މުޙައްމަދު އަނީސް ވ. ފާޠިމަތު ފަރީދާ އަދި އިތުރު 7 ފަރާތެއް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2018/SC-A/56
ޝަރީޢަތް ނިމުނުގޮތް
މުޙައްމަދު އަނީސް ވ. ފާޠިމަތު ފަރީދާ އަދި އިތުރު 7 ފަރާތެއް
ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
29 އޮގަސްޓް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2015/HC-A/85
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ފާޠިމަތު ފަރީދާ
މުޙައްމަދު ޝަވީދު
ޚައުލަތު ފަހީމް
އަޙްމަދު ޝިޔާމް
އާމިނަތު އަޝްފާ
މަރްޔަމް ޝިފާ
ޢަލީ ޝިޔާމް
ޙަސަން ޝިޔާމް، ހ. ވާލީވިލާ، މާލެ މުޙައްމަދު އަނީސް، ދަފުތަރު. ނަންބަރު 4800، މާލެބަދަލުގައި: ޢަބްދުﷲ ސިޔާޒު، ސަލްޓަން ޗެންބަރސް މުޙައްމަދު ޝަވީދު ޤާނޫނީ ވަކީލު: ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު،
ސަލްޓަން ޗެމްބަރސް
މަދަނީ – ފައިސާ ހޯދުން – ހެކިވެރިން ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާން – ކިތާބީ ހެކި – ޝަފަހީ ހެކި – ދަޢުވާކުރުމުގެ ޙައިޘިއްޔަތު - މުދަލެއްގެ މިލްކުވެރިކަމާމެދު އުފެދިފައިވާ ޚުޞޫމަތް - ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާ އާއި 2 ވަނަ މާއްދާ – ޤާނޫނުއަސާސީގެ 65 ވަނަ މާއްދާ
މުޙައްމަދު އަނީސް ވ. ފާޠިމަތު ފަރީދާ އަދި އިތުރު 7 ފަރާތެއް[2021] SC 80
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/85 ޤަޟިއްޔާ އިސްތިއުނާފުކުރުމަށްޓަކައި ދަފްތަރު. ނަންބަރު 4800، މާލެ، މުޙައްމަދު އަނީސް (މީގެފަހުން "މުޙައްމަދު އަނީސް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާފަރާތްތަކަކީ ފާޠިމަތު ފަރީދާ އާއި،މުޙައްމަދު ޝަވީދު އާއި، ޚައުލަތު ފަހީމް އާއި، އަޙްމަދު ޝިޔާމް އާއި، އާމިނަތު އަޝްފާ އާއި، މަރްޔަމް ޝިފާ އާއި، ޢަލީ ޝިޔާމް އަދި ހ. ވާލީވިލާ، ޙަސަން ޝިޔާމް ، (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް") އެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
ހ. ވާލީވިލާ، އަލްމަރްޙޫމް މޫސާ ފަހީމް ނިޔާވިއިރު މަރްޙޫމްގެ މިލްކުގައިއޮތް ވިލަމެންދޫ އައިލެންޑް ރިސޯޓު، ތަރިކައިގެ ގޮތުގައި މަރްޙޫމުގެ 08 ވާރިސުން ކަމުގައިވާ މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ސިވިލް ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއިން ލިބުނުއިރު، މުޙައްމަދު އަނީސްގެ އަމިއްލަ ތަކެތިކަމުގައިވާ ޔަންމާ މެރިން އިންޖީނަކާއި، ކޮންކްރީޓް ގަށާ މެޝިނަކާއި، 180 ގަނޑު ލައިސާޓު ޓިނާއި، 1.5 ޓަނުގެ ބަރުދަން އުފުލޭ ކެރޭނަކާއި، 208 ކާފޫރު ލަކުޑިއާއި، 200 ކޮތަޅު ސިމެންތި އެ ރިސޯޓުގައި ހުރިކަމަށްބުނެ، އެތަކެތި ނުވަތަ އެތަކެތީގެ އަގު ހޯދައިދިނުމަށް އެދި މުޙައްމަދު އަނީސްގެ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާގޮތް
ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، އެ ދަޢުވާގެ އަސްލަށް ދަޢުވާލިބޭ ފަރާތްތަކުން އިންކާރުކުރިނަމަވެސް، ދަޢުވާލިބޭ ފަރާތްތަކުން ވިލަމެންދޫ އައިލެންޑް ރިސޯޓާ ޙަވާލުވިއިރު، އެރަށުގައި މުޙައްމަދު އަނީސްގެ ޔަންމާ މެރިން އިންޖީނަކާއި، ކޮންކްރީޓް ގަށާ މެޝިނަކާއި، 180 ގަނޑު ލައިސާޓު ޓިނާއި، 1.5 ޓަނުގެ ބަރުދަން އުފުލާ ކެރޭނަކާއި، 208 ކާފޫރު ލަކުޑިއާއި، 200 ކޮތަޅު ސިމެންތި ހުރިކަން ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާތީ، ދަޢުވާލިބޭ ފަރާތްތަކުން އެ ތަކެތި ނުވަތަ އެ ތަކެތީގެ އަގު މުޙައްމަދު އަނީސްއަށް ލިބި ދިނުމަށް ކަނޑައަޅައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާގޮތް
ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުގައި ޔަންމާ މެރިން އިންޖީނާއި، ކޮންކްރީޓް ގަށާ މެޝިން ނުވަތަ ތަކެތީގެ އަގު މުޙައްމަދު އަނީސްއަށް ލިބިދިނުމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/85 ޤަޟިއްޔާއިން ކަނޑައަޅާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/85 ޤަޟިއްޔާ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.
ސިވިލް ކޯޓުގައި ހެކިބަސް ދިން ފަރާތްތަކަކީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި ފަރާތްތަކާމެދު ޢަދާވަތްތެރިކަމެއް އޮތް ބަޔަކުކަން އެނގެން ނެތުމުންނާ، އަދި މި މައްސަލައިގައި ހިމެނޭ މުދާތަކަކީ ހެކިންގެ މަސްލަހަތު ހިމެނޭ މުދާތަކެއްކަންވެސް އެނގެން ނެތުމުގެ އިތުރަށް، އެ ފަރާތްތައް އެ ރިސޯޓުގެ ވަޒީފާއިން ވަކިކޮށްފައިވުން އެއީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް އެފަރާތްތަކަކީ މި މައްސަލަ ހައިކޯޓަށް އިސްތިއުނާފުކުރި ފަރާތްތަކާމެދު ޢަދާވާތްތެރިކަމެއް އޮތް ބަޔަކުކަމަށް ބަލައި، އެ ފަރާތްތަކުގެ ހެކިބަސް މި މައްސަލައިގައި ޤަބޫލު ނުކުރެވޭނެ ސަބަބެއްކަމުގައި ބެލެވިގެން ނުވާނެކަން.
މުޙައްމަދު އަނީސްގެ ދަޢުވާގައި ހިމެނޭ މުދާތަކަކީ އެ މުދަލުގެ ޙައްޤު މުޙައްމަދު އަނީސް ދޫކޮށްލާފައިވާ މުދާތަކެއްކަމުގައި ޝަރީޢަތުން ބަލާނެ ތަނެއް ނެތްކަމަށާ، އަދި މުޙައްމަދު އަނީސް މި މައްސަލައިގައި ދަޢުވާކޮށްފައިވަނީ ނުބައި ނިޔަތުގައި ކަމުގައި ބަޔާންކޮށް އިސްތިއުނާފު ކުރާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެ ވާހަކަތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް މުޙައްމަދު އަނީސް މި މައްސަލައިގައި ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވަނީ ނުބައި ނިޔަތުގައިކަމަށް ބަލާނެތަނެއް އޮތްކަމަށް ނުފެންނަކަމާއި، އަދި މި ނުކުތާއަކީ މިގޮތަށް ދަށު ކޯޓުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ނުކުތާއެއް ނޫންކަމާއި، މިދަޢުވާއަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ނުކުރެވޭނެ ދަޢުވާއެއްކަމުގައި ބުނެ ދަށު ކޯޓަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހެޅި އިޖުރާއީ ނުކުތާ ސިވިލް ކޯޓުން ބަލައި މުޙައްމަދު އަނީސް ހުށަހެޅި ދަޢުވާއަކީ އެ ދަޢުވާ އޮތްގޮތަށް ކުރިއަށް ގެންދެވޭނެ ދަޢުވާއެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާއިރު، އެ އިޖުރާއީ ނިންމުން އިސްތިއުނާފުކުރެވިފައި ނުވާކަން.
ހެކިންގެ ހެކިބަހުގެ މައްޗަށާއި ހުށަހެޅިފައިވާ ބިލްތަކަށް ބަލާއިރު، ހައިކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރި 8 (އަށެއް) ފަރާތަށް ވިލަމެންދޫ އައިލޭންޑް ރިސޯޓު ލިބުނުއިރު، މުޙައްމަދު އަނީސް ދަޢުވާގައި ބުނެފައިވާ ތަކެތި އެ ރިސޯޓުގައި ހުރިކަމާ، އަދި ބިލުތަކުގައިވާ ތަކެއްޗަކީ މުޙައްމަދު އަނީސް ގަނެފައިވާ މުޙައްމަދު އަނީސްގެ ތަކެތިކަން.
ނަމަވެސް، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ހުށަހެޅުނު މައްސަލައިގައި ހިމެނޭ މުދަލާއި ތަންތަނާއި ތަކެއްޗަކީ ކޮބައިތޯ ބަލައި އެ ޤަޟިއްޔާ 01 ޖޫން 2006 ތާރީޚުގައި ކޯޓުން ނިންމުމުން، ވިލަމެންދޫ އައިލޭންޑް ރިސޯޓު މި މައްސަލަ އިސްތިއުނާފު ކުރި ފަރާތްތަކަށް ޝަރީޢަތުން ލިބުނުއިރު، އެ ރިސޯޓުގައި ހުރި މި މައްސަލައިގެ ދަޢުވާގައި ހިމެނިފައިވާ ފަދަ މުދާތަކަކީ އެ ރިސޯޓުގެ މުދާކަމުގައި އުސޫލެއްގެ ގޮތުން ބެލެވޭނެކަމާއި، އެފަދަ މުދަލަކީ ނުވަތަ ތަކެއްޗަކީ އެހެން މީހެއްގެ މުދާ ނުވަތަ ތަކެތިކަން އެނގޭނެ އިތުރު ހެކި ނުވަތަ ޤަރީނާތަކެއް ނެތި ހަމައެކަނި މީހަކު ނުވަތަ ބަޔަކު ބުނާބުނުމެއްގެ މައްޗަށް ބިނާކޮށް އެއީ އެހެން މީހެއްގެ ތަކެތިކަން ސާބިތުނުކުރެވޭނެކަން.
ވިލަމެންދޫ އައިލޭންޑް ރިސޯޓުގައި ހުރިކަމަށް ހެކިންގެ ހެކިބަހުގައި ބުނާ ތަކެތީގެ ތެރޭގައި ހިމެނޭ ޔަންމާ މެރިން ޑީސަލް ސިކްސް ބީ އެމް ގެ އިންޖީނާއި ކޮންކްރީޓް ގަށާ މެޝިނަކީ މުޙައްމަދު އަނީސްގެ ފައިސާއިން މުޙައްމަދު އަނީސް ގަނެފައިވާ ތަކެތިކަން އެނގޭނެ ބިލުތައް ފަދަ ހެއްކެއް ޝަރީޢަތަށް ހުށަހެޅިފައި ނެތްކަން.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ފަރާތްތަކަށް ވިލަމެންދޫ އައިލެންޑް ރިސޯޓު ލިބުނުއިރު، މުޙައްމަދު އަނީސްގެ ދަޢުވާގައި ހިމެނޭ ޔަންމާ މެރިން އިންޖީނާއި، ކޮންކްރީޓް ގަށާ މެޝިން އެ ރިސޯޓުގައި ހުރިކަން ހެކިންގެ ހެކިބަހުން އެނގެން އޮތްނަމަވެސް، މި ތަކެއްޗަކީ މުޙައްމަދު އަނީސް ގަނެފައިވާ މުޙައްމަދު އަނީސްގެ ތަކެތިކަން އެނގޭނެ ބިލުތައް ފަދަ އެކަށީގެންވާ ހެކި ހުށަހެޅިފައި ނުވާތީ، ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމުގައި މި އިންޖީނާއި ކޮންކްރީޓް ގަށާ މި މެޝިން ނުވަތަ މި ތަކެތީގެ އަގު މުޙައްމަދު އަނީސަށް ލިބިދިނުމަށް އަންގައި ނިންމާފައިވާ ނިންމުމުގެ އެބަޔަށް ބަދަލު ގެންނަންޖެހޭކަން؛ މިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ މުޙައްމަދު އަނީސްގެ ފަރާތުން ސުޕްރީމް ކޯޓުގައި މައިގަނޑު 2 (ދޭއް) ނުކުތާ ފާހަގަކޮށްފައިވެއެވެ. އެ ނުކުތާތަކަކީ؛
ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގައި ކުރި ދަޢުވާގައި ހިމެނޭ މުދަލުގެ ތެރެއިން ޔަންމާ މެރިން އިންޖީނާއި ކޮންކްރީޓް ގަށާ މެޝިނަކީ އޭރު ވިލަމެންދޫ ރިސޯޓު ހިންގަމުންދިޔަ ކުންފުނި ކަމުގައިވާ "ވިޒަން މޯލްޑިވްސް" ގެ މުދަލެއް ނޫންކަން އެ ކުންފުނީގެ 2006 މާރިޗު މަހުގެ އޮޑިޓް ރިޕޯޓުން ކުންފުނީގެ ހިއްސާދާރުންނަށް އަންގާފައިވީހިނދު، އަދި މި މުދަލަކީ އެ ރިސޯޓާއި އެއްވެސް ގުޅުމެއް ނުވާ މުޙައްމަދު އަނީސްގެ އަމިއްލަ މުދާތަކެއްކަން ސިވިލް ކޯޓުގެ ޤަޟިއްޔާއިން ސާބިތުވެފައިވަނިކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން، ސިވިލް ކޯޓުގެ ޙުކުމުގައި ހިމެނިފައިވާ މި މުދާތައް ބާޠިލުކަމަށް ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޝަރުޢީ އެންމެހައި ކަންކަން ނިންމަންޖެހޭނީ އިސްލާމީ އުޞޫލުތަކާއި ޤާނޫނުއަސާސީގައި ޙަވާލާދޭ މާއްދާތަކާއި ފުށުނާރާނެ ގޮތެއްގައި ޤާނޫނީ ހަމަތަކުގެ މަތިންކަމަށް ވީހިނދު، އިސްލާމީ ޝަރީޢަތާއި ޤާނޫނީ ހަމަތަކުގެމަތީން ޞައްޙަ އުސޫލުން ސާބިތުވެފައިވާ މި މުދާ (ޔަންމާ މެރިން އިންޖީނާއި ކޮންކްރީޓް މެޝިން) އަކީ މުޙައްމަދު އަނީސްގެ މުދަލެއްކަން އެނގޭހިނދުވެސް، އަދި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި މީހެއްގެ މުދަލަކީ ނިގުޅައިގަނެވިގެންވާނެ ތަކެއްޗެއް ނޫންކަމަށް ބަޔާންކޮށްފައި ވީހިނދު، އަދި ޝަރީޢަތުގެ އުޞޫލުތައް ކަނޑައަޅާ ގޮތުން މިލްކެއްގެ ވެރިމީހާއަކީ އެ މިލްކެއްގެ މައްޗަށް ފުރިހަމައަށް ތަޞައްރުފު ކުރެވެންޖެހޭ މީހާ ކަމަށާއި، އެގޮތުން ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ލިބިދީފައިވާ ހަމަހަމަކަމުގެ ޙައްޤާއި ޚިލާފަށް އެއްވެސް އުސޫލަކުންވިޔަސް އަދި ޤަވާޢިދަކުންވެސް މީހެއްގެ މިލްކެއް ނިގުޅައިގަތުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އަންނަނިވި ކަންކަން ފާހަގަކުރިއެވެ.
އިސްތިއުނާފު ކުރާ މުޙައްމަދު އަނީސް، ވިލަމެންދޫގައި ހުރި މިލްކު މުދާކަމަށް ދަޢުވާކުރާ މުދަލުގެ ތެރެއިން 180 ގަނޑު ލައިސާ ޓިނާއި 208 ކާފޫރު ލަކުޑި އަދި 200 ކޮތަޅު ސިމެންތި އަލްމަރުޙޫމް މޫސާ ފަހީމްގެ ވާރިސުންނާ ރަށް ޙަވާލުކުރިއިރު، އެރަށުގައި އެ ޢަދަދަށް މުދާ ހުރިކަމަށް ހެކިބަސްދީފައިވާ އެއްވެސް ހެއްކެއް ހެކިބަސްދީފައި ނުވާކަން ފާހަގަކުރާ ކަމަށާއި ހެކިބަސްދީފައިވާ ފަރާތްތަކުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ އެއްޗެއް ވެއްޖެކަން އެނގޭކަމަށް ކަމާއި އެއްވެސް ޙާލެއްގައި ވަކި ޢަދަދުތަކެއްގެ މުދާ އެރަށުގައި ހުރިކަން އެނގޭކަމަށް ބުނެފައި ނެތްކަމާއި އެހެންކަމުން، ހެކިންގެ ހެކިބަހުގެ މައްޗަށް ނަގައިދޭ ބަދަލުގައިވެސް، ޢަދަދާއި ތަނާއި ވަގުތަށް ބަލަންޖެހޭނެކަމަށް ދެކޭކަމާއި އެހެންކަމުން މި މުދަލަކީވެސް ޙަޤީޤަތުގައި ނަގައިދެވޭނެ މުދަލެއް ނޫންކަމުގައި ދެކޭކަމަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާ.
މުޙައްމަދު އަނީސް ދަޢުވާކުރާ ޔަންމާ މެރިން އިންޖީނާއި ކޮންކްރީޓް ގަށާ މެޝިންއަށް ދަޢުވާކުރާއިރު، އެ ތަކެއްޗަކީ މުޙައްމަދު އަނީސްގެ ތަކެތިކަން އެނގޭނެ އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވެސް ހުށަހަޅާފައި ނުވާކަމާއި އޭނާގެ ތަކެތި ކަމަށް ބުނެ ސިޓީ ފޮނުވައި ނުވަތަ އެ ސިޓީ ރައްދުވިޔަސް އަދި ނުވިޔަސް އެއީ އޭނާގެ ތަކެތިކަން ސާބިތު ކޮށްދޭނެ ޤަރީނާއެއް ނުވަތަ ހެއްކެއް ނޫންކަމަށް ބުނެ ފާހަގަކުރި ނުކުތާ.
މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ޙުކުމުން މޫސާ ފަހީމްގެ ވާރިސުންނަށް މިލްކުކޮށްފައިވާ ތަކެއްޗާއި ތަންތަނުގެ މައްޗަށް އެ ޤަޟިއްޔާ ފިޔަވައި އިތުރު އެހެން މިލްކުވެރިކަމެއް އެދުވަހުން ފެށިގެން ނޯންނާނެ ކަމަށްބުނެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަ ކުރި ނުކުތާ.
ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާ
މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ މައިގަނޑު ދެ ނުކުތާއަކާ ގުޅޭގޮތުންނެވެ.
ފުރަތަމަ ނުކުތާއަކީ: ޔަންމާ މެރިން އިންޖީނާއި ކޮންކްރީޓް ގަށާ މެޝިނަކީ މުޙައްމަދު އަނީސްގެ ތަކެތިކަން ހުށަހެޅިފައިވާ ހެކިތަކުން، މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ގޮތެއް ކަނޑައެޅުމެވެ.
ދެވަނަ ނުކުތާއަކީ: މި ދަޢުވާގެ ރައްދުގައި ވިލަމެންދޫގައި ހުރި މިލްކު މުދާކަމަށް މުޙައްމަދު އަނީސް ދަޢުވާކުރާ މުދަލުގެ ތެރެއިން 180 ގަނޑު ލައިސާ ޓިނާއި 208 ކާފުރު ލަކުޑި އަދި 200 ކޮތަޅު ސިމެންތި އަކީ ނަގައިދެވޭނެ މުދަލެއް ނޫންކަމަށާއި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ޙުކުމުން މޫސާ ފަހީމްގެ ވާރިސުންނަށް މިލްކުކޮށްފައިވާ ތަކެއްޗާއި ތަންތަނުގެ މައްޗަށް އެ ޤަޟިއްޔާ ފިޔަވައި އިތުރު އެހެން މިލްކުވެރިކަމެއް އެދުވަހުން ފެށިގެން ނޯންނާނެ ކަމަށްބުނެ އިސްތިއުނާފު ރައްދުވާ ފަރާތަކުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފާހަގަ ކުރި ނުކުތާއާ ގުޅިގެން އެކަމުގެ މައްޗަށް ގޮތެއް ކަނޑައެޅުމެވެ.
ދަޢުވާ ކުރުމުގެ ޙައިޘިއްޔަތު ލިބިފައިވޭތޯ ބެލުން
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސުޕްރީމް ކޯޓުގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ޙުކުމުން މޫސާ ފަހީމްގެ ވާރިސުންނަށް މިލްކުކޮށްފައިވާ ތަކެއްޗާއި ތަންތަނުގެ މައްޗަށް އެ ޤަޟިއްޔާ ފިޔަވައި އިތުރު އެހެން މިލްކުވެރިކަމެއް އެދުވަހުން ފެށިގެން ނޯންނާނެކަން ފާހަގަކޮށް ހުށަހެޅި ނުކުތާއަށް ބަލާއިރު، މި ނުކުތާއަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސިވިލް ކޯޓުގައި މި މައްސަލަ ހިނގިއިރު އެ ކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއެއްކަން ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަށް ނެތެވެ.
އެހެންނަމަވެސް، ދަޢުވާގައި ބުނެފައިވާ ދުވަސްވަރު ވިލަމެންދޫ އައިލެންޑް ރިސޯޓު ހިންގަމުން އައީ ވިޒަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ކަމަށްވާތީ އެ ދުވަސްވަރު އެ ރިސޯޓުގައި ހިނގާދިޔަ ކަންކަމުގައި ޒިންމާވާންޖެހޭ ފަރާތަކީ އެ ރިސޯޓުގެ ވެރިފަރާތް ކަމަށްވާ ކުންފުނިކަމަށް ވުމުން، މި ދަޢުވާއަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް އުފުލޭނެ ދަޢުވާއެއް ނޫން ކަމަށް ބުނެ، ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގައި އިޖުރާއީ ނުކުތާއެއް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސިވިލް ކޯޓުގައި ފާހަގަކުރި އިޖުރާއީ ނުކުތާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާއިން ނިންމާފައިވަނީ؛
"... ވިލަމެންދޫ އައިލެންޑް ރިސޯޓް ހިންގަމުންއައި ވިޒަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހުރިހާ މުދާތަކާއި ތަންތަން ބަހައި، ސިވިލް ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއިން ވިލަމެންދޫ އައިލެންޑް ރިސޯޓު މިލްކުކޮށްދީފައިވަނީ ދަޢުވާލިބޭ 08 މީހުންނަށްކަން އެ ޤަޟިއްޔާގެ ޙުކުމުން އެގެން އޮތުމާއި ދަޢުވާގައި ބުނެފައިވާ ދަޢުވާކުރާ ފަރާތުގެ ތަކެއްޗަކީ މިބުނެވިދިޔަ ޙުކުމުން ދަޢުވާލިބޭ ފަރާތްތަކަށް މިލްކުކޮށްދީފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެހި ތަކެއްނޫން ކަމަށާއި އެތަކެއްޗަކީ އެ ރަށުގައި ހުރި ދަޢުވާކުރާ ފަރާތުގެ އަމާނާތްތަކެއްކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވުމާއި، އެ ރިސޯޓުގެ މިލްކުވެރިކަން ބަދަލުވެގެން އެތަނާއި އެތަނުގައިހުރި މުދާތައް ދަޢުވާލިބޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ބަދަލުވިއިރު މި ބުނެވިދިޔަ އަމާނާތްތައް ދަޢުވާލިބޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގޮސްފައިވާކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވުމާއި، ވިޒަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދަރަނިތައް ކަނޑައި މުދާތައް ބެހިއިރު، ސިވިލް ކޯޓުގެ އިސްވެ ބަޔާންވެދިޔަ ޤަޟިއްޔާގައި ބެލިފައިނުވާ އިތުރު ދަރަންޏެއް އޮވެގެން ޒިންމާވާންޖެހުން، އެ ޤަޟިއްޔާއިން ބެލިފައިވާ މައްސަލާގައި ބަރީއަކޮށްފައި ނުވާކަމަށް އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންވެފައިވުމުން، ވިލަމެންދޫ އައިލެންޑް ރިސޯޓާއި އެ ރިސޯޓުގައިވާ އެންމެހާތަކެތި ދަޢުވާލިބޭ ފަރާތްތަކަށް މިލްކުވިއިރު، ދަޢުވާގައި ބުނެފައިވާ މުޙައްމަދު އަނީސްގެ ތަކެތި އެ ރިސޯޓުގައި ހުރިކަމަށް މުޙައްމަދު އަނީސް ބުނެ، އެތަކެތި، ނޫނީ އެތަކެތީގެ އަގު ހޯދައިދިނުމަށް އެދި މުޙައްމަދު އަނީސް ކޮށްފައިވާ މި ދަޢުވާ، ދަޢުވާލިބޭ 08 މީހުންގެ މައްޗަށް ނުކުރެވޭނެ ކަމަށް ބެލެވޭނެ ހަމައެއް ނެތުމުން ދަޢުވާއަށް މައުޟޫޢީގޮތުން ޖަވާބު ދާރީ" ވުމަށެވެ.
މިގޮތުން މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހޯދުމަށް ދަޢުވާކުރާ ތަކެއްޗަކީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއިން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިދީފައިވާ ތަކެތި ތޯ ބަލާއިރު، މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުންދިޔައިރު، ދަޢުވާގައި ބުނެފައިވާ ތަކެއްޗަކީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ޙުކުމުން ދަޢުވާ ލިބޭ ފަރާތްތަކަށް ލިބިދީފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ އެއްޗިހި ތަކެއް ނޫންކަމަށް ބުނެ އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކުރި ނުކުތާއާގުޅިގެން އެ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސިވިލް ކޯޓުގައި އެއްވެސް ކަމެއް ފާހަގަކޮށް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާކަންވެސް އެނގޭކަށް ނެތެވެ.
އެހެންކަމުން، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ޙުކުމުން މޫސާ ފަހީމްގެ ވާރިސުންނަށް މިލްކުކޮށްފައިވާ ތަކެއްޗާއި ތަންތަނުގެ މައްޗަށް އެ ޤަޟިއްޔާ ފިޔަވައި އިތުރު އެހެން މިލްކުވެރިކަމެއް އެދުވަހުން ފެށިގެން ނޯންނާނެކަމަށާއި، މި މައްސަލައިގައި ކުރެވިފައިވާ ދަޢުވާއަކީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއިން މޫސާ ފަހީމްގެ ވާރިސުންނަށް މިލްކުވެފައިވާ މުދާތަކެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަމަށް ބަލައި، މި ދަޢުވާއަކީ ކުރެވިގެންވާނެ ދަޢުވާއެއް ނޫންކަމަށް ކަނޑައެޅިދާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް އޮތްކަމަކަށް އަހުރެން ނުދެކެވެ.
ދަޢުވާ ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވޭތޯ ބެލުން
ޔަންމާ މެރިން އިންޖީނާއި ކޮންކްރީޓް ގަށާ މެޝިނަކީ އޭރު ވިލަމެންދޫ ރިސޯޓު ހިންގަމުންދިޔަ ކުންފުނި "ވިޒަން މޯލްޑިވްސް" ގެ މުދަލެއްނޫންކަން އެ ކުންފުނީގެ 2006 މާރިޗު މަހުގެ އޮޑިޓް ރިޕޯޓުން ކުންފުނީގެ ހިއްސާދާރުންނަށް އަންގާފައިވީހިނދު، އަދި މި މުދަލަކީ އެ ރިސޯޓާ އެއްވެސް ގުޅުމެއް ނުވާ މުޙައްމަދު އަނީސްގެ އަމިއްލަ މުދާތަކެއްކަން ސިވިލް ކޯޓުގެ ޤަޟިއްޔާއިން ސާބިތުވެފައި ވަނިކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމުގައި ހިމެނިފައިވާ މި މުދާތައް ބާޠިލުކަމަށް ނިންމެވީ ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު، ހެއްކާބެހޭ ޤާނޫނުގެ ބުނެވުނު މާއްދާތަކުގައި ބަޔާންކޮށްފައިވަނީ؛
ކަމެއްގެ ހަގީގަތާ ގުޅޭގޮތުން ހެކިވެރިޔަކު ޝަރީޢަތުގެ މަޖިލީހަކަށް ދިނުން އެމަޖިލިސް ހުއްދަކުރާ ނުވަތަ ހެކިވެރިޔެއްގެ ކިބައިން ޝަރީޢަތުގެ މަޖިލީހަކަށް ބޭނުންކުރާ ކޮންމެ ބަޔާނަކީ ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެކެވެ. މިފަދަ ކޮންމެ ބަޔާނަކީ ޝަފަހީ (އޯރަލް) ހެއްކެވެ.
ކަމެއްގެ ހަގީގަތާ ގުޅޭގޮތުން ޝަރީޢަތުގެ މަޖިލީހަކަށް ހުށަހެޅުން އެ މަޖިލިސް ހުއްދަކުރާ ނުވަތަ ޝަރީޢަތުގެ މަޖިލީހަކުން ހޯދާ ކޮންމެ ލިޔުމަކީވެސް ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެކެވެ. މިފަދަ ކޮންމެ ލިޔުމަކީ ކިތާބީ (ޑޮކިއުމެންޓަރީ) ހެއްކެވެ.
މިފަދައިންނެވެ.
މި މައްސަލައިގައި ދަށު ކޯޓުގައި ހެކިބަސް ދީފައިވާ 4 ހެކިންގެ ހެކިބަހަށް ބަލާއިރު، އޭގެ ތެރެއިން ބައެއް ހެކިން ޔަންމާ މެރިން އިންޖީނާއި ކޮންކްރީޓް ގަށާ މެޝިނަކީ މުޙައްމަދު އަނީސްގެ ތަކެތި ކަމަށް ބުނެ ހެކިބަސް ދީފައިވާކަން އެނގެއެވެ. އެހެންނަމަވެސް، މި ބުނުމަށް ބާރުލިބޭ ފަދަ އެއްވެސް ކިތާބީ ހެއްކެއް މުޙައްމަދު އަނީސްގެ ފަރާތުން ހުށަހަޅާފައި ވާކަން އެނގޭކަށް ނެތެވެ.
މި މައްސަލައަކީ މުދަލުގެ މިލްކުވެރިކަމާމެދު އުފެދިފައިވާ ޚުޞޫމަތެއްގެ ތެރެއިން އެ މުދާ ނުވަތަ އެ މުދަލުގެ އަގު ހޯދުމަށް އެދި ހުށަހަޅާފައިވާ މަދަނީ މައްސަލައަކަށްވާއިރު، އަދި މި މައްސަލައިގައި ހޯދުމަށް ދަޢުވާކުރި ބައެއް ތަކެތި މުޙައްމަދު އަނީސް ގަނެފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، މުޙައްމަދު އަނީސް އެ ތަކެތި ގަތްކަން އަންގައިދޭ ބިލުތަކެއް ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް، މި ދަޢުވާގައި ބަޔާންކުރާ ޔަންމާ މެރިން އިންޖީނާއި ކޮންކްރީޓް ގަށާ މެޝިނަކީ މުޙައްމަދު އަނީސް ގަނެފައިވާ މުޙައްމަދު އަނީސްގެ އަމިއްލަ މުދާކަން ސާބިތުވާނެ އެއްވެސް ކިތާބީ ހެއްކެއް ޝަރީޢަތަށް ހުށަހަޅާފައިވާކަން ސިވިލް ކޯޓާއި ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުންވެސް އެނގޭކަށް ނެތެވެ.
މުޙައްމަދު އަނީސްގެ ފަރާތުން ކުރާ ދަޢުވާ ސާބިތުކުރުމަށްޓަކައި ކިތާބީ ހެކި ހުށަހަޅާފައި ނުވިނަމަވެސް، ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ހޯދުމަށް މުޙައްމަދު އަނީސް ދަޢުވާ ކުރާ ޔަންމާ މެރިން އިންޖީނާއި ކޮންކްރީޓް ގަށާ މެޝިންވެސް ހިމެނޭގޮތުން ދަޢުވާގައި ބަޔާންކުރާ މުދާތަކަކީ މުޙައްމަދު އަނީސްގެ މުދާކަން ސާބިތުކޮށްދިނުމަށްޓަކައި މުޙައްމަދު އަނީސްގެ ފަރާތުން ސިވިލް ކޯޓަށް 04 ޝަފަހީ ހެކި ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ.
މިގޮތުން، މުޙައްމަދު އަނީސްގެ ފަރާތުން ހެކިބަސް ދިނުމަށް ސިވިލް ކޯޓަށް ހާޒިރުކުރި ސ. ހިތަދޫ، ސީސަންގެ، ތައުފީޤު ޚަލީލް ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ؛
"...އާދެ އަނީސް އެވިދާޅުވާ އިންޖީނު އެރަށް މި އަށް ބޭފުޅުންނަށް ބަދަލުވެގެން ދިޔައިރު އިންނާނެ އިންޖީނުގެ ކުރިމަތީގަ ދަނގަޑުން ހަދާފައިން ފްރޭމްއަކަށް، ބޭސްއަކަށްލާފަ.. އޭތި އިންނާނީ ރަނިންގ ކޮންޑިޝަންގަ.. އޭތި އަޅުގަނޑުމެން ގާތްގަނޑަކަށް ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ރީސްޓާޓްވެސް ކުރަން.. ދެން އަޅުގަނޑު އެރަށުން ގޮއްސިން ރަށް ބަދަލުވުމުގެ ގާތްގަނޑަކަށް 20 ވަރަކަށް ދުވަސް ކުރިން، އަނެއް ރަށަށް. ދިޔައިރުގަ އިންޖީނު އިންނާނެ އެރަށުގަ.." މިހެންނެވެ.
އަދި މުޙައްމަދު އަނީސްގެ ފަރާތުން ހެކިބަސް ދިނުމަށް ސިވިލް ކޯޓަށް ހާޒިރުކުރި އދ. ދަނގެތި، ވިކްޓަރީގެ، ޢަލީ އާދަމް ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ؛
"...އާދެ. އަނީސް އެވިދާޅުވީ ހަމަ ރަނގަޅު ވާހަކައެއް. އެއީ އަޅުގަނޑުގެ ބެލުމުގެ ދަށުން ދަނގެތީގައި އަނީސްގެ ހަދަންފަށާފައި ހުރި ގޭގެ މަސައްކަތަށް ގެންގޮސް ހުރި ސާމާނު. ޓިނާއި، ލަކުޑިއާއި، ސިމެންތިއާއި، ކޮންކްރީޓް މެޝިނާއި، ކެރޭނާއި ދެން މިމައްސަލާގައިވާ އިންޖީނު އެއީ ބޯޓެއްގައި އަޅަންވެގެން ގެންގޮއްސަހުރި އެއްޗެއް. އެއީ އަނީސްގެ އަމިއްލަ ތަކެތިކަން އަޅުގަނޑު ދެނަހުރިން.." މިހެންނެވެ.
އަދި މުޙައްމަދު އަނީސްގެ ފަރާތުން ހެކިބަސް ދިނުމަށް ސިވިލް ކޯޓަށް ހާޒިރުކުރި ދަފްތަރު. ނަންބަރު 5086، މާލެ، ޢަބްދުﷲ ޢަލީ، ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ؛
"...އަޅުގަނޑަށް އެނގޭ އެއީ އަނީސްގެ އިންޖީނެއްކަން. އަޅުގަނޑު ކޮންމެވެސް ވަރަކަށް ޝާމިލްވެގެން އޭތިލިބިފަ ހުންނާނީ. އެހެންވީމަ އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ އެއީ އަނީސްގެ އިންޖީނެއްކަން. ދެން ޓިނާއި، ސިމެންތިއާއި، ލަކުޑިއާއި އަނީސް ދަނގެތީގައި ހުރި ގޯއްޗެއްގަ ގެއެއް އެޅުމަށްޓަކައި ގެންދިޔަކަން އެނގޭ. ދެން އޭގެ ކިތައް ގަނޑު ކަމެއް ކިތައް ސިމެންތި ކަމެއް ނޭނގެ އަޅުގަނޑަކަށް. މިހާރަކު ހަނދާނެއްނެތް. އެކަމަކު އަޅުގަނޑަށް އެނގޭހުރިކަމާ ގެންދިޔަކަމާ. ދެން ކޮންކްރީޓް މެޝިނަކީ އެތާނގަ މަސައްކަތް ކުރަން އަނީސް ގެންދިޔަ މެޝިނެއްކަން ދެނަހުރިން..." މިހެންނެވެ.
އަދި މުޙައްމަދު އަނީސްގެ ފަރާތުން ހެކިބަސް ދިނުމަށް ސިވިލް ކޯޓަށް ހާޒިރުކުރި ދަފްތަރު. ނަންބަރު ރސ 1661، މާލެ، ޝަމީމް ސަލީމް ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ؛
"...އާދެ އޭގެތެރެއިން އަޅުގަނޑަށް އެނގޭ އަނީސް ފޮނުވާފައި ހުރި އެއްޗެހިކަން އިނގޭތޯ. ދެން ސީދާ އަޅުގަނޑު ހަނދާންވާ އެއްޗިއްސަކީ.. ވަކިއެއްޗެއްކަން އަޅުގަނޑާ ސުވާލުކޮށްލީމަ ފަސޭހަވާނެ ކަންނޭނގެ އެކަމުގަ. ދެން އަޅުގަނޑަށް އޭގެތެރޭގަ ހުރި ހަމަގައިމުވެސް އަޅުގަނޑަށް އެނގޭގޮތުގަ ޓިނު، ލަކުޑި، ދެން ކޮންކްރީޓް މެޝިން. މިކަހަލަ މިއެއްޗެހި ހުރި. ދެން އަޅުގަނޑަކަށް ސީދާ ކަނޑައެޅިގެން އެއީ ކިހާ އަދަދެއްކަމެއް، މިސާލަކަށް ޓިނު މިކަހަލަ ލަކުޑިއެއްޗެހި ހުރި އަދަދެއް ނޭނގެ. ލަކުޑިވެސް ހުރި، ޓިނުވެސް ހުރި، ދެން ކޮންކްރީޓް މެޝިނެއް، މިއެއްޗެހިވެސް ހުރި. އެއީ އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އަނީސް ފޮނުވާފައި ހުރި އެއްޗެހި. އެ އެއްޗެހި ވަކިން ބަހައްޓާފަވެސް ހުރި، ރިސޯޓުގެ އެއްޗެއްސާއި މިކްސް ނުކޮށް ވަކިން ބަހައްޓާފަހުރި އެއްޗެހީގެ ގޮތުގައި. ބޭނުންވީމަ ދަނގެއްޗަށް، އަނީސް ވިދާޅުވީމަ ފޮނުވާ ގޮތަކަށް އަޅުގަނޑުމެން އެމަސައްކަތް ކުރަމުން ގެންދިޔައީ..." މިހެންނެވެ.
ހެކިބަސް ދިން ފަރާތްތަކުގެ ހެކިބަހަށް ރިޢާޔަތްކުރުމެއް ނެތި ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ މުޙައްމަދު އަނީސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަ ކުރި ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއިން (ދަޢުވާގައި ހަވާލާދެވޭ ތަކެތި ހުރި) ރިސޯޓާއި، ރިސޯޓުގައި އެ ވަގުތު ހުރި ހުރިހާ މުދަލެއް ހަވާލުކުރެވިފައިވަނީ މޫސާ ފަހީމްގެ ވާރިސުންނަށް ކަމަށާއި މުދާ ބަހާ ނިމި ޚަލާޞްކުރެވުނީމާ އޭގެ މާފަހުން އެއާ ދޭތެރޭގައި ދަޢުވާއެއް އުފުލިގެންވާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އަދި ހެކި ވަޒަންކުރުމާ ހެކި ތަޠުބީޤުކުރުމުގެ މައްޗަށް އެކުލެވިފައިވާ ޤާނޫނުތަކުގެ މައްޗަށް ބަލާއިރުގައި (ޤާނޫނުގައި ބުނާ) މިންގަނޑަށް ސާބިތުކޮށްދެވިފައި ނުވާކަމަށާއި ހައިކޯޓުން ޙުކުމް ބިނާކުރި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ރިސޯޓެއްގެ ތަކެތި ހުރިކަން އެއީ ޝައްކެއް ހުރި ކަމެއްނޫން ކަމަށާއި އެހެންނަމަވެސް އެ ރިސޯޓުގައި ހުރި ތަކެތީގެ މައްޗަށް މުޙައްމަދު އަނީސްގެ މިލްކުވެރިކަން އޮތްކަމަކަށް ހެކި ގާއިމްކޮށް ދެވިފަނުވާކަން އެއީ ހައިކޯޓުގެ ފަނޑިޔާރުން މި މައްސަލައިގައި ބަޔާންކުރައްވާފައިވާ މައިގަނޑު ނުކުތާކަމަށެވެ.
ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއްގައި ހުށަހެޅިފައިވާ ހެކި ވަޒަންކުރުމާއި މައްސައިގެ ވާޤިޢާތަކުގެ މައްޗަށް އެ ހެކި ތަޠުބީޤުކުރުމާގުޅޭ ޤާނޫނުތަކުގެ މައްޗަށް ބަލާއިރު ޤާނޫނުގައި ބަޔާންކުރާ މިންގަނޑަށް ދަޢުވާ ސާބިތުކޮށްދެވިފައި ނުވާކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު، މުޙައްމަދު އަނީސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި 04 ހެކިން އެ ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގައި އެފަރާތްތަކުގެ ހެކިބަސް ސިވިލް ކޯޓުން ބަލައިގަނެފައިވާކަން އެނގެން އޮވެއެވެ. މިގޮތުން، މި ދަޢުވާގައި ހިމެނޭ ޔަންމާ މެރިން އިންޖީނާއި ކޮންކްރީޓް ގަށާ މެޝިންއަކީ މުޙައްމަދު އަނީސްގެ އަމިއްލަ ތަކެތި ކަން ދެނެހުރިކަމަށް ސިވިލް ކޯޓުގައި ހެކިބަސްދިން ހެކިވެރިންގެ ތެރެއިން އދ. ދަނގެތި، ވިކްޓްރީގެ، ޢަލީ އާދަމް ހެކިބަސް ދީފައިވާކަން އެނގެން އޮވެއެވެ. އަދި މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅުނު ހެކިވެރިންގެ ތެރެއިން ދަފްތަރު. ނަންބަރު 5086، މާލެ، ޢަބްދުﷲ ޢަލީ ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މި އިންޖީނަކީ އަނީސްގެ އިންޖީނެއްކަން އެނގޭ ކަމަށާއި ކޮންކްރީޓް ގަށާ މެޝިނަކީ އަނީސް ގެންދިޔަ މެޝިނެއްކަން ދެނަހުރިކަމަށް ބުނެ ހެކިބަސްދީފައިވާކަން އެނގެން އޮވެއެވެ.
އެހެންކަމުން، މުޙައްމަދު އަނީސްގެ ފަރާތުން ކުޅަ މި ދަޢުވާގައި ހިމެނޭ ޔަންމާ މެރިން އިންޖީނާއި ކޮންކްރީޓް ގަށާ މެޝިނަކީ މުޙައްމަދު އަނީސްގެ މުދާކަން ބަޔާންކުރެވުނު ޝަފަހީ ހެކިންގެ ހެކިބަހުން ސާބިތުވާން އޮއްވައި، އެ ތަކެއްޗަކީ މުޙައްމަދު އަނީސް ގަނެފައިވާ މުޙައްމަދު އަނީސްގެ ތަކެތިކަން އެނގޭނެ ބިލުތައް ފަދަ ކިތާބީ ހެކި ހުށަހަޅާފައި ނުވާތީ ކަމަށްބުނެ ހެކި ވަޒަންކުރުމާއި ހެކި ތަޠުބީޤުކުރުމުގެ މައްޗަށް އެކުލެވިފައިވާ ޤާނޫނުތަކުގެ މައްޗަށް ބަލާއިރު ޤާނޫނުގައި ބުނާ މިންގަނޑަށް ދަޢުވާ ސާބިތުކޮށްދެވިފައި ނުވާކަމަށް ބަލަން ޖެހޭ ޤާނޫނީ ހަމައެއް އޮތްކަމަކަށް ބުރައެއް ނުވެވެއެވެ.
އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެމަތީން ހުރުމުން، މުޙައްމަދު އަނީސްގެ ދަޢުވާގައި ހިމެނޭ ޔަންމާ މެރިން އިންޖީނާއި ކޮންކްރީޓް ގަށާ މެޝިން އަކީ މުޙައްމަދު އަނީސް ގަނެފައިވާ މުޙައްމަދު އަނީސްގެ ތަކެތިކަން އެނގޭނެ ބިލުތައް ފަދަ އެކަށީގެންވާ ހެކި ހުށަހަޅާފައިނުވާތީ، އެ އިންޖީނާއި ކޮންކްރީޓް ގަށާ މެޝިން ނުވަތަ އެތަކެތީގެ އަގު މުޙައްމަދު އަނީސްއަށް ލިބިދިނުމަށް އަންގައި ސިވިލް ކޯޓުން ނިންމި ނިންމުމުގެ އެބަޔަށް ބަދަލުގެނެސް އެބައި ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/85 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ހެއްކާބެހޭ ޤާނޫނު ގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށްކަމަށް ނުފެންނާތީ، އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ޔަންމާ މެރިން އިންޖީނާއި، ކޮންކްރީޓް ގަށާ މެޝިން ނުވަތަ މިތަކެތީގެ އަގު މުޙައްމަދު އަނީސްއަށް ދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅާފައިވާ ބައި ބާޠިލުކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/85 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.