ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/SC-A/15ސުޕްރީމް ކޯޓު · 12 އޮގަސްޓް 2020 · ޖިނާއީ – ބަންދު؛ ކުށެއް ކުރަމުންދާ ޙާލަތުގައި ފަނޑިޔާރަކު ހައްޔަރުކުރުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ރަޝީދު

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 12 އޮގަސްޓް 2020ބާވަތް: ޖިނާއީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ހައިކޯޓުން ބަންދާމެދު ގޮތެއް ނިންމުމުގައި، ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ އިޖުރާއަތު ފުރިހަމަނުކުރެވުނުކަމަށް ބުނެ، ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އޭނާ ބަންދުން ދޫކުރުމަށް ނިންމިއެވެ.
ވާޤިޢާ
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރިއެވެ. ފުލުހުން ހައްޔަރުކުރިއިރު މަސްތުވާތަކެތި އަޅާފައިވާކަމަށް ބެލެވޭ ރަބަރު ޕެކެޓެއް އޭނާ އެއްލާލިތަން ފެނިފައިވާކަމަށް ބުނެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުށެއް ކުރަމުންދާ ޙާލަތުގައި ހިފާ މެޖިސްޓްރޭޓަކު ހައްޔަރުކުރުމުގައި ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ އިޖުރާއަތު ފުރިހަމަކުރަންޖެހޭތޯ، އަދި އެ ހައްޔަރުކުރުމަށް ބަލައި ބަންދުން ދޫކުރުމަށް ހައިކޯޓުން ނިންމުމަކީ ޤާނޫނާ އެއްގޮތަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އޭނާ ހިފާފައިވަނީ ކުށެއް ކުރަމުން ދަނިކޮށްކަމުން ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ އަދި 12 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ހައްޔަރުކުރެވުނުކަމަށެވެ. އިބްރާހީމް ރަޝީދު ބުނީ ޤާނޫނުގެ އިޖުރާއަތު ފުރިހަމަނުކޮށް، ދުރާލައި ރާވައިގެން ހައްޔަރުކުރެވުނުކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައްޔަރުކުރުމަށް ބޭނުންވާ ހެކިތަކުގެ މިންވަރަކީ ކުށް ސާބިތުވާ މިންވަރެއް ނޫނެވެ. އޭނާ ހިފިފައިވަނީ ކުށެއް ކުރަމުން ދަނިކޮށް ކަމުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަންޖެހޭ ސަބަބެއް ނެތެވެ؛ އެހެންކަމުން ބަންދުން ދޫކުރުން ޤާނޫނާ އެއްގޮތް ނޫނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
95-CR/CHT/2016/183
ފަހުގެ ތާރީޚު
—

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ބަންދުން ދޫކުރުމުގެ އަމުރު ބާޠިލު

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާއަކީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިގެން ނުވަތަ އެނޫންވެސް ޙާލަތެއްގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތު ކުރެވިގެން ފަނޑިޔާރަކު ހައްޔަރު ކުރުމުގައި އެހެން މީހުން ހައްޔަރު ކުރުމަށް ޤާނޫނުގައިވާ އިޖުރާއަތުތަކާ ޚިލާފަށް ފަނޑިޔާރުންނަށް ލިބިދޭ އިތުރު އިމްތިޔާޒެއް ބަޔާންކޮށްފައިވާ މާއްދާއެކެވެ. (ޕެރ. 13)

ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމަށް ބޭނުންވަނީ ދެ ކަމަކުންކުރެ އެއްކަމެވެ. ފުރަތަމަ ކަމަކީ ހައްޔަރުކުރުމުގެ ހުއްދަ ދީފައިވާ ކޯޓު އަމުރެކެވެ. ދެވަނަ ކަމަކީ، ކުށެއް ކުރާ ކަމަށް، ނުވަތަ ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެކެވެ. (ޕެރ. 14)

ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުންނަންޖެހޭ މިންވަރަކީ އެ ތުހުމަތު ކުރެވޭ ކުށް ޝަރީޢަތަށް ސާބިތުވާ މިންވަރެއް ނޫނެވެ. އަދި އެ ފަދަ ހެކި ހުންނަންޖެހޭ މިންވަރަކީ ތުހުމަތު ކުރެވުނު ކުށް އެމީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ނުވަތަ ބެލެވޭ މިންވަރެވެ. (ޕެރ. 15)

ފަނޑިޔާރަކު ހިފިފައިވަނީ ކުށެއް ކުރަމުން ދަނިކޮށް ކަމުގައިވާނަމަ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރަންޖެހޭފަދަ ސަބަބެއް ނެތެވެ. (ޕެރ. 17)

ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ދަށު މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކާ ގުޅިގެން ކުރެވޭ އިސްތިއުނާފީ ދަޢުވާތައް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް އިސްތިއުނާފީ ކޯޓުތަކަށް ލާޒިމުކުރެވޭނީ ޤާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށެވެ. (ޕެރ. 20)

ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާ ގުޅޭ މައްސަލަތައް ނިންމުމުގައި މައްސަލަތަކުގެ ޚުޠޫރަތްތެރިކަމަށް ބަލައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ބާރުއަޅަންވާނެއެވެ. (ޕެރ. 20)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އާއި (ށ)
  • ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 އާއި 143 ވަނަ މާއްދާ
  • 2010/SC-A/19 (ސުޕްރީމް ކޯޓު)

ފަނޑިޔާރުން

ބެންޗު
މަޙާޒު ޢަލީ ޒާހިރު، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމުގައި ހުރި އިބްރާހީމް ރަޝީދު، 2016 މެއި 28 ވަނަ ދުވަހު 00:49 އެހައިކަށްހައިއިރު ފުލުހުން ހައްޔަރުކުރިއެވެ. ފުލުހުން އިބްރާހީމް ރަޝީދު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައެވެ.

2މި ހާދިސާ ހިނގިއިރު، އިބްރާހީމް ރަޝީދަކީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުރި މީހަކަށްވާތީ، އިބްރާހީމް ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ ހާޒިރު ކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.

3އިބްރާހީމް ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޒިރު ކުރުމަށްފަހު، އިބްރާހީމް ރަޝީދު ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމަޢަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ފެންނާތީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށް ފުލުހުން އެދިފައިވެއެވެ. މި އަމުރާމެދު ގޮތެއް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު95-CR/CHT/2016/183 (29 މެއި 2016) އަމުރުންނެވެ.

4އިބްރާހީމް ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބޭއްވުނު އަޑުއެހުމުގައި ފުލުހުން ހުށަހެޅި މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު، އިބްރާހީމް ރަޝީދު ހައްޔަރުކުރި ކުރުން ޞައްޙަކަމަށް ނުފެންނާތީ، އިބްރާހީމް ރަޝީދު ބަންދުން ދޫކުރުމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވެއެވެ.

5މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/CHT/2016/183 (29 މެއި 2016) އަމުރުން އިބްރާހީމް ރަޝީދުގެ ބަންދާމެދު އެ ކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ކަނޑައެޅި ނިޔާއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރާމެދު ނިންމި ގޮތް

6މި ހާދިސާ ހިނގިއިރު، އިބްރާހީމް ރަޝީދަކީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުރި މީހަކަށްވާތީ، އިބްރާހީމް ރަޝީދު ހައްޔަރު ކުރުމުގައި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ އިޖުރާއަތާ އެއްގޮތަށް ޢަމަލުކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިބްރާހީމް ރަޝީދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ބައިވެރިވި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ބުރަވެވިފައިވެއެވެ. އަދި އެ އިޖުރާއަތު ފުރިހަމަ ކޮށްފައިނުވާތީ އިބްރާހީމް ރަޝީދު ބަންދުން ދޫކޮށްލުމަށް ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ބައިވެރިވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާއާއި އެ ނުކުތާއަށް ދީފައިވާ ރައްދު

7އިބްރާހީމް ރަޝީދުގެ ބަންދާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވަނީ އެންމެ ނުކުތާއެކެވެ.

8ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދެކެނީ އިސްތިއުނާފު މިކުރެވޭ މައްސަލައިގައި އިބްރާހީމް ރަޝީދު ހައްޔަރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 10 ވަނަ ނަންބަރުގައި ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމުގައި ޢަމަލު ކުރަންޖެހޭ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. އަދި މި ނުކުތާ ތަފުސީލު ކުރަމުން އަންނަނިވި ކަންކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

8-1 މި ހާދިސާގައި އިބްރާހީމް ރަޝީދު ހައްޔަރު ކޮށްފައިވަނީ 2016 މެއި 27 ވަނަ ދުވަހުގެ ރޭ 22:30 އެހައިކަށްހައިއިރު އިބްރާހީމް ރަޝީދު މަސްތުވާތަކެތީގެ މުޢާމަލާތެއް ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. މި މަޢުލޫމާތު ފުލުހުންނަށް ކަށަވަރުވެފައިވަނީ އެރޭ 23:20 އެހައިކަށްހައިއިރު ގައެވެ. އަދި މި ހާދިސާގައި އިބްރާހީމް ރަޝީދު ހައްޔަރު ކުރެވުނީ 2016 މެއި 28 ވަނަ ދުވަހުގެ ރޭ 00:49 އެހައިކަށްހައިއިރު ގައެވެ.

8-2 އިބްރާހީމް ރަޝީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅުމުގެ ތުހުމަތެވެ. އިބްރާހީމް ރަޝީދު ހައްޔަރުކުރި ވަގުތު މަސްތުވާތަކެތި އަޅާފައިވާކަމަށް ބެލެވޭ ރަބަރު ޕެކެޓެއް އެއްލާލިތަން ހާދިސާ ހިނގިތަނުގައި ތިބި ފުލުހުންނަށް ފެނިފައިވެއެވެ. އަދި މި މައްސަލަ ތަޙްޤީޤު ކުރުމަށްފަހު، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އިބްރާހީމް ރަޝީދުގެ މައްޗަށް ޑައިމޯފިނުން މުޢާމަލާތު ކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވެއެވެ.

8-3 މި ހާދިސާގައި އިބްރާހީމް ރަޝީދު ހައްޔަރު ކޮށްފައިވަނީ ނުވަތަ "ހިފިފައިވަނީ" ކުށެއް ކުރަމުން ދަނިކޮށެވެ. މި ޙާލަތުގައި ހައްޔަރު ކުރުމަކީ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރެވޭނެ ޙާލަތަކެވެ.

9އިބްރާހީމް ރަޝީދު ބަންދުން ދޫކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން އަންނަނިވި ކަންކަން އިބްރާހީމް ރަޝީދުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

9-1 މި ހާދިސާގައި އިބްރާހީމް ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދުރާލައި ރާވައިގެން އިބްރާހީމް ރަޝީދަށް ލަނޑެއް ދިނުމުގެ ބޭނުމުގައިކަން.

9-2 އިބްރާހީމް ރަޝީދަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ މީހެއް ނޫންކަން.

9-3 ފުލުހުން ދެއްކި ސެލޯފިން ކޮޅަކީ ތުނިތުނި އެއްޗަކަށް ވުމުން، އެއީ މީހަކު ހުރި ތާނގައި ހުރެ އެއްލާލި ކަމުގައިވިޔަސް ދެ ފޫޓަށްވުރެ ދުރަށް ނުދާވަރުގެ ތުނިތުނި އެއްޗެއްކަމާއި، އިބްރާހީމް ރަޝީދު ހުރި ހިސާބުން ގާތްގަނޑަކަށް 11 ފޫޓު ދުރަށް އެހައި ކުޑަކުޑަ ސެލޯފިން ކޮޅެއް އެއްލާލެވިދާނެ ކަމަކަށް ޤަބޫލު ނުކުރެވޭކަން.

9-4 ފަނޑިޔާރަކު ހައްޔަރުކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްކަމަށް ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަ ކުރުމެއް ނެތި މި ފަދައިން ޢަމަލު ކުރެވޭނަމަ، ހުރިހާ ފަނޑިޔާރުންގެ ރައްކާތެރިކަން ގެއްލިގެންދާނެކަން.

9-5 މި މައްސަލައާ ގުޅިގެން އިބްރާހީމް ރަޝީދުގެ ފިންގަރ ޕްރިންޓެއް ނެގުމަށް އިބްރާހީމް ރަޝީދުގެ ފަރާތުން އެދުނު ކަމަށާއި، އިބްރާހީމް ރަޝީދު އެއްޗެއް އެއްލާލިކަމަށް ވަނީނަމަ އެ އެއްޗެއްގައި އިބްރާހީމް ރަޝީދުގެ ދިހަ އިނގިލިންކުރެ އިނގިއްޔެއްގެ ނުވަތަ އިބްރާހީމް ރަޝީދުގެ ދެ އަތުން ކުރެ އަތެއްގެ ނިޝާން ހުންނަން ޖެހޭނެކަމަށް ދެކޭކަމަށާއި، އެކަން ބެލުމަށް އިބްރާހީމް ރަޝީދުގެ ފަރާތުން ތަކުރާރުކޮށް އެދުމުންވެސް ފިންގަރ ޕްރިންޓް ނަގާފައި ނުވާކަން.

9-6 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަ ހުށަހެޅިއިރު އިބްރާހީމް ރަޝީދު އަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރި މީހެއްކަމަށް ބުނާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، މީހަކު ހައްޔަރު ކުރުމަށް ބޭނުންވާ ފަދަ އެއްވެސް ސަބަބެއް އިބްރާހީމް ރަޝީދުގެ ކިބައިގައި ނެތްކަން.

9-7 ފަނޑިޔާރުން ހައްޔަރުކުރުމުގައި ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޕޮލިސް ސަރވިސްގެ ފަރާތުން އެއްވެސް ވަރަކަށް މަޝްވަރާއެއް ކޮށްފައި ނުވާކަމަށާއި، މިކަމަކީ، ކަޅާ ހުދުން، ޞަރީޙަ ނައްޞުން ބަޔާންކޮށްފައި އޮންނަ ކަމެއްކަމަށާއި، އަދި އެކަން ހައިކޯޓުގެ ފަނޑިޔާރުން ފާހަގަ ކޮށްފައިވާކަން.

9-8 ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާ އަދި އެ ޤާނޫނަށް ގެނެވިފައިވާ ދެ އިޞްލާޙާ ޙަވާލާދީ އެ ޤާނޫނުގެ 143 ވަނަ މާއްދާގައި ޙިޔާޒަތު މާނަކޮށްދީފައި އޮންނައިރުވެސް ޢާންމު ތަނަކުން ޢާންމު މަގަކުން ފެންނަ އެއްޗަކުން މީހަކާ ގުޅުވާލެވޭނެ ޚާއްޞަ ސަބަބެއް ނެތް ނަމަ އެ މީހަކު އޭގެ ޒިންމާ އުފުލަން ނުޖެހޭނެކަމަށް ބަޔާންކޮށްފައިވާކަން.

9-9 އިބްރާހިމް ރަޝީދު ހައްޔަރުކޮށްފައިވަނީ، ހައްޔަރުކުރަން ވަގުތު ލިބި، ވަގުތު ތަނަވަސްވެފައިވާއިރުވެސް، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަ ނުކޮށްކަން.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދޭ ގޮތް

10މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވަނީ ދެ ކަމަކަށެވެ.

10-1 ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/CHT/2016/183 (29 މެއި 2016) އަމުރުން އިބްރާހީމް ރަޝީދު ބަންދުން ދޫކުރުމަށް ނިންނި ނިންމުން ބާޠިލު ކުރުމެވެ.

10-2 ދެވަނަ ކަމަކީ، އިބްރާހީމް ރަޝީދަކީ ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ތަންފީޒުކުރުމުގެ މަސައްކަތާ ޙަވާލުވެހުރި ފަރާތަކަށްވާތީއާއި، މި މައްސަލައިގައި ލިބިފައިވާ ހެއްކާއި ޤަރީނާއަށް ބަލައި އިބްރާހީމް ރަޝީދު ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމަޢަށް ނޭދެވޭ އަސަރު ކުރާނެކަމަށް ފެންނާތީ، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށެވެ.

11ބުނެވިދިޔަ ފަދައިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވީ ނަމަވެސް، މި މައްސަލައާ ގުޅިގެން 2020 ޖުލައި 09 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުގެ ނަންބަރު 95-CR/CHT/2016/183 އަމުރު ބާޠިލު ކޮށްދިނުމަށާއި، މިފަދަ ބަންދާ ގުޅޭ މައްސަލަތައް އިސްތިއުނާފީ ކޯޓުތަކުން ނިންމުމުގައި ބަންދުގެ އަމުރުގެ މަޤުޞަދު ހާސިލުވާނޭހެން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަތަކާމެދު ގޮތް ނިންމޭނެފަދަ ގޮތަކަށް މި މައްސަލަ ނިންމައި ދިނުމަށެވެ.

ހައްޔަރު ކުރެވޭ ހާލަތްތަކާއި ފަނޑިޔާރުންނަށް ލިބިދެވޭ އިމްތިޔާޒު

12ޖިނާއީ ކުށެއްގެ ތުހުމަތުގައި ޢާންމު ގޮތެއްގައި މީހުން ހައްޔަރު ކުރުމުގެ އިޖުރާއަތު ބަޔާންވެފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައެވެ. އެ މާއްދާގައިވަނީ؛

12-1 ހައްޔަރު ކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ

12-2 މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ

12-3 އެ ވަގުތަކު އެ އުޅެނީ ކުށެއް ކުރާން ކަމަށް

12-3-1 ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ

12-3-2 ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ." މި ފަދައިންނެވެ.

13HN1ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާއަކީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިގެން ނުވަތަ އެނޫންވެސް ޙާލަތެއްގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތު ކުރެވިގެން ފަނޑިޔާރަކު ހައްޔަރު ކުރުމުގައި އެހެން މީހުން ހައްޔަރު ކުރުމަށް ޤާނޫނުގައިވާ އިޖުރާއަތުތަކާ ޚިލާފަށް ފަނޑިޔާރުންނަށް ލިބިދޭ އިތުރު އިމްތިޔާޒެއް ބަޔާންކޮށްފައިވާ މާއްދާއެކެވެ. މި މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ.

"(ހ) ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ޙާލަތެއްގައި މެނުވީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތު ކުރެވިގެން ނުވަތަ އެ ނޫންވެސް ޙާލަތެއްގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތު ކުރެވިގެން ފަނޑިޔާރަކު ހައްޔަރުކުރަންވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށްވުރެ މަތީ ކޯޓެއްގެ އަމުރަށެވެ. އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަޙްޤީޤުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުމުން، އެއީ އެކަށީގެންވާ ކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ އޭނާއެވެ."

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ޙާލަތެއްގައި، ހައްޔަރު ކުރަންޖެހެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމުގައިވާނަމަ، އޭނާ ހައްޔަރުކުރަންވާނީ އެ ކޯޓުގައި ބާކީ ތިބި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރާ އަމުރަކަށެވެ."

14HN2ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމަށް ބޭނުންވަނީ ދެ ކަމަކުންކުރެ އެއްކަމެވެ. ފުރަތަމަ ކަމަކީ ހައްޔަރުކުރުމުގެ ހުއްދަ ދީފައިވާ ކޯޓު އަމުރެކެވެ. ދެވަނަ ކަމަކީ، ކުށެއް ކުރާ ކަމަށް، ނުވަތަ ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެކެވެ.

15HN3އަދި މި ބަޔާންކުރެވުނު ހާލަތްތަކުގައި ހެކި ހުންނަންޖެހޭނެ މިންވަރަކީ އެ ތުހުމަތު ކުރެވޭ ކުށް ޝަރީޢަތަށް ސާބިތުވާ މިންވަރެއް ނޫނެވެ. އަދި އެ ފަދަ ހެކި ހުންނަންޖެހޭ މިންވަރަކީ ތުހުމަތު ކުރެވުނު ކުށް އެމީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ނުވަތަ ބެލެވޭ މިންވަރެވެ. އެހެނީ މި މަރުހަލާއަކީ ހެއްކާއި ޤަރީނާ އެއްކޮށް ދަޢުވާ ކުރުމުގެ މަރުޙަލާ ފެށުމަށް ތައްޔާރުވާ މަރުހަލާއެވެ.

16އިބްރާހީމް ރަޝީދު ހައްޔަރުކުރުމުގެ ހާދިސާގައި އޭނާ ކުށެއް ކުރަމުންދާކަމަށް އެވަގުތު އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ ފުލުހުންގެ ބުއްދިއަށް ޤަބޫލު ކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްކަން ނުވަތަ ނޫންކަމަށް ބަލާއިރު، ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ދެ ފަރާތުން ދެއްކި ވާހަކަތަކުން އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

16-1 މި ހާދިސާގައި އިބްރާހީމް ރަޝީދު ހައްޔަރު ކުރެވުނީ 2016 މެއި 28 ވަނަ ދުވަހުގެރޭ 00:49 އެހައިކަށްހައިއިރު ގައެވެ.

16-2 މި ހާދިސާގައި އިބްރާހީމް ރަޝީދު ހައްޔަރުކުރި ވަގުތު މަސްތުވާތަކެތި އަޅާފައިވާކަމަށް ބެލެވޭ ރަބަރު ޕެކެޓެއް އޭނާ އެއްލާލިތަން ފުލުހުންނަށް ފެނިފައިވެއެވެ. މިއީ އިބްރާހީމް ރަޝީދު އެ ވަގުތު މަސްތުވާތަކެތި ގެންގުޅޭކަމަށް ބުއްދިއަށް ޤަބޫލު ކުރެވޭފަދަ އެކަށީގެންވާ ސަބަބެކެވެ.

16-3 މި ހާދިސާގައި އިބްރާހީމް ރަޝީދު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަން ނުވަތަ ނޫންކަން ބެލުމަށްޓަކައި އިބްރާހީމް ރަޝީދުގެ ކުޑަކަމުދާތަކެތި ނެގުމަށް ފުލުހުން މަސައްކަތް ކުރުމުން އެ ތަކެތި ދިނުމަށް އިބްރާހީމް ރަޝީދުވަނީ އިންކާރު ކޮށްފައެވެ.

17HN4މަތީގައިވާ ވާޤިޢާތަކަށް ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ތަޠުބީޤުކުރުމަށް ބަލާއިރު، ކޯޓު އަމުރެއްގެ ދަށުން އިބްރާހީމް ރަޝީދު ހައްޔަރު ކުރަންޖެހޭފަދަ ސަބަބެއް ނެތެވެ. އެހެނީ އިބްރާހީމް ރަޝީދު "ހިފިފައިވަނީ" ކުށެއް ކުރަމުން ދަނިކޮށެވެ. އަދި ތުހުމަތު ކުރެވުނު ކުށަށް އިތުރަށް ބާރު ލިބިދޭ ކަންކަން (ފާހަގަކުރެވުނު ނުކުތާތަކުގެ 16.2 އަދި 16.3 ގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތި އަޅާފައިވާ ޕެކެޓެއް އެއްލާލުމާއި، ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރުން) އިބްރާހީމް ރަޝީދުގެ ފަރާތުން ފެނިފައި ވެސްވެއެވެ. ވުމާއެކު މިއީ، ފަނޑިޔާރަކު ހައްޔަރު ކުރެވޭ ޙާލަތުގައި ޤާނޫނުގައި ބަޔާންވެފައިވާ އިމްތިޔާޒު އެ ފަނޑިޔާރަށް ލިބެންޖެހޭ ޙާލަތެއް ކަމުގައި އަހުރެން ނުދެކެމެވެ.

18ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/CHT/2016/183 (29 މެއި 2016) އަމުރުން އިބްރާހީމް ރަޝީދު ބަންދުން ދޫކުރުމަށް ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް އަހުރެންނަށް ނުފެނެއެވެ.

އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ބަންދުގެ މުއްދަތާ ގުޅޭ މައްސަލަތައް ނިންމުން

19ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުށުގެ ތުހުތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ނިންމާ ނިންމުންތަކާ ގުޅޭ މައްސަލަތައް އިސްތިއުނާފީ ކޯޓުތަކުން ނިންމުމުގައި ބަންދުގެ އަމުރުގެ މަޤުޞަދު ހާސިލުވާނޭހެން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމޭނެފަދަ ގޮތަކަށް މި މައްސަލަ ނިންމައި ދިނުމަށް އެދިފައިވެއެވެ.

20HN5HN6ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ދަށު މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކާ ގުޅިގެން ކުރެވޭ އިސްތިއުނާފީ ދަޢުވާތައް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް އިސްތިއުނާފީ ކޯޓުތަކަށް ލާޒިމުކުރެވޭނީ ޤާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށެވެ. އެހެން ނަމަވެސް މި ބާވަތުގެ މައްސަލަތައް ނިންމުމުގައި މައްސަލަތަކުގެ ޚުޠޫރަތްތެރިކަމަށް ބަލައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ބާރުއަޅަންވާނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

21މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

22މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބުނެވުނު ސަބަބުތައް އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/CHT/2016/183 (29 މެއި 2016) އަމުރުން އިބްރާހީމް ރަޝީދު ބަންދުން ދޫކުރުމަށް ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ނުވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/CHT/2016/183 (29 މެއި 2016) އަމުރު ބާޠިލު ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރު

މަޙާޒު ޢަލީ ޒާހިރު

ޙުސްނުއްސުޢޫދު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ