ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/SC-A/13ސުޕްރީމް ކޯޓު · 26 އޮކްޓޫބަރު 2017

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 26 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2016/SC-A/13

ދަޢުވާކުރާ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)

ދަޢުވާލިބޭ ފަރާތް: މުޙައްމަދު ޙަބީބު

މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 03 އެޕްރީލް 2016

ރަޖިސްޓްރީކުރެވުނު ތާރީޚް: 11 މެއި 2016

ނިމުނު ތާރީޚް: 26 އޮކްޓޫބަރު 2017

މައްސަލަ ނިންމި ގަޑި: 12:35

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު:2014/HC-A/210

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 07 ޖުލައި 2013

ނިމުނު ތާރީޚް: 15 އެޕްރީލް 2014

މައްސަލައިގެ ޙުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުމަށް އެދި ދައުލަތުގެ (މޯލްޑިވްސް ޕޮލިސް ސަރވިސް ތަމްޘީލުކޮށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ) ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ މުޙައްމަދު ޙަބީބު، ދަފްތަރު ނަންބަރު 3915 /އެން.އެސް.އެސް ފްލެޓް 11.03، އަށެވެ.

އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1322/Cv-C/2013 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ މުޙައްމަދު ޙަބީބު، ދަފްތަރު ނަންބަރު 3915 (އެން.އެސް.އެސް ފްލެޓް 11.03) އަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 1322/Cv-C/2013 ޤަޟިއްޔާގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށް ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު 1322/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، 03 ޖުލައި 1980 އިން ފެށިގެން މެދުކެނޑުމެއްނެތި ނޭޝަނަލް ސެކިއުރިޓީ ސަރވިސް، އަދި އޭގެ ފަހުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި މުޙައްމަދު ޙަބީބު މަސައްކަތް ކުރަމުން ދަނިކޮށް، ދައުލަތުގެ މުދަލަކަށް ޚިޔާނާތްތެރިވީކަމަށް ތަޙްޤީޤަށް ޘާބިތުވާކަމުގައި ކަނޑައަޅައި،08 ފެބްރުވަރީ 2009 ދުވަހު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައިވާތީ އާއި، ވަޒީފާއިން ވަކިކުރިކަން މުޙައްމަދު ޙަބީބަށް އަންގާފައި ނުވާކަމަށް ބުނެ، ކުރިން ހުރި ވަޒީފާ އަނބުރާ ހޯދުމަށާއި، ވަޒީފާއިން ވަކިކުރުމަށްފަހު ހޭދަވެފައިވާ މުއްދަތުގައި، ވަޒީފާގައި ހޭދަކުރި އިރު ލިބޭ މުސާރައާއި ޢިނާޔަތްތަކާއި އެ މުއްދަތުގެ ތެރޭގައި މުސާރައިގެ ކުރިއެރުން ލިބިފައިވާނަމަ، އިތުރުވެފައިވާ މިންވަރެއް ހޯދުމަށާއި، ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުޞަތު ގެއްލިގެން ދިއުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މުޙައްމަދު ޙަބީބު (ދަފްތަރު ނަންބަރު 3915 ގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،

ސިވިލް ކޯޓުން އެ ކޯޓުގެ ނަންބަރު 1322/Cv-C/2013 ޤަޟިއްޔާ ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތައް މި މައްސަލައަށް ތަޠްބީޤުކުރެވޭނެކަމަށް ސިވިލް ކޯޓަށް ފެންނާތީ މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމަކީ ބާޠިލް ވަކިކުރުމެއްކަމުގައި ކަނޑައަޅައި،

08 ފެބްރުވަރީ 2009 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިވެފައިވާކަމަށް ނުބެލުމަށާއި، 15 އެޕްރީލް 2014 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއާ އެއްވަރެއްގެ ވަޒީފާއެއް މުޙައްމަދު ޙަބީބަށް ދިނުމަށާއި، 08 ފެބްރުވަރީ 2009 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަބީބުގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް މުޙައްމަދު ޙަބީބަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް15 އެޕްރީލް 2014 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުޙައްމަދު ޙަބީބަށް ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގައި ޙުކުމްކޮށްގެންކަން

އިސްވެ އިޝާރާތް ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1322/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1322/Cv-C/2013 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތްކަމަށް އެ ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނަކަމަށް ބަޔާންކޮށް އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމްކޮށްގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައިގަނޑު ތިން ސަބަބެއް ހުށަހަޅައި އެ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން:

ފުރަތަމަ ސަބަބަކީ، މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 1322/Cv-C/2013 ޤަޟިއްޔާ، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާއިން އިސްތިއުނާފުކުރުމުން، އެ ޤަޟިއްޔާ ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2014/SC-A/24 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ޅ) ގައި މުޙައްމަދު ޙަބީބުގެ މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/316 ޤަޟިއްޔާއިން ބެލެވުނު މައްސަލައިގައި ކަންހިނގާފައިވާ ގޮތަކީ، އެއްގޮތް ކަންތައްތަކެއްކަމަށް ބަޔާންކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/316 ޤަޟިއްޔާ މި މައްސަލައަށް ތަޠުބީޤުކޮށް ޙުކުމް ކުރުމީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/24 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފު ކަމެއްކަމަށާއި އަދި މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމެއްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ތިންވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ޅ) ގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ޤަވާޢިދުގެ ދަށުން މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކުރުމަކީ ފަހުން ހެދޭ ޤަވާޢިދެއްގެ ދަށުން ކުރެވޭނެ ކަމެއް ނޫންކަމާއި، އަދި ފަހުން ހެދޭ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ކުރީގެ ހާދިސާއެއްގެ މައްޗަށް ހިނގާނީ ޤާނޫނުގައި ކަނޑައެޅިފައި އޮވެގެން އިސްތިސްނާއީ ޙާލަތްތަކުގައިކަން ޝަރުޢީ އަދި ޤާނޫނީ އުޞޫލަށް ބެލުމުން އެނގޭތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާ ބެހޭ ޤަވާޢިދާ ޙަވާލާދީ، މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކުރިކަން އަންގާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171/VKL/2009/17 "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" ގައިވާ އެންގުމަކީ ޞައްޙަ އެންގުމެއް ކަމުގައި ބެލެވެން ނެތްކަމަށް ބަޔާންކޮށް، ސިވިލް ކޯޓުގެ ނަންބަރު 1322/Cv-C/2013 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭނެ ތަނެއް އޮތްކަމުގައި ބެލެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ، މައްސަލައާ ގުޅޭގޮތުން ދައުލަތުން ހުށަހެޅި އެންމެހައި ލިޔުންތަކާއި، ހެއްކާއި ޤަރީނާއާއި ޝަރީޢަތުގައި ދައުލަތުން ފާހަގަކުރި، މައްސަލައާ ގުޅުންހުރި މުހިންމު ނުކުތާތަކާއި ވަށައިގެންވާ އެންމެހައި ޙާލަތްތަކަށް ރިޢާޔަތްކުރުމަކާ ނުލައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައިގައި ދަޢުވާ ލިބުނު މުޙައްމަދު ޙަބީބުގެ ފަރާތުން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ލިޔުންތަކުގެ މައްޗަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1322/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ބަޔާންވެދިޔަ ގޮތުގެމަތިން ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު

އެ ކޯޓުގެ ނަންބަރު 1322/Cv-C/2013 ޤަޟިއްޔާގައި މުޙައްމަދު ޙަބީބު ކޮށްފައިވާ ދަޢުވާ ބިނާކޮށްފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި؛

މުޙައްމަދު ޙަބީބުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތުހުމަތުކޮށް ތަޙްޤީޤުކުރި މައްސަލަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވުމުން، ޖިނާއީ ކޯޓުގެ ނަންބަރު 1649/JC/2009 ޤަޟިއްޔާއިން އެ މައްސަލަ ނިންމާފައިވަނީ މުޙައްމަދު ޙަބީބުގެ މައްޗަށް ތުހުމަތުކުރި މައްސަލަ ސާބިތުނުވާކަމުގައި ކަނޑައަޅާފައި ކަމަށްބުނެ، ހުށަހަޅާފައިވާ ސަބަބާއި؛

މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރެވުނުކަމުގެ ލިޔުމުގައި މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު MPS-4/2009-1 ވަޒީފާއާބެހޭ ޤަވާޢިދުގެ ދަށުންކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރުގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެ ޤަވާޢިދު ފާސްކޮށްފައިވަނީ 02 ޖަނަވަރީ 2009 ވަނަ ދުވަހު ކަމަށްވާއިރު، މުޙައްމަދު ޙަބީބުގެ މައްޗަށް އެ ޤަވާޢިދުގެ ދަށުން ފިޔަވަޅުއެޅި މައްސަލައިގެ ޙާދިޘާ ހިނގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވާ ތާރީޚަކީ 30 އެޕްރީލް 2008 ކަމަށާއި، އެހެންކަމުން މިއީ މާޟީއަށް ޤާނޫނު ތަޠްބީޤުކުރުން ކަމަށްވާތީ، މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކުރުމަށް މުޙައްމަދު ޙަބީބުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ ތެރޭގައި ހިމެނޭ ދެފަރާތަށް ވަޒީފާއިން ވަކިކުރެވުނުކަން އެންގުމުން، އެ ދެފަރާތުން މަދަނީ ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 585/MC/2009 ޤަޟިއްޔާގައި ކަނޑައަޅައިފައިވަނީ އެ ދެފަރާތަށް އަލުން ވަޒީފާ ދިނުމަށް އަމުރުކޮށްގެންކަމަށް ވުން ކަމަށްބުނެ، ފާހަގަކޮށްފައިވާ ސަބަބާއި؛

މި މައިގަނޑު ސަބަބުތައް ހިމެނިގެންވާކަން އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1322/Cv-C/2013 ޤަޟިއްޔާގައި މުޙައްމަދު ޙަބީބުކޮށްފައިވާ ދަޢުވާގެ ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 1322/Cv-C/2013 ޤަޟިއްޔާގައި މުޙައްމަދު ޙަބީބުގެ ފަރާތުން ކޮށްފައިވާ ދަޢުވާގެ ޖަވާބުގައި، އެ ޤަޟިއްޔާގައި ދަޢުވާލިބުނު މޯލްޑިވްސް ޕޮލިސް ސަރވިސް ތަމްޘީލްކުރަމުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދައުލަތުގެ މުދަލަށް މުޙައްމަދު ޙަބީބު ޚިޔާނާތްތެރިވެފައިވާކަމަށް އެކަށީގެންވާ ހެކި ލިބި، ތަޙްޤީޤަށް އެކަން ސާބިތުވެފައިވާތީއާއި، އަދި އެފަރާތުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ސާބިތުވެފައިވާ ކުށަކީ މޯލްޑިވްސް ޕޮލިސް ސަރވިސްފަދަ ރައްޔިތުންގެ އިތުބާރާއި ޤަދަރު ލިބެންޖެހޭ ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއެއްގައި އެފަދަ ކުށެއްގެ ތުހުމަތަކާއެކު ބެހެއްޓުން އެކަށީގެންނުވާ ފަދަ ކުށަކަށްވާތީއާއި، ފުލުހުންގެ ކުށްތައް ބަލައި އިދާރީ އަދަބު ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ޑިސިޕްލިނަރީ ބޯޑުގެ ނިންމުމަކީވެސް، ފުލުހުންގެ މުއައްސަސާގައި މުޙައްމަދު ޙަބީބު ބެހެއްޓުން އެކަށީގެން ނުވުންކަމަށްވާތީއާއި، އަދި މުޙައްމަދު ޙަބީބުގެ އެ ޢަމަލަކީ، އޭރު ޢަމަލުކުރަމުންދިޔަ ސަރުކާރުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ ދަށުންވެސް ވަޒީފާއިން ވަކިކުރެވޭނެ ބާވަތުގެ ކުށަކަށްވެފައި، ދަޢުވާކުރާ ފަރާތުން އެކުށްކުރިކަން މަދަނީ މިންގަނޑުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހެކި ލިބިފައިވާތީއާއި، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް، މުޙައްމަދު ޙަބީބުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ އެ ކުށް ނުކުރާކަމަށްވުރެ ބޮޑަށް އެ ކުށް ކުރިކަމަށް ބުރަވެވިފައިވާ ކުށެއްކަމަށް ފާހަގަކުރެވިފައިވާތީއާއި، މުޙައްމަދު ޙަބީބު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، ފުލުހުންގެ މުއައްސަސާގެ ކަރާމާތްގެއްލި، ޢާންމު ރައްޔިތުންގެ އިތުބާރު ގެއްލޭނެފަދަ ކަމެއްކަމުގައި ވެގެންދާނެތީ، މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކުރި ޗިޓުގައި، ޙާދިޘާ ހިނގާދިޔަ ފަހުން ޢަމަލުކުރެވެންފެށި ޤަވާޢިދަކާ ޙަވާލާދީފައި އޮތްނަމަވެސް މުޙައްމަދު ޙަބީބާމެދު ތުހުމަތު ކުރެވިފައިވާ ޢަމަލަކީ އޭރު ފުލުހުންގެ ވަޒީފާއާބެހޭ ކަންތައްތަކުގައިވެސް އަމަލުކުރެވެމުންދިޔަ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދުގެ ދަށުންވެސް ވަޒީފާއިން ވަކިކުރެވޭނެ ބާވަތުގެ ކުށެއްކަމުގައިވާތީއާއި، ޑިސިޕްލިނަރީ ބޯޑުގެ ނިންމުމަކީ ފަހުން އެކުލަވާލެވިފައިވާ ޤަވާޢިދެއްގެ މާއްދާއެއްގެ ދަށުން ނިންމާފައިވާ ނިންމުމެއްކަމުގައި ނުވާތީ، މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައެޅޭނެ ޖާގައެއް ނެތްކަމަށްވާތީ، މުޙައްމަދު ޙަބީބުގެ ވަޒީފާ އަނބުރާ ރުޖޫޢަކުރެވޭނެ އަދި މުޙައްމަދު ޙަބީބުގެ ފަރާތުން އެދޭ ބަދަލު ނަގައިދެވޭނެ އެއްވެސް ހަމައެއް ނެތްކަމަށްބުނެ މުޙައްމަދު ޙަބީބުކޮށްފައިވާ މި ދަޢުވާއަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިންކާރުކޮށްފައިވާކަން މައްސަލައާ ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރގެ މަޤާމުގައި ހުއްޓައި، އެ ސަރވިސްއިން، އެ ސަރވިސްގެ އެ މަޤާމުން03 ފެބުރުވަރީ 2009 ވި ދުވަހުން ފެށިގެން މުޙައްމަދު ޙަބީބު ވަކިކޮށްފައިވާކަމާއި، ބުނެވުނު ތާރީޚުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން، އެ ސަރވިސްގައި މުޙައްމަދު ޙަބީބު އަދާކުރަމުންދިޔަ ބުނެވުނު ވަޒީފާއިން ވަކިކޮށްފައިވަނީ، މުޙައްމަދު ޙަބީބުގެ މައްޗަށް ތުހުމަތުކުރެވި، ތަޙްޤީޤަށް ސާބިތުވި މައްސަލައަކީ، ސަރުކާރުގެ މުދަލަށް ޚިޔާނާތްތެރިވި މައްސަލައަކަށްވާތީ ކަމަށްބުނެ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށްގެންކަމާއި، މިކަންކަން މި މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171/VKL/2009/17 (8 ފެބުރުވަރީ 2009) ގެ "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" މި ނަމުގައިވާ ލިޔުމުން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ:

1. "އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ގުދަނުން އެ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ބައެއް ފުލުހުން ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ރިޕޯޓް" މި ނަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓަރނަލް އެފެއާޒް ޑިޕާޓްމަންޓުގެ ނަންބަރު IAD/RE/2008 ގެ ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓަކީ ކޮންސްޓަބްލް މުޙައްމަދު ޒިޔާދުއާއި، ކޮންސްޓަބްލް އަޙްމަދު ރަޝީދުއާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަބީބުއާއި މިފަރާތްތަކުގެ މައްޗަށް ހިންގުނު ތަޚްޤީޤުގެ މައްޗަށް ބިނާކޮށް އެފަރާތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުދަލަށް ޚިޔާނާތްތެރިވެފައިވާކަން ސާބިތުވާކަމަށް އެ ރިޕޯޓުގެ ދަށުން ނިންމާފައިވާ ތަޙްޤީޤު ރިޕޯޓެއްކަން އެ ރިޕޯޓުން އެނގެން އޮންނައިރު،

2. "ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމު" މި ނަމުގައިވާ ނަންބަރު DBMF/2009/22 ފޯމަށް ބަލާއިރު، އެ ފޯމުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަބީބުއާއި، ކޮންސްޓަބްލް މުޙައްމަދު ޒިޔާދުއާއި، ކޮންސްޓަބްލް އަޙްމަދު ރަޝީދުއާއި، ކޮންސްޓަބްލް ރާމިޒު ޢަބްދުﷲއާއި މިފަރާތްތައް ކަމާއި، މި މައްސަލައިގައި ކޮންސްޓަބްލް މުޙައްމަދު ޒިޔާދު އާއި، ކޮންސްޓަބްލް އަޙްމަދު ރަޝީދު އާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަބީބު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުދަލަށް ޚިޔާނާތްތެރިވެފައިވާކަން ތަޙްޤީޤަށް ސާބިތުވާކަމަށް ބަޔާންކުރުމަށްފަހު، ތަޙްޤީޤުކުރާ ފަރާތަށް ފެންނަގޮތަކީ، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާތީއާ، ސަރުކާރުގެ މުދަލާއި ތަކެތި ގެންގުޅުމުގެ ޤަވާޢިދާ ޚިލާފުވެފައިވާތީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ވަޒީފާއިން ވަކިކުރުމަށް ކޮމިޝަނަރއަށް ހުށަހެޅުމަށާއި އަދި މައްސަލަ ޝަރީޢަތަށް ފޮނުވުމަށް ކަމަށް ބަޔާންކޮށްފައިވާކަމާއި، މިގޮތަށް މި ފޯމުގެ ދަށުން ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުނު މި މައްސަލައާމެދު ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ ކޮންސްޓަބްލް އަޙްމަދު ރަޝީދުއާއި، ކޮންސްޓަބްލް މުޙައްމަދު ޒިޔާދުއާއި، ކޮންސްޓަބްލް ރާމިޒު ޢަބްދުﷲ އާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަބީބުގެ މައްޗަށް ތުހުމަތުކުރެވިގެން ތަޙްޤީޤު ކުރެވުނު މައްސަލައަކީ ސަރުކާރުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ޖިނާއީ ކުށުގެ މައްސަލައަކަށްވާތީ 04 މީހުން ވަޒީފާއިން ވަކިކޮށް، ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްކަމާއި، މިކަންކަން އިސްވެ އިޝާރާތްކުރެވުނު ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށާއި އަދި މިފޯމުގެ މައްޗަށް ބިނާކޮށް ޑިސިޕްލިނަރީ ބޯޑުން 28 ޖަނަވަރީ 2009 ގައި ނިންމާފައިވާ ނިންމުމަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަ ކަމަކީ، މުޙައްމަދު ޙަބީބު، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ބަޔާންކުރެވިދިޔަ ވަޒީފާއިން ވަކިކުރެވިފައިވާކަން އެނގޭ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެ އިޝާރާތްކުރެވުނު ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުގައާއި، މުޙައްމަދު ޙަބީބު، މޯލްޑިވްސް ޕޮލިސް ސަރިވސްގައި އަދާކުރަމުންދިޔަ އެ ވަޒީފާއިން ވަކިކުރުމަށާއި، މުޙައްމަދު ޙަބީބުގެ މައްޗަށް ތުހުމަތު ކުރެވިގެން ތަޙްޤީޤުކުރެވުނު ބަޔާންވެދިޔަ ޖިނާއީ ކުށުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ފެންނަކަމަށް ޑިސިޕްލިނަރީ ބޯޑުގެ ބަޔާންވެދިޔަ ނިންމުން އެގޮތަށް ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ އޭރު ޢަމަލުކުރެވެމުންދިޔަ ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) ގެ މައްޗަށްކަން ބަޔާންވެދިޔަ ލިޔުންތަކުން އެނގެން އޮންނައިރު، ބަޔާންކުރެވުނު ޤަވާޢިދަކީ 05 އޯގަސްޓު 2008 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރުލިބިގެން އެކުލަވާލެވި، އަދި 02 ޖަނަވަރީ 2009 ގައި ޢަމަލުކުރަން ފެށުނު ޤަވާޢިދެއްކަން އެ ޤަވާޢިދުގެ 1 ވަނަ މާއްދާއިން އެނގެން އޮންނައިރު، ބަޔާންވެދިޔަ ޤަވާޢިދުގެ 24 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާއަކީ ފުލުހުންގެ ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާ މާއްދާކަމާއި، މިގޮތުން އެ މާއްދާގެ (ށ) އަށް ބަލާއިރު، އެ މާއްދާގެ އެ އަކުރުގައި ބުނަނީ: "މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފު ޢަމަލެއްކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވާ ޙާލަތެއްގައި، އެ ކުޅަ ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސްފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން ހުށަހެޅުމުން" މިފަދައިންކަން އެނގެން އޮންނައިރު، ބުނެވުނު ޤަވާޢިދުގެ 25 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ މި ޤަވާޢިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމެއް ދިމާވެގެން ކޮމިޝަނަރ އޮފް ޕޮލިސް، ލިޔުމުން މިނިސްޓަރަށް ހުށަހެޅުމުންކަމަށް ސާފުބަހުން ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމުގެ އިތުރުން، ބަޔާންކުރެވުނު ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބުނާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑު ނުވަތަ ކޮމިޓީއަކީ އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރުލިބިގެން އެކުލަވާލެވި،02 ފެބްރުވަރީ 2008 ގައި ޢަމަލުކުރަން ފެށުނު، "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިޝަނަރ އޮފް ޕޮލިސް އުފައްދަންޖެހޭ ބޯޑެއް ނުވަތަ ކޮމިޓީއެއް ކަން މި ބުނެވުނު މި ފަހުގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނައިރު، މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ބަޔާންކުރެވުނު އެ ވަޒީފާއިން ވަކިކުރުމަށާއި އަދި މުޙައްމަދު ޙަބީބު ހިމެނޭގޮތުން މުޙައްމަދު ޙަބީބާމެދު ތުހުމަތުކުރެވި، ތަޙްޤީޤުކުރެވުނު، ސަރުކާރުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ވެފައިވާކަމަށް ބުނާ ޖިނާއީ ކުށުގެ މައްސަލަ ޝަރީޢަތަށް ފޮނުވުމަށް ނިންމާފައިވަނީ، ފަހުން މި ބަޔާންކުރެވުނު ޤަވާޢިދުގެ 6 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ ބޯޑުންކަން މުޙައްމަދު ޙަބީބާމެދު ބަޔާންވެދިޔަ ފިޔަވަޅުތައް އެޅުމަށް ނިންމި އިސްވެ އިޝާރާތްކުރެވުނު ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުންނާއި ދައުލަތުގެ ބަހުންވެސް އެނގެން އޮންނައިރު،

މި އިޝާރާތްކުރެވުނު "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ނ) ގައި މުވައްޒަފެއްގެ ކިބައިން ފެންނަ ޑިސިޕްލިނަރީ އަދި އިދާރީ މައްސަލައަށް ކަނޑައަޅާ އަދަބަކީ، އެމީހެއްގެ ވަޒީފާއިން ވަކިކުރުން ނުވަތަ ރޭންކް ދަށްކުރުން ކަމުގައިވާނަމަ، އެކަން ތަންފީޛުކުރުމުގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސްއާ މަޝްވަރާކޮށް، ކޮމިޝަނަރ އޮފް ޕޮލިސްގެ އެންޑޯޒްމެންޓް ހޯދައިގެން މެނުވީ މިނިސްޓަރަށް ހުށަހަޅައިގެން ނުވާނެކަމަށް ޞަރީޙަބަހުން ބަޔާންކޮށްފައިވާކަމާއި، މިކަންކަން މި ބަޔާންކުރެވުނު ދެ ޤަވާޢިދަށް ބެލުމުން އެނގެން އޮތުމުން ޑިސިޕްލިނަރީ ނުވަތަ އިދާރީ ގޮތުން ފުލުހެއްގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ދަށުން އެފަރާތް ވަޒީފާއިން ވަކިކުރަން ނިންމުންފަދަ ނިންމުންތައް ތަންފީޛުކުރުމުގެ ކުރިން އެފަދަ ނިންމުންތަކާމެދު ކޮމިޝަނަރ އޮފް ޕޮލިސްއާ މަޝްވަރާކޮށް އެފަދަ ނިންމުމެއް ތަންފީޛުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެންނަކަމުގެ ލިޔުމެއް މިނިސްޓަރަށް ހުށަހަޅަންޖެހޭނެކަމާއި، މިކަންކަން މި ބުނެވުނު ދެ ޤަވާޢިދުގެ ބަޔާންކުރެވުނު މާއްދާތަކުގެ ޞަރީޙަ ނައްޞަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.

(ޅ) ހަވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ ގޮތުގެމަތިން ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) ގައާއި އަދި "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އަދި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑު ނުވަތަ ކޮމިޓީއިން ޑިސިޕްލިނަރީ ގޮތުން ނުވަތަ އިދާރީ ގޮތުން ފުލުހެއްގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ދަށުން އެފަރާތް ވަޒީފާއިން ވަކިކުރަން ނިންމުންފަދަ ނިންމުންތައް ތަންފީޛުކުރުމުގެ ކުރިން އެފަދަ ނިންމުންތަކާމެދު ކޮމިޝަނަރ އޮފް ޕޮލިސްއާ މަޝްވަރާކޮށް، އެފަދަ ނިންމުންތައް ތަންފީޛުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެންނަކަމުގެ ލިޔުމެއް މިނިސްޓަރަށް ހުށަހަޅަން ޖެހޭނެކަން އެދުވަސްވަރު ޢަމަލުކުރެވެމުންދިޔަ އިޝާރާތްކުރެވުނު ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 25 ވަނަ މާއްދާގެ (ހ) އާއި "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ނ) ގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގެން އޮންނާތީ، ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ބަޔާންވެދިޔަ ނިންމުން، ތަންފީޛުކުރުމުގެ ކުރިން، އެ ނިންމުން ތަންފީޛުކުރަން ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެންނަކަމަށް ލިޔުމުން މިނިސްޓަރަށް ހުށަހަޅާފައިވާ ލިޔުމެއް އެބައޮތްތޯ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލައިގެ ޝަރީޢަތުގެ ފަރާތުން ދައުލަތާ ކުރެވުނު ސުވާލާ ގުޅިގެން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ މި މައްސަލައިގެ ޝަރީޢަތަށް ހުށަހަޅާފައިވަނީ ދެ ޞަފްޙާގެ މައްޗަށް އެކުލެވިގެންވާ "ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ފޯމު" މި ނަމުގައިވާ ފޯމެއްކަމާއި، މި ފޯމުގެ އެއްވެސް ތަނެއްގައި އެއީ މިނިސްޓަރަށް ހުށަހަޅާ ފޯމެއް ނުވަތަ ލިޔުމެއްކަން އެނގޭ އެއްވެސް ޢިބާރާތެއް އެ ފޯމުގައި ބަޔާންކުރެވިފައި ނުވާކަން އެނގެން އޮތުމުގެ އިތުރުން، މި ފޯމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ބޭނުމަށް ވަކި ފޯމެޓްއަކަށް ތައްޔާރުކުރެވިފައިވާ ފޯމެއްކަމާއި، އެ ފޯމުގެ ދެވަނަ ޞަފްޙާގެ އެންމެ ތިރީގައި "ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ބޭނުމަށް" މިގޮތަށް ލިޔެވިފައިވާ ގޮޅީގައި "ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަބީބު (ސ.ކ. 1026) މަތީގައި ބަޔާންކޮށްފައިވާ ސަބަބަށް ބަލައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރުމަށް ހަމަޖައްސައިފީމެވެ." މިފަދައިން ޢިބާރާތެއް ލިޔެ، އެ ޢިބާރާތުގެ ތިރީގައި އަޙްމަދު ފަސީޙު (ކޮމިޝަނަރ އޮފް ޕޮލިސް) މިހެން ލިޔެފައިވީ ނަމަވެސް އޭގައި ކޮމިޝަނަރ އޮފް ޕޮލިސް ސޮއިކޮށްފައި ނުވާކަމާއި، އަދި މި ފޯމުގެ އެއްވެސް ތަނެއްގައި، މި ފޯމަކީ ކޮން ތާރީޚެއްގައި ތައްޔާރުކޮށްފައިވާ ފޯމެއްކަން އެނގޭނެ އެއްވެސް ތާރީޚެއްވެސް މި ފޯމުގައި ނެތްކަމާއި، މިކަންކަން މި ފޯމުން އެނގެން އޮތުމުން މި ފޯމަކީ، އިސްވެ އިޝާރާތްކުރެވުނު ދެ ޤަވާޢިދުގެ ޙަވާލާދެވުނު މާއްދާތަކުގައި ބަޔާންކޮށްފައިވާ އިޖުރާއު ފުރިހަމަ ކުރުމުގެ ގޮތުން އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސްގެ ރުހުމާއި ޤަބޫލު އޮވެގެން މިނިސްޓަރަށް ހުށަހަޅާފައިވާ ލިޔުމެއްކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވެން އޮތް ފޯމެއްކަމަށް ނުބެލެވޭކަމެވެ.

(ކ) ހަތްވަނަ ކަމަކީ، މުޙައްމަދު ޙަބީބު، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ދިޔަ، ބަޔާންކުރެވުނު އެ ވަޒީފާއިން ވަކިކުރުމަށާއި، އަދި މުޙައްމަދު ޙަބީބު ހިމެނޭގޮތުން މުޙައްމަދު ޙަބީބާމެދު ތުހުމަތުކުރެވި، ތަޙްޤީޤު ކުރެވުނު، ބަޔާންކުރެވުނު މައްސަލަ ޝަރީޢަތަށް ފޮނުވުމަށް ނިންމާފައިވަނީ އިސްވެ އިޝާރާތްކުރެވުނު "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ ބޯޑުންކަން މުޙައްމަދު ޙަބީބާމެދު ބަޔާންވެދިޔަ ފިޔަވަޅުތައް އެޅުމަށް ނިންމި އިސްވެ އިޝާރާތްކުރެވުނު ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުންނާއި އަދި މައްސަލައާ ގުޅިގެން ޝަރީޢަތުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންވެސް އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިޝަނަރ އޮފް ޕޮލިސް އުފައްދަންޖެހޭ ޑިސިޕްލިނަރީ އަދި އިދާރީ މައްސަލަތަކަށް އަދަބު ކަނޑައަޅާ ބޯޑު ނުވަތަ ކޮމިޓީގެ މަސްއޫލިއްޔަތަކީ މި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން މި ޤަވާޢިދުގައި ބަޔާންވެގެންވާ ފަރާތްތަކުން ކުރާ ޑިސިޕްލިނަރީ އަދި އިދާރީ މައްސަލަތަކަށް އަދަބު ކަނޑައެޅުންކަން ބުނެވުނު ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ) އިން އެނގެން އޮންނައިރު، ބުނެވުނު ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި އެ ޤަވާޢިދުގެ މަޤްޞަދަށްޓަކައި ޑިސިޕްލިނަރީ ކުށްތަކުގެ ގޮތުގައި އެ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުން ފެށިގެން 20 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވަނީ ޖިނާއީ ކުށްތަކަށް ނުހިމެނޭ މުޅިން ޑިސިޕްލިނަރީ ކުށްތައްކަން އެނގެން އޮންނަ އޮތުމުންނާއި، އަދި މީގެ އިތުރުން މި ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 20 ވަނަ ނަންބަރުގައި "މަތީގައި ބަޔާންކުރެވުނު ކަންކަން ފިޔަވައި ޑިސިޕްލިނަރީ ކުށެއްކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމާފައިވާ ޖިނާއީ ކުށްތަކަށް ނުހިމެނޭ އަޚްލާޤީ ކުށް" މިފަދައިން ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަ އޮތުމުންވެސް، ބުނެވުނު ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ޖިނާއީ ކުށެއްކަމުގައި ނުބެލެވޭ މުޅިން ޑިސިޕްލިނަރީ ކުށްތައްކަން އިތުރަށް ކަށަވަރުވެގެން ދާކަމާއި، އަދި މީގެ އިތުރުން ބުނެވުނު ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ށ) ގައި އެ ޤަވާޢިދުގެ މަޤްޞަދަށްޓަކައި އިދާރީ ކުށްތައްކަމުގައި ކަނޑައަޅާފައިވާ ކަންކަމަކީ، ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން ބާރު ލިބިގެން އެކުލަވާލެވިފައިވާ ޤަވާޢިދުތަކުގެ ތެރެއިން "ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ޤަވާޢިދު" ފިޔަވައި އެ މާއްދާގައި ބަޔާންވެގެންވާ އެހެން ޤަވާޢިދަކާ ޚިލާފުވުމާއި ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) އިން ބާރުލިބިގެން ހެދިފައިވާ އެހެން ޤަވާޢިދަކާ ޚިލާފުވުމާއި މިކަންކަން ކަން ބުނެވުނު ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުން އެނގެން އޮންނައިރު ބުނެވުނު ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ނ) ގައި މި ޤަވާޢިދުގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ޢަމަލަކީ ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށެއްކަމުގައި ބެލެވޭނީ އެ ޢަމަލަކީ ޖިނާއީ ކުށެއްކަމުގައި ނުވާނަމަކަމަށް ސާފުބަހުން ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގައި ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އެންމެ ފުރަތަމަ ޙާލަތުގެ ގޮތުގައި އެ މާއްދާގައި ބަޔާންކޮށްފައިވަނީ ޖިނާއީ ކުށެއް ސާބިތުވެގެން ޙުކުމެއް ކުރުމުގެ ޙާލަތުކަން އެ މާއްދާގެ (ހ) އިން އެނގެން އޮންނައިރު، ބުނެވުނު މާއްދާގައި، ބަޔާންކުރެވިފައިވާ، ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތަކުގެ ތެރޭގައި ޖިނާއީ ކުށެއް ތަޙްޤީޤަށް ސާބިތުވުމުން އެއީ ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއްކަމުގައި އެއްވެސް މިންވަރަކަށް ބަޔާންކޮށްފައި ނުވާކަމާއި މިކަންކަން، ބަޔާންވެދިޔަ ދެ ޤަވާޢިދުގެ ޙަވާލާދެވުނު މާއްދާތަކަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން މައްސަލަ ބަލައި، އެ ޤަވާޢިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު އެ ބޯޑަށް ނުވަތަ އެ ކޮމިޓީއަށް ލިބިގެންވަނީ އެ ޤަވާޢިދުގެ އިސްވެ އިޝާރާތްކުރެވުނު މާއްދާތަކުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން، ޖިނާއީ ކުށަކަށް ނުހިމެނޭ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އެކަނިކަމާއި، އެހެންކަމުން އިސްވެ އިޝާރާތްކުރެވުނު "ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) ގައި ބުނާ "ތަޙްޤީޤު" ނުވަތަ "ތަޙްލީލު" މާނަކުރެވެން ޖެހޭނީ އިސްވެ އިޝާރާތްކުރެވުނު، "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށެއްކަމުގައި ބެލެވޭ ޢަމަލެއް ފުލުހަކު ކޮށްފައިވާ ކަމާމެދު ފުލުހެއްގެ މައްޗަށް ހިންގޭ ތަޙްޤީޤު ނުވަތަ ތަޙްލީލުގެ މަފްހޫމުގެ ޙުދޫދުގެ ތެރޭގައި ކަމާއި، ޖިނާއީ ކުށަކާ ބެހޭގޮތުން ފުލުހެއްގެ މައްޗަށް ހިންގޭ ތަޙްޤީޤަކުން ޖިނާއީ ކުށެއް ފުލުހަކު ކޮށްފައިވާކަން ތަޙްޤީޤަށް ސާބިތުވާކަމަށް ނިންމާފައިވާ ތަޙްޤީޤު ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ފުލުހަކު ވަޒީފާއިން ވަކިކުރުން ފަދަ ނިންމުމެއް ނިންމުމުގެ ބާރު އިސްވެ އިޝާރާތްކުރެވުނު "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑު ނުވަތަ ކޮމިޓީއަށް ލިބިދީފައި ނުވާކަން އިސްވެ އިޝާރާތްކުރެވުނު ދެ ޤަވާޢިދުގެ ބަޔާންކުރެވިދިޔަ މާއްދާތަކުގެ ޞަރީޙަ ނައްޞުތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ އޮތުމުން މުޙައްމަދު ޙަބީބު ހިމެނޭގޮތުން ޖިނާއީ ކުށަކާ ގުޅޭގޮތުން ހިންގިފައިވާ ތަޙްޤީޤެއްގެ މައްޗަށް ތައްޔާރުކުރެވިފައިވާ އިސްވެ އިޝާރާތްކުރެވުނު، ތަޙްޤީޤު ރިޕޯޓުގެ މައްޗަށް ބަލައި، މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ބަޔާންވެދިޔަ އެ ވަޒީފާއިން ވަކިކުރުމަށް އިސްވެ އިޝާރާތްކުރެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެދިފައިވާ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ އެ ބޯޑަށް އިސްވެ އިޝާރާތްކުރެވުނު ދެ ޤަވާޢިދުގެ ބަޔާންކުރެވުނު މާއްދާތަކުގެ ދަށުން ލިބިދީފައިވާ އިޚްތިޞާޞްއާއި ބާރުގެ ޙުދޫދުގެ ތެރެއިން ކަމަށް ބެލެވޭނެ ތަނެއް ނެތުމެވެ.

(އ) އަށްވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ) އިން އެ ޤާނޫނަކީ ދިވެހިރާއްޖޭގެ ފުލުހުންގެ މަޤްޞަދާއި، ދައުރާއި، މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކާއި، ތަބާވާންޖެހޭ ހަމަތަކާއި އުޞޫލުތަކާއި، ހިންގުމާއި، ލިބިދީފައިވާ ބާރުތަކާއި، އިމްތިޔާޒުތަކާއި، ޙިމާޔަތްތަކާއި، އަދި މިނޫންވެސް ދިވެހިރާއްޖޭގެ ފުލުހުންނާބެހޭ އެންމެހާ އުޞޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ޤާނޫނުކަމާއި، އަދި ބުނެވުނު ފުލުހުންގެ ޤާނޫނުގެ 3 ވަނަ މާއްދާއިން މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ ފުލުހުންގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުންގެ ދައުރު އަދާކުރުމަށް ޤާއިމުކުރެވިފައިވާ މުއައްސަސާއެއްކަމާއި، އަދި ބުނެވުނު ފުލުހުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އިން މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ ފުލުހުންގެ ޤާނޫނުއާއި އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުތަކާ އެއްގޮތަށް ފުލުހުން އަދާކުރަން ހަމަޖެހިފައިވާ އެންމެހާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށްޓަކައި ދިވެހި ދައުލަތުން އުފައްދާފައިވާ، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ ބައެއްކަމާއި، އަދި ހަމަ އެހެންމެ ބުނެވުނު ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ 17 ޤަވާޢިދެއް ހަދަންޖެހޭކަން އެނގެން އޮންނައިރު އިސްވެ އިޝާރާތްކުރެވުނު ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" އަކީ ބުނެވުނު ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގެ ދަށުން ހަދަންޖެހޭ ޤަވާޢިދެއްކަމާއި، އަދި އިސްވެ އިޝާރާތްކުރެވުނު ފުލުހުންގެ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" އަކީ ބުނެވުނު ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ 7 ވަނަ ނަންބަރުގެ ދަށުން ހަދަންޖެހޭ ޤަވާޢިދެއްކަމާއި، އަދި ބުނެވުނު ޤާނޫނުގެ 17 ވަނަ މާއްދާގެ (ރ) އިން އެ ޤާނޫނަށް ޢަމަލުކުރަންފަށާތާ 6 (ހައެއް) މަސްދުވަސް ތެރޭގައި އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޤަވާޢިދުތަކަށް ޢަމަލުކުރަން ފަށަންވާނެކަމަށް ކަނޑައެޅި ބަޔާންވެފައިވާކަމާއި މިކަންކަން އިސްވެ އިޝާރާތްކުރެވުނު ފުލުހުންގެ ޤާނޫނުގެ ބަޔާންވެދިޔަ މާއްދާތަކުން ސާފުކޮށް އެނގެން އޮތުމުން، ބުނެވުނު ޤާނޫނަށް 05 އޯގަސްޓް 2008 ގައި ޢަމަލުކުރަން ފެށުނު ފަހުން ޑިސިޕްލިނަރީ ގޮތުންނާއި އިދާރީގޮތުން ފުލުހުންގެ މައްޗަށް ފިޔަވަޅު އެޅުމުގެ އެންމެހައި ކަންކަން އިންތިޒާމްވެ ހަމަޖެހިފައިވަނީ ޤާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ފުލުހުންގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ އިސްވެ އިޝާރާތްކުރެވުނު ޤަވާޢިދުތަކުގެ ޙުދޫދުގެ ތެރެއިން އެ ޤަވާޢިދުތަކުގައި ބަޔާންކުރެވިފައިވަ އުޞޫލުތަކުގެ ދަށުންކަން ސާފުކޮށް އެނގެން އޮތުމުންނާއި އިސްވެ އިޝާރާތްކުރެވުނު ފުލުހުންގެ ޤާނޫނު ވުޖޫދަށް އައުމުގެ ކުއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަންއިން އެކުލަވާލައި 20 މެއި 2004 ގައި ޢަމަލުކުރެވުމުންދިޔަ "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ ދަށުން ޑިސިޕްލިނަރީ އަދި އިދާރީގޮތުން ފުލުހުންގެ މައްޗަށް އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އެޅިދާނެކަމުގެ އެއްވެސް ތަޞައްވުރެއް ފުލުހުންގެ ޤާނޫނުގައި ބަޔާންކޮށްފައިނުވާކަމުން މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ބަޔާންކުރެވުނު ވަޒީފާއިން ވަކިކުރިކުރުމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަންއިން އެކުލަވާލައި 20 މެއި 2004 ގައި ޢަމަލުކުރެވެމުންދިޔަ އިސްވެ އިޝާރާތްކުރެވުނު "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ ދަށުން ޞައްޙަ ވަކިކުރުމެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ ޤާނޫނީ އެއްވެސް އަސާސެއް ނެތްކަން އެނގެން އޮންނަކަމެވެ.

(ވ) ނުވަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ބަޔާންކުރެވުނު ވަޒީފާއިން ވަކިކުރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަންއިން އެކުލަވާލައި20 މެއި 2004 ގައި ޢަމަލު ކުރެވެމުންދިޔަ އިސްވެ އިޝާރާތްކުރެވުނު "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ ދަށުން ޞައްޙަ ވަކިކުރުމެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ ޤާނޫނީ އެއްވެސް އަސާސެއް ނެތްކަން އެނގެން އޮންނައޮތުމުގެ އިތުރުން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި ޤަޟިއްޔާގެ ދަށުން ހުށަހެޅި އިލްތިމާސް ނުކުތާތަކުގައި އިޝާރާތްކުރެވިފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/24 ޤަޟިއްޔާގެ ދަށުން ބެލެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2012/HC-A/03 ޤަޟިއްޔާގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު 541/Cv-C/2010 ޤަޟިއްޔާ އެ ކޯޓުގައި އިސްތިއުނާފުކުރި ފަރާތަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ހުއްޓައި، އެ ވަޒީފާއިން ވަކިކޮށްގެން އެކަން ބަލައިދިނުމަށް އެފަރާތުން ދައުލަތުގެ މައްޗަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ނޫންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން ބެލެވިފައިވާ މި މައްސަލައާއި އިސްވެ އިޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/24 ޤަޟިއްޔާގެ ދަށުން ބެލެވިފައިވާ މައްސަލައާއި މި ދެ މައްސަލައަކީ، ވަޒީފާއިން ވަކިކުރުމާބެހޭ އެއް ބާވަތެއްގެ ދެ މައްސަލަ ނޫންކަން ސާފުކޮށް އެނގެން އޮތުމުން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/24 ޤަޟިއްޔާގައި، އެ ޤަޟިއްޔާގައި ދަޢުވާ ލިބުނު ފަރާތް، ދައުލަތުގެ މުއައްސަސާގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރި ކުރުމަކީ ޞައްޙަ ވަކިކުރުމެއްތޯ ނުވަތަ ނޫންތޯ ބަލައިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަންއިން އެކުލަވާލައި 20 މެއި 2004 ގައި ޢަމަލު ކުރެވެމުންދިޔަ "މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު" ގެ އަޙްކާމުތަކުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމަށްވުމަކީ، މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ބަޔާންކުރެވިދިޔަ ވަޒީފާއިން ވަކިކުރިކުރުން ޞައްޙަތޯ ނުވަތަ ނޫންތޯ ބެލުމަށްޓަކައި ބުނެވުނު ޤަވާޢިދުގެ އަޙްކާމްތައް މުޙައްމަދު ޙަބީބުގެ މައްޗަށް ތަޠުބީޤުކުރުމުގެ ޤާނޫނީ އެއްވެސް އަސާސެއް އޮތްކަމަށް ބަލަންޖެހޭ ސަބަބެއް ނޫންކަން އެނގެން އޮންނަކަމެވެ.

(މ) ދިހަވަނަ ކަމަކީ، މުޙައްމަދު ޙަބީބުއާއި އަދި އިތުރު އެހެން ފަރާތްތަކެއް ހިމެނޭގޮތުން އެފަރާތްތަކުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގި ތަޙްޤީޤުގެ މައްޗަށް ބިނާކޮށް އެފަރާތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުދަލަށް ޚިޔާނާތްތެރިވެފައިވާކަން ސާބިތުވާކަމަށް ނިންމާފައިވާ ބަޔާންކުރެވިދިޔަ އިސްވެ އިޝާރާތްކުރެވުނު ތަޙްޤީޤު ރިޕޯޓުގެ މައްޗަށް ބިނާކޮށް މުޙައްމަދު ޙަބީބު ހިމެނޭގޮތުން އެފަރާތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރުމަށާއި އެ ފަރާތްތަކުގެ މައްޗަށް ތަޙްޤީޤަށް ސާބިތުވާކަމަށް ބުނާ ޚިޔާނާތްތެރިވުމުގެ ޖިނާއީ ކުށުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް28 ޖެނުއަރީ 2009 ގައި ޑިސިޕްލިނަރީ ބޯޑުން ނިންމި އިސްވެ އިޝާރާތްކުރެވުނު ނިންމުމާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މުޙައްމަދު ޙަބީބުއާއި، ގދ. ތިނަދޫ، ރެޑްފިޝް ރާމިޒް ޢަބްދުﷲއާއި، ސ. މީދޫ، އަބްލަޣީވާދީ އަޙްމަދު ރަޝީދުއާއި، ގދ. ގައްދޫ، ޗަނބޭލިގެ މުޙައްމަދު ޒިޔާދުއާއި މި ހަތަރު މީހުންގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 1649/JC/2009 ޤަޟިއްޔާގެ ދަށުން 07 ޖުލައި 2009 ގައި ހުށަހެޅި ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ، އެ ކޯޓުން ބަލައި 16 މާރޗް 2010 ގައި އެކޯޓުން އެ މައްސަލަ ނިންމާފައިވަނީ ބުނެވިދިޔަ ފަރާތްތަކުގެ މައްޗަށް މި ދަޢުވާ ސާބިތުވާވަރުގެ ކާފީހެކި ލިބިފައިނުވާތީ ދައުލަތުން މިފަރާތްތަކުގެ މައްޗަށް ކުޅަ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށްގެންކަން ޖިނާއީ ކޯޓުގެ ނަންބަރު 1649/JC/2009 ޤަޟިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، އެ ޙުކުމަށް ބަދަލު އައިސްފައިނުވާކަން މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ އޮތުމުގެ އިތުރުން ބުނެވުނު ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ ޤަޟިއްޔާއެއް ނޫންކަން ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޤަޟިއްޔާއާ ގުޅިގެން ހޯދުނު ރަސްމީ މަޢުލޫމާތުތަކުން އެނގެން އޮންނަކަމެވެ.

(ފ) އެގާރަވަނަ ކަމަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން 28 ޖަނަވަރީ 2009 ގައި ނިންމި އިސްވެ އިޝާރާތްކުރެވުނު ނިންމުމުގެ ދަށުން މުޙައްމަދު ޙަބީބާއެކު ވަޒީފާއިން ވަކިކުރި އަނެއް ތިން މީހުންގެ ތެރޭގައި ހިމެނޭ ގދ. ގައްދޫ، ޗަނބޭލިގެ މުޙައްމަދު ޒިޔާދުއާއި ސ. މީދޫ، އަބްލަޣީވާދީ އަޙްމަދު ރަޝީދުއާއި މި ދެމީހުން 12 ފެބްރުވަރީ 2009 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެ މީހުން އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ މި ދެފަރާތް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ބާޠިލުކޮށްދިނުމަށް އެދި މި ދެފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް މަދަނީ ކޯޓުގެ ނަންބަރު 585/MC/2009 ޤަޟިއްޔާގެ ދަށުން ދަޢުވާކުރުމުން، 12 ފެބްރުވަރީ 2009 ދުވަހު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދީ، އަޙްމަދު ރަޝީދުއާއި މުޙައްމަދު ޒިޔާދަށް ވަޒީފާއިން ވަކިކުރިކަން އަންގާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171/VKL/2009/19 ގެ އެންގުމާއި ނަންބަރު 171/VKL/2009/20 ގެ އެންގުމާއި މި އެންގުންތަކަކީ، ޞައްޙަ އެންގުންތަކެއް ކަމުގައި ބެލެވޭނެތަނެއް ނެތްކަމުގައި ކަނޑައަޅައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޙްމަދު ރަޝީދުއާއި މުޙައްމަދު ޒިޔާދު 12 ފެބްރުވަރީ 2009 ދުވަހު ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް 11 އޯގަސްޓް 2009 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އަނބުރާ ރުޖޫޢަކުރުމަށާއި، އަޙްމަދު ރަޝީދުއާއި، މުޙައްމަދު ޒިޔާދު ވަޒީފާއިން ވަކިކުރެވުނު ދުވަސްކަމުގައިވާ 12 ފެބްރުވަރީ 2009 މި ދުވަހުން ފެށިގެން އަޙްމަދު ރަޝީދުއާއި މުޙައްމަދު ޒިޔާދުއަށް ވަޒީފާ އަނބުރާ ލިބިދިނުމާ ހަމައަށް، އެ ފަރާތްތައް ވަޒީފާގައި ދެމިތިބިނަމަ ދޭންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތަކަށްވާ ފައިސާ އަޙްމަދު ރަޝީދުއާއި، މުޙައްމަދު ޒިޔާދަށް ރައްދުކުރުމަށްޓަކައި 11 އޯގަސްޓު 2009 ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މަދަނީ ކޯޓަށް ދައްކައި ޚަލާސްކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 585/MC/2009 ޤަޟިއްޔާގައި ޙުކުމްކުރުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/316 ޤަޟިއްޔާގެ ދަށުން މަދަނީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/316 ޤަޟިއްޔާ ނިންމާފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 585/MC/2009 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށްގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، ހައިކޯޓުގެ އިޝާރާތްކުރެވުނު ނަންބަރު 2009/HC-A/316 ޤަޟިއްޔާ ނިންމާފައިވާ ގޮތް ރަނގަޅު ނޫންކަމަށް ދެކި، ދައުލަތުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިނުވާކަމާއި ބުނެވުނު ހައިކޯޓުގެ ޤަޟިއްޔާ ބަޔާންވެދިޔަ ގޮތުގެމަތިން ނިމުމާ ގުޅިގެން އަޙްމަދު ރަޝީދުއާއި މުޙައްމަދު ޒިޔާދުއާއި މި ދެމީހުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ ދެމީހުންގެ ވަޒީފާ އަނބުރާ ދީފައިވާކަމާއި މިކަންކަން މައްސަލައާ ގުޅިގެން ޝަރީޢަތުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމެވެ.

(ދ) ބާރަވަނަ ކަމަކީ، ޖިނާއީ ކުށުގެ ތުހުމަތުގައި ޖިނާއީ ނިޒާމުގެ ތެރެއިން ބެލެވެމުންދާ މައްސަލައެއްގައި ހަމަ އެ ޖިނާއީ ޢަމަލު އެހެން މިންގަނޑަކުން ސާބިތުވާކަމަށް ކަނޑައަޅައި ޖިނާއީ އެ ޢަމަލުގެ މައްޗަށް ދެވޭ އަދަބަކަށްވާނޭގޮތަށް މަޤާމުން ވަކިކުރުމުގެ ފިޔަވަޅު ޖިނާއީ އިޖުރާއާތު ނިމުމުގެ ކުރީގައި އަޅައިފިނަމަ މުއްތަމަހަމާ ދެކޮޅަށް ހިނގަމުންދާ ޖިނާއީ އިޖުރާއާތުގެ ތެރޭގައި ހިމެނޭ ދުސްތޫރީ ގެރެންޓީތަކާއި ހެކިތަކަށް ރައްކާތެރިވުމާއި އެ ހެކިތައް ވަޒަންކުރުމާއި ދައުލަތުން ޖިނާއީ ތަޙްޤީޤުކުރުމާއި ޝަރީޢަތް ހިންގުމުގެ ގެރެންޓީތަކަށް ބުރޫއަރާނެކަމާއި ތައުދީބީ ނިޒާމެއް ނުވަތަ އެހެންވެސް ނިޒާމެއްގެ ތެރެއިން ހަމަ އެ ޖިނާއީ ޢަމަލު އެ މުއްތަހަމުގެ މައްޗަށް ތަޙްޤީޤުކޮށް އެ ޢަމަލު ހިންގާފައިވާކަމަށް ކަނޑައެޅުމަށްޓަކައި ސާބިތުކުރުމުގެ މިންގަނޑެއް ކަނޑައެޅުންފަދަ އިޖުރާއަތުތަކަކީ ޤާނޫނުއަސާސީގައި ޖިނާއީ ތަޙްޤީޤުކުރުމާއި ޖިނާއީ ޝަރީޢަތް ހިންގުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާއި ގެރެންޓީތަކާއި ކުށުގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރުކޮށްދޭ ޙައްޤުތަކާ ތަޢާރުޟުވާ ކަންތައްތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35ޤަޟިއްޔާގައި ކަނޑައަޅައި ދުސްތޫރީ މަބްދައެއް އެ ޤަޟިއްޔާގައި ޤާއިމުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

(ތ) ތޭރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވުމަށް ބަޔާންކޮށްފައިވާ ސަބަބުތައް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވުމަށް ބަޔާންކޮށްފައިވާ ސަބަބުތަކާ އެއްގޮތް ނޫންކަމުގައި ވިޔަސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ޙުކުމަށް ވާޞިލުވުމަށް ބަޔާންކޮށްފައިވާ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާގައި މުޙައްމަދު ޙަބީބުއާމެދު ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބަލާނެތަނެއް ނެތްކަން އެނގެން އޮންނައޮތުމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތައް ބަޔާންވެދިޔަ ގޮތުގެމަތިން ހުރުމާއެކު،

08 ފެބްރުވަރީ 2009 ގެ ތާރީޚްގައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171/VKL/2009/17 "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" މި ނަމުގައިވާ ލިޔުމުގެ ދަށުން، މުޙައްމަދު ޙަބީބު، ދަފްތަރު ނަންބަރު 3915 / މާލެ ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރގެ މަޤާމުން ވަކިކޮށްފައިވަނީ، މުޙައްމަދު ޙަބީބު ހިމެނޭގޮތުން ހިންގުނު ޖިނާއީ ކުށެއްގެ ތަޙްޤީޤު ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން 28 ޖަނަވަރީ 2009 ގައި ނިންމި ނިންމުމުގެ މައްޗަށް ބިނާކޮށްގެންކަން މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި ބަޔާންތަކުން އެނގެން އޮންނައިރު، ޑިސިޕްލިނަރީ ބޯޑުން މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ބަޔާންކުރެވުނު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގެ ދަށުން އެކުލަވާލެވި، 02 ޖަނަވަރީ 2009 ދުވަހުން ފެށިގެން އޭރު ޢަމަލުކުރެވެމުން ދިޔަ "ވަޒީފާއާބެހޭ ޤަވާޢިދު" އާއި އަދި މިބުނެވުނު ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ 7 ވަނަ ނަންބަރުގެ ދަށުން އެކުލަވާލެވި، 02 ޖަނަވަރީ 2009 ދުވަހުން ފެށިގެން އޭރު ޢަމަލުކުރެވެމުން ދިޔަ "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު" ގެ ދަށުން ފުލުހުންގެ މައްޗަށް ޑިސިޕްލިނަރީ އަދި އިދާރީގޮތުން ފިޔަވަޅު އެޅުމަށް މި ދެ ޤަވާޢިދުގައި އޭރު ކަނޑައެޅި ބަޔާންވެފައިވާ، އިސްވެ ބަޔާންކުރެވިދިޔަ އުޞޫލުތަކާއި އިޖުރާއާތުތަކާ އެއްގޮތަށް ނޫންކަން އެނގެން އޮންނަ އޮތުމުގެ މައްޗަށާއި އަދި އިސްވެ ފާހަގަކުރެވިދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް،

ސިވިލް ކޯޓުގެ ނަންބަރު 1322/Cv-C/2013 ޤަޟިއްޔާގައި މުޙައްމަދު ޙަބީބު، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމަކީ ބާޠިލް ވަކިކުރުމެއް ކަމުގައި ކަނޑައަޅައި، 08 ފެބްރުވަރީ 2009 ދުވަހުން ފެށިގެން މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިވެފައިވާކަމަށް ނުބެލުމަށާއި 15 އެޕްރީލް 2014 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއާ އެއްވަރެއްގެ ވަޒީފާއެއް މުޙައްމަދު ޙަބީބަށް ދިނުމަށާއި 08 ފެބްރުވަރީ 2009 ދުވަހުން ފެށިގެން މުޙައްމަދު ޙަބީބުގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް މުޙައްމަދު ޙަބީބަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް 15 އެޕްރީލް 2014 ވަނަ ދުވަހުން ފެށީގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުޙައްމަދު ޙަބީބަށް ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާއިން ތާއީދުކޮށް، ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ