ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/24ސުޕްރީމް ކޯޓު · 1 ޑިސެމްބަރު 2015

—

ސުޕްރީމް ކޯޓު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 1 ޑިސެމްބަރު 2015ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2014/SC-A/24

ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް

ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު ޝަފީޤް

މައްސަލައިގެ ބާވަތް: މަދަނީ މައްސަލަ (ވަޒީފާއިން ވަކިކުރުން)

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 05 މެއި 2014

ރަޖިސްޓްރީކުރެވުނު ތާރީޚް: 26 މެއި 2014

ނިމުނު ތާރީޚް: 01 ޑިސެމްބަރު 2015

މައްސަލަ ނިންމި ގަޑި: 13:40

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު

އިސްތިއުނާފްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2012/HC-A/03

ނިންމެވި ކޯޓު: ހައިކޯޓު

ހުށަހެޅުނު ތާރީޚް: 02 ޖެނުއަރީ 2012

ނިމުނު ތާރީޚް: 19 ޖެނުއަރީ 2014

ފާހަގަ ކުރެވުނު ނުކުތާތައް

1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/03 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށް ބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ހ.ޑޮނީގޯލް، މުޙައްމަދު ޝަފީޤް އަށެވެ.

2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/03 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 541/Cv-c/2010 (1221/MC/2010) ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ހ.ޑޮނީގޯލް، މުޙައްމަދު ޝަފީޤް ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުން، އެ ކޯޓުން ބަލައި، ނިންމާފައިވާ ޤަޟިއްޔާ އެއްކަން އެނގެއެވެ.

3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/03 ޤަޟިއްޔާގެ ދަށުން، އިސްތިއުނާފު ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 541/Cv-c/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ހ.ޑޮނީގޯލް، މުޙައްމަދު ޝަފީޤް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޗީފް ކަސްޓަމްސް އޮފިސަރގެ މަޤާމުގައި ހުއްޓައި އެ ވަޒީފާއިން 4 ޑިސެމްބަރ 2007 ގައި އޭނާ ވަކިކޮށްފައިވަނީ އޭރު ޢަމަލުކުރަމުން ދިޔަ "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 43 ވަނަ މާއްދާގައި ބުނާފަދަ ކުށެއް ސާބިތުވެގެން ނޫންކަމަށާއި، ސަރުކާރުގެ މުވައްޒަފެއްގެ މަޤާމުގައި ހުރެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިންކަމަށް އޭނާގެ މައްޗަށް ތުހުމަތުކޮށް އުފުލުނު ދަޢުވާގައި، ޖިނާއީ ކޯޓުގެ ނަންބަރު 182/JC/2008 ޤަޟިއްޔާއިން ކުށް ސާބިތުނުވާކަމަށް ޙުކުމްކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކުރި އިރު ހުރި މަޤާމަށް އަނބުރާ ރުޖޫޢު ކުރުމަށް ނުވަތަ އެވަޒީފާއާ އެއްފެންވަރުގެ ވަޒީފާއެއް ހަމަޖެއްސުމަށާއި، ވަޒީފާއިން ވަކިކުރިއިރު، ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކާއި އެހެނިހެން އެލަވަންސްތައް ވަޒީފާއިން ވަކިކުރި ދުވަހުންފެށިގެން އަލުން ވަޒިފާ ދޭދުވަހާ ހަމައަށް ހޯދުމަށާއި، މިކަމުގެ ސަބަބުން އޭނާއަށް ލިބިފައިވާ އެންމެހާ ގެއްލުންތަކުގެ ބަދަލު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހޯދައި ދިނުން އެދި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްޗަށް ހ. ޑޮނީގޯލް، މުޙައްމަދު ޝަފީޤް ދަޢުވާ ކުރުމުން އެ ކޯޓުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،

ސިވިލް ކޯޓުން، އެ ކޯޓުގެ ނަންބަރު 541/CV-C/2010 ޤަޟިއްޔާ ނިންމާފައިވަނީ މުޙައްމަދު ޝަފީޤްގެ މައްޗަށް ތުހުމަތު ކުރެވުނު ސަރުކާރުގެ މުވައްޒަފެއްގެ މަޤާމުގައި ހުރެ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށާއި، "އެމީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކޮންމެ މީހަކީ ކުށެއް ނެތް މީހެއްކަމަށް" އޭނާ ވަޒީފާއިން ވަކިކުރިއިރު ޢަމަލު ކުރަމުންދިޔަ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންވެގެންވާ ކަމަށާއި، "އެ މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެތްނެތި ޝަރީޢަތަށް ސާބިތު ނުކުރެވޭނަމަ އެ މީހަކީ ކުށެއްނެތް މީހެއް ކަމަށް" މިހާރު ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންވެފައި އޮތްއިރު އޭނާގެ ކުށެއްނެތި ނުޙައްޤުން އޭނާ ވަޒީފާއިން ވަކިކޮށްފައި ވާކަމަށް މުޙައްމަދު ޝަފީޤްގެ ފަރާތުން ބުނެފައިވާއިރު،

ޖިނާއީ މައްސަލަތައް ސާބިތުކުރާ މިންގަނޑާއި، އިދާރީ ފިޔަވަޅެއް އެޅުމަށް ކަމެއް ސާބިތުވީކަމަށް ބަލާ މިންގަނޑަކީ ތަފާތު ދެ މިންގަނޑެއް ކަމަށްވުމާއި، މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކޮށްފައިވަނީ ގ. ހިލްމަން ޢަބްދުލް ޙަމީދު ޢަބްދުއް ޞަމަދު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި މުޙައްމަދު ޝަފީޤް އޭނާއަށް އެހީތެރިވިކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މުޙައްމަދު ޝަފީޤް ދީފައިވާ އިޢުތިރާފް ބަޔާނުގެ މައްޗަށް ބިނާކޮށްކަން އެނގެން އޮތުމާއި، ޢަބްދުލް ޙަމީދު ޢަބްދުއްޞަމަދު ރާއްޖެއިން ބޭރުން އަންނަ ދަތުރުތަކުގައި އޭނާގެ އެދުމުގެ މަތީން ކަސްޓަމްސް ކްލިއަރެންސް އަވަސްކޮށްދިނުމުގެ ކަންކަން މުޙައްމަދު ޝަފީޤް ހަމަޖައްސައިދޭ ކަމަށާއި، ކާގޯމަގުން ޢަބްދުލް ޙަމީދު ޢަބްދުއްޞަމަދު ގެންނަ މުދާވެސް ފަސޭހަކަމާއެކު ނެރެދިނުމުގައި މުޙައްމަދު ޝަފީޤް އެހީތެރިވެދީފައި ވާކަމަށާއި، ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ ފަރާތުން މުޙައްމަދު ޝަފީޤްއަށް ފައިސާގެ އެހީތައް ލިބިފައިވާކަމަށާއި، ޢަބްދުލްޙަމީދު ޢަބްދުލްބަމަދުގެ ޚަރަދުގައި މުޙައްމަދު ޝަފީޤް ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ވާކަމަށް މުޙައްމަދު ޝަފީޤް އިޢްތިރާފްވެފައި ވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މުޙައްމަދު ޝަފީޤް ދީފައިވާ ބަޔާނުން އެނގެން އޮތުމުން، އެ ބަޔާނަކީ އިދާރީ ފިޔަވަޅެއް އެޅުމުގައި އޭގެ މައްޗަށް ބުރަވުމަށް ޙުއްޖަތަކަށް ފުދޭ ބަޔާނަކަށް ވުމާއި،

މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކޮށްފައިވަނީ އޭރު ޢަމަލު ކުރަމުންދިޔަ "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 43 ވަނަ މާއްދާއާއި، 51 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް މުޙައްމަދު ޝަފީޤް ގެ ފަރާތުން ބުނެފައިވާއިރު،

ޢާންމު އުޞޫލެއްގެ ގޮތުން ވަޒީފާއިން ވަކިކުރުމަކީ އިޞްލާޙީ ފިޔަވަޅެއް އަޅައިގެން ވެސް ރަނގަޅު ނުވެއްޖެނަމަ ކުރަން އޮންނަ ކަމެއް ކަމުގައި ވިޔަސް، ވައްކަން، ޚިޔާނާތް، ތަނުގެ މަޞްލަޙަތު ގެއްލޭ ބޮޑެތި ކުށްކުރާ މުވައްޒަފުން، އެ މުވައްޒަފަކު އެކުރި ކުށުގެ ބާވަތުން އިތުރު ފިޔަވަޅެއް ނާޅައި ވަކިކުރަން ފެންނަ ނަމަ، ވަޒީފާއިން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޝަނަށް ހުށަހެޅިދާނެ ކަމަށް "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 43 ވަނަ މާއްދާގައި ބަޔާންވެގެން ވުމާއި، ވަޒީފާގައި ބެހެއްޓުން އެކަށީގެން ނުވާފަދަ ކަމެއް މުވައްޒަފަކު ކުރުމުންވެސް އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް އެ ޤަވާޢިދުގެ 51 ވަނަ މާއްދާގައި ބަޔާންވެގެން ވާއިރު، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމަކީ ބޮޑު ކަމަކަށް ވުމާއި، އަދި އެ ކަމަކީ މުޙައްމަދު ޝަފީޤް ވަޒީފާ އަދާކުރާ ދާއިރާގެ ގޮތުން ވަޒީފާގައި ބެހެއްޓުން އެކަށީގެން ނުވާފަދަ ކަމެއްކަމަށް ވުމުން،

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކޮށްފައި ވަނީ އޭރު ޢަމަލުކުރަމުން ދިޔަ "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" އާ އެއްގޮތްވާ ގޮތުގެ މަތީންކަން ޝަރީޢަތަށް ޤަބޫލު ކުރެވޭތީ ކަމަށް ބުނެ، މުޙައްމަދު ޝަފީޤްއަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަންގާނެތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފަކަމާއި

މިކަންކަން ސިވިލް ކޯޓުގެ ނަންބަރު 541/Cv-c/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

4- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/03 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 541/Cv-c/2010 (1221/MC/2010) ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، 19 ޖެނުއަރީ 2014 ވަނަ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި މުޙައްމަދު ޝަފީޤް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އަދާކުރަމުންދިޔަ ފަންތީގެ ވަޒީފާއެއް މުޙައްމަދު ޝަފީޤްއަށް ދިނުމަށާއި 04 ޑިސެމްބަރ 2007 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކުރެވިފައި ވާކަމަށް ނުބެލުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަންގައި އަދި 04 ޑިސެމްބަރ 2007 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޝަފީޤްގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް މުޙައްމަދު ޝަފީޤްއަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް ހޯދުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ދަށު ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު މުޙައްމަދު ޝަފީޤަށް ލިބިގެންވާ ކަމަށްވެސް ކަނޑައަޅައި ޙުކުމް ކޮށްފަކަމާއި މިކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/03 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/03 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާއަށް މައިގަނޑު 4 (ހަތަރު) ސަބަބެއް ހުށަހަޅައި އެކަންކަމާބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން:

ފުރަތަމަ ސަބަބަކީ، މުޙައްމަދު ޝަފީޤް 04 ޑިސެމްބަރ 2007 ދުވަހު ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް މީހަކަށް އެހީތެރިވެދޭ މައްސަލައެއްގައި އޭނާ އެ ޢަމަލަށް އިޢުތިރާފުވުމުން ކަމަށްވާއިރު، އެ އިޢުތިރާފަށް ނުބަލައި، އޭގެ ފަހުގެ ތާރީޚެއްގައި އޭނާގެ މައްޗަށް އުފުލި ޖިނާއީ މައްސަލައަށް ރިޢާޔަތްކޮށް މައްސަލަނިންމާފައިވުން ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދެވަނަ ސަބަބަކީ، މުޙައްމަދު ޝަފީޤް 4 ޑިސެމްބަރ 2007 ދުވަހު ވަޒީފާއިން ވަކިކޮށްފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް މީހަކަށް އެހީތެރިވެދޭ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި މޯލްޑިވްސް ޕޮލިސްސަރވިސްއިން އެކަން ތަޙްޤީޤްކޮށް، އޭނާގެ ބަޔާންނަގައި، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުޞަތު ދެވިގެންކަން ހާމަކަން ބޮޑުގޮތެއްގައި އެނގެން އޮތްއިރު، އޭނާއަށް ޖަވާބުދާރީވުމަށް ފުރުޞަތު ނުދޭކަމަށާއި، އިޖްރާއީ އަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ބުނެ މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ތިންވަނަ ސަބަބަކީ، މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކުރުމުގައި ޝަކުލީ ގޮތުން ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަ ކޮށްފައިނުވާކަމަށް ބަލާފައިވާއިރު، އޭނާ ވަޒީފާއިން ވަކިކުރެވުނު ސަބަބަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައި ވުންކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

ހަތަރުވަނަ ސަބަބަކީ، މުޙައްމަދު ޝަފީޤް 4 ޑިސެމްބަރ 2007 ދުވަހު، ވަޒީފާއިން ވަކިކޮށްފައިވަނީ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމްނުކޮށް ކަމަށް ކަނޑައަޅައި، ވަޒީފާ އަނބުރާ ދިނުމަށް ޙުކުމް ކޮށްފައި ވާއިރު، އެފަދަ ޙާލަތެއްގައިވެސް ވަޒީފާ އަނބުރާ ދިނުމަށް ނުވަތަ ވަޒީފާއަށް ރީއިންސްޓޭޓް ކުރުމަށް ވަޒީފާ ދޭ ފަރާތަށް މަޖްބޫރު ނުކުރެވޭކަމީ، މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލެއްކަމަށްވާއިރު، އަދި ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކާއި މަބްދައުތައް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން މައްސަލަތައް ނިންމުމުގައި ތަޠްބީޤުކުރާކަން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުން އެނގޭއިރު، މި މައްސަލައިގައި ވަޒީފާ އަނބުރާ ދިނުމަށް ޙުކުމް ކޮށްފައި ވުން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/03 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށް ބުނެ އެޓަރނީޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަ ތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ، މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ މައްޗަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/03 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފު ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 541/Cv-c/2010 (1221/MC/2010) ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 541/Cv-C/2010 ޤަޟިއްޔާގެ ދަށުން މުޙައްމަދު ޝަފީޤް ކޮށްފައިވާ ދަޢުވާގެ ޖަވާބުގައި ދައުލަތުގެ ފަރާތުން (މޯލްޑިވްސް ކަސްޓަމްސް ސަރވިސް ތަމްޘީލްކުރާ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން) އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ ތަކުގައި، ދަޢުވާ ކުރާފަރާތް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަކިކޮށްފައިވަނީ، 15 ނޮވެންބަރު 2007 ވަނަ ދުވަހު، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2.18 (ދޭއް ޕޮއިންޓް އެކެއް އަށެއް) ކިލޯގްރާމްގެ މަސްތުވާ ތަކެތީގެ މައްސަލައާ ގުޅުންހުރި ކަމަށް ދަޢުވާކުރާ ފަރާތަށް ތުހުމަތު ކުރެވި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ މައްސަލަ ތަޙްޤީޤް ކުރި ކުރުމުން، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދަޢުވާކުރާ ފަރާތުން ދީފައިވާ ބަޔާނުގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާގައި ކުރަމުން އައިކަމަށް ތުހުމަތުކުރެވޭ އެއްފަރާތް ކަމަށްވާ ގ. ހިލްމަން ޢަބްދުލް ޙަމީދު ޢަބްދުއްޞަމަދާއި ދަޢުވާކުރާ ފަރާތާ ދެމެދު ގުޅުމެއް އޮންނަ ކަމަށާއި، ޢަބްދުލް ޙަމީދު ޢަބްދުއްޞަމަދު ރާއްޖެއިން ބޭރުން އަންނަ ދަތުރުތަކުގައި ފަސޭހަކަމާއެކު ކަސްޓަމްސް އިން ކްލިއަރެންސް ދަޢުވާކުރާ ފަރާތުން ހަމަޖައްސައި ދޭކަމަށާއި، ކާގޯމަގުން ގެންނަ މުދާވެސް ފަސޭހަކަމާއެކު ނެރެދިނުމަށް އެހީތެރިވެދީފައި ވާނެކަމަށާއި، އެގޮތުން ޢަބްދުލް ޙަމީދު ޢަބްދުއްޞަމަދު ރާއްޖެއަންނަ އައުމުގައި މަސްތުވާތަކެތި އެތެރެކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ދަޢުވާކުރާ ފަރާތުން ތަޙްޤީޤުގައި އިޢްތިރާފްވެފައި ވާތީ، އޭރު ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން ޢަމަލުކުރެވޭ "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 43 ވަނަ މާއްދާ އާއި 51 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ މާއްދާތަކުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން އެ ޤަވާޢިދުގެ 47 ވަނަ މާއްދާގައި ބުނެފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ވާތީ ދަޢުވާ ކުރާ ފަރާތަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާކަމަށް ބުނެފައިވާ އެއްވެސް ގެއްލުމަކީ، އެ ގެއްލުމަކަށް ދައުލަތުން އެއްވެސް ސިފައެއްގައި އެއްވެސް މިންވަރަކަށް ޒިންމާވާންޖެހޭ ގެއްލުމެއްކަމަށް ދައުލަތުން ނުދެކޭކަމަށް ބުނެ މުޙައްމަދު ޝަފީޤްގެ މިދަޢުވާއަށް ދައުލަތުގެ ފަރާތުން އިންކާރު ކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، މުޙައްމަދު ޝަފީޤް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޗީފް ކަސްޓަމްސް އޮފިސަރ ކަމުގެ މަޤާމުގައި ހުއްޓައި އެމަޤާމުން 04 ޑިސެމްބަރު 2007 ދުވަހުން ފެށިގެން ވަކިކޮށްފައިވާކަމާއި އެ ވަޒީފާއިން މުޙައްމަދު ޝަފީޤް ވަކިކޮށްފައިވާ ސަބަބަކީ މުޙައްމަދު ޝަފީޤް ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރުމަށް މީހަކަށް އެހީތެރިވެދޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަޙުޤީޤް ކުރުމަށް ބަންދުކުރެއްވުމާ ގުޅިގެން ކަމާއި، މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކުރައްވައިފިކަން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަންގާފައިވަނީ އެޑިވިޝަންގެ ނަންބަރު 3940/ 2007 (2) ގެ ޗިޓުން 27 ޑިސެމްބަރު 2007 ގައި ކަމާއި މިކަންކަން މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ނަންބަރު E1-2007/54 (ށ) (27/12/2007) ގެ " ވަޒީފާއިން ވަކިކުރެއްވިކަން އަންގާލިޔުން" މިނަމުގައިވާ ލިޔުމުން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 541/Cv-C/2010 ޤަޟިއްޔާގެ ދަށުން މުޙައްމަދު ޝަފީޤް ކޮށްފައިވާ ދަޢުވާގެ ޖަވާބުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި އިޝާރާތް ކޮށްފައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް މުޙައްމަދު ޝަފީޤް ދީފައިވާ ކަމަށް ބުނާ ތަޙްޤީޤް ބަޔާނަށް ބަލާއިރު، އެ ބަޔާނަކީ، 04 ޑިސެމްބަރު 2007 ދުވަހުގެ ތާރީޚުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މުޙައްމަދު ޝަފީޤްގެ ނަމުގައި ދީފައިވާކަން އެނގެން އޮންނަ ބަޔާނެއްކަމާއި އެބަޔާނުގައި މުޙައްމަދު ޝަފީޤަކީ މޯލްޑިވްސް ކަސްޓްމްސް ސަރވިސް ގެ ތިލަފުށީގައި ހުންނަ ކަސްޓަމްސް އޮފީހުގެ ޗީފް ކަސްޓަމްސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެއްކަމަށާއި ގަލޮޅު ހިލްމަން ޢަބްދުލް ޙަމީދު ޢަބްދުއްޞަމަދަކީ މުޙައްމަދު ޝަފީޤް ދަންނަ ރައްޓެއްސެއް ކަމަށާއި އެގޮތުން ޢަބްދުލް ޙަމީދު ޢަބްދުއްސަމަދު ، މުޙައްމަދު ޝަފީޤް ގާތުގައި އޭނާ ގެނެސްގެން އުޅޭ މުދާތައް އަވަހަށް ނެރެދިނުމަށް އެދުމުން އޭނާގެ އެދުމުގެ މަތިން މުޙައްމަދު ޝަފީޤް އެކަން އޭނާއަށް ކޮށްދީ ހަދާކަމަށާއި ޢަބްދުލްޙަމީދު ޢަބްދުއްސަމަދަކީ ރާއްޖެއިން ބޭރަށް ވަރަށް ގިނައިން ގޮސްއުޅޭ މީހެއްކަމަށާއި މިގޮތުން ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު ރާއްޖެއިން ބޭރަށް ގޮސްއުޅޭ އުޅުމުގައި ބައެއްފަހަރު މާލެ އައުމުގެ ކުރިން މުޙައްމަދު ޝަފީޤްއާ ގުޅާފައި، އެއަރޕޯޓުން އަވަހަށް ނުކުމެވޭނެ ގޮތް ހަދައިދިނުމަށް ޢަބްދުލްޙަމީދު ޢަބްދުއްސަމަދު، މުޙައްމަދު ޝަފީޤް ގާތުގައި ބުނާ ފަހަރުތަކުގައި އެރައިވަލްސްގައި އެވަގުތު ޑިއުޓީގައި ތިބޭ ކަސްޓަމްސް އޮފިސަރުންނާ ގުޅާފައި ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުއަށް އަވަސްކޮށްދިނުމަށް މުޙައްމަދު ޝަފީޤްބުނެފައިވާނެ ކަމަށާއި ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު މިގޮތަށް އަންނައައުމުގައި އަވަސްކޮށްދިނުމަށް ޑިއުޓީގައި އުޅޭމީހުން ގާތު މުޙައްމަދު ޝަފީޤް އެދުމުން ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ ފޮށިތައް ޗެކްނުކޮށް ފޮނުވާލަ ދޭނެކަމަށާއި، މުޙައްމަދު ޝަފީޤް ފައިސާ ބޭނުންވެގެން ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު ގާތުގައި ފައިސާ ދިނުމަށް އެދުމުން ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުގެ ކިބައިން މުޙައްމަދު ޝަފީޤްއަށް ފައިސާގެ އެހީތައް ލިބިފައިވާ ކަމަށާއި، މުޙައްމަދު ޝަފީޤް އާއި ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު އާއި ދެމީހުން ދެފަހަރެއްގެ މަތިން އެއްކޮށް ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށާއި އޭގެތެރެއިން ފުރަތަމަ ކުރި ދަތުރުގައި ހުރިހާ ޚަރަދެއް (ޓިކެޓާއި ހުރުމާއި ކެއުމާއި ދެންވެސް ކުރަންޖެހޭ ހުރިހާ ޚަރަދެއް) ކުރީ ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު ކަމަށާއި ދެވަނައަށް މުޙައްމަދު ޝަފީޤް، ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު އާއެކު ކުރިދަތުރުގައިވެސް މުޙައްމަދު ޝަފީޤްގެ ދެކޮޅު ޓިކެޓް ދީފައިވަނީ ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު ކަމަށާއި އަދި ޢަބްދުލް ޙަމީދު ޢަބްދުއްޞަމަދު ރާއްޖެއިން ބޭރުން އައިސް އަދި ބައެއް ފަހަރު އައުމުގެ ކުރިން މުޙައްމަދު ޝަފީޤް އަށް ގުޅާ އަވަހަށް ނުކުމެވޭނެ ގޮތްހަދައިދޭން އެދުމުން މުޙައްމަދު ޝަފީޤް އަންގައިގެން ޕެސެންޖާ ޓަރމިނަލްގައި އެވަގުތު ޑިއުޓީގައި އުޅުނު އޮފިސަރުން އޭނާގެ ފޮށިތައް ޗެކްނުކޮށް ފޮނުވާލާ ފަހަރު އޭނާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފާނެ ކަމަށް މުޙައްމަދު ޝަފީޤް މިހާރު ޤަބޫލުކުރާކަމަށް މި ބަޔާނުގައި މުޙައްމަދު ޝަފީޤް ބުނެފައިވާކަން އެނގެން އޮންނައިރު މި ބަޔާނަކީ މުޙައްމަދު ޝަފީޤް ދީފައިވާ ބަޔާނެއްކަމަށް މި މައްސަލައިގެ ޝަރީޢަތުގައި، މުޙައްމަދު ޝަފީޤް ބުނެފައިވާކަން އެނގެން އޮންނައިރު، މި ބަޔާނާބެހޭ ގޮތުން މުޙައްމަދު ޝަފީޤްގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން، މިބަޔާނުގައި މުޙައްމަދު ޝަފީޤް ދައްކާފައިވާ ބަޔާންވެ ދިޔަ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އޭނާ ވަޒީފާއިން ވަކިކުރުންފަދަ އިދާރީ ފިޔަވަޅެއް އެޅުމަށް ހުރަސް އެޅިފައިވާކަމަށް ބެލެވޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް މުޙައްމަދު ޝަފީޤް ގެ ފަރާތުން ދެއްކިފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، މުޙައްމަދު ޝަފީޤް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާކަން އެނގެން އޮންނަ އިސްވެ އިޝާރާތް ކުރެވުނު ބަޔާން އޭނާ ދީފައިވާ ތާރީޚަކީ 04 ޑިސެމްބަރ 2007 ދުވަހުގެ ތާރީޚުކަން އެނގެން އޮންނައިރު، އެއިރު، ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުން ދިޔަ ޤާނޫނުއަސާސީއަކީ، މީލާދީ ސަނަތުން 1998 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރެވެމުން ދިޔަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ކަމަށްވާއިރު، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޞައްޙަ ނޫންކަމަށް ބަލަންޖެހޭ ފަދަ ސަބަބެއް މެދުވެރިވެފައިވާކަމަށް ބަލަންޖެހޭ ފަދަ ކަމެއް ހިނގާފައިވާކަން ސާބިތުނުވާ ގޮތުގައި، މީހަކު ތަޙްޤީޤީ އިދާރާއަކަށް ދޭ ބަޔާނެއް ގައިވާ ކަންކަމުގެ މައްޗަށާއި އަދި އޭރު ޢަމަލުކުރެވެމުން ދިޔަ "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް އޭރު ދައުލަތުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ފަދަ އިދާރީ ފިޔަވަޅެއް، ކަމާބެހޭ ދައުލަތުގެ އިދާރާއިން އެޅުމަށް ހުރަސްއެޅޭ ފަދަ ނައްޞެއް 1998 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި އޭރު ޢަމަލުކުރެވެމުން ދިޔަ ޤާނޫނުއަސާސީގައި އައިސްފައިނުވާކަން، އެޤާނޫނުއަސާސީގައި ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި ވާޖިބުތައް ބަޔާންކުރެވިފައިވާ އެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި އައިސްފައިވާ މާއްދާތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަ ކަމަކީ، މުޙައްމަދު ޝަފީޤް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޗީފް ކަސްޓަމްސް އޮފިސަރ ކަމުގެ މަޤާމުން 04/12/2007 ގައި ވަކިކުރެވުނު އިރު ރާއްޖޭގައި ޢަމަލުކުރެވެމުން ދިޔަ އިސްވެ އިޝާރާތް ކުރެވުނު ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި "އެމީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާ ކޮންމެ މީހަކީ، ކުށެއް ނެތް މީހެކެވެ." މިފަދައިން ބަޔާންކުރެވިފައިވާ އޮތްއޮތުމުގައި ބުނާ ކުށަކީ ޖިނާއީ ކުށުގެ ވާހަކަތޯ ނުވަތަ އެނޫން ކުށެއްގެ ވާހަކަތޯ އެ ޤާނޫނުއަސާސީގެ ކަމާގުޅުންހުރި އެހެނިހެން މާއްދާތަކުގެ އަލީގައި ބަލައި ނަޒަރުކުރާއިރު، އެޤާނޫނުއަސާސީގެ 156 ވަނަ މާއްދާގައި ""އަދަބު" ދޭހަކޮށްދެނީ، ޤާނޫނުގައި ކުށެއްކަމުގައި ކަނޑައަޅާ ކަމަކަށް، ޤާނޫނުގައި ދިނުމަށް ކަނޑައަޅާފައިވާ ޢުޤޫބާތެވެ." މިފަދައިން ބަޔާންކޮށްފައި އޮތް އޮތުމުން، 1998 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުން ދިޔަ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކުށުގެ ލަފްޒު އައިސްފައިވަނީ ޤާނޫނެއްގެ ދަށުން، އެ ޤާނޫނެއްގައި ކަނޑައެޅިފައިވާ ޢުޤޫބާތެއް ޙައްޤުވާ ފަދަ ޖިނާއީ ކުށުގެ މާނައިގައިކަން އެނގޭކަމާއި އެހެންކަމުން މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ޝަރީޢަތުން ސާބިތުވެފައި ނުވުން އެއީ، އޭރު ޢަމަލުކުރެވެމުންދިޔަ "މުވައްޒަފުންގެ ކަންތައްތައް ހިނގުމުގެ ޤަވާޢިދު" ގެ އަޙްކާމްތަކަށް ރިޢާޔަތްކޮށް އެ ޤަވާޢިދުގައި ކަނޑައެޅިފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ މުވައްޒަފަކާމެދު އަޅާ އިދާރީ ފިޔަވަޅެއްގެ ދަށުން ، ދައުލަތުގެ ކަމާބެހޭ އިދާރާއިން އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުންފަދަ ފިޔަވަޅެއް، އެޅުމަށް ހުރަސްއަޅާކަމެއް ކަމަށް ބެލެވޭނެ ތަނެއް ނެތުމެވެ.

(ޅ) ހަވަނަ ކަމަކީ، މުޙައްމަދު ޝަފީޤް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޗީފް ކަސްޓަމްސް އޮފިސަރ ކަމުގެ މަޤާމުން 04/12/2007 ގައި ވަކިކޮށްފައިވަނީ އޭރު ޢަމަލު ކުރެވެމުންދިޔަ "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" މިނަމުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަން އިން ހިންގައި ޢަމަލުކުރަމުން ގެންގޮސްފައިވާ ޤަވާޢިދުގެ ދަށުން ކަން މިމައްސަލައިގެ ދެފަރާތުގެ ބަހުން އެނގެން އޮންނައިރު، އެ ޤަވާޢިދުގެ 43 ވަނަ މާއްދަގައި "ޢާންމު އުޞޫލެއްގެ ގޮތުން، ވަޒީފާއިން ވަކިކުރުމަކީ އިޞްލާޙީ ފިޔަވަޅު އަޅައިގެންވެސް ރަނގަޅު ނުވެއްޖެނަމަ ކުރަން އޮންނަ ކަމެއް ކަމުގައި ވިޔަސް، ވައްކަން، ޚިޔާނާތް، ތަނުގެ މަޞްލަޙަތު ގެއްލޭ ފަދަ ބޮޑެތި ކުށްކުރާ މުވައްޒަފުން، އެ މުވައްޒަފަކު އެކުރި ކުށުގެ ބާވަތުން އިތުރު ފިޔަވަޅެއް ނާޅައި ވަކިކުރަން ފެންނަނަމަ، ވަޒީފާއިން ވަކިކުރަން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނަށް ހުށަހެޅިދާނެ އެވެ." މިފަދައިން ބަޔާންކުރެވިފައި އޮންނަ އޮތުމަށާއި އަދި ބުނެވުނު ޤަވާޢިދުގެ 51 ވަނަ މާއްދާގައި "މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެ މުވައްޒަފެއްގެ ބޭނުން ކެނޑިއްޖެކަމަށް ފެނުމުން، ނުވަތަ ވަޒީފާގައި ބެހެއްޓުން އެކަށީގެންނުވާފަދަ ކަމެއް ކުރުމުން، ނުވަތަ މިޤަވާއިދުގައިވާ ގޮތުގެމަތިން އިޞްލާޙީ ފިޔަވަޅު އަޅައިގެން ރަނގަޅު ނުވެގެންނެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމުގެ މައްޗަށާއި އަދި ހަމަ ބުނެވުނު ޤަވާޢިދުގެ 47 ވަނަ މާއްދާގައި "ސަރުކާރުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުން، އެ މަޤާމެއް އޮތް އޮފީހަކަށް ފޮނުވާ ޗިޓަކުންނެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ވައްކަން ޚިޔާނާތް އަދި ތަނުގެ މަޞްލަޙަތު ގެއްލޭ ފަދަ ބޮޑު ކުށެއް މުވައްޒަފަކު ކޮށްފިނަމަ، ނުވަތަ މުވައްޒަފެއްގެ ބޭނުން ކެނޑިއްޖެކަމަށް އެ މުވައްޒަފަކު ތަބާވާ އިދާރާއަށް ފެނިއްޖެނަމަ، ނުވަތަ ވަޒީފާގައި ބެހެއްޓުން އެކަށީގެންނުވާ ފަދަ ކަމެއް މުވައްޒަފަކު ކޮށްފިނަމަ، މިފަދަ ޙާލަތްތަކުގައި އެ މުވައްޒަފަކާމެދު އިތުރު ފިޔަވަޅެއް އެޅުމަކާ ނުލައި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެ މުވައްޒަފަކު ތަބާވާ އިދާރާއިން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނަށް ހުށަހަޅާ ހުށަހެޅުމެއްގެ ދަށުން، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުން އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހަކަށް ފޮނުވާ ޗިޓަކުން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ކަމާއި، އަދި ވައްކަން، ޚިޔާނާތް އަދި ތަނުގެ މަޞްލަޙަތު ގެއްލޭ ފަދަ ބޮޑު ކުށެއް މުވައްޒަފަކު ކޮށްފިނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެފަދަ ކަމެއް އެ މުވައްޒަފަކު ކޮށްފައިވާކަން ޝަރީޢަތަށް ސާބިތު ވުމުންކަމަށް އިޝާރާތްކުރެވުނު ޤަވާޢިދު ގެ އިޝާރާތް ކުރެވުނު މާއްދާ ތަކުގައި އެއްވެސް މިންވަރަކަށް ޝަރުޠުކޮށްފައި ނުވާކަމާއި މިކަންކަން އިސްވެ އިޝާރާތް ކުރެވުނު ޤަވާޢިދުގެ ބަޔާންކުރެވިދިޔަ މާއްދާތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ކ) ހަތްވަނަ ކަމަކީ، ސަރުކާރުގެ މުވައްޒަފެއްގެ މަޤާމުގައި ހުރެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިންކަމަށް ބުނެ މުޙައްމަދު ޝަފީޤްގެ މައްޗަށް އުފުލުނު ކުށުގެ ދަޢުވާގައި، ޖިނާއީ ކޯޓުގެ ނަންބަރު 182/JC/2008 ޤަޟިއްޔާއިން ކުށް ސާބިތު ނުވާކަމަށް ޙުކުމް ކޮށްފައިވުން އެއީ ސިވިލް ކޯޓުގެ ނަންބަރު 541/Cv-C/2010 ޤަޟިއްޔާގެ ދަށުން މުޙައްމަދު ޝަފީޤް ކޮށްފައިވާ ދަޢުވާ އެގޮތުގެމަތިން ކުރަންޖެހުނު މައިގަނޑު ސަބަބުކަން އެދަޢުވާގެ ޞީޣާއިން އެނގެން އޮންނައިރު، ޖިނާއީކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ ނިމިފައިވަނީ އެ ޤަޟިއްޔާގެ ދަށުން އޭނާގެ މައްޗަށް އުފުލިފައިވާ، ސަރުކާރުގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ޙުކުމް ކޮށްގެން ކަން އެ ޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮތްނަމަވެސް، މުޙައްމަދު ޝަފީޤް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އަދާކުރަމުންދިޔަ، ޗީފް ކަސްޓަމްސް އޮފިސަރ ކަމުގެ މަޤާމުން 04 ޑިސެމްބަރ 2007 ގައި ވަކިވެފައި ވާކަމަށް ބަލައި އެ ވަޒީފާއިން މުޙައްމަދު ޝަފީޤް ވަކިކޮށްފައިވަނީ މުޙައްމަދު ޝަފީޤް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް މީހަކަށް އެހީތެރިވެދޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަޙްޤީޤުކުރުމަށް ބަންދުކުރެއްވުމާ ގުޅިގެން އެ ސަބަބަށްޓަކައިކަން މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު E1-2007/54 (ށ) "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" މިނަމުގައިވާ ލިޔުމުން އެނގެން އޮތުމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކޮށްފައިވަނީ އިސްވެ އިޝާރާތް ކުރެވުނު ޖިނާއީ ކޯޓުގެ ނަންބަރު 182/JC/2008 ޤަޟިއްޔާގައި މުޙައްމަދު ޝަފީޤް ގެ މައްޗަށް އުފުލިފައިވާ ދަޢުވާގައި ބުނާ ކުށުގެ ޢަމަލަށް ނިސްބަތް ކޮށްގެން ނޫންކަން އެނގެން އޮންނާތީއާއި، އަދި މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކުރިއިރު ޢަމަލު ކުރެވެމުންދިޔަ އިސްވެ އިޝާރާތްކުރެވުނު "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ 43 ވަނަ މާއްދާ އާއި 51 ވަނަ މާއްދާގައި އިތުރު ފިޔަވަޅެއް އެޅުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެ މުވައްޒަފެއްގެ މައްޗަށް އެފަދަ ޢަމަލެއް ޝަރީޢަތަށް ސާބިތުވުމުން ކަމަށް އެއްވެސް މިންވަރަކަށް ބަޔާންކޮށްފައި ނުވާތީ އިޝާރާތް ކުރެވުނު ޖިނާއީ ކޯޓުގެ ނަންބަރު 182/JC/2008 ޤަޟިއްޔާގައި މުޙައްމަދު ޝަފީޤް ގެ މައްޗަށް އުފުލިފައިވާ ކުށުގެ ދަޢުވާ އެ ޤަޟިއްޔާގައި ސާބިތުވެފައި ނުވުންއެއީ މުޙައްމަދު ޝަފީޤް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އަދާކުރަމުންދިޔަ އިސްވެ ބަޔާންކުރެވުނު ވަޒީފާއިން މުޙައްމަދު ޝަފީޤް ވަކިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބަލަންޖެހޭ ސަބަބެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

(އ) އަށްވަނަ ކަމަކީ، މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކުރެވުނު ތާރީޚްކަމަށް ބަލާފައިވާ ތާރީޚަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މުޙައްމަދު ޝަފީޤް ދީފައިވާކަން އެނގެން އޮންނަ އިސްވެ އިޝާރާތް ކުރެވުނު ބަޔާން ދީފައިވާ ތާރީޚްކަމުގައިވާ 04/12/2007 ގެ ތާރީޚްކަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު E1-2007/54 (ށ) (27/12/2007) ގެ "ވަޒީފާއިން ވަކިކުރެއްވިކަން އަންގާލިޔުން" މިނަމުގައިވާ ލިޔުމުން އެނގެން އޮންނާތީއާއި، މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކުރައްވައިފިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޝަނުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަންގާފައިވަނީ 27/12/2007 ގެ ތާރީޚްގައި ކަމާއި، އަދި މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކުރެއްވި ސަބަބަކީ މުޙައްމަދު ޝަފީޤް މަސްތުވާތަކެތި އެތެރެކުރުމަށް މީހަކަށް އެހީތެރިވެދޭކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުޤީޤު ކުރުމަށް މުޙައްމަދު ޝަފީޤް ބަންދު ކުރުމާ ގުޅިގެން އެ ސަބަބަށްޓަކައިކަން އިސްވެ އިޝާރާތް ކުރެވުނު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު E1-2007/54 (ށ) (27/12/2007) ގެ ލިޔުމުން އެނގެން އޮންނާތީއާއި، އަދި މީގެ އިތުރުން މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކޮށްދެއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަންގައި ދަންނަވާފައިވަނީ 13/12/2007 ގެ ތާރީޚްގައި ކަން މި މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު E1-2/2007/56 (13/12/2007) "ވަޒީފާއިން ވަކިކޮށްދެއްވުމަށް އެދި ދަންނަވާ ޗިޓް" މިނަމުގައިވާ ލިޔުމުން އެނގެން އޮންނައިރު އެ ޗިޓްގެ ދަށުން މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކުރަން ދަންނަވާފައިވަނީ މުޙައްމަދު ޝަފީޤް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފައިވާ ބަޔާނުގައި ވާކަންކަމުގެ މައްޗަށް ބަލައިގެން ކަންވެސް އިސްވެ އިޝާރާތްކުރެވުނު 13/12/2007 ގެ ލިޔުމުން އެނގެން އޮތުމުން، މުޙައްމަދު ޝަފީޤް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އަދާކުރަމުން ދިޔަ ޗީފް ކަސްޓަމްސް އޮފިސަރ ކަމުގެ މަޤާމުން ވަކިކޮށްފައިވަނީ، މުޙައްމަދު ޝަފީޤް އެ ވަޒީފާއިން ވަކިކުރުމުގެ ކުރިން ޖަވާބުދާރީ ވުމުގެ ފުރުޞަތު މުޙައްމަދު ޝަފީޤްއަށް ލިބިނުދީ ކަމަށް ބަލާނެ ތަނެއް ނެތްކަން އެނގެން އޮންނަކަމެވެ.

(ވ) ނުވަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި މުޙައްމަދު ޝަފީޤް އަދާކުރަމުން ދިޔަ ޗީފް ކަސްޓަމްސް އޮފިސަރ ކަމުގެ މަޤާމުން، މުޙައްމަދު ޝަފީޤް ވަކިކޮށްފައިވަނީ، އެ ޤަވާޢިދެއްގެ އަޙްކާމްތަކުގެ ދަށުން މުޙައްމަދު ޝަފީޤްގެ މައްޗަށް އެފިޔަވަޅު އެޅުނު، އޭރު ޢަމަލުކުރެވެމުން ދިޔަ "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން އެނގެން އޮންނާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/03 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ކަމަށް ބެލެވޭނެ ތަނެއް ނެތްކަމާއި އަދި ސިވިލް ކޯޓުގެ ނަންބަރު 541/CV-C/2010 ޤަޟިއްޔާގައި މުޙައްމަދު ޝަފީޤްއަށް އަލުން ވަޒީފާ ދިނުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައެޅުއްވި ކަނޑައެޅުއްވުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބެލެވޭނެތަނެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.

ޙުކްމް

އިސްވެ ދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ހ. ޑޮނީގޯލް މުޙައްމަދު ޝަފީޤް އަދާކުރަމުންދިޔަ، ޗީފް ކަސްޓަމްސް އޮފިސަރ ކަމުގެ މަޤާމުން، 04/12/2007 ދުވަހުން ފެށިގެން ވަކިވެފައިވާ ކަމަށް ބަލައި، މުޙައްމަދު ޝަފީޤް ވަޒީފާއިން ވަކިކުރިކަން އަންގައި، 27 ޑިސެމްބަރު 2007 މި ތާރީޚުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ނަންބަރު E1-2007/54 (ށ) (27/12/2007) ގެ ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުގެ ދަށުން މުޙައްމަދު ޝަފީޤް އާ މެދު އަޅާފައިވާ އެ ފިޔަވަޅު އެގޮތުގެމަތިން އަޅާފައިވަނީ އެ ޤަވާޢިދެއްގެ އަޙްކާމްތަކުގެ ދަށުން މުޙައްމަދު ޝަފީޤް ގެ މައްޗަށް އެ ފިޔަވަޅު އެޅުނުއިރު، ޢަމަލުކުރެވެމުން ދިޔަ "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ މައުޟޫޢީ އަދި އިޖުރާއީ އުޞޫލުތައް ބަޔާންކުރެވިފައިވާ މާއްދާތައް ކަމުގައިވާ އެ ޤަވާޢިދުގެ 43، 47، 51 މި މާއްދާތަކުގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން އެނގެން އޮންނާތީ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/03 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައެޅުމާއެކު

ސިވިލް ކޯޓުގެ ނަންބަރު 541/CV-C/2010 (1221/MC/2010) ޤަޟިއްޔާގައި މުޙައްމަދު ޝަފީޤް އަށް އަލުން ވަޒީފާ ދިނުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަންގާނެތަނެއް ނެތްކަމަށް ކަނޑައެޅި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ތާއީދުކޮށް މިގޮތުގެމަތިން ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ