—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2013/SC-A/06
ދަޢުވާކުރާ ފަރާތް: ޢަބްދުﷲ މާހިރު
ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު ޔޫސުފް
މައްސަލައިގެ ބާވަތް: މއ. އެންދެރިއާގެ ވިއްކުން
މައްސަލަ އައިގޮތް: އިސްތިއުނާފްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 27 ޖެނުއަރީ 2013
ނިމުނު ތާރީޚް: 21 ޖޫން 2015
މައްސަލަ ނިންމި ގަޑި:11:50
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2012/HC-A/39
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 12 ފެބްރުއަރީ 2012
ނިމުނު ތާރީޚް: 25 ނޮވެމްބަރ 2012
ފާހަގަ ކުރެވުނު ނުކުތާތައް
1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/39 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށްބުނެ ޢަބްދުﷲ މާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ދަޢުވާ ލިބުނީ މުޙައްމަދު ޔޫސުފް މޫސާ އަށެވެ.
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/39 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1418/CV-C/2011 ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ، މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުން އެ ކޯޓުން ބައްލަވައި، ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/39 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1418/CV-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، މ. ވެލާނާވަރު ޢަބްދުﷲ މާހިރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އެންދެރިއާގެ އެވެ ކިޔާ އަމިއްލަ ގޯތީގެ 340 އަކަފޫޓުގެ އަމިއްލަ ބިމާއި އެ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ 2,000,000/- (ދެ މިލިއަން ރުފިޔާ) ގެ އަގަށް ޢަބްދުﷲ މާހިރުގެ އަތުން ގަތުމަށް އެދި، މއ. ހިމާލިޔާ އަޙްމަދު ދީދީ ހުށަހެޅުމުން އެ ކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި
ސިވިލް ކޯޓުން، އެ ކޯޓުގެ ނަންބަރު 1418/CV-C/2011 ޤަޟިއްޔާ ނިންމަވާފައިވަނީ، މ. ވެލާނާވަރު ޢަބްދުﷲ މާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މއ. އެންދެރިއާގެ އެވެކިޔާ 340 (ތިންސަތޭކަ ސާޅީސް) އަކަފޫޓުގެ އަމިއްލަ ގޯތީގެ ބިމާއި އެ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ގަތުމަށް އެދި މއ. ހިމާލިޔާ އަޙްމަދު ދީދީ ހުށަހަޅާފައިވާ މައްސަލައިގައި މި ވިޔަފާރި ޢަޤުދުކުރުމަށް ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް ބައްލަވައި، ޢަބްދުﷲ މާހިރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އެންދެރިއާގެ އެވެ ކިޔާ 340 (ތިންސަތޭކަ ސާޅީސް) އަކަފޫޓުގެ އަމިއްލަ ގޯތީގެ ބިމާއި އެ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ 2,000,000/- (ދެމިލިއަން ރުފިޔާ) ގެ އަގަށް އަޙްމަދު ދީދީއަށް ވިއްކުމުން، މި އަގަށް މި ބިމާއި ޢިމާރާތްތަކާއި ނުއުފުލޭ މުދާ އަޙްމަދު ދީދީ ގަނެ މި ވިޔަފާރި ޢަޤްދުކޮށް، މި ވިޔަފާރީގެ އަގު ޚަލާސްކޮށްފައިވާތީ، މި ވިޔަފާރި ޞައްޙަކަމަށާއި، މި ވިޔަފާރީގެ ސަބަބުން މއ. އެންދެރިއާގެ އެވެ ކިޔާ 340 (ތިންސަތޭކަ ސާޅީސް) އަކަފޫޓުގެ އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި އެ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިހާރުގެ މިލްކިވެރި ފަރާތަކީ އަޙްމަދު ދީދީ ކަމަށް ކަނޑައަޅުއްވައި،
އަދި މި ޢަޤްދުގެ ސަބަބުން މއ. އެންދެރިއާގެ އެވެ ކިޔާ 340 (ތިންސަތޭކަ ސާޅީސް) އަކަފޫޓުގެ އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި އެ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިހާރުގެ މިލްކުވެރި ފަރާތަކީ އަޙްމަދު ދީދީ ކަމަށް ވީނަމަވެސް، ޢަބްދުﷲ މާހިރަށް މއ. ސިސިލްފަރު މުޙައްމަދު ޔޫސުފް (އޮގަރު މުޙައްމަދުފުޅު) ދީފައިވާ ކަމަށް ކޯޓު ނަންބަރު 2 ގެ ނަންބަރު 77/JC-2/89 ޤަޟިއްޔާއިން ސާބިތުވެފައިވާ 670,019/90ރ. (ހަލައްކަ ހަތްދިހަ ހާސް ނަވާރަ ރުފިޔާ / ނުވަދިހަ ލާރި) މުޙައްމަދު ޔޫސުފަށް އަނބުރާ ދެއްކުމުން، ނުވަތަ އެ ފައިސާ މުޙައްމދު ޔޫސުފް މަޢާފުކޮށްދިނުމުން، ނުވަތަ މއ. އެންދެރިއާގެ އެވެ ކިޔާ 340 (ތިންސަތޭކަ ސާޅީސް) އަކަފޫޓުގެ އަމިއްލަ ގޯއްޗާއި ޙަވާލުވުމަށް މުޙައްމަދު ޔޫސުފް ފުރުޞަތު ދިނުމުން މެނުވީ، މި ގޯތި މިލްކުވެފައިވާ ފަރާތްކަމުގައިވާ އަޙްމަދު ދީދީއަށް އެ ގޯއްޗާ ޙަވާލު ނުވެވޭނެކަން އަޙްމަދު ދީދީ އަށް އަންގައި ޙުކުމް ކުރައްވާފަކަމާއި،
މިކަންކަން، އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1418/CV-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
4- ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2012/HC-A/39 ޤަޟިއްޔާ ނިންމަވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1418/CV-C/2011 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ޙުކުމެއްކަމަށް ނުފެންނަކަމަށް ބައްލަވައި، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރައްވައި ޙުކުމް ކުރައްވާފަކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/39 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
5- ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2012/HC-A/39 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށްބުނެ، ޢަބްދުﷲ މާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް މައިގަނޑު ފަސް ސަބަބެއް ހުށަހަޅައި ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން:
ފުރަތަމަ ސަބަބަކީ، ކޯޓު ނަންބަރު 2 ގެ ނަންބަރު ނަންބަރު 77/JC-2/89 ޤަޟިއްޔާ ނިމުނުއިރު، އެ ޤަޟިއްޔާގެ ދަށުން މ. ކާސަލް ގޯތި ގަތުމުގެ އަގަށް ދީފައިވާ 670,019/90ރ. (ހަލައްކަ ހަތްދިހަ ހާސް ނަވާރަ ރުފިޔާ / ނުވަދިހަ ލާރި) އަކީ، މުޙައްމަދު ޔޫސުފަށް ޢަބްދުﷲ މާހިރު ދައްކަންޖެހޭ ފައިސާއެއް ކަމަށްވިޔަސް އެ ފައިސާއަކީ ޤާނޫނު ނަންބަރު 76/28 (ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) ގައި ބުނާފަދަ، ޝަރީޢަތަށް ސާބިތުވެފައިވާ ދަރަންޏެއްނޫންކަމަށް ސިވިލް ކޯޓުގެ ނަންބަރު 1418/CV-C/2011 ޤަޟިއްޔާގައި ބަޔާންކުރެވިފައިވާއިރު، މި ފައިސާއަކީ ޤާނޫނު ނަންބަރު 76/28 (ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) ގައި ބުނާފަދަ، ޢަބްދުﷲ މާހިރުގެ ސާބިތު ދަރަންޏެއްގެ ގޮތުގައި އޮތް ފައިސާއެއްކަމަށް ހައިކޯޓުން ވިދާޅުވި ނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/11 ޤަޟިއްޔާގައި 670,019/90ރ. (ހަލައްކަ ހަތްދިހަ ހާސް ނަވާރަ ރުފިޔާ / ނުވަދިހަ ލާރި) އަކީ ފަހުން އަނބުރާ ދައްކާގޮތަށް މުޙައްމަދު ޔޫސުފްގެ އަތުން ޢަބްދުﷲ މާހިރު ނަގާފައިވާ ޚާލިޞް ދަރަންޏެއް ނޫންކަމަށް ވިދާޅުވެފައިވުމުން، މި ފައިސާއާމެދު ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމާއި ހައިކޯޓުގެ މި ނިންމެވުމާއި ތަފާތުވުމަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ފުށުއަރާ ކަމެއް ކަމަށާއި ވީމާ، މި ފައިސާއާމެދު ޢަދުލުވެރިގޮތެއް ކަނޑައެޅުއްވުމަކީ، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއްކަމަށް ބުނެ، ހުށަހަޅާފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، ކޯޓު ނަންބަރު 2 ގެ ނަންބަރު 77/JC-2/89 ޤަޟިއްޔާ އިސްތިއުނާފުކުރުމުން އެ ޤަޟިއްޔާއަށް ތާއީދުކޮށް ނިންމި ހައިކޯޓުގެ ނަންބަރު 93/HC-A/78 ޤަޟިއްޔާގެ ފަހުން، މުޙައްމަދު ޔޫސުފާއި ޢަބްދުﷲ މާހިރާ ދެމެދު 25 އޯގަސްޓް 1996 ގައި ލިޔުމެއް ލިޔެ ސޮއިކޮށްފައިވާކަމަށާއި އެ ލިޔުމަކީ، އިސްވެ ބަޔާންކުރެވުނު 670,019/90ރ. (ހަލައްކަ ހަތްދިހަ ހާސް ނަވާރަ ރުފިޔާ / ނުވަދިހަ ލާރި) ދެވެންދެން މއ. "އެންދެރި" އެވެ ކިޔާ ގޯތީގެ މައްޗަށް ލިޔެފައިވާ ލިޔުމެއްކަމުން ޢަބްދުﷲ މާހިރު، އެފައިސާ ދައްކާ ޚަލާޞްނުކުރާހާ ހިނދަކު އެ ގޯތީގައިވާ އަމިއްލަ ބިމާއި ޢިމާރާތްތައް އެހެން ފަރާތަކަށް ވިއްކާލުން ފަދަ ތަޞައްރުފެއް ނުކުރެވޭނެ ކަމަށް ފާހަގަކުރައްވައި، މި ލިޔުމުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1418/CV-C/2011 ޤަޟިއްޔާގެ ޙުކުމް ހައިކޯޓުން ބާޠިލްކުރެއްވީ ޝަރުޢީ އަދި ޤާނޫނީ މިންގަނޑުތަކަށް ބެއްލެވުމެއްނެތި ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ތިންވަނަ ސަބަބަކީ، 25 އޯގަސްޓް 1996 ގެ ތާރީޚްގައި ލިޔެފައިވާ ލިޔުމުގައި ބުނެފައިވާ މއ. އެންދެރިއެވެ ކިޔާ ގޯއްޗަކީ ޢަބްދުﷲ މާހިރުގެ ނަމުގައި އެއްވެސް އިރެއްގައި ރަޖިސްޓަރީކޮށްފައިނުވާ ގޯއްޗެއްކަމަށްވާތީ އެ ގޯތި ރަހުނުކުރިކަމަށް 25 އޯގަސްޓް 1996 ގައި ލިޔެފައިވާ ލިޔުމުގައި މ. ކާސަލް ގޯތީގެ އަގަށް މުޙައްމަދު ޔޫސުފް ދީފައިވާ -670,019/90ރ. (ހަލައްކަ ހަތްދިހަ ހާސް ނަވާރަ ރުފިޔާ / ނުވަދިހަ ލާރި) މ. ކާސަލް ގޯތި މުޙައްމަދު ޔޫސުފްގެ ހަތަރު ދަރިންނަށް، ޢަބްދުﷲ މާހިރު ހިބައިން ދިންއިރު މުޙައްމަދު ޔޫސުފްގެ ފަރާތުން ކަނޑާނުލީ ޤާނޫނު ނަންބަރު 76/28 (ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) ގައިވާ ފަދައިން ޢަބްދުﷲ މާހިރުގެ ދަރަންޏެއް ނެތްކަމަށް ހެދުމަށްޓަކައި ކަމަށާއި ޢަބްދުﷲ މާހިރަށް އެއްވެސް އިރެއްގައި ރަޖިސްޓްރީކޮށްފައިނުވާ މއ. އެންދެރި އެވެ ކިޔާ ގޯތި އެ ފައިސާ ގެ މައްޗަށް ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ރަހުނުކޮށް ޙަޤީޤަތް އޮޅުވާލީ މުޙައްމަދު ޔޫސުފްކަމަށާއި ބުނެވުނު ލިޔުމަކީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާއިބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާއާ ޚިލާފަށް އޮތް ލިޔުމެއްކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، ޢަބްދުﷲ މާހިރުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވަނީ މއ. އެންދެރިއާގެ އެވެ ކިޔާ ގޯތި ކަމަށާއި މި ގޯތި ޢަބްދުﷲ މާހިރަށް ލިބި، ޢަބްދުﷲ މާހިރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވަނީވެސް 25 އޯގަސްޓް 1996 ގެ ތާރީޚްގެ އެއްއަހަރު ފަހުންކަން އެ ގޯތީގެ ރަޖިސްޓަރީގެ ތާރީޚަށް ބެލުމުން އެނގޭކަމަށާއި މި ގޯތި އެ ފައިސާގެ މައްޗަށް ރަހުނުކޮށްފައިނުވާކަން އެނގޭއިރު، މިހާތަނަށް ނިމިފައިވާ އެއްވެސް ޤަޟިއްޔާއެއްގައި އެ ލިޔުމާމެދު އިންސާފީ ނަޒަރަކުން ބެލިފައިނުވާކަމަށާއި، އެ ލިޔުމަށް ބެލުމުން އެނގެންއޮތް ޙަޤީޤަތަށް މިހާތަނަށް ނިމިފައިވާ މައްސަލަތަކުގައި ރިޢާޔަތްކުރައްވާފައި ނުވުމުން މަދަނީ މިންގަނޑުތަކުން ބައްލަވައިފިނަމަ އެ ލިޔުމަކީ، ޝަރުޢީ އުޞޫލުތަކާ ޚިލާފަށް އޮތް ލިޔުމެއްކަން އެނގޭއިރު، 25 އޯގަސްޓް 1996 ގައި ލިޔެފައިވާ އެ ލިޔުމަށްވުރެ އޭގެ އެއް އަހަރު ފަހުން މއ. އެންދެރިއާގެއަކީ، މަދަނީ ކޯޓުގެ ނަންބަރު 1495/MC/97 ޤަޟިއްޔާއިން ޢަބްދުﷲ މާހިރަށް ލިބި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއްކަމަށާއި މި ގެއާ ބެހޭގޮތުން އެއްބަސްވުމެއް އަދި ލިޔުމެއްވިއަސް މުޙައްމަދު ޔޫސުފާއި ޢަބްދުﷲ މާހިރާ ދެމެދުގައި ނޯންނާނެތީ މއ. އެންދެރިއާގެއާބެހޭ ވިޔަފާރީގެ ޙުކުމް ބާޠިލްކުރައްވާފައިވަނީ ޢަދުލު އިންޞާފުން ނޫންކަމުން 25 އޯގަސްޓް 1996 ގެ ލިޔުމާމެދު ސުޕްރީމް ކޯޓުގެ ޢަދުލުވެރި ނިންމެވުމަށް ޢަބްދުﷲ މާހިރު ބޭނުންވާކަމަށްބުނެ، ހުށަހަޅާފައިވާ ސަބަބެވެ.
ފަސްވަނަ ސަބަބަކީ ޢަބްދުﷲ މާހިރުއާއި މއ. ހިމާލިޔާ އަޙްމަދު ދީދީ އާދެމެދުގައި އެ ވިޔަފާރި ހިންގިފައިވަނީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނެވުނު ޤާނޫނުގެ 18 ވަނަ މާއްދާގައި ވާގޮތަށްކަމަށާއި، މި ވިޔަފާރީގެ މައްސަލަ (ސިވިލް ކޯޓުގެ ނަންބަރު 1418/CV-C/2011 ޤަޟިއްޔާ) ހައިކޯޓުގައި އިސްތިއުނާފުކުރިއިރު، ޢަބްދުﷲ މާހިރުގެ ފަރާތުން ދެއްކި އެއްވެސް ވާހަކައަކަށް ރިޢާޔަތްކުރައްވާފައި ނެތްކަމަށާއި، އަދި ސިވިލް ކޯޓުގެ އެ ޤަޟިއްޔާ ނިންމަވާފައިވަނީ މުޙައްމަދު ޔޫސުފްގެ އެއްވެސް ޙައްޤެއް ނުގެއްލޭގޮތަށް ކަމަށްވާއިރު އެބުނާ 25 އޯގަސްޓް 1996 ގައި ޢަބްދުﷲ މާހިރުއާއި މުޙައްމަދު ޔޫސުފާއި ދެމެދުގައި ލިޔެފައިވާ ލިޔުމަކީ، މި ވިޔަފާރިއާ އެއްވެސް ގުޅުމެއް ހުރި ލިޔުމެއް ނޫންކަމަށާއި އެއީ ވަކި މުޢާމަލާތެއްކަން އެ ލިޔުމުން ފާހަގަކުރެވޭތީ، މި ވާހަކަތައް ޢަބްދުﷲ މާހިރުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައި ވީނަމަވެސް އެކަމަށް ބެއްލެވުމެއްނެތި އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރައްވައި، އެ ގޯތީގެ އަގުން ސަރުކާރަށް ޢަބްދުﷲ މާހިރު ދައްކާފައިވާ ތިންލައްކަ ރުފިޔާއާމެދު ގޮތެއް ކަނޑަނާޅުއްވައި، އަދި މި ފައިސާ ޢަބްދުﷲ މާހިރަށް ނުލިބޭގޮތަށް ޙުކުމް ކުރައްވާފައިވުން އެއީ، ޢަބްދުﷲ މާހިރުގެ މާލީ އަދި މަދަނީ ޙައްޤު ނިގުޅައިގަނެފައިވާކަމުގެ ހެއްކެއްކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/39 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށްބުނެ ޢަބްދުﷲ މާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިއުންތަކުގެ މައްޗަށާއި ޢަބްދުﷲ މާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފު ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1418/CV-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ބަލާއިރު، ގޯތި ގޯއްޗަކީ، (ބަންޑާރަ ގޯތި ކަމުގައިވިޔަސް ނުވަތަ އަމިއްލަ ގޯތި ކަމުގައިވިޔަސް)، އެ ޤާނޫނުގައި ކަނޑައަޅައި ބަޔާންކުރެވިފައިވާ އުޞޫލުތަކެއްގެ ދަށުން ދައުލަތުގެ ކަމާބެހޭ އިދާރާގައި އެތަންތަނާއި އަދި އެތަންތަނުގައިވާ ޢިމާރާތްތައް، ރަޖިސްޓަރީ ކުރެވިފައިވާންޖެހޭ ތަންތަންކަން އެ ޤާނޫނުގެ 13 ވަނަ މާއްދާއާއި 23 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އަޙުކާމްތަކަށް ބެލުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/39 ޤަޟިއްޔާގެ ދަށުން އެ ކޯޓުން އިސްތިއުނާފުކޮށް ބެއްލެވި ސިވިލް ކޯޓުގެ ނަންބަރު 1418/CV-C/2011 ޤަޟިއްޔާ އެ ކޯޓަށް ހުށަހެޅި މއ. ހިމާލިޔާ އަޙްމަދު ދީދީ، އެ ޤަޟިއްޔާއަށް ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު، އެ މައްސަލައަކީ، މ. ވެލާނާވަރު ޢަބްދުﷲ މާހިރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އެންދެރިއާގެ އެވެކިޔާ އަމިއްލަ ގޯތީގެ 340 އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ 2,000,000/- (ދެމިލިއަން ރުފިޔާ) ގެ އަގަށް ޢަބްދުﷲ މާހިރުގެ އަތުން ގަތުމަށް އެދި އަޙްމަދު ދީދީ އެ ކޯޓަށް ހުށަހެޅި މައްސަލައެއްކަން އެ މައްސަލައިގެ ދަޢުވާގެ ޞީޣާއިން އެނގެން އޮތުމުން، ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް މެދުވެރިކޮށް ގަނެވިއްކުމުގެ ޢަޤްދެއްގެ ދަށުން އެ ޤަޟިއްޔާ އެ ކޯޓަށް ހުށަހެޅި ފަރާތުން ގަންނަން އެދި ހުށަހަޅާފައިވާ މުދަލަކީ، ބުނެވުނު ޤާނޫނުގެ ދަށުން، ދައުލަތުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީކުރެވިފައި އޮތުން އެ ޤާނޫނުގެ ދަށުން ލާޒިމުވާ މުދަލެއްކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، "ދަރަނި" މި ލަފްޒުގެ ފަންނީ (Technical) މާނަތަކަށް ބަލާއިރު އެއީ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް، އަދާކުރުން ލާޒިމުވާގޮތުގައި ހުންނަ މުދާ ކަމުގައި ބަޔާންކުރެވިފައިވާ މާނަތައް، އޭގެތެރޭގައި ހިމެނިގެންވާކަން އެނގެން އޮންނަ އޮތުމުގެ އިތުރުން އެ ލަފުޒުގައި ހިމެނިގެންވާ ޝާމިލު މާނަތަކަށްބަލާއިރު، އޭގެ ތެރޭގައި، އެއްޗެއް ނުވަތަ ވަކިން ޚާއްޞަގޮތެއްގައި ފައިސާގެ މިންވަރެއް، ދެއްކުން ލާޒިމުވާ ޙާލަތާއި، އަދި އެއްފަރާތުން އަނެއް ފަރާތަށް އަދާކުރަންޖެހޭ ގޮތުގައިވާ ފައިސާ ނުވަތަ ތަކެތި، ނުވަތަ ޚިދުމަތާއި، ކަމެއް ކުރުމަށް ނުވަތަ ފައިސާއެއް ދެއްކުމަށް ލާޒިމުވުމާއި މިފަދަ މާނަތައް ދަރަނީގެ ޝާމިލު މާނަތަކުގެ ތެރޭގައި ހިމެނޭކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 76/28 (ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ، މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) އަށް ބަލާއިރު، ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކޭނީ، ސަރުކާރަށް ނުވަތަ ސަރުކާރާބެހޭ ފަރާތްތަކަށް ދަރަނީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދައްކަންޖެހޭ ފައިސާއެއް އޮތްތޯއާއި އަދި އަމިއްލަ ފަރާތަކަށްވެސް ޝަރީޢަތަށް ސާބިތުވެފައިވާ ދަރަންޏެއް އޮތްތޯ ކަމާބެހޭ ފަރާތްތަކުން ބެލުމަށްފަހުގައިކަމާއި މިގޮތުން އެފަދަ ތަކެތި ވިއްކާފައި ލިބޭ ފައިސާއަކުން، ފުރަތަމަ ދައްކަންޖެހޭނީ، މަތީގައިވާ ގޮތުން ދައްކަންޖެހިފައިވާ ފަރާތްފަރާތަށް، އެ ފަރާތަކަށް ދައްކަން ޖެހިފައިވާ ޢަދަދެއްގެ ނިސްބަތުންކަމާއި މި ކަންކަން އެ ޤާނޫނުގެ ނައްޞަށް ބެލުމުން އެނގެން އޮންނައިރު، އެ ޤާނޫނުގެ މަޤްޞަދަކީ، ދައުލަތަށް ނުވަތަ ދައުލަތާބެހޭ ފަރާތަކަށް ދަރަނީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކުންނާއި އަދި އަމިއްލަ ފަރާތަކަށް ޙައްޤުވާގޮތުގައި ކޯޓެއްގެ ޙުކުމަކުން ޝަރީޢަތަށް ސާބިތުވެފައިވާ ދަރަންޏެއް އެ ފަރާތެއްގެ މައްޗަށް އޮތް ކޮންމެ ފަރާތަކުން، އެ ފަރާތްތަކުގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީކުރެވިފައިވާ، އެ ފަރާތްތަކުގެ އަމިއްލަ ތަކެތި، ދިނުމަކުން ނުވަތަ ވިއްކުމަކުން ތަޞައްރުފު ކުރުމުގެ ކުރިން، ބުނެވުނު ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުގެމަތިން އެ ފަރާތްތަކުން އަދާކުރަންޖެހޭ، އެ ޤާނޫނުގައި ބަޔާންކުރެވިފައިވާ އެންމެހައި ފަރާތްތަކުގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރުންކަމާއި، މިގޮތުން އަމިއްލަ ފަރާތްތަކަށް ޙައްޤުވާގޮތުގައި ކޯޓެއްގެ ޙުކުމެއްގެ ދަށުން ޝަރީޢަތަށް ސާބިތުވެފައިވާ ދަރަނީގެ ވާހަކަ އެ ޤާނޫނުގައި އައިސްފައިވާއިރު، އެއީ ހަމައެކަނި، ފަހުން އަނބުރާ ދައްކާގޮތަށް ނަގާ ޚާލިޞް ދަރަނިކަމަށް ކަނޑައަޅައި، ދަރަނީގެ މިލަފްޒުގެ މާނަ އެއްވެސް މިންވަރަކަށް އެ ޤާނޫނުގައި ވަކިގޮތަކަށް ޤައިދުކޮށް ހަނިކޮށްފައި ނުވާކަން އެނގެންއޮތުމުން، އަމިއްލަ ފަރާތަކަށް ޙައްޤުވާގޮތުގައި ކޯޓެއްގެ ޙުކުމެއްގެ ދަށުން ޝަރީޢަތަށް ސާބިތުވެފައިވާ ދަރަނީގެ މާނައިގެ ތެރޭގައި، ފަހުން އަނބުރާ ދައްކާގޮތަށް ނަގާ ޚާލިޞް ދަރަންޏަކާ ގުޅިގެން، އަމިއްލަ ފަރާތަކަށް ދައްކަންޖެހޭ ދަރަނީގެ ފައިސާގެ ގޮތުގައި ކޯޓެއްގެ ޙުކުމެއްގެ ދަށުން ޝަރީޢަތަށް ޘާބިތުވެފައިވާ ފައިސާއާއި އަދި އެއްވެސް ސަބަބަކާހުރެ، އަމިއްލަ ފަރާތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ކޯޓެއްގެ ޙުކުމެއްގެ ދަށުން ޝަރީއަތަށް ސާބިތުވެފައިވާ ފައިސާވެސް ހިމެނިގެންވާނޭކަން ބުނެވުނު ޤާނޫނުގެ ނައްޞަށް ވިސްނައި ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1418/CV-C/2011 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ، ކޯޓު ނަންބަރު 2 ގެ ނަންބަރު 77/JC-2/89 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، މ. ކާސުލް އެވެ ކިޔާ ގޯތީގެ ބަންޑާރަ 1011.82 އަކަފޫޓުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވިއްކާފައިވަނީ ޤާނޫނާ ޤަވާޢިދާ ޚިލާފަށްކަމަށް ބައްލަވައި، އެ 1011.82 އަކަފޫޓުގައިވާ ޢިމާރާތްތައް ވިއްކުމަށް ހިންގި މުޢާމަލާތަކީ ޞައްޙަ ވިޔަފާރިއެއް ނޫންކަމަށް ކަނޑައަޅުއްވައި، އެތަންތަން ވިއްކި އަގުގެ މިންވަރުކަން އެ ޤަޟިއްޔާއިން އެނގެން އޮންނަ 670,019/90ރ. (ހަލައްކަ ހަތްދިހަ ހާސް ނަވާރަ ރުފިޔާ / ނުވަދިހަ ލާރި) އަކީ ޢަބްދުﷲ މާހިރު، އޮގަރު މުޙައްމަދުފުޅުއަށް ދައްކަންޖެހޭ ފައިސާއެއްކަން އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުން ސާފުކޮށް އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުން، ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި، ހައިކޯޓުގެ ނަންބަރު 93/HC-A/78 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޤަޟިއްޔާ ނިންމަވާފައިވަނީ ކޯޓު ނަންބަރު 2 ގެ ނަންބަރު 77/JC-2/89 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނާނެތަނެއް އޮތްކަމަށް ނުފެންނަކަމަށް ބައްލަވައި، އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފަކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 93/HC-A/78 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/247 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގެ (ނ) އިން، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 93/HC-A/78 ޤަޟިއްޔާ ނިމިފައިވާ ގޮތާމެދު ޢަބްދުﷲ މާހިރު ހިތްހަމަނުޖެހިގެން ޢަބްދުﷲ މާހިރު އެ ޤަޟިއްޔާ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އިލްތިމާސަށް ހުށަހެޅުމުން އެ އޮފީހުން އެ މައްސަލަ ނިންމެވީ ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށްގެންކަން ޢަބްދުﷲ މާހިރު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮތުމުން، ކޯޓު ނަންބަރު 2 ގެ ނަންބަރު 77/JC-2/89 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ މައުޖޫދުވެ ދެމިއޮތް ޙުކުމެއްކަން އެނގެން އޮންނައިރު، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ދަށުން، ޢަބްދުﷲ މާހިރު، މުޙައްމަދު ޔޫސުފްއަށް، ދައްކަންޖެހޭކަމަށް ޙުކުމް ކުރައްވާފައިވާ 670,019/90ރ. (ހަލައްކަ ހަތްދިހަ ހާސް ނަވާރަ ރުފިޔާ / ނުވަދިހަ ލާރި)، ޢަބްދުﷲ މާހިރުގެ ފަރާތުން، މުޙައްމަދު ޔޫސުފްއަށް ދައްކާ ޚަލާޞްކޮށްފައި ނުވާކަން މި މައްސަލައާ ގުޅިގެން ޢަބްދުﷲ މާހިރުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން، ކޯޓު ނަންބަރު 2 ގެ ނަންބަރު ނަންބަރު 77/JC-2/89 ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި ހައިކޯޓުގެ ނަންބަރު 93/HC-A/78 ޤަޟިއްޔާ ނިމުނުފަހުން، ޢަބްދުﷲ މާހިރުއާއި، މުޙައްމަދު ޔޫސުފްއާ ދެމެދު 25 އޯގަސްޓް 1996 ގެ ތާރީޚްގައި ލިޔެ، މި ދެފަރާތުން ސޮއިކޮށްފައިވާ، އަދި މި މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުމަށް ބަލާއިރު، މި ލިޔުމަކީ، އިސްވެ ޙަވާލާދެވުނު ކޯޓު ނަންބަރު 2 ގެ ނަންބަރު 77/JC-2/89 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ އެ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 93/HC-A/78 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ދަށުން ޢަބްދުﷲ މާހިރު، މުޙައްމަދު ޔޫސުފުއަށް ދައްކަންޖެހޭ 670,019/90ރ. (ހަލައްކަ ހަތްދިހަ ހާސް ނަވާރަ ރުފިޔާ / ނުވަދިހަ ލާރި) ޢަބްދުﷲ މާހިރުގެ ފަރާތުން، މުޙައްމަދު ޔޫސުފްއަށް ދެވެންދެން މއ. އެންދެރި (މިހާރު މއ. އެންދެރިއާގެ) އެވެކިޔާ ގޯތީގެ 340 އަކަފޫޓު ބިމާއި އެތާނުގައިވާހާ ތަންތަނާއި ތަކެތި މުޙައްމަދު ޔޫސުފްއާ ޙަވާލުކޮށްފިކަމަށްބުނެ ލިޔެފައިވާ ލިޔުމެއްކަމާއި އަދި އެ ލިޔުމަށް ބަލާއިރު ބަޔާންކުރެވުނު 340 އަކަފޫޓު ބިމުގައި މުޙައްމަދު ޔޫސުފްއަށް ފެންނަ ގޮތަކަށް، ފެންނަ ވަރަކަށް ޢިމާރާތް ކުރުމުގެ އިޚްތިޔާރު ޢަބްދުﷲ މާހިރުގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް ދީފައިވާކަމާއި، އަދި ޢަބްދުﷲ މާހިރު އެ ބިން ބޭނުންވެގެން އަތުލެވޭނީ ކުރިން ބަޔާންކުރެވުނު 670,019/90ރ. (ހަލައްކަ ހަތްދިހަ ހާސް ނަވާރަ ރުފިޔާ / ނުވަދިހަ ލާރި) އާއި އަދި މުޙައްމަދު ޔޫސުފް އެ ބިމުގައި ޢިމާރާތެއްކޮށްފައިވާނަމަ އެ ޢިމާރާތެއްގެ އަގު އެއްފަހަރާ މުޙައްމަދު ޔޫސުފްއަށް ދިނުމަށް ފަހުގައިކަމަށް އެ ލިޔުމުގައި ބަޔާންކުރެވިފައިވާކަމާއި، އަދި އެ ލިޔުމުގެ 4 ވަނަ ނަންބަރަށް ބަލާއިރު އެ ލިޔުމުގައި ބުނާ ބިމުގެ މައްޗަށް ތަޞައްރުފުކުރުމުގެ ޙައްޤު ޢަބްދުﷲ މާހިރަށް ނުލިބޭހާ ހިނދެއްގައި އެ ބިމަށް ތަޞައްރުފުކުރުމުގެ ޙައްޤާއި އިޚްތިޔާރު މުޙައްމަދު ޔޫސުފަށް ލިބިގެންވާކަމަށް ބަޔާންވެފައިވާކަމާއި މިކަންކަން، އެ ލިޔުމަށް ބެލުމުން އެނގެންއޮންނައިރު، 25 އޯގަސްޓް 1996 ގައި ޢަބްދުﷲ މާހިރުއާއި މުޙައްމަދު ޔޫސުފްއާ ދެމެދު ވެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެގްރިމެންޓްގެ މި ލިޔުމުގެ ދަށުން އޭގައިބުނާ އެ ބިމާއި ޢިމާރާތް މުޙައްމަދު ޔޫސުފްއާ ޙަވާލުކޮށްފައި އޮތްއޮތުން ބާޠިލްކޮށް، އެ ތާރީޚުން ފެށިގެން އެ ބިމުގައިވާ ޢިމާރާތްތަކަށް ޝަރީޢަތުން ކުއްޔެއް ކަނޑައަޅައި، އެ ކުލިން ކަނޑަމުންގޮސް ޢަބްދުﷲ މާހިރުގެ ދަރަނި އަދާކުރެވޭނެ ގޮތެއް ކަނޑައަޅުއްވައި ދެއްވުންއެދި ޢަބްދުﷲ މާހިރުގެ ފަރާތުން މަދަނީ ކޯޓަށް 14 މެއި 2006 ގައި ހުށަހެޅި މައްސަލަ އެ ކޯޓުން ބެއްލެވި އެ ކޯޓުގެ ނަންބަރު 807/MC/2006 ޤަޟިއްޔާއިން އެ މައްސަލަ ބެލުމަށްފަހު، 25 އޯގަސްޓް 1996 ގައި ޢަބްދުﷲ މާހިރުއާއި މުޙައްމަދު ޔޫސުފްއާ ދެމެދު ކޮށްފައިވާ މި ބުނެވުނު އެގްރިމެންޓަކީ ޝަރުޢީ މަބާދިއުތަކާ ޚިލާފަށްއޮތް އެގްރީމެންޓެއްކަމަށް ބައްލަވައި، އެ އެގްރީމެންޓް ބާޠިލުކުރައްވައި، 30 ނޮވެމްބަރ 2006 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ އެގްރިމެންޓްގައި ބުނާ ބިމާއި ޢިމާރާތްތަކުން މުޙައްމަދު ޔޫސުފް، އޭނާގެ ތަކެއްޗާއެކު ނުކުތުމަށާއި، އަދި މުޙައްމަދު ޔޫސުފްގެ ފަރާތުން އެތަނުގައި ތިބިހައި ބަޔަކު އެބައެއްގެ ތަކެއްޗާއެކު ނެރެ، އެ ޢިމާރާތްތައް ޢަބްދުﷲ މާހިރުއާ ޙަވާލުކުރުމަށް މުޙައްމަދު ޔޫސުފްއަށް އެންގުމާއެކު، އެ ތަނުގައި މުޙައްމަދު ޔޫސުފު ހަދާފައިވާ ޢިމާރާތްތަކުގެ އަގު ޢަބްދުﷲ މާހިރުގެ އަތުން މުޙައްމަދު ޔޫސުފްއަށް ލިބެންޖެހޭކަމަށާއި އަދި 25 އޯގަސްޓް 1996 ދުވަހުން ފެށިގެން ޢަބްދުﷲ މާހިރަށް އެތަނުން އެއްވެސް މަންފާއެއް ޙާޞިލުނުކުރެވި ބީވެގެންދާ ދުވަސްތަކަށް މިޘްލީ ކުއްޔެއް މުޙައްމަދު ޔޫސުފްގެ އަތުން ޢަބްދުﷲ މާހިރުއަށް ލިބެންޖެހޭނެކަމަށް ކަނޑައަޅުއްވައި މަދަނީ ކޯޓުގެ ނަންބަރު 807/MC/2006 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެންއޮތް ނަމަވެސް، އެ ޤަޟިއްޔާގައި ކުރައްވާފައިވާ އެ ޙުކުމް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/247 ޤަޟިއްޔާއިން ބާޠިލްކޮށްފައިވާކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/247 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/11 ޤަޟިއްޔާއިން ތާއީދުކޮށް މައްސަލަ ނިންމާފައިވާކަން އެނގެންއޮތުމުން، 25 އޯގަސްޓް 1996 ގައި ޢަބްދުﷲ މާހިރުއާއި މުޙައްމަދު ޔޫސުފްއާ ދެމެދު ވެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމަކީ، އެއަށް ޢަމަލު ނުކުރެވޭނެ އެއްބަސްވުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/11 ޤަޟިއްޔާއިން ކަނޑައަޅުއްވާފައި ނުވާކަން އެނގެން އޮތުމުން، ސިވިލް ކޯޓުގެ ނަންބަރު 1418/CV-C/2011 ޤަޟިއްޔާގެ ދަށުން ވިއްކުމުގެ މުޢާމަލާތް ކުރިއަށް ގެންގޮސްފައިވާ މ. ވެލާނާވަރު ޢަބްދުﷲ މާހިރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށްބުނާ މއ. އެންދެރިއާގެ އެވެކިޔާ އަމިއްލަ ގޯތީގެ 340 އަކަފޫޓުގެ އަމިއްލަ ބިމާއި، އެ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލަކީ، ކޯޓު ނަންބަރު 2 ގެ ނަންބަރު 77/JC-2/89 ޤަޟިއްޔާއިން މއ. ސިސިލްފަރު މުޙައްމަދު ޔޫސުފް (އޮގަރު މުޙައްމަދުފުޅު) އަށް ޢަބްދުﷲ މާހިރު ދޭންޖެހޭކަމަށް ސާބިތުވެފައިވާ 670,019/90ރ. (ހަލައްކަ ހަތްދިހަ ހާސް ނަވާރަ ރުފިޔާ / ނުވަދިހަ ލާރި) ޢަބްދުﷲ މާހިރުގެ ފަރާތުން ދައްކާ ޚަލާސް ނުކުރާހާ ހިނދަކު، ނުވަތަ ބުނެވުނު އެއްބަސްވުމުގެ ދަށުން ޢަބްދުﷲ މާހިރު އަދާކުރަންޖެހޭ ޒިންމާ އަދާކުރެވިފައި ނުވިނަމަވެސް، މުޙައްމަދު ޔޫސުފަށް އެ އެއްބަސްވުމުގެ ދަށުން ލިބިދީފައިވާ ޙައްޤުތަކުން މުޙައްމަދު ޔޫސުފް އަމިއްލައަށް ތަނާޒުލްވެ އެ ޙައްޤުތައް މުޙައްމަދު ޔޫސުފް ހިތުން ރުހުމުން ދޫކޮށްނުލާހާ ހިނދަކު، މުޙައްމަދު ޔޫސުފްގެ ނުރުހުމުގައި، އެހެން ފަރާތަކަށް ވިއްކާލުންފަދަ ތަޞައްރަފެއް ޢަބްދުﷲ މާހިރުގެ ފަރާތުން ކުރެވިދާނެ މުދަލެއް ނޫންކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 2008/SC-A/11 ޤަޟިއްޔާއަކީ، ކޯޓު ނަންބަރު 2 ގެ ނަންބަރު 77/JC-2/89 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ދަށުން ޢަބްދުﷲ މާހިރު، މުޙައްމަދު ޔޫސުފުއަށް ދެއްކުމަށް ޙުކުމް ކުރައްވާފައިވާ ބާވަތުގެ ފައިސާއަކީ، ޤާނޫނު ނަންބަރު 76/28 (ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިހުންނަ، މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) ގައި ބުނާފަދަ ދަރަންޏެއްތޯ ނުވަތަ ނޫންތޯ އެއްވެސް މިންވަރަކަށް ބަލައި، ގޮތެއްކަނޑައަޅައި ނިންމާފައިވާ ޤަޟިއްޔާއެއް ނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/11 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/39 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/11 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާ އަދި ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކާ ތަޢާރުޟުވާކަމަށް ބެލެވޭނެތަނެއް ނެތުމެވެ.
(ޅ) ހަވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/39 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 1418/CV-C/2011 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލް ކުރައްވައި ޙުކުމް ކުރެއްވުމުގެ ސަބަބުން، ޢަބްދުﷲ މާހިރަށް ލިބެންވާ ޙައްޤެއް ނުލިބިއޮތްކަމަށް ޢަބްދުﷲ މާހިރު ދެކޭނަމަ، އެ ޙައްޤެއް ހޯދުމަށް ކަމާބެހޭ ކޯޓަށް މައްސަލަ ހުށަހެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ދަށުން ހުރަސްއެޅިފައިނުވާކަން އެނގެއެވެ.
ޙުކުމް
އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/39 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް، ރަނގަޅުކަމަށް ފެންނާތީ އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.