—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/05
ދަޢުވާކުރާ ފަރާތް: އަޙްމަދު ޢާރިފް
ދަޢުވާ ލިބޭ ފަރާތް: ޢަބްދުﷲ ޢާރިފް
މައްސަލައިގައި ތަދައްޚުލްވެފައިވާ ފަރާތް: މުޙައްމަދު ވަޙީދު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 11 މާރޗް 2009
ނިމުނު ތާރީޚް: 03 މާޗް 2010
މައްސަލަ ނިންމި ގަޑި: 11:00
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2008/HC-A/131
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 04 މެއި 2008
ނިމުނު ތާރީޚް: 28 ޖެނުއަރީ 2009
މައްސަލައިގެ ޚުލާޞާ
މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އެޤަޟިއްޔާ އިލްތިމާސް ކޮށްދިނުމަށް އެދި މއ. އެވަރގްލޯރީ އަޙްމަދު އާރިފް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.
އަދި މިމައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް މިމައްސަލައިގެ ތެރެއަށް މުޙައްމަދު ވަޙީދު ތަދައްޚުލު ވެފައިވާތީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 80 ވަނަ މާއްދާގެ ދަށުން އެމައްސަލަވެސް މިމައްސަލައިގެ ތެރޭގައި ވަނީ ބަލާފައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާ ނިމިފައިވާގޮތަށް ބަލާއިރު އެޤަޟިއްޔާއަކީ މަދަނީކޯޓުގެ ނަންބަރު 47/MC/2007 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ނިމިފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
މަދަނީކޯޓުގެ ނަންބަރު 47/MC/2007 ޤަޟިއްޔާގެ ޙުކުމުގައިވަނީ:
[ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަ ކުރެވުނު ނުކުތާތަކަށް ރިޢާޔަތް ކުރުމުން މއ. އެވަރގްލޯރީ އަޙުމަދު ޢާރިފާއި، މުޙައްމަދު ވަޙީދުގެ މައްޗަށް މއ. އެވަރގްލޯރީ ޢަބްދުﷲ ޢާރިފް މިކުޅަ ދަޢުވާގައި ލިބިދިނުމަށް އެދި ހުށަހަޅާފައިވާ 1,400,000/- (އެއްމިލިއަން ހަތަރުސަތޭކަހާސް ރުފިޔާ) އަކީ މއ. އެވަރގްލޯރީ އަޙްމަދު ޢާރިފާއި، މުޙައްމަދު ވަޙީދު، މއ. އެވަރގްލޯރީ ޢަބްދުﷲ ޢާރިފަށް ދޭންޖެހޭ ފައިސާއެއްކަން 20 ސެޕްޓެމްބަރ 2006 ގައި އަޙްމަދު ޢާރިފާއި، މުޙައްމަދު ވަޙީދާއި، ޢަބްދުﷲ ޢާރިފާއި، ވެފައިވާ އެއްބަސްވުމުން އެނގެން އޮންނާތީ، މިފައިސާއަކީ މއ. އެވަރގްލޯރީ އަޙްމަދު ޢާރިފާއި، މުޙައްމަދު ވަޙީދު، މއ. އެވަރގްލޯރީ ޢަބްދުﷲ ޢާރިފަށް ދޭންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިފައިސާ ދަޢުވާކުރާ މއ. އެވަރގްލޯރީ ޢަބްދުﷲ ޢާރިފަށް ލިބިދިނުމަށްޓަކައި މިއަދު (05 ފެބްރުއަރީ 2008) ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި 1,400,000/- (އެއްމިލިއަން ހަތަރުސަތޭކަހާސް ރުފިޔާ) ގެ މިދަރަނި މަދަނީކޯޓަށް ދައްކައި ޚަލާސްކުރުމަށް މއ. އެވަރގްލޯރީ އަޙްމަދު ޢާރިފާއި، މުޙައްމަދު ވަޙީދަށް އަންގައި ޙުކުމް ކޮށްފީމެވެ.] މިފަދައިންނެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާ ނިމިފައިވާ ގޮތް ޤާނޫނާއި ޤަވާޢިދާއި އެއްގޮތް ނޫންކަމަށްބުނެ ދަޢުވާކުރާ އަޙްމަދު ޢާރިފުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މައިގަނޑު ދެނުކުތާއެއްކަން އެނގެއެވެ. މިގޮތުން ހުށަހަޅާފައިވާ ދެނުކުތާއަކީ:
ފުރަތަމަނުކުތާއަކީ މަދަނީކޯޓުގެ ނަންބަރު 47/MC/2007 ޤަޟިއްޔާގައި ދަޢުވާކުރި މއ. އެވަރގްލޯރީ ޢަބްދުﷲ ޢާރިފް ލިބިގަތުމަށް އެދުނު ފައިސާއަކީ ދެކުންފުންޏަކަށް ޢަބްދުﷲ ޢާރިފް ކޮށްދިން މަސައްކަތެއްގެ އަގެއްގެ ގޮތުގައި އެދެކުންފުނީގެ އިޒުނައާއިނުލައި ޢަބްދުﷲ ޢާރިފަށް ދިނުމަށް އެއްބަސްވެފައިވާ ފައިސާއެއްކަން ނުހަނު ސާފުކޮށް އެނގެން އޮވެފައި، އެދެކުންފުނިން އެކަމާ އިންކާރުކުރި ވަގުތުން ފެށިގެން އެއްބަސްވުން އަނބުރާގެނެސްފައި ވާއިރު އަދި އަޙްމަދު ޢާރިފާއި މުޙައްމަދު ވަޙީދާއި ދެމީހުން ޢަބްދުﷲ ޢާރިފަށް އެފައިސާ ދިނުން ލާޒިމުކުރާ އެއްވެސް ހެއްކެއް ފެންނަން ނެތްއިރު، އެ ބާޠިލް އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ޢަބްދުﷲ ޢާރިފަށް އެފައިސާ (އަޙްމަދު ޢާރިފާއި މުޙައްމަދު ވަޙީދު) ދޭންޖެހޭނެކަމަށް ކަނޑައަޅުއްވާފައިވާ ޙުކުމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބައްލަވަންޖެހޭ ކަންތައްތަކަށް ނުބައްލަވައި ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާގައި ކުރައްވާފައިވާ ތާއީދު ރަނގަޅު ނޫންކަމަށް ބުނެފައިވާކަން.
ދެވަނަނުކުތާއަކީ ޢަބްދުﷲ ޢާރިފް ލިބިގަތުމަށް އެދޭ ފައިސާއަކީ އަޙްމަދު ޢާރިފާއި މުޙައްމަދު ވަޙީދާއި ދެމީހުން ޢަބްދުﷲ ޢާރިފަށް ދިނުމަށް ލާޒިމުކުރާ ފައިސާއަކަށްވުމުން އެފައިސާ ދިނުމަށް އެއްބަސްވި އެއްބަސްވުން އެދެމީހުން ބާޠިލުކޮށްފައިވިޔަސް އެފައިސާ ޢަބްދުﷲ ޢާރިފަށް އަޙްމަދު ޢާރިފާއި މުޙައްމަދު ވަޙީދު ދޭންޖެހޭކަމަށް ޝަރީޢަތަށް ސާބިތުވާ ޙާލަތުގައި އެފައިސާގެ ތެރެއިން ކަނޑަންޖެހޭކަމަށް އެލިޔުމުގެ ތިރީގައި ޢަބްދުﷲ ޢާރިފް އެއްބަސްވެފައިވާ ޢަދަދު ނުކަނޑައި އެޢަދަދު ދެއްކުމަށް މަދަނީކޯޓުގެ ނަންބަރު 47/MC/2007 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ މައްޗަށް ބައްލަވަންޖެހޭ ކަންތައްތަކަށް ނުބައްލަވައި މަދަނީކޯޓުގެ ޙުކުމަށް ތާއީދު ކުރެއްވި ކުރެއްވުން ރަނގަޅު ނޫންކަމަށް ބުނެފައިވާކަން.
މިމައްސަލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި ޝަރީޢަތަށް ހުށަހެޅި ޤާނޫނީ ނުކުތާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މިމައްސަލަބެލި ފަނޑިޔާރުންނަށް ތިރީގައިވާ ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ފުރަތަމަކަމަކީ އެޕޯލޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށާއި މޯވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް މއ. އެވަރގްލޯރީ ޢަބްދުﷲ ޢާރިފް ހޯދައިދިން ޕްރޮޖެކްޓްތަކަށާއި ކޮށްދިން މަސައްކަތްތަކާ ގުޅިގެން މއ. އެވަރގްލޯރީ އަޙްމަދު ޢާރިފް އާއި މުޙައްމަދު ވަޙީދުއާއި ދެމީހުން ޢަބްދުﷲ ޢާރިފް އަށް ދިނުމަށް އެއްބަސްވެފައިވާ 1,450,000/- (ސާދަލައްކަ ފަންސާސްހާސް) ރުފިޔާގެ ތެރެއިން ނުދީވާ 1,400,000/- (ސާދަލައްކަ) ރުފިޔާއަކީ ޢަބްދުﷲ ޢާރިފް އަށް އަޙްމަދު ޢާރިފް އާއި މުޙައްމަދު ވަޙީދު އާއި ދެމީހުން ދައްކަންޖެހޭ ފައިސާއެއްކަމަށް މަދަނީކޯޓުގެ ނަންބަރު 47/MC/2007 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅުނޫން، ޤާނޫނީ ނުކުތާތަކެއް ހުރިކަމަށް ބުނެ، އެމައްސަލަ އިލްތިމާސްކުރުމަށް މއ. އެވަރގްލޯރީ އަޙްމަދު ޢާރިފް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނަކަމެވެ.
ދެވަނަކަމަކީ ދެފަރާތުން ވެފައިވާ އެއްބަސްވުމަކީ އެޕޯލޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށާއި މޯވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއަށް ޢަބްދުﷲ ޢާރިފް ހޯދައިދިން ޕްރޮޖެކްޓްތަކަށާއި ވިޔަފާރިތަކަށް ލިބޭ ގެއްލުމާއި ފައިދާ ޙިއްސާކުރުމަށްފަހު އޭގެ 25% ޢަބްދުﷲ ޢާރިފްއަށް، ދިނުމަށްވެފައިވާ އެއްބަސްވުމެއްކަމަށް އަޙްމަދު ޢާރިފްގެ ފަރާތުން ބުނެފައިވާއިރު، އަޙްމަދު ޢާރިފް އާއި މުޙައްމަދު ވަޙީދު އާއި ދެމީހުން 20 ސެޕްޓެމްބަރ 2006 ގައި ލިޔެ ސޮއިކޮށްފައިވާ ލިއުމަށް ބަލާއިރު އެލިޔުމުގައި ސޮއިކުރިއިރު ޢަބްދުﷲ ޢާރިފް އެދެކުންފުންޏަށް ހޯދައިދީފައިވާ ޕްރޮޖެކްޓްތަކަށާއި ކޮށްދީފައިވާ މަސައްކަތްތަކަށް އެހާތަނަށް ލިބިފައިވާ ފައިދާގެ 25% ގެ ގޮތުގައި ޢަދަދެއް ކަނޑައަޅައި އެޢަދަދު ކަމަށްވާ 1,450,000/- (ސާދަލައްކަ ފަންސާސްހާސް) ރުފިޔާ ޢަބްދުﷲ ޢާރިފްއަށް އަޙްމަދު ޢާރިފް އާއި މުޙައްމަދު ވަޙީދު ދޭން އެއްބަސްވެފައިވާކަން ސާފުކޮށް އެނގެން އޮންނަކަމެވެ.
ތިންވަނަކަމަކީ 20 ސެޕްޓެމްބަރ 2006 ގައި އަޙްމަދު ޢާރިފް އާއި މުޙައްމަދު ވަޙީދު އާއި ދެމީހުން ސޮއިކުރި އެއްބަސްވުމުގައި ސޮއިކުރިއިރު އެލިއުމުގައި ޢަބްދުﷲ ޢާރިފްއަށް ދިނުމަށް އެއްބަސްވެފައިވާ 1,450,000/- (ސާދަލައްކަ ފަންސާސްހާސް) ރުފިޔާގެ ތެރެއިން335,000/- (ތިންލައްކަ ފަންސަތިރީސްހާސް) ރުފިޔާ އުނިކުރުމަށް އެލިއުމުގެ ތިރީގައި ޢަބްދުﷲ ޢާރިފް ސޮއިކޮށްފައިވާއިރުވެސް އަޙްމަދު ޢާރިފް އާއި މުޙައްމަދު ވަޙީދު އާއި ދެމީހުން، ޢަބްދުﷲ ޢާރިފް އަށް ދިނުމަށް އެއްބަސްވެފައިވާ 1,450,000/- (ސާދަލައްކަ ފަންސާސްހާސް) ރުފިޔާގެ ތެރެއިން މި 335,000/- (ތިންލައްކަ ފަންސަތިރީސްހާސް) ރުފިޔާ އުނިނުކޮށް ޖުމްލަ 1,400,000/- (ސާދަލައްކަ) ރުފިޔާ ޢަބްދުﷲ ޢާރިފްއަށް ދިނުމަށް މަދަނީކޯޓުގެ ނަންބަރު 47/MC/2007 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއިދުކުރައްވައި ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާއިރު މަދަނީކޯޓުގެ ނަންބަރު 47/MC/2007 ޤަޟިއްޔާގައި ހުށަހަޅާފައިވާ ކަންތައްތަކަށާއި ދައްކާފައިވާ ވާހަކަތަކަށް ހައިކޯޓުން ނުބައްލަވައިކަމަށް ބުނެ، އަޙްމަދު ޢާރިފްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު، އަޙްމަދު ޢާރިފް ހުށަހަޅާ މިނުކުތާއަކީ "ކައުންޓަރ ކްލެއިމް" އެއް ކަން އެނގެން އޮންނަކަމާއި، ސީދާ އެނުކުތާ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިނުވަނީ ސީދާ އެނުކުތާ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިނުވާތީކަމާއި، އެނުކުތާ އަޙްމަދު ޢާރިފް ނަގާފައިވަނީ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ތެރޭގައި ނުސީދާކޮށްކަމާއި، މިކަންކަން އެނގެން އޮންނާތީ ސީދާ އެނުކުތާއާ މެދު ހައިކޯޓުން ގޮތެއް ކަނޑައެޅުމެއްނެތި އަޙްމަދު ޢާރިފް އާއި މުޙައްމަދު ވަޙީދުއާ ދެމީހުން 20 ސެޕްޓެމްބަރ 2006 ގައި ސޮއިކުރި ލިއުމުގެ ދަށުން ޢަބްދުﷲ ޢާރިފްއަށް ދައްކަންޖެހޭ ކަމަށް އެއްބަސްވެފައިވާ 1,450,000/- (ސާދަލައްކަ ފަންސާސްހާސް) ރުފިޔާގެ ތެރެއިން ނުދީވާ 1,400,000/- (ސާދަލައްކަ) ރުފިޔާއަކީ ޢަބްދުﷲ ޢާރިފްއަށް އަޙުމަދު ޢާރިފް އާއި މުޙައްމަދު ވަޙީދު ދައްކަންޖެހޭ ފައިސާއެއްކަމަށް މަދަނީކޯޓުގެ ނަންބަރު 47/MC/2007 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅު ނޫންކަމަށް ބެލެން ނެތް ކަމެވެ.
ހަތަރުވަނަކަމަކީ މިމައްސަލާގެ އަޞްލުކަމަށް ބެލެވޭ އެގްރިމެންޓަކީ ކުންފުނިތަކަކަށް މަސައްކަތްތަކެއް ހޯދައިދިނުމަށްވެފައިވާ އެއްބަސްވުމަކަށްވާތީ މިއެއްބަސްވުމަކީ ޤާނޫނީ ބުރަދަނެއް އޮތް، އެއްބަސްވުމެއް ނޫންކަމަށާއި މިއެގްރިމެންޓަކީ ބާޠިލްކޮށްފައިވާ އެގްރިމެންޓެއްކަމަށާއި ދެކުންފުންޏަކަށް ކޮށްދީފައިވާ މަސައްކަތަކަށް އެދެކުންފުނީގެ އިޒުނައާ ނުލައި އޭގެ ފައިދާގެ ޕަސެންޓެއް ނުދެވޭނެތީ އެފަދަ އެއްބަސްވުމެއް ބާޠިލްވާނެކަމަށް ދަޢުވާކުރާ އަޙްމަދު ޢާރިފްގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު މިނުކުތާއަކީ ކުރިން ދަށުކޯޓެއްގައި ނަގާފައިވާ ނުކުތާއެއް ނޫންކަން އެނގެއެވެ.
އެހެންކަމުން، ސުޕްރީމް ކޯޓުގެ ޤަވާޢިދަށާއި އިސްތިއުނާފުކުރުމުގެ ޤާނޫނީ އުޞޫލުތަކަށް ބަލާއިރު ދަށުކޯޓެއްގައި ކުރިން ނަގާފައިނުވާ ޤާނޫނީ ނުކުތާއެއް ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި ނެގިކަމަށް ވިޔަސް އެނުކުތާއެއް ނުބެލެވޭނެކަމާއި އިލްތިމާސްކުރުމަށް އޮންނަ ޤާނޫނީ މުއްދަތުގެ ތެރޭގައި އިލްތިމާސްކުރުމަށް ހުށަނޭޅިއޮތް ޤާނޫނީ ނުކުތާއެއް އަލުން ހުށަހެޅޭނީވެސް އެނުކުތާއެއް ހުށަހެޅުމަށް އޮންނަ ޤާނޫނީ ހަމަތަކުގެ މަތިން ކޯޓުގެ ހުއްދަ ލިބިގެންކަން އެނގެން އޮންނަކަމެވެ.
ފަސްވަނަކަމަކީ ޢަބްދުﷲ ޢާރިފް، ހޯދައިދިން ޕްރޮޖެކްޓްތައް ހޯދައިދީފައިވަނީ އެޕޯލޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށާއި މޯވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއަށް ކަމަށް އަޙްމަދު ޢާރިފް އާއި މުޙައްމަދު ވަޙީދު އާއި ދެމީހުން 20 ސެޕްޓެމްބަރ 2006 ގައި އެދެމީހުން ޝަޚްޞީގޮތުން ސޮއިކުރި ލިއުމުގައި ބުނެފައިވިޔަސް، އެލިއުމުގައި ބުނާ ފައިސާ ޢަބްދުﷲ ޢާރިފްއަށް ދައްކަންޖެހޭކަމަށް އެއްބަސްވެފައިވަނީ ސީދާ އަޙްމަދު ޢާރިފް އާއި މުޙައްމަދު ވަޙީދު އާއި ދެމީހުންކަން އެނގެން އޮންނަކަމެވެ.
ހަވަނަކަމަކީ މިމައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް މުޙައްމަދު ވަޙީދު ހުށަހެޅި މައްސަލައަކީ މިމައްސަލާއާ މައުޟޫޢީ ގޮތުން އެއްމައްސަލައެއްކަމާއި މައްސަލައާ ގުޅިފައިވާ ފަރާތްތަކަކީވެސް އެއްބައެއް ކަމަށްވާތީއާއި، އިލްތިމާސްކުރާ ޤާނޫނީ ނުކުތާތައްވެސް އެއްގޮތްކަމަށްވާތީއާއި، އަދި އަޙްމަދު ޢާރިފް އިލްތިމާސްކުރި މައްސަލަ މައުޟޫޢީ ގޮތުން ބަލައި ނިންމުމެއް ނިންމުމުން މުޙައްމަދު ވަޙީދު ހުށަހެޅި މައްސަލަވެސް ފައިސަލާވާން އޮތްކަމާއި މިކަންކަން އެނގެން އޮތްކަމެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/131ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވީ ހިނދު ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މިމައްސަލަ ނިންމީއެވެ.
އަދި މިމައްސަލަ މިގޮތަށް ނިމުމުން މިމައްސަލައިގެ ތެރެއަށް މުޙައްމަދު ވަޙީދު، ތަދައްޚުލްވި މައްސަލަވެސް ނިމުނީއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު މުޖްތާޒް ފަހުމީ
ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.