ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 29 · 2026/SC-A/29

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ވިސާމް އަދި އިތުރު 2 ފަރާތެއް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 7 ސެޕްޓެމްބަރު 2026ދަށު ކޯޓު: 2026/HC-B12/17ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2026/HC-B12/17
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ހެކިވެރިއަކަށް ލިބިދާނެ ގެއްލުމާއި އާންމު މަޞްލަޙަތަށް ކުރާ އަސަރުގެ މިންވަރު ދައުލަތަށް ބުނެދެވިފައި ނުވާތީ ކްރިމިނަލް ކޯޓުން ހުށަހެޅުން ބަލައިނުގަތެވެ. ހެކިބަސްދޭ މީހާއަށް ނުވަތަ ޢާއިލާއަށް ގެއްލުމެއް ލިބުމުގެ ހަޤީޤީ އިޙްތިމާލެއް ބަޔާންކޮށްދީފައިނުވާކަމަށް ބުނެ ހައިކޯޓުން އެ ނިންމުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލުމުން، ހެކީގެ ގޮތުގައި ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުތައް ތައްޔާރުކުރި ފުލުހުންގެ އޮފިސަރުންގެ ވަނަވަރު ހާމަނުވާ ގޮތަށް އަޑު ބަދަލުކޮށް އޯޑިއޯ ވަސީލަތެއްގެ ޒަރީޢާއިން ހެކިބަސް ނެގުމަށް ދައުލަތުން ޝަރީޢަތުގެ ކުރިން ހުށަހެޅުމެއް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓެރަރިޒަމްގެ ދަޢުވާތަކެއްގައި އިންޓެލިޖެންސް ރިޕޯޓުތައް ތައްޔާރުކުރި ފުލުހުންގެ އޮފިސަރުންގެ ވަނަވަރު ހާމަނުވާ ގޮތަށް އަޑު ބަދަލުކޮށް ހެކިބަސް ނެގުމަށް އެދުނު ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރު ބަލައިނުގަތުމަށް ނިންމުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައިވާ "ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު" ހައިކޯޓުން މާނަކޮށް ތަޠުބީޤުކުރި ގޮތާއި، 1-149 ވަނަ މާއްދާގެ (ށ) ގައިވާ ކަންކަމަށް ރިޢާޔަތްކުރި ގޮތް ޤާނޫނާ އެއްގޮތްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ހައިކޯޓުން ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 149 ވަނަ މާއްދާގެ މިންގަނޑަށްވުރެ ބުރަ ސާބިތުކުރުމުގެ މިންގަނޑެއް ބޭނުންކޮށް، ޤާނޫނަށް އިތުރު ޝަރުޠެއް ލާފައިވާ ކަމަށާއި، އާންމު މަޞްލަޙަތު ވަޒަންކޮށްފައިނުވާ ކަމަށް ދައުލަތުން ބުންޏެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ހަދަންޖެހެނީ ވަކިވަކި މީހެއްގެ ނުރައްކާ ވަޒަންކުރުމެއް ކަމަށާއި، ހަމައެކަނި އިންޓެލިޖެންސް މުވައްޒަފަކަށްވުމަކީ ފުދޭ ސަބަބެއް ނޫންކަމަށް ދަޢުވާ ލިބޭ ފަރާތްތަކުން ބުންޏެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 149 ވަނަ މާއްދާ ލާޒިމުކުރަނީ އެކަށީގެންވާ ނުރައްކަލެއްގެ ފުރުޞަތު ދައްކާ އެކަށީގެންވާ ސަބަބެއް ކަމަށާއި، އެއް ޙާލަތެއްގައި ތިބި އޮފިސަރުންނަށް ޖަމާޢީކޮށް ނުރައްކާ ބަޔާންކުރުން ފުދޭ ކަމަށާއި، 1-149 (ށ) ގެ ދަށުން އާންމު މަޞްލަޙަތާއި އިންސާފުވެރި ޝަރީޢަތް ތިލަފަތްކުރަންޖެހޭ ނަމަވެސް ހައިކޯޓުން އެ ކަންކަމަށް ރިޢާޔަތްކޮށްފައި ނުވާތީ ނިންމުން ބާޠިލުކޮށް، އަމުރާމެދު އަލުން ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ފޮނުވިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ނިންމުން ބާޠިލު، އަމުރާމެދު އަލުން ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ތަޙްވީލުކުރި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ށ) ގައިވާ "ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު" ލާޒިމުކުރަނީ ޔަޤީނީ ނުރައްކަލެއް ނުވަތަ ނުރައްކަލެއް ލިބިފައިވުން ނޫނެވެ؛ އެއީ އެކަށީގެންވާ ނުރައްކަލެއް (reasonable risk) ނުވަތަ އެކަށީގެންވާ ނުރައްކަލެއްގެ ފުރުޞަތު (likelihood of reasonable risk) އޮތުމެވެ. ހީވާ ހީވުމަކަށް ނުވަތަ ބުނާ ބުނުމަކަށްވުރެ ހަޤީޤީ ނުރައްކަލެއް އޮންނަން ޖެހޭނަމަވެސް، ގެއްލުމެއް ލިބިދާނެކަމުގެ ހެކި ޝަރީޢަތަށް ހުށަހެޅުން ޤާނޫނު ލާޒިމުނުކުރެއެވެ؛ އެކަށީގެންވާ ސަބަބެއް ހުށަހެޅުން ފުދެއެވެ. އެއަށްވުރެ ބުރަ މިންގަނޑެއް ލާޒިމުކުރާނަމަ އެއީ ޤާނޫނު ބަދަލުކޮށްގެން ގެންނަންޖެހޭ ބަދަލެކެވެ.

HN2 ހެކިވެރިއެއްގެ ބަޔާނުން ފެންނަން އޮތް ކަމެއް، މާޒީގެ ޢަމަލެއް (past conduct)، މާޒީގައި ބިރުދެއްކުން (previous intimidation) ނުވަތަ ބަދަލު ހިފުމުގެ ނުވަތަ އަނިޔާވެރިވުމުގެ ޢަމަލު ފަދަ ކަންކަމަކީ ނުރައްކަލުގެ ފުރުޞަތު ބަޔާންކުރުމަށް ހުށަހެޅިދާނެ ކަންކަމެވެ؛ ސަބަބުވެރި އިންސާނަކަށް ވިސްނައިގަނެވޭނެ މިންވަރަށް އިޙްތިމާލު ބުނެދެވުން ފުދެއެވެ.

HN3 ނުރައްކަލުގެ އިޙްތިމާލު ދެނެގަންނަންވާނީ ކޮންމެ މައްސަލައެއްގެ ވަށައިގެންވާ ޙާލަތްތަކަށް ރިޢާޔަތްކޮށެވެ؛ ދައުލަތުން ހުށަހަޅާ ސަބަބުތަކަކީ މައްސަލައިގެ ޙާލަތްތަކާ ގުޅިފައިވާ، ނުރައްކަލުގެ ބާވަތާއި މިންވަރާއި ނިސްބަތް ވަޒަންކުރެވޭނެ ތަފުސީލީ ސަބަބުތަކަކަށް ވާންޖެހެއެވެ (149 ވަނަ މާއްދާގެ (ރ)، 1-149 ގެ (ށ) ގެ (1) އަދި (2)).

HN4 1-149 ވަނަ މާއްދާގެ (ށ) ގެ (5) ގެ ދަށުން އާންމު މަޞްލަޙަތަށް އޮތް ނުރައްކަލަށް ރިޢާޔަތްކުރަންޖެހޭތީ، ހިމާޔަތްގެ އަމުރާމެދު ނިންމުމުގައި ނުރައްކާ ވަޒަންކުރަންވާނީ ހެކިބަސްދޭ މީހާއާއި އޭނާގެ ޢާއިލާއަށްވުރެ ފުޅާ ދާއިރާއެއްގައެވެ؛ ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މަޢުލޫމާތަކީ ދައުލަތުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ކަމެކެވެ.

HN5 އެއް ޙާލަތެއްގައި ތިބި ބަޔަކަށް (މިސާލަކަށް ވަޒީފާގެ ޠަބީޢަތުން އިންޓެލިޖެންސް އޮފިސަރުންނަށް) ޖަމާޢީކޮށް ޚާއްޞަ ނުރައްކަލެއް އޮތްކަން ދައްކާ އެކަށީގެންވާ ސަބަބުތަކެއް ހުށަހެޅިއްޖެނަމަ، ވަކިވަކި އޮފިސަރަކަށް އޮތް ވަކި ނުރައްކަލެއް ބުނެދިނުން ލާޒިމެއް ނޫނެވެ؛ ނަމަވެސް މިއީ ދަޢުވާ ލިބޭ ފަރާތުގެ އަސާސީ ޙައްޤުތަކުން ދުރަށްދާ އިސްތިސްނާއީ ޙާލަތަކަށްވާތީ އެކަށީގެންވާ ސަބަބުތައް ދައުލަތުން ދައްކަންވާނެއެވެ.

HN6 ހެކިބަސްދޭ މީހާ ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅަކީ ނުރައްކަލާ އެކަށޭނަ ފިޔަވަޅަކަށް ވާންޖެހެއެވެ؛ އެ ފިޔަވަޅުތައް ދަޢުވާ ލިބޭ ފަރާތުގެ އަސާސީ ޙައްޤުތަކަށް ސީދާ އަސަރުކުރާތީ، އާންމު މަޞްލަޙަތަށް އޮތް ނުރައްކަލާއި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ތިލަފަތްކޮށް، ނުރައްކާ އޮތް ނިސްބަތުން ފިޔަވަޅު އަޅަންވާނެއެވެ. އަޅާ ފިޔަވަޅަކީ ނިސްބަތުން ކުޑަ، އަދި އެނޫން ފިޔަވަޅެއް އޮތްތޯ ބެލުމަށްފަހު އަޅާ ފިޔަވަޅަކަށް ވާންޖެހެއެވެ.

HN7 ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރާމެދު ގޮތެއް ނިންމުމުގައި 1-149 ވަނަ މާއްދާގެ (ށ) ގައިވާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކުރި ގޮތް ނިންމުމުން ފެންނަން އޮންނަންވާނެއެވެ؛ އެކަން ނުފެންނަ ނިންމުމަކީ ބާޠިލުކުރަންޖެހޭ ނިންމުމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން ޝަހީދު، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު.....19

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު.....19

ޙުކުމް.....19 بِاللهَ الرَّاجِيمِ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ވިސާމް އަދި އިތުރު 2 ފަރާތެއް [2026] SC 29 ފަނޑިޔާރު ޙުސައިން ޝަހީދުގެ ރަޢުޔު (މި ރައުޔަށް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/17 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލް" ނުވަތަ "ދައުލަތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި މައްސަލައެވެ. މި ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވަނީ ސ. މަރަދޫފޭދޫ، ފިނިފެންމާ، އިބްރާހީމް ވިސާމް 1 އާއި ގދ. ނަޑެއްލާ، […] ސައުސަން ރަޝީދު 2 އާއި، […] ޢަބްދުﷲ ހުވައިރިޘް ބިން މުޙައްމަދު 3 (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް") މައްޗަށެވެ.

މައްސަލައިގެ ފަސްފަހަތް

2ދައުލަތުން ކްރިމިނަލް ކޯޓުގައި އިބްރާހީމް ވިސާމްއާއި، ސައުސަން ރަޝީދުއާއި ޢަބްދުﷲ ހުވައިރިޘް ބިން މުޙައްމަދުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނާ 4 ޙަވާލާދީ ދަޢުވާކުރިއެވެ. އިބްރާހީމް ވިސާމްގެ މައްޗަށް ދަޢުވާކުރީ އެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ 1ވަނަ ނަންބަރުގެ (ނ) އާ ޙަވާލާދީ، އެ މާއްދާގެ (ލ) ގެ ދަށުން ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދަޢުވާއެވެ. ސައުސަން ރަޝީދުގެ މައްޗަށް ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދަޢުވާގެ އިތުރުން ޓެރަރިޒަމް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ.

3އަދި ޢަބްދުﷲ ހުވައިރިޘް ބިން މުޙައްމަދުގެ މައްޗަށް ޓެރަރިޒަމް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ އާއި ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ދަޢުވާއާއި، ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތްކުރުމުގެ ދަޢުވާ އުފުލިއެވެ. މި މައްސަލަތައް ބަލަމުންދަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 496/Cr-C/2025 ޤަޟިއްޔާއާއި 497/Cr-C/2025 ޤަޟިއްޔާއާއި، 498/Cr-C/2025 ޤަޟިއްޔާއާއި، 499/Cr-C/2025 ޤަސިއްޔާތަކުންނެވެ.

ކްރިމިނަލް ކޯޓުގެ މަރުޙަލާ

4މި މައްސަލައިގެ ދަޢުވާ ހުށަހެޅިއިރު، މައްސަލައިގައި ހުށަހެޅުނު ހެކި ("އިންޓެލިޖެންސް އެސެސްމަންޓް ރިޕޯޓް" އާއި "ކޯލް ޑީޓެއިލް ރެކޯޑު އެނެލިސިސް ރިޕޯޓް" އާއި، އިލެކްޓްރޯނިކް ޑިވައިސް އެނެލިސިސް ރިޕޯޓް" ) ރައްކާތެރިކުރުމުގެ އަމުރަކަށް ދައުލަތުން އެދުނެވެ. އަދި ދައުލަތުން އެދުނު ފަދައިން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެފައިވެއެވެ.

5އަދި ދައުލަތުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި، 149 ވަނަ މާއްދާއާއި، 149-1އާއި، ގެ (ހ) އާއި 149-2 ގެ (ށ) އާއި (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅުނު ރިޕޯޓުތައް ތައްޔާރުކުރި ފަރާތްތަކަކީ ކާކުކަން ހާމަނުވާގޮތަށް އަޑު ބަދަލުކުރުމަށްފަހު، އޯޑިއޯ ނުވަތަ އަޑު ފޮރުވައިދޭ ވަސީލަތެއްގެ ޒަރީއްޔާއިން ހެކިބަސް ނެގުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެދި ހުށަހެޅިއެވެ. ދައުލަތުން ހުށަހެޅި މި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ (ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން ނަންބަރު -145 B5/SHN/496,497,498,499-2025/2026/03)، ހެކިންނަށް ހިމާޔަތް ލިބެންޖެހޭފަދަ ޤާނޫނީ މަރުކަޒެއް ދައުލަތަށް ހުށަހެޅިފައިނުވާތީ، އެ ހުށަހެޅުން ބަލައިނުގަތުމަށެވެ. ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

5.1 ދައުލަތުން ހެކިބަސް ސިއްރުކުރުމަށް އެދުނު ސަބަބުތަކުގެ ތަފުސީލަށް ބަލާއިރު، ހެކިބަސް ދޭ މީހާއަށް އެއް ހާޒިރުގައި އެއީ ކާކުކަން އެނގޭނެގޮތަށް ހެކިބަސްދީގެން ހެކިވެރިޔާއަށް ލިބިދާނެ ގެއްލުމަކީ ކޮބައިކަން އެނގެންނެތްއިރު، އެއް ހާޒިރުގައި ޝަރީޢަތުގައި ސުވާލުކުރެވިގެން ދިއުމަކީ ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރާނެ ކަމެއްކަމަށް ނުވަތަ އިންޓެލިޖެންސް އިދާރާގެ ސިއްރުތައް ހާމަވާފަދަ ކަމެއް ކަމަށް ބެލެވެންނެތުމާއި، އެފަދަ ސުވާލެއް ކުރިމަތި ކުރުވި ނަމަވެސް އެކަން ހުއްޓުވުމުގެ ބާރު ދައުލަތަށާއި ހެކިވެރިޔާއަށް ލިބި އޮތްއިރު، ތަޙްޤީޤު ހިންގި ފަރާތުން ހުށަހެޅި ކަންކަން ހުރިތޯ ބަލާއިރު އެފަދަ ކަމެއް ފެންނަން ނެތުން؛

5.2 ހެކިބަސް ދޭންތިބި ފަރާތްތަކަކީ ކާކުކަން އެނގޭގޮތަށް ހެކިބަސް އަދާކުރުމުން، މި މައްސަލައިގެ ބާވަތުން އާއްމު މަސްލަހަތަށް އަސަރުކުރާނެކަމަށް ދައުލަތުން ބުނިނަމަވެސް އެ މިންވަރަކީ ކޮބައިކަން ދައުލަތަށް ބުނެދެވިފައިނުވާތީ، ސިއްރުކުރަންޖެހޭ ޤާނޫނީ މަރުކަޒެއް އޮތްކަމަށް ދައުލަތަށް ބުނެދެވިފައިނުވުން؛

6ބުނެވުނު ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

ހައިކޯޓުގެ ނިންމުން

7ކްރިމިނަލް ކޯޓުގެ ބުނެވުނު ނިންމުން ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ ނަންބަރު 2026/HC-B12/17 ޤަޟިއްޔާގައި ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކުރއެވެ. މި ނިންމުމަށް ހައިކޯޓުން ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

7.1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149ވަނަ މާއްދާގެ (ށ) އާއި (ރ) ގައި އޮތް މިންވަރުން، ދައުލަތުން ބަޔާންކޮށްދޭންޖެހޭނީ ހެކިބަސްދޭ ދިނުމުގެ ސަބަބުން ހެކިބަސްދޭ ފަރާތުގެ ސަލާމަތަށް ނުވަތަ، ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ ޢާއިލާގެ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ޙާލަތު އޮތްކަމަށް ދައުލަތަށް ޤަބޫލުކުރުމަށް މެދުވެރިވިގޮތާއި، އެއަށް ވާސިލުވި ސަބަބުތައް ކަން؛

7.2 މި ހުށަހެޅުމުގައި، ދައުލަތުގެ ފަރާތުން ހެކިބަސްދޭ މީހާގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ ޢާއިލާގެ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބުމުގެ އިޙްތިމާލު އޮތްކަމެއް ބަޔާންކޮށްދީފައިވާކަމުގައި ނުދެކޭކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއަށް ބެލުމުން، ދައުލަތުން ބުނެދޭންވާނީ ހެކިބަސްދޭ މީހާއަށް އެ ހެކިބަސް ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު އޮތްކަން ކަމަށްވުން؛

7.3 ހެކިބަސްދޭ މީހާ ހެކިބަސް ދިނުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ހެކިން ރައްކާތެރިކުރުމަކީ އަމުރަށް އެދޭ އެއް ސަބަބުކަން ދައުލަތުގެ ހުށަހެޅުމުގައި ފާހަގަކޮށްފައިވީނަމަވެސް، އެ އުންސުރު ފުރިހަމަކުރުމަށް ދައްކުވައިދޭންޖެހޭނީ ހާދިސާއެއް ހިންގުމުގެ ހަޤީޤީ ނުރައްކަލެއް އޮތްކަމާއި، އެއީ އެކަން ހިނގުމުގެ ފާހަގަކޮށްލެވޭފަދަ ނުވަތަ ބޮޑު ފުރުޞަތެއް އޮތްކަން ކަމަށާއި، މިކަމުގައި ރައްކާތެރިކުރެވިފައިވާ މަޞްލަޙަތަށް ސީރިއަސް ނުވަތަ ޙަޤީޤީ ނުރައްކަލެއް އޮތްކަމުގެ ނުވަތަ ހިނގުމުގެ ފުރުޞަތު ބޮޑުނަމަ، އެ މިންވަރު ފުދޭނެކަމަށާއި، އެ ގެއްލުމަކީ ހަމައެކަނި ޚިޔާލީ ކަމެއްގެ މައްޗަށް ބިނާވާ ކަމަކަށްވުމުގެ ބަދަލުގައި، ގެއްލުމެއްވެދާނެކަމުގެ ބޮޑު ނުވަތަ ހަޤީޤީ އިޙްތިމާލެއް އޮންނަންވާނެކަން؛

7.4 ހެކި ހިމާޔަތްކުރުމަށް އެދޭ ފަރާތުން މައްސަލައިގެ ތަޙުޤީޤުގައި އަދާކުރި ދައުރު މި މައްސަލައިގެ ޙަޤީޤަތްތަކުން އެނގެންނެތުން؛

7.5 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149-1 ވަނަ މާއްދާގެ ދަށުން ކޯޓުން ރިޢާޔަތްތެރިކަން ދިނުމަށްޓަކައި ދައުލަތުން ހުށަހަޅަންޖެހޭ ކަންކަމަށް ބަލާއިރު، ދަޢުވާލިބޭ ފަރާތުން ކުރި ކުށުގެ ތަޙުޤީޤު ހިންގި ފަރާތުން ހުށަހަޅާ ކަންކަމާއި، އެ ހެކިބަސް މައްސަލައަށް މުހިންމުވާ މިންވަރާއި، މިކަމުގެ ސަބަބުން މައްސަލައިގެ ޝަރީޢަތް އިންޞާފުވެރިކަމާއެކު ހުޅުން މުމަށް އެހީތެރިވެދޭނެ މިންވަރާއި، އެ ހެކިބަސް ސިއްރުކުރުމުގެ ސަބަބުން އިންސާފުވެރި ޝަރީޢަތެއް ހިންގުމުގެ ހުރަހެއްނެތްކަމުގެ މައްޗަށް ބަހެއް ބުނެފައިނެތުން؛

7.6 ހެކިބަސް އަދާކުރާ ފަރާތަކީ ކާކުކަން ހާމަވާގޮތަށް ހެކިބަސް އަދާކުރުމުން މި މައްސަލައިގެ ބާވަތުން އާންމު މަޞްލަޙަތަށް އަސަރުކުރާނެކަމަށް ދައުލަތުގެ ހުށަހެޅުމުގައި ބަޔާންކުރިނަމަވެސް، ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވާ ފަދައިން އެ މިންވަރަކީ ކޮބައިކަން ދައުލަތުން ބުނެދީފައިނުވުން؛

8ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ

9ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/17 ޤަޟިއްޔާއިން ނިންމި ނިންމުން ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާކަމަށް ބުނެ އެ ޤަޝިއްޔާ އިސްތިއުނާފުކުރުމުގެ ގޮތުން ދިވެހި ދައުލަތުގެ ފަރާތުން ހުށަހެޅި ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/17 ޤަޟިއްޔާއިން ނިންމި ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާ އާއި 149-1 އަދި 149-2 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

ދެފަރާތުން ދެއްކި ވާހަކަ

10މި މައްސަލަ ހުށަހަޅަމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ބުނާ "އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ" ފެންނަ "އިޙްތިމާލު" މާނަކުރައްވަނީ "reasonable risk" ނުވަތަ "likelihood of reasonable risk" ކަމުގައި ހައިކޯޓުން ބަޔާންކުރުމަށްފަހު، ވަކި ފުލުހަކަށް އަމާޒުވެފައިވާ ޚާއްޞަ ނުރައްކަލެއް، ވަކިވަކި ހާދިސާ ނުވަތަ އިންޒާރެއް ސާބިތުކޮށްދިނުމަށް ބޭނުންވާ މިންވަރުގެ ހެއްކާއެކު ސާބިތުކުރަންޖެހޭ ފަދަ މިންގަނޑަކުންކަމަށާއި، މިއީ ޤާނޫނު ހަދާ މަޖިލީހުން ކަނޑައަޅާފައިނުވާ އިތުރު ޝަރުޠެއް، ޤާނޫނަށް އިތުރުކުރުން ކަމަށެވެ.

11އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ވަޒީފާގެ ޒާތުން ކުރިމަތިވާ ނުރައްކާ ފުރިހަމައަށް ވަޒަންކޮށްފައިނުވާކަމަށާއި، މި ނުރައްކާ ސާބިތުކުރުމަށްޓަކައި ޕްރޮސިކިއުޝަނުން ފުރިހަމަކުރަންޖެހޭކަމަށް ބަޔާންކުރި "ސަރީޙަކޮށް ބަޔާންކޮށްދިނުމުގެ" މިންވަރު ސާފުކޮށްދީފައިނުވާއިރު، "އާންމު މަސްލަހަތަށް ލިބިދާނެ ގެއްލުން" ހައިކޯޓުން ވަޒަންކޮށްފައިނުވާކަމަށާއި، ޢާންމު މަޞްލަޙަތުގެ ދާއިރާއަކީ ހަމައެކަނި ވަކިވަކި ފަރުދުންނަށް ސީދާ ލިބިދާނެ ގެއްލުމަކަށް އެކަނި ބިނާވާ ކަމެއް ނޫންކަމަށާއި، އެއާޚިލާފަށް، ދައުލަތުގެ ސެކިއުރިޓީ ނިޒާމާއި، ތަޙުޤީޤީ ޤާބިލުކަމާއި، ޤާނޫނު ތަންފީޛުކުރުމުގެ މުޅި ސިސްޓަމްގެ ފައިދާއާއި ދެމެހެއްޓެނިވިކަން (Systemic Interest) ކަށަވަރުކުރުމަކީވެސް ޢާންމު މަޞްލަޙަތުގެ ތެރޭގައި ހިމެނޭ އަސާސީ ބަހާއެއްކަން ބައިނަލްއަޤުވާމީ ޖޫރިސްޕްރޫޑެންސް ތަކުން ޤަބޫލުކުރާކަމަށެވެ.

12މީގެ އިތުރުން، ދައުލަތުން މި މައްސަލައިގައި އެދިފައިވަނީ ހަނި ފިޔަވަޅެއްކަމަށާއި، ކްރޮސް- އެގްޒެމިންކުރުމުގެ ޙައްޤު ދިނުމާއެކު، ހަމައެކަނި އަޑު ބަދަލުކުރުމުގެ ފިޔަވަޅުކަމަށާއި، ހައިކޯޓުން ސިއްރުކުރުމަށް އެދޭ ނުރައްކަލުގެ ބުރަދަން ތިލަފަތްކޮށް، ވަކިން ބަލާފައިނުވާކަމަށެވެ.

13މީގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ހަދަންޖެހެނީ އިންޑިވިޑުއަލް ރިސްކް އެސެސްމެންޓެއްކަމަށާއި، ނަމަވެސް ހެކިބަސްދޭ މީހާ ވަޒީފާގައި އަދާކުރި ދައުރެއްގެ ސަބަބުން އޭނާގެ ހެކިބަސް ހިމާޔަތްކުރުމުގެ ޙާލަތެއް އަތުވެދާނެކަމަށާއި، ހުށަހެޅިފައިވާ މައްސަލައިގައި ދައުލަތުން ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަކަށް އެދިފައިވަނީ އޭނާއަކީ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ މީހަކަށްވީތީ އެ ސަބަބުގެ މައްޗަށްކަމަށާއި، މައްސަލައިގައި ހެކިބަސްދޭން ތިބި މުވައްޒަފުންނަށް ނުރައްކާ އޮތީ އެ އޮފިސަރުންގެ ވަޒީފާގައި އަދާކުރި ކޮން ދައުރެއްގެ ސަބަބުންކަން ދައުލަތަށް ބުނެދީފައިނުވާކަމަށާއި، މި މިންވަރަކީ ނުރައްކަލެއް އޮތްކަމުގެ އިހްތިމާލުއޮތްކަމަށް ބެލުމަށް ފުދޭ މިންވަރެއް ނޫންކަމަށެވެ.

ހެކި ހިމާޔަތްކުރުމަށް އެދުމާއި އަމުރު

14ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤާއި، 16 ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް 17 ޚާއްޞަ ޙާލަތު ތަކެއްގައި ހަނިކުރެވިދާނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބެލުމުން އެނގެއެވެ. މިއީ ހެކިބަސް ދިނުމުގެ ޢާންމު އުޞޫލަށް 18 ޤާނޫނުން ދީފައިވާ އިސްތިސްނާއީ ޙާލަތެކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އެންމެ ފުރަތަމަ ޢަމަލުކުރަން ފެށިއިރު، ހެކިބަސްދޭ މީހާ ހިމާޔަތްކުރުމާ ގުޅޭ ގޮތުން ޢަމަލު ކުރާނެ އުޞޫލެއް ޤާނޫނުގައި ބަޔާންވެފައި ނުވިނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުތަކާއެކު ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަށް އެދުމާއި، އަމުރު ނެރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމާއި، އަމުރު ނެރޭ ޙާލަތުގައި އެޅިދާނެ ފިޔަވަޅުތައް ބަޔާންކުރާ ތަފުސީލީ އޮނިގަނޑެއް މިހާރު ލިޔެވިފައި އެބައޮތެވެ.

15ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149-1 މާއްދާގައި ހެކި ހިމާޔަތްކުރުމުގެ އަމުރަށް އެދި ހުށަހެޅުމާއި އެފަދަ އަމުރެއް ނެރުމުގައި ރިޢާޔަތްކުރަންޖޭކަންކަން ބަޔާންކޮށްފައިވެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 މާއްދާގައި ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަށް އެދެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައިވާ އިބާރާތް ތިރީގައި ނަކަލުކުރަމެވެ.

(ހ) ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީޢަތެއްގައި ހެކިބަސްދޭ މީހަކީ މި މާއްދާގެ (ށ) ގައި ބަޔާންކުރާ ސަބަބަށްޓަކައި ޙިމާޔަތް ލިބިދޭންޖެހޭ މީހެއް ކަމަށް ދައުލަތަށް 16 ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) 17 އބމ ގެ 51 ވަނަ މާއްދާ 18 ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 147 ވަނަ މާއްދާ ޤަބޫލުކުރެވިއްޖެނަމަ، ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅޭނީ، އޭނާ ހެކިބަސްދޭ ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު އޮތްކަމުގައި އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ ޤަބޫލުކުރެވޭނަމައެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ހެކިބަސްދޭ މީހާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލެއް އޮތުމުގެ ތެރޭގައި އޭނާގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ ޢާއިލާގެ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ޙާލަތްތައް ހިމެނެއެވެ.

(ރ) ހެކިބަސްދޭ މީހަކީ ޙިމާޔަތްދޭންޖެހޭ މީހެއް ކަމަށް ބަޔާންކޮށް މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ކޯޓަށް ހުށަހަޅާއިރު، އެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރަންވާނެއެވެ.

(ބ) ހެކިބަސްދޭ މީހާ ހެކިބަސްދޭ ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު އޮތްކަމުގައި އޭނާއަށް ޤަބޫލުކުރެވޭނަމަ، އޭނާއަކީ ޙިމާޔަތްދޭންޖެހޭ މީހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށް ދައުލަތުގެ ކިބައިން އެދުމުގެ ޙައްޤު، ހެކިބަސްދޭ މީހާއަށްވެސް ލިބިގެންވެއެވެ.

16ހެކިބަސްދޭ މީހަކު ޙިމާޔަތްކުރުމުގެ އަމުރެއް ނެރެދިނުމުގައި، ފަނޑިޔާރު ރިޢާޔަތްކުރަންވާނެ ކަންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149-1 މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން އެ އަކުރުގައިވާ ކަންކަން ނަކަލުކުރަމެވެ. (1) މި ޤާނޫނުގެ 149 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން، ހެކިބަސްދޭ މީހާއަށް ޙިމާޔަތްދޭންޖެހޭ ސަބަބު ކަމަށް ދައުލަތުން ހުށަހަޅާ ސަބަބުތަކާއި އޭގެ ތަފްޞީލު؛ (2) ދަޢުވާ ލިބޭ ފަރާތުން ކުރި ކުށުގެ ތަޙްޤީޤު ހިންގި ފަރާތުން ހުށަހަޅާ ކަންކަން؛ (3) ހެކިބަސްދޭ މީހާއަށް ޙިމާޔަތްދިނުމުން، އޭނާ ހެކިބަސްދޭ މައްސަލައިގެ ޝަރީޢަތް އިންޞާފުވެރިކަމާއެކު ހިންގުމަށް އެހީތެރިވެދޭނެ މިންވަރު؛ (4) ހެކިބަސްދޭ މީހާގެ ހެކިބަސް، އެ ހެކިބަސްދޭ މައްސަލައަކަށް މުހިންމުވާ މިންވަރު؛ (5) ހެކިބަސްދޭ މީހާގެ ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ މައްސަލައިގެ ބާވަތުން ޢާންމު މަޞްލަޙަތަށް އަސަރުކުރާނެ މިންވަރު.

17މި ކަންކަމަށް ރިޢާޔަތްކޮށް، ހެކިބަސްދޭ މީހާއަކީ ޙިމާޔަތް ލިބިދޭންޖެހޭ މީހެއް ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އޭނާއަށް ޙިމާޔަތްދޭންޖެހޭ މިންވަރު ދަރަޖަކޮށް އޭނާ ހިމާޔަތްކުރުމަށް އަމުރުކުރަންވާނެކަމަށް އޮވެއެވެ. އަދި ޤާނޫނުގެ 149-1 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙިމާޔަތްކުރުމަށް އަމުރުކޮށްފައިވާ މީހުންގެ ހެކިބަސް ނެގުމުގައި، (1) ހެކިބަސްދޭ މީހާއަކީ ކާކުކަން ހާމަނުވާގޮތަށް އޭނާގެ އަޑު ބަދަލުކުރުމަށްފަހު އޯޑިއޯ ނުވަތަ އަޑު ފޮނުވައިދޭ ވަސީލަތެއްގެ ޒަރީއާއިން އޭނާއާ ސުވާލުކޮށް، އޭނާގެ ހެކިބަސް ނެގުން؛ (2) އެ މީހަކީ ކާކުކަން ހާމަނުވާގޮތަށް މަންޒަރު ބަދަލުކުރުމަށްފަހު ވީޑިއޯގެ ޒަރީއާއިން އޭނާއާ ސުވާލުކޮށް، އޭނާގެ ހެކިބަސް ނެގުން؛ (2) ޝަރީޢަތް ފެށުމުގެ ކުރިން ނަގާފައިވާ ހެކިބަސް ކޯޓަށް އިއްވުން؛ (3) ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ހާޒިރެއްގައި ނޫން ގޮތަކަށް ހެކިބަސް ނެގުން، ފަދަ ފިޔަވަޅުތައް އެޅިދާނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149-2 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ނުރައްކަލެއް އޮތުމުގެ އިޙްތިމާލު

18ޓެރަރިޒަމްގެ ދަޢުވާތަކެއް އުފުލިފައިވާ މި މައްސަލަ އިސްތިއުނާފު ކުރަމުން ދައުލަތުން ބުނެފައިވަނީ ހައިކޯޓުން މައްސަލަ ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ބުނާ "އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ" ފެންނަ "އިޙްތިމާލު" މާނަކޮށްފައިވަނީ، އެ މާއްދާއި ބުނެފައިވާ މިންގަނޑަށް ވުރެ ބުރަ، ސާބިތުކުރުމުގެ މިންގަނޑަކުން ދޭހަވާގޮތަށްކަމަށެވެ.

19HN1ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ށ) ގައި ބުނަނީ ހެކިބަސްދޭ މީހާ ހެކިބަސްދޭ ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ "އިޙްތިމާލު" އޮތްކަމުގައި "އެކަށީގެންވާ ސަބަބުތަކުގެ" މައްޗަށް ބުރަވެ ޤަބޫލުކުރެވެންވާނެ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި "އިޙްތިމާލު" މި ލަފުޒުގެ މާނައަކީ ކޮބައިކަން ބުނެދީފައިނުވެއެވެ. ނަމަވެސް، ޖިނާއީ މައްސަލަތަކުގައި ހެކި ވަޒަންކުރުމާއި ކަމެއް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތާއި ސާލާހެންހެން ހެއްކާބެހޭ ޢާންމު އުޞޫލުތައް ބަޔާންކޮށްފައިވާ ހެއްކާބެހޭ ޤާނޫނު ގައި "އިޙްތިމާލު" މި ލަފުޒު މާނަކޮށްފައިވަނީ، ކަމެއް ވުން ގާތްވުމުގެ ނިސްބަތަށެވެ.

20ޖިނާއީ އިޖުރާއަތުގެ 149 ވަނަ މާއްދާގެ ސާފު އިބާރާތުން "ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު" އޮތުމުން، ނުރައްކަލަކީ ޔަޤީނީ ނުރައްކަލަކަށްވުން ނުވަތަ ނުރައްކަލެއް ލިބިފައިވުން ޤާނޫނު ލާޒިމު ނުކުރެއެވެ. އެއީ ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތަށް އެކަށީގެންވާ ނުރައްކަލެއް "reasonable risk" ނުވަތަ އެކަށީގެންވާ ނުރައްކަލެއް އޮތުމުގެ ފުރުޞަތު "likelihood of reasonable risk" އޮތުމެވެ. ހީވާ ހީވުމެއް ނުވަތަ ބުނާ ބުނުމަކަށް ވުރެ ބޮޑަށް ހަޤީޤީ ނުރައްކަލެއް އޮންނަންޖެހޭނެކަމަށް ދެކެމެވެ. ނަމަވެސް ރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ގާނޫނު ލިޔެފައިވާގޮތަށް ބެލުމުން އެކަށީގެންވާ ނުރައްކަލެއްގެ ފުރުސަތު އޮތްކަމަށް ބުނެ ދިނުމަށް، ކޮންމެހެން ގެއްލުމެއް ލިބިދާނެކަމުގެ މައްޗަށް ބިނާވާ ހެކިތަކެއް ޝަރީޢަތަށް ހުށަހެޅުން ލާޒިމުކޮށްފައިވާތީ ނުފެނެއެވެ. ޤާނޫނު ހަދާ މަޖިލީހުން ލިޔެފައިވާ ގޮތުގައި ހެކިވެރިޔާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވުމުގެ އިޙްތިމާލު އޮތްކަމުގައި ބެލޭނެ އެކަށީގެންވާ ސަބަބެއް އޮތުމުން ފުދޭނެއެވެ. ރާއްޖޭގެ ޤާނޫނުގައި ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު އޮތްކަމުގައި ބެލޭނެ އެކަށީގެންވާ ސަބަބުގެ ވާހަކަ ދައްކާފައި، ކޮންމެހެން ގެއްލުމެއް ލިބިދާނެކަމުގެ މައްޗަށް ބިނާވާ ހެކިތަކުގެ ވާހަކަ މުޝައްރިޢު ދޫކޮށްފައިވަނީ އޮޅިގެންކަމަކަށް ނުބެލެވެއެވެ. އެހެނެއްކަމަކު އެއީ މިގައުމު އުފެދިފައިވާ ގޮތާއި، ސަގާފަތާއި އާދަކާދައާއި ކަންކަމަށް ބަލައި މުޝައްރިޢު ލިޔެފައިވާ ގޮތްކަމަށް ޤަބޫލު ކުރެވެއެވެ. މިއަށްވުރެ ފުޅާ ތަރުޖަމާއެއް ދީގެން، ގެއްލުމެއް ލިބިދާނެކަމުގެ މައްޗަށް ބިނާވާ ހެކިތަކެއް ޝަރީޢަތަށް ހުށަހެޅުން ލާޒިމު ކުރާނަމަ އެކަމަކީ ޤާނޫނު ބަދަލުކޮށްގެން ގެންނަން ޖެހޭބަދަލެއްކަމުގައި ދެކެމެވެ. އެދޮރު އަދިވެސް އޮތީ ހުޅުވިފައެވެ.

21HN2އެހެންކަމުން، އެކަށީގެންވާ މިންވަރުގެ ނުރައްކަލެއް ނުވަތަ ނުރައްކަލެއްގެ ފުރުޞަތު އޮތްކަން ފަނޑިޔާރަށް ބުރަވެވޭ މިންވަރަށް ސަބަބު ހުށަހެޅުމުން ފުދެއެވެ. ހެކިވެރިއެއްގެ ބަޔާނަކުން ފެންނަން އޮތްކަމެއް، މާޒީގެ ޢަމަލެއް past conduct، މާޒީގެ ބިރުދެއްކުމުގެ ޢަމަލެއް previous intimidation ނުވަތަ އެހެންވެސް ބަދަލު ހިފުމުގެ ނުވަތަ އަނިޔާވެރި ވުމުގެ ޢަމަލެއް ކޮށްފައިވުން ފަދަ ކަންކަމަކީ ނުރައްކަލުގެ ފުރުސަތު އޮތްކަމަށް ބަޔާންކޮށްދިނުމަށް ހުށަހެޅިދާނެ ކަންކަމެވެ. އަދި އެފަދަ ކަމެއް ހިނގާފާނެ ކަމުގެ އިޙްތިމާލު އޮތްކަން ބަޔާންކޮށްދެވޭނެ ސަބަބުތަކެއް ސަބަބުވެރި އިންސާނަކަށް ވިސްނައިގަނެވޭނެ މިންވަރަށް ބުނެދެވުމުން ފުދޭނެކަމަށް ދެކެމެވެ.

22HN3ފާހަގަކުރަންޖެހޭ ކަމަކީ ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު އޮތްކަން ދެނެގަންނާނީ ކޮންމެ މައްސަލައެއްގެވެސް، އެ މައްސަލައިގެ ވަށައިގެންވާ ޙާލަތްތަކަށް ރިޢާޔަތްކޮށް ކަމެވެ. ހެކިބަސްދޭ މީހާ ހިމާޔަތްކުރުމަށް އެދި ދައުލަތުން ހުށަހަޅާ ސަބަބުތަކަކީ އެ މައްސަލައިގެ ޙާލަތްތަކަށް ޚާއްސަ ހުށަހެޅުންތަކެކެވެ. މިކަން އެނގެނީ ހެކިބަސްދޭ މީހާއަށް ހިމާޔަތްދޭންޖެހޭކަމަށް ދައުލަތަށް ވާސިލުވި ސަބަބުތައް ދައުލަތުން ޝަރީޢަތަށް ހުށަހަޅާންވާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވުމުގެ އިތުރަށް، އަމުރާމެދު ގޮތެއް ނިންމުމުގައި އެ ސަބަބުތަކަށާއި، ތަޙުޤީޤު ހިންގި ފަރާތުން ހުށަހަޅާ ކަންކަމަށް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނެކަމަށް 149-1 ގެ (ށ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާތީއެވެ. އަދި ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހުށަހެޅުންތަކުން މައްސަލައިގައި ހެކިބަސްދޭ މީހާއަށް އެކަށީގެންވާ ނުރައްކަލެއް ނުވަތަ ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަން އަދި ނުރައްކާގެ މިންވަރު ވަޒަން ކުރެވިގެންދާނީ މައްސަލައިގެ ޙާލަތްތަކާއި ކުރިމަތިވެފައި އޮތް ނުރައްކަލުގެ ތަފުސީލީ ސަބަބުތަކެއް ހުށަހެޅިގެންނެވެ. އެ ގޮތުން، ހެކިބަސްދޭ މީހާއަށް އޮތް ނުރައްކަލަކީ ކޮބައިކަމާއި، އެއީ ޙަޤީޤަތުގައިވެސް އޮތް ނުރައްކަލެއްތޯ އާއި، ނުރައްކާގެ މިންވަރާއި، ނުރައްކަލުގެ ނިސްބަތާއި (މިސާލަކަށް އެ ނުރައްކާ އޭނާގެ އާއިލާއާ ހަމައަށްއޮތްކަން ނުވަތަ ނޫންކަން)، މިކަންކަން ދެނެގެވޭނީ މައްސަލައިގެ ޙާލަތްތަކަށް ރިޢާޔަތްކޮށްގެންނެވެ. އަދި ހެކިބަސްދޭ މީހާއަށް ހިމާޔަތްދިނުމަށް ނިންމާ ޙާލަތުގައި އަޅާ ފިޔަވަޅު ދަރަޖަ ކުރެވެނީ ހުށަހެޅުނު ސަބަބުތައް ވަޒަންކުރުމަށްފަހު ކަމަށްވާތީ، ހެކިބަސްދޭ މީހާއަށް އޮތްކަން ނުވަތަ ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަން ބުނެދިނުމަށް ހުށަހަޅާ ކަންކަމަކީ މައްސަލައިގެ ޙާލަތްތަކާ ގުޅިފައިވާ، އެކަމަށް ބާރުދޭ ސަބަބުތަކެއް ކަމުގައި ވާންޖެހޭނެކަމަށް ދެކެމެވެ.

ހެކި ހިމާޔަތްކުރުމަށް އެދުނު ސަބަބު

23ހެކިބަސްދޭ މީހާ ހިމާޔަތްކުރުމަށް އެދި ދައުލަތުން މިމައްސަލައިގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމަށް ބަލާއިރު، އެ ފޯމުގެ 4 ވަނަ ނަންބަރުގައި، މި ރިޕޯޓުތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ހެއްކެއްކަމަށާއި، މި ހެކިތަކަކީ ދައުލަތުން ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް މުޙިއްމު ހެކިތަކެއްކަމަށާއި، ދަޢުވާ ސާބިތުކުރުމަށް އެހީވެދޭނެކަންކަން ދަޢުވާ ހުށަހަޅާ ފޯމުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހެކިބަސްދޭ މީހާއަށް ޙިމާޔަތްދިން ނަމަވެސް އޭނާ ހެކިބަސްދޭ މައްސަލައިގެ ޝަރީޢަތް އިންޞާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގެ ހުރަހެއް ނެތްކަމަށާއި، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ (ކ) އިން ދަޢުވާލިބޭ ފަރާތަށް ކަށަވަރުކޮށްދީފައިވާ ހެކީންނާ ސުވާލުކުރުމުގެ ހައްޤު ލިބިދެވޭނެކަމަށް ބުނެފައިވެއެވެ. އަދި މައްސަލާގައި ހުށަހަޅާފައިވަނީ ސީރިއަސް ދަޢުވާތަކެއްކަމަށާއި، ޓެރަރިޒަމްގެ ކުށްތަކަކީ އޭގެ ޒާތާއި ބާވަތުން މުޅި މުޖުތަމަޢުގެ ހަމަޖެހުމާ ގުޅިފައިވާ ކުށްތަކެއްކަމަށާއި، މި މައްސަލައިގެ ބާވަތުން ޢާންމު މަޞްލަޙަތަށް މަތީ މިންވަރަކަށް އަސަރުކުރާނެކަމާމެދު ސުވާލު ނުއުފެދޭކަމަށް ބަޔާންކޮށްފައިވެއެވެ.

24ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ހެކިންގެ ފުރިހަމަ ހެކިބަހެއް ޝަރީޢަތެއް ލިބުމަށް މަގުފަހިކުރުމަށާއި، އިންޓެލިޖެންސް އިދާރާތަކުގެ މަސައްކަތްތަކަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޚާއްޞަ ނިޒާމެއްގެ ދަށުން ސިއްރު ހިފެހެއްޓެނިވި ގޮތުގެމަތިން ބައްޓަންކުރެވިފައިވާ މަސައްކަތަކަށްވާތީއާއި، މިފަދަ ރިޕޯޓްތައް އެކުލަވާލަން މަސައްކަތްތައް ކުރަމުންދާގޮތާއި، މަޢުލޫމާތު ހޯދާ ވަޞީލަތްތަކާއި މަޞްދަރުތައް އެނގި ހާމަވުމުގެ ފުރުޞަތު އޮތަތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149-1 ގެ (ހ) އާއި ހަމަ އެ ޤާނޫނުގެ 149-2 ގެ (ށ) އާއި (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން އިންޓެލިޖެންސް ރިޕޯޓުތައް ތައްޔާރުކުރި މީހުންނަކީ ކާކުކަން ހާމަނުވާ ގޮތަށް މި ހެކިންގެ އަޑު ބަދަލުކުރުމަށްފަހު އޯޑިއޯ ނުވަތަ އަޑު ފޮނުވައިދޭ ވަސީލަތެއްގެ ޒަރީއާއިން ސުވާލުކޮށް ހެކިބަސް ނެގުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ.

ވަކިވަކި މީހަކަށް އޮތް ނުރައްކަލެއް ބުނެދޭންޖެހޭތޯ

25HN4ޖިނާއީ އިޖުރާއަތުގެ 149 (ށ) ގައިވާ ގޮތުން ނުރައްކާ ނިސްބަތްވަނީ ހެކިބަސްދޭ މީހާއަށްކަމަށް ނަމަވެސް، ޖިނާއީ އިޖުރާއަތުގެ 149-1 ވަނަ މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރަށް ބެލުމުން، މި ނުރައްކަލަކީ ހަމައެކަނި ހެކިބަސްދޭ މީހާއަށް ގައިދުކުރެވިފައިވާ ނުރައްކަލެއް ނޫންކަން އެނގެއެވެ. ހެކިބަސްދޭ މީހާއަށް ހިމާޔަތް ދިނުމާމެދު ފަނޑިޔާރު ގޮތެއް ނިންމުމުގައި، މައްސަލައިގެ ބާވަތުން އާންމު މަޞްލަޙަތަށް އޮތް ނުރައްކަލަށް ރިޢާޔަތްކުރަންވާނެކަމަށް އޮތުމުން، އެ ނުރައްކަލަކީ ހެކިބަސްދޭމީހާ ނުވަތަ އޭނާގެ އާއިލާއަށް އޮތް ނުރައްކަލަކަށްވުރެ، ފުޅާ ދާއިރާއެއްގައި ވަޒަންކުރަން ޖެހޭކަމެއްކަން އެނގެއެވެ.

26HN5ދައުލަތުން ފާހަގަކުރާގޮތަށް ހެކިބަސްދޭން ތިބި ފަރާތްތަކަކީ އިންޓެލިޖެންސް އޮފިސަރުންތަކަކަށް ވެފައި، ވަޒީފާގެ ޠަބީޢަތުން ހިމާޔަތްދޭންޖެހޭ ޙާލަތެއް އުފަންވުމަކީ އެކަށީގެންވާ ކަމެކެވެ. މައްސަލައިގެ ޙާލަތްތަކާއި ގުޅުވައި މައްސަލައިގައި ހެކިބަސްދޭން ތިބި ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންނަށް ޖަމައީކޮށް ޚާއްޞަ ނުރައްކަލެއް އޮތް ކަމަށް އަންގައިދޭ އެކަށީގެންވާ ސަބަބުތަކެއް ހުށަހެޅިއްޖެނަމަ، ވަކިވަކި އޮފިސަރަކަށް އޮތް ވަކި ޚާއްޞަ ނުރައްކަލެއް ބުނެދިނުން ލާޒިމެއްނޫނެވެ. އެގޮތުން އެއް ހާލަތެއްގައި ތިބި އެއްބަޔަކަށް ނުރައްކާ އޮތް މިންވަރު ޖަމައީކޮށް ބުނެދެވުމުން ފުދޭނެކަމަށް ދެކެމެވެ. އެއްހާލަތެއްގައި ތިބި ބަޔަކަށް ޖަމައީކޮށް އޮތް ނުރައްކާ ބަޔާންކޮށް ދިންނަމަވެސް، މި ދެކެވެނީ ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާއަށް ލިބިދޭ އަސާސީ ހައްޤުތަކަކާ ދުރަށް ދާންޖެހޭ އިސްތިސްނާއީ ޙާލަތެއް ކަމުގައިވާއިރު، އެ އިސްތިސްނާއީ ޙާލަތު އުފަންވުމަށް މެދުވެރިވި އެކަށީގެންވާ ސަބަބުތަކެއް ދައުލަތަށް ދެއްކެންވާނެއެވެ.

27ދައުލަތުން މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި މާޒީގައި ހިނގާފައިވާ ހާދިސާއަކަށް އަލިއަޅުވާލައި، މައްސަލައިގައި ހެކިބަސްދޭން ހުރި ފުލުހުންގެ އިންޓެލިޖެންސް އޮފިސަރަކީ ކާކުކަން އެ މައްސަލައިގައި ހާމަވުމުގެ ސަބަބުން އެ އޮފިސަރު އެހެން ޑެސްކް ޖޮބްއަކަށް ބަދަލުކުރަން ޖެހިފައިވާކަމަށާއި، ރާއްޖޭގެ ޙާލަތަށް ބަލާއިރު ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރަނީ ނިސްބަތުން މަދު ބައެއްކަމަށް ފާހަގަކޮށް، އެ ފަރާތްތަކުގެ ވަނަވަރު ހާމަވުމަކީ، ކުރިއަށްހުރި މިފަދަ އިންޓެލިޖެންސް އަދި ތަޙުޤީޤީ އޮޕަރޭޝަންތަކަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެފައިވެއެވެ. މިކަންކަމަކީ ތަފުޞީލީ ގޮތެއްގައި ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ނޫންކަމަށާއި ނަމަވެސް ހައިކޯޓުގައި މިކަންކަން ފާހަގަކޮށްފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ.

28މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅުނު ފަރާތްތަކަކީ އިންޓެލިޖެންސް ރިޕޯޓްތައް ތައްޔާރުކުރި ފަރާތްތައް ކަމުގައި ވެފައި، އެ ފަރާތްތަކަށް ނުރައްކާ އޮތްކަމަށް ބުނެ ދައުލަތުން ހުށަހަޅާ ސަބަބުތަކަށް ބަލާއިރު، އެ ފަރާތްތަކުގެ ވަނަވަރު ހާމަވެއްޖެނަމަ، އެކަށީގެންވާ ނުރައްކަލެއް އޮތް ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ. ނުރައްކާ އޮތްކަން އަންގައިދިނުމަށް ދައުލަތުން ހުށަހެޅި ސަބަބަކީ ޖަމައީކޮށް މި ފަރާތްތަކަކީ އެއް ޙާލަތެއްގައި ތިބި ފަރާތްތަކަކަށްވުމުން ނުރައްކަލެއްގެ ފުރުޞަތު އޮތްކަމަށް ހުށަހެޅި ސަބަބެކެވެ. މިހާލަތުގައި ވަކި ވަކި އޮފިސަރުންނަށް ވަކިވަކި ސަބަބުތަކެއް ހުށަހެޅުން ލާޒިމެއްނޫނެވެ. ނަމަވެސް އެ ސަބަބަކީ ހެކިބަސް ދޭން ތިބި އިންޓެލިޖެންސް އޮފިސަރުންނަށް އޮތް ނުރައްކަލެއްކަން އަންގައިދޭ ސަބަބެއްކަމަށްވުމުން ފުދެއެވެ.

29މި މައްސަލައިގައި ހުށަހެޅިފައިވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްތައް ތައްޔާރުކުރި އޮފިސަރުންނަށް އޮތް ނުރައްކާ ހައިކޯޓުގައި ފާހަގަކުރިކަމަށް ދައުލަތުން ބުނާއިރު، ހައިކޯޓުން އިންޓެލިޖެންސް އިދާރާގެ އޮފިސަރުންނަށް އެމީހުންގެ ވަޒީފާގެ ޠަބީއަތުން ހުށަހެޅިފައި އޮތް ނުރައްކަލާއި އަދި އެ އޮފިސަރުންގެ ވަނަވަރު ހަމަވުމުން، ނިކުންނާނެ ނަތީޖާއާމެދު ގޮތެއް ކަނޑައަޅާފައިނުވެއެވެ. ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުން

30ދައުލަތުން މި މައްސަލައިގެ އިސްތިއުނާފުގައި މިނިވަން ދިމިޤްރާތީ ގައުމުތަކުގައި ޢަމަލުކުރާ އުޞޫލުތައްކަމަށް ބުނެ ނިންމާފައިވާ ބައެއް ނިންމުންތަކާ ޙަވާލާދީ، ހައިކޯޓުގެ ނިންމުމުގައި އާންމު މަޞްލަޙަތަށް އޮތް ނުރައްކަލަށާއި، ދައުލަތުން އަޅައިދިނުމަށް އެދުނު ފިޔަވަޅުގެ ނިސްބަތަށާއި އެ ފިޔަވަޅުގެ ސަބަބުން އިންސާފުވެރި ޝަރީޢަތަކަށް ހުރަސް އެޅިދާނެ މިންވަރަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެއެވެ.

31HN6ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ހުށަހަޅާ ސަބަބުތަކަށް ބެލުމަށްފަހު، 149-1 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކޮށް، އޭނާ ޙިމާޔަތްދޭންޖެހޭ މިންވަރު ދަރަޖަ ކުރަންޖެހޭނެކަމަށް އެ މާއްދާގައި ބަޔާންކުރެއެވެ. މާނައަކީ ހެކިބަސްދޭމީހާ ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅަކީ ހެކިބަސްދޭމީހާއަށް އޮތް ނުރައްކަލާއި އެކަށޭނަ ފިޔަވަޅެއްކަމުގައި ވާންޖެހުމެވެ. ހެކިބަސްދޭމީހާ ހިމާޔަތްކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކަކީ ދަޢުވާ އުފުލިފައިވާ މީހާއަށް ލިބިދޭ އަސާސީ ޙައްޤުތަކަށް ސީދާ އަސަރުކުރުވާނެ ކަމެއްކަމަށް ވުމުން، އާންމު މަޞްލަޙަތަށް އޮތް ނުރައްކަލާއި ދަޢުވާލިބޭ ފަރާތަށް ހަނިކުރެވިގެންދާ އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤާއި ތިލަފަތްކުރެވެންޖެހޭކަމަށް ޤާނޫނު ބުނެއެވެ. މިކަން އެނގިގެންދަނީ ޖިނާއީ އިޖުރާއަތުގެ 149-1 ގައި (ށ) ގައި ހެކިބަސްދޭ މައްސަލައިގެ ޝަރީޢަތް އިންޞާފުވެރިކަމާއެކު ހިންގުމަށް އެހީތެރިވެދޭނެ މިންވަރާއި، ހެކިބަސްދޭމީހާގެ ހެކިބަސް މައްސަލައަކަށް މުހިންމުވާ މިންވަރާއި، އަދި ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ މައްސަލައިގެ ބާވަތުން، އާންމު މަޞްލަޙަތަށް އަސަރުކުރާނެ މިންވަރަށް އަމުރާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ރިޢާޔަތް ކުރަންވާނެކަމަށް ސާފުކޮށް ބަޔާންކޮށްފައިވާތީއެވެ.

32މި ތިލަފަތް މީޒާންކުރުމުގައި ކޯޓުން ބަލަންޖެހޭނީ ދިފާއަށް ހަނިކުރެވިގެންދާ އަސާސީ ޙައްޤާއި ހިމާޔަތްކުރެވޭ އާންމު މަޞްލަޙަތާއި އަޅާކިޔުމަށްފަހު، ނުރައްކާ އޮތް ނިސްބަތުން ފިޔަވަޅު އެޅުމެވެ. އެހެނީ، އޭނާއަށް ޙިމާޔަތްދޭންޖެހޭ މިންވަރު ދަރަޖަ ކުރެވޭނީ ހުށަހެޅިފައިވާ ނުރައްކަލުގެ މިންވަރާއި ނިސްބަތުންކަމާއި، ހެކިބަސް ނަގާނެ ގޮތް ބިނާ ވަނީ ހިމާޔަތްދޭންޖެހޭ މިންވަރުގެ މައްޗަށެވެ.

33ކުރިމަތީގައި މި އޮތް މައްސަލައިގައި ހެކިބަސްދޭމީހާ ހިމާޔަތްކުރުމަށް އެދި ދައުލަތުން ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ހެކިބަސްދޭން ތިބި ފަރާތްތަކަކީ މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅުނު އިންޓެލިޖެންސް ރިޕޯޓްތައް ތައްޔާރުކުރި މުވައްޒަފުންކަމަށްވެފައި، އެފަރާތްތަކުގެ ހެކިބަސް މުހިންމުވާ ސަބަބާއި، ހެކިބަސް ދޭންތިބި ފަރާތްތަކަށް ހިމާޔަތް ނުލިބިއްޖެނަމަ، އަދި އެފަރާތްތަކުގެ ވަނަވަރު ހާމަވެއްޖެނަމަ، އިންޓެލިޖެންސް މައުލޫމާތު ހޯދާ ގޮތާއި، ސިއްރު އުކުޅުތަކާއި މެތަޑްތައް ހާމަވުމާއި، މައްސަލައިގައި ތުހުމަތުކުރެވެނީ ޓެރަރިޒަމްގެ ކުށުގެ ޢަމަލުތަކެއްކަމަށްވެފައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓުތަކަކީ ޓެރަރިޒަމް ޤާނޫނުގެ ދަށުން ހެކީގެ ގޮތުގައި ބަލައިގެނެވޭނެ ހެކިކަމަށްވުމާއި، ކުށުގެ ޢަމަލު ހިންގާފައިވާގޮތާއި، މިކަންކަން ހިމެނެއެވެ.

34މި މައްސަލައިގައި ތުހުމަތު ކުރެވެނީ ޓެރަރިޒަމްގެ ކުށުގެ ޢަމަލުތަކަކަށް ކަމަށްވާއިރު، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރުމަށް ޚާއްޞަ އޮނިގަނޑެއް ޤާނޫނުން އެކުލަވާފައިވުމުން، އިންޓެލިޖެންސް މައުލޫމާތަކީ ދައުލަތުގެ ޢާންމު މަޞްލަޙަތާއި ގުޅިފައިވާ ކަމެއްކަން އެނގެއެވެ. ހައިކޯޓުން މައްސަލަ ނިންމުމުގައި ދައުލަތުން ހުށަހަޅާފައިވާ ކަންކަމަށް ބަލައި މައްސަލައިގެ ބާވަތުން ޢާންމު މަޞްލަޙަތަށް އޮތް ނުރައްކަލަށް ރިޢާޔަތްކޮށްފައިނުވެއެވެ. ހައިކޯޓުގެ ނިންމުމުގައި ބަލާފައިވަނީ ޖިނާއީ އިޖުރާއަތުގެ 149 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ހެކިބަސްދޭން ހުރި މީހާއަށް ނުވަތަ އޭނާގެ އާއިލާއަށް އޮތް ނުރައްކަލެއް ބުނެދެވިފައިވޭތޯއެވެ. ނަމަވެސް، ހެކިބަސްދޭމީހާ ހިމާޔަތްކުރުމަށް އެދި ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހަޅާ ސަބަބުތަކަށް ބަލައި، އަމުރާމެދު ގޮތެއް ނިންމުމުގައި ނުރައްކާ އެއަށްވުރެ ފުޅާ ދާއިރާއެއްގައި ވަޒަންކުރަންޖެހެއެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ ޓެރަރިޒަމްގެ ކުށުގެ ޢަމަލުތަކަކަށް ކަމަށްވާއިރު، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރުމަށް ޚާއްޞަ އޮނިގަނޑެއް ޤާނޫނުން އެކުލަވާފައިވެއެވެ.

35HN7މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ އިންޓެލިޖެންސް ރިޕޯޓުތައް ތައްޔާރުކުރި މީހުންނަކީ ކާކުކަން ހާމަނުވާ ގޮތަށް މި ހެކިންގެ އަޑު ބަދަލުކުރުމަށްފަހު އޯޑިއޯ ނުވަތަ އަޑު ފޮނުވައިދޭ ވަސީލަތެއްގެ ޒަރީއާއިން ސުވާލުކޮށް ހެކިބަސް ނެގުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ. ހެކިބަސްދޭމީހާ ޙިމާޔަތްކުރުމަށް އަޅާ ފިޔަވަޅުތައް ގުޅިފައިވަނީ ދިފާއަށް ޤާނޫނުއަސާސީން ލިބިދޭ އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤާއި ކަމަށްވުމުން، އަޅާ ފިޔަވަޅަކީ ނިސްބަތުން ކުޑަ އަދި އެނޫން އެހެން ފިޔަވަޅެއް އޮތްތޯ ބެލުމަށްފަހު އަޅާ ފިޔަވަޅެއްކަމުގައި ވާންޖެހެއެވެ. ހެކިބަސްދޭ މީހާއަށް ހިމާޔަތް ދިނުމަށް ހުށަހަޅާ ހުށަހެޅުމާމެދު ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ބަޔާންކުރެވިފައިވާއިރު، އަމުރާމެދު ގޮތެއް ނިންމުމުގައި އެ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކުރި ގޮތް ފެންނަން އޮންނަންވާނެކަމަށް ދެކެމެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނިންމުމުގައި އެފަދައިން ރިޢާޔަތްކޮށްފައިވާކަން އެނގެންނެތެވެ.

މައްސަލަ ނިންމަން ފެންނަގޮތް

36މަތީގައި ފާހަގަކުރެވުނު ކަންކަމުގެ އަލީގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/17 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރެއް ނެރެދިނުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 މާއްދާގެ ބުނާ ސަބަބުތަކަށާއި، ފަނޑިޔާރު ރިޢާޔަތްކުރަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149-1 މާއްދާގެ (ށ) ގައި ބުނާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، އަމުރާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ކްރިމިނަލް ކޯޓަށް ތަޙްވީލުކޮށް މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

6. މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

7. މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމުން، (1) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/17 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކޮށް، (2) ސުޕްރީމް ކޯޓުން މި މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، މި އަމުރާމެދު އަލުން ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މި މައްސަލަ ތަޙްވީލުކޮށް، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ
  4. ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)
  5. ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ވަނަ މާއްދާގެ (ހ) ގެ 1ވަނަ ނަންބަރުގެ (ނ) އާ ޙަވާލާދީ، އެ މާއްދާގެ (ލ) ގެ ދަށުން
  6. ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) 16-1 ވަނަ މާއްދާގެ (ހ) ގެ 5ވަނަ ނަންބަރާ ޙަވަލާދީ، އެ މާއްދާގެ (ނ) ގެ ދަށުން
  7. އބމ
  8. ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 7ވަނަ މާއްދާގެ (ހ) އާއި، 4ވަނަ މާއްދާގެ (ހ) އާއި (ހ) ގެ 1ވަނަ ނަންބަރާއި، 2ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާ ޙަވާލާދީ، 7 ވަނަ މާއްދާގެ (ށ) ގެ ދަށުން
  9. ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) ގެ 2ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާ ޙަވާލާދީ، އެ މާއްދާގެ (ތ) ގެ ދަށުން
  10. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު DI (b)-IASR-2025-062
  11. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު DI (b)-CDR-2025-007
  12. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު DI (b)-EDAR-2025-008 އާއި، ނަންބަރު DI (b)-FIAR-2025-007 އާއި DI (b)-GTARDH-EDAR-2025-009 އާއި، ނަންބަރު DI (b)-EDAR-GTARDH-2025-004
  13. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)
  14. ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ ފޯމު
  15. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން ނަންބަރު 145-B5/SHN/496,497,498,499-2025/2026/03
  16. ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު)
  17. Vahi Mechelen and Others v. Netherlands (1997) 25 EHRR 647, Doorson v. Netherlands (1996) 22 EHRR 330
  18. ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) 27 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރު
  19. ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 19-3 ވަނަ މާއްދާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 149 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 1-149 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 2-149 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 147 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ (5)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 131 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު)
  • ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރު
  • ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 3-19 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ
  • Van Mechelen and Others v. Netherlands (1997) 25 EHRR 647
  • Doorson v. Netherlands (1996) 22 EHRR 330

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ