ޙަސަން އާދަމް ވ. އަންވަރު އާދަމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2009/HC-A/366، 681/MC/2009
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މަދަނީ ކޯޓުގެ 681/MC/2009 ޤަޟިއްޔާގައި (29 ސެޕްޓެމްބަރ 2009) ސަކީނާ އާދަމްފުޅުގެ ތަރިކަ ބަހައި، މ. ސީނަރީ ބަންޑާރަ ގޯތީގެ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ޙަސަން އާދަމަށް ޖެހޭ ބަޔުގެ އަގު 134,437.97 ރުފިޔާ އަންވަރު އާދަމް 12 މަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމުން، އެ ތަންތަން އަންވަރު އާދަމަށް މިލްކުވާނެކަމަށް ނިންމިއެވެ. ހައިކޯޓުގެ 2009/HC-A/366 ޤަޟިއްޔާގައި (06 އޮކްޓޯބަރ 2011) އެ ޙުކުމަށް ތާއީދުކުރިއެވެ. ޙަސަން އާދަމް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
- ވާޤިޢާ
- ސަކީނާ އާދަމްފުޅު 09 ޖެނުއަރީ 2009 ގައި ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ތިބީ ފިރިމީހާ ޙަސަން އާދަމާއި، އެއްބަނޑު އެއްބަފާ އަޚު އަންވަރު އާދަމެވެ. ތަރިކައިގައި ހުރީ ސަކީނާ އާދަމްފުޅުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މ. ސީނަރީ ބަންޑާރަ ގޯތީގެ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނެވެ. ރަޖިސްޓްރީއާއި މާލޭ ސިޓީ ކައުންސިލްގެ ޖަވާބުތަކުން އެނގެނީ ގޯތީގެ ބޮޑުމިނަކީ ގާތްގަނޑަކަށް 1195 އަކަފޫޓުން 1197 އަކަފޫޓާ ދެމެދުކަމެވެ. ޙަސަން އާދަމްގެ ނަމުގައި ހދ. ކުޅުދުއްފުށީގައި 1518.08 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް އޮތެވެ. އަންވަރު އާދަމްގެ ނަމުގައި އޮތީ 5 މީހުންގެ ނަމުގައިވާ 1195 އަކަފޫޓުގެ ގޯއްޗެކެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވުމުން، ބައިކުރުމުން ޖެހޭ ބައި 600 އަކަފޫޓަށް ނުފުދޭއިރު، އަމިއްލަ ނަމުގައި ބަންޑާރަ ގޯއްޗެއް އޮތް ވާރިޘަކަށް އެ ގޯތީގެ ބިމުން އޭގެ ޒާތުން ލިބޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޙަސަން އާދަމް ބުނީ، ގޯތި ހިއްކައި ޢިމާރާތްކުރީ އޭނާ ކަމަށާއި، ފިރިމީހާގެ ފަރުޟުބައި ގޯތީގެ ޒާތުން ލިބެންޖެހޭ ކަމަށާއި، އޭނާގެ އަމިއްލަ ގޯއްޗެއް މިހާރު ނެތް ކަމަށެވެ. އަދި މިނިވަން ސާވެއަރަކު މިން ބެލުމުން ގޯތީގައި 1200 އަކަފޫޓު ހަމަވާކަމަށް ބުނެ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާއަށް ރިޢާޔަތް ނުކުރެވޭ ކަމަށް ބުންޏެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާއި، ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 5 ވަނަ އަދި 11 ވަނަ މާއްދާގެ ދަށުން، ބަންޑާރަ ގޯއްޗެއް ލިބިފައިވާ ވާރިޘަކަށް ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވާނަމަ ބައިކުރެވޭ ގޯތީގެ ބިމުން ނުލިބޭނެ ކަމަށެވެ. ގޯތި ދެބައިކުރުމުން 600 އަކަފޫޓު ހަމަނުވާތީއާއި ޙަސަން އާދަމްގެ ނަމުގައި ގޯއްޗެއް އޮތުމުން، އޭނާއަށް ބިމުން ނުލިބޭނެއެވެ. ބިމުގެ މިން ކަނޑައެޅުމަކީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ބާރެއް ކަމުން، އަމިއްލަ ސާވެއަރެއްގެ މިނަށް ޤާނޫނީ ޙައިޘިއްޔަތެއް ނެތެވެ. އަދި ޤަވާޢިދުގެ 7 ވަނަ މާއްދާ ހައިކޯޓުން ބާޠިލުކޮށްފައިވާތީ އެ މާއްދާއަށް ބިނާކުރެވޭނެ ތަނެއް ނެތުމުން، ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ބަންޑާރަގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުޞޫލުން ލިބޭ ބައެއްގެ މެދުގައި އެގޯތީގެ ބަންޑާރަބިން ބައިކޮށް ވަކިކޮށްދިނުމުގެ އުޞޫލުތައް ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި މިގޮތުން އެމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބައިކުރެވޭ އެއްވެސް ބައެއް، 600 އަކަފޫޓަށްވުރެ ކުޑަވެގެން ނުވާނެކަމަށާއި އަދި އެމާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުޞޫލުން ލިބޭ މީހުންގެ މެދުގައި ގޯއްޗެއް ބައިކުރެވޭއިރު އޭގެތެރެއިން، ބަންޑާރަގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާ މީހަކަށްޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ، ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެކަމަށް ޞަރީޙަ ބަހުން ބަޔާންކޮށްފައިވާކަން އެމާއްދާއަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމެވެ.
HN2 ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލެވި، ޢަމަލު ކުރެވެމުންދާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 5 ވަނަ މާއްދާގައި ބަންޑާރަގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެގެން، އެގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުޞޫލުން ބައިކުރެވޭއިރު، އޭގެތެރެއިން، ބަންޑާރަގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާ މީހަކަށް ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެކަމަށާއި، އަދިހަމަ އެޤަވާޢިދުގެ 6 ވަނަ މާއްދާގައި ބަންޑާރަގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެގެން، ގޯތި ބައިކުރެވޭއިރު އޭނާގެ ވާރިޘުންގެ ތެރެއިން މީހަކަށްޖެހޭބައި 600 އަކަފޫޓަށްވުރެ ބޮޑުވާ ޙާލަތުގައި، މިޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ބިމުން ލިބިދެވޭނެކަމަށާއި އަދި ހަމަ އެޤަވާޢިދުގެ 11 ވަނަ މާއްދާގައި މިޤަވާޢިދުގެ ދަށުން ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއްކަމުގައި ބެލެވެނީ އެގޯއްޗެއް ނުވަތަ އެބައެއްގެ ބިމުގެ ބޮޑުމިނުގައި 600 އަކަފޫޓު ހަމަވާ ތަންތަންކަމަށް ސާފުބަހުން ކަނޑައަޅައި ބަޔާންކޮށްފައި ވާކަން އެނގެން އޮންނަކަމެވެ.
HN3 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/14 ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާއެއް ނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު B-1/2012/177 (26/11/2012) ނޯޓުގެ ލިޔުމުން އެނގެން އޮތުމުން ހައިކޯޓުގެ މިބުނެވުނު ފަހުގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، މައުޖޫދުވެ ދެމިއޮތް ޙުކުމެއްކަން އެނގެންއޮތުމުން އިސްވެ އިޝާރާތްކުރެވުނު، ޤަވާއިދުގެ 7 ވަނަ މާއްދާއަކީ، މިހާރު މައުޖޫދުވެ ދެމިއޮތް މާއްދާއެއްކަމަށް ޤާނޫނީގޮތުން ބަލާނެ ޖާގައެއް އޮތް މާއްދާއެއް ނޫންކަން އެނގެން އޮންނަކަމެވެ.
HN4 ދިވެހިރާއްޖޭގެ ބިމުގެ ދަފްތަރު ބެލެހެއްޓުމާއި އެދަފްތަރުގައި ހިމެނޭ ބިންތައް ހުރިތަންތަނާއި އަދި އެބިން ބިމުގެ މިންތައް ކަނޑައަޅައި، އެކަންކަމާބެހޭ ބެހޭ މަޢުލޫމާތުތައް ބެލެހެއްޓުންފަދަ ކަންކަމަކީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ކަނޑައެޅިފައިވާ ގޮތުގެމަތިން ދައުލަތުގެ ކަމާބެހޭ އެކި އެކި އިދާރާތަކާއި ފަރާތްތަކުގެ އިޚުތިޞާޞާއި ބާރާއި މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްކަން އެނގެން އޮތުމުން، ދައުލަތުން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކުގެ ބިމުގެ އޭރިޔާގެ ބޮޑު މިނާއި މިންތައް ކަނޑައެޅުމަކީ، އެކިއެކި ފަރުދުން، އެމީހުން އަމިއްލަ އަމިއްލައަށް ނުވަތަ އެކިއެކި އަމިއްލަ ފަރާތްތައް މެދުވެރިކޮށްގެން ނަމަވެސް އެކަންކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ކަމެއް ނޫންކަން އެނގެން އޮތުމުން މ. ސީނަރީއެވެކިޔާ ބަންޑާރަގޯތީގެ ބިމުގެ ބޮޑުމިނާމެދު، މ. ސީނަރީ ޙަސަން އާދަމް ސުވާލު އުފައްދައި އެގޯތީގެ ބިމުގެ ބޮޑުމިން ބެލުމަށް، ޙަސަން އާދަމް އަމިއްލަ ފަރާތްތަކާ ޙަވާލުކޮށްގެން އެފަރާތުން އެގޯތީގެ ބޮޑުމިން ބެލުމަށްފަހު ކަނޑައަޅާފައިވާ މިންތައްކަމަށް ޙަސަން އާދަމް ބުނާ މިންތަކަކީ، ޤާނޫނުގެ ކުރިމަތީގައި އެމިންތައް އެއީ ޞައްޙަ މިންތަކެއްކަމުގައި ބަލަންޖެހޭ ފަދަ ޤާނޫނީ ބާރާއި ޙައިޘިއްޔަތު އެއަށް އެއްވެސް މިންވަރަކަށް ލިބިފައިވާ މިންތަކެއްނޫންކަން އެނގެން އޮންނަކަމެވެ.
HN5 ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވުމުން އޭނާގެ ޝަރުޢީ ވާރިޘުންނަށް، އެމީހުންގެ މަރުވެފައިވާ މުވައްރިޘުގެ ނަމުގައި އޮތް ބަންޑާރަ ގޯތީގެ ބިމުން އޭގެ ޒާތުން ލިބުމާއި ނުލިބުމުގައި އެ ވާރިޘުންގެ ތެރެއިން، މާލެއިން ބަންޑާރަގޯއްޗެއް ލިބިފައިވާ މީހާއާއި މާލެނޫން އެހެން ރަށަކުން ބަންޑާރަގޯއްޗެއް ލިބިފައިވާ މީހާއާ ދެމެދު އެއްވެސް ތަފާތެއް ކޮށްފައިނުވާކަން އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާއާއި އަދި އެޤާނޫނުގެ ދަށުން އެކުލަވާލެވި، ޢަމަލުކުރެވެމުންދާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާ ބެހޭ ޤަވާޢިދު" ގެ 05 ވަނަ މާއްދާއާއި، 11 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އާދަމް މުޙައްމަދު ޢަބްދުﷲ (ރިޔާސަތު)، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- އާދަމް މުޙައްމަދު ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 2 ނޮވެމްބަރު 2011 · ރަޖިސްޓްރީކުރީ 8 ޑިސެމްބަރު 2011 · ނިމުނީ 3 ޑިސެމްބަރު 2012 (11.9 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-A/49
ދަޢުވާކުރާ ފަރާތް: ޙަސަން އާދަމް މ. ސީނަރީ މާލެ
ދަޢުވާ ލިބޭ ފަރާތް: އަންވަރު އާދަމް މ. ގޯލްޑަންވެލީ މާލެ
މައްސަލައިގެ ބާވަތް: ތަރިކަ
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 2 ނޮވެމްބަރ 2011
ރަޖިސްޓްރީކުރެވުނު ތާރީޚް: 08 ޑިސެމްބަރ 2011
ނިމުނު ތާރީޚް: 03 ޑިސެމްބަރ 2012
މައްސަލަ ނިންމި ގަޑި: 11:10
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢާދަމް މުޙައްމަދު ޢަބްދުﷲ
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2009/HC-A/366
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 12 ޑިސެމްބަރ 2009
ނިމުނު ތާރީޚް: 06 އޮކްޓޯބަރ 2011
މައްސަލައިގެ ޚުލާޞާ
[1]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/366 ޤަޟިއްޔާ، އެކޯޓުން ނިންމާފައިވަނީ، ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ، މ. ސީނަރީ މާލެ، ޙަސަން އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާ އެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
[2]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/366 ޤަޟިއްޔާ، އެކޯޓުން ނިންމާފައިވަނީ، ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ، މ. ސީނަރީ މާލެ، ޙަސަން އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާ އެކެވެ.
[3]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/366 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މަދަނީ ކޯޓުގެ ނަންބަރު 681/MC/2009 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން މ. ސީނަރީ ޙަސަން އާދަމް، އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެކޯޓުން ބައްލަވައި، ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.
[4]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/366 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 681/MC/2009 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މ. ގޯލްޑަންވެލީ އަންވަރު އާދަމް، މީނާއާ އެއްބަނޑު އެއްބަފާ ދައްތަ މ. ސީނަރީ ސަކީނާ އާދަމްފުޅު 09 ޖެނުއަރީ 2009 ވަނަ ދުވަހު ނިޔައުވެފައިވާ ކަމަށްބުނެ އެމަރުޙޫމާގެ ތަރިކައިގެ މައްސަލަ ނިންމަވައިދެއްވުން އެދި ޝަރީޢަތަށް ހުށަހެޅުމުން އެކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި، މަދަނީ ކޯޓުގެ ނަންބަރު 681/MC/2009 ޤަޟިއްޔާ ނިންމާފައިވަނީ، މ. ސީނަރީ ސަކީނާ އާދަމްފުޅު 09 ޖެނުއަރީ 2009 ވަނަދުވަހު، ނިޔައުވެފައިވާކަމާއި، ސަކީނާ އާދަމްފުޅު ނިޔައުވިއިރު، އޭނާގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ، ނިޔައުވިއިރު ހުރި ފިރިމީހާ. މ. ސީނަރީ ޙަސަން އާދަމްއާއި، ސަކީނާ އާދަމްފުޅާ އެއްބަނޑު އެއްބަފާ 01 (އެކެއް) އަޚް މ. ގޯލްޑަންވެލީ އަންވަރު އާދަމް އާއިއެކު ޖުމްލަ 02 (ދޭއް) ވާރިޘުންކަމާއި، ތަރިކައިގައިހުރީ މ. ސީނަރީ އެވެކިޔާ ބަންޑާރަގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަންކަން ހެކިންނާއި ވާރިޘުންގެ ބަހުން ޝަރީޢަތަށް ސާބިތުވެ އެނގެން އޮންނާތީކަމަށް ވިދާޅުވެ، މާލޭ މުނިސިޕަލްޓީގެ ނަންބަރު 99-C/144/2009/116 (19 އޭޕްރިލް 2009) ސިޓީއަށް ރިޢާޔަތްކޮށް މިތަރިކައިގައި ހިމެނޭ މ. ސީނަރީ އެވެކިޔާ ބަންޑާރަގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ ތަރިކަ ވާރިޘުންގެ މެދުގައި ބަހައިގެން އެއްބަނޑު އެއްބަފާ 01 (އެކެއް) އަޚް އަންވަރު އާދަމަށް 2/1 ބައި، މިލްކުވެއްޖެކަމަށް ޙުކުމް ކުރައްވައި، މިތަރިކައިގައި ހިމެނޭ ވާރިޘުންގެ ތެރެއިން ސަކީނާ އާދަމްފުޅު ނިޔައުވިއިރު ހުރި ފިރިމީހާ ޙަސަން އާދަމްގެ ނަމުގައި ހދ. ކުޅުދުއްފުށީ، ޖަހާމުގުރިގެ (1518.08 އަކަފޫޓު) ރަޖިސްޓްރީ ކޮށްދެއްވާފައިވާތީ، މ. ސީނަރީ އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ ތަރިކަ ބަހައިގެން ޙަސަން އާދަމަށް 2/1 ބަޔަށްޖެހޭ 597.5 އަކަފޫޓުގެ ތެރޭގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ އަގުކަމުގައިވާ 97/134437ރ. (އެއްލައްކަ ތިރީސް ހަތަރުހާސް ހަތަރުސަތޭކަ ތިރީސް ހަތްރުފިޔާ ނުވަދިހަ ހަތްލާރި) މައްސަލަ ނިމޭ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެމަހަކަށް ޖެހޭވަރު އެމަހަކު ދައްކައި ޚަލާސްކުރުމުން، މ. ސީނަރީ އެވެކިޔާ ބަންޑާރަގޯތިން ޙަސަން އާދަމަށްވާ 2/1 ބައިގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަން، މ. ގޯލްޑަންވެލީ އަންވަރު އާދަމަށް މިލްކުވާނެކަން އަންގަވާފަކަމާއި މިކަންކަން މަދަނީ ކޯޓުގެ މިއިޝާރާތް ކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
[5]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/366 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ، މަދަނީ ކޯޓުގެ ނަންބަރު 681/MC/2009 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބެލެވެންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ހަމައެއް ނެއްކަމަށް އެޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވޭތީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/366 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
[6]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/366 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ، މ. ސީނަރީ ޙަސަން އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 04 (ހަތަރު) ސަބަބެއް ހުށަހަޅައި ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން:
[7]ފުރަތަމަ ސަބަބަކީ، މ. ސީނަރީ އެވެކިޔާ ބަންޑާރަގޯތީގައި ހިމެނިފައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ތަރިކައިގެ ގޮތުގައި ހިމެނިފައި އެވަނީ ޙަސަން އާދަމް ކުޅަ މަސައްކަތުން ކަމަށާއި އެގޯތި ހިއްކުމަށް ބުރަ މަސައްކަތް ކޮށްފައިވަނީ ޙަސަން އާދަމްކަމަށާއި އަދި ކޮށްފައިވާ ޢިމާރާތްވެސް ކޮށްފައިވަނީ ޙަސަން އާދަމްކަމަށާއި މިކަމުގެ ތަފްޞީލު ޝަރީޢަތަށް ހުށަހަޅާފައިވާއިރު އެކަމަށް މަދަނީ ކޯޓުން އަދި ހައިކޯޓުންވެސް އެކަށީގެންވާ ވަރަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެކެވެ.
[8]ދެވަނަ ސަބަބަކީ، ޙަސަން އާދަމަކީ، އަލްމަރުޙޫމާ ސަކީނާ އާދަމް ނިޔައުވިއިރު ދުނިޔޭގައިހުރި ފިރިމީހާކަމަށާއި ފިރިމީހާއަށް އަނބިމީހާގެ މުދަލުން ވާރުތަވާކަމަށާއި ފިރިމީހާގެ ފަރުޟުބައި އޭގެޒާތުން ބޭނުންވާކަމަށް ޝަރީޢަތުގައި ބުނެފައިވާއިރު ޙަސަން އާދަމްގެ ނަމުގައި ގޯއްޗެއް އޮތްކަމަށް ބުނެފައިވާއިރު ޙަސަން އާދަމްގެ ގޯއްޗެއް މިހާރު ނެތްކަން ޝަރީޢަތަށް ސާބިތުވާއިރުވެސް މިކަމާމެދު މަދަނީ ކޯޓުންނާއި ހައިކޯޓުން ރިޢާޔަތްކޮށްފައި ނެތުން ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެކެވެ.
[9]ތިންވަނަ ސަބަބަކީ، ދަޢުވާ ރައްދުވާ އަންވަރު އާދަމަށް މ. ގޯލްޑަންވެލީ ގޯތިން ދުއިސައްތަ ތިރީސް އަކަފޫޓް ލިބޭކަން އެނގޭއިރު ރާއްޖެތެރޭގައިވާ ގޯއްޗެއްގެ އަގާ އަޅާބަލާއިރު މާލޭގެބިމުން ދުއިސައްތަ ތިރީސް އަކަފޫޓަކީވެސް އަގުކުރާއިރު ބޮޑުއަގަކަށްވާއިރު ޝަރީޢަތުން މިކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
[10]ހަތަރުވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުޞޫލުން ލިބޭމީހުންގެ މެދުގައި ގޯއްޗެއް ބައިކުރައްވާއިރު އޭގެތެރެއިން، ބަންޑާރަގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާ މީހަކަށް 600 އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ ބިމުން އެމީހަކަށް ނުލިބޭނެކަމަށް ބުނެފައިވާއިރު، ޝަރީޢަތުގައި ޙަވާލާދެވޭ ގޯއްޗަކީ 1200 އަކަފޫޓު ހަމަނުވާ ގޯއްޗެއްކަމުގައި މާލޭ މުނިސިޕަލްޓީ އިން ބުނިނަމަވެސް މިނިވަން ސާވެއަރުން މެދުވެރިކޮށް ބެލިބެލުމުން އެގޯތީގައި 1200 އަކަފޫޓު ހަމަވާކަން އެނގިފައިވާއިރު އެކަމަށް ރިޢާޔަތް ނުކުރެއްވުންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެކެވެ.
[11]6. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/366 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށްބުނެ ޙަސަން އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށާއި، މިމައްސަލައާގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ، މިމައްސަލައާ ގުޅޭ އެންމެހައި ލިޔުންތަކަށާއި، ބަޔާންތަކަށާއި، ޙަސަން އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ދަށުން އިލްތިމާސް ކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި އަދި ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 681/MC/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
[12](ހ) ފުރަތަމަ ކަމަކީ، ބަންޑާރަގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުޞޫލުން ލިބޭ ބައެއްގެ މެދުގައި އެގޯތީގެ ބަންޑާރަބިން ބައިކޮށް ވަކިކޮށްދިނުމުގެ އުޞޫލުތައް ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި މިގޮތުން އެމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބައިކުރެވޭ އެއްވެސް ބައެއް، 600 އަކަފޫޓަށްވުރެ ކުޑަވެގެން ނުވާނެކަމަށާއި އަދި އެމާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުޞޫލުން ލިބޭ މީހުންގެ މެދުގައި ގޯއްޗެއް ބައިކުރެވޭއިރު އޭގެތެރެއިން، ބަންޑާރަގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާ މީހަކަށްޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ، ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެކަމަށް ޞަރީޙަ ބަހުން ބަޔާންކޮށްފައިވާކަން އެމާއްދާއަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމެވެ.
[13](ށ) ދެވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލެވި، ޢަމަލު ކުރެވެމުންދާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 5 ވަނަ މާއްދާގައި ބަންޑާރަގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެގެން، އެގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުޞޫލުން ބައިކުރެވޭއިރު، އޭގެތެރެއިން، ބަންޑާރަގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާ މީހަކަށް ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެކަމަށާއި، އަދިހަމަ އެޤަވާޢިދުގެ 6 ވަނަ މާއްދާގައި ބަންޑާރަގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެގެން، ގޯތި ބައިކުރެވޭއިރު އޭނާގެ ވާރިޘުންގެ ތެރެއިން މީހަކަށްޖެހޭބައި 600 އަކަފޫޓަށްވުރެ ބޮޑުވާ ޙާލަތުގައި، މިޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ބިމުން ލިބިދެވޭނެކަމަށާއި އަދި ހަމަ އެޤަވާޢިދުގެ 11 ވަނަ މާއްދާގައި މިޤަވާޢިދުގެ ދަށުން ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއްކަމުގައި ބެލެވެނީ އެގޯއްޗެއް ނުވަތަ އެބައެއްގެ ބިމުގެ ބޮޑުމިނުގައި 600 އަކަފޫޓު ހަމަވާ ތަންތަންކަމަށް ސާފުބަހުން ކަނޑައަޅައި ބަޔާންކޮށްފައި ވާކަން އެނގެން އޮންނަކަމެވެ.
[14](ނ) ތިންވަނަ ކަމަކީ، އިސްވެޙަވާލާދެވުނު "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައި "ބަންޑާރަގޯއްޗެއްގައިވާ ނުއުފުލޭމުދާ ތަރިކައިން ލިބިގެން އެމުދާ ހުރި ބިން ބައިކުރުމުގައި ބިމުން ލިބިދެވޭނީ ތަރިކަ ދޫކުރި މީހާގެ އުފަންދަރިންނާއި، އަނބިންނާއި ފިރިންނަށެވެ. ނަމަވެސް ތަރިކަ ދޫކުރި މީހާއަށް ޚަރަދުކޮށް އޭނާބެލީ ބުނެވި ދިޔަމީހުންގެ ތެރެއިން މީހަކު ކަމުގައިނުވާ ތަރިކައިން ލިބޭ ވަކިމީހަކު ނުވަތަ ވަކިބަޔަކު ކަމުގައިވާނަމަ، އެމީހަކަށް ނުވަތަ އެބަޔަކަށް، އެގޯއްޗަކުން ލިބިދިނުމަކަށް މިޤަވާޢިދު ހުރަހެއް ނާޅައެވެ." މިގޮތަށް ބަޔާންކުރެވިފައި ވީނަމަވެސް މިމާއްދާއަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޚިލާފުވާ، އަދި މި 15 ވަނަ މާއްދާއާ ތަޢާރަޟުވާ މާއްދާއަކަށްވާތީ 09 އޭޕްރީލް 2009 ގައި ނިމުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/14 ޤަޟިއްޔާގައި އެކޯޓުން ބާޠިލް ކުރައްވާފައިވާ މާއްދާ އެއްކަން، ޙަސަން އާދަމް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/366 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާގެ 03 ވަނަ ނަންބަރުގެ (ރ) އިން އެނގެން އޮންނައިރު، ކުރިން މިއިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/14 ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާއެއް ނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު B-1/2012/177 (26/11/2012) ނޯޓުގެ ލިޔުމުން އެނގެން އޮތުމުން ހައިކޯޓުގެ މިބުނެވުނު ފަހުގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، މައުޖޫދުވެ ދެމިއޮތް ޙުކުމެއްކަން އެނގެންއޮތުމުން އިސްވެ އިޝާރާތްކުރެވުނު، ޤަވާއިދުގެ 7 ވަނަ މާއްދާއަކީ، މިހާރު މައުޖޫދުވެ ދެމިއޮތް މާއްދާއެއްކަމަށް ޤާނޫނީގޮތުން ބަލާނެ ޖާގައެއް އޮތް މާއްދާއެއް ނޫންކަން އެނގެން އޮންނަކަމެވެ.
[15](ރ) ހަތަރުވަނަ ކަމަކީ، 16 ޖުލައި 1995 ދުވަހު، މ. ސީނަރީ އެވެކިޔާ ގޯއްޗަށް މާލޭ މުނިސިޕަލްޓީއިން ހަދާދީފައިވާ ނަންބަރު : ބ 10076 "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" އަށް ބެލުމުން އެއީ ބަންޑާރަގޯއްޗެއްކަމާއި، މިގޯތި ޙަވާލުކުރެވިފައިވަނީ ސަކީނާ އާދަމްފުޅާކަމާއި އަދި މިގޯތީގައިވާ ޢިމާރާތްތަކުގެ ވެރިފަރާތަކީވެސް ސަކީނާ އާދަމްފުޅުކަމާއި އަދި މިގޯތީގެ ބިމުގެ އޭރިއާގެ ބޮޑުމިނަކީ 1195 އަކަފޫޓުކަމާއި މިކަންކަން އެރަޖިސްޓްރީއަށް ބެލުމުން އެނގެން އޮންނަކަމެވެ.
[16](ބ) ފަސްވަނަ ކަމަކީ، މ. ސީނަރީ ސަކީނާ އާދަމްފުޅު ނިޔާވެފައިވަނީ 09 ޖެނުއަރީ 2009 ގައިކަމާއި، އޭނާ ނިޔާވިއިރު އޭނާގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ ސަކީނާ އާދަމްފުޅުގެ ފިރި މ. ސީނާރީ ޙަސަން އާދަމްއާއި އަދި ސަކީނާ އާދަމްފުޅާ އެއްބަޑު އެއްބަފާ އަޚު އަންވަރު އާދަމާއި އެކު ޖުމްލަ ދެވާރިޘުންކަމާއި، އަދި ސަކީނާ އާދަމްފުޅުގެ ތަރިކައިގެ ގޮތުގައި ހުރީ މ. ސީނަރީ އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަންކަމާއި، މިކަންކަން 23 މާރޗް 2009 ވަނަ ދުވަހު މ. ގޯލްޑަންވެލީ އަންވަރު އާދަމާއި، މ. ސީނަރީ ޙަސަން އާދަމާއި، މި ދެމީހުން މަދަނީ ކޯޓުގެ ނަންބަރު 681/MC/2009 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ މި ދެމީހުންގެ ބަޔާންތަކުން ސާފުކޮށް އެނގެން އޮންނަކަމެވެ.
[17](ޅ) ހަވަނަ ކަމަކީ، ހެކިންގެ ގޮތުގައި މަދަނީ ކޯޓަށް ޙާޟިރުކުރެވިފައިވާ މ. ގޯލްޑަންވެލީ ޢަބްދުﷲ ސާލިމް (އައިޑީކާޑު ނަންބަރު A039572) އާއި، މ. ގޯލްޑަންވެލީ ފަތުޙުﷲ ޢަބްދުއްލަޠީފް (އައިޑީކާޑު ނަންބަރު A066572) އާއި މި ދެމީހުން 23 މާރޗް 2009 ވަނަ ދުވަހު އެ ކޯޓަށް ދީފައިވާ ހެކިބަހުން، މ. ސީނަރީ ސަކީނާ އާދަމްފުޅު ނިޔައުވެފައިވާކަމާއި، ސަކީނާ އާދަމްފުޅުގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައިތިބީ އޭނާ ނިޔާވިއިރު ދުނިޔޭގައި ހުރި ފިރިމީހާ ޙަސަން އާދަމާއި، ސަކީނާ އާދަމްފުޅުގެ އެއްބަނޑު އެއްބަފާ 01 (އެއް) އަޚް އަންވަރު އާދަމާއި އެކުޖުމްލަ ދެވާރިޘުން ކަމާއި އަދި ސަކީނާ އާދަމްފުޅު ނިޔައުވިއިރު އޭނަގެ މަންމައެއް، ބައްޕައެއް، މާމައެއް، ކާފައެއް، ދަރިއެއް، އަދި ފިރިހެން ދަރިއެއްގެ ދަރިޔަކުވެސް ދުނިޔޭގައި ނެތްކަމާއި، މިކަންކަން މި ބުނެވުނު ދެމީހުންގެ ހެކިބަހުގެ ބަޔާނުން އެނގެން އޮންނަކަމެވެ.
[18](ކ) ހަތްވަނަ ކަމަކީ، ސަކީނާ އާދަމްފުޅު ނިޔައުވިއިރު ދުނިޔޭގައި ތިބި އިސްވެ ބަޔާންކުރެވިދިޔަ 02 ވާރިޘުންގެ މެދުގައި އިސްލާމީ ޝަރީޢަތުގެ ތަރިކަ ބެހުމުގެ އުޞޫލުގެމަތިން ސަކީނާ އާދަމްފުޅުގެ ތަރިކަ ބެހުމުން އެތަރިކަ ބެހިގެންދަނީ 02 (ދޭއް) ބައިންކަމާއި، މި ގޮތުން އޭނާ ނިޔާވިއިރު، ހުރި ފިރިމީހާ ޙަސަން އާދަމަށް 2/1 ބައި ލިބޭކަމައި، އަދި ސަކީނާ އާދަމްފުޅު ނިޔާވިއިރު ހުރި އޭނާގެ އެއްބަނޑު އެއްބަފާ އަޚް އަންވަރު އާދަމަށް 2/1 ބައި ލިބޭކަން އެނގެން އޮންނައިރު، ސަކީނާ އާދަމްފުޅު ނިޔާވިއިރު، ހުރި ފިރިމީހާ ޙަސަން އާދަމްގެ އަމިއްލަ ނަމުގައި 20 އޭޕްރީލް 2000 އިން ފެށިގެން ހދ. ކުޅުދުއްފުށީގައި "ޖަހާމުގުރިގެ ހުޅަނގުބައި" މި ނަމުގައި 1518.08 އަކަފޫޓުގެ ބަންޑާރަގޯއްޗެއް އޮތްކަން މި ގޯތީގެ ރަޖިސްޓްރީންނާއި ޙަސަން އާދަމްގެ ބަހުން އެނގެން އޮންނައިރު، ސަކީނާ އާދަމްފުޅުގެ އެއްބަނޑު އެއްބަފާ އަޚް އަންވަރު އާދަމް ހިމަނައިގެން 05 މީހުންގެ ނަމުގައި "މ. ގޯލްޑަންވެލީ" މި ނަމުގައި 1195 އަކަފޫޓުގެ ބަންޑާރަގޯއްޗެއް އޮންނަކަން، މި ގޯތީގެ ރަޖިސްޓްރީއިންނާއި އަންވަރު އާދަމްގެ ބަހުން އެނގެން އޮންނަކަމެވެ.
[19](އ) އަށްވަނަ ކަމަކީ، ސަކީނާ އާދަމްފުޅުގެ ތަރިކައިގެ ގޮތުގައި ހުރި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އެ ގޯއްޗެއްގައި ހުރި މ. ސީނަރީ އެވެކިޔާ ބަންޑާރަ ގޯތީގެ ބޮޑުމިނަކީ 1195 (އެގާރަސަތޭކަ ނުވަދިހަފަހެއް) އަކަފޫޓުކަން އެ ގޯތީގެ އިސްވެ ހަވާލާ ދެވުނު ރަޖިސްޓަރީން އެނގެން އޮންނައިރު، އެ ގޯތީގެ ބޮޑުމިނާ މެދު ޙަސަން އާދަމް ސުވާލު އުފައްދައި މާލޭ ސިޓީ ކައުންސިލަށް އެޑްރެސްކޮށް ޙަސަން އާދަމް ހުށައެޅި ހުށައެޅުންތަކަކާ ގުޅިގެން ޙަސަން އާދަމަށް މާލޭ ސީޓީ ކައުންސިލްގެ އިދާރާގެ ނަންބަރު: (MSIL)425-C/INDIV/2011/308 (26 ސެޕްޓެމްބަރު 2011) "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" ގެ ލިޔުމުންނާއި އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު: (MSIL) 425-C/INDIV/2011/384 (29 ސެޕްޓެމްބަރު 2011) "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" ގެ ލިޔުމުން ދީފައިވާ ޖަވާބުތަކަށް ބެލުމުން މ. ސީނަރީ އެވެކިޔާ ގޯތީގެ ޖުމްލަ އޭރިއަކީ 1197 އަކަފޫޓުކަން އެނގެން އޮތުމުން މި ގޯތީގެ ބިން ހަމައަށް ދެބައި ކޮށްލުމުން ބައެއްގައި 600 އަކަފޫޓު ހަމަނުވާކަން ސާފުކޮށް އެނގެން އޮންނައިރު، ސަކީނާ އާދަމްފުޅު ނިޔައުވިއިރު ޙަސަން އާދަމްގެ ނަމުގައި ހދ. ކުޅުއްފުށި "ޖަހާމުގުރިގެ ހުޅަނގުބައި" ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ 1518.08 އަކަފޫޓުގެ ބަންޑާރަގޯއްޗެއް އޮތުމުން ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށާއި "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާއިބެހޭ ޤަވާޢިދު" ގެ 05 ވަނަ މާއްދާއަށާއި 11 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބެލުމުން މ. ސީނަރީއެވެކިޔާ ބަންޑާރަ ގޯތީގެ ބިމުން، އޭގެ ޒާތުން ޙަސަން އާދަމަށް ލިބިދެވޭނެ ތަނެއް ނެތްކަމާއި، ސަކީނާ އާދަމްފުޅު ނިޔާވިއިރު ދުނިޔޭގައި ހުރި އޭނާގެ އެއްބަނޑު އެއްބަފާ އަޚް އަންވަރު އާދަމްގެ ނަމުގައި އޮންނަނީ، އަންވަރު އާދަމް ހިމަނައިގެން 05 މީހުންގެ ނަމުގައި އޮންނަ "މ. ގޯލްޑަންވެލީ" އެވެކިޔާ 1195 އަކަފޫޓުގެ ބަންޑާރަގޯއްޗެއް ކަމަށްވުމުން، މި ގޯތީގެ 05 (ފަސް) ބެހެނިވެރިންގެ މެދުގައި މި ގޯތީގެ ބިން ހަމަހަމައަށް ބަހާލުމުން މީހަކަށް ޖެހެނީ 239 (ދުއިސައްތަ ތިރީސް ނުވައެއް) އަކަފޫޓު ކަމަށް ވުމުން އަންވަރު އާދަމްގެ ނަމުގައި 600 އަކަފޫޓުގެ ގޯއްޗެއް އޮތްކަމުގައި ބެލެވެން ނެތުމުން އަންވަރު އާދަމްގެ މުވައްރިޘާ މ. ސީނަރީ އަލްމަރުޙޫމާ ސަކީނާ އާދަމްފުޅުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މ. ސީނަރީ އެވެކިޔާ ބަންޑާރަ ގޯތީގެ ބިމުން އޭގެ ޒާތުން އަންވަރު އާދަމަށް ލިބުމަށް ހުރަސްއަޅާ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ނެތްކަން އެނގެން އޮންނަކަމެވެ.
[20](ވ) ނުވަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ގޮތުގެމަތިން ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށާއި، "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަނޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 5 ވަނަ މާއްދާއާއި 11 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން، މ. ސީނަރީ އެވެކިޔާ ބަންޑާރަ ގޯތީގެ ބިމުން އޭގެ ޒާތުން ޙަސަން އާދަމަށް ލިބިދެވޭނެ ތަނެއް ނެތުމުން މަދަނީ ކޯޓުގެ ނަންބަރު 681/MC/2009 ޤަޟިއްޔާއިން ނިންމާފައިވަނީ އެ ގޯތީގައި އަލްމަރުޙޫމާ ސަކީނާ އާދަމްފުޅުގެ ތަރިކައިގެ ގޮތުގައިހުރި އިމާރާތް ތަކާއި ވަޅުފަދަ ތަންތަން، ޝަރުޢީ އަގުކޮމިޓީން އަގު ކުރުމަށްފަހު އެތަންތަނާއި އެތަކެތީގެ ޖުމްލަ އަގު ކަމުގައިވާ 268,875/95ރ. (ދެލައްކަ ފަސްދޮޅަސް އަށްހާސް އައްސަތޭކަ ހަތްދިފަސްރުފިޔާ ނުވަދިހަ ފަސްލާރި) ގެ 2/1 (ދެބައިކުޅަ އެއްބައި) އަށްވާ 97/134437ރ (އެއްލަކަ ތިރީސް ހަތުރުހާސް ހަތަރުސަތޭކަ ތިރީސް ހަތަރު ރުފިޔާ ނުވަދިހަ ހަތްލާރި) އަކީ، އެގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނުން ޙަސަން އާދަމަށްވާ 2/1 ބައި މިލްކުކުރުމަށްޓައި މ. ގޯލްޑަންވެލީ އަންވަރު އާދަމް، ޙަސަން އާދަމަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ފާހަގަކުރައްވައި، މިފައިސާ އެޤަޟިއްޔާ ނިމޭތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެމަހަކަށް ޖެހޭވަރު އެމަހަކަށް ދައްކާ ޚަލާސްކުރުމުން، މ. ސީނަރީ އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަން މ. ގޯލްޑަންވެލީ އަންވަރު އާދަމަށް މިލްކުވާނެކަން އަންގާފަކަން، މަދަނީ ކޯޓުގެ އިސްވެ ޙަވާލާދެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
[21](މ) ދިހަވަނަ ކަމަކީ، މ. ސީނަރީ އަލްމަރުޙޫމާ ސަކީނާ އާދަމްފުޅާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތެއްގައި ޤާނޫނު ނަންބަރު 76/28 ގައި ބުނާފަދަ މައްސަލައެއް ނެތްކަމާއި އަދި މ. ސީނަރީ އަލްމަރުޙޫމާ ސަކީނާ އާދަމްފުޅުގެ އިތުރު ވާރިޘަކު ހުރިތޯ ބެލުމުގެ ގޮތުން މަދަނީ ކޯޓުން ކުރި އެކޯޓުގެ ނަންބަރު 144/1b-1/2009/139 (15 މާރޗް 2009) ޢިއުލާނަށް މުއްދަތު ހަމަވިއިރު، އިތުރު ވާރިޘަކު ދަޢުވާކޮށްފައިނުވާތީ، އެފަދަ ފަރާތެއް ނެތް ކަމުގައި ބަލަންޖެހޭކަމަށް ބަޔާންކޮށްފައިވާކަމާއި މިކަންކަން މަދަނީ ކޯޓުގެ ނަންބަރު 681/MC/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައިވާ "އިތުރުބަޔާން" މިސުރުޙީގެ ދަށުން ބަޔާންކޮށްފައިވާ މަޢުލޫމާތުތަކުން އެނގެން އޮންނަކަމެވެ.
[22](ފ) އެގާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ބިމުގެ ދަފްތަރު ބެލެހެއްޓުމާއި އެދަފްތަރުގައި ހިމެނޭ ބިންތައް ހުރިތަންތަނާއި އަދި އެބިން ބިމުގެ މިންތައް ކަނޑައަޅައި، އެކަންކަމާބެހޭ ބެހޭ މަޢުލޫމާތުތައް ބެލެހެއްޓުންފަދަ ކަންކަމަކީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ކަނޑައެޅިފައިވާ ގޮތުގެމަތިން ދައުލަތުގެ ކަމާބެހޭ އެކި އެކި އިދާރާތަކާއި ފަރާތްތަކުގެ އިޚުތިޞާޞާއި ބާރާއި މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްކަން އެނގެން އޮތުމުން، ދައުލަތުން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކުގެ ބިމުގެ އޭރިޔާގެ ބޮޑު މިނާއި މިންތައް ކަނޑައެޅުމަކީ، އެކިއެކި ފަރުދުން، އެމީހުން އަމިއްލަ އަމިއްލައަށް ނުވަތަ އެކިއެކި އަމިއްލަ ފަރާތްތައް މެދުވެރިކޮށްގެން ނަމަވެސް އެކަންކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ކަމެއް ނޫންކަން އެނގެން އޮތުމުން މ. ސީނަރީއެވެކިޔާ ބަންޑާރަގޯތީގެ ބިމުގެ ބޮޑުމިނާމެދު، މ. ސީނަރީ ޙަސަން އާދަމް ސުވާލު އުފައްދައި އެގޯތީގެ ބިމުގެ ބޮޑުމިން ބެލުމަށް، ޙަސަން އާދަމް އަމިއްލަ ފަރާތްތަކާ ޙަވާލުކޮށްގެން އެފަރާތުން އެގޯތީގެ ބޮޑުމިން ބެލުމަށްފަހު ކަނޑައަޅާފައިވާ މިންތައްކަމަށް ޙަސަން އާދަމް ބުނާ މިންތަކަކީ، ޤާނޫނުގެ ކުރިމަތީގައި އެމިންތައް އެއީ ޞައްޙަ މިންތަކެއްކަމުގައި ބަލަންޖެހޭ ފަދަ ޤާނޫނީ ބާރާއި ޙައިޘިއްޔަތު އެއަށް އެއްވެސް މިންވަރަކަށް ލިބިފައިވާ މިންތަކެއްނޫންކަން އެނގެން އޮންނަކަމެވެ.
[23](ދ) ބާރަވަނަ ކަމަކީ، ސަކީނާ އާދަމްފުޅު ނިޔައުވިއިރު ޙަސަން އާދަމްގެ ނަމުގައި ހދ. ކުޅުދުއްފުށި، ޖަހާމުގުރިގެ ހުޅަނގުބައި ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ 1518.08 އަކަފޫޓުގެ ބަންޑާރަގޯއްޗެއް އޮތްކަން އެނގެން އޮންނައިރު، އަދި މަދަނީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެކޯޓުގެ ނަންބަރު 681/MC/2009 ޤަޟިއްޔާ ނިމުނުއިރުވެސް މިބުނެވުނު ގޯތި އޮތީ ޙަސަން އާދަމްގެ ނަމުގައިކަން އެނގެން އޮންނައިރު، އެކޯޓުން އެޤަޟިއްޔާ 2009/09/29 ގައި ނިމުނުފަހުން، އެޤަޟިއްޔާ ނިމިފައިވާ ގޮތާމެދު ހިތްހަމަނުޖެހޭ ކަމަށްބުނެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/366 ޤަޟިއްޔާގެ ދަށުން މަދަނީ ކޯޓުގެ މިއިޝާރާތްކުރެވުނު ޤަޟިއްޔާ ޙަސަން އާދަމްގެ ފަރާތުން އިސްތިއުނާފުކުރުމުގެ ކުރިން، ޙަސަން އާދަމްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ހދ. ކުޅުދުއްފުށި "ޖަހާމުގުރިގެ ހުޅަނގުބައި" ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ތަކެތި ޙަސަން އާދަމްގެ މިލްކުން ކަނޑައި ޙަސަން އާދަމްގެ އަނބި ކުޅުދުއްފުށި ޖަހާމުގުރިގެ ފާޠިމަތު އިބްރާހީމް އަށް ހިބަކޮށްދިނުމަށް އެދި، 2009/10/11 ދުވަހު، ހދ. ކުޅުދުއްފުށީ ކޯޓުގެ ނަންބަރު 147/B12C/2009 ޤަޟިއްޔާގެ ދަށުން ޙަސަން އާދަމް ހދ. ކުޅުދުއްފުށި ކޯޓަށް ހުށަހެޅުމުން، މި ހިބައިގެ ސަބަބުން ހދ. ކުޅުދުއްފުށި، ޖަހާމުގުރިގެ ހުޅަނގުބައި ކިޔާ ބަންޑާރަގޯތީގައިވާ އެންމެހައި ތަންތަނާއި ތަކެތި ހދ. ކުޅުދުއްފުށި، ޖަހާމުގުރިގެ ފާޠިމަތު އިބްރާޙިމްއަށް މިލްކުވެއްޖެކަމަށް އެޤަޟިއްޔާ ގައި ހދ. ކުޅުދުއްފުށި ކޯޓުން 2009/11/24 ގައި ޙުކުމް ކޮށްފައިވާކަން ހދ. ކުޅުދުއްފުށި ކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތް އޮތުމަކީ، ހައިކޯޓުގެ ނަންބަރު 2009/HC-A/366 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 05 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ ދަށުން ހައިކޯޓުން ބަލަންޖެހޭ ބެލުންތައް ބެލުމުގައި ސަކީނާ އާދަމްފުޅު ނިޔައުވިއިރު، ސަކީނާ އާދަމްފުޅުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މ. ސީނަރީ އެވެކިޔާ ބަންޑާރަގޯތީގެ ބަންޑާރަ ބިމުން އޭގެޒާތުން ޙަސަން އާދަމަށް ލިބިދިނުން ހުއްދަކުރާ ސަބަބެއް ނޫންކަން ބުނެވުނު ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށާއި އަދި އިސްވެ އިޝާރާތްކުރެވުނު ޤަވާއިދުގެ ބުނެވުނު މާއްދާތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
[24](ތ) ތޭރަވަނަ ކަމަކީ، ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވުމުން އޭނާގެ ޝަރުޢީ ވާރިޘުންނަށް، އެމީހުންގެ މަރުވެފައިވާ މުވައްރިޘުގެ ނަމުގައި އޮތް ބަންޑާރަ ގޯތީގެ ބިމުން އޭގެ ޒާތުން ލިބުމާއި ނުލިބުމުގައި އެ ވާރިޘުންގެ ތެރެއިން، މާލެއިން ބަންޑާރަގޯއްޗެއް ލިބިފައިވާ މީހާއާއި މާލެނޫން އެހެން ރަށަކުން ބަންޑާރަގޯއްޗެއް ލިބިފައިވާ މީހާއާ ދެމެދު އެއްވެސް ތަފާތެއް ކޮށްފައިނުވާކަން އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާއާއި އަދި އެޤާނޫނުގެ ދަށުން އެކުލަވާލެވި، ޢަމަލުކުރެވެމުންދާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާ ބެހޭ ޤަވާޢިދު" ގެ 05 ވަނަ މާއްދާއާއި، 11 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
[25](ލ) ސާދަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބެލިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/366 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން އެނގެން އޮންނާތީ، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެނެވޭނެ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް ނުފެންނަކަމެވެ.
ޙުކުމް
[26]އިސްވެ ދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/366 ޤަޟިއްޔާ އެކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން އެނގެން އޮންނާތީ، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
[27]ފަނޑިޔާރު ޑރ. އަޙުމަދު އަބްދުﷲ ދީދީ
ފަނޑިޔާރު އަޙުމަދު މުޢުތަޞިމް އަދުނާން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)
- ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 5 ވަނަ މާއްދާ
- ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާ
- ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާ
- ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 11 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/14 ޤަޟިއްޔާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.