ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/36ސުޕްރީމް ކޯޓު · 31 މޭ 2015

—

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 31 މޭ 2015ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2014/SC-A/36

ދަޢުވާކުރާ ފަރާތް: އަތަމާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑް

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

ހުށަހެޅުނު ތާރީޚް: 25.06.20145

ރަޖިސްޓްރީކުރެވުނު ތާރީޚް: 26.08.20145

ނިމުނު ތާރީޚް: 31.05.2015

މައްސަލަ ނިންމި ގަޑި: 17:15

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އަލްއުސްތާޛު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2013/HC-A/36

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 07 ފެބްރުއަރީ 2013

ނިމުނު ތާރީޚް: 25 ފެބްރުއަރީ 2014

ފާހަގަ ކުރެވުނު ނުކުތާތައް

1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށް ބުނެ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑްއަށެވެ.

2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2332/CV-C/2011 ޤަޟިއްޔާ، އެ ކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.

3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2332/CV-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑްއާ ދެމެދު 30 ޑިސެމްބަރ 2008 ވަނަ ދުވަހު ސޮއިކުރެވުނު US$ 15,000,000.00 (ފަނަރަ މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯން އެއްބަސްވުމާ ގުޅިގެން، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް US$ 15,000,000.00 (ފަނަރަ މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނެއް ނ. މާވެލާވަރު އެވެ ކިޔުނު ރިސޯޓް ހެދުމަށާއި، ތަރައްޤީކުރުމަށް، މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑުން ދިނުމަށް އެއްބަސްވެ، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑުން ލޯނުގެ ގޮތުގައި ފައިސާ ދޫކޮށްފައިވާހިނދު، އެ ލޯނު އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތަށް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ލޯނު ފައިސާ އަދާކުރަމުން ގޮސްފައިނުވާތީ، ލޯނުގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހި ނުދެއްކިވާ އެކު ޖުމްލަ US$12,428,504.32 (ބާރަ މިލިއަން ހަތަރު ލައްކަ އަށާވީސްހާސް ފަސްސަތޭކަ ހަތަރު އެމެރިކާ ޑޮލަރު / ތިރީސް ދެ ސެންޓް) އާއި، ކޯޓު މަރުޙަލާގެ މުއްދަތުގައި އަރާ އިންޓްރެސްޓްގެ ފައިސާ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑަށް ދައްކަންޖެހޭހިނދު، މި ދަޢުވާއަކީ މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑަށް ލިބެންޖެހޭ މުޅި ޖުމްލަ ޢަދަދު ކޯޓުން މި މައްސަލައިގެ ޙުކުމްކުރާ ދުވަހުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ނުވަތަ ކޯޓުން ކަނޑައަޅާ އެހެން މުއްދަތެއްގެ ތެރޭގައި މޮރިޝަސް ކޮމާރޝަލް ބޭންކް ލިމިޓެޑަށް ދައްކައި ޚަލާސްކުރުމަށް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގަވައި، އަދި މިގޮތުގެ މަތިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މި ފައިސާ އަދާނުކޮށްފިނަމަ، މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑާއި، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު 30 ޑިސެމްބަރ 2008 ވަނަ ދުވަހު ނ. މާވެލާވަރު ރިސޯޓުގެ ހެޑް ލީސްގެ މައްޗަށް ކޮށްފައިވާ ރަހުނު އެއްބަސްވުމުގެ ދަށުން ނ. މާވެލާވަރު އެވެކިޔުނު ރިސޯޓު ނީލަމުގެ އުޞޫލުން ވިއްކުމަށް ކޯޓު އަމުރެއް ނެރެދެއްވުމަށް އެދި، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑުން ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި

ސިވިލް ކޯޓުން އެ ޤަޟިއްޔާ ނިންމަވާފައިވަނީ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑާ ދެމެދު، 30 ޑިސެމްބަރ 2008 ވަނަ ދުވަހު ނ. މާވެލާވަރު އެވެކިޔުނު ރަށުގައި ރިސޯޓެއް ހެދުމަށާއި، ތަރައްޤީކުރުމަށް US$ 15,000,000.00 (ފަނަރަ މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނު އެއްބަސްވުމެއް ވެފައިވާކަމަށާއި، އެ ލޯނު އެއްބަސްވުމާ ގުޅިގެން ޙަވާލާދެވުނު ރަށުގެ ހެޑްލީސް ރަހުނު ކުރުމަށްޓަކައި، ހަމަ އެ ތާރީޚުގައި ދެ ފަރާތުގެ ދެމެދުގައި ރަހުނުގެ އެއްބަސްވުމެއް ވެފައިވާކަމަށާއި، ދެ ފަރާތުގެ ދެމެދުގައި އިސްވެ ބާޔަންކުރެވުނު އެއްބަސްވުންތައް ވުމަށްފަހު، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން، ލޯނު އެއްބަސްވުމާ ޚިލާފްވެ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ފައިސާ ދައްކާފައިނުވާކަމަށާއި، އެއްބަސްވެފައިވާ ގޮތުގެ މަތީން ފައިސާ ދައްކާފައިނުވުމުގެ ސަބަބުން، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ޕްރިންސިޕަލް ލޯނުގެ ގޮތުގައި US$ 11,417,391.45 (އެގާރަމިލިއަން ހަތަރުލައްކަ ސަތާރަހާސް ތިންސަތޭކަ ނުވަދިހަ އެއް އެމެރިކާ ޑޮލަރު / ސާޅީސްފަސް ސެންޓް) ދައްކަންޖެހޭކަމަށާއި، އެ ޢަދަދުގެ މައްޗަށް 01 ޖުލައި 2012 އާ ހަމައަށް އަރާފައިވާ އިންޓްރެސްޓްގެ ގޮތުގައި US$ 1,313,926.65 (އެއްމިލިއަން ތިންލައްކަ ތޭރަހާސް ނުވަސަތޭކަ ސައްބީސް އެމެރިކާ ޑޮލަރު/ ފަސްދޮޅަސް ފަސްސެންޓް) ދައްކަންޖެހޭކަމަށާއި، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ކަރަންޓް އެކައުންޓް ޑެބިޓްވެފައިވާތީ US$ 26,332.75 (ސައްބީސްހާސް ތިންސަތޭކަ ތިރީސްދެ އެމެރިކާ ޑޮލަރު / ހަތްދިހަފަސް ސެންޓް) ދައްކަންޖެހޭކަމަށާއި، 28 ޖުލައި 2011 ގެ ނިޔަލަށް އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި 50,508.00 US$ (ފަންސާސްހާސް ފަސްސަތޭކައަށެއް އެމެރިކާ ޑޮލަރު) ދައްކަންޖެހޭކަމަށާއި، އަދި މިގޮތުން އެކު ޖުމްލަ US$ 12,808,158.85 (ބާރަމިލިއަން އަށްލައްކަ އަށްހާސް އެއްސަތޭކަ ފަންސާސްއަށެއް އެމެރިކާ ޑޮލަރު / އަށްޑިހަފަސް ސެންޓް) އާއި، މި މައްސަލައިގައި ޝަރީޢަތުން ޙުކުމްކުރާ ތާރީޚާ ހަމައަށް އިތުރަށް އަރާފައިވާ އިންޓްރެސްޓްގެ ފައިސާއާއި، އަދި މި ދަޢުވާއަކީ މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑަށް ލިބެންޖެހޭ މުޅި ޖުމްލަ ޢަދަދު ހޯދުމަށް އެދި ހުށަހަޅާފައިވާ ދަޢުވާއެއްކަމުގައިވާތީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކުރެވެންދެން އިތުރަށް އަރަމުންދާ އިންޓްރެސްޓްގެ ފައިސާއަކީވެސް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއްކަން، މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެލިއުންތަކުގެ މައްޗަށް ބިނާކޮށް މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ވިދާޅުވެ،

މި ފައިސާ ހޯދުމަށް މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑުން ޤާނޫނީ ވަކީލަކު ޢައްޔަން ކުރަންޖެހިފައިވާތީ، ކުއްޔަށް ގެންދާ ތަކެއްޗާބެހޭ ޤަވާޢިދަށް ޤިޔާޞްކޮށް، ޤާނޫނީ ވަކީލެއް ޢައްޔަން ކުރަންޖެހުމުގެ ސަބަބުން ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 3,300/- ރ. (ތިންހާސް ތިންސަތޭކަ ރުފިޔާ) އާއި، އެކު ޖުމްލަ US$ 12,808,158.85 (ބާރަމިލިއަން އަށްލައްކަ އަށްހާސް އެއްސަތޭކަ ފަންސާސްއަށެއް އެމެރިކާ ޑޮލަރު / އަށްޑިހަފަސް ސެންޓް) އާއި، މި މައްސަލައިގައި ސާބިތުވެފައިވާ ފައިސާ ދައްކައި ޚަލާސްކުރެވެންދެން އިތުރަށް އަރަމުންދާ އިންޓްރެސްޓްގެ ފައިސާއާއި، އަދި ޤާނޫނީ ވަކީލުގެ ޚަރަދުގެ ގޮތުގައި އިސްވެ ބަޔާންކުރެވިފައިވާ 3,300/- ރ. (ތިންހާސް ރިންސަތޭކަ ރުފިޔާ) އަކީ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވައި،

މި ފައިސާ މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން، 07 އޮކްޓޯބަރ 2012 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށް ޖެހޭވަރު މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑަށް ދައްކައި ޚަލާޞްކުރުމަށް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގަވައި،

މި ފައިސާ ދެއްކުމަށް މި ދެވުނު 07 (ހަތެއް) މަސް ދުވަހުގެ މުއްދަތު ހަމަވާއިރު، މި ފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރެވިފައިނުވާނަމަ، މި ލޯނުގައި ރަހުނު ކުރެވިފައިވާ "ނ. މާވެލާވަރު" އެވެކިޔުނު ރަށުގެ މައްޗަށްއޮތް ޙައްޤުތައް ވިއްކާލުމުގެ ހުއްދަ މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑަށް ލިބިގެންވާކަމަށް ޙުކުމް ކުރައްވާފައިވާކަމާއި

މިކަންކަން ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 2332/CV-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.

4- ދިވެހިރާއްޖޭގެ ހައިކޯޓުން، ސިވިލް ކޯޓުގެ ނަންބަރު 2332/CV-C/2011 ޤަޟިއްޔާ އިސްތިއުނާފްކޮށް ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާ ނިންމަވާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2332/CV-C/2011 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.

5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާގައި، އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކުރި ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި، މި މައްސަލައިގެ އިލްތިމާސް ފޯމްގެ 7 ވަނަ ނަންބަރުގެ ދަށުން ހުށަހަޅާފައިވާ ކަންކަމަށް ބެލިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފްވާ ގޮތަށްކަމަށް އިލްތިމާސްކުރާ ފަރާތުން ފާހަގަކޮށްފައިވަނީ މައިގަނޑު ދެ ސަބަބުކަމާއި އޭގެ ތެރެއިން:

ފުރަތަމަ ސަބަބަކީ، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ނ. މާވެލާވަރު، ތަރައްޤީ ކުރުމަށްޓަކައި މޮރިޝަސް ކޮމާޝަލް ބޭންކްއިން، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް US$ 15,000,000.00 (ފަނަރަ މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނެއް ނެގުމާ ބެހޭގޮތުން މި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ލޯނު އެއްބަސްވުމުގެ 30 ވަނަ މާއްދާއިން އަތަމާ އިންވެސްޓްމަންޓް (ބޮރޯވަރ) ގެ ފަރާތުން އެއްބަސްވުމާ ޚިލާފްވެއްޖެނަމަ ނުވަތަ ބުނެވިދިޔަ އެއްބަސްވުމުގައިވާފަދަ އިވެންޓް އޮފް ޑިފޯލްޓެއް މެދުވެރިވެއްޖެކަމަށް މޮރިޝަސް ކޮމާޝަލް ބޭންކް (ލެންޑަރ) އަށް ފެނިއްޖެނަމަ އެ ޚިލާފެއް ފާހަގަކޮށް އިޞްލާޙުކުރުމަށް ލިޔުމުން، މޮރިޝަސް ކޮމާޝަލް ބޭންކް (ލެންޑަރ) ގެ ފަރާތުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގަންޖެހޭކަން އެނގެންއޮންނައިރު، އަދި ބުނެވުނު އެއްބަސްވުމުގެ 45 ވަނަ މާއްދާގެ (b) އަށްބެލުމުން މި އެއްބަސްވުމުގެ ރޫޙަކީ އެ އެއްބަސްވުމުގައި ތިންވަނަ ފަރާތެއް ބައިވެރިކުރުމަކާ ނުލައި އެއްބަސްވުމުގެ އެންމެހާ ނަފާތަކާއި ޒިންމާތައް އެއްބަސްވުމުގައި ހިމެނޭ ދެ ފަރާތުން ނެގެހެއްޓުންކަން އެނގެން އޮތުމުން މި އެއްބަސްވުމުގެ ތަންފީޛީ ދާއިރާގެ އެއްވެސް ނިންމުމެއް އަދި އެފަދަ ނިންމުމެއް އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ލިޔުމުންވިޔަސް އެންގުމުގެ އެއްވެސް ޤާނޫނީ ޙައިޘިއްޔަތެއް އެހެން ތިންވަނަ ފަރާތަކަށް ލިބިދެވޭފަދަ އެއްވެސް ޢަޤުދީ ސަބަބެއް ނެތްއިރު، އަތަމާ އިންވެސްޓްމަންޓާއި މޮރިޝަސް ކޮމާޝަލް ބޭންކްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އިވެންޓް އޮފް ޑިފޯލްޓްކަމަށް ފާހަގަކުރާކަންކަން ބަޔާންކޮށް އަދި އެކަންކަން 30 ދުވަހުގެ ތެރޭގައި އިޞްލާޙުކުރުމަށާއި އަދި އިޞްލާޙުނުކޮށްފިނަމަ އަޅާނެ ފިޔަވަޅުތައް ބަޔާންކޮށް 27 މާޗް 2011 ގައި މޮރިޝަސް ކޮމާޝަލް ބޭންކުން ފޮނުވަންޖެހޭ ނޯޓިސް އެފަރާތުގެ ބަދަލުގައި އެފަރާތުގެ ވަކީލުން ކަމަށްބުނެ ޝާހު ޙުސައިން އެންޑް ކޯ ނަމަކަށް ކިޔާ ލޯ ފާރމަކުން، އަތަމާ އިންވެސްޓްމަންޓަށް ފޮނުވާފައިވާ ފައިނަލް ނޯޓިސްއަކީ ޞައްޙަ ނޯޓިސްއެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން، އެ ކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވުމަކީ ޤާނޫނީ ހަމަތަކަށާއި، ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އެންމެ ފުރިހަމައަށް ރިޢާޔަތްކުރުމަކާނުލާ ނިންމަވާފައިވާ ނިންމެވުމެއްކަމަށް އިލްތިމާސްކުރާ ފަރާތުން ދެކޭކަމަށްބުނެ ހުށަހަޅާފައިވާ ސަބަބުކަމާއި

ދެވަނަ ސަބަބަކީ، ސިވިލް ކޯޓުން، އެ ކޯޓުގެ ނަންބަރު 2332/CV-C/2011 ޤަޟިއްޔާއިން ކުރެއްވި ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން، އެ ކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާގައި ތާއީދުކޮށްފައިވާ ވުމަކީ އަތަމާ އިންވެސްޓްމަންޓާއި މޮރިޝަސް ކޮމާޝަލް ބޭންކާ ދެމެދު ވެވުނު އެއްބަސްވުމުގެ މަޤްޞަދު ޙާޞިލްކުރުމަށް ހުރަސްއެޅޭފަދަ ގޮތަކަށް މޮރިޝަސް ކޮމާޝަލް ބޭންކުން ކްރެޑިޓް ފެސިލިޓީ ފޯރުކޮށްދިނުން ހުއްޓާލާފައިވަނިކޮށް، އަދި އެއްބަސްވުމުން އަތަމާ އިންވެސްޓްމަންޓަށް ލިބިދޭ މަންފާތައް ނިންމުމަކަށް ގެނެވިފއިވާ ހިނދު، ޝަރީޢަތުން ޖަޒާއީ ޝަރުތެއްގެ ގޮތުގައި އިންޓްރެސްޓް އަރަމުންދާ ގޮތަކަށް ޙުކުމް ބިނާކުރައްވާފައިވުމަކީ ޢަދުލުގެ ހަމަތަކުން އެއްކިބާވެ، ދަރަންޏެއް ބޮލުގައި އެޅިފައިވާ ފަރާތެއްގެ މައްޗަށް އަނިޔާވެރިވުންކަމަށާއި މިއީ އިކުވިޓީގައި ފާހަގަކުރާފަދަ "އެކްސްޓޯޝަން" އެއް ކަމަށާއި، އަދި ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއްގެ ދާއިރާއިން މިފަދައިން ޝަރީޢަތުން ހިނގަހިނގާ އޮންނަ ބީދާއަކުން ޖަޒާއީ ޝަރުތެއް ކަނޑައެޅުމަކީ ޣައިރު އަޚުލާޤީ އަދި ޢަދުލުގެ އެއްވެސް ހަމައަކުން ހަމަޖެހޭ ކަމެއްކަމަށް އިލްތިމާސްކުރާ ފަރާތުން ނުދެކޭކަމަށްބުނެ ހުށަހަޅާފައިވާ ސަބަބުކަމާއި

މި ދެ ސަބަބުކަން މި މައްސަލަ އިލްތިމާސްކުރި ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފޯމްގެ 7 ވަނަ ނަންބަރުގެ ދަށުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެއެވެ.

6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާގައި، އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތުމާސްކޮށްފައިވާ ފަރާތުން ހުށަހަޅާފައިވާ ބަޔާންކުރެވިދިޔަ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިއުންތަކަށާއި، މި މައްސަލަ މި ކޯޓުގައި އިލްތިމާސްކުރި ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2332/CV-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، ނ. މާވެލާވަރު އެވެކިޔުނު ރަށް، މެންޑަރިންގ އޮރިއެންޓަލް ގްރޫޕް ހޮޓަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑުން، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް US$ 15,000,000.00 (ފަނަރަ މިލިއަން އެމެރިކާ ޑޮލަރު) ގެ 8 އަހަރުގެ ޓާމް ލޯން ފެސިލިޓީއެއް ދިނުމުގެ ގޮތުން މި ދެފަރާތުގެ ދެމެދުގައި 30 ޑިސެމްބަރ 2008 ގައި އެއްބަސްވުމެއް ވެވިފައިވާކަމާއި، އަދި މި ލޯނު އެއްބަސްވުމާ ގުޅިގެން ނ. މާވެލާވަރު ގެ ހެޑްލީސް ރަހުނުކުރުމަށްޓަކައި 30 ޑިސެމްބަރ 2008 ގައި، ރަހުނު އެއްބަސްވުމެއް މި ދެ ފަރާތުގެ ދެމެދުގައި ވެފައިވާކަން މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުންނާއި މައްސަލައަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަކަމަކީ، ނ. މާވެލާވަރު އެވެކިޔުނު ރަށް ތަރައްޤީ ކުރުމާބެހޭގޮތުން، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް، މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑުން US$ 15,000,000.00 (ފަނަރަ މިލިއަން އެމެރިކާ ޑޮލަރު) ލޯނުގެ ގޮތުގައި ދިނުމަށް މި ދެ ފަރާތުގެ ދެމެދުގައި ކުރެވިފައިވާ ކަމަށް މި ދެ ފަރާތުން އެއްބަސްވާ މި ބުނެވުނު އެއްބަސްވުމުގެ ދަށުން ލޯނު ދޫކުރެވޭނީ ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ލޯނަށް އެދި ހުށަހެޅުމުން ލޯނުގެ ގޮތުގައި ދޫކުރުމަށް ކަނޑައެޅިފައިވާ ޢަދަދަށްވުރެ އިތުރުނުވާނޭ ގޮތެއްގެ މަތިން، އެއްފަހަރާ ނުވަތަ އެކި ފަހަރު މަތިންކަން އެއްބަސްވުމުގެ 05 ވަނަ މާއްދާއާއި 07 ވަނަ މާއްދާއިން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަކަމަކީ، ނ. މާވެލާވަރު އެވެކިޔުނު ރަށް ހަދައި، ތަރައްޤީ ކުރުމާބެހޭގޮތުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް، މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑުން US$ 15,000,000.00 (ފަނަރަ މިލިއަން އެމެރިކާ ޑޮލަރު) ލޯނުގެ ގޮތުގައި ދިނުމާބެހޭ ގޮތުން މި ދެ ފަރާތުގެ ދެމެދުގައި ވެވިފައިވާ އިސްވެ އިޝާރާތްކުރެވުނު ލޯނު އެއްބަސްވުމުގެ 07 ވަނަ މާއްދާއިން، ލޯނު ދޫކުރާ މުއްދަތުގެ ތެރޭގައި ލޯނު ފެސިލިޓީގެ ދަށުން ފައިސާ ނެގޭ އެންމެ މަތީ ޢަދަދު (މެކްސިމަމް ޕްރިންސިޕަލް އެމައުންޓް) އާ ހަމައަށް އެއް ފަހަރުމަތިން ނުވަތަ އެކި ފަހަރުމަތިން ފައިސާ ނަގާ ފަރާތަށް ފައިސާ ނެގިދާނެކަމާއި ނަމަވެސް ލޯނުގެ ފައިސާ ދޫކުރެވޭނީ އެ މާއްދާގެ (C) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާނަމަކަން އެނގޭއިރު، އޭގެތެރޭގައި އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލާފައިވާ ޙާލަތެއް (އިވެންޓް އޮފް ޑިފޯލްޓްއެއް) މެދުވެރިވެފައިނުވުން ހިމެނޭކަން އެ މާއްދާގެ (C) ގެ (iv) އިން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަކަމަކީ، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާއި މޮރިޝަސް ކޮމާޝަލް ބޭންކާ ދެމެދު 30 ޑިސެމްބަރ 2008 ގައި ވެވިފައިވާ އިސްވެ އިޝާރާތްކުރެވުނު ލޯނު އެއްބަސްވުމުގެ ދަށުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް، މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑުން US$ 11,417,391.45 (އެގާރަމިލިއަން ހަތަރުލައްކަ ސަތާރަހާސް ތިންސަތޭކަ ނުވަދިހައެއް އެމެރިކާ ޑޮލަރު / ސާޅީސްފަސް ސެންޓް) އެކި ފަހަރުމަތިން ދޫކޮށްފައިވާކަން މި ދެ ފަރާތުގެ ބަހުން އެނގެން އޮންނައިރު، ބާކީ ފައިސާ ދޫނުކޮށް ފައިނަލް ނޯޓިސް ދީފައިވާކަމާއި އެގޮތުން އެ ނޯޓިސް މޮރިޝަސް ކޮމާޝަލް ބޭންކުން ދީފައިވަނީ އެއްބަސްވުމުގެ 29 ވަނަ މާއްދާގެ a,b,d,h އަދި p އާ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާކަމަށް ބުނެކަން މައްސަލައާ ގުޅިގެން މޮރިޝަސް ކޮމާޝަލް ބޭންކްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ 27 މާރޗް 2011 ގެ ތާރީޚުގައި، މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑުގެ ފަރާތުން އެ ބޭންކު ތަމްޘީލުކުރާ ޤާނޫނީ ވަކީލުން ކަމަށްބުނެ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ފޮނުވާފައިވާކަން އެނގެން އޮންނަ ނޯޓިސްގެ ލިޔުމުން، އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަކަމަކީ، މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑްއާއި އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވިފައި އިސްވެ ޙަވާލާދެވުނު ލޯނު އެއްބަސްވުމުގެ 30 ވަނަ މާއްދާއަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލާފައިވާ ޙާލަތެއް މެދުވެރިވުމުން، ލޯނު ނަގާފަރާތަށް ލިޔުމުން އެފަދަ ކަމެއް އުފެދިފައިވާކަން އަންގައި ނޯޓިސް ފޮނުވުމާއި، އަދި ނޯޓިސް ލިބޭ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކަމެއް ރަނގަޅުކުރުމަށް އެންގުމާއި މިކަންކަމަކީ ލޯނު ދޫކުރާ ފަރާތުގެ އިޚްތިޔާރުގައިވާކަމެއްކަމާއި އަދި މި އެއްބަސްވުމުގެ 31 ވަނަ މާއްދާއަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލާފައިވާފަދަ ޙާލަތެއް މެދުވެރިވުމުން، އެކަން ލޯނު ނަގާ ފަރާތަށް ރަނގަޅުނުކުރެވިއްޖެނަމަ، ލިޔުމުން ނޯޓިސް ފޮނުވުމާއި އެ ނޯޓިސްގައި އެއްބަސްވުމުގެ ދަށުން ލޯނު ނަގާ ފަރާތުން އަދާކުރަންޖެހޭ އެންމެހައި، ނުވަތަ ބައެއް ޒިންމާތަކާއި ލަޔަބިލިޓީސް (މީގެ ތެރޭގައި ފައިސާ ހިމެނޭ ގޮތުން) ބަޔާންކޮށް، އެ ފައިސާ ވަގުތުން ދެއްކުމަށް އެންގިދާނެކަމާއި އަދި މިކަންކަމަކީ ލޯނު ދޫކުރާ ފަރާތުން ކަނޑައަޅާ ގޮތެއްގެމަތިން އެ ފަރާތުގެ އިޚްތިޔާރުގައިވާ ކަންތައްތަކެއްކަން ބުނެވުނު އެއްބަސްވުމުގެ 31 ވަނަ މާއްދާއަށް ބެލުމުން އެނގެންއޮންނައިރު، އިޝާރާތްކުރެވުނު ނޯޓިސް މޮރިޝަސް ކޮމާޝަލް ބޭންކްގެ ފަރާތުން، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާކަން އެ ނޯޓިސްއަށް ބެލުމުން އެނގެން އޮންނައިރު، އެ ނޯޓިސްއަކީ، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް، ލިބިފައިވާ ނޯޓިސްއެއްކަން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކުންވެސް އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަކަމަކީ، 27 މާރޗް 2011 ގައި މޮރިޝަސް ކޮމާޝަލް ބޭންކުން ފޮނުވަންޖެހޭ ނޯޓިސް އެފަރާތުގެ ބަދަލުގައި އެ ފަރާތުގެ ވަކީލުން ކަމަށްބުނެ ޝާހު ހުސެން އެންޑް ކޯ ނަމަކަށްކިޔާ ލޯ ފާމަކުން އަތަމާ އިންވެސްޓްމަންޓަށް ފޮނުވާފައިވާ ފައިނަލް ނޯޓިސްއަކީ، ޞައްހަ ނޯޓިސް އެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވުމަކީ ޤާނޫނީ ހަމަތަކާ ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް ރިޢާޔަތްކުރުމަކާ ނުލައި ނިންމަވާފައިވާ ނިންމެވުމެއްކަމަށް މި މައްސަލަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި ފަރާތުން ދެކޭ ސަބަބަކީ، އެއްބަސްވުމުގެ ރޫޙަކީ އެއްބަސްވުމުގައި ތިންވަނަ ފަރާތެއް ބައިވެރިކުރުމަކާ ނުލައި އެއްބަސްވުމުގެ އެންމަހައި ނަފާތަކާއި ޒިންމާތައް އެއްބަސްވުމުގައި ހިމެނޭ ދެ ފަރާތުން ނެގެހެއްޓުންކަން އެއްބަސްވުމުގެ 45 ވަނަ މާއްދާގެ (b) އިން އެނގެންއޮންނާތީ ކަމަށްބުނެ އެ ސަބަބަށްޓަކައިކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމަށް ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ސަބަބުގައި އެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެންއޮންނައިރު، މި ދެ ފަރާތުގެ ދެމެދުގައި ކުރެވިފައިވާ ބުނެވުނު އެއްބަސްވުމުގެ 45 ވަނަ މާއްދާގެ (b) އަށް ބަލާއިރު ލޯނު ދޫކުރާ ފަރާތުގެ ޤާނޫނީ ވަކީލުން މެދުވެރިކޮށް ލޯނު ނަގާފަރާތަށް އަންގަންޖެހޭ އެންގުންތަކާއި ފޮނުވަންޖެހޭ ނޯޓިސްތައް ނުފޮނުވޭނެކަމަށް މި މާއްދާގެ މި އަކުރުގައި އެއްވެސް މިންވަރަކަށް ބަޔާންކުރެވިފައި ނުވާކަން އެނގެން އޮންނާތީއާއި، ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤަކީ ކޮންމެ ފަރާތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮތުމުންނާއި، އަދި 27 މާރޗް 2011 ގައި އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް، މޮރިޝަސް ކޮމާޝަލް ބޭންކުން ފޮނުވިކަމަށް އެ ބޭންކުން ބުނާ ނޯޓިސްއަށް ބަލާއިރު، އެ ނޯޓިސް ފޮނުވާފައިވާ ފަރާތުން އެ ނޯޓިސް ފޮނުވާފައިވަނީ މޮރިޝަސް ކޮމާޝަލް ބޭންކް ތަމްސީލުކޮށް އެފަރާތުގެ ޤާނޫނީ ވަކީލުންގެ ޙައިޘިއްޔަތުންކަން އެ ނޯޓިސްގެ ލިޔުމުން ރަނގަޅަށް އެނގެން އޮންނާތީއާއި އަދި އެ ނޯޓިސް އަކީ، މޮރިޝަސް ކޮމާޝަލް ބޭންކްގެ ފަރާތުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ނޯޓިސްއެއްކަމަށް، މޮރިޝަސް ކޮމާޝަލް ބޭންކްގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކުގައި ބުނެފައިވާކަންވެސް އެނގެން އޮންނާތީ 27 މާރޗް 2011 ގައި، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް، މޮރިޝަސް ކޮމާޝަލް ބޭންކުން ފޮނުވާފައިވާކަމަށް އެ ބޭންކުން ބުނެފައިވާ ނޯޓިސްއަކީ، މި ދެ ފަރާތުގެ ދެމެދުގައި ވެވިފައިވާ ބުނެވުނު އެއްބަސްވުމުގެ 45 ވަނަ މާއްދާގެ (b) އާ ޚިލާފަށް ފޮނުވާފައިވާ ނޯޓިސްއެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެތަނެއް އޮތް ނޯޓިސްއެއް ނޫންކަން އެނގެން އޮންނައޮތުމެވެ.

(ކ) ހަތްވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ރަނގަޅަށްނޫންކަމަށްދެކި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިލްތިމާސްކުރި ފަރާތުން ހުށަހަޅާފައިވާ ދެވަނަ ސަބަބުގައި އިންޓްރެސްޓް އަރަމުންދާ ގޮތަށް ޙުކުމް ބިނާކުރައްވާފަވަނީ، ޢަދުލުވެރި ހަމަތަކުން އެއްކިބާވެގެންކަމަށް ބުނެފައިވާއިރު، ނ. މާވެލާވަރު އެވެކިޔުނު ރަށް، ތަރައްޤީކުރުމަށް މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑްއިން، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް US$ 15,000,000.00 (ފަނަރަ މިލިއަން އެމެރިކާ ޑޮލަރު) ގެ 8 އަހަރުގެ ޓާމް ލޯނު ފެސިލިޓީއެއް ދިނުމުގެ ގޮތުން 30 ޑިސެމްބަރ 2008 ގައި މި ދެ ފަރާތުގެ ދެމެދުގައި ވެވިފައިވާ އިސްވެ ޙަވާލާދެވުނު އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކުމުގައި، އިންޓްރެސްޓުގެ ގޮތުގައި އަރާފައިވާ ފައިސާއަކީވެސް އެއްބަސްވުމުގެ ދަށުން ލޯނު ނަގާ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން އެ އެއްބަސްވުމުން ރަނގަޅަށް އެނގެން އޮންނަކަމެވެ.

(އ) އަށްވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 24 އޭޕްރީލް 2013 ދުވަހު އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދީފައިވާ ބަޔާނުގައި، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު، ސިވިލް ކޯޓުގެ މައްސަލަ އިސްތިއުނާފުކުރީ މައިގަނޑު ގޮތެއްގައި ސިވިލް ކޯޓުން ޙުކުމްކުރި ފިގަރ އާގުޅިގެން ނޫންކަމަށް ބުނެފައި ވާކަން އެނގެން އޮތުމުން ސިވިލް ކޯޓުގެ ނަންބަރު 2332/CV-C/2011 ޤަޟިއްޔާގެ ޙުކުމުގައި ހިމެނޭ ފައިސާގެ ޢަދަދުތަކާމެދު އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ޗެލެންޖުނުކުރާކަމާއި، އަދި ސިވިލް ކޯޓުގެ ޙުކުމުގައި ހިމެނޭ ފައިސާގެ ޢަދަދުތަކަކީ، އެ ފަތާރުން ޤަބޫލުކުރާ ޢަދަދުތަކެއްކަން އެފަރާތުގެ އެ ބަޔާނުންވެސް އެނގެން އޮންނަކަމެވެ.

(ވ) ނުވަވަނަކަމަކީ، ޤާނޫނު ނަންބަރު 93/9 (ރަހުނާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއިން ރަހުނުގެ ގޮތުގައި ބެހެއްޓޭ މުދަލަކީ، ދަރަނި އަދާކުރުމުގެ ޔަޤީންކަމެއްގެ ގޮތުގައި ދަރަނި އަދާ ނުކުރެވިއްޖެނަމަ، ދަރަނި ދިން ފަރާތުގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއްކަމާއި، އަދި ބުނެވުނު ޤާނޫނުގެ 7 ވަނަ މާއްދާއިން ދަރަނި އަދާކޮށް ފުރިހަމަކުރުމަށްފަހުގައި މެނުވީ ރަހުނަށް ބެހެއްޓި އެއްޗެއް، ނުވަތަ އެއިން ބައެއްނަމަވެސް، ރަހުނު ހިފިފަރާތުން ހިތުން ރުހުމުން ދިނިއްޔާ މެނުވީ އަނބުރާ އަތު ނުލެވޭނެކަން އެނގެން އޮންނަކަމެވެ.

ޙުކުމް

އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/36 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، ޞައްޙަ، ރަނގަޅު ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުއް ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ