ސިވިލް ސަރވިސް ކޮމިޝަން ވ. ޑރ. ޢަބްދުލްޢަޒީޒު އަޙްމަދު އަދި ޑރ. މުޙައްމަދު ޙަނީފް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2016/HC-A/522، 2016/HC-A/523، 158/VTR/2015، 159/VTR/2015
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓްރައިބިއުނަލުން 158/VTR/2015 އާއި 159/VTR/2015 ގައި ޑޮކްޓަރުންގެ ވަޒީފާ CS15-1 ގައި ހަމަޖެއްސީ އޮނިގަނޑާ އެއްގޮތަށް ކަމަށް ނިންމި. ހައިކޯޓުން 2016/HC-A/522 އާއި 523 ގައި އެ ނިންމުން ބާޠިލުކޮށް CS16-2 ގެ ވަޒީފާއާއި މުސާރަ ދިނުމަށް އަމުރުކުރި.
- ވާޤިޢާ
- ސިވިލް ސަރވިސްގެ ދެ ޑޮކްޓަރުން ކާޑިއޮލޮޖީގެ ކޯހެއް ފުރިހަމަކުރުމުން ކޮންސަލްޓަންޓް މަޤާމަށް CS15-1 ގައި ބަދަލުކުރި. މެޑިކަލް ކައުންސިލުން އެ ސަނަދުތައް މާސްޓަރސް ލެވެލްގެ ގޮތުގައި ބެލި ނަމަވެސް، ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް 10 ގެ ގޮތުގައި އެކްރެޑިޓްކުރިއެވެ. ޑޮކްޓަރުން އެދުނީ CS16-2 ގެ ވަޒީފާއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް 10 ގެ ގޮތުގައި އެކްރެޑިޓްކުރި ސަނަދުތައް މެޑިކަލް ކައުންސިލުން މާސްޓަރސް ލެވެލްގެ ގޮތުގައި ބެލުމުގެ މައްޗަށް ބިނާކޮށް، ސްޕެޝަލިސްޓް ޑޮކްޓަރުން CS16-2 ގެ ރޭންކަށް ޝަރުޠު ހަމަނުވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމުމަކީ ގަވާއިދާއި ޢަމަލުކުރަމުންދާ އުޞޫލުތަކާ އެއްގޮތަށް ކުރި ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކޮމިޝަނުން ބުނީ، އެކްރެޑިޓްކުރުމުގެ ހަމައެކަނި ބާރު ކޮލިފިކޭޝަން އޮތޯރިޓީއަށް ކަމަށް ހައިކޯޓުން ނިންމީ މެޑިކަލް ކައުންސިލުގެ ޤަވާޢިދުގެ 7.1 ވަނަ މާއްދާއާ ޚިލާފަށާއި ހެކިތަކަށް ރިޢާޔަތް ނުކޮށް ކަމަށެވެ. ޑޮކްޓަރުން ބުނީ ކައުންސިލަށް ސަނަދުގެ ގިންތި ކަނޑައެޅުމުގެ ބާރު ނުލިބޭ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސަނަދުތަކުގެ ފެންވަރު ކަނޑައަޅަނީ ކޮލިފިކޭޝަން އޮތޯރިޓީން ނަމަވެސް، މެޑިކަލް ސަނަދުތަކުގައި މެޑިކަލް ކައުންސިލުގެ އުޞޫލުތަކަށް ރިޢާޔަތްކުރަން ޖެހޭ ކަމަށް ކޯޓުން ކަނޑައެޅިއެވެ. މި ސަނަދުތައް ކައުންސިލުގެ ބަސް ނުހޯދައި އެކްރެޑިޓްކުރި ކަމަށާއި، CS16-2 ގެ 5 އަހަރުގެ ޑީ.އެމް ޝަރުޠު ފުރިހަމަ ނުވާތީ ކޮމިޝަނުގެ ނިންމުން ގަވާއިދާ އެއްގޮތް ކަމަށް ނިންމިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ 2016/HC-A/522 އާއި 2016/HC-A/523 ގެ ޙުކުމްތައް ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކުރި. އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވަޒީފާ CS16-2 ގެ ރޭންކަށް ހަމަޖައްސައި ނުދެވޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ ގަވާއިދާއި ޢަމަލުކުރަމުންދާ އުޞޫލުތަކާ އެއްގޮތަށް ކަމަށާއި، އެ ރޭންކަށް ވަޒީފާ ބަދަލުކުރުމަށް ކޮމިޝަނަށް ކޯޓުން އެންގޭނެ ތަނެއް ނެތް ކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ޤަވާއިދުގެ 7.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ޑޮކްޓަރީބޭހުގެ ރޮގުން ޚިދުމަތް ދިނުމަށް ރާއްޖޭގައި ޤަބޫލުކުރާ މަތީ ތަޢުލީމް ލިބިފައިވާކަމަށް ބަލާ ފެންވަރާއި، އެރޮނގުން ރާއްޖޭގައި ޚިދުމަތް ދިނުމަށް ޤަބޫލުކުރާ ތަޢުލީމުގެ ނުވަތަ ތަމްރީނުގެ ނުވަތަ މިދެބައިގެ އަސާސީ ފެންވަރު ކަނޑައަޅާނީ ކައުންސިލުން ކަމަށެވެ. ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ބަޔާންވެގެންވަނީ މެޑިކަލް ޕްރެކްޓިޝަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތަޢުލީމީ ފާސް ޤަބޫލުކުރުމުގެ މިންގަނޑުތައް ކަނޑައެޅުމެވެ.
HN2 ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާއި، އެ ކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކަމަށް ވީނަމަވެސް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން މެޑިކަލް ދާއިރާގެ ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމުގައި، މެޑިކަލް ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތް ކުރަން ޖެހެއެވެ.
HN3 ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ ދަރަޖަ ކަނޑައަޅަނީ ސިވިލް ސަރވިސް ކޮމިޝަނުން އެކަމަށްޓަކައި އެކުލަވާލާފައިވާ އޮނިގަނޑުގައިވާ ގޮތުގެ މަތީންނެވެ.
HN4 ވަޒީފާގެ ރޭންކަކަށް ހަމަޖައްސައި ދެވެން ނެތް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ ގަވާއިދާއި ޢަމަލުކުރަމުންދާ އުޞޫލުތަކާ އެއްގޮތަށްކަން އެނގެން އޮތުމުން، އެ ރޭންކަށް ވަޒީފާ ބަދަލު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ކޯޓުން އެންގޭނެ ތަނެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އާޔަތުﷲ ޙުސައިން، ޙައްވާ ސަނާ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މަސްތޫރު ޙުސްނީ، އަޙްމަދު ޝަފީޤް
- އިސްތިއުނާފުކުރި ފަރާތް ތަމްސީލުކުރީ
- ޢަބްދުﷲ ސަޢީދު
- ޖަވާބުދާރީވި ފަރާތް ތަމްސީލުކުރީ
- ނަދީމް އިބްރާހީމް
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝަރީޢަތް ނިމުނުގޮތް
ސިވިލް ސަރވިސް ކޮމިޝަން ވ. ޑރ. ޢަބްދުލްޢަޒީޒު އަޙްމަދު އަދި ޑރ. މުޙައްމަދު ޙަނީފް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
11 ފެބުރުވަރީ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ޑރ. ޢަބްދުލްޢަޒީޒު އަޙްމަދު، ދަފްތަރު. ނަންބަރު ރސ 6647، މާލެ ސިވިލް ސަރވިސް ކޮމިޝަން
ބަދަލުގައި: ނަދީމް އިބްރާހީމް، ދަފްތަރު. ނަންބަރު ރސ 7009 ބަދަލުގައި: ޢަބްދުﷲ ސަޢީދު، ހުޅުމާލެ. ފްލެޓް ނަންބަރު ޑީ-1-1ސީ، ހުޅުމާލެ
ޤާނޫނީ ވަކީލު:
މަސްތޫރު ޙުސްނީ، ފިތުރޯނުގެ، ސ. ހިތަދޫ
އަޙްމަދު ޝަފީޤް، މ. ޠާއިފް، މާލެ ޤާނޫނީ ވަކީލު:
އާޔަތުﷲ ޙުސައިން (ސިވިލް ސަރވިސް ކޮމިޝަން)
ޙައްވާ ސަނާ (އެޓަރނީ ޖެނެރަލްގެ އޮފީސް)
2ޑރ. މުޙައްމަދު ޙަނީފް، ދަފްތަރު. ނަންބަރު ރސ 6530، މާލެ
ބަދަލުގައި: ނަދީމް އިބްރާހީމް، ދަފްތަރު. ނަންބަރު ރސ 7009 ޤާނޫނީ ވަކީލު:
މަސްތޫރު ޙުސްނީ، ފިތުރޯނުގެ، ސ. ހިތަދޫ
އަޙްމަދު ޝަފީޤް، މ. ޠާއިފް، މާލެ މަދަނީ – ވަޒީފާއާބެހޭ – ތަޢުލީމީ ސެޓްފިކެޓްތައް އެކްރެޑިޓްކުރުން – މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ޤަވާޢިދުގެ 7.1 ވަނަ މާއްދާ
ސިވިލް ސަރވިސް ކޮމިޝަން ވ. ޑރ. ޢަބްދުލްޢަޒީޒު އަޙްމަދު އަދި ޑރ. މުޙައްމަދު ޙަނީފް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/522 ޤަޟިއްޔާ އާއި ނަންބަރު 2016/HC-A/523 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ސިވިލް ސަރވިސް ކޮމިޝަން" ކަމަށް ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. މި ދެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ދެ ފަރާތަކީ މާލެ، ދަފްތަރު. ނަންބަރު ރސ 6647، ޑރ. ޢަބްދުލްޢަޒީޒު އަޙްމަދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A050400) އާއި، މާލެ، ދަފްތަރު. ނަންބަރު ރސ 6530، ޑރ. މުޙައްމަދު ޙަނީފް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A049432) (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް" ކަމަށް ބުނެފައިވާ ފަރާތްތައް) އެވެ.
2އިސްތިއުނާފަށް ހުށަހެޅިފައި މިވާ ހައިކޯޓުގެ ދެ ޤަޟިއްޔާ އިސްތިއުނާފުކުރާ ފަރާތަކީ އެއް ފަރާތެކެވެ. އަދި، މި ދެ ޤަޟިއްޔާގައި ހިމެނޭ މައްސަލައިގެ މައުޟޫޢަކީ އެއް މައުޟޫޢެކެވެ. އެހެންކަމުން މިއީ، މި ދެ މައްސަލަ އެކުގައި އަޑުއެހެމަށްފަހު، މި ދެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
3އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، 12 މޭ 2013 އިން ފެށިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ސީނިއަރ މެޑިކަލް އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ، ސިވިލް ސަރވިސްގެ ވަޒީފާގައި ތިބި ދެ ޑޮކްޓަރުންނެވެ.
4މަޤާމު ބަދަލުވުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ފުރިހަމަ ކުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތްތައް، ސީނިއަރ މެޑިކަލް އޮފިސަރގެ މަޤާމުން ކޮންސަލްޓަންޓް އިން ކާޑިއޮލޮޖީ (Consultant in Cardiology) ގެ މަޤާމަށް 15 އޮކްޓޫބަރު 2015 އިން ފެށިގެން ބަދަލު ކުރެވިފައިވެއެވެ. މަޤާމު ބަދަލުކޮށް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ހަމަޖައްސާފައި ވަނީ ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލު ކުރަމުންދާ 'ސްޕެޝަލިސްޓު މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑު' ގެ ރޭންކް CS15-1 ގެ ވަޒީފާއެކެވެ.
5ފުރިހަމަކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަދަލު ކުރެވެން ޖެހޭނީ ރޭންކް CS16-2 ގެ ވަޒީފާއަކަށް ކަމަށް ބުނެ، އެ ރޭންކްގެ ވަޒީފާއެއް ހަމަޖައްސައި، އެ ރޭންކްގެ ވަޒީފާގައި ތިބިނަމަ ލިބެންޖެހޭ މުސާރަ ހޯދުމަށް އެދި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ވަކިވަކި ދެ މައްސަލަ ހުށަހަޅާފައިވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމިގޮތް
6ޑރ. ޢަބްދުލްޢަޒީޒު އަޙްމަދު ހުށަހެޅި މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 158/VTR/2015 މައްސަލައިގެ ގޮތުގައެވެ. އަދި، ޑރ. މުޙައްމަދު ޙަނީފް ހުށަހެޅި މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2015 މައްސަލައިގެ ގޮތުގައެވެ.
7މި ދެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އެއް ނިންމުމެކެވެ. އެގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހާސިލުކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތައް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެއިރުގެ މޯލްޑިވްސް މެޑިކަލް ކައުންސިލް) (މީގެ ފަހުން "މެޑިކަލް ކައުންސިލް" ކަމަށް ބުނެފައިވާ ކައުންސިލް) އިން ބަލައިގެންފައި ވަނީ، އެ ކައުންސިލުން ބަލާ މިންގަނޑުގެ ތެރެއިން އެމް.ޑީ (MD) ނުވަތަ މާސްޓާރސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި ކަމުން، އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރުޠު ހަމަވަނީ ރޭންކް CS15-1 ގެ ވަޒީފާއަށް ކަމަށާއި، އެހެންކަމުން ވަޒީފާ ހަމަޖައްސާފައި ވަނީ 'ސްޕެޝަލިސްޓު މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑު' އާއި އެއްގޮތަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވެއެވެ.
8ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ހައިކޯޓުން ނިންމިގޮތް
9ޑރ. ޢަބްދުލްޢަޒީޒު އަޙްމަދު އިސްތިއުނާފު ކުރި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2016/HC-A/522 ޤަޟިއްޔާއިންނެވެ. އަދި ޑރ. މުޙައްމަދު ޙަނީފް އިސްތިއުނާފު ކުރި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2016/HC-A/523 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމި ނިންމުންތައް ހައިކޯޓުން ބާޠިލުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދޭ ފަދައިން އެ ފަރާތްތަކަށް ރޭންކް CS16-2 ގެ ވަޒީފާއެއް ހަމަޖައްސައި އެ ރޭންކުގެ ވަޒީފާއާ ގުޅިގެން ލިބެންޖެހޭ މުސާރަ ހަމަޖައްސައިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ސަރވިސް ކޮމިޝަނަށް އަމުރުކޮށްފައިވެއެވެ.
10ހައިކޯޓުގެ ޙުކުމަށް ވާސިލުވެފައި ވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތްތައް، ރޭންކް CS16-2 ގެ ވަޒީފާއަށް ޝަރުޠު ހަމަނުވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިފައިވާ ސެޓްފިކެޓްތައް މެޑިކަލް ކައުންސިލުން ބަލައިގެންފައިވަނީ މާސްޓަރސް ލެވެލްގެ ސެޓްފިކެޓްތަކެއްގެ ގޮތުގައި ކަމަށް އެ ކައުންސިލުން ބުނާ ބުނުމުގެ މައްޗަށް އެކަނި ކަމަށް ވުން؛ އަދި
އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިފައިވާ ސެޓްފިކެޓްތައް މެޑިކަލް ކައުންސިލުން ބަލައިގެންފައިވަނީ މާސްޓަރސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި ކަމަށް ވީނަމަވެސް، ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކަށް ބެލުމުން ތަޢުލީމީ އެކިއެކި ސެޓްފިކެޓްތަކާއި ފާސްތައް، ޞިއްޙީ ދާއިރާގެ ކޯސްތަކުގެ ސެޓްފިކެޓްތައް ހިމެނޭ ގޮތުން، ގިންތި ކަނޑައަޅައި، އެކްރެޑިޓް (accredit) ކުރުމުގެ ހަމައެކަނި ބާރު ލިބިގެން ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ކަމަށް ވާތީވެ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ސެޓްފިކެޓްތައް އެ އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވަނީ ލެވެލް 10 އެއްގެ ސެޓްފިކެޓެއްގެ ގޮތުގައި ކަމަށް ވާތީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ރޭންކް CS16-2 ގެ ވަޒީފާއަށް ޝަރުޠު ފުރިހަމަވެފައިވާ ފަރާތެއް ނޫން ކަމުގައި ބެލެވެން ނެތުން.
11މަތީގައި މި ބަޔާންކުރި ފަދައިން، ހައިކޯޓުގެ ހުކުމަށް އެ ކޯޓުން ވާސިލުވެފައިވާ ސަބަބަށް ބަލާއިރު، އެ ކޯޓުގެ ޙުކުމް އެ މައްޗަށް ބިނާކުރި ސަބަބަކީ ތަޢުލީމީ އެކިއެކި ސެޓްފިކެޓްތަކާއި ފާސްތަކުގެ (ޞިއްޙީ ދާއިރާގެ ކޯސްތަކުގެ ސެޓްފިކެޓްތައް ހިމެނޭ ގޮތުން) ގިންތި ކަނޑައަޅައި، އެކްރެޑިޓް ކުރުމުގެ ބާރު ހަމައެކަނި ލިބިގެން ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ކަމުގައި ބަލައިގެން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ސެޓްފިކެޓްތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވަނީ ލެވެލް 10 އެއްގެ ސެޓްފިކެޓެއްގެ ގޮތުގައި ކަމަށް ވާތީވެ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވަޒީފާގެ ރޭންކް CS16-2 ގެ ވަޒީފާއަށް ޝަރުޠު ފުރިހަމަވެފައިވާ ފަރާތެއް ކަމަށް ބަލައިގެން ކަން އެނގެއެވެ.
12ހައިކޯޓުގެ ނަންބަރު 2016/HC-A/522 ޤަޟިއްޔާ އާއި ނަންބަރު 2016/HC-A/523 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަނުން އެ ދެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދުތައް
13އިސްތިއުނާފުކުރާ ސވިލް ސަރވިސް ކޮމިޝަނުން އިސްވެ ބަޔާންވެދިޔަ ހައިކޯޓުގެ ޤަޟިއްޔާތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ ދެ ނުކުތާއެވެ. އަދި އެ ދެ ނުކުތާއަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދީފައިވަނީ އެއް ރައްދެކެވެ. އެ ނުކުތާތަކާއި ރައްދުތަކުގެ ޚުލާޞާއެއް ތިރީގައި މި ވަނީއެވެ.
އިސްތިއުނާފު ކުރާ ސިވިލް ސަރވިސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކަށް ބެލުމުން ތަޢުލީމީ އެކިއެކި ސެޓްފިކެޓްތަކާއި ފާސްތަކުގެ ގިންތި ކަނޑައަޅައި، އެކްރެޑިޓް ކުރުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ކަމަށް ހައިކޯޓުން ނިންމާފައިވާނީ މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ޤަވާޢިދުގެ 7.1 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ޤަވާއިދުގެ 7.1 ވަނަ މާއްދާއިން މެޑިކަލް ކައުންސިލަށް ލިބިގެންވަނީ ހަމައެކަނި ދިވެހިރާއްޖޭގައި މެޑިކަލް ޕްރެކްޓިސް ކުރުމަށް ބޭނުންވާ މަތީ ތަޢުލީމު ލިބިގެންވާކަން ކަނޑައެޅުމުގެ ބާރު ކަމަށާއި، އެ މާއްދާއަށް ބެލުމުން ތަޢުލީމީ އެކިއެކި ސެޓްފިކެޓްތަކާއި ފާސްތައް ގިންތި ކުރުމުގެ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގައިވާ ގިންތިއެއް ކަނޑައެޅުމުގެ އެއްވެސް ބާރެއް އަދި ހައިސިއްޔަތެއް މެޑިކަލް ކައުންސިލަށް ލިބިގެންނުވާ ކަމަށާއި، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ ދަށުން ވެސް މެޑިކަލް ކައުންސިލަށް އެ ބާރު ލިބިފައިނުވާ ކަމަށާއި، އެހެންކަމުން މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ޤަވާއިދުގެ 7.1 ވަނަ މާއްދާއާ ހައިކޯޓުން ޚިލާފުވެފައިނުވާ ކަމަށެވެ.
14އިސްތިއުނާފު ކުރާ ސިވިލް ސަރވިސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހަޅާފައިވާ ކަންތައްތައް ނަފީކުރުމުގެ ގޮތުން ހަރުދަނާ ހުއްޖަތެއް ސިވިލް ސަރވިސް ކޮމިޝަނުން ދެއްކިފައިނުވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތް ކުރުމެއް ނެތި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އެ ފަރާތްތަކުން ބުނެފައިވަނީ ހައިކޯޓުން ޙުކުމް ކުރުމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ފުރިހަމައަށް ރިޢާޔަތް ކޮށްފައިވާ ކަމަށާއި، ރިޢާޔަތް ކޮށްފައިނުވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވާ ބަޔާންތަކާއި ލިޔުންތަކާއި ސިޓީތަކަށް ބެލުމުން ވެސް، ހައިކޯޓުގެ ޙުކުމްތަކުގައި ބަޔާންކޮށްފައިވާ ފަދައިން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހާސިލުކޮށްފައިވާ ސަނަދުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ 10 ވަނަ ގިންތީގެ ޑިގްރީތަކެއް ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ނިންމާފައިވާ ކަމުގެ ހުއްޖިއްޔަތު ގެއްލިގެންދާނެ ފަދަ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
މެޑިކަލް ދާއިރާގެ ސަނަދުތަކުގެ ފެންވަރު ބެލުން
15HN1ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކަށް ބެލުމުން ތަޢުލީމީ އެކިއެކި ސެޓްފިކެޓްތަކާއި ފާސްތަކުގެ ގިންތި ކަނޑައަޅައި، އެކްރެޑިޓް ކުރުމުގެ ހަމައެކަނި ބާރު ލިބިގެން ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ކަމަށް ހައިކޯޓުން ނިންމާފައިވާނީ މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ޤަވާޢިދުގެ 7.1 ވަނަ މާއްދާއާ ޚިލާފަށް ކަމަށް، އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. މިކަން އޮތްގޮތް ބަލައި ދިރާސާކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.
މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުގެ ނަމުގައި ރައީސުލްޖުމްހޫރިޔާގެ ޤަރާރަކުން 29 އޮގަސްޓު 2000 ގައި އުފެއްދި ބޯޑުގެ ނަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް 20 މޭ 2010 ގައި ބަދަލުކޮށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވެއެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި، ފެންވަރު ބެލުމަށް އެކި ފަރާތްތަކުން ހުށަހަޅާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމަށް ބޭނުންކުރާނެ އޮނިގަނޑެއް އެކުލަވާލައި ޢާންމުކުރުމާއި، ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާއި، އެ ކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުން ހިމެނެއެވެ.
އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާތަކުގައި ހިމެނޭ ދެ ސެޓްފިކެޓް އެކްރެޑިޓް ކުރިއިރު ޢަމަލުކުރަމުން ދިޔަ ގަވާއިދު ކަމަށްވާ މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ޤަވާއިދު ގެ 7.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ޑޮކްޓަރީބޭހުގެ ރޮގުން ޚިދުމަތް ދިނުމަށް ރާއްޖޭގައި ޤަބޫލުކުރާ މަތީ ތަޢުލީމް ލިބިފައިވާކަމަށް ބަލާ ފެންވަރު ކަނޑައަޅާނީ ކައުންސިލުންނެވެ. އަދި އެރޮނގުން ރާއްޖޭގައި ޚިދުމަތް ދިނުމަށް ޤަބޫލުކުރާ ތަޢުލީމުގެ ނުވަތަ ތަމްރީނުގެ ނުވަތަ މިދެބައިގެ އަސާސީ ފެންވަރު ކަނޑައަޅާނީ ވެސް ކައުންސިލުންނެވެ." މިހެންނެވެ.
މި ކަމުގައި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު ކަމަށްވާ، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ ދަށުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ވަނީ އުފެދިފައެވެ. އެ ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރަމުން އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ "ދިވެހިރާއްޖޭގައި މެޑިކަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދިނުމުގެ ޝަރުޠުތައް ކަނޑައެޅުން" މިހެންނެވެ. އަދި އެ މާއްދާގެ (ށ) ގައި ބަޔާންވެގެންވަނީ "މެޑިކަލް ޕްރެކްޓިޝަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތަޢުލީމީ ފާސް ޤަބޫލުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން" މިހެންނެވެ.
މެޑިކަލް ދާއިރާގެ ސަނަދުތަކުގެ ފެންވަރު ބެލުމުގައި ދަރިވަރުން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވަނީ މެޑިކަލް ކައުންސިލުން ޤަބޫލުކުރާ މަރުކަޒަކުންތޯ ބެލުމާއި، އެ ކައުންސިލުން ކިޔެވުން ގިންތި ކުރުމުގައި ބަލަމުން އަންނަ އުޞޫލުތަކަށް ރިޢާޔަތްކުރާ ކަމަށާއި، މެޑިކަލް ދާއިރާގެ ސަނަދެއްގެ ފެންވަރު ކަނޑައެޅުމުގެ ކުރިން އެ ކައުންސިލުގެ ބަހެއް ހޯދާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އަދި އިސްތިއުނާފު ކުރެވިފައި މިވާ ދެ ޤަޟިއްޔާގައި ހިމެނޭ ދެ ސެޓްފިކެޓް، ލެވެލް 10 ގެ ސެޓްފިކެޓްގެ ގޮތުގައި އެކްރެޑިޓް ކޮށްފައިވަނީ މެޑިކަލް ކައުންސިލުގެ ބަހެއް ހޯދައިގެން ނޫން ކަމަށް ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.
16HN2އިސްވެ ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު، ފެންނަން އޮތް ޙަޤީޤަތަކީ ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާއި، އެ ކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކަމަށް ވީނަމަވެސް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން މެޑިކަލް ދާއިރާގެ ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމުގައި، މެޑިކަލް ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތް ކުރަން ޖެހޭ ކަމާއި، އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޢަމަލުކުރަމުންދަނީ ވެސް އެގޮތަށް ކަން، އެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުން އެނގެއެވެ.
ސްޕްޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ ރޭންކް ކަނޑައެޅުން
17HN3ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ ދަރަޖަ ކަނޑައަޅަނީ ސިވިލް ސަރވިސް ކޮމިޝަނުން އެކަމަށްޓަކައި އެކުލަވާލާފައިވާ އޮނިގަނޑުގައިވާ ގޮތުގެ މަތީންނެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވަޒީފާ ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސާފައިވަނީ CS15-1 ގެ ދަރަޖައިގައެވެ. މަޤާމުގެ ނަމަކީ ކޮންސަލްޓަންޓް (consultant) އެވެ. ކޮލިފިކޭޝަންއަކީ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް (specialist medical practitioners) އެވެ. މި ދަރަޖައިގެ އަސާސީ ޝަރުޠުގެ ގޮތުގައި ކަނޑައެޅިފައިވަނީ މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ 3 (ތިނެއް) ނުވަތަ 4 (ހަތަރެއް) އަހަރު ދުވަހަށްވުރެ ކުރު ނޫން އެމް.ޑީ/އެމް.އެސް ނުވަތަ އެއާ އެއް ފެންވަރުގެ ޑިގްރީއެއް މެޑިކަލް ސަބްސްޕެޝަލްލިޓީއަކުން ހާސިލުކޮށްފައިވުމާއެކު، މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީކޮށް ސްޕެޝެލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުމެވެ.
18އެހެންނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ އެ ފަރާތްތަކުގެ ވަޒީފާ ހަމަޖައްސަން ޖެހޭނީ CS16-2 ގެ ރޭންކަށެވެ. މި ރޭންކުގެ އަސާސީ ޝަރުޠުގެ ގޮތުގައި ކަނޑައެޅިފައިވަނީ؛
މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުން؛
މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ 5 (ފަހެއް) އަހަރު ދުވަހަށް ވުރެ ކުރުނޫން ޑީ.އެމް/އެމް.ސީ.އެޗް ނުވަތަ އެއާ އެއް ފެންވަރުގެ ޑިގްރީއެއް މެޑިކަލް ސަބް-ސްޕެޝަލްލިޓީއަކުން ހާސިލުކޮށްފައިވުން؛
މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުމެވެ.
19އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އެ ފަރާތްތަކުގެ ކިބައިގައި CS16-2 ގެ ރޭންކަށް ކަނޑައެޅިފައިވާ އަސާސީ ތިން ޝަރުޠު ފުރިހަމަވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ. އެހެންނަމަވެސް، މެޑިކަލް ކައުންސިލުން ދެކެނީ އެ ތިން ޝަރުޠުގެ ތެރެއިން ދެވަނަ ޝަރުޠު އެ ފަރާތްތަކުގެ ކިބައިގައި ފުރިހަމަނުވާ ކަމަށެވެ. ދެވަނަ ޝަރުޠުގައި ބުނެފައިވަނީ މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ 5 (ފަހެއް) އަހަރު ދުވަހަށް ވުރެ ކުރު ނޫން ޑީ.އެމް/އެމް.ސީ.އެޗް ނުވަތަ އެއާ އެއް ފެންވަރުގެ ޑިގްރީއެއް މެޑިކަލް ސަބް-ސްޕެޝަލްލިޓީއަކުން ހާސިލުކޮށްފައިވާން ޖެހޭނެ ކަމަށެވެ.
20އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އެ ފަރާތްތަކުގެ ސަނަދުތަކަކީ އިންޑިއާގެ ޑީ.އެމް ޑިގްރީއާ އެއް ފެންވަރެއްގެ ސަނދުތަކެއްކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކޮށް، އެ ސަނަދުތައް ލެވެލް 10 ގެ ގޮތުގައި ގިންތި ކޮށްފައިވާ ކަމަށާއި، އެގޮތަށް ބަލައިގެންފައި ވަނީ ބަންގްލަދޭޝްގެ ޑާކާ ޔުނިވަރސިޓީއިން އެ ފަރާތްތައް ފުރިހަމަ ކުރި ކޯސް ބެހިގެންވަނީ ތިން ބަޔަކަށް ކަމަށް ވެފައި، މި ތިން ބައިގެ އެންޓްރީ ކްރެޓީރިއާ ތަފާތު ކަމަށާއި، މިގޮތުން ފުރަތަމަ ބައިގެ އެންޓްރީ ކްރެޓީރިއާއަކީ އެމް.ބީ.ބީ.އެސް (MBBS) ހެދުމާއެކު 1 (އެކެއް) އަހަރު ދުވަހުގެ އިންޓާންޝިޕެއް ފުރިހަމަކުރުން ކަމަށާއި، ދެވަނަ ބަޔަކީ އިންޓާނަލް މެޑިސިން އެންޑް އެލައިޑް ކަމަށާއި، ތިންވަނަ ބަޔަކީ ކާޑިއޮލޮޖީ ކަމަށާއި، ތިންވަނަ ބަޔަށް ދެވެނީ އިންޓާނަލް މެޑިސިން އެންޑް އެލައިޑް އެގްޒިޓް އެގްޒޭމުން ފާސްވެގެން ކަމަށާއި، އިންޓާނަލް މެޑިސިންގެ ބަޔަކީ ވަކިން އެ ބަޔަށް ސެޓްފިކެޓެއް ނުދިން ނަމަވެސް މާސްޓާސް ލެވެލްގެ ބައެއް ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
21ޑޮކްޓަރީ ރޮގުން ހަދާ ކޯސްތައް މެޑިކަލް ކައުންސިލުން ޤަބޫލުކުރަމުން އަންނަ އުޞޫލުތައް ކަމަށް އެ ކައުންސިލުން ބުނެފައިވަނީ އަންނަނިވި އުޞޫލުތަކެވެ.
ފުރަތަމަ ޑިގްރީ (MBBS): ކޯހަށް ވަނުމަށް މެޑިކަލް ކައުންސިލުން ކަނޑައަޅާފައިވާ މިނިމަމް އެންޓްރެންސް ކްރައިޓީރިއާ ހަމަވާ، އަދި ކައުންސިލުން ޤަބޫލުކުރާ އިންސްޓިޓިއުޓަކުން ހަދާފައިވާ 4 (ހަތަރު) އަހަރާއި 6 (ހައެއް) މަސްދުވަހަށް ވުރެ ކުރު ނޫން ކޯހަކަށް ވެފައި، 1 (އެކެއް) އަހަރު ދުވަހުގެ ކޮމްޕަލްސަރީ ރޮޓޭޓަރީ އިންޓާންޝިޕް ހަދާފައިވުން.
ބެޗްލަރ އޮފް ޑެންޓަލް ސަރޖަރީ (BDS): އެންޓްރީ ކްރައިޓީރިއާ ހަމަވާ، މެޑިކަލް ކައުންސިލުން ޤަބޫލުކުރާ އިންސްޓިޓިއުޓަކުން ކިޔަވައި އަދި، 1 (އެކެއް) އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަ ކޮށްފައިވުން.
ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ: އެމް.ބީ.ބީ.އެސް ހެދުމަށްފަހު ކައުންސިލުން ޤަބޫލުކުރާ އިންސްޓިޓިއުޓަކުން ހަދާ 2 (ދޭއް) އަހަރަށް ވުރެ ކުރު ނޫން ކޯހަކަށް ވުން.
މާސްޓާސް ލެވެލް (ސްޕެޝަލިސްޓުން): އެމް.ބީ.ބީ.އެސް ހެދުމަށްފަހު ކައުންސިލުން ޤަބޫލުކުރާ އިންސްޓިޓިއުޓެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ކިޔަވައި ތީސިސް ލިޔެ އިމްތިޙާނުން ފާސްވެފައިވުން.
ޑޮކްޓަރޭޓް ލެވެލް (ސުޕަރ ސްޕްޝަލިސްޓުން): މާސްޓާސް ޑިގްރީ ހާސިލުކުރުމަށް ފަހު، މެޑިކަލް ކައުންސިލުން ޤަބޫލުކުރާ އިންސްޓިޓިއުޓެއްގައި މަދުވެގެން 2 (ދޭއް) އަހަރު ކިޔަވައި، ތީސިސް ލިޔެ އިމުތިޙާނުން ފާސްވެފައިވުން.
22އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ރެޖިސްޓްރޭޝަންއަށް ހުށަހަޅާފައިވަނީ ފުރަތަމަ ޑިގްރީ MBBS)) ގެ އިތުރުން އެމް.ޑީ ކާޑިއޮލޮޖީ (MD Cardiology) ސެޓްފިކެޓެއް ކަމަށާއި، މެޑިކަލް ކައުންސިލުން އެ ސެޓްފިކެޓް ބަލައިގަނެ، އެ ފަރާތްތައް ވަނީ ކައުންސިލުގައި ރަޖިސްޓްރީކޮށް ކާޑިއޮލޮޖިސްޓް (cardiologist) އެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ދީފައި ކަމަށާއި، އެ ފަރާތްތަކުގެ ކާޑިއޮލޮޖީ ސްޕްޝަލިސްޓް ޑިގްރީއަކީ މާސްޓާސް ލެވެލްގެ ސެޓްފިކެޓްތަކެއް ކަމަށް ކައުންސިލުން ބަލާފައިވަނީ އެ ފަރާތަކުން ފުރަތަމަ މެޑިކަލް ޑިގްރީއަށްފަހު ގަވާއިދާ އެއްގޮތަށް ޝަރުޠު ފުރިހަމަވެ ކިޔަވަން ފެއްޓި ކޯހަކީ މާސްޓާސް ލެވެލްގެ ކޯހެއް ކަމަށާއި، މާސްޓާސް ނުހަދައި އޭގެ މަތީ ކޯހަކަށް ކިޔަވަން ޝަރުޠު ފުރިހަމަނުވާ ކަމަށާއި، އިންޓާނަލް މެޑިސިންއިން މާސްޓާސް ހަދާފައިވާ ކަމަށް ބުނި ނަމަވެސް، އެއީ ވަކި ސަނަދެއް ލިބޭ ވަކި ކޯހެއް ނޫން ކަމަށާއި، އެއީ އެމް.ޑީ ކާޑިއޮލޮޖީ (MD Cardiology) ގެ ބައެއް ކަމަށް ދެކޭ ކަމަށް މެޑިކަލް ކައުންސިލުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
23އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ސަނަދުތައް ލެވެލް 10 ގެ ސަނަދުތަކެއްގެ ގޮތުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވަނީ، ޢަމަލުކުރަމުން ދިޔަ އުޞޫލާ ޚިލާފަށް، މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ބަހެއް އެ ކަމުގައި ހޯދުމެއް ނެތި ކަމަށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ.
24އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބަންގްލަދޭޝްގެ ޑާކާ ޔުނިވަރސިޓީގައި ފުރިހަމަ ކުރި ކޯހުގެ މުއްދަތަކީ 5 (ފަހެއް) އަހަރު ދުވަހެވެ. CS16-2 ރޭކުންގެ އަސާސީ ޝަރުޠުތަކުގައި 5 (ފަހެއް) އަހަރު ދުވަހުގެ ޑީ.އެމް (DM) ނުވަތަ އެ އާ އެއް ފެންވަރުގެ ޑިގްރީއެއް ފުރިހަމަކުރުން ލާޒިމު ކުރެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން 5 (ފަހެއް) އަހަރު ދުވަހުން ފުރިހަމަ ކޮށްފައިވަނީ ޑީ.އެމް ނުވަތަ އެއާ އެއް ފެންވަރުގެ ޑިގްރީއެއް ކަމަށް ބަލައިފިނަމަ، އެ ފަރާތްތަކުން މި ކޯސް ފުރިހަމަ ކޮށްފައިވަނީ މާސްޓާސް ޑިގްރީ ނެތި ކަމަށް ބެލެވޭނެއެވެ. އެއީ މެޑިކަލް ކައުންސިލުން ޤަބޫލުކުރާ ގޮތެއް ނޫންކަން ފާހަގަކުރެވެއެވެ.
25އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފުރިހަމަ ކުރި ކޯހުގެ ފުރަތަމަ ބަޔަކީ މާސްޓާސް ޑިގްރީ ކަމަށް ބަލައިފިނަމަ، CS16-2 ރޭކުންގެ އަސާސީ ޝަރުޠުތަކުގައި ބުނާ 5 (ފަހެއް) އަހަރު ދުވަހުގެ ޑީ.އެމް ނުވަތަ އެ އާ އެއް ފެންވަރުގެ ޑިގްރީއެއް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފުރިހަމަ ކުރި ކަމަށް ބެލެވޭނެ ގޮތެއް ވެސް ނެތްކަން ފާހަގަކުރެވެއެވެ.
26HN4އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވަޒީފާގެ ރޭންކް CS16-2 އަށް ހަމަޖައްސައި ދެވެން ނެތް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ ގަވާއިދާއި ޢަމަލުކުރަމުންދާ އުޞޫލުތަކާ އެއްގޮތަށްކަން އެނގެން އޮތުމުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވާ ގޮތަށް އެ ފަރާތްތަކުގެ ވަޒީފާ CS16-2 ގެ ރޭންކަށް ބަދަލު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ކޯޓުން އެންގޭނެ ތަނެއް ނެތުމުން، ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
27މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
28މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ބަޔާން ކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/522 ޤަޟިއްޔާ އާއި ނަންބަރު 2016/HC-A/523 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ކަމާބެހޭ ގަވާއިދާއި ޢަމަލުކުރަމުންދާ އުޞޫލުތަކާ އެއްގޮތަށް ކަމަށް ނުވާތީ، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/522 ޤަޟިއްޔާ އާއި ނަންބަރު 2016/HC-A/523 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
ޙުސްނުއްސުޢޫދު
ޑރ. މުޙައްމަދު އިބްރާހީމް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ޤަވާއިދުގެ 7.1 ވަނަ މާއްދާ
- ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އަދި (ށ)
- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރު
- ސިވިލް ސަރވިސް ކޮމިޝަނުގެ 'ސްޕެޝަލިސްޓު މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑު'
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.