ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2018/SC-A/52ސުޕްރީމް ކޯޓު · 13 ޑިސެމްބަރު 2018

—

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 13 ޑިސެމްބަރު 2018ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 522018/SC-A/

ދަޢުވާކުރާ ފަރާތް: އަޙްމަދު ނާޡިމް

ދަޢުވާ ލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް: ނިންމުން ރިވިއުކުރުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 25 އޮކްޓޫބަރު 2018

ރަޖިސްޓްރީކުރެވުނު ތާރީޚް: 01 ނޮވެންބަރު 2018

ނިމުނު ތާރީޚް: 13 ޑިސެންބަރު 2018

މައްސަލަ ނިންމި ގަޑި: 16:55

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ

ރިވިއުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2014/SC-A/52

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ހުށަހެޅުނު ތާރީޚް: 08 ސެޕްޓެންބަރު 2014

ނިމުނު ތާރީޚް: 06 އޭޕްރީލް 2015

މައްސަލައިގެ ޚުލާޞާ:

މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމް ރިވިއުކޮށްދިނުން އެދި އަޙްމަދު ނާޡިމްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.

ފާހަގަކުރެވުނު ނުކުތާތައް:

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާއަށް ބެލިއިރު އެ ޤަޟިއްޔާއަކީ މ.ނިޔަދުރު، އަޙްމަދު ނާޡިމްގެ މައްޗަށް ދައުލަތުން ދަޢުވާ ކޮށްފައިވާ މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާއެއްކަމާއި، އެ ޤަޟިއްޔާގެ ޙުކުމުގައި ވަނީ، "ދެންފަހެ މ.ނިޔަދުރު، އަޙްމަދު ނާޡިމްގެ މައްޗަށް ދައުލަތުން ކުޅަ މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލި ބެލުމުން، މި ދަޢުވާއަކީ މ.ނިޔަދުރު، އަޙްމަދު ނާޡިމް، މީނާގެ ޙިއްޞާ އޮންނަ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުރެ، ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް 15000 (ފަނަރަހާސް) ދިވެހި ދިދަ ގަތުމަށް ބޭނުންވެގެން 31 ޑިސެންބަރު 2003 ދުވަހު ކުރިކަމަށް ބުނާ އިޢުލާނަކާ ގުޅިގެން، ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ތަކެއްޗާއި މުވައްޒަފުން ބޭނުންކޮށްގެން، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިނުވާ ކުންފުންޏެއް ކަމަށްވާ ސީވިއު ޕްރައިވެޓް ލިމިޓެޑްއާއި ފާސްޓު ޓެއިލަރސްއާއި، މާލެގަމް ޓެއިލަރސްއާއި، ނީޑްލް ވާރކް ޓެއިލަރސް މި ނަންތައް ބޭނުންކޮށްގެން ލެޓަރހެޑް ހަދައި، އެތަންތަނުގެ ނަމުގައި މި ޕްރޮޖެކްޓަށް އެސްޓިމޭޓް ހުށަހަޅައި، މަކަރާއި ޙީލަތުން މި ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާތީ ކަމަށް ބުނެ، ދައުލަތުން އަޙްމަދު ނާޡިމްގެ މައްޗަށް މި ދަޢުވާ ކުރާއިރު، މި ދަޢުވާގެ އަޞްލު ބިނާވެފައިވާ ކަންތައްތައް ކޮށްފައިވަނީ ކުންފުނީގެ މުވައްޒަފުންކަން ތަޙުޤީޤު ބަޔާންތަކުން އެނގެން އޮންނަ ހިނދު، އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމެއް ނެތި، އަދި ކުންފުނީގެ މުވައްޒަފުންނަށް ތިބެ ޢަމަލީ ގޮތުން މި ދަޢުވާގައި ބުނާ ކަންތައްތައް ސީދާ ގޮތުން ކޮށްފައިވާ ފަރާތްތަކަކީ ހެކިންގެ ގޮތުގައި ބަލައިގަނެ، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މ.ނިޔަދުރު އަޙްމަދު ނާޡިމްގެ މައްޗަށް ފަރުދީ ގޮތުން މި ދަޢުވާ ކޮށްފައިވީ ނަމަވެސް، މި މައްސަލައިގެ ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، މި މައްސަލައާ ގުޅިގެން މ.ނިޔަދުރު އަޙްމަދު ނާޡިމް ކޮށްފައިވާ ކަންތައްތަކަކީ ޤާނޫނީ ގޮތުންނާއި ޝަރުޢީ ގޮތުން ތަޖުރީމު ކުރެވޭވަރުގެ ކަންތައްތަކެއް ނޫންކަމަށް ޝަރީޢަތުން ކަނޑައަޅައި މި ގޮތުގެމަތިން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ." މިފަދައިން ކަމާއި،

އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބެލިއިރު، އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ، "ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް، އެ މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި މިފަދައިން ކަމާއި،

އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލުނު ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާގެ ޙުކުމުގައިވަނީ، "ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް މ.ނިޔަދުރު އަޙްމަދު ނާޡިމް ހުރެ، އެ ކުންފުނީގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން އަޙްމަދު ނާޡިމްވެސް ހިމެނޭގޮތަށް އެ ކުންފުނީގެ އިސްވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން، ޙީލަތްތެރި ގޮތަކަށް، ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައި ނުވާ އަދި ވުޖޫދުގައިވެސް ނެތް ހަތަރު ތަނެއްގެ ނަމުގައި ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް އެސްޓިމޭޓް ހުށަހަޅައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 149ވަނަ މާއްދާގެ (ރ) ގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެމަތިން، ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް އޮޅުވާލައިގެން އެ މިނިސްޓްރީއިން 15000 (ފަނަރަހާސް) ދިވެހި ދިދަ ގަތުމަށް 2003 ވަނަ އަހަރު ޢާއްމުކޮށް ހުޅުވާލި ޕްރޮޖެކްޓް ކާމިޔާބުކޮށް، އެ ޕްރޮޖެކްޓްގެ އަގެއްގެ ގޮތުގައި އެއްބަސްވެފައިވާ -/10425000 (އެއްމިލިއަން ހަތަރު ލައްކަ ފަންސަވީސް ހާސް) ރުފިޔާ ލިބިގަނެ، އަދި އެ ފައިސާ އަޙްމަދު ނާޡިމްގެ އެންގުމަކަށް އަޙްމަދު ނާޡިމްގެ ޙިއްޞާ އޮންނަ ނޭޒާ އެންޓަރ ޕްރައިސަސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު 001-071-117-7715 އެކައުންޓަށް ޖަމާކުރުމަށްފަހު، އޭގެ ތެރެއިން -/810000 (އަށްލައްކަ ދިހަހާސް) ރުފިޔާ އަޙްމަދު ނާޡިމްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ ދަށުން ހިނގަމުންދާ ނަމީރާ އިންޖިނިއަރިންގގެ ނަމުގައި ހުޅުވާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު 7701-121330-001 އެކައުންޓަށް އަލުން ޖަމާކޮށްފައިވާކަން މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓާއި ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު BML/LEGAL/2009/1152 (16 ޖޫން 2009) ސިޓީންނާއި އަޙްމަދު ނާޡިމް ސޮއިކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު 000004 (08 މާރިޗު 2004) ޗެކާއި ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު 000010 ޗެކާއި އިތުރު އެހެނިހެން ލިޔުންތަކުންވެސް އެނގެން އޮންނައިރު، 15000 (ފަނަރަހާސް) ދިވެހި ދިދަ ގަތުމަށްޓަކައި އެސްޓިމޭޓް ހުށަހަޅާފައިވާ ވަހުމީ 04 ތަނުގެވެސް މަސްއޫލުވެރިންގެ ގޮތުގައި ނަންޖަހައި ސޮއިކޮށްފައިވަނީ ނަމީރާ އިންޖިނިއަރިންގގެ މުވައްޒަފުންކަމާ، އަދި އެތަންތަނުގެ ފޯނު ނަންބަރުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ނަމީރާ އިންޖިނިއަރިންގގެ ފޯނު ނަންބަރުކަން މި މައްސަލައާ ގުޅިގެން ހޯދުނު ހޯދުންތަކުންނާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ރަސްމީ ލިޔުންތަކުން އެނގެން އޮތުމުން، މ.ނިޔަދުރު، އަޙްމަދު ނާޡިމްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއާ ގުޅިގެން ކުށް ސާބިތުވާކަމަށް ނުވަތަ ނޫންކަމަށްވެސް ކަނޑައެޅުއްވުމަކާ ނުލައި އެ ދަޢުވާ ބިނާކޮށްފައިވާ ކަންކަމަކީ ތަޖުރީމު ކުރެވޭވަރުގެ ކަންތައްތައް ނޫންކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި މި ދެ ޙުކުމަކީވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލު ދެ ޙުކުމްކަމަށް ކަނޑައަޅައި، ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ޝަޚްޞިއްޔަތު ނަހަމަގޮތުގައި (މަކަރާއި ޙީލަތް ހެދުމަށްޓަކައި) ބޭނުންކޮށްގެން ކާމިޔާބުކޮށްފައިވާ ޕްރޮޖެކްޓާ ގުޅިގެން ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓާ ޙަވާލުކުރަންޖެހޭ 15000 (ފަނަރަހާސް) ދިވެހި ދިދަ އެ މިނިސްޓްރީއާ ޙަވާލުކޮށްފައިވާކަން ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓްގެ ކަމާބެހޭ މުވައްޒަފުންގެ ތެރެއިން މޫސާ ނަސީމު ކިޔާ މީހަކު ސޮއިކޮށް އެ މިނިސްޓްރީގެ ރަސްމީ ސިއްކަ ޖަހައިފައިވާ ނަންބަރު MG/HV/012/2004 (28 މާރިޗު 2004) ގެ ތަކެތި ޙަވާލުކުރި ލިޔުމުން އެނގެން އޮންނާތީ، އެ 15000 (ފަނަރަހާސް) ދިވެހި ދިދައިގެ އަގަށްވާ -/1،425،000 (އެއްމިލިއަން ހަތަރުލައްކަ ފަންސަވީސް ހާސް) ރުފިޔާ މ.ނިޔަދުރު، އަޙްމަދު ނާޡިމްގެ އަތުން އަނބުރާ ދިވެހި ދައުލަތަށް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް އެސްޓިމޭޓް ހުށަހެޅުމާއި އަދި އެ އެސްޓިމޭޓް ކާމިޔާބުކޮށް ޙީލަތްތެރި ގޮތަކަށް -/1،425،000 (އެއްމިލިއަން ހަތަރުލައްކަ ފަންސަވީސް ހާސް) ރުފިޔާ ލިބިގަތްގަތުމަކީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 74 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން މަކަރާއި ޙީލަތް ހެދުމަށްޓަކައި އެ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުން ކަމަށާއި އަދި އެ ކުށުގެ ޢަމަލުގެ ޒިންމާ ޝަރީޢަތުގައި އަދި ޤާނޫނީ ގޮތުން އުފުލަންޖެހޭނީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 74 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާ ގޮތުގެމަތިން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މ.ނިޔަދުރު، އަޙްމަދު ނާޡިމް ކަމަށްވާތީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ ދަށުން މ.ނިޔަދުރު، އަޙްމަދު ނާޡިމްގެ މައްޗަށް ޢުޤޫބާތް ޙައްޤުވާ ހިނދު، މި މާއްދާތަކުގެ ދަށުން އަޙްމަދު ނާޡިމްގެ މައްޗަށް ކަނޑައަޅަންޖެހޭ ޢުޤޫބާތަކީ، 25 (ފަންސަވީސް) އަހަރަށްވުރެ ދިގު މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުމުގެ ޢުޤޫބާތްކަމަށްވެފައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މި ކުށަށް އެއަށްވުރެ ބޮޑު ޢުޤޫބާތެއް ކަނޑައެޅޭނެ ތަނެއް ނެތްކަމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މީލާދީ ސަނަތުން 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 06 ވަނަ ދުވަހުން ފެށިގެން މ.ނިޔަދުރު، އަޙްމަދު ނާޡިމް 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ." މިފަދައިންކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮވެއެވެ.

2- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ނަންބަރު 2014/SC-A/52 ޤަޟިއްޔާގެ ޙުކުމް ރިވިއުކޮށްދިނުމަށް އެދި، އަޙްމަދު ނާޡިމްގެ ފަރާތުން ކޮށްފައިވާ އިލްތިމާސް ބިނާކުރާ ނުކުތާތަކުގެ ގޮތުގައި މައިގަނޑު 05 ނުކުތާއެއް އަޙްމަދު ނާޡިމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ.

(ހ) ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވަނިކޮށް، ސުޕްރީމް ކޯޓުން އެ މައްސަލައިގެ އިސްތިއުނާފު ބަލައިގަތީ، ސަރުކާރުގެ ތެރޭގައި އޭރު ތިއްބެވި ނުފޫޒުގަދަ ފަރާތްތަކެއް، އަޙްމަދު ނާޡިމްއާމެދު އޮތް ޒާތީ ހިތްހަމަނުޖެހުމެއްގެ ސަބަބުން ކަމަށްވުމުން އެފަދަ ކަމެއްގެ މައްޗަށް ބުރަވެތިބެ އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފައިވަނީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

(ށ) ދެވަނަ ނުކުތާއަކީ، އަޙްމަދު ނާޡިމްގެ މައްޗަށް ދަޢުވާކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން 4 މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިކަމަށާއި، އެ ހަތަރު މައްސަލަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފުކުރުމުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުންކަމަށްވެފައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާ އެކަނި ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 39 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

(ނ) ތިންވަނަ ނުކުތާއަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާގެ ޝަރީޢަތްތައް ސުޕްރީމް ކޯޓުގައި ހިންގާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)، (ށ) އާއި 50 ވަނަ މާއްދާ އާއި 51 ވަނަ މާއްދާ އާއި 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް އަޙްމަދު ނާޡިމްއަށް ގެއްލޭ ގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

(ރ) ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގެ ނަންބަރު2012/HC-A/197 ޤަޟިއްޔާ އިސްތިއުނާފަށް ހުށަހެޅުމުގައި އެ މައްސަލަ ނިންމުމަށް އެދޭގޮތްކަމަށް "އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފޯމް" ގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާއިން ބައްލަވާފައިވާ މައްސަލަ އެ ކޯޓުން އަލުން ބެއްލެވުމަށް އަންގަވައި ދެއްވުމަށް" ގޮތަށް ކަމަށާއި، އެހެންނަމަވެސް، ސުޕްރީމް ކޯޓުން މި މައްސަލަ ބަލައި ނިންމާފައިވަނީ އިސްތިއުނާފުކުރުމަށް އެދޭ ފޯމުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް އަޙްމަދު ނާޡިމް 25 އަހަރު ދުވަހަށް ޖަލަށްލުމަށްކަމުން، ޝަރީޢަތުގެ މަރްޙަލާތައް ނިމިގެން ދިޔައިރު، އަޙްމަދު ނާޡިމްއަށް އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

(ބ) ފަސްވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އާއި ސުޕްރީމް ކޯޓުގެ ޤަވާޢިދާ ޙިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާކަން އެނގެއެވެ.

3- މި މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކައިފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، އަޙްމަދު ނާޡިމްގެ ފަރާތުން ހުށަހަޅައިފައިވާ ނުކުތާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-SJ/02 ކޯޓު އަމުރަށް ބެލިއިރު އެ އަމުރުގައިވަނީ "ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޡާމު ހިނގަހިނގާ އޮތް ގޮތުގެމަތިން ހިނގުމަކީ ޤާނޫނުއަސާސީގެ ދަށުން ނަގަހައްޓަންޖެހޭ ޤާނޫނުގެ ޙުކުމް ނެގެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމަކަށްވާތީ، ޙާލަތުއްޟަރޫރާތުގެ އުޞޫލަށް ރިޢާޔަތްކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށާއި ޖިނާއީ އިޚްތިޞާޞް ލިބިގެންވާ އެހެނިހެން ކޯޓުތަކަށް ޤަވާޢިދުން ހުށަހަޅާ މައްސަލަތައް ބަލައިގަންނަމުން ގެންދިއުމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ޢައްޔަން ކުރުމުގެ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް އަނބުރާ ގެންދިއުމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ކުށުގެ ދަޢުވާ ނުކުރުންފަދަ ފިޔަވަޅުތައް ނޭޅުމަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައި އޮތުމަކީ ޤާނޫނުއަސާސީގެ ތަޞައްވުރުކަމަށް ނުވާހިނދު، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު އެއްވެސް ޙާލަތެއްގައި ހުސްވެއްޖެނަމަ 30 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްއަކު ޢައްޔަންކުރުން ޤާނޫނުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ލާޒިމުކޮށްފައިވާތީ، ލަސްނުކޮށް އެ މަޤާމަށް މީހަކު ޢައްޔަންކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި، އަދި ކްރިމިނަލް ކޯޓަށާއި ޖިނާއީ އިޚްތިޞާޞް ލިބިގެންވާ އެހެނިހެން ކޯޓުތަކަށް ހުށަހެޅި ހިނގަމުންދާ މައްސަލަތައް އެގޮތުގެމަތިން ކުރިޔަށް ގެންދިއުމަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށާއި ޖިނާއީ އިޚްތިޞާޞް ލިބިގެންވާ އެހެނިހެން ކޯޓުތަކަށް ޤަވާޢިދުން ހުށަހަޅާ މައްސަލަތައް ހުއްޓުމެއް ނެތި ހަމަޖެހިފައިވާ އުޞޫލުތަކުގެ މަތިން ބަލައިގަނެ ކުރިޔަށް ގެންދިއުމަށް އަންގައި އަމުރުކޮށްފީމެވެ." މިފަދައިން ކަމާއި،

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-SJ/03 ކޯޓު އަމުރަށް ބެލިއިރު އެ އަމުރުގައިވަނީ "ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހިނގަހިނގާއޮތް ގޮތުގެމަތިން ހިނގަހިނގާ އޮތުމަށްޓަކައި، ޤާނޫނުއަސާސީގެ ދަށުން ނަގަހައްޓަންޖެހޭ ޤާނޫނުގެ ޙުކުމް ނެގެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށްވާތީ، ކްރިމިނަލް ކޯޓަށް ހުށަހެޅި މިހާރު ހިނގަމުންދާ މައްސަލަތައް ކުރިއަށް ގެންދިއުމަށާއި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން، ކްރިމިނަލް ކޯޓުން ބަންދާ ގުޅިގެން ނެރޭ އަމުރުފަދަ ޟަރޫރީ ކަންތައްތައް ކުރިއެކޭވެސް އެއްފަދައިން ކުރިއަށް ގެންދިއުމަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަންނަމުން ގެންދިއުމަށް ކްރިމިނަލް ކޯޓަށް އަންގައި އަމުރުކޮށްފީމެވެ." މިފަދައިން ކަމާއި،

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-SJ/04 ކޯޓު އަމުރަށް ބެލިއިރު އެ އަމުރުގައިވަނީ "ދައުލަތުގެ ނަމުގައި ޖިނާއީ ދަޢުވާތައް އުފުލުމާއި އަދި އެފަދަ ދަޢުވާތަކާ ގުޅިގެން ކޯޓުތަކުގައި ޖަވާބުދާރީވުމަށްޓަކައި ޤާއިމުކުރެވޭ ޕަބްލިކް ޕްރޮސިކިއުޝަން އޮތޯރިޓީއަކީ ފަރުދުންނާއި މުޖުތަމަޢުގެ ޙައްޤުތައް ޙިމާޔަތްކޮށް މުޖުތަމަޢުގެ އަމަންއަމާންކަން ދެމެހެއްޓުމުގެ މަޤުޞަދުގައި ޤާއިމުކުރެވޭ އޮތޯރިޓީއަކަށްވެފައި، މުޖުތަމަޢުގެ ޙައްޤުތައް ނިގުޅިގެންގޮސް އެ މުޖުތަމަޢެއްގެ އަމަންއަމާންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ދުސްތޫރީ ވެރިކަމެއް ހިނގާ ދީމިޤްރާޠީ މުޖުތަމަޢެއްގައި ހުއްދަކުރެވިދާނެ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ހަމައެއް ނެތަތީ އާއި، ދިވެހި ދައުލަތް ދެމިއޮތްހާ ހިނދަކު، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޡާމު ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތް ގޮތުގެމަތިން ހިނގަހިނގާ އޮތުމަކީ ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން (RULE OF LAW) ނެގެހެއްޓުމަށާއި ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެކެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކަށް ޙާޟިރުވެ ދައުލަތުގެ ނަމުގައި ޖިނާއީ ދަޢުވާތައް އުފުލުމާއި އަދި އެފަދަ ދަޢުވާތަކަށް ޖަވާބުދާރީވުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ އޭނާގެ ނައިބަކަށް ހުރި ފަރާތަކުން އެއްވެސް ފަރާތެއް ޢައްޔަންކޮށްފައިވާނަމަ، އެފަދަ އެއްވެސް ފަރާތަކުން، އެ ދެ ފަރާތް ނުވަތަ އެ ދެ ފަރާތުންކުރެ ފަރާތަކާ ކުރިއްސުރެ ހަމަޖެހިފައިވާ ގޮތުގެމަތިން ޙަވާލުކޮށްފައިވާ މަސްތޫލިއްޔަތުން ބަރީޢަވެގަނެ، ދިވެހި ދައުލަތުގެ ނަމުގައި ޖިނާއީ ދަޢުވާ އުފުލުމާއި އަދި އެފަދަ ދަޢުވާތައް ލިބިގަތުމުގެ ޤާނޫނީ ވާޖިބުން ރެކެވިދާފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ހަމައެއް ނެތަތީ އާއި މިފަދަ ޙާލަތްތަކުގައި ރިޢާޔަތްކުރަންޖެހޭ އުޞޫލުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްކާމުތަކާއި ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-SJ/02 ކޯޓު އަމުރާއި ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-SJ/03 ކޯޓު އަމުރުގައި ކަނޑައެޅި ބަޔާންވެފައިވާތީ، ޙާލަތުއްޟަރޫރާ (STATE OF NECESSITY) މި މަބްދައުގެ މައްޗަށް ރިޢާޔަތްކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްއާއި އޭނާގެ ނައިބުގެ މަޤާމަށް މީހަކު ޢައްޔަންކުރެވިފައި އަދި މިވަގުތު ނެތްކަމުގައި ވިޔަސް ޙާލަތުއްޟަރޫރާއާއި ކޮންޓިނިއުޓީ އޮފް ލީގަލް ގަވަރމެންޓްގެ މަބްދައުގެ ދަށުން ދިވެހިރާއްޖޭގެ ޕްރޮސިކިއުޝަން އޮތޯރިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ޖިނާއީ ދަޢުވާތައް އުފުލުމާއި އަދި އެފަދަ ދަޢުވާތަކަށް ޖަވާބުދާރީވުމަށްޓަކައި ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓުތަކަށް ޙާޟިރުވުމަށާއި އަދި އެކަމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިންތިޒާމު ކުރަންޖެހޭ އެންމެހައި ކަންތައްތައް އިންތިޒާމު ކުރުމާއެކު އިތުރު އެއްވެސް ޢުޛުރެއް ކުރިމަތި ކުރުމަކާ ނުލައި ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-SJ/02 ކޯޓު އަމުރާއި އެއްގޮތްވާ ގޮތުގެމަތިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ގެންދިއުމަށާއި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބެލެނިވެރިޔާގެ ޙައިޘިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކަމާބެހޭ ޕްރޮސިކިއުޓަރުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ." މިފަދައިންކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ: ކޮންމެ މީހަކަށްމެ އެމީހެއްގެ ޙައްޤުތަކާއި މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ޤާނޫނުން ލިބިދީފައިވާ ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ އިތުރުން ތަހުޒީބުވެފައިވާ އެންމެހައި ދައުލަތްތަކުގެ ދުސްތޫރުތަކާއި، ކަމާބެހޭ ބައިނަލްއަޤްވާމީ މުއާޙަދާތަކުގައި ކަށަވަރުކޮށްދީފައިވާ ދުސްތޫރީ އަދި އަސާސީ ޙައްޤެއްކަމާއި، އެ ޙައްޤަށް ވާޞިލުވެވޭނީ ކަމާބެހޭ ކޯޓަކުން ކުރާ ފައިޞަލާކުރުވަނިވި ޙުކުމަކުން ކަމާއި، އެފަދަ ޙުކުމަކާ ހަމަޔަށް ވާޞިލުވުމަށްޓަކައި ޝަރުޢީ ނިޒާމުގެ ތެރޭގައި، ޚަޞްމުންނަށާއި ދަޢުވާގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވާ އިންޞާފުވެރި އިޖުރާއީ ޙައްޤުތަކެއްވާކަމާ، އަދި އެ ޙައްޤުތަކުގެ ތެރެއިން ދަށު މަރްޙަލާގެ ކޯޓުގެ ނިންމުން ކަމާބެހޭ އިސްތިއުނާފީ ކޯޓެއްގައި އިސްތިއުނާފުކުރެވުމުގެ ޙައްޤަކީ ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމުތަކުން ޤަބޫލުކުރާ ޢާއްމު ޤާނޫނީ މަބްދައެއްކަން އެނގެން އޮންނަ ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ"، މިފަދައިން ބަޔާންކޮށް އެ މަބްދައު ކަށަވަރުކޮށްދީފައިވާކަން އެނގެން އޮންނަ ކަމެވެ.

(ނ) ތިންވަނަ ކަމަކީ: ކޮންމެ ޙައްޤެއްވެސް އިންތިޒާމުވެފައި އޮންނަންވާނީ ޤާނޫނުން ކަނޑައަޅާ ޙުދޫދެއްގެ ތެރޭގައި ކަމާއި، ކޯޓުތަކާއި ޓްރައިބިއުނަލްތަކުންކުރާ ޙުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފުކުރުމުގެ ޙައްޤަކީވެސް ދުނިޔޭގެ އެންމެހައި ޖުރިސްޑިކްޝަންތަކުގައި މައުޟޫޢީ ގޮތުންނާއި، އިޚްތިޞާޞްގެ ގޮތުންނާ އަދި ވަޤުތުގެ ގޮތުން ޤައިދުކުރެވިފައިވާ ޙައްޤެއްކަމާއި، މިގޮތުން ވަޤުތުގެ ގޮތުން އެ ޙައްޤު ބޭނުންކުރެވޭނީ ދަށު މަރްޙަލާގެ ޙުކުމް އިއްވާ ދުވަހުން ފެށިގެން ވަކި މުއްދަތެއް ފާއިތުވުމާ ހަމައަށްކަމާއި، ވަޤުތުގެ ގޮތުން އިސްތިއުނާފުކުރުމުގެ ޙައްޤު ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޤައިދުކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިގެންވާ ޙުދޫދުގެ ތެރޭގައިކަން އެނގެން އޮންނައިރު، މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތު ކަނޑައެޅުމުގައި ތަފާތު ދައުލަތްތަކުގެ ޤާނޫނުހަދާ ބާރުތަކުން ޢަމަލުކުރާ ގޮތަށް ބަލާއިރު ރިޢާޔަތްކުރަނީ ޙަޤީޤަތުގައި، ދެ ކަމެއްގެ މެދުގައި ވަޒަންކުރުން ކަމާއި؛ އެގޮތުން ފުރަތަމަ ކަމަކީ ލަސްވުމެއްނެތި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކޯޓުތަކުގައި ބެލެވޭ ޚުޞޫމަތްތައް ނިމި މީސްތަކުންގެ ޙައްޤުތަކަށް ޘާބިތުކަމާއި އިސްތިޤުރާރުކަން ލިބުމުގެ ޟަރޫރަތްތެރިކަންކަމާ، އަދި ދެވަނަ ކަމަކީ ޚަޞްމުންނަށް ފުރަތަމަ މަރްޙަލާގެ ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ނުލިބި ފާއިތުވެފައި އޮވެދާނެ ދިފާޢީ ޙުއްޖަތްތައް ހުށަހެޅުމަށާއި، މައްސަލައިގެ ވަޤާއިޢުތައް (Facts) ތަކްޔީފުކުރުމުގައާއި، ޤާނޫނު މާނަކުރުމުގައާއި، ޤާނޫނު ތަޠްބީޤުކުރުމުގައި ހެދިފައި އޮވެދާނެ ކުށްތައް އިޞްލާޙުކުރުމުގެ ފުރުޞަތުދިނުމުގެ ގޮތުން ފުރަތަމަ މަރްޙަލާގެ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓެއްގެ ކުރިމަތީގައި ޗެލެންޖްކޮށް އަލުން ބެލުމުގެ ފުރުޞަތު ޚަޞްމުންނަށް ހުޅުވާލުމުގެ ޟަރޫރަތްތެރިކަން ކަމާއި، މި ދެ ކަމުގެ މެދުގައި ވަޒަންކޮށް ތަފާތު ދައުލަތްތަކުގެ އިޖްރާއާތުގެ ޤާނޫނުތަކުގައި އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ކަނޑައެޅިފައިވަނީ ނިސްބަތުން ކުރުކޮށްކަމާ، އަދި އިސްތިއުނާފުކުރުމާ ގުޅޭގޮތުން އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ކަނޑަނާޅާ އެންމެހައި ޙާލަތްތަކުގައި އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތަކީ އިޖުރާއާތުގެ ޤާނޫނުތަކުގައި އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ ޢާއްމު މުއްދަތުކަމާއި، އެ ޢާއްމު މުއްދަތު ތަފާތު ދައުލަތްތަކުގެ އިޖުރާއާތުގެ ޤާނޫނުތަކުގައި އެއްގޮތް ނޫންކަމާއި، ތަފާތު ދައުލަތްތަކުގެ ޤާނޫނުތަކުގައި އާދައިގެ ޙުކުމްތައް އިސްތިއުނާފުކުރުމަށް ދެވޭ މުއްދަތަށްވުރެ، ވަޤުތީ އަމުރުފަދަ ނިންމުންތައް އިސްތިއުނާފުކުރުމަށް ދެވޭ މުއްދަތު ކުރުކަމާ އަދި ބައެއް ޤާނޫނީ ނިޒާމްތަކުގައި ޢާއްމު ފަރުދުންނަށް އިސްތިއުނާފަށް ހުށަހެޅުމަށް ދެވޭ މުއްދަތަށްވުރެ ދައުލަތަށް އިސްތިއުނާފަށް ހުށަހެޅުމަށް ދެވޭ މުއްދަތު ދިގުކަމާ މިކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެކުރިން ނިމިފައިވާ ބައެއް އަޙްކާމުތަކާއި ނިންމުންތަކުގައިވެސް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ: ހައިކޯޓުގެ ޙުކުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ބަލާއިރު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ވުޖޫދަށް އައުމުގެ ކުރިން ސުޕްރީމް ކޯޓުގައި މައްސަލައެއް އިލްތިމާސްކުރުމުގެ މުއްދަތާ ގުޅިގެން ޢަމަލުކުރެވެމުންއައީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 39 ވަނަ މާއްދާގެ (ނ) އަށް ކަމާ، އެ މާއްދާގެ (ނ) ގައި ބުނަނީ "މި ޤަވާޢިދުގެ 39 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ މައްސަލައެއްނަމަ އެ ނިންމުމެއް ނިންމިތާ 60 (ފަސްދޮޅަސް ދުވަސް)" މިފަދައިން ކަމާ، ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރެވުނުއިރު ޢަމަލުކުރެވެމުން އައީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އަށް ކަމާއި، އެ މާއްދާގައި ބުނަނީ، "ހައިކޯޓުން ނިންމާ މައްސަލައެއް މި ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅަންވާނީ ހައިކޯޓުން އެ މައްސަލައެއްގެ ޙުކުމްކުރި ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި" ކަމަށްކަން، އެ މާއްދާގެ ޞަރީޙަ ނައްޞައް ބެލުމުން އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަ ކަމަކީ: ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފުކުރުމުގެ ޙައްޤަކީ ޤާނޫނީ އަދި ޝަހްޞީ ޙައްޤެއްކަމަށް ވީހިނދު، އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ޝަޚްޞީ ގޮތުން ލިބިގެންވާ ފަރާތަށް ނުވަތަ ފަރާތްތަކަށް ޤާނޫނުގައި އެ ޙައްޤު ބޭނުންކުރުމަށް ކަނޑައެޅިފައިވާ ޝަރްޠުތަކާއި އިޖުރާއާތުތައް ފަހަނައަޅައި ނުދެވޭނެކަމާއި، އެހެންކަމުން ޤާނޫނުގައި އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިއުމުން އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ގެއްލޭނެކަމާއި، އެ މުއްދަތު ފަހަނައަޅައިދާ ފަހުން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް އިޖުރާއީ ގޮތުން ބަލައި ނުގަތުމަކީ ޚަޞްމެއްގެ ހުށަހެޅުމަކާނުލައިވެސް އިސްތިއުނާފީ ކޯޓަށް ކުރެވިދާނެ ކަމެއްކަމާއި، އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަނޭޅުމުގެ ޤާނޫނީ އަސަރަކީ ނުވަތަ ނަތީޖާއަކީ އެ މައްސަލައެއް އިސްތިއުނާފުކުރަންޖެހޭ ކޯޓަށްވުރެ ދަށު މަރްޙަލާގެ ކޯޓުގެ ޙުކުމަށް ފައިޞަލާކުރުވަނިވި ބާރުލިބި، އެ ޙުކުމް ނިހާއީ ޙުކުމަކަށް ވެގެން ދިއުންކަން ތަފާތު ޖުރިސްޑިކްޝަންތަކުގެ މަދަނީ އަދި ޖިނާއީ އިޖުރާއާތުތަކުގައި ޢަމަލުކުރެވޭ ޢާއްމު އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަނޭޅުނު ސަބަބަކީ، އަމިއްލަ ބާރު ނުފޯރާފަދަ ޙާދިޘާއެއް ނުވަތަ ހީނުކުރެވޭފަދަ ކުއްލި ޙާދިޘާއެއް (cas fortut/ force majeure) ނުވަތަ އެ ނޫންވެސް މަޤްބޫލު ޢުޒުރެއް މެދުވެރިވުމުގެ ސަބަބުން، އިސްތިއުނާފުކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުމަކީ މުސްތަޙީލު ކަމެއްކަމުގައިވާނަމަ ނުވަތަ އާދަޔާ ޚިލާފު އަދި ފޫނުބެއްދޭވަރުގެ ބުރަޔާއި ގެއްލުން ތަޙައްމަލުކުރަންޖެހޭފަދަ ކަމެއްކަމުގައިވާނަމަ، މިފަދަ ޙާލަތްތަކުގައި އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވާ ފަހުންވެސް އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުޞަތުދިނުމަކީ ތަފާތު ޤާނޫނީ ނިޒާމުތަކުގެ އިޖުރާއާތުގެ ޤާނޫނުތަކުގައި ބަޔާންވެގެންވާ އުޞޫލަކަށްވާއިރު، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 40 ވަނަ މާއްދާގައާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ) ގައިވެސް މި އުޞޫލު ޤާއިމުވެފައިވާކަން އެނގެން އޮންނަ ކަމެވެ.

(ޅ) ހަވަނަ ކަމަކީ: ޤާނޫނުގައި އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ޢާއްމު އުޞޫލެއްގެ ގޮތުން ފެށެނީ ފުރަތަމަ މަރްޙަލާގެ ކޯޓުން ޙުކުމްކުރާ ތާރީޚުން ފެށިގެންކަމާއި، ބައެއް ޖުރިސްޑިކްޝަންތަކުގައި ޣައިރު ޙާޟިރުގައި ޙުކުމްކުރެވުންފަދަ އިސްތިޘްނާއީ ޙާލަތްތަކުގައި އެ މުއްދަތު ފެށެނީ ޚަޞްމަށް އެ ޙުކުމް ކުރެވުނުކަން އެނގޭ ވަގުތުން ފެށިގެންކަމާއި، އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދިމާވާ ސަރުކާރު ބަންދު ދުވަސްތައް އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތުގެ ތެރޭގައި ނުގުނާކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގައި، "ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތައް ހުށަހަޅަންޖެހޭ މުއްދަތު ގުނާނީ ހައިކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާ އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތައް" ކަން ފާހަގަކުރެވިފައިވާކަމެވެ.

(ޅ) ހަތްވަނަ ކަމަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމް ރިވިއުކޮށް ދިނުން އެދި އަޙްމަދު ނާޡިމްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ގޮތުން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވެ އެތައް ދުވަހެއް ފާއިތުވީ ފަހުން، އަދި މަޤުބޫލު އުޒުރެއް ބަޔާންކުރުމަކާވެސް ނުލައިކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބެލިއިރު، ބަޔާންކުރެވުނު ހައިކޯޓުގެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ މުއްދަތު 23 ޖޫން 2014 އަށް ހަމަވެފައިވާ ކަމަށާއި، 13 ފެބުރުވަރީ 2014 ގައި ހައިކޯޓުން މައްސަލަ ނިންމިއިރުވެސް ޕްރޮސިކިއުޓަރ ޖެނެރަލްއެއް ނެތްކަމަށާއި، އޭގެފަހުން ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަން ކުރެވިފައިވަނީ 22 ޖުލައި 2014 ގައި ކަމަށާއި، މި މައްސަލައަކީ ރިވިއުއަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކަށްވާތީ، އޭރު ހިނގައިދިޔަ ކަންކަމަށް އޭރު ރިޢާޔަތްކުރި ކަމުގައި ވިޔަސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ މުއްދަތު 23 ޖޫން 2014 އަށް ޕްރޮސިކިއުޓަރ ޖެނެރަލްއެއް އަދި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްއެއްވެސް ނެތް ދަނޑިވަޅެއްގައި ހަމަވެފައި ވީނަމަވެސް އޭގެ އެއް މަސް ދުވަސް ފަހުން 22 ޖުލައި 2014 ގައި ޕްރޮސިކިއުޓަރ ޖެނެރަލްއަކު ޢައްޔަންކުރެވުމުން އެންމެ ފުރަތަމަ އެޓެންޑްވާންޖެހޭނީ މުއްދަތު ފަހަނައަޅައިދިޔަ އިސްތިއުނާފުތައް ހުރިތޯބެލުންކަމަށާއި އެފަދަ އިސްތިއުނާފީ މައްސަލަތަކަށް ފިޔަވަޅުއެޅުން ވާންވާނީ ޕްރައޮރިޓީ ކަމަށާއި އަލުން ޕްރޮސިކިއުޓަރ ޖެނެރަލް ޢައްޔަންކުރި ތާރީޚުކަމުގައިވާ 22 ޖުލައި 2014 ވަނަ ދުވަހުން ފެށިގެން މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަދެއްވުން އެދި ހުށަހެޅި ތާރީޚުކަމަށްވާ03 ސެޕްޓެންބަރު 2014 ވަނަ ދުވަހާ ދެމެދު، ހޭދަވެފައިވާ މުއްދަތަކީ، މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގައި އެކަށީގެންވާ މުއްދަތައްވުރެ ދިގު މުއްދަތެއްކަމަށް ފެންނަކަމަށް ދައުލަތުންވެސް ފާހަގަކޮށްފައިވާތީ، އިސްވެ ބަޔާންވެދިޔަ ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަދީ، އެ ޤަޟިއްޔާގެ އިސްތިއުނާފު ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާއިން ބަލައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭކަން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާހަގަ ކުރެވިފައިވާކަމެވެ.

ޙުކުމް:

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންތައްތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ނަންބަރު 2014/SC-A/52 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް މުރާޖަޢާކޮށް ދިނުން އެދި އަޙްމަދު ނާޡިމްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރަމުން ހުށަހެޅި އިޖުރާއީ ނުކުތާއާ ގުޅިގެން އަޙްމަދު ނާޡިމްގެ ފަރާތުންނާއި ދައުލަތުން ދައްކާފައިވާ ވާހަކަތަކަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަދީ، އެ ޤަޟިއްޔާގެ އިސްތިއުނާފު ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާއިން ބަލައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ