ޢަބްދުﷲ މާހިރު ވ. މުޙައްމަދު ޔޫސުފް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހައިކޯޓުން 2006/HC-A/247 ގައި ނިންމި ގޮތާމެދު ޢަބްދުﷲ މާހިރު ހިތްހަމަނުޖެހިގެން ސުޕްރީމް ކޯޓަށް އިލްތިމާސް ކުރިއެވެ؛ ދަށު ކޯޓުތަކުގެ ނިންމުމުގެ ތަފްޞީލު ލިޔުމުގައި ނެތެވެ.
- ވާޤިޢާ
- ޢަބްދުﷲ މާހިރު ތަނެއް ވިއްކުމަށް މުޙައްމަދު ޔޫސުފްގެ އަތުން އަގު ނަގައި، ފަހުން ދިމާވި ސަބަބަކާހުރެ މުޢާމަލާތް ތަންފީޛު ނުކުރެވުނެވެ. ފައިސާ އަނބުރާ ނުދެއްކެވުމުން، 1996 ގައި ދެފަރާތުން އަލުން އެއްބަސްވެ، ފައިސާ ރައްދުކުރެވެންދެން އެހެން ތަނެއް މުޙައްމަދު ޔޫސުފްއާ ޙަވާލުކުރަން ނިންމިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަނެއް ގަނެވިއްކުމުގެ މުޢާމަލާތް ތަންފީޛުނުކުރެވުމުން، ދެފަރާތުން އަލުން ކުރި އެއްބަސްވުމުގެ ދަށުން އަގު އަނބުރާ ދެއްކެންދެން ގަތުމަށް ޤަޞްދުކުރި ފަރާތާ އެހެން ތަނެއް ޙަވާލުކުރުމަކީ ޚާލިޞް ދަރަންޏެއްގެ މައްޗަށް މަންފާ ނެގުމެއް ނުވަތަ އިޖުބާރީ ޢަމަލެއް ކަމުގައި ބެލެވޭނެތޯ.
- ކޯޓުގެ ސަބަބުތައް
- މި މުޢާމަލާތަކީ ކުއްޔަށްދިނުމެއް ނުވަތަ ޚާލިސް ދަރަންޏެއް ނޫން، ގަނެވިއްކުން ތަންފީޛު ނުކުރެވުމުން ދެފަރާތުން އަލުން އެއްބަސްވި ވިޔަފާރީގެ މުޢާމަލާތެކެވެ. އެއީ އިޖުބާރީ ޢަމަލެއްކަމަށް ސާބިތުކުރެވޭ ހެއްކެއް ނުވަތަ ޤަރީނާއެއް ނެތުމުން، ހައިކޯޓުގެ ޙުކުމުގައި ޝަރުޢީ ނުވަތަ ޤާނޫނީ ޚިލާފެއް ނެތެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2006/HC-A/247
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެ ނިންމާފައިވާ ކަމެއް އެހެން ގޮތަކަށް ބަދަލުކުރެވޭނީ ދެފަރާތުންވެސް އެކަމަށް ރުހި ޤަބޫލުވެގެން ކަމެވެ. އެހެންނޫންނަމަ އެކަންވެގެންދާނީ އެއްފަރާތެއްގެ މައްޗަށް ކުރެވޭ އިޖުބާރީ ޢަމަލަކަށެވެ. އެއީ ހުއްދަކަމެއް ނޫނެވެ.
ދެފަރާތުން ކުރި ގަނެވިއްކުމުގެ މުޢާމަލާތަށް ޢަމަލުކުރެވޭގޮތް ނުވުމުން ދެފަރާތުން އަލުން އެއްބަސްވި އެއްބަސްވުމެއްގެ ދަށުން، ތަނެއް ވިއްކުމުގެ ނިޔަތުގައި ނެގި އަގު އަނބުރާ ރައްދުކުރެވެންދެން ވިއްކުމަށް މުޢާމަލާތް ކުރިތަނުގެ ބަދަލުގައި އެހެންތަނެއް ފައިސާ އަދާކުރި ފަރާތާ ޙަވާލުކުރުމަކީ ޚާލިސް ދަރަންޏެއްގެ މުޢާމަލާތެއް ނޫނެވެ؛ އެއީ ޚާލިސް ދަރަންޏެއްގެ މައްޗަށް މަންފާއެއް ޙާސިލުކުރުމެއް ކަމުގައި ބެލޭނެ ތަނެއް ނެތެވެ.
ފަނޑިޔާރުން
- ބެންޗު
- ޔޫސުފް ޙުސައިން، ޢަބްދުﷲ ޢަރީފް، އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
މައްސަލައިގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2006/HC-A/247 ޤަޟިއްޔާގެ ދަޢުވާލިބޭ ފަރާތްކަމަށްވާ […] ޢަބްދުﷲ މާހިރު ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަނުޖެހިގެން އިލްތިމާސްއަށް ހުށަހެޅި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވަނީ 12 އޮކްޓޯބަރ 2008 ގައެވެ.
މިޤަޟިއްޔާއާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ […] ޢަބްދުﷲ މާހިރާއި […] މުޙައްމަދު ޔޫސުފްއާއި މިދެމީހުން ކޮށްފައިވާ މުޢާމަލާތަކީ ކުއްޔަށްދިނުމުގެ މުޢާމަލާތެއް ނޫންކަމާއި އެއީ ވިޔަފާރީގެ މުޢާމަލާތެއްކަމާއި މިމުޢާމަލާތުގައި ތަން ގަތުމުގެ އަގަށްވާ ފައިސާ ޢަބްދުﷲ މާހިރު މުޙައްމަދު ޔޫސުފްގެ އަތުން ނަގާފައިވާކަމާއި އަދި އޭގެ ފަހުން ދިމާވި ސަބަބަކާހުރެ މުޢާމަލާތް ތަންފީޒުކުރެވޭ ގޮތް ނުވީކަން އެނގެއެވެ. އަދި މި މުޢާމަލާތުގައި ތަންވިއްކުމަށް ޤަސްދުކުރި ފަރާތްކަމަށްވާ ޢަބްދުﷲ މާހިރު ތަން ގަތުމަށް ޤަސްދުކުރި ފަރާތްކަމަށްވާ މުޙައްމަދު ޔޫސުފްގެ އަތުން ނެގި ފައިސާ އަނބުރާ ދެއްކޭގޮތް ނުވުމުން މިދެފަރާތުން ދެވަނަ ގޮތެއް އިޚްތިޔާރު ކޮށްފައިވަނީކަންވެސް އެނގެއެވެ. އެއީ މިދެފަރާތުގެ މެދުގައި ކުރެވުނު އެއްބަސްވުމެއްގެ ދަށުން ތަންގަތުމުގެ އަގުގެ ގޮތުގައި ޢަބްދުﷲ މާހިރުއަށް ދެއްކި ފައިސާ އަނބުރާ ރައްދު ކުރެވެންދެން، ވިއްކުމަށް މުޢާމަލާތް ކުރިތަނުގެ ބަދަލުގައި އެހެންތަނެއް ފައިސާ އަދާކުރިފަރާތް ކަމަށްވާ މުޙައްމަދު ޔޫސުފްއާ ޙަވާލުކުރުމެވެ. އެހެންކަމާއެކު ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެ ނިންމާފައިވާ ކަމެއް އެހެން ގޮތަކަށް ބަދަލުކުރެވޭނީ ދެފަރާތުންވެސް އެކަމަށް ރުހި ޤަބޫލުވެގެން ކަން އެނގެއެވެ. އެހެންނޫންނަމަ އެކަންވެގެންދާނީ އެއްފަރާތެއްގެ މައްޗަށް ކުރެވޭ އިޖުބާރީ ޢަމަލަކަށެވެ. އެއީ ހުއްދަކަމެއް ނޫންކަން އެނގެއެވެ. އަދި މިމުޢާމަލާތަކީ ޚާލިސް ދަރަންޏެއްގެ މައްޗަށް ނެގޭ މަންފާއެއް ކަމަށް ބެލޭނެ ތަނެއް ނެތްކަންވެސް ފާހަގަ ކުރެވެއެވެ.
ދެވަނަ ކަމަކީ މިމައްސަލައިގައި ހިމެނޭ ޢަބްދުﷲ މާހިރުއާއި މުޙައްމަދު ޔޫސުފްއާއި މިދެފަރާތުގެ މެދުގައި ކޮށްފައިވާ މުޢާމަލާތަކީ ޚާލިސް ދަރަންޏެއްގެ މުޢާމަލާތެއް ނޫންކަމާއި މިއީ ދެފަރާތުންކުރި ގަނެވިއްކުމުގެ މުޢާމަލާތަށް ޢަމަލުކުރެވޭގޮތް ނުވުމުން ދެފަރާތުން އަލުން އެއްބަސްވި އެއްބަސްވުމެއްގެ ސަބަބުން ދެފަރާތުގެ މައްޗަށް ލާޒިމްވެފައިވާ ކަމެއްކަން އެނގެއެވެ. އޭގެ ނަތީޖާ އަކީ ތަނެއް ވިއްކުމުގެ ނިޔަތުގައި ނެގި އަގު އަނބުރާ އަގުދެއްކި ފަރާތަށް ރައްދުކުރުމެވެ. އަދި ތަންގަތުމުގެ ނިޔަތުގައި އަގުއަދާ ކުރި ފަރާތުން ތަން އަނބުރާ ވިއްކުމުގެ މުޢާމަލާތް ހިންގި ފަރާތާއި ޙަވާލުކުރުމެވެ. ވީއިރު މިމުޢާމަލާތަކީ ޚާލިސް ދަރަންޏެއްގެ މައްޗަށް މަންފާއެއް ޙާސިލުކުރުމެއް ކަމުގައި ބެލޭނެ ތަނެއް ނެތްކަން އެނގެއެވެ.
ތިންވަނަ ކަމަކީ ޢަބްދުﷲ މާހިރާއި މުޙައްމަދު ޔޫސުފްއާއި ދެފަރާތުގެ މެދުގައި ކުރި ވިޔަފާރީގެ މުޢާމަލާތުގައި ޢަބްދުﷲ މާހިރު ތަން ވިއްކުމުގެ އަގު މުޙައްމަދު ޔޫސުފްގެ އަތުން ނެގުމަށްފަހު މިވިޔަފާރީގެ މުޢާމަލާތް ތަންފީޒުނުކުރެވި ރޫޅާލަން ޖެހުނުހިނދު ޢަބްދުﷲ މާހިރު މުޙައްމަދު ޔޫސުފްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވުމާއި އަދި އެފައިސާ އަނބުރާ ރައްދުކުރެވެން ނެތުމުން ޢަބްދުﷲ މާހިރުއަށް މުޙައްމަދު ޔޫސުފްގެ ފައިސާއިން މަންފާ ޙާސިލުކުރުމުގެ ފުރުޞަތު އޮތް ފަދައިން މުޙައްމަދު ޔޫސުފްއަށް ވެސް ޢަބްދުﷲ މާހިރުގެ ތަނަކުން މަންފާ ޙާސިލުކުރެވޭނެ ގޮތް މިދެފަރާތުގެ މެދުގައި 1996/8/25 ގައި އަލުން އެއްބަސްވި އެއްބަސްވުމުން ހަމަޖައްސާފައި ވަނީ ކަން އެނގެއެވެ. އެހެންކަމުން މިމުޢާމަލާތަކީ ޚާލިސް ދަރަންޏެއްގެ މައްޗަށް ކޮށްފައިވާ މުޢާމަލާތެއް ނޫންކަން އެނގެއެވެ. އަދި މިމުޢާމަލާތަކީ އިޖުބާރީ ޢަމަލެއްކަމަށް ޝަރީޢަތަށް ސާބިތުކުރެވޭވަރުގެ ހެއްކެއް ޤަރީނާއެއް ނެތްކަންވެސް ފާހަގަ ކުރެވެއެވެ.
ހަތަރުވަނަ ކަމަކީ އިސްވެ ބަޔާން ކުރެވުނު ކަންތައްތަކަށް ބަލާވިސްނުމަށްފަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/247 ޤަޟިއްޔާގެ ޙުކުމުގައި ޤާނޫނާއި ޝަރުޢީ ހަމަތަކާއި ޚިލާފު ކަމެއް އޮތްކަމަށް ޝަރީޢަތުން ބެލޭނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުން ވަނީ އިއްތިފާޤުވެފައެވެ.
ޙުކުމް
ވީމާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/247 ގެ ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/247 ގެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފީމެވެ.
މައްސަލަ ބެލި ފަނޑިޔާރުން:
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.