—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2012/SC-C/34
ދަޢުވާކުރާ ފަރާތް: މުޙައްމަދު ޙަލީމް
ދަޢުވާ ލިބޭ ފަރާތް: ޢަލީ އާޡިމް
މުޙައްމަދު ނާޝިޒު
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 25 ނޮވެމްބަރ 2012
ރަޖިސްޓްރީކުރެވުނު ތާރީޚް: 303ޑިސެމްބަރ20123ެެެެ
ނިމުނު ތާރީޚް: 24 އޮކްޓޯބަރ 2013
މައްސަލަ ނިންމި ގަޑި: 18:30
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
މައްސަލައިގެ ޚުލާޞާ:
މިއީ ސާތިބު ދަރަންޏެއްއޮވެ، އެ ދަރަނީގެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުންނުދާނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންވެފައިއޮތްހިނދު، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމްއާއި އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒުގެ މައްޗަށް ޒިންމާގައި ސާބިތު ދަރަންޏެއްއޮވެ، އެ ދަރަނީގެ ފައިސާ ޙުކުމާ އެއްގޮތަށް އަދާކުރަމުންނުދާތީ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ގޮޑި އާއި އަލިފުށީ ދާއިރާގެ ގޮނޑި ހުސްވެފައިވާކަމާމެދު ޚިލާފު އުފެދިފައިވާތީ، މެދުހެންވޭރު ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެފައިވާ ޢަލީ ޢާޒިމާއި އަލިފުށީ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެފައިވާ މުޙައްމަދު ނާޝިޒު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުން ވަކިވެއްޖެތޯ ކަނޑައަޅައިދިނުމަށާއި، ޢަލީ ޢާޡިމާއި މުޙައްމަދު ނާޝިޒު އެ މަޤާމުން ވަކިކޮށްދެއްވުންއެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ނ. ވެލިދޫ އެލްޕާޝޯ މުޙައްމަދު ޙަލީމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި މައްސަލާގައި ދަޢުވާލިބިފައިވަނީ ހ. ނިއުކުއީން ޢަލީ ޢާޡިމްއާއި، މުޙައްމަދު ނާޝިޒު އަށެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަޢުވާ ބިނާކުރާ ސަބަބުތަކުގެ ގޮތުގައި މި މައްސަލާގައި ދަޢުވާކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 02 (ދެ) ސަބަބެއް ހުށަހަޅައި ވާހަކަދައްކާފައިވެ އެވެ. އޭގެ ތެރެއިން:
* ފުރަތަމަ ސަބަބަކީ، ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހި ނުދައްކާއޮތް 117 (ސަތޭކަ ސަތާރަ) މިލިއަން ރުފިޔާ ދެއްކުމަށް އެ ލޯނުތަކުގެ ގެރެންޓަރުންކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމްއާއި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒުގެ މައްޗަށް ޙުކުމްކޮށްފައިވާކަމަށާއި، އެ ޙުކުމާ އެއްގޮތަށް ސާބިތު ދަރަނީގެ ފައިސާ ޢަލީ ޢާޡިމްއާއި މުޙައްމަދު ނާޝިޒު ދައްކަމުންނުދާތީ، ސާބިތު ދަރަންޏަށް ފައިސާ ނުދެއްކުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންވެފައި އޮތަތީ ޢަލީ ޢާޡިމްއާއި މުޙައްމަދު ނާޝިޒުގެ މެންބަރުކަމުން ވަކިވެފައިވާ ކަމާމެދު ގިނަބައެއްގެ މެދުގައި ޚިލާފު އުފެދިފައިވާތީ ޕަބްލިކް އިންޓްރެސްޓް ލިޓިގޭޝަންގެ މައްސަލައެއްކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
* ދެވަނަ ސަބަބަކީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިވެއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފު އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ބަޔާންވެފައި ވާކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
2. މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާކުރާ ފަރާތާއި، ދަޢުވާލިބޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށާއި، އަދި އެ ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް މި މައްސަލައާ ގުޅޭގޮތުން ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކުގެ މައްޗަށް ދުސްތޫރީ، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެ އެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރާންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފު އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައެޅި ބަޔާންވެފައިވާ ހިނދު، އަދި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގައި ޤާނޫނުއަސާސީ ނުވަތަ ޤާނޫނުގައި އެ މައްސަލައެއް ބެލޭނީ ހަމައެކަނި ސުޕްރީމް ކޯޓުން ކަމަށް ކަނޑައަޅާފައިވާ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ކަނޑައަޅައި ބަޔާންކޮށް، ސުޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞްގެ ދަށުން ބެލޭ މައްސަލަތަކުގެ ތެރޭގައި، އެ ޤާނޫނު އެ މާއްދާގެ (ހ) ގައި ބުނާ "ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިގެން، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް" ހިމެނިފައިވާ ހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ކަމަށްވުމުން، މި މައްސަލައަކީ، ސުޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞްގެ ދަށުން ބަލަންޖެހޭ މައްސަލައެއްގެ ގޮތުގައި ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާ ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއްކަން ސާފުކޮށް އެނގެންއޮންނައޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި "އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ނ)ގެ 1 ވަނަ ނަންބަރުގައި "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކުކަމުގައިވުން" މިފަދައިން ބަޔާންވެފައިއޮތް ހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ދަޢުވާ ބިނާކޮށްފައިވާ ދެވަނަ އަސާސަކީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުކަން މި މައްސަލައިގެ ދަޢުވާގެ ޞީޣާއަށާއި މި މައްސަލައިގެ ދަޢުވާބިނާކުރާ ސަބަބުތަކުގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ބެލުމުން އެނގެންއޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގައި ދަޢުވާލިބޭ ހ. މޮހޮރީވިލާ މުޙައްމަދު ނާޝިޒު އާއި ހ. ނިއުކުއީން، ޢަލީ ޢާޡިމްއާއި މި ދެ ފަރާތުން މި ދަޢުވާއަށް ޖަވާބުދާރީވުމުގެ ގޮތުން މި މައްސަލައިގެ ދަޢުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވާ ވާހަކަތަކުގެމައްޗަށް ބަލާއިރު، މި މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ގެ ދަށުންކަމުގައިވާއިރު، މި މާއްދާގައިވާ ޢިބާރާތަށް ބަލާއިރު ދެ ޙާލަތެއް ބަޔާންވެފައި އޮންނަކަމަށާއި ފުރަތަމަ ޙާލަތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތުންކަމަށާއި، ދެވަނަ ޙާލަތަކީ، އެ ޙުކުމާ އެއްގޮތަށް ފައިސާ އަދާކުރަމުން ނުދިއުންކަމަށާއި، މައްސަލައިގެ ކަންހިނގާފައިވާގޮތަށް ބަލާއިރު މި ދެ ޙާލަތުވެސް ފުރިހަމަވެފައިނުވާކަމަށާއި ޤަޟިއްޔާ ނަންބަރު 935/MC/2009 ގެ މައްސަލައިގައި މަދަނީ ކޯޓުން ކޮށްފައިވާ ޙުކުމުގައި އަންގާފައިވަނީ ދަރަނި އަދާކުރަންޖެހޭ ފަރާތުން 7 ފެބްރުއަރީ 2010 ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި، އެ މަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ބޭންކް އޮފް މޯލްޑިވްސްއަށް ދައްކައި ޚަލާސްކުރުމަށާއި، މި މުއްދަތުގެ ތެރޭގައި ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދައްކާ ޚަލާސްނުކޮށްފިނަމަ 7 ފެބްރުއަރީ 2011 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި ދަޢުވާގައިވާ ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން ރަހުނުކޮށްފައިވާ އުޅަނދުތަކާއި، ތަންތަނާއި ތަކެތީގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވާ އެންމެހާ މިލްކުވެރިކަމުގެ ޙައްޤުތަކާއެކު އެ އުޅަނދުތަކާއި، ތަންތަނާއި ތަކެތި ބޭންކް އޮފް މޯލްޑިވްސްއާ ޙަވާލުކުރުމަށްކަމަށާއި، މި ޙުކުމުގައި ބަޔާންކޮށްފައިވާ ރަހުނުކޮށްފައިވާ އުޅަނދުތަކާއި، ތަންތަނާއި، ތަކެއްޗަކީ ދަޢުވާ ރައްދުވާ ފަރާތުގެ މިލްކުވެރިކަމުގެ އެއްވެސް ޙައްޤެއް ނުވާތަކެއްޗަށްވުމާއެކު، ޙުކުމުގެ ފުރަތަމަބައިގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކިފައިނުވުމުން، ޙުކުމުގެ ދެވަނަ ބަޔާ އެއްގޮތްވާ ގޮތުގެމަތިން މިތަކެތީގެ މިލްކިއްޔާތު ރައްދުކޮށްދިނުމުގެ ޒިންމާ އުފުލަންޖެހޭނީ މި ތަކެތީގެ ވެރިފަރާތްކަމުގައިވާ ކުންފުނިތަކުންކަމަށާއި، ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއަށް ބަލާއިރު ކުންފުންޏަކީ، ވަކި ޝަޚްސެއްކަމުގައިވާތީ، ދަޢުވާ ރައްދުވާ ފަރާތުގެ ފަރުދީ ހައިސިއްޔަތުން، މި ޒިންމާ އުފުލާކަށް ނުޖެހޭނެކަމަށާއި މި ޙުކުމުގައިވާ ފަދައިން ބޭންކް އޮފް މޯލްޑިވްސްއަށް ޙައްޤުވާ ދަރަނި އަދާކުރަންޖެހޭނީ މި ރަހުނު ތަންފީޒުކޮށްގެންކަމަށާއި އަދި މި ރަހުނު ތަންފީޒުކުރުމަކީ ދަޢުވާ ރައްދުވާ ފަރާތުގެ ޒިންމާއެއްނޫންކަމަށާ މިހެންކަމުން މި ޙުކުމުގެ ދަށުން ދަޢުވާ ރައްދުވާ ފަރާތުގެ މައްޗަށް ދަރަންޏެއް ސާބިތުވާކަމަށް ބެލެވޭނީ ރަހުނު ތަންފީޒުކުރުމަށް ފަހުގައިވެސް، އަދާކުރަންޖެހޭ ދަރަނި ޚަލާސް ނުވެ އޮތް ޙާލަތެއް މެދުވެރިވެ، ދަރަނީގެ ޚަލާސްނުވެއޮތް ޢަދަދުން ކަނޑައެޅިގެން ވަކި ޢަދަދެއް ދަޢުވާ ރައްދުވާ ފަރާތް ދައްކަންޖެހޭކަމަށް ކޯޓުން ނިންމުމުންކަމަށާއި، މިހާތަނަށް މި މައްސަލައިގާ މިފަދައިން ޢަމަލުކޮށް، އެއްވެސް ކޯޓަކުން މިފަދައިން ކަނޑައަޅައިފައިނުވާތީ، ދަޢުވާ ރައްދުވާ ފަރާތުގެ މައްޗަށް ސާބިތުވާ ދަރަންޏެއްއޮތްކަމުގައި ނުދެކޭކަމަށާއި، ރަހުނު ތަންފީޒުކުރަންޖެހުމުގެ އިތުރުން، ދަޢުވާ ރައްދުވާ ފަރާތުގެ މައްޗަށްވެސް ދަރަންޏެއްވާކަމަށް މި ޙުކުމް މާނަކުރެވިއްޖެނަމަ، ބޭންކް އޮފް މޯލްޑިވްސްއަށް ލިބެންޖެހޭ ފައިސާގެ އަދަދަށްވުރެ ބޮޑު ޢަދަދެއް އެ ފަރާތަށް ޙައްޤުވެގެންދިޔުން އެކަށީގެންވާ ކަމުގައި ފެންނަކަމަށާއި ސަބަބަކީ ރަހުނު ތަންފީޒްކުރުމުން ދަރަނި މުޅިން ޚަލާސްވާންއޮތް ޙާލަތުގައި، ދަޢުވާރައްދުވާ ފަރާތުގެ މައްޗަށްވެސް މި ދަރަނީގެ ޢަދަދު ދައްކަންޖެހޭކަމުގައި ވާނަމަ، ބޭންކް އޮފް މޯލްޑިވްސް އަށް އިތުރު ފައިދާތަކެއް ލިބޭއިރު، ދަޢުވާ ރައްދުވާފަރާތުގެ ޙައްޤުތަކެއް ގެއްލިގެންދާނެތީކަމަށާއި، ޤަޟިއްޔާ ނަންބަރު 935/MC/2009 މައްސަލައިގައި މަދަނީ ކޯޓުން ކޮށްފައިވާ ޙުކުމުގައިވަނީ، ދަރަނި އަދާކުރަންޖެހޭނީ 7 ފެބްރުއަރީ 2011 ގެ ނިޔަލަށް ހަމަވާ 12 މަހުގެ މުއްދަތުގެ ތެރޭގައި ކަމަށާއި އަދި ދަރަނި އަދާނުކުރުމުން، ރަހުނުކޮށްފައިވާ ތަކެތީގެ މިލްކުވެރިކަން ރައްދުކޮށްދޭން ޖެހޭނީ 22 ފެބްރުއަރީ 2011 ގެ ނިޔަލަށް 15 ދުވަހުގެ މުއްދަތެއްގެ ތެރޭގައިކަމަށާއި މިހެންކަމުން ދަރަނި އަދާކުރުމަށްޓަކައި ކަނޑައެޅިގެން ވަކި ތާރީޚެއް ޙުކުމުގައި ސާފު ޢިބާރާތުން ބަޔާންކޮށްފައިވާކަމަށާއި ނަމަވެސް މި މައްސަލައިގެ ޙުކުމް އިއްވިފަހުން، 18 މެއި 2010 ގައި މި މައްސަލަވަނީ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ޤަޟިއްޔާ ނަންބަރު 2010/HC-A/116 ގެ ދަށުން ހުށަހަޅާފައިކަމަށާއި، އިސްތިއުނާފްގެ މަރުހަލާ ފުރިހަމަވުމަށްފަހު މި މައްސަލައިގެ ޙުކުމް އިއްވާފައިވަނީ 27 ފެބްރުއަރީ 2012 ގައިކަމަށާއި އެއީ ދަރަނި އަދާކުރަންޖެހޭ މުއްދަތާއި، ރަހުނުގެ މިލްކުވެރިކަން ރައްދުކޮށްދިނުމަށް ކަނޑައަޅާފައިވާ ތާރީޚު ފާއިތުވެގެންދިޔަތާ 1 އަހަރާއި 5 ދުވަސްވީ ފަހުންކަމަށާއި ހައިކޯޓުން މި ޙުކުމުގައި ކަނޑައަޅާފައިވަނީ 935/MC/2009 ޤަޟިއްޔާގައި މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމުގައި ކަމަށާ ނަމަވެސް، ފަހުން އިއްވި މި ޙުކުމުގައި، އިސްތިއުނާފް ކުރުމަށްފަހުގައި ދަރަނި އަދާކުރުމަށް ހަމަޖެހިފައިވާ މުއްދަތެއް ނުވަތަ ތާރީޚެއް ކަނޑައަޅާފައިނުވާކަމަށާއި އަދި މަދަނީ ކޯޓުގެ ޙުކުމުގައިވާފަދައިން ދަރަނި އަދާކުރުމަށް ބަލާއިރު، މިޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތާއި ތާރީޚު ފާއިތުވެފައި އޮތުމުގެ ސަބަބުން، އެޙުކުމާ އެއްގޮތަށް ފައިސާ އަދާކުރުމަކީ މުސްތަޙީލުކަމެއްކަމަށާއި މިހެންކަމުން އިސްތިއުނާފް ކުރުމަށްފަހުގައި ހައިކޯޓުން އިއްވި ޙުކުމުގައި ފައިސާދެއްކުމަށް މުއްދަތެއް ކަނޑައަޅާފައިވާކަން ސާފުނުވުމުގެ ސަބަބުން، އަދި ކުރީގެ މަދަނީ ކޯޓުގެ ޙުކުމާ އެއްގޮތަށް ފައިސާދެއްކުމަކީ މުސްތަޙީލުކަމެއްކަމުގައިވާއިރު، ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާކަމަށް ބެލެވޭނެ ޖާގައެއްނެތްކަމަށާއި ފައިސާ ދެއްކުމުގެ މުއްދަތު ގުނަން ފެށޭނީ 27 ފެބްރުއަރީ 2012 އިން ފެށިގެންކަމަށާއި އަދި އެޕީލް މަރުޙަލާގައި ވަނިކޮށް އެއްވެސް މުއްދަތެއް ގުނިގެންވެސް ނުވާނެކަމަށާއި މިގޮތުން 1 އަހަރުވާނީ 27 ފެބްރުއަރީ 2013 ގައި ކަމަށާއި، ނަންބަރު 2010/HC-A/116 ޤަޟިއްޔާގެ ނިންމުން ނަންބަރު 935/MC/2009 ޤަޟިއްޔާގައި ކަނޑައަޅާފައިވާ މުއްދަތާއި އެއްފަދަ މުއްދަތެއް ދޭހަވާ ގޮތަކަށް މާނަ ކުރެވިދާނެކަމަށް ބެލެވޭ ޙާލަތުގައިވެސް ޙުކުމް އިއްވުމާއި، ޙުކުމް ތަންފީޒްކުރުމާއި ދޭތެރޭ އެފަދައިން އެކަށީގެންވާ މުއްދަތެއް ލިބިފައިނުވާކަމަށް ފާހަގަކުރެވޭކަމަށާއި ސަބަބަކީ، މުއްދަތު ގުނަންފެށޭނީ އިސްތިއުނާފީ މަރުޙަލާ ނިމުމަށްފަހުގައި ކަމުގައިވެފައި، އިސްތިއުނާފީ މަރުޙަލާގެ ތެރޭގައި ދަށު ކޯޓުގެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ދިޔުމަކީ، އިސްތިއުނާފްކުރުމުގެ މަޤްޞަދު ގެއްލިގެންދާ ކަމެއްކަމުގައިވާތީ ކަމަށާއި، އަދި އިސްތިއުނާފީ މަރުޙަލާގައި ފައިސާ ދައްކަމުން ދިޔުމަކީ ބުއްދީގެ ހަމަތަކުން ބެލިކަމުގައިވިޔަސް، ހަމަޖެހޭ އުޞޫލެއް ނޫންކަމަށާއި ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 1033/Cv-C/2012 ގެ ނިންމުމުގައިވެސް ޙުކުމްކޮށްފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 935/MC/2009 ޤަޟިއްޔާ ގައިވާ ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާ އޮތުމުން ކަމުގައިވާއިރު، އެ ޙުކުމާ އެއްގޮތަށް ފައިސާދެއްކުމަކީ ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން މުސްތަޙީލުކަމެއް ކަމަށާއި މީގެ އިތުރުން، މި ޙުކުމުގައި އިސްތިއުނާފީ މަރުޙަލާގެ އެއްވެސް ވާހަކައެއް ގެނެސްފައި ނުވާކަމަށް ފާހަގަކުރެވޭ ކަމަށާއި މިހެންކަމުން މި ޙުކުމުގައި ފައިސާދެއްކުމަށް "ދިގު މުއްދަތެއް" ދަޢުވާރައްދުވާ ފަރާތަށް ލިބިފައިވާކަމުގައި ކަނޑައަޅާފައިވީ ނަމަވެސް، ދަރަނި އަދާކުރުމަށްޓަކައި ދަޢުވާރައްދުވާ ފަރާތަށް ކުރިންވެސް ކޯޓުން ޙައްޤުވާކަމަށް ނިންމާފައިވާ ފުރިހަމަ މުއްދަތު ލިބިފައިވާކަމަށް ނުދެކޭކަމަށް ދަޢުވާރައްދުވާ ޢަލީ ޢާޡިމް އާއި މުޙައްމަދު ނާޝިޒް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ މި ޤަޟިއްޔާގައި ހުށަހަޅާފައިވާ ދަޢުވާގެ ޖަވާބުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 935/MC/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ބަލާއިރު، އެ މައްސަލައަކީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-692/2008) ގެ އެދުމަކަށް، ބޭންކް އޮފް މޯލްޑިވްސް ޕލކ (ރަޖިސްޓްރީ ނަންބަރު C-22/1982) އިން އެކި ފަހަރުމަތިން ދޫކޮށްފައިވާ 35،980،000.00ރ (ތިރީސް ފަސް މިލިއަން ނުވަލައްކަ އަށްޑިހަ ހާސް ރުފިޔާ) ގެ ޑިމާންޑް ލޯނާއި، US$3,500,000.00 (ތިން މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ޑިމާންޑް ލޯނާއި، 10،280،000.00ރ. (ދިހަ މިލިއަން ދެ ލައްކަ އަށްޑިހަ ހާސް ރުފިޔާ)ގެ އޯވަރޑްރާފްޓް ފެސިލިޓީއާއި، 12،000،000.00 (ބާރަ މިލިއަން ރުފިޔާ) ގެ އޯވަރޑްރާފްޓް ފެސިލިޓީ އާއި US$1,200,000.00 (އެއް މިލިއަން ދެ ލައްކަ އެމެރިކާ ޑޮލަރު) ގެ އޯވަރޑްރާފްޓް ފެސިލިޓީއަށް ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް އިން އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައިނުވާތީ، އެ 5 (ފަހެއް) ކްރެޑިޓް ފެސިލިޓީއަށް ދައްކަންޖެހޭ ފައިސާ އާއި އިންޓްރެސްޓް އަދި ޖޫރިމަނާ ފައިސާ އެކުގައި އެއްފަހަރާ ލިބިގަތުމަށް އެދި، އަދި އިސްވެ ބަޔާންކުރެވުނު ކްރެޑިޓް ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާއެކުގައި އެއްފަހަރާ އަދި ވަގުތުން ނުދެއްކޭނަމަ، އެ ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން ދަޢުވާލިބޭ ފަރާތްތަކުން ރަހުނުކޮށްފައިވާ އުޅަނދުތަކާއި، ތަންތަނާއި، ތަކެތީގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވާ އެންމެހާ މިލްކުވެރިކަމުގެ ޙައްޤުތަކާއި، އެހެނިހެން ޙައްޤުތައް ޝަރީޢަތް މެދުވެރިވެ، ވިއްކާލުމަށްފަހު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ފައިސާ ލިބިގަތުމަށް އެދި، ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން، ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ކަނބާލިފަރު އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރުC-911/2008) ގެ މައްޗަށާއި، ހ. މޮހޮރީވިލާ މުޙައްމަދު ނާޝިޒު ގެ މައްޗަށާއި ހ. ނިއުކުއީން ޢަލީ ޢާޡިމް ގެ މައްޗަށާއި މ.ރަފީޤުގެ އަޙްމަދު ރަޝީދު ގެ މައްޗަށާއި، ރީތިބީޗް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-707/2008) ގެ މައްޗަށް ބޭންކް އޮފް މޯލްޑިވްސް ގެފަރާތުން ދަޢުވާކުރުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ މަދަނީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެކޯޓުގެ ނަންބަރު 935/MC/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ބަލާއިރު، އެ ޤަޟިއްޔާ ނިންމާފައިވަނީ، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް އަށް 35،980،000.00ރ. (ތިރީސް ފަސް މިލިއަން ނުވަލައްކަ އަށްޑިހަ ހާސް ރުފިޔާ) ގެ ޑިމާންޑް ލޯނަކާއި US$3,500,000.00 (ތިން މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ޑިމާންޑް ލޯނަކާއި،10,280,000.00 ރ. (ދިހަ މިލިއަން ދެ ލައްކަ އަށްޑިހަ ހާސް ރުފިޔާ) ގެ އޯވަރޑްރާފްޓް ފެސިލިޓީއަކާއި 12,000,000.00ރ. (ބާރަ މިލިއަން ރުފިޔާ)ގެ އޯވަރޑްރާފްޓް ފެސިލިޓީއަކާއި، US$1,200,000.00 (އެއްމިލިއަން ދެ ލައްކަ އެމެރިކާ ޑޮލަރު) ގެ އޯވަރޑްރާފްޓް ފެސިލިޓީއެއް ދޫކޮށްފައިވާކަމާއި، ދަޢުވާގައި ހިމެނޭ 05 (ފަހެއް) ކްރެޑިޓް ފެސިލިޓީ ދޫކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް ޕލކގެ ނަންބަރު BML/MAIN/AG-R49/2008 (24 ޖުލައި 2008) ރަހުނު އެއްބަސްވުމުގެ ދަށުން ލޯނު ނަގާ ފަރާތުގެ ޙައިޘިއްޔަތުން، ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑަށް ދިވެހި ސަރުކާރުން ކުއްޔަށްދޫކޮށްފައިވާ ތ. އަތޮޅު ފުނައްޑޫ ގައިވާ ހުރިހާ އިމާރާތަކާއި، އިންވެސްޓްމަންޓެއް ރަހުނުކުރުމަށްފަހު، އަދި ޔަޤީންކަންދޭ ފަރާތެއްގެ ޙައިޘިއްޔަތުންނާއި ރަހުނުގެ ވެރިފަރާތުގެ ހައިޘިއްޔަތުން، ކަނބާލިފަރު އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން "މަޑިވަރު3" (ރަޖިސްޓްރީ ނަންބަރު P2055A-0410-T) ޔޮޓު ރަހުނުކުރުމަށްފަހު، އަދި ޔަޤީންކަންދޭ ފަރާތެއްގެ ޙައިޘިއްޔަތުންނާއި ރަހުނުގެ ވެރިފަރާތުގެ ޙައިޘިއްޔަތުން، ރީތި ބީޗް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، "ރީތި ބީޗް ރިސޯޓް" (ރަޖިސްޓްރީ ނަންބަރު TRH-75) އާއި އެތަނުގައިވާ އެންމެހާ ޢިމާރާތްތަކާއި، ބިމާއި، ޚިދުމަތްދޭ ވަސީލަތްތަކާއި، މެޝިނަރީއާއި، އިކުއިޕްމަންޓް އާއި މަސައްކަތުގެ ސާމާނާއި، ފަރުނީޗަރާއި، ހަރުކުރެވިފައިވާ ތަކެއްޗާއި، ތަށި، ތެލި، ސަމުސަލާއި، ފޮތީގެ ސާމާނާއި، ސްޓޮކްގައި ހުރި ތަކެއްޗާއި، ލިބެންވާ ފައިސާ އާއި އަދި މިނޫންވެސް ލޯނު ދޫކުރެވުނު ހިނދު "ރީތި ބީޗް ރިސޯޓް" ގައި، އަދި "ރީތި ބީޗް ރިސޯޓް" އާ ގުޅުންހުރި، އެތަނުގައި ބޭނުންކުރެވޭ އެންމެހާ ތަކެތި ހިމެނޭގޮތަށް ރަހުނުކުރުމަށްފަހުގައިކަމާއި،
ބަޔާންކުރެވުނު ކްރެޑިޓް ފެސިލިޓީތަކަށް ޖަމްޢުކޮށް އަދި އަމިއްލަ ޙައިޘިއްޔަތުން ގެރެންޓީ އަދި އިންޑެމްނިޓީ ދިނުމުގުގޮތުން ކަނބާލިފަރު އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނާއި ރީތި ބީޗް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 22 ޖުލައި 2008 ތާރީޚުގައި ޔަޤީންކަންދިނުމުގެ ސިޓީގައި ސޮއިކޮށްފައިވާކަމާއި، ބަޔާންކުރެވުނު ކްރެޑިޓް ފެސިލިޓީތަކަށް ޖަމްޢުކޮށް އަދި އަމިއްލަ ޙައިޘިއްޔަތުން ގެރެންޓީ އަދި އިންޑެމްނިޓީ ދިނުމުގެ ގޮތުން ހ.މޮހޮރީވިލީ މުޙައްމަދު ނާޝިޒު އާއި ހ. ނިއުކުއީން ޢަލީ ޢާޡިމް އާއި، މ.ރަފީގުގެ އަޙްމަދު ރަޝީދު 22 ޖުލައި 2008 ތާރީޚުގައި ޔަޤީންކަންދިނުމުގެ ސިޓީގައި ސޮއިކޮށްފައިވާކަމާއި، ދަޢުވާލިބޭ ފަރާތްތަކުން ބުނެވުނު ކްރެޑިޓް ފެސިލިޓީތަކަށްވާ ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައިނުވާކަމާއި، ކްރެޑިޓް ފެސިލިޓީތައް ދޫކުރުމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ކަނޑައަޅާފައިވާ ޝަރުޠުތަކާއި ދަޢުވާލިބޭ ފަރާތްތަކުން ޚިލާފުވެފައިވާކަމާއި، މިގޮތުން ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްއަށް ދޫކުރި 35,980,000ރ. (ތިރީސް ފަސްމިލިއަން ނުވަލައްކަ އަށްޑިހަ ހާސް ރުފިޔާ) ގެ ޑިމާންޑް ލޯނަށް (އެކައުންޓް ނަންބަރު 7701-170520-304) 26 ޖެނުއަރީ 2010 ވަނަ ދުވަހުގެ ނިޔަލަށް 32،641،081.49ރ. (ތިރީސް ދެ މިލިއަން ހަލައްކަ ސާޅީސް އެއްހާސް އަށްޑިހަ އެއް ރުފިޔާ / ސާޅީސް ނުވަ ލާރި) ދައްކަންޖެހި ނުދައްކާ ވާކަމާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްއަށް ދޫކުރި US$3,500,000.00 (ތިން މިލިއަން ފަސް ލައްކަ އެމެރިކާ ޑޮލަރު) ގެ ޑިމާންޑް ލޯނަށް (އެކައުންޓް ނަންބަރު 7701-170520-305) 26 ޖެނުއަރީ 2010 ދުވަހުގެ ނިޔަލަށް US$3,137,911.82 (ތިން މިލިއަން އެއްލައްކަ ތިރީސް ހަތްހާސް ނުވަސަތޭކަ އެގާރަ ޕޮއިންޓް އަށެއް ދޭއް އެމެރިކާ ޑޮލަރު) ދައްކަން ޖެހި ނުދައްކައި ވާކަމާއި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްއަށް ދޫކުރި 10,280,000.00ރ. (ދިހަމިލިއަން ދެލައްކަ އަށްޑިހަ ހާސް ރުފިޔާ) އޯވަރ ޑްރާފްޓް ފެސިލިޓީއާއި 12,000,000.00ރ. (ބާރަ މިލިއަން ރުފިޔާ) ގެ އޯވަރ ޑްރާފްޓް ފެސިލިޓީއަށް (އެކައުންޓް ނަންބަރ 7701-170520-001) 31 ޑިސެމްބަރ 2009 ވަނަ ދުވަހުގެ ނިޔަލަށް އެކު ޖުމްލަ 26,590,653.57ރ. (ސައްބީސް މިލިއަން ފަސްލައްކަ ނުވަދިހަ ހާސް ހަސަތޭކަ ފަންސާސް ތިން ރުފިޔާ / ފަންސާސް ހަތްލާރި) ދައްކަންޖެހި ނުދައްކާ ވާކަމާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި US$1,200,000.00 (އެއް މިލިއަން ދެ ލައްކަ އެމެރިކާ ޑޮލަރު) ގެ އޯވަރޑްރާފްޓް ފެސިލިޓީއަށް )އެކައުންޓް ނަންބަރު 7701-170520-002) 31 ޑިސެމްބަރ 2009 ދުވަހުގެ ނިޔަލަށް US$1,438,755.03 (އެއްމިލިއަން ހަތަރު ލައްކަ ތިރީސް އަށްހާސް ހަތްސަތޭކަ ފަންސާސް ފަހެއް ޕޮއިންޓް ސުމެއް ތިނެއް އެމެރިކާ ޑޮލަރު) ދައްކަންޖެހި ނުދައްކާ ވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށާއި، މި ފައިސާ އާއި ދަޢުވާ ލިބޭ ފަރާތުން ޙަވާލާދެވުނު ކްރެޑިޓް ފެސިލިޓީތައް ލިބިގަތުމަށްޓަކައި އެއްބަސްވެފައިވާ ޝަރުޠުތަކާއި ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ އިންޓްރެސްޓް އަދި ޖޫރިމަނާ ފައިސާއަކީ ދަޢުވާލިބޭ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅުއްވައި، މި ފައިސާ ދެއްކުމުގެ ގޮތުން 07 ފެބްރުއަރީ 2010 ވަނަ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ، އެ މަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކާ ޚަލާޞްކުރުމަށާއި، މި މުއްދަތުގެ ތެރޭގައި ދަޢުވާލިބޭ ފަރާތްތަކުން ކްރެޑިޓް ފެސިލިޓީތައް ލިބިގަތުމަށްޓަކައި އެއްބަސްވެފައިވާ ޝަރުޠުތަކާ ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ އެންމެހާ ފައިސާ އަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކާ ޚަލާޞް ނުކޮށްފިނަމަ، 07 ފެބްރުއަރީ 2011 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދަޢުވާގައިވާ ކްރެޑިޓް ފެސިލިޓީތަކާއި ގުޅިގެން ރަހުނުކޮށްފައިވާ އުޅަނދުތަކާއި، ތަންތަނާއި ތަކެތީގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވާ އެންމެހާ މިލްކުވެރިކަމުގެ ޙައްޤުތަކާއެކު އެ އުޅަނދުތަކާއި، ތަންތަނާއި ތަކެތި ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި ޙަވާލުކުރުމަށް ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-692/2008) އަށާއި، ކަނބާލިފަރު އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-911/2008) އަށާއި، ހ.މޮހޮރީވިލާ މުޙައްމަދު ނާޝިޒު އަށާއި ހ. ނިއުކުއީން ޢަލީ ޢާޒިމް އަށާއި، މ.ރަފީގުގެ އަޙްމަދު ރަޝީދު އަށާއި، ރީތި ބީޗް ރިސޯޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-707/2008) އަށް އަންގައި، ޙުކުމް ކުރައްވާފައިވާކަން މަދަނީ ކޯޓުގެ މި އިޝާރާތްކުރެވުނު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލެމުން އެނގެންއޮތުމުން، ބުނެވުނު މަދަނީ ކޯޓުގެ ނަންބަރު 935/MC/2009 ޤަޟިއްޔާގައި ބޭންކް އޮފް މޯލްޑިވްސް ގެ ފަރާތުން ކޮށްފައިވާ ދަޢުވާގެ ދަށުން ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާ އެންމެހައި ފައިސާއަކީ، އެ ޤަޟިއްޔާގައި ދަޢުވާލިބުނު ހުރިހާ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަންޖެހޭ ފައިސާއެއްކަމާއި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ދަށުން، އެ ޤަޟިއްޔާގައި ދަޢުވާލިބުނު ފަރާތްތަކުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާ ހުރިހާ ފައިސާއެއް، ބޭންކް އޮފް މޯލްޑިވްސްއަށް ދައްކައި ޚަލާޞްކުރަންޖެހެނީ އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާ ތާރީޚްކަމުގައިވާ 2010/02/07 ވަނަ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ މަހަކަށް ދައްކަންޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަމުންގޮސްކަމާއި، ބުނެވުނު މަދަނީކޯޓުގެ ޤަޟިއްޔާގެ ދަށުން ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާ އެންމެހައި ފައިސާ އެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަންޖެހޭ ފަރާތްތަކުގެ ތެރޭގައި ހ. ނިއުކުއީން ޢަލީ ޢާޡިމް އާއި ހ. މޮހޮރީވިލާ މުޙައްމަދު ނާޝިޒު ހިމެނޭކަމާއި މިކަންކަން އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 935/MC/2009 ގެ ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 935/MC/2009 ޤަޟިއްޔާ ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެ ނިންމުން އިސްތިއުނާފް ކޮށްދިނުން އެދި ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްއާ، ހ.މޮހޮރީވިލާ މުޙައްމަދު ނާޝިޒް އާއި ހ. ނިއު ކުއީން ޢަލީ ޢާޡިމްއާއި، މ. ރަފީޤުގެ އަޙްމަދު ރަޝީދު އާއި، ރީތި ބީޗް ޕްރައިވެޓް ލިމިޓެޑާއި، ކަނބާލިފަރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މި ފަރާތްތަކުން 2010/05/18 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މަދަނީކޯޓުގެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފްކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބައްލަވައި ނިންމެވި އެ ކޯޓުގެ ނަންބަރު 2010/HC-A/116 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާ ނިންމަވާފައިވަނީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑާއި، ހ.މޮހޮރީވިލާ މުޙައްމަދު ނާޝިޒް އާއި ހ. ނިއުކުއީން ޢަލީ ޢާޡިމްއާއި، މ. ރަފީގުގެ އަޙްމަދު ރަޝީދު އާއި، ރީތި ބީޗް ޕްރައިވެޓް ލިމިޓެޑާއި، ކަނބާލިފަރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، މަދަނީ ކޯޓުގެ ނަންބަރު 935/MC/2009 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި، އެ ޤަޟިއްޔާގައި މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާކަމާއި އެގޮތުގެމަތިން އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ 2012/02/27 ގައި ކަމާއި މިކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/116 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮންކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 116/HC-A/2010 ޤަޟިއްޔާގައި ނިންމަވާފައިވާ ޙުކުމަކީ ޠަޢުނުކުރުމުގެ ހުރިހާ މަގުތަކެއް މިހާރު ބަންދުވެ ނިހާއީ ޙުކުމުގެ ބާރު ލިބިފައިވާ ޙުކުމެއްކަން އެނގެންއޮންނައޮތުމެވެ.
(އ) އަށްވަނަ ކަމަކީ، "ގެރަންޓަރ" ((gurantor ނުވަތަ "ޟާމިން" (ضامن) އާއި، "ޝުރިޓީ" (surety) ނުވަތަ "ކަފީލް" (كفيل) އަކީ ތަފާތު ދެ ޤާނޫނީ މަރްކަޒުގެ ވެރި ފަރާތްތައްކަން، އިސްލާމީ ޝަރީޢަތުގެ މަދަނީ އަދި ތިޖާރީ މަބްދައުތައް ތަޤްނީން ކުރެވިފައިވާ "މަޖައްލަތުލް އަޙްކާމުލް ޢަދްލިއްޔާ" (مجلة الأحكام العدلية) އަށާއި، ރޯމަން ޤާނޫނުން ދެމިގެން އައިސްފައިވާ ތަފާތު ޤާނޫނީ ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ މަދަނީ އަދި ތިޖާރީ ޢާންމު މަބްދައުތަކަށް ބެލުމުން އެނގެން އޮންނައިރު، އުޞޫލެއްގެ ގޮތުން "ޝުރިޓީ" ނުވަތަ "ކަފީލް" ދަރަންޏަށް ޒިންމާވަނީ އަޞްލު ދަރަނިވެރިޔާއަށް ދަރަނި އަދާ ނުކުރެވިދާ ޙާލަތުގައި ނުވަތަ ރަހްނު އެކުލެވިގެންވާ ދަރަނިތަކުގައި ރަހްނު ވިއްކައިގެންވެސް ދަރަނި އަދާ ނުކުރެވޭ ޙާލަތުގައި ކަމަށް ވީނަމަވެސް، އުޞޫލެއްގެ ގޮތުން "ގެރަންޓަރ" ނުވަތަ "ޟާމިން" އަކީ، ދަރަނި ވެރިޔާއާއި އެކު އަދި އެ ދަރަނީގައި ހިމެނޭ އެހެން "ގެރަންޓަރ" އިންނާއެކު، ފަރްދީ ގޮތުންނާއި ޖަމާއީ ގޮތުން "ތަޟާމުނީ" (collective) މަސްއޫލިއްޔަތެއް އުފުލަންޖެހޭ ފަރާތެއްކަން އެނގެން އޮންނައިރު، މަދަނީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 935/MC/2009 ޤަޟިއްޔާގައި ބުނެފައިވާ ލޯނު، އެ ޤަޟިއްޔާގައި ބުނެފައިވާ ފަރާތަށް ދޫކޮށްފައިވަނީ، މި ޤަޟިއްޔާގައި ދަޢުވާ ލިބޭ ހ. ނިއުކުއީން ޢަލީ ޢާޡިމް އާއި ހ. މޮހޮރީވިލާ މުޙައްމަދު ނާޝިޒު އާ ދެ މީހުންވެސް ވަކިވަކިންނާއި، ޖަމާޢީކޮށްވެސް އިސްވެ ބަޔާންވެދިޔަ ދަރަންޏަށް 'ޟާމިން' ވާކަމަށް ބުނެ، އެއްވެސް ފަރާތެއްގެ މަޖްބޫރު ކުރުމެއްނެތި އަމިއްލަ އިޚްތިޔާރާއި ރުހުމުގައި، ބޭންކް އޮފް މޯލްޑިވްސް ގައި ޞަރީޙަ ބަހުން ވެފައިވާ އިޤްރާރުގެ މައްޗަށް ބިނާކޮށްގެންކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކުން ރަނގަޅަށް އެނގެން އޮންނާތީ، ބޭންކް އޮފް މޯލްޑިވްސް އިން ދަރަނި ދޫކޮށްފައިވާ ފަރާތަކީ ޙަޤީޤަތުގައި ދަޢުވާ ލިބޭ ދެ މީހުން ނޫން ކަމަށާއި އެ ދަރަންޏާމެދު އެ ދެ މީހުން ޒިންމާ ވާންޖެހޭނީ ބޭންކް އޮފް މޯލްޑިވްސްއިން ދަރަނިދޫކޮށްފައިވާ ފަރާތް އެ ދަރަނި އަދާކުރުމަށް ނުކުޅެދިއްޖެ ޙާލަތެއްގައި ކަމަށާއި، އެ ދެ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ބޭންކް އޮފް މޯލްޑިވްސްއަށް އަދި ލިބިގެން ނުވާކަމަށް ބުނެ މި ޤަޟިއްޔާގައި ދަޢުވާ ލިބޭ ޢަލީ ޢާޒިމާއި މުޙައްމަދު ނާޝިޒުއާ ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފް ވާހަކަތަކަކަށްވާތީ އެއީ ޤާނޫނީގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަން ރަނގަޅަށް އެނގެން އޮންނަކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި "އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކު އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ." މިހެން ބަޔާންވެފައިއޮތް އޮތުމަށާއި، އަދި އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން" މިގޮތަށް ބަޔާންވެފައި އޮތް އޮތުމަށް ބަލާއިރު، ބުނެވުނު މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތަކީ އެ ޙާލަތުގައިވާ އެއްވެސް މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވުން ޤާނޫނުއަސާސީގެ ދަށުން މުޅިން މަނާކުރާ ޙާލަތެއްކަމާ އަދި، ހަމައެހެންމެ ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށްވެސް ބުނެވުނު މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތު މެދުވެރިވެއްޖެނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ޤާނޫނީއަސާސީގެ ބާރުން ވަކިވާނެކަމާއި، މިކަންކަން މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގޭކަމާއި، މިގޮތުން ބުނެވެނު މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ޙާލަތް މެދުވެރިވެފައިވާ މީހަކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވުމަށް ހުރަސްއަޅަނީ، އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ޙާލަތު މެދުވެރިވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ޤާނޫނުއަސާސީގެ ބާރުން ވަކިވާނީ ދެ ކަމެއް ފުރިހަމަވުމުންކަމާއި އޭގެ ތެރެއިން އެއް ކަމަކީ ޝަރީޢަތުން ކޮށްފައިވާ ޙުކުމެއްގެ ދަށުން އެމީހެއްގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް އޮތުންކަމާއި އަދި ދެވަނަކަމަކީ، ޝަރީޢަތުން އެ މީހެއްގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ކޮށްފައިވާ ޙުކުމުގައި އެ ދަރަނި އަދާކުރުމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ދަރަނި އަދާކުރަމުން ނުދިއުންކަން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގެން އޮތުމުން، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ޙާލަތަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވުން މަނާކުރާ އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ޤާނޫނުއަސާސީގެ ބާރުން ވަކިވާ ޙާލަތެއްކަން ކަނޑައެޅިގެން އެނގެން އޮތުމާއެކު، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނާ ސާބިތު ދަރަންޏަށް، އެ ދަރަނި ދެއްކުން ކަށަވަރުކުރުމުގެ ގޮތުން ބެހެއްޓޭ ރަހުނެއް ނުވަތަ އެ ނޫންވެސް ސެކިއުރިޓީ އެއްގެ ސަބަބުން އިސްތިޘްނާ އެއްވާކަމަށް ޤާނޫނުއަސާސީގެ ބުނެވިދިޔަ ނައްޞު މާނަކުރުމުގެ އެއްވެސް އިޙްތިމާލެއް ނެތްއިރު، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނާ "ސާބިތު ދަރަނި" މި ލަފުޒުގެ މާނައިގައި އެ ދަރަންޏެއް ދެއްކުން ގެރެންޓީކުރުމުގެ ގޮތުން ރަހުނެއް ނުވަތަ އެނޫންވެސް އެފަދަ ސެކިއުރިޓީއެއް ބެހެއްޓިފައި ހުންނަ ހުރުމަކީ، އެދަރަނި ނުދައްކައި އޮންނަ ޙާލަތުގައި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ޞަރީޙަ ނައްޞު މިނޫންގޮތަކަށް ތަފްސީރުކޮށް އިސްތިސްނާއެއް ދެވިދާނެ ސަބަބެއްކަމަށް ބެލެންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމެވެ.
ޙުކުމް
އިސްވެ ބުނެވިދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މަދަނީ ކޯޓުގެ ނަންބަރު 935/MC/2009 ޤަޟިއްޔާގައި، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން، ހ. ނިއުކުއީން ޢަލީ ޢާޡިމްއާއި، ހ.މޮހޮރީވިލާ މުޙައްމަދު ނާޝިޒް އާއި މި ދެ މީހުން ހިމެނޭ ގޮތުން އެ ޤަޟިއްޔާގައި ދަޢުވާލިބޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްގެ އެދުމަކަށް، ބޭންކް އޮފް މޯލްޑިވްސްއިން އެކިފަހަރު މަތިން ދޫކޮށްފައިވާ 35,980,000,00 ރ. (ތިރީސް ފަސް މިލިއަން ނުވަލައްކަ އަށްޑިހަހާސް ރުފިޔާ) ގެ ޑިމާންޑް ލޯނާއި US$3,500,000.00 (ތިން މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ޑިމާންޑް ލޯނާއި، 10،280،000.00ރ. (ދިހަ މިލިއަން ދެލައްކަ އަށްޑިހަ ހާސް ރުފިޔާ) ގެ އޯވަރޑްރާފްޓް ފެސިލިޓީއާއި 12,000,000.00 ރ. (ބާރަމިލިއަން ރުފިޔާ) ގެ އޯވަރ ޑްރާފްޓް ފެސިލިޓީ އާއިUS$1,200,000.00 (އެއް މިލިއަން ދެ ލައްކަ އެމެރިކާ ޑޮލަރު) ގެ އޯވަރޑްރާފްޓް ފެސިލިޓީއަށް، ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްއިން އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައިނުވާތީ، އެ 5 (ފަހެއް) ކްރެޑިޓް ފެސިލިޓީއަށް ދައްކަންޖެހޭ ފައިސާ އާއި އިންޓަރެސްޓް އަދި ޖޫރިމަނާ ފައިސާ އެކުގައި އެއްފަހަރާ ލިބިގަތުމަށާއި، އަދި އިސްވެ ބަޔާންކުރެވުނު ކްރެޑިޓް ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ އެކުގައި އެއްފަހަރާ އަދި ވަގުތުން ނުދެއްކޭނަމަ، އެ ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން ދަޢުވާލިބޭ ފަރާތްތަކުން ރަހުނުކޮށްފައިވާ އުޅަނދުތަކާއި، ތަންތަނާއި ތަކެތީގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވާ އެންމެހާ މިލްކުވެރިކަމުގެ ޙައްޤުތަކާއި އެހެނިހެން ޙައްޤުތައް ޝަރީޢަތް މެދުވެރިވެ ވިއްކާލުމަށްފަހު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ފައިސާ ލިބިގަތުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެ ޤަޟިއްޔާގެ ދަޢުވާގެ ޞީޣާއިން އެނގެން އޮންނައިރު، 2010/02/07 ގައި މަދަނީ ކޯޓުން އެ ޤަޟިއްޔާ ނިންމަވާފައިވަނީ އެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތްތަކުން އެ ދަޢުވާގައި ބުނެފައިވާ ކްރެޑިޓް ފެސިލިޓީތަކަށްވާ ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައި ނުވާކަމަށާއި، ކްރެޑިޓް ފެސިލިޓީތައް ދޫކުރުމުގައި ބޭންކް އޮފް މޯލްޑިވްސް އިން ކަނޑައަޅާފައިވާ ޝަރުޠުތަކާއި ދަޢުވާލިބޭ ފަރާތްތަކުން ޚިލާފުވެފައިވާކަމަށާއި މިގޮތުން ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި 35،980،000.00ރ. (ތިރީސް ފަސް މިލިއިން ނުވަލައްކަ އަށްޑިހަ ހާސް ރުފިޔާ) ގެ ޑިމާންޑް ލޯނަށް 26 ޖެނުއަރީ 2010 ދުވަހުގެ ނިޔަލަށް 32،641،081.49ރ. (ތިރީސް ދެ މިލިއަން ހަލައްކަ ސާޅީސް އެއްހާސް އަށްޑިހަ އެއް ރުފިޔާ / ސާޅީސް ނުވަލާރި) ދައްކަންޖެހި ނުދައްކާވާކަމަށާއި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި US$3,500,000.00 (ތިން މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ޑިމާންޑް ލޯނަށް 26 ޖެނުއަރީ 2010 ދުވަހުގެ ނިޔަލަށް US$3,137,911.82 (ތިން މިލިއަން އެއްލައްކަ ތިރީސް ހަތްހާސް ނުވަސަތޭކަ އެގާރަ ޕޮއިންޓް އަށެއް ދޭއް އެމެރިކާ ޑޮލަރު) ދައްކަންޖެހި ނުދައްކާވާކަމަށާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި 10,280,000.00ރ. (ދިހަ މިލިއަން ދެ ލައްކަ އަށްޑިހަ ހާސް ރުފިޔާ) ގެ އޯވަރޑްރާފްޓް ފެސިލިޓީއާއި، 12,000,000.00ރ. (ބާރަ މިލިއަން ރުފިޔާ) ގެ އޯވަރޑްރާފްޓް ފެސިލިޓީއަށް 31 ޑިސެމްބަރ 2009 ދުވަހުގެ ނިޔަލަށް އެކު ޖުމްލަ 26,590,653.57ރ. (ސައްބީސް މިލިއަން ފަސްލައްކަ ނުވަދިހަ ހާސް ހަސަތޭކަ ފަންސާސް ތިން ރުފިޔާ / ފަންސާސް ހަތްލާރި) ދައްކަންޖެހި ނުދައްކާވާކަމަށާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި US$1,200,000.00 (އެއް މިލިއަން ދެ ލައްކަ އެމެރިކާ ޑޮލަރު) ގެ އޯވަރޑްރާފްޓް ފެސިލިޓީއަށް 31 ޑިސެމްބަރ 2009 ދުވަހުގެ ނިޔަލަށް US$1,438,755.03 (އެއްމިލިއަން ހަތަރު ލައްކަ ތިރީސް އަށްހާސް ހަތްސަތޭކަ ފަންސާސް ފަހެއް ޕޮއިންޓް ސުމެއް ތިނެއް އެމެރިކާ ޑޮލަރު) ދައްކަންޖެހި ނުދައްކާވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށާއި، މި ފައިސާއާއި އަދި މިފައިސާގެ އިތުރަށް (ދަޢުވާލިބޭ ފަރާތްތަކުން) ޙަވާލާދެވުނު ކްރެޑިޓް ފެސިލިޓީތައް ލިބިގަތުމަށްޓަކައި އެއްބަސްވެފައިވާ ޝަރުޠުތަކާ ދަޢުވާލިބޭ ފަރާތްތަކުން ޚިލާފުވުމުގެ ސަބަބުން އެގްރީމެންޓާ އެއްގޮތްވާ ގޮތުގެމަތިން ދައްކަންޖެހޭ އިންޓަރެސްޓާއި ޖޫރިމަނާއަކީ ދަޢުވާލިބޭ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވސް ޕލކ އަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، މިފައިސާ ދެއްކުމުގެ ގޮތުން 07 ފެބްރުއަރީ 2010 ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ، އެމަހަކަށް ދައްކަން ޖެހޭ އަދަދަށް ވުރެ މަދުނޫން ޢަދަދެއް ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކައި ޚަލާޞްކުރުމަށާއި މި މުއްދަތުގެ ތެރޭގައި ދަޢުވާ ލިބޭފަރާތްތަކުން އެ ކުރެޑިޓް ފެސިލިޓީތައް ލިބިގަތުމަށްޓަކައި އެއްބަސް ވެފައިވާ ޝަރްޠުތަކާ ޚިލާފުވުމުގެ ސަބަބުން ދައްކަން ޖެހޭ އެންމެހައި ފައިސާ އެކީ، ބޭންކް އޮފް މޯލްޑިވްސްއަށް ދައްކައި ޚަލާސް ނުކޮށްފިނަމަ 7 ފެބްރުއަރީ 2011 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި ދަޢުވާގައިވާ ކުރެޑިޓް ފެސިލިޓީތަކާގުޅިގެން ރަހުނުކޮށްފައިވާ އުޅަނދުތަކާއި، ތަންތަނާއި ތަކެތީގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވާ މިލްކުވެރިކަމުގެ އެންމެހައި ޙައްޤުތަކާއެކު އެއުޅަނދުތަކާއި ތަންތަނާއި ތަކެތި، ބޭންކް އޮފް މޯލްޑިވްސް ޕލކ އާ ޙަވާލުކުރުމަށް ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑަށާއި ކަނބާލިފަރު އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށާއި، ހ. މޮހޮރީވިލާ މުޙައްމަދު ނާޝިޒުއަށާއި، ހ. ނިއުކުއީން ޢަލީ ޢާޡިމް އަށާއި، މ. ރަފީގުގެ އަޙްމަދު ރަޝީދުއަށާއި، ރީތި ބީޗް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމް ކޮށްފައިވާކަން މަދަނީ ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 2009/MC/935 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފުކުރި އެކޯޓުގެ ނަންބަރު 116//HC-A2010 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޙަވާލާދެވުނު މަދަނީ ކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށްކަން އެނގެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ ނިމިފައިވަނީ 27/02/2012 ގައި ކަމަށްވާއިރު، އެޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމަށް ޤާނޫނީ ގޮތުން ލިބިފައިވާ މުއްދަތު ފަހަނަޅައި ދިޔައިރު، އެއްވެސް ފަރާތަކުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައި ނުވާތީ މަދަނީ ކޯޓުގެ ނަންބަރު 2009/MC/935 ޤަޟިއްޔާއާއި އެޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 116/HC-A/2010 ޤަޟިއްޔާއާއި މިދެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމްތަކަކީ ޠަޢުނުކުރުމުގެ ފުރުޞަތު ގެއްލިފައިވާ ފައިޞަލާކުރަނިވި ޙުކުމް ދެމި އޮތުމުގެ ސަބަބުން ތަންފީޒީ ބާރު (Res Judicata) ލިބިގެންވާ ޙުކުމްތަކެއްކަން އެނގެން އޮންނަ ހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ދުސްތޫރީ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައި ވަނީ މަދަނީ ކޯޓުގެ ބުނެވި ދިޔަ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ އެކޯޓުގެ ނަންބަރު 116/HC-A/2010 ޤަޟިއްޔާ އެކޯޓުން ނިންމިތާ އަށް މަސް ފާއިތުވެގެން ދިޔަ ފަހުން ކަމަށްވާއިރު، ހ. ނިއުކްއީން ޢަލީ ޢާޡިމްއާއި ހ. މޮހޮރީވިލާ މުޙައްމަދު ނާޝިޒް އާއި މިދެމީހުންގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ދައްކާފައިވާ ވާހަކަތަކުން، މަދަނީ ކޯޓުގެ ނަންބަރު 2009/MC/935 ޤަޟިއްޔާގެ ދަށުން އެދެމީހުން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާ ފައިސާ އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ދައްކަމުން ނުދާކަން ސާބިތުވާތީއާއި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރަކު އެމަޖިލީހުގެ މެންބަރުކަމުން ވަކިވާނޭ ޙާލަތުތައް ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރިއިރު، އެމަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުވެފައިވާ މީހަކު، މެންބަރުކަމުން ވަކިވާނޭ ފުރަތަމަ ޙާލަތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެފައި، އެދަރަނި ޙުކުމާއެއްގޮތަށް އަދާކުރަމުން ނުދާމީހަކު ކަމުގައި ވުންކަމަށް ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ސާފުބަހުން ބުނެފައިވާތީ މިއަދު (2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު) މިޤަޟިއްޔާގައި ޙުކުމް ކުރާ ވަގުތުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ހ. ނިއުކްއީން ޢަލީ ޢާޡިމްއާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު، ހ. މޮހޮރީވިލާ މުޙައްމަދު ނާޝިޒްއާ މިދެމީހުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާތީ އެދެމީހުންގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން އާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ތަފާތުވި ރަޢުޔު.
މިއީ، ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ 5 (ފަހެއް) ކްރެޑިޓް ފެސިލިޓީއަކަށް ދައްކަންޖެހި ނުދައްކައި އޮތް 117 މިލިއަން ރުފިޔާގެ އެ ކްރެޑިޓް ފެސިލިޓީތަކުގެ ގެރެންޓަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ހ.ނިއުކްއީން، ޢަލީ އާޡިމާއި އަލިފުށީ ދާއިރާގެ މެންބަރު ހ.މޮހޮރީވިލާ، މުޙައްމަދު ނާޝިޒު ހިމެނޭގޮތަށް އެ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ޙުކުމާ އެއްގޮތަށް ސާބިތު ދަރަނީގެ ފައިސާ ޢަލީ އާޡިމާއި މުޙައްމަދު ނާޝިޒުއާ ދެ މީހުން ދައްކަމުން ނުދާތީއާއި ސާބިތު ދަރަންޏަށް ފައިސާ ނުދެއްކުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އެ ދެ މެންބަރުން ވަކިވާނެ ކަމެއްކަން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައި އޮންނާތީއާއި ޢަލީ އާޡިމާއި މުޙައްމަދު ނާޝިޒުއާ ދެ މީހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމާމެދު ޖަމާޢަތުގެ ގިނަ ބައެއްގެ މެދުގައި ޚިލާފް އުފެދިފައިވާތީއާ އަދި މި މައްސަލައަކީ ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝަން އޮތް ކަމެއް ކަމަށްވާތީއާއި، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިވެއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެ ކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައިގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނާތީއާއި، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ހ.ނިއުކްއީން، ޢަލީ އާޡިމްއާ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު ހ.މޮހޮރީވިލާ، މުޙައްމަދު ނާޝިޒުއާ ދެ މީހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ނ.ވެލިދޫ، އެލްޕާޝޯ، މުޙައްމަދު ޙަލީމް ދަޢުވާ ކުރުމުން ބެލިފައިވާ މައްސަލައެކެއެވެ.
މި މައްސަލާގައި ދަޢުވާކުރި ފަރާތުންނާއި ދަޢުވާލިބޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2010/HC-A/116 ނަންބަރު ޤަޟިއްޔާއަށާއި، މަދަނީ ކޯޓުގެ 935/MC/2009 ނަންބަރު ޤަޟިއްޔާއަށާއި، ސިވިލް ކޯޓުގެ 1033/CV-C/2012 ނަންބަރު ޤަޟިއްޔާއަށާއި، ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) އަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ ދަށުން ޢަމަލުކުރެވޭ ގޮތާއި، ރަހުނު ހިމެނޭ ބޭންކް ލޯނު ނުވަތަ ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރުމުގައި ހުރި ތަފާތުގެ މައްޗަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ބޭންކް އޮފް މޯލްޑިވްސްއިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ޖުމްލަ 5 (ފަހެއް) ކްރެޑިޓް ފެސިލިޓީސްއަށް ދައްކަންޖެހޭ ފައިސާ އެއްބަސްވި ގޮތަށް ދައްކާފައި ނުވާތީ، އެކްރެޑިޓް ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ އެކުގައި އެއްފަހަރާ ނުދެއްކޭނަމަ، އެ ފެސިލިޓީތަކާ ގުޅިގެން ދަޢުވާލިބޭ ފަރާތްތަކުން ރަހުނު ކޮށްފައިވާ އުޅަނދުތަކާއި ތަންތަނާއި ތަކެތީގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް އޮތް މިލްކުވެރިކަމުގެ އެންމެހައި ޙައްޤުތަކާއި އެހެނިހެން ޙައްޤުތައް ޝަރީޢަތް މެދުވެރިކޮށް ވިއްކާލުމަށްފަހު، ބޭންކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑާއި ކަނބާލިފަރު އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް އާއި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ނާޝިޒު އާއި ހ.ނިއުކްއީން، ޢަލީ އާޡިމް އާއި މ.ރަފީޤުގެ، އަޙްމަދު ރަޝީދުގެ މައްޗަށް ބޭންކް އޮފް މޯލްޑިވްސްއިން ދަޢުވާ ކުރުމުން މަދަނީ ކޯޓުގެ ނަންބަރު 935/MC/2009 ނަންބަރު ޤަޟިއްޔާގައި އެ މައްސަލަ ބަލާފައިވާކަމެވެ.
(ށ) ދެވަނަ ކަމަކީ، އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރި ދަޢުވާގައި މަދަނީ ކޯޓުން އެ ކޯޓުގެ ނަންބަރު 935/MC/2009 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާ ގޮތަށް ބަލާއިރު، ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްގެ އެދުމަކަށް ބޭންކް އޮފް މޯލްޑިވްސް އިން އެކި ފަހަރު މަތިން ދޫކޮށްފައިވާ ޖުމްލަ 5 (ފަހެއް) ކްރެޑިޓް ފެސިލިޓީސްއަށް ދައްކަންޖެހޭ ފައިސާއާއި އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ އެކުގައި އެއްފަހަރާ ވަގުތުން ހޯދުމަށާއި، ވަގުތުން އެއްފަހަރާ ނުދެއްކޭނަމަ، ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން ދަޢުވާލިބޭ ފަރާތްތަކުން ރަހުނު ކޮށްފައިވާ އުޅަނދުތަކާއި، ތަންތަނާއި، ތަކެތީގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް އޮތް މިލްކުވެރިކަމުގެ އެންމެހައި ޙައްޤުތަކާ އެހެނިހެން ޙައްޤުތައް ޝަރީޢަތް މެދުވެރިވެ ވިއްކާލުމަށްފަހު، ކްރެޑިޓް ފެސިލިޓީސް އަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ބޭންކް އޮފް މޯލްޑިވްސް އަށް ހޯދައިދިނުމަށް އެދި، އެ ބޭންކްގެ ފަރާތުން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށާއި، ކަނބާލިފަރު އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ރީތި ބީޗް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ހ.މޮހޮރީވިލާ، މުޙައްމަދު ނާޝިޒުގެ މައްޗަށާއި، ހ.ނިއުކްއީން، ޢަލީ އާޡިމްގެ މައްޗަށާއި، މ.ރަފީޤުގެ އަޙްމަދު ރަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް ނަޒަރުކޮށް، ކްރެޑިޓް ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވި ޝަރުޠުތަކާ ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ފައިސާއާއި އިންޓްރެސްޓާއި ޖޫރިމަނާއަކީ ދަޢުވާލިބޭ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅާފައިވާ ކަމާއި އެ ފައިސާ ދެއްކުމުގެ ގޮތުން 7 ފެބްރުއަރީ 2010 އިން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ބޭންކް އޮފް މޯލްޑިވްސްއަށް ދައްކައި ޚަލާޞް ކުރުމަށާއި މި މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ޚަލާޞް ނުކޮށްފިނަމަ، 7 ފެބްރުއަރީ 2011 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން ރަހުނުކޮށްފައިވާ އުޅަނދުތަކާއި، ތަންތަނާއި ތަކެތީގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވާ އެންމެހައި މިލްކުވެރިކަމުގެ ޙައްޤުތަކާއެކު އުޅަނދުތަކާއި، ތަންތަނާއި ތަކެތި ބޭންކް އޮފް މޯލްޑިވްސްއާ ޙަވާލުކުރުމަށް ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑާއި ކަނބާލިފަރު އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި، ރީތި ބީޗް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއި، ހ.މޮހޮރީވިލާ، މުޙައްމަދު ނާޝިޒުގެ މައްޗަށާއި، ހ.ނިއުކްއީން، ޢަލީ އާޡިމްގެ މައްޗަށާއި، މ.ރަފީޤުގޭ، އަޙްމަދު ރަޝީދުގެ މައްޗަށް ޙުކުމްކޮށްފައިވާ ކަމެވެ.
(ނ) ތިންވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 935/MC/2009 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، ކްރެޑިޓް ފެސިލިޓީސް އަނބުރާ އަދާކުރުމުގެ ގޮތުން ދެ ގޮތަކަށް ދަޢުވާލިބޭ ފަރާތްތަކުން ޢަމަލުކުރުމުގެ އިޚްތިޔާރު އޮތްކަން އެނގޭކަމާއި، އޭގެ ތެރެއިން އެއްގޮތަކީ 7 ފެބްރުއަރީ 2010 ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ބޭންކް އޮފް މޯލްޑިވްސްއަށް ދައްކައި ޚަލާޞްކުރުން ކަމާ، މިގޮތަށް ލޯނުގެ ފައިސާ ނުދެއްކޭނަމަ، ޢަމަލުކުރަންޖެހޭ ދެވަނަ ގޮތަކީ 7 ފެބްރުއަރީ 2011 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި ރަހުނު ކޮށްފައިވާ އުޅަނދުތަކާއި، ތަންތަނާއި، ތަކެތީގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވާ އެންމެހައި މިލްކުވެރިކަމުގެ ޙައްޤުތަކާއެކު އެ އުޅަނދުތަކާއި، ތަންތަނާއި، ތަކެތި ބޭންކާ ހަވާލުކުރުން ކަމާއި، މަދަނީކޯޓުގެ ނަންބަރު 935/MC/2009 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ބޭންކުން ސިވިލް ކޯޓުގައި އެދިފައިވާ ގޮތަކީ، ޙުކުމުގައި ވާގޮތުގެ މަތިން ފައިސާ ދައްކާފައި ނުވާތީ، ރަހުނު ކޮށްފައިވާ ތަންތަނާއި މުދާތައް ބޭންކުން ވިއްކާލުމުގެ ހުއްދަ ކޯޓު މެދުވެރިކޮށް ހޯދުންކަން، ސިވިލް ކޯޓުގެ ނަންބަރު 1033/Cv-C/2012 ޤަޟިއްޔާއިން އެނގޭކަމާއި، ކްރެޑިޓް ފެސިލިޓީތަކަކާ ގުޅިގެން ރަހުނުކުރެވިފައިވާ މުދާތައް ވިއްކާލައިގެން ދަރަނި އަދާކުރުމަށްޓަކައި ޤާނޫނު ނަންބަރު 93/9 (ރަހުނާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މަދަނީ ކޯޓުގެ ނަންބަރު 935/MC/2009 ޤަޟިއްޔާގައި ބުނެފައިވާ މުޢާމަލާތްތަކާ ގުޅިގެން ރަހުނު ކޮށްފައިވާ އެންމެހައި ތަންތަނާއި، މުދާތައް ވިއްކުމުގެ ހުއްދަ ބޭންކޮ އޮފް މޯލްޑިވްސްއަށް ލިބިގެންވާކަމަށް ކަނޑައެޅުމާއެކު، 15 ދުވަހުގެ ތެރޭގައި ރަހުނުތައް ޙަވާލުކުރުމާއެކު މަދަނީ ކޯޓުގެ ޤަޟިއްޔާގެ ޙުކުމަށް ޢަމަލު ކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 1033/Cv-C/2012 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާ ކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ހ.މޮހޮރީވިލާ، މުޙައްމަދު ނާޝިޒުއާ ހ.ނިއުކްއީން، ޢަލީ އާޡިމްއާ މ.ރަފީޤުގެ، އަޙްމަދު ރަޝީދަކީ ބޭންކް އޮފް މޯލްޑިވްސްއިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ކްރެޑިޓް ފެސިލީޓީތަކަށް ޕާރސަނަލް ގެރެންޓީ ދިން ފަރާތްތައް ކަމާއި ލޯނަކަށް ނުވަތަ ކުރެޑިޓް ފެސިލީޓީތަކަށް ޕާރސަނަލް ގެރެންޓީ ދޭ ފަރާތްތަކުން ލޯނު ދޫކުރި ފަރާތަށް ޔަޤީކަން ދެނީ ލޯނު ނެގި ފަރާތަށް އެ ލޯނު އަދާނުކުރެވިއްޖެ ޙާލަތެއްގައި ލޯނު ނެގި ފަރާތެކޭ އެއް ހައިޘިއްޔަތުން ލޯނު އަދާކުރުމަށް ކަމާއި، ލޯނު ދޫކޮށްފައި ވަނީ ލޯނު ނެގި ފަރާތުގެ އަމިއްލަ އެސެޓް ރަހުނު ކުރުމަށްފަހުގައި ކަމަށްވާތީ، ކޯޓުން އަމުރު ކޮށްފައިވަނީ ލޯނު ނެގި ފަރާތަށާއި ގެރެންޓަރުންނަށް އެއް ހަމައަކުން ލޯނުގެ ފައިސާ ދެއްކުވުމަށް ކަމުގައިވިއަސް ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭކިންގއާބެހޭ ޤާނޫނު) ގެ 101 ވަނަ މާއްދާއިން އެނގޭގޮތުގައި ލޯނު އެގްރިމެންޓުގައިވާ ގޮތުގެމަތިން ލޯނުނެގި ފަރާތުގެ އެސެޓް ނުވަތަ ރަހުނު ވިއްކާލައިގެންވެސް ލޯނުގެ ފައިސާ ލިބިގަތުމުގެ ބާރު ބޭންކަށް ލިބިދޭކަން އެނގެން އޮންނާތީ، ލޯނަށް ޕާރސަނަލް ޔަޤީންކަން ދިން ފަރާތްތަކުގެ މައްޗަށް ލޯނުގެ ފައިސާ އަދާކުރުމުގެ ޒިންމާ ބޭންކުން ޢަމަލުކުރާގޮތެއްގެ މަތިން ކެނޑިގެންދާ ޙާލަތްތަކެއްވާކަން ބޭންކިންގއާބެހޭ ޤާނޫނުގެ އިސްވެ ބަޔާންކުރި މާއްދާއިން އެނގެން އޮންނަކަމާއި، ގެރެންޓީއަކީ ލޯނުގެ ވެރިފަރާތުން ލޯނުއަދާ ނުކޮށްފި ޙާލަތެއްގައި ލޯނުގެ ފައިސާ ދައްކާނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ގެރެންޓަރުންގެ ފަރާތުން ދެވޭ އެއްޗަކަށްވާތީ، ޙުކުމް ތަންފީޒުކުރެވޭ ޙާލަތުގައި ލޯނުގެ ފައިސާ ލިބިގަތުމަށް ބޭންކުން އިޚްތިޔާރު ކުރާގޮތް ބެލުމަކީ ދިވެހިރާއްޖޭގެ ބޭކިންގއާ ބެހޭ ޤާނޫނަށް ބަލާއިރު ކުރަންޖެހޭނެ ކަމެއްކަން އެނގޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ބޭންކް އޮފް މޯލްޑިވްސްއިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި 5 (ފަހެއް) ކުރެޑިޓް ފެސިލިޓީއާ ގުޅިގެން ބޭންކުގައި ރަހުނު ކުރެވުނު އެސެޓްތަކަށް ބަލާއިރު، ރަހުނު އެއްބަސްވުމުގެ ދަށުން ލޯނު ނަގާ ފަރާތުގެ ޙައިޘިއްޔަތުން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން އެ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ތ.އަތޮޅު ފުނައްޑޫ ގައިވާ އެންމެހައި ޢިމާރާތްތަކާއި އިންވެސްޓްމަންޓް ރަހުނު ކޮށްފައިވާކަމާއި ލޯނު އަދާކުރާނެކަމުގެ ޔަޤީންކަންދޭ ފަރާތެއްގެ ޙައިޘިއްޔަތުން ކަނބާލިފަރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ އެސެޓް ކަމަށްވާ "މަޑިވަރު3" ނަމަކަށް ކިޔާ ޔޮޓު ރަހުނު ކޮށްފައިވާކަމާއި ލޯނު އަދާކުރާނެކަމުގެ ޔަޤީންކަން ދޭ ފަރާތެއްގެ ޙައިޘިއްޔަތުން ރީތި ބީޗް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން "ރީތި ބީޗް ރިސޯޓް" އާއި އެ ރިސޯޓުގެ ބިމާއި، ޢިމާރާތްތަކާއި، ޚިދުމަތްދޭ ވަޞީލަތްތަކާއި މެޝިނަރީއާއި، އިކުއިޕްމަންޓްސް އާއި، މަސައްކަތުގެ ސާމާނު، އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި، މި ނޫންވެސް އެ ރިސޯޓާ ގުޅުންހުރި އެ ތަނުގައި ބޭނުންކުރެވޭ އެންމެހައި ތަކެތި ހިމެނޭގޮތަށް ރަހުނުކުރެވިފައިވާކަން މަދަނީ ކޯޓުގެ ނަންބަރު 935/MC/2009 ޤަޟިއްޔާއިން އެނގެން އޮންނަކަމާއި މަދަނީ ކޯޓުގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ސިވިލް ކޯޓުން ބަލާފައިވާ ނަންބަރު 1033/Cv-C/2012 ޤަޟިއްޔާގައި މަދަނީ ކޯޓުގެ ޙުކުމް ތަންފީޒުކުރުމާއެކު ހުރިހާ ރަހުނުތަކެއް ބޭންކާ ޙަވާލުކުރުމަށް ރަހުނުގެ ވެރިފަރާތްތަކަށް އަންގާފައިވާކަމެވެ.
(ޅ) ހަވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 935/MC/2009 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި ސާބިތުކޮށްފައިވާ 5 (ފަހެއް) ކުރެޑިޓް ފެސިލިޓީސްއަށް ދައްކަންޖެހޭ ފައިސާ، ކުރެޑިޓް ފެސިލިޓީސްއާ ގުޅިގެން އަމިއްލަ ޙައިސިއްޔަތުން ގެރެންޓީ އަދި އިންޑެމްނިޓީ ދީފައިވާ ހ.މޮހޮރީވިލާ، މުޙައްމަދު ނާޝިޒު އާއި ހ. ނިއުކްއީން، ޢަލީ އާޡިމްއާ ދެ މީހުންވެސް ޙުކުމުގައިވާ ގޮތަށް އަދާކުރަމުންދާކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ ބޭންކް އޮފް މޯލްޑިވްސްއިން އެ ކުރެޑިޓް ފެސިލިޓީތަކަށް ލިބެންޖެހޭ ފައިސާ ލިބިގަތުމުގައި ޢަމަލުކުރާ ގޮތެއްގެ މަތިންކަމާއި ރަހުނު ހިމެނޭ ލޯނު ނުވަތަ ދަރަނި އަދާކުރުމަށް ކޯޓުތަކުން ކޮށްފައިވާ ޙުކުމްތައް ތަންފީޒު ކުރުމުގައި ޢަމަލުކުރެވޭ އުޞޫލުތަކަކީ އެ ލޯނަކަށް ނުވަތަ އެ ދަރަންޏަކަށް އެއް ރަހުނު ނުވަތަ އެއް ރަހުނަށްވުރެ ގިނަ ރަހުނު ކުރެވިފައި ވާނަމަ، އަދި އޭގެ ތެރޭގައި ލޯނު ނެގި ފަރާތުގެ ރަހުނުތައްވާނަމަ، އަދި އެ ރަހުނުތައް ވިއްކާލައިގެން ލޯނު އެކުގައި ޚަލާޞް ކުރެވޭނަމަ، ޢަމަލުކުރެވޭ ފުރަތަމަ ގޮތަކީ، ލޯނު ނެގި ފަރާތުގެ ރަހުނުތައް ވިއްކައިގެން ލޯނުގެ ފައިސާ އަނބުރާ ހޯދުންކަމާއި، މިގޮތުގެ މަތިން ޢަމަލުކޮށްގެން ލޯނުގެ ފައިސާ އެކުގައި ޙަލާޞް ނުކުރެވޭނަމަ، އަދި ލޯނަށް ގެރެންޓީ ދިން ފަރާތްތަކުގެ ރަހުނުވާނަމަ، އެ ހުރިހާ ރަހުނެއް އެކުގައި ނުވަތަ ވަކިވަކިން ވިއްކައިގެން ލޯނުގެ ފައިސާ އަނބުރާ ހޯދުންކަމާ، މިގޮތަށް ޢަމަލު ކޮށްގެންވެސް ލޯނުގެ ފައިސާ އަދާކޮށް ނުނިމޭނަމަ، ލޯނަށް ޕާރސަނަލް ގެރެންޓީ ދިން ފަރާތްތަކާމެދު (ރަހުނު ނުހިމެނޭ) ސާބިތު ދަރަނީގެ އުޞޫލުން ފިޔަވަޅު އެޅުންކަމާއި، ހ.މޮހޮރީވިލާ، މުޙައްމަދު ނާޝިޒުއާ ހ.ނިއުކްއީން، ޢަލީ އާޡިމަކީ ބޭންކް އޮފް މޯލްޑިވްސްއިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ކްރެޑިޓް ފެސިލީޓީތަކަށް ޕާރސަނަލް ގެރެންޓީ ދިން ދެފަރާތްތައް ކަމަށްވެފައި ޙުކުމުގެ ދަށުން 5 (ފަހެއް) ކުރެޑިޓް ފެސިލިޓީސްއާ ގުޅިގެން ލިބެންޖެހޭ ފައިސާ ހޯދުމުގައި ބޭންކް އޮފް މޯލްޑިވްސްއިން މިހާތަނަށް ޢަމަލުކޮށްފައިވާ ގޮތަކީ ކޮބައިކަން މި މައްސަލާގައި ސުޕްރީމް ކޯޓުން ބަލާފައި ނުވާއިރު، ލޯނުގެ ފައިސާ އަދާކުރުމުގައި އެ ފަރާތްތަކުން ވަކިވަކިން ޒިންމާވާން ޖެހޭ މިންވަރު އެނގެން ނެތްކަމެވެ.
ވީމާ، އިސްވެ ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތް ކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވެފައިވާ ހ.ނިއުކްއީން، ޢަލީ އާޡިމް އާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވެފައިވާ ހ.މޮހޮރީވިލާ، މުޙައްމަދު ނާޝިޒު އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ފަދައިން ޙުކުމާ އެއްގޮތަށް ސާބިތުދަރަނި އަދާކުރަމުން ނުދާ މީހުން ކަމުގައި އަދިބެލެވެން ނެތަތީ، ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއާ ޙަވާލާދީ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ހ.ނިއުކްއީން، ޢަލީ އާޡިމުއާ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު ހ.މޮހޮރީވިލާ، މުޙައްމަދު ނާޝިޒުއާ ދެ މީހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަމަށް ޤާނޫނީގޮތުން ކަނޑައަޅާނެ ތަނެއް އޮތްކަމަށް ނުފެނެއެވެ.
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު
މި މައްސަލައަކީ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނީގެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންވެފައި އޮތްހިނދު، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒުގެ މައްޗަށް ޒިންމާގައި ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނީގެ ފައިސާ ޙުކުމާ އެއްގޮތަށް އަދާކުރަމުންނުދާތީ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ގޮޑި އާއި އަލިފުށީ ދާއިރާގެ ގޮޑި ހުސްވެފައިވާ ކަމާމެދު ޚިލާފު އުފެދިފައިވާތީ، މެދުހެންވޭރު ދާއިރާގެ ގޮޑިއަށް އިންތިޚާބުވެފައިވާ ޢަލީ ޢާޒިމާއި، އަލިފުށީ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެފައިވާ މުޙައްމަދު ނާޝިޒު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުން ވަކިވެއްޖެތޯ ކަނޑައަޅައި ދިނުމަށާއި، ޢަލީ ޢާޒިމާއި މުޙައްމަދު ނާޝިޒު، އެ މަޤާމުން ވަކިކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ނ. ވެލިދޫ އެލްޕާޝޯ އަލްއުސްތާޛް މުޙައްމަދު ޙަލީމް (މއ. އަފީޝާ، ސެކަންޑް ފްލޯ) 22 ނޮވެމްބަރު 2012 ގެ ތާރީޚުގައި ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގެ ދަޢުވާ ރައްދުވާ ފަރާތްތަކީ ހ. ނިއުކްއީން، ޢަލީ ޢާޒިމާއި ހ. މޮހޮރީވިލާ، މުޙައްމަދު ނާޝިޒެވެ.
މި މައްސަލައާ ގުޅިގެން އަންނަނިވި ކަންކަން އަހުރެން ފާހަގަކުރަމެވެ.
(ހ) ފުރަތަމަ ކަމަކީ، މި މައްސަލަ ހުށަހެޅުނުކަމަށް އަހުރެން އަތުގައިހުރި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރެކޯޑުތަކުން ދައްކަނީ 25 ނޮވެމްބަރު 2012 ކަމާއި މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގަނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ރަޖިސްޓަރީ ކުރެވިފައިވަނީ 03 ޑިސެމްބަރު 2012 ގައި ކަމެވެ.
(ށ) ދެވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރ ބާއްވަވާ އިބްތިދާއީ ބައްދަލުވުން ބޭއްވިފައިވަނީ 04 ޑިސެމްބަރު 2012 ގައިކަމާއި އަހުރެން އަތުގައިހުރި ރެކޯޑުތަކުން ދައްކަނީ މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހެއް ބޭއްވިފައިވަނީ އެންމެ ދުވަހަކުކަމާއި އެއީ 04 ފެބްރުއަރީ 2013 ގައިކަމާ އަދި އެއީ އިބްތިދާއީ ބައްދަލުވުން ބޭއްވުނުތާ ދެމަސް ފަހުން ކަމެވެ.
(ނ) ތިންވަނަ ކަމަކީ، މި މައްސަލައިގެ އަޑުއެހުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުމުގެ ކުރިން، މި މައްސަލަ ކުރިއަށްގެންދަން ބޭނުންނުވާ ކަމަށްބުނެ މި މައްސަލަ ހުށަހެޅި މުޙައްމަދު ޙަލީމްގެ ނަމުގައި، 12 ޑިސެމްބަރު 2012 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވި ކަމާއި އެ ސިޓީގައި ބުނަނީ "ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނީގެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންވެފައި އޮތްހިނދު، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒުގެ މައްޗަށް ޒިންމާގައި ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނީގެ ފައިސާ ޙުކުމާ އެއްގޮތަށް އަދާކުރަމުންނުދާތީ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ގޮނޑި އާއި އަލިފުށީ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމާމެދު ޚިލާފު އުފެދިފައިވާތީ، މެދުހެންވޭރު ދާއިރާގެ ގޮޑިއަށް އިންތިޚާބުވެފައިވާ ޢަލީ ޢާޒިމާއި އަލިފުށީ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެފައިވާ މުޙައްމަދު ނާޝިޒު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުން ވަކިވެއްޖެތޯ ކަނޑައަޅައިދިނުމަށާއި، ޢަލީ ޢާޒިމާއި މުޙައްމަދު ނާޝިޒު އެ މަޤާމުން ވަކިކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެދަށުން އަޅުގަނޑު ހުށަހެޅި މައްސަލަ، މިހާރު ކުރިއަށް ގެންދިއުމަށް އަޅުގަނޑު ބޭނުމެއް ނުވެއެވެ." މިހެން ކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލައިގެ އަޑުއެހުން އޮތް ދުވަހު ފަނޑިޔާރުންގެ މަޖިލީހުން މި މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ މުޙައްމަދު ޙަލީމްގެ ނަމުގައި، 12 ޑިސެމްބަރު 2012 ގައި، ފޮނުވި ސިޓީއާ ބެހޭގޮތުން އުއްތަމަ ފަނޑިޔާރު ސުވާލުކުރެއްވިކަމާއި 12 ޑިސެމްބަރު 2012 ގެ ތާރީޚްގައި ސުޕްރީމް ކޯޓަށް ލިބުނު ސިޓީއަކީ މުޙައްމަދު ޙަލީމް ފޮނުވި ސިޓީއެއް ނޫންކަމަށާއި، މި މައްސަލަ ކުރިއަށް ގެންދިއުމަށް މުޙައްމަދު ޙަލީމް ބޭނުންވާކަމަށް ބުނިކަމާއި މި ބުނި ބުނުމާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީސް ކުޑަ ހިނދުކޮޅަކަށް މެދުކަނޑާލެއްވިކަމާއި ފަނޑިޔާރުން ނިންމެވީ މައްސަލަ ކުރިއަށް ގެންދަންކަމާއި 04 ފެބްރުއަރީ 2012 ގައި އަޑުއެހުންއޮތް، މި މައްސަލައިގެ މަޙްޟަރު ބަޔާންތައް އަހުރެންގެ އަތަށް ލިބުނީ އިއްޔެ، 23 އޮކްޓޯބަރު 2013 ގައި ކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މުޙައްމަދު ޙަލީމްގެ ނަމުގައި 12 ޑިސެމްބަރު 2012 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީއާ މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވީ މުޙައްމަދު ޙަލީމްގެ ސޮއި ވެރިފައިކުރަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅަންކަމާއި އަހުރެންގެ އަތުގައި ހުރި ޑޮކިއުމަންޓްތަކުން ދައްކަނީ ސޮއި ވެރިފިކޭޝަންގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސަށް ހުށަހެޅިފައިވަނީ 07 މާޗް 2013 ގައި ކަމާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓުން މި ކަން ބެއްލެވުމަށްފަހު 28 މާޗް 2013 ގައި ޑޮކިއުމަންޓް އެގްޒޭމިނޭޝަން ރިޕޯޓެއް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވިކަމާއި އެ ރިޕޯޓުގެ ތަޙްލީލުގެ ނިންމުމުގައި ވަނީ: "1. ހ ގައިވާ، 12 ޑިސެމްބަރ 2012 ގެ ތާރީޚްގައި، މުޙައްމަދު ޙަލީމް (ދެވަނަ ފަންގިފިލާ) ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަޙްމަދު ފާއިޒު ޙުސައިނަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި މުޙައްމަދު ޙަލީމްގެ ނަމުގައި ނޫކުލައިގެ ގަލަމުން ކޮށްފައިވާ ސޮއި ކޮށްފައިވަނީ 2.ހ،ށ،ނ އަދި 2.ރ ގައިވާ ސޮއިތައް ކޮށްފައިވާ މީހާކަމަށް ފެނެއެވެ." މިހެންކަމެވެ. (ނޯޓު: 2. ގެ ހ،ށ،ނ އަދި ރ ގައި ވަނީ ނަމޫނާ ތަކެތީގެ ތަފްޞީލެވެ.)
(ޅ) ހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މުޙައްމަދު ޙަލީމްގެ ނަމުގައި މީހަކު ފޮނުވި ސިޓީގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައި ޖިނާއީ ތަޙުޤީގުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، 02 އޭޕްރީލް 2013 ގައި، ނިންމެވި ނިންމެވުމާ ގުޅިގެން، 09 އޭޕްރީލް 2013 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ މައްސަލަ ތަޙްޤީޤު ކުރުމަށް ހުށަހެޅިފައިވާ ކަމެވެ.
(ކ) ހަތްވަނަ ކަމަކީ، އަހުރެންނަށް އެނގިގެން މި މައްސަލަ، އިއްޔެއާ ހަމަޔަށް، (23 އޮކްޓޯބަރ 2013) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ޑެލިބަރޭޓް ކުރެވިފައިނުވާކަމާއި މި މައްސަލައި ޑެލިބަރޭޓްކުރެވި އަވަހަށް ނިންމަންޖެހޭނެ ވާހަކަ ފުރަތަމަ ދެކެވުނީ މި ދިޔަ ޢީދު ބަންދުގެ ދެ ދުވަހެއް ކުރިންކަމާއި ޑެލިބަރޭޓްކުރުމަށް ފަނޑިޔާރުންގެ އެދިވަޑައިގަތުމުގެ މަތިން ފުރަތަމަ ކަނޑައެޅުނީ 20 ނުވަތަ 21 އޮކްޓޯބަރު 2013 ކަމާއި އެއިރުވެސް މި ޤަޟިއްޔާގެ މަހުޟަރު ބަޔާންތައް އަހުރެންނަށް ލިބިފައިނުވާތީ އެ ބަޔާންތައް ލިބުމަށްފަހު ޑެލިބަރޭޓްކުރަން ދެންނެވުނުކަމާއި މައްސަލަ ޑެލިބަރޭޓްކުރަން ދެވަނަ ފަހަރަށް ކަނޑައެޅުއްވީ 23 އޮކްޓޯބަރު 2013 ގެ 11 ގަޑި ސުންމިނެޓުގައި ކަމެވެ.
(އ) އައްވަނަ ކަމަކީ، މި ޤަޟިއްޔާގެ މަޙްޟަރު ބަޔާންތައް އަހުރެންނަށް ލިބުނީ 23 އޮކްޓޯބަރު 2013 ގެ 10 ގަޑި ސުންމިނެޓްގެ ފަހުންކަމެވެ.
(ވ) ނުވަވަނަ ކަމަކީ، 23 އޮކްޓޯބަރު 2013 ގައި ބޭއްވުނު ފަނޑިޔާރުންގެ ޑެލިބަރޭޝަނުގައި އަހުރެންނަށް ތައްޔާރުނުވެވޭކަމަށާއި، މައްސަލަ ޑެލިބަރޭޓްކޮށް ނިމުމުން ޑެލިބެރޭޝަނުގެ އަލީގައި މައްސަލަ ދިރާސާކޮށް ކުރަންޖެހޭ ރިސާރޗްތައްކޮށް އަހުރެންގެ ރައުޔު ތައްޔާރުކުރުމަށް އަހުރެންނަށް އެކަށީގެންވާ މުއްދަތެއް ބޭނުންކަމަށް ދެންނެވިކަމާއި ބައެއް ފަނޑިޔާރުންނަށް ބުރަވެ ވަޑައިގެންނެވުނީ އެދުވަހުން އެދުވަހަށް ޑެލިބަރޭޓްކޮށް، ޙުކުމް ތައްޔާރުކޮށް، އިއްޔެ، 23 އޮކްޓޯބަރު 2013 ގައި ޙުކުމް ކުރާންކަމަށްވިޔަސް، އިތުރު ޑެލިބަރޭޝަނަށްފަހު ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމެވީ، މިއަދު، 24 އޮކްޓޯބަރު 2013 ވަނަ ދުވަހު ޙުކުމްކުރަން ކަމެވެ.
(މ) ދިހަވަނަ ކަމަކީ، ޝަރީޢަތުގެ އަޑުއެހުން ނިމުނުތާ އެތައް ދުވަހެއް ވެފައިވާ މައްސަލައެއް، މަޙްޟަރު ބަޔާންތައް ބަލައި ދިރާސާކުރުމަށްފަހު މެނުވީ ރައުޔެއް ޤާއިމް ނުކުރެވޭނެކަމާއި އަހުރެން ބަލާގޮތުގައި މައްސަލަ ދިރާސާކޮށް ހަދަންޖެހޭ ރިސާރޗްތައް ހަދާ ރައުޔެއް ތައްޔާރުކުރުމަށް އެކަށީގެންވާ މުއްދަތެއް ނެގުމަކީ ފަނޑިޔާރެއްގެ ވާޖިބު ފުރިހަމަގޮތުގައި އަދާކުރުމަށް ކޮންމެހެންކުރާން ޖެހޭނެ ކަމެއް ކަމެކެވެ.
(ފ) އެގާރަވަނަ ކަމަކީ، ކުރިޔަށްއޮތް ހަފްތާ ބަންދުގައި މަސައްކަތްކޮށް އަހުރެންގެ ރައުޔު ޤާއިމްކޮށް އަންނަ ހަފްތާގެ ހޯމަ ނުވަތަ އަންގާރަ ދުވަހު ޙުކުމްކޮށް މައްސަލަ ނިންމުމަށް ވެސް ދެންނެވުނުކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެ ހުށަހެޅުންވެސް ޤަބޫލުފުޅު ނުކުރެއްވުނުކަމާއި އަހުރެންނަށް ރައުޔެއް ތައްޔާރުނުކުރެވޭނަމަ އަހުރެންގެ ރައުޔު ނުހިމަނުއްވާ ނުވަތަ ފަސް ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ނިންމެވުމަށްވެސް ފަނޑިޔާރުންގެ މަޖިލީހުގެ އަޣްލަބިއްޔަތަށް ފެނިވަޑައިގެންނެވި ކަމެވެ.
(ދ) ބާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މަސައްކަތްކުރުމުގައި އިދާރީ ދަތި އެބަހުރިކަމާއި، މައްސަލަތަކުގެ ރިސާރޗްހެދުމާއި ލިޔުމާއި ޓައިޕްކުރުމާއި ކުށްކެނޑުމާއި އަދި މިނޫންވެސް މައްސަލައިގެ ފައިލް އަހުރެންގެ މޭޒު މައްޗަށް އައުމަށްފަހު ކުރަންޖެހޭ ހުރިހާކަމެއްކޮށް ރައުޔު ލިޔެ ތައްޔާރުކުރަނީ އެއްވެސް އެހެން މީހެއްގެ އެހީތެރިކަމެއް ނެތި އެކަނިކަމާއި މި ކޯޓަށް ހުށަހެޅި، އަހުރެން ބަލަނީ އެންމެ މައްސަލައެއްނޫންކަމާއި މަސައްކަތް މިކުރެވެނީ ޝެޑިއުލެއް ކުރެވިގެންކަމާއި އަދާ ހަމަޔަށް އަހުރެންގެ ފަރާތުން ލަހެއްވެގެން އެއްވެސް މައްސަލައެއްގެ ޙުކުމް ލަސްވެފައި ނުވާނެކަމާއި ދިރާސާކުރާންޖެހޭ މައްސަލައެއްގެ ތެރެއަށްވަދެ ޢަދުލްވެރި އަދި އިންޞާފުވެރި ޙުކުމެއް އެއްދުވަހުން ކުރުމަކީ އަހުރެން ޤަބޫލުކުރާ އިންޞާފުގެ ހަމައެއް ނޫންކަމާއި މިހާރުވެސް އަންނަނީ މައްސަލަތައް ފުނިޖެހެމުންކަމާއި މި ވާހަކައަކީ، މި ވާހަކަ ދަންނަވަންޖެހޭ ފަރާތްތަކުގައި ތަކުރާރުކޮށް ދަންނަވަމުން އަންނަ ވާހަކައެއް ކަމެވެ.
(ތ) ތޭރަވަނަ ކަމަކީ، މި މައްސަލައަކީ ކުޑަ މައްސަލައެއް ނޫންކަމާއި މިއީ ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބަލާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ޚިޔާލު ތަފާތު މައްސަލައެއްކަމާއި މިއީ ރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް އައްޔަނުކޮށްފައިވާ ދެ ފަރާތެއްގެ މަޤާމާ ގުޅޭ މައްސަލައެއްކަމާއި މިފަދަ ފަރާތްތަކެއްގެ މަޤާމާ ގުޅޭ ގޮތުން ގޮތެއް ކަނޑައަޅަންޖެހޭނީ ހުށަހެޅިފައިވާ ހެކިތަކަށާއި ޤާނޫނީގޮތުން ވަރަށް ރަނގަޅަށް މައްސަލަ ދިރާސާކޮށް ޢަދުލްވެރި އިންސާފުވެރި ގޮތެއްގައި ކަމެވެ.
(ލ) ސާދަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ސާފު ބަހުން ބުނާކަމާއި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނަށް ކަމާއި ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިއާޔަތް ކުރާންވާނެކަމާއި ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެކަމަށް ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނުއަސާސީ ބުނާ ކަމެވެ.
ދެންފަހެ، އިސްވެ ފާހަގަކުރި ނުކުތާތައް އެހެން ހުރުމާއި އެކު، މި މައްސަލަ ދިރާސާކޮށް، ޑެލިބަރޭޓްކޮށް، ރިސާޗްހަދައި، ރައުޔު ތައްޔާރުކުރުމަށް އެކަށީގެންވާ މުއްދަތެއް ބޭނުންވާތީ، އަހުރެންނަށް، މި މައްސަލައިގެ ރައުޔު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައެޅުއްވި އެއް ދުވަހުގެ ތެރޭގައި ނުނެރެވޭނެ ކަމަށް ބުނަމެވެ.
ފަނޑިޔާރު އަޙްމަދު މުއުތަޞިމް ޢަދުނާން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.