ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/03ސުޕްރީމް ކޯޓު · 1 ސެޕްޓެމްބަރު 2016

—

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 1 ސެޕްޓެމްބަރު 2016ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2013/SC-A/03

ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް

ދަޢުވާ ލިބޭ ފަރާތް: އިސްމާޢީލް ރިމާޙް

މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 26 ޑިސެންބަރ 2012

ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ޖަނަވަރީ 2013

ނިމުނު ތާރީޚް: 01 ސެޕްޓެންބަރ 2016

މައްސަލަ ނިންމި ގަޑި: 13:45

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2012/HC-A/269

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 12 ސެޕްޓެންބަރ 2012

ނިމުނު ތާރީޚް: 19 ނޮވެންބަރ 2012

މައްސަލައިގެ ޚުލާޞާ

މި މައްސަލައަކީ ހ.ބަރަބޯމާގެ އިސްމާޢީލް ރިމާޙް 2006 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އޮފީހަށް ޙާޟިރުވުމުގައި ފަރުވާކުޑަކުރަމުންދާ ކަމަށްބުނެ، ނަސޭހަތާއި އިންޒާރު ދިނުމުންވެސް އިޞްލާޙްވެފައިނުވާ ކަމަށްބުނެ، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 217 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ޤަވާޢިދުގެ 47 ވަނަ މާއްދާގެ (ނ)ގެ 3 ވަނަ ނަންބަރުގެ ދަށުން އިސްމާޢިލް ރިމާޙް ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވާޢިދާ ޚިލާފަށް ކަމަށްބުނެ އެ ވަޒީފާ އަލުން ހޯދުމަށާއި ވަޒީފާއިން ވަކިކުރި ތާރިޚުން ފެށިގެން ނުލިބިވާ މުސާރަ އާއި ޢިނާޔަތްތައް ހޯދުމަށް އިސްމާޢިލް ރިމާޙް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އެ ޓްރައިބިއުނަލްގެ ނަންބަރު 81/VTR/2011 މައްސަލަ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2012/HC-A/269 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށްބުނެ، ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ.

ހައިކޯޓުގެ ނަންބަރު 2012/HC-A/269 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 81/VTR/2011 މައްސަލައިގައި އިސްމާޢީލް ރިމާޙްއަށް ވަޒީފާ ދިނުމަށް ނިންމާފައިވާ ނިންމެވުމަށް ތާއީދުކުރައްވާކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮވެއެވެ.

ހައިކޯޓުގެ ނަންބަރު 2012/HC-A/269 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށްބުނެ ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން 6 ސަބަބެއް ހުށަހަޅާ އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.

ހ- ފުރަތަމަ ސަބަބަކީ، ޝަރުޢީ ކޯޓެއް ނުވަތަ ޓްރައިބިއުނަލެއްގައި ނަމަވެސް ހުށަހެޅިފައިވާ ދަޢުވާ ނުވަތަ މައްސަލައާ ގުޅިގެން ޙުކުމެއް ނުވަތަ ނިންމުމެއް ނިންމަންވާނީ އެ ދަޢުވާއެއް ނުވަތަ މައްސަލައެއް ހުށަހެޅިފައިވާ މިންވަރަށް ދެ ޚަޞްމުން ވާހަކަ ދައްކައި ރިޢާޔަތް ކުރުމަށްފަހުގައި ކަމަށްވެފައި ޓްރައިބިއުނަލްގެ ނިންމުމަކީ އެފަދައިން ހުށަހެޅިފައިވާ މައްސަލައަކަށް ދެ ފަރާތުން ދައްކަވާފައިވާ ވާހަކަތަކަށް ރިޢާޔަތް ކުރެއްވުމެއް ނެތި އަދި މައްސަލައިގެ މައުޟޫޢަށް ފައިސަލާ ކުރުމެއްނެތި ނިންމަވާފައިވާ ނިންމުމެއް ކަމަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ އިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވުން.

ށ- ދެވަނަ ސަބަބަކީ، ހ. ބަރަބޯމާގެ، އިސްމާޢީލް ރިމާޙުގެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި، ޖަވާބުދާރީވާންޖެހޭ ފަރާތަކީ ދިވެހި ސިވިލް ސަރވިސް ކޮމިޝަންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމުމާއި ގުޅިގެން، ހުށަހެޅިފައިވާ މައްސަލައަށް ސިވިލް ސާރވިސް ކޮމިޝަނުން ޖަވާބުދާރީ ވެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/269 ޤަޟިއްޔާގެ ނިންމެވުމުގައި ފާހަގަ ކުރައްވާފައިވާކަމާއި އަދި ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫޢަށް ސިވިލް ސާރވިސް ކޮމިޝަނުން ޖަވާބުދާރީވެފައި ވާކަމަށް އެ ކޮމިޝަނުން، އެ ކޮމިޝަން ތަމްސީލު ކުރުމުގެގޮތުން ވަޒީފާއާއިބެހޭ ޓްރައިބިއުނަލަށް ޙާޟިރުވި ޢަބުދުއްނާޞިރު ޝަފީޤް، 5 ޑިސެމްބަރު 2011 ވަނަ ދުވަހު ދެއްވާފައިވާ ބަޔާނުގެ 7 ވަނަ ޞަފްޙާގެ 2 ވަނަ ޕެރެގްރާފުން އެނގެން އޮތްއިރު، ހުށަހެޅިފައިވާ މައްސަލައާއި، އެ މައްސަލައަށް ސިވިލް ސަރވިސް ކޮމިޝަނުން ދެއްވާފައިވާ ޖަވާބާ ގުޅިގެން ފައިސަލާ ކުރެއްވުމެއްނެތި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވުން.

ނ- ތިންވަނަ ސަބަބަކީ، އެގޮތުން، ޓްރައިބިއުނަލްގެ ނިންމުމަކީ، މައްސަލައިގެ މައުޟޫޢީ ކަންކަމަށް ފައިސަލާ ކުރެވިފައިވާ ނިންމުމެއް ކަމަށް ނުވާތީ، މައުޟޫޢީ ގޮތުން މައްސަލަ އަލުން ކުރިއަށް ގެންދިޔުމުގެ އަމުރެއް ނެރެދެއްވުމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެދިފައިވުން.

ރ- ހަތަރުވަނަ ސަބަބަކީ، އެހެންނަމަވެސް، ދައުލަތުން ހައްލު ހޯދައިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާ އެދުމަށް އެއްވެސް ގޮތެއް ކަނޑައެޅުއްވުމެއް ނެތި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/269 ޤަޟިއްޔާއިން ބައްލަވާފައިވަނީ، ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 81/VTR/2011 ނިންމެވުމުގެ ސަބަބުން އިސްމާޢީލް ރިމާޙަކީ ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަސްޓަމްސްއަށް ބަދަލުވެގެން ދާނެ މުވައްޒަފެއްކަން ނުވަތަ ނޫންކަމަށްވެފައި އަދި އިސްވެ ދެންނެވުނު ހައިކޯޓުގެ ނަންބަރު 2012/HC-A/269 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅުއްވާފައި ވަނީވެސް ޓްރައިބިއުނަލްގެ ނިންމެވުމުގެ ސަބަބުން މިހާރު އިސްމާޢީލް ރިމާޙަކީ ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ 3 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަސްޓަމްސްއަށް ބަދަލުވެގެން ދާނެ މުވައްޒަފެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށް ކަނޑައަޅުއްވައި ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްކަން ފާހަގަކުރެވެއެވެ.

ބ- ފަސްވަނަ ސަބަބަކީ، އެހެންކަމުން، ޙަވާލާދީފައިވާ ހައިކޯޓުގެ ނަންބަރު 2012/HC-A/269 ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުން ޙާޟިރުވި ދިވެހި ސިވިލް ސާރވިސް ކޮމިޝަންގެ ފަރާތުން މައްސަލައިގައި ޖަވާބުދާރީ ވެފައިވާކަމަށް ކަނޑައެޅުއްވުމަށްފަހު، ސިވިލް ސާރވިސް ކޮމިޝަނުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މައްސަލައިގައި މައުޟޫޢީ ގޮތުން ޖަވާބުދާރީ ވުމުގެގޮތުން ޙަވާލާދީފައިވާ، މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ޖަވާބުގައި އިސްމާޢީލް ރިމާޙު ވަޒީފާއިން ވަކިކޮށްފައިވާ ސަބަބުތަކާއި، ވަޒީފާއިން ވަކިކުރުމުގައި އިޖުރާޢީގޮތުން ފުރިހަމަ ކޮށްފައިވާ ކަންކަން ސާފުކޮށް ބަޔާން ކޮށްފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި، މައްސަލައިގެ މައުޟޫޢާއި ގުޅިގެން އެއްވެސް މިންވަރަކަށް ގޮތެއް ކަނޑައެޅުއްވުމެއް ނެތި ނިންމަވާފައިވާ ނިންމުމަށް ތާއީދުކުރައްވާ ކުރައްވާފައިވާ ޙުކުމަކީ، އިންޞާފުގެ ހަމަތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ދައުލަތުން ދެކުމެވެ.

ޅ- ހަވަނަ ސަބަބަކީ، އިސްވެ ދެންނެވުނު ގޮތުގެމަތިން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ މައްސަލައެއްގެ މައުޟޫޢަށް ފައިސަލާނުކޮށް، ޓްރައިބިއުނަލްގެ ނިންމުން މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ތަންފީޒުކުރަން ވެއްޖެނަމަ، އެކަމަކީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައިވެސް މަޞްލަޙަތު ގެއްލިގެންދާނެ ކަމަކަށްވާތީ، މައްސަލައިގައި އެންމެ އިންޞާފުވެރި ގޮތަކަށްވާނީ މައްސަލައިގެ މައުޟޫޢީ ކަންކަމާމެދު ފައިސަލާކޮށް ގޮތެއް ކަނޑައެޅިގެން ދިޔުންކަމަށްވާތީ، އެފަދައިން މައްސަލައިގެ މައުޟޫޢީ ކަންކަމާމެދު ފައިސަލާކޮށް ގޮތެއް ނިންމެވުމަށްޓަކައި މައްސަލަ އަލުން ބައްލަވައި ދިނުމުގެ އަމުރަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/269 ޤަޟިއްޔާގައި ދައުލަތުން އެދޭ ގޮތުގައި ފާހަގަކޮށްފައި ވީނަމަވެސް ހައިކޯޓުން މައްސަލަ ނިންމެވުމުގައި ދައުލަތުން އެދިފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް ކުރައްވައި ގޮތެއް ކަނޑައަޅުއްވާފައި ނުވާތީ ހައިކޯޓުގެ ނަންބަރު 2012/HC-A/269 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ އިންސާފުވެރި ގޮތެއްގައި ކޮށްފައިވާ ޙުކުމެއް ނޫންކަމަކަށް ދައުލަތުން ފާހަގަކުރަމެވެ.

ފާހަގަކުރެވުނު ނުކުތާތައް

1- މި މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ވިސްނާ ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

ހ- ފުރަތަމަކަމަކީ، ހ.ބަރަބޯމާގެ، އިސްމާޢިލް ރިމާޙް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކަސްޓަމްސް އޮފިސަރ 2 ގެ މަޤާމްގައި ހުއްޓާ އެ މަޤާމުން އިސްމާޢިލް ރިމާޙް ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ، އިސްމާޢިލް ރިމާޙްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކާ މެދު ދިވެހި ދައުލަތުގެ ފަރާތުން އިންކާރުކުރުމާއެކު، އިސްމާޢިލް ރިމާޙް އެ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއަށް ޙާޟިރުވުމުގައި ފަރުވާކުޑަކޮށްފައިވާތީއާ އަދި ތަކުރާރުކޮށް ނަޞޭހަތްތެރިވެ، އިންޒާރުދިނުމުންވެސް އެކަންކަން އިޞްލާޙްކޮށްފައިނުވާތީ އެފަދަ ޙާލަތެއްގައި އިސްމާޢިލް ރިމާޙް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ވަޒީފާގައި ބެހެއްޓުމަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއަށް ލިބިދާނެ ބޮޑު ގެއްލުމެއްގެ މައްޗަށް ރިޢާޔަތްކޮށްކަމަށާއި، އަދި އިސްމާޢިލް ރިމާޙް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއާއި ދެމެދު 2006 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން އެކަންކަން ރަނގަޅުކުރުމަށް ދެވިފައިވާ ފުރުޞަތުގެ ބޭނުން ހިފުމަކާނުލައި، އިސްމާޢިލް ރިމާޙްގެ ޢަމަލުތައް އެގޮތަށް ބެހެއްޓުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުންފުނީގެ އެހެން މުވައްޒަފުންނަށް ފޯރަމުންދިއުމާ ގުޅިގެން ކުންފުނީގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށްޓަކައި، އިސްމާޢިލް ރިމާޙް ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާ ބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށްބުނެ، އިސްމާޢިލް ރިމާޙް ހުށަހަޅާފައިވާ ހުށަހެޅުމާއިމެދު އިންކާރުކުރާކަމަށް ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ތަކުރާރުކޮށް ބުނަމުން އައިސްފައިވާކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.

ށ- ދެވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބެލިއިރު، އިސްމާޢިލް ރިމާޙްގެ ޙާޟިރީ ރިޕޯޓާއި އިސްމާޢިލް ރިމާޙްއަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދާއި ކޯޑް އޮފް ކޮންޑަކްޓަށް ޙުރުމަތްތެރިކޮށް ހިތުމަށް އަންގާ ލިއުމާއި އަދި އޭގެ ފަހުން އިސްމާޢިލް ރިމާޙްގެ ޢަމަލުތައް އިޞްލާޙްވެފައިނުވާތީ، އިންޒާރުދީފައިވާކަން އެނގޭ ލިޔުން ހިމެނިފައިވާއިރު، އިސްމާޢިލް ރިމާޙް ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްމާޢިލް ރިމާޙްގެ ޢަމަލުތައް އިޞްލާޙް ކުރުމަށް ނަސޭހަތްތެރިވެފައިވާކަން އެނގޭ ލިޔުމުގައިވާ ގޮތުން 2009 ވަނަ އަހަރާ ހަމަޔަށް 62 ދުވަހު އޮފީހަށް ނާންނަކަމާއި، 23 ދުވަހު ގަޑިޖެހިފައިވާ ކަމަށާއި، އަދި 34 ދުވަހު ސަލާމް ބުނެފައިވާކަން ފާހަގަކޮށްފައިވާކަން އެނގެންއޮންނައިރު، 15 އޮކްޓޯބަރ 2009 އަކުން ފެށިގެން 15 ޖޫން 2010 ގެ ނިޔަލަށް 27 ދުވަހު އޮފީހަށް ޙާޟިރުނުވާއިރު، 24 ދުވަހު ސަލާމް ބުނެފައިވާކަމާއި 15 އޮކްޓޯބަރ 2009 ގައި ދީފައިވާ ނަޞޭޙަތަށްފަހުވެސް އިސްމާޢިލް ރިމާޙްގެ ޢަމަލުތަކަށް އެކަށީގެންވާ ހެޔޮ ބަދަލެއް އައިސްފައިނުވާކަން ފާހަގަކޮށްފައިވާކަން އެނގެންއޮވެއެވެ.

ނ- ތިންވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަލާއިރު، އިސްމާޢިލް ރިމާޙް ވަޒީފާއިން ވަކިކުރިކުރުމަކީ އެކަށީގެންވާ ސަބަބެއް އޮވެގެން ވަކިކުރި ކުރުމެއްކަން ޘާބިތުކޮށްދިނުމަކީ މައްސަލަ ރައްދުވާ ފަރާތުގެ ޒިންމާއެއްކަމަށާއި އަދި އެކަން ޘާބިތުކޮށްދިނުމަށްޓަކައި، މައްސަލަ ރައްދުވާ ސިވިލް ސަރވިސް ކޮމިޝަނުން އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވިޔަސް، ހުށަހަޅާފައިނުވާ ކަމަށާއި، އަދި އެ ސަބަބަށްޓަކައި، ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާ ބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އިސްމާޢިލް ރިމާޙް ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފަށް ކަމަށް އެ މައްސަލަ ބެލި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މަޖިލިސްގެ އިއްތިފާޤުން ކަނޑައަޅާ، ކަން ފާހަގަކުރެވިފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގައި މައްސަލަ ރައްދުވާ ފަރާތަކަށް ޤާނޫނީ ގޮތުން ވާންޖެހޭނީ ދިވެހި ދައުލަތުގެ ބަންޑާރަނައިބު ނުވަތަ އޭނާ ތަމްޘީލުކުރާ ފަރާތެއްކަމާއި، މި މައްސަލައާ ގުޅިގެން ބަންޑާރަނައިބުގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ޙާޟިރުވެ ޖަވާބުދާރީވެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ޘާބިތުކުރުމަށްޓަކައި، ކާފީ ހެކިކަމަށް އެ ފަރާތުން ދެކޭ ރަސްމީ ލިޔުންތައް ހުށަހަޅާފައި އޮތުމާއެކުވެސް އެކަން ޘާބިތުކުރުމަށްޓަކައި ސިވިލް ސަރވިސްއިން ހެއްކާއި ޤަރީނާ ހުށަހަޅާފައިނުވާ ކަމަށްބުނެ، އެ މައްސަލަ ނިންމާފައިވުމުން އެކަންކަމުގެ މައްޗަށް ބަހުސްކޮށް މި މައްސަލައާ މެދު ޝަރުޢީ ގޮތުން ގޮތެއް ކަނޑައެޅުމުގެ ފުރުޞަތުފަހިވެފައި އޮތްއޮތުމާއިއެކުވެސް ޝަރީޢަތަށް ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރެއްވުމަކާނުލައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން އިސްމާޢިލް ރިމާޙް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.

ރ- ހަތަރުވަނަ ކަމަކީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 81/VTR/2011 މައްސަލަ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2012/HCA/269 ޤަޟިއްޔާއާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ އެއްވަނަ ނަންބަރަށް ބަލާއިރު އިސްމާޢިލް ރިމާޙް ވަޒީފާއިން ވަކިކޮށްފައިވަނީ އިސްމާޢިލް ރިމާޙް އޮފީހަށް ޙާޟިރުވުމުގައި ފަރުވާކުޑަކުރަމުންދިއުމާ ގުޅިގެން ނަސޭހަތާއި އިންޒާރުދިނުމުންވެސް އިޞްލާޙްވެފައިނުވާތީ، ސިވިލް ސަރވިސްގެ ޤާނޫނުގެ 217 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރުމަށްފަހު، އެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުންކަން އެނގެން އޮންނަކަމަށް ހައިކޯޓުން ފާހަގަކުރައްވާފައިވާއިރު، މައްސަލައިގެ ވަކި ހިސާބަކުން އެ މައްސަލައިގައި ޖަވާބުދާރީވުމަށް ދައުލަތުގެ ފަރާތުން އިސްމާޢިލް ރިމާޙް ހުށަހަޅާފައިވާއިރު، މި މައްސަލައާ ގުޅިގެން ސިވިލް ސަރވިސްގެ ފަރާތުންނާއި އަދި ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރުވެ ޖަވާބުދާރީވެފައިވާކަމާއި އިސްމާޢިލް ރިމާޙް ވަޒީފާއިން ވަކިކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، އިސްމާޢިލް ރިމާޙްއާ މެދު ފިޔަވަޅެއް އަޅަންޖެހޭ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަން ކަމުގައިވިޔަސް، ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް ކަމުގައިވިޔަސް، އަދި އެ މައްސަލައިގައި ޖަވާބުދާރީވާންޖެހޭ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަން ކަމުގައިވިޔަސް ނުވަތަ ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ކަމުގައިވިޔަސް އެކަމަކީ އިސްމާޢިލް ރިމާޙް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއަށް ފަރުވާކުޑަކުރުމުގެ ސަބަބުން ނަސޭހަތާއި އިންޒާރު ދިނުމާއެކުވެސް ފަރުވާކުޑަކުރާ ކުރުމަށާއި ވަޒީފާއަށް ނުކުތުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނެތުމުގެ ސަބަބުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް ބުރޫއަރަމުން ދިއުމާ ގުޅިގެންކަން ޘާބިތުކޮށްދިނުމަށްޓަކައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ސަބަބުތަކަށް އެއްވެސް ބަދަލެއްއަންނަ ކަމެއްނޫންކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.

ބ- ފަސްވަނަ ކަމަކީ،ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)އަށް ޢަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާގައި ތިބި އެންމެހައި މުވައްޒަފުންނަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންކަމާއި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސިވިލް ސަރވިސް ކޮމިޝަނަށް ކަމަށް ޤާނޫނު ނަންބަރު 2007/5 (ސިވިލް ސަރވިސްގެ ޤާނޫނު)ގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ރ)ގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނީ މީލާދީ ގޮތުން 2011 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެންކަމަށްވާއިރު، އިސްމާޢިލް ރިމާޙް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުކަން އެނގެންއޮތުމުން އިސްމާޢިލް ރިމާޙް ވަޒީފާއިން ވަކިކުރިއިރު އިސްމާޢިލް ރިމާޙްއަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއްކަމާއި އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމަކީ ޤާނޫނު ނަންބަރު 2007/5 (ސިވިލް ސަރވިސްގެ ޤާނޫނު)ގެ 37 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ފަދައިން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާ ޙައްޤެއްކަމަށް މެނުވީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ބެލެވޭނެ އެއްވެސް ހަމައެއްނެތްކަން އެނގެން އޮންނަ އޮތުމެވެ.

ޅ- ހަވަނަ ކަމަކީ، ހ.ބަރަބޯމާގޭ އިސްމާޢިލް ރިމާޙް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމާއި ވަޒީފާއަށް ނުކުތުމުގައި ފަރުވާކުޑަކޮށް އިޙުމާލުވުމާ ގުޅިގެން ނަސޭހަތާއި އިންޒާރުދީވެސް އިޞްލާޙްނުވުމުގެ ސަބަބުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މަޞްލަހަތަށް ބުރޫއަރާ މުވައްޒަފުންނަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށްފެނިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނިންމި ނިންމުމެއްގެ މައްޗަށްކަން މި މައްސަލައާ ގުޅިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުންވެސް ރަނގަޅަށް އެނގެންއޮންނާތީ، އިސްމާޢިލް ރިމާޙްގެ އެޕްރައިޒަލް ފޯރމަށް މާކްސް ދީފައިވާ ފަރާތަކުން އެކަންކަމުގެ މައްޗަށް ނުބަލާ އިސްމާޢިލް ރިމާޙްއަށް މާކްސްދީފައިވުމާއި އަދި ޤަވާޢިދާ ޚިލާފަށް އިސްމާޢިލް ރިމާޙްއަށް ޙައްޤުނުވާ ޕްރޮމޯޝަނެއް ދީފައި އޮންނައޮތުމަކީ އިސްމާޢިލް ރިމާޙް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް ނުކުތުމުގައި ފަރުވާކުޑަކޮށް އިޙްމާލުވެފައިވާކަން ކަނޑައެޅިގެން އެނގެން އޮންނައޮތުން ޤާނޫނީ ގޮތުން ނަފީކުރެވިދާފަދަ ޙުއްޖަތެއް ކަމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުންވިޔަސް ބެލެވޭނެ ހަމައެއްނެތްކަމަށްޓަކައި، އިސްމާޢިލް ރިމާޙްއާ ޙަވާލުވެފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމާއި ވަޒީފާއަށް ނުކުތުމުގައި އިޙުމާލުވެފައި އޮންނައޮތުމުގެ މައްޗަށް ބިނާކޮށް ހަމަޖެހި ޢަމަލުކުރަމުންދާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ނަސޭހަތާއި އިންޒާރު ދިނުމަށްފަހުވެސް ރަނގަޅުވެފައިނުވާތީ، ސިވިލް ސަރވިސްގެ ޤަވާޢިދުގެ 217 ވަނަ މާއްދާގެ (ހ)އަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ)ގެ 3 ވަނަ ނަންބަރުގެ ދަށުން މީލާދީ ގޮތުން 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އިސްމާޢިލް ރިމާޙް ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއިން ވަކިކުރިކުރުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ބަލަންޖެހޭ ފަދަ އަސާސެއް ނެތަތީ މި މައްސަލައާ ގުޅިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 81/VTR/2011 ނިންމުމާއި އަދި އެ ނިންމުން އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2012/HC-A/269 ޤަޟިއްޔާގެ އެ ނިންމުމަށް ތާއީދުކޮށް ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާތީ، އެ ދެ ނިންމުމަކީވެސް ބާޠިލް ދެ ނިންމުންކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދެކެނީ ހައިކޯޓުގެ ނަންބަރު 2012/HC-A/269 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެކަމަށެވެ.

ޙުކުމް:

ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވިފައިވާ ނުކުތާތަކާއި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ވިސްނާ ބަލާއިރު، ހ.ބަރަބޯމާގެ، އިސްމާޢީލް ރިމާޙް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގަ އާއި ވަޒީފާއަށް ނުކުތުމުގައި ފަރުވާކުޑަކޮށް އިޙްމާލްވުމާ ގުޅިގެން އެފަދަ މުވައްޒަފަކު އިޞްލާޙްކުރުމަށްޓަކައި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކަމުގައިވާ ނަޞޭހަތާއި އިންޒާރުދީ ހެދުމުންވެސް އިޞްލާޙްނުވެ ހުރުމުގެ ސަބަބުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް އެކަމުގެ ނޭދެވޭ އަސަރުފޯރާ އެ އިދާރާގެ ޑިސިޕްލިން ގެއްލި މަޞްލަޙަތަށް ބުރޫއަރާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއަށް ފެނިގެން ތަނުގެ މަޞްލަޙަތު ނެގެހެއްޓުމަށްޓަކައި އަޅާފައިވާ ފިޔަވަޅެއްކަން އެނގެން އޮތުމާއެކު، އެކަންކަމުގެ މައްޗަށް ބެލުމެއްނެތި އިސްމާޢީލް ރިމާޙްގެ އެޕްރައިޒަލް ފޯރމަށް މާރކްސް ލިބިފައި އޮންނައޮތުމަކީ އިސްމާޢީލް ރިމާޙް މޯލްޑިވްސް ކަސްޓަމަސް ސަރވިސަސްގެ ވަޒީފާއަށް ނުކުތުމުގައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިޙްމާލުވެފައިވާކަން ފާޅުކަންބޮޑު ގޮތެއްގައި އެނގެން އޮންނައޮތުން ޤާނޫނީ ގޮތުން ނަފީކުރެވޭފަދަ ޙުއްޖަތެއްކަމަށް ބެލެވެންޖެހޭ އެއްވެސް ހަމައެއްނެތަތީއާ، ނަޞޭހަތާއި އިންޒާރު ދިނުމަށްފަހުވެސް އިޞްލާޙްނުވެ މުވައްޒަފުންނާ މެދު ޢަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތުގެމަތިން ސިވިލް ސަރވިސްގެ ޤަވާޢިދުގެ 217 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ)ގެ 3 ވަނަ ނަންބަރުގެ ދަށުން 2011 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނުން އިސްމާޢީލް ރިމާޙް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ވަޒީފާއިން ވަކިކުރިކުރުން ޤާނޫނާ ޚިލާފުކަމަށް ބަލަންޖެހޭ ހަރުދަނާ އަސާސެއް ނެތްކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 81/VTR/2011 ނިންމުމާއި އަދި އެ ނިންމުމަށް ތާއީދުކުރި ހައިކޯޓުގެ ނަންބަރު 2012/HC-A/269 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމައާ އެއްގޮތްނުވާތީ އެ ދެ ނިންމުމަކީވެސް ބާޠިލް ދެ ނިންމުންކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ