—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރު:2009/SC-C/02
ދަޢުވާކުރާ ފަރާތް:މއ. ރާރޮހިގެ / މުޙައްމަދު ނަޝީދު
ޙުސްނުއްސުޢޫދު
ނަޝީދު
މުޙައްމަދު އަނިލް
ދަޢުވާ ލިބޭ ފަރާތް: ދިވެހި ދައުލަތް
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
ހުށަހެޅުނު ތާރީޚް: 05 ޖެނުއަރީ 2009
ނިމުނު ތާރީޚް: 13 ޖެނުއަރީ 2009
މައްސަލަ ނިންމި ގަޑި: 09:55
މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ހ) ގައި "މިޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ފުރަތަމަ އިންތިޚާބު 2009 ފެބްރުއަރީ 15 ވަނަ ދުވަހުގެ ކުރިން ބާއްވަންވާނެކަމަށް" ބަޔާންކޮށްފައިވާހިނދު، އަދި
ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށްޓަކައި ފާސްކޮށް ޢަމަލުކުރަން ފަށަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނާއި އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ ދެބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައި ވީހިނދު، އަދި މިދެބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި ނުވާހިނދު،
2008 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި "ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ މުއްދަތުގައި ޗުއްޓީދޭން ފެނިވަޑައިގަންނަވާކަމަށް (ރައްޔިތުންގެ މަޖިލީހުގެ) ޢާއްމު ކޮމެޓީން ލަފާދެއްވާފައިވާތީ އެގޮތަށް އެކަންކުރުމަށް ފެނިވަޑައިގަންނަވާތޯ ބެލުމަށް" ނެންގެވި ވޯޓުން އެގޮތަށް އެކަންކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ފާސްވެފައިވުމާއިގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ މިހާރު ފެށިފައިވާތީއާއި، އެޗުއްޓީގެ މުއްދަތު ހަމަވާނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅަށް ކަމަށްވެފައި އޭގެ ކުރީގައި އިސްވެދެންނެވި ދެބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރެއްވުމަށް ޤަސްދުކުރައްވާކަން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ހާމަކުރައްވާފައި ނުވާތީ އެދެބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ނުނިންމަވައި މިދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީސް ޗުއްޓީގައި ވުމަކީ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ މުއްދަތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނުބޭއްވޭނެ ކަމެއްކަމަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީއާއި ގުޅޭގޮތުން 2008 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ނިންމެވި ނިންމެވުމަކީ ޤާނޫނުއަސާސީއާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ކަނޑައަޅައި ދިނުމަށާއި،
ޤާނޫނުއަސާސީގެ 295 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ބާއްވަންޖެހޭ އިންތިޚާބުތައް ކަނޑައަޅާފައިވާ ތާރީޚުތަކުގައި ބޭއްވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަކީ ޤާނޫނުއަސާސީގެ 295 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލާޒިމްވާކަމެއް ކަމުގައިވާތީވެ، އެއިންތިޚާބުތައް އެތާރީޚުތަކުގައި ބޭއްވުމަށްޓަކައި ކޮންމެހެން ފާސްކުރަންޖެހޭ ޤާނޫނުތަކުގެ މަސައްކަތްކޮށް ޤާނޫނުއަސާސީގެ ބާރު ނެގެހެއްޓުމަށް ރައްޔިތުންގެ މަޖިލީހަށް އަންގަވައި ދިނުމަށްއެދި ނަޝީދާއި ޙުސްނުއްސުޢޫދާއި ނަޝީދާއި މުޙައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މިޤަޟިއްޔާއާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި "ދައުލަތް" އަދި "ސަރުކާރު" މިދެލަފުޒު ބައިނަލް އަޤްވާމީ ޤާނޫނާއި ދުސްތޫރީ ޢިލްމުވެރިން މާނަކޮށްފައިވާ ގޮތުގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވީ ބުރާސްފަތި ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ޢަމަލު ކުރަން ފެށިފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމަށްޓަކައި ބާއްވާ ފުރަތަމަ އިންތިޚާބު 2009 ވަނަ އަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހުގެ ކުރިން ބާއްވަންވާނެ ކަމަށް ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ހ) ގައި ބުނުމަށްފަހު އެމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިންތިޚާބުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމީހުންގެ މަޤާމުގެ ހުވާކޮށް އެމަޤާމުތަކާ ޙަވާލުވުމަށްފަހު މިޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ 2009 ވަނަ އަހަރުގެ މާރޗް މަހުގެ 01 ވަނަ ދުވަހުގެ ކުރިން ބާއްވަންވާނެކަން ޤާނޫނުއަސާސީގެ އިސްވެ ޙަވާލާދެވުނު 296 ވަނަ މާއްދާގެ (ށ) ގައި ސާފު ބަހުން ބުނެފައިވަނިކޮށް މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ބާއްވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމުގެ ކުރިން ފާސްކޮށް ޢަމަލުކުރަން ފަށަންޖެހޭ އިންތިޚާބާ ބެހޭ ދެބިލެއް ރައްޔިތުންގެ މަޖިލީިހަށް ހުށަހެޅިފައިވަނިކޮށް އެދެބިލު ފާސްނުކުރައްވައި ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ ދަށުން ބާއްވަންޖެހޭ އިންތިޚާބު އެ މާއްދާގައި ބުނެފައިވާ ތާރީޚުގައި ނުބޭއްވޭނެފަދަ ޙާލަތެއް މެދުވެރިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 2008 ވަނަ އަހަރުގެ 03 ވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން އެމަޖިލީހުގެ މެންބަރުންނަށް ޗުއްޓީދެއްވި ދެއްވުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް އެމަޖިލީިހުން ކުރައްވާފައިވާ ކަމެއް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ އެނިންމުން ބާޠިލްކޮށްދިނުމަށް އެދި މއ.ރާރޮހިގޭ މުޙައްމަދު ނަޝީދާއި ސ.މީދޫ ހަސަންކާރިގޭ ޙުސްނުއްސުޢޫދާއި ހ.ފޮއްދޫގޭ މުޙައްމަދު ނަޝީދާއި ސ.ފޭދޫ ސީނިއާގޭ މުޙައްމަދު އަނިލް އާއި މިހަތަރު މީހުން ހުށަހަޅާފައިވާ ދަޢުވާއަކީ އިޖުރާއީ ނަޒަރަކުން ބަލާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލެވިގެންވާނެ ދަޢުވާއެއް ނޫން ކަމަށްބުނެ އެދަޢުވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލުމާމެދު ދައުލަތުގެ ބަންޑާރަނާއިބުގެ ފަރާތުން އިޢުތިރާޟުކޮށްފައިވާކަމެވެ.
(ށ) ދެވަނަ ކަމަކީ ދުސްތޫރީ މައްސަލަތައް ބަލައި އެފަދަ މައްސަލަތަކާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޮރިޖިނަލް ޖުރިސްޑިކްޝަންގެ ތެރޭގައި ހިމެނޭ ކަމަކަށް ވުމާއެކު އިސްވެ ބުނެވުނު ދަޢުވާއާބެހޭ މައްސަލައަކީ ސުޕްރީމް ކޯޓުން ބަލައިގަނެ އެމައްސަލައާމެދު ޝަރުޢީ އަދި ޤާނޫނީ ގޮތުން ފައިސަލާކުރަނިވި ނިޔާއެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް މީލާދީ ސަނަތުން 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވީ ބުރާސްފަތި ދުވަހު ބޭއްވުނު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވާއިރު، ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައްޔާއި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެބުނެވުނު ނިންމުން ޤާނޫނީގޮތުން ޗެލެންޖްވެ އެނިންމުމާމެދު ޤާނޫނީ ޖަދަލެއް ނުވަތަ ދެބަސްވުމެއްވެސް އުފެދެންޖެހޭ އެއްވެސް ސަބަބެއްނެތްކަން ރަނގަޅަށް އެނގެން އޮތުމެވެ.
އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ނައްޞުތަކަށް ބަލާއިރު ދައުލަތުގެ ތިންބާރު ކަމަށްވާ ޤާނޫނު ހެދުމުގެބާރާއި ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި މި ތިންބާރު އޮންނަންވާނީ އެއްބާރުގެ މައްޗަށް އަނެއްބާރުގެ ނުފޫޒު ނުހިންގޭ ގޮތަކަށް ވަކިކުރެވިފައިކަން އެނގެން އޮވެއެވެ. އަދި މިނިވަން ވަކިފަރާތަކަށްނުޖެހޭ ތަޢައްޞުބުން އެއްކިބާވެފައިވާ ޖުޑީޝަރީ އަކީ ޤާނޫނުއަސާސީއާއި ޤާނޫނުގެ ސިޔާދަތާއި، ރޫލް އޮފް ލޯ ނެގެހެއްޓުމަށާއި މުޅިރައްޔިތުންގެ ޙައްޤުގައި ރައްޔިތުންނަށް ޤާނޫނީ ޙިމާޔަތް ލިބިދިނުމަށާއި ޑިމޮކްރަސީ ދެމެހެއްޓުމުގެ މައިގަނޑު އަސާސަކަށްވާތީ ދައުލަތުގެ އެންމެހައި ނިންމުންތައް ހުންނަނީ ޤާނޫނުގެ ސިޔާދަތާއި ޤާނޫނުއަސާސީ ކަނޑައަޅާގޮތާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ ޖުޑީޝަރީގެ ޢާއްމު އިޚްތިޞާޞްގައި ހިމެނޭ ކަމެއްކަން އެނގެން އޮތްކަމާއި ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމްކޯޓު ކަމަށްވެފައި ޤާނޫނުއަސާސީއާއި ޤާނޫނު މާނަ ކުރުމުގެ އެންމެ އިސްފަރާތަކީ ވެސް ސުޕްރީމް ކޯޓު ކަމަށްވުމާއި ދައުލަތުގެ އެހެނިހެން ބާރުތަކުން ޢަމަލުކުރަނީ ޤާނޫނީ އަދި ދުސްތޫރީ އިމުގެ ތެރޭގައި ކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޞާޞް ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމާއި ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެންމެ އިސްކޯޓަށްވީތީ އެކޯޓުގެ ޒާތުގައި އެކޯޓަށް ދުސްތޫރީ މައްސަލަބެލުމުގެ ވިރާސީ އިޚްތިޞާޞް ލިބިގެންވާކަމާއި މިގޮތުން ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޞާޞްގެ ދަށުން ޤައުމު ޤާނޫނީ ހުސްކަމަކަށް ދިއުން ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވުންފަދަ ބޮޑު ދުސްތޫރީ މައްސަލައެއް ކުރިމަތިވެއްޖެކަމަށް ނުވަތަ ދުސްތޫރީ ނިޒާމުން ދައުލަތް ބޭރުވުންފަދަ ޤާނޫނީ އިމުން ބޭރުން ކަމެއް ހިނގާނަމަ އެކަމެއް ހުއްޓުވުމަށްޓަކައި ސުޕްރީމް ކޯޓުގެ އިޚްތިޞާޞްތަކުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ ބާރުވެސް ސުޕްރީމް ކޯޓަށް ލިބިގެންވާކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިޖުރާއީ ގޮތުން ސުޕްރީމް ކޯޓުން މިމައްސަލަ ބެލިދާނެ ކަމާއިމެދު ސުވާލު އުފެދޭކަމަށް ބުނެ ދައުލަތުގެ ބަންޑާރަނާއިބުގެ ފަރާތުން ކޮށްފައިވާ އިޢުތިރާޟާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައެޅުމަށްފަހު ދަޢުވާގެ މައުޟޫއާ މެދު ޖަވާބުދާރީވުމަށް ލިބުނު ފުރުޞަތުގައި ބަންޑާރަނާއިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ޤާނޫނީ ނަޒަރަކުން ބަލާއިރު މިޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސްކަމެއް ހިނގިގޮތުގެ ސައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެކަމަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅި ބަޔާންވެފައިވާއިރު، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ މިޤާނޫނުއަސާސީގައިވާ ގޮތުގެމަތިންނެވެ. މިފަދައިން ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ބުނުމަށްފަހު، ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) ގައި، ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުންނާއި މުސްތަޤިއްލު ކޮމިޝަން ތަކުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބިމީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަޤާމުތަކާ ޙަވާލުވެ ތިބި މީހުންނާއި އެންމެހައި ރައްޔިތުން މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު މިޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ، ޢަމަލުކުރަންވާނެ ކަމަށް ކަނޑައެޅި ބަޔާންވެފައި އޮތުމުން އެއްވެސް އިސްތިސްނާއެއްނެތި ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކުންނާއި ދައުލަތުގެ އެކިކަންކަމާ ޙަވާލުވެތިބި ފަރާތްތަކުން ޤާނޫނުއަސާސީއަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރަންޖެހޭނެކަމާއި ހުރިހާ ފަރާތްތަކެއްގެ ޢަމަލުތަކާއި ނިންމުންތަކަކީވެސް ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ އިންތަކުގެ ތެރޭގައި އެކަންކަން ބަލައި ޤާނޫނުއަސާސީގެ މީޒާނުން ވަޒަންކުރެވޭނެ ކަންކަމާއި އަދި އެފަދަ ޢަމަލުތަކުގެ ތެރެއިން ޞައްޙަކަމަށް ޤާނޫނީގޮތުން ބެލެވޭނީ ހަމައެކަނި ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އިންތަކުގެތެރޭގައި ޤާނޫނުއަސާސީއަށް ފެތޭ ޢަމަލުތައްކަމާއި ޤާނޫނުއަސާސީގައި ވަކިގޮތަކަށް ކަމެއް ކުރުން ލާޒިމްކޮށްފައިވާ ޙާލަތްތަކުގައި އެނޫން ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުން ވިޔަސް ކަމެއް ކޮށްފައިވާނަމަ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅި ބަޔާންވެފައިވާ ނައްޞަކީ ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް އެއްވެސް ފަރާތަކުން ކުރާކަމެއް ނުވަތަ ނިންމާ ނިންމެވުމެއް ހުއްދަކުރާ ޤާނޫނީ ނައްޞެއް ކަމަށް ޤާނޫނީ ގޮތުން ބެލެވެންޖެހޭނެ ހަމަ އެއްވެސް ހަމައެއް ނެތުމެވެ.
(ރ) ހަތަރުވަނަކަމަކީ ޤާނޫނީ ހަމަތަކުގެމަތިން ކަމެއް މަނާކުރާ ސަބަބެއް ނުވާހާ ހިނދަކު، ދައުލަތުގެ އެކިއެކި މުއައްސަސާތައް ހިންގުމަށްޓަކައި އެކަށައެޅިފައިވާ އިޖުރާއީ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަށް ޤާނޫނީގޮތުން ހުރަސްއަޅާ ސަބަބެއް ނެތުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން އެމަޖިލީހުގެ މެންބަރުން ޗުއްޓީ ނެގުން އެއީ އޭގެ ޒާތުގައި އެކަމަށް ޤާނޫނީ ގޮތުން ހުރަސްއެޅެންޖެހޭ ކަމަކަށް ނުވާއިރު، މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމަށްޓަކައި ބާއްވަންޖެހޭ ފުރަތަމަ އިންތިޚާބު ބާއްވަންޖެހެނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރީގެ ތާރީޚެއްގައި ކަމަށްވެފައި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމީހުންގެ މަޤާމުގެ ހުވައިކޮށް އެމަޤާމުތަކާ ޙަވާލު ވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންޖެހޭނީ 2009 ވަނަ އަހަރުގެ މާރޗް މަހުގެ 01 ވަނަ ދުވަހުގެ ކުރީގެ ތާރީޚެއްގައި ކަމަށްވާތީ އާއި ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީއަކީ އެޗުއްޓީގެ ސަބަބުން އުފެދިދާނެ ކަމަށް ޤަބޫލުކުރެވޭ މައްސަލަތަކަށް ޙައްލެއް ހޯދިދާނެ ކަމެއްކަމަށް ޤަބޫލުކުރެވޭތީ އާއި ރައްޔިތުންގެ މަޖިލިސް މިވަގުތު ހަމައެކަނި ޗުއްޓީގައި ވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ގޮތަށް ޢަމަލު ކުރަން އެޤާނޫނުއަސާސީގައި ބުނެފައިވާ ތާރީޚުތަކާ އަރާހަމަވުމުގެ ކުރިން މުސްތަޙީލުވެއްޖެ ކަމެއްކަމަށް ޤާނޫނީ ގޮތުން ބެލެވެންޖެހޭ ފަދަ ސަބަބެއްވެސް ނެތުމެވެ.
(ބ) ފަސްވަނަ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅިގެން ވަކި ތާރީޚުތަކެއްގެ ކުރިން ނިންމަންޖެހޭނެކަމަށް ބުނެފައިވާ ކަންތައްތައް ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ މައްޗަށް ޤާނޫނުއަސާސީން ލާޒިމުވެގެންވާ ކަމަކަށްވާއިރު، އެފަދަކަމެއް ޤާނޫނުއަސާސީގައިވާ ގޮތަށް އަދި ޤާނޫނުއަސާސީގައި ބުނެފައިވާ ތާރީޚުގައި ނިންމުމަށް ޤާނޫނީ ނަޒަރަކުން ބަލާއިރު އުޒުރު ވެވިދާފަދަ ހަމައެކަނި ޙާލަތަކީ، އިންސާނީބާރު ނުފޯރާފަދަ ޤުދުރަތީ ބޮޑެތި ހާދިސާތަކާއި، ހަނގުރާމަވެރި ޙާލަތްތައް މެދުވެރިވެ، އެފަދަކަންކަމަށް އިޚްތިޔާރުގައި ނުވާ ސަބަބުތަކާހުރެ، ހުރަސްއެޅިގެން ދިއުން ކަމަށްވާއިރު، މިދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީސް ޗުއްޓީކުރުމަށް އެމަޖިލީހުން ނިންމި ނިންމުމަކީ އެމަޖިލީހުގައި ޢާންމުކޮށް ޢަމަލު ކުރަމުންދާ ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ޢަމަލުކުރެއްވި ކަމެއް ކަމުގައިވިޔަސް އެއީ ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ހ) ގެ ދަށުން 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބާއްވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެތާރީޚުގެ ކުރިން ބޭއްވުމަށް ހުރަސް އެޅިގެން ދިއުން ޤާނޫނީ ގޮތުން ހުއްދަވާފަދަ ސަބަބެއްތޯ ދުސްތޫރީ ނަޒަރަކުން ވިސްނާ ބަލާއިރު ރައްޔިތުންގެ މަޖިލިސް މިވަގުތު ޗުއްޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެދިވަޑައިގަތުމުގެ މަތީން އެމެންބަރުންގެ އަމިއްލަ އިޚްތިޔާރާ ރުހުމުގެ މައްޗަށް ބިނާކުރައްވައި އެމަޖިލީހުން ނިންމެވި ނިންމެވުމުގެ ސަބަބެއްކަން އޮޅުމެއްނެތި އެނގެން އޮންނާތީ އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅިގެން ވަކިކަމެއް ކަނޑައެޅިގެން ވަކިގޮތަކަށް ކަނޑައެޅިގެން ވަކި ތާރީޚެއްގެ ކުރިން ކޮށް ނިންމަންޖެހޭނެކަމަށް ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުން ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުން ދުސްތޫރީ ގޮތުން ހުއްދަވެއްޖެކަމަށް ބެލެވޭފަދަ ހަރުދަނާ ސަބަބެއް ނޫންކަން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަކަމަކީ ދައުލަތުގެ ތިން ރުކުންކަމުގައިވާ ބިމުގެ ސަރަހައްދާއި ރައްޔިތުންނާއި ސިޔާސީ ސުލްޠާ ފުރިހަމަވުމާ ގުޅިގެން ފުރިހަމަ ސިޔާދަތު ލިބިފައިވާ އެއްވެސް ދައުލަތެއްގެ ސިޔާސީ ސުލްޠާގެ ތެރޭގައި ހިމެނޭ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި މިތިންބާރުގެ ތެރެއިން އެއްވެސް ބާރެއް ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓިގެން ދިއުމަކީ ދުސްތޫރީ ނަޒަރަކުން ބަލާއިރު ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބިގެންދާނޭ ޚުޠޫރަތްތެރި ކަމެއްކަމަށް ވުމާއެކު، ދައުލަތުގެ ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ނުވަތަ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ނުވަތަ އެފަދަ ހުސްކަމަކަށް މަގުފަހި ވެދާފަދަ އެއްވެސް ފުރުޞަތެއް އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެތީއާއި ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ފަދައިން ދިވެހިރާއްޖޭގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ސިޔާދަތާއި ސުޕްރިމަސީ ދެމެހެއްޓުން ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ މައްޗަށާއި ދައުލަތުގެ އެކިއެކި ކަންކަމާއި ޙަވާލުވެތިބި އެންމެހައި މީހުންގެ މައްޗަށް ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) އިން ލާޒިމުވެގެންވާތީ، ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި ދައުލަތުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ އެއްވެސް މުއައްސަސާއެއް ނުވަތަ ސިޔާސީ ސުލްޠާގެ އެއްވެސް އުންސުރެއްވެސް ޤާނޫނީ ގޮތުން ހުސްކަމެއްގެ ތެރެއަށް ދިޔަނުދީ ދަމަހައްޓަންޖެހޭތީ މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގައި ބުނެފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެމަތިން ބޭއްވުމަށާއި އަދި އަލަށް އިންތިޚާބު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އެމާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން، މީލާދީ ސަނަތުން 2009 ވަނަ އަހަރުގެ މާރޗް މަހުގެ 1 ވަނަ ދުވަހުގެ ކުރިން ބާއްވައި ނިންމުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ރައްޔިތުންގެ މަޖިލީހާއި ދިވެހި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ކަމާބެހޭ ކޮންމެ މުއައްސަސާއަކުންވެސް ކުރުމަކީ ދުސްތޫރީ ވާޖިބެއް ނޫން ކަމަށް ބެލެވެންޖެހޭ ސަބަބެއް އޮތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކަށް ނުފެނެއެވެ.
ޙުކުމް
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް ދިވެހިރާއްޖޭގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ސިޔާދަތާއި ސުޕްރިމަސީ ދެމެހެއްޓުމަކީ ދިވެހި ދައުލަތުގެ ޤައުމީ ސިޔާދަތާއި ވަޙްދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކަށާއި ދައުލަތުގެ ކަންތަކާއި ޙަވާލުވެތިބި އެންމެހައި މީހުންގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) އިން ލާޒިމުވާ ކަމަކަށްވެފައި، މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 07 ވީ ބުރާސްފަތި ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށިފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ފުރަތަމަ އިންތިޚާބު 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބާއްވަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ހ) ގައި ބުނުމަށްފަހު އެމާއްދާގެ (ހ) ގެ ދަށުން އިންތިޚާބު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޤާމުތަކާ ޙަވާލުވުމަށްފަހު މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މީލާދީ ސަނަތުން 2009 ވަނަ އަހަރުގެ މާރޗް މަހުގެ 01 ވަނަ ދުވަހުގެ ކުރިން ބާއްވަންވާނެކަމަށް ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅި ބަޔާންވެފައިވާތީ އެމާއްދާގައި ބުނެފައިވާ ގޮތުގެމަތިން އަދި އެމާއްދާގައި ބުނެފައިވާ ތާރީޚުގެ ކުރިން ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކުރުމަށާއި އެ މާއްދާގެ (ށ) ގައި ބުނެފައިވާ ތާރީޚުގެ ކުރިން އަލަށް އިންތިޚާބު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން ރައްޔިތުންގެ މަޖިލީހަށާއި، ދައުލަތުގެ ކަމާއިބެހޭ އެހެނިހެން މުއައްސަސާތަކަށް ޤާނޫނުއަސާސީގެ ދަށުން ލާޒިމުވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުން:
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު މުޖުތާޒު ފަހުމީ
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.