—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2015/SC-A/05
ދަޢުވާކުރާ ފަރާތް: ޒުންނަވާރު ސަލީމް
ދަޢުވާލިބޭ ފަރާތް: އެންޓި-ކޮރަޕްޝަން ކޮމިޝަން
އެޓަރނީ ޖެނެރަލްގެ އޮފީސް
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
މައްސަލައިގެ ބާވަތް: އިދާރީ ފިޔަވަޅު ބާޠިލްކުރުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 15 ޖެނުއަރީ 2015
ރަޖިސްޓްރީކުރެވުނު ތާރީޚް: 01 މާރޗް 2015
ނިމުނު ތާރީޚް: 26 ސެޕްޓެންބަރު 2016
މައްސަލަ ނިންމި ގަޑި: 12:00
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
ނަންބަރު: 2014/HC-A/161
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 12 ޖޫން 2014
ނިމުނު ތާރީޚް: 04 ނޮވެންބަރު 2014
ފާހަގަކުރެވުނު ނުކުތާތައް
1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުން އެދި މ.ނައިންހައުސް، މާލެ، ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި މައްސަލައިގައި އިލްތިމާސްގެ މި ދަޢުވާ ރައްދުވާ ފަރާތްތަކުގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުން 03 (ތިން) ފަރާތެއް ހިމަނާފައިވެއެވެ. އެއީ އެންޓި-ކޮރަޕްޝަން ކޮމިޝަންއާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އާއި މި ތިން ފަރާތެވެ.
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، ޒުންނަވާރު ސަލީމް ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއް ކަން އެނގެއެވެ.
3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގެ ދަށުން، އިސްތިއުނާފު ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، އެންޓި–ކޮރަޕްޝަން ކޮމިޝަންއާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އާއި މި ތިން ފަރާތުގެ މައްޗަށް ދަޢުވާ ލިބޭގޮތަށް ޒުންނަވާރު ސަލީމް، މ.ނައިންހައުސް، މާލެ، ގެ ފަރާތުން ދަޢުވާކުރުމުން ސިވިލް ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއް ކަމާއި، އެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް، ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ލިބިގެންވާ ބާރަކީ، ހަމައެކަނި ދައުލަތުގެ އިދާރާތަކުން ހިންގާ ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުގެ ގޮތުގައި ތުހުމަތުކުރެވޭ ކަންތައްތައް ތަޙުޤީޤު ކުރުމާއި، އެ ތަޙުޤީޤު ފުރިހަމަ ކުރުމަށް މަގުފަހިކޮށްދޭ އެހެނިހެން ކަންތައް ކުރުންކަމުގައި ވީހިނދު، 25 ޖުލައި 2013 ވަނަ ދުވަހު އޭ.ސީ.ސީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިޔުމުގައި، ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އަށް ހުށަހަޅައިގެން އެކްރެޑިޓް ކޮށްފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ ފޯޖް ސެޓްފިކެޓެއްކަމަށް އޭ.ސީ.ސީގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ، ޒުންނަވާރު ސަލީމް ބެޗްލަރ އޮފް ލޯ ސެޓްފިކެޓް އެކްރެޑިޓް ކުރުމަށްޓަކައި ހުށަހެޅި އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކާއި، އެހެނިހެން ލިޔުންތަކަކީވެސް ފޯޖްކޮށްފައިވާ ލިޔުންތަކެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފާހަގަކުރެވިފައި ވާކަމަށް ބުނެ، ބެޗްލަރ އޮފް ލޯ ސެޓްފިކެޓްގެ އެކްރެޑިޓޭޝަން ބާޠިލް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގައި ދަންނަވައި، އަދި އެޓަރނީ ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލްކޮށް ދެއްވުމާއި، އެކަމާ ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޓަރނީ ޖެނެރަލްއަށް އަންގާފައިވަނީ، އޭ.ސީ.ސީގެ މެންޑޭޓުން ބޭރުން ކުރި ތަހުޤީޤެއްގެ މައްޗަށް ބިނާކޮށްގެން ކަމަށާއި، އެހެންކަމުން އޭ.ސީ.ސީގެ ތަޙުޤީޤު އޭގެ އިންތަކުން ފަހަނައަޅައި ގޮސްފައިވުމުން އެފަދަ ތަހުޤީޤެއްގެ މައްޗަށް ބިނާކުރެވިފައިވާ ޙަޤީޤަތްތައް ޞައްޙަނުވާނެތީވެ، މި މައްސަލައާ ގުޅިގެން އޭ.ސީ.ސީ އިން އެކުލަވާލާފައިވާ ތަޙުޤީޤު ރިޕޯޓު ބާޠިލްވާނެ ކަމަށާއި، މިގޮތުން އޭ.ސީ.ސީގެ ތަޙުޤީޤު ރިޕޯޓް ބާޠިލް ކޮށްދެއްވުމަށާއި، އޭ.ސީ.ސީއަށް، އިސްވެ ބުނެވުނު އިދާރާތަކަށް އެފަދަ އެންގުމެއް އެންގުމުގެ އިޚްތިޞާޞް ޤާނޫނީ ގޮތުން ލިބިދީފައި ނުވާހިނދު، އޭ.ސީ.ސީގެ އެންގުމުގެ މައްޗަށް ބިނާކޮށް އެފަދަ ފިޔަވަޅެއް ނޭޅޭނެކަމަށް ކަނޑައަޅައި ދެއްވުމަށާއި، އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެންގުމުގެ މައްޗަށް ބިނާކޮށް 25 ޖުލައި 2013 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމްގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލް ކޮށްފައިވަނީ، އަދި 04 އޯގަސްޓް 2013 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ބެޗްލަރ އޮފް ލޯ ސަނަދުގެ ވެލިޑޭޝަން ބާޠިލް ކޮށްފައިވަނީ ޤާނޫނީ ގޮތުން އިޚްތިޞާޞް ލިބިފައިވާ ފަރާތެއްގެ އެންގުމުގެ މައްޗަށް ބިނާކޮށްގެން ނޫންކަމަށްވާތީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނިންމުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނިންމުން ބާޠިލް ކޮށްދިނުމަށް އެދި، އޭ.ސީ.ސީގެ މައްޗަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ މައްޗަށާއި، އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މައްޗަށް ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާއެއްކަން އެ މައްސަލައިގެ ދަޢުވާ ފޯމުގެ ޚުލާޞާގައި ބަޔާންކޮށްފައިވާ އެ ދަޢުވާގެ ޞީޣާއިން އެނގޭކަމާއި،
ސިވިލް ކޯޓުން، އެ ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (2008) ގެ 199 ވަނަ މާއްދާގެ ދަށުން އުފަން ކޮށްފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ޤާނޫނުއަސާސީގެ 202 ވަނަ މާއްދާގެ ދަށުން، ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމާއި، ކޮރަޕްޝަންގެ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫން ގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކު ކުރެވިއްޖެނަމަ، އެކަމެއް ބަލައި ތަހުޤީޤުކުރުމާއި، ކޮމިޝަނުން ތަހުޤީޤުކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން އިދާރާތަކުން އިތުރަށް ބަލައި ސާފުކުރަންޖެހޭ ކަންތައްތައް އެ ފަރާތްތަކަށް ހުށަހަޅައި، ޝަރީޢަތަށް ހުށަހަޅަންޖެހޭކަމަށް ފެންނަ ކަންތައްތައް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމާއި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމުގެ މަސްއޫލިއްޔަތާއި، ބާރު ލިބިފައިވާ މުސްތަޤިއްލު މުއައްސަސާއެއް ކަމަށާއި، އަދި ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމާ ގުޅޭގޮތުން ޢާންމުކޮށް ހާމަކުރަންޖެހޭ ކަންކަން ހާމަކުރުމާއި، ކަމާގުޅޭގޮތުން ޝާއިޢު ކުރަންޖެހޭ ބަޔާންތައް ޝާއިޢުކުރުމާއި، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނެ އެންމެހައި ކަންކަން ކުރުމުގެ މަސްއޫލިއްޔަތު އެ ކޮމިޝަނަށް މަތިކޮށްފައިވާ ކަމަށާއި، އަދި އެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ފ) ގެ ދަށުން އެ ޤާނޫނާއި، އަދި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން ހެދިފައިވާ އެހެން ޤާނޫނުތަކުގައިވާ މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި ތަހުޤީޤުކުރުމާއި މައްސަލަ ބެލުމަށްޓަކައި ކޮމިޝަނަށް ބޭނުންވާ އެހެނިހެން ބާރުތައްވެސް ކޮމިޝަނަށް ލިބިދީފައިވާކަން އެ މާއްދާތަކުން އެނގެން އޮންނަކަމަށާއި،
މ. ނައިންހައުސް ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ޞައްޙަނޫން ސެޓްފިކެޓްތަކެއް ހުށަހަޅާފައިވަނިކޮށް ބަލަން ވާވަރަށް ނުބަލައި، ޞައްޙަނޫން ބެޗްލަރ އޮފް ލޯ ސެޓްފިކެޓެއް އޭނާއަށް އެކްރެޑިޓް ކޮށްފައިވާކަމަށް ބުނާ މައްސަލަ، މި ސުރުޙީގެ ދަށުން 25 ޖުލައި 2013 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ލިޔުމަކީ އެ ކޮމިޝަނުން ކުރަމުން ގެންދާ ތަހުޤީޤާ ގުޅިގެން އެހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ޝާއިޢު ކުރުމަށްޓަކައި އެކުލަވާލާފައިވާ ލިޔުމެއްކަމަށާއި، އަދި އެ ލިޔުމަކީ ތަހުޤީޤުކޮށް ނިންމުމަށްފަހު އެކުލަވާލާފައިވާ ތަޙުޤީޤު ރިޕޯޓެއް ނޫންކަން އެ ރިޕޯޓުގެ އެންމެ ފަހު ޕެރެގްރާފުގައި، "މ. ނައިންހައުސް ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހެޅި ސެޓްފިކެޓް އެކްރެޑިޓް ކުރުމުގައި އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގާފައިވޭތޯ ބެލުމަށްޓަކައި މި ކޮމިޝަނުން މި ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންކަމަށް،" މިފަދައިން ލިޔެފައި އޮތުމުން އެ ލިޔުމާ މެދު އެފަދަ އޮޅުމެއް އޮތުމުގެ ޖާގައެއް ނެތްކަމަށާއި، އަދި ހަމަ އެ ލިޔުމުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުޤީޤުކުރަމުން ގެންދާ މައްސަލައިގެ އަޞްލަކީ ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހެޅި ސެޓްފިކެޓްގެ ޞައްޙަކަން ބެލުން ކަމުގައި ނުވިއަސް، އެ ތަޙުޤީޤު ފުރިހަމަކުރެވޭނީ އެ ސެޓްފިކެޓްތަކުގެ އަޞްލު ދެނެގަނެވިގެންކަން އެ ތަހުޤީޤުގެ މައުޟޫޢުއިން އެނގެން އޮންނަކަމަށާއި،
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤު ކުރަމުން ގެންދާ މައްސަލައިގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި، ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓާއި، އެ ސެޓްފިކެޓް ލިބުން ބިނާވެފައިވާ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތައް ދޫކުރި ތަޢުލީމީ މަރުކަޒުތަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ލިޔުމުން، ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިވާ އެ ސެޓްފިކެޓް ތަކަކީ އެ މަރުކަޒުތަކުން ދޫކޮށްފައިވާ ސެޓްފިކެޓްތަކެއް ނޫންކަމަށާއި، ޒުންނަވާރު ސަލީމަކީ އެ ތަޢުލީމީ މަރުކަޒުތަކުގެ ދަރިވަރެއް ނޫންކަމަށް އެ މަރުކަޒުތަކުން ބުނެފައިވާތީ، ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓާއި، އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކަކީ ޞައްޙަނޫން ސެޓްފިކެޓްތަކެއްކަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އެނގިފައިވުމުން، އެ މަޢުލޫމާތު ސިއްރުނުކޮށް ވީހާވެސް އަވަހަކަށް އެ މަޢުލޫމާތު ކަމާބެހޭ ދައުލަތުގެ އިދާރާތަކަށާއި، ޢާންމުންނަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޙިއްޞާކޮށްފައިވުމަކީ، އެންޓި-ކޮރަޕްޝަނުން މި މައްސަލައިގައި އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތައް އަދާކުރަމުން ގެންދާކަން އެނގެން އޮންނަކަމެއް ކަމަށާއި، އަދި އެ ޢަމަލަކީ ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްޝަން ނައްތައިލުމަށް ޖެހިލުންވުމެއްނެތި މަސައްކަތްކުރުމަށް އުފައްދާފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަޤުޞަދު ޙާޞިލްކުރުމަށްޓަކައި އެ ކޮމިޝަނުން ކޮށްފައިވާ ކަމެއްކަމަށް ޝަރީޢަތަށް ބުރަވެވޭ ކަމަށާއި، އަދި އެ މަޢުލޫމާތު އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެޓަރނީ ޖެނެރަލްގެ އޮފީހަށާއި، އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ޙިއްޞާކުރުމުން، އެ މަޢުލޫމާތުގެ މައްޗަށާއި، އަދި އޭގެ އިތުރަށް ބަލަންވާ ކަންކަމަށް ބެލުމަށްފަހު، އެޓަރނީ ޖެނެރަލްގެ އޮފީހުން އެ ސެޓްފިކެޓްގެ މައްޗަށް ބިނާކޮށް ޒުންނަވާރު ސަލީމަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދައާއި، އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެ ސެޓްފިކެޓްތައް ވެލިޑޭޓްކޮށްފައި އޮތްއޮތުން ބާޠިލްކޮށްފައިވަނީ، ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާތީކަމަށް ބަޔާންކޮށް މި ދަޢުވާގައި ޒުންނަވާރު ސަލީމް އެދިފައިވާ ކަންކަން އެ ގޮތުގައި ޝަރީޢަތަށް ކަނޑައަޅައި ދެވެން ނެތްކަމަށް ޙުކުމްކޮށްގެން ކަމާއި
މި ކަންކަން އިސްވެ އިޝާރާތް ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
4- ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ކަންތައްތަކަކީ އެ ޤަޟިއްޔާގައި ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކެއް ނޫންކަން އެނގެން އޮންނާތީ ކަމަށް ބަޔާންކޮށް، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަށާއި، އެ ޤާނޫނުގެ 43 ވަނަ މާއްދާއަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށްބުނެ ޒުންނަވާރު ސަލީމް އެ ކޯޓަށް ހުށަހަޅާފައިވާ ނަންބަރު 2014/HC-A/161 ޤަޟިއްޔާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްގެންކަމާއި މި ކަންކަން ހައިކޯޓުގެ ނަންބަރު2014/HC-A/161 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި، ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާ، އެ ކޯޓުން ނިންމި ގޮތް ރަނގަޅު ނޫންކަމަށް ބުނެ ޒުންނަވާރު ސަލީމުގެ ފަރާތުން ފާހަގަ ކޮށްފައިވާ މައިގަނޑު ޝަކުވާއަކީ ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޒުންނަވާރު ސަލީމުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ކަންތައްތަކަކީ، ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކެއް ނޫންކަމަށް ބުނެ ޒުންނަވާރު ސަލީމުގެ އިސްތިއުނާފީ ދަޢުވާގެ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާއިން ޙުކުމް ކޮށްފައިވާތީ އެކަން ބަޔާންކޮށް ޒުންނަވާރު ސަލީމުގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާކަން ޒުންނަވާރު ސަލީމުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެއެވެ.
6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގޭ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތްތަކުގެ ގޮތުގައި ޒުންނަވާރު ސަލީމް ބަޔާންކޮށްފައިވާ އިސްވެ ބަޔާންކުރެވިދިޔަ ތިން ފަރާތްކަމުގައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަން އާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އާއި މި ފަރާތްތަކުން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ، މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުން ތަކުގެ މައްޗަށާއި، ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފަށް ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ މ. ނައިންހައުސް، ޒުންނަވާރު ސަލީމްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ އިސްތިއުނާފާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާ އިސްތިއުނާފް ކުރުމަށް ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ކަންތައްތަކަކީ އެ ޤަޟިއްޔާގައި ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކެއް ނޫންކަމަށް ބަލައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަށާއި، އެ ޤާނޫނުގެ 43 ވަނަ މާއްދާއަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށްބުނެ ޒުންނަވާރު ސަލީމް އެ ކޯޓަށް ހުށަހަޅާފައިވާ ނަންބަރު 2014/HC-A/161 ޤަޟިއްޔާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގައި ހައިކޯޓުން ކޮށްފައިވާ ޙުކުމުގެ ޢިބާރާތަށް ބެލުމުން އެނގެން އޮތުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ އެގޮތުގެ މަތިން އެ ކޯޓުން ނިންމާފައި އެވަނީ އެ ޤަޟިއްޔާގެ ދަށުން ޒުންނަވާރު ސަލީމް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ޢަލީގައި ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް އެގޮތުގެ މަތިން ކޮށްފައި އެވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންތޯ ނުވަތަ ނޫންތޯ އެއްވެސް މިންވަރަކަށް އިސްތިއުނާފީ ނަޒަރަކުން ބަލައި، ފައިޞަލާކުރަނިވި، ނިޔާއެއް ކަނޑައަޅައިގެން ނޫންކަން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާ، ބަޔާންވެދިޔަ ގޮތުގެމަތިން ނިންމުމަށް އެ ކޯޓުން ބުރަވި މައިގަނޑު ސަބަބެއް ކަމުގައި އެ ކޯޓުން ބަޔާންކޮށްފައިވާ ސަބަބަކީ، ސިވިލް ކޯޓުގެ ނަންބަރު1790/Cv-C/2013 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ޒުންނަވާރު ސަލީމް ހުށަހަޅާފައިވާ އިސްތިއުނާފު ބިނާކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ނަގާފައިނުވާ ދިފާޢުތައް ނުހިމެނޭ ގޮތުން މުޅިން އައު އަސާސްތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށްވުން ކަމަށްބުނެ ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ސަބަބުކަން އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކާއި ޙުކުމުގެ ޢިބާރާތަށް ބެލުމުން އެނގެން އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާ އިސްތިއުނާފުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު އެ ކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގެ ދަށުން ޒުންނަވާރު ސަލީމް ހައިކޯޓަށް ހުށަހަޅާފައިވަނީ މުޅިއެކު ފަސްނުކުތާ ކަމާއި އެ ފަސްނުކުތާގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުޤީޤުކޮށް ނިންމުމުގެކުރިން ޙިއްޞާކުރި މަޢުލޫމާތާ ގުޅިގެން އެ ކޮމިޝަނުން ތަހުޤީޤުގައި ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗްލަރ އޮފް ލޯ" ސެޓްފިކެޓް ގެ ވެލިޑޭޝަން ބާޠިލްކުރުމުގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހުން ވަކާލާތުކުރުމުގެ ހުއްދަ ބާޠިލް ކުރައްވާފައިވަނީ ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލުގެ 2 ވަނަ ނަންބަރުގެ (ޅ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ދެމިއޮއްވައި އެޤަވާޢިދާ ޚިލާފަށް ކަމުގައިވުމުން ވަކާލާތު ކުރުމުގެ ހުއްދަ ބާޠިލް ކުރެއްވި ކުރެއްވުން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އާއި އަދި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފްވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާކަމާއި،
ދެވަނަ ނުކުތާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުން ބެލި ބެލުމުން ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅައި ވެލިޑޭޓް ކޮށްފައިވާ ޔުނިވަރސިޓީ އޮފް އީސްޓްލަންޑްގެ "ބެޗްލަރ އޮފް ލޯ" ސަނަދާއި އެ ސަނަދާއެކު ހުށަހަޅާފައިވާ އެހެން ބައެއް ސަނަދާއި ލިޔުންތަކަކީ ޞައްޙަނޫން ފޯޖް ސަނަދެއް ކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފާހަގަކުރެވުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން "ބެޗްލަރ އޮފް ލޯ" ސަނަދުގެ ޓްރާންސްކްރިޕްޓްތައް އެޓެސްޓްކޮށް އަދި ހަމަ އެހެންމެ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގާ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ އެއްވެސް ސަނަދެއް ބާޠިލް ކުރެވޭނެ ޤާނޫނީ ސަބަބެއް ނޫންކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާކަމާއި،
ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ބާރުލިބިގެން ދަނީ އެކޮމިޝަނުން ކުރަމުންދާ ތަހުޤީޤުތަކާ ގުޅިގެން ޖިނާއީ އިޖުރާއާތާ ގުޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފް ނުވާގޮތުގެ މަތިންކަން ބަޔާންކޮށްފަ އޮތުމާއި އެ ޤާނޫނުގެ 22 ވަނަ މާއްދާގައި ކޮރަޕްޝަނަކީ ކޮބައިކަން ބަޔާން ކުރުމުގައި، ކޮރަޕްޝަން ކަމުގައި ބުނެފައި އެވަނީ ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާ ކަންތައްތައް ކަމުގައިވާއިރު، އެ ޤާނޫނުގައި ފޯޖް ސެޓްފިކެޓްގެ މައްސަލަތައް ކޮރަޕްޝަންގެ ތެރޭގައި ހިމެނިފައިނެތުމުން ދަށުކޯޓުގެ ނިންމުން ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 22 ވަނަ މާއްދާއާ ޚިލާފުވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާކަމާއި،
ހަތަރުވަނަ ނުކުތާއަކީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް އޭގެ އަޞްލުގެ ގޮތުގައި ދެމިއޮއްވައި ޒުންނަވާރު ސަލީމް ވަކާލާތު ކުރުމުގެ ހުއްދަ ހޯދުމަށް ހުށަހެޅި ލިޔުންތަކަކީ ސައްޙަ ލިޔުންތަކެއް ކަމަށް ނުވާކަމަށްބުނެ، ޒުންނަވާރު ސަލީމްގެ ކިބައިގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަދިނުމަށް ޝަރުޠު ފުރިހަމަ ނުވާކަމަށް ބައްލަވައި، ވަކާލާތު ކުރުމުގެ ހުއްދަ ބާޠިލް ކުރެއްވި ކުރެއްވުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާއި އަދި 20 ވަނަ މާއްދާއާ ތަޢާރުޟުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާކަމާއި،
ފަސްވަނަ ނުކުތާއަކީ، 6 ޖެނުއަރީ 2014 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާނުގައި އެ ކޮމިޝަނުން ބެލި އަޞްލު މައްސަލައަކީ ފޯޖް ސެޓްފިކެޓްގެ މައްސަލަ ނޫންކަމަށާއި، ފޯޖް ސެޓްފިކެޓްކަމަށް ތުހުމަތުކޮށް ބެލި މައްސަލައަކީ އެ ކޮމިޝަނުގެ މެންޑޭޓުން ބޭރުންކޮށްފައިވާ ކަމެއް ކަމަށް އެ ކޮމިޝަނުން ވެފައިވާ އިޢުތިރާފުން، ޒުންނަވާރު ސަލީމް ހުށަހެޅި މައްސަލައިގެ ޞީޣާއާ އެއްގޮތަށް މައްސަލަ ސާބިތުވެފައި ވަނިކޮށް، ޒުންނަވާރު ސަލީމް އެދިފައިވާ ގޮތަށް އެކަންކަން، އެގޮތުގައި ޝަރީޢަތަށް ކަނޑައަޅައި ދެވެން ނެތްކަމަށް ކުރެއްވި ޙުކުމް ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާގެ (ފ) ގެ ދަށުން އެ ކޮމިޝަނަށް ލިބިދޭ އިޚްތިޞާޞްއާ ތަޢާރުޟުވުމާއި، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާ ޚިލާފުވުންކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާކަމާއި
މި ފަސް ނުކުތާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ދެވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާގެ ޞީޣާ، ޒުންނަވާރު ސަލީމްގެ ދަޢުވާ ފޯމުގައިވާ ދަޢުވާގެ ޚުލާޞާގައި ބަޔާންކުރެވިފައި ވާގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގައި ބަޔާންކުރެވިފައި އެ ވަނީކަން އެނގެން އޮންނައިރު، އެ ދަޢުވާގެ ދަށުން ޒުންނަވާރު ސަލީމް އެދިފައިވާ ގޮތަށް ނިޔާކަނޑައަޅައި ދިނުމަށް ޒުންނަވާރު ސަލީމް އެދޭ އެ ދަޢުވާގެ މައިގަނޑު އަސާސަކީ، 25 ޖުލައި 2013 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ލިޔުމުގައި ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅައިގެން އެކްރެޑިޓްކޮށްފައިވާ ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ ފޯޖް ސެޓްފިކެޓެއް ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ ޒުންނަވާރު ސަލީމްގެ ބެޗްލަރ އޮފް ލޯ ސެޓްފިކެޓް އެކްރެޑިޓް ކުރުމަށްޓަކައި ހުށަހެޅި އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކާއި އެހެނިހެން ލިޔުންތަކަކީވެސް ފޯޖްކޮށްފައިވާ ލިޔުންތަކެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފާހަގަކުރެވިފައި ވާކަމަށް ބުނެ ޒުންނަވާރު ސަލީމްގެ ބެޗްލަރ އޮފް ލޯ ސެޓްފިކެޓްގެ އެކްރެޑިޓޭޝަން ބާޠިލްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް، އަދި އެޓަރނީ ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލްކޮށްދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންޑޭޓްއާއި އިޚްތިޞާޞްގެ ބޭރުންކުރި ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށްގެންކަމަށް ޒުންނަވާރު ސަލީމް ދެކޭތީ އެފަދަ ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެޓަރނީ ޖެނެރަލްގެ އޮފީހަށާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އެންގި އެންގުމެއްގެ މައްޗަށް ބިނާކޮށް 25 ޖުލައި 2013 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމްގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލް ކުރިކުރުމާއި އަދި 04 އޯގަސްޓް 2013 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޒުންނަވާރު ސަލީމްގެ ބެޗްލަރ އޮފް ލޯގެ ވެލިޑޭޝަން ބާޠިލްކުރިކުރުން ޞައްހަވާނެ ކަމަށް ޒުންނަވާރު ސަލީމް ނުދެކޭތީ އެ މައިގަނޑު އަސާސްކަން ޒުންނަވާރު ސަލީމް އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާގެ ޞީޣާއަށް ބެލުމުން ސާފުކޮށް އެނގެން އޮންނައިރު، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާގައި ޝަރީޢަތުން ނިޔާކަނޑައަޅައި ދިނުމަށް އެދިފައިވާ ކަންކަމުގެ މައްޗަށާއި، އަދި އެ ދަޢުވާ ބިނާކޮށްފައިވާ އެ ދަޢުވާގެ އަސާސްގެ މައްޗަށާއި އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފްކޮށްދިނުމަށް އެދި ޒުންނަވާރު ސަލީމް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2014/HC-A/161 ޤަޟިއްޔާއަށް ޒުންނަވާރު ސަލީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވިދިޔަ އިސްތިއުނާފީ ފަސް ނުކުތާގައި ޒުންނަވާރު ސަލީމްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާގެ ދަޢުވާގެ ދަށުން ބަލައި ނިޔާ ކަނޑައަޅައި ދިނުމަށް ޒުންނަވާރު ސަލީމް އެދިފައިވާ ކަންކަމުގެ ޙުދޫދުގެ ބޭރުން، މުޅިން އާ ދަޢުވާތަކެއް ކަމުގައި ބެލެވޭ އެއްވެސް ހުށަހެޅުމެއް ބަލައި ނިޔާ ކަނޑައަޅައިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާއަށް ޒުންނަވާރު ސަލީމް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި އެދިފައި ނުވާކަމާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ކޮށްފައިވާ އިސްވެ ބަޔާންވެދިޔަ ދަޢުވާ ބިނާކޮށްފައިވާ މައިގަނޑު އަސާސް ކަމުގައި އެ ދަޢުވާގައި ބަޔާންކޮށްފައިވާ އިސްވެ ބަޔާންކުރެވިދިޔަ އެ ދަޢުވާގެ އަސާސް ކަމުގައި ނުބެލެވޭ އެއްވެސް ކަމެއް އެއީ އެ ދަޢުވާގެ އަސާސްކަން ދޭހަވާ ފަދަ ޢިބާރާތެއް އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޒުންނަވާރު ސަލީމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްވެ ބަޔާންކުރެވިދިޔަ ފަސް ނުކުތާގައި ފާހަގަކޮށްފައި ނުވާކަން އެ ނުކުތާތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނައޮތުމުގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާއަށް ޒުންނަވާރު ސަލީމް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައިވެސް މައިގަނޑު ގޮތެއްގައި ޒުންނަވާރު ސަލީމް ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅުނޫން ކަމަށް ޒުންނަވާރު ސަލީމް ދެކޭ ޤާނޫނީ ނުކުތާ ތަކެއްކަން އެ ނުކުތާތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނައިރު ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި، އަސާސީ ޙައްޤެއްގެ ގޮތުގައި ކަށަވަރުކޮށްދީފައި ވާއިރު، ދަށު ކޯޓަކުން ނިންމާފައިވާ ނިންމުމެއް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގައި ސާފުބަހުން ބަޔާންކޮށްފައިވާއިރު، އަދި ހަމައެހެންމެ އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި އެ ޤާނޫނުގެ 38 ވަނަ މާއްދާ އާއި 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ޙާލަތްތައް ބަޔާންކުރެވިފައި ވާއިރު، އެ ޙާލަތްތަކުގެ ތެރޭގައި އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަންހުރުން ހިމެނިގެންވާކަން ބުނެވުނު ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮންނައިރު، އަދި "ހައިކޯޓުގެ ޤަވާޢިދު" ގެ 27 ވަނަ މާއްދާގައި އެ ޤަވާޢިދުގެ 25 ވަނަ މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ފަދަ ޙުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ބަޔާންކުރެވިފައިވާއިރު، އެ ޙާލަތްތަކުގެ ތެރޭގައި އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠްބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން ހިމެނިގެންވާކަން ހައިކޯޓުގެ ޤަވާޢިދުގެ ބުނެވުނު މާއްދާގެ (ހ) އިންވެސް ސާފުކޮށް އެނގެން އޮންނައިރު ދަށު ކޯޓަކުން ކޮށްފައިވާ ޙުކުމެއް ރަނގަޅުނޫން ކަމަށް ދެކި ކަމާބެހޭ ފަރާތްތަކުން ޤާނޫނީ ނުކުތާއެއް ހުށަހަޅާނަމަ ހުށަހަޅަންވާނީ އެފަދަ ޤާނޫނީ ނުކުތާއެއް ކުރިން ދަށު ކޯޓަށް ހުށަހެޅިފައިވާނަމަ ކަމަށް، ނުވަތަ ދަށު ކޯޓުގައި މައްސަލަ ހިނގިއިރު، އެ ކޯޓަށް ހުށަހަޅާފައިވާ ޤާނޫނީ ނުކުތާއެއް އެ ހުށަހެޅި ގޮތަށްކަމަށް ބުނާ އެއްވެސް ޤައިދެއް ނުވަތަ ޝަރުޠެއް އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާއާއި 43 ވަނަ މާއްދާގައި ބަޔާންކުރެވިފަ ނުވާކަން އެ މާއްދާތަކަށް ބެލުމުން ސާފުކޮށް އެނގެން އޮތުމުން ދަށު ކޯޓުގައި މައްސަލަ ހިނގިއިރު އެ ކޯޓަށް ހުށަހަޅާފައިނުވާ އާ ޤާނޫނީ ނުކުތާއެއް، އިސްތިއުނާފީ މަރުޙަލާގައި ފާހަގަވެފައިވާނަމަ، ދަށު ކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުވާ ކަމަށް ދެކި އެ ޙުކުމް އިސްތިއުނާފުކުރާ ފަރާތަށް ފެންނަ ޤާނޫނީ ނުކުތާތަކުގެ އަލީގައި ދަށު ކޯޓުން ނިންމާފައިވާ މައްސަލަ އަލުން ބަލައި އިސްތިއުނާފުކޮށްދިނުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމަކަށް، އަދި މި ބަޔާންކުރެވުނު ގޮތުގެމަތިން ޤާނޫނީ ނުކުތާތަކެއް ފާހަގަކޮށް ދަށު ކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކޮށް ދިނުން އެދި ޤަވާއިދުން ކަމާބެހޭ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ހުށަހެޅި ފަރާތުން ހައިކޯޓަށް ހުށަހެޅި ޤާނޫނީ ނުކުތާތަކުގެ އަލީގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުން އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންތޯ ނުވަތަ ނޫންތޯ، އިސްތިއުނާފީ ނަޒަރަކުން މައުޟޫޢީ ގޮތުން ހައިކޯޓުން އަލުންބަލައި ނިޔާއެއް ކަނޑައެޅުމަކަށް ވެސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާއާއި 43 ވަނަ މާއްދާ އާއި އަދި "ހައިކޯޓުގެ ޤަވާޢިދު" ގެ 27 ވަނަ މާއްދާ އެއްވެސް މިންވަރަކަށް ހުރަސްއަޅާފައި ނުވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް އެގޮތުގެމަތިން ކުރުމުގައި ހައިކޯޓުން ރިޢާޔަތްކޮށްފައިވަނީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އާއި، އެ ޤާނޫނުގެ 43 ވަނަ މާއްދާއާއި، ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއަށް ކަން އިސްވެއިޝާރާތްކުރެވުނު ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމްގެ ޢިބާރާތަށް ބެލުމުން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާ އެގޮތުގެމަތިން ނިންމުމުގައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ އާއި "ހައިކޯޓުގެ ޤަވާޢިދު" ގެ 27 ވަނަ މާއްދާ ތަޠްބީޤްކޮށް، އެ މާއްދާތަކަށް ރިޢާޔަތްކުރި ގޮތް ޞައްޙަކަމަށް ބެލެވޭނެ ތަނެއް ނެތްކަން މަތީގައި ބަޔާންކުރެވިދިޔަ، ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނަންބަރުގެ (ރ) ގެ ދަށުގައި ބަޔާންކުރެވިދިޔަ ސަބަބުތަކުން ރަނގަޅަށް އެނގެން އޮންނާތީއާއި އަދި ދަށު ކޯޓަކުން ނިންމުމެއް ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކި ކަމާބެހޭ ފަރާތަކުން އެ މައްސަލަ ޤަވާޢިދުން އިސްތިއުނާފުކުރާއިރު، ދަށު ކޯޓަށް ހުށަހެޅުނު އެ މައްސަލައިގެ ދަޢުވާގެ މަޢުޟޫޢު އާއި އަދި އެ ދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކުގެ ނުވަތަ އަސާސްތަކުގެ ޙުދޫދުގެ ތެރެއިން، ދަށު ކޯޓަށް ހުށަހެޅުމަށް ނުކުޅެދުނު އާ ހެއްކާއި އާ ދިފާޢުތައް އިސްތިއުނާފީ ކޯޓަށް އަލުން ހުށަހެޅުމަކަށް، މައްސަލަތައް އިސްތިއުނާފު ކުރުމާބެހޭ ޤާނޫނީ އުޞޫލުތައް އެއްވެސް މިންވަރަކަށް ހުރަސްނާޅާކަން، އެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަ އޮތުމުގެ އިތުރުން، އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކުރެވިފައި ވީނަމަވެސް، އެ މާއްދާގެ (ށ) ގައި އެ މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައި ނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެ ކަމެއް ނޫންކަމަށް ސާފުބަހުން ބަޔާންކުރެވިފައި އޮންނަ އޮތުމުގެ މައްޗަށް ބަލާއިރު، ޝަރީޢަތަށް ހުށަހެޅޭ ދަޢުވާއަކާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ ދިފާޢުތަކަކީ މައްސަލައިގައި ހިމެނޭ ޚަސްމަކު އަނެއް ޚަސްމާ ދެކޮޅަށް ބުނާ ބުނުންތައް އެއީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ބުނާ ބުނުންތަކެއް ނޫންކަމުގެ މައްޗަށް މައްސަލައިގައި ހިމެނޭ އަނެއް ޚަސްމު ޝަރީޢަތަށް ހުށަހަޅާ ޙުއްޖަތުތައް ކަމަށްވީ ހިނދު، މައްސަލައިގެ ޚަސްމަކު އޭނާގެ ދިފާޢުގައި އަނެއް ޚަސްމާ ދެކޮޅަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ހުށަހަޅާ ހެއްކަކީ ނުވަތަ ހެކިތަކަކީވެސް ދިފާޢެއް ކަމުގައި ބެލެވޭނެ ހިނދު، ބުނެވުނު ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) އިން ދަށު ކޯޓުގައި ހުށަހެޅުމުފެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިދީފައިވާކަން އެނގެން އޮތުމުން ދަށުކޯޓަށް އެއްވެސް ސަބަބަކާ ހެދި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ދިފާޢުތައް ވެސް އެ މައްސަލައިގެ އިސްތިއުނާފީ މަރުޙަލާގައި އިސްތިއުނާފީ ކޯޓަށް ހުށަހެޅުމަށް ބުނެވުނު ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ހުރަސްއަޅާފައި ނުވާކަން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގެ ނައްޞަށް ނަޒަރުކޮށް ބެލުމުން އެނގެން އޮންނާތީއާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތަށް ޒުންނަވާރު ސަލީމް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އެ ނުކުތާތަކަކީ ޒުންނަވާރު ސަލީމް ސިވިލް ކޯޓަށް ހުށަހެޅި އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާ ރައްދުކޮށްފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަންއާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އާއި މި ތިން ފަރާތުން ޒުންނަވާރު ސަލީމްއާ މެދު އެޅިކަމަށް އެ ދަޢުވާގައި އޭނާ ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅާފައިވަނީ، ޤާނޫނާ ޚިލާފަށްކަމަށް ދެކި އެ ނުކުތާތަކުގެ އަލީގައި ސިވިލް ކޯޓުގެ ބަޔާންވެ ދިޔަ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅުނޫން ކަމުގެ މައްޗަށް އޭނާގެ ދިފާޢުގައި ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކެއްކަން އެ ނުކުތާތަކުގައި އޭނާ ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނާތީ އިސްވެ އިޝާރާތްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާ އެގޮތުގެ މަތިން ނިންމުމުގައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ތަޠްބީޤުކޮށް، އެ މާއްދާގެ އެ އަކުރަށް ރިޢާޔަތްކުރި ގޮތްވެސް ޞައްޙަކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، ފުރަތަމަ މަރުޙަލާގެ ކޯޓަކުން ނިންމަވާފައިވާ ނިންމުމެއް، އިސްތިއުނާފީ ކޯޓުން އަލުންބަލައި ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އުޞޫލުތަކަށް ބަލައި ރިޢާޔަތްކުރާއިރު، އިސްތިއުނާފީ އުޞޫލުގެ މަފްހޫމް ނިޔާކުރަނީ، މުޝައްރިޢު އެހެންގޮތަކަށް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތައް ފިޔަވައި ފުރަތަމަ މަރުޙަލާގެ ނުވަތަ ފުރަތަމަ ދަރަޖައިގެ ކޯޓުކަމަށް ބެލެވޭ ކޯޓަކަށް، ފުރަތަމަ ފަހަރަށް ދަޢުވާ ހުށަހެޅި، އެ ކޯޓުން އެ ދަޢުވާގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކުރަނިވި ޙުކުމެއް ކުރުމުން، އެ ޙުކުމާ މެދު ހިތްހަމަނުޖެހިގެން، ކަމާބެހޭ ފަރާތަކުން ދެވަނަ ދަރަޖައިގެ ނަމުން ނުވަތަ އިސްތިއުނާފީ ކޯޓުގެ ނަމުން ނަންދެވިފައިވާ ކޯޓެއްގައި ފުރަތަމަ ދަރަޖައިގެ ކޯޓުން ނެރުނު ޙުކުމް، އިސްތިއުނާފުގެ ނަޒަރުން އަލުން ބަލައި ދިނުމަށް އެދި ކަމާބެހޭ ފަރާތަކުން ޤަވާޢިދުން ހުށަހެޅުމުން، އިސްތިއުނާފީ ކޯޓުން، ފުރަތަމަ ދަރަޖައިގެ ކޯޓުން ކުރި ޙުކުމާ ގުޅޭ ދަޢުވާގެ މައްސަލަ އިސްތިއުނާފީ ކޯޓުން އަލުން ބަލައި، ފުރަތަމަ ދަރަޖައިގެ ކޯޓުން ނިންމާފައިވާ ނިންމުމާ މެދު އިސްތިއުނާފީ ކޯޓުން ނިހާއީ ޙުކުމެއް ކޮށްގެން ޢަދުލު އިންޞާފު ލިބިދިނުމަށް ކަމާއި، މިގޮތުން އިސްތިއުނާފީ ކޯޓުން، ފުރަތަމަ ދަރަޖައިގެ ކޯޓުންކުރި ޙުކުމް ކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި އިސްތިއުނާފީ ކޯޓުން އިސްތިއުނާފީ ދަޢުވާއެއް ބެލުމުގައި އެ ކޯޓުން ރިޢާޔަތްކުރަންޖެހޭ މުހިންމު ޤާނޫނީ އުޞޫލެއް ވާކަމާއި، އެ އުޞޫލަކީ، ފުރަތަމަ ދަރަޖައިގެ ކޯޓުން ކުރި ޙުކުމާބެހޭ ދަޢުވާގެ މައްސަލަ އިސްތިއުނާފީ ކޯޓުން އަލުން ބަލައި ނަޒަރުކުރާއިރު، ފުރަތަމަ ދަރަޖައިގެ ކޯޓަށް ހުށަހެޅިފައިނުވާ، މުޅިން އާ ދަޢުވާތަކުގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް ފުރަތަމަ ފަހަރަށް ހުށަހެޅޭ ހުށަހެޅުންތައް ބެލުމުން، އިސްތިއުނާފީ ކޯޓުން މަނާވެގަތުން ކަމާއި އެފަދަ އާ ދަޢުވާތައް އިސްތިއުނާފީ ކޯޓުން ފުރަތަމަ ފަހަރަށް ބެލުމުން މަނާވެގަންނަން ޖެހެނީ މައިގަނޑު ދެ ސަބަބަކަށްޓަކައި ކަމާއި ފުރަތަމަ ސަބަބަކީ، އިސްތިއުނާފީ ކޯޓަށް މުޅިން އާ ދަޢުވާގެ ގޮތުގައި ހުށަހެޅޭ އާ ކަންތައްތައް، އެ ފަރާތަކަށް ރައްދުވި، މައްސަލައިގެ އަނެއް ޚަޞްމަށް، ޢަދުލު އިންޞާފު ހޯދުމަށް ޤާނޫނީގޮތުން ލިބިފައިވާ މަރުޙަލާތަކުގެ ތެރެއިން ފުރަތަމަ މަރުޙަލާ، އެ ފަރާތަށް ލިބުމުން މަޙުރޫމްވާ ގޮތަށް، ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅިގެން އެ ކޯޓުން ބެލި ދަޢުވާއާ އެއްވެސް ގުޅުމެއްނެތް ގޮތެއްގައި އިސްތިއުނާފީ މަރުޙަލާގައި މުޅިން އާ ދަޢުވާތަކުގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް އަލަށް ހުށަހެޅޭ ހުށަހެޅުންތައް އެ ކޯޓުން ޤަބޫލުކުރުމަކީ، މުޝައްރިޢު އެހެންގޮތަކަށް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތައް ފިޔަވައި، ޢަދުލު އިންޞާފު ހޯދުމަށް އެއް މަރުޙަލާއަށްވުރެ ގިނަ މަރުޙަލާ ލިބިދީ ޢަދުލު އިންޞާފު ލިބިދިނުން ކަށަވަރު ކުރުމުގެ ގޮތުން ޤަޟާއީ ނިޒާމުގައި މުޝައްރިޢު ކަނޑައަޅާފައިވާ ޤާނޫނީ ޤަވާޢިދުތަކާ އަދި އިޖުރާއީ އުޞޫލުތަކާ ފުށުއަރާ ކަމެއްކަމަށް ވުންކަމާއި، ދެވަނަ ސަބަބަކީ، އިސްތިއުނާފުގެ ތަޞައްވުރު ބިނާވެފައިވަނީ ފުރަތަމަ ދަރަޖައިގެ ކޯޓުން ކުރި ޙުކުމް ރަނގަޅުނޫން ކަމުގެ މައްޗަށް ދެއްކެން ހުރި މައުޤޫލު ސަބަބެއްގެ މައްޗަށް ބިނާކޮށް ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ އެ ޙުކުމަށް ތަޢުނުކުރުމުގެ ފުރުޞަތު ލިބިދިނުމުގެ މައްޗަށް ކަމަށްވާއިރު، އިސްތިއުނާފީ ނަޒަރުން އިސްތިއުނާފީ ކޯޓުން މައްސަލައެއް ބަލަމުންދާއިރު، އާ ދަޢުވާތަކުގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް އަލަށް ހުށަހެޅޭ ހުށަހެޅުންތަކާ މެދު ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމެއް ނެތީސް އާ ދަޢުވާތަކުގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް އަލަށް ހުށަހެޅޭ ހުށަހެޅުންތައް އެ ކޯޓުން ބަލައިގަތުމަކީ ބަޔާންކުރެވިދިޔަ އިސްތިއުނާފީ ތަޞައްވުރާ މުޅިން ފުށުއަރާ ކަމަށްވުން ކަމާއި އަދި މީގެ އިތުރުން ދަށު މަރުޙަލާގެ ކޯޓަކުން ކުރި ޙުކުމެއް، އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފު ކުރުމުގެ ސަބަބުން ނުކުންނަ މައިގަނޑު ނަތީޖާ ތަކުގެތެރެއިން އެންމެ މުހިންމު އެއް ނަތީޖާއަކީ ދަށު ކޯޓަށް ހުށަހެޅުނު ދަޢުވާއަކީ ޖިނާއީ ދަޢުވާއެއް ކަމަށްވިޔަސް ނުވަތަ މަދަނީ ދަޢުވާއެއް ކަމަށްވިޔަސް އެ ދަޢުވާ އިސްތިއުނާފީ ކޯޓުން ބެލުމަށްޓަކައި، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ދަޢުވާގައި ހިމެނޭ ވާޤިޢާ (ފެކްޓް) ތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައް ހިމެނޭގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން އިސްތިއުނާފީ ކޯޓަށް މުޅި ދަޢުވާ އަލުން ނަޤުލުވެގެން ދިއުންކަމާއި، މިގޮތުން ދަށު ކޯޓުން ކޮށްފައިވާ ޙުކުމް، އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފުކުރެވިގެން ދިއުމާއެކު، ފުރަތަމަ މަރުޙަލާގެ ކޯޓަށް އެ ދަޢުވާ ހުށަހެޅިގެން ދިޔަ ވަގުތުން ފެށިގެން އެ ދަޢުވާ ބެލުމަށް އެ ކޯޓަށް ޤާނޫނީގޮތުން ލިބިގެންވާ ހުރިހާ ބާރުތަކެއް އިސްތިއުނާފީ ކޯޓަށް އުޞޫލެއްގެ ގޮތުން ލިބިގެންވާކަމާއި މީގެތެރޭގައި އެ ދަޢުވާގެ އެންމެހައި ވާޤިއާތައް ބެލުމާއި، އަދި ކަމެއް ސާބިތުކުރުމަށްޓަކައި އިސްތިއުނާފީ ކޯޓަށް ފެންނަ އެންމެހައި އިޖުރާއާތުތަކެއް ފުރިހަމަކުރުމާއި ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުން ތަކުގައްޔާއި ޚަޞްމުންގެ ދިފާޢުތަކުގައި ހިމެނޭ އެންމެހައި ވާޤިއާތައް އަލުންބަލައި ވަޒަންކުރުމާއި އޭގެފަހުން ދަޢުވާގެ އެންމެހައި ވާޤިޢާތަކެއްގެ މައްޗަށް، އެ ކޯޓުން ތަޠުބީޤުކުރުން ޞައްޙަކަމަށް ފެންނަ ޤާނޫނީ ޤާޢިދާ ތަޠުބީޤުކުރުން ހިމެނިގެންވާކަން އެނގެން އޮތުމުން، ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާ އެ ކޯޓުން ބަލައި އެ ދަޢުވާގެ މައުޟޫޢުގެ މައްޗަށް އެ ކޯޓުން ނެރުނު ޙުކުމާމެދު ހިތްހަމަ ނުޖެހިގެން، ކަމާބެހޭ ފަރާތަކުން އެ ޙުކުމް ރަނގަޅު ނޫންކަމަށް ފެންނަ ސަބަބު ބަޔާންކޮށް އިސްތިއުނާފީ ކޯޓުގައި އެ ޙުކުމް އިސްތިއުނާފުކުރުމުން، ފުރަތަމަ މަރުޙަލާގެ ކޯޓުންކުރި ޙުކުމާ ގުޅޭ ދަށު ކޯޓުގެ ދަޢުވާގައި ހިމެނޭ ކަންކަމާ އެއްވެސް ގުޅުމެއް ނެތްގޮތުގައި، އިސްތިއުނާފީ ކޯޓުގެ އަމިއްލަ އިސްނެގުމުގެ ދަށުން ނުވަތަ އިސްތިއުނާފީ ދަޢުވާގައި ހިމެނޭ ފަރާތަކުން މުޅިން އާ ދަޢުވާއެއްގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް މުޅިން އަލަށް ހުށަހަޅާ ހުށަހެޅުމެއްގެ ދަށުންކަމަށް ވިޔަސް، ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާގެ މައުޟޫޢު އެ ކޯޓުން ބަލައި ގޮތެއް ކަނޑައަޅާ ކޮށްފައިވާ ޙުކުމާ ގުޅިފައިވާ ދަޢުވާއާ އެއްވެސް ގުޅުމެއްނެތް ގޮތުގައި މުޅިން އާ ދަޢުވާއެއް ކަމުގައި ބެލެވޭ ކަމެއްގެ މައުޟޫޢުގެ މައްޗަށް ފުރަތަމަ ފަހަރަށް އިސްތިއުނާފީ ކޯޓުން ބަލައި އެކަމާމެދު އެ ކޯޓުން ފައިޞަލާކުރަނިވި ގޮތުގައި އެއްވެސް ޙުކުމެއް ކުރުމަކީ، ފުރަތަމަ މަރުޙަލާގެ ކޯޓުންކުރި ޙުކުމް އިސްތިއުނާފީ ކޯޓަށް ހުށަހެޅުމުން، އިސްތިއުނާފީ ނަޒަރަކުން އެ ޙުކުމާމެދު، އެ ކޯޓުން ނަޒަރުކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި އެ ކޯޓަށް ޤާނޫނީގޮތުން ލިބިގެންވާ ބާރުތަކާއި ޙުދޫދުތަކުގެ ބޭރުން ކުރެވޭކަމެއް ކަމުގައި މެނުވީ ނުބެލެވޭނެ ކަމާއި އަދި މީގެ އިތުރުން ފުރަތަމަ މަރުޙަލާގެ ކޯޓުންކުރި ޙުކުމާ ގުޅޭ ދަށު ކޯޓުގެ ދަޢުވާއާ އެއްވެސް ގުޅުމެއް ނެތްގޮތުގައި، މުޅިން އާ ދަޢުވާއެއްގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް މުޅިން އަލަށް ހުށަހެޅޭ އެއްވެސް ހުށަހެޅުމެއް އިސްތިއުނާފީ ކޯޓުން ބެލުމުން މަނާވެގަތުމަކީ، ނިޒާމު ޢާންމު (ޕަބްލިކް އޯޑަރ) ގެ ތެރޭގައި ހިމެނޭ ކަމެއްކަމާއި އެހެންކަމުން އިސްތިއުނާފީ މަރުޙަލާގައި މައްސަލައިގައި ހިމެނޭ ޚަޞްމަކު މުޅިން އާ ދަޢުވާއެއް އިސްތިއުނާފީ ކޯޓަށް ހުށަހަޅައިފިނަމަ، އެ ކޯޓުން އެހުށަހެޅުން އިސްތިއުނާފީ މަރުޙަލާގައި ބަލައިނުގަތުމަށް ދަފްޢުކުރުމުގެ ޙައްޤު، މައްސަލައިގެ އަނެއް ޚަސްމަށް ލިބިގެންވާ ކަމާއި، އަދި ހަމައެހެންމެ އިސްތިއުނާފީ މަރުޙަލާގައި މައްސަލައިގައި ހިމެނޭ ޚަޞްމަކު މުޅިން އާ ދަޢުވާއެއް ހުށަހަޅައިފިނަމަ، މައްސަލައިގައި ހިމެނޭ އަނެއް ޚަޞްމު، އެހުށަހެޅުން އިސްތިއުނާފީ ކޯޓުން ބަލައި ނުގަތުމަށް އެދި ދަފްޢެއް ހުށަހަޅާފައި ނެތްނަމަވެސް އެފަދަ ހުށަހެޅުމަކީ، އިސްތިއުނާފީ ކޯޓުގެ އަމިއްލަ އިސްނެގުމުގެ ދަށުންވެސް، އިސްތިއުނާފީ މަރުޙަލާގައި ބަލައި ދެވޭނެ ހުށަހެޅުމެއް ނޫންކަމަށް އިސްތިއުނާފީ ކޯޓުން ކަނޑައަޅަންޖެހޭ ހުށަހެޅުމެއް ކަމާއި މިކަންކަން މައްސަލަތައް އިސްތިއުނާފުކުރުމާ ބެހޭ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނައޮތުމުގެ މައްޗަށާއި
ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ރ) ގައި އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މައްސަލައިގައި އާ ހުށަހެޅުންތަކެއް ހުށަހެޅި ކަމުގައި ވީނަމަވެސް އެ މައްސަލަ ހައިކޯޓުން ބެލުމުގައި އެ ނުކުތާތައް ބަލައި ނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެ ކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ދަށުކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުގެ ނަޒަރުން ދެވަނަ ފަހަރަށް އަލުންބަލައި ދިނުމަށް އެދި ކަމާބެހޭ ފަރާތަކުން ޤަވާޢިދުން އިސްތިއުނާފީ ކޯޓަށް އެ މައްސަލަ ހުށަހެޅުމުން އިސްތިއުނާފީ ކޯޓުން އެ މައްސަލަ އިސްތިއުނާފުކޮށް ބެލުމުގައި އިސްތިއުނާފުކުރި ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން އިސްތިއުނާފީ ކޯޓުން މައުޟޫއީ ގޮތުންބަލައި އެ ކަންކަމުގެ މައްޗަށް ފައިޞަލާކުރަވިނި ޙުކުމެއްކޮށްގެން ނުވާނެ ހުށަހެޅުމަކީ ނުވަތަ ހުށަހެޅުންތަކަކީ، މުޅިން އާ ދަޢުވާއެއް ނުވަތަ ދަޢުވާތަކެއްގެ ގޮތުގައި އިސްތިއުނާފީ ކޯޓަށް އަލަށް ހުށަހެޅޭ ހުށަހެޅުންތައްކަން ސާފުކޮށް އެނގެން އޮންނައިރު،
ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވާ ގޮތް ރަނގަޅުނޫންކަމަށް ބުނެ ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ އާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ބެލި ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާއަށް އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ޒުންނަވާރު ސަލީމް ހުށަހަޅާފައިވާ ބަޔާންކުރެވިދިޔަ ނުކުތާތަކަށް ބަލާއިރު، ކުރިންވެސް ބަޔާންކުރެވި ދިޔަ ފަދައިން އެ ނުކުތާތަކަކީ، ޒުންނަވާރު ސަލީމް ސިވިލް ކޯޓަށް ހުށަހެޅި އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތަށް ޒުންނަވާރު ސަލީމް ހުށަހަޅާފައިވާ ދަޢުވާއާއި އެ ދަޢުވާގެ އަސާސްގެ ގޮތުގައި ޒުންނަވާރު ސަލީމް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަންކަމާ އެއްވެސް ގުޅުމެއްނެތް ގޮތުގައި މުޅިން އާ ދަޢުވާއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ހައިކޯޓުން ބަލައި ދިނުމަށް އެދި ޒުންނަވާރު ސަލީމް ހުށަހަޅާފައިވާ ނުކުތާތަކެއް ނޫންކަމާއި އަދި ކިއެއްތަ! އެ ނުކުތާތަކަކީ، ޒުންނަވާރު ސަލީމް ސިވިލް ކޯޓަށް ހުށަހެޅި އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާ ރައްދުވި ފަރާތްތަކުން ޒުންނަވާރު ސަލީމް އާމެދު އެޅިކަމަށް އެ ދަޢުވާގައި އޭނާ ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ދެކި އެ ނުކުތާތަކުގެ އަލީގައި ސިވިލް ކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅު ނޫންކަމުގެ މައްޗަށް އޭނާގެ ދިފާޢުގައި ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކެއްކަން އެ ނުކުތާތަކުން އެނގެން އޮތުމުން އިސްވެ އިޝާރާތްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާއަށް ޒުންނަވާރު ސަލީމް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި، ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް އެ ކޯޓުން ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންތޯ ނުވަތަ ނޫންތޯ އެއްވެސް މިންވަރަކަށް ބެލުމަކާނުލައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް އެގޮތުގެމަތިން ކުރުމުގައި "ހައިކޯޓުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާ ތަޠްބީޤުކޮށް، އެ ޤަވާޢިދުގެ އެ މާއްދާއަށް ރިޢާޔަތްކުރި ގޮތް، އިސްވެދިޔަ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާކަމަށް ބެލެވޭނެތަނެއް ނެތުމެވެ.
(ކ) ހަތްވަނަ ކަމަކީ، އިސްވެބަޔާންކުރެވި ދިޔަ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކި ޒުންނަވާރު ސަލީމް ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލެވުނު ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާއަށް ޒުންނަވާރު ސަލީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި، ޒުންނަވާރު ސަލީމް ގެ އިސްތިއުނާފީ ދަޢުވާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް އެގޮތުގެމަތިން ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ތޯ ނުވަތަ ނޫންތޯ އެއްވެސް މިންވަރަކަށް، މައުޟޫޢީ ގޮތުން ފައިޞަލާކުރަނިވި ޙުކުމެއް ކުރަމަކާނުލައި، ޒުންނަވާރު ސަލީމް ހައިކޯޓަށް ހުށަހަޅާފައިވާ ނަންބަރު 2014/HC-A/161 ޤަޟިއްޔާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ކޮށްފައިވާ ރަނގަޅު ޙުކުމެއް ކަމަށް ބެލެވޭނެތަނެއް ނެތުމެވެ.
ޙުކުމް:
އިސްވެ، ބަޔާންކުރެވިދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ރަނގަޅު ޙުކުމެއް ނޫންކަން އެނގެން އޮންނާތީ އިސްވެ އިޝާރާތްކުރެވުނު ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައެޅުމާއެކު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގެ މުޅި މައްސަލައަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ޤަޟިއްޔާގެ މައްސަލަ ހައިކޯޓަށް އަލުން ފޮނުވައި، އެ ކޯޓުން އެ މައްސަލަ އަލުންބަލައި، ފައިޞަލާ ކުރަނިވި ނިންމުމެއް ނިންމަންޖެހޭ މައްސަލައެއްކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާއަށް ޒުންނަވާރު ސަލީމް މ. ނައިންހައުސް ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައުޟޫޢީ ގޮތުން ނަޒަރުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ބަޔާންކުރެވިފައިވާ އުޞޫލުތަކާ އަދި އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި (ރ) އާއި (ބ) ގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސިވިލް ކޯޓުގެ ނަންބަރު 1790/Cv-C/2013 ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާއާ ގުޅިގެން އެ ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް، އެގޮތަށް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންތޯ ނުވަތަ ނޫންތޯ ދިވެހިރާއްޖޭގެ ހައިކޯޓުން އަލުންބަލައި، ފައިޞަލާކުރަނިވި ނިންމުމަކުން އެ ކޯޓުން އެ މައްސަލަ ނިންމުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/161 ޤަޟިއްޔާގެ މުޅި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލުކުރުމަށް ކަނޑައަޅައި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން މި ގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.