—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2015/SC-A/17
ދަޢުވާކުރާ ފަރާތް: ޢަބްދުﷲ ޖަމީލް
ދަޢުވާ ލިބޭ ފަރާތް: ފާދިއްޕޮޅު ނައިފަރު ކައުންސިލުގެ އިދާރާ
މައްސަލައިގެ ބާވަތް: ބިމާބެހޭ
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 22 އެޕްރީލް 2015
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 02 ޖޫން 2015
ނިމުނު ތާރީޚް: 04 ފެބްރުވަރީ 2020
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2014/HC-A/37
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ފެބްރުވަރީ 2014
ނިމުނު ތާރީޚް: 28 ޖަނަވަރީ 2015
ފަނޑިޔާރު ޙުސްނުއްސުޢޫދު: (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދުކުރައްވާފައި)
ތަޢާރުފް
ފާދިއްޕޮޅު ނައިފަރުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު 18 މޭ 2011 ގައި ފާދިއްޕޮޅު ނައިފަރު ކައުންސިލުގެ އިދާރާއިން ހުޅުވާލިއެވެ.
ފާދިއްޕޮޅު ނައިފަރު ކައުންސިލުން ހުޅުވާލި ފުރުސަތުގައި، ނައިފަރުން ގޯއްޗެއް ހޯދުމަށް އެދި ޅ. ނައިފަރު ވައްވަރުގެ، އަލްފާޟިލް ޢަބްދުﷲ ޖަމީލު (މީގެ ފަހުން، "ޢަބްދުﷲ ޖަމީލު" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައިވާ) ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ އަށް (މީގެ ފަހުން، " ނައިފަރު ކައުންސިލު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް ބުނެފައިވާ) ފޯމު ހުށަހެޅިއެވެ.
ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް ކަނޑައަޅައި އެފަރާތްތަކަށް މާކްސް ލިބުނު ތަރުތީބުން ގޯތި ލިބުނު ފަރާތްތަކުގެ ތެރޭގައި ޢަބްދުﷲ ޖަމީލް ހިމެނުނެވެ.
ޢަބްދުﷲ ޖަމީލަށް ދިނުމަށް ގުރުއަތުން ނެގިފައިވާ ބަންޑާރަ ގޯތި (ގޯތި ނަންބަރު: B37/01) ނުދިނުމަށާއި، ޢަބްދުﷲ ޖަމީލު ގޯއްޗަށް އެދި ހުށަހެޅި ފޯމު ބާތިލުކުރުމަށް 23 މޭ 2012 ގައި ނައިފަރު ކައުންސިލުގެ އިދާރާ އިން ނިންމިއެވެ.
ދަށު ކޯޓުން ނިންމަވާފައިވާގޮތް
ޢަބްދުﷲ ޖަމީލަށް ދިނުމަށް ގުރުއަތުން ނެގިފައިވާ ބަންޑާރަ ގޯތި ނުދިނުމަށާއި، ޢަބްދުﷲ ޖަމީލު ގޯއްޗަށް އެދި ހުށަހެޅި ފޯމު ބާތިލުކުރުމަށް ނައިފަރު ކައުންސިލުގެ އިދާރާ އިން ނިންމުމުން އެކަން ޢަބްދުﷲ ޖަމީލުގެ ފަރާތުން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 161/G2C/2012 ގަޒިއްޔާގައި އެކޯޓުން ނިންމާފައިވަނީ، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ހުޅުމާލޭ ނަންބަރުC5-3-D ފުލެޓަކީ ޢަބްދުﷲ ޖަމީލުގެ މިލްކެއްކަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 251/HMC/2012 ގަޒިއްޔާއިން ސާބިތުވެފައިވާތީވެ، ފާދިއްޕޮޅު ނައިފަރުން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް 2011 ގެ ޞަފްޙާ ނަންބަރު 06 ގައި އިތުރު މަޢުލޫމާތު ހިމެނޭބައިގެ 05 ވަނަ ޕޮއިންޓުގައި، ފޯމު ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚުގެ ފަހުންވެސް ފޯމު ހުށަހަޅާފައިވާ މީހާ ނިޔާވުން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ތަރިކައިން ނުވަތަ އެނޫންވެސް ގޮތަކުން ގޯއްޗެއް ނުވަތަ ފުލެޓެއް ނުވަތަ ބިމެއް ލިބުން ފަދަ ފޯމު ހުށަހަޅާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތެއް އުނިވެއްޖެނަމަ އެމީހެއްގެ ފޯމު ބާތިލުވާނެކަމަށް ބަޔާންކޮށްފައިވާތީވެ، ޢަބްދުﷲ ޖަމީލަށް ދިނުމަށް ގުރުއަތުން ނެގިފައިވާ ގޯތި (B37/01) ނުދިނުމަށާއި، ޢަބްދުﷲ ޖަމީލު ގޯއްޗަށް އެދި ހުށަހެޅި ފޯމު ބާތިލުކަމަށް 23 މޭ 2012 ގައި ނައިފަރު ކައުންސިލުން ނިންމި ނިންމުމަކީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ނިންމި ސައްހަ ނިންމުމެއްކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތް
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 161/G2C/2012 ގަޒިއްޔާގެ ހުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/37 ގަޒިއްޔާއިން ތާއީދުކުރައްވާފައިވެއެވެ.
އިސްތިއުނާފުކުރުމަށް ހުށަހެޅުނު ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/37 ގަޒިއްޔާ އިސްތިއުނާފުކުރުމަށް، އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 4 ނުކުތާއެއް ހުށަހަޅާފައިވެއެވެ.
(ހ) މައްސަލަ ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ހަމަހަމަ ކުރުމާއި ތަފާތު ނުކުރުމުގެ ހައްގުތައް ގެއްލޭގޮތަށް، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވުން.
(ށ) އިސްތިއުނާފުކުރާ ފަރާތުން ގޯތި ހޯދުމަށް އެދި ނައިފަރު ކައުންސިލަށް ހުށަހެޅި ފޯމު ބާތިލުކޮށްފައިވަނީ ވުޖޫދުގައި ނެތް ޓްރާންސެކްޝަނެއްގެ މައްޗަށް ބިނާކޮށްފައި ކަމަށް ވުން.
(ނ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/37 ގަޒިއްޔާގައި ހުކުމްކުރެއްވި އިރު، ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ސަރުކާރުގެ އިދާރާއަކުން އަންގާ އެންގުމެއް ނުވަތަ ނިންމާ ނިންމުމެއްގެ ސައްހަކަމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުގައި ބަލަންޖެހޭނެ ކަންކަން ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް ވ އެންޓިކޮރަޕްޝަން ކޮމިޝަން) ގަޒިއްޔާގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ދަށުކޯޓުން މައްސަލަ ބެލިއިރު ފުރިހަމަކުރައްވާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/37 ގަޒިއްޔާގައި ބައްލަވާފައި ނުވުން.
(ރ) އިސްތިއުނާފުކުރާ ފަރާތަށް ފާދިއްޕޮޅު ނައިފަރުން ދިން ގޯތި އަތުލާފައިވަނީ ޤާނޫނުއަސާސީއާ ޤާނޫނާ ތައާރުޒުވާ ގޮތަށް ކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/37 ގަޒިއްޔާގައި ރިއާޔަތްކުރައްވާފައި ނުވުން.
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ވަކިކުރުން
ތިރީގައި ބަލާލެވިފައި މިވަނީ ބަންޑާރަގޯތި ދޫކުރުމާއި ވަކިކުރުމާ ބެހޭގޮތުން އަމަލުކުރަމުން އަންނަ ޤާނޫނުތަކާއި ގަވާއިދުތަކުގެ މައްޗަށެވެ.
ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގައި ކަނޑައަޅާފައިވާ އާންމު އެއް އުސޫލަކީ، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ބައެއް، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކަށް ބަންޑާރަ ގޯއްޗެއް ހިލޭ ދޫނުކުރުމެވެ.
ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތްކުރުމަށް އެކަށައަޅާ ބިމުން، ބަންޑާރަ ގޯތި ދޫކުރުމަށް އެފަހަރަކު ކަނޑައަޅާ ސަރަހައްދަކުން ގޯއްޗަކަށް އެދެވޭނީ، އެ ސަރަހައްދަކުން ގޯތިދޫކުރަން ހަމަޖެހިއްޖެ ކަމާއި، ގޯއްޗަށް އެދި ހުށަހެޅުމަށް އާންމުކޮށް އިއުލާނު ކުރުމުން، ގޯއްޗަށް އެދޭމީހާ ގޯއްޗަށް އެދޭ ފޯމު ފުރިހަމަކޮށް، ގޯތި ދޫކުރަން އިއުލާނު ކުރި އޮފީހަކަށް ހުށަހެޅުމުންނެވެ. ޤާނޫނު ނަންބަރު 2002/1 (ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ބަންޑާރަ ގޯތި ދޫކުރަން އިއުލާނު ކުރުމުން، ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކޮންމެ މީހަކަށްމެ ބަންޑާރަ ގޯއްޗަކަށް އެދި ހުށަހެޅިދާނެ ކަމަށެވެ.
ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރެވޭނީ، ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ އެ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ، ދިވެހި ރައްޔިތުންނަށެވެ. ނަމަވެސް، އެ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެބައެއް ނުވަތަ އެ ފުލެޓެއް ދޫކޮށްލުމުން، ނުވަތަ ދޫކޮށްލުން ޝަރުތުކޮށް، އެމީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރުމަކަށް، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާ ހުރަހެއް ނާޅައެވެ.
ބިމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާ ބުނާގޮތުން ބަންޑާރަ ގޯއްޗެއް ހޯދުމަށް ހުށަހެޅޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ.
(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން.
(ށ) އުމުރުން 21 އަހަރުވެފައިވުން.
(ނ) ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.
(ރ) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން ބައެއް ލިބިފައިނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުން ނުވަތަ ދޫކޮށްލަން އެއްބަސްވުން.
(ބ) ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، ނުވަތަ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ ތަނެއް ދޫކޮށްލުން ނުވަތަ ދޫކޮށްލަން އެއްބަސްވުން.
(ޅ) އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ ތަނެއް ދޫކޮށްލަން އެއްބަސްވުން.
ބިމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނެފައިވަނީ ބަންޑާރަ ގޯއްޗެއް ހޯދުމަށް އެދި ހުށަހެޅޭނީ އިސްވެ ބުނެވުނު ޝަރުތުތައް ހަމަވާމީހުން ކަމަށް ވީ ނަމަވެސް ގޯތި ދޫކުރާއިރު، އެފަހަރަކު ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށާއި، ބިމުގެ ތަނަވަސްކަމަށް އަދި ބިން ބޭނުންކުރުމުގެ ޕްލޭންތަކަށް ބެލުމަށްފަހު އެ ސަރަހައްދަކުން ގޯތި ދޫކުރުމުގައި އެ ގަވާއިދުގެ 7 ވަނަ ނަންބަރުގައި ބުނެފައިވާ ޝަރުތުތަކުގެ އިތުރު ޝަރުތު ކަނޑައެޅިދާނެކަމަށެވެ.
ބިމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ފާދިއްޕޮޅު ނައިފަރު ކައުންސިލުން 2011 ވަނަ އަހަރު ގޯތި ދޫކުރަން އެކަށައަޅައި، ގޯތި ހޯދުމަށް އެދޭމީހުން ފުރަންޖެހޭ ފޯމުގައި، ގޯއްޗަށް އެދޭ މީހާގެ ކިބައިގައި ހުންނަންޖެހޭ 7 ޝަރުތެއް ބަޔާންކޮށްފައިވެއެވެ. އެ 7 ޝަރުތަކީ
(ހ) ދިވެހި ރައްޔިތަކަށްވުން.
(ށ) އުމުރުން 18 އަހަރުވެފައިވުން.
(ނ) ރާއްޖޭގެ އެހެން އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ރަޖިސްޓަރީވެފައި ނެތުން ނުވަތަ 600 އަކަ ފޫޓަށްވުރެ ބޮޑުތަނެއް ލިބިފައި ނެތުން، ލިބިފައިވާނަމަ ދޫކޮށްލަން އެއްބަސްވުން.
(ރ) ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.
(ބ) ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.
(ޅ) ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނެތުން.
(ކ) ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމިހާ ނުވަތަ ފިރިމީހާގެ ނަމުގައި އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.
ފާދިއްޕޮޅު ނައިފަރުން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް 2011 ގެ ސަފްހާ ނަންބަރު 06 ގައި އިތުރު މަޢުލޫމާތު ހިމެނޭބައިގެ 05 ވަނަ ޕޮއިންޓުގައި ބުނެފައި ވަނީ "ފޯމު ހުށައެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚުގެ ފަހުންވެސް ފޯމު ހުށަހަޅާފައިވާ މީހާ ނިޔާވުން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ތަރިކައިން ނުވަތަ އެނޫންވެސް ގޮތަކުން ގޯއްޗެއް ނުވަތަ ފުލެޓެއް ނުވަތަ ބިމެއް ލިބުން ފަދަ ފޯމު ހުށަހަޅާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތެއް އުނިވެއްޖެނަމަ އެމީހެއްގެ ފޯމު ބާތިލުވާނެ" ކަމަށެވެ.
ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މީހަކަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ދެ ގޮތަކަށް ވަކިކުރެވިދާނެއެވެ. އެއްގޮތަކީ އެ ގޯތި ދޫކުރިފަހުން 5 އަހަރު ދުވަހު އެގޯތީގައި ދިރިއުޅެން ފަށާފައި ނުވުމެވެ. ދެވަނަ ގޮތަކީ އެ ގޯތި ދޫކުރުމުގައި ކޮށްފައިވާ ޝަރުތަކާ ޚިލާފުވުމެވެ.
ޤާނޫނުއަސާސީ ގެ 17 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާއާ ޚިލާފުވެފައިވޭތޯ ބެލުން
ޤާނޫނުއަސާސީ ގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، އެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން އެ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އަދި އެ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ނަސްލަށް ނުވަތަ އުފަންވި ޤައުމަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި އެމީހަކަށް ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.
ޤާނޫނުއަސާސީ ގެ 17 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މުޖުތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖްތިމާއީ ގޮތުން ރައްކާތެރިކަމެއް ލިބެންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަފާތުކުރުމެއް ކަމުގައި ނުވާނެކަމަށެވެ.
ޤާނޫނުއަސާސީ ގެ 20 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މިހަކު ކަމަށެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ކޮންމެ މީހެއްގެވެސް ހައްގެކެވެ.
ޤާނޫނުއަސާސީ ގެ 23 ވަނަ މާއްދާގައި ހިޔާވަހިކަން ލިބުމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގެއް ކަމުގައި ކަނޑައަޅައި، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކަށް އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތްކޮށްދޭންވާނެ ކަމަށް ބުނެފައިވެއެވެ.
ނައިފަރު މެޖިސްޓްރޭޓް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމަވާފައިވަނީ ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާއި ތަފާތުނުކުރުމުގެ ހައްގު ގެއްލޭގޮތަށް، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާއާ ޚިލާފަށް ކަމަށް، އިސްތިއުނާފުކުރާ ފަރާތުން ދެކޭ ސަބަބު އެފަރާތުން ދަށު ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށް އަދި އެ ސަބަބުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް ވާހަކަ ދައްކާފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެކޭގޮތުގައި، އެމީހުންގެ ނަމުގައި ރާއްޖޭގައި ބިމެއް ރަޖިސްޓަރީ ކުރެވިފައިވާ މިހުންނަށްވެސް ހުޅުމާލެ ކޮރަލްވިލް ޕްރޮޖެކްޓުން ފުލެޓު ރަޖިސްޓަރީކޮށްފައިވާ މީހުންވެސް ކޮރަލްވިލް ފުލެޓު ގަނެފައިވާތީ، ވިޔަފާރި އުސޫލުން ވިއްކާ ފުލެޓެއް ގަތުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް އިރު، އަދި ރާއްޖޭގައި އެމީހެއްގެ ނަމުގައި އިސްތިއުނާފުކުރާ ފަރާތުން ބިން ގަތުމުން އެ ސަބަބަށްޓަކައި، އަމިއްލަ އުފަން ރަށުން ބޯހިޔާވަހިކަން ލިބުމުގެ ހައްގުން އިސްތިއުނާފުކުރާ ފަރާތް މަހުރޫމުކުރުމަކީ ރާއްޖޭގައި އެމީހެއްގެ ނަމުގައި ބިމެއް ރަޖިސްޓަރީ ވެފައިވާ މީހުންގެ ތެރެއިން ކޮރަލްވިލް ފުލެޓު ގަނެފައިވާ މިހުންނާ އިސްތިއުނާފުކުރާ ފަރާތް ތަފާތުކުރުން ކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ދެކޭ ގޮތުގައި އެމީހެއްގެ ނަމުގައި ރާއްޖޭގައި ބިމެއް ރަޖިސްޓަރީ ކުރެވިފައިވީ ނަމަވެސް ވިޔަފާރި އުސޫލުން ވިއްކާ ފުލެޓެއް ގަތުމުގެ ހައްގު އެފަރާތްތަކަށް ލިބިފައިވީ ފަދައިން އެހައްގު ހަމަހަމަކަމާއެކު އިސްތިއުނާފުކުރާ ފަރާތަށްވެސް، އިސްތިއުނާފުކުރެވޭ މައްސަލައިގައިވާ ހާލަތުކަމަށްވާ ބަންޑާރަ ގޯތި ލިބުމުގައި، ލިބެންޖެހޭނެއެވެ.
ޤާނޫނުއަސާސީގެ 20ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހަކު ކަމަށެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ކޮންމެ މީހެއްގެވެސް ހައްގެކެވެ.
އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ރިއާޔަތްކުރާއިރު، ތަފާތު ކަންކަމަކީ އެއްގޮތް ހަމަހަމަ ކަންކަން ކަމަށް ބަލައިގެން އެއްގޮތަކަށް އެއް އުސޫލަކުން ކަންކުރަން ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ ލާޒިމު ނުކުރެއެވެ. އަދި ހަމަހަމަކަން ގާއިމުކުރުމުގެ މަގްސަދުގައި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ދައުލަތުގެ މައްޗަށް ލާޒިމުކުރަނީ އެއް ހާލަތެއްގައިވާ މީހުންނާމެދު އެއްގޮތަކަށް ކަންކުރުމަށެވެ. ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ މާނަކުރުމުގައި ކޯޓުތަކުގެ މަސައްކަތަކަށްވާނީ، ތިމަންނައަކީ ވަކި ހާލަތަކަށް ނިސްބަތްވާ މީހަކު ކަމަށް ބުނެ، އެހާލަތުގައިވާ މީހުންނާމެދު އަމަލުކުރުމަށް ޤާނޫނުގައިވާ ގޮތަށް ތިމަންނާއާ މެދު ކަންކުރަންޖެހޭނެ ކަމަށް މީހަކު ކޯޓުގައި ދައުވާކުރާ ނަމަ، އެއީ ހަގީގަތުގައިވެސް އެހާލަތުގައި ހުރި މީހެއްތޯ ބެލުމެވެ. ވަކި ގިންތިއަކަށް ނިސްބަތްވާކަމަށް މީހަކު ބުނާ ނަމަ އެ ގިންތީގައި ހިމެނޭ ފަރާތްތަކުގައި ހުންނަންޖެހޭ ސިފަތައް ނުވަތަ ޝަރުތުތައް އެމީހާ ކިބައިގައި ހުރިތޯ ބެލުމެވެ.
ޤާނޫނާއި ގަވާއިދު ހެދުމުގެ މަގްސަދު ހާސިލުކުރުމުގެ ގޮތުން، ވަކި ގިންތިއެއް މީހުން ފާހަގަކޮށް އެފަރާތްތަކަށް ޚާއްސަ ހިމާޔަތެއް ނުވަތަ މަންފާއެއް ދިނުމަށް ޤާނޫނުތަކުންނާއި ގަވާއިދުތަކުން ވަރަށް ގިނަފަހަރަށް ކަނޑައަޅައެވެ. އެގޮތަށް، ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކަނޑައަޅާފައިވަނީ އެކަށީގެންވާ އިންސާފުވެރި ހަމަތަކެއްގެ މައްޗަށް ބުރަވެގެން ކަމަށްވާނަމަ އެކަމެއް ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ ނުވަތަ 17 ވަނަ މާއްދާގެ (ހ) އާއި ޚިލާފުވުމަކީ ވަރަށް ދުރުކަމެކެވެ. ސަބަބަކީ، ޤާނޫނަކުން ނުވަތަ ގަވާއިދަކުން ވަކި ގިންތިއެއްގެ ބަޔަކު ނުވަތަ ވަކި ހާލަތެއްގައިވާ ބަޔަކު ފާހަގަކޮށް ކަނޑައަޅާނަމަ، އެގޮތަށް އާންމުކޮށް ކަނޑައަޅާފައި ހުންނަނީ ވަކި ގައުމީ މައްސަލައެއް ހައްލުކުރުމަށް ނުވަތަ އީޖާބީ އާންމު މަންފާއެއް ހާސިލުކުރުމަށެވެ. ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) އިން ވެސް އެކަން އެނގެއެވެ.
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށް ތިމަންނާއާ މެދު ޤާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ ދައުލަތުގެ އިދާރާއަކުން ތަފާތުގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅޭ މައްސަލަތަކުގައި ކޯޓުތަކުގެ ދައުރަކަށްވާނީ ދައުވާކުރާ ފަރާތާއި އެއް ހާލަތެއްގައި ތިބި ބަޔަކާ އޭނާއާ ދެމެދު ތަފާތުކުރެވުނު ކަމުގެ މަގްސަދާއި ނަތީޖާއަކީ ކޮބައިތޯ ބެލުމެވެ. އަދި ޤާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ ދައުލަތުގެ އިދާރާއަކުން އޭނާއާ މެދު ތަފާތު ގޮތަކަށް ކަންކޮށްފައިވަނީ އޭނާގެ ޒާތީ ސިފައަކަށް ބަލައިގެންތޯ ނުވަތަ މުޖުތަމައުގައި ހިމެނޭ އެހެން މީހުންނަށްވުރެ އޭނާއަށް ލިބިފައިވާ ނިކަމެތި/ބަދުނަސީބު ސިފައަށް ރިއާޔަތްކުރެވިގެންތޯ ނުވަތަ އޭނާ ހިމެނޭ ގިންތީގައި ހިމެނޭ މީހުންނާ މެދު މުޖުތަމައުގައި ކުރިއްސުރެ އޮންނަ ތައައްސުބެއްގެ މައްޗަށް ރިއާޔަތްކުރެވިގެންތޯ ބެލުމެވެ. އަދި މީހެއްގެ ނުވަތަ ވަކި ބައެއްގެ މައްޗަށް ތަފާތު ޒިންމާއެއް މަތިކުރެވުނީ ނުވަތަ ފައިދާއަކުން ނުވަތަ ފުރުސަތަކުން އެފަރާތް މަހުރޫމުކުރެވުނީ އެފަރާތާމެދު މުޖުތަމައުގައި އޮންނަ ތައައްސުބެއްގެ ސަބަބުންތޯ ނުވަތަ ޒާތީ ސިފައެއްގެ ސަބަބުންތޯ ނުވަތަ މުޖުތަމައުގައި އެފަރާތުގެ އަގެއް ނެތްކަން ނުވަތަ އެފަރާތަކީ ވަކި ދެރަ މީހެއްކަން ނުވަތަ ބައެއްކަން ދައްކައިދެނިވި މޭރުމަކުންތޯ ނުވަތަ މުޖުތަމައުގައި ހިމެނޭ އެހެން ގިންތިއެއްގެ މީހުންނަށްވުރެ ގާބިލުކަން ކުޑަ ބައެއްކަން ދައްކައިދެނިވި މޭރުމަކުންތޯ ކޯޓުން ބަލަންވާނެއެވެ.
މިގޮތުން، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގައިވާ މާއްދާތަކަށް ބަލާއިރު، ބަންޑާރަ ގޯއްޗާ ބެހޭގޮތުން މުއާމަލާތްކުރުމަށް އެޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި، އަމިއްލަ ބިންބިމާބެހޭ ގޮތުން މުއާމަލާތްކުރުމުގައި އަމަލުކުރަން އެ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް ފަރަގުކޮށްފައިވާކަން ސާފުކޮށް އެނގެއެވެ. ޚާއްސަ ގޮތެއްގައި، ރަށްރަށުން ބަންޑާރަ ގޯތި އަލަށް ދޫކުރުމުގައި ބިމުގެ ތަނަވަސްކަން އެއްވެސް ގޮތަކަށް ލިބިގެންވާ ފަރާތަކަށް ބަންޑާރަ ގޯއްޗެއް ދޫނުކުރުމަކީ ބިމާބެހޭ ޤާނޫނުގެ މަގްސަދުކަން، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާއިން ސާފުކޮށް އެނގެއެވެ. އެ މާއްދާގައި ބުނެފައިވަނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރެވޭނީ، ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ އެ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ، ދިވެހި ރައްޔިތުންނަށް ކަމަށެވެ. މި ގޮތަށް، ބިމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގެ ރަށްރަށުގައި ބިމުގެ ތަނަވަސްކަން ކުޑަވެފައިވާތީ، ބިމުގެ ތަނަވަސްކަމެއް އެއްވެސް ގޮތަކަށް ނެތް ފަރާތްތަކަށް، ޤާނޫނުއަސަސީގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބޯހިޔާވަހިކަން ހޯދައިދިނުމަށް އެހީތެރިވެ ދިނުމުގެ ގޮތުންކަން އެނގެއެވެ. ވީމާ، ސަރުކާރުން ނުވަތަ އެހެންވެސް ފަރާތަކުން ރައްޔިތުންގެ ބޯހިޔާވަހިކަން އިތުރުކުރުމަށް ހިންގާ މަޝްރޫއެއްގެ ދަށުން އިމާރާތްކުރެވޭ ފުލެޓުބަރިއަކުން ފުލެޓުތަކެއް ވިއްކާއިރު އޭގެ ތެރެއިން ފުލެޓެއް ގަންނަ ފަރާތުގައި ހުންނަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތަކާއި ރާއްޖޭގެ ރަށަކުން ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖައްސައި، ބިމާބެހޭ ޤާނޫނުގެ ދަށުން އެއްވެސް އަގަކާ ނުލައި ހިލޭ ބަންޑާރަ ގޯތި ހޯދުމަށް އެދެވޭނެ ފަރާތްތަކަކީ، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ، ދިވެހި ރައްޔިތުން ކަމަށް ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގައި ބުނެފައި އޮތް އޮތުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާފަދަ ތަފާތުކުރުމެއް ކަމަށް ބެލެވޭނެ ހަމައެއް ނެތެވެ. އަދި މި ތަފާތަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކުރާ، ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ވުމުގެ އުސޫލާ ފުށުއަރާ ކަމެއްކަމަށް ބަލާނޭ ހަމައެއްވެސް ނެތެވެ.
ވީމާ، ރާއްޖޭގައި އެމީހެއްގެ ނަމުގައި ބިން ރަޖިސްޓަރީކޮށްފައިވާ މީހުންވެސް ކޮރަލްވިލް ފުލެޓު ގަނެފައިވާތީ، ކޮރަލްވިލް ފުލެޓެއް އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާތީވެ އަމިއްލަ އުފަން ރަށުން ބޯހިޔާވަހިކަން ލިބުމުގެ ހައްގުން އިސްތިއުނާފުކުރާ ފަރާތް މަހުރޫމު ކުރުމަކީ ރާއްޖޭގައި އެމީހެއްގެ ނަމުގައި ބިމެއް ރަޖިސްޓަރީ ވެފައިވާ މީހުންގެ ތެރެއިން ކޮރަލްވިލް ފުލެޓު ގަނެފައިވާ މިހުންނާ އިސްތިއުނާފުކުރާ ފަރާތް ތަފާތުކުރުން ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނި ނަމަވެސް، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގައި އަމިއްލަ ބިމާއި އަމިއްލަ ފުލެޓު ގަންނަ މީހުންގެ ހުންނަން ޖެހޭނެ ޝަރުތުތަކާއި، ރަށްރަށުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ހޯދަން އެދޭމީހުންގެ ހުންނަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ ތަފާތު ޝަރުތުތަކެއް ކަމަށްވީ ނަމަވެސް، އެ ތަފާތަކީ އިންސާފުވެރި ހަމަތަކެއްގެ މައްޗަށް ބިނާކޮށް ވަކި މަގްސަދެއް ހާސިލުކުރުމަށް ގެނެސްފައިވާ ތަފާތުކުރުމެއް ކަމަށްވާތީ، އެކަމަކީ އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، ހަމަހަމަ ކުރުމާއި ތަފާތު ނުކުރުމުގެ ހައްގުތައް ގެއްލޭ ކަމެއް ކަމަށް ނުފެނެއެވެ.
ފޯމު ބާތިލުކޮށްފައިވަނީ ވުޖޫދުގައި ނެތް ޓްރާންސެކްޝަނެއްގެ މައްޗަށް ބިނާކޮށްފައިތޯ ބެލުން
އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި ދެވަނަ ނުކުތާގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ގޯތި ހޯދުމަށް އެދި ނައިފަރު ކައުންސިލަށް ހުށަހެޅި ފޯމު ބާތިލުކޮށްފައިވަނީ ވުޖޫދުގައި ނެތް ޓްރާންސެކްޝަނެއްގެ މައްޗަށް ބިނާކޮށްފައި ކަމަށެވެ.
ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރެވޭނީ، ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ އެ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ، ދިވެހި ރައްޔިތުންނަށް ކަމަށެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫނުކުރެވޭނެ ކަމަށެވެ. ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ މީހުންގެ ހުންނަންޖެހޭނެ ޝަރުތު ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ އިބާރާތުގައި ލިޔެފައިވާ ގޮތާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ 7 ގެ (ބ) ގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ މީހުންގެ ހުންނަންޖެހޭނެ ޝަރުތު ލިޔެފައިވާއިރު އިބާރާތުގެ ތަފާތެއް ހުރިކަން ފާހަގަކުރެވެއެވެ. އެ ތަފާތަކީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގައި ބަންޑާރަ ގޯއްޗެއް ލިބޭ މީހަކީ ފުލެޓެއް "ލިބިފައިނުވާ" މީހަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވާއިރު ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ބ) ގައި ބަންޑާރަ ގޯއްޗެއް ލިބޭ މީހަކީ ފުލެޓެއް "ރަޖިސްޓަރީވެފައިވާ" މީހަކަށް ވެގެން ނުވާނެ ކަމަށް އޮތް އޮތުމެވެ. އެއް މަގްސަދެއް ހާސިލުކުރުމަށް ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގައި ލިޔެފައިވާ އިބާރާތާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ބ) ގައި ލިޔެފައިވާ އިބާރާތް ފުށުއަރާ ހިނދު އިސްކަން ދެވޭނީ ޤާނޫނުގައި ލިޔެފައިވާ އިބާރާތަށެވެ. މިގޮތަށް މާނަކުރުމުގެ ނަތީޖާ އަކީ ސަރުކާރުން ހިންގާ މަޝްރޫއު އަކުން ފުލެޓެއް "ލިބިފައިވާ" މީހަކަށް ބަންޑާރަ ގޯއްޗެއް ހޯދުމަށް ކުރިމަތި ލުމަށް ޝަރުތުހަމަނުވުމެވެ.
އިސްތިއުނާފުކުރާ ފަރާތަކީ ސަރުކާރުން ހިންގާ މަޝްރޫއު އަކުން ފުލެޓެއް "ލިބިފައިވާ" މީހެއްތޯ ބަލާއިރު، މި ނުކުތާއާ ބެހޭގޮތުން، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރައްވާފައިވަނީ:
"ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ އެފަދަ މަޝްރޫއުތަކުގައި، އެތަންތަން ގަންނަ ފަރަތްތަކާއި ދެމެދު އެއްބަސްވުންތައް ހެދި އެ މައްޗަށް އަމަލުކުރެވެމުންދާ ކަމާއި، އެގޮތުން އެއްވެސް ފަރާތަކުން ގެއެއް ނުވަތަ ފުލެޓެއް ނުވަތަ ބިމެއް ވިޔަސް އެތަން ގަންނަ ފަރާތްތަކުން އެއްބަސްވުމުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން، ފައިސާ ދައްކަމުން ދާހައި ހިނދަކު އެއްބަސްވުމުގެ ދަށުން އެފަރާތަކަށް ލިބިފައިވާ ގެ ނުވަތަ ފުލެޓު ނުވަތަ ބިން އެއްވެސް ފަރާތަކަށް ވަކިނުކުރެވޭނެ ކަމާއި، އެހެން ކަމުން އެއްބަސްވުމުގައި ކަނޑައެޅިފައިވާ އަގު އަދާކޮށް އެތަން އެ ގަންނަ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީ ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި އަމިއްލަ ބާރު އެފަރާތްތަކަށް ޤާނޫނީ އިމުގެ ތެރެއިން ލިބިފައި އޮތުމުގެ ނަތީޖާ އަކީ އެގެއެއް ނުވަތަ ފުލެޓެއް ނުވަތަ ބިން އެފަރާތުގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައި ނުވި ނަމަވެސް، އެފަރާތަކީ . . . ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ ބޭނުމަށްޓަކައި ބޯހިޔާވަހިކަން "ރަޖިސްޓަރީ" ކުރެވިފައިވާ މީހެއްކަމަށް ބެލެވޭނެ" ކަމަށެވެ.
އިސްތިއުނާފުކުރެވޭ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައިވާ މި ނުކުތާއާ ބެހޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ އެފަދަ މަޝްރޫއުތަކުން ގެ ނުވަތަ ފުލެޓު ނުވަތަ ބިން ގަންނަ ފަރަތްތަކުން އެތަނުގެ އަގު ފުރިހަމައަށް އަދާކޮށް ނުނިމޭހާ ހިނދަކު އެމީހެއްގެ ނަން މައްޗަށް އެ ތަނެއް ރަޖިސްޓަރީ ނުކުރެވޭ އިރު އެކަމުގެ ނަތީޖާއެއްގެ ގޮތުން އެ ތަނުން ކުރެވޭ އެހެނިހެން މުއާމަލާތްތައް ކަމަށްވާ ރަހުނުކުރުން ވިއްކުން ހިބައިންދިނުން ފަދަ މުއާމަލާތްތައް އެ މަރުހަލާގައި ނުކުރެވޭތީ އާއި، އެއްވެސް ސަބަބަކާ ހުރެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކިއްޖެ ނަމަ އެތަން އެމީހެއްގެ ކިބައިން ވަކިކުރާނެ ކަމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތުމުން އެތަނުގެ އަގު އެއްކޮށް އަދާކޮށް ނުނިމެނީސް އެތަން އެފަރާތަށް މިލްކުވާނެ ކަމަށް ދެކި ހަގީގީ މިލްކުވެރިއަކަށް ލިބޭނެ ހައްގުތަކާއި އިމްތިޔާޒުތައް އެފަދަ ފަރާތަކަށް ލިބޭނެ ކަމަށް ކަނޑައެޅުމަކީ އަދުލު އިންސާފުގެ ހަމަތަކާ ޚިލާފުކަމެއް ކަމަށް ދެކޭ ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނަމުން ގެންދިޔައީ އޭނާ ފާދިއްޕޮޅު ނައިފަރުން ގޯއްޗެއް ހޯދުމަށް ފޯމުލީއިރު، އަދި އެގޮތުން ލީ ފޯމާ ގުޅިގެން ގުރުއަތުން ނެގިފައިވާ ބަންޑާރަ ގޯތި ލިބުނުއިރު، އަދި އޭނާ ގޯއްޗަށް އެދި ހުށަހެޅި ފޯމު 23 މޭ 2012 ގައި ނައިފަރު ކައުންސިލުގެ އިދާރާއިން ބާތިލުކުރަން ނިންމި އިރު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް އިން ކުރިއަށް ގެންދިޔަ ކޮރެލްވިލް މަޝްރޫއުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ފުލެޓެއް ގަތުމަށް އޭނާ އާއި އެ ކުންފުންޏާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ ދަށުން އޭނާ ގަތުމަށް އެއްބަސްވި ފުލެޓުގެ އަގުގެ ގޮތުގައި އެ ކުންފުންޏަށް އިންސްޓޯލްމަންޓުން (ބައިބަޔަށް ބަހައިގެން) ދައްކަންޖެހޭ ފައިސާ އެކުގައި އަދާކޮށް އެހައިތަނަށް ޚަލާސްކުރެވިފައި ނުވާތީވެ، އަދި އެތަނުގެ އަގު އެއްކޮށް އަދާކޮށް އޭނާގެ ނަމުގައި އެތަން އޭރު ރަޖިސްޓަރީ ކުރެވިފައިނުވާތީވެ، އޭނާއަކީ، ބިމާބެހޭ ޤާނޫނާއި ގަވާއިދާއި ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމުގައިވާ ޝަރުތުތަކުގައި ބުނެފައިވާ ފަދައިން، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް "ލިބިފައިވާ" މީހަކު ކަމަށް ނުބެލެވޭނެ ކަމަށެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް އިން 10 މޭ 2012 ގައި ނައިފަރު ކައުންސިލަށް ފޮނުވާފައިވާ ނަންބަރު (HDC (161)–EM/FAX/2012/08ފެކްސް މެސެޖުގައި ބުނެފައިވަނީ، އެ ކޯޕަރޭޝަން އިން ކުރިއަށް ގެންދާ ކޮރެލްވިލް މަޝްރޫއުގެ ދަށުން ޢަބްދުﷲ ޖަމީލުއަށް ހުޅުމާލެއިން ފުލެޓެއް ލިބިފައިވާ ކަމަށާއި، ޢަބްދުﷲ ޖަމީލުއަށް ލިބިފައިވާ ފުލެޓުގެ ނަންބަރަކީ C5-3-D ކަމަށާއި ފުލެޓުގެ ބޮޑުމިނަކީ 630.44 އަކަފޫޓުކަމަށާއި އެތަން ގަތުމުގެ އެގްރީމެންޓުގައި ޢަބްދުﷲ ޖަމީލު ސޮއި ކޮށްފައިވަނީ 3 އޮގަސްޓު 2010 ގައި ކަމަށެވެ.
މީހަކަށް ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް ނުވަތަ ފުލެޓެއް ނުވަތަ ފުލެޓެއްގެ ބައެއް ލިބިފައި އޮތުންކަމަށް ބެލެވޭނީ އެތަނެއް ލިބިފައިވާ މީހާ އާއި އެތަނާ ދެމެދު ކިހާވަރެއްގެ ގުޅުމެއް އޮތުމުން ހެއްޔެވެ؟ އެހެން އިބާރާތަކުން ބުނާނަމަ، މީހަކަށް ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް ނުވަތަ ފުލެޓެއް ނުވަތަ ފުލެޓެއްގެ ބައެއް ލިބިފައި އޮތްކަމަށް ބެލެވޭނީ ކޮން ހާލަތެއްގައި ހެއްޔެވެ؟ މިސާލަކަށް، މީހަކު ކުއްޔަށް ހިފައިގެން އުޅޭތަނަކީ އެނާއަށް ލިބިފައި އޮތް ތަނެއް ކަމަށް ބެލެވިދާނެ ހެއްޔެވެ؟ ދިވެހި މުޖުތަމައުގެ އާންމު ވިސްނުމުން ވިސްނާއިރު މީހަކު ކުއްޔަށް ހިފައިގެން އުޅޭ ގޯއްޗަކީ ނުވަތަ ފުލެޓަކީ އޭނާއަށް ލިބިފައިވާ ތަނެއް ކަމުގައެއް ނުވާނެއެވެ. ގޯއްޗެއް ނުވަތަ ފުލެޓެއް ލިބިފައި އޮތުން ކަމަށް މުޖުތަމައުގައި ގަބޫލުކުރަނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އޭނާގެ ނަމުގައި ތަނެއް ކަނޑައަޅައި އައްޔަނުކޮށްފައި އޮތުމަށެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އޭނާގެ ނަމުގައި ވަކިތަނެއް ކަނޑައަޅައި އައްޔަނުކޮށްފައިވާ ނަމަ، އެހިސާބުން އޭނާއަށް އެތަނުގެ މައްޗަށް ހައްގުތަކެއް އުފެދޭނެއެވެ. އޭނާގެ ނަމުގައި އައްޔަންވެފައިވާ ގޯތީގެ ނުވަތަ ފުލެޓުގެ މައްޗަށް އޭނާގެ ހައްގުތަކެއް އުފެދުމަށްޓަކައި ކޮންމެހެން އޭނާގެ ނަމުގައި އެތަން ރަޖިސްޓަރީ ވެފައި އޮތުން ލާޒިމް ނުވެއެވެ. މީހަކަށް ލިބިފައި އޮންނަ ތަނެއް އެމީހާގެ ނަމުގައި ރަޖިސްޓަރީ ކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޝަކްލީ ކަންތައްތަކެއް ނުވަތަ ޝަރުތުތަކެއް ހުރެދާނެއެވެ. އޭނާގެ ނަމުގައި ތަން ރަޖިސްޓަރީވުމުގެ ކުރިން ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ހުރުމަކީ ނުވަތަ ޝަކުލިއްޔާތުތަކެއް ފުރިހަމަކުރަން ހުރުމަކީ، އެ މުދަލުގެ މައްޗަށް އޭނާއަށް ލިބިގެންވާ އަދާލަތުގެ ހައްގަކުން (equitable rights) އޭނާ މަހުރޫމުވާނޭ ސަބަބެއް ނޫނެވެ.
މި މައްސަލައަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު ހުޅުމާލެ ފުލެޓު ނަންބަރު C5-3-D ވިއްކުމާބެހޭ ގޮތުން އެއްބަސްވުމެއް ވެވި އޭނާ ގެންދިޔައީ އެތަނުގެ އަގު ބައިބަޔަށް ބަހައިގެން އަދާކުރަމުންނެވެ. އެގްރިމެންޓު ކުރެވުމާއެކު އެ އެފުލެޓު އައްޔަންވެގެންވަނީ އޭނާއަށެވެ. އެތަނުގެ އަތުގެވެރިއަކީ އޭނާއެވެ. އަދި އެފުލެޓުގެ މައްޗަށް، އެނާއަށް އެހެން މީހުންނާ ވަކިން ހައްގުތަކަކާއި އިމްތިޔާޒުތަކަކާއި ދައުވާކުރުމުގެ ހައްގު ލިބިފައިވެއެވެ. އެހިނދު، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)11 ވަނަ މާއްދާގެ ބޭނުމަށްޓަކައި އެތަނަކީ އެނާއަށް ލިބިފައިވާ ތަނެއް ނޫންކަމަށް ބެލުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ. މީހެއްގެ ނަމުގައި ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް ނުވަތަ ފުލެޓެއް ރަޖިސްޓަރީ ވެފައި އޮތުމަކީ އެމިހާއަށް އެތަނުގެ ޤާނޫނީ މިލްކުވެރިކަން (Legal ownership) ލިބިފައި އޮތްކަމުގެ ދަލީލެކެވެ. ނަމަވެސް، އެއްބަސްވުމެއްގެ ޒަރީއާއިން ނުވަތަ އެނޫންވެސް ގޮތަކުން މިލްކުވެރިކަމުގެ ހައްގުތަކެއް ނުވަތަ މިލްކުވެރިކަމުގެ މަސްލަހަތުތަކެއް އުފެދިފައި އޮންނަ ހާލަތުގައި އޭނާގެ ނަމުގައި ތަން ރަޖިސްޓަރީ ވެފައި ނުވިޔަސް އެތަނުގެ މައްޗަށް އެމީހާއަށް އޮންނަ އަދާލަތުގެ މިލްކުވެރިކަމުގެ (Equitable ownership) ހައްގުތަކާއި މަންފާތައް ވުޖޫދުގައި ނެތީކަމަށް ބަލައިގެން ނުވާނެއެވެ.
މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ފާދިއްޕޮޅު ނައިފަރުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު 18 މޭ 2011 ގައި ނައިފަރު ކައުންސިލުގެ އިދާރާއިން ހުޅުވާލުމުން، ނައިފަރުން ބަންޑާރަ ގޯއްޗެއް ހޯދުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ފާދިއްޕޮޅު ނައިފަރު ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅި އެވެ. އެ ފޯމު އިސްތިއުނާފުކުރާ ފަރާތުން ނައިފަރު ކައުންސިލުގެ އިދާރާއަށް ހުށަހެޅިއިރު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންއިން ކުރިއަށް ގެންދިޔަ ކޮރެލްވިލް މަޝްރޫއުގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް ހުޅުމާލެއިން ފުލެޓެއް "ލިބިފައި" ވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ނައިފަރު ކައުންސިލަށް އަންގާފައިވެއެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނާގޮތުން އިސްތިއުނާފުކުރާ ފަރާތަށް "ލިބިފައިވާ" ފުލެޓުގެ ނަންބަރަކީ C5-3-D އެވެ. ފުލެޓުގެ ބޮޑުމިނަކީ 630.44 އަކަފޫޓެވެ. އެތަން ގަތުމުގެ އެގްރީމެންޓުގައި އިސްތިއުނާފުކުރާ ފަރާތް ސޮއި ކޮށްފައިވަނީ 3 އޮގަސްޓު 2010 ގައެވެ.
ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ މަގްސަދަކީ ބިމުގެ ތަނަވަސްކަން ލިބިފައިވާ ފަރާތަކަށް ހިލޭ ބަންޑާރަ ގޯއްޗެއް ނުދިނުން ކަމަށްވާއިރު، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 11 ވަނަ މާއްދާގައިވާ 'ލިބިފައިވާ' މި ލަފްޒު މާނަ ކުރަންވާނީ އެ މާއްދާގެ މުޅި މަގްސަދު ހާސިލުކުރެވޭނޭ މޭރުމަކުން ކަމަށް ގަބޫލުކުރެވެއެވެ. އެގޮތުން، ހުޅުމާލޭ C5-3-D ނަންބަރު ފުލެޓު އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި އޭރު ރަޖިސްޓަރީ ކުރެވިފައިނެތް ނަމަވެސް، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރިއަށް ގެންދިޔަ ކޮރެލްވިލް މަޝްރޫއުގެ ދަށުން ފުލެޓެއް ގަތުމަށް އޭނާ އާއި އެ ކުންފުންޏާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ ދަށުން އޭރު އިސްތިއުނާފުކުރާ ފަރާތުން ގެންދިޔައީ ގަވާއިދުން ފައިސާ ދައްކަމުން ކަމަށްވާތީއާއި، އެ ފުލެޓުގެ އަތުގެވެރިކަން އޮތީ އޭނާގެ ކިބައިގައި ކަމަށްވާތީއާއި، އެ ފުލެޓުގެ މައްޗަށް އޭނާގެ ފުރިހަމަ ކޮންޓްރޯލް އޮތުމުން، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 11 ވަނަ މާއްދާގެ ބޭނުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތަކީ ފުލެޓެއް ލިބިފައިވާ ފަރާތެއް ކަމަށް ބަލަންޖެހޭނެ ކަމަށް ފެނެއެވެ. ފުލެޓުގެ އަގު އެހާތަނަށް ފުރިހަމައަށް އަދާކުރެވިފައި ނުވިނަމަވެސް، ހުޅުމާލޭ C5-3-D ނަންބަރު ފުލެޓު ގަތުމަށް އިސްތިއުނާފުކުރާ ފަރާތާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓުގެ ދަށުން އޭނާއަށް އެފުލެޓުގެ މައްޗަށް މިލްކުވެރިކަމުގެ ހައްގުތަކެއް ލިބިފައިވާކަމަށް ބެލެވެއެވެ. ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 11 ވަނަ މާއްދާ އެގޮތަށް ލިޔެފައިވަނީ ދިވެހިރާއްޖޭގެ ރަށްރަށުގައި މީހުން ދިރިއުޅުމަށް ބޭނުންކުރާނޭ ބިމުގެ ދަތިކަން ބޮޑުވަމުން ދިއުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ބަންޑާރަ ގޯތި ހިލޭ ދެވޭނީ ބިމުގެ ތަނަވަސްކަން އެއްވެސް ގޮތަކަށް ނެތް ފަރާތްތަކަށް ކަން ކަށަވަރުކުރުމުގެ ބޭނުމުގައެވެ. އެ މާއްދާ މާނަކުރުމުގައި އެކަމަށް ވެސް ރިއާޔަތްކޮށް ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 11 ވަނަ މާއްދާގެ މަގްސަދު ގެއްލިގެން ނުދާނެ ގޮތަކަށް އެ މާއްދާ މާނަކުރަންޖެހޭނެ ކަމަށް ފެނެއެވެ.
ކައުންސިލުގެ ނިންމުމަކީ ޤާނޫނީ ގޮތުން ސައްހަ ނިންމުމެއްތޯ ބެލުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/37 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ 3 ވަނަ ނުކުތާގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/37 ގަޒިއްޔާގައި ހުކުމް ކުރެއްވިއިރު، ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ސަރުކާރުގެ އިދާރާއަކުން އަންގާ އެންގުމެއް ނުވަތަ ނިންމާ ނިންމުމެއްގެ ސައްހަކަމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުގައި ބަލަންޖެހޭނެ ކަންކަން ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް ވ އެންޓިކޮރަޕްޝަން ކޮމިޝަން) ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަންތައްތައް ދަށުކޯޓުން މައްސަލަ ބެލިއިރު ފުރިހަމަ ކޮށްފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/37 ގަޒިއްޔާގައި ބަލާފައި ނުވާކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓުގައި ހަވާލާދިން، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް ވ އެންޓިކޮރަޕްޝަން ކޮމިޝަން) ގަޒިއްޔާއަށް ބަލާއިރު ދައުލަތުގެ މުއައްސަސާއަކަށް ލިބިގެންވާ އިޚްތިސާސެއްގެ ދަށުން އެންގި އެންގުމެއް ތައުނުކުރުމަށް ކަމާބެހޭ ކޯޓަކަށް ހުށަހަޅައިފިނަމަ އެ ނިންމި ނިންމުމަކީ ޤާނޫނީ ގޮތުން ސައްހަ ނިންމުމެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި ކޯޓުން ރިއާޔަތްކުރެވިދާނެ 6 ކަމެއް ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އެ ގަޒިއްޔާއާ ހަވާލާދީ ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ދިނުމަށް ގުރުއަތުން ނެގިފައިވާ ބަންޑާރަ ގޯތި ނުދިނުމަށާއި، ގޯއްޗަށް އެދި ހުށަހެޅި ފޯމު ބާތިލުކުރުމަށް ނައިފަރު ކައުންސިލުގެ އިދާރާ އިން ނިންމި ނިންމުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާއާއި ޚިލާފުވާކަމަށް ހުށަހެޅި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ 6 ނުކުތާގެ ތެރެއިން (ބ) ގައިވާ "އެ ނިންމުން ނުވަތަ އެ އެންގުން ބިނާކުރީ މާއްދީ ހަގީގަތްތަކެއްގެ މައްޗަށް ކަމަށްވާނަމަ، އެ ހަގީގަތް އެގޮތަށް ހުރިތޯ" ކޯޓުން ބަލަންވާނެ ކަމަށް ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާގައި އޮތް ނަމަވެސް، އެކަން ހައިކޯޓުން ކުރައްވާފައިނުވާ ކަމަށެވެ. މިގޮތަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ހުޅުމާލެއިން ފުލެޓެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް، އެއިރު އެ ފުލެޓުގެ އަގު އެކީގައި ދައްކައި ޚަލާސްކޮށްފައި ނުވާތީވެ، އެ ފުލެޓުގެ ޤާނޫނީ މިލްކުވެރިކަން އިސްތިއުނާފުކުރާ ފަރާތަށް ބަދަލުވެފައި ނުވާތީވެ، ޅ. ނައިފަރުން އޭނާއަށް ލިބުނު ގޯތި ޅ. ނައިފަރު ކައުންސިލުގެ އިދާރާއިން ބާތިލުކުރައްވާފައިވާ ސަބަބު ބިނާވެފައިވާ ވާގިއާ އެގޮތަށް ހުރިތޯ ކޯޓުން ބައްލަވާފައިނުވާ ކަމަށާއި، އެ ވާގިއާ އެގޮތަށް ހުރިތޯ ބަލާއިރު އެ ވާގިއާ އެގޮތަށް ނެތް ކަމަށެވެ.
ވަކި މުއްދަތެއްގެ ތެރޭގައި ބައިބަޔަށް ބަހައިގެން ފައިސާ ދައްކާގޮތަށް ނުއުފުލޭ މުދާ ވިއްކުމަށްޓަކައި ކުރެވޭ އެގްރީމެންޓުތަކުގައި ސޮއިކުރާ ހިނދުން ފެށިގެން، އޭގައި ހިމެނޭ މުދަލުގެ މައްޗަށް އެ ދެ ފަރާތަށް އޮންނަ މަސްލަހަތުތައް ކަނޑައެޅިފައި ވަނީ އަދާލަތުގެ ހައްގުތަކެއްގެ(Equitable rights) ގޮތުގައެވެ. ނުއުފުލޭ މުދަލުގެ ރަޖިސްޓަރީ ގަންނަ ފަރާތުގެ ނަމަށް ބަދަލުވެފައި ނުވިނަމަވެސް، އެގްރީމެންޓުކުރާ ހިސާބުން ފެށިގެން އެ މުދަލުގެ މައްޗަށް އަދާލަތުގެ ހައްގުތަކެއް މުދާ ގަންނަ ފަރާތަށް ލިބެއެވެ. އެތަނުގެ ޤާނޫނީ މިލްކުވެރިކަން (Legal ownership) ގަންނަ ފަރާތުގައި އޮތް ނަމަވެސް ޤާނޫނީ މިލްކުވެރިކަން ވިއްކާފަރާތުގައި އޮންނަނީ، އެފަރާތުން ގަންނަ ފަރާތަށް އަދާކުރަންޖެހޭ އަމާނާތެއްގެ ނުވަތަ ޓްރަސްޓެއްގެ ގޮތުގައެވެ. އަގު އަދާކޮށް ނިމުމުން ވިއްކާފަރާތުން ގަންނަ ފަރާތަށް ތަނުގެ ރަޖިސްޓަރީ ބަދަލުކޮށް ދެއެވެ. ހުޅުމާލެއިން ފުލެޓެއް ގަތުމަށް އިސްތިއުނާފުކުރާ ފަރާތުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާތީ އާއި، އަދި އިސްތިއުނާފުކުރާ ފަރާތަށް ނައިފަރުން ލިބުނު ބަންޑާރަ ގޯތީގެ ފޯމު ބާތިލުކުރުމަށް ނައިފަރު ކައުންސިލުގެ އިދާރާއިން ނިންމިއިރު، އިސްތިއުނާފުކުރާފަރާތަށް އެ އެގްރީމެންޓުގެ ދަށުން ހުޅުމާލެއިން ލިބުނު ފުލެޓުގެ އަގު އެކީގައި ދައްކައި ޚަލާސްކޮށްފައިނުވި ނަމަވެސް، އަދި އެ ސަބަބަށްޓަކައި އެ ފުލެޓުގެ ޤާނޫނީ މިލްކުވެރިކަން އިސްތިއުނާފުކުރާ ފަރާތަށް ބަދަލުވެފައި ނުވިނަމަވެސް، މަތީގައި ބަޔާންވެ ދިޔަ ސަބަބުތަކަށްޓަކައި، އެ އެގްރީމެންޓުގައި ބަޔާންކޮށްފައިވާ ހުޅުމާލޭ C5-3-D ނަންބަރު ފުލެޓަކީ އިސްތިއުނާފުކުރާ ފަރާތަށް އައްޔަން ކުރެވިފައިވާ ތަނެއްކަން އަދި އެފަރާތުން ހަވާލުވެފައިވާ ތަނެއްކަން ދަށުކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކަށަވަރުކޮށްފައިވާކަން އެނގެން އޮތަތީ، ޅ. ނައިފަރުން އިސްތިއުނާފުކުރާ ފަރާތަށް ލިބުނު ގޯތި ޅ. ނައިފަރު ކައުންސިލުގެ އިދާރާއިން ބާތިލުކުރައްވާފައިވާ ސަބަބު ބިނާވެފައިވާ ވާގިއާ އެގޮތަށް ހުރިތޯ ދަށުކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވާފައިވާކަން އެނގެއެވެ.
ގޯތި އަތުލާފައިވަނީ ގާނޫނާ ޚިލާފަށްތޯ ބެލުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/37 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ 4 ވަނަ ނުކުތާގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތަށް ފާދިއްޕޮޅު ނައިފަރުން ދިން ގޯތި އަތުލާފައިވަނީ ޤާނޫނުއަސާސީއާ ޤާނޫނާ ތައާރަޒުވާ ގޮތަށް ކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2014/HC-A/37 ގަޒިއްޔާގައި ރިއާޔަތްކުރައްވާފައި ނުވާކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތަށް ފާދިއްޕޮޅު ނައިފަރުން ދިން ގޯތި ވަކިކޮށްފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނާ ތައާރަޒުވާ ގޮތަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ސަބަބުތަކަކީ:-
(ހ) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދިނުމުގެ ގަވާއިދުގެ ދަށުން ބާރު ލިބެނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗާއި ފުލެޓު ދޫކުރުމަށް ގަވާއިދު ހެދުމަށް ކަމަށާއި، ގޯތި ދިނުމަށްފަހު ގޯތި އަތުލެވޭނީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 14 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ކަމަށްވާއިރު، އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ގޯއްޗަކީ ގޯތި ދިނުމުގެ އެންމެހައި އިދާރީ މަރުހަލާތައް ނިމިފައިވާ ތަނަކަށްވާތީވެ، ފޯމު ބާތިލުކޮށްފިނަމަ އެ މާއްދާއާ ޚިލާފުވާނެކަން.
(ށ) ގޯތި ދިނުމަށްފަހު ގޯތި ގޯއްޗަކީ އެ މީހަކަށް ލިބިގެންވާ ހައްގަކަށްވާއިރު، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ދަށުން އަސާސީ ހައްގެއް ހަނިކުރުމުގެ ނުވަތަ ނިގުޅައިގަތުމުގެ ހައްގު ނައިފަރު ކައުންސިލަށް ލިބިގެން ނުވާކަން.
ބިމެއް އޮންނަ ފަރާތަކަށްވެސް އެހެން ބިމެއް ގަނެ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ޤާނޫނުން ލިބިދޭ ހިނދު އެ ހައްގު ހަނިކުރުމުގެ ބާރު ނައިފަރު ކައުންސިލަށް ލިބިގެން ނުވާކަން.
ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ޤާނޫނު ގެ 14 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މީހަކަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ދެ ގޮތަކަށް ވަކިކުރެވިދާނެއެވެ. އެއް ގޮތަކީ އެ ގޯތި ދޫކުރި ފަހުން 5 އަހަރު ދުވަހު އެގޯތީގައި ދިރިއުޅެން ފަށާފައި ނުވުމެވެ. ދެވަނަ ގޮތަކީ އެ ގޯތި ދޫކުރުމުގައި ކޮށްފައިވާ ޝަރުތަކާ ޚިލާފުވުމެވެ.
އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ގޯއްޗަކީ ގޯތި ދިނުމުގެ އެންމެހައި އިދާރީ މަރުހަލާތައް ނިމިފައިވާ ތަނަކަށްވާއިރު، ފޯމު ބާތިލުކޮށްފިނަމަ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ޤާނޫނު ގެ 14 ވަނަ މާއްދާއާ ޚިލާފުވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީ ނަމަވެސް، ފާދިއްޕޮޅު ނައިފަރުން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް 2011 ގެ ސަފްހާ ނަންބަރު 06 ގައި އިތުރު މައުލޫމާތު ހިމެނޭބައިގެ 05 ވަނަ ޕޮއިންޓުގައި، ފޯމު ހުށައެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚުގެ ފަހުންވެސް ފޯމު ހުށަހަޅާފައިވާ މީހާ ނިޔާވުން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ތަރިކައިން ނުވަތަ އެނޫންވެސް ގޮތަކުން ގޯއްޗެއް ނުވަތަ ފުލެޓެއް ނުވަތަ ބިމެއް ލިބުން ފަދަ ފޯމު ހުށަހަޅާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތެއް އުނިވެއްޖެނަމަ އެމީހެއްގެ ފޯމު ބާތިލުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް އިން ކުރިއަށް ގެންދިޔަ ކޮރެލްވިލް މަޝްރޫއުގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް ހުޅުމާލެއިން ފުލެޓެއް ލިބިފައިވާތީވެ، ފާދިއްޕޮޅު ނައިފަރުން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް 2011 ގެ ސަފްހާ ނަންބަރު 06 ގައި އިތުރު މަޢުލޫމާތު ހިމެނޭބައިގެ 05 ވަނަ ޕޮއިންޓުގައިވާ ޝަރުތަކާއި ޚިލާފުވެފައިވާކަން އެނގެއެވެ.
ވީމާ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/37 ގަޒިއްޔާގައި ކުރައްވާފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު:
މި މައްސަލައާ ގުޅިގެން ފަނޑިޔާރު ޙުސްނުއްސުޢޫދު ލިޔުއްވާފައިވާ ރައުޔުގައި، ނިންމުމަށް ވާސިލުވާ ސަބަބުތަކަށް އަހުރެން ތާއީދު ކުރަމެވެ. މި މައްސަލައިގައިވާ ފަދައިން، ހިނގަމުން އަންނަ އެކި އެކި މުޢާމަލާތްތަކުގައި، ނުވަތަ ހިނގާ ފުރިހަމަ ނުވާ މުޢާމަލާތްތަކުގައި، މުދަލެއް މީހެއްގެ ނަމުގައި ރަޖިސްޓަރީ ނުވެ އޮތުމަކީ، ނުވަތަ މުދަލެއްގެ މައްޗަށް ޤާނޫނީ ޙައްޤުތަކެއް އަދި އެންމެ ފުރިހަމަ ގޮތުގައި އުފެދިފައި ނުވުމަކީ، އެ މުދަލެއްގެ މައްޗަށް އަދާލަތުގެ ޙައްޤު (equitable rights) ނުހިނގާނެ ކަމެއް ނޫނެވެ. ޅ. ނައިފަރުން ބަންޑާރަ ގޯތި ދޫކުރީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ރިޢާޔަތްކޮށް ޕޮއިންޓުދޭ އުޞޫލުން ކަމުގައިވާއިރު، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ޢަބްދުﷲ ޖަމީލްއަކީ ފުލެޓެއް ލިބިފައިވާ ފަރާތެއްކަމުގައި ބަލަންޖެހެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު:
މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، ފާދިއްޕޮޅު ނައިފަރުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު 18 މޭ 2011 ގައި ފާދިއްޕޮޅު ނައިފަރު ކައުންސިލުގެ އިދާރާއިން ހުޅުވާލުމުން، ނައިފަރުން ގޯޗެއް ހޯދުމަށް އެދި ޅ. ނައިފަރު ވައްވަރުގެ، އަލްފާޟިލް ޢަބްދުﷲ ޖަމީލު ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ އަށް ގޯއްޗަށް އެދި ފޯމު ހުށަހެޅުމުން، ޝަރުތުހަމަވާ ފަރާތްތައް ކަނޑައަޅައި އެފަރާތްތަކަށް މާކްސް ލިބުނު ތަރުތީބުން ގޯތި ލިބުނު ފަރާތްތަކުގެ ތެރޭގައި ޢަބްދުﷲ ޖަމީލު ހިމެނިފައިވަނިކޮށް، ޢަބްދުﷲ ޖަމީލަށް ދިނުމަށް ގުރުއަތުން ނެގިފައިވާ ބަންޑާރަ ގޯތި (ގޯތި ނަންބަރު: B37/01 ނުދިނުމަށާއި، ޢަބްދުﷲ ޖަމީލު ގޯއްޗަށް އެދި ހުށަހެޅި ފޯމު ބާތިލުކުރުމަށް 23 މޭ 2012 ގައި ނައިފަރު ކައުންސިލުގެ އިދާރާ އިން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/37 ގަޒިއްޔާގައި ކުރައްވާފައިވާ ޙުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްގެ އިއްތިފާގުން ތާއީދުކޮށްފީމެވެ.
ޑރ. އަޒްމިރާލްދާ ޒާހިރު ޙުސްނުއްސުޢޫދު ޢާއިޝާ ޝުޖޫން މުޙައްމަދު
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.