ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/SC-JC/07ސުޕްރީމް ކޯޓު · 5 ޖުލައި 2016

—

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 5 ޖުލައި 2016ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2016/SC-JC/07

ދަޢުވާކުރާ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަޢުވާލިބޭ ފަރާތް: އަޙްމަދު މުއްރަތު

މައްސަލައިގެ ބާވަތް: މ. މަސްރޫރާ އަޙްމަދު މުއްރަތު މެރުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށް ހުށަހަޅާ ހުށަހެޅުން

މައްސަލަ އައިގޮތް: ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 21 ފެބްރުވަރީ 2016

ރަޖިސްޓްރީކުރެވުނު ތާރީޚް: 03 މާރިޗް 2016

ނިމުނު ތާރީޚް: 05 ޖުލައި 2016

މައްސަލަ ނިންމި ގަޑި: 13:44

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު:2013/HC-A/84

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 27 ފެބްރުވަރީ 2013

ނިމުނު ތާރީޚް: 31 މޭ 2015

ފާހަގަކުރެވުނު ނުކުތާތައް

1- މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/14/SC ސަރކިއުލަރ ގައިވާ ގޮތުގެމަތިން ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރަންޖެހޭ މައްސަލައެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފެންނާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާއިން މ. މަސްރޫރާ، އަޙްމަދު މުއްރަތު، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން ކުށްވެރިވާކަމަށް ކަނޑައަޅައި އަޙްމަދު މުއްރަތު މެރުމަށް ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާއިން ކްރިމިނަލް ކޯޓުގެ ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ ގޮތުން ޞައްޙަ ޙުކުމެއްކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ ނިހާއީ ޙުކުމެއްކަމަށް ކަނޑައަޅައި ދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާ އިލްތިމާސްކޮށްދިނުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ މ. މަސްރޫރާ، އަޙްމަދު މުއްރަތު އަށެވެ.

2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މ. މަސްރޫރާ، އަޙްމަދު މުއްރަތު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާގެ ދަށުން، އިސްތިއުނާފު ކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، މ. މަސްރޫރާ، އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ، 30 ޖޫން 2012 ވަނަ ދުވަހު 20:30 ހާއިރު، މި ދެ މީހުންގެ ދަޢުވަތަކަށް މާލެ، ދަފްތަރު ނަންބަރު 4666، އަޙްމަދު ނަޖީބު، މި ދެ މީހުން ދިރިއުޅޭ މ. މަސްރޫރާ ގެއަށް ގެންގޮސް، އެ ގޭގައި މި ދެ މީހުން ދިރިއުޅޭ ބައިގައި ހުރި ގޮނޑި (އޮފީސް ޗެއަރ) އެއްގައި އަޙްމަދު ނަޖީބުގެ ދެ އަތާއި ދެ ފައި (ފޮށި ބަންދުކުރާ ވައްތަރުގެ މުށިކުލައިގެ) ޓޭޕް ރޯލަކުން ބަނދެ، މޫނާއި އަނގަމަތީގައި ވަށައި ޖެހޭގޮތަށް ޓޭޕްއަޅާ ބަންދުކުރުމަށްފަހު، 01 ޖުލައި 2012 ވަނަ ދުވަހުގެ ވަގުތެއްގައި އަޙްމަދު ނަޖީބު އަޑުގަދަ ކުރުމަށް މަސައްކަތް ކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން އަޙްމަދު މުއްރަތު 04 އިންޗި ހުންނަވަރުގެ ކަޅު ކުލައިގެ މުށްގަނޑުލީ ވަޅިއަކުން އަޙްމަދު ނަޖީބުގެ ކަރަށް ޙަމަލާދީ، އަޙްމަދު ނަޖީބުގެ ކަރުގައި ޓީޝާރޓާއި އިސްޓާކީނު އޮޅައި އަޙްމަދު ނަޖީބު މަރާލާފައިވާތީ، އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރުމުން އެ ކޯޓުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،

ކްރިމިނަލް ކޯޓުން އެ ޤަޟިއްޔާ ނިންމަވާފައިވަނީ 30 ޖޫން 2012 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާގެ ދަޢުވަތަކަށް އަޙްމަދު ނަޖީބު މ. މަސްރޫރާ ގެއަށް ގެންގޮސް، މަސްރޫރާ ގޭގައި އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ ދިރިއުޅެމުން އަންނަ ކޮޓަރިއަށް އަޙްމަދު ނަޖީބު ވެއްދުމަށްފަހު އަޙްމަދު މުއްރަތުގެ މަންމަގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައަކާ ބެހޭގޮތުން އަޙްމަދު ނަޖީބުއާ މަޝްވަރާކުރިއިރު، އަޙްމަދު ނަޖީބުގެ ޢަމަލުތައް ހުރީ އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ ހިތްހަމަޖެހޭ ގޮތަކަށް ނޫންކަމަށް އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާއަށް ޤަބޫލުކުރެވުނުކަމަށް ބުނެ، އެ ކޮޓަރީގައި ހުރި ގޮނޑިއެއްގައި އަޙްމަދު ނަޖީބު ބަނދެ، އަޙްމަދު ނަޖީބުގެ އަތުގައި ހުރި ފައިސާ ފޭރުމަށްފަހު، އަޙްމަދު ނަޖީބު މަރާލުމަށް އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ ރާވައި، މ.މަސްރޫރާ ގޭގައި އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ ދިރިއުޅޭ ބައިގައި ގެންގުޅުނު ވަޅިއެއް އެ ކޮޓަރިއަށް ގެންގޮސް އެ ވަޅިން އަޙްމަދު ނަޖީބުއަށް ބިރު ދައްކާ، އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ އެ ވަގުތު އަޙްމަދު ނަޖީބު އިށީނދެގެން އިން ގޮނޑިއާއެކު ކަރުދާސް ފޮށި ބަންދުކުރަން ބޭނުންކުރާ ވައްތަރުގެ ޓޭޕް ބޭނުންކޮށްގެން އަޙްމަދު ނަޖީބުގެ ދެ އަތާއި ދެ ފައި ބަނދެ، އަދި އަޙްމަދު ނަޖީބުއަށް އެއްވެސް ޙަރަކާތެއް ނުކުރެވޭނެ ގޮތަށް އެ ކޮޓަރީގައި ރަހީނުކުރުމަށްފަހު، އަޙްމަދު ނަޖީބުގެ ޖީބުގައި އޮތް ވޮލެޓާއި އަޙްމަދު ނަޖީބުގެ ދެ މޯބައިލް ފޯނު އަޙްމަދު ނަޖީބު އަތުން އަތުލައި، އަޙްމަދު ނަޖީބުގެ ވޮލެޓުގައި ހުރި ފައިސާ އާއި އެ ވޮލެޓްގައި އޮތް ކޭޝްކާޑު ނަގާ، އެ ކޭޝް ކާޑުގެ ޕިން ނަންބަރު އަޙްމަދު ނަޖީބުގެ ފަރާތުން ހޯދުމަށްފަހު، އަޙްމަދު ނަޖީބުގެ އަނގަޔަށް ފޮތިގަނޑެއް ލައި، އަނގަޔާއެކު، އަޙްމަދު ނަޖީބުއަށް އެއްވެސް ތަނެއް ނުފެންނާނެހެން މުޅި މޫނުމަތީގައި ޓޭޕްއަޅާ އެ ކޮޓަރީގައި އަޙްމަދު ނަޖީބު ބައިންދާ، އަޙްމަދު ނަޖީބުގެ ކޭޝް ކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނެގުމަށްފަހު، އެ ފައިސާއަށް މަސްތުވާތަކެތި ގަނެގެން އެނބުރި މ. މަސްރޫރާ ގެއަށްގޮސް އަޙްމަދު ނަޖީބު ރަހީނު ކުރެވިފައިވާ ކޮޓަރީގައި ތިބެ އަޙްމަދު މުއްރަތާއި ފާޠިމަތު ހަނާ މަސްތުވުމަށްޓަކައި ބަނގުރަލާއި ހިކި މަސްތުވާތަކެތި ބޭނުންކޮށް 01 ޖުލައި 2012 ވަނަ ދުވަހު ހެނދުނު 06:00 އާ 07:00 އާ ދެމެދުގެ ވަގުތެއްގައި އަޙްމަދު މުއްރަތު އިސްވެ ބުނެވުނު ވަޅިން އަޙްމަދު ނަޖީބުގެ ކަރަށް ޙަމަލާދީ އަޙްމަދު ނަޖީބު މަރާލާފައިވާކަން، އަޙްމަދު މުއްރަތު ޝަރީޢަތުގައި ވެފައިވާ އިޢުތިރާފުންނާއި، އަދި އަޙްމަދު ނަޖީބު އަތުން ފައިސާ އަތުލުމަށްފަހު، އަޙްމަދު ނަޖީބު މަރާލުމަށް ރާވާ، އަޙްމަދު ނަޖީބު ބަނުމުގައި އަޙްމަދު މުއްރަތުއާއެކު ފާޠިމަތު ހަނާ ބައިވެރިވެފައި ވާނެކަމަށް ބުނެ ފާޠިމަތު ހަނާ ޝަރީޢަތުގައި ވެފައިވާ އިޢުތިރާފުން، އެއްވެސް ޝައްކެއްނެތި އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ ޤަޞްދުގައި މީހަކު މަރާލާފައިވާކަން ޝަރީޢަތަށް ސާބިތުވާތީއާ، އަޙްމަދު ނަޖީބުގެ ހުރިހާ ވާރުތަވެރިން އަޙްމަދު ނަޖީބުގެ މަރުގެ ބަދަލުގައި އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާގެ ކިބައިން ބޭނުންވަނީ ޤިޞާޞް ހިފަންކަމަށް ބުނެފައިވާތީ، ޝަރުޢީ ހަމަތަކުގެ މަތިން އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާގެ ލޭގެ ޙުރުމަތް ކެނޑިއްޖެކަމަށް ކަނޑައަޅާ، އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާގެ މައްޗަށް ސާބިތުވި، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ އުޤޫބާތެއްގެ ގޮތުން، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) އާއި ޙަވާލާދީ، އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން މ. މަސްރޫރާ، އަޙްމަދު މުއްރަތު އާއި ށ. ގޮއިދޫ، ރިހާބު، ފާޠިމަތު ހަނާއާ މި ދެމީހުން މެރުމަށް ޙުކުމް ކޮށްގެން ކަމާއި މިކަންކަން އިސްވެ އިޝާރާތްކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.

4- ދިވެހިރާއްޖޭގެ ހައިކޯޓުން، އެ ކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާ ނިންމާފައިވަނީ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މ. މަސްރޫރާ، އަޙްމަދު މުއްރަތު ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ އެ ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ކަންތައްތައް އެފަދައިން ހުރުމާއެކު، އެ ކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގައި އަޙްމަދު ނަޖީބު ޤަޞްދުގައި މަރާލުމުގެ ކުށް މ. މަސްރޫރާ، އަޙްމަދު މުއްރަތުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން އަޙްމަދު މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ ޢިއްތިފާޤުން ޙުކުމް ކޮށްގެންކަން ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

5- ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާއިން މ. މަސްރޫރާ، އަޙްމަދު މުއްރަތު ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން ކުށްވެރިވާކަމަށް ކަނޑައަޅައި، އަޙްމަދު މުއްރަތު މެރުމަށް ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާއިން ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ ގޮތުން ޞައްޙަ ޙުކުމެއްކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ، ނިހާއީ ޙުކުމެއްކަން ކަށަވަރުކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮށްފައިވާ އިލްތިމާސް ބިނާކުރާ ނުކުތާތަކުގެ ގޮތުގައި މައިގަނޑު 03 ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ހުށަހަޅައި އެ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން:-

ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާ ނިންމާފައިވަނީ ދަޢުވާ ލިބޭ ފަރާތް ކަމުގައިވާ އަޙްމަދު މުއްރަތުގެ އިޢުތިރާފުގެ މައްޗަށާއި މައްސަލައިގައި ލިބިފައިވާ އެހެނިހެން ޤަރީނާތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް ވީހިނދު، އަޙްމަދު މުއްރަތު މި މައްސަލައިގައި ވެފައިވާ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއް ކަމާއި އެ އިޢުތިރާފާއި މައްސަލައިގައި ލިބިފައިވާ އެހެނިހެން ޤަރީނާތަކަށް ރިޢާޔަތްކޮށް އަޙްމަދު މުއްރަތުގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް އެއްވެސް ޝުބުހާއެއް ނެތް މިންވަރަށް ސާބިތުވާކަމަށް ނިންމި ނިންމުމަކީ ޤާނޫނީ އުޞޫލުތަކާއި ޝަރުޢީ ހަމަތަކާ އެއްގޮތް ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާއިން ކަނޑައަޅައިކޮށްފައިވާ ޙުކުމެއްކަން ކަށަވަރުކުރުން.

ދެވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގައި އަޙްމަދު މުއްރަތު ވަޅިއަކުން އަޙްމަދު ނަޖީބަށް ޙަމަލާދީފައިވަނީ އަޙްމަދު ނަޖީބު މަރާލުމުގެ ޤަޞްދުގައިކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާއި ޝަރުޢީ ހަމަތަކާ އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާއިން ކަނޑައަޅައި ކޮށްފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުން.

ތިންވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާއިން އަޙްމަދު މުއްރަތުގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވުމާ ގުޅިގެން އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން މެރުމަށް ކޮށްފައިވާ ޙުކުމަކީ ޤާނޫނީ ޢުޞޫލުތަކާއި ޝަރުޢީ ހަމަތަކާ އެއްގޮތް ނިންމުމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާއިން ކަނޑައަޅައި ކޮށްފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުން.

6- ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާއިން މ. މަސްރޫރާ، އަޙްމަދު މުއްރަތު މެރުމަށް ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާއިން، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ ގޮތުން ޞައްޙަ ޙުކުމެއްކަމަށް ކަނޑައަޅައި ނިންމަވާފައިވާ ނިންމުމަކީ، ނިހާއީ ޙުކުމެއްކަން ކަށަވަރުކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮށްފައިވާ އިލްތިމާސް ބިނާކުރާ ނުކުތާތަކުގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ، މި މައްސަލައާ ގުޅޭގޮތުން ފެންނަން ހުރި އެންމެހައި ލިޔެކިޔުންތަކާއި ބަޔާންތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށް ބެލެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގައި އަޙްމަދު މުއްރަތުގެ މައްޗަށް އުފުލިފައިވާ އިސްވެ ބަޔާންކުރެވިދިޔަ ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން އެ ދަޢުވާ ބެލުމަށް 03 ޖުލައި 2012 ދުވަހު ބޭއްވުނު އެ ދަޢުވާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން އަޙްމަދު މުއްރަތުގެ މައްޗަށް އުފުލާފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ރަނގަޅަށް ސާފުވެއްޖެކަމަށް ބުނެ އަޙްމަދު މުއްރަތު ކޯޓަށް ބަޔާންދީފައިވާކަން އެނގެން އޮތުމުން ކްރިމިނަލް ކޯޓުން ފުރަތަމަވެސް މި ދަޢުވާ ބަލަން ފަށާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން އަޙްމަދު މުއްރަތުގެ މައްޗަށް ބުނެވުނު ޤަޟިއްޔާގެ ދަށުން އުފުލިފައިވާ ދަޢުވާގައި ބުނާ ކުށަކީ ކޮބައިކަން އަޙްމަދު މުއްރަތަށް ރަނގަޅަށް ސާފުވާގޮތަށް އަންގައި ބަޔާންކުރުމަށްފަހު ކަން އެނގެން އޮންނަ އޮތުމެވެ.

ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގައި އަޙްމަދު މުއްރަތުގެ މައްޗަށް އުފުލިފައިވާ ދަޢުވާއަކީ ކޮބައިކަމާއި، އަދި އެ ދަޢުވާގައި ހިމެނޭ ކުށަކީ ކޮބައިކަން އަޙްމަދު މުއްރަތުއަށް އެ ޤަޟިއްޔާގެ ޝަރީޢަތުގެ ފަރާތުން ރަނގަޅަށް ސާފުވާގޮތަށް އަންގައި ބަޔާންކޮށްފައިވާކަން އަޙްމަދު މުއްރަތުގެ ބަހުން އެނގެން އޮތުމުގެ އިތުރުން މި މައްސަލަ އަޙްމަދު މުއްރަތު ކުރިޔަށް ގެންދަން ބޭނުންވަނީ އަޙްމަދު މުއްރަތުގެ ފަރާތުން ވަކާލާތުކުރާނެ ޤާނޫނީ ވަކީލެއްގެ ޙާޟިރުގައިތޯ ނުވަތަ އަމިއްލައަށްތޯ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ ފަރާތުން އަޙްމަދު މުއްރަތުއާ ސުވާލުކުރުމުން ޤާނޫނުއަސާސީއިން ލިބިދީފައިވާ ޤާނޫނީ ވަކީލެއް ޢައްޔަން ކުރުމުގެ ފުރުޞަތު އަޙްމަދު މުއްރަތު ދޫކޮށްލީ ކަމަށާއި އަޙްމަދު މުއްރަތު މި މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ އަޙްމަދު މުއްރަތު އަމިއްލައަށް ކަމަށްބުނެ ދަށުކޯޓަށް އަޙްމަދު މުއްރަތު ބަޔާންދީފައިވާކަން އެނގެން އޮތުމުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި (ޅ) އިން ކުށެއް ކުރިކަމަށް ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިދީފައިވާ އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމުގެ ޙައްޤާއި، އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީޢަވުމަށް މަސައްކަތް ކުރުމުގެ ޙައްޤާއި، އަދި ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) އިން ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހާއަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކުނަމަ އޭނާއަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލަކު ޢައްޔަން ކޮށްދޭން ވާނެކަމަށް ބުނާ ޙައްޤާއި މި ޙައްޤުތައް އަޙްމަދު މުއްރަތު އަމިއްލަ އިޚްތިޔާރުގައި ޝަރީޢަތުގެ މަޖިލީހުގައި ދޫކޮށްލާފައިވާކަން އެނގެން އޮންނަކަމެވެ.

ތިންވަނަ ކަމަކީ، ދައުލަތުން އަޙްމަދު މުއްރަތުގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާގައިވާ ފަދައިން އަޙްމަދު މުއްރަތު ޤަޞްދުގައި މީހަކު މަރާލާފައިވާނެ ކަމަށްބުނެ މީނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ބަޔާންކުރެވިދިޔަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށަށް އަޙްމަދު މުއްރަތުގެ އަމިއްލަ އިޚްތިޔާރުގައި، އެއްވެސް މަޖުބޫރުކަމެއްނެތި، ހަމަބުއްދީގައި، ބާލިޣުވެ ތަޞައްރަފު ފުދިފައިވާ ޙާލުގައި ހުރެ ޝަރީޢަތުގައި އަޙްމަދު މުއްރަތު އިޢުތިރާފުވެފައި ވާކަން އެނގެން އޮންނަ އޮތުމެވެ.

ހަތަރުވަނަ ކަމަކީ، މި މައްސަލައިގައި އަޙްމަދު މުއްރަތުގެ މައްޗަށް އުފުލިފައިވާ އިސްވެ ބަޔާންކުރެވިދިޔަ ކުށުގެ ދަޢުވާއަށް ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު މުއްރަތުގެ އަމިއްލަ އިޚްތިޔާރުގައި، އެއްވެސް މަޖުބޫރުކަމެއްނެތި، ހަމަބުއްދީގައި ހުރެ ސާފުބަހުން އިޢުތިރާފުވެ އަޙްމަދު މުއްރަތު ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 03 ޖުލައި 2012 ވަނަ ދުވަހު ދީފައިފައިވާ ބަޔާންތަކަށް ބަލާއިރު، ދައުލަތުގެ ފަރާތުން އަޙްމަދު މުއްރަތުގެ މައްޗަށް ހުށަހަޅާފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއަކީ ރަނގަޅު ތެދު ދަޢުވާއެއް ކަމަށާއި މި ދަޢުވާގައި ބުނާ އަޙްމަދު ނަޖީބާ އަޙްމަދު މުއްރަތު ދިމާވެފައިވަނީ އަޙްމަދު މުއްރަތުގެ ގެ ބެހިފައިވާ ގޮތުންނާއި، ބޭންކުން އަޙްމަދު މުއްރަތުގެ މަންމަގެ އެކައުންޓުން ލާރިތަކެއް ގެއްލިފައިވާތީ ވަކާލާތުކުރަން ވަކީލަކު ހޯދި ހޯދުމުގައި އަޙްމަދު ނަޖީބުގެ ނަންބަރު ހޯދައިގެން އަޙްމަދު ނަޖީބު އާ ފޯނުން ގުޅައިގެން ގެނައުމުން ކަމަށާއި މިގޮތަށް އަޙްމަދު މުއްރަތުގެ ގެއަށް އަޙްމަދު ނަޖީބު ގެނެސް ވާހަކަ ދެއްކުމުގެ ތެރޭގައި، އޭރު އަޙްމަދު މުއްރަތު ގުޅިގެން އުޅުނު އަންހެން ކުއްޖާ ފާޠިމަތު ހަނާއަށް އަޙްމަދު ނަޖީބު ސަމާލުކަންދޭތީ އެކަމާ ހިތްހަމަނުޖެހިގެން އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު ގޮނޑިއެއްގައި ބަނދެ، އޭނާ ގޭގައި ބައިންދާ ފަތިސް ގަޑީގައި އަޙްމަދު ނަޖީބު އަޑުގަދަ ކުރަންފެށުމުން އަޑުގަދަ ނުކުރުމަށް ބުނެ އަޙްމަދު މުއްރަތު، ތިލައިގައި ހަތަރު އިންޗި ހުރި ވަޅިއަކުން އަޙްމަދު މުއްރަތުގެ ކަނާއަތުން އަޙްމަދު ނަޖީބުގެ ކަރަށް ޖެހިކަމަށާއި އަޙްމަދު މުއްރަތު އަޙްމަދު ނަޖީބުގެ ކަރަށް ވަޅި ޖެހިޖެހުމުގެ ނަތީޖާއެއްގެ ގޮތުން އަޙްމަދު ނަޖީބު މަރުވެފައިވާކަން އަޙްމަދު މުއްރަތަށް އެނގިފައިވާ ކަމަށާއި މިގޮތުން އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބުގެ ކަރަށް، ތިލައިގައި ހަތަރު އިންޗި ހުރި ވަޅިއަކުން އަޙްމަދު ނަޖީބަށް ޙަމަލާދީ އަޙްމަދު ނަޖީބު މަރާލީ 01 ޖުލައި 2012 ވަނަ ދުވަހު އިރުއަރަމުންދިޔަ ވަގުތުކަމަށާއި އަޙްމަދު ނަޖީބު މެރުމަށްޓަކައި އަޙްމަދު މުއްރަތު އަޙްމަދު ނަޖީބު ބަނީ ޓޭޕްރޯލަކުން ކަމަށާއި އަދި އަޙްމަދު މުއްރަތު އަޙްމަދު ނަޖީބުގެ މޫނުމަތިވެސް ބަންކަމަށާއި މޫނުމަތި ބަނީ އަޙްމަދު ނަޖީބުގެ ލޮލާ އަނގަޔާ އެއްކޮށް ކަމަށާއި އަޙްމަދު މުއްރަތުގެ ގެއަށް އަޙްމަދު ނަޖީބު ފޯނުން ގުޅައިގެން ގެނައީ 30 ޖޫން 2012 ވަނަ ދުވަހުގެ 20:30 އާއި 21:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށާއި އަޙްމަދު މުއްރަތުގެ ގޭގެ ގޮނޑިއެއްގައި އަޙްމަދު ނަޖީބު ބައިންދައި އަޙްމަދު ނަޖީބު ބަންއިރު 30 ޖޫން 2012 ވަނަ ދުވަހުގެ ރޭ 10 ޖަހާފާނެކަމަށް އަޙްމަދު މުއްރަތަށް ހީވާ ކަމަށާއި އެ ވަގުތު އަޙްމަދު ނަޖީބު ބަނީއްސުރެ 01 ޖުލައި 2012 ދުވަހުގެ އިރުއަރަންދެން އަޙްމަދު ނަޖީބު އިނީ އެގޮތުގައި ބަނދެފައި ކަމަށާއި އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު މަރާލީ 01 ޖުލައި 2012 ވަނަ ދުވަހުގެ އިރުއެރުމުން ކަމަށާއި 30 ޖޫން 2012 ވަނަ ދުވަހުގެ ހަތަރުދަމު އަޙްމަދު މުއްރަތު ހުރީ ހޭލާ ކަމަށާއި އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބަށް ވަޅިން ޙަމަލާ ދިނުމާ އަޙްމަދު މުއްރަތަށް އަޙްމަދު ނަޖީބު މަރުވެއްޖެކަން ޔަޤީންވުމާ ދޭތެރޭ 30 މިނެޓެއް ނުވާނެ ކަމަށާއި އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބުގެ ކަރަށް ވަޅި ހެރިފަހުން 30 މިނެޓް ތެރޭ އަޙްމަދު ނަޖީބު ވަނީ މަރުވެފައި ކަމަށާއި އަޙްމަދު ނަޖީބު މަރުވިފަހުން އޭނާ ގައިން އައި ލޭ މަނާކުރަން އަޙްމަދު މުއްރަތު އުޅުނު ކަމަށާއި އެ ވަގުތު އަޙްމަދު ނަޖީބުގެ މަރުވެފައިވާ ހަށިގަނޑު (މައްޔިތާ) އާ ދޭތެރޭ ޢަމަލުކުރާނެ ވަކިގޮތެއް އަޙްމަދު މުއްރަތަށް ނޭނގުމުން އަޙްމަދު ނަޖީބު ބަނދެފައި އިން ގޮނޑީގައި 01 ޖުލައި 2012 ވަނަ ދުވަހު މެންދުރާ ޖެހެންދެން އަޙްމަދު ނަޖީބު ބެއިންދި ކަމަށާއި އަޙްމަދު ނަޖީބުގެ ގައިން ލޭ ފައިބާތީ ފިހާރައަކުން ޑަސްބިންއެއް ގަނެގެން ގެނެސް އަޙްމަދު ނަޖީބުގެ ހަށިގަނޑު އެ ޑަސްބިނަށް ލީ ކަމަށާއި އަޙްމަދު މުއްރަތުގެ ގެއަށް އަޙްމަދު ނަޖީބު ގެނެސް އަޙްމަދު ނަޖީބު ބަން ރޭ އަޙްމަދު މުއްރަތު މަސްތުވުމުގެ ގޮތުން މަސްތުވާތަކެތި ބޭނުންކޮށްފައިވާނެ ކަމަށާއި މަސްތުވާތަކެތި ގަތީ އަޙްމަދު މުއްރަތު އަމިއްލައަށް ކަމަށާއި އެރޭ މަސްތުވުމުގެ ގޮތުން އަޙްމަދު މުއްރަތު މަސްތުވާތަކެތި ބޭނުންކުރީ އެއްވެސް މީހަކު މަޖުބޫރުކޮށްގެން ނޫން ކަމަށާއި އަޙްމަދު މުއްރަތު އަޙްމަދު ނަޖީބަށް ޙަމަލާދީ އަޙްމަދު ނަޖީބު މަރުވުމުން އަޙްމަދު ނަޖީބުގެ ހަށިގަނޑު ޑަސްބިނަށްލީއިރު، އެ ޑަސްބިނުގެ ތެރެއަށް އެޅިގަލެއް ވެސް އަޙްމަދު މުއްރަތު ލީ ކަމަށާއި އަޙްމަދު މުއްރަތުގެ ގެއަށް އަޙްމަދު ނަޖީބު ގެންގޮސް އަޙްމަދު ނަޖީބުގެ ވޮލެޓުގައި ހުރި ހުރިހާ ފައިސާއެއް އަޙްމަދު މުއްރަތު ނެގިކަމަށާއި އަދި މީގެ އިތުރުން އަޙްމަދު ނަޖީބުގެ ބޭންކް އޮފް މޯލްޑިވްސްގެ ކޭޝް ކާޑު ބޭނުންކޮށްގެން އަޙްމަދު މުއްރަތު ފައިސާވެސް ނެގި ކަމަށާއި، މިގޮތުން ދެ ބުރެއްގެ މަތިން ކޮންމެ ފަހަރަކު -/2000 ރުފިޔާގެ މަގުން ޖުމްލަ -/4000 ރުފިޔާ ނެގި ކަމަށާއި އަޙްމަދު ނަޖީބުގެ ހަށިގަނޑު ލުމަށްޓަކައި އަޙްމަދު މުއްރަތު ގަތް ޑަސްބިން ގަތީ އަޙްމަދު ނަޖީބުގެ ކޭޝް ކާޑު ބޭނުންކޮށްގެން އަޙްމަދު މުއްރަތު ނެގި ފައިސާއިން ކަމަށާއި އަދި އެ ފައިސާއިން މަސްތުވާތަކެއްޗާއި ސިނގިރޭޓުވެސް ގަތް ކަމަށާއި، ދައުލަތުން އަޙްމަދު މުއްރަތުގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށް އަޙްމަދު މުއްރަތު ކޮށްފައިވާކަމަށް އަޙްމަދު މުއްރަތު އިޢުތިރާފުވާ ކަމަށާއި އަޙްމަދު މުއްރަތު އެދެނީ ވީހާވެސް އަވަހަކަށް މައްސަލަ ނިންމައިދިނުމަށް ކަމަށާއި، އަޙްމަދު މުއްރަތު އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށް ބުނެ ބަޔާންކުރެވިދިޔަ ގޮތުގެމަތިން ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ ކުރިމަތީގައި އަޙްމަދު މުއްރަތުގެ އަމިއްލަ އިޚްތިޔާރުގައި، އެއްވެސް މަޖުބޫރުކަމެއްނެތި، ހަމަބުއްދީގައި ހުރެ ސާފުބަހުން، ދައުލަތުން އަޙްމަދު މުއްރަތުގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށަށް އަޙްމަދު މުއްރަތު އިޢުތިރާފުވެ ޝަރީޢަތަށް އަޙްމަދު މުއްރަތު ބަޔާންދީފައިވާކަން އެނގެން އޮންނަ އޮތުމެވެ.

ފަސްވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު އެ ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 05 ޖުލައި 2012 ވަނަ ދުވަހު، އަޙްމަދު މުއްރަތު ދީފައިވާ ބަޔާނުގައި އަޙްމަދު މުއްރަތު ފުލުހުންގެ ތަޙްޤީޤު މަރުޙަލާގައި މި މައްސަލައާ ގުޅިގެން ދީފައިވާ ބަޔާނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި އަޙްމަދު މުއްރަތު ދީފައިވާ ތެދު ބަޔާނެއްކަމަށް ބުނެފައިވާތީ، މި މައްސަލައިގެ ތަޙްޤީޤަށް އަޙްމަދު މުއްރަތު 02 ޖުލައި 2012 ގައި ދީފައިވާކަމަށް ބުނާ އަޙްމަދު މުއްރަތުގެ ބަޔާނަށް ބަލާއިރު އަޙްމަދު މުއްރަތު ދިރިއުޅެމުންދަނީ އަޙްމަދު މުއްރަތުގެ މަންމަގެ ގެ ކަމުގައިވާ މ. މަސްރޫރާ އެވެކިޔާ ގޭގައި ކަމަށާއި އަޙްމަދު މުއްރަތުގެ މަންމަގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ އެކައުންޓަކުން ފައިސާ މަދުވެފައިވާ މައްސަލަ އާއި އަދި މ. މަސްރޫރާ އެވެކިޔާ ގޯތީގެ ބިން ހަމަހަމަ އުޞޫލެއްނެތި ބޭނުން ކުރަމުން އަންނަ މައްސަލައާ ގުޅިގެން އަޙްމަދު މުއްރަތުގެ މަންމަގެ ލަފާގެ މަތިން މިކަމުގައި އަޙްމަދު މުއްރަތުމެންގެ ފަރާތުން ވަކާލާތުކުރާނެ ޤާނޫނީ ވަކީލެއް ހޯދުމަށް ފެށި މަސައްކަތާ ގުޅިގެން އެކި މީސްމީހުންގެ ފަރާތުން ޤާނޫނީ ވަކީލު އަޙްމަދު ނަޖީބުއާ ގުޅޭ ފޯން ނަންބަރު ލިބުމުން 30 ޖޫން 2012 ވަނަ ދުވަހުގެ ގާތްގަނޑަކަށް 19:30 ހާއިރު އަޙްމަދު މުއްރަތުގެ ފޯނުން އަޙްމަދު ނަޖީބަށް ފޯނުކޮށް ބުނެވުނު މައްސަލަތައް ކުރިއަށް ގެންދިއުމަށް ވަކީލެއްގެ ގޮތުން މަސައްކަތް ކޮށްދިނުމާމެދު އަޙްމަދު ނަޖީބާ އަޙްމަދު މުއްރަތު ވާހަކަ ދެއްކުމުން މިކަމުގައި އަޙްމަދު މުއްރަތުގެ މަންމަ އާއި އަދި އަޙްމަދު މުއްރަތާ އަޙްމަދު ނަޖީބު ބައްދަލުކޮށް ވާހަކަދައްކަން ބޭނުންވާކަމަށް އަޙްމަދު ނަޖީބު ބުނުމުން އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު ގާތު މ. މަސްރޫރާ އަށް އައުމަށް ބުނުމުން އަޙްމަދު މުއްރަތާއި އަޙްމަދު މުއްރަތު ރައްޓެހިވެގެން އުޅޭ ށ. ގޮއިދޫ، ރިހާބު ފާޠިމަތު ހަނާއާ ދެ މީހުން އެކުގައި މ. މަސްރޫރާ ގައި އުޅެނިކޮށް 30 ޖޫން 2012 ވަނަ ދުވަހުގެ ގާތް ގަނޑަކަށް 20:30 ހާއިރު އަޙްމަދު ނަޖީބު އަޙްމަދު މުއްރަތުގެ ފޯނަށް ފޯނުކޮށް މ. މަސްރޫރާ ކައިރީގައި އަޙްމަދު ނަޖީބު އިންކަމަށް ބުނުމުން އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ އާ ދެ މީހުން ގޭ ދޮރުކައިރިން އަޙްމަދު ނަޖީބާ ބައްދަލުކޮށް އަޙްމަދު ނަޖީބު ގޮވައިގެން މ. މަސްރޫރާ ގެއަށްވަދެ އަޙްމަދު މުއްރަތުމެން ދިރިއުޅޭ ކޮޓަރިއަށް ވަދެ އެ ކޮޓަރީގެ ފުރަތަމަ ފަންގިފިލާއަށް އަރައި، އެ ފަންގިފިލާގައި ހުރި ކަޅުކުލައިގެ އޮފީސްޗެއަރ ދެއްކުމުން އަޙްމަދު ނަޖީބު އެ ގޮނޑީގައި އިށީނުމުން އަޙްމަދު ނަޖީބު ގާތު ވެގެން އުޅޭ ގޮތާއި ކުރިއަށް ގެންދަން ބޭނުންވާ މައްސަލަތައް ކިޔައިދިނުމުގެ ގޮތުން އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބާ ދައްކަމުންދާ ވާހަކަތަކަށް އަޙްމަދު ނަޖީބު ޖަވާބުދޭއިރު މުޅިންވެސް އަމާޒުވަނީ ފާޠިމަތު ހަނާއަށްކަމަށް އަޙްމަދު މުއްރަތަށް ފާހަގަކުރެވުމުން، އަޙްމަދު ނަޖީބުގެ ބަސް މޮށުންތެރިކަމާއި ވާހަކައިގެ ރާގު ހުންނަނީ އަޙްމަދު މުއްރަތު ހިތްހަމަޖެހޭ ގޮތަށް ނޫންކަމަށް ފާޠިމަތު ހަނާ ގާތު އަޙްމަދު މުއްރަތު ބުނުމުން ފާޠިމަތު ހަނާވެސް އަޙްމަދު ނަޖީބުގެ އެ ޢަމަލުގެ ވާހަކަ ބުނުމުން އަޙްމަދު މުއްރަތު ކުއްލިއަކަށް އަޙްމަދު ނަޖީބު ދެކެ ރުޅިގަދަވެގެން ދިޔަކަމަށާއި އަދި ވަގުތުން އަޙްމަދު މުއްރަތު ކޮޓަރިން ނުކުމެ ކޮޓަރިއާ ގާތްގަނޑަކަށް 03 ފޫޓް ހުންނަވަރުގެ ދުރުމިނުގައި ހުރި ބަދިގެ ތެރޭގައި ކަޅުކުލައިގެ މުއްގަނޑެއް ލާފައި އޮތް، ތިލައިގައި ގާތްގަނޑަކަށް ހަތަރު އިންޗި ހުންނަވަރުގެ ވަޅިއެއް ހިފައިގެން އަޙްމަދު ނަޖީބުއިން ފަންގިފިލާއަށް އަރައި، އެ ވަގުތު ކޮޓަރި ތެރޭގައި އޮތް ފޮށި ބަންދުކުރާ ވައްތަރުގެ މުށިކުލައިގެ ޓޭޕް ރޯލެއް ނަގައިގެން ޓޭޕްރޯލުން އަޙްމަދު ނަޖީބު އިށީނދެގެން އިން ގޮނޑީގެ އަތްގަނޑާއި އަޙްމަދު ނަޖީބުގެ ދެ އަތާއެކު އޮޅާ އަޙްމަދު ނަޖީބު ގޮނޑިއާލައި ބަންކަމަށާއި އަދި އަޙްމަދު ނަޖީބުގެ ދެ ފައިވެސް އެ ޓޭޕްރޯލުން ގަދައަށް ބަންކަމަށާއި އަދި ހަމަ އެޓޭޕް ރޯލުން އަޙްމަދު ނަޖީބުގެ މޫނުމަތީގައި ވަށާޖެހެންދެން އޮޅާ އަޙްމަދު ނަޖީބު މޫނުމަތިވެސް ނިވާކުރި ކަމަށާއި އެއިރު ގަނޑިން ގާތްގަނޑަކަށް 30 ޖޫން 2012 ވަނަ ދުވަހުގެ 23:00 ހާއިރު ވެދާނެ ކަމަށާއި، އަދި އޭގެ އިތުރުން އަޙްމަދު ނަޖީބުގެ އަނގައަށް ފޮތިގަނޑެއް ބާރުކޮށް ކޮށްޕާ އިތުރަށް އަޙްމަދު ނަޖީބުގެ މޫނު މަތީގައި ޓޭޕްއޮޅާ ބަންދުކުރި ކަމަށާއި 01 ޖުލައި 2012 ވަނަ ދުވަހުގެ އިރު އެރީ، މިފަދައިން އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު ބަނދެގެން އިންދަ ކަމަށާއި ކޮޓަރި ތިރިން އަޙްމަދު މުއްރަތުގެ މަންމަ އުޅޭ އަޑު ކޮންމެވެސް ވަރަކަށް މައްޗަށް އިވެން ފެށުމުން އަޙްމަދު ނަޖީބު ކަރުބުޑުން އަޑުތައް ލައްވައި އަޙްމަދު ނަޖީބު އެތަނުގައި އިންކަން އަންގަން މަސައްކަތް ކުރަން ފެށުމުން ކުއްލިއަކަށް އެކަމާ އަޙްމަދު މުއްރަތު އައި ރުޅީގައި އަޙްމަދު މުއްރަތު ގެންގުޅުނު ކަޅުކުލައިގެ މުށްގަނޑު ލާފައި އޮތް އަދި ތިލައިގައި ގާތްގަނޑަކަށް ހަތަރު އިންޗި ހުރި ވަޅި ނަގައި، އެ ވަޅިން ވަގުތުން އަޙްމަދު ނަޖީބުގެ ކަރަށް ޙަމަލާދިން ކަމަށާއި، މިފަދައިން އަޙްމަދު ނަޖީބަށް ދެ ފަހަރެއްގެ މަތިން ޙަމަލާދިން ކަމަށާއި މިފަދައިން އަޙްމަދު މުއްރަތު އަޙްމަދު ނަޖީބަށް ދިނުމާއެކު އަޙްމަދު ނަޖީބުގެ ކަރާ ދިމާއިން ލޭތައް އޮހޮރެން ފެށިކަމަށާއި އެ ވަގުތު ކޮޓަރި ތެރޭގައި އޮތް ޓީޝާޓަކާއި އެ ނޫންވެސް އެ ބާވަތުގެ އެއްޗަކުން އަޙްމަދު ނަޖީބުގެ ޒަޚަމްތަކުގައި އަޅައި ލޭ މަނާކުރުމަށް މަސައްކަތް ކުރި ކަމަށާއި އަދި އޭރު އެތަނުގައި އޮތް އިސްޓާކީނުތަކެއް ބޭނުންކޮށްގެން ނަޖީބުގެ ކަރުގައި އިސްޓާކީނު ބޭނުންކޮށް ގޮށްޖެހި ކަމަށާއި އެކަން ކުރީ ލޭ މަނާކުރަން ކަމަށްވިއަސް ހިނދުކޮޅެއްގެ ތެރޭގައި އަޙްމަދު ނަޖީބުގެ ޚަބަރު ހުސްވެ އޭނާ މަރުވީކަން އަޙްމަދު މުއްރަތަށް ޔަޤީންވި ކަމަށާއި، އެއިރު ގާތްގަނޑަކަށް ގަޑިން އެ ދުވަހުގެ (01 ޖުލައި 2012 ވަނަ ދުވަހުގެ) 7:00 ހާއިރުވެދާނެ ކަމަށާއި ދެން އަޙްމަދު މުއްރަތު ނިންމީ ގޮނޑީގައި މަރުވެފައި އިން އަޙްމަދު ނަޖީބުގެ ހަށިގަނޑު އިތުރު މީހަކަށް ފެނުމުގެ ކުރިން ފޮރުވުމަށް ކަމަށާއި، އެގޮތުން އަޙްމަދު ނަޖީބުގެ އަތުގެ އިނގިލިތަކުގައި ހުރި އަނގޮޓިތަކާއި، އަޙްމަދު ނަޖީބު ލައިގެން ހުރި ގަމީހާއި ފަޓުލޫނުގެ ޖީބުގައި ހުރި އެންމެހައި ތަކެއްޗެއް އަޙްމަދު މުއްރަތު ނެގިކަމަށާއި މިގޮތުން އަޙްމަދު ނަޖީބުގެ ފަޓްލޫނު ޖީބުގައި އޮތް ވޮލެޓްނަގައި އެ ވޮލެޓް ތެރޭގައި ހުރި ގިނަ ޢަދަދެއްގެ ފައިސާ އާއި އެހެނިހެން މުހިއްމު ތަކެތި ނެގިކަމަށާއި އޭގެތެރޭގައި އަޙްމަދު ނަޖީބުގެ ފަޓްލޫނު ޖީބުގައި އޮތް ދެ ފޯނުވެސް ހިމެނޭ ކަމަށާއި އެއަށްފަހު އަޙްމަދު ނަޖީބުގެ ހަށިގަނޑު ފޮރުވާނެ ގޮތަކާމެދު އަޙްމަދު މުއްރަތު ވިސްނުމަށްފަހު، ކުނި އަޅާ ވައްތަރުގެ ބޮޑު ޑަސްބިނަކަށް އަޙްމަދު ނަޖީބުގެ ހަށިގަނޑު ލުމަށް ނިންމައި، މިފަދައިން އަޙްމަދު މުއްރަތު އަޙްމަދު ނަޖީބު މަރާލުމަށްފަހު އަޙްމަދު ނަޖީބު އަތުން ފެނުނު ފައިސާގެ ތެރެއިން ބައެއް ފައިސާތައް އަޙްމަދު މުއްރަތުގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކުރި ކަމަށާއި، އެއަށްފަހު 01 ޖުލައި 2012 ވަނަ ދުވަހުގެ ގާތްގަނޑަކަށް 14:15 ހާއިރު އަޙްމަދު މުއްރަތުއާއި ފާޠިމަތު ހަނާއާ ދެ މީހުން ފިހާރައަކަށްގޮސް ގާތްގަނޑަކަށް 04 ފޫޓް އުސްމިނު ޑަސްބިނެއް ގަތް ކަމަށާއި މި ޑަސްބިން ގަތުމަށާއި އަދި ޑަސްބިން ގެއަށް ގެނައުމަށް ޚަރަދު ކުރީ އަޙްމަދު ނަޖީބުގެ ފައިސާއިން ކަމަށާއި، އެއަށްފަހު މި ޑަސްބިން ތެރެއަށް އަޙްމަދު ނަޖީބުގެ ހަށިގަނޑު އެކޮޅުކޮޅުން ލުމަށްފަހު އަޙްމަދު ނަޖީބު ލާފައި އޮތް މި ޑަސްބިން އަޙްމަދު މުއްރަތު ދިރިއުޅޭ ކޮޓަރީގެ ފުރަތަމަ ފަންގިފިލާގައި ބެހެއްޓި ކަމަށާއި އެފަހުން އަޙްމަދު މުރައްތާއި ފާޠިމަތު ހަނާ އާ ދެ މީހުން އަޙްމަދު މުއްރަތުގެ ގޭގައި އުޅެނިކޮށް 01 ޖުލައި 2012 ދުވަހުގެ ގާތްގަނޑަކަށް 19:00 ހާއިރު ފުލުހުން އަޙްމަދު މުއްރަތުމެންގެ ގެއަށް އައިސް މި ޢަމަލުގެ އެއްވެސް މަޢުލޫމާތެއް އެނގޭތޯ އަޙްމަދު މުއްރަތާ ސުވާލުކުރުމުން އަޙްމަދު މުއްރަތުގެ ޢަމަލަކުން އަޙްމަދު ނަޖީބު މަރުވެފައިވާ ކަމަށާއި އަދި އަޙްމަދު ނަޖީބުގެ ހަށިގަނޑު އަޙްމަދު މުއްރަތު ދިރިއުޅޭ ކޮޓަރީގައި އޮންނާނެކަމަށް ބުނެ ފުލުހުންގެ ގާތުގައި އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު މަރާލި މަރާލުމަށް އިޢުތިރާފުވި ކަމަށާއި އަދި އަޙްމަދު މުއްރަތުގެ އަމިއްލަ އިޚްތިޔާރުގައި ފުލުހުން ގޮވައިގެން ގޮސް އަޙްމަދު ނަޖީބުގެ މަރާލެވިފައިވާ ހަށިގަނޑު އަޙްމަދު މުއްރަތު ފުލުހުންނަށް ދެއްކި ކަމަށާއި އަދި އަޙްމަދު މުއްރަތު އަޙްމަދު ނަޖީބު މަރާލުމަށް ޢަމަލުކޮށްފައިވާ އެންމެހައި ގޮތްތަކާއި ބޭނުންކޮށްފައިވާ ތަކެއްޗެއް ފުލުހުންނަށް ދައްކާފައިވާނެ ކަމަށާއި އަދި އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު މަރާލުމަށްފަހު އަޙްމަދު ނަޖީބުގެ ހަށިގަނޑުން ފައިބަމުން ގޮސްފައިވާ ލޭތައް ފޮހުމަށާއި އެފަދަ ހެއްކެއް އިތުރު މީހަކަށް ފެނުނަ ނުދިނުމުގެ ގޮތުން ލޭ ފުހެން ބޭނުންކުރި އެންމެހައި ތަކެއްޗެއްވެސް އަޙްމަދު މުއްރަތު ވާނީ ދައްކާފަ ކަމަށާއި މީގެއިތުރުން އަޙްމަދު ނަޖީބުއަށް އަޙްމަދު މުއްރަތު ޙަމަލާދިން ވަގުތުގައި އަޙްމަދު މުއްރަތު ޙަމަލާދޭން ބޭނުންކުރި ވަޅީގެ މުށްގަނޑާ ހަމައިން ވަޅީގެ ތިލަ ބިންދައިގެން ގޮސް ވަޅީގެ ތިލަ އަޙްމަދު ނަޖީބުގެ ކަރުގެ ހަށިގަނޑުގެ ތެރެއަށް ގޮސްފައިވާތީވެ، ވަޅީގެ މުއްގަނޑުބައި ކޮޓަރީގެ ޢަލަމާރީގައި ރައްކާކޮށްފައި އޮންނާނެކަމަށް ބުނެފައި ވާނެކަމަށާއި މީގެއިތުރުން ކޮޓަރިތެރޭގައި ހުރި ޓޭޕްތަކަކީ އަޙްމަދު ނަޖީބުގެ އަތްފައި ބަނުމަށާއި އަދި މޫނުމަތީގައި އޮޅުމަށް އަޙްމަދު މުއްރަތު ބޭނުންކޮށްފައިވާ ޓޭޕްތަކެއްކަމަށް ބުނެ އަޙްމަދު މުއްރަތު އަޙްމަދު ނަޖީބު މަރާލުމުގެ ގޮތުން އަޙްމަދު މުއްރަތު ޢަމަލުކޮށްފައިވާ ގޮތް ވަރަށް ތަފްޞީލުކޮށް ކިޔައިދީ އަޙްމަދު މުއްރަތު އަޙްމަދު ނަޖީބު މަރާލާފައިވާ ކަމަށް ސާފުބަހުން އަޙްމަދު މުއްރަތު އިޢުތިރާފުވެ އެ ބަޔާނުގައި އަޙްމަދު މުއްރަތު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮންނައިރު، އަޙްމަދު މުއްރަތުގެ މި ބަޔާނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި އަޙްމަދު މުއްރަތު ދީފައިވާ ތެދު ބަޔާނެއްކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 05 ޖުލައި 2012 ވަނަ ދުވަހު، އަޙްމަދު މުއްރަތު ދީފައިވާ ބަޔާނުގައި ސާފުބަހުން އަޙްމަދު މުއްރަތު އިޢުތިރާފުވެފައި ވުމުން އަޙްމަދު މުއްރަތު މި މައްސަލައާ ގުޅިގެން 02 ޖުލައި 2012 ވަނަ ދުވަހު ފުލުހުންނަށް ދީފައިވާ މި ބަޔާނަކީ އަޙްމަދު މުއްރަތު މި މައްސަލައިގެ ޝަރީޢަތަށް ދީފައިވާ ބަޔާނާ އެއްފަދަ ގޮތަކަށް ޢަމަލުކުރުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތް ބަޔާނެއް ނޫންކަން އެނގެން އޮންނަކަމެވެ.

ހަވަނަ ކަމަކީ، ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުންހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފަކީ ޝަރީޢަތުން އެއަށް ޢަމަލުކުރަންޖެހޭ ޞައްޙަ އިޢުތިރާފެއް ކަމާއި، އަދި ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެ އިޢުތިރާފަކީ މަޖުބޫރު ކޮށްގެންނާއި ޤާނޫނާ ޚިލާފަށް ހޯދާ އިޢުތިރާފުކަން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގައި އަޙްމަދު މުއްރަތުގެ މައްޗަށް އުފުލިފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށަށް 03 ޖުލައި 2012 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ ކުރިމަތީގައި އަޙްމަދު މުއްރަތުގެ އަމިއްލަ ރުހުމާއި އިޚްތިޔާރުގައި، ބުއްދި ސަލާމަތުން ހުރެ، އެއްވެސް މަޖުބޫރުކަމެއްނެތި އޭނާގެ ނަފުސުގެ މައްޗަށް ވެފައިވާ ބަޔާންވެދިޔަ އިޢުތިރާފުތަކާއި، އަދި މީގެއިތުރުން މި މައްސަލައާއި ގުޅިގެން އަޙްމަދު މުއްރަތު 02 ޖުލައި 2012 ވަނަ ދުވަހު ޕޮލިހަށް ދީފައިވާ އިސްވެ އިޝާރާތް ކުރެވުނު ބަޔާނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި އަޙްމަދު މުއްރަތު ދީފައިވާ ތެދު ބަޔާނެއްކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 05 ޖުލައި 2012 ވަނަ ދުވަހު އަޙްމަދު މުއްރަތު ދީފައިވާ ބަޔާނުގައި ސާފުބަހުން ބުނެފައިވުމުން އަޙްމަދު މުއްރަތު 02 ޖުލައި 2012 ވަނަ ދުވަހު ފުލުހުންނަށް މި މައްސަލައާ ގުޅިގެން ދީފައިވާ ބަޔާނަކީ އަޙްމަދު މުއްރަތު މި މައްސަލައިގެ ޝަރީޢަތަށް ދީފައިވާ ބަޔާންތަކާ އެއްފަދައަކަށް ޢަމަލުކުރުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތް ބަޔާނެއް ނޫންކަން އެނގެން އޮންނާތީ، އެ ބަޔާނުގައި އަޙްމަދު މުއްރަތު އަމިއްލަ ނަފްސުގެ މައްޗަށް ވެފައިވާ އެންމެހާ އިޢުތިރާފުތަކާއި މި އެންމެހާ އިޢުތިރާފުތަކަކީ ޝަރީޢަތަށް ޤަބޫލުކުރެވޭ ޞައްޙަ އިޢުތިރާފުތަކެއް ކަން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނާތީ އާއި އަދި މީގެއިތުރުން ޝަރުޢީ ނަޒަރަކުން ބަލާއިރު، ޝަރީޢަތުގެ މަޖިލީހުގައި ޤާޟީގެ ކުރިމަތީގައި މީހަކުވާ އިޢުތިރާފުން ރުޖޫޢުވުމާ ގުޅޭގޮތުން އިސްލާމީ ފިޤުހުގައި ބަޔާންކުރެވިފައިވާ ކަންކަމަށް ބަލާއިރު އެފަދަ އިޢުތިރާފު ޤަބޫލުކުރުމާއި ނުކުރުމުގައި ދެ ޙާލަތެއްވާކަމާއި މިގޮތުން ފުރަތަމަ ޙާލަތަކީ ހަމައެކަނި މާތްﷲގެ ޙައްޤު އެކުލެވޭ ކަމެއްގައިވެވޭ އިޢުތިރާފުކަމާއި، މީގެ މިސާލަކީ އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ޒިނޭފަދަ ކުށްތައް ކަމާއި، ދެވަނަ ޙާލަތަކީ އާދަމުގެ ދަރިއެއްގެ ޙައްޤެއް އެކުލެވޭ ކަމެއްގައި ވެވޭ އިޢުތިރާފުކަމާއި މީގެތެރެއިން ފުރަތަމަ ބަޔާންކުރެވުނު ޙާލަތުގައި ވެވޭ އިޢުތިރާފުން ރުޖޫޢުވެއްޖެނަމަ އެފަދަ ރުޖޫޢަވުން ޤަބޫލުކުރުމަށް ހުރަހެއް ނެތްކަން މިކަމާ ގުޅިގެން އިސްލާމީ ޝަރުޢުގައި އައިސްފައިވާ ދަލީލުތަކަށް ރިޢާޔަތްކޮށް އިސްލާމީ ފިޤުހު ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ފިޤުޙުގެ އަޙްކާމްތަކުން އެނގޭކަމާއި ނަމަވެސް ޤިޞާޞްގެ މައްސަލަތައް ފަދަ އާދަމުގެ ދަރިއާގެ ޙައްޤު އެކުލެވިގެންވާ ކަމެއްގައި މީހަކުވާ އިޢުތިރާފުން ރުޖޫޢުނުވެވޭނެކަން އިސްލާމީ ޝަރީޢަތުގެ ފިޤުހު ޢިލްމުވެރިން އިސްލާމީ ފިޤުހު ފޮތްތަކުގައި ބަޔާންކުރައްވާފައިވާ ފިޤްހުގެ އަޙްކާމްތަކުން އޮޅުމެއްނެތި ސާފުކޮށް އެނގެން އޮތުމުންނާއި އަދި މީގެއިތުރުން ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގައި އަޙްމަދު މުއްރަތުގެ މައްޗަށް އުފުލިފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށަށް އަޙްމަދު މުއްރަތު ވެފައިވާ އިޢުތިރާފުތަކުން ރުޖޫޢުވުމަށްޓަކައި ކްރިމިނަލް ކޯޓުގައި ބަޔާންވެދިޔަ ޤަޟިއްޔާ އިސްތިއުނާފުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު މުއްރަތުގެ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ސަބަބަކީ އަޙްމަދު ނަޖީބު މަރާލިތާ 24 ގަޑިއިރު ތެރޭގައި އަޙްމަދު މުއްރަތުގެ ކުޑަކަމުދާ ތަކެތި ތަޙްލީލުކުރެވިފައި ވާއިރު އެ ތަޙުލީލު ރިޕޯޓުން އަޙްމަދު މުއްރަތުގެ ކުޑަކަމުދާ ތަކެތީ "އޯޕިއޭޓްސް" ކިޔާ މާއްދާއަކަށް ޕޮޒިޓިވް ވެފައިވާކަމަށް ދައްކާފައި ވުމުން އަޙްމަދު ނަޖީބު މަރާލިއިރު އަޙްމަދު މުއްރަތު ހުރީ މަސްތުވެފައިވާ ޙާލަތުގައި ކަމަށް ބެލެވޭތީ މަސްތުގެ ޙާލުގައި ހުރެ އަޙްމަދު މުއްރަތުއަށް އަޙްމަދު ނަޖީބު މަރާލެވިފައިވަނީ ޤަޞްދުގައި ނޫންކަމަށް ބުނެ އަޙްމަދު މުއްރަތުގެ ފަރާތުން ދައްކާފައިވާ ސަބަބުކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮންނައިރު، އަޙްމަދު މުއްރަތު އިސްވެ އިޝާރަތްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދެއްކުމަށް ދެވުނު ފުރުޞަތުގައި، ނޭނގި ކަމެއްކުރެވޭ ވަރަކަށް އަދި ދުވަހަކުވެސް މަސްތުވެފައި ނުވާނެކަމަށް ޚުދު އަޙްމަދު މުއްރަތު އިޢުތިރާފުވެފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮންނާތީ އާއި އަދި މީގެ އިތުރުން، އަޙްމަދު ނަޖީބު މަރާލުމުގެ ކުރިން ބަނގުރާބޮއިފައި ވާނެކަމަށް އަޙްމަދު މުއްރަތު ބުނެފައި ވީނަމަވެސް އެގޮތަށް އަޙްމަދު މުއްރަތު އެފަދަ ތަކެތި ބޭނުންކުރީ އެއްވެސް ފަރާތެއް އޭނާއަށް މަޖުބޫރުކޮށްގެން ނޫންކަމާއި އަދި އެ ތަކެތި ބޭނުންކުރީ އޭނާގެ ފުރިހަމަ އިޚްތިޔާރުގައި ކަމަށް އަޙްމަދު މުއްރަތު ޝަރީޢަތުގައި އިޢުތިރާފުވެފައި ވާކަން އެނގެން އޮންނައިރު އިސްލާމީ ފިޤުހުގެ ހުރިހާ މަޛުހަބުތަކެއް އިއްތިފާޤުވެފައިވާ ގޮތުގައި އެ މީހެއްގެ އަމިއްލަ އިޚްތިޔާރުގައި މަސްތުވާ އެއްޗެއް ބޭނުންކޮށްގެން ހުރެ އިސްލާމީ ޝަރީޢަތުގައި ޤަޞްދު މަރެއްކަމުގައި ބެލެވޭނެ ޢަމަލެއް ހިންގައިގެން މީހަކު މަރުވެއްޖެނަމަ އޭނާގެ ކިބައިން އެ ސަބަބަށްޓަކައި ޤިޞާޞް ހިފުމަށް ހުރަހެއް ނެތްކަން އިސްލާމީ ފިޤުހުގެ އަޙްކާމުތަކުން އެނގެން އޮތުމުން އަޙްމަދު މުއްރަތު ޤަޞްދުގައި އަޙްމަދު ނަޖީބު މަރާލައިފައިވާކަމަށް ބަޔާންވެދިޔަ ގޮތުގެމަތިން ވެފައިވާ އިޢުތިރާފުން ރުޖޫޢުވުމަށްޓަކައި އަޙްމަދު މުއްރަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތަށް އަޙްމަދު މުއްރަތުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންވެދިޔަ ސަބަބަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޤަބޫލުކުރެވޭ ފަދަ ސަބަބެއް ނޫންކަން އެނގެން އޮންނާތީ މި މައްސަލައިގައި އަޙްމަދު މުއްރަތުގެ މައްޗަށް އުފުލިފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށަށް އަޙްމަދު މުއްރަތު ވެފައިވާ ބަޔާންވެދިޔަ އިޢުތިރާފަތަކަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު ޞައްޙަ ރަނގަޅު އިޢުތިރާފުތަކެއް ނޫންކަމަށް ބެލެވޭނެ ތަނެއް ނެތުމާއި އަދި ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން މި މައްސަލައިގައި ހިމެނޭ ކުށަށް އަޙްމަދު މުއްރަތު ވެފައިވާ އިޢުތިރާފުތަކުން ރުޖޫޢަވުމަށް ދައްކާފައިވާ ވާހަކަތަކަކީ ހަރުދަނާ ރަނގަޅު އަސާސް އެއްގެ މައްޗަށް ބިނާކޮށް އަޙްމަދު މުއްރަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ބެލެވޭނެ ހަރުދަނާ ސަބަބުތަކެއް އަޙްމަދު މުއްރަތުގެ ފަރާތުން ދެއްކިފައިނުވާކަން އެނގެން އޮތުމެވެ.

ހަތްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ "އިންޓަރނޭޝަނަލް ކޮވްނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރ)" (މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ޢަހުދު 1966) ގެ 14 ވަނަ މާއްދާގެ (3) އާއި އަދި އެ މާއްދާގެ (3) ގެ (a) އާއި (g) އަށް ރިޢާޔަތް ކުރެވިގެން ނޫންކަން ދޭހަވާ ޢިބާރާތުން މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު މުއްރަތުގެ ދިފާޢުގައި އޭނާގެ ވަކީލު ވާހަކަ ދައްކާފައިވާކަން އެނގެން އޮންނާތީ އިސްވެ އިޝާރާތްކުރެވުނު ބައިނަލްއަޤްވާމީ ޢަހުދުގެ 14 ވަނަ މާއްދާގެ (3) ވަނަ ނަންބަރަށް ބަލާއިރު އެ މާއްދާގެ އެ ނަންބަރަކީ، ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މުއްތަހަމަކަށް އޭނާގެ މައްސަލަ ކޯޓުގައި ބެލެވެމުންދާ ހިނދު، ހަމަހަމަ އުޞޫލަކުން އެ މާއްދާގެ އެ ނަންބަރުގެ ދަށުގައި ބަޔާންކޮށްފައިވާ ޟަމާނާތު (ގެރެންޓީ) ތަކެއް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ނަންބަރެއް ކަމާއި، އަދި ބުނެވުނު މާއްދާގެ (3) ގެ (a) އަށްބަލާއިރު އެ އަކުރުގައި ބުނަނީ އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ތަބީޢަތަކީ ކޮބައި ކަމާއި، އަދި އެ ތުހުމަތު ބިނާކުރާ ސަބަބު އެކަށީގެންވާ ތަފްޞީލާއެކު އޭނާއަށް ދޭހަވާ ބަހަކުން ލަސްނުކޮށް އަންގަން ވާނެކަމަށް ކަމުގައި ކަމާއި، އަދި ބުނެވުނު އަޙުދުގެ 14 ވަނަ މާއްދާގެ (3) ގެ (g) އަށް ބަލާއިރު، އެ އަކުރުގައި ބުނަނީ މީހެއްގެ އަމިއްލަ ނަފުސުގެ މައްޗަށް ހެކިބަސް ދިނުމަށް ނުވަތަ ކުށަށް އިޢުތިރާފުވުމަށް އޭނާއަށް އެއްވެސް މަޖުބޫރެއް ކޮށްގެން ނުވާނެކަމަށް ކަމުގައިކަން، ބުނެވުނު އަޙުދުގެ ބުނެވުނު މާއްދާތަކަށް ބެލުމުން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގައި އަޙްމަދު މުއްރަތުގެ މައްޗަށް އުފުލިފައިވާ ދަޢުވާއަކީ ކޮބައިކަމާއި، އަދި އެ ދަޢުވާގައި ބުނާ ކުށަކީ ކޮބައިކަމާއި، އަދި އެ ދަޢުވާ ބިނާކުރާ ސަބަބުތައް ވަރަށް ސާފުކޮށް ޞަރީޙަ ޢިބާރާތުން އެކަށީގެންވާ ތަފްޞީލީ ގޮތެއްގައި އެ ދަޢުވާގެ ސީޣާގައި ބަޔާންކުރެވިފައި ވާކަން އެ ދަޢުވާގެ ޞީޣާއަށް ބެލުމުން ސާފުކޮށް އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުން އެ ދަޢުވާ ބެލުމަށް 03 ޖުލައި 2012 ވަނަ ދުވަހު ބޭއްވުނު އެ ދަޢުވާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން އަޙްމަދު މުއްރަތުގެ މައްޗަށް އުފުލާފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ރަނގަޅަށް ސާފުވެއްޖެކަމަށް އަޙްމަދު މުއްރަތު އެއްވެސް މަޖުބޫރުކަމެއްނެތި، ފުރިހަމަ އިޚްތިޔާރުގައި، ބާލިޣުވެ ތަޞައްރުފު ފުދިފައިވާ ޙާލު ކޯޓަށް ބަޔާންދީފައިވާ ކަމާއި، އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި (ޅ) އާއި 53 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށެއްގެ ތުހުމަތުގައި އެ މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭ މުއްތަހަމުންނަށް ލިބިދީފައިވާ އެންމެހައި ޙައްޤުތަކެއް އަޙްމަދު މުއްރަތުގެ އަމިއްލަ އިޚްތިޔާރުގައި ދޫކޮށްލީކަމަށް ބުނެ، އެއްވެސް މަޖުބޫރުކަމެއްނެތި، ފުރިހަމަ އިޚްތިޔާރުގައި، ބުއްދިސަލާމަތުން ހުރެ އެ ޤަޟިއްޔާގައި އަޙްމަދު މުއްރަތުގެ މައްޗަށް އުފުލިފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށަށް، ޝަރުޢީ އަދި ޤާނޫނީގޮތުން އިޢުތިރާފުގައި ފުރިހަމަވާންޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ގޮތުން ސާފު ޞަރީޙަ ޢިބާރާތުން އަޙްމަދު މުއްރަތު ޝަރީޢަތުގައި އިޢުތިރާފުވެފައިވާކަން ޚުދު އަޙްމަދު މުއްރަތުގެ ބަހުން އެނގެން އޮތުމުން އަޙްމަދު މުއްރަތުގެ މައްޗަށް އުފުލިފައިވާ މި ދަޢުވާ ކޯޓުން ބަލަން ފަށާފައިވަނީ، އަދި މައްސަލައާ ގުޅިގެން އަޙްމަދު މުއްރަތު ޝަރީޢަތަށް ދީފައިވާ ބަޔާންތަކުގައި ކުށްކުރި ކަމުގެ މައްޗަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ބަޔާންކުރެވިދިޔަ ގޮތުގެމަތިން ވެފައިވާ އިޢުތިރާފުތަކަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޞައްޙަ ރަނގަޅު އިޢުތިރާފުތަކެއް ކަމަށް ދަށު ކޯޓުންނާއި އިސްތިއުނާފީ ކޯޓުން ބަލާފައިވަނީ އިސްވެ ބަޔާންކުރެވިދިޔަ ބައިނަލްއަޤްވާމީ ޢަހުދުގެ 14 ވަނަ މާއްދާގެ (3) އާއި އަދި އެ މާއްދާގެ (3) ގެ (a) އާއި (g) ގައި ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވޭނެ ތަނެއް ނެތުމެވެ.

އަށްވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން އަޙްމަދު މުއްރަތުގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއަށް އަޙްމަދު މުއްރަތުގެ އަމިއްލަ އިޚްތިޔާރުގައި، އެއްވެސް މަޖުބޫރުކަމެއްނެތި، ހަމަބުއްދީގައި ހުރެ، ބާލިޣުވެ ތަޞައްރަފު ފުދިފައިވާ ޙާލުގައި ހުރެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު މުއްރަތު ސާފުބަހުން ވެފައިވާ ބަޔާންވެދިޔަ އިޢުތިރާފުތަކަކީ ތެދު ޙަޤީޤަތެއްގެ މައްޗަށް ވެފައިވާ އިޢުތިރާފުތަކެއް ކަން ކަށަވަރުކޮށް ދެނިވި ހެއްކާއި ޤަރީނާތައް ކަމަށް ދައުލަތުން ދެކޭ ތަކެތި ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކަމާއި، މިގޮތުން އެ ޤަޟިއްޔާގެ ޝަރީޢަތަށް ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި އަޙްމަދު މުއްރަތު ކުށަށް އިޢުތިރާފުވެ ދެއްކި ވާހަކަތަކުގައި އަޙްމަދު ނަޖީބުގެ މަރުވެފައިވާ ހަށިގަނޑު ފޮރުވަން އަޙްމަދު މުއްރަތު ގަތްކަމަށް ބުނާ ޑަސްބިން ގަތް ފިހާރައިގެ މުވައްޒަފު ދީފައިވާ ބަޔާނާއި ދެ ފަހަރެއްގެ މަތިން އަޙްމަދު ނަޖީބުގެ ކޭޝްކާޑު ބޭނުންކޮށްގެން ފައިސާ ނަގާފައިވާކަން އެނގޭ ބޭންކް އޮފް މޯލްޑިވްސްގެ ބޭންކް ސްޓޭޓްމަންޓާއި އަޙްމަދު މުއްރަތު އަޙްމަދު ނަޖީބުގެ އެކައުންޓުން ފައިސާ ނެގުމަށްފަހު، އައި. ޖީ. އެމް. އެޗްގެ ތެރެއިން ކެންޓީނަށް ގޮސްފައިވާކަން އެނގޭ އައި.ޖީ.އެމް.އެޗްގެ ސީސީޓީވީ ފްޓޭޖް ބޭނުންކޮށްގެން ނެގިފައިވާ ފޮޓޯތަކާއި މި ދަޢުވާގައި ބުނާ ޙާދިޘާ ހިނގި ގޭގެ ވެރިފަރާތް މިކަމާ ގުޅިގެން ދީފައިވާ ބަޔާނާއި މި ހާދިޘާގެ ސީން އޮފް ކްރައިމްގެ ދެ ރިޕޯޓާއި އަޙްމަދު ނަޖީބު މަރުވި ސަބަބުތައް އިތުރަށް ސާފުކޮށްދޭ އައި.ޖީ.އެމް.އެޗްގެ ބްރޯޓް ޑެޑް ރިޕޯޓާއި މައްސަލައިގެ ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓާއި އަޙްމަދު މުއްރަތުގެ ފޯނުގެ އެނަލަސިސް ރިޕޯޓާއި ޕޮލިހަށް މި ޙާދިޘާގެ މަޢުލޫމާތު ފޯރުކޮށްދިން ފަރާތުގެ ބަޔާނާއި އަދި އެ ފަރާތުގެ ފޯނު އެނަލަސިސް ރިޕޯޓް އާއި މި ޙާދިޘާގެ ސީންގެ ވަސް ކެނޑުމަށްޓަކައި އަޙްމަދު މުއްރަތު ގަތްކަމަށް ބުނާ އެއަރ ފްރެޝްނާ ފުޅި ގަތްކަމަށް ބުނާ ފިހާރައިގެ ސޭޓް ދީފައިވާ ބަޔާނާއި ޙާދިޘާގެ ސީންއަށް ދިޔަ ތިން ފުލުހަކު ދީފައިވާ ބަޔާންތަކާއި އަޙްމަދު މުއްރަތުގެ ކުޑަކަމުދާ ތަކެތި ތަޙްލީލުކުރެވުނު ރިޕޯޓާއި މަރުޙޫމް އަޙްމަދު ނަޖީބުގެ ބްލަޑް ސާމްޕަލް ރިޕޯޓާއި މަރުޙޫމް އަޙްމަދު ނަޖީބުގެ ކަރަށް ވަޅިއެއް ހެރިފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ހެރިފައިވާ ވަޅިއާއި މައްސަލައިގެ ޙާދިޘާ ހިނގިތަނުން ފެނުނު މުއްގަނޑު އިމޭޖް ކުރެވިފައިވާ ރިޕޯޓާއި ފިންގަރޕްރިންޓް ކޮމްޕެރިޒަން ރިޕޯޓާއި މި އެންމެހައި ތަކެތި ހިމެނިފައިވާކަން މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކާއި ލިޔުންތަކުންނާއި ތަކެތިން އެނގެން އޮންނައިރު މި މައްސަލައިގެ ޝަރީޢަތަށް ދައުލަތުން އަޙްމަދު މުއްރަތާ ދެކޮޅަށް ހެއްކާއި ޤަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް ދައުލަތުން ބަޔާންކޮށްފައިވާ އެންމެހައި ތަކެތީގެ ތެރެއިން އަޙްމަދު މުއްރަތު އިންކާރުކުރާ އެއްވެސް އެއްޗެއް އެބައޮތްތޯ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުން އަޙްމަދު މުއްރަތާ ސުވާލުކޮށްފައިވާ ކަމާއި އޭގެ ޖަވާބުގައި އެ ތަކެތީގެ ތެރެއިން އަޙްމަދު މުއްރަތު އިންކާރުކުރާ އެއްޗެއް ނެތްކަމަށް ބުނެ އަޙްމަދު މުއްރަތު 11 ޖުލައި 2012 މި ތާރީޚުގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ބަޔާންދީފައިވާކަން އެނގެން އޮންނަ އޮތުމެވެ.

ނުވަވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން އަޙްމަދު މުއްރަތާ ދެކޮޅަށް ހެއްކާއި ޤަރީނާގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ތަކެއްޗާއި އަދި މާއްދީ ހެކިތަކުގެ ގޮތުގައި ހުށަހެޅިފައިވާ ފެންނަން ހުރި ލިޔެކިޔުންތަކާއި ބަޔާންތަކާއި ތަކެތީގެ މައްޗަށް ބަލާއިރު މި ތަކެތިން އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބަށް އަނިޔާވެރި ގޮތުގައި ޙަމަލާދީ އަޙްމަދު ނަޖީބު މަރާލާފައިވާ ކަމަށް އަޙްމަދު މުއްރަތު އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ވެފައިވާ އިޢުތިރާފުތަކަކީ ޞައްޙަ ރަނގަޅު އިޢުތިރާފުތަކެއް ކަން އިތުރަށް ކަށަވަރުކޮށް ޔަޤީންކޮށް ދެނިވި ގުޅިލާމެހިފައިވާ އެތަކެއް ޤަރީނާތަކެއް ލިބޭކަން ފާހަގަކުރެވޭ ކަމެވެ.

ދިހަވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން އަޙްމަދު މުއްރަތުއާ ދެކޮޅަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ އައި.ޖީ.އެމް.އެޗްއިން ދޫކޮށްފައިވާ "ބްރޯޓް ޑެޑް ރިޕޯޓް" މި ނަމުގައިވާ ލިޔުމުން އަޙްމަދު ނަޖީބުގެ ހަށިގަނޑު 01 ޖުލައި 2012 ވަނަ ދުވަހުގެ ރޭގަނޑު 8:10 ގައި އެ ހޮސްޕިޓަލަށް ގެނެވުނު ކަމާއި، ގެނެވުނުއިރު ދިރިހުރި ކަމުގެ އެއްވެސް ނިޝާނެއް ނުވަތަ ޙަރަކާތެއް ފެންނަން ނެތްކަމާއި، ނޭވާލުމަށް މަސައްކަތް ނުކުރާކަމާއި، އަދި ތޫނު އެއްޗަކުން އަޙްމަދު ނަޖީބަށް ޙަމަލާދީފައި ވުމުގެ ސަބަބުން ބޮޑެތި އަނިޔާތަކާއި ޒަޚަމްތައް އަޙްމަދު ނަޖީބަށް ލިބިފައިވާ ކަމާއި މުށްގަނޑު ނެތް ތިލައެއް އެ ޒަޚަމްތެރޭގައި ހުރިކަމާއި އަދި އަނގައިގެ ތެރެއަށް ފޮތިއަޅާފައިވާ ކަމާއި އެ ފޮތިތައް ވަނީ ލެއިން ފޯވެފަ ކަމާއި އަދި މީގެއިތުރުން އަޙްމަދު ނަޖީބުގެ މަރު ސާބިތުކުރި ރަސްމީ ލިޔުމުން އަޙްމަދު ނަޖީބު މަރުވެފައިވާ ކަމާއި، އޭނާ މަރުވެފައިވަނީ އޮކްސިޖަން ނުލިބުމުގެ ސަބަބުން ނޭވާ ހާސްވެ ނޭވާލާން ދަތިވުމުގެ ސަބަބުންކަން އެނގެން އޮތުމުން އަޙްމަދު ނަޖީބާ މެދު އަނިޔާވެރި ގޮތުގައި އަޙްމަދު މުއްރަތު ހިންގި ކުށުގެ ޢަމަލާއި އޭނާގެ މަރުވުމާ ޢިލާޤާ ސަބަބިއްޔާގެ ގުޅުމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެއްވެސް އޮޅުމެއް ނެތި ގުޅިފައިވާކަން ކަށަވަރުވެ އެނގެން އޮންނަ ކަމެވެ.

އެގާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގެ ދަޢުވާގައި، އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު މަރާލާފައިވާކަމަށް ބަޔާންކޮށްފައިވާ ތާރީޚްގައި ޢަމަލުކުރެވެމުންދިޔަ ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އަށް ބަލާއިރު، މަރުގެ ކުށަށް ކަނޑައަޅަންޖެހޭނީ އިސްލާމީ ޝަރީޢަތުގައި މަރުގެ ކުށަށް ކަނޑައެޅިފައިވާ އަދަބުކަން އެނގެން އޮތްއިރު، އަޙްމަދު މުއްރަތުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަށުން އުފުލާފައިވާ ދަޢުވާއަކީ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާކަމަށް ވީހިނދު، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކުރާއިރު "قتل عمد" އަކީ "ޢާއްމުކޮށް މީހަކު މަރުވެދާފަދަ ވަސީލަތެއް ބޭނުންކޮށްގެން އަނިޔާވެރިވުމުގެ ޤަޞްދުގައި ހިންގި ޢަމަލެއްގެ ސަބަބުން އެ މީހާ މަރުވުން" ކަން އެނގެން އޮންނައިރު، އެކަން ފުރިހަމަވުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ރުކުންތަކާއި ޝަރުޠުތައް އަޙްމަދު މުއްރަތުގެ މި ކުށުގެ ޢަމަލުގައި ފުރިހަމަ ވެފައިވާކަން މައްސަލައާ ގުޅިގެން އަޙުމަދު މުއްރަތު ޝަރީޢަތުގައި ވެފައިވާ ބަޔާންވެދިޔަ އަޙްމަދު މުއްރަތުގެ އިޢުތިރާފު ތަކުންނާއި އަދި މި އިޢުތިރާފުތައް އިތުރަށް ކަށަވަރުކޮށްދޭ ދަލީލުތަކެއްގެ ގޮތުގައި މި މައްސަލައިގެ ޝަރީޢަތަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މާއްދީ ހެކިތަކާއި އެހެނިހެން ޤަރީނާތަކުން އަޙްމަދު މުއްރަތު ހިމެނޭގޮތުން، އަޙްމަދު މުއްރަތު ޤަޞްދުގައި އަޙްމަދު ނަޖީބު ވަރަށް އަނިޔާވެރި ގޮތުގައި މަރާލާފައިވާކަން އެއްވެސް ޝައްކެތް ނުވަތަ ޝުބުހާއެއް ނެތް މިންވަރަށް ސާބިތުކުރެވިފައިވާ ކަމާއި އެހެންކަމުން ދައުލަތުން އަޙްމަދު މުއްރަތުގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ މި ދަޢުވާ އެއްވެސް ޝުބުހާއެއް ނުވަތަ ޝައްކެއް ނެތް މިންވަރަށް އަޙްމަދު މުއްރަތުގެ މައްޗަށް ސާބިތުވެފައިވާކަން އެނގެން އޮންނަކަމެވެ.

ބާރަވަނަ ކަމަކީ، ޤާނޫނުއަސާސީގެ 21 ވަނަ މާއްދާ އާއި 142 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އަދި ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގައި ބަޔާންވެފައިވާ ގޮތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު މީހަކު މެރުމުގެ ކުށަކީ ޖިނާޔަތުގެ އެންމެ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް ކަމާއި އަދި މި ކުށަކީ ޤާނޫނުލްޢުޤޫބާތުގެ ދަށުން އެންމެ ބޮޑެތި އަދަބުތައް ކަނޑައަޅަންޖެހޭ ކުށްތަކުގެ ތެރެއިން ކުށެއް ކަމާއި، އަދި ޙުރުމަތްތެރި ކުރެވިފައިވާ ނަފްސެއް ޙައްޤަކާ ނުލައި މެރުމަކީ މާތްﷲ ޙަރާމްކުރައްވައިފައިވާ އެންމެ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް، އަދި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއްކަން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ (ﷺ) ގެ ސުންނަތާއި އިޖްމާޢުން ސާބިތުވެފައިވާ ކަމާއި އެގޮތުން އަންނަނިވި އާޔަތްތަކުން ލިބޭ ދަލީލު ހިމެނޭކަމެވެ. 1. " وَلَا تَقۡتُلُواْ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّۗ وَمَن قُتِلَ مَظۡلُومٗا فَقَدۡ جَعَلۡنَا لِوَلِيِّهِۦ سُلۡطَٰنٗا فَلَا يُسۡرِف فِّي ٱلۡقَتۡلِۖ إِنَّهُۥ كَانَ مَنصُورٗا " (އަލް އިސްރާއު ސޫރަތުގެ 33 ވަނަ އާޔަތް)" (އަދި ތިޔަބައިމީހުން، اللَّه حرمة ތެރިކުރައްވާފައިވާ نفسއެއް حقއަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހާގެ ولىވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتلކުރުމުގައި އޭނާ إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولىވެރިޔާއަކީ، نصرލިބިގެންވާ މީހެއް ކަމުގައިވިއެވެ.)" 2. "وَمَن يَقۡتُلۡ مُؤۡمِنٗا مُّتَعَمِّدٗا فَجَزَآؤُهُۥ جَهَنَّمُ خَٰلِدٗا فِيهَا وَغَضِبَ ٱللَّهُ عَلَيۡهِ وَلَعَنَهُۥ وَأَعَدَّ لَهُۥ عَذَابًا عَظِيمٗا" (އައްނިސާއު ސޫރަތުގެ 93 ވަނަ އާޔަތް) "އަދި، قصدގައި مؤمنއަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، اللَّه، އެމީހާގެ މައްޗަށް ކޯފާލައްވައި لعنة ލެއްވިއެވެ. އަދި، ބޮޑުވެގެންވާ عذاب އެމީހާއަށް ތައްޔާރު ކުރެއްވިއެވެ."

ތޭރަވަނަ ކަމަކީ، ޤާނޫނުލްޢުޤޫބާތުގައި މީހަކު މެރުމުގެ ކުށަށް އަދަބު ކަނޑައަޅަންޖެހެނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިންކަމަށް ބަޔާންވެފައިވާ ކަމާއި، އެގޮތުން، މީހަކު ޤަޞްދުގައި މަރާލުމުގެ ކުށަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުޤޫބާތަކީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެފައިވާ ޝަރުޢީ ހަމަތަކުގެ މަތިން ޤިޞާޞްހިފުން (މަރަށްމަރުހިފުން) ކަން ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުތަކުންނާއި އަދި ކީރިތި ރަސޫލާ (ﷺ) ގެ ސުންނަތާއި ދަންނަބޭކަލުންގެ އިޖްމާޢުން ސާބިތުވާކަން އެނގެން އޮންނަކެމެވެ. އެގޮތުން އަންނަނިވި އާޔަތުން ލިބޭ ދަލީލު ހިމެނެއެވެ. "يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلۡقِصَاصُ فِي ٱلۡقَتۡلَىۖ ٱلۡحُرُّ بِٱلۡحُرِّ وَٱلۡعَبۡدُ بِٱلۡعَبۡدِ وَٱلۡأُنثَىٰ بِٱلۡأُنثَىٰۚ فَمَنۡ عُفِيَ لَهُۥ مِنۡ أَخِيهِ شَيۡءٞ فَٱتِّبَاعُۢ بِٱلۡمَعۡرُوفِ وَأَدَآءٌ إِلَيۡهِ بِإِحۡسَٰنٖۗ ذَٰلِكَ تَخۡفِيفٞ مِّن رَّبِّكُمۡ وَرَحۡمَةٞۗ فَمَنِ ٱعۡتَدَىٰ بَعۡدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٞ" (އަލް ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތް) "އޭ إيمانވެއްޖެ މީސްތަކުންނޭވެ! قتلކުރެވޭ މީހުންނާމެދު قصاصހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخއާގެ ފަރާތުން قصاصގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުއްޓެވެ. އަދި إحسانތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمةއެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުއްޓެވެ."

ސާދަވަނަ ކަމަކީ، އަނިޔާވެރި ގޮތުގައި ޤަޞްދުގައި މީހަކު މަރާލި ޤާޠިލްގެ ކިބައިން ޤިޞާޞްހިފުމާއި ނުވަތަ ޤާޠިލްގެ ކިބައިން ދިޔަ އަތުލުމަށްފަހު ޞުލްޙަވެރިވުމާއި، ނުވަތަ ޤާޠިލަށް ޢަފޫކުރުމުގެ ބާރު، މަރާލެވުނު މީހާގެ ވަލީވެރިޔާއަށް ލިބިދީފައިވާކަން ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުން (އަލް އިސްރާ ސޫރަތުގެ 33 ވަނަ އާޔަތުން) ދަލީލު ލިބެން އޮންނައިރު، މި މައްސަލައިގެ ޝަރީޢަތުގައި އަޙްމަދު ނަޖީބުގެ ވާރިޘުން އޭނާ، މަރާލި ޤާޠިލުންނާމެދު ޢަމަލުކުރަން ބޭނުންވާ ގޮތް ސާފުކުރުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގައި އަޙްމަދު ނަޖީބުގެ ހުރިހާ ވާރިޘުން (8 ވާރިޘުން) ބޭނުންވަނީ އަޙްމަދު ނަޖީބު މަރާލި މީހެއްގެ ނުވަތަ ބައެއްގެ ކިބައިން ޤިޞާޞް (މަރަށްމަރުހިފުން) ކަމާއި، ޤިޞާޞްހިފުން ނޫން އެހެންކަމެއް ބޭނުންނުވާކަމަށް ސާފު ޞަރީޙަ ޢިބާރާތުން އަޙްމަދު ނަޖީބުގެ ވާރިޘުން ބުނެފައިވާކަން އެނގެން އޮންނަ އޮތުމެވެ.

ފަނަރަވަނަ ކަމަކީ، ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާ މި ކޯޓުގައި އިލްތިމާސްކުރުމަށް ޤާނޫނީގޮތުން ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް، އަޙްމަދު މުއްރަތުގެ ފަރާތުން އެ ޤަޟިއްޔާ މި ކޯޓުގައި އިލްތިމާސްކޮށްފައި ނުވުމަކީ، އަޙްމަދު މުއްރަތުގެ ފަރާތުން އެ ޤަޟިއްޔާގެ ޙުކުމް ޤަބޫލުކޮށްފައިވާކަމުގެ މައްޗަށް ދަލީލުކުރާ ހަރުދަނާ ޤަރީނާއެއްކަން ފާހަގަކުރެވިފައިވާކަމެވެ.

ސޯޅަވަނަ ކަމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާއިން 19 ޖުލައި 2012 ގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާއިން، އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުއޮށް، ނިންމާފައި އޮތުމާއެކުވެސް އެ ޤަޟިއްޔާގައި އިސްތިއުނާފުގެ ދަޢުވާކުރި އަޙްމަދު މުއްރަތުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްނުކޮށް އޮވެ، އިލްތިމާސްގެ މުއްދަތު ފަހަނައަޅައި ދިއުމަށްފަހު، އެ މައްސަލައަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކޮށްދިނުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި ބެލެވިފައިވާ މައްސަލައަކަށްވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށާއި މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ވިސްނާ ބެލިއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، މި މައްސަލައަކީ، ޤަޞްދުގައި މީހަކު މެރުމުގެ ކުށް ތަޙްޤީޤުކުރުމުގަ އާއި އެ ކުށުގެ އަދަބު ތަންފީޛުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު ނަންބަރު 2014/R-33 (27 އެޕްރީލް 2014) ގައި ކަނޑައެޅި ބަޔާންވެފައިވާ އަޙްކާމުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންފީޛުކުރަންޖެހޭ މައްސަލައެއްކަން ފާހަގަކުރެވިފައިވުމެވެ.

ޙުކުމް

އިސްވެ ދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު،

ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2012 ޤަޟިއްޔާގައި ދަފްތަރު ނަންބަރު 4666، އަޙްމަދު ނަޖީބު ޤަޞްދުގައި މަރާލުމުގެ ކުށް މ. މަސްރޫރާ، މާލެ އަޙްމަދު މުއްރަތުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން އަޙްމަދު މުއްރަތު މެރުމަށް ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ