ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2013/SC-A/35

ޒ. ފުވައްމުލައް އަދި އދ. މަހިބަދޫ އަދި އދ. މަހިބަދޫ އަދި އއ. އުކުޅަސް އަދި ބ. ތުޅާދޫ އަދި ސ. ހުޅުދޫ އަދި އދ. ހަންޒާމީދޫ އަދި ނ. ފޮއްދޫ އަދި ތ. ކަނޑުދޫ އަދި އދ. މަންދޫ އަދި އދ. ދިގުރަށް ވ. ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 10 ފެބުރުއަރީ 2015ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް (89/VTR/2011)ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2012/HC-A/184، 89/VTR/2011
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުގައި ވަޒީފާ އަދާކުރި 11 މުވައްޒަފުން ރިޑަންޑަންސީގެ ނަމުގައި ވަކިކުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 89/VTR/2011 މައްސަލައިގައި ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ވަޒީފާގައި އަލުން ބަހައްޓައި މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކުރިއެވެ. ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުރި އިސްތިއުނާފުގައި ހައިކޯޓުގެ 2012/HC-A/184 ޤަޟިއްޔާއިން ޓްރައިބިއުނަލުގެ ނިންމުން ބާޠިލުކޮށް، ބަދަލާއި އިނާޔަތްތައް ކަނޑައެޅުމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ޓްރައިބިއުނަލަށް ތަޙުވީލުކުރިއެވެ. މުވައްޒަފުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިއެވެ.
ވާޤިޢާ
އިލްތިމާސްކުރި ފަރާތްތަކަކީ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގާ ރިސޯޓެއްގެ މުވައްޒަފުންނެވެ. 04 ޖޫން 2011 ގައި އެމީހުންގެ މަޤާމު ރިޑަންޑަންޓްވި ކަމަށް ބުނެ ވަޒީފާއިން ވަކިކުރިއެވެ. ރިޑަންޑަންސީ އިޢުލާނުކުރީ ރިސޯޓު ހިންގުމަށް ބޭނުންވާ މުވައްޒަފުންގެ ޢަދަދު މަދުކުރުމަށް ކަމަށް ކުންފުނިން ބުންޏެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢީ ގޮތުން ބަލައި ފައިޞަލާކުރަނިވި ނިންމުމެއް ނިންމާފައިވާ މައްސަލައެއް، ހައިކޯޓުން ފައިޞަލާކުރަނިވި ޙުކުމެއް ނުކޮށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އަލުން ބެލުމަށް ޓްރައިބިއުނަލަށް ތަޙުވީލުކުރެވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މުވައްޒަފުން ބުނީ، ރިޑަންޑަންސީ އޮތްކަން ކުންފުންޏަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވާއިރު، ރިޑަންޑަންސީގެ ޙާލަތު ޓްރައިބިއުނަލުން ޤަބޫލުކުރި ކަމަށް ބަލައި ހައިކޯޓުން ވަޤާއިޢު ތަޠުބީޤުކުރުމުގައި އޮޅުންއަރާފައިވާ ކަމަށެވެ. އެހެންކަމުން، ރިޑަންޑަންސީގެ ޙާލަތާއި ރިޑަންޑަންޓް ކުރަންޖެހޭ މުވައްޒަފުން ސާބިތުނުވާ ކަމަށް ކަނޑައަޅައި، ޓްރައިބިއުނަލުގެ ނިންމުން ޞައްޙަ ކަމަށް ކަނޑައަޅައިދިނުމަށް އެދުނެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އިންޞާފުން ޝަރީޢަތްކުރުމުގެ ޙައްޤު ލިބިގެންވާތީ، ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ މައުޟޫޢަށް ކޯޓުން ފައިޞަލާކުރަންވާނެ ކަމަށެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31، 32 އަދި 36 ވަނަ މާއްދާތަކަށް ބަލާއިރު، އިސްތިއުނާފުގައި އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން މުޅި ދަޢުވާ އިސްތިއުނާފީ ކޯޓަށް ނަޤުލުވެ، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ހުރިހާ ބާރެއް އިސްތިއުނާފީ ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައެޅިއެވެ. ޓްރައިބިއުނަލުން މައުޟޫޢީ ގޮތުން ފައިޞަލާކުރަނިވި ނިންމުމެއް ނިންމާފައިވާތީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ތަޙުވީލުކުރުމުގެ އަސާސެއް ނެތް ކަމަށާއި، ފައިޞަލާކުރަނިވި ޙުކުމެއް ކުރުމަކީ ހައިކޯޓުގެ ބާރާއި މަސްއޫލިއްޔަތު ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން އަލުން ބެލުމަށް މައްސަލަ ހައިކޯޓަށް ތަޙުވީލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު؛ މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ތަޙުވީލު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިންޞާފުން ޝަރީޢަތްކުރުމަކީ، ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ، އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީފައިވާ އެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ އެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ސާފުކޮށް އެނގެންއޮތުމުން، އިންޞާފު ލިބިދިނިމަށް އެދި ކޯޓަކަށް ކަމާބެހޭ ފަރާތަކުން މައްސަލައެއް ހުށަހެޅުމުން، މައްސަލަ ބަލައިގަތުމާބެހޭގޮތުން ޤާނޫނީގޮތުން ކަނޑައެޅިފައިވާ އިޖުރާއާތުތައް، އެ މައްސަލައެއް ބެލުމަށް ހުރަސްނުއަޅާހާ ހިނދަކު އެ މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ކަންކަމަށް އެ ކޯޓުން ފައިޞަލާކުރަންވާނެއެވެ.

HN2 ދަށުކޯޓަށް ހުށަހެޅިފައިވާ ދަޢުވާއަކީ ޖިނާއީ ދަޢުވާއެއްކަމަށްވިޔަސް ނުވަތަ މަދަނީ ދަޢުވާއެއްކަމަށްވިޔަސް އެ ދަޢުވާ އިސްތިއުނާފީ ކޯޓުން ބެލުމަށްޓަކައި ދަށު ކޯޓުގެ ދަޢުވާގައި ހިމެނޭ ވާޤިޢާ (ފެކްޓް) ތަކާއި ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައް ހިމެނޭގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން އިސްތިއުނާފީ ކޯޓަށް މުޅި ދަޢުވާ އަލުން ހުށަހެޅިގެން ދެއެވެ. ދަށުކޯޓުން ކޮށްފައިވާ ޙުކުމް، އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފް ކުރެވިގެންދިއުމާއެކު، ފުރަތަމަ މަރުޙަލާގެ ކޯޓަށް އެ ދަޢުވާ ހުށަހެޅިގެންދިޔަ ވަގުތުން ފެށިގެން އެ ދަޢުވާ ބެލުމަށް އެ ކޯޓަށް ޤާނޫނީ ގޮތުން ލިބިގެންވާ ހުރިހާ ބާރުތަކެއް އިސްތިއުނާފީ ކޯޓަށް އުޞޫލެއްގެ ގޮތުން ލިބިގެންވެއެވެ.

HN3 ރައްޔިތުންގެ އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި އިސްތިއުނާފްކުރުމުގެ ޙައްޤު ކަނޑައަޅާފައި މިވަނީ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާގުޅޭ ދަޢުވާގެ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާގޮތާއި ޤާނޫނު ތަޠްބީޤުކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައްތައް ހިމެނޭގޮތުން އިސްތިއުނާފީ ކޯޓުން ބަލައި ކަށަވަރުކޮށް އިންޞާފު ޤާއިމުކުރުމުގެ މަޤްޞަދުގައެވެ.

HN4 ޓްރައިބިއުނަލްއިން އެ މައްސަލަ ނިންމަވާފައިވަނީ އެ މައްސަލަ އެ ޓްރައިބިއުނަލްއަށް ހުށަހެޅި ފަރާތްތަކުން އެ މައްސަލައިގެ ދަޢުވާގައި އެދިފައިވާ އެންމެހައި ކަންކަން މައުޟޫޢީގޮތުން ބައްލަވައި، ފައިޞަލާކުރަނިވި ނިންމުމަކުން އެ މައްސަލަ ނިންމަވައިގެން ނަމަ، އެ މައްސަލައަކީ، ކަން ހިނގާފައިވާގޮތް އަލުންބެލުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ޓްރައިބިއުނަލަށް ތަޙްވީލުކުރުމުގެ އެއްވެސް އަސާސެއްނެތް މައްސަލައެކެވެ.

HN5 ދަށުކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅިފައިވާ ދަޢުވާއަކާ ގުޅިގެން އެ ކޯޓުން ނުވަތަ އެ ޓްރައިބިއުނަލްއިން އެ މައްސަލަ، މައުޟޫޢީގޮތުން ބައްލަވައި، ފައިޞަލާކުރަނިވި ގޮތުގައި ނިންމާ ނިންމުންތައް، އިސްތިއުނާފްކުރުމަށް ކަމާބެހޭ ފަރާތަކުން ހައިކޯޓަށް ހުށަހެޅުމުން، ދަށުކޯޓުން އެ މައްސަލައިގައި ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފް ކުރިފަރާތުން އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން، ދަށުކޯޓުން އެ ދަޢުވާގައި ބަލާ ނިންމާފައިވާ، އެ ދަޢުވާގައި ހިމެނޭ އެންމެހައި ކަންކަމާއި އަދި އެ ދަޢުވާގައި ހިމެނޭ އެންމެހައި ވާޤިޢާތަކާއި އަދި އެ ދަޢުވާއާގުޅޭ ޤާނޫނީ ނުކުތާތައް ހިމެނޭގޮތުން ދަށުކޯޓުން ބައްލަވައި ޙުކުމްކޮށްފައިވާ އެ މައްސަލަ މައުޟޫޢީގޮތުން އަލުން ބަލައި ފައިޞަލާކުރަނިވި ޙުކުމަކުން އިންޞާފު ޤާއިމުކުރުމަކީ ހައިކޯޓުން އިސްތިއުނާފީ އުޞޫލުން މައްސަލަބަލާ ނިންމުމުގައި ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ހައިކޯޓަށް ލިބިގެންވާ ބާރެކެވެ. އަދި އެއީ އެ ކޯޓުގެ ޤާނޫނީ މަސްއޫލިއްޔަތެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
—
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ

ދިވެހިރާއްޖެ

ފާހަގަ ކުރެވުނު ނުކުތާތައް

1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަޝިއްޔާގެ ޙުކުމް ބިނާވެފައިވަނީ، ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށްބުނެ ޒ. ފުވައްމުލައް / ދިލްޝަންގެ އިސްމާޢީލް ޢަބްދުﷲ އާއި، އދ. މަހިބަދޫ / ހީނާގެ މުޙައްމަދު އިރުޝާދުއާއި، އދ. މަހިބަދޫ / ކުޅިބަލާގެ ޞަލާޙް ޙުސައިންއާއި، އއ. އުކުޅަސް / ނޫމުރަކަ ޢަބްދުﷲ ނަވާދް އާއި، ބ. ތުޅާދޫ / ކާނިމާގެ މުޙައްމަދު އަންސާމްއާއި، ސ. ހުޅުދޫ / ސީވިއު އަޙުމަދު މަޝްހޫދުއާއި، އދ. ހަންޒާމީދޫ / ފިޔަނޫމާގެ އަޙްމަދު އަސްލަމް އާއި، ނ. ފޮއްދޫ / އަލިވާގެއާގެ މުޙައްމަދު އިމްތިޔާޒް ޢަބްދުއްރަޙްމާން އާއި، ތ. ކަނޑުދޫ / އެތުމާގެ އިދުރީސް އަލީ އާއި، އދ. މަންދޫ / ޑޭޒީވިލާ މުޙައްމަދު ހާރިޘްއާއި، އދ. ދިގުރަށް / އިރުމަތީގެ މުޙައްމަދު ޤާސިމް އާއި، މި ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޝިއްޔާއެކެވެ. މި ޤަޝިއްޔާގައި ދައުވާލިބުނީ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަށެވެ.

2ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޝިއްޔާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2011 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ އެ މައްސަލަ އިސްތިއުނާފްކޮށްދިނުމަށްއެދި، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.

3ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަޟިއްޔާގެ ދަށުން އިސްތިއުނާފްކުރެވުނު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ މައްސަލައަކީ މުޙައްމަދު އިމްތިޔާޒު ޢަބްދުއް ރަޙްމާނު އަލިވާގެއާގެ، މުޙައްމަދު ޤާސިމް އިރުމަތީގެ، މުޙައްމަދު އިރުޝާދު ހީނާގެ، މުޙައްމަދު ހާރިޘް ޑޭޒީވިލާ، އިދުރީސް އަލީ އެތުމާގެ، އަޙްމަދު އަސްލަމް ފިޔަނޫމާގެ، އަޙްމަދު މަޝްހޫދު ސީވިއު، ޞަލާޙް ޙުސައިން ކުޅިބަލާގެ، މުޙައްމަދު އަންސާމު ކާނިމާގެ، ޢަބްދުﷲ ނަވާޤް ޖަންބުމާގެ / އ. އުކުޅަސް އާއި، އިސްމާޢީލް ޢަބްދުﷲ ދިލްޝަންގެ / ޒ. ފުވައްމުލައް އާއި މިފަރާތްތަކުން ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އެ މީހުންގެ މަޤާމު ރިޑަންޑަންޓްވިކަމަށް ބުނެ 04 ޖޫން 2011 ގައި ވަޒީފާއިން ވަކި ކުރުމާ ގުޅިގެން އެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މި ފަރާތްތަކުންދެކޭތީ އެ މައްސަލަ ބަލައިދިނުމަށްއެދި މި ފަރާތްތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުން އެ ޓްރައިބިއުނަލްއިން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި ބުނެވިދިޔަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2011 މައްސަލަ އެ ޓްރައިބިއުނަލްއަށް ހުށަހެޅި އިސްވެ ބަޔާންކުރެވިފައިވާ ފަރާތްތަކުން އެ މައްސަލައިގައި އެދިފައިވަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ އެންމެހައި ކަންތައްތައް އެ ޤާނޫނުނަކާ އެއްގޮތްވާގޮތުގެ މަތިން ކުރުމަށް ލާޒިމުކުރާ ޤާނޫނުގައި އެއްވެސް މުވައްޒަފަކު އަދާކުރަމުންދާ ވަޒީފާއަކުން އެ މުވައްޒަފަކު ވަކިކުރެވޭނީ އެކަށީގެންވާ ޝަރުތަކާ ލައިގެންކަމަށް ޞަރީޙަކޮށް ބަޔާންކޮށްފައިވާއިރު، އެއްވެސް ސަބަބެއްނެތި ހަމައެކަނި ކުންފުނީގެ ވިޔާފަރި ދަށްވާނެކަމަށް ލަފާކުރެވޭތީ ނުވަތަ ކުންފުނީގެ ފެންވަރު ރަނގަޅުކުރުމަށް އޮޕަރޭޓްކުރަމުންދާ ގެސްޓް ރޫމްތަކެއް ބަންދުކުރުމަކުން، ޒިންމާދާރުކަމާއެކު، ކަމަށްކަމޭހިތާ، އެތައް އަހަރަކު ވަޒީފާއަދާކުރަމުންދިޔަ މުވައްޒަފުންތަކެއް އެއްވެސް އުޞޫލެއްނެތި، އެއްވެސް ހަމައެއް އިންޞާފެއްނެތި ވަޒީފާއިން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ރޫޙާއި ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށާއި އެހެންކަމުން މިފަރާތްތައް ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށްކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން، މި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 (އެކެއް) މަސް ދުވަހުގެ މުސާރައާއި އަދި މިފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާލައިގެންނޫންކަމުން މި ފަރާތްތައް ކޮންރެޑް މޯލްޑިވްސް ގައި އަދާކުރަމުންއައި ވަޒީފާ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން އަލުން އަނބުރާ ހޯއްދަވައިދެއްވުމަށާއި، އަދި ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު އެންމެހައި ގެއްލުމުގެ ބަދަލާއި މި ފަރާތްތަކުގެ މުސާރައާއި އެންމެހައި އިނާޔަތްތައް އަލުން އަބުރާ ދެއްވުމަށް ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ ކޮންރެޑް މޯލްޑިވްސް ރަންގަލި މެނޭޖްމަންޓަށް އަންގާ އަމުރުކޮށްދިނުމަށްކަމާއި އަދި އެ ޓްރައިބިއުނަލްއިން އެ މައްސަލަ ނިންމަވާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އެއްވެސް ޤަވާޢިދެއްގައިވެސް "ރިޑަންޑަންސީ" ގެ ޙާލަތު މެދުވެރިވުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމަށް ބަޔާންކޮށްފައިނެތް ނަމަވެސް، މުވައްޒަފަކާއި ވަޒީފާ ދޭ ފަރާތާދެމެދު އޮންނަ ވަޒީފާގެ ގުޅުމަކީ ވަޒީފާދޭ ފަރާތެއްގެ ޙާލަތަށާއި، ބޭނުންތަކަށް ބިނާވެ ވުޖޫދަށް އަންނަ ގުޅުމެއްކަމުން ވަޒީފާ ދޭ ފަރާތެއްގެ ޙާލަތަށް އަންނަ ބަދަލުތަކެއްގެ ސަބަބުން މުވައްޒަފަކު އަދާކުރަމުންދިޔަ ވަޒީފާއެއް ނެތިދާފަދަ ޙާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުރަވެވޭތީ، އެފަދަ ޙާލަތެއް މެދުވެރިވެގެން އިންސާފުވެރިގޮތަކަށް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާނަމަ އެ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް އެކަށީގެންވާ ސަބަބެއް އޮވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި އޮތްއޮތުމެއްކަމަށް ދެކޭހިނދު، މި މައްސަލައިގައިހިމެނޭ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ، އެފަރާތްތައް ވަޒީފާ އަދާކުރަމުން އައިސްފައިވާ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހިންގުމަށް ބޭނުންވާ މުވައްޒަފުންގެ ޢަދަދު ކުރިއަށްވުރެ މަދުކޮށް ރިޑަންޑަންސީ އިޢުލާނުކުރުމާ ގުޅިގެންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި މަރުޙަލާގައި މުވައްޒަފުން މަދުކުރަންޖެހޭތޯ ވަޒަންކޮށް މައްސަލަ ރައްދުވި ކުންފުނިން ބަލާފައިވާ ގޮތެއް އެނގެންނެތުމާއި، ރިޑަންޑަންސީ އިޢުލާނުކުރިމަކަށް ބުނާއިރު އެ ޙާލަތުގައި މުވައްޒަފުންނާމެދު ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާފައިވާކަން އެނގެންނެތުމާއި، މައްސަލަ ހުށަހެޅި ފަރާތްތައް "ޑިއުޕްރޮސެސް" އެއްގެ ތެރެއިން އިންސާފުވެރިގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވިކަން އެނގެން ނެތުމުން، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި ސަބަބުކަމަށް މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ކަންކަން ސާބިތުކޮށްދެވިފައިވާކަމަށް ބުރަވެވެންނެތަތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅުއްވައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކުރައްވައި، އެ ފަރާތްތައް ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބޭތިއްބުމަށާއި، އެ ފަރާތްތަކަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއްކަމުގައި ނުބެލުމަށާއި، އެ ފަރާތްތައް ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މި މައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރައާއި އިނާޔަތުގެ ގޮތުގައި އެ ފަރާތްތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ވަޒީފާއިން ވަކިކުރިއިރު ދީފައިވާ ފައިސާ އުނިކުރުމަށްފަހު ބާކީދޭންޖެހޭ މިންވަރު، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި ފަރާތްތަކަށް ދީ ޚަލާސްކުރުމަށްފަހު، އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް އަންގައި އަމުރުކުރައްވާފަކަމާއި މި ކަންކަން އިސްވެ އިޝާރާތްކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.

4ދިވެހިރާއްޖޭހެ ހައިކޯޓުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2011 މައްސަލަ އިސްތިއުނާފްކޮށް ބެއްލެވި ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަސިއްޔާ ނިންމަވާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2011 މައްސަލައިގައި އެ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުން ބާޠިލްކުރައްވައި، ޒ. ފުވައްމުލައް / ދިލްޝަންގެ އިސްމާޢީލް ޢަބްދުﷲ އާއި، އދ. މަހިބަދޫ / ހީނާގެ މުޙައްމަދު އިރުޝާދުއާއި، ހަމައެ ރަށު ކުޅިބަލާގެ ޞަލާޙް ޙުސައިންއާއި، އއ. އުކުޅަސް / ޖަންބުމާގެ ޢަބްދުﷲ ނަވާޤް އާއި، ބ. ތުޅާދޫ / ކާނިމާގެ މުޙައްމަދު އަންސާމްއާއި، ސ. ހުޅުދޫ / ސީވިއު އަޙުމަދު މަޝްހޫދުއާއި، އދ. ހަންޒާމީދޫ / ފިޔަނޫމާގެ އަޙްމަދު އަސްލަމް އާއި، ނ. ފޮއްދޫ / އަލިވާގެއާގެ މުޙައްމަދު އިމްތިޔާޒް ޢަބްދުއްރަޙްމާނު އާއި، ތ. ކަނޑުދޫ / އެތުމާގެ އިދުރީސް ޢަލީ އާއި، އދ. މަންދޫ / ޑޭޒީވިލާ މުޙައްމަދު ހާރިޘްއާއި، އދ. ދިގުރަށް / އިރުމަތީގެ މުޙައްމަދު ޤާސިމް، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގައި އަދާކުރަމުން ގެންދިޔަ ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި ވަޒީފާ ދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ އަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުކޮށްކަމަށްވުމާއެކު، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އިސްވެ ބުނެވުނު އިސްތިއުނާފް ރައްދުވާ ފަރާތްތަކަށް ނަގައިދޭންޖެހޭ ބަދަލުގެ މިންވަރު، އެފަދަ މައްސަލަތަކުގައި ނަގައިދެވޭ މާލީ ބަދަލުގެ މިންވަރު ކަނޑައެޅުމާ ބެހޭގޮތުން ހައިކޯޓުގެ އެ ޤަސިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅުމަށާއި، ރިޑަންޑަންސީގެ ޙާލަތުގައި ވަކިކުރާ މުވައްޒަފުންނަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ އެހެނިހެން މާލީ އިނާޔަތްތައް ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އިސްތިއުނާފް ރައްދުވާ ފަރާތްތަކަށް ލިބިފައިވޭތޯ ބަލާ، އޭގެތެރެއިން އިނާޔަތެއް އެފަރާތްތަކަށް ލިބިދީފައިނުވާނަމަ އެ އިނާޔަތެއް އެފަރާތަށް ލިބިދިނުމުގެގޮތުން، އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އަލުންބަލައި ފައިސަލާކުރަނިވި ނިންމުމެއް ނިންމުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ތަޙްވީލުކުރުމަށް ކަނޑައަޅުއްވައި ޙުކުމްކުރައްވާފަކަން އިސްވެ އިޝާރާތްކރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަޝިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމުގެ ޢިބާރާތަށް ބެލުމުން އެނގެއެވެ.

5ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަޝިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޝިއްޔާގެ ދަށުން އިލްތިމާސްކުރި އިސްވެ ބަޔާންކުރެވިދިޔަ ފަރާތްތަކުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިލްތިމާސްކުރާ މައިގަނޑު އަސާސަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2011 މައްސަލަ ބައްލަވައި، އެ ޓްރައިބިއުނަލްއިން ނިންމަވާފައިވާގޮތަށް އެ މައްސަލަ ނިންމަވާފައިވަނީ މި މައްސަލައިގައި ރިޑަންޑަންސީ އޮތްކަން މައްސަލަ ރައްދުވާ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ބައްލަވައިގެން ކަމަށްވާއިރުވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަޝިއްޔާއިން މައްސަލަ ބައްލަވައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ ރިޑަންޑަންސީގެ ޙާލަތު ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކުރިމަތިވެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2011 މައްސަލަ ނިންމެވިއިރު އެ ޓްރައިބިއުނަލްއިން ކަނޑައަޅާފައިވާކަމާށާއި އަދި އެ ކަނޑައެޅުން ހައިކޯޓުގެ އިސްތިއުނާފީ ދައުވާ ރައްދުވި ފަރާތްތަކުން އެ ކޯޓުގައި އިސްތިއުނާފްކޮށްފައި ނުވާކަމަށް ބައްލަވައިގެން ކަމަށާއި އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމެވުމުގައި، މައްސަލައިގެ ވަޤާއިޢުތައް ތަޠްބީޤުކުރުމުގައި އޮޅުންއަރާފައިވާކަމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި ފަރާތްތަކުން ޤަބޫލުކުރާތީ އެ އަސާސުގެ މައްޗަށްކަމާއި، އަދި އެ ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އެދިފައިވަނީ މުވައްޒަފުން ރިޑަންޑަންޓް ކުރަންޖެހޭފަދަ ޙާލަތެއް މެދުވެރިވެފައިވާކަމާއި އަދި ރިޑަންޑަންޓް ކުރަންޖެހޭ މުވައްޒަފުންނަކީ ކޮބައިކަމާއި މި ދެކަން ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ސާބިތު ކޮށްދެވިފައި ނުވާކަމަށް ކަނޑައަޅުއްވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2011 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަކީ ޞައްޙަ ނިންމެވުމެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށްކަމާއި މިކަންކަން މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި ފަރާތްތަކުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި އެ ފަރާތްތަކުން މި މައްސަލަ އިލްތިމާސްކޮށްދިނުމުގެ ހުއްދައަށްއެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފިއިވާ ފޯމްގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮވެއެވެ.

6HN1HN2HN3HN4HN5ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސް ކޮށްފައިވާ އިސްވެ ބަޔާންކުރެވިދިޔަ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށާއި، މި މައްސަލައާ ގުޅިގެނ ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިއުންތަކަށާއި، މި މައްސަލަ މި ކޯޓުގައި އިލްތިމާސްކުރި ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 2012/HC-A/184 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފްކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ، އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. (ހ) ފުރަތަމަކަމަކީ، އިންޞާފުން ޝަރީޢަތްކުރުމަކީ، ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ، އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީފައިވާ އެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ އެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ސާފުކޮށް އެނގެންއޮތުމުން، އިންޞާފު ލިބިދިނިމަށް އެދި ކޯޓަކަށް ކަމާބެހޭ ފަރާތަކުން މައްސަލައެއް ހުށަހެޅުމުން، މައްސަލަ ބަލައިގަތުމާބެހޭގޮތުން ޤާނޫނީގޮތުން ކަނޑައެޅިފައިވާ އިޖުރާއާތުތައް، އެ މައްސަލައެއް ބެލުމަށް ހުރަސްނުއަޅާހާ ހިނދަކު އެ މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ކަންކަމަށް އެ ކޯޓުން ފައިޞަލާކުރަންވާނެކަން އެނގެން އޮންނައޮތުމެވެ. (ށ) ދެވަނަކަމަކީ، ދުނިޔޭގެ ކުރިއަރާފައިވާ ތަފާތު ޖުރިސްޑިކްޝަންތަކާއި އަދި ދީމިޤްރާތީ މުޖުތަމަޢުތަކުގެ ޤަޝާއީސުލްޠާ (ޢަދުލުއިންސާފު ޤާއިމްކުރުމުގެ ބާރު) އެތުރިފައިވާގޮތުގެ މައްޗަށް ބަލާއިރު، ދަށު މަރުޙަލާގެ ކޯޓުތަކުން ނިމޭ މައްސަލަތައް އެއަށްވުރެ މަތީ މަރުޙަލާގެ ކޯޓުތަކުގައި އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދީފައިވާ މައިގަނޑު ސަބަބަކީ، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމް ޞައްޙަނޫންކަމަށް ބެލެވިދާފަދަ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރުމުން އެ ޙުކުމުގައި ކުށެއް ނުވަތަ ޢައިބެއް އޮވެދާނެކަމުގެ އިޙްތިމާލު އޮންނާނެތީ ޢަދުލު އިންޞާފު އޭގެ އެންމެ ފުޅާ މާނައިގައި ލިބިދިނުމުގެ މަފްހޫމް ނިޔާކުރަނީ އެ ޙުކުމުގައި އެއްވެސް ޢައިބެއްނެތް، ޤާނޫނީ ގޮތުން ޞައްޙަ ޙުކުމެއްކޮށް، ދަށު މަރުޙަލާގެ ކޯޓުގެ ޙުކުމުގައިވާ ޢައިބު ނުވަތަ ކުށް ރަނގަޅުވެގެން ދިއުމުގެ އުންމީދުގައި ދަށުމަރުޙަލާގެ ކޯޓުގައި ކުރެވުނު ދަޢުވާ އަލުން ބަލައި އެ ކޯޓުގެ ޙުކުމް އަލުން މުރާޖަޢާކުރުމަށް މަގުފަހިކުރުމަށް ކަމަށްވެފައި، އަދި މި ބާވަތުގެ ކުށެއް ނުވަތަ ޢައިބެއް ދަށު މަރުޙަލާގެ ކޯޓުގެ ޙުކުމުގައި އޮވެދާނެކަމުގެ އިޙްތިމާލު އޮތުމަށް ދިމާވާ މައިގަނޑު ސަބަބަކީ، ދަށު މަރުޙަލާގެ ކޯޓުން ބަލާ ދަޢުވާ އެ ކޯޓުން އެ ބެލެވެނީ އެންމެ ފުރަތަމަ ފަހަރަށް ކަމަށްވުމުން އެ ދަޢުވާގެ އެންމެހާ ޢުންޞުރުތަކެއް ރަނގަޅުކަމުގެ މައްޗަށް ސާފުވެގެން ނުދިއުމަކީ އެކަށީގެންވާ ކަމެއްކަމަށްވުމުން ނުވަތަ އެ ދަޢުވާގެ ޙުކުމް އައިއިރު، ޞައްޙަ މަގުން ޤާނޫނުގެ ޙުކުމް ރަނގަޅަށް ސާފުވެގެން ނުދިއުމަކީ އެކަށީގެންވާ ކަމެއްކަމަށްވުމުންނާއި އަދި މީގެ އިތުރުން މަތީ މަރުޙަލާގެ ކޯޓެއްގައި އިސްތިއުނާފްކޮށްގެން ދެވަނަ ފަހަރަށް ދަޢުވާ ބަލައި، ދަށު މަރުޙަލާގެ ކޯޓުން ނެރުނު ޙުކުމަށް ތާއީދުނުކުރުމުގެ އިޙްތިމާލު އޮންނާނެކަމަށް ދަށު މަރުޙަލާގެ ކޯޓުގައި ދަޢުވާބަލާ ޤާޟީއަށް އެނގިފައިއޮތުމުން އެއީ ދަށު މަރުޙަލާގެ ކޯޓުން މައްސަލަ ރަނގަޅަށް ބެލުމަށް އިތުރު އަހައްމިއްޔަތެއް ދިނުމަށް މަގުފަހިކުރުވާ، އަދި ދަށުކޯޓުގެ ޙުކުމް ޞައްޙަ ރަނގަޅު ޙުކުމަކަށްވެގެން ދިއުމަށްޓަކައި ބަލަންޖެހޭ އެންމެހައި ބެލުންތައް ބެލުމަށް ބާރުލިބިދޭނޭކަމެއްކަމަށްވުމާއި އަދި މީގެ އިތުރުން ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާ ދެވަނަ ފަހަރަށް ބެލުމަކީ ވާޤިއާތައް (ފެކްޓްތައް) ވަޒަންކުރުންކަމުގައިވިޔަސް އެއްބާވަތެއްގެ މައްސަލަތަކުގައި ޝަރީޢަތުން ހަރުދަނާ ޤަޝާއީ އުޞޫލުތަކެއް އެކަށައެޅިގެންދިއުމަށް މަގުފަހިކޮށްދޭނޭ ކަމެއްކަމަށްވުމާއި މި އެންމެހައި ކަންކަމަކީ، މައްސަލަތައް އިސްތިއުނާފްކުރުމުގެ މައިގަނޑު މަޤްޞަދުތައްކަން އެނގެން އޮންނައޮތުމުގެ އިތުރުން، ދަށު މަރުޙަލާގެ ކޯޓަކަށް ހުށަހެޅޭ ދަޢުވާއަކާ ގުޅިގެން އެ ކޯޓަކުން އެ ދަޢުވާގެ މައުޟޫޢުބަލައި ފައިޞަލާކުރަނިވި ގޮތުގައި ކުރާ ޙުކުމެއް، އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފުކުރުމުގެ ސަބަބުން ނުކުންނަ މައިގަނޑު ނަތީޖާތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނަތީޖާއަކީ، ދަށުކޯޓަށް ހުށަހެޅިފައިވާ ދަޢުވާއަކީ ޖިނާއީ ދަޢުވާއެއްކަމަށްވިޔަސް ނުވަތަ މަދަނީ ދަޢުވާއެއްކަމަށްވިޔަސް އެ ދަޢުވާ އިސްތިއުނާފީ ކޯޓުން ބެލުމަށްޓަކައި ދަށު ކޯޓުގެ ދަޢުވާގައި ހިމެނޭ ވާޤިޢާ (ފެކްޓް) ތަކާއި ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައް ހިމެނޭގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން އިސްތިއުނާފީ ކޯޓަށް މުޅި ދަޢުވާ އަލުން ހުށަހެޅިގެން ދިއުންކަމާއި މި ގޮތުން ދަށުކޯޓުން ކޮށްފައިވާ ޙުކުމް، އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފް ކުރެވިގެންދިއުމާއެކު، ފުރަތަމަ މަރުޙަލާގެ ކޯޓަށް އެ ދަޢުވާ ހުށަހެޅިގެންދިޔަ ވަގުތުން ފެށިގެން އެ ދަޢުވާ ބެލުމަށް އެ ކޯޓަށް ޤާނޫނީ ގޮތުން ލިބިގެންވާ ހުރިހާ ބާރުތަކެއް އިސްތިއުނާފީ ކޯޓަށް އުޞޫލެއްގެ ގޮތުން ލިބިގެންވާކަމާއި މީގެ ތެރޭގައި އެ ދަޢުވާގެ އެންމެހައި ވާޤިއާތައް ބެލުމާއި، އަދި ކަމެއް ޘާބިތުކުރުމަށްޓަކައި އިސްތިއުނާފީ ކޯޓަށް ފެންނަ އެންމެހައި އިޖުރާއާތުތަކެއް ފުރިހަމަކުރުމާއި ހުށަހެޅިފައިވާ އެންމެހައި ލިޔެކިއުންތަކުގައްޔާއި ޚަޞްމުންގެ ދިފާޢުތަކުގައި ހިމެނޭ އެންމެހާ ވާޤިޢާތައް އަލުން ބަލައި ވަޒަންކުރުމާއި އޭގެފަހުން ދަޢުވާގެ އެންމެހައި ވާޤިޢާތަކެއްގެ މައްޗަށް، އެ ކޯޓުން ތަޠުބީޤުކުރުން ޞައްޙަކަމަށް ފެންނަ ޤާނޫނީ ޤާޢިދާ ތަޠުބީޤުކުރުމާއި އަދި މީގެ އިތުރުން އިސްތިއުނާފު ކުރުމުގެ ތަޞައްވުރު ބިނާވެފައިވަނީ، އިސްތިއުނާފީ ކޯޓަށް، ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމް އިސްތިއުނާފްކުރެވިއްޖެނަމަ، ފުރަތަމަ މަރުޙަލާގެ ކޯޓުން އެޙުކުމް ނެރުމުގެ ކުރިން، އެކޯޓަށް އެހުށަހެޅުނު އެދަޢުވާ އެއޮތް ޙާލަތުގައި އިސްތިއުނާފީ ކޯޓަށް ނަޤުލުވެގެންދިއުމުގެ މައްޗަށްކަމާއި މީގެ ނަތީޖާއެއްގެގޮތުން ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއާ ގުޅޭގޮތުން އާ ހެއްކާއި އާ ދިފާޢުތައް އިސްތިއުނާފީ ކޯޓަށް ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވިގެންދާނެކަމާއި އެހެނީ އިސްތިއުނާފުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދަށު މަރުޙަލާގެ ކޯޓުންކުރި ޙުކުމް ރަނގަޅު ނޫންކަމަށް ދެކޭފަރާތަށް، ދަށުމަރުޙަލާގެ ކޯޓަށް ހުށަހެޅުމަށް ނުކުޅެދުނު އާ ހެއްކެއް ފަހުން ލިބިފައިވާނަމަ، އެހެކި އިސްތިއުނާފީ ކޯޓަށް އަލުން ހުށަހަޅުން ތަމްކީނުކުރުމާއި، އަދި ދަށު ކޯޓުގެ ދަޢުވާއާ ގުޅިގެން ހަނދާންނެތިގެން ނުވަތަ އެނޫން ގޮތަކުން ކަމަށްވިޔަސް ދަށު ކޯޓަށް ކަމެއް ހުށަހެޅިއިރު، ގޯހެއް ހުށަހެޅިފައިވާނަމަ އެ ކަމެއް ދެނެގަނެ ރަނގަޅުކުރުމަށް މަގުފަހިކުރުން ހިމެނޭކަމާއި މިކަންކަން، މައްސަލަތައް އިސްތިއުނާފްކުރުމާ ބެހޭގޮތުން ހުރި ޤާނޫނީ އުޞޫލުތަކާއި ހަމަތަކަށް ބެލުމުން އެނގެންއޮތްއިރު، އަދި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި "ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނައޮތުމަށް ބަލާއިރު ރައްޔިތުންގެ އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ މި މާއްދާގައި އިސްތިއުނާފްކުރުމުގެ ޙައްޤު ކަނޑައަޅާފައި މިވަނީ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާގުޅޭ ދަޢުވާގެ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާގޮތާއި ޤާނޫނު ތަޠްބީޤުކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައްތައް ހިމެނޭގޮތުން އިސްތިއުނާފީ ކޯޓުން ބަލައި ކަށަވަރުކޮށް އިންޞާފު ޤާއިމުކުރުމުގެ މަޤްޞަދުގައިކަން މި މާއްދާގެ ނައްޞަށާއި އަދި ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބެލުމުން ސާފުކޮށް އެނގެންއޮންނަ އޮތުމަށާއި އަދި މީގެ އިތުރުން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓަކީ ދަށުކޯޓުތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓުކަމަށާއި އަދި ހަމަ މި މާއްދާގެ (ށ) ގައި ޤާނޫނަކުން އިސްތިސްނާ ނުކުރާހާ ހިނދަކު ދަށުކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފްކުރާނީ ހައިކޯޓުގައިކަމަށާއި އަދި ހަމަ މި ބުނެވުނު ޤާނޫނުގެ 36 ވަނަ މާއްދާގައި ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށާއި އަދި ހަމަ މި އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައްބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކުރުމަށްފަހު، ހަމަ މި މާއްދާގެ (ށ) ގައި މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފްގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫންކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނައޮތުމުގެ މައްޗަށް ބަލާއިރު ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގައިވެސް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދީފައިވަނީ ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާގެ މައުޟޫޢުއާ ގުޅޭގޮތުން އެކޯޓުން ފައިޞަލާކުރަނިވި ގޮތުގައި ކުރި ޙުކުމާގުޅޭ އެދަޢުވާގެ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާގޮތާއި ޤާނޫނު ތަޠްބީޤުކޮށްފައިވާގޮތާއި މި އެންމެހައި ކަންތައްތައް ހިމެނޭގޮތުން، އިސްތިއުނާފުކުރި ފަރާތުގެ އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން އިސްތިއުނާފީ ކޯޓުން ބަލައި ނަޒަރުކޮށް ދަށު މަރުޙަލާގެ ކޯޓަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫއުގައިވާ ކަންކަމާމެދު ފައިޞަލާކުރަނިވި ޙުކުމަކުން، އިންޞާފު އޭގެ އެންމެ ފުރިހަމަގޮތުގައި ޤާއިމުކުރިމުގެ މަތިވެރި މަޤްޞަދުގައި އެނގެން އޮންނައޮތުމެވެ. (ނ) ތިންވަނަކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 93/VTR/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށްބަލާއިރު، އެ ޓްރައިބިއުނަލްއިން އެ މައްސަލަ ނިންމަވާފައިވަނީ އެ މައްސަލަ އެ ޓްރައިބިއުނަލްއަށް ހުށަހެޅި ފަރާތްތަކުން އެ މައްސަލައިގެ ދަޢުވާގައި އެދިފައިވާ އެންމެހައި ކަންކަން މައުޟޫޢީގޮތުން ބައްލަވައި، ފައިޞަލާކުރަނިވި ނިންމުމަކުން އެ މައްސަލަ ނިންމަވައިގެންކަން އެ ރިޕޯޓަށް ބެލުމުން އެނގެން އޮތުމުން، އެ މައްސަލައަކީ، އެ މައްސަލައިގައި، ކަން ހިނގާފައިވާގޮތް އަލުންބެލުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ޓްރައިބިއުނަލަށް ތަޙްވީލުކުރުމުގެ އެއްވެސް އަސާސެއްނެތް މައްސަލައެއްކަން އެނގެންއޮންނައޮތުމެވެ. (ރ) ހަތަރުވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ޝަރުޢީ އަދި ޤާނޫނީ އަސާސުތައް އެ ގޮތުގެމަތިން ހުރުމާއެކު ދަށުކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅިފައިވާ ދަޢުވާއަކާ ގުޅިގެން އެ ކޯޓުން ނުވަތަ އެ ޓްރައިބިއުނަލްއިން އެ މައްސަލަ، މައުޟޫޢީގޮތުން ބައްލަވައި، ފައިޞަލާކުރަނިވި ގޮތުގައި ނިންމާ ނިންމުންތައް، އިސްތިއުނާފްކުރުމަށް ކަމާބެހޭ ފަރާތަކުން ހައިކޯޓަށް ހުށަހެޅުމުން، ދަށުކޯޓުން އެ މައްސަލައިގައި ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފް ކުރިފަރާތުން އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން، ދަށުކޯޓުން އެ ދަޢުވާގައި ބަލާ ނިންމާފައިވާ، އެ ދަޢުވާގައި ހިމެނޭ އެންމެހައި ކަންކަމާއި އަދި އެ ދަޢުވާގައި ހިމެނޭ އެންމެހައި ވާޤިޢާތަކާއި އަދި އެ ދަޢުވާއާގުޅޭ ޤާނޫނީ ނުކުތާތައް ހިމެނޭގޮތުން ދަށުކޯޓުން ބައްލަވައި ޙުކުމްކޮށްފައިވާ އެ މައްސަލަ މައުޟޫޢީގޮތުން އަލުން ބަލައި ފައިޞަލާކުރަނިވި ޙުކުމަކުން އިންޞާފު ޤާއިމުކުރުމަކީ ހައިކޯޓުން އިސްތިއުނާފީ އުޞޫލުން މައްސަލަބަލާ ނިންމުމުގައި ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ހައިކޯޓަށް ލިބިގެންވާ ބާރެއްކަމާއި އަދި އެއީ އެ ކޯޓުގެ ޤާނޫނީ މަސްއޫލިއްޔަތެއްކަން ސާފުކޮށް އެނގެން އޮތްއިރު، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2011 މައްސަލައަކީ، އެ މައްސަލައިގައި ކަންހިނގާފައިވާގޮތް އަލުން ބެލުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ޓްރައިބިއުނަލްއަށް ތަޙްވީލްކުރުމުގެ އެއްވެސް އަސާސެއްނެތް މައްސަލައެއްކަން އެނގެން އޮތްއިރުވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން، އެ ކޯޓުގެ ނަންބަރު 2012/HC-A/184 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ ފައިޞަލާކުރަނިވި ޙުކުމެއް ކުރެއްވުމަކާ ނުލައި ކަމަށްވުމާއެކު، ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަޟިއްޔާގެ މައްސަލައަކީ، ހައިކޯޓުގެ މައްސަލަތައް ބެލުމުގެ އިޖުރާއާތުގެ ތެރެއިން އެ ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށްފައިވާ ފަރާތުގެ އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން ފައިޞަލާކުރަނިވި ނިންމުމެއް އެ ކޯޓުން ނިންމަންޖެހޭ މައްސަލައެއްކަން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ބެލުމުން އެނގެންއޮތުމުން މި މައްސަލައަކީ، މި މައްސަލައިގައި ހުށަހެޅިފައިވާ ވާޤިއާތަކާއި މައްސަލައާގުޅޭ އެންމެހައިކަންކަމާއި އަދި ޤާނޫނީ ނުކުތާތައް ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި ވަޒަންކޮށް މައްސަލައިގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކުރަނިވި ޙުކުމެއް ކުރަންޖެހޭގޮތަށް އޮތް މައްސަލައެއްކަން ސާފުކޮށް އެނގެން އޮންނައޮތުމެވެ.

ޙުކުމް

އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ އިސްވެ ބަޔާންކުރެވިދިޔަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއް ނޫންކަން އެނގެން އޮންނާތީ އިސްވެ މި އިޝާރާތްކުރެވުނު ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަސިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަސިއްޔާއަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް އެ ޤަސިއްޔާގެ މައްސަލަ އަލުން ފޮނުވައި، ހައިކޯޓުގެ މައްސަލަ ބެލުމުގެ އިޖުރާއާތުގެ ތެރެއިން އެ ކޯޓުން އެ ޤަސިއްޔާގެ މައްސަލަ އަލުން ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރަންޖެހޭގޮތަށް އޮތް މައްސަލައަކަށް ވުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/184 ޤަސިއްޔާގެ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި، ފައިޞަލާކުރަނިވި ނިންމުމަކުން އެ ކޯޓުން އެ މައްސަލަ ނިންމުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލަ ތަޙްވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 36 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ