—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2014/SC-SM/15
ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން
މައްސަލައިގެ ބާވަތް: ސުމޯޓޯ
ފެށުނު ތާރީޚް: 12 ފެބްރުވަރީ 2014
ނިމުނު ތާރީޚް: 9 މާރިޗު 2014
މައްސަލަ ނިންމި ގަޑި: 18:20
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މައްސަލައިގެ ޚުލާޞާ:
މި މައްސަލައަކީ ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައި އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ޞަރީޙަ އިބާރާތުން ބުނެފައިވާއިރު، އަދި މައްސަލައެއްގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ދިވެހިރާއްޖޭގެ އެހެން ހުރިހާ ކޯޓުތަކުން ތަބަޢަވުން ލާޒިމު ނިންމުމެއްކަމަށް، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނުމަށްފަހު އެ މާއްދާގެ (ށ) ގައި "މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފް ޤާއިމްކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމްތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމްތަކާ ޙަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހައި ރައްޔިތުން އެ މައްޗަށް ތަބަޢަވުން ލާޒިމް ނިންމުމެއްކަމަށް ބުނެ އޮޅުންނާރާ ފަދަ ސާފުގޮތަކަށް، މިކަން އިތުރަށް ކަށަވަރުކޮށްދީފައި އޮތުމާއެކުވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ޞައްޙަކަމާމެދު ސުވާލު އުފައްދައި، އެ ނިންމުންތަކުގެ އިތުބާރު ގެއްލޭގޮތަށް، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ޤާނޫނީ ޙައިޘިއްޔަތާމެދު ސުވާލު އުފައްދައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމްތަކާއި ނިންމުންތަކުގެ ޙުރުމަތްކަނޑާފައިވާތީ އާއި، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 8 ވަނަ މާއްދާ އާއި 11 ވަނަ މާއްދާގައި ސިޔާސީ ޕާޓީ ތަކުގައި 10,000 (ދިހަހާސް) މެންބަރުން ހަމަކުރުމާއި ގުޅޭގޮތުން ހުށަހެޅުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/11 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް އިލެކްޝަންސް ކޮމިޝަނުން ތަބަޢަވެފައިނުވާތީ އާއި، އަދި ސުޕްރީމް ކޯޓުގެ ބުނެވެދިޔަ ޙުކުމާ ޚިލާފަށް ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ ކުރިން، ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ބައެއް ޕާޓީތައް އުވާލުމަށް ނިންމާފައިވާކަން، އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާނުކުރުމާ ގުޅިގެން އެކަމާބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ސާފުކުރަންޖެހޭ ކަންތައްތައް ސާފުކުރުމަށްފަހު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/11 ޤަޟިއްޔާގައި ކަނޑައެޅި ބަޔާންވެފައިވާ ހަމަތަކާ ޚިލާފަށް، ސިޔާސީ ޕާޓީތައް އުވާލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ކަމެއް ނޫންކަމަށާއި، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން 3،000 (ތިންހާސް) މީހުންގެ ސޮޔާއެކު ރަޖިސްޓަރީކުރެވިފައިވާ ޕާޓީތައް އެގޮތުގެމަތިން އުވިނުގޮސް ދެމިއޮންނާނެ ކަމަށާއި، އެފަދަ އެއްވެސް ޕާޓީއެއް އުވާނުލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-SJ/1ކޯޓު އަމުރުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކޮށްފައިވާ އަމުރަށް ތަބަޢަނުވެ، އެ އަމުރަށް ޗެލެންޖްކުރުމާއެކު، ރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ ބައެއް ސިޔާސީ ޕާޓީތައް ޤާނޫނުގެ ޙުކުމާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުން އުވާލާފައިވާތީއާއި، ފާޅުކަންބޮޑު ގޮތެއްގައި ސިސްޓަމެޓިކްކޮށް، އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމްތަކުގެ ޙުރުމަތްކަނޑައި ސިލްސިލާ ގޮތެއްގައި ސުޕްރީމް ކޯޓު ކޮންޓެމްޕްޓް ކުރަމުން އައިސްފައިވާތީ ޤާނޫނުއަސާސީގެ ބެލެނިވެރިޔާގެ ޙައިޘިއްޔަތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނެގެހެއްޓުމާއި ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމަށާއި، ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ކަށަވަރުކުރުމަށްޓަކައި ސުޕްރީމް ކޯޓުން އިސްނަގައިގެން، މައްސަލަ ބެލުމަށް ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުތަކުގެ މައްޗަށް ރިޢާޔަތްކޮށް ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞްގެ ދަށުން، ދައުލަތުގެ ޢާންމު މަސްލަހަތާ ގުޅިފައިވާ ރައްޔިތުންގެ އަސާސީ ޙައްޤުތައް ތަންފީޒުކުރުމަށާއި ސުޕްރީމް ކޯޓުގެ ޙުކުމްތައް ތަންފީޒުކުރުމަށް، ސުޕްރީމް ކޯޓުން އިސްނަގައިގެން ބެލެވިފައިވާ މައްސަލައެކެވެ. މި މައްސަލާގައި މައްސަލަ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މި މައްސަލާގައި ހުށަހެޅިފައިވާ ވާޤިޢާތަކާއި، ލިޔުންތަކާއި، ހެކިތަކާއި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޤާނޫނުއަސާސީއާއި ކޯޓުތަކުގެ ޤާނޫނާއި ކަމާގުޅުން ހުރި އެހެނިހެން ޤާނޫނު ތަކަށާއި، ޑިމޮކްރެޓިކް މުޖުތަމަޢު ތަކުގައި އިސްތިޤްރާރު ވެފައިވާ އުޞޫލުތަކަށް ރިޢާޔަތް ކުރާއިރު، ކޯޓަށް އަންނަނިވި ކަންތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އަޙްކާމްތަކާއި ގައިޑްލައިންތަކަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަށް ޤާނޫނީ ޙިމާޔަތް ދިނުމަށާއި އިންތިޚާބީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތަކާ ޚިލާފުވާ ޢަމަލުތަކާއި، ނިންމުންތަކަށް ޢަދްލުވެރި ޙައްލުތައް ދިނުމަށާއި ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބަޔާންވެފައިވާ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުގެ ތެރޭގައި އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެ ކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެ ކަންތައްތަކަށް މަގުފަހިކުރުމާއި، އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންޞާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރު ދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު، ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމަށާއި އިންތިޚާބުތަކަކީ ދީމިޤްރާޠީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުން ބައިވެރިވުން އޮންނަ މިނިވަން، އިންޞާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރުކުރުވަނިވި ގޮތެއްގެ މަތިން ބާއްވާ އިންތިޚާބުތަކެއްކަން ޔަޤީން ކުރުމަށްޓަކައި، ކަނޑައެޅިފައިވާ ދުސްތޫރީ އަދި ޤާނޫނީ އިޖްރާއާތުތަކެއްގެ މައްޗަށް ކަނޑައެޅިފައިވާ އަޙްކާމްތަކާއި ގައިޑްލައިންތަކަކަށް ވާއިރު، އަދި މިގައިޑްލައިން ތަކަކީ އިންތިޚާބީ ޝަކުވާކުރުމުގެ ޙައްޤު ލިބިފައިވާ ރައްޔިތުންނަށް، އިލެކްޝަންސް ކޮމިޝަނުގެ ޝަކުވާ ޙައްލުކުރުމުގެ ނިޒާމުގެ ތެރެއިން ޙައްލު ނުލިބުމުގެ ސަބަބުން އުފެދުނު ޚުޞޫމަތުގެ މައްސަލަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި، މިކޯޓުގެ އިޚްތިޞާޞްގެ ދަށުން އެ ޤަޟިއްޔާގައި ފައިސަލާކުރަނިވި ޙުކުމެއް ކުރަންދެން އިންތިޚާބު ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ނުކިޔަމަންތެރިވެ، ކޯޓުތަކާ ބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށް، އިންތިޚާބު ބާއްވަން އުޅުނުކަމަށް އެ ކޮމިޝަނުގެ ރައީސް އިޢުތިރާފުވެފައިވާކަމާއި، ކޯޓު ޙުކުމް ތަންފީޒުކުރުމުގެ މުއައްސަސާތަކުން ކޯޓުގެ ޙުކުމް ތަންފީޒުކުރުމަށް ކޯޓުތަކުގެ ޤާނޫނުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކަށް ނިސްބަތްކޮށް އިންތިޚާބު އެދުވަހު ނުބޭއްވުނީ މާހައުލެއް ނެތިގެންކަމަށް، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައްޔާއި ކޯޓުން ބޭރުގައި އެ ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ދައްކާފައިވާ ވާހަކަތަކުން ޤާނޫނުގެ ވެރިކަމަށް ތަބަޢުވެ، ކޯޓު ޙުކުމާ އެއްގޮތަށް އަދި ކަނޑައެޅިފައިވާ ޤާނޫނީ އިޖްރާއާތުގެ ތެރެއިން މަސްއޫލިއްޔަތު އަދާކުރުމަށް ދެކޮޅު ހަދާފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ސުޕްރީމް ކޯޓުގެ ބަޔާންވެދިޔަ ޙުކުމާއި އެޙުކުމުގައި ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ޚިލާފަށް އަދި ކޯޓުގެ ހައިބަތާއި ޤަދަރަށް އުނިކަން އަންނަ ގޮތަށް އަދި ކޯޓުގެ ޙުކުމްތަކާއި ދައުލަތުގެ ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ލިބިގެންވާ ޢަދްލު އިންޞާފު ޤާއިމުކޮށް ޤާނޫނުގެ ޙުކުމް ކަނޑައެޅުމުގެ ސިޔާދަތީ އަދި ދުސްތޫރީ އިޚްތިޞާޞްތަކާ ތަޢާރުޟްވާގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދީފައިވާ ބަޔާންތަކާއި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގައި ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތަށް އިންތިޚާބު ބޭއްވުން ކަށަވަރުކުރުމަށްޓަކައި ޢަމަލުކުރުން ލާޒިމްވާނެކަމަށް ކަނޑައަޅާފައިވާ ގައިޑްލައިންގައި ބުނެފައިވާ ޤާނޫނީ އިޖްރާއާތުތަކަށް ޢަމަލު ނުކުރެވޭނެކަމަށާއި އެގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަކުރުމަކާ ނުލައި އިންތިޚާބުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށާއި ސުޕްރީމް ކޯޓުގެ ޙުކުމުގެ ދުސްތޫރީ ޙައިޘިއްޔަތާމެދު އިންކާރުކޮށް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ވާހަކަ ދައްކާފައިވާކަމާއި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގައި 7 ސެޕްޓެންބަރ 2013 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ކަންތައް ހިނގާފައިވަނީ ޤާނޫނުއަސާސީއާއި އިންތިޚާބުތަކާބެހޭ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ޤާނޫނީ އިޖްރާއާތުތަކާ އެއްގޮތްވާ ގޮތުގެމަތިން ނޫންކަން، އެ ޤަޟިއްޔާގައި އިލެކްޝަން ކޮމިޝަނުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި، ޚަސްމުންގެ ބަޔާންތަކާއި ހެކިބަސް ދިން ހެކީންގެ ހެކިބަސް ފަދަ ކަންހިނގާފައިވާ ގޮތުގެ ޙަޤީޤަތުގެ މައްޗަށް ސީދާ ދަލީލުކުރާ ހެކިތަކާއި ފޮރެންސިކް ރިޕޯޓާއި އެނޫންވެސް ކަންހިނގާފައިވާގޮތުގެ ހަޤީޤަތުގެ މައްޗަށް ދަލީލުކުރާ ހެކިތައް ވަޒަންކުރުމަށްފަހު، އެކަށީގެންވާ އެއްވެސް ޝައްކެއްނެތް ދަރަޖައަކަށް އެ އިންތިޚާބު ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އިޖްރާއާތުތަކާ އެއްގޮތް ނުވާކަން ސާބިތުވާތީ އެ އިންތިޚާބަކީ ދުސްތޫރީ ގޮތުން ބާޠިލު އިންތިޚާބެއްކަމަށް ޙުކުމް ކުރެވިފައިވާއިރު، އެ ޤަޟިއްޔާގައި ހުށަހެޅުނު ޚަބީރުންގެ ރިޕޯޓް ނުވަތަ ފޮރެންސިކް ރިޕޯޓުގައިވާ ބައެއް މަޢުލޫމާތުގެ ތެރޭގައި މަރުވެފައިވާކަމަށް ރިކޯޑުންދައްކާ މީހަކު ނުވަތަ މީހުން ވޯޓު ލީކަމަށް ބަޔާންކޮށްފައިވާ މަޢުލޫމާތެއް ދިމާނުވާކަމަށް އެ ކޮމިޝަނަށް ފެނުނު ކަމުގައިވިޔަސް، ދުސްތޫރީ ގޮތުން އިންތިޚާބުގައި ޢަމަލުކުރެވުނު އިޖްރާއާތުތައް ސައްޙަނޫންކަމަށް ކޮށްފައިވާ އެ ޙުކުމްގެ ޙުއްޖިއްޔަތު ގެއްލޭފަދަ ސަބަބެއް ނެތްއިރު، އަދި ކަނޑައެޅި ނިޔާގެ ހުއްޖަތާއި ބާރަށް އަސަރު ކުރާނެ އެއްވެސް ޤާނޫނީ ސަބަބެއް ނެތްއިރު، އަދި ކޯޓުގެ އެ ޤަޟިއްޔާގައި ވަކި މީހަކު ނުވަތަ ބަޔަކު މަރުވެފައިވާކަމަށް ޙުކުމްކޮށްފައި ނުވާއިރު، ކޯޓުން ދިރިތިބި ބަޔަކު މަރުވެފައިވާކަމަށް ޙުކުމްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކޯޓު ބަދުނާމުކޮށް ޙަޤީޤަތާ ޚިލާފަށް ވާހަކަތަކެއް ދައްކާފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/11 ޤަޟިއްޔާގައި ޕާޓީތަކާބެހޭ ޤާނޫނުގެ މާއްދާތަކެއް ރިވިޔުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި، އެ މައްސަލަ ބަލަމުންދާތީ ރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ އެއްވެސް ސިޔާސީ ޕާޓީއެއް އުވޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-VA-J/1 (12 މާރޗް 2013) ވަގުތީ އަމުރު ނެރެފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނުން 16 ސެޕްޓެމްބަރ 2013 އިން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް 10,000 (ދިހަހާސް) މެންބަރުން ހަމަކުރުމަށް ނޯޓިސްދީ، ބުނެވިދިޔަ އަމުރާ ޚިލާފަށް ޢަމަލުކުރަމުން ގޮސްފައިވުމާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/11 ޤަޟިއްޔާގައި ސިޔާސީ ޕާޓީގެ ޤާނޫނުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް 10,000 (ދިހަހާސް) މީހުންގެ ސޮއި ހޯދައި ހުށަހަޅަންވާނެކަމަށް އޮންނަ އޮތުން ޤާނޫނުއަސާސީއާ ތަޢާރުޟުވާތީ ބާޠިލުކަމަށް ކަނޑައަޅައި ސިޔާސީ ޕާޓީގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސިޔާސީ ޕާޓީ އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ މަދުވެގެން 3,000 (ތިންހާސް) މީހުންގެ ސޮއި ހޯދައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އޮތްއޮތުން ބާޠިލުނުވެ ޢަމަލުކުރުން ދެމިއޮންނާނެކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވާ އިރު، ޕާޓީއެއްގެ މެންބަރުން 3,000(ތިންހާސް) އަށްވުރެ، މަދުވެގެން ދިއުމަކީ ޕާޓީތަކެއް އުވާލަންޖެހޭ ސަބަބެއް ކަމަށްބަލައި، އެ ޙުކުމް އެހެންގޮތަކަށް މާނަކުރާނެ ޤާނޫނީ އަސާސެއްނެތް އިރު، ސުޕްރީމް ކޯޓުގެ ޙުކުމާ ޚިލާފުވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކެއް އުވާލާފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނުއަސާސީއާއި ޤާނޫނު މާނަ ކުރުމުގައްޔާއި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން "ޖުޑީޝަލް ރިވިޔު" ކޮށް ޤާނޫނުގައި ނުވަތަ ޤާނޫނުއަސާސީގައި ކަމެއް އޮތްގޮތް ކަނޑައަޅައި ބަޔާންކޮށްފައިވާ އަޙްކާމްތަކާ ޚިލާފަށް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ނުވަތަ ދައުލަތުގެ އެއްވެސް ފަރާތެއްގެ އެއްވެސް ބާވަތެއްގެ ނިންމުމެއް ނުވަތަ ނިންމުމެއްގެ ބައެއް ނުވަތަ އިޖްރާއާތެއް ނުވަތަ އިޖްރާއާތަކުން ބައެއް ހުރެއްޖެނަމަ އެ ޚިލާފުވީ މިންވަރަކީ ރެސްޖުޑިކާޓާގެ އުޞޫލާ ޚިލާފު އަދި ޤާނޫނުއަސާސީއާ ޚިލާފު އެއްޗަކަށްވާއިރު، ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ކުޅޭކުޅޭ އެއްޗެއްކަމަށް ހަދައި، ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ އިތުބާރު ގެއްލޭގޮތަށް ވާހަކަދައްކާފައި ވުމާއި އިލެކްޝަން ކޮމިޝަނުން ސުޕްރީމް ކޯޓުގެ ޙުކުމަށް ތަބަޢުވާން ނުޖެހޭކަމަށް ތަކުރާރުކޮށް ވާހަކަދައްކައި ހަދާފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، ފާޅުކަން ބޮޑު ގޮތެއްގައި ތަކުރާރުކޮށް ސުޕްރީމް ކޯޓުގެ ޙުކުމްތަކާއި އަމުރުތަކާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ޢަމަލުކޮށް އަދި ވާހަކަދައްކައި ހެދުމަކީ ނުވަތަ އިލެކްޝަންސް ކޮމިޝަން ފަދަ ދައުލަތުގެ މުހިންމު ދުސްތޫރީ މުއައްސަސާއަކުން ކޯޓު ޙުކުމާ ދެކޮޅުހެދުމަކީ، ދައުލަތުގެ އެހެނިހެން ފަރާތްތަކާއި ފަރުދުން އެއީ މިސާލެއްކަމަށް ބަލައި އިޤްތިދާވެ ތަބަޢުވެދާނޭ ކަމެއްކަން އެނގޭކަމާއި އެގޮތަށް އެހެނިހެން ފަރާތްތަކުން އެ މިސާލުނަގައި އެއަށް ތަބަޢުވެއްޖެނަމަ އެކަން ވެގެންދާނީ ދައުލަތުގެ ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރުން ޢަދްލު އިންޞާފު ޤާއިމްކޮށް ނެގެހެއްޓުމުގެ މުޅި ނިޒާމުގެ ބާރުކަނޑުވާލެވޭކަމަކަށްވުމާއި ނަތީޖާއެއްގެ ގޮތުން ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުމުގެ ޙަރަކާތަކަށް ބަދަލުވެދާނޭ ޢަމަލުތަކަކަށް އެކަންކަންވެގެން ހިނގައިދާނޭ ކަންތައްތަކެއްކަމާއި އަދި އެއީ ދައުލަތުގެ ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރު ނުވަތަ ޖުޑިޝަލް އޮތޯރިޓީ އާއި ކޯޓު ޙުކުމްތަކަށް ފުރައްސާރަކޮށް މަލާމާތް ކުރެވޭ މާހައުލެއް ޤާއިމް ވެގެންދާނެ ކަންތަކެއްކަން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، ޢަދްލު އިންޞާފު ޤާއިމްކޮށް ދެމެހެއްޓުމަށާއި ޢަދްލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަ ނުދިނުމަށާއި ޢަދްލު އިންޞާފު ގެ ބާރުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އިސްނަގައިގެން އެޅުމަކީ ސުޕްރީމް ކޯޓުގެ އިޙްތިޞާޞެއްކަން އަދި ވިރާޘީ ބާރެއްކަން އެނގެން އޮތްއިރު، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކޯޓުގެ ނިންމުންތަކާ ޚިލާފުވުމަށް ހިތްވަރު ލިބޭގޮތަށް އަދި ކޯޓުގެ ޙުކުމާ އެއްގޮތަށް ޢަމަލު ނުކުރެވޭނެކަމަށް ވާހަކަދައްކައި އަދި ސުޕްރީމް ކޯޓުން ޤާނޫނުއަސާސީ މާނަކޮށް ޤާނޫނުގެ ފައިސަލާކުރަނިވި ޙުކުމް ކުރިނަމަވެސް، އެ ކޮމިޝަނަކީ ކޯޓު ޙުކުމުން ކަނޑައަޅާގޮތަށް ޢަމަލުކުރުމުގެ ޒިންމާއެއް އޮތް ބައެއްވެސް ނޫންކަމަށް ވާހަކަދައްކާފައި ވާކަމާއި އަދި އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުން އެދޭގޮތަށް ނިމިފައި ހުރި ޤަޟިއްޔާތަކެއްވެސް ހުރިއިރު، އެ ކޮމިޝަނުން ރިވިޔު އަކަށް އެދި މައްސަލައެއް ހުށަނާޅާނެކަމަށް ބުނެ، ދައުލަތުގެ ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސް ކޯޓުން، އެ ކޮމިޝަނުން ހުށަހަޅާ މައްސަލައެއްގައި އިންޞާފު ނުލިބޭނެކަމަށް ކުރިންސުރެ ރަޢުޔުކަނޑައަޅައި ވާހަކަދައްކައި ކޯޓުގެ އިންޓަގްރިޓީއާއި މުސްތަޤިއްލުކަމާއި ވަކި ފަރާތަކަށް ނުޖެހި މައްސަލަބެލުން ފަދަ ޢަދްލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ކޯޓުކަމުގައިވާ ސުޕްރީމް ކޯޓު، ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިފަރާތުގެ ޙައިޘިއްޔަތުން ނަގަހައްޓާ އެންމެހައި ޖުޑީޝަލް ވެލިޔުތަކާ މެދު، ޝައްކާއި ވަހުމް އުފެއްދުމަށް ވާހަކަ ދައްކައި އަދި ކޯޓުގެ ޙުކުމަށް ޢަމަލުކުރުމުގެ ޒިންމާއެއް ނެތްކަމަށް ވާހަކަދައްކައި ކޯޓުގެ ޙުރުމަތް ކަނޑަމުންދާ މައްސަލައަކީ ކޯޓުގެ އަޞްލީ އިޚްތިޞާޞްގެ ދަށުން އިސްނަގައިގެން ނުބެލޭނެ ކަންތަކެއްކަމަށް ވާހަކަދައްކައި އިސްރާރާއެކު ކޯޓުގެ ޙުރުމަތް ނަގާލަފައިވާކަން އެނގެން އޮންނައޮތުމެވެ.
(ކ) ހަތްވަނަ ކަމަކީ، ޤާނޫނުއަސާސީގައި، އަސާސީ ޙައްޤުތައް ތަންފީޒުކޮށް ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މަސްއޫލިއްޔަތާގުޅިގެން ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި 69 ވަނަ މާއްދާގައި ހުރި ނައްސަށް ރިޢާޔަތްކުރާއިރު، ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލު ކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެކަމަށާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރަން ވާނެކަމަށާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭ ފަދަ ޢަމަލެއްކުރުމުގެ ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭ ފަދަ ގޮތަކަށް ޤާނޫނުއަސާސީގައި އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަމަށް އޮންނަ އޮތުމުގެމައްޗަށް ވިސްނާއިރު، ލޯ އޭޝިއާ (ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިޔާ އެންޑް ދަ ޕެސިފިކް) އިން ނެރެފައިވާ ބެއިޖިން ސްޓޭޓްމަންޓް އޮފް ޕްރިންސިޕަލްސް އޮފް ދަ އިންޑިޕެންޑެންސް އޮފް ޖުޑިޝަރީގެ ތަޞައްވުރާ އެއްގޮތަށް އަދި އޭޝިއާ އާއި ޕެސިފިކް ޤައުމުތަކުގެ ޗީފް ޖަސްޓިސަސް 1995 ގައި ބޭޖިންގައި (މަނީލާގައި 1997 ގައި އިޞްލާޙު ގެނެވިފައިވާ) އެއްބަސްވުމުގައިވާ ގޮތުގައި ޖުޑިޝަރީއެއްގެ މުސްތަޤިއްލުކަމާއި އަދި ރަނގަޅަށް ހަރުދަނާކަމާއެކު، ޖުޑިޝަރީއެއްގެ މަސައްކަތް ހިނގަހިނގާއޮތުން ދެމެހެއްޓުމައްޓަކައި އެންމެ ދަށްވެގެންވެސް، ޖުޑިޝަރީއެއްގެ ލަނޑުދަނޑިތައް ނުވަތަ މަޤްޞަދުތައް ކަމުގައި ވާންވާނެކަމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ކަމުގައިވާ، ހުރިހާ މީހުން ޤާނޫނުގެ ޙުކުމް ދަށުގައި ސަލާމަތާއި ރައްކާތެރިކަމާއެކު ދިރިއުޅެވޭނެކަން ކަށަވަރުކޮށްދިނުމާއި ޖުޑީޝަލް ފަންކްޝަންގެ ފުރިހަމަ އިންތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ދޭންޖެހޭ ޤަދަރުދިނުމާއި، އެ ޙައްޤުތައް ޙާޞިލުވުން ކުރިއެރުވުމާއި މީސްތަކުންގެ މެދުގައްޔާއި ދައުލަތާއި މީސްތަކުންގެ މެދުގައި ޤާނޫނު ހިންގުން ހިމެނިފައި އޮތްއޮތުމަށާއި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި 69 ވަނަ މާއްދާގެ ބަޔާންވެދިޔަ ނައްޞަށް ރިޢާޔަތްކުރާއިރު، އެ މިންގަނޑުތަކަކީ ދިވެހިރާއްޖޭގެ ޖުޑިޝަރީގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކެއްކަން ސާފުކޮށް އެނގެން އޮތުމާއެކު، ޑިމޮކްރަސީއަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ގެ އަސާސީ ތަރަހައިގެ އެއްބައިކަމާއި، އަދި ޤާނޫނުގެ ޙުކުމާއި މިނިވަން އިންޞާފުވެރި އިންތިޚާބުތަކަކީ ޑިމޮކްރަސީގެ އަސާސީ ސިފަތައްކަމާއި ޔުނިވަރސަލް ސަފްރޭޖްގެ އުޞޫލުން ވޯޓުދިނުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށް ދީފައިވާ އަސާސީ ޙައްޤަކަށްވެފައި ދީމިޤްރާޠީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުން ބައިވެރިވުން އޮންނަ، މިނިވަން، އިންޞާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރުކުރުވަނިވި ގޮތެއްގެ މަތިން ބާއްވާ އިންތިޚާބުތަކެއްކަން ޔަޤީން ކުރުމަށްޓަކައި އަދި އިންޞާފުވެރި މިނިވަން އަދި ނަޒާހަތްތެރި އިންތިޚާބުތައް ބޭއްވުމާގުޅޭގޮތުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މާއްދާތަކާއި ޔުނައިޓެޑް ނޭޝަންސްގެ ބޮޑީ ޕްރިންސިޕަލްތަކުގައި ހިމެނޭ މަބާދީތަކަށް ބަލާއިރު، އެއްވެސް ފަރުދެއްގެ ނުވަތަ ސިޔާސީ ޕާޓީއެއްގެ ސިޔާސީ ނުވަތަ އިންތިޚާބީ ޙައްޤަކާ ޚިލާފަށް ކަމެއް ހިނގާފިނަމަ އެކަމަށް ޙައްލެއް ލިބުމުގެ ޙައްޤު އެފަރާތްތަކަށް ލިބިގެންވާކަމާއި އެ ޙައްޤުތަކުގެ ތެރޭގައި ވޯޓުލުމާއި ވޯޓުލާ މީހެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވުމުގެ ޙައްޤާއި، ކެނޑިޑޭޗަރ ޙައްޤާއި އިންތިޚާބުގެ ކަންތަކާ ގުޅިގެން ކުރާ ޝަކުވާތަކާއި ޚުސޫމާތްތަކަށް އަވަސްކަމާއެކު، އެކަމަށް ކަނޑައެޅިފައިވާ މުއްދަތުގައި، ވަކިފަރާތަކަށް ބުރަވުމެއް ނެތްގޮތުގައި، ކަމާބެހޭ މުއައްސަސާއިން ޙައްލުކުރެވޭނެ މެކޭނިޒަމް ޤާއިމްކުރެވިފައިވުމާއި، އިންތިޚާބުތަކުގެ އެންމެހައި އިޖްރާއާތުތަކަކީ އެންމެހައި ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަށް އިތުބާރުހިފޭ އަދި ބަރޯސާކުރެވޭ ޕްރޮސިޖަރ ތަކަށްވުމާއި، ވޯޓު އޮޅުވާލުމާއި މަކަރާއި ޙީލަތް ހެދުމަށް (އިލެކްޓޯރަލް ފްރޯޑަށް) މަގުފަހިވެދާނެ އެންމެހައި ކަންތައްތައް ހުއްޓުވޭނެ ގޮތްތައް ކަނޑައެޅިފައިވުމާއި، ޝަކުވާއެއް ނުވަތަ އިލްތިމާސެއް ހުށަހަޅައިފިނަމަ، ވަކި މީހަކާމެދު ތަފާތުކުރުމެއްނެތި ވަކިފަރާތަކަށް ބުރަވުމެއްނެތި އިލެކްޝަންސް ކޮމިޝަންގައި ޤާއިމްކުރެވިފައިވާ ރިވިޔު ނިޒާމުގެ ތެރެއިން އިންތިޚާބީ ޝަކުވާތަކަށް ޙައްލު ލިބިދެވޭކަން ޔަޤީންކުރުން އެއީ އިލެކްޝަން ޕްރޮސެސް ގެ އިންޓެގްރިޓީ ކަނޑައެޅުމުގައި އޮބްޒަރވަރުން ބަލަންޖެހޭ އެއް އަސާސްކަމާއި، އިންތިޚާބުގެ އެންމެހައި ކަންތައްތަކަކީ ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމެނޭކަންތަކަކަށް ވާތީ ރައްޔިތުން ވޯޓުދޭ ކެންޑިޑޭޓުންގެ ޝަރުޠުތައް ފަދަ މަޢުލޫމާތުތަކަކީ ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެނގުން ޙައްޤުވާ މަޢުލޫމާތުތަކަކަށްވާތީ އާއި މަޢުލޫމާތު ހޯދުމުގެ ޙައްޤަކީ އަސާސީ ޙައްޤަކަށް ވާތީ، ޤާނޫނީ ގޮތުން ކޮންމެހެންވެސް ހިފެހެއްޓުން ޟަރޫރީވާ މަޢުލޫމާތުތައް ފިޔަވައި، އިންތިޚާބާބެހޭ އެންމެހައި މަޢުލޫމާތު ރައްޔިތުންނަށް ލިބޭނޭ ގޮތް ހަމަޖެހިފައިވުމާއި ޕްރިންސިޕަލް އޮފް ލެޖިޓިމެސީގެ ދަށުން އިންތިޚާބުގެ އެންމެހައި ދުސްތޫރީ އަދި ޤާނޫނީ އިޖްރާއާތުތަކަކީ ދުސްތޫރީ ގޮތުން އަދި ޤާނޫނީ ގޮތުން ޞައްޙަ އިޖްރާއާތުތަކަކަށްވުން ލާޒިމުވާތީ އާއި އިންތިޚާބުގެ ނަޒާހަތްތެރިކަމާއި އިންޞާފުވެރިކަމާ އަދި އިންތިޚާބުގެ ކަންތައް ހިނގަނީ ޑިޔު ޕްރޮސެސް ގެ ތެރެއިން، ޤާނޫނީ އިޖްރާއާތުތަކާ އެއްގޮތްވާގޮތުގެ މަތިންކަން ކަށަވަރުކުރުން ހިމެނިފައިވާކަން ސާފުކޮށް އެނގެން އޮތުމުން، ބަޔާންވެދިޔަ އުޞޫލުތަކާއި ޤާނޫނީ އިޖްރާއަތު ކަށަވަރުކުރުމައްޓަކައި ކޮންމެހެން ބޭނުންވާނޭ ގައިޑްލައިންތައް ބަޔާންކޮށް ޙުކުމް ކުރުމަކީ ސުޕްރީމް ކޯޓުގެ އިޚްތިޞާޞުން ބޭރުގައިވާކަމެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއްނެތްކަން އެނގެން އޮންނަ އޮތުމެވެ.
(އ) އަށްވަނަ ކަމަކީ، ދައުލަތުގެ އިދާރީ ނުވަތަ ތަންފީޒީ ނިންމުންތަކާއި ޤާނޫނު ތަކާއި ޤަވާޢިދުތަކުގެ ޝަރްޢިއްޔަތު ކަނޑައެޅުމަށް ކަމާބެހޭ ދުސްތޫރީ ކޯޓަތަކުން އެފަދަ މައްސަލަތައް ބަލައި ރިވިޔުކޮށް އެފަދަ ނިންމުންތަކާއި، ޤާނޫނުތައް ދުސްތޫރީ ގޮތުން ޞައްޙަކަން ނުވަތަ ބާޠިލުކަން ކަނޑއެޅުމާއި ޤާނޫނު ތަޠްބީޤުކޮށް އަދި ޤާނޫނު ތަފްސީރުކޮށް ޤާނޫނަކީ ކޮބައިކަން ކަނޑައެޅުމަކީ (މަރބަރީ ވަރސެސް މަޑިސަން ޤަޟިއްޔާގައި ޗީފް ޖަސްޓިސް މާޝަލްގެ އިބާރަތުންނަމަ
“It is emphatically the province and duty of the judicial department to say what the law is.” (
ޖުޑިޝަރީގެ އިޚްތިޞާޞެއް ކަމާމެދަކު ދުނިޔޭގެ ދީމިޤްރާޠީ އަދި މިޒަމާނުގެ ތަހްޒީބީ އެއްވެސް މުޖްތަމަޢެއްގައި ޚިލާފު ވުމެއްނެތްކަމާ މި އުޞޫލުތަކަކީ ކޮންސްޓިޓިޔުޝަނަލް ޖުރިސްޕްރޫޑެންސްގައި އިސްތިޤްރާރުވެފައިވާ މަބްދައުތަކެއްކަން ސާފުކޮށް އެނގެން އޮތުމުގެ އިތުރަށް، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މިނިވަން އިންސާފުވެރި އިންތިޚާބުތައް ކަށަވަރުކޮށް ދިނުމަށާއި، ޝަކުވާގެ މެކޭނިޒަމް ޔަޤީންކޮށްދިނުމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގައި ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކާއި ހަމަޔާ ޢަދުލު އިންޞާފުގެ އުޞޫލުގެ މައްޗަށް ބިނާކޮށް ޙުކުމުގައި ބަޔާންކޮށްފައިވާ ޤާނޫނީ އިޖްރާއާތުތަކެއް ނުވަތަ ގައިޑްލައިންތަކަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުން ބަދަލެއް ނުގެނެވޭހާ ހިނދަކު، އެއަށް ޢަމަލުކުރަންޖެހޭ އަދި ކޯޓުގެ އެފަދަ ޙުކުމަކާ ޚިލާފުވެގަތުމަކީ ކޯޓުގެ ޙުރުމަތްކެނޑުމުގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ޢަމަލުތަކެއް ކަމުގައި ދީމިޤްރާޠީ އަދި ތަހްޒީބު މުޖްތަމަޢު ތަކުގައި ހިމަނާފައިވާ ކަންތައްތަކެއްކަން އެނގެން އޮންނަކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ޢަދްލު އިންޞާފް ޤާއިމްކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓުކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ސާފުބަހުން ކަނޑައަޅައި ބަޔާންކުރުމަށްފަހު، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) ގައި "މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރުންނާއި މުސްތަޤިއްލު މަޤާމްތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމްތަކާ ޙަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހައި ރައްޔިތުން އެ މައްޗަށް ތަބަޢަވުން ލާޒިމް ނިންމުމެކެވެ. މިފަދައިން ބުނެފައިވާއިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) ގައި "މި ޤާނޫނާއި ސުޕްރީމް ކޯޓުގެ ޤަވާޢިދުގައި ހިމެނޭ އުޞޫލުތަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ ކޯޓުގެ އަމިއްލަ އިސްނެގުމަކުން ނުވަތަ މައްސަލާގައި ހިމެނޭ ފަރާތެއްގެ އެދުމުގެމަތިން ޢަދްލު އިންޞާފު ޤާއިމްކުރުމަށްޓަކައި ނުވަތަ ޢަދްލު އިންޞާފުގެ ނިޒާމްގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި ނެރެންޖެހޭ އަމުރުތައް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮންނައޮތުމުގެ އިތުރަށް ސުޕްރީމް ކޯޓަކީ ޢަދްލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސްފަރާތް ކަމަށްވާތީ އޭގެޒާތުގައި ސުޕްރީމް ކޯޓަށް ލިބިދޭ ބާރުގެ ދަށުން، ދިވެހިރާއްޖޭގައި ޤާނޫނުގެ ޙުކުމް ކަށަވަރުކުރުމަށާއި، ޢަދްލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށާއި ޢަދްލު އިންޞާފުގެ ނިޒާމްގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި އަމިއްލައަށް އިސްނަގައިގެން މައްސަލަތައް ބެލުމުގެ ބާރު ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ) އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާއިރު، ޤާނޫނީ ހުސްކަމަކަށް ޤައުމު ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ޤާނޫނީ ސަބަބުތައް އެކުލެވިގެންވާ މައްސަލަތަކާއި އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ޤާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ދެބަސްވެރިވާ މައްސަލަތަކުގެ އިތުރަށް ޤައުމުގެ ޢާންމު މަސްލަޙަތާ ގުޅުންހުރި މައްސަލަ ބަލައި އެފަދަ މައްސަލަތަކުގެ ޤާނޫނީ އަދި ޝަރުޢީ ޙައްލު ހޯދައިދިނުމަކީ ސުޕްރީމް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ 1، 2، 3 އިން އެނގެންއޮތްއިރު، ރައްޔިތުންގެ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށް ތަންފީޒުކުރުމާއި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި އިސްނަގައިގެން މައްސަލަތައް ބަލައި ޢަދްލު އިންޞާފުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށާއި، ޢަދްލު އިންޞާފުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަކީ އިންސާނީ ޝަރަފާއި ހަމަހަމަ ކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމައުތަކުން ޤަބޫލުކުރާ އަދި އެފަދަ ދީމިޤްރާޠީ ދައުލަތްތަގައި ޢަމަލުކުރަމުންދާ އަދި އެފަދަ ދައުލަތްތަކުގައި ރޫލް އޮފް ލޯ ނެގެހެއްޓުމުގެ އަސާސެއްގެ ގޮތުގައި ނެގެހެއްޓިފައިވާ ނިޒާމެއްކަން ފާހަގަކުރެވިފައިވާތީ ދިވެހިރާއްޖޭގައި ރޫލް އޮފް ލޯ ނުވަތަ ޤާނޫނުގެ ވެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން މައްސަލަތައް ބެލުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފުރިހަމަ ވިލާޔަތާއި އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމަކަށްވާކަމީ އެ ކަމާމެދު ޤާނޫނީގޮތުން އެއްވެސް ޖަދަލެއް ނެތްކަން އެންގެންއޮންނަކަމެވެ.
(މ) ދިހަވަނަ ކަމަކީ، އިލެކްޝަންސް ކޮމިޝަނަށް ރައްދުވާގޮތަށް ސުޕްރީމް ކޯޓުން ބެލި މި މައްސަލައަކީ އިސްވެ ބަޔާންވެދިޔަ ގޮތުގެ މަތިން ތަކުރާރުކޮށް އަދި ސިސްޓަމެޓިކް ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމްތަކުގެ އިތުބާރު ގެއްލިގެންދާގޮތަށް ސުޕްރީމް ކޯޓުގެ ޙުކުމްތަކުގެ ޙުރުމަތް ކެނޑުމާއި ސުޕްރީމް ކޯޓުގެ ނަންބަރު2013/SC-VA-J/02 ކޯޓު އަމުރާއި ދެކޮޅަށް ރިޔާސީ އިންތިޚާބު ބާއްވަން މަސައްކަތްކުރުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމާމެދު ޢަމަލީ ގޮތުން އިންކާރުކުރުމާއެކު ދިވެހިރާއްޖޭގައި ޤާއިމްވެ ނެގެހެއްޓިފައި އޮންނަންޖެހޭ ރޫލް އޮފް ލޯއަށް ބުރޫއެރުވުމާއި ކޯޓު ހުރުމަތްކެނޑުމުގެ މައްސަލަ ކަމަށްވެފައި އިލެކްޝަންސް ކޮމިޝަނުގެ ޢަމަލުތައް ހުރީ އެގޮތުގެމަތިންކަން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފަރެންސްތަކާ ބެހޭގޮތުން މުޅި ދިވެހިރާއްޖެއަށް ޢާންމުކޮށް ޝާއިޢުކުރެވިފައިވާ ލިޔުންތަކުންނާއި އެކަން ހިނގާފައިވާ ގޮތަށް ބެލުމުން އެނގެންއޮންނާތީ ސުޕްރީމް ކޯޓުގެ ޙުކުމްތަކާއި ނިންމުންތަކަށް އިހާނާތްތެރިވެ ކޯޓުގެ ހުރުމަތް ކެނޑުމުގެ ޒިންމާ އިލެކްޝަންސް ކޮމިޝަނުގެ އިސް މަސްއޫލުވެރިން އުފުލަންޖެހޭނެކަން ފާހަގަކުރެވިފައިވާކަމެވެ.
ޙުކުމް:
އިންތިޚާބު ތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ބައިވެރިވުމާއި އެ މީހަކު އަމިއްލައަށް ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަކީ ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވެފައި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ކަންތައް ހިނގަނީ އިންސާފުރެވި ކަމާއެކު ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއްނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 701 ވަނަ މާއްދާއިން ލާޒިމްކޮށްފައިވާކަމެއް ކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން (rule of law) ނެގެހެއްޓުމަށްޓަކައި މީލާދީ ސަނަތުން 2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބާ ގުޅިގެން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުތަކާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގައި، ޤާނޫނުގައި ކަންއޮތްގޮތް ބަޔާންކޮށް ސުޕްރީމް ކޯޓުން ކޮށްފައިވާ ފައިސަލާކުރަނިވި ޙުކުމެއްގެ ޙުއްޖިއްޔަތު (res judicata) ލިބިގެންވާ ޙުކުމާއި އަދި ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކޮށް ހިންގުމަށްޓަކައި 10،000 (ދިހަހާސް) މީހުން ތިބުން ލާޒިމްވާކަމަށް ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 8 ވަނަ މާއްދާ އާއި 11 ވަނަ މާއްދާގައި އޮތްއޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އިތުރުން ދުނިޔޭގެ ކުރިއަރާފައިވާ ދީމިޤްރާޠީ އެހެނިހެން މުޖުތަމަޢުތަކުގައި ޢަމަލުކުރަމުންދާ އުޞޫލުތަކާ ފުށުއަރާކަމަކަށްވާތީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށް ހިންގުމަށްޓަކައި 10،000 (ދިހަހާސް) މީހުން ތިބުން ލާޒިމްކޮށްފައި އޮތްއޮތުން ބާޠިލްވެއްޖެކަމަށް ޙުކުމްކުރި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/11 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި އަދި އެ ޤަޟިއްޔާގައި ޙުކުމްކުރި ފަހުން އެ ޤަޟިއްޔާގެ ޙުކުމާ ޚިލާފަށް 3,000 (ތިންހާސް) މީހުން ހަމަނުވާ ޕާޓީތައް އުވާލަން ޤަޞްދުކުރާކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރުމާ ގުޅިގެން ސިޔާސީ ޕާޓީގެ ދަފްތަރުގައި 3,000 (ތިންހާސް) މީހުން ތިބުމަކީ އަސާސެއްކަމަށް ބަލައިގެން، ކުރީންސުރެ ރާއްޖޭގައި ޤާއިމްވެފައިވާ އެއްވެސް ސިޔާސީ ޕާޓީއެއް އުވާލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/11 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާ ޚިލާފު ކަމެއްކަމަށާއި އަދި ކުރީގައި ޢަމަލުކުރަމުންއައި ސިޔާސީ ޕާޓީގެ ޤަވާޢިދުގެ ދަށުން ދިވެހިރާއްޖޭގައި ޤާއިމްވެފައިވާ ސިޔާސީ ޕާޓީތައް ނުއުވި، އެގޮތުގެ މަތިން ދެމިއޮންނާނެ ކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/11 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި 3،000 (ތިންހާސް) މީހުން ފުރިހަމަނުވި ކަމުގައިވިޔަސް، ކުރިންސުރެ ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ އެއްވެސް ސިޔާސީ ޕާޓީއެއް އުވާނުލުމަށް އަންގައި، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކޮށްފައިވާ ނަންބަރު 2014/SC-SJ/01 ކޯޓު އަމުރަށް އިލެކްޝަންސް ކޮމިޝަނުން ތަބަޢުވެފައި ނުވާތީއާއި، ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ތެރެއިން ޙައްޤެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ "ބިރުވެރިކަމެއް، ތަޅާފޮޅުމެއް، މަކަރާ ހީލަތެއް، އޮޅުވާލުމެއް، ކޮރަޕްޝަނެއްނެތް އަމާން މާހައުލެއްގައި އެމީހަކު އިޚްތިޔާރުކުރާ ކެންޑިޑޭޓަކަށް ވޯޓުދިނުމުގެ އަސާސީ ޙައްޤު ޙިމާޔަތްކޮށް ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބުތައް ބޭއްވެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބުނެފައިވާ ފަދަ އަމާން މާހައުލެއްގައިކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާއި އަދި އެކަމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ކޯޓު އަމުރުތަކަށް އިހާނަތްތެރިވެ، މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި އެ މާއްދާގެ (ރ) އާއި 145 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ) އާއި އެ ޤާނޫނުގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަޙްކާމްތަކަށް ފާޅުކަން ބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލުވެރިން ނުކިޔަމަންތެރިކަން ދައްކައި، ޢަދްލު އިންޞާފު ޤާއިމްކުރުމަށް ހުރަސްއަޅައި، ކޯޓު ބަދުނާމުކުރުމުގެ އިތުރަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މއ. ތަޅަމުދިގޭ ފުއާދު ތައުފީޤު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ އިޖުރާއާތުތަކާއި އިޚްތިޞާޞްތަކާ ދެކޮޅަށް އިހާނަތްތެރިކޮށް ވާހަކަދައްކައި ކޯޓުގެ ޙުރުމަތްކަނޑާފައިވާތީ، ފުއާދު ތައުފީޤުގެ މިޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބުނެފައިވާ ކޯޓުގެ ޤަދަރަށް އުނިކަން އަންނަފަދަ ޢަމަލުތަކަކަށް ވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (1)، (2)، (3) އަދި އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ޅ) އާއި އެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން، ސުޕްރީމް ކޯޓުން، ޢަދްލު އިންޞާފު ޤާއިމްކުރުމަށާއި ޢަދްލު އިންޞާފުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަ ނުދިނުމަށާއި ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ޤަދަރާއި ހައިބަތު ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނެގެހެއްޓުމުގެ މަސްއޫލިއްޔަތާއި ބާރުގެ ދަށުން، އަދި ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 88 ވަނަ މާއްދާގެ މައްޗަށް ރިޢާޔަތްކޮށް، ޤާނޫނުލް އުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން މއ. ތަޅަމުދިގޭ ފުއާދު ތައުފީޤު 06 މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކުރުމާއެކު، އެ ޙުކުމް 03 އަހަރު ދުވަހުގެ މުއްދަތަށް ތަންފީޛުކުރުން ފަސްކުރުމަށް އަމުރުކުރުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމުގެ ޢަހުދުގެ މަތިން މަޤާމްގެ މަސްއޫލިއްޔަތާ ޙަވާލުވުމަށްފަހު، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަން ހިންގުމުގެ ޒިންމާ އުފުލަންޖެހޭ އެ ކޮމިޝަނުގެ ރައީސް، ފުއާދު ތައުފީޤާއި، ނައިބު ރައީސް އަޙްމަދު ފަޔާޟުއާ ދެ މީހުން، އެ ދެ މީހުންގެ މަސްއޫލިއްޔަތު ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރުމުން އެއްކިބާވެގަނެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި، ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިޔާގެ ޙައިޘިއްޔަތުން، ޤާނޫނުގައި ކަންއޮތްގޮތް ބަޔާންކޮށް، ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމްތަކާއި ސުޕްރީމް ކޯޓުގެ އަމުރުތަކަށް ތަބަޢަނުވެ، ތަޙައްދީކުރުމުގެ ޒިންމާ ޤާނޫނީ ގޮތުން، އެ ކޮމިޝަނުގެ އެންމެ އިސް ދެ މަސްއޫލުވެރިން ކަމުގައިވާ އެ ކޮމިޝަނުގެ ރައީސް، މއ. ތަޅަމުދިގޭ ފުއާދު ތައުފީޤާއި، މ. ހަޒާރީވިލާ އަޙްމަދު ފަޔާޟު އާއި ދެމީހުން އުފުލަންޖެހޭ ކަމަށް ކަނޑައަޅައި، މި ޢަމަލުތަކަކީ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 20 ވަނަމާއްދާއާ ޚިލާފު ޢަމަލުތަކަކަށްވާތީ އާއި އަދި މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބުނެފައިވާ ކޯޓުގެ ޤަދަރަށް އުނިކަން އަންނަ ފަދަ ޢަމަލުތަކަކަށް ވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (1)، (2)، (3) އަދި އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ޅ) އާއި އެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން، ސުޕްރީމް ކޯޓުން ޢަދްލު ޢިންޞާފު ޤާއިމްކުރުމަށާއި ޢަދްލު އިންޞާފުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަ ނުދިނުމަށާއި، ޢަދްލު އިންޞާފު ޤާއިމް ކުރުމުގެ ބާރުގެ ޤަދަރާއި ހައިބަތު ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނެގެހެއްޓުމުގެ މަސްއޫލިއްޔަތާއި ބާރުގެ ދަށުން، އަދި ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 88 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އިލެކްޝަންސް ކޮމިޝަނުގެ ރައީސް، މއ. ތަޅަމުދިގޭ ފުއާދު ތައުފީޤާއި، އެ ކޮމިޝަނުގެ ނައިބު ރައީސް، މ. ހަޒާރީވިލާ އަޙްމަދު ފަޔާޟްއާ، މި ދެމީހުންގެ ކިބައިން އެ ކޮމިޝަނުގެ މެންބަރުކަމުގައި ދެމިތިބިމުގެ ޙައްޤާއި ޤާނޫނީ ޙައިޘިއްޔަތު ގެއްލިފައިވާކަމަށާއި، އަދި އެ ދެމީހުންގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމަށް ކަނޑައަޅައި، މީލާދީ ސަނަތުން 2014 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، މިހާރުވެސް އެ އިންތިޚާބު ބޭއްވުމަށްޓަކައި ކަނޑައެޅިފައިވާ ތާރީޚުގައި، ބޭއްވުމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުންނާއި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ އެންމެހައި އިންތިޒާމްތައް މިއަދުން ފެށިގެން ލަސްވެގެން 06 ދުވަހުގެ (ބަންދުދުވަސްތައް ހިމެނޭގޮތަށް) ތެރޭގައި ކޮށްނިންމުމަށްފަހު، ހަމަޖެހިފައިވާ ގޮތުގެމަތިން އެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ.
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިންގެ ރަޢުޔު
މިއީ އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ޕްރެސް ކޮންފަރެންސްތަކާއި ނޫސްބަޔާންތަކުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި އެ ޙުކުމުގައިވާ ގައިޑްލައިންތަކާއި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/11 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ ބާރުކެނޑޭގޮތަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ވާހަކަ ދައްކައި ޢަމަލުކޮށްފައި ވުމާއި 10,000 (ދިހަހާސް) މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް އެ ޢަދަދަށް މެންބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރު (ނަންބަރު 1/SC-SJ/2014) އިން ސިޔާސީ ޕާޓީތައް އުވިގެން ނުދާނެކަމަށް އަންގާފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކެއް އުވާލައި ހިންގާފައިވާ ޢަމަލުތަކަކީ ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ބާރު ކެނޑޭގޮތަށް އަދި ރައްޔިތުންގެ މެދުގައި ޝަރުޢީ ދާއިރާއާ މެދު އޮންނަ އިތުބާރު ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ހިންގާފައިވާ ޢަމަލުތަކެއްކަމަށް ބަލައި ސުޕްރީމް ކޯޓުގެ ޙުރުމަތްކެނޑި މައްސަލައެއް ގޮތުގައި ސުޕްރީމް ކޯޓު އިސްނަގައިގެން ބެލި މައްސަލައެކެވެ.
މި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތަށާއި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާ ބެހޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނާއި ޤަވާޢިދުތަކަށާއި ސުމޯޓޯ މައްސަލަ ބަލާ ޤައުމުތަކުގައި މިފަދަ މައްސަލަތައް ބެލުމުގައި އެ ޤައުމުތަކުގައި ގެންގުޅޭ ހަމަތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެ އެވެ.
1. ފުރަތަމަ ކަމަކީ، ސުމޯޓޯ “Suo Moto” ނުވަތަ "އޮން އިޓްސް އޯން މޯޝަން" މައްސަލަ ބެލުމަކީ އެހެން ފަރާތަކުން ކޯޓަށް މައްސަލަ ހުށަހެޅުމަކާނުލައި ފަނޑިޔާރުގެ އިސްނެގުމަކަށް މައްސަލަ ބެލުންކަމާއި މިފަދަ މައްސަލަތައް ފައިލުކުރެވެނީ އެ މައްސަލަ ބަލާ ފަނޑިޔާރެއް ނުވަތަ ފަނޑިޔާރުންގެ މޯޝަނަކަށް އެ މައްސަލާގައި ހިމެނޭ ފަރާތަކާ ނުވަތަ ފަރާތްތަކަކާމެދު ބެލެވޭ މައްސަލާގައި ގޮތެއް ކަނޑައެޅުމަށް ކަމާއި އެހެން ފަރާތެއްގެ ހުށަހެޅުމެއްނެތި ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަކަށް މައްސަލަތައް ބެލުމުގެ މަފުހޫމު ނުވަތަ ސުމޯޓޯ މައްސަލަ ބަލަނީ ސައުތުއޭޝިޔާގެ ބައެއް ޤައުމުތައް އިންޑިޔާ، ޕާކިސްތާން، ބަންގްލަދޭޝްގައި ކަމާއި މިޤައުމުތަކުގެ ތެރެއިންވެސް އެންމެ ފުޅާކޮށް ސުމޯޓޯ ޖުރިސްޑިކްޝަންގެ ދަށުން މައްސަލަތައް ބަލަނީ ޕާކިސްތާނުގައިކަމާއި އިންޑިއާ އާއި ޕާކިސްތާނުގައި ސުމޯޓޯ މައްސަލަ ބެލުމުގެ ބާރު ލިބިފައި ވަނީ އެ ޤައުމުތަކުގެ ޤާނޫނުއަސާސީން ސުޕްރީމް ކޯޓަށް ކަމާއި އިންޑިއާ އާއި ޕާކިސްތާނުގައި ސުމޯޓޯ މައްސަލަ ކުރިއަށް ގެންދާގޮތަށް ބަލާއިރު މި ދެޤައުމުގައި ސުމޯޓޯ މައްސަލަތައް ބެލުމުގައި އަސާސް ތަފާތުކަމާއި ޕާކިސްތާނު ސުޕްރީމް ކޯޓުގައި ފަނޑިޔާރު އިސްނަގައިގެން މައްސަލަ ކުރިއަށް ގެންދިއުން ބިނާވެފައި ވަނީ އެ ޤައުމުގެ ޤާނޫނުއަސާސީގެ ދަށުން އަސާސީ ޙައްޤު ރައްކާތެރި ކުރުމުގެ ގޮތުން ކަމާއި "The Constitution of The Islamic Republic of Pakistan" ގެ 184 ވަނަ މާއްދާގައި ވަނީ އިޖްތިމާއީ ރައްކާތެރިކަމާ ގުޅޭގޮތުން ސުވާލު އުފެދިއްޖެ ޙާލަތެއްގައި ޤާނޫނުއަސާސީގައި ހިމެނޭ އަސާސީ ޙައްޤުތައް ލިބިދިނުމަށްޓަކައި ސުޕްރީމް ކޯޓުން އިސްނަގައިގެން އަމުރު ނެރުމުގެ ބާރު ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް ލިބިގެން ވާކަމަށެ އެވެ. ކޯޓުގެ ޙުރުމަތްކެނޑުމުގެ މައްސަލަ ބެލުމުގެ އިޚުތިޞާޞް ޕާކިސްތާނުގެ ސުޕްރީމް ކޯޓަށާއި ހައިކޯޓަށް އޮތްކަމުގައި ވިއަސް ކޯޓުގެ ޙުރުމަތްކެނޑުމުގެ މައްސަލަ ސުމޯޓޯ ޖްރިސްޑިކްޝަންގެ ދަށުން ބެލުމުގެ ބަދަލުގައި ކަނޑައަޅާ ވަކި ފަރާތަކުން އެ މައްސަލައެއް ބެލުމަށް އަމުރުކުރުމުން އެ ފަރާތަކުން އެ މައްސަލައެއް ބަލާކަމާއި އިންޑިއާގެ ސުޕްރީމް ކޯޓަކީ އިންޑިއާގެ "1971 The Contempt of Courts Act" ގެ ދަށުން ކޯޓުގެ ޙުރުމަތްކަނޑާ މައްސަލަތައް އިސްތިއުނާފުކުރާ ކޯޓެއްކަމާއި މިފަދަ މައްސަލަތަކުގައި ފުރަތަމަ މަރުޙަލާގެ ކޯޓުތަކަކީ އިންޑިއާގެ ހައިކޯޓުތައް ކަމާއި ނަމަވެސް ""The Constitution of India ގެ 129 ވަނަ މާއްދާގެ ދަށުން ކޯޓުގެ ޙުރުމަތްކަނޑާ މައްސަލަތަކުގައި އަދަބު ކަނޑައެޅުމުގެ ބާރު އިންޑިއާގެ ސުޕްރީމް ކޯޓަށް ލިބިގެން ވާކަމާއި އިންޑިއާގެ ޝަރުޢީ ނިޒާމުގައި ކޯޓު ކޮންޓެމްޓު މައްސަލަތަކަކީ ދެ ނިޒާމެއްގެ ދަށުން ޢަމަލުކުރެވޭ މައްސަލަ ތަކެއްކަމާއި ސިވިލް ކޮންޓެމްޓަކީ ކޯޓުގެ ޙުކުމަކަށް ނުވަތަ އެންގުމަކަށް ނުވަތަ ޢަމުރަކަށް ޤަޞްދުގައި ޢަމަލު ނުކުރުމާއި ކޯޓުގެ ޙުކުމަކުން ނުވަތަ އަމުރަކުން ވަކިފަރާތަކަށް ލިބުން ހުއްދަ ކޮށްފައިވާ މަންފާއަކަށް ގެއްލުމެއްދީގެން ކޯޓުގެ ޙުރުމަތްކެނޑުންކަމާއި ކްރިމިނަލް ކޮންޓެމްޕްޓުގެ ގޮތުގައި އިންޑިޔާގެ "1971 The Contempt of Courts Act" ގައި ބަޔާންކޮށްފައި ވަނީ ޢަދުލު އިންޞާފުގެ އިދާރީ ކަންކަމަށް ހުރަސް އެޅުމުގެ ގޮތުން ނުވަތަ ހުރަސް އަޅަން މަސައްކަތް ކުރުމުގެ ގޮތުން ދައްކާ ވާހަކައަކުން ނުވަތަ ލިޔެފައިވާ ލިޔުމަކުން، އިޝާރާތަކުން ނުވަތަ ފެންނަން އޮންނަ ހުށަހެޅުމަކުން ނުވަތަ އެ ނޫންވެސް ޢަމަލަކުން އެއްވެސް ކޯޓަކަށް ލިބިފައިވާ އޮތޯރިޓީއަށް ގެއްލުންވާ ގޮތަށް ނުވަތަ ޕްރިޖުޑިސް ވާގޮތަށް ނުވަތަ އަސަރު ފޯރާގޮތަށް ޢާއްމު ކުރާ ޢާއްމު ކުރުމަކީ ކްރިމިނަލް ކޮންޓެމްޓު ކަމަށެވެ.
2. ދެވަނަ ކަމަކީ، ޢަދުލު އިންޞާފު ޤާއިމްކުރުން ނެގެހެއްޓުމަށް ކޯޓުތަކުން އަޅާ ފިޔަވަޅެއް ކަމުގައިވާ ކޯޓުގެ ޙުރުމަތްކަނޑާ ފަރާތްތަކަށް އަދަބު ދިނުމުގެ ބާރަކީ ކޯޓުތަކަށް ލިބިފައިވާ ބާރެއް ކަމުގައި ވީނަމަވެސް މިހާރު އެއީ ބައެއް ޤައުމުތަކުގެ ޤާނޫނުއަސާސީން ލިބިދޭ ދުސްތޫރީ ބާރެއްކަމާއި އަނެއްބައި ޤައުމުތަކުގައި ޤާނޫނުން ލިބިދީފައިވާ ބާރެއްކަމާއި ކޯޓުގެ ޙުރުމަތް ކެނޑުމުގެ މައްސަލަ ހިންގެނީ ރައްޔިތުންގެ މުޙިއްމު ދެ އަސާސީ ޙައްޤުގެ މައްޗަށްކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤާ އަދި ޕާސަނަލް ލައިބިލިޓީ ޙައްޤުގެ މައްޗަށްކަމާއި ނަމަވެސް ޢަދުލު އިންޞާފު ޤާއިމްވެ އޮތުމުގެ މުޙިއްމުކަމުގެ ސަބަބުން ކޯޓުތަކަށާއި އެ ތަންތަނުގެ ނިންމުންތަކަށް އޮންނަންޖެހޭ ރައްކާތެރިކަމާއި ޙިމާޔަތަށް ރިޢާޔަތްކޮށް ޖުމްހޫރީގޮތުން ކުރިއަރާފައިވާ ޤައުމުތަކުގައި ޤާނޫނުތަކުން ކޯޓުތަކަށް މިބާރު ދީފައިވާކަން އެނގެން އޮންނަ ކަމެވެ.
3. ތިންވަނަ ކަމަކީ، ޢަދުލު އިންޞާފު ޤާއިމްކޮށް ދެމެހެއްޓުމަށާއި ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވިރާސީ ބާރެއްކަމުގައި ސުޕްރީމް ކޯޓުގެ ޤަވާޢިދު (2009) ގެ 86 ވަނަ މާއްދާގައި ބުނެފައި ވާކަމާއި މި ޤަވާޢިދުގައި ހިމެނޭ އުޞޫލަކާ އެއްވެސް ފަރާތަކުން ޚިލާފު ވެއްޖެނަމަ ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމުގެމަތިން ޢަދުލު އިންޞާފު ޤާއިމްކުރުމަށްޓަކައި ނުވަތަ ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި ކޯޓަށް ފެންނަ އަމުރެއް ނެރުމުގެ ބާރު ލިބިގެންވާކަމަށް ބަޔާންކޮށްފައި ވާކަމެވެ.
4. ހަތަރު ވަނަކަމަކީ، ކޯޓުގެ ޙުރުމަތްކަނޑައިގެން ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު ފަނޑިޔާރުނަށް ލިބިދޭ އެއްޙާލަތަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 76 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަކުންކުރެ ކަމެއް ޝަރީޢަތުގެ މަޖިލީހެއްގައި ކުރުންކަމާއި އެފަދަ ޢަމަލެއް ހިންގި ފަރާތަކާމެދު ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު މި މާއްދާއިން ފަނޑިޔާރަށް ލިބިގެން ވާކަމާއި އަނެއް ޙާލަތަކީ ކޯޓުގެ ޙުރުމަތްކެނޑި ކަމަށް ބެލެވޭފަދަ ކަމެއް ކުރީ ޝަރީޢަތުގެ މަޖިލީހުގައި ނޫންކަމުގައި ވިއަސް ކޯޓު ޢިމާރާތުގެ ތެރޭގައި ނުވަތަ ގޯތިތެރޭގައި ކޯޓުގެ ޙުރުމަތްކެނޑުން ކަމަށް ބެލެވޭފަދަ ކަމެއް ކޮށްފިނަމަ ވަގުތުން ފިޔަވަޅުއެޅުމުގެ ބާރު ކޯޓަށް ލިބިގެންވާކަމަށް ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދު (2008) ގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވާކަމާއި މިނޫން ޙާލަތެއްގައި ކޯޓު ކޮންޓެމްޓުވާ ފަދަ ކަމެއްކުރިކަން އެނގިގެން ފިޔަވަޅު އަޅާއިރު އެމީހަކާމެދު ޢަމަލު ކުރެވޭނީ ޝަރީޢަތްކުރުމުގެ ޢާއްމު ހަމަތަކުގެ މަތިން ދިފާޢުވުމުގެ ފުރުޞަތު ލިބިގެންދާގޮތަށް ހެއްކާއި ޣަރީނާގެ އަލީގައި ވަޒަންކުރެވިގެން ޖިނާއީ އިޖުރާޢާތުގެ ހަމަތަކުގެ މަތިން ހިންގޭ ޝަރީޢަތަކުންކަން އެނގެން އޮންނަކަމެވެ.
ވީމާ، އިސްވެ ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކުރާއިރު އަހުރެންގެ ރައުޔަކީ އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ޕްރެސް ކޮންފަރެންސްތަކާއި ނޫސް ބަޔާންތަކުގައި ދިވެހިރާއްޖެގެ ސުޕްރީމް ކޯޓުގެ ޙުރުމަތްގެއްލޭފަދަ ގޮތަކަށް އެ ކޮމިޝަނުގެ މެންބަރުން ދައްކާފައިވާ ވާހަކަތަކަކީ ރާއްޖޭގެ މީޑިޔާތަކުގެ ކުރިމަތީގައި ދައްކާފައިވާ ވާހަކަތަކެއްކަން އެނގެން އޮތްހިނދު، މި މައްސަލަ ބެލޭނީ މިހާރުވެސް ޢަމަލު ކުރަމުންދާ ގޮތުގެމަތިން ޖިނާއީ އިޖުރާޢާތުގެ ހަމަތަކާއި އެއްގޮތް ވާގޮތުގެ މަތިންނެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲގެ ރަޢުޔު
ފާހަގަ ކުރެވުނު ނުކުތާތައް
1- މި މައްސަލައަކީ ރިޔާސީ އިންތިޚާބު 2013 އާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލަތަކާ ގުޅިގެން ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާއި، އެޙުކުމުގައިވާ ގައިޑްލައިންތަކުގެ ބާރު ކެނޑޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ޕްރެސްކޮންފަރެންސްތަކާއި ނޫސްބަޔާންތަކުގައި ވާހަކަދައްކާފައިވާތީ އާއި ކުދި ޕާޓީތައް އުވިގެން ދިއުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/11 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުގެ ބާރު ކެނޑޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް 10،000 (ދިހަހާސް) މެންބަރުން ހަމަކުރުމަށް އެންގުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-SJ/01 އަމުރުން ސިޔާސީ ޕާޓީތައް ނުއުވޭނެކަމަށް އަންގާފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތައް އުވާލައި، ހިންގާފައިވާ ޢަމަލުތަކަކީ ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ބާރު ކެނޑޭގޮތަށް ރައްޔިތުންގެ މެދުގައި ޝަރުޢީދާއިރާއާ މެދު އޮންނަ އިތުބާރު ގެއްލޭގޮތަށް ސިސްޓަމެޓިކްކޮށް، އިލެކްޝަންސް ކޮމިޝަނުން ހިންގާފާއިވާ ޢަމަލުތަކެއްކަމަށް ބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްނެގުމުގެ މަތިން ހިންގާ ސުމޯޓޯ މައްސަލައެއްގެ ގޮތުގައި ބެލެވޭ މައްސަލައެއްކަން މިމައްސަލައިގެ ޞީޣާއިން އެނގެން އޮންނަ މައްސަލައެއްކަން އެނގެއެވެ.
2- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅާފައިވާ ދަށުކޯޓުތަކަށް ކަމަށާއި، އަދި ހަމަ މި މާއްދާގެ (ށ) ގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި އަދި ހަމަ މި މާއްދާގެ (ނ) ގައި އަމިއްލަ ފަރުދަކު ކަމަށްވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކުވިޔަސް ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒުފޯރުވައި ހަދައިގެން ނުވާނެކަމަށާއި އަދި ހަމަ މި މާއްދާގެ (ރ) ގައި ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކި ފަރާތަކަށްނުޖެހި، ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށްޓަކައި، ޤާނޫނާއި ޤަވާޢިދުތަކުގެ ޛަރީޢާއިންނާ އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ޙަވާލުވެތިބި އެންމެހާ މީހުން ކޯޓުތަކަށް އެހީތެރިވާން ވާނެކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާކަން އެނގެން އޮންނަހިނދު ޤާނޫނުއަސާސީގެ 156 ވަނަ މާއްދާގައި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާބެހޭ ޤަވާޢިދު ހެދުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއްކަމަށް ކަނޑައެޅި ބަޔާންވެފައިވާކަން އެނގެން އޮތުމުން، ކޯޓުތަކަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ މައި މުއައްސަސާތައް ކަމަށްވީހިނދު، އެތަންތަން ޙިމާޔަތްކޮށް ރައްކާތެރިކޮށް، އަދި އެތަންތަނުގެ ހައިބަތާއި ކަރާމާތާއި، އަދި އެތަންތަނުގެ ޙުރުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަކީ، އަމިއްލަ ފަރުދުންނާއި އެންމެހައި މުއައްސަސާތަކުގެ މައްޗަށް ޤާނޫނުއަސާސީން ލާޒިމުކޮށްފައިވާ ދުސްތޫރީ ޒިންމާއެއްކަމާއި، އަދި ކޯޓުތަކުގެ ހައިބަތާއި ކަރާމާތާއި ޙުރުމަތް ރައްކާތެރިކުރުމަށާއި އަދި ޢަދުލު އިންސާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ޤާއިމުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހާ ޤަވާއިދުތައް ހެދުމަކީ، ޤާނޫނުއަސާސީން ކޯޓުތަކަށް ލިބިދީފައިވާ ބާރެއްކަމާއި، އަދި މިގޮތުން ޤާނޫނުއަސާސީގެ ނައްޞުން ސުޕްރީމް ކޯޓަކީ، ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތް ކަމަށްވީހިނދު، ސުޕްރީމް ކޯޓުގެ ހައިބަތާއި ކަރާމާތާއި ޤަދަރާއި، ޙުރުމަތްތެރިކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދަންޖެހޭ ޤަވާޢިދުތައް ހެދުމަކީ، ޤާނޫނުއަސާސީން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރެއްކަން އެނގެއެވެ.
3- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ) އިން ސުޕްރީމް ކޯޓަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތްކަމަށްވާތީ، އޭގެ ޒާތުގައި އެކޯޓަށް ލިބިދޭ ބާރުގެ ދަށުން ބަލާ މައްސަލަތަކަކީ، އެ މައްސަލަތައް ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ މައްސަލަތަކެއްކަމާއި، އަދި ބުނެވުނު ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުން އެ މައްސަލައަކީ، ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށް ވާނަމަ އެމައްސަލައަކީ އެ މައްސަލަ ބެލުމުގެ އަޞްލީ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވާ ބާވަތުގެ މައްސަލައެއްކަމާއި އަދި މީގެ އިތުރުން ބުނެވުނު ޤާނޫނުގެ 22 ވަނަ މާއްދާއިން ޤާނޫނުއަސާސީން ސުޕްރީމް ކޯޓަށް ދީފައިވާ ބާރުތަކުގެ އިތުރުންނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ އެހެން މާއްދާތަކުން ސުޕްރީމް ކޯޓަށް ދީފައިވާ އިޚްތިޞާޞް ގެ އިތުރުން، އެތައް ކަމެއްގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވާކަމާއި މިގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައްކުރުމާއި، އަދި އެފަދަ މައްސަލަތަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ޢަދުލު އިންޞާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި، ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށާއި އަދި ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ޤަވާޢިދުގައި ހިމެނޭ އުޞޫލުތަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ، ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމުގެ މަތިން، ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި، ނުވަތަ ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ނެރެންޖެހޭ އެކި އެކި އަމުރުތައް ނެރުމުގެ ބާރާއި، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅިގެން ސުޕްރީމް ކޯޓަށް ޙާޟިރުކުރަން ބޭނުންވާ މީހުން، ޤާނޫނާ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ޙާޟިރުކުރުމުގެ ބާރާއި، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ކަމެއްގެ ތެދު ޙަޤީޤަތް ހޯދުމަށްޓަކައި، ބޭނުން ސުވާލެއް، ކޮންމެ ވަގުތެއްގައި ވިއަސް، މައްސަލައާ ގުޅުންހުރި ކޮންމެ ހެކިވެރިއަކާ، ނުވަތަ ދެ ޚަޞްމުންކުރެ ޚަޞްމަކާ ކުރުމުގެ ބާރާއި، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަކައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރާއި މިފަދަ އެންމެހާ އިޚްތިޞާޞްތަކަކީ ސުޕްރީމް ކޯޓަށް ލިބިގެންވާ އިޚްތިޞާޞްތަކެއްކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން އެނގެއެވެ.
4- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ޤާނޫނުއަސާސީ އާއި ޤާނޫނު މަނާކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި އަދި މީގެ އިތުރުން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) ގައި މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަންހިންގާ ފަރާތުންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހައި ރައްޔިތުން އެމައްޗަށް ތަބާވުން ލާޒިމު ނިންމުމެއްކަމަށް ކަނޑައެޅި ބަޔާންވެފައިވުމުން ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ، އެއަށް އިޙްތިރާމްކޮށް އެނިންމުންތަކުގައި ބަޔާންވެގެންވާ ގޮތުގެމަތިން ޢަމަލުކުރުން ލާޒިމްވާނެ ނިންމުންތަކެއްކަމާއި އަދި އެ ނިންމުންތަކުގައިވާ ގޮތުގެ މަތިން ޢަމަލުނުކުރުމުގެ އެއްވެސް އިޚްތިޔާރެއް އެއްވެސް ޙައިޘިއްޔަތަކުން ފަރުދަކަށްވިޔަސް މުއައްސަސާއަކަށް ވިޔަސް ލިބިގެންނުވާކަން އެނގެ އެވެ.
5- ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިޘިއްޔަތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި 144 ވަނަ މާއްދާއާއި 156 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 09 ވަނަ މާއްދާ ގެ (ޅ) އާއި 11 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި 22 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ ބާރުގެ ދަށުން "ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ހިންގާ "ސުމޯޓޯ" ޤަޟިއްޔާތައް ހިންގުމުގައި ޢަމަލުކުރާނެ އިޖުރާއީ ޢުޞޫލުތައް ބަޔާންކުރާ ޤަވާޢިދު" މިނަމުގައި ސުޕްރީމް ކޯޓުން 06 ފެބްރުއަރީ 2014 ގައި ޤަވާޢިދެއް ހަދައި އެއަށް ޢަމަލުކުރަން ފަށާފައިވާކަމާއި، މިޤަވާޢިދުގެ 3 ވަނަ މާއްދާގައި ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނެގެހެއްޓުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އެންމެހައި ސަރަޙައްދުތަކުގައި ޤާނޫނުގެ ވެރިކަން ކަށަވަރުކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް ސުޕްރީމް ކޯޓުން ބަލާ މައްސަލައެއް ބެލުމުގައި ރިޢާޔަތްކުރަންވާނެ އުޞޫލުތައް ކަނޑައެޅިފައިވާކަމާއި އޭގެތެރޭގައި: މި ޤަވާޢިދުގެ ދަށުން ބަލަންޖެހޭ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ސުޕްރީމް ކޯޓުގެ ބެލުމަށް ނިންމާއިރު އެމައްސަލައަކާ ގުޅިގެން ޖަވާބުދާރީވާންޖެހޭ ފަރާތް ނުވަތަ ފަރާތްތައް ފަނޑިޔާރުންގެ މަޖިލީހުން ކަނޑައެޅުމާއި، އަދި މި ޤަވާޢިދުގެ ދަށުން ބެލުމަށް ކަނޑައެޅިފައިވާ މައްސަލަތަކާ ގުޅިގެން ޖަވާބުދާރީކުރުވަންޖެހޭ އެންމެހައި ފަރާތްތައް އެއީ ފަރުދަކު ކަމުގައިވިއަސް ނުވަތަ ދައުލަތުގެ ކަމަކާ ޙަވާލުވެގެންހުރި ފަރާތެއްކަމުގައިވިއަސް ނުވަތަ އެނޫން އެހެން ފަރާތެއް ކަމުގައިވިއަސް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް ޖަވާބުދާރީ ވުމުގެ ފުރުޞަތު ދިނުންފަދަ އުޞޫލުތައް ކަނޑައެޅި ބަޔާންވެފައިވާކަން އެ ޤަވާޢިދަށް ބެލުމުން އެނގެ އެވެ.
6- އިސްވެ އިޝާރާތްކުރެވުނު "ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ހިންގާ "ސުމޯޓޯ" ޤަޟިއްޔާތައް ހިންގުމުގައި ޢަމަލުކުރާނެ އިޖުރާއީ ޢުޞޫލުތައް ބަޔާންކުރާ ޤަވާޢިދު" ގެ 3 ވަނަ މާއްދާގައިވާ ޢުޞޫލުތަކަށް ރިޢާޔަތްކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާ މި މައްސަލައާ ގުޅިގެން ޖަވާބުދާރީ ކުރުވަންޖެހޭ ފަރާތްތަކުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤުއާއި، އަދި އެކޮމިޝަނުގެ ނާއިބު ރައީސް އަޙުމަދު ފަޔާޟް ޙަސަނާއި، އަދި އެކޮމިޝަނުގެ މެމްބަރުން ކަމުގައިވާ ޢަލީ މުޙައްމަދުމަނިކާއި، މުޙައްމަދު ފާރޫޤާއި މި ފަރާތްތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާކަމާއި އަދި މި ފަރާތްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް ޖަވާބުދާރީވުމުގެ ފުރުޞަތު ޤާނޫނުގައިވާ ގޮތުގެމަތިން މި ފަރާތްތަކަށް ދެވިފައިވާކަން އެނގެ އެވެ.
7- މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބިފައިވާ ލިޔެކިއުންތަކަށް ބަލާއިރު އޭގެތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ ގައިޑްލައިންތަކުގައި އައިސްފައިވާ އަޙްކާމުތަކާބެހޭ ގޮތުން ދައްކާފައިވާ ކަމަށް ބަޔާންކޮށްފައިވާ ޚަބަރުތައް ހިމެނޭ ޑޮކިއުމަންޓްތައް ހިމެނިފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު އާއި އަދި އެ ކޮމިޝަނުގެ މެމްބަރުން ކަމުގައިވާ ޢަލީ މުޙައްމަދުމަނިކާއި މުޙައްމަދު ފާރޫޤާއި މިފަރާތްތަކުން ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޙުކުމާއެކު ކަނޑައަޅާފައިވާ ގައިޑްލައިންތަކުގައި އައިސްފައިވާ ބައެއް ކަންތައްތަކާ އެއްގޮތަށް ޢަމަލުކުރުމާ ދެކޮޅުހަދާކަން ދޭހަވާފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކަމާއި އަދި އިސްވެ އިޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ބިނާކޮށްފައިވާ އަސާސްތަކާމެދު ޝައްކާ ވަހުމް އުފެދޭ ގޮތަށް ވާހަކަދައްކާފައި ވާކަން އެ ޑޮކިއުމަންޓްތަކުގައި އެމީހުން ބުނިކަމަށް ގެނެސްދީފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނައިރު އެވާހަކަތަކަކީ، ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށްބުނެ އެއާމެދު ޗެލެންޖުކޮށް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިނުވާކަން ފާހަގަކުރެވޭއިރު މި ބާވަތުގެ ވާހަކަތަކަކީ، ސުޕްރީމް ކޯޓުގެ ޙުކުމްތަކަށާއި ނިންމުންތަކަށް ޢަމަލުކުރުމަށް ޤާނޫނުއަސާސީއާއި އަދި ކޯޓުތަކުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޢުޞޫލާ އެއްގޮތަށް ދައްކާފައިވާ ވާހަކަތަކެއްކަމަށް ނުބެލެވޭ ކަމާއި އެހެންކަމުން މިފަރާތްތަކުގެ މިވާހަކަތަކަކީ ސުޕްރީމް ކޯޓުގެ ހައިބަތާއި ޤަދަރަށާއި ޙުރުމަތްތެރިކަމަށް އުނިކަން ގެނެސްދީ، ސުޕްރީމް ކޯޓުގެ ނިންމުންތަކާމެދު ޢާންމުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެދިގެންދާ ގޮތަށް ދައްކާފައިވާ ވާހަކަތަކެއްކަމަށް މެނުވީ ނުވާނެކަން އެނގެ އެވެ.
8- މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބިފައިވާ ލިޔެކިއުންތަކަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ސޮއިކޮށް އެ ކޮމިޝަނުން 22 ޑިސެމްބަރ 2013 ގައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އެކޮމިޝަނުގެ ނަންބަރު 38-DB/32/2013/14 ސިޓީ ހިމެނިފައިވާކަމާއި އެސިޓީގައި މުޅިންހެން ވާހަކަދައްކާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގައިވާ ގައިޑްލައިނުގައި ހިމެނޭ ބައެއް އަޙްކާމުތަކަކީ އެއަށް ޢަމަލު ކުރެވޭނެ އަޙްކާމުތަކެއް ނޫންކަމުގެ މައްޗަށްކަން ސިޓީއަށް ބެލުމުން ފެންނަން އޮތުމުން މި ސިޓީ އަކީވެސް ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުމާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުން ވާހަކަދައްކާފައިވާ ސިޓީއެއްކަމުން މި ސިޓީއަކީވެސް ސުޕްރީމް ކޯޓުގެ ހައިބަތާއި ކަރާމާތާއި ޙުރުމަތް ކެނޑޭގޮތަށް ލިޔެފައިވާ ސިޓީއެއްކަން ސާފުކޮށް އެނގެ އެވެ.
9- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/11 ޤަޟިއްޔާގައި "ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގައި "މި ޤާނޫނުގެ މަޤްޞަދައްޓަކައި މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ކޮމިޝަނުގައި ރަޖިސްޓަރީ ކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 10,000 (ދިހަހާސް) މެންބަރުން ހަމަވާ ޕާޓީތަކަކީ މި ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޕާޓީތަކެއް ކަމުގައި ބެލެވޭނެ އެވެ." މި ފަދައިން މި މާއްދާގައި ބަޔާންކުރުމަށްފަހު، ސިޔާސީ ޕާޓީގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި "ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ މަދުވެގެން 10,000 (ދިހަހާސް) މީހުންގެ ސޮއި ހޯދައި، ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ......" މި ފަދައިން މި މާއްދާގެ މި އަކުރުގައި ބަޔާންކޮށްފައި ވާއިރު، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދީފައިވާ ޙައްޤު، މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ލިބިދެވޭ މިންވަރަށްވުރެ ބޮޑަށް ހަނިކުރެވިފައިވާކަން އިސްވެބަޔާން ކޮށްފައިވާ ކަންކަމަށް ބެލުމުން އެނގެން އޮންނާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) އާއި އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި "ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދިފައިވާ، މަދުވެގެން 10,000 (ދިހަހާސް) މީހުންގެ ސޮއި ހޯދައި، ކޮމިޝަނަށް ހުށަހަޅަންވާނެއެވެ." މި ފަދައިން އޮންނަ އޮތުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި ޚިލާފުވާ ކަމަށްޓަކައި ބާޠިލުކަމަށް ކަނޑައެޅުމާއެކު، މި ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނަށް އިޞްލާޙު ގެނެސް ޢަމަލުކުރަން ފެށެންދެން، ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ސިޔާސީ ޕާޓީ އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ މަދުވެގެން 3,000 (ތިންހާސް) މީހުންގެ ސޮއި ހޯދައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އޮތް އޮތުން ބާޠިލުނުވެ، ޢަމަލުކުރުން ދެމިއޮންނާނެކަމަށް ސުޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." މިފަދައިން ޙުކުމް ކޮށްފައިވަނިކޮށް އެ ޙުކުމާ ކަނޑައެޅިގެން ޚިލާފުވާގޮތަށް 16 ސެޕްޓެމްބަރ 2013 އިންފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކިއެކި ޕާޓީތަކަށް 10،000 (ދިހަހާސް) މެންބަރުން ހަމަކުރުމަށް ނޯޓިސްދީ އެ ޕާޓީތަކަށް އަންގާފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު 2013/9/22) (A)DA/-2013/520) ގެ ޢިއުލާނުން އެނގެން އޮތުމުން އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުމަކީ ސުޕްރީމް ކޯޓުން ކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ޙުކުމަށް ކަނޑައެޅިގެން ޗެލެންޖުކޮށް ސުޕްރީމް ކޯޓުގެ ޙުރުމަތާއި ކަރާމާތާއި ހައިބަތު ގެއްލޭގޮތަށް ޤާނޫނުއަސާސީއާއި ކޯޓުތަކުގެ ޤާނޫނުގައި ކަނޑައެޅިފައިވާ ޢުޞޫލުތަކާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޢަމަލެއްކަން އެނގެ އެވެ.
10- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/11 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ އިސްވެ އިޝާރާތްކުރެވުނު ފަދައިން ކަމަށްވާއިރު އެ ޙުކުމުގެ އެއްވެސް ތަނެއްގައި 3,000 (ތިންހާސް) މީހުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަށް ބުނެފައިނުވާއިރު، ވަކި ތާރީޚެއްގެ ކުރިން 3,000 (ތިންހާސް) މީހުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ދީފައިވާކަމާއި އަދި 3,000 (ތިންހާސް) މީހުން ހަމަނުވާކަމަށްބުނެ ބައެއް ސިޔާސީ ޕާޓީތައް 06 ފެބްރުއަރީ 2014 ގައި އިލެކްޝަންސް ކޮމިޝަނުން އުވާލާފައިވާކަން މިކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބިފައިވާ ރަސްމީ ލިޔެކިއުންތަކުން އެނގެން އޮތުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ރައިސް ފުއާދު ތައުފީޤާއި ނާއިބު ރައީސް އަޙުމަދު ފަޔާޟް ޙަސަންއާއި އަދި އެކޮމިޝަނުގެ މެންބަރުން ކަމުގައިވާ ޢަލީ މުޙައްމަދުމަނިކާއި މުޙައްމަދު ފާރޫޤާއި މިފަރާތްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކުގައި ވެފައިވާ އިޢުތިރާފްތަކުންވެސް އެނގެން އޮންނައިރު، އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމުމެއް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ މި އިޝާރާތްކުރެވުނު ނަންބަރު 2013/SC-C/11 ޤަޟިއްޔާގެ ޙުކުމުގައިވާ ޢިބާރާތުން ދޭހަވާ ދޭހަވުމެއްގެ މައްޗަށް ކަމަށް ބުނެފައިވާއިރު، އެ ޤަޟިއްޔާގެ ޙުކުމުގައިވާ އެއްވެސް ޢިބާރާތަކުން ޞަރީޙަކޮށް ނުވަތަ ޞަރީޙަކޮށް ނޫންނަމަވެސް 3,000 (ތިންހާސް) މީހުން ހަމަނުވާ ސިޔާސީ ޕާޓިތައް އުވާލުމުގެ އެއްވެސް ބާރެއް އެ ޙުކުމުގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަށް ކަނޑައެޅިފައި ނުވާއިރު، 3,000 (ތިންހާސް) މީހުން ހަމަނުވާ ސިޔާސީ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން އުވާލުމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާ ގޮތުންކަމަށްބުނެ މެމްބަރުން ވާހަކަ ދައްކާފައިވަނީ ސުޕްރީމް ކޯޓުގެ ހައިބަތާއި ކަރާމާތާއި އަދި އެކޯޓުގެ ޙުރުމަތް ކެނޑިދާފަދަ ގޮތަކަށްކަން އެނގެއެވެ.
11- ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 86 ވަނަ މާއްދާއަށް ބަލާއިރު: ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން މިޤަވާޢިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާއި، ޢަދުލު އިންޞާފު ޤާއިމްކޮށް ދެމެހެއްޓުމަށާއި، ޢަދުލު އިންސާފުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރާއި، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ނުވަތަ ކަމަކާ ގުޅޭ ގޮތުން ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާއި، ޢަދުލު އިންސާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި ޢަދުލު އިންޞާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުމަށްޓަކައި އަދި، ޢަދުލު އިންޞާފުގެ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރާއި މިޤަވާޢިދާއި ޢުޞޫލުތަކާއި އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ ކޯޓުގެ އަމިއްލަ އިސްނެގުމަކަށް، ނުވަތަ މައްސަލާގައި ހިމެނޭ ފަރާތެއްގެ އެދުމުގެ މަތިން ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި، ނުވަތަ ޢަދުލު އިންޞާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުމަށްޓަކައި ކޯޓަށް ފެންނަ އަމުރެއް ކުރުމުގެ ބާރާއި ސުޕްރީމް ކޯޓުން ބަލާ މައްސަލަތަކާއި ޤަޟިއްޔާ ތަކާ ގުޅިގެން ސުޕްރީމް ކޯޓަށް ޙާޟިރުކުރަން ބޭނުންވާ މީހުން ޤާނޫނާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ޙާޟިރުކުރުމުގެ ބާރާއި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ނުވަތަ ކަމަކާ ގުޅޭ ގޮތުން ކަމެއްގެ ތެދު ހޯދުމަށް ބޭނުންވާ ސުވާލެއް، އެ ސުވާލަކީ ކޮންމެ ސިފައެއްގައި، ކޮންމެ ވަގުތެއްގައި މައްސަލައާ ގުޅުންހުރި ނުވަތަ އެއްވެސް ގުޅުމެއްނެތި ކުރެވޭ ސުވާލެއްކަމުގައި ވީނަމަވެސް، ކޮންމެ ހެކިވެރިޔަކާއި ދެޚަޞްމުންކުރެ ޚަޞްމަކާއި ކުރުމުގެ ބާރާއި، އަދި އެ މައްސަލައަކާ ނުވަތަ އެ ކަމަކާ ގުޅޭގޮތުން ކޯޓަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރު ކުރުމުގެ ބާރާއި މިބާރުތަކަކީ، ސުޕްރީމް ކޯޓުގެ ވިރާސީ ބާރުތަކުގެ ގޮތުގައި ލިބިދީފައިވާ ބާރުތަކެއްކަން އެނގެއެވެ.
12- މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު ދައްކާފައިވާ ވާހަކަތަކުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުމާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާފައިވާކަމާއި އަދި މިފަދަ މައްސަލައެއް ސުޕްރީމް ކޯޓުން ބެލުމާމެދު އިޢުތިރާޟުކޮށް ވާހަކަދައްކާ ފައިވާކަން އެނގެއެވެ.
މި މައްސަލަ ނިންމަން ފެންނަގޮތް:
އިސްވެ ބަޔާންކުރެވިދިޔަ ދުސްތުރީ އަދި ޤާނޫނީ ހަމަތަކަށް ރިޢާޔަތްކޮށް ބަލާއިރު، ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ޗެލެންޖުކޮށް އެ ނިންމުންތަކުގެ ޙުރުމަތް ކެނޑޭގޮތަށް އިލެކްޝަންސް ކޮމިޝނުގެ ރައީސް ފުއާދު ތައުފީޤު އާއި އަދި އެ ކޮމިޝަނުގެ ނާއިބު ރައީސް އަޙުމަދު ފަޔާޟް ޙަސަންއާއި އެ ކޮމިޝަނުގެ މެންބަރުންކަމުގައިވާ ޢަލީ މުޙައްމަދުމަނިކާއި މުޙައްމަދު ފާރޫޤު ޢަމަލުކޮށްފައިވާކަން ފާހަގަވާތީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 88 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސުޕްރީމް ކޯޓުން އެ މީހުންނާމެދު ފިޔަވަޅު އެޅިދާނެކަމަށް ފެނެއެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.