—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2018/SC-A/51
ދަޢުވާކުރާ ފަރާތް: ޢިމްރާން ޢަބްދުﷲ
ދަޢުވާ ލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ބާވަތް: ޓެރަރިޒަމް
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 24 އޮކްޓޫބަރު 2018
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 31 އޮކްޓޫބަރު 2018
ނިމުނު ތާރީޚް: 22 ނޮވެންބަރު 2018
މައްސަލަ ނިންމި ގަޑި: 15:36
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2016/HC-A/103
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 08 މާރިޗު 2016
ނިމުނު ތާރީޚް: 23 އެޕްރީލް 2016
މައްސަލައިގެ ޚުލާޞާ:
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/103 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ޢިމްރާން ޢަބްދުﷲގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/103 ޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށްބުނެ، ޢިމްރާން ޢަބްދުﷲ ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/103 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލް އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، 01 މެއި 2015 ވަނަ ދުވަހު 'އަނިޔާވެރިކަން ނިންމުން" މިނަމުގައި، ޢިމްރާން ޢަބްދުﷲ، ރައީސްކަންކުރާ ޢަދާލަތު ޕާޓީ އިސްވެއޮވެ، މާލެ ތެރޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި، އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކުރުމުން، މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނަށާއި ޢާންމުންގެ މުދަލަށް ގެއްލުންދީފައިވާކަމަށް ބުނެ، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ކ) އާ ޙަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢިމްރާން ޢަބްދުﷲގެ މައްޗަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެ ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، ޢިމްރާން ޢަބްދުﷲގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާކުރި، ޓެރަރިޒަމްގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިއިރު، 2015 ވަނަ އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހު ޢަދާލަތު ޕާޓީން އިސްނަގައިގެން މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި ގިނަ ޢަދަދެއްގެ ބަޔަކު، ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުތަކަށާއި، އެނޫންވެސް ސަރަޙައްދުތަކަށް އެއްވެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނަށާއި، ޢާންމުންގެ މުދަލަށް ގެއްލުންދިނީ، އެ ދުވަހުގެ އެ މުޒާހަރާ އިންތިޒާމްކުރި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިންނާ ދިވެހި ސަރުކާރާމެދު ނަފްރަތު އުފެދޭގޮތަށާއި، ދިވެހި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް ދެއްކި ވާހަކަތަކުގެ ސަބަބުންކަމަށް ޤަބޫލުކުރެވޭތީއާއި، އެފަދަ ކަމެއް ކުރުމަކީ ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ކ) އާއި، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު ޢަމަލަކަށްވާތީއާ، އަދި އެ ޢަމަލަކީ އެ ދެ ޤާނޫނުގައިވާ ފަދައިން ކުށެއްކަމަށް ވާތީއާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން ޢިމްރާން ޢަބްދުﷲ ކުރި މި ޢަމަލަކީ ޓެރަރިޒަމްގެ ޢަމަލެއްކުރުމަށް ހިތްވަރު ދިނުމުގެ ކުށް ކަމުގައިވިޔަސް، ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ ދަށުން ޢިމްރާން ޢަބްދުﷲ ކުރި މި ޢަމަލަކީ ޓެރަރިޒަމްގެ ކުށުގެ ޢަމަލަކަށް ވާތީއާއި، ޢިމްރާން ޢަބްދުﷲ މި ޢަމަލު ހިންގިއިރު ޢަމަލުކުރަމުންދިޔަ ޤާނޫނަކީ ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ކަމަށް ވާތީއާއި، އިސްވެ ބަޔާންވެދިޔަ ދެ ޤާނޫނުގައި މި ބާވަތުގެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ކުޑަމިނާ ބޮޑުމިނުގެ އެއްވެސް ތަފާތެއް ނެތުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ކ) އާ ޙަވާލާދީ، ޓެރަރިޒަމްގެ ކުށުން ޢިމްރާން ޢަބްދުﷲ ކުށްވެރިވާކަމަށް ކަނޑައަޅާ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން 12 (ބާރަ) އަހަރު ދުވަހުގެ މުއްދަތަކަށް ޢިމްރާން ޢަބްދުﷲ ޖަލަށް ލުމަށް ޙުކުމްކޮށް، އެ ޤަޟިއްޔާ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
02- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/103 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، ޢިމްރާން ޢަބްދުﷲގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ޙުކުމް ކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/103 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިލްތިމާސްކުރި ޢިމްރާން ޢަބްދުﷲގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކައަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި ޤަޟިއްޔާއާ ގުޅުންހުރި އެންމެހައި ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/103 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޢިމްރާން ޢަބްދުﷲގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، އެ ދަޢުވާއަކީ، ޢިމްރާން ޢަބްދުﷲ 01 މޭ 2015 ވަނަ ދުވަހު، "އަނިޔާވެރިކަން ނިންމުން" މި ނަމުގައި، ޢަދާލަތު ޕާޓީ އިސްވެއޮވެ، މާލެ ތެރޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި، އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް މުޒާހަރާގެ ބައިވެރިންނާ މުޚާޠަބު ކުރުމުން، މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުތަކަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނަށާއި، ޢާންމުންގެ މުދަލަށް ގެއްލުން ދީފައިވާކަމަށް ބުނެ، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ކ) އާ ޙަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ދަޢުވާކަން ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނައިރު، އެ ދަޢުވާގެ އަޞްލަށް ޢިމްރާން ޢަބްދުﷲ އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: މި މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު، ޢަދާލަތު ޕާޓީއާއި އެމް.ޑީ.ޕީ އަދި ގުޅިފައިވާ އެހެނިހެން ފަރާތްތައް އެކުގައި ރާވައިގެން ކުރިއަށް ގެންދާ ޞުލްޙަވެރި އެއްވުމެއް01 މޭ 2015 ވާ ހުކުރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ، ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން ނޯޓިސް ދީފައިވާކަން، 29 އެޕްރިލް 2015 ގައި ޢަދާލަތު ޕާޓީން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާފައިވާ އެ ޕާޓީގެ ނަންބަރު AP/MIS/2015/86 ގެ ސިޓީއިން އެނގެން އޮންނަކަމާއި،
އަދި ޢަދާލަތު ޕާޓީގެ ނަމުގައި ދީފައިވާ އިސްވެ ބަޔާންކުރެވުނު ނޯޓިސްއާ އެއްގޮތަށް01 މޭ 2015 ގައި މާލޭގައި ޢަދާލަތު ޕާޓީ އާއި އެމް.ޑީ.ޕީ އަދި ގުޅިފައިވާ އެހެނިހެން ފަރާތްތައް އެކުގައި މުޒާހަރާއެއް ބާއްވާފައިވާކަން އެނގޭކަމާއި، އެ މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކޮށް ޢިމްރާން ޢަބްދުﷲ ވާހަކަ ދައްކާފައިވާކަމާއި، އެގޮތުން އޭނާ ދައްކާފައިވާ ވާހަކައިގައި، އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކާފައިނުވާނެ ކަމަށާއި، އަދި އެއާ ޚިލާފަށް ޢިމްރާން ޢަބްދުﷲ ވާހަކަ ދައްކާފައިވާނީ އެއްވެސް ފަރާތަކަށް އަނިޔާވެރި ނުވުމުގެ މައްޗަށްކަމަށް ބުނެ، އެކަމަށް ދަލާލަތު ކޮށްދިނުމުގެ ގޮތުން ޢިމްރާން ޢަބްދުﷲގެ ފަރާތުން ދައްކާފައިވާ ވާހަކައިގެ ޢިބާރާތްތަކެއް ފާހަގަކޮށް، އެ ޢިބާރާތްތައް ޝަރީޢަތުގެ ސަމާލުކަމަށް ގެނެސްފައިވާކަމާއި، އެގޮތުން ފާހަގަކޮށްފައިވާ ޢިބާރާތްތަކުގެ ތެރޭގައި،
"އެގޮތުން އަޅުގަނޑުމެން ވަރަށް ސާފުކޮށް މި ދަންނަވަނީ، ރައީސް ޔާމީނަށް ވިޔަސް، އަޙްމަދު އަދީބަށް ވިޔަސް، ޙުސައިން ވަޙީދަށް ވިޔަސް އަޅުގަނޑުމެން އަނިޔާއެއް ނުކުރާނަން. އަޅުގަނޑުމެންނަކީ އަނިޔާވެރި ބައެއް ނޫން. ކިތަންމެ ބޮޑު މުޖުރިމަކަށްވެސް އަޅުގަނޑުމެންގެ ފަރާތުން އަނިޔާއެއް ނުލިބޭނެ. އަނިޔާއެއް ނުކުރާނަން." މި ޢިބާރާތާއި،
"އަޅުގަނޑުމެނަށް އަނިޔާކުރުމަށް، އަޅުގަނޑުމެނަށް ގެއްލުމެއްދިނުމަށް އަޅުގަނޑުމެން ގައިން ލޭ އޮހޮރުވުމަށް އަޙްމަދު އަދީބު އެތަށް މިލިޔަން ރުފިޔާއެއް ޚަރަދުކޮށްގެން ބައެއް ފުލުސް ކުދިންނާއި ގޭންގު ކުދިން މަގުމައްޗަށް ނެރެފައިވާކަމީ އަޅުގަނޑުމެނަށް އެނގޭ ކަމެއް. އެހެންކަމުން އަޙްމަދު އަދީބުގެ އަވައިގައި ޖެހިފައިވާ ފުލުހުންގެ މީހަކު އަޅުގަނޑުމެންގެ މީހަކަށް އަނިޔާއެއް ކުރުމަށް ލޮބުވެތި ފުލުހުން ޖާގަނުދެއްވާ. އަޅުގަނޑުމެން ޙައްޤު ގޮތުގައި ތިއްބާ، އަޅުގަނޑުމެން ރަނގަޅު ގޮތުގައި ތިއްބާ، އަޅުގަނޑުމެންގެ މީހެއްގެ ގައިން ލޭ އޮހޮރުވުމަށް، ތަނެއް ބިންދާލުމަށް، މުގުރުބުރިން ޖެހުމަށް ޖާގަ ނުދެއްވާ. އަޅުގަނޑުމެން ބޭނުމެއްނޫން އެންމެ ރައްޔިތެއްގެ ގައިން އެންމެ ލޭ ތިއްކެއްވެސް ބިންމައްޗަށް ވެއްޓޭކަށް." މި ޢިބާރާތާއި،
"އެއްވުމުގެ ބައިވެރިން ރަނގަޅު ގޮތުގައި ތިއްބާ އަޅުގަނޑުމެނަށް ގޭންގު ކުދިން ނުވަތަ ފުލުހުން އަނިޔާ ކުރުމަށް ޖާގަ ނުދެއްވާ" މި ޢިބާރާތާއި،
"އަޅުގަނޑުމެން ބޭނުމެއްނޫން އެންމެ ރައްޔިތެއްގެ ގައިން އެންމެ ލޭތިއްކެއް ބިންމައްޗަށް ވެއްޓޭކަށްވެސް" މި ޢިބާރާތްތައް ފާހަގަކޮށް، ޢިމްރާން ޢަބްދުﷲ ދައްކާފައިވާ އެ ވާހަކާގެ މަޤްޞަދަކީ ހަމަނުޖެހުމަށް ހިތްވަރު ދިނުމެއް ނުވަތަ ހަމަނުޖެހުން އުފެއްދުން ނޫންކަމަށާއި، އެ ވާހަކަތަކުގެ ބޭނުމަކީ، އެފަދަ މުޒާހަރާއެއްގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެކަމަށް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި އަދި ޢާންމުންވެސް ސަމާލުވުމަށް ދެންނެވުންކަމަށް ޢިމްރާން ޢަބްދުﷲގެ ފަރާތުން ބުނެފައިވާކަމާއި،
01 މޭ 2015 ވަނަ ދުވަހު ބޭއްވި އިސްވެ ބަޔާންކުރެވުނު މުޒާހަރާއަށް ތައްޔާރުވަމުން ދިޔައިރު، ޢަދާލަތު ޕާޓީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ އިސް ބޭފުޅުންނާއެކު 28 އެޕްރިލް 2015 ގައި ބައްދަލުވުމެއް ބާއްވާފައިވާކަމާއި، އަދި އެ ބައްދަލުވުމުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތައް ހިމެނޭގޮތުން އެ ބައްދަލުވުމުގެ ޔައުމިއްޔާ ބަލަހައްޓާފައިވާކަމާއި، އެ ޔައުމިއްޔާގެ 6 ވަނަ ޞަފްޙާގައި، މުޅި މުޒާހަރާގެ ތެރޭގައިވެސް ޤާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރުމަށް މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިން އެދެމުން ގެންދާކަމަށާއި، އަދި މުޒާހަރާ އިންތިޒާމް ކުރަނީ ޢަދާލަތު ޕާޓީ އިސްވެ އޮވެގެން ކަމުގައިވިޔަސް، މުޒާހަރާގެ ތެރޭގައި ވަކިވަކި ފަރުދުން ކުރާ ކަންކަމުގެ ޒިންމާ އެ ޕާޓީން ނަގަން ޖެހޭނެކަމަށް ނުދެކޭ ކަމަށްވެސް އެ ބައްދަލުވުމުގައި ޢިމްރާން ޢަބްދުﷲ ބުނެފައިވާކަން ވެސް އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގައި ޢިމްރާން ޢަބްދުﷲގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ، އިސްވެ ބުނެވުނު މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުތަކަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނަށާއި، ޢާންމުންގެ މުދަލަށް ގެއްލުން ދީފައިވަނީ، އެ މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކޮށް ޢިމްރާން ޢަބްދުﷲ ދެއްކި ވާހަކައިގައި އަނިޔާވެރިކަމަށް ހިތްވަރުލިބޭގޮތަށް ވާހަކަ ދައްކާފައި ވާތީކަމަށް ބުނެ، ދައުލަތުގެ ފަރާތުންވެސް ޢިބާރާތްތަކެއް ފާހަގަކޮށްފައިވާކަމާއި، އެގޮތުން ޢިމްރާން ޢަބްދުﷲ އެ ދުވަހު ދައްކާފައިވާ ވާހަކައިން އަންނަނިވި ޢިބާރާތްތައް ދައުލަތުގެ ފަރާތުން ފާހަގަކޮށް، އެ ޢިބާރާތްތައް މާނަކޮށްފައިވާކަމާއި، އެގޮތުން؛
"މި އަނިޔާވެރިކަން ނިންމުމަށް ތިބޭފުޅުން ތައްޔާރުތޯ؟ ތިބޭފުޅުންގެ ހިތްވަރު އެބަހުރިތޯ؟ އެއްވެސް ބޭފުޅަކު ފަހަތަށް ޖެހިވަޑައި ނުގަންނަވާތި. ހިތްވަރާއެކު ކުރިއަށް ވަޑައިގަންނަވާތި."
މި ޢިބާރާތް ދައުލަތުން ފާހަގަކޮށް، މި ޢިބާރާތް ދައުލަތުން މާނަކުރާ ގޮތަކީ، މުޒާހަރާ ރާވާ ހިންގާ ފަރާތްތަކުން ބޭނުންވާ ގޮތަށް ކަންކަން ނިމެންދެން މުޒާހަރާގެ ބައިވެރިން މުޒާހަރާ ދޫކޮށް ނުގޮސް، ކޮންމެ ޙާލަތެއް މެދުވެރިވި ނަމަވެސް އެއްވެސް މީހަކު ފަހަތަށް ނުޖެހި ހިތްވަރާ ސާބިތުކަމާއެކު ކުރިމަތިލުމަށް ގޮވާލުންކަމަށް، ދައުލަތުން ބުނެފައިވާކަމާއި،
ހަމައެހެންމެ، "ކާނަލް ނާޒިމްގެ މައްސަލަ ބެލިބެލުމުން ކަނޑައެޅިގެން ވަރަށް ސާފުކޮށް އެނގުނީ، މި މައްސަލައިގައި ސީދާ މިކަންކުރީ އަޙްމަދު އަދީބާއި ޙުސައިން ވަޙީދާއި ދެމީހުންކަން. މިއަދު މި ދެ މީހުންގެ ކަންތައް ތިބޭފުޅުން ނިންމަންވާނެ އިނގޭތޯ؟ ދެމީހުން ގެއަށް ފޮނުވަންވާނެ އިނގޭތޯ؟"
މި ޢިބާރާތް ފާހަގަކޮށް، ދައުލަތުން މި ޢިބާރާތް މާނަކުރާ ގޮތަކީ، ކާނަލް ނާޒިމް ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ދަޢުވާއެއްކޮށް ކުށް ސާބިތުވެ ޝަރުޢީ ކޯޓުތަކުން އޭނައާމެދު ޙުކުމެއް ކަނޑައެޅުމުން، މަތީ މަރުޙަލާގެ ކޯޓަކުން އެ ޙުކުމަށް ބަދަލު ނުގެންނަނީސް، އެކަމަކީ ކާނަލް ނާޒިމް ކޮށްފައިވާ ކަމެއް ނޫންކަމަށާއި، އެއީ ދައުލަތުގެ އިސްވެރިންތަކެއް ކުރި ކަމެއްކަމަށް ބުނެ އެފަރާތްތަކުގެ ބޮލުގައި އިލްޒާމްއަޅުވައި، ސާބިތު ނުހިފޭ ވާހަކަ ދައްކައި، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމާ ނަފްރަތު އުފައްދައި، ދައުލަތުގެ އިސްވެރިންތަކެއްގެ ކަންތައްތައް އެއްވެ ތިބި މީހުން ނިންމަން ވާނެކަމަށް ބުނެ އެކަމަށް ގޮވާލާ ހިތްވަރު ދީފައިވުން ކަމަށް، ދައުލަތުން ބުނެފައިވާކަމާއި،
އަދި "ރައީސް ޔާމީނަށް ދެން ވެރިކަމުގައި ހުރެވޭނީ އަޅުގަނޑުމެން ހަތަރު ޕާޓީގެ ލީޑަރުންނާ އެކުގައި އިށީންދެ ޞުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުގައި. ދެން ހުރެވޭނީ އަޅުގަނޑުމެންނާ އެކުގައި މޭޒު ކައިރިއަށް ވަޑައިގެންނެވުމަށް ފަހުގައި."
މި ޢިބާރާތް ފާހަގަކޮށް، މި ޢިބާރާތް ދައުލަތުން މާނަކޮށްފައިވާ ގޮތަކީ، ޞުލްޙައިގެ މޭޒަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިންކާރުކުރައްވާފައި ވަނިކޮށް، ވެރިކަމުގައި ދެން އެ މަނިކުފާނަށް ހުރެވޭނީ މަޝްވަރާކުރުމަށް ފަހުގައިކަމަށާއި، އެނޫންގޮތަކަށް ވެރިކަމުގައި ނުހުރެވޭނެކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާއަށް ބިރުދައްކާ އިންޒާރުދިނުން ކަމަށް، ދައުލަތުގެ ފަރާތުން ބުނެފައިވާކަމާއި،
އަދި ހަމައެހެންމެ، "ރިޟްވާނަށް ވީގޮތް ބުނެދިނުމުގައި ޕޮލިސް ވަނީ ނުކުޅެދިފައި. އެއީ ޕޮލިހަށް އެނގޭ ވީގޮތް. ޕޮލިހުގައި އެބަހުރި ރިޕޯޓުތައް. ޕޮލިހުގައި އެބައޮތް ތަޙުޤީޤު. އެކަމަކު މި އަނިޔާވެރި ސަރުކާރުން އަޙްމަދު އަދީބުއާ ޙުސައިން ވަޙީދުވަނީ ރިޕޯޓުތައް ހިފަހައްޓާފައި. މިކަމަށް މިއަދަށްފަހު ޖާގައެއް ނުލިބޭނެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކޮށާލާފައި ގޯންޏަށް އަޅާފައިވީ. އަނެއް ބަޔަކު ބުނާގޮތުގައި ކަނޑު ފައްތާފަވީ."
މި ޢިބާރާތް ފާހަގަކޮށް، ދައުލަތުން މާނަކޮށްފައިވާ ގޮތަކީ، ރިޟުވާނުގެ މައްސަލައަކީ ފުލުހުން ތަޙުޤީޤުކުރާ މައްސަލައަކަށްވެފައި މިއީ ޤައުމީ ފެންވަރުގައިވެސް ބޮޑު މައްސަލައަކަށް ވާއިރު، އެކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުވާލައި، އެކަންކުރީ ވަކި ބަޔަކުކަމަށް ބުނެ އިލްޒާމު އަޅުވައި، ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުމަށް މަސައްކަތްކޮށް، ފުލުހުންނާ ދޭތެރޭގައި ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދާ ނަފުރަތު އުފެއްދުމަށް މަސައްކަތްކުރުން ކަމަށް، ދައުލަތުގެ ފަރާތުން ބުނެފައިވާކަމާއި،
އަދި "ދެން ތިބޭފުޅުން ދޫކޮށްލައްވައިފިނަމަ ދެން ދުވަހަކުވެސް މި ޤައުމު ސަލާމަތެއް ނުވާނެ"
މި ޢިބާރާތް ފާހަގަކޮށް، ދައުލަތުން މާނަކޮށްފައިވާ ގޮތަކީ، މިއަދު ވެރިކަން ބަދަލު ނުކޮށްފިނަމަ ދެން އެކަން ނުވާނެ ކަމަށާއި، އެހެންކަމުން ޤާނޫނީ އިމުގެ ބޭރުން ވެރިކަން ބަދަލުކުރުމަށް މިއީ ރައްޔިތުންނަށް ލިބޭނެ އެންމެ ފަހު ފުރުޞަތުކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަމާއި،
އަދި އަންނަނިވި ޢިބާރާތް، "އެހެންކަމުން އަޅުގަނޑުމެން އެބަޖެހޭ ވަރަށް ސާބިތުކަމާއެކު ކުރިއަށް ދާން. އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން. ކެތްތެރިވެ ވަޑައިގަންނަވާ. އަޅުގަނޑުމެން އިރުއޮއްސޭ ގަޑީގައި ދުޢާކުރާނަން. ދުޢާ ކުރުމަށްފަހު ދެން ތިބޭފުޅުން އެހެން ގޮތަކަށް ތެދުވެވަޑައިގަންނަވާ."
މި ޢިބާރާތް ފާހަގަކޮށް، ދައުލަތުން މާނަކޮށްފައިވާ ގޮތަކީ، މިއީ ރައްޔިތުންނަށް ލިބޭ އެންމެ ފަހު ފުރުޞަތު ކަމަށްވުމުން މި ފުރުޞަތުގެ ބޭނުން ހިފުމަށް ގޮވާލުން. އަދި މި މުޒާހަރާއަކީ ޞުލްޙަވެރި މުޒާހަރާއެއް ކަމުގައި ވީނަމަވެސް އިރުއޮއްސޭ ގަޑީގައި ކުރާ ދުޢާއަށް ފަހު ޞުލްޙަވެރިކަން ދޫކޮށްލައި، ކުރިމަތިލުމަކަށް ދިއުމަށް ހިތްވަރުދީ އެކަމަށް ގޮވާލުންކަމަށް، ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާކަމާއި،
އަދި އެންމެ ފަހު ޢިބާރާތެއްގެ ގޮތުގައި، "އަޅުގަނޑުމެންގެ އިސްބޭފުޅުން ތިބޭފުޅުންނަށް ދަންނަވާނެ ކަންކުރަންވީގޮތް، އެގޮތަށް ކުރިއަށް ވަޑައިގަންނަވާ." މި ޢިބާރާތް ފާހަގަކޮށް ދައުލަތުން މާނަކޮށްފައިވާ ގޮތަކީ، މުޒާހަރާ ރާވާ ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ މީހުންގެ ލަފަޔާ އިރުޝާދުގެ ދަށުން މުޒާހަރާގެ ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލުންކަމަށް، ދައުލަތުގެ ފަރާތުން މާނަކޮށްފައިވާކަމާއި، މިކަންކަން ފާހަގަކުރެވޭކަމެވެ.
(ރ) ހަތަރު ވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގައި ޢިމްރާން ޢަބްދުﷲގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާގައި، 01 މޭ 2015 ވަނަ ދުވަހު މާލެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބަކީ، އެ ދުވަހު "އަނިޔާވެރިކަން ނިންމުން" މި ނަމުގައި، ޢަދާލަތު ޕާޓީ އިސްވެއޮވެ، މާލެ ތެރޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި، އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކޮށް ޢިމްރާން ޢަބްދުﷲ ދެއްކި ވާހަކަކަމަށާއި، އެ މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުތަކަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނަށާއި، ޢާންމުންގެ މުދަލަށް ގެއްލުންދީފައިވާ ސަބަބަކީވެސް ޢިމްރާން ޢަބްދުﷲ އެ ދުވަހު ދެއްކި ވާހަކައިގައި އަނިޔާވެރިކަމަށް ހިތްވަރުދިނުމުގެ ސަބަބުންކަމަށް ދައުލަތުގެ ފަރާތުން ބުނެ، ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގައި ޢިމްރާން ޢަބްދުﷲގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު 1990) ގެ 2 ވަނަ މާއްދާގެ (ކ) އާ ޙަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ދަޢުވާކަން އެނގެން އޮންނައިރު،
އެ ދަޢުވާ ތަކްޔީފުކޮށްފައިވާ ގޮތް ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ، ޢިމްރާން ޢަބްދުﷲގެ ފަރާތުން ދައްކާފައިވާ ވާހަކައިގައި، ދައުލަތުން ޢިމްރާން ޢަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ، ކުށް ކުރުމަށް ނުވަތަ ކުށަށް އަރައިގަތުމަށް ހިތްވަރުދިނުމުގެ ސަބަބުން ކަމަށް ބަޔާންކޮށް، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ކ) އާ ޙަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ ރަނގަޅަށް ކަމަށް ނުދެކޭކަމަށާއި، ޢިމްރާން ޢަބްދުﷲގެ މައްޗަށް ކުރި ދަޢުވާގެ ޞީޣާގައި އެ ދަޢުވާ ސިފަ ކޮށްފައިވާ ގޮތާއި، އެ ދަޢުވާ ޤާނޫނީ ގޮތުން ތަކްޔީފުކޮށްފައިވާ ގޮތާއި، ޙަވާލާދީފައިވާ ޤާނޫނީ މާއްދާއާ ގުޅުމެއް ނެތްކަމަށް ޢިމްރާން ޢަބްދުﷲގެ ފަރާތުން ބުނެ ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު،
ކުށް ކުރުމަށް ހިތްވަރު ދިނުމާއި، ނުވަތަ ކުށަށް އަރައިގަތުމަށް ހިތްވަރު ދިނުމާއި، އަޞްލު އެ ކުށް ކުރުމާ، މިއީ ބައެއް ޖުރިސްޑިކްޝަން ތަކުގައި ތަފާތު ދެ ކުށެއް ކަމާއި، އަދި ބައެއް ޖުރިސްޑިކްޝަން ތަކުގައި އެ ދެ ކުށަށް ކަނޑައެޅިފައިވާ އަދަބުވެސް ބައެއް ޙާލަތްތަކުގައި ތަފާތުވެ، އަދި އަނެއް ބައެއް ޙާލަތްތަކުގައި އެއްގޮތްވެސްވާކަމާއި، އެހެންކަމުން ޤާނޫނީ ގޮތުން ދަޢުވާ ތަކްޔީފުކޮށްފައިވާ ގޮތާމެދު ޚިލާފެއް އުފެދިފައިވާނަމަ، އެ ދަޢުވާއެއް އެކުލަވާލާފައިވާ ޞީޣާއަށާއި އެ ދަޢުވާގައި ޙަވާލާދީފައިވާ ޤާނޫނަށާއި، އެ ޤާނޫނުގައި ދަޢުވާގައި ބުނާ ޢަމަލު ތަޖުރީމްކޮށްފައިވޭތޯ ބަލަންޖެހޭކަމާއި،
މިގޮތުން ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު 1990) ގެ 2 ވަނަ މާއްދާގައި، "މި މާއްދާގައި ބަޔާން ކޮށްފައިވާ ކަންތައްތަކަކީ، މި ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ކ) ގައި، "ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން ދީފާނެ ކަމުގެ އިންޒާރު ދުލުން ނުވަތަ ލިޔުމަކުންވިޔަސް ދިނުން" މިފަދައިން ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
މި މާއްދާގެ ދަށުން ކުރާ ދަޢުވާއެއްގައި ދައުލަތުން ސާބިތު ކޮށްދޭންޖެހޭ ކަންތައްތަކަކީ، އެ ދަޢުވާ ރައްދުވާ ފަރާތުން، ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭފަދަ ކަމެއް ކޮށްފައިވާކަމާއި ނުވަތަ ކުރަން އުޅެފައިވާކަމާއި، އަދި އެފަރާތުން ކުރި ކަމަކީ ނުވަތަ ކުރަން އުޅުނު ކަމަކީ ކޮންކަމެއްކަމާއި، ނުވަތަ އެ ދަޢުވާ ރައްދުވާ ފަރާތުން މީހެއްގެ ނުވަތަ ބައެއްގެ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން ދީފާނެ ކަމުގައި އިންޒާރު ދީފައިވާކަމާއި، އަދި އެ އިންޒާރު ދީފައިވަނީ ދުލުން، ނުވަތަ ލިޔުމުންކަމާއި،
އިސްވެ މި ބަޔާންކުރެވުނު ޤާނޫނީ މާއްދާގެ ދަށުން ދައުލަތުން ސާބިތުކޮށްދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާ އެ ކޯޓުގައި ހިނގަމުންދިޔަ މަރުޙަލާގައި ޝަރީޢަތުގެ ފަރާތުން ދައުލަތާ ސުވާލުތައް ކުރިމަތިކޮށްފައިވާކަން، އެ ޤަޟިއްޔާގެ މަޙްޟަރު ބަޔާންތަކުން އެނގެން އޮންނަކަމާއި، އެގޮތުން އެ ސުވާލުތަކަށް ދައުލަތުގެ ފަރާތުން ޖަވާބުދެމުން ދައްކާފައިވާ ވާހަކައިގައި، ޢިމްރާން ޢަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކޮށްފައިވަނީ، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ކ) ގެ ދަށުން ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭފަދަ ކަމެއް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށާއި، އެ ތުހުމަތު ޢިމްރާން ޢަބްދުﷲގެ މައްޗަށް ކޮށްފައި އެވަނީ، ޤާނޫނު ތަންފީޒުކުރުމަށްޓަކައި އެ ވަގުތު ނިކުމެ ތިބި ފުލުހުންނާ ކުރިމަތިލުމަށް ޢިމްރާން ޢަބްދުﷲ ހިތްވަރު ދީފައިވާތީއާއި، ލޭއޮހޮރުވުމަކަށް ޢިމްރާން ޢަބްދުﷲ ނުސީދާކޮށް ގޮވާލާފައިވާތީއާއި، ފުލުހުން އެއްވުން މަނާކޮށްފައިވާ ސަރަޙައްދަކަށް ވަނުމަށް މުޒާހަރާގެ ބައިވެރިންނަށް ޢިމްރާން ޢަބްދުﷲ އިރުޝާދު ދީފައިވާތީކަމަށް ދައުލަތުން ފާހަގަކޮށްފައިވާއިރު، ދައުލަތުން މިފާހަގަކޮށްފައިވާ ކަންކަން އެފަދައިން ފާހަގަކޮށްފައިވަނީ، 01 މޭ 2015 ވަނަ ދުވަހު އޮތް މުޒާހަރާގެ ބައިވެރިންނާ ޢިމްރާން ޢަބްދުﷲ މުޚާޠަބު ކުރުމަށްފަހު، އެހެން މީހަކު އަތަށް މައިކު ޙަވާލުކުރުމުގެ ކުރިން، "މަހޭ އިޢުލާނު ކުރާށޭ. ތިމަންނަމެން މިނައްޓާލަނިއޭ. އިރުއޮއްސި މަޣުރިބު ނަމާދު ކުރުމަށް. އިސްލާމީ މަރުކަޒާ ދިމާލަށް ދާން. ހުރިހާ ބޭފުޅުންވެސް ވާހަކަ ދައްކައްޗޭ. ޞަބާޙު އަތަށް ދޭށޭ. ޞަބާޙު މައްޗަށް ތަކުބީރުކިޔާށޭ" މިފަދައިން ޢިމްރާން ޢަބްދުﷲ ބުނެފައިވާ ޢިބާރާތުން ދައުލަތަށް ދޭހަވާ ދޭހަވުން ތަކެއްގެ މައްޗަށް ބިނާކޮށްގެންކަމާއި، އިސްލާމީ މަރުކަޒު ސަރަޙައްދަކީ ޤާނޫނުން އެއްވުން މަނާކޮށްފައިވާ ގްރީން ޒޯނެއް ކަމަށްވެފައި، އެ ވަގުތު އެތަން އޮތީ ފުލުހުން ބަންދުކޮށްފައި ކަމަށްވެފައި، ގްރީން ޒޯނަށް ވަނުމަށް މުޒާހަރާގެ ބައިވެރިންނަށް އެންގުމަށް ޢިމްރާން ޢަބްދުﷲ ބުނެފައިވާތީ، ގްރީން ޒޯނަށް ވަނުމަށް އަންގާ އެންގުމަކީ ފުލުހުންނާ ކުރިމަތިލުމަށް އަންގާ އެންގުމެއްކަމަށް ދައުލަތަށް ދޭހަވާތީކަމަށް ދައުލަތުން ބުނެފައިވާކަން އެނގެން އޮންނަކަމާއި،
01 މޭ 2015 ވަނަ ދުވަހު، "އަނިޔާވެރިކަން ނިންމުން" މި ނަމުގައި، ޢަދާލަތު ޕާޓީ އިސްވެއޮވެ، މާލެ ތެރޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް މުޒާހަރާގެ ބައިވެރިންނާ ޢިމްރާން ޢަބްދުﷲ މުޚާޠަބު ކޮށްފައިވާކަމަށް ބުނެ، އަދި އެ ދުވަހު ހިނގާދިޔަ ހަމަނުޖެހުންތައް ހިނގަން މެދުވެރިވި ސަބަބަކީ ޢިމްރާން ޢަބްދުﷲގެ ފަރާތުން އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކުމުންކަމަށް ބުނެ، އެ ދުވަހު ޢިމްރާން ޢަބްދުﷲ ދެއްކި ވާހަކައިގެ ތެރެއިން އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް ޢިމްރާން ޢަބްދުﷲ ދައްކާފައިވާ ވާހަކަތައްކަމަށް ބުނެ ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ އިސްވެ ބަޔާންކުރެވިދިޔަ ޢިބާރާތްތަކަށާއި، އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކޮށް އެ ދުވަހު ވާހަކަ ދައްކާފައި ނުވާނެކަމަށާއި، ޢިމްރާން ޢަބްދުﷲ އެ ދުވަހު ވާހަކަ ދައްކާފައިވާނީ އަނިޔާވެރި ނުވުމުގެ މައްޗަށް ބާރުއަޅައި، އަދި މުޒާހަރާގެ ބައިވެރިން ޤާނޫނާއި ޤަވާޢިދާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރުމުގެ މައްޗަށް ބާރު އަޅާ އެގޮތުގެމަތިންކަމަށް ބުނެ، އެ ވާހަކަތަކުން ޢިމްރާން ޢަބްދުﷲގެ ފަރާތުން ފާހަގަކޮށްފައިވާ އިސްވެ ބަޔާންކުރެވިދިޔަ ޢިބާރާތްތަކަށް ބަލާއިރު، ޢިމްރާން ޢަބްދުﷲ އެ ދުވަހު ދައްކާފައިވާ ވާހަކައިން ޢިމްރާން ޢަބްދުﷲ ފާހަގަކޮށްފައިވާ އިސްވެ ބަޔާންވެދިޔަ ޢިބާރާތްތަކަކީ، އެ ޢިބާރާތްތަކަށް އިތުރު މާނައެއް، އަދި ދޭހައެއް، ނުވަތަ ޝަރަޙައެއް ބޭނުންނުވާ ސާފު ޢިބާރާތްތަކެއްކަން އެނގެން އޮންނަކަމާއި، އެ ޢިބާރާތްތަކުގައި އަނިޔާވެރި ނުވުމުގެ މައްޗަށާއި، ޤާނޫނާއި ޤަވާޢިދާ ޚިލާފު ނުވުމުގެ މައްޗަށް ބާރުއަޅާ ވާހަކަ ދައްކާފައިވާކަން ޢިމްރާން ޢަބްދުﷲގެ ފަރާތުން އިސްވެ ފާހަގަކޮށްފައިވާ ޢިބާރާތްތަކުގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގެން އޮންނަކަމާއި،
އަދި އިސްވެ މި ބުނެވުނު މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކޮށް ޢިމްރާން ޢަބްދުﷲ ދައްކާފައިވާ ވާހަކައިގެ ތެރޭގައި، އަނިޔާވެރިކަމަށް ހިތްވަރު ދީފައިވާ ޢިބާރާތްތަކެއް ހިމެނިފައިވާކަމަށް ބުނެ، ދައުލަތުން ފާހަގަކޮށްފައިވާ އިސްވެ ބަޔާންވެދިޔަ ޢިބާރާތްތަކަށް ބަލާއިރު، އެއިން ކޮންމެ ޢިބާރާތެއް ދައުލަތުގެ ފަރާތުން ވަކިވަކިން މާނަކޮށް، އެއިން ކޮންމެ ޢިބާރާތަކުން ދައުލަތަށް ދޭހަވާ ކަންތައްތަކެއް ފާހަގަކޮށްފައިވާއިރު، ޢިމްރާން ޢަބްދުﷲ އަނިޔާވެރިކަމަށް ހިތްވަރު ދީފައިވާކަމަށް ބުނެ ދައުލަތުން ފާހަގަކޮށްފައިވާ އިސްވެ ބަޔާންކުރެވު ޢިބާރާތްތަކަކީ، އެ ޢިބާރާތްތަކުން ޢިމްރާން ޢަބްދުﷲ ޤަޞްދުކުރި މާނައާމެދު ދައުލަތަށް ޝައްކު އުފެދިފައިނުވާ ޢިބާރާތްތަކެއްނަމަ، އެ ޢިބާރާތްތަކުން ދައުލަތަށް ދޭހަވާ ދޭހަވުން އިތުރަށް ތަފުސީރު ކުރަންޖެހޭނެ ތަނެއް ނޯންނާނެކަމާއި، ޢިމްރާން ޢަބްދުﷲގެ ވާހަކައިން ދައުލަތުން އިސްވެ ފާހަގަކޮށްފައިވާ ޢިބާރާތްތައް ދައުލަތުގެ ފަރާތުން މާނަކުރަން ޖެހިފައިވުމަކީ، އެ ޢިބާރާތްތަކުގެ ޞަރީޙަ ނައްޞުން، ދައުލަތުގެ ފަރާތުން ބުނެފައިވާ ފަދައިން އަނިޔާވެރި ޢަމަލުތަކެއް ހިންގުމަށް ބާރުއަޅާފައިވާ ޢިބާރާތްތަކެއް ނޫންކަން ދައުލަތުގެ ބަހުން ދަލާލަތުކޮށްދޭކަމެއް ކަމަށް ބެލެވެން އޮތުމުގެ އިތުރުން، ބުނެވިދިޔަ މުޒާހަރާގައި ޢިމްރާން ޢަބްދުﷲ ދައްކާފައިވާ ވާހަކައިން ދައުލަތުން ފާހަގަކޮށްފައިވާ އިސްވެ ބަޔާންކުރެވިދިޔަ ޢިބާރާތްތަކަށް ޝަރީޢަތުން ނަޒަރުކުރާއިރު، ދައުލަތުން ބުނެފައިވާފަދަ އަނިޔާވެރި ޢަމަލުތަކެއް ކުރުމަށް ހިތްވަރުދިނުމުގެ މައްޗަށް ބާރުއަޅާ ވާހަކަ ދައްކާފައިވާކަން ސާފުކޮށް އެނގޭ ޢިބާރާތްތަކެއް އެ ވާހަކަތަކުގައި ހިމެނިފައި ނުވާކަން އެނގެން އޮތުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު 1990) ގެ 2 ވަނަ މާއްދާގެ (ކ) ދަށުން ޢިމްރާން ޢަބްދުﷲގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ތަކްޔީފުކޮށްފައިވަނީ ޤާނޫނީ ގޮތުން ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަމުގައި ބެލެވެން ނެތްކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ޖިނާއީ މައްސަލަތަކުގައި ޙުކުމް ބިނާކުރުމުގެ އަސާސަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ، މީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުކޮށްދިނުން ކަމުގައިވާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުން ނަފީކުރާ ކޮންމެ ޝައްކެއްވެސް ފިޤުހީ އަދި ޤާނޫނީ ޤާޢިދާއެއް ކަމުގައިވާ (الشكُّ يُفسَّرُ لصالحِ المتهم) މި ޤާޢިދާގެ ދަށަށް ވަންނާނެކަމާއި،
މި ޤާޢިދާގެ މަޤްޞަދަކީ، ޖިނާއީ ކުށް ސާބިތުކުރުމަށް ހުށަހަޅާ ދަލީލުތަކާއި ޤަރީނާތަކުގެ ތެރެއިން، އެކަމެއް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުމަށް ހުރަސްއަޅާ ކޮންމެ ޝައްކެތް ތުހުމަތުކުރެވިފައިވާ ފަރާތުގެ މަޞްލަޙަތުގައި ތަފުސީރު ކުރުންކަމާއި، އެހެނީ ކޮންމެ މީހަކީވެސް (الأصل براءة الذمة) މި ޤާޢިދާގެ ދަށުން އެ މީހެއްގެ މައްޗަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ކުށެއް ސާބިތު ނުވާހާ ހިނދަކު ކުށެއް ނެތް ބަރީއަ މީހެއްކަމުގައި ބެލުމުގެ ޙައްޤު އެ މީހަކަށް ލިބިފައިވާ މީހެއްކަމާއި،
އެހެންކަމުން މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ކަނޑައަޅަންވާނީ، އެ މީހަކު އެ ކުށެއް ކުރިކަމާމެދު، ނުވަތަ އެހެން މީހަކު ކުރި ކުށެއްގެ މަސްއޫލިއްޔަތު ޤާނޫނީ ގޮތުން އަނެކާ އުފުލަންޖެހޭ ފަދަ ޙާލަތެއް ޤާއިމްވެފައިވާކަން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވެ، ކުށެއް ކޮށްފިކަން، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢުވުމުންކަމާއި، ހުށަހެޅިފައިވާ ދަޢުވާގައި ތުހުމަތުކުރެވިފައިވާ ފަރާތުން އެ ތުހުމަތަށް އިންކާރުކުރާ ޙާލު، ތުހުމަތުކުރެވިފައިވާ ފަރާތުން އެ ކުށް ކުރިކަމުގެ މައްޗަށް ދަލީލު ޤާއިމްކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެއް ކަމާއި، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހާދިސާ ސިފަކޮށް ދަލީލު ޤާއިމްކުރިގޮތުން މައްސަލަ ބަލާ ފަނޑިޔާރަށް އެ ދަލީލުތަކުން ނެރެވުނު ނަތީޖާއިން އެ ކުށް އެ މީހަކު ކުރިކަމާމެދު، ނުވަތަ އެހެން މީހަކު ކުރި ކުށެއްގެ މަސްއޫލިއްޔަތު ޤާނޫނީ ގޮތުން އަނެކާ އުފުލަންޖެހޭފަދަ ޙާލަތެއް ޤާއިމްވެއްޖެކަމާމެދު ޝައްކު އުފެދިފައިވާނަމަ، ނުވަތަ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢުވެވިފައި ނުވާނަމަ، އުފެދިފައިވާ ޝައްކަކީ، ކުށުގެ މާއްދީ ރުކުނާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެތް ކަމުގައި ވިޔަސް، އަދި މަޢުނަވީ ރުކުނާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެއް ކަމުގައި ވިޔަސް، އަދި ކިއެއްތަ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލުމާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެތް ކަމުގައި ވިޔަސް، އެ ޝައްކު އެކަށީގެންވާ މިންވަރަށް ފިލާގޮސް، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢުވެވޭފަދަ ހަރުދަނާ ދަލީލުތައް ޤާއިމްކުރުމަކީ ދަޢުވާކުރާ ފަރާތުގެ ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއް ކަމުގައިވާއިރު، އެފަދަ ހަރުދަނާ ދަލީލުތައް ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގައި ޢިމްރާން ޢަބްދުﷲގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާއާ ގުޅިގެން ހުށަހެޅިފައިވާކަމަށް ބެލެވެން ނެތްކަމާއި،
އަދި އެއްވުމެއްގައި ހިނގާ ހަމަނުޖެހުމާ ގުޅޭގޮތުން ނުވަތަ އަނިޔާވެރި ޢަމަލާ ގުޅޭގޮތުން ނުވަތަ މުދަލަށް ގެއްލުން ދިނުމާ ގުޅޭގޮތުން ނުވަތަ މީހަކަށް ގެއްލުން ދިނުމާ ގުޅޭގޮތުން، އެއްވުން އިންތިޒާމްކުރާ ފަރާތުން ޒިންމާ އުފުލަންޖެހޭނީ، އެކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެމީހަކު އަޅާފައި ނުވާ ޙާލަތުގައިކަން، ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 52 ވަނަ މާއްދާއިން އެނގެން އޮންނައިރު، އިސްވެ ބަޔާކުރެވުނު މުޒާހަރާއަށް ތައްޔާރުވަމުން ދިޔަ މަރުޙަލާގައާއި މުޒާހަރާ ހިނގަމުން ދިޔަ ވަގުތުގައިވެސް، އަނިޔާވެރިކަން އިސްނުކުރުމަށާއި، ޤާނޫނާއި ޤަވާޢިދާ ޚިލާފު ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމުގެ މައްޗަށް ބާރު އަޅާފައިވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ އިސްވެ ޙަވާލާދެވުނު ޔައުމިއްޔާއިންނާއި، އިސްވެ ޙަވާލާދެވުނު ޢިބާރާތްތަކުން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 52 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން މުޒާހަރާ އިންތިޒާމްކުރި ފަރާތުން އެއްވުމުގައި ހިނގާފާނެ ހަމަނުޖެހުމާއި އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަމަށް ބެލެވެން ނެތްކަމާއި،
އަދި އެއްވުމެއްގެ ތެރޭގައި ވަކި މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށްވާނަމަ ނުވަތަ ޤާނޫނީގޮތުންކުރާ ހުއްދަ އަމުރަކާ ތަބާނުވި ކަމުގައި ވާނަމަ، އެކަމެއްގެ ޒިންމާ އެ މީހަކު ފަރުދީގޮތުން އުފުލަންޖެހޭނެކަން، އެ ޤާނޫނުގެ 53 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮތުމުން، ބަޔާންކުރެވުނު މުޒާހަރާގެ ތެރޭގައި ވަކިވަކި ފަރުދުން ކޮށްފައިވާ ޤާނޫނާ ޚިލާފު ޢަމަލުތަކެއްވާނަމަ، އެ ޢަމަލުތައްކުރި ފަރާތްތަކުން ޒިންމާ އުފުލަންޖެހޭނެކަމާއި، ނަމަވެސް އޭގެ އިތުރުން އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން، ވަކިވަކި ފަރުދުން ކޮށްފައިވާ ޤާނޫނާ ޚިލާފު ޢަމަލުތަކުގެ ޒިންމާ އުފުލަންޖެހޭނީ، އެފަރާތަކުން އެކުރި ޤާނޫނާ ޚިލާފު ޢަމަލަކާ، މުޒާހަރާ އިންތިޒާމްކުރި ފަރާތާ ގުޅުވައިދޭ ހަރުދަނާ ދަލީލުތައް ޝަރީޢަތުގެ ހަމަތަކުގެ މަތިން ޤާއިމްކޮށްދެވިއްޖެ ޙާލަތުގައި އެކަނިކަން ފާހަގަކުރެވޭކަމެވެ.
(ޅ) ހަވަނަ ކަމަކީ: އިސްވެ ފާހަގަކުރެވިދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ބަލާއިރު، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ކ) އާ ޙަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢިމްރާން ޢަބްދުﷲގެ މައްޗަށް، ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގައި ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމާއި، އަދި އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/103 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، އެ ދަޢުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހެއްކާ ޤަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަމުގައި އުފެދިފައިވާ ޝައްކުތަކާއި ޚިލާފުތަކާމެދު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބަލަންޖެހޭ އެންމެހައި ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެން ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވެން ނެތުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށާއި، އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/103 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭކަން އެނގެން އޮންނަކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު 1990) ގެ 2 ވަނަ މާއްދާގެ (ކ) އާ ޙަވާލާދީ، ޢިމްރާން ޢަބްދުﷲ ގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/103 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ޢިމްރާން ޢަބްދުﷲގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހެއްކާ ޤަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަން މާނަކުރުމުގައި އުފެދިފައިވާ ޚިލާފާއި ޝައްކުތަކާމެދު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބަލަންޖެހޭ އެންމެހައި ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެން ކޮށްފައިވާ ދެ ޙުކުމްކަމަށް ނުވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 414/Cr-C/2015 ޤަޟިއްޔާގެ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/103 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމްތަކެއް ނޫންކަން އެނގެން އޮންނާތީ، އިސްވެ މި ބުނެވުނު ދެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު 1990) ގެ 2 ވަނަ މާއްދާގެ (ކ) އާ ޙަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢިމްރާން ޢަބްދުﷲގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު ޢަބްދުޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.