ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/47ސުޕްރީމް ކޯޓު · 1 މާރިޗު 2016

—

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 1 މާރިޗު 2016ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2014/SC-A/47

ދަޢުވާކުރާ ފަރާތް: މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 20 ނޮވެންބަރު 2014

ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ޑިސެންބަރު 2014

ނިމުނު ތާރީޚް: 01 މާރޗް 2016

މައްސަލަ ނިންމި ގަޑި: 14:30

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2011/HC-A/281

ނިންމެވި ކޯޓު: ހައިކޯޓު

ހުށަހެޅުނު ތާރީޚް: 01 ޑިސެންބަރު 2011

ނިމުނު ތާރީޚް: 07 ޖުލައި 2014

މައްސަލައި ޚުލާޞާ

މިއީ، މަދަނީ ކޯޓުގެ ނަންބަރު 1441/Cv-C/2010 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު2011/HC-A/281 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ.

މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އެވެ.ކޯޓުގެ ނަންބަރު 15/A-SC/2010 ޤަޟިއްޔާއާ

ފާހަގަ ކުރެވުނު ނުކުތާތައް

މި މައްސަލައާއި ގުޅިގެން ހައިކޯޓުގެ ނަންބަރު 2011/HC-A/281 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކާއި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުން ބަދަލު ގެނެސްފައިވަނީ އެ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ އުޞޫލާއި ޚިލާފަށްކަމަށް ބެލެވޭނެތަނެއް ނެތްކަމަށް މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށައެޅިފައިވާ ހައިކޯޓުގެ ނަންބަރު 2011/HC-A/281 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޙުކުމުން އެނގެންއޮވެއެވެ.

ހައިކޯޓުގެ ނަންބަރު 2011/HC-A/281 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށް ބުނެ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 5 (ފަހެއް) ސަބަބެއް ހުށައަޅާ އެކަމާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.

ހ. ފުރަތަމަ ސަބަބަކީ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ސްޓޭޓު ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކް ލިމިޓޭޑާއި ދެމެދު ކްރެޑިޓަށް ދޫކުރުމާއި ބެހޭގޮތުން 31 މާރޗް 2010 ގައި ވެފައިވާ އެއްބަސްވުމުގެ 2.1 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ކުރާ ފަރާތައް ވިހި މިލިއަން ރުފިޔާ 20,000,000.00)ރ) ގެ މުދާ ކުރެޑިޓަށް ދޫކުރުމާއި އަދި ހެދޭ ކުރެޑިޓް ބިލުތަކަށް ފައިސާ ދެއްކުމަށް އެ ކްރެޑިޓް ބިލް ހެދޭ ތާރީޚުން ފެށިގެން ސާޅީސް (40) ދުވަސް އެއްބަސްވުމުގެ 8.1 ވަނަ މާއްދާގެ ދަށުން ދީފައިވަނިކޮށް، އެއްބަސްވުމުގެ 15.3 ވަނަ މާއްދާގައި އެއްބަސްވުމުގެ އެއްވެސް މާއްދާއަކަށް ބަދަލެއް ނުވަތަ އިޞްލާޙެއް ގެންނަން ވެއްޖެނެމަ އިޞްލާޙެއް ނުވަތަ ބަދަލެއް ގެންނާނީ އެއްބަސްވުމުގެ ދެބައިވެރިން އެއްބަސްވާ ގޮތެއްގެމަތިން ސްޓޭޓު ޓްރޭޑިންގ އޮގަނައިޒޭޝަނުންކަން އޮންނައޮތުމާ ކަނޑައެޅިގެން ޚިލާފަށް، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ އެއްވެސް މަޝްވަރާއެއް މުރުމެއް ނެތި، ސްޓޭޓު ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކުން 29 އޮގަސްޓް 2010 ގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ސިޓީއަކުން، އެއްބަސްވުމުގެ 2.1 އަދި 8.1 ވަނަ މާއްދާއަށް ކްރެޑިޓް ލިމިޓެޑާއި ކްރެޑިޓް ބިލްތަކަށް ފައިސާ ދެއްކުމުގެ މުއްދަތަށް ގެނެސްފައިވާ ބަދަލަކީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމަށް ވަތް މައިގަނޑު މަޤްސަދާއި އަދި އެއްބަސްވިއިރު ދެފެރާތުގެ ދެމެދުގައިވާ ނިޔަތާއި ކަނޑައެޅިގެން ޚިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށްވީއިރު އެކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރައްވާފައި ނުވާކަމާއި އެއްބަސްވުމުގެ ވަކި މާއްދާއަކަށް އެކަނި ނަޒަރުކޮށް މުޅި އެއްބަސްވުމުގެ ރޫޙާއި މަޤްސަދަށް އެއްވެސް މިންވަރަކަށް ނުބަލައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީގޮތުން އެއްބަސްވުން މާނަ ކުރުމުގައިބަލާ ހަމަތަކަށް ބެލުމެއްނެތި ނިންމަވާފައިވާ ނިންމެވުމެއް ކަމަށްވުމެވެ.

ށ. ދެވަނަ ސަބަބަކީ، ކޮންޓުރެކްޓެއްގެ ވަކި މާއްދާއެއް ނުވަތަ ވަކި މާއްދާއެއްގެ ބައެއް މާނަކުރާ ހިންދު އެމާއްދާއަކާއި ނުވަތަ އެމާއްދާއެއްގެ ބަޔަކާއި ގުޅިގެން އަންނަ އަނެއް މާއްދާއެއްގައި ބަޔާންކުރާ ބަޔާންކުރުމަކީ ކޮންޓުރެކްޓު މާނަކުރުމުގައި ބަލާ އަސާސީ އުޞޫލެއްކަން ކޮންޓުރެކްޓާއި ބެހޭ ޤާނޫނީ ޢިލްމުގެ ޒަރިއްޔާއިން އެނގި ކަށަވަރުވަމުންދާއިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑާއި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 31 މާރޗް 2010 ގައި ކުރެވުނު ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (2) އަދި (3) އަކީ ގުޅިގެން އަންނަ ދެމާއްދާ ކަމަށްވެފައި، މި ދެމާއްދާ ވަކިވަކިން މުސްތަޤިއްލުކޮށް މާނަކޮށްގެން ނުވާނެކަމާއި، މިގޮތަށް މާނަކޮށްފިނަމަ މުޅި ކޮންޓުރެކްޓުގެ ރޫޙާއި މަޤްސަދާއި ޚިލާފު ނަތީޖާއެއް ނުކުތުން އެކަށީގެންވާކަމާއި، ދެވަނަ ނަންބަރުގައި އަދި 15.2 ގައި ބަޔާންކުރާ އުޞޫލުން 1 މަސްދުވަހުގެ ނޯޓިސްއެއް ދެވޭނީ އެއާ ގުޅިގެން އަންނަ 3 ވަނަ ނަންބަރުގައި 15.3 ގައި ބަޔާންކުރާ ފަދަ އުޞޫލުން މަދުވެގެން 1 މަސްދުވަހުގެ ނޯޓިސްއެއް ދެވޭނީ އެއާ ގުޅިގެން އަންނަ 3 ވަނަ ނަންބަރުގައި 15.3 ގައި ބަޔާންކުރާ ފަދަ އެއްބަސްވުމަކަށް އާދެވިގެން ކަމާއި، އެހެންނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓާއި ސިވިލް ކޯޓުގައިވެސް ބުނެވިދިޔަ 15.3 ވަނަ މާއްދާގެ ޤާނޫނީ ބުރަދަނާ ހައިސިއްޔަތަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަމާއި،އަދި އެއީ ކޮންޓުރެކްޓްގެ ރަމްޒީ މާއްދާއެއްކަމަށް ބަލާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމުމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ކޮންޓުރެކްޓާއި ކޮންޓުރެކްޓްގެ މާނަ ކުރުމުގައި އާންމު އަދި ބައިނަލް އަޤްވާމީ އުޞޫލުތަކާއި ޚިލާފު ނިންމުމެއް ކަމަށްވާތީ މިއީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމެއްކަމެވެ.

ނ. ތިންވަނަ ސަބަބަކީ، ކޮންޓުރެކްޓްގައި ހިމެނެނީ 3 ބާވަތެއްގެ މާއްދާތައް ކަމާއި، އެއީ ކޮންޑިޝަން، ވޮރެންޓީ އަދި އިކޮނޮމީ ޓަރމްސްތައްކަން އިނގެން އޮންނަކަމާއި، މިގޮތުން ކޮންޑިޝަންއަކީ ކޮންޓުރެކްޓްގެ ޖައުހަރީ މާއްދާތައް ކަމާއި، މިގޮތުން ކޮންޓުރެކްޓްގެ ޖައުހަރީ 2 މާއްދާއެއް އެއް މާއްދާއެއް އަނެއް މާއްއަކާއި ފުށޫ އަރާ ގޮތަށް މާނަކޮށްގެން ނުވާނެ ކަމާއި، މި ޤަޟިއްޔާގައި ހިމެނޭ ކޮންޓްރެކްޓުގެ 15.2 ވަނަ ބަޔާން ކުރާ ވިޔަފާރިއަށް އަންނަ ބަދަލެއް ނުވަތަ މެނޭޖްމެންޓް ޕޮލިސީއަށް އަންނަ ބަދަލެއްގެ ސަބަބުން ވިޔަފާރި ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި 1 މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށް އޮންނަ އޮތުމުގެ މައްޗަށް އަމަލު ކުރެވޭނީ 15.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމުގެ އެއްވެސް މާއްދާއަކަށް ބަދަލެއް ނުވަތަ އިޞްލާޙެއް ގެންނަން ވެއްޖެނަމަ އެ އިޞްލާޙެއް ނުވަތަ ބަދަލެއް ގެންނާނީ އެގްރިމެންޓުގައި ބުނެފައިވާ ފަދައިން ދެފެރާތް އެއްބަސްވާ ގޮތުގެ މަތިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ކަމަށް އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކުރެވިގެން ކަމާއި، އެހެނީ 15.2 ވަނަ މާއްދާގެ ދަށުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ގެންނަ ބަދަލެއް ތަރައްތުބް ވާނީ ސީދާ މި ކޮންޓުރެކްޓްގެ ސީދާ މައިގަނޑު ސިފައަކަށް ގެންނަ ބަދަލެއްކަމުގައި ވާނަމަ، 15.2 ވަނަ މާއްދާގެ ދަށުން އެއްވެސް ކަމެއް ކުރަންވާނީ 15.3 ވަނަ މާއްދާގައި ބަޔާން ކުރާ އިޖުރާތުގެ ދާއިރާއިން ކަން ފާހަގަ ކުރެވޭކަމާއި، އަދި 15.2 ވަނަ މާއްދާގެ ދަށުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ގެނަސްފައިވާ ބަދަލަކީ މިއެއްބަސްވުމުގެ 2.1 ވަނަ މާއްދާ އާއި 8.1 މާއްދާއާއި ސީދާގޮތުން ގެނެވޭ ބަދަލެއް ކަމަށްވާއިރު މިފަދަ ބަދަލެއް 15.3 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާތުގެ ދާއިރާއިން މެނުވީ ނުގެނެވޭނެކަން އިނގޭ އިރު މީދެފަރާތުގެ ދެމެދުގައިވާ ކޮންޓުރެކްޓާއި ސްޓްރިކްޓްލީ އަމަލު ކުރުމަށް ކޮންޓްރެކްޓާއި ބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލާ ޚިލާފަށް އިސްތުއުނާފު ރައްދުވާ ފަރާތުން ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ވީނަމަވެސް މިކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައި ނުވުމަކީ ދެފަރާތުގެ ދެމެދުގައި ކުރެވުނު ކޮންޓްރެކްޓާއި ބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމެވެ.

ރ. ހަރަރުވަނަ ސަބަބަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑާއި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވުނު އެއްބަސްވުމުގެ 15.2 ވަނަ މާއްދާގެ އަސްލުގައި ބަޔާންކޮށްފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކްގެ ވިޔަފާރިއަށް އަންނަ ބަދަލެއް ނުވަތަ މެނޭޖްމެންޓް ޕޮލިސީއަށް އަންނަ ބަދަލެއްގެ ސަބަބުން ވިޔަފާރި ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި 1 މަސް ދުވަހުގެ ނޯޓިސްއެއް މުދާނަގާ ފަރާތަށް ދިނުމަށްފަހު މެނޭޖްމެންޓުން ގެންނަން ފެންނަ ބަދަލެއް ގެނެވޭނެކަމަށާއި މިމާއްދާގައި ބަޔާންކުރަނީ މައިގަނޑު 2 ޙާލަތެއް ކަމާއި، އެއީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކްގެ ވިޔަފާރިއަށް ބަދަލެއް އަންނަ ޙާލަތާއި، މެނޭޖްމެންޓް ޕޮލިސީއަށް އަންނަ ބަދަލެއްގެ ސަބަބުން ވިޔަފާރި ބަދަލުކުރަން ޖެހިއްޖެ ހާލަތުކަން އެނގޭއިރު، މި މާއްދާގެ ދަށުން އެއްވެސް ގޮތަކަށް ޢަމަލުކުރަނީ ނަމަ އިސްވެ ބަޔާން ކުރެވުނު 2 ހާލަތް ވުޖޫދުވާން ޖެހޭކަމާއި އިސްތުއުނާފު ކުރާ ފަރާތުން ފާހަގަ ކުރެވޭ، 1 މަސް ދުވަހުގެ ނޯޓިސް ދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކްގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކްގެ މެނޭޖްމެންޓުން އެގޮތަށް ނިންމާފައިވަނީ މިވަގުތު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކުން ބޭރު ފައިސާ ހޯދުމަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން މިހާރު އެގްރިމެންޓް ކުރެވިފައިވާވަރުގެ ބޮޑު ކުރެޑިޓެއް އެވަރުގެ ދިގު މުއްދަތަކަށް ދިވެހި ރުފިޔާއިން ފައިސާ ދައްކާގޮތައް ދެވެން ނެތުމާއި އެކުގައި، އަދި ހަމަ އެހެންމެ މި ކްރެޑިޓްގެ ސަބަބުން ކުންފުނީގެ ފައިނޭންސް ކޮސްޓް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާތީ ކަމަށް ދަންނަވާފައިވާއިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކުން ބަޔާންކުރާ މިހާލަތަކީ ނޯޓިސް ފޮނުވި އިރު ޙަޤީޤަތުގައިވެސް ވުޖޫދުގައިވާ ހާލަތެއްތޯ އަދި އެއީ މިފަދައިން ޢަމަލުކުރަންޖެހޭ ފަދަ ސަބަބެއް ދިމާވެފައިވާ ޙާލަތެއްތޯ ބަލަންޖެހޭ ކަމާއި، އެހެނީ ޑޮލަރުގެ ރޭޓަށް ސަރުކާރުން ބަދަލު ގެނެސްފައިވަނީ 1 އޭޕްރީލް 2011 ގައި ކަމަށް ވެފައި، 29 އޮގަސްޓް 2010 ގައި ބޭރު ފައިސާ ލިބުމުގެ ދަތިކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އަށް ދިމާވެފައި ވާކަމަށް ބުނާނަމަ އެގްރިމެންޓް ކުރެވުނު ހިނދުގައި ނެތް ޙާލަތެއް މިތާރީޙުގައި، ޚާއްސަކޮށް މިހާ ކުރު މުއްދަތެއްގައި ވުޖޫދުވެފައިވޭތޯ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އިން ޝަރީޢަތައް ސާފުކޮށްދެންޖެހޭ ކަމަށާއި ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާގެ އަގްދީ ޙައްޤެއް މިހިނދުގައި ފުރިހަމައަށް ރިޢާޔަތްކުރަން ޖެހޭއިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އިން މިބަޔާންކުރާ ހާކަތަކީ އެފަރާތުން މިގެނައިފަދަ ބަދަލެއް ގެންނަން ޖެހޭ ފަދަ ހާލަތެއްތޯ ނުވަތަ އެފަދަ ބަލަދެއް ގެންނަންޖެހޭފަދަ ސަބަބެއް މެދުވެރި ވެއްޖެތޯއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފަރާތުން ކްރެޑިޓަށް ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރަނީ ހަމައެކަނި އިސްތިއުނާފުކުރާ ފަރާތާ އެކަނި ކަމަށް ނުވެފައ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފަރާތުން ކްރެޑިޓަށް ތެޔޮ ދޫކުރާ އެހެން ފަރާތަކާއެކު ކުރެވުނު އެއްބަސްވުން ތަކަށްވެސް މިމޭރުމުން ބަދަލުތައް ގެނެސްފަވޭތޯ ނުވަތަ ނޫންތޯ ބަލާ އެކަމުގެ މައްޗަށް އިންސާފުގެ ބޭނުމަށްޓަކައި މިހާލަތުގައި ބަލަންވާނެ ކަމާއި، މިފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައި ވީނަމަވެސް މިކަމަށް ރިޢާޔަތްކޮށްފައި ނުވާކަމެވެ.

ބ. ފަސްވަނަ ސަބަބަކީ، އިސްވެބަޔާން ކޮށްފައިވާ ހާލަތަށް ވުޖޫދުވެފައި ހުރިކަން ޔަޤީން ކުރެވިފައިނުވާ ހިނދެއްގައި އެއްބަސް ވުމުގެ 15.2 ވަނަ މާއްދާގެ ދަށުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފަރާތުން ފޮނުވާފައިވާ ނޯޓިހަކީ މަދަނީ މިންގަނޑުން ސައްޙަ ނޯޓިހެއްކަމަށް ބެލެވިދާނެ ޝަރުޢީ ނުވަތަ ޤާނޫނީ ވިޔަސް ހުއްޖަތެއް އޭގެ މައްޗަށް އޮތް ކަމަށް ނުފެންނާތީ 15.2 ވަނަ މާއްދާގައި ބުނާ ހާލަތު ސާބިތު ކޮށްދިނުމަކީ ސީދާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ޒިންމާއެއް ކަމަށް ވާއިރު، އެ ޒިންމާއިން އެއްވެސް މިނަވަރަކަށް ރިޢާޔަތް ކުރުމަކާނުލާ ޔުނިލެޓަރަލް ކޮންޓްރެކްޓްގެ މައިގަނޑު ސިފަތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ނިންމެވުމަކީ ސައްޙަ ނިންމުމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާފައި ވުމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ކޮންޓްރެކްޓާއި، ކޮންޓްރެކްޓް މާނަ ކުރުމުގެ އާންމު އަދި ބައިނަލްއަޤްވާމީ އުޞޫލުތަކާއި ވައުދަށް ކަމޭހިތުމަށްވާ ޝަރުޢީ ޤާއިދާތަކާ ކަނޑައެޅިގެން ޚިލާފު ނިންމުމެއްކަމެވެ.

3- މި މައްސަލައާ ގުޅިގެން ދެ ފަރާތުން ދަށު ކޯޓާއި ހައިކޯޓުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށައެޅިފައިވާ އެގްރިމަންޓާއި އަދި އެހެނިހެން ލިޔުންތަކުގެ އިތުރަށް ދެ ފަރާތެއްގެ ދެމެދުގައި ކުރެވޭ ޢަޤުދުތައް ދަމަހައްޓަންޖެހޭ ޙާލަތްތަކާއި، އަދި އެފަދަ ޢަޤުދުތައް ރޫޅާލަންޖެހޭ ޙާލަތްތަކާއި ބެހޭގޮތުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަބެލި ފަނޑީޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

ހ- ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1441/Cv-C/2010 ޤަޟިއްޔާގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ކޮށްފައިވާ ދަޢުވާއަކީ އެ ކުންފުންޏާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންއާ ދެމެދު 2010 ވަނަ އަހަރުގެ މާރޗު މަހުގެ 31 ވަނަ ދުވަހު ސޮއިކޮށްފައިވާ އެގްރިމެންޓްގެ 15.03 ވަނަ މާއްދާގައި އެ އެގްރިމެންޓަށް ބަދަލުގެނެވޭނެ ގޮތް ބަޔާންކޮށްފައި އޮތުމާއެކުވެސް، އެގްރިމެންޓްގެ އެ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާގޮތާއި ޚިލާފަށް މެރީޑިއަމް ސްރވިސަސް ޕްރައިވެޓް ލިމިޓެޑާއި މަޝްވަރާ ކުރުމެއްނެތި، އެ ކުންފުނީގެ ނުރުހުމުގައި އެ ކުންފުންޏަށް ގެއްލުންވާގޮތަށް ދެ ފަރަތް ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓްގެ 2.1 އާއި 8.02 ވަނަ މާއްދާއަށް ޝަރީޢަތާއި ޤާނޫނާއި ޚިލާފަށް މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑަށް ގެއްލުންވާ ގޮތަށް ބަދަލުގެނަސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުގެ ފަރާތުން އެގްރިމެންޓާ ޚިލާފުވެފައިވާކަމަށާއި އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުގެ ފަރާތުން ދެ ފަރާތް ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓާއި ޚިލަފާށް އެގްރިމެންޓް މާއްދާތަކަށް ގެނެސްފައިވާ ބަދަލަކީ، އެއީ ޤާނޫނީ ގޮތުން އެ ފަރާތަށް އެފަދަ އިޚްތިޔާރެއް ލިބިގެން، އެ އިޚްތިޔާރުގެ މައްޗަށް ބިނާކޮށް ގެނެސްފައިވާ ބަދަލަކަށްނުވާތީ، އެފަދަ ބަދަލެއް އެފަދަ ގޮތަކަށް އެގްރިމެންޓަށް ގެނައުމުގެ ބާރާއި އިޚްތިޔާރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންއަށް ލިބިގެންނުވާކަމަށާއި، އެބަދަލަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެން މެރީޑިއަމް އަށް ގެއްލުންވާ ގޮތަށް ޝަރީޢަތާއި ޤާނޫނާއި ޚިލާފަށް އެގްރިމެންޓަށް ގެނެސްފައިވާ ބަދަލެއްކަމަށް ބުނެ، އެ އގްރިމެންޓަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުން ގެނެސްފައިވާ ބަދަލަކީ ބާޠިލް ބަދަލެއްކަމަށް ކަނޑައަޅައި ދިނުމަށާއި، ދެ ފަރާތް ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓާއި އެއްގޮތަށް ޢަމަލުކުރުމުން ގެންދިއުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުގެ މައްޗަށް އަމުރުކޮށްދިނުން އެދި، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަން މި މައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށައެޅިފައިވާ ލިޔުންތަކުންނާއި ދެ ފަރާތުގެ ބަހުން ރަގަނޅަށް އެނގެން އޮންނައިރު، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ދަޢުވާއާ މެދު ދަށުކޯޓާއި ހައިކޯޓުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުގެ ފަރާތުން އިންކާރުކުރަމުން އައިސްފައިވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.

ށ- ދެވަނަ ކަމަކީ، މި މައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށައެޅިފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ ނަންބަރު 60-CLA/MIS/2010/841 (29 އޮގަސްޓް 2010) ސިޓީއަކީ މެރީޑިއަމް ސަރވިސަސް އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނާ ދެމެދު 2010 ވަނަ އަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހު ސޮއިކޮށްފައިވާ ނަންބަރު 60-CRD/CON/2010/119 އެގްރިމެންޓްގެ 2.1 ވަނަ މާއްދާ އާއި އެގްރިމެންޓްގެ 8.1 ވަނަ މާއްދާއަށް ދެ ފަރާތް އިސްވެ އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް، އެގްރިމެންޓުގައި އެއްބަސްވެފައިވާ ކްރެޑިޓް ފީސިބިލިޓީގެ މިންވަރަށާއި އެ ކްރެޑިޓާއި ގުޅިގެން ފައިސާ ދައްކަންޖެހޭ މުއްދަތަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ބަދަލުގެނަސްފައިވާކަން މެރީޑިއަމް ސަރވިސަސްއަށް އެންގުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުން ފޮނުވާފައިވާ ސިޓީއެއް ކަމާއި އަދި އެ ސިޓީގައި ބުނެފައިވާ ބަދަލުތަކަކީ ޤާނޫނީ ގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް ލިބިދޭ ބާރުގެ ދަށުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުގެ މަސްލަޙަތުތައް ރައްކާތެރިކުރުމަށްޓަކައި ގެނެސްފައިވާ ބަދަލެއްކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުގެ ފަރާތުން ބުނަމުން އައިސްފައިވާއިރު، ދޭދޭފަރާތްތަކުގެ މެދުގައި ކުރެވޭ އެގްރިމެންޓްތަކަކީ އެ އެގްރިމެންޓްގައި ކަނޑައެޅި ބަޔާންވެފައިވާ އެ ދެފަރާތުގެ ޙައްޤުތައް އެއްނިސްބަތަކުން ޙިމާޔަތްކުރުމުގެ މަޤްޞަދުގައި ކުރެވޭ އަދި ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި އެ އެގްރިމެންޓެއްގެ ދެ ބައިވެރިން އެގްރިމެންޓުގައި ބުނެފައިވާ އިންތަކާއި މިންތަކުގެ ޙުދޫދުގެ ތެރޭގައި ޤާނޫނީ ގުޅުމަކުން ބަނދެވެވޭ މީޘާޤެއްކަމާއި އަދި އެފަދަ އެގްރީމެންޓެއް ކުރުމަށްފަހު އެ އެގްރިމެންޓްގެ ދަށުން ދެފަރާތް ބަނދެވިފައިވާ ކަންކަމާ ބެހޭގޮތުން އުފެދޭ ދެބަސްވުންތަކާއި ޚުސޫމަތްތަކަށް ޙައްލު ހޯދައިދިނުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތް ކުރަންޖެހެނީ "العقد شريعة المتعاقدين" ގެ އުޞޫލުން އެގްރިމެންޓް ކުރި ދެ ފަރާތް ޤާނޫނީ ގުޅުމަކުން ބަނދެވިފައިވާ އެގްރިމެންޓުގައި ކަނޑައެޅިފައިވާ ކަންކަމާއި، ހަމަތަކާއި އުޞޫލުތަކުގެ މައްޗަށްކަމާއި އަދި އެފަދަ ޝަރުޢީ އަދި ޤާނޫނީ ގުޅުމަކުން އިޚުތިޔާރާއި ރުހުމުގައި ބަނދެވުމަށްފަހު، ދެން އެ ފަރާތުންކުރެ ފަރާތަކަށްއަނެއް ފަރާތެއްގެ ޙައްޤަކަށް އުނިކަން ލިބޭފަދަ އެއްވެސް ޢަމަލެއްކުރުމުގެ އިޚްތިޔާރު ލިބިގެންނުވާނެކަމީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ބަލައި ވިސްނާއިރު، އެއްވެސް މިންވަރެއްގެ ދެބަސްވުމެއްނެތް ފާޅުކަންބޮޑު އަދި ޖަދަލެއްނެތް މަފްހޫމްތަކެއްކަން ފާހަގަ ކުރެވިފައި އޮންނައޮތުމެވެ.

ނ- ތިންވަނަ ކަމަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނާއި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމެޓެޑް އާއި ދެމެދު 2010 ވަނަ އަހަރު މާރޗު މަހުގެ 31 ވަނަ ދުވަހު ސޮއިކުރެވިފައިވާ ނަންބަރު60-CRD/CON/2010/119 އެގްރިމެންޓަށް ބެލިއިރު، އެ އެގްރިމެންޓަކީ، ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭގޮތުން އެ ދެ ފަރާތް ދެމެދު ސޮއިކުރެވޮފައިވާ އެގްރިމެންޓެއް ކަމާއި އަދި އެ އެގްރިމެންޓް ފަށައިގަންނަމުން، "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ޕީޕަލްސް ޗޮއިސް އަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ވިޔަފާރި ގޮތްޕަކަށްވީ ހިނދު، އިސްވެ ބުނެވުނު ވިޔަފާރި ގޮފިން މުދާ ކުރެޑިޓަށް ދޫކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ބޭނުންވި ހިނދު، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ކްރެޑިޓަށް މުދާ ނަގަން ތިރީގައިވާ ޝަރުތުތަކާއި ހަމަތަކުގެ މަތިން ބޭނުންވި ހިނދު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން މުދާ ކްރެޑިޓަށް ދޫކުރުމަށާއި އަދި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް މުދާ ކްރެޑިޓަށް ނެގުމަށް ތިރީގައިވާ ޝަރުތުތަކާއި ހަމަތަކުގެ މަތިން ދެފަރާތުން އެއްބަސްވަމެވެ." މިފަދައިން ކަމަށްބުނެފައި، މި އެގްރިމެންޓަކީ ކަނޑައެޅިފައިވާ ވަކި މަޤުޞަދަކަށްޓަކައި ކަނޑައެޅިފައިވާ ވަކި ހަމަތަކަކާއި ޝަރުތުތަކަކާއި އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމުގެ ނިޔަތާއި، ފުރިހަމަ އިޚްތިޔާރާއި ރުހުމުގައި މި މުޢާމަލާގައި އެ ދެ ފަރާތުގެ ޢަމަލުތަށް ޤަނޫނީ ގޮތުން ބަނދެވި އެ ދެ ފަރާތުގެ ޙައްޤުތައް އެ އެގްރިމެންޓްގައި އެއްބަސްވެވިފައިވާ ގޮތަށް އުނިއިތުރަކާނުލައި، ޙިމާޔަތްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި އެ ދެފަރާތްމެ ޤާނޫނީ ގޮތުން ބަނދެވިފައިވާ ބަނދެވުމެއްކަން އޮޅުމެއްނާރާފަދަ ފާޅުކަންބޮޑު ގޮތެއްގައި އެނގެން އޮންނައިރު، މި ދެފަރާތުގެ އަމިއްލަ އިޚްތިޔާރާއި ރުހުމުގައި، ދެފަރާތްމެ އިލްތިޒާމްވުން ކަށަވަރުކޮށްދޭ ޝަރުޢީ އަދި ޤާނޫނީ ގުޅުމަކުން ބަނދެވިފައިވާ ބިނެވިދިޔަ އެގްރިމެންޓްގެ 2 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައި " މި އެއްބަސްވުމުގެ ދަށުން އެންމެ ގިނައަދަދަކަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރެވޭނީ 20 މިލިއަން ރުފިޔާގެ މިންވަރަށްވާ ވަރުގެ މުދަލެވެ." މިފަދައިން ކަނޑައަޅާ ބަޔާންކުރުމަށްފަހު ބުނެވިދިޔަ އެގްމެންޓްގެ 08 ވަނަ މާއްދާގެ 01 ވަނަ ނަންބަރުގައި " މި އެއްބަސްވުމުގެ ދަށުން ހެދޭ ކްރެޑިޓް ބިލްތަކަށް އެ ކްރެޑިޓް ބިލް ހެދޭ ތާރީޚުން ފެށިގެން ލަސްވެގެން 40 ދުވަހުގެތެރޭގައި ފައިސާ ދައްކަންވާނެކަމަށް ބުނެފައި އޮތްއޮތުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރާ މުދަލަށް ބިލް ހަދާ ތާރީޚާއި އަދި އެ ތާރީޚުން ފެށިގެން 40 ދުވަސް ފުރިހަމަވާ ތާރީޚާއި ދެމެދުގައިވާ މުއްދަތަކީ އެ ބިލްގައިވާ ފައިސާ ދެއްކުމުގެ ޒިންމާ އެ ދެމެދުގައިވާ މުއްދަތަށްވުރެ ފަހަތަށް، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ގެންގޮސްގެން ނުވާނެކަމާއި އަދި އެކަމަށްޓަކައި ކަނޑައެޅި އިންޖެހިފައިވާ މުއްދަތުކަމާއި އަދި އެ ދެމުދުގައިވާ މުއްދަތު ހަމަވުމުގެ ކުރިން ކޮންމެ ވަގުތަކުވެސް އެ ފައިސާ ދެއްކުމުގެ ޙައްޤު މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާނެކަން އެ އެގްރިމެންޓް ކަށަވަރުކޮށްދޭ ފަދައިން އެ މުއްދަތު ފަހަނައަޅާ ދިއުމަށްފަހު ފައިސާ ނުދައްކައި ހުރުމުގެ ޙައްޤު މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެން ނުވާނެކަން ކަށަވަރުކޮށްދިނުމުގެ އިތުރަށް، އެ އެގްރިމެންޓްގެ ދަށުން އެ ދެފަރާތުންކުރެ ކޮންމެ ފަރާތަކުންވެސް އިސްވެ އެއްބަސްވެ ޒިންމާ އުފުލާފައިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކުން އެގްރިމަންޓުގެ ދެވަނަ ބައިވެރިޔާގެ ނުރުހުމުގައި އެގްރިމެންޓާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ އެގްރިމެންޓުގެ ދެވަނަ ބައިވެރިޔާއަށް ވީއްލިނުގެނެވޭނެކަންވެސް ޝަރުޢީ އަދި ޤާނޫނީ ގޮތުން ކަށަވަރުކޮށްދޭކަން ފާހަގަ ކުރެވިފައި އޮންނައޮތުމެވެ.

ރ- ހަތަރުވަނަ ކަމަކީ، މި ދެފަރާތް ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓުގެ 11 ވަނަ މާއްދާއަކީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ އެއްގުމަކާއި ނުލައިވެސް އެގްރިމެންޓް ނިމުމަކަށް ގެނެވޭނެ ގޮތާއި ބެހޭގޮތުން ދެފަރާތް އެއްބަސްވެފައިވާ ގޮތް ބަޔާންކުރާ މާއްދާކަމާއި، އެ މާއްދާގެ 1 ގެ 1 ވަނަ ނަންބަރުގައި " އެއްބަސްވުމުގެ އެއްވެސް މާއްދާއަކާއި ކްރެޑިޓަށް މުދާނަގާ ފަރާތުން ޚިލާފުވުމަކީ އެގްރިމެންޓް ބާޠިލްކުރުމުގެ ޙައްޤު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް ލިބިދޭ ކަމެއްކަމަށް ބުނެފައިވާއިރު، އެ މާއްދާގެ 1 ގެ 2 ވަނަ ނަންބަރުގައި " ކްރެޑިޓަށް މުދާ ނަގާ ފަރާތުގެ ވިޔަފާރިކުރުމުގެ ހުއްދަ ކަމާބެހޭ ފަރާތަކުން ހިފެހެއްޓުން ނުވަތަ ބާޠިލްކުރުމަކީވެސް އެގްރިމެންޓް ބާޠިލްކުރުމުގެ ޙައްޤު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް ލިބިދޭ" ކަމެއްކަމަށް ބުނެފައިވާކަމާއި އަދި އެ މާއްދާގެ 1 ގެ 3 ވަނަ ނަންބަރުގައި " މަތީގައި ދެންނެވުނު ފަދަ އިތުރު އެހެން އެއްވެސްކަމެއް މެދުވެރިވުމަކީވެސް އެގްރިމެންޓް ބާޠިލްކުރެވިދާނެ" ސަބަބެއްކަމަށް ބަޔާންކޮށްފައިވާއިރު، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އެގްރިމެންޓް ބާޠިލްކޮށް ނިމުމަކަށް ގެނެވޭނީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމުން ކަމަށް އެގްރިމެންޓްގެ 11 ވަނަ މާއްދާގައި ބުނެފައިއޮތުމުން، އެގްރިމެންޓާއި ޚިލާފަށް އެ އެގްރިމެންޓް ނިމުމަކަށް ނުގެނައުމަކީވެސް އެ ދެފަރާތް އިސްވެ އެއްބަސްވެ އަޙުދުވެފައިވާ ކަމެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވެންޖެހޭނެ ކަމާއި، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ޝަރުޢީ ގޮތުން ހައްލެއް ލިބިދެންޖެހިފައިވާ މި ޙާލަތަކީ އެގްރިމެންޓުގެ 11 ވަނަ މާއްދާގެ ދަށުން އެޅިފައިވާ ފިޔަވަޅެއްގެ މައްސަލައެއްނޫންކަން ފާހަގަ ކުރެވިފައިވާއިރު، ބުނެވިދިޔަ ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓް އުވާލާފައިވާކަން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އެންގުމުގެ ގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން އެ ކުންފުންޏަށް ފޮނުވި ސިޓީގައި އެ އެގްރިމެންޓްގެ 2 ވަނަ މާއްދާގެ 1 ވަނަ ނަންބަރަށާއި 8 ވަނަ މާއްދާގެ 1 ވަނަ ނަންބަރަށް ބަދަލުގެނައި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ " އެ އެގްރިމެންޓަށް ބަދަލުގެނެސްފައިވަނީ ދެ ފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓްގެ 15 ވަނަ މާއްދާގެ ދެވަނަ ނަންބަރުގެ ދަށުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ކަމުގައިވާއިރު" އެ އެގްރިމެންޓްގެ 15 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބުނެފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ވިޔަފާރިއަށް އަންނަ ބަދަލެއް ނުވަތަ މެނޭޖުމަންޓް ޕޮލިސީއަކަށް އަންނަ ބަދަލެއްގެ ސަބަބުން ވިޔަފާރި ބަދަލުކުރަންޖެހިއްޖެ ހިނދެއްގައި 1 މަސް ދުވަހުގެ ނޯޓިސްއެއް މުދާ ނަގާ ފަރާތައް ދިނުމަށްފަހު، މެނޭޖުމަންޓުން ގެންނަން ފެންނަ ބަދަލެއް ގެނެވޭނެއެވެ." މިފަދައިންކަން ފާހަގަކުރެވިފައި އޮތުމުން އެފަދަ ބަދަލެއްވެސް ގެނެވޭނީ އެ މާއްދާގައި ބުނެފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެން އެކަމެއް ޙައްލުކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމާއި އަދި އެފަދަ ޙާލަތެއް މެދުވެރިނުވާހިނދަކު އެގްމެންޓްގެ ދެ ބައިވެރިންގެ ޙައްޤުތަކަށް އުނިކަމެއް އަންނަ ގޮތަށް އެ ދެފަރާތުންކުރެ ފަރާތެއްގެ ނުރުހުމުގައި އެގްމެންޓަށް ބަދަލުގެނައުމުގެ ފުރުޞަތު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ފަހިވެފައި ނުވާނެކަން އެއީ އެކަމާމެދު ޝަރުޢީ އަދި ޤާނޫނީ ގޮތުން ޖަދަލެއް އުފެދޭ ވަރަށްވުރެ މާ ހަރުދަނާ އަސާސެއްކަން އެނގެންއޮތުމެވެ.

ބ- ފަސްވަނަ ކަމަކީ، މި ދެ ފަރާތް ދެމެދު 2010 ވަނަ އަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހު ސޮއިކުރެވޮފައިވާ އެގްރިމެންޓުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށްޓަކައި އެގްރިމެންޓުގެ ދެވަނަ ބައިވެރިޔާގެ ރުހުމެއްނެތި އަދި ނޯޓިސްވެސް ދިނުމަކާއި ނުލައި އެގްރިމެންޓް ބާޠިލްކުރުމުގެ އިޚްތިޔާރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް ލިބިދޭ ޙާލަތު ކަމަށްވެފައި، ދެ ފަރާތް ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓްގެ 15 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި " މި އެއްބަސްވުމުގެ އެއްވެސް މާއްދާއަކަށް ބަދަލެއް ނުވަތަ އިޞްލާޙެއް ގެންނަންވެއްޖެނަމަ އެ އިޞްލާޙެއް ނުވަތަ ބަދަލެއް ގެންނާނީ މި އެގްރިމެންޓްގައި ބުވެފައިވާ ދެފަރާތް އެއްބަސްވާ ގޮތެއްގެމަތިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުންނެވެ." މިފަދައިން ސާފުބަހުން ބުނެފައި އޮތުމުން އެގްރިމެންޓްގެ 11 ވަނަ މާއްދާގައި ކަނޑައެޅިގެން ބަޔާންވެފައިވާ 3 ޙާލަތުން ކުރެ ޙާލަތެއް މެދުވެރިނުވާހާ ހިނދަކު ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ އެއްވެސް މާއްދާއަކަށް ބަދަލެއް ނުވަތަ އިޞްލާޙެއް ގެންނަންވާނީ އެގްރިމެންޓްގެ 15 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެމަތިން ދެ ފަރާތް އެއްބަސްވެފައިވާ ގޮތެއްގެ މަތިންކަން ސާފުކޮށް އެނގެން އޮންނާތީ، އެ އެގްރިމެންޓްގެ 2 ވަނަ މާއްދާގެ 1 ވަނަ ނަންބަރަށާއި އެ އެގްރިމެންޓްގެ 8 ވަނަ މާއްދާގެ 1 ވަނަ ނަންބަރަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ގެނެސްފައިވާ އިޞްލާޙް ގެނެސްފައިވަނީ އެގްރިމެންޓްގެ 11 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ 3 ޙާލަތުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެންތޯ ބަލާއިރު، އެފަދަ ޙާލަތެއް މެދުވެރިވެފައިނުވާކަމާއި އެ އިޞްލާޙަކީ އެގްރިމެންޓްގެ 15 ވަނަ މާއްދާގެ 02 ވަނަ ނަންބަރުގެ ދަށުން ގެނެސްފައިވާ އިޞްލާޙެއްކަން މި މައްސަލައާ ގުޅިގެން ޝާރީޢަތުގެ މަޖިލީހަށް ހުށައެޅިފައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުގެ ނަންބަރު60-CLA/MIS/2010/841 (29 އޮގަސްޓް 2010) ގެ ސިޓީއިން އެނގެން އޮތްއިރު، އެ އެގްރިމެންޓްގެ 15 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގެ ދަށުން އެގްރިމެންޓަށް އިޞްލާޙެއް ގެނެވޭނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ވިޔަފާރިއަށް އަންނަ ބަދަލެއް ނުވަތަ މެނޭޖްމަންޓް ޕޮލިސީއަކަށް އަންނަ ބަދަލެއްގެ ސަބަބުން ވިޔަފާރި ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި، 1 މަސް ދުވަހުގެ ނޯޓިސްއެއް މުދާ ނަގާ ފަރާތަށް ދިނުމަށްފަހު، މެނޭޖުމަންޓުން ގެންނަން ފެންނަ ބަދަލެއްކަމަށް އެ އެގްރިމެންޓްގެ 15 ވަނަ މާއްދާގެ 02 ވަނަ ނަންބަރުގައި ސާފުބަހުން ބުނެފައިވާތީ އާއި އަދި މި މާއްދާގައި ބުނެފައިވާ ބަދަލާއި އިޞްލާޙަކީ އެގްރިމެންޓްގެ 15 ވަނަ މާއްދާގައި ބުނެފައިވާ 03 ޙާލަތުގެތެރެއިން ޙާލަތެއް މެދުވެރިވެގެން ގެންނަންޖެހޭ ބަދަލުތައްކަމަށް ބުނެފައިވާ ފަދަ ބަދަލަކަށްނުވާތި، މި މައްސަލަ ބެލި ފަނޑިޔާރުން ދެކެނީ ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ 11 ވަނަ މާއްދާގެ ދަށުން ގެންނަންޖެހޭ ބަދަލުތައް ފިޔަވައި އެހެން ބަދަލުތައް އެގްރިމެންޓަށް ގެނެވޭނީ ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ 15 ވަނަ މާއްދާގެ 03 ވަނަ ނަންބަރުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެމަތިން، އެގްރިމެންޓްގެ ދެ ބައިވެރިންގެ ދެމެދުގައި އެ ބަދަލަކާ ބެހޭގޮތުން މަޝްވަރާކުރެވިގެން ކަމަށާއި އެނޫން ގޮތަކަށް އެފަދަ ބަދަލެއް ގެނައުމުގެ ފުރުޞަތު އެ އެގްރިމެންޓްގެ ދެ ބައިވެރިންގެ ތެރެއިން އެއްވެސް ފަރާތަކަށް ޤާނޫނީ ގޮތުން އެ އެގްރިމެންޓުން ފަހިވެފައިނުވާކަމެވެ.

ޅ- ހަވަނަ ކަމަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ވިޔަފާރިއަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ މެނޭޖުމަންޓް ޕޮލިސީއަށް އަންނަ ބަދަލެއްގެ ސަބަބުން ވިޔަފާރި ބަދަލުކުރަންޖެހިއްޖެ ހިނދެއްގައި 01 މަސްދުވަހުގެ ނޯޓިސްއެއް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށްފަހު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ މެނޭޖްމަންޓުން ގެންނަން ފެންނަ ބަދަލެއް ގެނެވޭނެކަމަށް ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ 15 ވަނަ މާއްދާގެ 02 ވަނަ ނަންބަރުގައި ބުނެފައިވާ ބުނުމުގެ ތެރޭގައި އެއްބަސްވުމުގެ 02 ވަނަ މާއްދާގެ 01 ވަނަ ނަންބަރުގައި ބުނެފައިވާ ކްރެޑިޓްގެ މިންވަރަށް ބަދަލުގެނައުމާއި އަދި އެއްބެސްވުމުގެ 8 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ ދަށުން ކްރެޑިޓް ބިލްތަކަށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތަށް ބަދަލުގެނައުން ހިމެނޭކަން ދެ ފަރާތުގެ ބަހުން އެނގެން އޮންނަކަން ސިވިލް ކޯޓުގެ ނަންބަރު 1441/Cv-C/2010 ޤަޟިއްޔާގެ ޙުކުމުން އެނގެން އޮންނަކަމަށާއި އެއްބަސްވުމެއްގައި ކަނޑައެޅިފައިވާ ވަކިކަމަކަށް ޚާއްސަ މާއްދައެއް ހިމެނިފަވާނަމަ އެކަމެއްގެ މައްޗަށް ހިނގާނީ ޚާއްސަކުރެވިފައިވާ މާއްދާކަމަށް ހައިކޯޓުގެ ނަންބަރު 2011/HC-A/281 ޤަޟިއްޔާގެ ޝަރީޢަތް ނުމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާއިރު، ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ 11 ވަނަ މާއްދާގައި ނޯޓިސް ދިނުމަކާނުލައި، އެގްރިމެންޓް ނިމުމަކަށް ގެނެވިދާނެ ޙާލަތްތައް ބަޔާންކުރުމަށްފަހު، އެއްބަސްވުމުގެ އެއްވެސް މާއްދާއަކަށް ބަދަލެއް ނުވަތަ އިޞްލާޙެއް ގެންނަންވެއްޖެނަމަ، އެ އިޞްލާޙެއް ނުވަތަ ބަދަލެއް ގެންނާނީ މި އެގްރިމެންޓުގައި ބުނެވިފައިވާ ދެ ފަރާތް އެއްބަސްވާ ގޮތެއްގެމަތިން މަޝްވަރާ ކުރުމަށްފަހުގައިކަމަށް ސާފު ބަހުން ބުނެފައި އޮތުމުން އެ އެގްރިމެންޓްގެ 11 ވަނަ މާއްދާގެ ބޭނުމަށްޓަކައި މެނުވީ އެހެން އެއްވެސް ޙާލަތެއްގައި އެގްރިމެންޓުގެ 15 ވަނަ މާއްދާގެ 03 ނަންބަރުގައި ބުނެފައިވާ ގޮތާއި ޚިލާފަށް އެގްރިމެންޓަށް ބަދަލު ގެނައުމާއި އިޞްލާޙް ގެނައުމުގެ ޙައްޤު ދެ ފަރާތުންކުރެ ފަރާތަކަށް އެގްރިމެންޓުން ލިބިނުދޭ ކަމާއި، އަދި ދެ ފަރާތްދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ 15 ވަނަ މާއްދާގެ 02 ވަނަ ނަންބަރުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުގެ ވިޔަފާރިއަށް އަންނަ ބަދަލެއްގެ ނުވަތަ މެނޭޖްމަންޓް ޕޮލިސީއަށް އަންނަ ބަދަލެއްގެ ސަބަބުން ވިޔަފާރި ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައިކަމަށް އެ މާއްދާގައި ބުނެފައި އޮންނަ އޮތުމުން ދޭހަވާ މާނައަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ކުރަމުން އަންނަ ވިޔަފާރި އޭގެ ޝާމިލް މާނައިގައި ބަދަލުކޮށްލަންޖެހޭ ފަދަ ސަބަބެއް މެދުވެރިވެގެން ވިޔަފާރި އެކޮށް ބަދަލުކޮށް އެހެން ވިޔަފާރިއަކާ ދިމާލަށް ދާންޖެހޭފަދަ ޙާލަތެއް ނުވަތަ މެރީޑިއަމް ސަރވިސަސް ކްރެޑިޓަށް ދިނުމަށް ދެ ފަރާތް ދެމެދު އެއްބަސްވެފައިވާ ބާވަތުގެ ވިޔަފާރިކުރުން ހުއްޓާލާ އެ ބާވަތުގެ މުދަލުގެ ބަދަލުގައި އެހެން ބާވަތެއްގެ މުދަލަށް ވިޔަފާރި ބަދަލުކޮށްލަންޖެހޭފަދަ ޙާލަތެއް މެދުވެރިވުންކަމާއި ފަހަރެއްގައިވެސް އެޔަކީ ހިނގާ ނިމިފައިވާ ނުވަތަ ހިނގަހިނގާ އޮތް ވިޔަފާރި މުޢާމަލާތެއްގެ އަގަށް ނުވަތަ އެ އަގެއް ދައްކަންވާ މުއްދަތަކަށް ނުވަތަ އެ ދައްކަންވާ މިންވަރަކަށް ބަދަލު ގެނައުމުގެ ވާހަކަ ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބެލެވޭނެ އެއްވެސް ހަމައެއްނެތްއިރު، އެ މާއްދާގެ ޞަރީޙަ ނައްޞުގައި ބުނެފައިވާ ފަދަ ގޮތަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ކުރަމުން އައި ވިޔަފާރިއަށް ނުވަތަ މެރީޑިއަމް ސަރވިސަސް ކްރެޑިޓަށް ދޫކުރުމަށް އެއްބަސްވެފައިވާ ބާވަތުގެ މުދަލަށް ބަދަލެއް ގެންނަންޖެހިގެން އެފަދަ ބަދަލެއް އަދި މިހާތަނަށް ގެނެސްފައިނުވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.

ކ- ހަތްވަނަ ކަމަކީ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނާ ދެމެދު ފެށުނު ވިޔަފާރި އަކީ ޒަމާނުއްސުރެ ރާއްޖޭގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ކުރަމުން އަންނަ އަދި މިހާތަނަށްވެސް އެ ވިޔަފާރި އެހެން ވިޔަފާރިއަކަށް ބަދަލުކުރުމަކާނުލައި، ހިނގަމުންދާ ވިޔަފާރިއަކަށްވާތީ، އެގްރިމެންޓުގެ ޞަރީޙަ ނައްޞުން ދޭހަވާ މާނަނޫން އެހެން މަޖާޒީ މާނައަކަށް އެ އެގްރިމެންޓްގެ މާއްދާ މާނަކުރުމުގައި ދާންޖެހޭފަދަ ޙާލަތެއް ބުނެވިދިޔަ އެގްރިމެންޓުގެ 15 ވަނަ މާއްދާގެ 2 ވަނަ ނަންބަރު މާނަކުރުމުގައި މެދުވެރިވެފައިވާ ކަމަށް ބެލެވެންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް އޮތްކަމަކަށް މި މައްސަލަބެލި ފަނޑިޔާރުންނަކަށް ނުފެނެއެވެ. އަދި މި މައްސަލަބެލި ފަނޑިޔާރުންގެ ނަޒަރުގައި ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ ބުނެވިދިޔަ އެގްރިމެންޓުގެ 15 މާއްދާގެ 03 ވަނަ ނަންބަރުގައި ސާފުބަހުން ކަނޑައެޅި ބަޔާންވެފައިވާ ގޮތާ ޚިލާފަށް އެ އެގްރިމެންޓުގެ 2 ވަނަ މާއްދާގެ 1 ވަނަ ނަންބަރަށާއި 08 ވަނަ މާއްދާގެ 1 ވަނަ ނަންބަރަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ނުރުހުމުގައި އެ ފަރާތުގެ ބަހެއްނެތި ގެނައި އިޞްލާޙްއަކީ އެ އެގްރިމެންޓުގައި އެ ދެ ފަރާތް އެއްބަސްވެފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ގެނެސްފައިވާ އިޞްލާޙެއްކަމަށާއި އެގްރިމެންޓުގެ 15 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގެ ދަށުން އެފަދަ އިޞްލާޙެއް ގެނައުމުގެ އިޚްތިޔާރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް ލިބިދޭކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުގެ ފަރާތުން ބުނެފައިވާއިރު، އެ މާއްދާގެ ދަށުން މުދާ ކްރެޑިޓަށް ނަގާ ފަރާތަށް 1 މަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު، އެގްރިމެންޓުގެ މާއްދާއަކަށް އިޞްލާޙް ގެނައުމުގެ އިޚްތިޔާރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް ލިބިދެނީ އެ މާއްދާގައި ސާފުބަހުން ބުނެފައިވާ ފަދައިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ކުރަމުން އަންނަ ވިޔަފާރި ބަދަލުކޮށް އެހެން ވިޔަފާރިއަކަށް ދާންޖެހޭ ޙާލަތުގައިކަން އެ މާއްދާގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގެން އޮންނައިރު، އެފަދަ ޙާލަތެއް މެދުވެރިވެ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުގެ ވިޔަފާރި އެއްކޮށް ބަދަލުކުރަންޖެހިފައިނުވާކަން އެނގެން އޮންނާތީއާއި ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓް، ނޯޓިސް ދިނުމަކާނުލައި ނިމުމަކަށް ގެނައުމުގެ ޙައްޤު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް ލިބިދޭ އެގްރިމެންޓްގެ 11 ވަނަ މާއްދާ އާއި އަދި އެގްރިމެންޓްގެ 15 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގެ ދަށުން އެގްރިމެންޓަށް އިޞްލާޙް ގެނައުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް ލިބިދޭ ޙާލަތް ފިޔަވައި އެހެން ޙާލަތެއްގައިވެސް އެ އެގްރިމެންޓަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އިޞްލާޙްއެއް ގެނެވޭނީ އެގްރިމެންޓުގެ 15 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ސާފުބަހުން ބުނެފައިވާ ފަދައިން އެގްރިމެންޓުގެ ދެ ފަރާތް އެއްބަސްވާ ގޮތެއްގެމަތިންކަމަށްވާތީ، މި މައްސަލަ ބެލި ފަނޑިޔާރުން ދެކެނީ މި މައްސަލައިގައި، ހައިކޯޓުގެ ނަންބަރު 2011/HC-A/281 ޤަޟިއްޔާގައި ރިޢާޔަތްކޮށްފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށާއި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ކަމަށެވެ.

ޙުކުމް

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެންހުރިއިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނާއި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު މީލާދީ ސަނަތުން، 2010 ވަނަ އަހަރު މާރޗް މަހުގެ 31 ވަނަ ދުވަހު ސޮއިކޮށްފައިވާ އެގްރިމެންޓަކީ، ކަނޑައެޅި ބަޔާންވެފައިވާ ވަކި ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން މެރީޑިއަމް ސަރވިސަސްއަށް ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ ގޮތުން އެ ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓަކަށްވެފައި، އެ އެގްރިމެންޓަކީ އެ ދެ ފަރާތުންކުރެ ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ ޙައްޤުތައް ޙިމާޔަތްކޮށް އަނެއް ފަރާތުގެ ޙައްޤުތަކަށް އިޚްތިރާމްކުރުމާއި ބެހޭގޮތުން އެ ދެ ފަރާތް އެއްބަސްވެ ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި އިޚްތިޔާރާއި ރުހުމުގައި އެ ދެ ފަރާތް ޤާނޫނީ ބަނދެވުމަކުން ބަނދެވިފައިވާކަން ކަށަވަރުކޮށްދޭ މީޘާޤަކަށްވާއިރު، އެއް މަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު، އެގްރިމެންޓަށް އިޞްލާޙް ގެނައުމުގެ ފުރުޞަތު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް އެގްރިމެންޓުގެ 15 ވަނަ މާއްދާގެ 02 ވަނަ ނަންބަރުގެ ދަށުން ފަހިވެފައިވާ ޙާލަތް މެދުވެރިވެގެން ގެންނަންޖެހޭ އިޞްލާހެއް ފިޔަވައި، އެ ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ އެއްވެސް މާއްދާއަކަށް ބަދަލެއް ނުވަތަ އިޞްލާޙެއް ގެންނަންވެއްޖެނަމަ، އެ އިޞްލާޙެއް ނުވަތަ ބަދަލެއް ގެނެވޭނީ އެގްރިމެންޓުގެ ދެ ފަރާތް އެއްބަސްވާ ގޮތެއްގެމަތިންކަމަށް އެގްރިމެންޓުގެ 15 ވަނަ މާއްދާގެ 03 ވަނަ ނަންބަރުގައި ސާފުބަހުން ޞަރީޙަކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ކުރަމުން އައި ވިޔަފާރި ނުވަތަ މެރިޑީއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ކްރެޑިޓަށް މުދާ ދޫކުރުމާ ބެހޭގޮތުން ދެ ފަރާތް އެއްބަސްވެފައިވާ މުދަލާއި ގުޅިގެންވިޔަސް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ކުރަމުން އައި ވިޔަފާރި ބަދަލުކޮށް އެހެން ވިޔަފާރިއަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ދާންޖެހޭ ފަދަ ޙާލަތެއް އަދި މިހާތަނަށް މެދުވެރިވެފަނުވާތީ، ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ 15 ވަނަ މާއްދާގެ 03 ވަނަ ނަންބަރުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތާއި ޚިލާފަށް ދެ ފަރާތް ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓިގެ 01 ވަނަ މާއްދާގެ 02 ވަނަ ނަންބަރަށާއި އަދި 08 ވަނަ މާއްދާގެ 02 ވަނަ ނަންބަރަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި މަޝްވަރާކުރުމެއްނެތި، އެ ފަރާތުގެ ނުރުހުމުގައި އެ އެގްރިމެންޓުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތާއި ޚިލާފަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން 21 އޯގަސްޓް 2010 ގައި ގެނެސްފައިވާ ބަދަލަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ޞައްޙަ ބަދަލެއްނޫންކަމަށް ކަނޑައަޅައި، ދެ ފަރާތް ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓަށް ބަދަލުގެނައި ތާރީޚް ހަމައިން އެގްރިމެންޓް އެއްގޮތަށް ޢަމަލުކުރެވިފައިނުވާތީ، ކުރިއެކޭ އެއްފަދައަކުން ދެފަރާތް އިސްވެ އެއްބަސްވެފައިވާ ގޮތަށް އެގްރިމެންޓް ދެމެހެއްޓުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަސް އަންގާ ޙުކުމްކުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 1441/Cv-C/2010 ޤަޟިއްޔާގެ ޙުކުމާއި އަދި އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފައިވާ ހައިކޯޓުގެ ނަންބަރު 2011/HC-A/281 ޤަޟިއްޔާގެ ޙުކުމާއި، މި ދެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާތީ، އެ ދެ ޙުކުމަކީ ބާޠިލް ދެ ޙުކުމްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ