ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/09ސުޕްރީމް ކޯޓު · 8 މާރިޗު 2020

—

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 8 މާރިޗު 2020ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2014/SC-A/09

ދަޢުވާކުރާ ފަރާތް: އަޙްމަދު ޝިމާޢު

ދަޢުވާ ލިބޭ ފަރާތް: އިބްރާހީމް ވަޙީދު ޢަލީ، މ. ނަލަހިޔާގެ، މާލެ

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 09 ޑިސެމްބަރު 2013

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 21 ޖެނުވަރީ 2014

ނިމުނު ތާރީޚް: 8 މާރޗް 2020

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ހުސްނުއް ސުޢޫދު

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2012/HC-A/215

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 30 ޖުލައި 2012

ނިމުނު ތާރީޚް: 05 ސެޕްޓެމްބަރު 2013

ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރަޢުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއް ސުޢޫދު ތާއީދުކުރައްވާފައި)

ތަޢާރުފް

ދަފްތަރު ނަންބަރު 2561، އަޙްމަދު ޝިމާޢު އާއި މ. ނަލަހިޔާގެ އިބްރާހީމް ވަޙީދު ޢަލީ އާ ދެމެދު މ. ހުދުއަސުރުމާގެ އެވެ ކިޔާ ބަންޑާރަ ގޯތީގެ އުތުރުބައިގައި ހަދާފައިވާ ޢިމާރާތް (18 (އަށާރަ) ކޮޓަރީގެ ބްލޮކް) ކުއްޔަށް ދިނުމާ ގުޅޭގޮތުން އެއްބަސްވުމެއް ހެދުނެވެ. މި އެއްބަސްވުމުގެ ދަށުން ކުލީގެ އަދަދަކީ މަހަކު 75,000/-ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ދުވަހު އެޑްވާންސް ފައިސާގެ ގޮތުގައި 2 (ދޭއް) މަސް ދުވަހުގެ ކުއްޔަށްވާ 150,000/-ރ. (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) ކުއްޔަށް ހިފި އަޙްމަދު ޝިމާޢު، އިބްރާހީމް ވަޙީދު ޢަލީއަށް ދައްކަންޖެހޭކަމަށް މި ދެ ފަރާތުން އެއްބަސްވިއެވެ.

މި އެއްބަސްވުމާ އެއްގޮތަށް އަޙްމަދު ޝިމާޢު އަމަލު ނުކުރާކަމަށް ބުނެ، ކުލީގެ ގޮތުގައި 2010 މެއި މަހުގެ ނިޔަލަށް ދައްކަންޖެހޭ 450,000/-ރ. (ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ) އާއި ކުއްޔަށްދިން ތަނުގެ ޑިޕޮޒިޓް ފައިސާއަށްވާ 150,000/-ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އާއި އަޙްމަދު ޝިމާޢު ދީފައިވާ ޗެކުތަކެއް ބައުންސްވެފައިވާތީ ނުލިބިވާ 318,530/-ރ. (ތިންލައްކަ އަށާރަހާސް ފަސްސަތޭކަ ތިރީސް ރުފިޔާ) އާއެކު ޖުމްލަ 918,530/-ރ. (ނުވަލައްކަ އަށާރަހާސް ފަސްސަތޭކަ ތިރީސްރުފިޔާ) ހޯދުމަށް އިބްރާހީމް ވަޙީދު ޢަލީ ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އަދި އެ 18 (އަށާރަ) ކޮޓަރީގެ ބްލޮކްގެ އިމާރާތް އިބްރާހީމް ވަޙީދު ޢަލީ އާ ޙަވާލުކޮށްދިނުމަށް އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލައި ނިންމާފައިވަނީ އެކޯޓުގެ ނަންބަރު 653/Cv-C/2010 (1440/MC/2010) ޤަޟިއްޔާއިންނެވެ.

ސިވިލް ކޯޓުގެ ނަންބަރު 653/Cv-C/2010 ޤަޟިއްޔާއިން ޙުކުމްކޮށްފައިވަނީ އިބްރާޙީމް ވަޙީދު ޢަލީއާއި އަޙްމަދު ޝިމާޢުއާ ދެމެދު ވެވުނު އެއްބަސްވުމާ އަޙްމަދު ޝިމާޢު ޚިލާފުވެފައިވާކަމަށެވެ. އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު ޝިމާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 2012/HC-A/215 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 653/Cv-C/2010 ޤަޟިއްޔާއަށް ތާއީދުކޮށް މައްސަލަ ނިންމާފައިވެއެވެ. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/215 ޤަޟިއްޔާ ނިންމާފައިވާގޮތް ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބަޔާންކޮށް އަޙްމަދު ޝިމާޢުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.

ސިވިލް ކޯޓުގެ ނިންމުން

ސިވިލް ކޯޓުގެ ނަންބަރު 653/Cv-C/2010 ޤަޟިއްޔާގައި 10 އެޕްރީލް 2012 ގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ އިބްރާހީމް ވަޙީދު ޢަލީ އާއި އަޙްމަދު ޝިމާޢުއާ ދެމެދު މ. ހުދުއަސުރުމާގެ އެވެ ކިޔާ ގޯތީގެ އުތުރުގައިވާ ޢިމާރާތް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމާއި އަޙްމަދު ޝިމާޢުގެ ފަރާތުން ޚިލާފުވެފައިވާތީ، އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންޖެހޭ 150,000/-ރ. (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) އާއި، ޖެނުއަރީ 2010 އިން ފެށިގެން އޭޕްރީލް 2012 ގެ ނިޔަލަށް މ. ހުދުއަސުރުމާގެ އިރުމަތީ ބައިގައިވާ ޢިމާރާތުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، ކުލީގެ ގޮތުގައި މަހަކު 75,000/-ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ގެ މަގުން 27 (ހަތާވީސް) މަހުގެ ކުއްޔަށްވާ 2,025,000/-ރ. (ދެމިލިއަން ފަންސަވީސް ހާސް ރުފިޔާ) އާއެކު ޖުމްލަ 2,175,000/-ރ. (ދެމިލިއަން އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) އަޙްމަދު ޝިމާޢުގެ ފަރާތުން އިބްރާހީމް ވަޙީދު ޢަލީއަށް ދައްކަންޖެހޭކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށެވެ. އަދި ދަޢުވާގައި އިބްރާހީމް ވަޙީދު ޢަލީ ހޯދުމަށް އެދި ހުށަހަޅާފައިވާ 318,530/-ރ. (ތިންލައްކަ އަށާރަހާސް ފަސްސަތޭކަ ތިރީސް ރުފިޔާ) އަކީ އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން ހޯދުމަށް ދަޢުވާކުރެވޭނެ ފައިސާއެއްކަން ސާބިތުނުވާކަމަށެވެ. މި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމާއި އަޙްމަދު ޝިމާޢުގެ ފަރާތުން ޚިލާފުވެފައިވާ ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބުރަވެއެވެ.

(ހ) އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން އަޙްމަދު ޝިމާޢު އާއި ތަން ޙަވާލުކުރި އިރު، އެތަނުގައި އަޙްމަދު ޝަފީޢު އުޅުނުކަމާއި، އެތަނުގައި ހުރި ގަރާޖެއް އަޙްމަދު ޝަފީޢު ބޭނުންކުރިކަން މި މައްސަލާގައި ހުށަހެޅުނު ހެކިންގެ ހެކިބަހުން އެނގެންއޮތުން؛

(ށ) އިބްރާހީމް ވަޙީދު ޢަލީ އާއި އަޙްމަދު ޝިމާޢުއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދެވުނު ތަނުގެ އެއްބައި ފިޔަވައި އެހެން ހުރިހާ ބައެއް އަޙްމަދު ޝިމާޢު އާ ޙަވާލުކުރުމަށް އެއްބަސްވެފައި އޮތުމުން، އަޙްމަދު ޝަފީޢު އުޅުނު އެޕާޓްމަންޓަކީ އަޙްމަދު ޝިމާޢު އާ ޙަވާލުނުކުރާ ބައިކަމުގައި ބަލަންޖެހޭކަން އަދި އަޙްމަދު ޝިމާޢުގެ ފަރާތުން ބަޔާންކުރާ ފަދައިން ޙަވާލުނުކުރާ އެހެން ތަނެއް ހުރި ކަމުގައި ބެލެވޭނެ ޤާނޫނީ ބިނާއެއް ނެތުން؛

(ނ) އަޙްމަދު ޝަފީޢުގެ ފަރާތުން ގަރާޖު ބޭނުންކުރަމުން ދިޔައީ އަޙްމަދު ޝަފީޢުއާއި އަޙްމަދު ޝިމާޢުއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަން އަޙްމަދު ޝަފީޢުއާއި ޢަބްދުއްރަޝީދުގެ ހެކިބަހުން ދޭހަވާން އޮތުން؛

(ރ) އަޙްމަދު ޝަފީޢުގެ ފަރާތުން އެ ގަރާޖު ބޭނުންކޮށްފައިވަނީ އަޙްމަދު ޝިމާޢު އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމުގައިނުވާނަމަ، ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އަޙްމަދު ޝިމާޢުއަށް ލިބިގެންވާކަން؛

(ބ) އަޙްމަދު ޝިމާޢު ދީފައިވާ ޗެކްތަކެއް ބައުންސްވެފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ޗެކްތަކަކީ ނަލަހިޔާ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑަށް ޑޮލަރު ގަތުމަށް ދޫކޮށްފައިވާ ޗެކުތަކަކާގުޅޭ ފައިސާކަން އެނގެންއޮންނާތީ، އެ ފައިސާ ހޯދުމަށް އިބްރާހީމް ވަޙީދު ޢަލީއަށް ދަޢުވާނުކުރެވޭނެކަން؛

(ޅ) އަޙްމަދު ޝިމާއުގެ ފަރާތުން އެއްބަސްވެފައިވާ ފަދައިން އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންޖެހޭ 150,000/-ރ. (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) އާއި، ޖެނުއަރީ 2010 އިން ފެށިގެން އޭޕްރީލް 2012 ގެ ނިޔަލަށް މ. ހުދުއަސުރުމާގެ އިރުމަތީ ބައިގައިވާ ޢިމާރާތުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާކަން؛

މަތީގައި ބަޔާންކުރެވުނު ކަންކަމަށް ބުރަވެ އިބްރާހީމް ވަޙީދު ޢަލީ އާއި އަޙްމަދު ޝިމާޢުއާ ދެމެދު ވެފައިވާ އެއްބަސްވުމާއި އަޙްމަދު ޝިމާޢު ޚިލާފުވެފައިވާކަމަށް ސިވިލް ކޯޓުން ކަނޑައެޅިއެވެ. އަދި އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންޖެހޭ 150,000/-ރ. (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) އާއި، ޖެނުއަރީ 2010 އިން ފެށިގެން އޭޕްރީލް 2012 ގެ ނިޔަލަށް މ. ހުދުއަސުރުމާގެ އިރުމަތީ ބައިގައިވާ ޢިމާރާތުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، ކުލީގެ ގޮތުގައި މަހަކު 75,000/- ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ގެ މަގުން 27 (ހަތާވީސް) މަހުގެ ކުއްޔަށްވާ 2,025,000/-ރ. (ދެމިލިއަން ފަންސަވީސް ހާސް ރުފިޔާ) އާއެކު ޖުމްލަ 2,175,000/-ރ. (ދެމިލިއަން އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) އަކީ އަޙްމަދު ޝިމާޢު އިބްރާހީމް ވަޙީދު ޢަލީ އަށް ދައްކަންޖެހޭ ފައިސާކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.

ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ފާހަގަކުރި ސަބަބުތައް

އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/215 ޤަޟިއްޔާގައި ހައިކޯޓުން ފާހަގަކޮށްފައިވަނީ، އިބްރާހީމް ވަޙީދު ޢަލީއާ އަޙްމަދު ޝިމާޢުއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަނާ ޙަވާލުވެ، 1 މެއި 2008 އިން ފެށިގެން 2010 ޖެނުއަރީއާ ހަމައަށް އަޙްމަދު ޝިމާޢުގެ ފަރާތުން ކުލި ދައްކާފައިވާކަމަށެވެ. ނަމަވެސް، އެއްބަސްވުމާއި އެއްގޮތަށް ތަން ޙަވާލުކޮށްފައިނުވާ ކަމަށް އަޙްމަދު ޝިމާޢުގެ ފަރާތުން ބުނެފައިވަނީ 2010 ޖެނުއަރީ މަހާ ހަމައިން ކުލި ދެއްކުން ހުއްޓާލުމުން، ކުލި ހޯދުމަށް އަޙްމަދު ވަޙީދު ޢަލީގެ ފަރާތުން ދަޢުވާކުރުމުން ކަމަށެވެ. އަދި އޭގެ ކުރިން ތަން ޙަވާލުނުކުރާކަމަށް ބުނެ އެއްވެސް ޝަކުވާއެއްވެސް ކޮށްފައިނުވާކަމަށެވެ.

މީގެ އިތުރުން، ސިވިލް ކޯޓުގެ ނަންބަރު 653/Cv-C/2010 ޤަޟިއްޔާގެ ދަޢުވާގައި އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން އެދިފައިވަނީ ފާއިތުވި މުއްދަތުގައި އެހާތަނަށް ނުދައްކައިވާ ކުލި (2010 މެއި މަހުގެ ނިޔަލަށް) އާއި، އަޙްމަދު ޝިމާޢުގެ ފަރާތުން ގަވާއިދުން ކުލި ދައްކަމުންނުދާތީ، އިބްރާހީމް ވަޙީދު ޢަލީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށްކަން ދަޢުވާ ފޯމަށް ބެލުމުން އެނގެންއޮންނާތީ، އަޙްމަދު ޝިމާޢުގެ ފަރާތުން މައްސަލަ ނިމުމާ ހަމައަށް ނުދައްކައިވާ ކުލި ދެއްކުމަށް ސިވިލް ކޯޓުން ނިންމުމަކީ ދަޢުވާގައި އެދިފައިވާގޮތް ނޫން އެހެންގޮތަކަށް މައްސަލަ ނިންމުންކަމަށް ނުބެލެވޭކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

މި މައްސަލައިގައި ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ޤާނޫނީގޮތުން ރަނގަޅު ނޫންކަމަށް ބުނެ އަޙްމަދު ޝިމާޢުގެ ފަރާތުން ސުޕްރީމް ކޯޓުގައި ދެ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެ ދެ ނުކުތާއަކީ؛

ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑައެޅުމަށްފަހު، ކުއްޔަށްދޭ ތަނުގެ 1 ފްލެޓް ޙަވާލުނުކުރެވި ވުމުން، 2 މަހާއި 18 ދުވަސް ދެވިފައިވަނީ ކުއްޔެއްނެތިކަން އެނގޭކަމާއި، އެހެންކަމުން އެއްބަސްވުމުގެ ރޫޙަށް ރިޢާޔަތްކޮށް، މި އުޞޫލު އެއްބަސްވުމުގެ މުއްދަތަށްވެސް ހިނގާނޭކަމަށް ދެކޭކަމަށް ފާހަގަކޮށްފައިވާ ނުކުތާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

ކުއްޔަށްދީފައިވާ ތަނުން ކުއްޔަށްހިފި ބޭނުން ފުރިހަމަ ނުކުރެވި ވާއިރު، އަދި ކުއްޔަށްހިފި ބޭނުން ނުކުރެވިވަނީ ކުއްޔަށް ދިންފަރާތުގެ އިޙުމާލުންކަން ސާބިތުވާއިރު، ކޮންޓްރެކްޓާ ޚިލާފުވީ ފަރާތަކީ ކުއްޔަށް ހިފާފަރާތް ކަމުގައި ބަލާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.

ކުއްޔަށް ދިން އެޕާރޓްމަންޓަކާއި ގަރާޖެއް ކުއްޔަށް ދިން ފަރާތުން ޙަވާލު ނުކުރާކަމަށް ބުނާ ބުނުން

އަޙްމަދު ޝިމާޢުގެ ފަރާތުން އިސްތިއުނާފުކުރި ފުރަތަމަ ނުކުތާ ތަފުސީލުކޮށްދެމުން ބުނެފައިވަނީ އެއްބަސްވުމަށް އަމަލުކުރަން ފެށި ތާރީޚުގައި ކުއްޔަށް ދީފައިވާ ތަނުގައި އެހެން މީހަކު ދިރިއުޅޭކަމަށާއި އަދި އެ ޢިމާރާތުގެ ވެރިފަރާތުގެ މުދާ ބަހައްޓާފައިވާކަމަށެވެ. އެހެންކަމުން، އިބްރާހީމް ވަޙީދު ޢަލީއާއި އަޙްމަދު ޝިމާޢުއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، އެ އެއްބަސްވުމަށް އަމަލުކުރަން ފަށާ ތާރީޚަކީ 13 ފެބްރުއަރީ 2008 ކަމުގައިވީ ނަމަވެސް، އެއް އެޕާރޓްމަންޓް ޙަވާލު ނުކުރެވި އޮތުމުން ކުލި ދައްކަންފަށާ ތާރީޚުކަމަށް ބަޔާންކުރެވިފައި އޮތީ 1 މެއި 2008 ކަމަށެވެ. އަދި 2 މަހާއި 18 ދުވަސް ދެވިފައިވަނީ ކުއްޔެއް ނެތިކަމަށް އެއްބަސްވުމުގައި ބަޔާންކުރެވިފައިވެއެވެ. އެހެންނަމަވެސް، އިސްވެ ބުނެވުނު މުއްދަތު ފާއިތު ވީއިރުވެސް، ތަން ޙަވާލު ކުރެވިފައިނުވާތީ، އަދި އެއްބަސްވުމުގައި ބުނެފައިވާ އެޕާރޓްމަންޓް ހުސްކޮށްފައިވަނީ 01 ޖޫން 2008 ގައި ކަމުން، މެއި މަހުގެ ކުލިވެސް އަޙްމަދު ޝިމާޢު ދައްކަންނުޖެހޭނެކަމަށް އަޙްމަދު ޝިމާޢުގެ ފަރާތުން ބުނެފައިވެއެވެ.

މީގެ އިތުރުން ޢިމާރާތުގެ ބައެއްގެ ގޮތުގައި ހިމެނޭ ގަރާޖުވެސް އަޙްމަދު ޝިމާޢުއަށް ޙަވާލުކޮށްފައިވަނީ 2 އަހަރު ދުވަސް ފާއިތުވީ ފަހުން ކަމުގައި އަޙްމަދު ޝިމާޢު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. އަދި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލު (އެއީ ތަން ޙަވާލު ކުރެވިފައި ނުވާތީ ކުލި މާފު ކުރުން) މިކަމުގެ މައްޗަށްވެސް ތަޠުބީޤުކުރެވެންވާނެ ކަމަށް އަޙްމަދު ޝިމާޢުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި ހައިކޯޓުގައި މިނުކުތާއާ މެދު ވާހަކަ ދެއްކުމުން، އެކަމާ މެދު ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށް އަޙްމަދު ޝިމާޢު ބުނެފައިވެއެވެ.

ތަން ޙަވާލުނުކުރާ ވާހަކަ އަޙްމަދު ޝިމާޢު ސިވިލް ކޯޓުގައި ފާހަގަކުރުމުން، އެތަނުގައި ތިބި ފަރާތްތަކަކީ އަޙްމަދު ޝިމާޢުގެ ފަރާތުން ބައިތިއްބާފައިވާ ފަރާތްތަކެއްކަމަށް އިބްރާހީމް ވަޙީދު ޢަލީ ބުނާކަމަށާއި، މ.ހުދުއަސުރުމާގެ އަޙްމަދު (ޝަފީޢު) ކިޔާ ފަރާތެއް ތަން ބޭނުންކުރަމުންދާކަމަށް އަޙްމަދު ޝިމާޢުގެ ފަރާތުން ބުނެފައިވާއިރު، އަޙްމަދު (ޝަފީޢު) އުޅޭނަމަ އެއީ އަޙްމަދު (ޝަފީޢު) އާއި އަޙްމަދު ޝިމާޢުއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަޙްމަދު (ޝަފީޢު) އެތަނުގައި އުޅެނީކަމަށް އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާކަން އެނގެންއޮވެއެވެ.

އިސްވެ ބުނެވުނު ކަންކަމާމެދު ސިވިލް ކޯޓުގެ ޝަރީޢަތަށް ސާބިތުވެފައިވަނީ އަންނަނިވި ވާޤިއާ (facts) ތަކެވެ.

(ހ) މ. ހުދުއަސުރުމާގެ އަޙްމަދު ޝަފީޢުގެ ހެކިބަސް ޝަރީޢަތަށް ނެގުނު ހިނދު، އިބްރާހީމް ވަޙީދު ޢަލީއަށް ކުއްޔަށް ދިން ތަން އަޙްމަދު ޝިމާޢުއަށް ކުއްޔަށް ދިނުމުން، އަޙްމަދު ޝިމާޢުގެ ފަރާތުން އެތަނުގެ ތިރީބުރީގައި ހުރި ގަރާޖެއް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް، މަހަކު -/4000 (ހަތަރުހާސް) ރުފިޔާއަށް ކުއްޔަށް ހިފުމަށް އަޙްމަދު ޝިމާޢުއާއެކު އަނގަބަހުން އެއްބަސްވެފައިވާނެކަމަށާއި، މި އެއްބަސްވުން ވެފައިވަނީ އިބްރާހީމް ވަޙީދު ޢަލީގެ ހާޒިރުގައިކަމަށާއި، އެހެންނަމަވެސް އެހާތަނަށް އަޙްމަދު ޝަފީޢު އަޙްމަދު ޝިމާޢުއަށް ކުލި ދީފައިނުވާނެކަމަށާއި، ދައްކަންޖެހޭ ޢަދަދު ބުނުމުން އެ މިންވަރަށް ފައިސާ ދައްކާނެކަމަށް އަޙްމަދު ޝަފީޢު ބުނެފައިވާކަން.

(ށ) އަޙްމަދު ޝަފީޢު އުޅުނު އެޕާރޓްމަންޓުން އޭނާ ނިކުމެފައިވަނީ ހަނދާންވާގޮތުގައި 01 ޖޫން 2008 ގައި ކަމަށާއި، އަޙްމަދު ޝަފީޢުގެ ޢާއިލާއާއި އިބްރާހީމް ވަޙީދު ޢަލީއާ ދެމެދު ވެވުނު އެއްބަސްވުމުގައި އެ ޢާއިލާގެ މީހަކު ތަން ކުއްޔަށް ދިން މުއްދަތުގެ ފަހުން އެތަނުން ނިކުންނަނަމަ އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާނެކަމަށާއި، އެއީ އަޙްމަދު ޝިމާޢުއާއި އަޙްމަދު ޝަފީޢުއާ ދެމެދު ކުރަންޖެހޭ މުޢާމަލާތެއް ނޫންކަމަށާއި، އަޙްމަދު ޝަފީޢުގެ ޢާއިލާ މީހުންގެ ތެރެއިން އެގެއިން އެންމެ ފަހުން ނިކުތް ފަރާތަކީ އަޙްމަދު ޝަފީޢުކަމަށާއި، މ. ހުދުއަސުރުމާގެއެވެ ކިޔާ ގޯތީގެ މުސްކުޅި ގެއިން އިބްރާހީމް ވަޙީދު ޢަލީއަށް ކުއްޔަށް ދީފައިވަނީ ވަކި ބައިތަކެއްކަމަށާއި، އެނޫން އެހެން ބައިތަކުގައި އެ ޢާއިލާ މީހުންގެ މުދާ ހުންނާނެކަމަށާއި، އަދި އެތަންތަނަކީ އިބްރާހީމް ވަޙީދު ޢަލީއަށް ކުއްޔަށް ދީފައިވާ ތަންތަން ނޫންކަމަށް އަޙްމަދު ޝަފީޢު ހެކިބަސް ދީފައިވާކަން.

(ނ) އަޙްމަދު ޝިމާޢު ހުށަހެޅި ހެކިންގެ ތެރެއިން، މުޙައްމަދު ސިރާޖް އާއި އިބްރާހީމް މަނިކުއާއި މުޙައްމަދު ޝަރީފްއާއި އިބްރާހީމް ޒަކީ ޢަލީގެ ބަހުންނާއި، އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ނަންބަރު 4658 ޢަބްދުއްރަޝީދު އިސްމާޢީލްގެ ބަހުން އިބްރާހީމް ވަޙީދު ޢަލީ އަޙްމަދު ޝިމާޢުއަށް ތަން ޙަވާލުކުރިއިރު، އެތަނުގައި މ. ހުދުއަސުރުމާގެ އަޙްމަދު ޝަފީޢު އުޅުނުކަމާއި، އެތަނުގައި ހުރި ގަރާޖެއް އަޙްމަދު ޝަފީޢު ބޭނުންކުރިކަން ބުނެވުނު ފަރާތްތަކުން ދީފައިވާ ހެކިބަހުން އެނގެން އޮންނަކަން.

(ރ) އިބްރާހީމް ވަޙީދު ޢަލީ އާއި އަޙްމަދު ޝިމާޢުއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މ. ހުދުއަސުރުމާގެ އަޙްމަދު ޝަފީޢު އުޅުނު އެޕާރޓްމަންޓް ފިޔަވައި އެހެނިހެން ބައިތައްވެސް އަޙްމަދު ޝިމާޢުއަށް ލިބިފައިނުވާކަމަށް ބުނެފައިވަނީ ހެކިންގެ ތެރެއިން ހަމައެކަނި މުޙައްމަދު ޝަރީފުކަން.

(ބ) އެހެންކަމުން، އިބްރާހީމް ވަޙީދު ޢަލީ އާއި އަޙްމަދު ޝިމާޢުއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުއްޔަށް ދެވުނު ތަނުގެ އެއްބައި ފިޔަވައި އެހެން ހުރިހާ ބައިތަކެއް އަޙްމަދު ޝިމާޢުއާ ޙަވާލު ކުރުމަށް އެއްބަސްވެފައި އޮތުމުން، އަދި ޙަވާލު ނުކުރާތަން ޙަވާލުކުރުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައި އޮތްކަން އެނގެން ނެތުމުން، މ. ހުދުއަސުރުމާގެ އަޙްމަދު ޝަފީޢު އުޅުނު އެޕާރޓްމަންޓަކީ ބަޔާންކުރެވުނު ބައިކަމަށް ބަލަންޖެހޭކަން.

ސިވިލް ކޯޓުގެ ނަންބަރު 653/Cv-C/2010 ޤަޟިއްޔާ ހައިކޯޓުގައި އަޙްމަދު ޝިމާޢުގެ ފަރާތުން އިސްތިއުނާފުކުރިއެވެ. އަދި ކުއްޔަށް ދިން ތަނުގެ އެއް އެޕާރޓްމަންޓު ޙަވާލުނުކުރެވޭކަން އިސްތިއުނާފުކުރަމުން ފާހަގަކުރިއެވެ. ހައިކޯޓުން މި ނުކުތާއަށް ޖަވާބު ދެމުން ބުނެފައިވަނީ 1 މެއި 2008 އިން ފެށިގެން 2010 ޖެނުއަރީއާ ހަމައަށް މަހަކު -/75،000 ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ގެ މަގުން އަޙްމަދު ޝިމާޢު ތަނުގެ ކުލި އިބްރާހީމް ވަޙީދު ޢަލީއަށް ދީފައިވާކަމެވެ. އަދި ކުލި ދެއްކުން ހުއްޓާލާފައިވަނީ ޖެނުއަރީ 2010 އިން ފެށިގެންކަމުގައިވާއިރު، ކުލި ހޯދުމަށާއި ތަން އަނބުރާ ހޯދުމަށް އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން ދަޢުވާކުރުމާ ހަމައަށް، ތަން ކުއްޔަށް ހިފި ބޭނުން ނުކުރެވޭކަމަށް ބުނެ އަޙްމަދު ޝިމާޢުގެ ފަރާތުން އެފަދަ ޝަކުވާއެއްކޮށް މައްސަލަ ޖައްސާފައިވާކަން އެނގެން ނެތްކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު653/Cv-C/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައިވެސް އިބްރާހީމް ވަޙީދު ޢަލީއަށް އަޙްމަދު ޝިމާޢުގެ ފަރާތުން ކުލި ނަގާދީފައިވަނީ ޖެނުއަރީ 2010 އިން ފެށިގެން އޭޕްރިލް 2012 ގެ ނިޔަލަށްކަން ފާހަގަކުރެވެއެވެ.

ވީއިރު، އަޙްމަދު ޝިމާޢުގެ ފަރާތުން މިހާރު އިސްތިއުނާފު ކޮށްފައިވަނީ ހައިކޯޓުގެ ނަންބަރު 2012/HC-A/215 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު653/Cv-C/2010 ޤަޟިއްޔާގައިވެސް ކުރެވުނު ދަޢުވާއާ ނުގުޅޭ، ދެފަރާތު ދެމެދު ޚުޞޫމަތެއް އުފެދިފައިނުވާ، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރެވެމުން ދިޔަ މުއްދަތެއްގައި ހިނގާދިޔަ ހާދިސާއަކާ ގުޅިގެންކަން ފާހަގަކުރެވެއެވެ.

ހަމަ މި މޭރުމުން އަޙްމަދު ޝިމާޢުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން އިތުރަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި މ. ހުދުއަސުރުމާގެ އެވެ ކިޔާ ގޯތީގައި ހުރި ގަރާޖު ޙަވާލުނުކުރާކަމަށް ބުނެފައިވެއެވެ. އަދި މި ގަރާޖާ ގުޅިގެން ސިވިލް ކޯޓުގައި އަޙްމަދު ޝަފީޢުގެ ހެކިބަސް ނެގުނުއިރު، އަޙްމަދު ޝަފީޢު އެ ގަރާޖު ބޭނުންކުރަމުން ދިޔަ ކަމަށް އެއްބަސްވުމާއެކު، އެ ގަރާޖަށް ކުލި ދައްކާނެކަމަށް ބުނެފައިވާކަންވެސް ފާހަގަކުރެވެއެވެ. އަޙްމަދު ޝިމާޢުއާއި އަޙްމަދު ޝަފީޢުއާ ދެމެދު ގަރާޖު ބޭނުންކުރުމާ ގުޅޭ އެއްބަސްވުމެއް އޮތްކަން ޝަރީޢަތަށް ސާފުނުވާކަމަށް މި މައްސަލާގައި ސިވިލް ކޯޓުން ކަނޑައެޅިއިރު، އެ ގަރާޖުގެ ބޭނުންހިފި ހިފުމަށް ގެއްލުމުގެ ބަދަލު ހޯދަން ދަޢުވާކުރުމުގެ ޙައްޤު އަޙްމަދު ޝިމާޢުއަށް ލިބިފައިވާކަން ސިވިލް ކޯޓުގެ ނަންބަރު653/Cv-C/2010 ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ. އަދި ސިވިލް ކޯޓުން ބުނެވުނު ގަރާޖާ މެދު ނިންމި ނިންމުން ޤާނޫނީ އުޞޫލަކާ ޚިލާފުވަނީ ކިހިނެތްކަން އަޙްމަދު ޝިމާޢުގެ ފަރާތުން ހައިކޯޓުގައިވެސް އަދި ސުޕްރީމް ކޯޓުގައިވެސް ސާފުކޮށްދެވިފައިނުވާކަން ފާހަގަކުރެވެއެވެ.

ކުއްޔަށް ދިން މަޤުޞަދު

އަޙްމަދު ޝިމާޢުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ދެވަނަ ނުކުތާގައި މ. ހުދުއަސުރުމާގެ އަޙްމަދު ޝިމާޢު ކުއްޔަށް ހިފި މަޤުޞަދު ޙާޞިލުނުވާއިރު، އެއްބަސްވުމާ ޚިލާފުވާކަމަށް ކަނޑައަޅާފައިވަނީ އަޙްމަދު ޝިމާޢުކަމަށް އަޙްމަދު ޝިމާޢު ބުނެފައިވެއެވެ. މި ނުކުތާގެ ތަފުސީލުގައިވެސް ހައިކޯޓުގެ ނިންމުން ޤާނޫނީ އުޞޫލަކާ ޚިލާފުވާގޮތް އަޙްމަދު ޝިމާޢުގެ ފަރާތުން ތަފުސީލުކޮށްދީފައިނުވެއެވެ. އޭގެ ބަދަލުގައި، ދަށު ކޯޓުގައި ދެއްކި ވާހަކަތަކުގެ އިތުރުން އައު ވާހަކަތަކެއް ހައިކޯޓަށް ހުށަހެޅުމާއެކު، ސިވިލް ކޯޓަށް ސާބިތުވި ވާޤިއާތައް ޞައްޙަ ނޫންނަމަ ޞައްޙަނުވާގޮތް ތަފުސީލުކޮށްދިނުމުގެ ބަދަލުގައި، މުޅި މައްސަލާގެ ވާޤިއާތައް އޮޅޭގޮތަށް ހުށަހެޅުމާއެކު، އެކަންކަމާމެދު ހައިކޯޓުން ގޮތް ކަނޑައަޅާފައިނުވާކަމަށް ބުނެފައިވެއެވެ.

އެގޮތުން، މ. ހުދުއަސުރުމާގެ އުމައިރު ޝަފީޢު ކިޔާ ފަރާތެއް 26 ސެޕްޓެންބަރު 2011 ގައި އިބްރާހީމް ވަޙީދު ޢަލީއަށް ސިޓީއެއް ފޮނުވިކަމަށާއި، މި ސިޓީއިން ސާބިތުވާނީ މ. ހުދުއަސުރުމާގޭގެ ވެރިންގެ ތެރެއިން ބަޔަކު އެގޭގައި ދިރިއުޅެމުން ދިޔަކަމާއި، ގަރާޖު ބޭނުންކުރިކަމާއި، ބައެއް ތަންތަނުގައި ސާމާނު ބަހައްޓާފައިހުރިކަމަށްކަން އަޙްމަދު ޝިމާޢުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އަދި މި ސިޓީއަކީ އަޙްމަދު ޝިމާޢުއަށް ކޮޕީކޮށްފައި ފޮނުވި ސިޓީއެއް ނަމަވެސް، އަޙްމަދު ޝިމާޢުގެ އޮފީސް ބަދަލުކުރުމާ ގުޅިގެން އެ ސިޓީވަނީ ގެއްލިފައިކަމަށާއި، އެހެންކަމުން އެ ސިޓީ ސިވިލް ކޯޓަށް ހުށަނާޅާކަމަށާއި، އަދި ހައިކޯޓަށް އުމައިރު ޝަފީޢު ހާޒިރުކޮށް ހެކިބަސް ނަގައިދިނުމަށް އެދުނުކަމަށް އަޙްމަދު ޝިމާޢު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ.

އިސްވެ ޙަވާލާދެވުނު ހެކީގެ ވާހަކަ ހައިކޯޓުގައި އަޙްމަދު ޝިމާޢުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ސިވިލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔަ އިރު އުމައިރު ޝަފީޢު ހާޒިރުކޮށްދިނުމަށް އެދިފައިނުވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އުމައިރު ޝަފީޢުގެ ހެކިބަސް ނަގަން ބޭނުންވާ ސަބަބަކީ އިބްރާހީމް ވަޙީދު ޢަލީ އަޙްމަދު ޝިމާޢުއަށް ކުއްޔަށް ދީފައިވާ ބައިގައި މ.ހުދުއަސުރުމާގޭގެ ވެރިންގެ ތެރެއިން ބަޔަކު ދިރިއުޅެމުންދާކަމާއި، ތަނުގައި ހުރި ގަރާޖު ބޭނުންކުރަމުންދާތީ އާއި، ބައެއް ކޮޓަރިތަކުގައި ހުދުއަސުރުމާގޭގެ ވެރިންގެ ބައެއް ސާމާނު ހުރުމުން ތަން ޙަވާލުނުކުރެވޭކަން ސާބިތުކޮށްދިނުމަށްކަމަށް، އަޙްމަދު ޝިމާޢުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ފާހަގަކޮށްފައިވެއެވެ.

އުމައިރު ޝަފީޢު ހާޒިރުކޮށްދިނުމަށް އެދި ހުށަހެޅި ނުކުތާއަށް ހައިކޯޓުން ޖަވާބެއް ދީފައިނުވާކަން އަޙްމަދު ޝިމާޢު ފާހަގަކުރެއެވެ. އެހެންނަމަވެސް، މި މައްސަލާގައި އަޙްމަދު ޝިމާޢު އެދޭ ގޮތަށް އުމައިރު ޝަފީޢު ހާޒިރުކުރިނަމަވެސް، އުމައިރު ޝަފީޢު ހާޒިރުކުރަނީ ސިވިލް ކޯޓުގައި މި މައްސަލައާ ގުޅިގެން ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ކޮންކަންތައްތަކެއް ނަފީކުރަންކަމެއް ހައިކޯޓުގައިވެސް އަދި ސުޕްރީމް ކޯޓުގައިވެސް އަޙްމަދު ޝިމާޢުގެ ފަރާތުން ތަފުސީލުކޮށްދީފައިނުވެއެވެ. އެހެނީ، މ. ހުދުއަސުރުމާގެ ކުއްޔަށް ދިނުމާ ބެހޭ އެއްބަސްވުމުގައި އިބްރާހީމް ވަޙީދު ޢަލީއާއި އަޙްމަދު ޝިމާޢު އެންމެ ފުރަތަމަ ސޮއި ކުރިއިރުވެސް، ކުއްޔަށްދޭ ހުރިހާ ތަނެއް ޙަވާލުކުރެވިފައިނުވާތީ، އެ އެއްބަސްވުމުގެ ދަށުން ކުލި ހިނގާނެ ވަކި ތާރީޚެއް ކަނޑައެޅިފައިވެއެވެ. އެގޮތުން 1 މެއި 2008 އިން ފެށިގެން ކުލި ހިނގާނެކަމަށް އެ އެއްބަސްވުމުގައި ބަޔާންކުރެވިފައި އޮތްއިރު މި ކުލި ހިނގަން ފެށީ 2 މަހާއި 18 ދުވަހުގެ ކުލި މާފުކުރުމާއެކުގައެވެ. އަދި މިގޮތަށް ކުއްޔަށް ދިން ފަރާތުން އަމަލުކޮށްފައިވަނީ 1 ފުލެޓު ޙަވާލުކޮށްފައި ނުވާތީ ކަމަށް އެއްބަސްވުމުގައި ބަޔާންކުރެވިފައިވެއެވެ. ކަންމިހެން އޮތްއިރު، ސިވިލް ކޯޓުގެ ނަންބަރު653/Cv-C/2010 ޤަޟިއްޔާގައި އިބްރާހީމް ވަޙީދު ޢަލީއަށް ކުލި ނަގައިދީފައިވަނީ ޖެނުއަރީ 2010 އިން ފެށިގެން ކަމުގައިވާއިރު، އޭގެ ކުރިން އަޙްމަދު ޝިމާޢުއާއި އިބްރާހީމް ވަޙީދު ޢަލީއާ ދެމެދު ކުލި ދެއްކުމުގެ މައްސަލައެއް ޖެހިފައިނުވާކަން ފާހަގަކުރެވެއެވެ. އަދި ތަން ޙަވާލު ނުކުރާކަމަށް ބުނެ އަޙްމަދު ޝިމާޢު އެއިރު އެއްވެސް ޝަކުވާއެއް ކުރިކަންވެސް ނުވަތަ އެއްވެސް ފިޔަވަޅެއް އެޅިކަންވެސް އެނގެން ނެތްއިރު، ތަނުގައި ހުރި ގަރާޖު ބޭނުންކުރި ކަމަށް އަޙްމަދު ޝަފީޢު ސިވިލް ކޯޓުގައި ހެކިބަސްދީފައިވެއެވެ. އަދި އެތަނަށް ދައްކަންޖެހޭ ކުލި ދައްކަން ތައްޔާރަށް ހުރިކަމަށް ބުނެފައިވެއެވެ. ސިވިލް ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރު ދެފަރާތުގެ ހެކިންގެ ހެކިބަސް ނެގުނުހިނދު، ޝަރީޢަތަށް ސާބިތުވެފައިވަނީ އެއް އެޕާޓްމަންޓް އެއްބަސްވުމުގައި ސޮއިކުރިއިރު ޙަވާލުނުކުރާކަމާއި، އަދި އެ އެޕާޓްމަންޓުގައި ދިރިއުޅުނީ އަޙްމަދު ޝަފީޢުކަމެވެ. އަދި އެ އެޕާޓްމަންޓުން އަޙްމަދު ޝަފީޢު ނިކުތީ 1 ޖޫން 2008 ގައިކަމަށް އަޙްމަދު ޝަފީޢު ބުނެފައިވެއެވެ. އަދި ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރިއިރު، އަޙްމަދު ޝަފީޢު ބުނާ ތާރީޚަށް އަޙްމަދު ޝިމާޢު ޙަވާލާދީފައިވާއިރު، މި ތާރީޚާމެދު އަޙްމަދު ޝިމާޢު ސުވާލު ނުއުފައްދާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ކުރިންވެސް ފާހަގަކުރި ފަދައިން، ހުށަހެޅިފައިމިވާ މައްސަލާގައި ކުލި ހޯދަން އެދިފައިވަނީ 1 ޖެނުއަރީ 2010 އިން ފެށިގެންކަމުގައިވާއިރު، އުމައިރު ޝަފީޢު ޝަރީޢަތަށް ހާޒިރުކޮށް ހެކިބަސް ނަގައިގެން ސާބިތުކޮށްދޭނެ އިތުރު ކަމެއް އަޙްމަދު ޝިމާޢުގެ ފަރާތުން ފާހަގަކޮށްފައިނުވެއެވެ. އަދި މ. ހުދުއަސުރުމާގެ ކުއްޔަށްހިފީ ގެސްޓް ހައުސްއެއް ތަރައްޤީކުރަން ކަމަށް އަޙްމަދު ޝިމާޢުގެ ފަރާތުން ބުނާއިރު، މި ނުކުތާ ހައިކޯޓުގައި ފާހަގަކުރިނަމަވެސް، ސިވިލް ކޯޓުގައި އިބްރާހީމް ވަޙީދު ޢަލީއަށް އަޙްމަދު ޝިމާޢު ޖެނުއަރީ 2010 ގެ ކުރިން ކުލި ދެއްކިނަމަވެސް، ޖެނުއަރީ 2010 އިން ފެށިގެން ކުލި ދައްކަން ނުޖެހޭ ސަބަބެއް ސާބިތުކޮށްދެވިފައިނުވާއިރު، ސިވިލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތް ހައިކޯޓުގައި ބުނެދެވިފައި ނެތުމުގެ އިތުރުން، ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ސުޕްރީމް ކޯޓުގައިވެސް ބުނެދެވިފައިނުވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައަކާ ގުޅޭ ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އެހެންނަމަވެސް މިއީ މުޠުލަޤުކޮށް އޮންނަ ޙައްޤެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ، މައްސަލައެއް ހައިކޯޓުގައާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ޙާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގައި ބަޔާންކުރެވިފައިއޮވެއެވެ. ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ޙުކުމެއް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ޙަވާލާދެވުނު ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރެވިފައިވެއެވެ. ޖުމްލަކޮށް، އެމާއްދާގެ ދަށުން ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ އެ ޙުކުމް ނުވަތަ ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ވުމުން، ނުވަތަ ޤާނޫނު ތަޠުބީޤު (apply) ކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވުމުން، ނުވަތަ ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއާތަކީ ބާޠިލު އިޖުރާއާތަކަށް ވުމުންނެވެ.

ހުށަހެޅިފައިމިވާ މައްސަލާގައި، އަޙްމަދު ޝިމާޢުގެ ފަރާތުން ތަކުރާރުކޮށްފައިވަނީ އެންމެ ފުރަތަމަ މަރުހަލާގައި ސިވިލް ކޯޓުގައިވެސް ދެއްކި ވާހަކަތައްކަން ފާހަގަކުރެވެއެވެ. އެ ވާހަކަތަކާ ގުޅޭގޮތުން ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން، އަދި އެއަށް ފަހު އެކަމާ ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ނުވަތަ ޤާނޫނީ އުޞޫލާކާ ޚިލާފުވަނީ ކިހިނެތްކަން އަޙްމަދު ޝިމާޢުގެ ފަރާތުން ބަޔާންކޮށްދީފައިނުވެއެވެ.

ވީމާ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އަޙްމަދު ޝިމާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/215 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް އަހުރެންނަށް ނުފެނެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު:

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުސްނުއް ސުޢޫދު:

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ އިސްވެ ބުނެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، މ.ހުދުއަސުރުމާގެ އެވެ ކިޔާ ގޯތީގެ އުތުރުގައިވާ އިމާރާތް ކުއްޔަށް ދިނުމާއި ގުޅޭގޮތުން ދަފްތަރު ނަންބަރު 2561، އަޙްމަދު ޝިމާޢު އާއި އިބްރާހީމް ވަޙީދު ޢަލީ އާ ދެމެދު ވެވުނު އެއްބަސްވުމާ އެއްގޮތަށް އަޙްމަދު ޝިމާޢުގެ ފަރާތުން އަމަލުކޮށްފައިނުވާތީ، ޖެނުއަރީ 2010 އިން ފެށިގެން އެޕްރީލް 2012 ގެ ނިޔަލަށް ކުލީގެ ގޮތުގައި މަހަކު 75,000/-ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ގެ މަގުން 27 (ހަތާވީސް) މަހުގެ ކުއްޔަށްވާ 2,025,000/-ރ. (ދެމިލިއަން ފަންސަވީސް ހާސް ރުފިޔާ) ދައްކަންޖެހޭކަމަށް ކަނޑައެޅުމާއެކު، އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންޖެހޭ 150,000/-ރ. (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) އާއެކު ޖުމްލަ 2,175,000/-ރ. (ދެ މިލިއަން އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) ދައްކަންޖެހޭކަމަށް ސިވިލް ކޯޓުގެ ނަންބަރު 653/Cv-C/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/215 ގަޟިއްޔާއިން ތާއީދުކޮށްފައިވާ މައްސަލައާ ގުޅިގެން، އަޙްމަދު ޝިމާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ހައިކޯޓުގެ އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރު އަޒްމިރާލްދާ ޒާހިރު ޙުސްނުއް ސުޢޫދު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ