ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/46ސުޕްރީމް ކޯޓު · 20 އޮކްޓޫބަރު 2019

—

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 20 އޮކްޓޫބަރު 2019ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2013/SC-A/46

ދަޢުވާކުރާ ފަރާތް: ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: 1. މުޙައްމަދު ރަޝީދު، މ. ހަނިފަރު، ކ. މާލެ

2. ޢަބްދުއްރަޝީދު ޢަބްދުލްކަރީމް

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 02 ސެޕްޓެންބަރު 2013

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 ސެޕްޓެންބަރު 2013

ނިމުނު ތާރީޚް: 20 އޮކްޓޫބަރު 2019

މައްސަލަ ނިންމި ގަޑި: 13:46

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2008/HC-A/289

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 އޮކްޓޫބަރު 2008

ނިމުނު ތާރީޚް: 30 އެޕްރީލް 2013

މައްސަލައިގެ ޚުލާޞާ:

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/289 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށްދިނުމަށް އެދި، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު C-306/97) ގެ ފަރާތުން އިސްތިއުނާފުކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވެފައިވަނީ މ. ހަނިފަރު، މުޙައްމަދު ރަޝީދު އާއި މ. ތިޔަރަމާގެއާގެ، ޢަބްދުއްރަޝީދު ޢަބްދުލްކަރީމް އަށެވެ.

އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/289 ޤަޟިއްޔާއަކީ މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި، ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ. އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2008/HC-A/289 ނަންބަރު ޤަޟިއްޔާގައި ދަޢުވާ ރައްދުވެފައިވާ ފަރާތްތަކަކީ މ. ހަނިފަރު، މުޙައްމަދު ރަޝީދު އާއި މ. ތިޔަރަމާގެއާގެ، ޢަބްދުއްރަޝީދު ޢަބްދުލްކަރީމް އެވެ.

ފާހަގަކުރެވުނު ނުކުތާތައް:

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/289 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން، އެ ޤަޟިއްޔާއަކީ މ. ތިޔަރަމާގެ އެވެކިޔާ ބަންޑާރަ ގޯތީގައި، 04 (ހަތަރެއް) ބުރީގެ ފައުންޑޭޝަނެއް އަޅައި، 04 (ހަތަރެއް) ބުރި ޢިމާރާތްކޮށް ކޮމްޕްލީޓްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، އެއްފަރާތުން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، އަދި އަނެއް ފަރާތުން މުޙައްމަދު ރަޝީދުއާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމް އާދެމެދު 03 ޖުލައި 2005 ގައި ވެވެނު އެއްބަސްވުމެއްގެ ދަށުން، 04 (ހަތަރެއް) ބުރި ފައުންޑޭޝަނެއް އަޅައި، 01 (އެކެއް) ޝީޓް އެޅުމަށްފަހު ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ލޯނު ލިބެންދެން މަސައްކަތް ހުއްޓާލުމަށާއި، އަދި ލޯނުގެ ފައިސާގެ ކަންތައް ހަމަޖެހޭނީ 2005 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކަމަށާއި، ފުރަތަމަ ޝީޓުގެ ފައިސާ ވެސް ލިބޭނީ ލޯނު ލިބިގެންކަމަށް ގޭގެ ވެރިފަރާތުން ބުނުމުން، ފުރަތަމަ ޝީޓުގެ ފައިސާ ލިބެންދެން މަސައްކަތް ހުއްޓާލައި، ގޭގެ ވެރިފަރާތުން ފުރަތަމަ ޝީޓުގެ މަސައްކަތުގެ ފައިސާ ދިނުމަށް އެއްބަސްވި ތާރީޚަކީ 2005 އޯގަސްޓް މަސް ނިމުމުގެ ކުރިން ކަމަށްވާތީ، ފުރަތަމަ01 (އެކެއް) ޝީޓުގެ ފައިސާގެ ބިލް 2005 ސެޕްޓެންބަރު 01 ވަނަ ދުވަހު ޙަވާލުކުރެވުނުކަމަށާއި، 2005 ސެޕްޓެންބަރު މަސް ނިމުނު އިރުވެސް ފުރަތަމަ ޝީޓުގެ ފައިސާގެ ބިލަށް ފައިސާ ދައްކާ ނިންމާފައިނުވާތީ އާއި، ސީދާ އެ ކުންފުންޏަށް ލޯނުގެ ފައިސާ ލިބޭގޮތް ހަދާދީފައިވެސް ނުވާތީ، އަދި މި ފައިސާ ހޯދުމަށް އެކި ފަހަރު މަތިން ކުރި މަސައްކަތްތަކުންވެސް ފައިސާ ދައްކާފައި ނުވާތީ އާއި، އަދި އެ ކުންފުންޏަށް އެނގުމަކާނުލައި ދެ ފަރާތުގެ މެދުގައި ކޮށްފައިވާ އެގްރީމެންޓް ބާޠިލްނުކޮށް، ޢިމާރާތް އެހެން ފަރާތަކަށް ކުއްޔަށްދީ، ދެން ހުރި ބައިތައް އެހެން ފަރާތަކާ ޙަވާލުކޮށް، އެ ފަރާތުން ޢިމާރާތް ހަދަމުންދާތީ، ތަފާތު އެކި ފަހަރުމަތިން މުޙައްމަދު ރަޝީދާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމް އާ ގުޅައި އެކަމަކީ އެގްރީމެންޓުގެ 16 ވަނަ މާއްދާއާ ޚިލާފްކަމެއްކަމަށް ބުނެ، ހަނދާންކޮށްދިނުމުންވެސް ޢިމާރާތް ހެދުން ހުއްޓާލާފައިނުވާތީ، ފުރަތަމަ ޝީޓް އެޅުމަށް ކުރި ނަންބަރު SGI-1005/2005 އިންވޮއިސްގައިވާ -/109,100ރ. (އެއްލައްކަ ނުވަހާސް އެއްސަތޭކަ ރުފިޔާ) އާއި، އެގްރީމެންޓުގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ފައިސާ ނުލިބި ލަސްވާ ކޮންމެ ދުވަހަކަށް އެ ކުންފުންޏަށްވާ ގެއްލުމުގެ ގޮތުގައިނުލިބިދާ ފައިސާ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) ގެ ނިސްބަތުން227 (ދުއިސައްތަ ހަތާވީސް) ދުވަހުގެ ޖޫރިމަނާއަށްވާ 123,828/50ރ. (އެއްލައްކަ ތޭވީސް ހާސް އަށްސަތޭކަ އަށާވީސް ރުފިޔާ ފަންސާސް ލާރި) އާއި އެގްރީމެންޓުގެ 12 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޢިމާރާތުގެ ވެރިފަރާތުގެ އަމިއްލަ ބޭނުމަކަށް އެގްރީމެންޓް ބާޠިލްކުރާނަމަ، ކުންފުންޏަށް ގެއްލުމުގެ ގޮތުގައި ދައްކަންޖެހޭ 50,000/-ރ. (ފަންސާސް ހާސް ރުފިޔާ) އާއި އެކު ޖުމްލަ 282,928/50ރ. (ދެ ލައްކަ އަށްޑިހަ ދެ ހާސް ނުވަ ސަތޭކަ އަށާވީސް ރުފިޔާ ފަންސާސް ލާރި) އެކީ އެއް ފަހަރާ މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމުގެ އަތުން ހޯދުމަށާއި، އަދި އެގްރީމެންޓުގެ16 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން ފައިސާދީ ނިމެންދެން ޢިމާރާތް ހުންނަންވާނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ކަމަށްވާތީ، އެ ޢިމާރާތް އެ ކުންފުންޏާ ޙަވާލުކުރުމަށް ޙުކުމްކޮށްދިނުން އެދި، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމް ގެ މައްޗަށް ދަޢުވާ ކުރުމުން ބެލިފައިވާ ޤަޟިއްޔާއެއްކަމާއި، މަދަނީ ކޯޓުގެ ބުނެވުނު ޤަޟިއްޔާ ނިންމާފައިވަނީ،

"... 03 ޖުލައި 2005 ގެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރެވިފައި ނުވިނަމަވެސް، ޢިމާރާތުގެ ފުރަތަމަ ޝީޓު އަޅާފައިވަނީ ސީގޭޓް ދި އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުންކަމާއި، އަދި 03 ޖުލައި 2005 ގެ އެއްބަސްވުން ހެދިފަހުންކަން ދަޢުވާލިބޭ ފަރާތްތަކުންވެސް އެއްބަސްވެފައިވާ ކަމުންނާއި، އަދި ޢިމާރާތުގެ ފުރަތަމަ ޝީޓުގެ މަސައްކަތް ކޮށްފައިވަނީ 03 ޖުލައި 2005 ގެ އެއްބަސްވުމުގެ ދަށުން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުންކަން ހެކިންގެ ހެކިބަހުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، މި މަސައްކަތުގެ އަގު އަދާކޮށްފައިވާކަން ސާބިތުކޮށް ނުދެވޭހާ ހިނދަކު މި މަސައްކަތުގެ އަގަށް އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ އަގުކަމަށްވާ -109,100/ރ. (އެއްލައްކަ ނުވަހާސް އެއްސަތޭކަ ރުފިޔާ) އަކީ ދަޢުވާ ލިބޭ މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމް ދަޢުވާކުރާ ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް ކަމުން، މި ފައިސާ ދަޢުވާކުރާ ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި 22 ޖުލައި 2008 ދުވަހުން ފެށިގެން މަސްހަމަކޮށް މަހަކު 36,366/66ރ. (ތިރީސް ހަހާސް ތިންސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) އަށް ވުރެ މަދުނޫން ޢަދަދަކަށް މަދަނީ ކޯޓަށް ދައްކަމުންގޮސް 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި ފައިސާ ދައްކައި ޚަލާޞްކުރުމަށް ދަޢުވާ ލިބުނު މުޙައްމަދު ރަޝީދާއި، ޢަބްދުއްރަޝީދު ޢަބްދުލްކަރީމަށް އަންގައި ޙުކުމްކޮށް، އަދި 03 ޖުލައި 2005 ގެ އެއްބަސްވުމަކީ އެ މައްޗަށް ޢަމަލުކުރެވިފައިވާ އެއްބަސްވުމަކަށްނުވާތީ، އެއްބަސްވުމުގެ ދަށުން ހޯދުމަށް އެދިފައިވާ ޖުރުމަނާގެ ފައިސާއާއި، އެހެނިހެން ބަދަލުތަކަކީ ނަގައިދެވޭނެ ބަދަލުތަކެއްނޫން ކަމަށް ކަނޑައަޅައި، އަދި އެގްރީމެންޓުގެ ދަށުން ހެދިފައިވާ "އެއްބަސްވުމުގެ އުޞޫލުތައް" މި ބައިގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢިމާރާތް ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް ދަޢުވާ ލިބުނު މުޙައްމަދު ރަޝީދާއި، އަބްދުއްރަޝީދު ޢަބްދުލްކަރީމަށް އަންގާނެތަނެއް ނެތްކަމަށް ޙުކުމްކޮށް" ކަމާއި، މި ކަންކަން އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ނޫންކަމަށް ބުނެ، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2008/HC-A/289 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާ ނިންމާފައިވަނީ، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމް އާދެމެދު 05 ޖުލައި 2005 ގައި ސޮއިކުރެވިފައިވާ، ނަންބަރު SGI-1019/2005 އެއްބަސްވުން ވެވުނު ފަހުން ސީގޭޓް ދި އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ފުރަތަމަ ޝީޓުގެ މަސައްކަތުގެ އަގުކަމަށްވާ 109,100/-ރ. (އެއްލައްކަ ނުވަހާސް އެއްސަތޭކަ ރުފިޔާ) އާއި، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ޢިމާރާތުގެ ވެރިފަރާތުން އުވާލާނަމަ މަސައްކަތް ޙަވާލުވި ފަރާތަށްވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި "އެއްބަސްވުމުގެ އުޞޫލުތައް" ގެ 12 ވަނަ ނަންބަރުގެ (ށ) ގައި ކަނޑައަޅާފައިވާ -/50,000ރ. (ފަންސާސް ހާސް ރުފިޔާ) އަކީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާއެއްކަމަށް ސާބިތުވާކަމަށް މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މި ފައިސާ އެ ކުންފުންޏަށް ލިބިދިނުމަށްޓަކައި30 އެޕްރީލް 2013 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެ މަހަކަށްޖެހޭ ޢަދަދަށްވުރެ މަދު ނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކަމުންގޮސް، މި މުއްދަތުގެ ތެރޭގައި މި ފައިސާ އެއްކޮށް ދައްކާ ޚަލާސްކުރުމަށް މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމް އަށް އަންގައި، މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/298 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/289 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް މައިގަނޑު 02 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން:

ފުރަތަމަ ސަބަބަކީ، އެއް ފަރާތުން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަދި އަނެއް ފަރާތުން މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމް އާދެމެދު ވެފައިވާ ނަންބަރު SGI-1019/2005 އެއްބަސްވުމުގެ ގޮތުގައި ހިމެނޭ އެގްރީމަންޓް ފޯމުގެ 10 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ އުޞޫލުތަކުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އަގު އަދާނުކުރުމުގެ ސަބަބުން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށްއެދި ހުށަހަޅާފައިވާ 123,828/50ރ. (އެއްލައްކަ ތޭވީސްހާސް އަށްސަތޭކަ އަށާވީސް ރުފިޔާ ފަންސާސް ލާރި) ދިވެހިރާއްޖޭގެ ހައިކޯޓުން ނަގާދީފައި ނުވަނީ، އެ އެއްބަސްވުމުގެ އުޞޫލުތަކުގެ 15 ވަނަ މާއްދާއާ ޚިލާފަށްކަމުގައި ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދެވަނަ ސަބަބަކީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދިފައިވާ އިސްވެ އިޝާރާތްކުރެވުނު ފައިސާ، ދިވެހިރާއްޖޭގެ ހައިކޯޓުން ނަގާދީފައި ނުވަނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމުގައި ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/289 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ނޫންކަމުގައި ބުނެ ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމްގެ ފަރާތުން 4 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން:

ފުރަތަމަ ނުކުތާއަކީ، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ވެފައިވާ ނަންބަރު SGI-1019/2005 އެގްރީމެންޓް ފޯމުގައި ހިމެނޭ އެއްބަސްވުމުގެ އުޞޫލުތަކުގެ 15 ވަނަ މާއްދާއިން އެނގެން އޮންނަ ފަދައިން އެ އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހުނު މަސައްކަތަކީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން އިން ލޯނެއް ނަގައިގެން، ސީދާ މަސައްކަތްކުރާ ފަރާތަށް (ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް) ފައިސާ ދޫކުރާ އުޞޫލުން ކުރަން އުޅުނު މަސައްކަތެއްކަމާއި، އެ މަސައްކަތްކުރުމަށްޓަކައި ލޯނުނެގުމަށް ލޯނު އެޕްލިކޭޝަން ހުށަހަޅާފައިވީ ނަމަވެސް ލޯނުހަމަޖެހިފައި ނުވާކަމާއި، އެ އެއްބަސްވުމުގެ އުޞޫލުތަކުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖޫރިމަނާ ފައިސާ ދިނުމަށް އެއްބަސްވެފައިވާހިނދު، އެ މާއްދާގައި އެއްބަސްވުމުގެ އުޞޫލުތަކުގެ 15 ވަނަ މާއްދާއަށް ޙަވާލާދީފައިވާކަމާއި، އެއްބަސްވުމުގެ ދަށުން މަސައްކަތް ޙަވާލުކުރި ފަރާތަށް ލާޒިމުވާ ފަދައިން ޢަމަލުކޮށްފައިވާހިނދު، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން މަސައްކަތްކުރުމަށް ލޯނު ފައިސާ ލިބިފައިނުވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ އިޚްތިޔާރުން ބޭރުންކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާގައި ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ވެފައިވާ އެގްރީމެންޓްގައި ހިމެނޭ އެއްބަސްވުމުގެ އުޞޫލުތަކުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މަސައްކަތް ފެށުމަށް އެންގިކަން ދައްކުވައި ދިނުމުގެ ގޮތުން ކޯޓަށް ލިޔުމެއް ހުށަހަޅާފައިވީ ނަމަވެސް، އެ ލިޔުމަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދީފައިވާ ލިޔުމެއް ކަމަށްނުވާތީ އާއި މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާއަކީ އެ މައުޟޫޢުއާ ގުޅިގެން އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ ދެވަނަ މައްސަލަ ކަމުގައިވާއިރު، އެ ލިޔުން ފުރަތަމަ ޤަޟިއްޔާގައި ހުށަހަޅާފައިނުވާތީ، ފުރަތަމަ ހުށަހެޅި މައްސަލައިގެ ތެރެއިންނާއި ދެވަނައަށް ހުށަހެޅި މައްސަލަ (މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާ) ހުށަހެޅިއިރު އެ ލިޔުން ޝަރީޢަތަށް ހުށަހަޅާފައިވާ ސަބަބު ސާފުކުރަން ބޭނުންވާކަމަށާއި އަދި އެ ލިޔުމަކީ އެ ފަރާތްތަކުން ދޫކޮށްފައިވާ ލިޔުމެއްކަން ނުވަތަ ނޫންކަން ބެލުމަށްޓަކައި ފޮރެންސިކް ތަޙްލީލު ކޮށްދެއްވުމަށް ކޯޓުގައި އެދޭކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ، އެގްރީމެންޓް ނަންބަރު SGI-1019/2005 އެގްރީމެންޓް ފޯމްގައި ހިމެނޭ އެއްބަސްވުމުގެ އުޞޫލުތަކުގެ 13 ވަނަ މާއްދާގައި ބުނާ އެޑްވާންސް ޕޭމަންޓް ލިބިފައިނުވަނީސް ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތްފެށީ ކީއްވެކަމާމެދު ސުވާލުއުފައްދާ ހުށަހަޅާފައިވާ ނުކުތާއެވެ.

ހަތަރުވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާއިން، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި ޔޫމެޓް ޕްރައިވެޓް ލިމިޓެޑް އާދެމެދު 8 މެއި 2015 ދުވަހު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދަޢުވާގައި ބަޔާންކޮށްފައިވާ މަސައްކަތުން ބައެއް ކުރެވިފައިވާކަން އެނގެން އޮންނައިރު، ހަމަ އެ މަސައްކަތް ކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކާއެކު އެއްބަސްވުމެއް ހަދާފައިވުމުން، ފަހުން ވެފައިވާ އެ އެއްބަސްވުމަކީ ފުރިހަމަ އެއްބަސްވުމެއް ނޫންކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/289 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކުގެ މައްޗަށާއި، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/289 ޤަޟިއްޔާ އިސްތިއުނާފުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ ނުކުތާއަކީ އޭގެ އެއް ނުކުތާ އަނެއް ނުކުތާ އާ ގުޅިލާމެހިފައިވާ ގޮތަށް ހުށަހަޅާފައިވާ ދެ ނުކުތާކަމާއި،

އެގޮތުން، އެ ފަރާތުގެ ޖުމްލަ ހުށަހެޅުމަކީ، އެގްރީމެންޓް ނަންބަރު SGI-1019/2005 އެގްރީމަންޓް ފޯމްގައި ހިމެނޭ އެއްބަސްވުމުގެ އުޞޫލުތަކުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން މަސައްކަތުގެ އަގު އަދާނުކުރުމުގެ ސަބަބުން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދި ހުށަހަޅާފައިވާ 123,828/50ރ. (އެއްލައްކަ ތޭވީސްހާސް އަށްސަތޭކަ އަށާވީސް ރުފިޔާ ފަންސާސް ލާރި) ދިވެހިރާއްޖޭގެ ހައިކޯޓުން ނަގާދީފައި ނުވަނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ވުންކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވިފައިވެއެވެ.

(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އަކީ ކޮންޓްރެކްޓަކަށް ޢަމަލުކުރުން ފުރިހަމަވުމާއިބެހޭ މާއްދާއެއްކަން އެ މާއްދާގެ އަރިމަތީ ސުރުޚީއަށް ބެލުމުން އެނގޭކަމާއި، އެ މާއްދާގައި ބަޔާންކޮށްފައިވަނީ އެނޫންގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވާ ޙާލަތުގަ އާއި (amendment to the contract)، އެއްބަސްވުމުގެ އެއް ބައިވެރިއަކު އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އުފުލާންޖެހޭ އިލްތިޒާމަކަށް ދުލެއްދީފައިވާ ޙާލަތުގައި (waiver) މެނުވީ، ކޮންޓްރެކްޓްގެ ބައިވެރިން ބަނދެވިފައިވާ އެއްބަސްވުމުގެ ޝަރުޠުތަކާއި އެއްގޮތަށް ޢަމަލުކުރަންވާނެ ކަމަށް ކަމުގައިކަން ބުނެވުނު މާއްދާގެ (ހ) އިން އެނގެން އޮންނައިރު، އެގްރީމެންޓް ނަންބަރު SGI-1019/2005 އެގްރީމަންޓް ފޯމްގައި ހިމެނޭ އެއްބަސްވުމުގެ އުޞޫލުތަކުގެ 15 ވަނަ މާއްދާއަށާއި 16 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ޒިންމާތަކަށް ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލުޔެއް ދީފައިވާކަން ނުވަތަ އެ މާއްދާތަކުގައިވާގޮތް ނޫން އެހެންގޮތަކަށް ޢަމަލުކުރުމަށް ރުހި އެއްބަސްވެފައިވާކަން އެނގެން ނެތްކަމެވެ.

(ނ) ތިންވަނަ ކަމަކީ، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދި ހުށަހެޅި ގެއްލުމުގެ ބަދަލަށްވާ 123,828/50ރ. (އެއްލައްކަ ތޭވީސްހާސް އަށްސަތޭކަ އަށާވީސް ރުފިޔާ ފަންސާސް ލާރި) ދިވެހިރާއްޖޭގެ ހައިކޯޓުން ނަގާދީފައިނުވަނީ، އެގްރީމެންޓް ނަންބަރު SGI-1019/2005 އެގްރީމަންޓް ފޯމްގައި ހިމެނޭ އެއްބަސްވުމުގެ އުޞޫލުތަކުގެ 15 ވަނަ މާއްދާ އާއި 16 ވަނަ މާއްދާއަށް ބެލުމުން، އެ މާއްދާތައް ފަރުމާކުރެވިފައިވާގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންނަށް، އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ޖޫރިމަނާ ފައިސާ ނަގާދެވޭނެކަމަށް ބުރަވެވިފައިވަނީ އެއްބަސްވުމުގައިވާ ފަދައިން ޢިމާރާތްކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުންކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/289 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ނ) އަށް ބެލުމުން އެނގެން އޮންނައިރު،

އެގްރީމެންޓު ނަންބަރު SGI-1019/2005 އެގްރީމެންޓް ފޯމްގައި ހިމެނޭ އެއްބަސްވުމުގެ އުޞޫލުތަކުގެ 15 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށްފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްތޯ ނުވަތަ ނޫންތޯ ބަލާއިރު،

ދިވެހިރާއްޖޭގެ ހައިކޯޓުން ޖޫރިމަނާ ފައިސާ ނަގާދިނުމާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގައި އެއްބަސްވުމުގެ އުޞޫލުތަކުގެ 15 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ މާނަކޮށްފައިވާކަމާއި، މިގޮތުން އެ ފައިސާ ނަގާދީފައި ނުވަނީ، ޖޫރިމަނާ ފައިސާ ނަގައި ދެވޭނީ މުޅި ޢިމާރާތް އެއްކޮށް ނިމުމުން ކަމުގައި އެ ކޯޓުން ދެކޭތީ އެ ސަބަބަށްޓަކައިކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން އެއްބަސްވުމުގެ އުޞޫލުތަކުގެ 15 ވަނަ މާއްދާ އާއި16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ތަފާތު ގޮތަކަށް އެއްބަސްވުމުގެ ބައިވެރިން ޢަމަލުކުރުމަށް ނިންމާފައިވާކަމަށް ނުވަތަ އެއްބަސްވުމަށް ބަދަލު ގެނެސްފައިވާކަމަށް، ނުވަތަ އެ މާއްދާތަކަށް ޢަމަލުކުރުމުގައި އެއްވެސް ލުޔެއް ދީފައިވާކަމަށް މާނަކޮށްފައި ނުވާކަމާއި އަދި އެގޮތަށް ބަޔާންކޮށްފައިވެސް ނުވާކަން އެނގެން އޮންނާތީ،

ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދި ހުށަހެޅި ގެއްލުމުގެ ބަދަލު ދިވެހިރާއްޖޭގެ ހައިކޯޓުން ނަގައިދީފައި ނުވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް، އެގްރީމެންޓް ނަންބަރު SGI-1019/2005 އެގްރީމެންޓް ފޯމްގައި ހިމެނޭ އެއްބަސްވުމުގެ އުޞޫލުތަކުގެ 15 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ މާނަކޮށްފައިވުމުން ކަމަށް ޤާނޫނީ ގޮތުން ބެލޭނެ ޖާގައެއް ނެތްކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، އެގްރީމެންޓް ނަންބަރު SGI-1019/2005 އެގްރީމެންޓް ފޯމްގައި ހިމެނޭ އެއްބަސްވުމުގެ އުޞޫލުތަކުގެ 16 ވަނަ މާއްދާއަށް ބެލުމުން، އެ މާއްދާގައި ޖޫރިމަނާ ފައިސާއާ ގުޅޭގޮތުން ބަޔާންކޮށްފައި އޮންނަނީ، އެ އުޞޫލުތަކުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ މަސައްކަތުގެ އަގު އަދާނުކުރެވޭ ފަދަ އެއްވެސް ޢަމަލެއް މަސައްކަތުގެ ވެރިފަރާތުން ނުކުރުމަށާއި، އެފަދަ ޢަމަލެއް އެފަރާތުން ކޮށްފިކަމުގައިވާނަމަ، މަސައްކަތުގެ އަގަށްވާ ފައިސާ ނުލިބި ލަސްވާ ކޮންމެ ދުވަހަކަށް 0.5% (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) ގެ ޖޫރިމަނާއެއް އަރާނެ ކަމުގައިކަމާއި،

މިހެންކަމުން، ޖޫރިމަނާގެ ފައިސާއަކީ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް މަސައްކަތުގެ އަގު އަދާނުކުރެވޭ ފަދަ ޢަމަލެއް މަސައްކަތުގެ ވެރިފަރާތުން ކޮށްފި ޙާލަތެއްގައި އަރާނެ ފައިސާއެއްކަމަށް ދެފަރާތުން އެއްބަސްވެފައިވާކަން އެނގޭކަމާއި،

މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމްގެ ފަރާތުން އެފަދަ އެއްވެސް ޢަމަލެއް ކޮށްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައި ނުވާކަމާއި، މައްސަލައިގައި ހިމެނޭ ދެފަރާތުގެ ބަހުން މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމްގެ ފަރާތުން އެއްބަސްވެފައިވާ ފަދައިން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންއަށް ލޯނަށް އެދި ހުށަހެޅިކަމާއި، އެހެނަސް ލޯނު އެޕްރޫވްކޮށްފައި ނުވަނީކަން އެނގެން އޮންނަކަމާއި، ލޯނު އެޕްރޫވްކޮށްފައި ނުވާތީ އެއްބަސްވުމުގެ އުޞޫލުތަކުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން މަސައްކަތް ނިމެމުންދާ މިންވަރަކުން މަސައްކަތުގެ އަގަށްވާ ފައިސާ ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމުގެ ބާރު ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންއަށް ދޭނެ ޙާލަތެއް އުފަންވެފައި ނުވާކަމާއި، މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމްގެ ފަރާތުން އެއްބަސްވުމުގައި އެފަރާތްތަކުން އުފުލަން އެއްބަސްވެފައިވާ އިލްތިޒާމުތައް އަދާނުކުރުމުގެ ގޮތުން ކޮށްފައިވަނީ ކޮން ޢަމަލެއްކަން އަދި ނުކޮށްދޫކޮށްލާފައިވަނީ ކޮން ކަމެއްކަން އެނގެން ނެތްކަން މި މައްސަލަ ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި، މަސައްކަތްކުރަން ފެށުމަށް އަންގައި ފޮނުވާފައިވާ ލިޔުމުގެ ޞައްޙަކަމާމެދު ސުވާލު އުފައްދައި، އެއީ އެ ފަރާތްތަކުން ދޫކޮށްފައިވާ ލިޔުމެއްކަން ނުވަތަ ނޫންކަން ބެލުމަށްޓަކައި ފޮރެންސިކް ތަޙްލީލުކޮށްދިނުމަށް ކޯޓުގައި އެދިފައިވާކަމާއި، ބަޔާންކުރެވިދިޔަ އެއްބަސްވުމުގެ އުޞޫލުތަކުގެ 13 ވަނަ މާއްދާގައި ބުނާ އެޑްވާންސް ޕޭމަންޓް ލިބިފައިނުވަނީސް ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތްފެށި ސަބަބާމެދު ސުވާލުއުފައްދާފައިވާކަމާއި، އަދި މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާއިން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި ޔޫމެޓް ޕްރައިވެޓް ލިމިޓެޑް އާދެމެދު8 މެއި 2015 ދުވަހު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދަޢުވާގައި ބަޔާންކޮށްފައިވާ މަސައްކަތުން ބައެއް ކުރެވިފައިވާއިރު، ހަމަ އެ މަސައްކަތް ކުރުމަށް އެ ފަރާތްތަކާއެކު ފަހުން ވެފައިވާ އެ އެއްބަސްވުމަކީ ފުރިހަމަ އެއްބަސްވުމެއް ނޫންކަމުގައި ބުނެ ހުށަހަޅާފައިވާއިރު،

އިސްވެ އިޝާރާތްކުރެވުނު ތިން ނުކުތާގެ މައްޗަށް ބިނާކޮށް މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާ އިން ނިންމާފައިވާ ނިންމުމާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/289 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ވެސް މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމްގެ ފަރާތުން އިސްތިޢުނާފުކޮށްފައި ނުވާކަމާއި އަދި މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާގެ ޙުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/289 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޢަމަލުކޮށް، މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމްގެ ފަރާތުން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަށް ދައްކަން އަންގާފައިވާ ފައިސާ ޙުކުމާ އެއްގޮތަށް ދައްކާފައިވާކަން، އެ ފަރާތްތަކުގެ ބަހުން އެނގޭކަމުން، އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމްގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންކުރެވިދިޔަ ނުކުތާތަކުގެ މައްޗަށް ގޮތެއް ނިންމާނެ ތަނެއް ނެތްކަން އެނގެން އޮތުމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހާ ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހާ ސަބަބުތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ރިޢާޔަތްކޮށް ބެލުމުން، މަދަނީ ކޯޓުގެ ނަންބަރު 915/MC/2007 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 2008/HC-A/289 ޤަޟިއްޔާއިން އެ އިސްތިއުނާފީ ދަޢުވާ ބެލުމަށްފަހު ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2008/HC-A/289 ޤަޟިއްޔާގެ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ