ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2018/SC-A/45ސުޕްރީމް ކޯޓު · 26 ނޮވެމްބަރު 2020 · މަދަނީ – ފައިސާ ދަރަންޏެއްތޯ ހަދިޔާއެއްތޯ ސާބިތުކުރުމުގެ ބުރަ

ނަން ސިއްރުކޮށްފައި ވ. ނަން ސިއްރުކޮށްފައި

ސުޕްރީމް ކޯޓުހައިކޯޓުގެ ޙުކުމް ޤާއިމު؛ 50,000/-ރ. ދަރ…
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 26 ނޮވެމްބަރު 2020ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން އެ ފައިސާއަކީ ދަރަންޏެއްކަމަށް ކަނޑައަޅައި 3 މަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
2015 ގައި ކައިވެނިކޮށް ވަރިވި ދެ ފަރާތުގެ ތެރެއިން އެއް ފަރާތުން، ކައިވެނީގެ ކުރިން 2014 ގައި އަނެއް ފަރާތުގެ އެކައުންޓަށް 50,000/-ރ. ޖަމާކޮށް، އެ ފައިސާ އަނބުރާ ދެއްކުމަށް ވަޢުދުވުމުން ކަމަށް ބުނެ ސިވިލް ކޯޓުގައި އެ ފައިސާ ހޯދުމަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކައިވެނީގެ ކުރިން އެކަކު އަނެކަކުގެ އެކައުންޓަށް ޖަމާކުރި ފައިސާ ހޯދުމުގެ މައްސަލައެއްގައި، އެ ފައިސާއަކީ ދަރަންޏެއްތޯ ހަދިޔާއެއްތޯ ކަނޑައެޅުމުގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ކޮން ފަރާތަކުންތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރާ ފަރާތް ބުނީ އެ ފައިސާ ޖަމާކުރެވުނީ ދަރަންޏެއްގެ ގޮތުގައި ނޫންކަމާއި، ކައިވެނީގެ ފަހުން އެ ފައިސާގެ ބަދަލު ޚިދުމަތާއި ޚަރަދުތަކުން އަދާކޮށްނިމިފައިވާ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ބުނީ އެ ފައިސާ ކައިވެނީގެ ކުރިން އިސްތިއުނާފުކުރާ ފަރާތުގެ އެދުމުގެ މަތިން ޖަމާކުރި ފައިސާއެއްކަމާއި، އަނބުރާ ދެއްކުމަށް އޭނާ ވަޢުދުވެ އިޤްރާރުވި ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ފައިސާ ލިބުނު ފަރާތުން އެ ފައިސާ ދަރަންޏެއް ނޫންކަމަށް ބުނާނަމަ، އެއީ ހަދިޔާއެއްކަން ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަންޖެހެއެވެ، އަދި ހަދިޔާގެ އުންސުރުތައް ވެސް ސާބިތުކޮށް ދޭންޖެހެއެވެ. އިސްތިއުނާފުކުރާ ފަރާތަށް އެކަން ސާބިތުކޮށް ނުދެވުނުތީ ފައިސާއަކީ ދަރަންޏެއް ކަމަށް ކަނޑައެޅުނެވެ. ކައިވެނީގެ ފަހުން ޚަރަދާއި ޚިދުމަތުން ބަދަލު ދިނުމުގެ ބުނުމަކީ ފިރިއެއްގެ ހައިސިއްޔަތުން ކުރި ޚަރަދުތަކެއް ނުވަތަ އިޙްސާންތެރި ޢަމަލުތަކެއް ކަމުގައި ބެލެވޭ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2016/HCA/579
ފަހުގެ ތާރީޚު
—

ނިންމުން

ހައިކޯޓުގެ ޙުކުމް ޤާއިމު؛ 50,000/-ރ. ދަރ…

ހައިކޯޓުގެ ޙުކުމް ޤާއިމު؛ 50,000/-ރ. ދަރަންޏެއްކަމަށް ކަނޑައެޅުން

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މީހަކަށް ލިބިފައިވާކަން ސާބިތުވާ ފައިސާއަކީ އަނބުރާ ދައްކާގޮތަށް ލިބިފައިވާ ފައިސާއެއް ނޫންކަމުގައި އެމީހަކު ބުނާނަމަ، އެ ފައިސާއަކީ ހަދިޔާއެއްގެ ގޮތުގައި ލިބުނު އެއްޗެއްކަން ނުވަތަ އެ ފައިސާއަކީ ދެ ފަރާތުގެ މެދުގައި ކުރެވުނު މުޢާމަލާތަކުން ނުވަތަ އެފަދަ އެހެންވެސް ގޮތަކުން، ފައިސާ ލިބުނު ފަރާތުގެ ޙައްޤެއް އޭގެ މައްޗަށް އޮތް ފައިސާއެއްކަން ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަންޖެހޭނީ ފައިސާ ލިބުނު ފަރާތުންނެވެ. (ޕެރ. 17)

މަދަނީ މުޢާމަލާތެއްގައި ފައިސާއެއް ނުވަތަ މުދަލެއް ލިބުމަށްފަހު، އެތަކެތި ލިބުނު ގޮތާމެދު ސުވާލު އުފެދޭ ޙާލަތުގައި، އެ ފައިސާ ނުވަތަ މުދަލެއް ލިބުނީ ހަދިޔާއެއްގެ ގޮތުގައި ކަމަށް ލިބުނު ފަރާތުން ބުނާ ނަމަ، ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ހަދިޔާ ލިބުނު ފަރާތުން ކަމަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ވަނީ އިސްތިޤުރާރު ވެފައެވެ. (ޕެރ. 17)

ޝަރުޢީ އުސޫލުތަކަށް ބަލާއިރު، ހަދިޔާއެއް ނުވަތަ ހިބައެއް ކަނޑައެޅުމުގައި އެ ހަދިޔާއެއް ނުވަތަ ހިބައެއް ދިން ފަރާތުން އެއީ ހަދިޔާއެއް ނުވަތަ ހިބައެއް ކަމަށް ކަނޑައަޅަންޖެހޭ ކަމާއި، އަދި އެ ހަދިޔާއެއް ނުވަތަ ހިބައެއް ލިބުނު ފަރާތުން އޭތި ޤަބޫލު ކުރިކަން ދޭހަވާންޖެހޭ ހިނދު، އެ ހަދިޔާ ނުވަތަ ހިބަ ލިބުނު ފަރާތަށް ލިބުނުކަން ސާބިތު ވާންޖެހޭނެއެވެ؛ މި އުންސުރުތައް ހަމަވެގެން ދެވޭ ހަދިޔާއެއްގެ މުޤާބިލުގައި ލިބުނު ފަރާތުން ދިން ފަރާތަށް ދޭންޖެހޭ ޢިވަޒެއް ނުވެއެވެ. (ޕެރ. 17)

އެމީހެއްގެ މައްޗަށް ޚަރަދު ލާޒިމުވާ މީހަކަށް އެމީހަކު ދީފައިވާ އެއްޗަކީ އަނބުރާ ދޭންޖެހޭ އެއްޗެއްކަން ސާބިތު ނުވާހާ ހިނދަކު، އެއެއްޗަކީ އަނބުރާ ދޭންނުޖެހޭ ގޮތަށް އެމީހަކު ދީފައިވާ އެއްޗެއް ކަމަށް ވެއެވެ؛ މިގޮތުން، އަނބިމީހާއަށް ފިރިމީހާ ދީފައިވާ އެއްޗަކީ، އަނބުރާ ދޭންޖެހޭ އެއްޗެއްކަން ސާބިތު ނުވާހާ ހިނދަކު، އަނބުރާ ދޭންނުޖެހޭ ގޮތަށް ފިރިމީހާ ދީފައިވާ އެއްޗެއް ކަމަށްވެއެވެ، ސަބަބަކީ އަނބިމީހާއަށް ޚަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށް ޝަރުޢީ ގޮތުން ލާޒިމު ކަމަކަށް ވުމެވެ. (ޕެރ. 17)

އެމީހެއްގެ މައްޗަށް ޚަރަދު ލާޒިމު ނުވާ މީހަކަށް އެމީހަކު ދީފައިވާ އެއްޗަކީ ހަދިޔާއެއް ކަމަށް ނުވަތަ އަނބުރާ ދޭން ނުޖެހޭ ގޮތަށް ނުވަތަ ބަދަލެއް ދޭން ނުޖެހޭ ގޮތަށް ދީފައިވާ އެއްޗެއްކަން ސާބިތު ނުވާހާ ހިނދަކު، އަނބުރާ ދޭން ޖެހޭ ގޮތަށް ނުވަތަ މުޤާބިލެއް އޮވެގެން ދީފައިވާ އެއްޗެއް ކަމަށް ބަލަންޖެހެއެވެ؛ މިގޮތުން، ފިރިމީހާއަށް އަނބިމީހާ ދީފައިވާ އެއްޗަކީ އަނބުރާ ދޭން ނުޖެހޭ ގޮތަށް ދީފައިވާ އެއްޗެއްކަން ސާބިތު ނުވާހާ ހިނދަކު، އަނބުރާ ދޭންޖެހޭ ގޮތަށް ދިން އެއްޗެއް ކަމަށް ވެއެވެ. (ޕެރ. 17)

ފައިސާ ލިބުނު ފަރާތުން އެ ފައިސާ އަކީ ހަދިޔާއެކޭ ބުނުމަކުން ނުފުދެއެވެ؛ އެކަން ސާބިތުކޮށް ދެވޭ ހިނދު، ހަދިޔާގެ އުންސުރުތައް ވެސް ސާބިތުކޮށް ދެވެން ޖެހޭނެއެވެ. (ޕެރ. 18)

ކައިވެނީގެ މަތީގައި ތިބެ، ލިބުނު ފައިސާ އަދާކުރުމުގެ ގޮތުން ޚަރަދުކޮށްގެން ނުވަތަ މުދަލުން ބަދަލު ދީފައިވާކަމަށް ބުނާ ޙާލަތުގައިވެސް، އެދެކަންތައް ގުޅުވައިދެވި، އެކަމަކީ މުޤާބިލުގައި ކުރިކަމެއްކަން ސާބިތު ނުވާ ޙާލަތުގައި، އެކަމަށް ބަލަންޖެހޭނީ ފިރިއެއްގެ ހައިސިއްޔަތުން ކޮށްފައިވާ ޚަރަދެއް ނުވަތަ އިޙްސާންތެރި ޢަމަލަކަށެވެ. (ޕެރ. 19)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SCA/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްތަފާ)
  • Greco v. Frano, 2015 ONSC 7217 (CanLII)
  • ސައްޔިދު ސާބިޤް (1983) ފިޤުހުއްސުނަތު (މުޖައްލަދު 3)، ދާރުލް ފިކުރު، ބެއިރޫތު، ސ. 390
  • ވަހުބަތުލް ޒުޚައިލީ (2012) ފިޤުހުލް އިސްލާމް ވަ އަދިއްލަތުހޫ (މުޖައްލަދު 8)، ދާރުލް ފިކުރު، ދިމިޝްޤް، ސ. 742

ފަނޑިޔާރުން

ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HCA/579 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން މި ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2018/SCA/45 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށެވެ.

2އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތް ވަނީ 2015 ވަނަ އަހަރު ކައިވެނި ކޮށްފައެވެ. އަދި 2015 ވަނަ އަހަރު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތް ވަނީ ވަރިވެފައެވެ.

3އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތް ކައިވެނިކުރީ ދެ އަންބަށެވެ. ދެ އަންބަށް ކައިވެނި ކުރުމަށްޓަކައި، ކައިވެނިކުރާ ފިރިމީހާގެ ހައިސިއްޔަތުން އިސްތިއުނާފުކުރާ ފަރާތް އެފަދަ ކައިވެންޏެއް ކުރުމަށް މާލީ ތަނަވަސްކަން ހުރިކަން ފެމިލީ ކޯޓަށް ސާބިތު ކޮށްދޭންޖެހޭތީވެ، އެވަގުތު އިސްތިއުނާފުކުރާ ފަރާތުގެ ބޭންކު އެކައުންޓުގައި އެކަށޭނެ ފައިސާ ނެތަތީ، ކޯޓަށް ހުށަހަޅަންޖެހޭ ބޭންކު ސްޓޭޓްމަންޓެއްގެ ބޭނުމަށްކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް އިސްތިއުނާފު ރައްދުވާ ފަރާތް ފައިސާ ޖަމާކޮށްދިނެވެ.

4މިގޮތުން، އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުޅުވާފައި އޮންނަ އެކައުންޓަށް، 2014 ވަނަ އަހަރު 50,000/-ރ. (ފަންސާސްހާސް ރުފިޔާ) އިސްތިއުނާފު ރައްދުވާ ފަރާތް ޖަމާކުރިއެވެ.

5އިޝާރާތްކުރެވިފައިވާ ފައިސާ އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް އިސްތިއުނާފު ރައްދުވާ ފަރާތް ޖަމާކުރީ އެ ފައިސާ އަނބުރާ އިސްތިއުނާފުކުރާ ފަރާތް، އިސްތިއުނާފު ރައްދުވާ ފަރާތަށް ދެއްކުމަށް ވަޢުދުވުމުންކަމަށް ބަޔާންކޮށްފައި ވެއެވެ. އިސްތިއުނާފުކުރާ ފަރާތް ވަޢުދު ވިގޮތަށް އެ ފައިސާ އަނބުރާ ނުދެއްކުމުން ކަމަށް ބުނެ އެ ފައިސާ ހޯދުމަށް އިސްތިއުނާފު ރައްދުވާ ފަރާތް ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ. އެ ދައުވާ ކޮށްފައިވަނީ އެ ދެފަރާތުގެ ކައިވެނި ރޫޅުމަށް ފަހުގައެވެ.

ސިވިލް ކޯޓުގެ ނިންމުން

6އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް އިސްތިއުނާފު ރައްދުވާ ފަރާތް ޖަމާކުރި 50,000/-ރ. (ފަންސާސްހާސް ރުފިޔާ) ހޯދުމަށް އެދި އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް 04 އެޕްރީލް 2016 ގައި މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 630/CvC/2016 ޤަޟިއްޔާ އިންނެވެ.

7އިސްތިއުނާފު ރައްދުވާ ފަރާތް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އިޝާރަތްކުރެވިފައިވާ ފައިސާ އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް ޖަމާކުރެވިފައިވަނީ ކައިވެނި ކުރުމުގެ ކުރިން ކަމުގައެވެ. މިގޮތަށް ފައިސާ ޖަމާކުރީ އިސްތިއުނާފުކުރާ ފަރާތުގެ އެދުމުގެ މަތިން އަނބުރާ އެ ފައިސާ ދައްކާނެ ކަމަށް ބުނެ ވަޢުދު ވުމުން ކަމަށެވެ. މި ފައިސާ އެފަރާތުގެ އެކައުންޓަށް ޖަމާކުރެވުނީ އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތާ ދެއަންބަށް ކައިވެނި ކުރުމަށްޓަކައި ފެމެލީ ކޯޓަށް އިސްތިއުނާފުކުރާ ފަރާތް އެފަދަ ކައިވެންޏެއް ކުރުމަށްޓަކައި މާލީ ތަނަވަސްކަން ހުރިކަން ސާބިތު ކޮށް ދޭންޖެހޭތީވެ، އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓުގައި އެވަގުތު ފައިސާ މަދުން ހުރުމާއެކު، ކޯޓަށް ހުށަހަޅަންޖެހޭ ސްޓޭޓްމަންޓެއްގެ ބޭނުމުގައި އަނބުރާ ދައްކާ ގޮތަށް ދިން ފައިސާ އެއްކަމާ އެ ފައިސާ ހޯދުމަށް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައި ވެއެވެ.

8ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި ފާހަގަ ކޮށްފައިވަނީ، އެ ފައިސާ އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ދެ ފަރާތުގެ ބަހުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮތުމުގެ އިތުރުން އިސްތިއުނާފުކުރާ ފަރާތަށް މި ފައިސާ ހަމައަށް ލިބިފައިވާކަމަށް ބުނެފައިވުމުން، މި ދެ ފަރާތުގެ ދެމެދުގައި ފައިސާ ދޫކުރެވުނު ގޮތާމެދު އެއްބަސްވުމެއް ވުޖޫދުގައި ނެތުމަކީ އެ ފައިސާ އިސްތިއުނާފުކުރާ ފަރާތް އަނބުރާ ދައްކާގޮތަށް ނެގި ފައިސާއެއް ނޫންކަން ސާބިތުކޮށް ނުދެވޭހާ ހިނދަކު ފައިސާ ނުދެއްކުމަށް ދަލާލަތުކޮށްދޭ އަދި އޭގެ މައްޗަށް ޙުއްޖިއްޔަތު ޤާއިމުވާ ކަމެއް ނޫން ކަމަށެވެ.

9ބުނެވިދިޔަ ކަންކަމުގެ އިތުރުން، ސިވިލް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ، ކީރިތި ޤުރުއާނާއި ރަސޫލާގެ ޙަދީޡްފުޅުތަކުން އަނބިމީހާއަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވެފައިވާކަމެއް ކަމަށާއި، މި ވާޖިބު އަދާކުރުމުގެ ގޮތުން އަނބިމީހާގެ އަތުން އަނބުރާ ރައްދުކުރާ ގޮތަށް ފިރިމީހާ ހޯދާ މުދަލާއި ފައިސާއަކީ، ތަބައްރުޢެއްކަން ފިރިމީހާއަށް ސާބިތުކޮށް ނުދެވޭހާ ހިނދު، އެއީ ފިރިމީހާގެ މައްޗަށް އޮތް ދަރަންޏެއް ކަމަށެވެ.

10ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ އަތުން އިސްތިއުނާފުކުރާ ފަރާތް ނަގާފައިވާ 50,000/-ރ. (ފަންސާސްހާސް ރުފިޔާ) އަކީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ދަރަންޏެއް ކަމަށް މަދަނީ މިންގަޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެޤަޟިއްޔާގެ ޙުކުމްކުރި ތާރީޚުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ފައިސާ އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކާ ޚަލާސްކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް އަންގައި، އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

11ސިވިލް ކޯޓުގެ ނަންބަރު 630/CvC/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާ މެދު ހިތްހަމަނުޖެހިގެން، 26 އޮކްޓޯބަރު 2016 ގައި އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HCA/579 ޤަޟިއްޔާ އިންނެވެ.

12ހައިކޯޓުގެ ނަންބަރު 2016/HCA/579 ޤަޟިއްޔާގެ ޙުކުމަށް ވާސިލުވުމުގައި ފާހަގަކޮށްފައިވަނީ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްތަފާ ގައިވާ މަދަނީ މައްސަލަތައް ސާބިތުކުރުމުގެ އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރުމުން، އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް އިސްތިއުނާފު ރައްދުވާ ފަރާތް ޖަމާކުރިކަމަށް ބުނާ 50,000/-ރ. (ފަންސާސްހާސް ރުފިޔާ) އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް ޖަމާވިކަމަށް އެއްބަސްވެ، އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް އިސްތިއުނާފު ރައްދުވާ ފަރާތް ޖަމާކުރި އެ ފައިސާ އިސްތިއުނާފު ރައްދުވާ ފަރާތުގެ އަމިއްލަ ބޭނުންތަކަށް ބޭނުންވާ ތަކެތި ގަނެދީ ޚަލާސްކޮށްފައިވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ނަގާފައިވާ ދިފާޢު ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ އެ ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އޮތް ބުރައެއްކަމަށާއި، ސިވިލް ކޯޓުގެ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ އަމިއްލަ ބޭނުންތަކަށް އިސްތިއުނާފުކުރާ ފަރާތް ލައްވައި ތަކެތި ހޯދުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް ޖަމާކުރި ފައިސާއެއްކަން ހާޟިރުކޮށްފައިވާ ހެކީންގެ ހެކިބަހުން އެނގެން ނެތްކަމަށާއި، ހައިކޯޓުގެ ގަޟިއްޔާ ކުރިއަށް ދިޔައިރު އާ ހެކިތަކެއް ހުރިކަމަށް ބަޔާންކޮށް ހުށަހެޅި ލިޔުންތަކުންވެސް ހެކި ލިބިގެންދަނީ އިސްތިއުނާފު ރައްދުވާ ފަރާތް ބުނެފައިވާ ގޮތަށް ކަމަށާއި އެ ލިޔުންތަކުން އިސްތިއުނާފުކުރާ ފަރާތުގެ ދަފްޢު ސާބިތުކުރުމަށް އެއްވެސް މިންވަރަކަށް ހެކި ލިބިގެން ނުދާކަމުގައެވެ.

13އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2016/HCA/579 ޤަޟިއްޔާގައި، ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 630/CvC/2016 ޤަޟިއްޔާގެ ޙުކުމަށް ތާއީދު ކޮށްފައެވެ.

ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ ނުކުތާ

14ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2016/HCA/579 ޤަޟިއްޔާގެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޮށްފައިވާ ޚަރަދުތަކަކީ މި ދެ ފަރާތުން ކައިވެނި ކުރުމުގެ ކުރިން ކުޅަ ޚަރަދުތަކެއްކަން ހެކިންގެ ހެކި ބަހުން އެނގެން އޮތްއިރު، އަދި އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ޚަރަދު ކުރަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ވިޔަސް އިތުރު ސަބަބެއް އެ ހިނދުގައި ދެ ފަރާތުގެ ދެމެދުގައި ނެތްއިރު، އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ ޚަރަދުތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އެކައުންޓަށް ޖަމާކުރި ފައިސާގެ ބަދަލުގައި ކޮށްފައިވާ ޚަރަދުތަކެއްކަން އަދުލުގެ ހަމަތަކުން ބެލެވެން އޮތްނަމަވެސް، އެކަމަށް ރިޢާޔަތް ކުރުމެއްނެތި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސިވިލް ކޯޓުން ޙުކުމް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.

15ބަޔާންވެދިޔަ ނުކުތާ ތަފްސީލު ކޮށްދިނުމުގެ ގޮތުން، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ދެ ފަރާތުގެ ދެމެދުގައި ހިނގާފައިވާ މުޢާމަލާތަށް ބަލައި، އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް ޖަމާކޮށްފައިވާ 50,000/-ރ. (ފަންސާސްހާސް ރުފިޔާ) އަކީ ދަރަނީގެ ގޮތުގައި ދިން ފައިސާއެއްކަން އެނގެން ނެތްކަމާއި، އަދި އެ ފައިސާ ޖަމާކުރެވުނު ދުވަސްވަރަކީ ދެ ފަރާތުން ކައިވެންޏަށް ތައްޔާރު ވަމުން ދިޔަ ދުވަސްވަރުކަމާއި، ކައިވެންޏަށްފަހު، އެ ފައިސާގެ ބަދަލު، މުދަލުން އިސްތިއުނާފު ރައްދުވާ ފަރާތުން ލިބިގަނެފައިވާ ޚިދުމަތްތަކުން އަދާކޮށް ނިމިފައިވާ ފައިސާއެއްކަން "އަދާލާ ވަލް އިންސާފު" ގެ ހަމަތަކުން ބެލުމަކީ އެންމެ ޢަދުލުވެރި ގޮތްކަމަށް ދެކޭ ކަމެވެ.

16އިސްތިއުނާފުގެ ޖަވާބުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް ޖަމާކުރެވުނު ފައިސާ އަކީ، ކައިވެނީގެ ކުރިން އިސްތިއުނާފުކުރާ ފަރާތުގެ އެދުމުގެ މަތިން އިސްތިއުނާފު ރައްދުވާ ފަރާތުން ޖަމާކޮށްދީފައިވާ ފައިސާއެއް ކަމާއި އަދި އެ ފައިސާ ލިބުނުކަމަށް އިސްތިއުނާފުކުރާ ފަރާތުން އިޤްރާރުވެފައިވާކަމާއި އަދި އެ ފައިސާ އަމާނަތްތެރި ކަމާއެކު ރައްދު ކޮށްދޭނެކަމަށް ބުނެ އެ ފަރާތުން ވަޢުދުވެފައިވާ ކަމަށެވެ.

ހަދިޔާ ސާބިތުކޮށް ދިނުމުގެ ޒިންމާ

17HN1HN2HN3HN4HN5މި މައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތް ކައިވެނި ކުރުމުގެ ކުރިން އިސްތިއުނާފު ރައްދުވާ ފަރާތުން ޖަމާކޮށްފައިވާ ފައިސާ އެކެވެ. އެހެންކަމުން، ކައިވެނި ކުރުމަށްފަހު އޭގެ މުޤާބިލުގައި، އިސްތިއުނާފުކުރާ ފަރާތުގެ މުދަލަކުން ނުވަތަ ޚަރަދުކޮށްގެން އިސްތިއުނާފު ރައްދުވާ ފަރާތަށް އޭގެ ބަދަލު ދެވިދާނެތޯ އާއި، އެ ފައިސާއަކީ ދަރަންޏަށް ދިން ފައިސާއެއް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ޙާލަތުގައި، އެއީ ހަދިޔާއެއްކަމަށް ސާބިތުކޮށްދިނުމުގެ ޒިންމާ މަތިކުރެވިފައިވަނީ ކޮން ފަރާތެއްގެ މައްޗަށް ތޯ ސުވާލު އުފެދިފައިވާ ހިނދު ތިރީގައި މިވާ ކަންކަން ފާހަގަކުރަމެވެ.

(ހ) މީހަކަށް ލިބިފައިވާކަން ސާބިތުވާ ފައިސާއަކީ އަނބުރާ ދައްކާގޮތަށް ލިބިފައިވާ ފައިސާއެއް ނޫންކަމުގައި އެމީހަކު ބުނާނަމަ، އެ ފައިސާއަކީ ހަދިޔާއެއްގެ ގޮތުގައި ލިބުނު އެއްޗެއް ކަން ނުވަތަ އެ ފައިސާއަކީ ދެ ފަރާތުގެ މެދުގައި ކުރެވުނު މުޢާމަލާތަކުން ނުވަތަ އެފަދަ އެހެންވެސް ގޮތަކުން، ފައިސާ ލިބުނު ފަރާތުގެ ޙައްޤެއް އޭގެ މައްޗަށް އޮތް ފައިސާއެއް ކަން ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަންޖެހޭނީ ފައިސާ ލިބުނު ފަރާތުން ކަމުގައި ފާހަގަކުރަމެވެ.

(ށ) ބުނެވިދިޔަ ގޮތަށް މަދަނީ މުޢާމަލާތެއްގައި ފައިސާއެއް ނުވަތަ މުދަލެއް ލިބުމަށްފަހު، އެތަކެތި ލިބުނު ގޮތާމެދު ސުވާލު އުފެދޭ ޙާލަތުގައި، އެ ފައިސާ ނުވަތަ މުދަލެއް ލިބުނީ ހަދިޔާއެއްގެ ގޮތުގައި ލިބުނު ފަރާތުން ބުނާ ނަމަ، ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ހަދިޔާ ލިބުނު ފަރާތުން ކަމަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ވަނީ އިސްތިޤުރާރު ވެފައެވެ. އަދި ހަމަ މި އުސޫލުން އެހެން ޤާނޫނީ ނިޒާމު ތެރެއިން ކެނެޑާ ފަދަ ޤައުމުތަކުގައި ވެސް ފައިސާގެ މުޢާމަލާތަކީ ދަރަންޏެއްތޯ ނުވަތަ ހަދިޔާއެއް ތޯ ސުވާލު އުފެދޭ ޙާލަތުގައި، އަނބުރާ ހޯދުމަށް އެދޭ ފައިސާ އަކީ ހަދިޔާއެކޭ ބުނެވޭނަމަ، އެކަން ސާބިތުކޮށް ދިނުމުގެ ބުރަ މަތިކުރެވިފައިވަނީ އެ ހަދިޔާ ލިބުނު ފަރާތުގެ މައްޗަށެވެ.

(ނ) ޝަރުޢީ އުސޫލުތަކަށް ބަލާއިރު، ހަދިޔާއެއް ނުވަތަ ހިބައެއް ކަނޑައެޅުމުގައި އެ ހަދިޔާއެއް ނުވަތަ ހިބައެއް ދިން ފަރާތުން އެއީ ހަދިޔާއެއް ނުވަތަ ހިބައެއް ކަމަށް ކަނޑައަޅަންޖެހޭ ކަމާއި، އަދި އެ ހަދިޔާއެއް ނުވަތަ ހިބައެއް ލިބުނު ފަރާތުން އޭތި ޤަބޫލު ކުރިކަން ދޭހަވާންޖެހޭ ހިނދު، އެ ހަދިޔާ ނުވަތަ ހިބަ ލިބުނު ފަރާތަށް ލިބުނުކަން ސާބިތު ވާންޖެހޭނެ އެވެ. މި އުންސުރުތައް ހަމަވެގެން ދެވޭ ހަދިޔާއެއްގެ މުޤާބިލުގައި ލިބުނު ފަރާތުން ދިން ފަރާތަށް ދޭންޖެހޭ ޢިވަޒެއް ނުވެއެވެ.

(ރ) އެމީހެއްގެ މައްޗަށް ޚަރަދު ލާޒިމުވާ މީހަކަށް އެމީހަކު ދީފައިވާ އެއްޗަކީ އަނބުރާ ދޭންޖެހޭ އެއްޗެއްކަން ސާބިތު ނުވާހާ ހިނދަކު، އެއެއްޗަކީ އަނބުރާ ދޭންނުޖެހޭ ގޮތަށް އެމީހަކު ދީފައިވާ އެއްޗެއް ކަމަށް ވުމެވެ. މިގޮތުން، އަނބިމީހާއަށް ފިރިމީހާ ދީފައިވާ އެއްޗަކީ، އަނބުރާ ދޭންޖެހޭ އެއްޗެއްކަން ސާބިތު ނުވާހާ ހިނދަކު، އަނބުރާ ދޭންނުޖެހޭ ގޮތަށް ފިރިމީހާ ދީފައިވާ އެއްޗެއް ކަމަށްވުމެވެ. ސަބަބަކީ އަނބިމީހާއަށް ޚަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށް ޝަރުޢީ ގޮތުން ލާޒިމު ކަމަކަށް ވުމެވެ.

(ބ) ބުނެވިދިޔަ ހަމައިގެ އޭގެ އިދިކޮޅަށް، އެމީހެއްގެ މައްޗަށް ޚަރަދު ލާޒިމު ނުވާ މީހަކަށް އެމީހަކު ދީފައިވާ އެއްޗަކީ ހަދިޔާއެއް ކަމަށް ނުވަތަ އަނބުރާ ދޭން ނުޖެހޭ ގޮތަށް ނުވަތަ ބަދަލެއް ދޭން ނުޖެހޭ ގޮތަށް ދީފައިވާ އެއްޗެއްކަން ސާބިތު ނުވާހާ ހިނދަކު، އަނބުރާ ދޭން ޖެހޭ ގޮތަށް ނުވަތަ މުޤާބިލެއް އޮވެގެން ދީފައިވާ އެއްޗެއް ކަމަށް ބަލަންޖެހޭ ކަމެވެ. މިގޮތުން، ފިރިމީހާއަށް އަނބިމީހާ ދީފައިވާ އެއްޗަކީ އަނބުރާ ދޭން ނުޖެހޭ ގޮތަށް ދީފައިވާ އެއްޗެއްކަން ސާބިތު ނުވާހާ ހިނދަކު، އަނބުރާ ދޭންޖެހޭ ގޮތަށް ދިން އެއްޗެއް ކަމަށް ވުމެވެ.

ދަރަންޏެއްކަން ކަނޑައެޅުން

18HN6އިސްވެ ދެންނެވިފައިވާ ހަމަތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އެ ފައިސާއަކީ ދަރަންޏެއްކަން ސާބިތުކޮށްދޭން ނުޖެހެއެވެ. މި މައްސަލަ ސާބިތުކުރުމުގެ ޒިންމާ މަތިކުރެވިފައިވަނީ ހަދިޔާ ލިބުނު ކަމަށް ބުނާ މީހެއްގެ ހައިސިއްޔަތުން އިސްތިއުނާފުކުރާ ފަރާތެވެ. އިސްތިއުނާފުކުރާ ފަރާތުން އެ ފައިސާ އަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ލިބުނު ހަދިޔާއެކޭ ބުނުމަކުން ނުފުދޭކަމާއި، އެކަން ސާބިތުކޮށް ދެވޭ ހިނދު، މަތީގައި ބަޔާންކުރެވިފައިވާ ޕެރެގްރާފް 17 (ނ) ގައިވާ އުންސުރުތައް ވެސް ސާބިތުކޮށް ދެވެން ޖެހޭނެ ކަމަށް ދެކެމެވެ. އަދި މިގޮތަށް އެ ފައިސާއަކީ ހަދިޔާއެއްކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށް ދެވިފައި ނުވާތީވެ، އިސްތިއުނާފުކުރާ ފަރާތަށް އިސްތިއުނާފު ރައްދުވާ ފަރާތް ދީފައިވާ އިޝާރަތްކުރެވިފައިވާ ފައިސާ އަކީ ދަރަންޏެއްކަމަށް ކަނޑައަޅަން ޖެހެއެވެ.

19HN7ކައިވެނީގެ މަތީގައި ތިބެ، އިޝާރަތްކުރެވިފައިވާ ފައިސާ އަދާކުރުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތް އިސްތިއުނާފު ރައްދުވާ ފަރާތަށް ޚަރަދުކޮށްގެން ނުވަތަ މުދަލުން ބަދަލު ދީފައިވާކަމަށް ބުނާ ޙާލަތުގައިވެސް އެދެކަންތައް ގުޅުވައިދެވި، އެކަމަކީ މުޤާބިލުގައި ކުރިކަމެއްކަން ސާބިތު ނުވާ ޙާލަތުގައި ޢަމަލު ކުރަންޖެހޭނީ މަތީގައި ބަޔާންކުރެވިފައިވާ ޕެރެގްރާފް 17 (ރ) ގައިވާ އުސޫލުން ކަމާއި، އިސްތިއުނާފުކުރާ ފަރާތް ފިރިއެއްގެ ހައިސިއްޔަތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޮށްފައިވާ ޚަރަދެއް ނުވަތަ އިޙްސާންތެރި ޢަމަލަކަށެވެ.

20ބަޔާންވެދިޔަ ފައިސާ އެއީ ދަރަންޏެއްކަމަށް އިސްތިއުނާފުކުރާ ފަރާތުގެ ބަހުން އެނގެއެވެ. އެއީ ކައިވެނިކުރުމަށްފަހު، އެ ދަރަނި އަދާކުރުމުގެ ގޮތުން މުދަލުން ނުވަތަ ޚަރަދުކޮށްގެން ބަދަލު ދިން ކަމަށް ބުނާ ޙާލަތުގައި، އެއީ ހަދިޔާއެއް ކަމަށް ލިބުނު ފަރާތުން ޤަބޫލު ކުރާ ނަމަ، މުދަލުން ނުވަތަ ޚަރަދުކޮށްގެން ބަދަލު ދޭން މަސައްކަތް ކުރާނޭކަމަށް އަހުރެން ނުދެކެމެވެ.

21އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތަށް ފައިސާ ލިބިފައިވާކަމަށް އިންކާރު ނުކުރާ ހިނދު، އަދި އެ ފައިސާ އަނބުރާ ހޯދުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ހިނދު، އިސްތިއުނާފުކުރާ ފަރާތަށް އެ ފައިސާ ދީފައިވަނީ އަނބުރާ ދައްކާ ގޮތަށް ނޫންކަމުގައި ބުނެފައިވީ ނަމަވެސް، އެ ފައިސާއަކީ ހަދިޔާއެއްކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތު ކޮށްދެވިފައި ނުވާތީވެ، އިޝާރަތްކުރެވިފައިވާ 50,000/-ރ. (ފަންސާސްހާސް ރުފިޔާ) އަކީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަން ޖެހޭ ދަރަންޏެއްކަމަށް އަހުރެން ދެކެމެވެ.

22ބަޔާންވެދިޔަ ގޮތަށް ކަންތައް ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމެވުމުގައި އެ ކޯޓުގެ ނަންބަރު 2016/HCA/579 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭފަދަ ސަބަބެއް އޮތްކަމަށް އަހުރެން ނުދެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

23މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

24މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، އިސްތިއުނާފު ކުރެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HCA/579 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދު

މުޙައްމަދު އިބްރާހީމް

ޢަލީ ރަޝީދު ޙުސައިން

(ރިޔާސަތު)

ފުޓްނޯޓު

  1. ސުޕްރީމް ކޯޓުގެ ނަންބަރު 2010/SCA/02
  2. Greco v.Frano,2015 ONSC 7217(CanLII)
  3. ސައްޔިދު ސާބިޤް(1983) ފިޤުހުއްސުނަތު (މުޖައްލަދު:3 ) ދާރުލް ފިކުރު، ބެއިރޫތު ސ.390
  4. ވަހުބަތުލް ޒުޚައިލީ(2012) ފިޤުހުލް އިސްލާމް ވަ އަދިއްލަތުހޫ(މުޖައްލަދު:8) ދާރުލް ފިކުރު،ދިމިޝްޤް ސ.742
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ