—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 302011/SC-C/
ދަޢުވާކުރާ ފަރާތް: މުޙައްމަދު ނަޢީމް
ދަޢުވާ ލިބޭ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލް)
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 13 އެޕްރީލް 2011
ނިމުނު ތާރީޚް: 16 އޯގަސްޓް 2012
މައްސަލަ ނިންމި ގަޑި: 12:35
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން.
މައްސަލައިގެ ޚުލާޞާ
މިއީ، ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ރ) އާއި (ބ) އާއި، 60 ވަނަ މާއްދާއާއި، 61 ވަނަ މާއްދާއާއި، 62 ވަނަ މާއްދާގެ (ހ) އާއި، 63 ވަނަ މާއްދާއާއި، 127 ވަނަ މާއްދާއާއި، 129 ވަނަ މާއްދާއާއި، އަދި 130 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 140 ވަނަ މާއްދާއާއި، 179 ވަނަ މާއްދާއާއި، 230 ވަނަ މާއްދާގެ (ށ) އާއި، 232 ވަނަ މާއްދާގެ (ހ) އާއި ޚިލާފު މާއްދާތަކަކަށް ވުމުގެ އިތުރުން، ޤާނޫނުއަސާސީގެ 8 ވަނަ ބާބު އެކުގައި ކިޔައި ނެރެވޭ ލާމަރްކަޒީ މަފްހޫމާއި ޚިލާފު އުޞޫލުތަކަކާއި ސިފަތަކެއްގެ މައްޗަށް ބިނާވެގެންވާ މާއްދާތަކެއްކަމަށް ބުނެ، އެމާއްދާތަކަކީ ޤާނޫނުއަސާސީއާ ފުށުއަރާ މާއްދާތަކެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގައި ހުރި ޤާނޫނުއަސާސީއާ ފުށުއަރާ މާއްދާތައް ޤާނޫނުއަސާސީއާ އެއްގޮތަށް ބަދަލުކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، މުޙައްމަދު ނަޢީމް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ޤާނޫނުނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށާއި، ދަޢުވާކުރާފަރާތުންނާއި ދަޢުވާލިބޭފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ތަފާތު ޖުރިސްޑިކްޝަންތަކުގައި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުން އިންތިޒާމް ކުރެވިފައިވާ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައިވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯ ޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދައުލަތުގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ޤާނޫނީ ޤާޢިދާ (Legal Rule) ތަކަކީ - އެއީ ޕާރލަމެންޓުން ފާސްކުރާ ޤާނޫނަކަށްވިއަސް، އިދާރާއަކުން ނެރޭ ޤަވާޢިދު (regulation) އަކަށް ވިއަސް ނުވަތަ އިދާރީ ޤަރާރަކަށް ވިއަސް - ދައުލަތުގެ ޤާނޫނީ ހަރުފަތުގެ އެންމެ މަތީގައިވާ ދުސްތޫރު ނުވަތަ ޤާނޫނުއަސާސީގެ ނައްޞުތަކާ ތަޢާރުޟުނުވާ ޤާޢިދާތަކަކަށް ވުމަކީ ޤާނޫނީ ދައުލަތެއްގެ އެންމެ މުހިއްމު އެއް އަސާސްކަމާ، އަދި މި އަސާސަކީ ދުނިޔޭގެ އެންމެހައި ޤާނުނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ ދުސްތޫރީ މަބްދައެއްކަމަށްވާ "މަބްދައުއް ދުސްތޫރިއްޔާ" (Principle of Constitutionality) އޭގެ މައްޗަށް ބިނާވެގެންވާ އަސާސްވެސް ކަމާއި، މި އަސާސްގެ މައްޗަށް ތަރައްތުބުވާ ނަތީޖާއަކީ ޤާނޫނުއަސާސީއާ ޚިލާފު ކޮންމެ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުވަތަ އިދާރީ ޤަރާރަކަށްވިއަސް ވާނީ އޭގެ ބާރު ނުހިނގާ ބާޠިލުއެއްޗެއްކަމަށް ވީހިނދު، މި މަފްހޫމު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި އެއްވެސް އޮޅުމެއް ނާރާގޮތަށް ކަށަވަރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.
އިސްވެ އިޝާރާތްކުރެވުނު "މަބްދައުއް ދުސްތޫރިއްޔާ" ގެ އުޞޫލު ޤާނޫނީ ނިޒާމުގައި ނެގެހެއްޓުމަށްޓަކައި، ޤާނޫނުތަކާއި ޤަވާޢިދުތައް އެކުލަވާލެވިފައިވަނީ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތީންތޯ ބެލެމުގެ އެންމެ މަޤްބޫލު ވަސީލަތަކީ މިޒަމާނުގެ އެންމެހައި ދުސްތޫރީ ނިޒާމްތަކުގައި "ޖުޑީޝަލް ރިވިއު" (Judicial review) ކަމާއި، ތަފާތު ދުސްތޫރީ ނިޒާމްތަކުގައި ޤާނޫނުތަކާއި ޤަވާޢިދުތައް ޤާނޫނުއަސާސީއާ އެއްގޮތްތޯ ބަލައި ރިވިއުކުރުމުގެ މައިގަނޑު ދެގޮތެއް ވާކަމާއި؛ ފުރަތަމަގޮތަކީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ރިވިއުކޮށްދިނުމަށް އެދި ކަމާބެހޭ ކޯޓުގައި އަޞްލީ (original) ދަޢުވާއެއް އުފުލުން ކަމާއި، މިގޮތަށް އުފުލޭ އަޞްލީ ދަޢުވާ ބެލުމުގެ އިޚްތިޞާޞް ތަފާތު ދުސްތޫރީ ނިޒާމުތަކުގައި ޢާންމު އުޞޫލެއްގެ ގޮތުގައި ލިބިގެންވަނީ ދައުލަތުގެ ޤަޟާއީ ހަރުފަތުގެ އެންމެ މަތީގައިވާ ކޯޓަކަށް ނުވަތަ ދުސްތޫރީ މައްސަލަތައް ބެލުމަށް ޚާއްޞަކުރެވިފައިވާ ދުސްތޫރީ ކޯޓަކަށް ކަމާއި، މިގޮތަށް އުފުލާ އަޞްލީ ދަޢުވާއަކީ ދަޢުވާ އުފުލާފަރާތުން ވަކި ޤާނޫނެއް ނުވަތަ ޤަވާޢިދެއް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި ކުރާ މައުޟޫޢީ ދަޢުވާއެއްކަމާއި، މިފަދަ މައުޟޫޢީ ދަޢުވާއަކީ ވަކި ޚަޞްމަކާ އިދިކޮޅަށް އުފުލޭ ދަޢުވާއެއް ނޫންކަމާ، އަދި ޤާނޫނުތަކުގެ ދުސްތޫރިއްޔަތުކަން ރިވިއުކުރުމުގެ ދެވަނަގޮތަކީ ކޯޓެއްގައި ހިގަމުންދާ މައްސަލައެއްގައި ތަޠްބީޤުކުރުމަށް ޙަވާލާދެވޭ ޤާނޫނަކީ ނުވަތަ ޤަވާޢިދަކީ ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަމަށްބުނެ އެ މައްސަލާގައި ހިމެނޭ ފަރާތަކުން އެ މައްސަލަ ބަލަމުންދާ ކޯޓުގައި ކުރާ ދިފާޢީ ދަޢުވާއަކާ ގުޅިގެން ކުރެވޭ ރިވިއުއެއް ކަމާއި، މިގޮތުން ކޯޓެއްގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ޤާނޫނެއް ނުވަތަ ޤަވާޢިދެއް ޤާނޫނުއަސާސީއާ ޚިލާފުތޯ ބެލުމަކީ ޢާންމުގޮތެއްގައި އެމައްސަލަ ބަލާ ކޯޓުގެ އިޚްތިޞާޞެއްކަމާއި، އިސްވެ އިޝާރާތްކުރެވުނު ދެގޮތުންކުރެ ގޮތެއްގެމަތިން ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ދުސްތޫރިއްޔަތުކަން ބެލުމަށްފަހު ކޯޓުތަކުން ޢަމަލުކުރާގޮތުގެ މައްޗަށް ނަޒަރުކުރާއިރު، އަޞްލީ ދަޢުވާއެއްގެ ދަށުން ޤާނޫނެއްގެ ދުސްތޫރިއްޔަތުކަން ބެލުމަށްފަހު ޤާނޫނުއަސާސީއާ ތަޢާރުޟުވާކަމަށް ކޯޓަށް ފެންނަ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ބާޠިލުކޮށް ކެންސަލްކުރުމުގެ ބާރު ތަފާތު ދުސްތޫރީ ނިޒާމްތަކުގައި ކަމާބެހޭ ކޯޓަށް ލިބިގެންވާކަމާއި، މިގޮތަށް އަޞްލީ ދަޢުވާގެ ދަށުން ޤާނޫނުތައް ރިވިއުކޮށް ބާޠިލުކުރުމުގެ އިޚްތިޞާޞް ތަފާތު ކޯޓުތަކަށް ލިބިފައިވުމަކީ ދައުލަތުގެ ޤާނޫނީ ނިޒާމުގެ އިސްތިޤްރާރުކަން ގެއްލިގެން ހިނގައިދާނެކަމަކަށްވާތީ، ތަފާތު ދުސްތޫރީ ނިޒާމްތަކުގައި އެފަދަ އިޚްތިޞާޞް ޢާންމުގޮތެއްގައި ލިބިގެންވަނީ ދައުލަތުގެ ޤަޟާއީ ނިޒާމުގެ އެންމެ މަތީ ކޯޓަކަށް ނުވަތަ ކަމާބެހޭ ދުސްތޫރީ ކޯޓަކަށް ކަމުގައި ވީނަމަވެސް، ކޯޓެއްގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ކުރެވޭ ދިފާޢީ ދަޢުވާއަކުން ޤާނޫނެއް ނުވަތަ ޤަވާޢިދެއް ޤާނޫނުއަސާސީއާ ޚިލާފުތޯ ބެލުމަކީ ޢާންމު އުޞޫލެއްގެ ގޮތުގައި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޮންމެ ކޯޓަކަށް ލިބިގެންވާ ބާރެއްކަމާ، އެހެންނަމަވެސް މިޙާލަތުގައި ދިފާޢީ ދަޢުވާއަކާ ގުޅިގެން ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ދުސްތޫރިއްޔަތުކަން ބެލުމަށް ފަހު، އެ ޤާނޫނެއް ނުވަތަ ޤަވާޢިދަކީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއްކަމަށް މައްސަލަ ބެލި ކޯޓަށް ޘާބިތުވެއްޖެނަމަ، އެ ކޯޓަކުން ބުނެވިދިޔަ ޤާނޫނުއަސާސީއާ ތަޢާރުޟުވާކަމަށް ޘާބިތުވި ޤާނޫނެއް ނުވަތަ ޤަވާޢިދެއް ބާޠިލުކޮށް ކެންސަލްކުރުމުގެ ބަދަލުގައި އެ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ތަޠްބީޤުކުރުމުން މަނާވެގަތުމަކީ ދިފާޢީ ދަޢުވާއަކާ ގުޅިގެން ޤާނޫނެއްގެ ނުވަތަ ޤަވާޢިދެއްގެ ދުސްތޫރިއްޔަތުކަން ކޯޓުތަކުން ރިވިއުކުރާ ދުސްތޫރީ ނިޒާމްތަކުގައި ޢާންމުގޮތެއްގައި ޢަމަލުކުރާގޮތްކަން ދުނިޔޭގެ ތަފާތު ދުސްތޫރީ ނިޒާމްތަކުގައި ޤާނޫނުތަކުގެ ދުސްތޫރިއްޔަތުކަން ރިވިއުކުރުމުގައި ޢަމަލުކުރާ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.
ޤާނޫނުތަކާއި ޤަވާޢިދުތައް ޤާނޫނުއަސާސީއާ އެއްގޮތްތޯ ބަލައި ރިވިއުކުރުމުގައި ތަފާތު ދުސްތޫރީ ނިޒާމްތަކުގައި ޢަމަލުކުރާ އިސްވެ ބަޔާންވެގެންދިޔަ މައިގަނޑު އުޞޫލުތަކާ އަޅައިބަލާއިރު، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި އަޞްލީ ދަޢުވާއެއްގެ ދަށުން ޤާނޫނެއްގެ ދުސްތޫރިއްޔަތުކަން ބަލައި ގޮތެއް ކަނޑައެޅުމުގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށާއި ސުޕްރީމް ކޯޓަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮންނައިރު، ބަލަމުންދާ މައްސަލައަކާގުޅިގެން ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ދުސްތޫރިއްޔަތުކަން ބަލައި، ޤާނޫނުއަސާސީއާ ޚިލާފުވާ މިންވަރު ބާޠިލުކުރުމުގެ ބާރު މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޮންމެ ކޯޓަކަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގައި އޮންނަ އޮތުމުގެ މައްޗަށް ޤާނޫނީ ނަޒަރަކުން ވިސްނައި ބަލާއިރު، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ދުސްތޫރިއްޔަތުކަން ރިވިއުކޮށް ބާޠިލުކުރުމުގެ ބާރު ދަށު ކޯޓުތަކަށާއި ހައިކޯޓަށް ލިބިގެންވީނަމަވެސް، އެފަދަ މައްސަލަތަކުގައިވެސް ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އިން އެނގެން އޮވެއެވެ.
އިސްވެ ބަޔާންވެގެންދިޔަ އުޞޫލުތަކުގެ އަލީގައި، މި މައްސަލާގައި ދަޢުވާކުރާ ފަރާތުގެ ދަޢުވާގެ ޞީޣާއަށް ނަޒަރުކުރުމުން، ޤާނޫނުނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ މާއްދާތަކެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައަޅައި ރިވިއުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މި މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާފައިވާ، ޤާނޫނެއްގެ ދުސްތޫރިއްޔަތުކަން ރިވިއުކުރުމުގެ އަޞްލީ ދަޢުވާއެއްކަން އެނގެން އޮންނައިރު، މި މައްސަލާގައި ދަޢުވާކުރާފަރާތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމަށް ބުނެފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ މާއްދާތައް ޤާނޫނުއަސާސީއާ ޚިލާފުތޯ ބެލުމަށްފަހު އެ މާއްދާތަކަކީ ޤާނޫނުއަސާސީއާއި ޚިލާފު މާއްދާތަކެއްނަމަ އެއީ ބާޠިލު މާއްދާތަކެއް ކަމުގައި ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.
މިޒަމާނުގެ ދުސްތޫރީ ނިޒާމްތަކުގައި، ސަރަޙައްދީގޮތުން ދައުލަތުގެ ސިޔާދަތީ އިޚްތިޞާޞްތައް ބަހާލެވިފައިވާގޮތުގެ މައްޗަށް ނަޒަރުކުރާއިރު، ދައުލަތްތައް ބެހިގެންވަނީ މައިގަނޑު ދެ ވައްތަރަކަށް ކަމާއި، އެއީ ފެޑެރަލް ދައުލަތާއި، ޔުނިޓަރީ ދައުލަތްކަމާއި، މި ދެވައްތަރުގެ ތެރެއިން ދިވެހިރާއްޖޭގައި ޤާއިމުވެފައިވަނީ ޔުނިޓަރީ ދައުލަތެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއިގައި ކަށަވަރުކޮށްދީފައި އޮންނައިރު، ޔުނިޓަރީ ދައުލަތަކީ އެދައުލަތެއްގެ އެންމެހައި ދާޚިލީ އަދި ޚާރިޖީ ސިޔާދަތު އެއް ސަރުކާރަކުން ނުވަތަ އެއް ސިޔާސީ ބާރަކުން ތަމްޘީލުކުރާދައުލަތެއް ކަމާއި، މިގޮތުން ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނުހެދުމުގެ ބާރާއި، ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރަކީ މުޅިދައުލަތުގެ ހުރިހައި ސަރަޙައްދަކަށް ހިނގާ އެއްބާރުތަކެއްކަން އެނގެން އޮވެއެވެ.
ދުސްތޫރީގޮތުން ދައުލަތް ޤާއިމުވެފައިވަނީ ފެޑެރަލް ދައުލަތެއްގެ ގޮތުގައި ކަމަށްވިއަސް، ނުވަތަ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައިކަމަށް ވިއަސް، އެ ދައުލަތެއް ސަރަޙައްދީގޮތުން ބެހިފައިވާ ލޯކަލް ދާއިރާތައް އިދާރީގޮތުން ހިންގުމުގައި، ކޮންމެ ދައުލަތަކުންވެސް އެ ދައުލަތެއްގެ ސިޔާސީ، އަދި އިޖްތިމަޢީ ޙާލަތަށާއި، އެ ދައުލަތެއްގައި ދީމްޤްރާޠީ އުޞޫލު އަށަގެންފައިވާ މިންވަރަށް ރިޢާޔަތްކޮށް އިޚްތިޔާރުކުރާ އަސާސީ ދެ ނިޒާމެއް ވާކަމާއި، ފުރަތަމަ ނިޒާމަކީ ބުނެވިދިޔަ ލޯކަލް ދާއިރާތައް މަރްކަޒީ އުޞޫލުން ހިންގުން ކަމާއި، ދެވަނަ ނިޒާމަކީ އެ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުންކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުގައި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުޞޫލުންނެވެ." މިހެން ބަޔާންވެގެން ވެއެވެ.
ދައުލަތެއްގައި މަރްކަޒީ އުޞޫލުން އިދާރީކަންތައް ހިންގުން ބިނާވެގެންވާ އެންމެ މުހިއްމު އެއް އަސާސަކީ ދައުލަތުގެ އިދާރީ ކަންތަކާ ގުޅިފައިވާ އެންމެހައި ބާރުތައް ވެރިރަށުގައި އޮންނަ މަރްކަޒީ ސަރުކާރުގެ އަތްމަތީގައި ތަރްކީޒުވެފައި އޮތުންކަމުގައި ވީހިނދު، މި މަފްހޫމާ ޚިލާފަށް ދައުލަތެއްގައި ލާމަރްކަޒީ އުޞޫލުން އިދާރީކަންތައް ހިންގުން ބިނާވެގެންވަނީ ދައުލަތުގެ އެންމެހައި އިދާރީ ކަންތައްތައް ވެރިރަށުގައި ޤާއިމުވެގެންވާ މަރްކަޒީ ސަރުކާރާއި، ދައުލަތުގެ އެހެނިހެން ލޯކަލް ދާއިރާތަކުގައި އިންތިޚާބުކުރެވޭ ލޯކަލް ކައުންސިލްތަކުގެ މެދުގައި ބަހާލެވިގެން ހިންގާ އުޞޫލަކުން ކަމާއި، މިގޮތުގެމަތިން ދައުލަތްތަކުން ލާމަރްކަޒީ އުޞޫލުން ލޯކަލް ދާއިރާތައް ހިންގުން އިޚްތިޔާރުކުރަނީ ސިޔާސީ، އިދާރީ، އިޖްތިމާޢީ، އަދި އިޤްތިޞާދީ މަޤްޞަދުތަކެއް ޙާޞިލު ކުރުމަށްކަން އެނގެން އޮވެއެވެ.
ލޯކަލް ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ނިޒާމް ތަފާތު ޖުރިސްޑިކްޝަންތަކުގައި ޤާއިމުވެގެންވަނީ އަސާސީގޮތެއްގައި އަންނަނިވި އަސާސްތަކުގެ މައްޗަށްކަން އެނގެން އޮވެއެވެ.
ހ) ލޯކަލް ދާއިރާތަކުގައި ލާމަރްކަޒީކޮށް ހިންގުމުގެ މަޞްލަޙަތު ހިމެނޭ ކަންތައް ކަނޑައެޅިފައިވުން: މި އަސާސްގެ ދަށުން ލޯކަލް ދާއިރާތަކުގައި ލާމަރްކަޒީކޮށް ހިންގުމުގެ މަޞްލަޙަތު ހިމެނޭކަންތައް ތަފާތު ނިޒާމްތަކުގައި ކަނޑައަޅަނީ ޤާނޫނުންކަމާއި، ޤާނޫނުން ލާމަރްކަޒީކޮށް ހިންގަންޖެހޭކަންތައް ކަނޑައެޅުމުގައި މުޅިދައުލަތުގެ ސިޔާދަތާ ގުޅިފައިވާ މަރްކަޒީކޮށް ހިންގުން ލާޒިމްކުރާ ކަންތަކާ، އަދި މުޅި ދައުލަތުގެ ޤައުމީ މަޞްލަޙަތާ ގުޅިފައިވާ ކަންތައް ލާމަރްކަޒީކޮށް ހިންގުމުގެ ނިޒާމުން އިސްތިސްނާވެފައި އޮންނަންޖެހޭ ހިނދު، ދިވެހިރާއްޖޭގައި ލޯކަލްކައުންސިލްތަކަށް ލިބިގެންވާ އިޚްތިޞާޞްތައް ޤާނޫނުގައި ކަނޑައަޅާފައި އޮންނަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައިފައި އޮތުމުގެ އިތުރުން ޤާނޫނުއަސާސީގެ 232 ވަނަ މާއްދާގައި ލޯކަލް ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅުމުގައި ޤާނޫނުން ރިޢާޔަތްކުރަންޖެހޭނެ އަސާސްތައް ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ ތަފާތު ލޯކަލް ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާ، އަދި އެ ކައުންސިލްތަކުން ދޭ ޚިދްމަތްތައް ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
ށ) ލޯކަލް ދާއިރާތަކުގައި ލާމަރްކަޒީ އުޞޫލުން ހިންގަންޖެހޭ ކަންތައް ހިންގުމާ ޙަވާލުވާ ކައުންސިލްތަކަކީ އެކައުންސިލްތަކުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި މިނިވަން މުސްތަޤިއްލު ކައުންސިލްތަކަކަށް ވުން: މި އަސާސްގެ ދަށުން ލޯކަލް ކައުންސިލްތަކުގެ ލާމަރްކަޒީ އިޚްތިޞާޞްތައް މިނިވަންކަމާއެކު ހިންގުމުގެ ބާރަކީ އޭގެޒާތުގައި މަރްކަޒީ ސަރުކާރުން އެ ކައުންސިލްތަކަށް ހިބަކޮށްދޭ ބާރެއް ނޫންކަމާއި، އެ ބާރުގެ ޙަޤީޤީ މަޞްދަރަކީ ޤާނޫނުއަސާސީ ނުވަތަ ޤާނޫނު ކަމާ، އަދި ލޯކަލް ކައުންސިލްތަކަކީ މިނިވަން މުސްތަޤިއްލު އިދާރާތަކަކަށް ވުމުގެ ނަތީޖާއެއްގެ ގޮތުން މިޒަމާނުގެ ތަފާތު އިދާރީ ނިޒާމްތަކުގައި ލޯކަލް ކައުންސިލްތަކުގެ މެންބަރުންނަކީ އެ ކައުންސިލްތައް ނިސްބަތްވާ ލޯކަލް ދާއިރާތަކުގެ ރައްޔިތުން އިންތިޚާބުކުރާ މެންބަރުންކަން އެނގެން އޮންނަ ހިނދު، މިކަން ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުގައި "އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާޠީ އުޞޫލުތަކުގެމަތީން، ސިއްރު ވޯޓަކުން އިންތިޚާބުކުރާ މެންބަރުންނެވެ." މިހެން ކަނޑައަޅައި ބަޔާންކޮށްފައި ވެއެވެ.
(ނ) ލާމަރްކަޒީކޮށް ހިންގާ ލޯކަލް ދާއިރާއަކީ "ޢާންމު ޤާނޫނީ ޝަޚްޞް" (Public Legal Person) އަކަށް ވުން: މި އަސާސްގެ ދަށުންޤާނޫނީ ޝަޚްޞަކަށް ވުމުގެޝަރްޠު ފުރިހަމަނުވާ ކޮންމެ ލޯކަލް ދާއިރާއެއް ބެލެވޭނީ މަރްކަޒީ ސަރުކާރުގެ ގޮތްޕެއްގެ ގޮތުގައި ކަމާ، އެހެންކަމުން ދައުލަތުގައި ހިމެނޭ ކޮންމެ ލޯކަލް ދާއިރާއެއްގެ ޤާނޫނީ މަޞްލަހަތުތައް ޙިމާޔަތްކުރާ، އަދި އެ ލޯކަލް ދާއިރާއަކުން ހިންގާ ކަންތައްތައް ސީދާ ނިސްބަތްވާ ޤާނޫނީ ޝަޚްޞެއް ލާމަރްކަޒީ ނިޒާމުގައި ޤާއިމުވެފައި އޮތުމަކީ ތަފާތު އިދާރީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ މަބްދައަކަށް ވީހިނދު، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންވެގެންވާ ތަފާތު ލޯކަލް ކައުންސިލްތަކަކީ "އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ޙައިޘިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ" ޤާނޫނީ ޝަޚްޞުން ކަމަށް ބުނެވިދިޔަ ޤާނޫނު ނަންބަރު 7/2010 ގައި ބަޔާންކޮށްފައި ވެއެވެ.
ރ) ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞްތައް ދައުލަތުގެ މަރްކަޒީ ބާރުގެ "ރަޤާބާ" (monitor/control/review) އާއި "އިޝްރާފު" (supervision) ގެ ދަށުން ހިންގުން: މި އަސާސްގެ ދަށުން ލޯކަލް ކައުންސިލްތަކަށް ލިބިގެންވާ ލާމަރްކަޒީ އިޚްތިޞާޞްތައް މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ހިންގުމުގެ ބާރަކީ އެއްވެސް އިދާރީ ނިޒާމެއްގައި މުޠްލަޤު ބާރެއް ނޫންކަމާ، އަދި އެއީ މުޠްލަޤު ބާރަކަށް ވެއްޖެނަމަ ދައުލަތުގެ ދާޚިލީ ވަޙްދަތު (unity) ގެއްލިގެން ހިނގައިދާނެކަމާއި، އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞްތަކަކީ އަބަދުވެސް ދައުލަތުގެ މަރްކަޒީ ބާރުގެ ރަޤާބާއާއި އިޝްރާފުގެ ދަށުން ހިންގުން ލާޒިމްކުރާ އިޚްތިޞާޞްތަކެއްކަން އެނގެން އޮންނަހިނދު، ތަފާތު އިދާރީ ނިޒާމްތަކާއި ޤާނޫނުތަކުގައި ލޯކަލް ކައުންސިލްތަކުގެ މައްޗަށް ދައުލަތުގެ މަރްކަޒީ ބާރުގެ ރަޤާބާއާއި އިޝްރާފު އޮންނަ މިންވަރު ތަފާތުކަމާއި؛ އިނގިރޭސި ނިޒާމް ފަދަ ބައެއް އިދާރީ ނިޒާމްތަކުގައި ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް ނަޡަރީގޮތުން އޮންނަނީ ޕާރލަމެންޓާއި ޖުޑިޝަރީގެ ރަޤާބާ ކަމާ، އަދި އެފަދަ ނިޒާމްތަކުގައި މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް އޮންނަނީ ވަރަށް ހަނި ދާއިރާއެއްގައި ކަމާއި، މިގޮތުން ލާމަރްކަޒީ އިދާރާތަކުން ޤާނޫނާ ޚިލާފަށް ހިންގާ ކަންތައް ކޯޓަށް ހުށަހަޅައިގެން ރިވިއުކުރުވުމާއި، ލޯކަލް ކައުންސލްތަކުން ހިންގާ އިދާރީ ކަންތައްތައް އިންސްޕެކްޓްކޮށް މަޝްވަރާދިނުމާއި، ލޯކަލް ކައުންސިލްތަކުގެ މަސައްކަތާގުޅޭ ރިޕޯރޓްތައް ޕާރލަމެންޓަށް ހުށަހެޅުމާއި، ޕާރލަމެންޓުގެ ހުއްދައާއެކު ލޯކަލް ކައުންސިލްތަކާ ގުޅޭ ބައެއްކަންތައް އިންތިޒާމް ކުރުމަށްޓަކައި ހަދަންޖެހޭ ޤަވާޢިދު ހެދުމާއި، ލޯކަލް ކައުންސިލްތަކަށް ލިބިގެންވާ ޤަވާޢިދު ހެދުމާއި، ލޯކަލް ދާއިރާތަކުގެ މުދަލަށް ތަޞައްރުފުކުރުމާއި ލޯނު ނެގުންފަދަ ފަދަ މާލީ އެހެނިހެން މުޢާމަލާތްތަކުގެ މައްޗަށް މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް އޮންނަކަން އިސްވެ އިޝާރާތްކުރެވުނު އިނގިރޭސި ނިޒާމް ފަދަ ބައެއް އިދާރީ ނިޒާމްތަކުގައި ޢަމަލުކުރެވޭ ލާމަރްކަޒީ ނިޒާމުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، ފަރަންސޭސި ނިޒާމް ފަދަ ބައެއް އިދާރީ ނިޒާމްތަކުގައި ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް އޮންނަ ޕާރލަމެންޓާއި ޖުޑިޝަރީގެ ރަޤާބާގެ އިތުރުން މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް ވަރަށް ފުޅާ ދާއިރާއެއްގައި އޮންނަ ކަމާއި؛ މިގޮތުން ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ އިތުރުން އެކައުންސިލްތަކަށް ބައެއް މެންބަރުން ޢައްޔަންކުރުމާއި، ބައެއްފަހަރު ކައުންސިލްގެ ރައީސް ޢައްޔަންކުރުމާ، އަދި ބައެއް ޙާލަތްތަކުގައި ކައުންސިލްތަކުގެ މެންބަރުން ވަޤުތީގޮތުން މަޤާމުން ސަސްޕެންޑް ކުރުމާއި މަޤާމުން ވަކިކުރުމާ، އަދި ލޯކަލް ކައުންސިލްތަކުގެ މަސައްކަތް ސަސްޕެންޑް ކުރުމާއި، ކައުންސިލްތައް ރޫޅާލުން ފަދަ ކަންތަކަކީ ބުނެވިދިޔަ ފަރަންސޭސީ ނިޒާމްފަދަ ބައެއް އިދާރީ ނިޒާމްތަކުގައި ސީދާ ލޯކަލް ކައުންސިލްތަކުގެ (ކައުންސިލަތައް އުފެއްދުމާއި އެކުލެވިގެންވާގޮތާއި އުވާލުމުގެ) މައްޗަށް މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް އޮންނަ މިންވަރު ދަލީލުކޮށްދޭ ކަންތައްކަމާއި، މީގެ އިތުރުން ލާމަރްކަޒީ އިދާރާތަކުގެ މަސައްކަތްތަކުގެ މައްޗަށް މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް ތަފާތު ފެންވަރުގައި އޮންނަކަމާއި، މިގޮތުން ލާމަރްކަޒީ އިދާރާތަކުގެ ބައެއް އިޚްތިޞާޞްތަކާ ގުޅިގެން ހިންގާ ކަންތައްތައް މަރްކަޒީ ސަރުކާރުގެ އިޒުނައާއެކު ކުރުމާއި، ނުވަތަ ލާމަރްކަޒީ އިދާރާތަކުން ނިންމާ ބައެއް ކަންތައް ތަންފީޒުކުރުމުގެ ކުރިން މަރްކަޒީ ސަރުކާރުގެ ރުހުން ހޯދުމާ، އަދި ބައެއް ޙާލަތުގައި ލާމަރްކަޒީ އިދާރާތަކުގެ ޤަރާރުތައް ހުއްޓުވުމާއި ބާޠިލުކުރުމާ، އަދި ޤާނޫނީގޮތުން ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް ކުރުން ލާޒިމްވެގެންވާ ކަމެއް ކުރުމުން އެ އިދާރާތައް މަނާވެގަންނަ ޙާލަތުގައި މަރްކަޒީ ސަރުކާރުން އިސްނަގައިގެން އެކަމެއް ކުރުން ފަދަ ކަންތަކަކީ ފަރަންސޭސީ ނިޒާމްފަދަ ބައެއް އިދާރީ ނިޒާމްތަކުގައި ލާމަރްކަޒީ އިދާރާތަކުގެ އިޚްތިޞާޞްތަކަށް މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް އޮންނަ މިންވަރު ދަލީލުކޮށްދޭ ކަންތައްތަކެވެ.
ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފު އޮންނަ މިންވަރު – އިސްވެ ބަޔާންވެގެން ދިޔަ ފަދައިން – އެއް އިދާރީ ނިޒާމުން އަނެއް އިދާރީ ނިޒާމަށް ތަފާތުކަމާއި، މިކަން އިންތިޒާމްކުރުމުގައި ދައުލަތްތަކުން ރިޢާޔަތްކުރަނީ ލާމަރްކަޒީ އިދާރާތަކަށް ޤާނޫނުން ލިބިދީފައިވާ އިދާރީ މިނިވަންކަމާއި މުސްތަޤިއްލުކަން ނުގެއްލޭ ދަރަޖައަކަށް، މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް އޮތުންކަމާއި؛ އެހެނީ ލާމަރްކަޒީ އިދާރާތަކަށް ލިބިގެންވާ އިދާރީ މިނިވަންކަމާއި މުސްތަޤިއްލުކަމަކީ ޤާނޫނުން ލިބިގެންވާ އަޞްލީ މިނިވަންކަމެއްކަމާއި، ވެރިކަން ހިންގުމުގެ ބާރުން ލާމަރްކަޒީ އިދާރާތަކަށް ދޭ އިމްތިޔާޒެއް ނޫންކަމާ، ވުމާއިއެކު މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް އޮންނަންވާނީ އަބަދުވެސް ޤާނޫނުގައި ކަނޑައެޅިފައިވާ ޙުދޫދުގެތެރޭގައި، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ރޫޙާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ ޢާންމު ސިޔާސަތާއި "ނިޡާމް ޢާންމް" ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މަޤްޞަދުގައި ކަމާއި، މި މަޤްޞަދު ފަހަނަޅައި ދާފަދަ ގޮތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ޙުދޫދުން ބޭރުގައި ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް - ރަޤާބާއާއި އިޝްރާފްގެ ނަމުގައި - އިދާރީގޮތުން އެއްވެސް ރިޔާސީ ބާރެއް މަރްކަޒީ ސަރުކާރުގެ އިދާރާތަކުން ހިންގުމަކީ ލާމަރްކަޒީ މަފްހޫމާ މުޅިން ޚިލާފް ކަމެއްކަމާއި، ހަމަ އެމޭރުމުން ލާމަރްކަޒީ އިދާރާތަކަށް ޤާނޫނުން މަޢުނަވީ ޝަޚްޞިއްޔަތުކަން ދެވި އިދާރީ ގޮތުން މިނިވަން މުސްތަޤިއްލު އިދާރާތަކެއްގެ ގޮތުގައި އޮތުމުގެ މާނައަކީ އެއްވެސް ޙާލެއްގައި ލާމަރްކަޒީ އިދާރާތަކަކީ ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގައި ނުހިމެނޭ، ވަކި ބާރެއްގެ ގޮތުގައި ތަޞައްރުފުކުރުމުގެ ބާރުލިބިފައިވާ، މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފުން ބޭރުގައިވާ އިދާރާތަކެއް ނޫންކަމުގައި ވުމަކީ މިޒަމާނުގެ ތަފާތު އިދާރީ ނިޒާމްތަކުން ޤަބޫލުކުރާ މަބްދައެކެވެ.
ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞްތަކުގެ މައްޗަށް ދައުލަތުގެ މަރްކަޒީ ބާރުގެ ރަޤާބާއާއި އިޝްރާފް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އޮންނަ ގޮތުގެމައްޗަށް ނަޒަރުކުރާއިރު، އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
ހ) ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރު (ސަރުކާރު) ގައި، އޭގެ އެންމެ ފުޅާ މާނާގައި، ޝާމިލްވާ މަޤާމްތަކަކީ، ދައުލަތުގެ މަރްކަޒީ އަދި ލާމަރްކަޒީ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ އެންމެހައި މަޤާމްތައް ކަމުގައި ވީހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި 99 ވަނަ މާއްދާގައި ކަނޑައެޅިގެންވާ އުޞޫލުތަކުގެ މަތިން ސީދާ ލާމަރްކަޒީ އިދާރާތައް ޖަވާބުދާރީ ކުރުވުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވުމުގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި 101 ވަނަ މާއްދާއާއި 134 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ވަޒީރުން ޖަވާބުދާރީ ކުރުވުމުގެތެރޭގައި ނުސީދާކޮށް ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް އެ މަޖިލީހުގެ ރަޤާބާ ދެމިގެން ދިއުމުގެ ފުރުޞަތު އޮންނަ ކަމާއި، މިގޮތުން ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ތަންފީޒުކޮށް ހިންގުމާ ގުޅިގެން ކޮންމެ ވަޒީރަކުވެސް އެވަޒީރެއްގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭހިނދު، ވަޒީރު ޖަވާބުދާރީވާން ޖެހޭނީ ހަމައެކަނި އެވަޒީރުގެ ސީދާ ބެލުމުގެދަށުން ހިނގާ މަރްކަޒީ އިދާރާތަކާއި ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމާ ގުޅިގެން ނޫންކަމާއި، އޭގެ އިތުރުން ތަފާތު ވުޒާރާތަކުން ކަނޑައަޅާ ދައުލަތުގެ ޢާންމު ސިޔާސަތުތައް ލާމަރްކަޒީ އުޞޫލުން ހިންގާ ލޯކަލް ދާއިރާތަކުގައި ތަންފީޒުކުރެވޭ ގޮތުގެ މައްޗަށް މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް އޮންނަ މިންވަރާއި މަރްކަޒީ އިދާރާތަކާ ލޯކަލް ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުންވެސް ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެކަމާ، އަދި މީގެ އިތުރުން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގައި ބަޔާންވެގެންވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަކީ ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ ލޯކަލް ކައުންސިލްތަކުގެ މަސައްކަތާއި ޙަރަކާތްތައް ހިނގަމުންދާގޮތް ބަލައި، އެ ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދާ ޤައުމީ މުއައްސަސާއެއް ކަމުގައި ވީހިނދު، ޤާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި 99 ވަނަ މާއްދާގެ ޙުދޫދުގެ ތެރޭގައި، އެ މުއައްސަސާއަކީވެސް ލޯކަލް ކައުންސިލަތަކުގެ އިޚްތިޞާޞްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި އެމަޖިލީހަށް ޖަވާބުދާރީވާންޖެހޭ މުއައްސަސާއެއްކަން އެނގެއެވެ.
ށ) ލާމަރްކަޒީ އިދާރާތަކުން އަދާކުރާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ގުޅިގެން އެކަންތަކުގެ މަޝްރޫޢިއްޔަތުކަން (Legality) ބަލައި ރިވިއު ކުރުމާއި، ދައުލަތުގެ މަރްކަޒީ އިދާރާތަކާއި ލާމަރްކަޒީ އިދާރާތަކާ ދެމެދު އުފެދޭ ޚުޞޫމަތްތަކުގައި ފައިޞަލާކުރުމުގެ ބާރު ދައުލަތުގެ ޢަދްލު އިންޞާފް ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކަމާބެހޭ ކޯޓްތަކަށް އަބަދުވެސް ލިބިގެންވާ ކަމާއި؛ މިގޮތުން ދައުލަތުގެ އެންމެހައި އިދާރާތަކުގެ މައްޗަށް – އެއީ މަރްކަޒީ އިދާރާއަކަށް ވިއަސް ނުވަތަ ލާމަރްކަޒީ އިދާރާއަކަށް ވިއަސް ނުވަތަ މިނިވަން މުއައްސަސާއަކަށް ވިއަސް – ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) އާއި 144 ވަނަ މާއްދާގެ (ހ) ގެ ދަށުން އޮންނަ "ޤަޟާއީ ރަޤާބާ" (Judicial Review) ގެ އިތުރުން، ސީދާ ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް ޝަރްޢީ ކޯޓުތަކުގެ ރަޤާބާ އޮންނަ ބައެއް ޙާލަތްތައް ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންވެގެން ވާކަމާއި، މިގޮތުން ލޯކަލް ކައުންސިލްތައް ރޫޅާލުމުގައި ކޯޓުގެ ރަޤާބީ ދައުރު ބަޔާންކުރަމުން ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގައި "އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ ކައުންސިލް ރޫޅާލުމުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ....... " މިހެން ބުނުމަށްފަހު ހަމަ އެމާއްދާގެ (ށ) ގައި "މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލެއް އުވާލުމަށް ކޯޓުން ކަނޑައަޅަންވާނީ ކައުންސިލް އުވާލުން ނޫން އެހެން ގޮތެއް ނެތްކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމައެވެ." މިހެން ބަޔާންވެގެން އޮންނައިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ނުވަތަ ދެ ކައުންސިލެއްގެ ދެމެދުގައި ޚިލާފެއް އުފެދިއްޖެނަމަ އެކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާގޮތާމެދު ހިތްހަމަނުޖެހޭ ފަރާތަކުން އެކަމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާ ކަމަށް އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ.
ނ) ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އޮންނަ، ރައްޔިތުންގެ މަޖިލީހާއި، ޢަދްލު އިންޞާފް ޤާއިމުކުރުމުގެ ބާރުގެ ރަޤާބާއާއި އިޝްރާފުގެ އިތުރުން، ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ ވުޒާރާތަކާއި މަރްކަޒީ އެހެނިހެން އިދާރާތަކުގެ ރަޤާބާއާއި އިޝްރާފް ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް ތަފާތު ފެންވަރުގައި އޮންނަ އޮތުމުގެ އަސާސަށް ބަލާއިރު ލާމަރްކަޒީ އިދާރާތަކަކީ ޤާނޫނުން މަޢުނަވީ ޝަޚްޞިއްޔަތުކަން ލިބިފައިވާ، އިދާރީގޮތުން މިނިވަން މުސްތަޤިއްލު އިދާރާތަކެއް ކަމުގައި ވީނަމަވެސް، އެއީ ޙަޤީޤަތުގައި ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ އިދާރާތަކެއްކަން އެނގެން އޮންނަކަމާއި، ވެރިކަން ހިންގުމުގެބާރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 6 ވަނަ މާއްދާއާއި 106 ވަނަ މާއްދާގެ (ހ) ގައި ވާފަދައިން ލިބިގެންވަނީ ދައުލަތުގެ އެންމެ މަތީވެރިޔާ އަދި ސަރުކާރުގެ އެންމެ މަތީވެރިޔާ ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާއަށް ކަމާއި، ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގާންވާނީ ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތީންކަން އިސްވެދިޔަ ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ރ) އިން ސާފުކޮށް އެނގެން އޮންނަކަމާއި، އަދި ޤާނޫނުއަސާސީ އާއި ޤާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިޚްލާޞްތެރިކަމާއެކު ތަންފީޛުކޮށް ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އެޅުމާއި، ސަރުކާރުގެ އެންމެހައި އިދާރާތައް ގުޅިގެން ހިންގުންތެރިކަމާއެކު މަސައްކަތްކުރޭތޯ ބެލުމާއި، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި އެތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމާއި، މިކަންތައްތަކަކީ ރައީސުލް ޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ބ) ގައި ކަނޑައަޅައިފައިވާ ކަންތައްކަން ރަނގަޅަށް އެނގެން އޮންނައިރު، ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ކަންތައްތަކާއި ޤާނޫނުއަސާސީންނާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހެއް އޮންނަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ކަނޑައެޅުމަށްފަހު، ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި، އެހީތެރިވެދިނުމާއި، ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ސަރުކާރު ހިންގުމުގެ ހުރިހައި ދާއިރާތަކެއްގައިވެސް އެ ސިޔާސަތުތައް ތަންފީޛުކޮށް، ހިނގާނުހިނގާގޮތް ބެލުމަކީ ވަޒީރުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު، ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ ތަފާތު އިދާރާތަކަކީ – އެއީ މަރްކަޒީ އިދާރާތަކެއް ކަމުގައި ވީނަމަވެސް، އަދި ލާމަރްކަޒީ އިދާރާތަކެއް ކަމުގައި ވީނަމަވެސް، އަދި މިނިވަން މުއައްސަސާތަކެއް ކަމުގައި ވީނަމަވެސް- ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ތަންފީޒުކުރުން ލާޒިމްވެގެންވާ އިދާރާތަކެއްކަމުގައި ވީހިނދު، ޤާނޫނީ ޝަޚްޞިއްޔަތު ލިބިގެންވާ ލާމަރްކަޒީ އިދާރާތަކަކީ އިދާރީގޮތުން މިނިވަން މުސްތަޤިއްލު އިދާރާތަކަކަށް ވުމުން، އެ އިދާރާތަކަކީ ސީދާ މަރްކަޒީ ސަރުކާރަށް އިދާރީގޮތުން ތަބާވާ މުއައްސަސާތަކެއްކަމުގައި ނުވިނަމަވެސް، މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް އޮތުމުގެ ޤާނޫނީ އަސާސް ބިނާވެގެންވަނީ އިސްވެބަޔާން ވެގެންދިޔަ ދުސްތޫރީ ނައްޞުތަކުން ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާކަންތަށް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހަށް ލިބިގެންވާ ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތު ކަނޑައަޅައި ތަންފީޒުކޮށް އެ ސިޔާސަތުތައް މުޅިދައުލަތުގެ އެންމެހައި އިދާރާތަކުގައި ހިނގާނުހިގާގޮތް ބެލުމުގެ ބާރުގެ މައްޗަށްކަން ފާހަގަކުރެވެއެވެ.
ލާމަރްކަޒީ އިދާރާތަކުގެ ނުވަތަ ލޯކަލް ކައުންސިލްތަކުގެ މެންބަރުން އިޚްތިޔާރުކުރެވެނީ އިންތިޚާބުން ކަމުގައި ވީނަމަވެސް، އެކައުންސިލްތަކަކީ –އޭގެ ޒާތުގައި- ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ އިދާރާތަކަށްވާއިރު، އެ އިދާރާތަކުގެ މައްޗަށް ވެރިކަން ހިންގުމުގެ އަޞްލީ އިޚްތިޞާޞް ލިބިގެންވާ ފަރާތްކަމުގައިވާ، މަރްކަޒީ ސަރުކާރުގެ ރަޤާބާއާއި އިޝްރާފް އޮތުމަކީ – އިސްވެ އިޝާރާތް ކުރެވުނުފަދައިން - ލާމަރްކަޒީ ނިޒާމުގެ އަސާސެއްކަމާއި، ބުނެވިދިޔަ ރަޤާބާއާއި އިޝްރާފުގެ ޒަރީޢާއިން ޙާޞިލުވާ އަސާސީ ތިން މަޤްޞަދެއް ވާކަމާއި؛ ފުރަތަމަ މަޤްޞަދަކީ ދައުލަތުގެ ވަޙްދަތާއި އިސްތިޤްރާރު ޙިމާޔަތްވުން ގެރެންޓީ ކުރުން ކަމާއި، ދެވަނަ މަޤްޞަދަކީ ލޯކަލް ދާއިރާތަކުގައި ހިމެނޭ އިދާރާތައް ރަގަޅުގޮތުގައި އެއް އުޞޫލުތަކެއްގެ މަތިން ހިންގުން ގެރެންޓީކުރުންކަމާއި، ތިންވަނަ މަޤްޞަދަކީ ލޯކަލް އިދާރާތަކުން ޤާނޫނުތަކާއި ޤަވާޢިދުތަކާއި ދައުލަތުގެ ޢާންމު ސިޔާސަތުތަކަށް ތަބާވުން ގެރެންޓީ ކުރުންކަމުގައި ވީހިނދު، މި އެންމެހައި ކަންތައްތައް ގެރެންޓީކުރުމަށް ޓަކައި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ލާމަރްކަޒީ އިދާރާތަކާއި މަރްކަޒީ އިދާރާތަކާ ދެމެދުގައި އޮންނަ ގުޅުމާއި، ލާމަރްކަޒީ އިދާރާތަކުގެ މައްޗަށް މަރްކަޒީ ފެންވަރެއްގައި ރަޤާބާއާއި އިޝްރާފް ޤާއިމުވެގެންވާ ގޮތާއި، ތަފާތު ފެންވަރުގައި ލާމަރްކަޒީ އިދާރާތައް ޖަވާބުދާރީ ކުރުވަނިވި އުޞޫލުތައް ކަނޑައެޅިގެންވާ ގޮތުގެ މައްޗަށް ނަޒަރު ކުރާއިރު އަންނަނިވި ކަންތައްތައް ފާހަގަވެއެވެ.
ހ) ލާމަރްކަޒީ ނިޒާމުގައި ކޮންމެ ޕްރޮވިންސެއްގައި ޝާމިލުވާ ލޯކަލް ކައުންސިލްތަކުގެ ތެރެއިން، ސަރަޙައްދީގޮތުން ކުޑަ ކައުންސިލްތަކުން ބޮޑުކައުންސިލްތަކަށް ރިޕޯޓުކޮށް ޖަވާބުދާރީވުމުގެ އުޞޫލު ދިވެހިރާއްޖޭގެ ލާމަރްކަޒީ ނިޒާމުގައި ޤާއިމުވެފައިވާކަން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ތަފާތު ނައްޞުތަކުން އެނގެން އޮވެއެވެ. މިގޮތުން ރަށު ކައުންސިލަކުން ޖަވާބުދާރީވާ އަދި ރިޕޯޓްކުރާ ރަސްމީ ފަރާތަކީ، އެ ރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލް ކަމާ، އަދި ރަށު ކައުންސިލްގެ ޚަރަދުތަކާއި ލިބޭ އާމްދަނީގެ އަހަރީ ރިޕޯޓް އަތޮޅު ކައުންސިލަށް، ރަށު ކައުންސިލްގެ ރައީސް ފޮނުވަންވާނެކަމާއި، އަދި އަވަށު އޮފީސްތަކުގެ ޚަރަދުތަކާއި ލިބޭ އާމްދަނީގެ އަހަރީ ރިޕޯޓް ސިޓީ ކައުންސިލަށް، ބޯޑުގެ ރައީސް ފޮނުވަންވާނެ ކަން ބުނެވިދިޔަ ޤާނޫނުގެ 3 ވަނަ މާއްދާގެ (ރ) އާއި، 105 ވަނަ މާއްދާއިން އެނގެން އޮންނައިރު، ހަމަ އެ ޤާނޫނުގެ 108 ވަނަ މާއްދާގައި ބަޔާންވެގެންވާ ތަފާތު ލިއުންތަކާއި ރިޕޯޓްތައް ކަނޑައެޅިފައިވާ އުޞޫލުން ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލަށް، އަދި އަވަށު އޮފީސްތަކުން ސިޓީ ކައުންސިލަށް ފޮނުވަން ވާނެކަން އެނގެން އޮވެއެވެ.
ށ) ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އުފެއްދުން ލާޒިމްކޮށްފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދާގޮތްބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ޙަރަކާތްތެރިވާ ޤައުމީ މުއައްސަސާއެއްކަން ބުނެވިދިޔަ ޤާނޫނުގެ 60 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު، އެ މުއައްސަސާއަށް ޖަވާބުދާރީވެ ރިޕޯޓުކުރުމަކީ ލޯކަލް ކައުންސިލްތަކުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ބުނެވިދިޔަ ޤާނޫނުގެ ތަފާތު ނައްޞުތަކުން އެނގެން އޮންނަކަމާ، އަދި މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ މައްޗަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރަޤާބާއާއި އިޝްރާފް ތަފާތު ފެންވަރުގައި އޮންނަކަމާއި، މިގޮތުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތާއި ޙަރަކާތްތަކާއި ކައުންސިލްތަކުން އެކަށައަޅާ ޤަވާޢިދުތައް ހުންނަނީ އެއް އުޞޫލަކުންތޯ ބަލައި ހުރިހާ ކައުންސިލްތަކުން އެއް ހަމަތަކަކާ އެއް އުޞޫލުތަކެއް ދެމެހެއްޓުމަށް މަސައްކަތްކުރުމާއި، އެއްވެސް ކައުންސިލެއްގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާގޮތަށް އަދާނުކުރެވޭނަމަ އެ ކައުންސިލެއްގެ މަސްއޫލިއްޔާތާއި ވާޖިބުއަދާކުރުމަށް ހުރަސްއެޅޭ ސަބަބުތައް ދެނެގަތުމަށްޓަކައި ކަންއޮތްގޮތް ދިރާސާކޮށް ބެލުމާއި، ޤާނޫނުގައި ކަނޑައެޅިގެންވާ ޙާލަތެއް މެދުވެރިވެއްޖެނަމަ ކައުންސިލް ރޫޅާލުމުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރާއި މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަންތައްކަން ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ރ) އާއި، 65 ވަނަ މާއްދާއާއި، 66 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނައިރު، ޤާނޫނުގައި ނުހިމެނޭކަމަކާބެހޭ ގޮތުން ނުވަތަ ދެ ކައުންސިލެއްގެ ދެމެދުގައި ޚިލާފެއް އުފެދިއްޖެނަމަ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުނުވާނޭ ގޮތުގެމަތިން އެކަމުގައި ގޮތެއް ނިންމުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންވާކަމާއި، ލޯކަލް ކައުންސިލްތަކަށް ތަފާތު ޤަވާޢިދުތައް ހެދުމުގެ ބާރުލިބިގެންވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު ކަން ބުނެވިދިޔަ ޤާނޫނުގެ 149 ވަނަ މާއްދާއާއި، 151 ވަނަ މާއްދާ އާއި، 152 ވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮވެއެވެ.
ނ) ލާމަރްކަޒީ އުޞޫލުން ލޯކަލް ދާއިރާތައް ހިންގާގޮތަށް ތަންޡީމުކުރެވިފައިވާ އިދާރީ ނިޒާމްތަކުގައި ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތު ލޯކަލް ދާއިރާތަކުގައި އޭގެ އެންމެފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށްޓަކައި މަރްކަޒީ ސަރުކާރުގެ އިދާރާތަކާއި ލާމަރްކަޒީ އިދާރާތަކުގެ ދެމެދުގައި ތަފާތު ފެންވަރުގައި ގުޅުން ޤާއިމުކުރެވޭކަން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ހަތްވަނަ ބާބުގައި ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ލާމަރްކަޒީ ނިޒާމުގައި ޤައުމީ ނުވަތަ މަރްކަޒީ އިދާރާތަކާ ލޯކަލް ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން ތަފްޞީލުކުރެވިފައިވާ ކަމާ، މިގޮތުން ބުނެވިދިޔަ ޤާނޫނުގެ 67 ވަނަ މާއްދާގައި ސަރުކާރުގެ މިނިސްޓްރީތަކާއި މިނިސްޓްރީތަކުގެ ދަށުން ހިނގާ އިދާރާތަކުން އިދާރީ ދާއިރާތަކުގައި ދޭ ޚިދްމަތްތަކާއި ސަރުކާރުގެ މިނިސްޓްރީތަކާއި މިނިސްޓްރީތަކުގެ ދަށުން ހިނގާ އިދާރާތަކުން އިދާރީ ދާއިރާތަކުގައި ހިންގާ ތަރައްޤީގެ ޙަރަކާތްތައް ރާވައި ވިލަރެސްކުރާނީ އަތޮޅުކައުންސިލްތަކުގެ ބެލުމުގެ ދަށުންކަމުގައި ބަޔާންވެގެންވާ ހިނދު، އިދާރީ ދާއިރާތަކާއި ރަށްރަށުގައި ޙަރަކާތްތެރިވާ ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމުގެ ތެރޭގައި ކައުންސިލްތަކުގެ އެހީއަށް އެދިއްޖެނަމަ ކައުންސިލްތަކަށް ވެވުނު މިންވަރަކުން އެފަދަ ކަންކަމުގައި ފުލުހުންނަށް އެހީތެރިވެދޭންވާނެ ކަމަށާއި، އަދި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ވާޖިބުތައް އަދާކުރުމުގައި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ، ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ދޭންވާނެކަމަށާއި، އަދި ޤައުމީ އިދާރާތަކުން ދޭ ޚިދްމަތްތައް ކޮންމެ އިދާރީ ދާއިރާއަކުން ލިބޭނެ އިންތިޒާމު ޤާނޫނުގައިވާ ގޮތުގެމަތިން، ޤައުމީ އިދާރާތަކުން ހަމަޖައްސަންވާނެ ކަމަށާއި، ޤައުމީ އިދާރާތަކުން އިދާރީ ދާއިރާތަކުގައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށްޓަކައި ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން އަތޮޅު ކައުންސިލްތަކުން ދޭންވާނެކަމަށް އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 70 ވަނަ މާއްދާއާއި 71 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ.
ރ) ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ މާލީކަންތައް –ދުނިޔޭގެ އެހެނިހެން ލާމަރްކަޒީ ނިޒާމްތަކެކޭ އެއްފަދައިން – ތަންޡީމުކުރެވިފައިވަނީ ދައުލަތުގެ ކަމާބެހޭ މަރްކަޒީ އިދާރާތަކުގެ ރަޤާބާއާއި އިޝްރާފުގެ ދަށުން ކަން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ތަފާތު މާއްދާތަކުން ދަލީލުކޮށް ދޭކަމާއި؛ މިގޮތުން ދައުލަތައް އާމްދަނީ ލިބޭ ވަސީލަތްތަކުން ލޯކަލް ކައުންސިލްތަކަށް ދޭންވާ މިންވަރު ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަމަށާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އޮފީސްތައް ހިންގުމަށާއި، ކައުންސިލްތަކުން ދޭ ޚިދުމަތްތައް ދިނުމަށާއި، ކައުންސިލްތަކުން ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކަށް ޚަރަދުކުރުމަށް، ޤާނޫނުގައި ކަނޑައެޅިފައިވާ ކަންތަކަށް ރިޢާޔަތްކޮށް ސަރުކާރުން ކޮންމެ އަހަރަކުމެ ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި، އެ ފައިސާ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ކައުންސިލްތަކަށް ދޭންވާނެކަމަށާއި، ތަރައްޤީގެ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ ގޮތުން ކަނޑައެޅިފައިވާ މަޝްރޫޢުތަކަށް ރާއްޖެއިން ބޭރުގެ ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން ކައުންސިލަކަށް ލޯނު ފޯރުކޮށްދެވޭނީ ސަރުކާރު މެދުވެރިކޮށް ކަމަށް ބުނެވިދިޔަ ޤާނޫނުގެ 81 ވަނަ މާއްދާއާއި 82 ވަނަ މާއްދާއާއި 84 ވަނަ މާއްދާގައި ބަޔާންވެގެން ވާއިރު، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ޤާނޫނުގައި ބަޔާންކޮށްފައިވާ އަވަށު އޮފީސްތަކާއި، ސިޓީ ކައުންސިލްގެ ބަޖެޓަށް ކުރިއަށްއޮތް އަހަރު ސަރުކާރުން ބޭނުންވާ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނެ ކަމަށާއި، ޤައުމީ ތަރައްޤީގެ ޕްލޭނާއި ސަރުކާރުގެ ބަޖެޓު ތައްޔާރުކުރުމުގައި ރަށްރަށާއި ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ތަރައްޤީގެ ޕްލޭންތަކަށް ރިޢާޔަތް ކުރަންވާނެ ކަމަށާއި، ކައުންސިލްތަކުގެ ޚަރަދުތަކާއި ލިބޭ އާމްދަނީގެ އަހަރީ ރިޕޯޓު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ޤާނޫނުގައި ވާގޮތުގެ މަތިން ފޮނުވަންވާނެ ކަމަށާއި، ކައުންސިލްތަކުގެ ފައިސާއާއި ހިސާބުތައް ބެލުމުގެ އިޚްތިޔާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި، އޮޑިޓަރ ޖެނެރަލް އަށް ލިބިގެންވާ ކަމަށާ، އަދި ހުށަހެޅިފައިވާ މައްސަލައަކާގުޅޭ ގޮތުން ބަލަންޖެހޭ ލިޔެކިޔުންތަކާއި ހިސާބުތައް ބެލުމުގެ އިޚްތިޔާރު އެ މައްސަލައެއް ބެލުމަށް ހަމަޖެހިފައިވާ ދައުލަތުގެ މުއައްސަސާތަކަށް ލިބިގެންވާ ކަމަށް އިސްވެދިޔަ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 95 ވަނަ މާއްދާއާއި، 101 ވަނަ މާއްދާއާއި، 105 ވަނަ މާއްދާއާއި، 106 ވަނަ މާއްދާއިން އެނގެން އޮވެއެވެ.
އިސްވެ ބަޔާންވެގެންދިޔަ ލާމަރްކަޒީ ނިޒާމުގެ އަސާސްތަކާއި އުޞޫލުތަކުގެ އަލީގައި، މި މައްސަލާގައި ދަޢުވާކުރާ މުޙައްމަދު ނަޢީމް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ނަންބަރު 45//SC-L2011 ފޯމުން، ޤާނޫނުނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ މާއްދާތަކެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ ދަޢުވާ ބިނާކުރާ ސަބަބުތަކުގެ މައްޗަށް ނަޒަރުކުރާއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ރ) ގައި ރަށު ކައުންސިލަކުން ޖަވާބުދާރީވާ އަދި ރިޕޯޓުކުރާ ރަސްމީ ފަރާތަކީ، އެ ރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލްކަމަށާ، އަދި އަތޮޅު ކައުންސިލްތަކުން ޖަވާބުދާރީ ވާންޖެހޭނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ކަމަށް ބުނުމަށް ފަހު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ޖަވާބުދާރީވާންޖެހޭ ފަރާތަކީ ކޮބައިކަން ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ނެތުމަކީ އޭގެ ޒާތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގެ މަފްހޫމާ ތަޢާރުޟުވާ ކަމެއް ނޫންކަމާ، އެހެނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ ލޯކަލް ކައުންސިލްތަކުގެ މަސައްކަތާއި ޙަރަކާތްތައް ހިނގަމުންދާގޮތް ބަލައި، އެ ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދާ ޤައުމީ މުއައްސަސާއެއްކަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 60 ވަނަ މާއްދާއިން އެނގެން އޮވެފައި، އަދި އެ އޮތޯރިޓީއަކީ މުސްތަޤިއްލު މުއައްސަސާއެއްކަމަށް އެއްވެސް ޤާނޫނަކުން ކަނޑައަޅާފައި ނެތުމުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ ސަރުކާރުން ޤާއިމުކުރާ ޤައުމީ ނުވަތަ މަރްކަޒީ މުއައްސަސާއެއްކަން އެނގޭކަމާ، އަދި ސަރުކާރުން ޤާއިމުކުރާ އެފަދަ ކޮންމެ މުއައްސަސާއަކާ މަސްއޫލުވެ، އެ މުއައްސަސާގެ ހިންގުމަށް ޒިންމާ އުފުލައި ޖަވާބުދާރީ ވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުންނަންވާނެ ކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 134 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ޢިބާރާތުގައި " ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ހެޔޮގޮތުގައި އަދާކުރުމުގައި ވަކިވަކި މެންބަރުންނާއި މުޅި ވަޒީރުންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވުމުގެ އިތުރަށް، ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ވާނެއެވެ"، މިހެން ބަޔާންވެގެން އޮތުމުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި މަސްއޫލުވެ ހުންނަ ވަޒީރުގެ ޙައިޘިއްޔަތުން އެ ވަޒީރު ޖަވާބުދާރީ ވާންޖެހޭ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސްކަން ސީދާ ޤާނޫނުއަސާސީގެ ނައްޞުން އެނގެން އޮތުމުގެ އިތުރުން ސަރުކާރުގެ އިދާރާއެއްގެ ޙައޘިއްޔަތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ މަޤާމްތަކުގައި ތިބޭ މީހުން ޖަވާބުދާރީ ކުރުވުމުގެ ބާރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 98 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަން އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞުގައި ބަޔާންވެގެންވާ ކަމެއް ޤާނޫނެއްގައި ކަނޑައެޅިފައި ނެތުމަކީ އެ ޤާނޫނެއް ޤާނޫނުއަސާސީއާ ތަޢާރުޟުވާ ސަބަބެއް ނޫންކަމާއި، ޤާނޫނެއް ޤާނޫނުއަސާސީއާ ތަޢާރުޟުވާކަމަށް ބެލެވޭނީ އެ ޤާނޫނުގައި ކަނޑައެޅިފައިވާ ނައްޞެއް ޤާނޫނުއަސާސީގެ ނައްޞަކާ ނުވަތަ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ އުޞޫލަކާ ތަޢާރުޟުވާނަމަކަން އެނގެން އޮންނަކަމެވެ.
ށ) ދެވަނަ ކަމަކީ، ޤާނޫނުނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެކަމަށް ބުނެފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ ދައުލަތުގެ މުސްތަޤިއްލު މުއައްސަސާއެއް ނޫންކަން އެނގެން އޮންނަހިނދު، އެ މުއައްސަސާއާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުރުން ލާޒިމްވެގެންވާކަން ދިވެހރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮންނަކަމާއި، ސަރުކާރުގެ މުސްތަޤިއްލު ނޫން އިދާރާތަކާއި މުއައްސަސާތަކާއި މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުރުމުގެ މަޤްޞަދަކީ ދައުލަތުގެ މަރްކަޒީ އެންމެހައި އިދާރާތަކުގައި ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަވާގޮތުގެމަތީން، ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ހިނގާ ނުހިގާގޮތް ބަލައި ރައީސުލްޖުމްހޫރިއްޔާ އަށާއި، ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވުން ކަމާއި،ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރުގެ ބުނެވިދިޔަފަދަ މުއައްސަސާއެއް ނުވަތަ އިދާރާއެއް ޢަމަލީގޮތުން ހިންގާ އިދާރީ އެންމެ އިސްވެރިއަކަށް އެ ވަޒީރަކު ހުރުމަކީ ކޮންމެހެން ލާޒިމްކަމެއް ނޫންކަމާއި، ނަމަވެސް ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއިން ލާޒިމްކުރާ މިންވަރަކީ ސަރުކާރުގެ މުސްތަޤިއްލު ނޫން ކޮންމެ މުއައްސަސާއަކީ ކޮންމެވެސް ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ މުއައްސަސާއަކަށް ވުންކަމާ، އަދި އެ މުއައްސަސާގެ ހިންގުމަށް އެވަޒީރަކު ޒިންމާ އުފުލައި ޖަވާބުދާރީވުންކަމާއި، މި އަސާސްގެ މަތިން ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެކަމަށް ބުނެފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އުފެއްދުމަށްފަހު އެ އޮތޯރިޓީއާ މަސްއޫލުވާނެ އަދި އެ އޮތޯރިޓީގެ ހިންގުމަށް ޒިންމާވާނެ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ކަނޑައެޅިފައިވުމަކީ ސީދާ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއިން ލާޒިމްކުރާކަމެއްކަމުގައި ވީހިނދު، ބުނެވިދިޔަ ޤާނޫނުނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި އެކަން ބަޔާންވެގެން ނެތުމަކީ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއިން ލާޒިމްކުރާކަމެއް ނަފީކުރާ ކަމެއް ނޫންކަމާއި، އަދި އެއީ ޤާނޫނުއަސާސީގެ އެ މާއްދާއާ ތަޢާރުޟުވާކަމެއްވެސް ނޫންކަން އެނގެން އޮންނަކަމެވެ.
ނ) ތިންވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގާނީ ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލެވޭ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުންކަމަށް އެޤާނޫނުގެ 62 ވަނަ މާއްދާގައި ބުނުމަށްފަހު، އެ މާއްދާގެ (ހ) ގައި ބުނެވިދިޔަ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އޭގެ މައްޗަށް އެކުލެވިގެންވާ މެންބަރުންގެ ތެރޭގައި ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރަކު ހުންނަންވާނެކަމަށް ބުނެފައި އޮންނަ އޮތުމަށާ، އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސަކާއި ނާއިބު ރައީސެއް އިންތިޚާބުކުރާނީ އެ އޮތޯރިޓީގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންކަމަށް އިސްވެދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 63 ވަނަ މާއްދާގައި ކަނޑައަޅާފައި އޮންނަ އޮތުމަށް ބަލާއިރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އުފެއްދުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 60 މާއްދާގައި މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއާ ކަމާއި، ރައީސުލްޖުމްހޫރިއްޔާ އެ އޮތޯރިޓީ އުފެއްދުމަށްފަހު އެ އޮތޯރިޓީއާއި މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ވާގޮތުގެމަތިން ކަނޑައަޅަންވާނެކަމާއި، އެގޮތުގެމަތިން ކަނޑައެޅޭ ވަޒީރުންގެ މަޖިލީހުގެ މެންބަރު ލޯކަލް ގަވަރމަންޓް އޮތޯރިޓީ ޢަމަލީގޮތުން ހިންގަން ހުންނަ އިދާރީ އިސްވެރިޔާއަށް ވުމަކީ އޭގެޒާތުގައި ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގެ ދަށުން ލާޒިމް ކުރާކަމެއް ނޫންކަމާ، ވުމާއިއެކު އިސްވެ ބަޔާންވެގެންދިޔަ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގައި ޝާމިލުވާ މެންބަރުންގެ ތެރޭގައި، ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ވާގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެ ވަޒީރެއްގެ ބެލުމުގެ ދަށުގައި ހުންނަ ވަޒީރު ޝާމިލުވުމަކީ ނުވަތަ ނުވުމަކީވެސް އެ މާއްދާގެ ދަށުން ލާޒިމްވެގެންވާ ކަމެއްނޫންކަމާ، ހަމަ އެއާއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސަކާއި ނާއިބު ރައީސެއް އިންތިޚާބުކުރާނީ އެ އޮތޯރިޓީގެ ބޯޑުގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންކަމަށް ވުމަކީވެސް އިސްވެދިޔަ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއާ ތަޢާރުޟުވާކަމެއް ނޫންކަމާ، އަދި އެއީ ސީދާ ޤާނޫނުއަސާސީގެ އެ މާއްދާގެ ބާރުން ކަނޑައެޅޭ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުރުން ނަފީކުރާ ސަބަބައްވެސް ނޫންކަމާ، އެހެންނަމަވެސް ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ މަސްއޫލުވުމަށްޓަކައި ކަނޑައެޅޭ ވަޒީރުންގެ މަޖިލީހުގެ މެންބަރާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގުމަށްޓަކައި އެކުލަވާލެވޭ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑާ ދެމެދުގައި އޮންނަ ޤާނޫނީ ގުޅުން އިންތިޒާމުކުރެވިފައި އޮންނަންވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެ ވަޒީރެއްގެ ބެލުމުގެ ދަށުގައި އޮންނަ ވަޒީރަށް ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ވާފަދައިން އެ އޮތޯރިޓީގެ ހިންގުމަށް ޒިންމާ އުފުލައި ޖަވާބުދާރީ ވެވޭފަދަ އުޞޫލަކުން ކަމާއި، އެގޮތުގެ މަތިން ލޯކަލްގަވަރމަންޓް އޮތޯރިޓީ އެ ވަޒީރެއްގެ ބެލުމުގެދަށުގައިވާ ވަޒީރާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑާ ދެމެދުގައި އޮންނަންޖެހޭ ގުޅުން އިސްވެދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި އިންތިޒާމްވެފައި ނެތުމަކީ އޭގެ ޒާތުގައި އެ ޤާނޫނު ޤާނޫނުއަސާސީއާއި ތަޢާރުޟުވާ ސަބަބެއް ނޫންކަމާ، އަދި އެއީ އެ ޤާނޫނުގައިވާ އުނިކަމެއްނަމަ އެފަދަ އުނިކަމަކަށް "ތަޝްރީޢީ" (Legislative) ޙައްލު ގެނައުމަކީ ޤާނޫނުހަދާ މަޖިލީހުގެ މަސްއޫލިއްޔަތެއްކަން ފާހަގަވެފައި އޮންނަކަމެވެ.
ރ) ހަތަރުވަނަ ކަމަކީ، ލޯކަލް ކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، އެ ކައުންސިލްގެ އިދާރީ ކަންކަން ކުރުމަށްޓަކައި ކޮންމެ ކައުންސިލެއްގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޤާއިމްކުރަންވާނެކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 127 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކައުންސިލްގެ އިދާރާއަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދާ އޮފީހަކަށް ވާހިނދު، އެ އޮފީހާ މަސްއޫލުވާނޭ ވަޒީރަކު ހުންނަންޖެހޭކަމެއް އަދި ހުންނަން ނުޖެހޭކަމެއްވެސް ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން އެނގެން ނެތުމުން އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއާ ޚިލާފު މަފްހޫމެއްކަމަށް މިމައްސަލާގައި ދަޢުވާކުރާފަރާތުން ބުނެފައި އޮންނަ އޮތުމަށް ބަލާއިރު، ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި "މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުސްތަޤިއްލު މުއައްސަސާތަކާއި، ޤާނޫނަކުން އުފައްދާ މުސްތަޤިއްލު އެހެން މުއައްސަސާތައް ފިޔަވައި، ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ޤާއިމުކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުންނަންވާނެއެވެ. ....... "، މިފަދައިން ކަނޑައަޅައިފައި އޮތުމުގެ ދުސްތޫރީ މަޤްޞަދަކީ ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ އިދާރާތަކުގެ ތެރެއިން ޤާނޫނީ ޝަޚްޞިއްޔަތުކަން ލިބިގެންވާ މުސްތަޤިއްލު އިދާރާތައް ފިޔަވައި ސަރުކާރުގެ އެހެން ހުރިހައި އިދާރާތަކަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެދަށުން ހިނގާ އިދާރާތަކަކަށް ވުމުގެ އިތުރުން، އެ އިދާރާތަކުގެ ހިންގުމަށް ޒިންމާ އުފުލައި އެއިން ކޮންމެ އިދާރާއަކާ ޙަވާލުވާ ވަޒީރުންގެ މަޖިލީހުގެ މެންބަރު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީއާއި ޤާނޫނުގައި ކަނޑައެޅިފައިވާގޮތުގެމަތިން ޖަވާބުދާރީވުންކަން ރަނގަޅަށް އެނގެން އޮންނައިރު، ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ މުސްތަޤިއްލު މުއައްސާސަތަކުގެ އިދާރީކަންތައް ހިންގުމަށްޓަކައި އުފައްދާ އިދާރާތަކަކީ ސީދާ އެ އިދާރާއެއް ތަބާވާ މުސްތަޤިއްލު މުއައްސަސާގެ ބެލުމުގެ ދަށުން ހިނގާ އިދާރާތަކެއްކަން ސާފުކޮށް އެނގެން އޮންނަކަމާ، މިގޮތުން ލާމަރްކަޒީ އުޞޫލުން ލޯކަލް ދާއިރާތައް ހިންގުމުގެ ނިޒާމުގެދަށުން ޤާއިމުކޮށްފައިވާ ލޯކަލް ކައުންސިލްތަކަކީ - މިޒަމާނުގެ އެންމެހައި އިދާރީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ ފަދައިން – ޤާނޫނީ ޝަޚްޞިއްޔަތު އެކައުންސިލްތަކަށް ލިބިގެންވާ މުސްތަޤިއްލު ކައުންސިލްތަކެއްކަން އިސްވެދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ކަނޑައަޅައި ބަޔާންވެގެންވާއިރު، އެފަދަ މުސްތަޤިއްލު ކައުންސިލްތަކުގެ އިދާރީ ކަންކަން ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޤާއިމުކުރާ ކޮންމެ އިދާރާއަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ މަސްއޫލިއްޔަތުގެ ދަށުން ހިނގާ އިދާރާއަކަށް ވެއްޖެނަމަ ލާމަރްކަޒީ ނިޒާމްގެދަށުން ޤާއިމުކުރެވިފައިވާ ލޯކަލް ކައުންސިލްތަކަށް ލިބިގެންވާ އިދާރީ މުސްތަޤިއްލުކަމާއި މިނިވަންކަން ގެއްލިގެން ހިނގާދާނެކަމީ ޖަދަލުނުކުރެވޭނެ ޙަޤީޤަތެއްކަމުގައި ވާއިރު، ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 127 ވަނަ މާއްދާގައި ބުނެފައިވާ ލޯކަލް ކައުންސިލް އިދާރާތަކާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސީގެ 140 ވަނަ މާއްދާގެ ތަޞައްވުރެއް ނޫންކަން ސާފުކޮށް އެނގެން އޮންނަ ކަމެވެ.
ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ނުވަތަ ދާއިރާއެއްގެ ރައްޔިތުންނަށް އެކައުންސިލުން ޖަވާބުދާރީ ވާންޖެހޭނެކަމަށް ބުނެފައި އޮންނަ އޮތުމަށް ބަލާއިރު، ޒަމާނީ ޑިމޮކްރަސީތަކުގައި ރައްޔިތުންގެ ބައެއްކަންތައް ނިންމުމުގައި ސީދާ އެރައްޔިތުން ބައިވެރިކުރުމަކީ "ކްވާޒީ ޑައިރެކްޓް ޑިމޮކްރެސީ" (Quasi Direct Democracy) ގެ ވައްތަރެއްކަމާ؛ މިގޮތުން ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށާއި ސިޓީތަކުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމާއި އިދާރީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ އަތޮޅު ކައުންސިލާއި، ރަށު ކައުންސިލާއި، ސިޓީ ކައުންސިލްގެ ބާރުގެތެރޭގައި ހިމެނޭ ކަންތައް ކަމަށާ، އަދި އިޝާރާތްކުރެވުނު ތަރައްޤީގެ ޕްލޭންތަކަށް ބިނާކޮށް ރައްޔިތުންގެ ބައިވެރިވުމާއިއެކު 5 އަހަރުގެ ފައިނޭންޝަލް ޕްލޭން އަތޮޅު ކައުންސިލާއި، ރަށު ކައުންސިލާއި، ސިޓީ ކައުންސިލުން އެކުލަވާލައި ޢާންމުކުރަންވާނެކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) އާއި، 23 ވަނަ މާއްދާގެ (ށ) އާއި، 41 ވަނަ މާއްދާގެ (ށ) އާއި 92 ވަނާ މާއްދާއިން އެނގެން އޮންނަ ކަމާ، އަދި ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެކަމަށާއި، މިގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ރައްޔިތުންނަށް ހުށަހަޅަންވާނެކަމަށާއި، އަދި ޖުލައި މަހުގައި ބާއްވާ ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދަންވާނެކަމަށް ބުނެވިދިޔަ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންވެގެންވާއިރު، ދިވެހިރާއްޖޭގެ ލޯކަލް ދާއިރާތަކުގައި މީހުން ދިރިއުޅޭ ރަށެއްގެ ނުވަތަ ރަށްތަކެއްގެ ރަށްވެހިން އެހެންރަށަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވަނީ އެރަށެއްގެ ރައްޔިތުންގެ އަޣުލަބިއްޔަތު އެގޮތަށް ބޭނުންވާނަމަކަން އެ ޤާނޫނުގެ 135 ވަނަ މާއްދާގައި ބަޔާންވެގެންވާކަމާއި، މިގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ކައުންސިލްތަކުން އެކައުންސިލްތައް ހިމެނޭ ދާއިރާއެއްގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކަންތައް ނިންމުމަކީ ޙަޤީޤަތުގައި ޤާނޫނުއަސާސީގެ 232 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާފަދައިން ދީމްޤުރާޠީ އަދި ޖަވާބުދާރީވަނިވި އުޞޫލުތަކުގެ މަތިން ލޯކަލް ކައުންސިލްތަކުގެ ކަންކަން ހިންގުމުގެ ވަސީލަތެއްކަމާ، އަދި އެއީ ލޯކަލް ކައުންސިލްތައް ޖަވާބުދާރީކުރުމުގެ ބާރު ޤާނޫނީގޮތުން ލިބިފައިވާ ފަރާތްތަކަށް، އެ ކައުންސިލްތައް ޖަވާބުދާރީކުރުވުން މަނާކުރާ ސަބަބެއް ނޫންކަންވެސް އެނގެން އޮންނަކަމެވެ.
ޅ) ހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިދާރީ ކަންކަން ކުރުމަށްޓަކައި ޤާއިމުކުރެވޭ ކައުންސިލްތަކުގެ އިދާރާތަކުގެ މަޤާމުތައް ކަނޑައަޅައި އެ މަޤާމުތަކަށް މުވައްޒަފުން ޢައްޔަންކޮށް ވަކިކުރާނީ ކައުންސިލްތަކުގެ މަޝްވަރާއާއެކު ސިވިލް ސަރވިސް ކޮމިޝަނުން ކަމަށާ، އަދި މިފަދަ މުވައްޒަފުންގެ މައްޗަށް ހިނގާނީ ސިވިލް ސަރވިސްގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުން ހަދާ ޤަވާޢިދުތައް ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 130 ވަނަ މާއްދާގައި ބަޔާންވެގެން އޮންނަ އޮތުމާ، އަދި ލޯކަލް ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލްގެ ޒިންމާދާރު ވެރިޔާ ސިވިލް ސަރވިސް ކޮމިޝަނުން ޢައްޔަންކުރަންވާނެކަމަށް އެ ޤާނޫނުގެ 129 ވަނަ މާއްދާގައި އޮންނަ އޮތުމަކީ އެއްވެސް ޙާލެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެދަށުން ޤާއިމުވެފައިވާ ސިވިލް ސަރވިސްގެ އެއްވެސް އުޞޫލަކާ ޚިލާފުކަމެއް ނޫންކަމާ؛ އެހެނީ ދައުލަތުގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސަރވިސްގެ މުވައްޒަފުންކަމުގައ ބެލެވެނީ އުޞޫލެއްގެ ގޮތުގައި ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ ސިޔާސީ މަޤާމްތަކަށް ޢައްޔަންކުރެވޭ މުވައްޒަފުންނާއި، ޢަސްކަރީ އަދި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާއި، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުވައްޒަފުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މިނިވަން މުސްތަޤިއްލު ޤާނޫނީ ޝަޚްޞިއްޔަތު ލިބިފައިވާ ތަންތަނުގެ މުވައްޒަފުންނާ، އަދި މީގެ އިތުރުންވެސް ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރޭގައި ޝާމިލް ނުވާގޮތަށް ޤާނޫނަކުން އިސްތިޘްނާވެގެންވާ މުވައްޒަފުން ފިޔަވައި ދައުލަތުގެ ޢާންމު ޚިދުމަތްދޭ އިދާރާތަކުގެ އެންމެހައި މުވައްޒަފުންކަން އިސްވެދިޔަ ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާއާ، އަދި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު ނަންބަރު: 1-R/2010 ގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއިން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުކޮށް އުފެއްދޭ ލޯކަލް ކައުންސިލްތަކަކީ އޭގެޒާތުގައި ޤާނޫނީ ޝަޚްޞިއްޔަތު ލިބިފައިވާ މުސްތަޤިއްލު ކައުންސިލްތަކެއް ކަމުގައި ވީނަމަވެސް، އެކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، އެކައުންސިލްތަކުގެ އިދާރީ ކަންކަން ކުރުމަށްޓަކައި ޤާއިމުކުރެވޭ އިދާރާތަކުގެ އިދާރީ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ ޤާނޫނަށް ތަބާވާ ސިވިލް ސަރވިސްގެ މުވައްޒަފުންކަމުގައި އިސްވެދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 129 ވަނަ މާއްދާއާއި 130 ވަނަ މާއްދާގައި ކަނޑައަޅާފައި އޮންނަ އޮތުމުގެ ދުސްތޫރިއްޔަތުކަމާމެދު ޖަދަލުކުރެވޭނެ އެއްވެސް ހަމައެއް ނެތްކަމާއި، ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގެތެރޭގައި ހިމެނޭ މަރްކަޒީ ނުވަތަ ޤައުމީ އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތްކުރަންވާނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 61 ވަނަ މާއްދާއާއި 62 ވަނަ މާއްދާގައި ވާފަދައިން ސަރުކާރުގެ މަސްއޫލު އޮފީހެއްގެ ނުވަތަ އެ އޮފީހަކާ ގުޅޭ ސަރުކާރުގެ މަސްއޫލުވެ ޒިންމާވާ އޮފީހެއްގެ ބެލުމުގެ ދަށުގައި ކަމުގައި ވީނަމަވެސް، ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގެތެރޭގައި ހިމެނޭ މުސްތަޤިއްލު މުއައްސަސާތަކާއި އިދާރާތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުން - އެ މީހުންގެ މައްޗަށް ހިނގަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުކަމުގައި ވިޔަސް ނުވަތަ އެހެން ޤާނޫނެއްކަމުގައި ވިޔަސް – މަސައްކަތްކުރަންވާނީ އެ މުސްތަޤިއްލު މުއައްސަސާތަކާއި އިދާރާތަކުގެ ބެލުމުގެ ދަށުގައިކަން އެނގެން އޮންނަކަމެވެ.
އިސްވެދިޔަ ކަންކަން އެހެން ހުރުމާއެކު، ޤާނޫނުނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ މާއްދާތަކެއްގެ ދުސްތޫރިއްޔަތުކަމާ މެދު ޠަޢުނުކޮށް މި މައްސަލާގައި ދަޢުވާކުރާފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަކީ ޤާނޫނީގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ ސަބަބުތަކެއް ނޫންކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ ލާމަރްކަޒީ އުޞޫލުން ލޯކަލް ދާއިރާތައް ހިންގުމުގެ ނިޒާމުގައި، ލާމަރްކަޒީ ނިޒާމުގެ އަސާސްތައް ތަފާތު ފެންވަރުގައި ޤާއިމުވެގެންވާކަމާއި، މިގޮތުން ލާމަރްކަޒީ ނިޒާމުގެ ދަށުން ހިންގާ ލޯކަލް ދާއިރާތަކައް ހިންގުމަށް އިންތިޚާބުކުރެވޭ ލޯކަލް ކައުންސިލްތަކަކީ އެއްވެސް ޙާލެއްގައި ދައުލަތުގެ ސިޔާދަތީ ތިން ބާރާއި ހަމަހަމަ ވަކި ބާރެއް ނޫންކަމާ، އެހެންނަމަވެސް އެއީ ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގެތެރެއިން ލޯކަލް ފެންވަރެއްގައި ޤާނޫނުގައި ކަނޑައެޅިގެންވާ ގޮތުގެމަތިން އިދާރީކަންތައް ނިންމުމުގެ މިނިވަންކަން ދެވިފައިވާ ޤާނޫނީ ޝަޚްޞުތަކެއްކަމާ، އެހެންކަމުން އެ ކައުންސިލްތަކުގެ މައްޗަށް ދައުލަތުގެ މަރްކަޒީ ބާރުތަކުގެ ރަޤާބާއާއި އިޝްރާފު އެ ކައުންސިލްތަކުގެ އިދާރީ މުސްތަޤިއްލުކަން ނުގެއްލޭ ފެންވަރަށް އޮތުމަކީ ލާމަރްކަޒީ ނިޒާމުގެ އެންމެ މައިގަޑު އެއް އަސާސްކަމާއި، މިކަންތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާއިމުކުރެވޭ ލާމަރްކަޒީ ނިޒާމު ޢަމަލީގޮތުން ތަޠްބީޤު ކުރެވެނީ ދިވެހިދައުލަތް އެ މައްޗަށް ޤާއިމުވެގެންވާ ޚަޞާއިޞްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޚާއްޞިއްޔަތުކަމަށްވާ ޔުނިޓަރީ ދައުލަތެއްގެ ސިފަ ގެއްލިގެންދާފަދަ ގޮތަކަށް ކަމުގައިވާނަމަ، ނުވަތަ ދައުލަތުގެ ވަޙުދަތާއި އިސްތިޤްރާރު ނެގެހެއްޓޭފަދަ ގޮތަކަށް ކަމުގައި ނުވާނަމަ، އެކަމަކީ ދައުލަތުގެ ސިޔާދަތީ އަދި މަރްކަޒީ ބާރުތައްކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދްލު އިންޞާފު ހިންގުމުގެ ބާރުން، އެކަމަށް މުނާސިބު ޙައްލު ގެންނަންޖެހޭ ކަމެކެވެ.
ޙުކުމް:
އިސްވެ ބަޔާން ކުރެވުނު ސަބުތައް އެގޮތަށް ހުރުމާއެކު، ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ރ) އާއި (ބ) އާއި، 60 ވަނަ މާއްދާއާއި، 61 ވަނަ މާއްދާއާއި، 62 ވަނަ މާއްދާގެ (ހ) އާއި، 63 ވަނަ މާއްދާއާއި، 127 ވަނަ މާއްދާއާއި، 129 ވަނަ މާއްދާއާ، އަދި 130 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟުވާ މާއްދާތަކެއް ކަމަށް ބުނެ، މުޙައްމަދު ނަޢީމް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށް ބަލައި ރިވިއު ކުރުމަށްފަހު، އިސްވެދިޔަ އެއްވެސް މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، އަދި ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ކަށަވަރުކޮށްދީފައިވާ ލާމަރްކަޒީ އުޞޫލަކާ ޚިލާފު މާއްދާތަކެއް ނޫންކަމަށާ، އަދި ބުނެވިދިޔަ ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ރ) އާއި، 62 ވަނަ މާއްދާގެ (ހ) އާއި، 63 ވަނަ މާއްދާ އާއި، 127 ވަނަ މާއްދާއާއި، 130 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއާއި ޚިލާފު މާއްދާތަކެއް ނޫންކަމަށާ، އަދި ބުނެވިދިޔަ ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ބ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) އާ، އަދި 232 ވަނަ މާއްދާގެ (ހ) އާއި ޚިލާފު މާއްދާއެއް ނޫންކަމަށާ، އަދި ބުނެވިދިޔަ ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 129 ވަނަ މާއްދާއާއި، 130 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 179 ވަނަ މާއްދާއާއި ޚިލާފު މާއްދާތަކެއް ނޫންކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފްފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު ޢާދަމް މުޙައްމަދު ޢަބްދުﷲފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.