ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2009/SC-A/35ސުޕްރީމް ކޯޓު · 29 ޖޫން 2011 · މަދަނީ – ގުޅިގެން މިލްކުވާ އުޅަނދެއްގެ ޙިއްޞާ

އިބްރާހީމް ނާޞިރު ވ. ޢަބްދުލްޣަނީ ޢަލީ

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 ޖޫން 2011ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
މަދަނީ ކޯޓުން (1265/MC/2006) ބޯޓަކީ ހަތަރު މީހުން ހަމަހަމައަށް މިލްކުވާ އުޅަނދެއްކަމަށް ކަނޑައަޅައި، ދަޢުވާލިބުނު ފަރާތުގެ ޙިއްޞާގެ އަގު އަނެއް ތިން މީހުން ދައްކައިގެން ބޯޓު އެ ތިން މީހުންނަށް މިލްކުވާނެކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުން އެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ހަތަރު މީހުން ކޮންމެ މީހަކަށް 25 ޕަސެންޓު ޙިއްޞާވާގޮތަށް ސަފާރީ ބޯޓެއް ނިންމުމަށް 2004 ޑިސެމްބަރ 13 ގައި ލިޔުމުން އެއްބަސްވެ، ބޯޓު ހަތަރު މީހުންގެ ނަމުގައި ރަޖިސްޓްރީކުރެވުނެވެ. ބަނުމަށް ކުރި ޚަރަދު ހަމަހަމަ ނުވާތީ ޚަރަދުގެ ނިސްބަތުން މިލްކުވެރިކަން ކަނޑައެޅުމަށް އިލްތިމާސްކުރި ފަރާތުން ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ހަތަރު މީހުން ހަމަހަމައަށް ޙިއްޞާވާގޮތަށް ބަނަން އެއްބަސްވި އުޅަނދެއްގެ މިލްކުވެރިކަމުގެ ޙިއްޞާ ބެހޭނީ ކޮންމެ މީހަކު ކުރި ޚަރަދުގެ ނިސްބަތުންތޯ، ނުވަތަ އެއްބަސްވުމުގައިވާ ގޮތަށް ހަމަހަމައަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިލްތިމާސްކުރި ފަރާތުން ބުނީ ހައިކޯޓުން ޝަރުޢީ އަދި ޤާނޫނީގޮތުން ރިޢާޔަތްކުރަންޖެހޭ ކަންތައްތަކަށް ރިޢާޔަތް ނުކޮށް ޙުކުމްކޮށްފައިވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އެއްބަސްވުމުގައި ޙިއްޞާ ހަމަހަމައަށް ކަނޑައަޅާފައިވާއިރު ޚަރަދުގެ ނިސްބަތުން ޙިއްޞާ ބެހޭނެކަމެއް ނުވަތަ ޚަރަދު ހަމަހަމައަށް ކުރަންޖެހޭނެކަމެއް ބަޔާންކޮށްފައި ނުވާތީއާއި، އެކަން ދަޢުވާކުރި ފަރާތަށް ސާބިތުކޮށްދެވިފައި ނުވާތީ، ހައިކޯޓުގެ ޙުކުމަށް ތާއީދުކުރެވުނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2007/HC-A/162
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ގުޅިގެން ބަނަން އެއްބަސްވި އުޅަނދެއްގެ މިލްކުވެރިކަން ޙިއްޞާކުރުން ބިނާވެފައި އޮންނާނީ ކޮންމެމީހަކު އެ އުޅަނދު ބަނުމަށް ކުރާ ޚަރަދުގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށް ދިނުމަކީ ދަޢުވާކުރާ ފަރާތުގެ ކަމެކެވެ.

ޚަރަދު ކުރުމުގައި ވަކިގޮތަކަށް ނުވަތަ ވަކިމީހަކު ޚަރަދުކުރުމަށް ބައިވެރިންގެ މެދުގައި އެއްބަސްވެވިފައި ނުވާއިރު، ބައިވެރިއަކު މުދަލަކާއި ފައިސާއެއް ހޯދުމުގައި އަމިއްލައަށް ވެފައިވާ ޒިންމާއަކާއި ދަރަންޏެއް މިލްކުވެރިކަމުގައި ހިމެނޭ އެހެން މީހެއްގެ ނުޤަބޫލުގައި އެމީހެއްގެ މައްޗަށް ޒިންމާކުރެވޭނެ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތެވެ.

ޙިއްޞާގެ މިލްކުވެރިކަމުގައި ހަމަހަމަވެގެންވާ ގޮތަށް ވެފައިވާ އެއްބަސްވުމެއްގައި ޚަރަދު ކުރުމުގައި ހަމަހަމަވާންޖެހޭކަން ލާޒިމުކޮށްފައިވާ އެއްވެސް މާއްދާއެއް ނެތްނަމަ، ޚަރަދު ކުރުމުގައި ތަފާތުވުމަކީ މިލްކުވެރިކަމުގައި ތަފާތުވާނޭ ކަމެއްކަމަށް ބެލެވޭނެ ގޮތެއް ނެތެވެ؛ ބައިވެރިން ޙިއްޞާވާ މިންވަރާއި ފައިދާ ބަހާނެ ގޮތް އަންގައިދޭ އެއްޗަކީ ބައިވެރިންގެ މެދުގައި ވެފައިވާ އަދި ބާރުލިބިގެން ދެމިއޮތް އެއްބަސްވުމެވެ.

ފަނޑިޔާރުން

ބެންޗު
ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އަޙްމަދު މުޢުތަޞިމް ޢަދުނާނު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2007/HC-A/162 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅުނޫންކަމަށްބުނެ އެކަންތައްތައް ފާހަގަކޮށް އެޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 2867 ([…] ) އިބްރާހީމް ނާޞިރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހެޅުމުން ބަލައިދެވުނު މައްސަލައެކެވެ. މި މައްސަލާގައި ދަޢުވާ ލިބޭ ފަރާތަކީ ޢަބްދުލްޣަނީ ޢަލީ […] ނ.ވެލިދޫ ([…] ) އެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މިމައްސަލައާ ގުޅިގެން ސުޕްރީމްކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، ކުރީގެ މަދަނީ ކޯޓުގެ ނަންބަރު 1265/MC/2006 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 162/HC-A/2007 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ: […] .ޚ.ދަފްތަރު 2867 ([…] ) އިބްރާހީމް ނާޞިރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހެޅި މިދަޢުވާއަކީ ކުރީގެ މަދަނީކޯޓުގެ ނަންބަރު 2006/MC/1265 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެމައްސަލަ ނިންމެވިއިރު މަދަނީކޯޓުގެ ޤަޟިއްޔާގެ ޙުކުމަށް ތާއީދު ކުރައްވައި އެމައްސަލަ ނިންމަވާފައިވާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 162/HC-A/2007 ޤަޟިއްޔާގައިވެސް، ޝަރުޢީ އަދި ޤާނޫނީގޮތުން ބަލައި ރިޢާޔަތް ކުރަންޖެހޭ ކަންތައްތަކަކަށް ރިޢާޔަތްނުކޮށް ވާކަމަށްބުނެ، އެކަންތައްތައް ފާހަގަކޮށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮތުމެވެ.

(ށ) ދެވަނަކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 162/HC-A/2007 ޤަޟިއްޔާއިން ތާއީދު ކުރައްވާފައިވާ މަދަނީކޯޓުގެ ނަންބަރު 2006//MC1265 ގެ ޤަޟިއްޔާގެ ޙުކުމުގައިވަނީ: "ދެންފަހެ އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު […] .ޚާއްޞަ ދަފްތަރު 2867 ([…] ) އިބްރާހީމް ނާޞިރުއާއި، […] މުޙައްމަދު ޙުސައިންއާއި، […] މުޙައްމަދު ޒިޔާދުއާއި، ނ.ވެލިދޫ […] ޢަބްދުލްޣަނީ ޢަލީއާއި، މި 4 މީހުން 13 ޑިސެމްބަރ 2004 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ބަނދެ، މި 4 މީހުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު P7745A-02-10-T "ބްލޫޕިޖަން" ކިޔާ ޔޮޓަކީ މިލްކުވެރިކަމުގައި މި 4 މީހުން ހަމަހަމަވެގެންވާ މި 4 މީހުންގެ މިލްކު އުޅަނދެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށާއި،

"ބްލޫޕިޖަން" ކިޔާ ޔޮޓުގެ އަގާމެދުގައި މިލްކުވެރިންގެ މެދުގައި އެއްބަސްވުމަކަށް އައިސްފައިނުވާތީ ޢަބްދުލްޣަނީ ޢަލީގެ މިލްކުވެރިކަމުގެ މައްޗަށްވާ މިންވަރު ވަކިކުރުމަށްޓަކައި އުޅަނދު ބަލައި މިންވަރުކޮށް އަގުކޮމެޓީން މިއުޅަނދުގެ އަގެއްކަމަށް ކިޔާފައިވާ -/8500000ރ (އަށްޑިހަ ފަސްލައްކަ ރުފިޔާ) އަކީ މިއުޅަނދުގެ ޝަރުޢީ އަގުކަމަށާއި،

މިއަގު ހަތަރުބައި ކުރުމުން މިލްކުވެރިންގެ ގޮތުގައި ހިމެނޭ މި 4 މީހުންކުރެ ކޮންމެ މީހަކަށް -/2125000ރ (އެކާވީސް ލައްކަ ފަންސަވީސްހާސް ރުފިޔާ) ވާކަމާއި،

ޢަބްދުލްޣަނީ ޢަލީ އުޅަނދުގެ މިލްކުވެރިކަމުން ވަކިވާން ހުރުމާއެކު އުޅަނދު އޭގެ ޒާތުން ލިބުމަށް އެދޭ އިބްރާހީމް ނާޞިރުއާއި، މުޙައްމަދު ޙުސައިންއާއި، މުޙައްމަދު ޒިޔާދަށް މިއުޅަނދު އޭގެ ޒާތުން ޖެއްސުމުން ޢަބްދުލްޣަނީ ޢަލީއަށް ލިބެންވާ -/2125000ރ (އެކާވީސް ލައްކަ ފަންސަވީސްހާސް ރުފިޔާ) އަކީ މިތިންމީހުންގެ އަތުން ޢަބްދުލްޣަނީ ޢަލީއަށް ލިބެންވާ ފައިސާއެއްކަމަށް ކަނޑައަޅައި،

ބުނެވިދިޔަ ގޮތުގެ މައްޗަށް ޢަބްދުލްޣަނީ ޢަލީއަށް ލިބެންވާ -/2125000ރ (އެކާވީސް ލައްކަ ފަންސަވީސްހާސް ރުފިޔާ) ދިނުމަށްޓަކައި މުޙައްމަދު ޒިޔާދުއާއި، މުޙައްމަދު ޙުސައިންއާއި، އިބްރާހީމް ނާޞިރުއާއި، 3 މީހުންކުރެ ކޮންމެ މީހަކު ދޭންޖެހޭ 33/708333ރ (ހަތްލައްކަ އަށްހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސްލާރި) އިން 3 މީހުންކުރެ ކޮންމެ މީހަކުވެސް އެމަހަކަށް ޖެހޭވަރު އެމަހަކު ދައްކަމުންގޮސް އެމީހަކު ދައްކަންވާ ފައިސާ 2007 ޖުލައި 15 މިދުވަހުން ފެށިގެން3 މަސްދުވަހުގެ ތެރޭގައި މިފައިސާ މަދަނީކޯޓަށް ދައްކާ ޚަލާޞް ކުރުމަށް ރަޖިސްޓްރީ ނަންބަރު P7745A-02-10-T "ބްލޫޕިޖަން" ކިޔާ ޔޮޓް […] .ޚ.[…] ([…] ) އިބްރާހީމް ނާޞިރުއާއި، […] މުޙައްމަދު ޙުސައިންއާއި، […] މުޙައްމަދު ޒިޔާދުއާއި، މިތިންމީހުންނަށް ހަމަހަމަކޮށް މިލްކުވާނެކަމަށް ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަކަމަކީ: އިބްރާހީމް ނާޞިރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރި މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިއުންތަކަށް ބަލާއިރު އެލިއުންތަކުގެ ތެރޭގައި ހިމެނޭ، […] މުޙައްމަދު ޒިޔާދުއާއި […] އިބްރާހީމް ނާޞިރުއާއި ނ.ވެލިދޫ ޑޭޒީމާގޭ ޢަބްދުލްޣަނީ ޢަލީއާއި […] މުޙައްމަދު ޙުސައިންއާއި، މި 4 މީހުންގެ މެދުގައި 2004 ޑިސެމްބަރ 13 ގައި ވެފައިވާ އެއްބަސްވުމުގެ ސުރުޚީއެއްގެ ގޮތުގައި ލިޔެފައިވަނީ "ނ.ވެލިދޫ ޑޭޒީމާގޭ ޢަބްދުލްޣަނީ ޢަލީ ވެލިދޫގައި ބަންނަން ފަށާފައިވާ 98'x30' ފޫޓު ސަފާރީބޯޓު ނިންމުމަށް އެއްބަސްވި އެއްބަސްވުން" މިގޮތަށްކަމާއި، ޖުމްލަ 5 މާއްދާގެ މައްޗަށް އެކުލެވިގެންވާ މިއެއްބަސްވުމަށް ބަލާއިރު މިސަފާރީބޯޓަކީ ޢަބްދުލްޣަނީ ޢަލީ، ނ.ވެލިދޫގައި ބަންނަން ފަށާފައިވާ ބޯޓެއްކަން މިއެއްބަސްވުމުގެ ސުރުޚީން އެނގޭކަމާއި، މިއެއްބަސްވުމުގެ ދެވަނަ މާއްދާގައިވާ ގޮތުން މިބޯޓަކީ މި 4 މީހުން ހަމަހަމައަށް (ކޮންމެ މީހަކު) %25 (ފަންސަވީސް ޕަސެންޓު) ޙިއްޞާވާ ބޯޓަކަށް ހެދުމަށްޓަކައި 4 މީހުން އެއްބަސްވެ މިމަސައްކަތް ފެށިއިރު، މިބޯޓުވަނީ 32 މަޑޫ ޖަހައި ބަލައޮފަށަނާއި ތިންތިންމަޑޫ ޖަހައި، 52 ގަނޑު ބުޑުވައް އަޅައި ފަހަތުގެ ބޮޑުވައްގަނޑު ހަރުކޮށްފައިކަން މިއެއްބަސްވުމުގެ އެއްވަނަ މާއްދާއާއި ދެވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަކަމަކީ: "ބްލޫޕިޖަން" އެވެ ކިޔާ މިއުޅަނދުގެ ރަޖިސްޓްރީގައިވާ އޮޑި ނަންބަރަކީ 0315D05 ކަމާއި، މިއޮޑި ނަންބަރަކީ ނ.ވެލިދޫ ޑޭޒީމާގޭ ޢަބްދުލްޣަނީ ޢަލީއަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޫކުރައްވާފައިވާ އޮޑި ނަންބަރެއްކަމާއި، މިއުޅަނދު ރަޖިސްޓްރީ ކުރެވިފައިވަނީ ޢަބްދުލްޣަނީ ޢަލީއާއި މުޙައްމަދު ޒިޔާދުއާއި، މުޙައްމަދު ޙުސައިންއާއި، އިބްރާހީމް ނާޞިރުއާ ހަތަރުމީހުންގެ މުދަލެއްގެ ގޮތުގައިކަން އެނގެން އޮތްއިރު، ޢަބްދުލްޣަނީ ޢަލީގެ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން މިހަތަރު މީހުންގެ ނަންމައްޗަށް އެއުޅަނދު ރަޖިސްޓްރީ ކޮށްދެއްވާފައިވާތީ، އެކަމުގެ އެއްވެސް ޝަކުވާއެއް މިއިން މީހަކު ސަރުކާރުގެ ކަމާބެހޭ އިދާރާގައި ކޮށްފައިވާކަން އެނގެން ނެތުމެވެ.

(ބ) ފަސްވަނަކަމަކީ: 2004 ޑިސެމްބަރު 13 ގައި މިހަތަރު މީހުންގެ މެދުގައި ވެފައިވާ މިއެއްބަސްވުމުގެ ދެވަނަ މާއްދާއާއި ތިންވަނަ މާއްދާއަށް ބަލާއިރު "ބްލޫޕިޖަން" އެވެ ކިޔާ މިބޯޓަކީ މިހަތަރުމީހުން ހަމަހަމައަށް؛ ކޮންމެމީހަކު %25 ޙިއްޞާވާގޮތަށް ބަންނަ އުޅަނދެއްކަމާއި، ބޯޓު ނިމިގެން ބޭލުމަށްފަހު ލިބޭ އެއްޗަކުންވެސް ޚަރަދު ކެނޑުމަށްފަހު ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ ހަތަރުމީހުންކުރެ ކޮންމެ މީހަކު %25 ޙިއްޞާވާ ގޮތަށްކަން އެނގެން އޮތްއިރު، މިއެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ނުވަތަ ޢިބާރާތެއްގައި ވިޔަސް މިބޯޓުގެ މިލްކުވެރިކަމުގައި ނުވަތަ ލިބޭ އާމްދަނީގައި މިހަތަރުމީހުން ޙިއްޞާ ކުރާނީ މީގެ ތެރެއިން ކޮންމެމީހަކު މިއުޅަނދު ބަނުމަށް ކުރާ ޚަރަދުގެ ނިސްބަތުންކަމަށް ބަޔާންކުރެވިފައި ނުވާކަމާއި، މިހަތަރުމީހުންގެ މެދުގައި ލިޔުމުން އެއްބަސްވެވިގެން ބަންނަމުންއައި މިއުޅަނދު ބަނުމަށް ޚަރަދުކުރާނީ މިހަތަރުމީހުން ހަމަހަމަވާ ގޮތަށްކަން މިއެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައި ނުވާކަމާއި، މިއުޅަނދު ބަނުމަށް މިހަތަރުމީހުން ކޮށްފައިވާ ޚަރަދު ހަމަހަމަނުވާކަން، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލާގެ ޝަރީޢަތް ނިންމިގޮތުގެ ރިޕޯޓުން އެނގެން އޮތުމާއި، މިބޯޓުގެ މިލްކުވެރިކަން ޙިއްޞާކުރުން ބިނާވެފައި އޮންނާނީ މިހަތަރުމީހުން ކުރެ ކޮންމެމީހަކު މިބޯޓު ބަނުމަށް ކުރާ ޚަރަދުގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށް ދިނުމަކީ ދަޢުވާކުރާ ފަރާތުގެ ކަމަކަށްވީއިރު، ދަށުކޯޓާއި ހައިކޯޓުގައި މިމައްސަލަ ހިނގިއިރުވެސް އެފަދަކަމެއް ދަޢުވާކުރާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.

(ޅ) ހަވަނަ ކަމަކީ: "ބްލޫޕިޖަން" އެވެ ކިޔާ މިއުޅަނދު ބަނުމަށްޓަކައި އެއްވެސް ފަރާތަކުން ޚަރަދު ކުރިކަމަށް ބުނާ މިންވަރު އަނެއް ފަރާތުން ޤަބޫލުކޮށްފައި ނުވާއިރު، އަދި ޚަރަދު ކުރުމުގައި ވަކިގޮތަކަށް ޚަރަދު ކުރުމަށް ނުވަތަ ވަކިމީހަކު ޚަރަދުކުރުމަށް މިހަތަރު މީހުންގެ މެދުގައި އެއްބަސްވެވިފައި ނުވާއިރު، މިއުޅަނދު ބަނުމަށް މިހަތަރު މީހުންކުރެ މީހަކު ހޯދާ މުދަލަކާއި ފައިސާއެއް ހޯދުމުގައި އެމީހަކު އަމިއްލައަށް ވެފައިވާ ޒިންމާއަކާއި ދަރަންޏެއް އުޅަނދުގެ މިލްކުވެރިކަމުގައި ހިމެނޭ އެހެން މީހެއްގެ ނުޤަބޫލުގައި ޒިންމާކުރެވޭނެ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތުމުންނާއި، ޙިއްޞާގެ މިލްކުވެރިކަމުގައި ހަމަހަމަވެގެންވާ ގޮތެއްގެ މައްޗަށް ޚަރަދު ކުރުމުގައި ހަމަހަމަވާންޖެހޭކަން ލާޒިމުކޮށްފައިވާ އެއްވެސް މާއްދާއެއް މިހަތަރު މީހުން ވެފައިވާ އެއްބަސްވުމުގައި ނެތަތީވެ، ޚަރަދު ކުރުމުގައި ތަފާތުވުމަކީ މިލްކުވެރިކަމުގައި ތަފާތުވާނޭ ކަމެއްކަމަށް ބެލެވޭނެ ގޮތެއް ނެތުމެވެ.

(ކ) ހަތްވަނަ ކަމަކީ: އިސްވެ ބަޔާންކުރެވުނު ކަންތައްތަކުގެ އިތުރަށް، "ބްލޫޕިޖަން" އެވެ ކިޔާ މިއުޅަނދުގެ މިލްކުވެރިކަމުގައި […] އިބްރާހީމް ނާޞިރުއާއި […] މުޙައްމަދު ޒިޔާދުއާއި ނ.ވެލިދޫ ޑޭޒީމާގޭ ޢަބްދުލްޣަނީ ޢަލީއާއި […] މުޙައްމަދު ޙުސައިންއާއި، މި 4 މީހުން ޙިއްސާވާ މިންވަރާއި، މިއުޅަނދުން ލިބޭއެއްޗަކުން ޚަރަދު ކެނޑުމަށްފަހު ފައިދާ ބަހާނެ ގޮތާއި، މިއުޅަނދު ބަނުމުގައި މިހަތަރުމީހުން ޢަމަލުކުރާނޭގޮތް އަންގައިދޭ އެއްޗަކީ 2004 ޑިސެމްބަރު 13 ގައި މިހަތަރު މީހުންގެ މެދުގައި ވެފައިވާ އެއްބަސްވުން ކަމަށްވެފައި އެ އެއްބަސްވުމަކީ ފައިޞަލާކުރަނިވި ޙުކުމަކުން ބާރުލިބިގެން ދެމިއޮތް އެއްބަސްވުމެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމުންނާއި، މިއުޅަނދު ބަނުމަށް ކުރާ ޚަރަދުގައި ބެހެނިވެރިން ހަމަހަމަކޮށް ޒިންމާވާން ޖެހޭކަން އެނގެން ނެތަތީވެ، "ބްލޫޕިޖަން" އެވެ ކިޔާ މިއުޅަނދުގެ މިލްކުވެރިކަން ސާބިތު ކުރުމަށްޓަކައި ހުށަހެޅި މިމައްސަލާގައި މަދަނީކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދު ކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުން އެމައްސަލަ ނިންމަވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް އޮތްކަމަކަށް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުމެވެ.

ޙުކުމް

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު މަދަނީކޯޓުގެ ނަންބަރު 1265/MC/2006 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/162 ޤަޟިއްޔާއިން ތާއީދުކޮށް އެމައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ސުޕްރީމްކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/162 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މިމައްސަލަ ނިންމީއެވެ.

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ