ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 10 · 2018/SC-A/43ސުޕްރީމް ކޯޓު · 3 މާރިޗު 2022

ޢަބްދުﷲ ނާހިދު ވ. ޙައުޒާން ނުޡާމް

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 މާރިޗު 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2018/SC-A/43

ޝަރީޢަތް ނިމުނުގޮތް

ޢަބްދުﷲ ނާހިދު ވ. ޙައުޒާން ނިޡާމް

ފަނޑިޔާރުންގެ މަޖިލިސް

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު

03 މާރޗް 2022އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2018/HC-A/47

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ޙައުޒާން ނިޡާމް، ދިލްކަޝްވިލާ، ގއ. ދާންދޫޢަބްދުﷲ ނާހިދު، އަލްފާ، ރ. މީދުބަދަލުގައި: ޢަބްދުﷲ ސަޢީދު، ދަފްތަރު ރސ. 2483 ބަދަލުގައި: އަޙްމަދު ރަޝާދު، އަލްފާ، ރ. މީދޫ

މަދަނީ – ފައިސާ ހޯދުން – އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ - ހެކިބަސް - ހެކިވަޒަން ކުރުން - ޖަޒާއީ ޝަރުތު – އިސްތިސްނާއީ ހާލަތުގައި އައު ހެކި ބަލައިގަތުން

ޢަބްދުﷲ ނާހިދު ވ. ޙައުޒާން ނިޡާމް

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/47 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫން ކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، ރ. މީދޫ، އަލްފާ، ޢަބްދުﷲ ނާހިދު (މީގެ ފަހުން: "ޢަބްދުﷲ ނާހިދު" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ ގއ. ދާންދޫ، ދިލްކަޝްވިލާ، ޙައުޒާން ނިޡާމް (މީގެ ފަހުން: "ޙައުޒާން ނިޡާމް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

ޢަބްދުﷲ ނާހިދު އާއި ޙައުޒާން ނިޡާމް އާ ދެމެދު ވިޔަފާރި އުސޫލުން އަނބުރާ ދައްކާގޮތަށް ފައިސާ ދޫކުރުމާ ބެހޭގޮތުން 01 ފެބުރުވަރީ 2016 ގައި އެއްބަސްވުމެއް ވެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ފައިސާ ދިން ފަރާތުގެ ގޮތުގައި ސޮއިކޮށްފައިވަނީ ޙައުޒާން ނިޡާމެވެ. އަދި ފައިސާ ނެގި ފަރާތުގެ ގޮތުގައި ޢަބްދުﷲ ނާހިދު ސޮއިކޮށްފައިވެއެވެ.

ދެފަރާތުންވި އެއްބަސްވުމުގައި ވާގޮތުން، އެއްބަސްވުމުގައި ސޮއިކުރި ވަގުތު ފައިސާ ދޫކުރި ފަރާތުން (ޙައުޒާން ނިޡާމް) ވަނީ 750,000/- (ހަތްލައްކަ ފަންސާސް) ދިވެހި ރުފިޔާ ފައިސާ ނެގި ފަރާތް (ޢަބްދުﷲ ނާހިދު) އާ ހަވާލުކޮށްފައެވެ.

ބުނެވުނު އެއްބަސްވުމުގެ ދަށުން ފައިސާ ނެގި ފަރާތަށް ފައިސާ ދޫކޮށްފައިވަނީ 01 ފެބުރުވަރީ 2016 އިން ފެށިގެން 01 ޖުލައި 2016 ގެ ނިޔަލަށް މީލާދީ 06 (ހައެއް) މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށެވެ.

ބުނެވުނު އެއްބަސްވުމުގެ 6 ވަނަ މާއްދާގައިވަނީ؛

"މިއެގްރީމެންޓްގެ 05 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިސާ ނެގި ފަރާތުން ފައިސާ އަބުރާ ދެއްކުމުގެ ގޮތުން ފައިސާ ދޫކުރި ފަރާތަށް ދޫކޮށްފައިވާ އެއްވެސް ޗެކަކަށް އެ ޗެކްގައި ފައިސާނެގޭނެ ކަމަށް ޖަހާފައިވާ ތާރީޚްގައި ފައިސާ ނުނެގި، އެއްވެސް ޗެކެއް ބައުންސްވެއްޖެނަމަ، ފައިސާއަށް ބަދަލުކުރެވޭ ލިޔުމާއި ބެހޭ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން 07 ދުވަހުގެ ނޯޓިސް އެއް ބައުންސްވި ޗެކްގައިވާ ފައިސާއާއި އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 07 ދުވަހަށް ކޮންމެ ދުވަހަކަށް ބައުންސްވި ޗެކުގައިވާ ފައިސާގެ ޢަދަދުގެ %5 (ފަހެއް އިންސައްތަ) އާއި އެކު ބައުންސްވި ޗެކްގައިވާ ފައިސާ ދެއްކުމުގެ ފުރުސަތު ފައިސާނެގި ފަރާތަށް ދިނުމަށް ފައިސާދޫކުރި ފަރާތުން އެއްބަސް ވެއެވެ." މިފަދައިންނެވެ.

އެއްބަސްވުމުގެ 10 ވަނަ މާއްދާގައިވަނީ؛

"މި އެގްރީމެންޓްގެ 05 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިސާ ނެގި ފަރާތުން ފައިސާ އަބުރާ ދެއްކުމުގެ ގޮތުން ފައިސާ ދޫކުރި ފަރާތަށް ދޫކޮށްފައިވާ އެއްވެސް ޗެކަކަށް އެ ޗެކްގައި ފައިސާނެގޭނެ ކަމަށް ޖަހާފައިވާ ތާރީޚްގައި ފައިސާ ނުނެގިގެން، މި އެގްރީމެންޓްގެ 07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ފައިސާނެގި ފަރާތުން ޢަމަލުނުކޮށްގެން ޝަރީޢަތަށްދާން ޖެހިއްޖެނަމަ މައްސަލަ ޝަރީޢަތަށް ހުށަހެޅުމާއި ހަމައަށް އިތުރަށް ހިނގާފައިވާ ކޮންމެ ދުވަހަކަށް ދުވާލަކަށް، އެ ޗެކަކުން ނެގޭނެކަމަށް ޖަހާފައިވާ ފައިސާގެ ޢަދަދުގެ %5 (ފަހެއް އިންސައްތަ) ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދޫކުރި ފަރާތަށް ދިނުމަށް ފައިސާ ނެގި ފަރާތުން އެއްބަސްވެއެވެ." މިފަދައިންނެވެ.

އެއްބަސްވުމުގެ 11 ވަނަ މާއްދާގައިވަނީ؛

"މި އެގްރީމެންޓްގެ 10 ވަނަ މާއްދާއާއި އެއްގޮތަށް ޢަމަލުކުރަންޖެހޭ ޙާލަތުގައި ފައިސާ ދޫކުރި ފަރާތުން ޤާނޫނީ ވަކީލަށް ދޭންޖެހޭ ފީ ގެ ގޮތުގައި 60,000/- (ފަސްދޮޅަސް ހާސް) ދިވެހި ރުފިޔާވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދޫކުރި ފަރާތަށް ދިނުމަށް ފައިސާ ނެގި ފަރާތުން އެއްބަސްވެއެވެ.

މިފަދައިންނެވެ.

ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ ޚިލާފުވެ އެއްބަސްވެފައިވާ ގޮތަށް 750,000/-ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ) އަނބުރާ ލިބިދީފައި ނުވާ ކަމަށާއި، ފައިސާ އަނބުރާ ދެއްކެންދެން ސެކިއުރިޓީ ގެރެންޓީއެއްގެ ގޮތުގައި ރަހުނުކޮށް ޙައުޒާން ނިޡާމްއާ ރަޖިސްޓްރީ ހަވާލުކުރެވިފައިވާ ޢަބްދުﷲ ނާހިދުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު A4253B-03-16-E "ރިޝްވާ" ނަމަކަށް ކިޔާ ބޯޓު، ފައިސާ އަދާކުރުމުގެ ގޮތުން ދޫކޮށްފައިވާ އެއްވެސް ޗެކަކަށް ފައިސާ ނުނެގި ޗެކް ބައުންސް ވެއްޖެނަމަ ފައިސާ ދިން ފަރާތުގެ ނަމަށް ބަދަލުކުރުމުގެ އިތުރުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި މުޅި ޖުމްލަ %5 (ފަހެއް އިންސައްތަ) ކޮންމެ ދުވަހަކަށް ލިބިދޭންޖެހޭނެކަމަށް އެގްރީމެންޓްގެ 06 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި އެއްބަސްވެފައިވާކަމަށާއި އަދި އެގްރީމެންޓްގެ 11 ވަނަ މާއްދާގައިވާފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އިދާރީ ލީގަލް ޚަރަދުގެ ގޮތުގައި 60,000/-ރ. (ފަސްދޮޅަސް ހާސް ރުފިޔާ) ދިނުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ ޙައުޒާން ނިޡާމް ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް

ސިވިލް ކޯޓުގެ ނަންބަރު 2251/Cv-C/2016 ޤަޟިއްޔާގައި، ޢަބްދުﷲ ނާހިދުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު A4253B-03-16-E "ރިޝްވާ" ނަމަކަށްކިޔާ ބޯޓުގެ ރަޖިސްޓްރީ އެގްރީމެންޓްގައި އެއްބަސްވެފައިވާ ގޮތަށް ޙައުޒާން ނިޡާމްގެ ނަމަށް ބަދަލުކުރުމާއެކު މިކަމުގެ ސަބަބުން ލިބުނު ގެއްލުމާއި އިދާރީ، ޤާނޫނީ ފީ ދެފަރާތުން އެއްބަސްވެފައިވާގޮތަށް ނަގާދިނުމަށް އެދި އެއްބަސްވެފައިވާ ޢަދަދުތައް އެއްކުރުމުން ޖެހޭ މުޅި ޖުމްލަ 1,095,000/-ރ. (އެއްމިލިއަން ނުވަދިހަ ފަސްހާސް ރުފިޔާ) ނަގައިދިނުމަށް ސިވިލް ކޯޓުގައި ޙައުޒާން ނިޡާމްގެ ފަރާތުން އެދިފައިވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 2251/Cv-C/2016 ޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުން 03 (ތިން) ފަރާތެއްގެ ހެކިބަސް ނެގިފައިވާކަން އެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އެ ތިން ފަރާތަކީ، ތ. ކަނޑޫދޫ، ހުވަނދުމާގެ، އަޙްމަދު ޚަލީލްގެ ހެކިބަހާއި ގދ. ފިޔޯރީ، ނޫރަންމާގެ، ޡަފަރުﷲ ފަހުމީގެ ހެކިބަހާ އަދި ޙައުޒާން ނިޡާމް އާއި ޢަބްދުﷲ ނާހިދު އާ ދެމެދު ވެވުނު އެއްބަސްވުމުގައި ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައިވާ ފަރާތެއް ކަމުގައިވާ ކ.މާލެ، ގ. ސެންޓްގެ، އަޙްމަދު އިޝާންގެ ހެކިބަހެވެ.

ދައުވާއަށް ރައްދުދެމުން ޢަބްދުﷲ ނާހިދު ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން އެފަރާތަށް ދީފައިވަނީ ޖުމްލަ 300,000.00ރ. (ތިންލައްކަ ރުފިޔާ) ކަމަށާއި، އެފައިސާ އަނބުރާ ދެއްކުމުގެ ގޮތުން 650,000.00ރ (ހަލައްކަ ފަންސާސްހާސް ރުފިޔާ) ޙައުޒާން ނިޡާމްއަށް ޢަބްދުﷲ ނާހިދުގެ ފަރާތުން ދީފައިވާކަމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 2251/Cv-C/2016 ޤަޟިއްޔާ ނިންމަމުން އެ ކޯޓުން ފާހަގަކުރި ކަންކަމަކީ؛

ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ސޮއިކުރެވުނު ވަގުތު އެއްބަސްވުމުގައި ބަޔާންވެގެންވާ 750,000/-ރ. (ހަތްލައްކަ ފަންސާސް ހާސް ރުފިޔާ) ފައިސާ ނެގި ފަރާތް (ޢަބްދުﷲ ނާހިދު) އާ ހަވާލުކޮށްފައިވާކަމަށް އެއްބަސްވުމުގެ 01 ވަނަ މާއްދާގައި ޞަރީޚަ ބަހުން ލިޔެފައިވާކަން.

އެއްބަސްވުމުގައި ޢަބްދުﷲ ނާހިދު ސޮއިކޮށްފައިވާކަން.

އެއްބަސްވުމުގައި ބަޔާންވެގެންވާ ޢަދަދަށް ފައިސާ ނުލިބިގެން ޢަބްދުﷲ ނާހިދު، މި މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ކުރިން އެއްވެސް ޝަކުވާއެއްކޮށް މައްސަލައެއް ޖައްސާފައިވާކަން އެނގެން ނެތުމާއެކު އެ ޢަދަދަށް ފައިސާ ލިބިފައިވާކަމަށް އެއްބަސްވުމުގައި ބަޔާންވެފައިވާ ބަޔާންކުރުން ނަފީ ކުރެވޭފަދަ ކާފީ ހެއްކެއް ޢަބްދުﷲ ނާހިދު ދައްކާފައި ނުވާތީ އެއްބަސްވުމުގައި ބަޔާންކުރާ މިންވަރަށް ފައިސާ ނުލިބޭކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް ނެތްކަން.

އަދި މި ފައިސާގެ އެއްވެސް މިންވަރެއް ޢަބްދުﷲ ނާހިދުގެ ފަރާތުން ޙައުޒާން ނިޡާމްއަށް އަނބުރާ ރައްދުކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާ ފަދަ ކާފީ ހެއްކެއް ޢަބްދުﷲ ނާހިދުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައި ނުވާކަން.

ޢަބްދުﷲ ނާހިދުގެ ބައްޕަ އަޙްމަދު ރަޝާދު ބުނެގެން އޭނާ ޒިންމާވާގޮތަށް ޙައުޒާން ނިޡާމްއަށް ދޭންޖެހޭ ފައިސާ އަދާކުރުމުގެ ގޮތުން ކާލް މެރިން ކިޔާ ކުންފުންޏެއްގެ އެކައުންޓަށް 60,000/-ރ. (ފަސްދޮޅަސް ހާސް ރުފިޔާ) ޖަމާކޮށްދީފައިވާ ކަމަށްބުނެ އަޙްމަދު ޚަލީލް ހެކިބަސްދީފައިވާކަމާއި، އަޙްމަދު ޚަލީލްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި އޮންނަ އެކައުންޓަކުން ކާލް މެރިންގެ ނަމުގައި ބީއެމްއެލް ގައި އޮންނަ އެކައުންޓަކަށް 2016/05/07 ދުވަހު 60,000/-ރ. (ފަސްދޮޅަސް ހާސް ރުފިޔާ) ޖަމާކޮށްފައިވާކަން ހުށަހެޅިފައިވާ ބޭންކް ޓްރާންސްފަރ ރިސިޕްޓުން އެނގެން އޮންނައިރު މި ފައިސާ ކާލް މެރިން އެކައުންޓަށް ޖަމާކުރީ ޢަބްދުﷲ ނާހިދުގެ ބައްޕަ އަޙްމަދު ރަޝާދު ބުނެގެންކަމަށް އަޙްމަދު ޚަލީލް ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާކަން.

ޢަބްދުﷲ ނާހިދުގެ ބައްޕަ އަޙްމަދު ރަޝާދު ބުނެގެން ޙައުޒާން ނިޡާމަށް ރައްދުކުރުމަށްޓަކައި އަޙްމަދު އިޝާން ކިޔާ މީހަކާ 450,000/-ރ. (ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ) ޙަވާލުކުރިކަމަށް ޡަފަރުﷲ ފަހުމީ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާކަން.

ޢަބްދުﷲ ނާހިދުގެ ބައްޕަ އަޙްމަދު ރަޝާދު ދަންނަކަމަށާއި އަޙްމަދު ރަޝާދު ބުނެގެން ޙައުޒާން ނިޡާމްއަށް ރައްދުކުރުމަށްޓަކައި އަޙްމަދު އިޝާންއަށް އެއްވެސް މީހަކު ފައިސާ ދީފައި ނުވާކަމަށާއި އަދި އަޙްމަދު ރަޝާދު ބުނެގެން ޡަފަރުﷲ ފަހުމީ ކިޔާ މީހަކު އޭނާއާ ހަތަރުލައްކަ ރުފިޔާ ހަވާލުނުކުރާ ކަމަށާއި ނަމަވެސް އޭނާ ޡަފަރުﷲ ފަހުމީ ދަންނަކަމަށާއި ނަމަވެސް އަޙްމަދު ޚަލީލް ކިޔާ މީހަކު ނުދަންނަ ކަމަށާއި ކާލް މެރިންގެ އެކައުންޓަށް އަޙްމަދު ޚަލީލް ކިޔާ މީހަކު 60,000/-ރ. (ފަސްދޮޅަސް ހާސް ރުފިޔާ) ޖަމާކޮށްފައިވާކަމެއް ނޭނގޭކަމަށް ބުނެ އަޙްމަދު އިޝާން ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާކަން.

މި އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ނާހިދު ދައްކަންޖެހޭ ފައިސާ އަޙްމަދު އިޝާން އާ ޙަވާލުކުރުމަށް ޢަބްދުﷲ ނާހިދުއަށް އަންގާފައި ނުވާނެކަމަށް ޙައުޒާން ނިޡާމް ބުނެފައިވާކަމާއި ފައިސާ ރައްދުކުރުމުގެ ގޮތުން އަޙްމަދު އިޝާންއާ އެއްވެސް ފައިސާއެއް ހަވާލުކުރުމަށް ޙައުޒާން ނިޡާމް އަންގާފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ޢަބްދުﷲ ނާހިދުއަށް ދެއްކިފައިނުވާކަން.

ފައިސާ އަދާކުރުމުގެ ގޮތުން ޢަބްދުﷲ ނާހިދު ދީފައިވާ އެއްވެސް ފައިސާއެއް އަޙްމަދު އިޝާންގެ ފަރާތުން ޙައުޒާން ނިޡާމްއަށް ދީފައިވާކަމަށް އަޙްމަދު އިޝާން ބުނެފައި ނުވާކަން.

އަޙްމަދު އިޝާން އާ ފައިސާ ހަވާލުކުރަންޖެހޭ ޤާނޫނީ އެއްވެސް ހަމައެއް ދެއްކިފައި ނުވާކަން.

އަޙްމަދު ރަޝާދުގެ ފަރާތުން އަޙްމަދު އިޝާން އާ ހަވާލުކުރިކަމަށް ބުނާ ފައިސާއަކީ އަޙްމަދު އިޝާންއަށް ލިބިފައިވާ ފައިސާއެއްކަން ނުވަތަ ނޫންކަން މި ޤަޟިއްޔާގައި ކަނޑައެޅުމުގެ އަހައްމިއްޔަތެއް ނެތްކަން.

މި ދަޢުވާގައި ޙައުޒާން ނިޡާމް އެދިފައިވާ ކަންކަމުގެ ތެރޭގައި ޢަބްދުﷲ ނާހިދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރަޖިސްޓްރީ ނަންބަރު A4253B-03-16-E "ރިޝްވާ" ނަމަކަށްކިޔާ ބޯޓުގެ ރަޖިސްޓްރީ އެގްރީމެންޓްގައި އެއްބަސްވެފައިވާ ގޮތަށް ޙައުޒާން ނިޡާމްގެ ނަމަށް ބަދަލުކުރުމަށް އެދި ހުށަހެޅި ހުށަހެޅުމަށް ބަލާއިރު، ރަހުނާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންވެގެންވަނީ "މި ޤާނޫނުގައި ރަހުނު ބެހެއްޓުން ކަމުގައި ބުނެފައިވަނީ ދަރަންޏެއް ނަގާއިރު އެ ދަރަނި އަދާނުކުރެވިއްޖެނަމަ ދަރަނި ދޭމީހާގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއް ބެހެއްޓުމަށެވެ. ރަހުނަކީ މިގޮތަށް ބެހެއްޓޭ ކޮންމެ އެއްޗެކެވެ." މިފަދައިން ކަމުން ރަހުނަކީ އޭގެ ޒާތުގައި ރަހުނު ހިފާމީހާގެ މިލްކަކަށް ބަދަލުކުރެވޭގޮތަށް ބެހެއްޓޭ އެއްޗެއް ނޫންކަމާއި، ރަހުނަކީ އެ ރަހުނު ނެގި ދަރަނި އަދާނުކުރެވިއްޖެނަމަ ދަރަނި ދޭމީހާގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއް ކަމާއި މިގޮތުން އެފަދަ އެއްޗެއް ވިއްކާލާ ނުވަތަ ކުއްޔަށްދީ ހެދޭނީ އެކަމާގުޅޭ ކޯޓަކަށް މައްސަލަ ހުށަހަޅައިގެންކަން.

މިގޮތުން މި މައްސަލައިގައި ހިމެނޭ ރަހުނުގެ ގޮތުގައި ބެހެއްޓިފައިވާ ބޯޓު ދަރަނި ދިންމީހާގެ ނަމަށް މިލްކުވެރިކަން ބަދަލުކުރުމަށް އެއްބަސްވެ މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ މާއްދާއަކީ ރަހުނާބެހޭ ޤާނޫނު އާއި އިސްލާމީ ޝަރީޢަތުގައި ރަހުނު ޝަރުޢުކުރެއްވުމުގެ ޙިކުމަތާ ޚިލާފަށް ރަހުނު ހިފިފަރާތަށް ރަހުނު މިލްކުކޮށްދެވޭ ގޮތަށް ލިޔެފައިއޮތް މާއްދާއެއް ކަމަށްވާތީ، އެ މާއްދާއަކީ ބާޠިލް މާއްދާއެއްކަމުން މި މުޢާމަލާތުގެ ތެރޭގައި އެ މާއްދާ ތަޠްބީޤު ނުކުރެވޭނެކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން އެނގޭކަން.

މި ދަޢުވާގައި ހިމެނޭ ދަރަންޏާ ގުޅިގެން ދަރަނި ދިން ފަރާތުގައި ރަހުނުކޮށްފައިވާ އުޅަނދު ރަހުނާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތީން ވިއްކާލުމަށް ނުވަތަ އެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތިން އެ އުޅަނދު ކުށްޔަށް ދީގެން ލިބޭފައިސާ ދަރަނި ދިންފަރާތަށް ޙަވާލުކުރުމަށް، ނުވަތަ ރަހުނަށް ބަހައްޓާފައިވާ މުދާ ރަހުނުހިފި މީހާއާ ޙަވާލުކުރުމުގެ އަމުރަކަށް ޙައުޒާން ނިޡާމް މި ޤަޟިއްޔާގެ ތެރޭގައި އެދިފައި ނުވުމާއެކު ރަހުނު ޙަވާލުކުރުމަށް ނުވަތަ ރަހުނު ވިއްކާލުމަށް ނުވަތަ ރަހުނު ކުރި މުދާ އެހެންފަރާތަކާ ޙަވާލުކޮށްގެން ލިބޭ ކުލި ރަހުނު ހިފި ފަރާތަށް ރައްދުކުރުމަށް ޝަރީޢަތުން މި ޤަޟިއްޔާގެތެރެއިން އަންގާނެ ތަނެއްނެތްކަން.

ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ނާހިދު ނަގާފައިވާ ފައިސާ އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތުގެ މަތިން އަދާކޮށްފައިނުވާތީ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވާ %5 (ފަހެއް އިންސައްތަ) އިގެ މަގުން މި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާ ހަމައަށް ޖެހޭ 585,000/-ރ. (ފަސްލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ) އާއި އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ޤާނޫނީ އަދި އިދާރީ ފީގެ ގޮތުގައި ދޭންޖެހޭ 60,000/-ރ. (ފަސްދޮޅަސް ހާސް ރުފިޔާ) އާއި އެއްބަސްވުމުގެ ދަށުން ދަރަނީގެ ގޮތުގައި ނަގާފައިވާ 750,000/-ރ. (ހަތްލައްކަ ފަންސާސް ހާސް ރުފިޔާ) އާއެކު ޖުމްލަ 1,395,000/-ރ. (އެއްމިލިއަން ތިންލައްކަ ނުވަދިހަ ފަސްހާސް ރުފިޔާ) ގެ ތެރެއިން މި ދަޢުވާގައި ޙައުޒާން ނިޡާމް ހޯދުމަށް އެދިފައިވާ 1,095,000/-ރ. (އެއްމިލިއަން ނުވަދިހަ ފަސްހާސް ރުފިޔާ) ކަމާއި މި ފައިސާއަކީ އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ނާހިދުގެ ފަރާތުން ޙައުޒާން ނިޡާމްއަށް ދޭންޖެހޭ ފައިސާއެއް ނޫންކަމަށް ބަލާނެ ޤާނޫނީ ހަމައެއް ނެތްކަން.

ސިވިލް ކޯޓުގެ ނަންބަރު 2251/Cv-C/2016 ޤަޟިއްޔާގެ ޙުކުމުގައި 1,095,000/-ރ. (އެއްމިލިއަން ނުވަދިހަ ފަސްހާސް ރުފިޔާ) އަކީ ޙައުޒާން ނިޡާމްއަށް ޢަބްދުﷲ ނާހިދު ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައި މަދުވެގެން އެ މަހަކަށް ޖެހޭވަރު ސިވިލް ކޯޓަށް ދައްކަމުންގޮސް މީލާދީ 08 (އަށެއް) މަސްދުވަހުގެ ތެރޭގައި މި ފައިސާ ޙައުޒާން ނިޡާމް އަށް ދައްކާ ޚަލާސް ކުރުމަށް ޢަބްދުﷲ ނާހިދު އަށް އަންގާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތް

ސިވިލް ކޯޓުގެ ނަންބަރު 2251/Cv-C/2016 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ދިވެހިރާއްޖޭގެ ހައިކޯޓަށް 03 (ތިނެއް) ނުކުތާއެއް ޢަބްދުﷲ ނާހިދު ހުށަހެޅިއެވެ. އެއީ:

ޙައުޒާން ނިޡާމްގެ ފަރާތުން ޢަބްދުﷲ ނާހިދުއަށް ދޭންޖެހޭނީ 700,000/-ރ. (ހަތްލައްކަ ރުފިޔާ) ކަމާއި ނަމަވެސް ޙައުޒާން ނިޡާމްގެ އަތުން ޢަބްދުﷲ ނާހިދުއަށް ލިބިފައިވަނީ 300,000/-ރ. (ތިންލައްކަ ރުފިޔާ) ކަން ޢަބްދުﷲ ނާހިދުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެނގޭއިރު، އެ ހެކިބަހަށް އެއްވެސް ވަރަކަށް ޝަރީޢަތުން ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛

ލީގަލް ފީ އަކީ ހުއްދަ ލިބިގެންވާ ޤާނޫނީ ވަކީލަކު ލައްވާ މަސައްކަތް ކުރުވާނަމަ ދޭންޖެހޭ އުޖޫރައެއްނަމަވެސް ލައިސަންސް ލިބިފައިވާ ޤާނޫނީ ވަކީލަކަށް ޝަރުއީ މަރުހަލާގައި ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް ޙައުޒާން ނިޡާމް ޚަރަދުކުރިކަން އެނގޭފަދަ ހެއްކެއް ހުށަހަޅާފައިނުވާއިރު އެ ފައިސާ ދެއްކުމަށް އަމުރުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛

ޙައުޒާން ނިޡާމްއަށް ޢަބްދުﷲ ނާހިދު ދައްކަންޖެހޭ ފައިސާ ޙައުޒާން ނިޡާމް އެދިގެން އަޙްމަދު އިޝާންއާއި ޙަވާލުކޮށްފައިވާކަން ޢަބްދުﷲ ނާހިދު ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެން އޮންނައިރު، އެ ފައިސާއާ ޙަވާލުވި ފަރާތުން ފައިސާ ލިބިފައިވާކަމަށް ޝަރީޢަތުގައި އިޢުތިރާފުވެފައި ވާއިރު، ހެކިންގެ ހެކިބަހަށް ޝަރީޢަތުން ރިޢާޔަތްކުރުމެއް ނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އެވެ.

އިސްތިއުނާފުކުރެވޭ ޤަޟިއްޔާ ނިންމަމުން ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

ކިތާބީ ހެކިން ޘާބިތުވެފައި އޮތް ފައިސާގެ މިންވަރު، ބަލިކަށިވެގެންދާފަދަ ކިތާބީ އަދި ޝަފަހީ ހެއްކެއްވިޔަސް ޢަބްދުﷲ ނާހިދުއަށް ޝަރީޢަތަށް ހުށަހެޅިފައި ނެތްކަން.

އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ދެ ޚަޞްމުންގެ މެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރުވެސް، ދެފަރާތުން އެއްބަސްވެފައިވަނީ، "ޤާނޫނީ ވަކީލަށް ދޭންޖެހޭ ފީ" އާ މެދުގައިކަމާއި ޤާނޫނީ ވަކީލަށް ދޭން ދެފަރާތް އެއްބަސްވެފައިވާ ފީ އެނޫން މީހަކަށް ޝަރީޢަތުން ލިބިދެވޭނަމަ، ދެފަރާތުން ވެފައިވާ އެއްބަސްވުމާ އެކަން ޚިލާފްވެގެން ދާނެކަން.

ބަދަލުގައި ކޯޓުތަކަށް ހާޒިރުވާ މީހުންނަށް ޤާނޫނީ ވަކީލެއް ފަދައިން ކޯޓުން ފީ ނަގައިދީ އެކަން ކޯޓުތަކުން ތަސްދީޤުކުރަންވެއްޖެނަމަ، އެކަން ވެގެންދާނީ "ލީގަލް ޕްރޮފެޝަން" ގެ އަސާސީ ހަމަތަކާ ޚިލާފުކަމެއްކަމުން، މި ޤަޟިއްޔާގައި ޤާނޫނީ ވަކީލަށް ދޭންޖެހޭ ފީގެ ގޮތުގައި ދޭންޖެހޭކަމަށް ބަޔާންކޮށްފައިވާ 60,000/-ރ. (ފަސްދޮޅަސްހާސް ރުފިޔާ) ނަގައިދީފައިވަނީ، ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ޤާނޫނީ ވަކީލަކު ލައްވާ ކުރުވި މަސައްކަތަށްކަން ސާބިތުކޮށްދެވިފައި ނުވާކަން.

ޢަބްދުﷲ ނާހިދު، ޙައުޒާން ނިޡާމްއަށް ދައްކަންޖެހޭ ފައިސާ ޙައުޒާން ނިޡާމް އެދިގެން އަޙްމަދު އިޝާންއާ ޙަވާލުކޮށްފައިވާކަން ޢަބްދުﷲ ނާހިދު ހުށަހެޅި ދެ ހެކިން ކަމުގައިވާ އަޙްމަދު ޙަލީލާއި ޡަފަރުﷲ ފަހުމީގެ ހެކިބަހުން އެނގެން ނެތްކަމާއި މި ދެމީހުންގެ ހެކިބަހުން އެނގެން އޮތީ ޢަބްދުﷲ ނާހިދުގެ ބައްޕަ އަޙްމަދު ރަޝާދު އެދިގެން އަޙްމަދު ރަޝާދު ބުނި ފަރާތަކަށް ފައިސާ ދިންކަން ކަން.

ޢަބްދުﷲ ނާހިދުގެ ބައްޕަ އަޙްމަދު ރަޝާދު އަކީ އަޙްމަދު އިޝާންގެ އަތުން ދަރަންޏަށް ފައިސާ ނަގާ އަދި އެ ފައިސާ ނުދެއްކިވާ ފަރާތެއްކަމަށް ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު އިޝާން ތުހުމަތުކުރާ ކުރުމަށް ޢަބްދުﷲ ނާހިދުގެ ފަރާތުން އިންކާރުކޮށްފައި ނެތްއިރު، ޢަބްދުﷲ ނާހިދުގެ ބައްޕަ އަޙްމަދު ރަޝާދު ބުނެގެން އަޙްމަދު އިޝާންއަށް ބަޔަކު ފައިސާ ދެއްކިނަމަވެސް އެ ފައިސާއަކީ ޙައުޒާން ނިޡާމްއަށް ދިނުމަށް ޙައުޒާން ނިޡާމް ބުނެގެން ދިން ފައިސާކަން މަދަނީ މިންގަނޑުން ޢަބްދުﷲ ނާހިދުއަށް ސާބިތުކޮށްދެވިފައި ނެތްކަން.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/47 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކޮށްފައި ވަނީ، އެއްބަސްވުމުގެ ދަށުން ދަރަންޏަށް ނަގާފައިވާ 750,000/-ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ) އާއި އެއްބަސްވުމުގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދުވާލަކަށް %5 (ފަހެއް އިންސައްތަ) ގެ ރޭޓުން ދައްކަންޖެހޭ ފައިސާ ނަގައިދިނުމަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ތާޢީދުކޮށް، މައްސަލަ ޝަރީޢަތަށް ހުށަހަޅަންޖެހުމުގެ ސަބަބުން އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ 60,000/-ރ. (ފަސްދޮޅަސްހާސް ރުފިޔާ) (ޤާނޫނީ ވަކީލަށް ދޭންޖެހޭ ފީ) ނަގައި ދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 2251/Cv-C/2016 ޤަޟިއްޔާގެ ޙުކުމުގައި، ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް ހައިކޯޓުން މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާއާއި އެ ނުކުތާއަށް ދީފައިވާ ރައްދު

މި މައްސަލައިގައި ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ ޢަބްދުﷲ ނާހިދުގެ ފަރާތުން ސުޕްރީމް ކޯޓުގައި މައިގަނޑު 02 (ދޭއް) ނުކުތާ ފާހަގަކޮށްފައިވެއެވެ.

ފުރަތަމަ ނުކުތާ: ޢަބްދުﷲ ނާހިދުގެ ފަރާތުން ޙައުޒާން ނިޡާމްއާ ފައިސާ ޙަވާލުކުރިކަން އެނގޭ ހެކިންގެ ލިޔުންތަކެއް ޝަރީޢަތަށް ހުށަހެޅުމުން، ސިވިލް ކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް އެއިން އެއްވެސް ހެއްކަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛

ދެވަނަ ނުކުތާ: އެއްބަސްވުމުގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 5% ގެ ރޭޓުން ޖުމްލަ ގެއްލުމުގެ ބަދަލުގެ ގޮތުގައި 285,000.00ރ. (ދެލައްކަ އަށްޑިހަފަސްހާސް ރުފިޔާ) ދެއްކުމަށް ޢަބްދުﷲ ނާހިދުގެ މައްޗަށް ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް އަންގާފައިވާއިރު، ޙައުޒާން ނިޡާމްއަށް ލިބިފައިވަނީ ކޮން ގެއްލުމެއްކަން ބަޔާންކޮށްފައި ނުވާކަމަށާއި، އަދި 5% ގެ ރޭޓުން ޖޫރިމަނާ ދެއްކުމަށް ޖަޒާއީ ޝަރުޠެއް ކޮންޓްރެކްޓުގައި ހިމަނާފައިވާއިރު، އެއްވެސް ލިމިޓެއް ނުވަތަ ހިފެހެއްޓުމެއް ނެތި ޖޫރިމަނާ ފައިސާ ނަގައިދެވޭކަމަށް ވާނަމަ، އެފަދަ ފައިސާއަކީ އިންޞާފުގެ ހަމައިން ނެގޭ އެއްޗެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އެވެ.

ޢަބްދުﷲ ނާހިދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ޙައުޒާން ނިޡާމްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މައްސަލައިގައި އެންމެ ފުރަތަމަ ދެ ފަރާތުގެ ދެމެދު މުޢާމަލާތު ކުރެވުނު ހިސާބުން ފެށިގެން މައްސަލައިގައި ހިމެނޭ މުޢާމަލާތުގެ ގެއްލުމުގެ ބަދަލު ދިނުމަށް ދެ ފަރާތުން އެއްބެސްވެ، މި މުޢާމަލާތާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށް، ފިންގަރ ޕްރިންޓް ޖަހާފައިވާ އެއްބަސްވުމުގައި ގެއްލުމުގެ ބަދަލު ދޭންޖެހެނީ ކީއްވެގެން، ގެއްލުން ލިބުނީ ކިހިނެއްކަން، ލިބުނު ގެއްލުމަކީ ކޮބައިކަން ނޭނގޭ ކަމަށް ދޭހަވާ ގޮތަށް ދައްކާ ވާހަކަތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޙައްޤު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، މިކަމުން ބަރީޢަވުމަށްޓަކައި ދައްކަމުންދާ އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމުގައެވެ. ސިވިލް ކޯޓުގެ ނަންބަރު 2251/Cv-C/2016 (28 ސެޕްޓެންބަރު 2017) ޤަޟިއްޔާއިން ނިންމަވާފައިވާ މައްސަލައިގައި ސާބިތުވާ ކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާ ގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެންޖެހޭ ފައިސާ އަކީ އެއްފަހަރާ ދީ ޚަލާސް ކުރުމަށް އިސްތިއުނާފު ކުރާ ފަރާތަށް އަންގައި އަމުރުކޮށްދިނުމަށް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާ

މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ގޮތެއް ކަނޑައަޅަންޖެހެނީ؛

މި މައްސަލައިގައި ހެކި ވަޒަންކޮށްފައިވާ ގޮތުގެ މައްޗަށާއި،

ޙައުޒާން ނިޡާމް އާއި ޢަބްދުﷲ ނާހިދުއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ %5 (ފަހެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާ ދެއްކުމަށް ޖަޒާއީ ޝަރުޠެއް ކޮންޓްރެކްޓުގައި ހިމަނާފައިވާއިރު، ޙައުޒާން ނިޡާމްއަށް ލިބިފައިވަނީ ކޮން ގެއްލުމެއްކަން ބަޔާންކޮށްފައިނެތީސް، އެއްވެސް ލިމިޓެއް ނުވަތަ ހިފެހެއްޓުމެއް ނެތި ޖޫރިމަނާ ފައިސާ ނަގައިދެވޭކަމަށް ވާނަމަ، އެފަދަ ފައިސާއަކީ އިންޞާފުގެ ހަމައިން ނެގޭ އެއްޗެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ އާ ގުޅޭ ގޮތުންނެވެ.

ހެކި ވަޒަން ކުރުން

ޢަބްދުﷲ ނާހިދުގެ ފަރާތުން ޙައުޒާން ނިޡާމްއާ ފައިސާ ޙަވާލުކުރިކަން އެނގޭ ހެކިންގެ ލިޔުންތަކެއް ޝަރީޢަތަށް ހުށަހެޅުމުން، ސިވިލްކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް އެއިން އެއްވެސް ހެއްކަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ޢަބްދުﷲ ނާހިދުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު، ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމާއެކު، ތ. ކަނޑޫދޫ، ހުވަދުމާގެ، އަޙްމަދު ޚަލީލް އާއި ގދ. ފިޔޯރީ، ނޫރަންގެ، ޡަފަރުﷲ ފަހުމީ، "ޙައުޒާން ނިޡާމް، ދިލްކަޝްގެ ހއ. ދާންދޫ އަތުން ޢަބްދުﷲ ނާހިދު، އަލްފާ، ރ. މީދޫ އަބުރާ ދައްކާގޮތަށް ނަގާފައިވާ 300,000/- (ތިންލައްކަ ރުފިޔާ) އަބުރާ ދައްކާފައިވާ ކަމަށް އެއްބަސްވާ ހެކިވެރިންގެ ހެކިބަސް" މި ނަމުގައި ސޮއިކޮށްފައިވާ ލިޔުމަކާއި، އަޙްމަދު ޚަލީލްގެ ނަމުގައި "ކާލް މެރިން" ގެ ނަމުގައި އޮތް އެކައުންޓަކަށް 60,000/-ރ. (ފަސްދޮޅަސް ހާސް ރުފިޔާ) ޖަމާކުރުމާ ގުޅޭ ބޭންކް ޓްރާންސްފަރ ސްލިޕްގެ ކޮޕީއެއް ޢަބްދުﷲ ނާހިދުގެ ފަރާތުން ހުށަހަޅާފައިވެއެވެ. ބުނެވުނު ލިޔުންތަކަކީ ސިވިލް ކޯޓަށް ވެސް ޢަބްދުﷲ ނާހިދުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކެއްކަން ސިވިލް ކޯޓުގެ ނަންބަރު 2251/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

މިގޮތުން ޢަބްދުﷲ ނާހިދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލާއިރު، ދަޢުވާއިން ދިފާޢުވުމަށް ހުށަހަޅާ ޝަފަހީ ހެކިންގެ ގޮތުގައި 18 އޯގަސްޓު 2016 ގައި ޢަބްދުﷲ ނާހިދުގެ ފަރާތުން ހުށަހެޅި ހެކިންގެ ލިސްޓްގައި 03 ފަރާތެއް ހުށަހަޅާފައިވެއެވެ. އެއީ؛ ގދ. ފިޔޯރީ، ނޫރަންމާގެ، ޡަފަރުﷲ ފަހުމީއާއި ބ. ދަރަވަންދޫ، އަކިރި، ހަމްދޫން ޢަބްދުﷲ އާއި ތ. ކަނޑޫދޫ، ހުވަދުމާގެ، އަޙްމަދު ޚަލީލް އެވެ. މި 03 ފަރާތުގެ ތެރެއިން ހަމްދޫން ޢަބްދުﷲ ގެ ހެކިބަސްފިޔަވައި ބުނެވުނު ލިސްޓްގައި ހިމެނުނު އަޙްމަދު ޚަލީލް އަދި ޡަފަރުﷲ ފަހުމީގެ ހެކިބަސް ސިވިލް ކޯޓުން ނަގާފައިވާކަން އެނގެން އޮވެއެވެ.

ޙައުޒާން ނިޡާމްގެ ފަރާތުން ދަޢުވާ ސާބިތުކުރުމުގެ ގޮތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ޢަބްދުﷲ ނާހިދު އާއި ޙައުޒާން ނިޡާމް އާ ދެފަރާތުގެ ދެމެދު 01 ފެބްރުވަރީ 2016 ގައި ސޮއިކުރެވުނު އެއްބަސްވުމާއި ފައިސާގެ އަދަދުގެ ގޮތުގައި 75,000/-ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ގެ އަދަދެއް ހިމަނާފައިވާ 0000017 ގެ ބައުންސް ޗެކާއި، ފައިސާގެ އަދަދުގެ ގޮތުގައި 375,000/-ރ. (ތިންލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) ގެ އަދަދެއް ހިމަނާފައިވާ 0000020 ގެ ބައުންސް ޗެކް، ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ. މިގޮތުން ހަވާލާދެވުނު އެއްބަސްވުމަކީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމެއްކަމާމެދު ޢަބްދުﷲ ނާހިދުގެ ފަރާތުން ދަށުކޯޓުގައި އިންކާރުކޮށް އެކަމާގުޅޭގޮތުން ވާހަކަ ދައްކާފައިވާކަން އެނގޭކަށް ނެތެވެ. ޢަބްދުﷲ ނާހިދުގެ ފަރާތުން އިންކާރުކޮށްފައިވަނީ އެއްބަސްވުމުގެ 01 ވަނަ މާއްދާގައި އެގްރީމެންޓްގައި ސޮއިކުރެވުނު ވަގުތު ޙައުޒާން ނިޡާމްގެ ފަރާތުން 750,000/-ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ) ޢަބްދުﷲ ނާހިދުއާ ޙަވާލުކޮށްފައިވާކަމަށް ބުނެފައިވާ ބުނުމާމެދުއެވެ.

މިގޮތުން ޢަބްދުﷲ ނާހިދުގެ ފަރާތުން ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ބުނެފައިވަނީ ދަޢުވާގައި ބަޔާންކުރާ ފައިސާގެ މުޢާމަލާތުގެ ތެރެއިން ޢަބްދުﷲ ނާހިދުއަށް ލިބިފައިވަނީ 300,000/-ރ. (ތިންލައްކަ ރުފިޔާ) ކަމަށެވެ.

ޢަބްދުﷲ ނާހިދުގެ ފަރާތުން ޙައުޒާން ނިޡާމްއާއި ފައިސާ ޙަވާލުކުރިކަން އެނގޭ ހެކިންގެ ލިޔުންތަކެއް ޝަރީޢަތަށް ހުށަހެޅުމުން، ސިވިލް ކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް އެއިން އެއްވެސް ހެއްކަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ޢަބްދުﷲ ނާހިދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާއާ ގުޅިގެން، ކަންހިނގާފައިވާ ގޮތަށް ބަލާއިރު ބ. ދަރަވަންދޫ، އަކިރި، ހަމްދޫން ޢަބްދުﷲ ގެ ހެކިބަސް ސިވިލް ކޯޓުން ނަގާފައިވާކަން، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގޭކަށްނެތެވެ.

ފަނޑިޔާރުންނަށް ލިބިދީފައިވާ ހެކި ވަޒަން ކުރުމުގެ އިޚްތިޔާރީ ބާރާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ؛

"...ފަނޑިޔާރު (ޤާޟީ) ގެ އިޤްތިނާޢު (ޤާޟީއަށް ޤަބޫލުކުރެވުން) ކަނޑައެޅުމުގައި ފަނޑިޔާރަށް ލިބޭ މިނިވަން އިޚްތިޔާރީ ބާރުގެ ދަށުން ވަކި ހެކިބަހެއްގައި ހިފުމާއި ދޫކޮށްލުމުގެ އިޚްތިޔާރު ލިބިގެންވީނަމަވެސް ހެކި ވަޒަންކުރުމުގެ އިޚްތިޔާރީ ބާރު އެ ހެކިބަހުގެ އަޑުއެހުމަކާނުލައި ޤާޟީއަށް ލިބިގެން ނުވާނެކަން އެނގޭކަމާއި ކޯޓަކަށް އެ ކޯޓުން އަޑުނާހައި އޮތް ހެކިބަސް ތަކެއްގެ އަންދާޒާއެއް ނުވަތަ ލަފައެއް ނުކުރެވޭނެކަމާ އަދި އަމުދުން އެ ހެކިބަހަކީ ދިފާޢުވާ ފަރާތުން އަޑުއަހަން އެދޭ ހެކިބަހަކަށް ވެއްޖެނަމަ އެ ހެކިބަހުގެ އަޑުއެހުމަކާނުލައި ނިންމާ ނިންމުމަކީ ދިފާޢުވުމުގެ ޙައްޤަށް ބުރޫއަރާނެ ކަމެއްކަމާއި ޤާނޫނީ ގޮތުން ހެކިންނާ ސުވާލުކުރުމަށްފަހުގައި މެނުވީ ހެކިބަހާމެދު ކޯޓުން ދެކޭގޮތް ކަނޑައެޅުމުގެ ޙައްޤު ކޯޓަށް ނުލިބޭނެކަމާއި، މައްސަލައިގައި ސާބިތުވާގޮތްކަމަށް ފަނޑިޔާރަށް ކުރިން ޤަބޫލުކުރެވިފައި އޮތްގޮތް، އަޑުނޭހި އޮތް ހެކިބަހެއް އަޑުއެހުމުން ބަދަލުވާގޮތްވުމަކީ އެކަށީގެންވާކަމެއްކަން އެނގެން އޮންނަ.." ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދަށުކޯޓަށް ހުށަހެޅުނު ހެކިންގެ ލިސްޓްގައި ބ. ދަރަވަންދޫ، އަކިރި، ހަމްދޫން ޢަބްދުﷲގެ ނަން ހިމަނައި "ޙައުޒާން ނިޡާމް، ދިލްކަޝްގެ ހއ. ދާންދޫ އަތުން ޢަބްދުﷲ ނާހިދު، އަލްފާ، ރ. މީދޫ އަބުރާ ދައްކާގޮތަށް ނަގާފައިވާ 300,000/- (ތިންލައްކަ ރުފިޔާ) އަބުރާ ދައްކާފައިވާ ކަމަށް އެއްބަސްވާ ހެކިވެރިންގެ ހެކިބަސް" މި ނަމުގައި ޙަމްދޫން ޢަބްދުﷲ ގެ ނަމުގައި ސޮއިކޮށްފައިވާ ލިޔުމެއް ޢަބްދުﷲ ނާހިދުގެ ފަރާތުން ހުށަހަޅާފައިވީނަމަވެސް، ކުރިންވެސް ބުނެވުނުފަދައިން ސިވިލް ކޯޓުގައި ޙަމްދޫން ޢަބްދުﷲ ގެ ހެކިބަސް ނަގާފައެއް ނުވެއެވެ. އަދި ހަމްދޫން ޢަބްދުﷲ ގެ ހެކިބަސް ސިވިލް ކޯޓުން ނަގާފައި ނުވާ ސަބަބު، ސިވިލް ކޯޓުގެ ރިޕޯޓުން އެނގޭކަށްނެތެވެ.

ބުނެވުނު ޙާލަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ހަމްދޫން ޢަބްދުﷲގެ ހެކިބަސް ސިވިލް ކޯޓުން ނެގިނަމަ، އެ ހެކިބަހަކީ މައްސަލައިގައި ސާބިތުވާގޮތްކަމަށް ފަނޑިޔާރަށް ކުރިން ޤަބޫލުކުރެވިފައި އޮތްގޮތަށް ބަދަލު އަންނަފަދަ ހެކި ބަހެއްތޯ ބަލާއިރު، ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙަމްދޫން ޢަބްދުﷲގެ ނަމުގައި ސޮއިކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ؛

"...މި ލިޔުމަކީ 01 ފެބްރުއަރީ 2016 ދުވަހު ޙައުޒާން ނިޡާމް، އައިޑީ ކާޑް ނަންބަރުއަތުން ޢަބްދުﷲ ނާހިދު، އަލްފާ، ރ. މީދޫ އައިޑީކާޑް ނަންބަރުއަބުރާ ދައްކާގޮތަށް ނަގާފައިވާ 300,000.00 (ތިންލައްކަ ރުފިޔާ) ދެއްކުމަށްޓަކާ އަޅުގަނޑު ހަމްދޫން ޢަބްދުﷲ މެދުވެރިކޮށް، މި ފައިސާ ދެއްކިކަން ސާބިތުކުރުމަށްޓަކާ ޢަބްދުﷲ ނާހިދު އަށް ދީފައިވާ ލިޔުމެކެވެ. މި ލިޔުމުގައިވާ ފައިސާ ދެއްކުމަށް ޙައުޒާން ނިޡާމް ހަވާލުކޮށްފައިވާ ފަރާތަށް ތިރީގައި މިވާ ފައިސާ ހަވާލުކޮށްފައިވަނީ އަޅުގަނޑުގެ ހާޒިރުގައެވެ.

40,000.00 (ސާޅީސް ހާސް) ރުފިޔާ "ނަގުދު ފައިސާއިން" މި ފައިސާ ދެއްކުމަށް ޙައުޒާން ނިޡާން ހަވާލުކޮށްފައިވާ ފަރާތަށް ހަވާލުކުރި.

މި ލިޔުމުގައި އަޅުގަނޑު ސޮއިކޮށް އިނގިލީގެ ނިޝާން މިޖަހަނީ މަތީގައިވާ ފައިސާއަކީ ޙައުޒާން ނިޡާމްއަށް ޢަބްދުﷲ ނާހިދު އަނބުރާ ދައްކާގޮތަށްނެގި ފައިސާ، ދެއްކުމަށް، ޙައުޒާން ނިޡާމް ހަވާލުކޮށްފައިވާ ފަރާތަށް، ޢަބްދުﷲ ނާހިދުގެ ފަރާތުން ދައްކާފައިވާ ފައިސާއެއް ކަމަށް، ކަނޑައެޅިގެން ޝައްކެއްނެތް މިންވަރަށް އަޅުގަނޑަށް އެނގޭތީއެވެ."

މި ފަދައިންނެވެ. މިގޮތުން ޙަމްދޫން ޢަބްދުﷲ ގެ ނަމުގައި ސޮއިކޮށްފައިވާ މި ލިޔުމަށް ބަލާއިރު، މި ލިޔުމުގައިވެސް ބުނެފައިވަނީ ފައިސާ ހަވާލުކޮށްފައިވަނީ ފައިސާ ދެއްކުމަށް ޙައުޒާން ނިޡާމް ހަވާލުކޮށްފައިވާ ފަރާތާ ކަމަށެވެ. މިގޮތުން މި ލިޔުމުން ފައިސާ ދެއްކުމަށް ޙައުޒާން ނިޡާމް ހަވާލުކުރީ ކޮންފަރާތަކަށް ކަމެއް ބުނެދީ ފައެއް ނުވެއެވެ.

އެހެންކަމުން، މި މައްސަލައިގައި ޢަބްދުﷲ ނާހިދުގެ ފަރާތުން މަދަނީ މިންގަނޑުން ސާބިތުކޮށް ދޭންޖެހެނީ ޙައުޒާން ނިޡާމްއަށް ޢަބްދުﷲ ނާހިދު ދައްކަންޖެހޭ ފައިސާ ޙައުޒާން ނިޡާމްއާ ހަވާލުކުރެވުނުކަން ކަމަށްވާއިރު، ޙައުޒާން ނިޡާމްއަށް ފައިސާ ލިބިފައިވާ ކަމާމެދު އޭނާ އިންކާރު ކުރާ ޙާލަތުގައި، އަދި ފައިސާ ދެއްކުމަށް ފައިސާ ހަވާލުކުރީ ކޮންފަރާތެއްކަން ބުނުމެއްނެތި، އެ ފައިސާ ޙައުޒާން ނިޡާމްއަށް ދެއްކުމަށް އެހެން ފަރާތަކަށް ދެއްކިކަމަށް ހަމައެކަނި ބުނާބުނުމަކުން ފައިސާ ޙައުޒާން ނިޡާމްއަށް ލިބިފައިވާކަމަށް ނުބެލެވޭނެތީ، ޙަމްދޫން ޢަބްދުﷲ ގެ ނަމުގައި ސޮއިކޮށްފައިވާ ބުނެވުނު ލިޔުމަށް ސިވިލް ކޯޓުން ރިޢާޔަތް ނުކޮށް ދޫކޮށްލާފައި ވުމަކީ، މި މައްސަލައިގައި ސާބިތުވާކަމަށް ފަނޑިޔާރަށް ބުރަވެވޭ ޙަޤީޤަތްތަކަށް ބަދަލެއް އަތުވެދާނެފަދަ ކަމެއް ކަމަށް އަހުރެންނަކަށް ބުރައެއް ނުވެވެއެވެ.

ޢަބްދުﷲ ނާހިދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން ސާބިތުކުރުމަށް ޢަބްދުﷲ ނާހިދު ސިވިލް ކޯޓަށް ހުށަހެޅި ހެކިންގެ ތެރެއިން އަޙްމަދު ޚަލީލް އަދި ޡަފަރުﷲ ފަހުމީ ޝަރީޢަތަށް ހާޒިރުކޮށް ނަގާފައިވާ ހެކި ބަހުންވެސް، އެނގެން އޮތީ، ޢަބްދުﷲ ނާހިދުގެ ބައްޕަ އަޙްމަދު ރަޝާދު ބުނެގެން ފައިސާގެ ވަކި މިންވަރެއް، ޙައުޒާން ނިޡާމް އާއި ޢަބްދުﷲ ނާހިދުއާ ދެމެދު ވެވުނު އެއްބަސްވުމުގައި ހެއްކެއްގެ ގޮތުގައި ސޮއިކުރި ފަރާތެއް ކަމަށްވާ، އަޙްމަދު އިޝާންއަށް ރައްދު ކުރެވުނުކަމަށް އެ ހެކިވެރިން ބުނެފައިވާކަމެވެ.

އަޙްމަދު ޚަލީލް އަދި ޡަފަރުﷲ ފަހުމީގެ ހެކިބަހުގައިވެސް އެއްބަސްވުމުގެ ދަށުން ޙައުޒާން ނިޡާމްއަށް ލިބެންޖެހޭ ފައިސާ އަޙްމަދު އިޝާންއަށް ޖަމާކުރީ އެގޮތަށް ސީދާ ޙައުޒާން ނިޡާމް އަންގައިގެން ކަމަށްބުނެ، އެކަމާގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައިވާކަން އެނގޭކަށް ނެތެވެ. އަދި އެކަން އެނގޭނެ އެއްވެސް ލިޔުމެއް ވެސް ހުށަހަޅާފައިވާކަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭކަށްނެތެވެ. ސިވިލް ކޯޓުގައި ހެކިބަސް ދިން ދެފަރާތުގެ ތެރެއިން ޡަފަރުﷲ ފަހުމީގެ ހެކިބަހުގައި އަޙްމަދު އިޝާންއާ ފައިސާ ހަވާލުކުރީ ޙައުޒާން ނިޡާމްއާ ހަވާލުކުރަންޖެހޭ ފައިސާ ހަވާލުކުރަންޖެހޭނީ އަޙްމަދު އިޝާން އާ ކަމަށް އަންގާފައިއޮތީމައި ކަމަށާއި އެ ވާހަކަ ޡަފަރުﷲ ފަހުމީ ގާތުގައި ބުނީ ޢަބްދުﷲ ނާހިދުގެ ބައްޕަ ރަޝާދު ކަމުގައި ބުނެފައި އޮންނަކަން އެނގެން އޮވެއެވެ.

މިގޮތުން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު އިޝާން ދީފައިވާ ހެކިބަހަށް ބަލާއިރު، އެ ހެކިބަހުގައި ބުނެފައިވަނީ؛

"ޙައުޒާން ނިޡާމްއަކީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެކެވެ. ވިޔަފާރީގެ އެއްވެސް ގުޅުމެއް ނޯންނާނެއެވެ. ޢަބްދުﷲ ނާހިދެއް އަޅުގަނޑު ނުދަންނަމެވެ. ޢަބްދުﷲ ނާހިދުގެ ބައްޕަ ރަޝާދު ދަންނަމެވެ. ރަޝާދަކީ އަޅުގަނޑުގެ ރައްޓެއްސެކެވެ. ޙައުޒާން ނިޡާމްއާއި ޢަބްދުﷲ ނާހިދުއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނުކަން އިނގެއެވެ. އެ އެއްބަސްވުމުގައި ހެއްކެއްގެ ގޮތުގައި އަޅުގަނޑު ސޮއިކުރީމެވެ. އެއްބަސްވުމުގައި އޮތް ޢަދަދަށް ފައިސާ ދިނެވެ. އަޅުގަނޑަށް އިނގިފައި އޮތީ އެފައިސާ ނުދައްކާ ކަމަށެވެ. ރަޝާދު ބުނެގެން އަޅުގަނޑަށް އެއްވެސް މީހަކު ފައިސާއެއް ނުދެއެވެ. ކާލް މެރިންއަކީ އަޅުގަނޑުގެ ކުންފުންޏެކެވެ. ޡަފަރުﷲ ފަހުމީ ދަންނަމެވެ. ރަޝާދު ބުނެގެން ޡަފަރުﷲ ފަހުމީ އަޅުގަނޑަށް ހަތަރު ލައްކަ ރުފިޔާ ޙަވާލެއް ނުކުރެއެވެ. އަޙްމަދު ޚަލީލެއް ނުދަންނަމެވެ. ކާލް މެރިންގެ އެކައުންޓަށް އަޙްމަދު ޚަލީލް ފަސްދޮޅަސް ހާސް ރުފިޔާ ޖަމާކުރިކަމެއް ނޭނގެއެވެ. އަޅުގަނޑުގެ އެކައުންޓަށް ޖަމާކުރިކަމެއްވެސް ނޭނގެއެވެ. ރަޝާދު ދޭތެރެ ދޭތެރެއިން އަޅުގަނޑުގެ އަތުން ލާރި ގެންދެއެވެ. ގެންދިއުމަށްފަހު ގެނެސްފައި ހުންނާނެއެވެ. މިހާރުވެސް އެއްލައްކަ ރުފިޔާ ގެންދިއުމަށްފަހު އަނބުރާ ނުދީ އެބަހުއްޓެވެ. އެ މައްސަލަ މިކޮޅަށް ހުށަހަޅާފައިވާނެއެވެ. އޭގެ ޗެކުވެސް އޮންނާނެއެވެ. ރަޝާދު ދޭންވާ ފައިސާއެއްވެސް އަޅުގަނޑަށް މިވީހާ ތަނަށް ލިބިފައެއް ނުވެއެވެ. ތަންކޮޅެއް ކުރިން ދެދުވަހެއްގެތެރޭ އަނބުރާ ދޭގޮތަށް ގެންގޮސްފައިހުރި ފައިސާ ޓްރާންސްފަރ ކޮށްފައި އެބަހުއްޓެވެ. އެކަން އެވަރަކަށް ހަނދާނެއްނެތެވެ. ޙައުޒާން ނިޡާމަށް ދޭންޖެހޭ އެއްވެސް ފައިސާއެއް އަޅުގަނޑަށް ޙަވާލެއް ނުކުރެއެވެ."

މިފަދައިންކަން އެނގެން އޮވެއެވެ. އަޙްމަދު އިޝާން ސިވިލް ކޯޓުގައި ދީފައިވާ ބުނެވުނު ހެކިބަހަށް ބަލާއިރު، ޢަބްދުﷲ ނާހިދުގެ ފަރާތުން ޙައުޒާން ނިޡާމް އާ ހަވާލުކުރަންޖެހޭ ފައިސާ ޙައުޒާން ނިޡާމްއަށް ރައްދުކޮށްދިނުމުގެ ގޮތުން އެ ފައިސާ ހަވާލު ކުރެވުނު ފަރާތަކީ އަޙްމަދު އިޝާން ކަމަށް ޢަބްދުﷲ ނާހިދުގެ ފަރާތުން ހުށަހެޅި ދެހެކިން ކަމުގައިވާ އަޙްމަދު ޚަލީލް އަދި ޡަފަރުﷲ ފަހުމީ ބުނެފައިވާ ބުނުން ނަފީކޮށް ޙައުޒާން ނިޡާމްއަށް ދޭންޖެހޭ އެއްވެސް ފައިސާއެއް އަޙްމަދު އިޝާން އާ ހަވާލުކުރިކަމަށް އޭނާ އިންކާރުކުރާ ކަން އެނގެން އޮވެއެވެ.

އެހެން ކަމުން، ސިވިލް ކޯޓުގެ ނަންބަރު 2251/Cv-C/2016 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/47 ޤަޟިއްޔާގައިވެސް ޢަބްދުﷲ ނާހިދުގެ ބައްޕަ އަޙްމަދު ރަޝާދު ބުނެގެން އަޙްމަދު އިޝާންއަށް ބަޔަކު ފައިސާ ދެއްކި ނަމަވެސް އެ ފައިސާއަކީ ޙައުޒާން ނިޡާމްއަށް ދިނުމަށް ޙައުޒާން ނިޡާމް ބުނެގެން ދިން ފައިސާކަން މަދަނީ މިންގަނޑުން ޢަބްދުﷲ ނާހިދުއަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ %5 (ފަހެއް އިންސައްތަ) ގެ ޖޫރިމަނާ

ޙައުޒާން ނިޡާމް އާއި ޢަބްދުﷲ ނާހިދުއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ %5 (ފަހެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާ ދެއްކުމަށް ޖަޒާއީ ޝަރުޠެއް ކޮންޓްރެކްޓުގައި ހިމަނާފައިވާއިރު، ޙައުޒާން ނިޡާމްއަށް ލިބިފައިވަނީ ކޮން ގެއްލުމެއްކަން ބަޔާންކޮށްފައިނެތީސް، އެއްވެސް ލިމިޓެއް ނުވަތަ ހިފެހެއްޓުމެއް ނެތި ޖޫރިމަނާ ފައިސާ ނަގައިދެވޭކަމަށް ވާނަމަ، އެފަދަ ފައިސާއަކީ އިންޞާފުގެ ހަމައިން ނެގޭނެ އެއްޗެއް ނޫންކަމަށް ޢަބްދުﷲ ނާހިދުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

ދެފަރާތުން ވި އެއްބަސްވުމުގައި ހިމަނާފައިވާ ޖަޒާއީ ޝަރުޠުގެ ދަށުން ޙައުޒާން ނިޡާމްއަށް ލިބިފައިވަނީ ކޮން ގެއްލުމެއްކަން ބަޔާންކޮށްފައިނެތީސް، އެއްވެސް ލިމިޓެއް ނުވަތަ ހިފެހެއްޓުމެއް ނެތި ޖޫރިމަނާ ފައިސާ ނަގައިދެވޭކަމަށް ވާނަމަ، އެފަދަ ފައިސާއަކީ އިންޞާފުގެ ހަމައިން ނެގޭ އެއްޗެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ އަށް ބަލާއިރު، ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއްކުރުމުން ލިބުނު ގެއްލުމަކަށް އެ ޢަމަލުކުރި މީހަކު ބަދަލުދޭން ޖެހޭނެ ކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ބަދަލު ލިބިދެވޭނީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމަށާއި، އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް ދުރާލާ އެނގިފައިވާ ގެއްލުންތަކަށްކަން އެ މާއްދާގެ (ހ) އަދި (ށ) އަށް ބެލުމުން އެނގެއެވެ.

ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ބަޔާންކުރައްވާފައިވާ ފަދައިން މަދަނީ މުޢާމަލާތެއްގައި ބަދަލު (damages) އަކީ ގެއްލުން ލިބުނު ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދެވޭ ފައިސާގެ ޢަދަދެކެވެ. މި ފައިސާ ނަގައިދެވޭނީ ގެއްލުން ލިބުނު ފަރާތަށް (ނުވަތަ އޭނާގެ ޙައްޤަކަށް ނުވަތަ އޭނާގެ މުދަލަކަށް) ގެއްލުން ދިން ފަރާތުގެ ކިބައިންނެވެ. ކޮންޓްރެކްޓްތަކާ ގުޅިގެން މިފަދަ ބަދަލު ލިބިދެވެނީ ކޮންޓްރެކްޓާ ޚިލާފްވެއްޖެނަމަ، ކޮންޓްރެކްޓާ ޚިލާފުވި ފަރާތުގެ ކިބައިންނެވެ. އަދި އެއްބަސްވުމަކާ ޚިލާފްވެފައިވާ ޙާލަތުގައި ގެއްލުން ލިބުނު ފަރާތަށް އޭގެ މާލީ ބަދަލު ލިބިދިނުމަށްޓަކައި ސާބިތުވާންޖެހޭ ކަންތައްތަކެއް ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި ފާހަގަކުރައްވާފައި ވެއެވެ. އެކަންކަމަކީ؛

އެއްބަސްވުމާ ޚިލާފްވުމުގެ ސަބަބުން ގެއްލުމެއް ވެފައިވުން؛

ލިބިފައިވާ ގެއްލުމަކީ ގެއްލުމުގެ ބަދަލު ލިބިދެވޭފަދަ ޚިލާފުވުމެއް ކަމުގައިވުން؛ އަދި

އެއްބަސްވުމާ ޚިލާފުވެފައިވުމާއި ލިބުނު ގެއްލުމާ ގުޅުމެއްވުން؛ މިއެވެ.

އަދި ބުނެވުނު ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުގައިވާ ފަދައިން "އެއްބަސްވުމާ ޚިލާފުވެގެން މަދަނީ މުޢާމަލާތްތަކުގައި ނަގައިދެވޭ ގެއްލުމުގެ ބަދަލަކީ ޢާންމު އުސޫލެއްގެ ގޮތުން ގެއްލުން ލިބުނު ފަރާތަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ނަގައިދެވޭ ބަދަލެކެވެ. އެއްބަސްވުމާ ޚިލާފުވި ފަރާތަށް އަދަބެއް ނުވަތަ ޢުޤޫބާތެއް ދިނުމުގެ ގޮތުން ފައިސާގެ މިންވަރެއް ނަގައިދިނުމެއްނޫނެވެ."

މިގޮތުން، ޙައުޒާން ނިޡާމް އާއި ޢަބްދުﷲ ނާހިދު އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛

"މި އެގްރީމެންޓްގެ 05 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިސާނެގި ފަރާތުން ފައިސާ އަބުރާ ދެއްކުމުގެ ގޮތުން ފައިސާ ދޫކުރި ފަރާތަށް ދޫކޮށްފައިވާ އެއްވެސް ޗެކަކަށް އެ ޗެކްގައި ފައިސާނެގޭނެ ކަމަށް ޖަހާފައިވާ ތާރީޚްގައި ފައިސާ ނުނެގިގެން، މި އެގްރީމެންޓްގެ 07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ފައިސާނެގި ފަރާތުން ޢަމަލުނުކޮށްގެން ޝަރީޢަތަށްދާންޖެހިއްޖެނަމަ މައްސަލަ ޝަރީޢަތަށް ހުށަހެޅުމާއި ހަމައަށް އިތުރަށް ހިނގާފައިވާ ކޮންމެ ދުވަހަކަށް ދުވާލަކަށް، އެ ޗެކަކުން ނެގޭނެކަމަށް ޖަހާފައިވާ ފައިސާގެ ޢަދަދުގެ %5 (ފަހެއް އިންސައްތަ) ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާދޫކުރި ފަރާތަށް ދިނުމަށް ފައިސާނެގި ފަރާތުން އެއްބަސްވެއެވެ."

މިފަދައިންކަން އެނގެން އޮވެއެވެ. މި މައްސަލައާ ގުޅިގެން ޙައުޒާން ނިޡާމްގެ ފަރާތުން ސިވިލް ކޯޓަށް ބައުންސްވެފައިވާ ކަމަށްބުނެ ދެ ޗެކެއް ހުށަހެޅިއެވެ. އެހެންނަމަވެސް، މި ފައިސާ ނުލިބުމުގެ ސަބަބުން ޙައުޒާން ނިޡާމްއަށް ގެއްލުމެއް ވެފައިވާކަން އެނގޭފަދަ އެއްވެސް ލިޔުމެއް ނުވަތަ ލިބިފައިވާ ގެއްލުމަކީ ކޮބައިކަން ސިވިލް ކޯޓަށް ސާފުކޮށްދީ ލިބުނު ގެއްލުންތަކާގުޅޭ ގޮތުން ސިވިލް ކޯޓުގައި ވާހަކަދައްކައި އެފަދަ ގެއްލުމެއް ލިބިފައިވާކަން މަދަނީ މިންގަނޑުން ސާބިތުކޮށްދީފައިވާކަން އެނގޭކަށްނެތެވެ.

އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/47 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމުގައި ޤާނޫނީ ވަކީލް ފީ އާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއިދު ކުރުމާއެކު، އެއްބަސްވުމުގެ ދަށުން ދުވާލަކަށް %5 (ފަހެއް އިންސައްތަ) އިގެ ރޭޓުން ދައްކަންޖެހޭ ފައިސާ ނަގައިދިނުމަށް ތާއީދުކޮށް ނިންމާފައިވާ ނިންމުމުގެ އެ ބައި ބާޠިލް ކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/47 ޤަޟިއްޔާގެ ޙުކުމުގައި އެއްބަސްވުމުގެ ދަށުން ދުވާލަކަށް %5 (ފަހެއް އިންސައްތަ) އިގެ ރޭޓުން ދައްކަންޖެހޭ ފައިސާ ނަގައިދިނުމަށް ތާއީދުކޮށް ނިންމާފައިވާ ނިންމުމުގެ އެބައި ބާޠިލްކަމަށް ކަނޑައަޅައި، ޙައުޒާން ނިޡާމް އާއި ޢަބްދުﷲ ނާހިދުއާދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދަރަންޏަށް ނަގާފައިވާ 750,000/-ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ)* އަކީ ޢަބްދުﷲ ނާހިދުގެ ފަރާތުން ޙައުޒާން ނިޡާން އަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި، މި ފައިސާ ޙައުޒާން ނިޡާމް އަށް ލިބިދިނުމަށްޓަކައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރު އަޙްމަދު މުޢުތަޞިމް ޢަދުނާންޙުސްނުއްސުޢޫދު(ރިޔާސަތު) *ޙުކުމް ކިޔުމުގައި 700,000/-ރ. (ހަތްލައްކަ ރުފިޔާ) ކަމަށް ކިއިފައިވަނީ ކިޔުމުގެ ކުށަކުންނެވެ. ރަނގަޅުގޮތަކީ 750,000/-ރ. (ހަތްލައްކަ ފަންސާސްހާސް ރުފިޔާ) އެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ