ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/17ސުޕްރީމް ކޯޓު · 23 ޖޫން 2015

—

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 ޖޫން 2015ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2014/SC-A/17

ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް

ދަޢުވާ ލިބޭ ފަރާތް: ޤުލޭލާ ޚާލިދު

މައްސަލައިގެ ބާވަތް: ހައިކޯޓުގެ ނިންމުން ރިވިއުކުރުން

މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 13 ފެބްރުއަރީ 2014

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 ފެބްރުއަރީ 2014

ނިމުނު ތާރީޚް: 23 ޖޫން 2015

މައްސަލަ ނިންމި ގަޑި: 12:20

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަފަނޑިޔާރު ޢަބްދުﷲ ސަޢީދު

އިލްތިމާސް ކުރެވުނު ނިންމުން:

ނަންބަރު: HC-RM/2014/01(NR)

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 06 ޖެނުއަރީ 2014

ނިމުނު ތާރީޚް: 23 ޖެނުއަރީ 2014

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/32/2013/37 ރަޖިސްޓްރާގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެ ނިންމުން މުރާޖަޢާ ކޮށްދެއްވުން އެދި އެ ކޯޓަށް ހުށަހެޅުމުން އެ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން، އެ ނިންމުން މުރާޖަޢާކޮށް ނިންމެވި ގޮތް ރަނގަޅު ނޫންކަމަށް ބުނެ، އެ ނިންމުން ރިވިއު ކޮށްދިނުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުން މި ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މި މައްސަލާގައި ދަޢުވާލިބޭ ފަރާތަކީ ޤުލޭލާ ޙާލިދު، އެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (NR) 01/2014/HC-RM ނިންމުމުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ހުށަހެޅުނު ލިއުންތަކުގެ މައްޗަށް ބަލައި ވިސްނިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/32/2013/37 ރަޖިސްޓްރާގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެ ނިންމުން މުރާޖަޢާ ކޮށްދެއްވުން އެދި އެޓަރނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައަށް ބެލިއިރު އެ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 66/VTR/2013 މައްސަލަ އެ ޓްރައިބިއުނަލުން ނިންމެވިގޮތް ރަނގަޅު ނޫންކަމަށް ބުނެ، އެ މައްސަލަ އިސްތިއުނާފު ކޮށްދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/32/2013/37 ރަޖިސްޓްރާގެ ނިންމުމަށް ބެލިއިރު އެ ނިންމުމުގައިވަނީ "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 66/VTR/2013 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މއ. ދިރޭ، ޤުލޭލާ ޚާލިދަށް ދަޢުވާ ރައްދުވާގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާފައިވާ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ކަމުގައި ހައިކޯޓު ޤަވާޢިދު (2011) ގެ 29 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ 60 ދުވަސް ފާއިތުވުމަށްފަހު ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ، މި މައްސަލަ ބަލައިގަނެވެން ނެތްކަން އެންގީމެވެ." މިފަދައިން ކަމާއި، އެ ނިންމުން މުރާޖަޢާކޮށް ފަނޑިޔާރުން ނިންމެވި ގޮތަށް ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2014/01(NR) ނިންމުމުގައިވަނީ، "މއ.ދިރޭ، ޤުލޭލާ ޚާލިދަށް ދަޢުވާ ރައްދުވާގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާފައިވާ މައްސަލަ ހުށަހަޅުއްވާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ކަމުގައިވާ 60 ދުވަސް ފާއިތު ވުމަށްފަހުގައި ކަމަށްވާއިރު، އެ މައްސަލަ ހައިކޯޓަށް ހުށަނޭޅި ލަސްވެފައިވަނީ 29 އޮކްޓޯބަރ 2013 އިން ފެށިގެން ދިގު މުއްދަތަކަށް ދައުލަތުގެ ބަންޑާރަނައިބުގެ މަޤާމު ހުސްވެފައިވުމުގެ ސަބަބުން ކަމުގައި ބުނެފައިވާއިރު މި މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތަށް އެކަށީގެންވާ ފުރުސަތު ލިބިފައިވާކަން އެނގެން އޮތްއިރު، އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅުއްވާފައި ނުވާކަން އެނގޭތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/32/2013/37 (30 ޑިސެމްބަރ 2013) ރަޖިސްޓްރާރގެ ނިންމުމަށް ބަދަލުގެންނަން ޖެހޭތަނެއް ނެތްކަމަށް މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި ނިންމީއެވެ." މިފަދައިންކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ (NR)01/2014/HC-RM ނިންމުން އެ ކޯޓުން ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުން ތިން ނުކުތާއެއް ފާހަގަކޮށްފައިވާ ކަމާއި އެއީ؛

1- އިސްތިއުނާފުކުރަންޖެހޭ މި މައްސަލަ ހައިކޯޓުން، ކަނޑައެޅިފައިވާ މުއްދަތުގައި ހުށަނޭޅި ލަސްވެގެން ގޮސްފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ބާރު ނުފޯރުވޭފަދަ ސަބަބުތަކެއް މެދުވެރިވެގެން ކަމުގައި ދަންނަވައި، އެކަމުގެ ތަފްސީލު ހައިކޯޓަށް ހުށައެޅިނަމަވެސް އެކަންކަމަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

2- އެގޮތުން، މި މައްސަލައަކީ ފެމިލީ ކޯޓުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި ހުރި ޤުލޭލާ ޚާލިދު އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުމުގެ ސަބަބުން ފެމެލީ ކޯޓުގެ ކައުންޓަރުގައި އެއްވެސް ފިޔަވަޅެއް ނާޅައި، ފެމިލީ ކޯޓަށް ހުށައެޅުނު ގިނަ ޢަދަދެއްގެ މައްސަލަ ފޯމުތަކެއް ބަހައްޓާފައިވާތީ، އޭނާ ވަޒީފާއިން ވަކިކުރުމާ ގުޅިގެން އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށައެޅުމުން ޓްރައިބިއުނަލްއިން ބެއްލެވުމަށްފަހު 17 ސެޕްޓެމްބަރު 2013 ގައި ނިންމާފައިވާ މައްސަލައެއް ކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މި މައްސަލަ ނިންމެވިގޮތުގެ ރިޕޯޓް ދިރާސާކުރެއްވުމަށްފަހު މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްދިނުމަށް ފެމެލީ ކޯޓުން އެދިވަޑައިގަތުމުގެ އިތުރުން، އެ ނިންމުމުގައި އިސްތިއުނާފުކުރަންޖެހޭ ޤާނޫނީ ނުކުތާތަކެއް ހިމެނޭކަމަށް މައްސަލަ ގެންގުޅުއްވި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށްވެސް ފާހަގަކުރެވިފައިވާތީ، ދައުލަތުން މި މައްސަލަ އިސްތިއުނާފު ކުރުމާމެދު ދައުލަތުގެ ބަންޑާރަނައިބާއިއެކު މަޝްވަރާކުރުމަށްފަހު ގޮތެއް ކަނޑައެޅުމަށް ނިންމާފައިވަނީ ކަމަށްބުނެ ހުށަހެޅި ނުކުތާއާއި؛

3- އެޓަރނީ ޖެނެރަލްގެ އޮފީހުން އެގޮތަށް ނިންމި ނަމަވެސް 29 އޮކްޓޫބަރު 2013 އިން ފެށިގެން ދިގު މުއްދަތަކަށް ދައުލަތުގެ ބަންޑާރަނައިބުގެ މަޤާމު ހުސްވެފައިވުމުގެ ސަބަބުން މިކަމުގައި ވަކިގޮތެއް ކަނޑައެޅުން ލަސްވެގެން ދިއުމަށްފަހު، އަލުން ބަންޑާރަނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެވި މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ވަކިގޮތެއް ނިންމުނީ 23 ޑިސެންބަރު 2013 ގައި ކަމަށާއި، އެހެންކަމުން، މިކަމާ ގުޅޭގޮތުން ފެމެލީ ކޯޓާ އިތުރަށް މަޝްވަރާކުރުމަށްފަހު މި މައްސަލައިގެ އިސްތިއުނާފު ފޯމު ހައިކޯޓަށް ފޮނުވިފައިވަނީ 29 ޑިސެންބަރު 2013 ގައިކަމުން، އޭރުވަނީ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ 60 ދުވަސް ފާއިތުވެ ގޮސްފައި ކަމުން މި މައްސަލަ އިސްތިއުނާފު ނުކުރެވި ލަސްވީ އަމިއްލަބާރު ނުފޯރާފަދަ ސަބަބެއް މެދުވެރި ވެގެންކަމަށާއި ނަމަވެސް އެކަމަށް ހައިކޯޓުން ރިޢާޔަތް ކޮށްފައި ނުވާކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.

(ރ) ހަތަރުވަނަ ކަމަކީ، ޖިނާއީ މައްސަލަ ތަކުގައްޔާއި މަދަނީ މައްސަލަ ތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްޤަކީ މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަ ކަމެވެ.

(ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް ޙާޟިރުވެ ވާހަކަ ދެއްކުމުގެ ޙައްޤު ބަންޑާރަނައިބަށް ލިބިގެންވާކަމާއި ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަނައިބު، ނުވަތަ އޭނާ ކަނޑައަޅާ މީހެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އަށް ބެލުމުން އެނގެން އޮންނަ ކަމެވެ.

(ޅ) ހަވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތަކީ 60 ދުވަސް ކަމަށްވެފައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި މި މައްސަލަ ނިމުނު ތާރީޚުން ފެށިގެން 60 ދުވަހުގެ މުއްދަތު ހަމަނުވަނީސް ބަންޑާރަނައިބުގެ މަޤާމު ހުސްވެފައިވާކަމާއި ބަންޑާރަނައިބުގެ މަޤާމު ހުސްވިއިރު މި މައްސަލަ އިސްތިއުނާފު ކުރުމާމެދު ވަކިގޮތެއް ނިމިފައި ނުވާކަމާއި، މިބާވަތުގެ މައްސަލަ ތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ނުވަތަ އޭނާ ކަނޑައަޅާ މީހަކު ކަމަށްވާއިރު މައްސަލައެއްގައި ދައުލަތް ތަމްސީލު ކުރާނޭ ވަކިމީހަކު ބަންޑާރަނައިބު ކަނޑައަޅާފައި ނުވާ ޙާލަތުގައި އިސްތިއުނާފުކުރުމުގެ މުއްދަތުގެ ތެރޭގައި ބަންޑާރަނައިބުގެ މަޤާމު ހުސްވެގެން މައްސަލަ އިސްތިއުނާފު ނުކުރެވުމަކީ ހައިކޯޓުގެ ޤަވާޢިދުގައި ބުނާފަދަ ތިމާގެ އަމިއްލަ ބާރު ނުފޯރާފަދަ ސަބަބެއް މެދުވެރިވުން ކަމުގައި ބަލަންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް ބުރަވެވޭ ކަމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުމަތިން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 66/VTR/2013 މައްސަލަ އެ ޓްރައިބިއުނަލުން ނިންމެވިގޮތް ރަނގަޅުނޫންކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް ނިންމިނިންމުން ޞައްޙަނޫންކަމަށާއި، އެ މައްސަލައަކީ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 29 ވަނަ މާއްދާގެ ދަށުން ބާރުނުފޯރާފަދަ ސަބަބެއް މެދުވެރިވެގެން ހުށަނޭޅިއޮތް މައްސަލައެއްކަމަށާއި އެ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަންނަންޖެހޭ މައްސަލައެއްކަމަށާއި، އެ މައްސަލަ ދައުލަތުގެ ފަރާތުން ހަތްދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅަންވާނެކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ