—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2018/SC-A/50
ދަޢުވާކުރާ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު ނަޝީދު
މައްސަލައިގެ ބާވަތް: ނިންމުން މުރާޖަޢާކުރުން
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 28 އޮކްޓޫބަރު 2018
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 29 އޮކްޓޫބަރު 2018
ނިމުނު ތާރީޚް: 26 ނޮވެންބަރު 2018
މައްސަލަ ނިންމި ގަޑި: 11:48
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މުރާޖަޢާކުރެވުނު މައްސަލަ
ނަންބަރު: 132/Cr-C/2015
ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
ހުށަހެޅުނު ތާރީޚް: 22 ފެބުރުވަރީ 2015
ނިމުނު ތާރީޚް: 13 މާރިޗު 2015
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ވ) އަދި (ފ) އާއި ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ވ) އަދި (ފ) ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ޙުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުމާއި، ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހާ ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުން ބަޔާންކޮށްފައި އޮތް އޮތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތްކަމަށާއި، ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ޤާނޫނުއަސާސީއާއި ޤާނޫނު މާނަކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ބަޔާންކޮށްފައި އޮތް އޮތުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ މައްޗަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު132/Cr-C/2015 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ކަށަވަރުކުރުމަށްޓަކައި އެ ޤަޟިއްޔާގެ ޙުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 ނިންމުން އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/01 ޤަޟިއްޔާގެ ނިންމުން މުރާޖަޢާކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދަޢުވާކުރުމުން ބެލިފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތަކީ ގ. ކެނެރީގޭ މުޙައްމަދު ނަޝީދު އެވެ.
ފާހަގަކުރެވުނު ނުކުތާތައް
މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/01 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މި މައްސަލައިގައި ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއަކީ، މުޙައްމަދު ނަޝީދު، ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުރެ، ރ. ހުޅުދުއްފާރު، ބަހާރުގެ، ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ނިންމައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް،17 ޖަނަވަރީ 2012 ދުވަހު 00:00 ހާއިރު، ޢަބްދުﷲ މުޙައްމަދު، ސިފައިންގެ މަރުކަޒެއްކަމުގައިވާ ކ. ގިރިފުއްޓަށް ގަދަކަމުން ގެންގޮސް ބަހައްޓާފައިވާތީ، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން، މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު،
މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ދަޢުވާކުރި ޓެރަރިޒަމްގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިބެލުމުން، މުޙައްމަދު ނަޝީދު ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުރެ، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ، ރ. ހުޅުދުއްފާރު، ބަހާރުގެ، ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ނިންމައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް، 17 ޖަނަވަރީ 2012 ވަނަ ދުވަހުގެ 00:00 ހާއިރު، ޢަބްދުﷲ މުޙައްމަދު ސިފައިންގެ މަރުކަޒެއްކަމުގައިވާ ކ. ގިރިފުއްޓަށް ގަދަކަމުން ގެންގޮސް ފޮރުވާފައި ބެހެއްޓިކަން، ދައުލަތުން ހުށަހެޅި ހެކިތަކާއި ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތީ، ބުނެވިދިޔަ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން، މުޙައްމަދު ނަޝީދު ޓެރަރިޒަމްގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން، މުޙައްމަދު ނަޝީދު، 13 (ތޭރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކަނޑައަޅައި އިޝާރާތްކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.
ކްރިމިނަލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ބަލައި ނިންމާފައިވާ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު HC-IH/2015/01 ނިންމުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށްވެފައި، އެފަރާތުން އިސްތިއުނާފު ބިނާކޮށްފައިވާ ކަންކަމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ފެތޭގޮތަށް ހުށަހެޅި މައްސަލައަކަށް ނުވާތީއާއި، އަދި އެ މައްސަލައަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގެ މައުޟޫޢުގައި އެފަރާތެއްގެ މައްޗަށް ކުށް ސާބިތުވެފައިވާކަމަށް ޙުކުމް ކޮށްފައިވާ ގ. ކެނެރީގެ، މުޙައްމަދު ނަޝީދުގެ ފަރާތުން އެ ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ، އެ މައްސަލައަކީ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމުގެ ހުއްދަ ދެވެން އޮތް މައްސަލައެއް ނޫންކަމަށް ކަނޑައަޅައި، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/01 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު HC-IH/2015/01 ނިންމުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤަބޫލުކުރެވިގެން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ އިލްތިމާސްގެ މައްސަލައެއް ނޫންކަމާ، ނަމަވެސް، އެ މައްސަލައަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ) އާއި 22 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރާއި އިޚްތިޞާޞްއަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ނިންމާފައިވާ މައްސަލައިގައި، އެ ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ގ. ކެނެރީގޭ މުޙައްމަދު ނަޝީދަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ކަމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ޖިނާއީ އިޖްރާއާތުގެ އުޞޫލުތަކާއި، އިޖްރާއީ ޝަރްޠުތަކާއި ޤަވާޢިދުތަކާއި، ދީމިޤްރާޠީ މުޖްތަމަޢުތަކުގެ ޖިނާއީ އިޖްރާއާތުގެ ނިޒާމްތަކުގައި އިސްތިޤުރާރުވެފައިވާ އިންޞާފުން ޝަރީޢަތްކުރުމާގުޅޭ އެންމެހައި އަސާސީ ޙައްޤުތައް ލިބިދީފައިވާކަން ކަށަވަރުވެފައިވާކަމަށް ކަނޑައެޅުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވާ ސަބަބުތަކަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ފެތޭ ސަބަބުތަކަކަށް ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2015/01 ނިންމުމުގައި، އެ މައްސަލަ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވާތީ، އެ ނިންމުމަކީ ޞައްޙަ ނިންމުމެއްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޝާރާތްކުރެވުނު ނަންބަރު 2016/SC-A/01 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ކަށަވަރުކުރުމަށްޓަކައި އެ ޤަޟިއްޔާގެ ޙުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރުHC-IH/2015/01 ނިންމުމާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/01 ޤަޟިއްޔާގެ ނިންމުން މުރާޖަޢާކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކަކީ،
ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ އިސްތިއުނާފީ މަރުޙަލާތަކަށް ހުށަހެޅުނު ނަމަވެސް، އިސްތިއުނާފީ އެއްވެސް މަރުޙަލާއަކުން އެ މައްސަލައިގެ މައުޟޫޢާ ގުޅޭގޮތުން ފައިޞަލާކުރެވިފައިވާ ޙުކުމެއް ނޫންކަމަށާއި، މުޙައްމަދު ނަޝީދުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއާ ގުޅޭގޮތުން އެފަރާތުން ފާހަގަކުރާ ކަންކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ތަކުރާރުކޮށް ހުށަހަޅަމުންދާތީއާއި، ކްރިމިނަލް ކޯޓުގެ ނަންބަރު132/Cr-C/2015 ޤަޟިއްޔާއަކީ އިސްތިއުނާފީ މަރުޙަލާއިން އެ ޤަޟިއްޔާގެ ޙުކުމަށް މައުޟޫޢީ ގޮތުން ނިހާއީ ޙުކުމެއް އައިސްފައިވާ ޤަޟިއްޔާއަކަށް ނުވާތީ، މި މައްސަލައަކީ ޢާންމު މަޞްލަޙަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައަކަށްވުމުން، މި ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް އިސްތިއުނާފީ މަރުޙަލާއިން ގޮތެއް ކަނޑައެޅުމުގެ މަޞްލަޙަތު އޮތްކަމަށް ފެންނަކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބުތައްކަން އެނގެން އޮންނައިރު، މި ސަބަބުތަކުގެ މައްޗަށް ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައިގައި ޖަވާބު ހުށަހަޅަމުން ދަޢުވާ ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ނަޒަރުކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މި މައްސަލައިގެ ވަޤާއިޢުތަކަށް ބަލާއިރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަޤާމުގައި ހުރި ރ. ހުޅުދުއްފާރު، ބަހާރުގޭ ޢަބްދުﷲ މުޙައްމަދު، 17 ޖަނަވަރީ 2012 ދުވަހު 00:00 ހާއިރު، ހައްޔަރުކޮށްގެން، ގެންގޮސް22 ދުވަސް ވަންދެން ކ. ގިރިފުށީގައި ބެހެއްޓުމާ ގުޅިގެން 17 ޖަނަވަރީ 2012 އިން ފެށިގެން06 ފެބުރުވަރީ 2012 އާ ދެމެދު ޝަރުޢީ ކޯޓުތަކުން ނެރެފައިވާ އަމުރުތަކަށް ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުރެ މުޙައްމަދު ނަޝީދު ތަބާވެފައިނުވާތީ ކަމަށް ބުނެ، އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން އެ މައްސަލަ އެއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 3 ގެ 81 ވަނަ މާއްދާގެ ދަށުން މުޙައްމަދު ނަޝީދުގެ މައްޗަށް ޤާނޫނާ ޚިލާފުވާ ގޮތަކަށް، ކުށްނުކުރާ މީހަކު ޤަޞްދުގައި ހިފައި ހައްޔަރުކުރުމުގެ ކުށުގެ ދަޢުވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް އެ ކޯޓުގެ ނަންބަރު 397/HMC/2012 ޤަޟިއްޔާއިން ހުށަހެޅިކަމާއި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެ މައްސަލަ ހިނގަމުންދާތާ ގާތްގަނޑަކަށް 3 އަހަރު ވާން ކައިރިވެފައި ވަނިކޮށް، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 19 ފެބުރުވަރީ 2015 ގައި އެ މައްސަލަ އަނބުރާ ގެންގޮސްފައިވާކަމާއި، އަދި އެ މައްސަލަ އަލުން މުރާޖަޢާކުރުމަށްފަހު، މުޙައްމަދު ނަޝީދުގެ މައްޗަށް ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ދަޢުވާ 22 ފެބުރުވަރީ 2015 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ޙަވާލާދެވުނު ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން އެ މައްސަލަ ބަލައި 13 މާރިޗް 2015 ގައި ޙުކުމްކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، އެއްވެސް ޖަރީމާއެއް އަދި އެއްވެސް ޢުޤޫބާތެއް ޤާނޫނީ ނައްޞަކުން މެނުވީ ކަނޑަނޭޅޭނެކަމުގެ މަބްދައު ނުވަތަ "ޖިނާއީ ޝަރުޢިއްޔަތު" (Criminal Legality) ގެ މަބްދައަކީ ދުނިޔޭގެ ތަހްޒީބުވެފައިވާ އެންމެހައި ދައުލަތްތަކުގެ ޖިނާއީ ޤާނޫނުތަކާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި އިސްތިޤްރާރުވެފައިވާ ޤާނޫނީ ޢާންމު މަބްދައެއްކަމާއި، މި މަބްދައު ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުގައި "ވަކި ކަމެއް ކުރުން، ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއްކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތީސް އެކަމެއް ކުރި މީހަކަށް ނުވަތަ އެކަމެއް ނުކޮށް ދޫކޮށްލި މީހަކަށް، އެ ކުރި ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅުވައިގެން އަދަބު ދީގެނެއް ނުވާނެއެވެ..." މިފަދައިން ބަޔާންވެގެންވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު ޖިނާއީ ޝަރުޢިއްޔަތުގެ މަބްދައަކީ ޖިނާއީ ދަޢުވާގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތު (characteristic) ވެސް ކަމާއި؛ ވުމާއެކު، ޖިނާއީ ދަޢުވާއެއްގައި އެއްވެސް މީހެއްގެ މައްޗަށް، އެމީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ޢަމަލަކީ ޤާނޫނަކުން ތަޖުރީމު (criminalize) ކުރެވިގެންވާ ޢަމަލަކަށް ވާންޖެހޭނެކަމާއި، އެ ޢަމަލަކީ ޤާނޫނަކުން ތަޖުރީމުކުރެވިގެންވާ ޢަމަލަކަށް ނުވާނަމަ އެމީހެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައި ޖިނާއީ ޝަރީޢަތް ހިންގުން ޤާނޫނީ ގޮތުން ޞައްޙަ ނުވާނެކަމާއި، ނަތީޖާއެއްގެ ގޮތުން، ޖިނާއީ ދަޢުވާއެއްގައި މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ވާޤިޢާއަކީ ޤާނޫނަކުން ތަޖުރީމުކުރެވިފައިވާ ވާޤިޢާއަކަށް ނުވާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޖިނާއީ މައްސަލަ ބަލާ ކޯޓަކަށް އެ ދަޢުވާ ހުށަހަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދަޢުވާ ފައިލްކުރަންވާނެކަމާ، އަދި އެފަދަ ދަޢުވާއެއް ޖިނާއީ މައްސަލަ ބަލާ ކޯޓަކަށް ހުށަހެޅިއްޖެނަމަ، ދަޢުވާ މައުޟޫޢީ ގޮތުން ބެލުމުގެކުރިން އެ ދަޢުވާ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެން ނުވާކަމަށް އިޖްރާއީ ގޮތުން ކަނޑައަޅަންވާނެކަން، އިސްތިޤުރާރުވެފައިވާ ޖިނާއީ އިޖުރާއާތުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި މުޙައްމަދު ނަޝީދު ކުރިކަމަށް ތުހުމަތުކޮށްފައިވާ ޢަމަލަކީ މުޙައްމަދު ނަޝީދު، ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުރެ، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ރ. ހުޅުދުއްފާރު، ބަހާރުގޭޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ނިންމައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް،17 ޖަނަވަރީ 2012 ދުވަހު 00:00 ހާއިރު، ޤާނޫނާ ޚިލާފުގޮތަކަށް ޢަބްދުﷲ މުޙައްމަދު ހިފައި ހައްޔަރުކޮށް، ސިފައިންގެ މަރުކަޒެއް ކަމުގައިވާ ކ. ގިރިފުށީގައި 7 ފެބްރުވަރީ 2012 ދުވަހާ ހަމަޔަށް ހައްޔަރުގައި ބެހެއްޓުންކަމާއި، އެ ޤަޟިއްޔާއިން ކުރެވުނު ދަޢުވާގައި މުޙައްމަދު ނަޝީދު ހިންގިކަމަށް ތުހުމަތުކުރެވުނު އިސްވެ ބަޔާންވެދިޔަ ވާޤިޢާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ތުހުމަތަކީ ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކަން އެނގެން އޮންނައިރު، ބުނެވުނު ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި މީހަކު ނުވަތަ މީހުން ކިޑްނެޕް ކުރުން، ނުވަތަ ގަދަކަމުން ފޮރުވުން، ނުވަތަ ރަހީނުންގެ ގޮތުގައި ހިފެހެއްޓުން، ނުވަތަ މިއިން ކަމެއް ކުރަން އުޅުމަކީ، ބުނެވުނު ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ކަނޑައަޅައިފައިވާކަމާ، އަދި ބުނެވުނުފަދަ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހެއްގެ ފުރާނަޔަށް ގެއްލުމެއް ނުލިބޭނަމަ އެ ކުށެއްކުރި މީހެއްގެ އަދަބަކީ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ކަމަށް، ބުނެވުނު ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި މުޙައްމަދު ނަޝީދު ކުރިކަމަށް ތުހުމަތުކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ޢަމަލަކީ ޓެރަރިޒަމްގެ ކުށެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ޤާނޫނީ ތަކްޔީފު ނުވަތަ ދީފައިވާ ޤާނޫނީ ވަޞްފުގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުމަކާ ނުލައި، ކްރިމިނަލް ކޯޓުން އެ ޤަޟިއްޔާ ބަލައި ފައިޞަލާކޮށްފައިވާކަން އެނގެން އޮންނަކަމާއި، އެ ޤަޟިއްޔާގައި މުޙައްމަދު ނަޝީދުގެ މައްޗަށް ނިސްބަތްކޮށްފައިވާ ވާޤިޢާކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަޤާމުގައި ހުރިޢަބްދުﷲ މުޙައްމަދު، 17 ޖަނަވަރީ 2012 ދުވަހު 00:00 ހާއިރު، ހައްޔަރުކޮށްގެން، ގެންގޮސް22 ދުވަސް ވަންދެން ކ. ގިރިފުށީގައި ބެހެއްޓުމުގެ 'ދަވާފިޢު' (motive) ތަކަށް ބަލާއިރު؛ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ފުލުހުންގެ ވާޖިބަށް ހުރަސްއެޅޭފަދަ ގޮތަކަށް މަސައްކަތް ކުރަމުން ގެންދާކަމަށް 16 ޖަނަވަރީ 2012 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގައި މައްސަލައެއް ކޭސްކުރެވުނު ކަމަށާއި، ނަމަވެސް، އެ މައްސަލައިގައި އޭނާއާ ސުވާލުކޮށް މައްސަލަ ތަޙްޤީޤުކުރެވިފައި ނުވާކަމަށާއި، ރެކޯޑްތަކުން ދައްކާގޮތުން އެ މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ލިބިފައިނުވާތީ2012 އެޕްރީލް 22 ގައި އެ ކޭސްވަނީ ފައިލްކުރެވިފައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171-A/197/2018/81 (21 ނޮވެންބަރު 2018) ސިޓީގައި ބުނެފައިވާކަމާއި، މީގެ އިތުރުން، ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ދޭންޖެހޭ އެއްބާރުލުން ނުލިބޭކަމަށާއި، ޚާއްޞަ ގޮތެއްގައި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދުގެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުންކޮށް ފުލުހުންގެ މަސައްކަތަށް ތަފާތު މޭރުމުން ހުރަސްއަޅާފައިވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ދާޚިލީ ހަމަޖެހުން ގެއްލި އަމާންވެއްޓެއް ޤާއިމްކުރުމަށް ފުލުހުން ނުކުޅެދިފައިވުމުގެ ސަބަބުން ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 71 ވަނަ މާއްދާގެ (ށ) ގެ ދަށުން ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އެހީތެރިވެ ދިނުމަށް އެދި 16 ޖަނަވަރީ 2012 ވީ ހޯމަ ދުވަހު ފުލުހުންގެ އިދާރާއިން ދިވެހި އަސްކަރިއްޔާއަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާކަމަށާއި، އެހެންކަމުން، ރާއްޖޭގެ އަމަންއަމާންކަން ގެއްލި، ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 9 ވަނަ ބާބާއި، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) އިން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރަށް ލިބިގެންވާ ޤާނޫނީ ބާރުގެ ދަށުން، އެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ދިވެހި އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން 17 ޖަނަވަރީ 2012 ގައި ނެރެފައިވާ ނޫސް ބަޔާނުގައި ބަޔާންކޮށްފައިވާކަމާއި، ބުނެވުނު ނޫސް ބަޔާނުގައި އިޝާރާތްކޮށްފައިވާ، 16 ޖަނަވަރީ 2012 ވީ ހޯމަ ދުވަހު ފުލުހުންގެ އިދާރާއިން ދިވެހި އަސްކަރިއްޔާއަށް ފޮނުވާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171-PHQ/28/2012/5 ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ފޮނުވާފައިވާ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ނަންބަރު10-H/28/2012/3 (16 ޖަނަވަރީ 2012) ސިޓީގައިވެސް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާ، އަދި މީގެއިތުރުން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދުގެ ޝަކުވާތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާކަމާއި، އެ ޝަކުވާތަކުގައި ޢަބްދުﷲ މުޙައްމަދު ކުރިކަމަށް ބަޔާންކޮށްފައިވާ ޢަމަލުތަކާ ގުޅިގެން އޭނައާމެދު ފިޔަވަޅުއަޅައިދިނުމަށް އެދިފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފޮނުވާފައިވާ އެ ސަރވިސްގެ ނަންބަރު 171-A(c)/195/2011/5 (17 މާރިޗު 2011) ސިޓީއާއި، އަދި ނަންބަރު171-A(a)/195/2011/6 (17 މާރިޗު 2011) ސިޓީއާއި ދެ ސިޓީއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން17 ޖަނަވަރީ 2012 ގައި ނެރެފައިވާ އިސްވެ އިޝާރާތްކުރެވުނު ނޫސް ބަޔާނާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ފޮނުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ސިޓީތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަޤާމުގައިހުރި ޢަބްދުﷲ މުޙައްމަދު ހައްޔަރުކޮށްގެން، ގެންގޮސް ކ. ގިރިފުށީގައި ބަހައްޓާފައި ހުރީ، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) އިން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރަށް ލިބިގެންވާ ޤާނޫނީ ބާރުގެ ދަށުން، އެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށްކަން އެނގެން އޮންނައިރު،ޢަބްދުﷲ މުޙައްމަދު ހައްޔަރުކޮށްގެން ގޮސް ކ. ގިރިފުށީގައި ބަހައްޓާފައި ހުރި ބަޔާންވެދިޔަ ވާޤިޢާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކޮށް އެއީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާފަދަ ޓެރަރިޒަމްގެ ކުށަކަށް ބަލައި، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ދަޢުވާ އުފުލުމުން އެ ޤަޟިއްޔާ އިޖްރާއީ ގޮތުން ބަލައިގަނެ ހިންގާފައިވަނީ ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްގެންކަމަށް ބަލާނޭ ޝަރްޢީ އަދި ޤާނޫނީ އަސާސެއް ނެތްކަމާ، ސަބަބަކީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކޮށް ކ. ގިރިފުށީގައި ބަހައްޓާފައި ހުރިހުރުމަކީ ސިފައިންގެ އެންމެ މަތީވެރިޔާވެސް ހިމެނޭގޮތުން، ސިފައިންގެ މުއައްސަސާއަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފަރުދީގޮތުން އެފަރާތަށް ލިބިގެންވާ ޤާނޫނީ ބާރާއި މަސްއޫލިއްޔަތުގެ ބޭރުން ކޮށްފައިވާ ކަމެއްކަން ދަލާލަތުކޮށްދޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ވިއަސް ފެންނަން ނެތްކަމާއި، އެއާ ޚިލާފަށްޢަބްދުﷲ މުޙައްމަދު ހައްޔަރުކޮށް ކ. ގިރިފުށީގައި ބަހައްޓާފައި ހުރީ ސިފައިންނަށް ލިބިގެންވާ ޤާނޫނީ ބާރުގެ ދަށުން ސިފައިންގެ މުއައްސަސާގެ ޤާނޫނީ މަސްއޫލިއްޔަތުގެ ތެރެއިން ޤަވާޢިދުން މުސްތަނަދުކުރެވިގެންކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ބަޔާންވެދިޔަ ގޮތުގެމަތިން ޢަބްދުﷲ މުޙައްމަދު ހައްޔަރުކޮށްފައި ބެހެއްޓި ބެހެއްޓުމަކީ އޭނާ ކިޑްނެޕްކޮށް ގަދަކަމުން ފޮރުވައި ރަހީނުކުރުން ކަމަށް ޤާނޫނީ ގޮތުން ތަކްޔީފުކޮށް ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކްރިމިނަލް ކޯޓުގެ ނަންބަރު132/Cr-C/2015 ޤަޟިއްޔާގައި ދަޢުވާ އުފުލައި ޝަރީޢަތް ހިންގާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ޤާނޫނީ ދައުލަތެއްގެ އެންމެ މުހިއްމު އެއް އަސާސަކީ "މަބްދައުލް މަޝްރޫޢިއްޔާ" (Principle of Legality) ގެ އަސާސްކަމާއި، މި މަބްދައުގެ މުރާދަކީ ދައުލަތުގައި ޤާނޫނުގެ ސިޔާދަތު ކަށަވަރުވެ، ދައުލަތުގެ އެންމެހައި ބާރުތަކާއި، މުއައްސަސާތަކާއި، އިދާރާތަކާ، އަދި އެންމެހައި ރައްޔިތުން ޤާނޫނަށް ބޯލެބުން ކަމުގައިވާއިރު، ދިވެހި ދައުލަތުގެ ވެރިކަމުގެ ބާރުތަކުގެ ތެރެއިން ކޮންމެ ބާރަކާ، އަދި ދައުލަތުގެ އެންމެހައި އިދާރާތަކާއި މުއައްސަސާތަކުގެ ޤާނޫނީ އެންމެހައި ޢަމަލުތަކާއި ތަޞައްރުފާތުތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ޙުދޫދު ފަހަނައަޅައި ގޮސްގެން ނުވާނެކަމީ އިސްތިޤުރާރުވެފައިވާ، އެއާމެދު ދެބަސް ނުވެވޭނޭ ދުސްތޫރީ އުޞޫލެއްކަން އެނގެން އޮންނައިރު، ޤާނޫނުއަސާސީއާއި، ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރަށް ލިބިގެންވާ ޤާނޫނީ ބާރުގެ ދަށުންވެސް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު އިސްވެ ބަޔާންވެދިޔަ ގޮތުގެމަތިން ހައްޔަރުކޮށް ބަހައްޓާފައިވަނީ އެ އިދާރާގެ މައްޗަށް ޤާނޫނީ ގޮތުން ތަބާވުން ލާޒިމުވެގެންވާ ޤާނޫނީ އަދި އިޖްރާއީ ޝަރްޠުތައް (due process) ފުރިހަމަކުރުމަކާ ނުލައިކަމަށްވާނަމަ، އެއީ ޤާނޫނީ ގޮތުން ޞައްޙަ ޢަމަލަކަށް ނުވާނެކަމާއި، މިގޮތުން ބަލާއިރު، ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ޙާލަތެއްގައި މެނުވީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވިގެން ނުވަތަ އެނޫންވެސް ޙާލަތެއްގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވިގެން ފަނޑިޔާރަކު ހައްޔަރުކުރަންވާނީ، އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށްވުރެ މަތީ ކޯޓެއްގެ އަމުރަށްކަމަށާއި، އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަޙްޤީޤްކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުމުން، އެއީ އެކަށީގެންވާ ކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު 17 ޖަނަވަރީ 2012 ވަނަ ދުވަހު 00:00 ހާއިރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހައްޔަރުކޮށްފައިވަނީ، އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެމަތިން ނޫންކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް އަމުރު ރައްދުވާ ގޮތަށް ނެރެފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC-SJ/2012 ކޯޓު އަމުރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2/2012/95-CR ކޯޓު އަމުރުން ކަށަވަރުކޮށްދީފައިވާކަމާއި، އެހެންކަމުން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު 16 ޖަނަވަރީ 2012 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހައްޔަރުކޮށް ކ. ގިރިފުށީގައި ބަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށްވާތީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެ ޢަމަލަކީ އެއަށް މަޝްރޫޢިއްޔަތުކަން ލިބިގެންނުވާ ބާޠިލު ޢަމަލެއްކަން އެނގެން އޮންނަކަމާއި، ނަމަވެސް، އެ ޢަމަލަށް މަޝްރޫޢިއްޔަތުކަން ލިބިގެން ނުވުމަކީ އޭގެޒާތުގައި އެ ޢަމަލަކީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ތަޖްރީމުކުރެވިފައިވާފަދަ ޓެރަރިޒަމްގެ ކުށެއްކަމަށް ތަކްޔީފުކޮށް ބަލަންޖެހޭ ސަބަބެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
(އ) އަށްވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު ފަދައިން، ޖިނާއީ ދަޢުވާގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތަކީ ޖިނާއީ ޝަރުޢިއްޔަތުގެ މަބްދައުގެ މައްޗަށް ރިޢާޔަތްކޮށް، ޖިނާއީ ދަޢުވާގައި މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ޢަމަލަކީ ޤާނޫނަކުން ތަޖުރީމުކުރެވި އެއަށް ޢުޤޫބާތް ކަނޑައެޅިފައިވާ ޢަމަލެއްކަމަށްވުން ކަމުގައިވާއިރު، ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި މުޙައްމަދު ނަޝީދު ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުރެ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކޮށް ކ. ގިރިފުށީގައި ބަހައްޓާފައި ހުރިކަމަށް ބުނާ ވާޤިޢާއަކީ ޙަޤީޤަތުގައި ސިފައިންގެ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރަށް ލިބިގެންވާ ޤާނޫނީ ބާރުގެ ދަށުން، އެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށް ސިފައިން ތަންފީޒުކޮށް ހިންގާފައިވާ ޢަމަލެއްކަން އެނގެން އޮންނައިރު، އަދި އެއީ އެއްވެސް ޙާލެއްގައި ތަޖްރީމުކުރެވިފައިވާ ކިޑްނެޕްކުރުމުގެ ނުވަތަ ރަހީނުކުރުމުގެ ނުވަތަ ގަދަކަމުން ފޮރުވުމުގެ ޢަމަލެއް ނޫންކަން އެނގެން އޮންނައިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ޢަމަލަކީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާފަދަ ޓެރަރިޒަމްގެ ކުށެއްކަމަށް ބަލައި، ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން އުފުލާފައިވާ ބަޔާންވެދިޔަ ދަޢުވާ އެ ކޯޓަށް ޝަކްލީ ގޮތުން ބަލައިގަތުމަކީ އޭގެޒާތުގައި ބާޠިލު އިޖްރާއަތެއްކަން އެނގެން އޮންނައިރު، ބާޠިލުކަމެއްގެ މައްޗަށް ބިނާވެގެންވާ ކޮންމެ ކަމަކީ ބާޠިލު ކަމެއްކަމަށް ބުނާ ޝަރްޢީ އަދި އުޞޫލީ ޤާޢިދާ "ما بُنىَ على باطل فهو باطل" ގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ބަލައިގަނެ މައުޟޫޢީ ގޮތުން އެ ދަޢުވާގެ މައްޗަށް ފައިޞަލާކުރުމަކީވެސް ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ބާޠިލުކަމެއްކަން އެނގެން އޮންނަ އޮތުމެވެ.
(ވ) ނުވަވަނަ ކަމަކީ، ފުރަތަމަ މަރުޙަލާގެ ކޯޓުން ނިންމާ ޖިނާއީ މައްސަލަތައް، ކަމާބެހޭ މަތީ މަރުޙަލާގެ ކޯޓުގައި ތަޢުނުކުރުމަކީ ނުވަތަ އިސްތިއުނާފުކުރުމަކީ ޖިނާއީ މައްސަލަތަކުގައި ހިމެނޭ ޚަޞްމުންނަށް ލިބިގެންވާ އަސާސީ ޙައްޤެއްކަމާއި، މި ޙައްޤަކީ މިޒަމާނުގެ ތަފާތު ދުސްތޫރީ ނިޒާމުތަކުގެ ދުސްތޫރުތަކުންނާއި ޖިނާއީ އިޖްރާއާތުގެ ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ޖިނާއީ އިޖްރާއާތުގެ ޢާންމު މަބްދައުތަކުގެ ތެރޭގައި ހިމެނޭ އަސާސީ މަބްދައެއްކަމާއި، މި މަބްދައު ކަށަވަރުކުރަމުން "ސިޔާސީ އަދި މަދަނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޢަހްދު" (1966) (International Covenant on Civil and Political Rights) ގެ 14 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގައި "ޖިނާއީ ކުށަކުން ކުށްވެރިވެއްޖެކަމަށް ޙުކުމްކުރެވޭ ކޮންމެ މީހަކަށްމެ އެ ޙުކުމް މަތީ މަރުޙަލާގެ ކޯޓެއްގައި ޤާނޫނުގައިވާ ގޮތުގެމަތިން އަލުން ބެލުމުގެ ޙައްޤު ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ޖިނާއީ މައްސަލަތަކުގައްޔާއި، މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، އިސްތިއުނާފުކުރުމުގެ ޙައްޤުގެ ބޭނުންކޮށް އެފަދަ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިދާނެ ޙާލަތްތައް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި އިޖްމާލީގޮތަކަށް ބަޔާންކޮށްފައިވާކަމާއި، އެއީ އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުމާއި، ޤާނޫނު ތަޠްބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ކަންކަން ހުރުމާއި، ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއާތެއްގައި ހިމެނޭ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުންކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ބުނެވިދިޔަ 43 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބެލުމުން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ޓެރަރިޒަމްގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާ ގ. ކެނެރީގޭ މުޙައްމަދު ނަޝީދުގެ ފަރާތުން އެ ޤަޟިއްޔާގެ ޙުކުމް ކަނޑައެޅިފައިވާ އިޖްރާއާތުގެ ދަށުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައި ނުވާކަން އެނގެން އޮންނަކަމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު132/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައަކީ އެ ޤަޟިއްޔާގެ ޙުކުމް ރަނގަޅު ނޫންކަމަށް ދެކިގެން ހުށަހެޅި މައްސަލައެއް ނޫންކަމާ، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ޤަޟިއްޔާގެ އިސްތިއުނާފު ބިނާކޮށްފައިވާ ކަންކަމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ފެތޭ ކަންތައްތަކަކަށް ނުވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި އެ މައްސަލަ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ފައިޞަލާކޮށްފައި ނުވާކަން ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމުން އެނގޭކަމާއި، ހަމައެހެންމެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ސުޕްރީމް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 2016/SC-A/01 ޤަޟިއްޔާއިން ބެލުނު މައްސަލައަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ހުށަހެޅުނު އިލްތިމާސްގެ މައްސަލައެއް ނޫންކަން އެނގެން އޮންނައިރު، ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ނިންމުމާއި، ސުޕްރީމް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 2016/SC-A/01 ޤަޟިއްޔާއަކީ ސުޕްރީމް ކޯޓުގެ މި މައްސަލައިގެ ތެރެއިން މުރާޖަޢާކުރަންޖެހޭ މައްސަލަތަކެއް ނޫންކަން އެނގެން އޮންނަކަމެވެ.
(މ) ދިހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ބުނެ، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ކަންހިނގާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޝަރްޢީ އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށް ހުށަހަޅާފައިވާ ކަންކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙަވާލާދެވުނު ނަންބަރު HC-IH/2015/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅުނު މައްސަލައިގައާއި، ސުޕްރީމް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 2016/SC-A/01 ޤަޟިއްޔާގައި ބަލާފައިވާ ކަންކަންކަމުގައި ވީނަމަވެސް، އެކަންކަމަކީ ޙަޤީޤަތުގައި ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ ޝަކްލީ ގޮތުން ޞައްޙަ ދަޢުވާއަކަށްވާނަމަ، އެ ދަޢުވާ ޘާބިތުކުރުމަށްޓަކައި ހިންގާފައިވާ އިޖްރާއާތު ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަން ކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ބުނެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާއަކީ އިސްވެ ބަޔާންވެދިޔަ ސަބަބުތަކަށްޓަކައި ޝަކްލީ ގޮތުން ޞައްޙަ ދަޢުވާއެއް ނޫންކަން އެނގެން އޮންނާތީ، އެ ދަޢުވާ ޘާބިތުކުރުމަށްޓަކައި ހިންގާފައިވާ އިޖްރާއާތު ޞައްޙަވުމަކީ ނުވަތަ ނުވުމަކީ އެ ދަޢުވާ ޝަކްލީ ގޮތުން ޞައްޙަ ދަޢުވާއަކަށް ބަލަންޖެހޭ ސަބަބެއް ނޫންކަން އެނގެން އޮންނަކަމެވެ.
(ފ) އެގާރަވަނަ ކަމަކީ، ޖިނާއީ ޚުޞޫމަތްތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްއަކީ މުޅި މުޖުތަމަޢު ތަމްޘީލުކުރާ ފަރާތުގެ ޙައިޘިއްޔަތުން ޖިނާއީ ދަޢުވާ ނިމިގެންދަނީ ޤާނޫނު، ޞައްޙަ މަގުން ތަޠުބީޤުކުރެވުމާއެކު، ޢަދާލަތު ޤާއިމުވެގެންތޯ ކަށަވަރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޢާންމު މަސްއޫލިއްޔަތެއް ކަމުގައިވާއިރު، ޖިނާއީ ދަޢުވާއެއްގައި ފުރަތަމަ މަރުޙަލާގެ ކޯޓުން ނިންމާ ނިންމުން އިޖްރާއީ ގޮތުންނާއި، މައުޟޫޢީ ގޮތުން ޤާނޫނު، ޞައްޙަ މަގުން ތަޠްބީޤުކުރެވި ޢަދާލަތު ޤާއިމުކުރެވިފައި ނުވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤަބޫލުކުރެވޭނަމަ މުޅި މުޖުތަމަޢުގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، އެ މައްސަލައިގައި ޢަދާލަތު ޤާއިމުކުރެވި ޤާނޫނު، ޞައްޙަ މަގުން ތަޠުބީޤުކުރެވިފައިވޭތޯ ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ކޯޓަށް އެ މައްސަލަ އިސްތިއުނާފުކުރުމަށް ނުވަތަ މުރާޖަޢާކުރުމަށް ހުށަހެޅުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރެއްކަން ތަފާތު ޖުރިސްޑިކްޝަންސްތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމްތަކުގައި އިސްތިޤުރާރުވެފައިވާ ޖިނާއީ އިޖުރާއާތުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ކަށަވަރުކުރުމަށްޓަކައި އެ ޤަޟިއްޔާގެ ޙުކުމް މުރާޖަޢާކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ އިސްތިއުނާފީ މަރުޙަލާތަކަށް ހުށަހެޅުނު ނަމަވެސް، އިސްތިއުނާފީ އެއްވެސް މަރުޙަލާއަކުން އެ މައްސަލައިގެ މައުޟޫޢުއާ ގުޅޭގޮތުން ފައިޞަލާކުރެވިފައިވާ ޙުކުމެއް ނޫންކަމަށާއި، މުޙައްމަދު ނަޝީދުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއާ ގުޅޭގޮތުން އެފަރާތުން ފާހަގަކުރާ ކަންކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ތަކުރާރުކޮށް ހުށަހަޅަމުންދާތީއާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއަކީ އިސްތިއުނާފީ މަރުޙަލާއިން އެ ޤަޟިއްޔާގެ ޙުކުމަށް މައުޟޫޢީ ގޮތުން ނިހާއީ ޙުކުމެއް އައިސްފައިވާ ޤަޟިއްޔާއަކަށް ނުވާތީ، މި މައްސަލައަކީ ޢާންމު މަޞްލަޙަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައަކަށްވުމުން، މި ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް އިސްތިއުނާފީ މަރުޙަލާއިން ގޮތެއް ކަނޑައެޅުމުގެ މަޞްލަޙަތު އޮތްކަމަށް ފެންނަކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބުތައްކަން އެނގެން އޮންނައިރު، އިޖްމާލީ ގޮތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންވެދިޔަ ސަބަބުގެ އިތުރުން ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ މުރާޖަޢާކުރަން ފެންނަ ޚާއްޞަ ސަބަބެއް ހުށަހަޅާފައި ނުވާކަން އެނގެން އޮންނަކަމާއި، ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމް މައުޟޫޢީ ގޮތުންނާއި، އިޖްރާއީ ގޮތުން ބިނާކޮށްފައިވާ އަސާސްތަކަކީ ޤާނޫނީ ގޮތުން ޞައްޙަ އަސާސްތަކެއް ކަމަށް މުޙައްމަދު ނަޝީދުގެ ފަރާތުން ނުދެކޭނަމަ، ޢަމަލުކުރެވޭ ޤާނޫނީ އިޖްރާއާތުގެ އުޞޫލުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަކީ މުޙައްމަދު ނަޝީދަށް ލިބިގެންވާ ޙައްޤެއްކަން އެނގެން އޮންނައިރު، 13 މާރިޗް 2015 ގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ބުނެވިދިޔަ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ނިމުނުތާ ދިގު މުއްދަތެއް ފަހަނައަޅައި ދިޔަ ފަހުންވެސް، ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފުކުރަމަށް ހުށަނޭޅުނު މަޤްބޫލު ސަބަބެއް ބަޔާންކޮށް އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ނަޝީދުގެ ފަރާތުން މަސައްކަތްކޮށްފައި ނުވުމުން، ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއަކީ ފައިޞަލާކުރަނިވި ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިހާއީ ޙުކުމެއްކަން އެނގެން އޮންނަކަމަށް ސުޕްރީމް ކޯޓުގެ ޙަވާލާދެވުނު ނަންބަރު2016/SC-A/01 ޤަޟިއްޔާގައި ފާހަގަކޮށްފައިވީނަމަވެސް، ކަނޑައެޅިނިޔާގެ ބާރު (force of res judicata) ލިބިގެންވާ ޙުކުމަކުން ނިމިފައިވާ އެއްވެސް މައްސަލައެއް އަލުން ބެލުމުގެ ބާރު ޝަރްޢީ މަރުޙަލާގެ އެއްވެސް ކޯޓަކަށް ލިބިގެން ނުވުމުގެ ބަޔާންވެދިޔަ މަބްދައަކީ އެއްވެސް އިސްތިޘްނާއެއް ނެތި މުޠުލަޤު ގޮތަކަށް ތަޠްބީޤުކުރެވޭ މަބްދައެއް ނޫންކަން އެނގެން އޮންނަކަމާ، މިގޮތުން ބަލާއިރު، ޤަޟާއީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައިވާ ބުނެވިދިޔަ މަބްދައު ތަޠްބީޤުކުރުމުން ޙާޞިލުވާ އަސާސީ ނަތީޖާއަކީ ޚަޞްމުންގެ މެދުގައި އުފެދޭ ޚުޞޫމަތްތަކަކީ ނިމުމެއް ނެތި ދެމިގެންދާ ޚުޞޫމަތްތަކަކަށްނުވެ، އެ ޚުޞޫމަތްތަކަށް ޤަޟާއީ ޙިމާޔަތް ލިބި، އެފަރާތްތަކުގެ ޙައްޤުތަކާއި ޤާނޫނީ މަރްކަޒުތައް އިސްތިޤުރާރުވެ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެފަރާތްތަކަށް އިންޞާފު ކަށަވަރުވެގެންދިއުން ކަމުގައިވާއިރު، އެ ނަތީޖާ ޙާޞިލުނުވާނޭހެން ފާޅުކަން ބޮޑުގޮތަކަށް ޢަދުލު އިންޞާފަށް ހުރަސްއެޅޭގޮތަށް ނިމިފައިވާ ޙުކުމްތަކަކީ އޭގެޒާތުގައި ނިހާއީ ޙުކުމްތަކެއްކަމަށް ނުބެލެވޭނެކަމާ، އެހެންކަމުން، އެފަދަ މައްސަލަތައް އިސްތިޘްނާއީ ގޮތަކަށް އަލުން ބަލައި މުރާޖަޢާކުރުމަކީ އިސްލާމީ ފިޤްހުގައި އިސްތިޤްރާރުވެފައިވާ ޝަރްޢީ އުޞޫލުތަކުގެ އިތުރުން، ތަފާތު ޖުރިސްޑިކްޝަން ތަކުގައި ޢަމަލުކުރެވޭ އިޖްރާއާތުގެ ޤާނޫނުތައް ހުއްދަކުރާ ކަމެއްކަމާއި، މިގޮތުން، ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއް ބަލައި ފައިޞަލާކުރުންފަދަ "ނިޒާމު ޢާންމު" އާ ޚިލާފު އިޖްރާއާތެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ޙުކުމެއްނަމަ، އެފަދަ ޙުކުމެއް ހިމެނޭ މައްސަލަ އަލުން ބަލައި މުރާޖަޢާކުރުމުގެ ފުރުޞަތު ލިބުމުކާ ނުލައި ފައިޞަލާކުރުވަނިވި ބާރު ލިބިގެން ދިއުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ޢަދުލު އިންޞާފަށް ހުރަސްއެޅިގެން ދިއުންކަން އެނގެން އޮންނާތީ، އިސްތިޘްނާއީ ޙާލަތްތަކެއްގައި އެފަދަ މައްސަލަތައް އަލުން ބަލައި މުރާޖަޢާކުރުމުގެ ފުރުޞަތު ތަފާތު ޖުރިސްޑިކްޝަން ތަކުގައި ކަމާބެހޭ ކޯޓަށް ލިބިގެންވާކަން އެނގެން އޮންނައިރު، އެ އަސާސްތަކުގެ މައްޗަށް ރިޢާޔަތްކޮށް ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 132/Cr-C/2015 ޤަޟިއްޔާ މި ކޯޓުން މުރާޖަޢާކުރިއިރު، އެ ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ޖިނާއީ ޝަރްޢިއްޔަތުގެ މަބްދައާ ޚިލާފަށްކަން އެނގެން އޮންނާތީ އެ ޤަޟިއްޔާއިން އުފުލާފައިވާ އެ ދަޢުވާ ކްރިމިނަލް ކޯޓަށް ޝަކްލީ ގޮތުން ބަލައިގަނެ އޭގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކޮށްފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ބެލެވެން ނެތްކަމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ބަލައިގަނެ، އޭގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކޮށްފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށް ނުވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.