތުރަށް 08 އޮގަސްޓް 2018 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ޢާންމު ސިޓީއިން ވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞަށް ހައްލެއް ގެނެސްދީފައި ނުވުމުގެ ސަބަބުންނެވެ. ޖިނާއީ އެކިއެކި މައްސަލަތަކާ ގުޅިގެން ނެރެންޖެހޭ އަމުރު ނެރުމުގެ އިޚްތިޞާޞް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ލިބި ދީފައިވަނީ 07 ޖުލައި 2019 ގައި ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުންނެވެ.

43ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞަށް އުނިއިތުރު ގެނެސް ޢަމަލުކުރަމުން އައިސްފައިވާ ސަރކިއުލަރ އާއި ޢާންމު ސިޓީއާއި، "ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި" އެ ކޯޓުގެ އިޚްތިޞާޞް ބަޔާންކުރުމުގައި ހައްޔަރު ކުރުމުގެ އަމުރުތަކާއި، ބަލާ ފާސްކުރުމުގެ އަމުރުތައް ފަރަގު ކޮށްފައިނުވާތީ އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ މައްސަލައިގައި ވާހަކަ ދެކެވޭ ބަލާ ފާސްކުރުމުގެ އަމުރަކީ، އެ އަމުރު ނެރުނު އިރު، އެ އަމުރު ނެރުމުގެ އިޚްތިޞާޞް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ލިބިފައި ނެތްއިރު ދޫކޮށްފައިވާ އަމުރެއް ކަމުގައި ބަލާނަމެވެ. އަދި އަޙްމަދު ރަޝީދުގެ މައްސަލައިގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރަކީވެސް އެ އަމުރު ނެރުމުގެ އިޚްތިޞާޞް އެ ވަގުތު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ލިބިފައި ނެތް އިރު ދޫކޮށްފައިވާ އަމުރެއް ކަމުގައި މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ، އެ އަމުރާމެދު އިތުރަށް ބަހުސްކުރުމުގެ ޖާގައެއް އޮތްކަމުގައި ނުދެކެމެވެ.

44HN7ޢާންމު އުސޫލަކީ ޤާނޫނާ ޚިލާފަށް ހޯދާ ހެކި ބަލައި ނުގަތުމެވެ. މި އުސޫލުގެ ފަހަތުގައިވަނީ ޤާނޫނުގެ ޙުކޫމަތު ދެމެހެއްޓުމާއި، އަބަދުމެ ޤާނޫނު ނެގެހެއްޓުމެވެ. ޤާނޫނުގެ ރައްކާތެރިކަން އަބަދުމެ އެންމެހައި ފަރާތްތަކަށް ލިބިދިނުމެވެ. ވަކިން ޚާއްޞަކޮށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަކީ ޤާނޫނާ އެއްގޮތަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކަށް ވުމެވެ. އަދި ޤާނޫނު ތަންފީޒުކުރާ ފަރާތަކުން ޤާނޫނު އެކަހެރިކޮށް އެއްފަރާތް ކުރުމަށްފަހު ހެކި ހޯދުން މަނާކުރުމެވެ. އަދި ހެކި ހޯދި ނަމަވެސް، އެ ހެކި ޝަރީޢަތުން ބަލައި ނުގަނެ ހެކި ހޯދުމަށް ޤާނޫނާ ޚިލާފަށް މަސައްކަތްކުރި ފަރާތްތަކަށް އެކަމުން ނަތީޖާއެއް ހާސިލުވިޔަ ނުދިނުމެވެ.

45ޤާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލަކީ ޢާންމު އުސޫލެކެވެ. ސުވާލަކީ މި ޢާންމު އުސޫލަށް އިސްތިސްނާތަކެއްވޭ ހެއްޔެވެ؟ މި މައްސަލައިގައި ޤާނޫނާ ޚިލާފަށް ދޫކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ތެރެއިން ހޯދާ ހެކި ބަލައިގަނެވިދާނެކަން ނުވަތަ ނޫންކަމާމެދު އުފެދޭ ސުވާލަށް ޖަވާބު ހޯދުމަށްފަހު ތުހުމަތު ކުރެވޭ މީހާ ޣައިރު ޤާނޫނީ ބަންދެއްގައިވަނިކޮށް، މައްސަލަ ތަހްޤީޤުކޮށް ހޯދާ ހެކި ކޯޓަށް ބަލައިގަނެވިދާނެ ކަމާމެދު އުފެދޭ ސުވާލަށް ޖަވާބު ހޯދަން ޖެހެއެވެ.

ޣައިރު ޤާނޫނީ އަމުރެއް ތަންފީޛުކޮށް ހޯދާ ހެކި ބަލައިގަތުން

46HN8ޤާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ބަލައި ނުގަތުމުގެ އުސޫލަކީ ޤާނޫނުއަސާސީގެ އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނިފައިވާ އުސޫލެއް ކަމުގައިވާތީ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ދަށުން މި އުސޫލަށް މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ ގޮތް ބެލުމަކީ، އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކެމެވެ.

47ހެއްކާބެހޭ ތަފުސީލީ ޤާނޫނެއް ރާއްޖޭގައި ނެތް ނަމަވެސް، މިނިވަން ދީމިޤްރާޠީ މުޖުތުމަތަޢުތަކުގައި ޤާނޫނާ ޚިލާފަށް ހޯދާ ހެކި ބަލައިގަތުމުގައި އިސްތިސްނާ ހާލަތްތަކެއް ކަނޑައަޅައި އުސޫލުތަކެއް ގެންގުޅެއެވެ. މި ފަދަ އުސޫލުތަކުގެ ތެރޭގައި، ޤާނޫނު ތަންފީޒުކުރާ ފަރާތުން ހެޔޮ ނިޔަތުގައި ކުރާ ޢަމަލެއްގެ ސަބަބުން ލިބޭ ހެއްކާއި (Good Faith Exception)، މުސްތަގިއްލު ތިންވަނަ ފަރާތަކުން ނުވަތަ އެހެން ތަޙްޤީޤެއްގެ ތެރެއިން ލިބޭ ހެއްކާއި (Independent Source Doctrine) ، ޤާނޫނާ އެއްގޮތަށް ޢަމަލު ކުރިނަމަވެސް ފެންމަތި ނުވެ ނުދާނެ ހެކި (Inevitable Discovery Doctrine) ފަދަ ހެކިތައް ބަލައިގަތުން ފަދަ އުސޫލުތައް ހިމެނެއެވެ.

ހެޔޮ ނިޔަތުގެ އިސްތިސްނާ

48HN9ޤާނޫނު ތަންފީޒުކުރާ ފަރާތަކުން ޤާނޫނާ ޚިލާފަށް ހެޔޮ ނިޔަތުގައި ކުރާ ޢަމަލެއްގެ ނަތީޖާއިން ހެކިތަކެއް ލިބިއްޖެނަމަ، އިސްތިސްނާއީ ހާލަތްތަކުގައި އެ ހެކިތައް ކޯޓުތަކުން ބަލައިގަނެއެވެ. ނަމަވެސް، މިފަދަ ހެކިތައް ބަލައިގަތުމުގައި ކޮންމެ މައްސަލައެއްގެ ވާޤިޢާތައް ވަކިވަކިން ބަލަންޖެހެއެވެ. މި ގޮތުން މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި، ޤާނޫނު ތަންފީޒުކުރާ ފަރާތުގެ ޢަމަލުތައް ހުރީ ޤާނޫނާ އެއްގޮތަށް ޢަމަލުކުރާ ހާލަތުގައި އޭނާގެ ޢަމަލުތައް ހުންނާނެ ގޮތުގައިކަން ނުވަތަ ނޫންކަމާއި، އޭނާގެ ޢަމަލުން ހީލަތްތެރިކަމެއް ނުވަތަ ނުނިޔަތެއް ފާޅުވާކަން ނުވަތަ ނޫންކަން ވަޒަންކުރާކަން މިފަދަ ނިންމުންތަކުން ފާހަގަވެއެވެ. މިފަދައިން ވަޒަންކުރުމުގައި ޤާނޫނު ތަންފީޛު ކުރާ ފަރާތުގެ ޢަމަލަކީ ޤާނޫނާ ޚިލާފު ޢަމަލެއް ނަމަވެސް، އެ ޢަމަލުގެ ސަބަބުން ލިބޭ ނުވަތަ ހޯދާ ހެކި ކޯޓުތަކުން ބަލައިގަންނަމުން ގޮސްފައިވެއެވެ.

49މިފަދަ އެއް މައްސަލައަކީ، އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ United States v. Leon މައްސަލައެވެ. މި މައްސަލައިގައި ފުލުހުން ހިންގި ތަޙްޤީޤެއްގައި ބައިވަރު މަސްތުވާތަކެތި ފެނިފައިވެއެވެ. ނަމަވެސް މި މައްސަލައިގައި ފުލުހުން ބަލާ ފާސްކުރުމަށް ކޯޓު އަމުރެއް ހޯދާފައިވަނީ، ކޯޓުގައި "އެކަށީގެންވާ ސަބަބެއް" ސާބިތުކޮށް ދިނުމެއް ނެތި ކަމުގައިވާތީ، އެ އަމުރަކީ ޞައްޙަ އަމުރެއް ނޫންކަމުގައި ކޯޓް އޮފް އެޕީލްސްއިން ކަނޑައެޅިއެވެ. ނަމަވެސް، މި އަމުރު ތަންފީޒު ކުރުމުގެ ތެރެއިން ހޯދާފައިވާ ހެއްކަކީ ޣައިރު ޤާނޫނީ ހެކި ނޫންކަމުގައި އެ ގައުމުގެ ސުޕްރީމް ކޯޓުން އެ މައްސަލަ އެ ކޯޓަށް އިސްތިނާފުކުރުމުން ކަނޑައަޅާފައިވެއެވެ. އަދި އެމެރިކާގެ ސުޕްރީމް ކޯޓުން މިއުސޫލުތައް Arizona v Evans މައްސަލައިގައި ތަޠުބީޤު ކޮށްފައިވެއެވެ. އެންމެ ފަހުން އެ ކޯޓުން މި އުސޫލުތައް ނަގަހައްޓާފައިވާ އެއް މައްސަލައަކީ، Herring v. United States އެވެ. އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މި ނިންމުން އެ ގައުމުގެ ބައެއް ސްޓޭޓްތަކުގެ ސުޕްރީމް ކޯޓުތަކުން ވެސް ބަލައިގަނެ ތަޠުބީޤު ކޮށްފައިވެއެވެ.

50މި ނިންމުންތަކަށް ބަލާއިރު، ޤާނޫނު ތަންފީޒު ކުރާ މުވައްޒަފުގެ ހެޔޮ ނިޔަތެއް އޮތްކަން ނުވަތަ ނޫންކަން ބަލާފައިވަނީ، ކޮންމެ މައްސަލައިގައި ވަށައިގެންވާ ކަންކަމަށް ރިޢާޔަތް ކޮށްގެނެވެ. ސަބަބަކީ ކޮންމެ މައްސަލައެއްގެ ވާޤިޢާތަކަކީ ތަފާތު ވާޤިޢާތަކަކަށްވުމެވެ. މި ފަދައިން ބެލުމަށްފަހު، މި މައްސަލަތަކުގައި ދުސްތޫރު ނުވަތަ ޤާނޫނީ އުސޫލުތައް އެއްފަރާތްކުރުމުގައި ޤާނޫނު ތަންފީޒުކުރާ މުވައްޒަފުގެ ޢަމަލުގައި މަކަރެއް، ހީލަތެއް، އޮޅުވާލުމެއް ނެތްކަން ކަށަވަރު ކޮށްފައިވެއެވެ. އަދި ފެނިފައިވާ ހެކީގެ ޠަބީޢަތަށްވެސް ރިޢާޔަތް ކޮށްފައިވެއެވެ.

51HN10މީގެ އިތުރަށް ޤާނޫނާ ޚިލާފަށް ހެކި ހޯދުމަށް މަސައްކަތް ކުރި މުވައްޒަފުގެ ޢަމަލަކީ، އެ ޢަމަލުގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް، ކަނޑައެޅިގެން ޤާނޫނު އެއްފަރާތް ކުރުމުގެ ޢަމަލެއްކަން ނުވަތަ، އެ ޢަމަލަކީ ޤާނޫނީ ގޮތުން ދެކޮޅުޖެހޭ، ރަނގަޅު ޢަމަލެއް ކަމުގައި، ޤާނޫނީ ގޮތުން ބަހުސްކުރެވޭނެ ޖާގައެއް އޮތް ޢަމަލެއްކަން އެ ޢަމަލާމެދު ގޮތެއް ނިންމުމުގައި ބަލަންޖެހޭނެއެވެ.

އުސޫލުތައް ތަޠުބީޤު ކުރުން

52އިސްމާޢީލް މީރާން އާއި، މަރްޔަމް ތިލްމީޒާގެ މައްސަލައިގައި ބަލާ ފާސްކުރުމުގެ އަމުރާމެދު ސުވާލު އުފައްދައި ފާހަގަ ކޮށްފައިވަނީ އެ އަމުރު ނެރެފައިވަނީ އަމުރު ނެރުމުގެ އިޚްތިޞާޞް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް އެ އަމުރު ނެރުނުއިރު، އަމުރު ނެރުމުގެ އިޚްތިޞާޞް ލިބިފައިނުވާތީ އެ މައްސަލައިގައި ފެނިފައިވާ ހެކި ކޯޓަށް ބަލައި ނުގަނެވޭނެ ކަމުގައެވެ. މި ފަދައިން ސުވާލު އުފައްދައި، ބަލާ ފާސްކުރުމަށް ނެރެފައިވާ އަމުރު އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުން އިސްތިއުނާފު ކޮށްފައި ނުވެއެވެ. އަދި މި ސުވާލު އެ ދެމީހުންގެ ފަރާތުން ފެންމަތިކޮށްފައި ވަނީ އެ ދެމީހުންގެ މައްޗަށް ހުށަހެޅުނު މައްސަލައިގެ އިބްތިދާއީ މަރުޙަލާގައެވެ.

53HN11ސުވާލަކީ އިޚްތިޞާޞް ނެތް ކޯޓެއްގެ އަމުރެއް ތަންފީޒު ކުރުމުގައި އެ އަމުރު ތަންފީޒު ކުރި ޤާނޫނު ތަންފީޒުކުރާ މުވައްޒަފު ދުސްތޫރީ އަދި ޤާނޫނީ އުސޫލުތައް އެއްފަރާތް ކުރުމުގައި ނުނިޔަތެއް، މަކަރެއް، ހީލަތެއް ނުވަތަ ގަސްތުގައި ޤާނޫނު އެއްފަރާތް ކުރީ ކަމުގައި ބެލެވޭނެ އެއްވެސް ކަމެއް އެބަ އޮތް ހެއްޔެވެ؟ އެ ޤާނޫނު ތަންފީޒުކުރި މުވައްޒަފުގެ އަމަލުތައް ހުރީ ޤާނޫނާ އެއްގޮތަށް ކޯޓު އަމުރެއް ހޯދައިގެން އެ އަމުރު ތަންފީޒުކުރި މުވައްޒަފެއްގެ އަމަލު ހުރި ފަދައިން ހެއްޔެވެ؟ ކޯޓު އަމުރު ތަންފީޒު ކުރުމުގެ ސަބަބުން ހެކި ފެނުނު ހެއްޔެވެ؟

54މި ސުވާލު ތަކަށް އިސްމާޢީލް މީރާން އާއި، މަރްޔަމް ތިލްމީޒާގެ މައްސަލައިގެ ވާޤިޢާތަކުން ލިބޭ ޖަވާބަކީ، ޤާނޫނު ތަންފީޒުކުރި ފަރާތުގެ ޢަމަލުތަކުގައި ޤާނޫނު އެއްފަރާތް ކުރުމުގެ ނުނިޔަތެއް ބަލާ ފާސްކުރުމުގެ އަމުރުތައް ތަންފީޒު ކުރުމުގައި ފާހަގަ ވެފައި ނުވެއެވެ. މި މައްސަލަތަކުގައި ބަލާ ފާސްކޮށްފައިވަނީ ކޯޓަކުން އަމުރެއް ހޯދުމަށްފަހުގައެވެ. އެ އަމުރު ތަންފީޒު ކުރުމުގައި އެ އަމުރުގެ ދާއިރާއިން ބޭރުވިކަން މައްސަލަތަކުގައި ދެކެވިފައިވާ ވާހަކަތަކުން އެނގެން ނެތެވެ. އަދި ބަލާ ފާސް ކުރުމުގެ އަމުރުތައް ތަންފީޒު ކުރުމުގެ ސަބަބުން ހެކިތަކެއް ފެނިއްޖެއެވެ. އެ ހެކިތަކުގެ ތެރޭގައި މަސްތުވާތަކެތި ހިމެނޭ ކަމާމެދު މި މައްސަލައިގައި ޚިލާފެއް ނުވެއެވެ. އަދި މި ފެނުނު ހެކިތަކަކީ ޤާނޫނީ އެހެން އުސޫލަކުން ހިމާޔަތެއް ލިބިގެންވާ ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގު އެކުލެވިފައިވާ ހެކިތަކެއް ނޫނެވެ. އެހެން ކަމުން އިސްމާޢީލް މީރާން އާއި، މަރްޔަމް ތިލްމީޒާގެ މައްސަލައި ފެނިފައިވާ ހެއްކަކީ ޤާނޫނު ތަންފީޒުކުރާ ފަރާތުން ހެޔޮ ނިޔަތުގައި ކޯޓު އަމުރުތަކެއް ތަންފީޒު ކުރުމުގެ ތެރޭގައި ފެނިފައިވާ ހެކިތަކެއް ކަމުގައިވާތީ، އެ ހެކިތައް މި އިސްތިސްނާއީ ހާލަތުގައި ބަލައިގަންނަން ޖެހޭނެ ކަމުގައި ދެކެމެވެ.

55HN12މީގެ އިތުރަށް، އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ މައްސަލައިގައި ބަލާ ފާސްކުރުމުގެ އަމުރު ތަންފީޒުކޮށް ހެކި ހޯދާފައިވާ މުއްދަތަކީ، އެއްވެސް ފަރާތަކުން ހުޅުމާލޭ ކޯޓަށް އެ އަމުރު ނެރުމުގެ އިޚްތިޞާޞް އޮތްކަމާމެދު ސުވާލު އުފެދިފައި އޮތް މުއްދަތެއް ނޫނެވެ. ޖިނާއީ މައްސަލަތަކާ ގުޅިގެން ނެރެންޖެހޭ އަމުރުތައް ނެރުމުގެ އިޚްތިޞާޞް ބަޔާންވެފައިވާ ގަވާއިދުތަކުގައި އެ އިޚްތިޞާޞް ދީފައިވަނީ ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ޤާނޫނުން ލިބިދީފައިވާ ކޯޓުތަކަށެވެ. މި ގޮތުން ކޯޓުތަކުގެ ޤާނޫނާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުން އެހެނިހެން މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިދޭ ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާނެ ފަދައިން ޖިނާއީ އެކިއެކި މައްސަލަތަކާ ގުޅިގެން ނެރެންޖެހޭ އަމުރުތައް ނެރުމުގެ އިޚްތިޞާޞްވެސް އެ ކޯޓަށް ލިބިގެންވާ ކަމުގައި ބަހުސްކުރުމުގެ ޖާގަ އެއިރު އޮތެވެ. ސަބަބަކީ، އެ ކޯޓުގެ އިޚްތިޞާޞާ ގުޅިގެން ނެރެފައިވާ ސަރކިއުލަރ އާއި، ޢާންމު ސިޓީގައި ކުރިން އިޝާރާތް ކުރި ޤާނޫނުތަކާ ޙަވާލާދީ އެއްވެސް ކަމެއް ބަޔާންކޮށްފައި ނުވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު މައްސަލައާ ހަމައިން މިކަމުގައި ސާފު ގޮތެއް ކަނޑައެޅިގެން ގޮސްފައިވެއެވެ. ވުމާއެކު، މިކަން އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ މައްސަލައިގައި ބަލާ ފާސްކުރުމުގެ އަމުރު ތަންފީޒުކުރި މުވައްޒަފުގެ ހެޔޮ ނިޔަތް އޮތްކަން ބެލުމަށް ބާރު އަޅާކަން ފާހަގަ ކުރަމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރުން

56ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ދަޢުވާ ފޯމު ބާޠިލު ކުރުމާމެދު ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޢަބްދުﷲ ރަޝީދު މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތައް މި މައްސަލައަށް އެ ކޯޓުން ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި، އިސްމާޢީލް މީރާންއާއި، މަރްޔަމް ތިލްމީޒާގެ ފަރާތުން ބުނެއެވެ.

57ހައިކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޢަބްދުﷲ ރަޝީދު މައްސަލައިގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރު ފިޔަވައި އެ އަކުރުގެ އެހެން ނަންބަރުތަކާ ޙަވާލާދީ ދަޢުވާ ފޯމު ބާޠިލުކުރުމަށް ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައިވާ ނުވަތަ އެ ޤާނޫނު ތަޞައްވުރު ކުރާ ކަމެއް ނޫންކަމުގައެވެ. މި ފަދައިން ބަޔާންކޮށްފައިވަނީ އެ އަކުރުގެ 02 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދަޢުވާ ކުރުމަށް ހުރަހަކަށްވެދާނެ ދިފާޢާ ބެހޭ ތަފުސީލު އެ ޤާނޫނުގެ 120 ވަނަ މާއްދާގައި ބަޔާންކުރުމަށްފަހު، އެ ދިފާޢު ސާބިތު ކޮށްދީފިނަމަ، އެ ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް އެ ހިސާބުން ކޯޓުން ކަނޑައަޅައި، މައްސަލަ ނިންމަންވާނެކަމަށް ބަޔާންކޮށްފައި ވުމުންނެވެ. އަދި މިފަދަ ނަތީޖާއެއް 119 ވަނަ މާއްދާގެ (ހ) ގައިވާ އެހެން ނަންބަރުތަކާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައި ނުވުމުންނެވެ.

58ހައިކޯޓުގެ މި ނިންމުމާމެދު ބަހުސްކުރަމުން އިސްމާޢީލް މީރާންއާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 03 ވަނަ ނަންބަރުގެ ދަށުން ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމާ ގުޅިގެންވެސް ދަޢުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަމުގައެވެ. އަދި މި މައްސަލައަށް ބަލާއިރު، އިސްމާޢީލް މީރާންއާއި މަރްޔަމް ތިލްމީޒާގެ މައްޗަށް ހުރި ހެކިތަކަކީ، ކޯޓު އަމުރު ދޫކުރުމުގެ އިޚްތިޞާޞް ލިބިގެންނުވާ ކޯޓަކުން ދޫކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ތެރެއިން ހޯދާފައިވާ ހެކިތަކެއް ކަމުގައިވާއިރު، އެފަދައިން ދަޢުވާ ފޯމު ބާޠިލު ނުކުރެވެންވީ ސަބަބެއް ނެތްކަމުގައެވެ.

59އިސްމާޢިލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ދައްކާފައިވާ މި ވާހަކަތަކުން އިސްތިއުނާފު ކުރެވިފައިވާ އެ ދެމީހުންގެ މައްސަލައިގެ ނިންމުމުގައި ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޢަބްދުﷲ ރަޝީދު މައްސަލައިގައިވާ އުސޫލު ބަޔާންކުރުން ޤާނޫނާ ޚިލާފުވާ ސަބަބެއް ދެއްކިފައިވާ ކަމުގައި އަހުރެން ނުދެކެމެވެ. ވުމާއެކު މި ނުކުތާގައި ގޮތެއް ކަނޑައަޅަންޖެހޭނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

60މަތީގައިވާ ތަފުސީލު ކުރެވުނު ސަބަބުތަކުގެ މައްޗަށް ބަލައި، އަޙްމަދު ރަޝީދުގެ މައްސަލައިގައި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުމުގައި އަޙްމަދު ރަޝީދު ދީފައިވާ ބަޔާން ބަލައި ނުގަނެވޭނެ ކަމުގައްޔާއި، އެ މައްސަލައިގައި އޭނާގެ މައްޗަށް ތަޙްޤީޤު ހިންގާފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 52 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ހައިކޯޓުގެ ނަންބަރު 2022/HC-B12/3 ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވާ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ނުފެންނާތީ، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރުމަށް ފެނެއެވެ.

61އަދި އިސްމާޢީލް މީރާންއާއި، މަރްޔަމް ތިލްމީޒާ ދައްކާފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ނަންބަރު 2022/HC-B12/06 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2022/HC-B12/07 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަމުގައި ނިންމަން ފެނެއެވެ.

62އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 363/HMC/2019 ޤަޟިއްޔާގައި އަޙްމަދު ރަޝީދުގެ މައްޗަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއަކީ، ކުރިއަށް ގެންގޮސް ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ދަޢުވާއެއް ކަމުގައްޔާއި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 398/HMC/2019 ޤަޟިއްޔާގައި އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ މައްޗަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާއަކީ، އެ ދެމީހުންގެ ފަރާތުން ހުށަހެޅި ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ ދެމީހުންގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައިގެ ދަޢުވާ ފޯމަކީ ބާޠިލު ދަޢުވާ ފޯމެއް ކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަށާއި، އެ ދަޢުވާއަކީ ވެސް، ކުރިއަށް ގެންގޮސް ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ދަޢުވާއެއް ކަމުގައި ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

63މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

64މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައިވާ ސަބަބުތައް އެ ގޮތުގެ މަތިން ހުރުމުން؛

ދިވެހިރާއްޖޭ ހައިކޯޓުގެ ނަންބަރު 2022/HC-B12/3 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމުގައިވާތީ، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރުމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

އިސްމާޢީލް މީރާންއާއި، މަރްޔަމް ތިލްމީޒާގެ ފަރާތުން ދައްކާފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ނަންބަރު 2022/HC-B12/06 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2022/HC-B12/07 ޤަޟިއްޔާގެ ދެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 363/HMC/2019 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 398/HMC/2019 ޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައިގެ ދަޢުވާ ފޯމަކީ ބާޠިލު ދަޢުވާ ފޯމެއް ކަމުގައި ކަނޑައަޅާނެ ތަނެއް ނެތް ކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 363/HMC/2019 ޤަޟިއްޔާ އާއި، އެ ކޯޓުގެ ނަންބަރު 398/HMC/2019 ޤަޟިއްޔާއަކީ ކުރިއަށް ގެންގޮސް ޝަރީޢަތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ޤަޟިއްޔާތަކެއް ކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)

ޑރ. އަޒްމިރާލްދާ ޒާހިރު

ޢާއިޝާ ޝުޖޫން މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
  • ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ އަދި 2 ވަނަ ނަންބަރު
  • ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ އަދި 3 ވަނަ ނަންބަރު
  • ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާ
  • ސުޕްރީމް ކޯޓުގެ ގަވާއިދުގެ 60 ވަނަ މާއްދާ
  • ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (އަދި އޭގެ ފުރަތަމަ އިސްލާޙު، 07 ޖުލައި 2019)
  • ސުޕްރީމް ކޯޓުގެ ސަރކިއުލަރ (07 ފެބްރުއަރީ 2016) އަދި ޢާންމު ސިޓީ (08 އޮގަސްޓް 2018)
  • ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު
  • ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އާއި އިތުރު ދެ މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
  • ސުޕްރީމް ކޯޓުގެ އިބްރާހީމް ޚުޝާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
  • ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
  • ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް
  • ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ރަޝީދު
  • ހައިކޯޓުގެ 2019/HC-A/312
  • United States v. Leon
  • Arizona v Evans
  • Herring v. United States
  • State v. McElrath (ޓެނެސީ ސުޕްރީމް ކޯޓު)

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ