—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2018/SC-C/06
ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް
ދަޢުވާ ލިބޭ ފަރާތް: -
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 18 ފެބުރުވަރީ 2018
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 18 ފެބުރުވަރީ 2018
ނިމުނު ތާރީޚް: 25 ޖުލައި 2018
މައްސަލަ ނިންމި ގަޑި: 12:09
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
މައްސަލައިގެ ޚުލާޞާ
މިއީ، 01 ފެބުރުވަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައިވާ އަންނަނިވި ބައިތަކަކީ، ޢަދްލު އިންޞާފު ޤާއިމްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ހަވަނަ ބާބުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފު އަމުރުތަކެއްކަމަށް ބަންޑާރަނައިބަށް ފެނުނު ހިނދު، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގެ ދަށުން ޤާނޫނުގެ ވެރިކަން ނަގަހައްޓައި ޙިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށް މަސައްކަތްކުރުމަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތެއްކަމުގައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި 145 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބެލެނިވެރިކަމުގެ މައްޗަށް ރިޢާޔަތްކޮށް، އެ އަމުރުގައިވާ (1) ފްލޯރ-ކްރޮސް ކުރުމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބާޠިލުވެއްޖެކަމަށް ކަނޑައަޅާފައިވާ ބަޔާއި، (2) ދިވެހިރާއްޖޭގެ މިނިވަން މުސްތަޤިއްލު ފަނޑިޔާރު ގެއަށް ފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް އިސްވެ ހަމަޖައްސައި ކަމާބެހޭ ފަރާތަށް ހުށަހެޅުމަކީ އެއްވެސް ފަރާތެއްގެ ފިއްތުމަކާ ނުލައި ޢަދްލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތުގެ ޙައިޘިއްޔަތުން ސުޕްރީމް ކޯޓުން އަދާކުރަންޖެހޭ ހަމައެކަނި އެ ކޯޓުގެ މަސްއޫލިއްޔަތަކަށްވާތީ، ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް ޢައްޔަންކުރުމާ ބެހޭގޮތުން އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކުން ނުކުރުމަށް ކަނޑައަޅާފައިވާ ބަޔާއި، (3) ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން ޤާނޫނު ހެދުމުގެ ބާރުގެ ޙަޤީޤީ މަސްއޫލިއްޔަތު އަދާކުރަމުން ގެންދިއުމަށް ހުރަސްއެޅި ހުއްޓިފައި އޮންނަތާ ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާތީއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމުގެ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ގެއްލިފައިނުވާތީ ބުނެވިދިޔަ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި އެންމެހައި މެންބަރުން ހިމެނޭގޮތަށް ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން 2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ޤަވާޢިދުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ބަޔާއި، މި ތިން ބަޔަކީ ބާޠިލު ބައިތަކެއްކަމަށް ކަނޑައަޅައި، އެކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށާއި، އަދި އެންމެހައި ފަރުދުންނަށް އަންގައިދިނުމަށް އެދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގެ ދަށުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ދުސްތޫރީ މައްސަލަ" މާނަކޮށްފައިވާ މާނަކުރުމަށް ރިޢާޔަތްކޮށް ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން "އެކްސް ޕާޓޭ" (Ex parte) މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.
ބަޔާންވެދިޔަ މައްސަލައިގެ ދަޢުވާ ބިނާކުރާ ސަބަބުތަކުގެ ގޮތުގައި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން މައިގަނޑު ތިން ސަބަބެއް ހުށަހަޅައި އޭގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކައިފައި ވެއެވެ. އެއީ؛
(ހ) ފްލޯރ-ކްރޮސް ކުރުމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބާޠިލުވެއްޖެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބާއި،
(ށ) ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން ޤާނޫނުހެދުމުގެ ބާރުގެ ޙަޤީޤީ މަސްއޫލިއްޔަތު އަދާކުރަމުން ގެންދިއުމަށް ހުރަސްއެޅި ހުއްޓިފައި އޮންނަތާ ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާތީއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމުގެ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ގެއްލިފައިނުވާތީ ބުނެވިދިޔަ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި އެންމެހައި މެންބަރުން ހިމެނޭގޮތަށް ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން 2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ޤަވާޢިދުން ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބާއި،
(ނ) ދިވެހިރާއްޖޭގެ މިނިވަން މުސްތަޤިއްލު ފަނޑިޔާރުގެއަށް ފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް އިސްވެ ހަމަޖައްސައި ކަމާބެހޭ ފަރާތަށް ހުށަހެޅުމަކީ އެއްވެސް ފަރާތެއްގެ ފިއްތުމަކާ ނުލައި ޢަދްލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ސުޕްރީމް ކޯޓުން އަދާކުރަންޖެހޭ ހަމައެކަނި އެ ކޯޓުގެ މަސްއޫލިއްޔަތެއްކަމަށްވާތީ، ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް ޢައްޔަންކުރުމާ ބެހޭގޮތުން އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކުން ނުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބާއި، މި ސަބަބުތައްކަން އެނގެން އޮވެއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނު ތަކަށާއި، ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ދުސްތޫރީ އަދި ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
01 ފެބުރުވަރީ 2018 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު ނަންބަރު 2018/SC-SJ/01 ކޯޓު އަމުރަކީ އެ އަމުރު ނެރުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ޖިނާއީ ނިޔަތެއް އޮވެގެން ޖިނާއީ ޢަމަލުތަކެއް ހިންގައިގެން އަދި އެހެން ފަރާތްތަކަށް އޮޅުވާލައިގެން ނެރެފައިވާ އަމުރެއްކަމުގައިވާތީ، އެ ސަބަބުގެ މައްޗަށް ރިޔާޢަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރަކީ އޭގެ ޒާތުގައިވެސް ޤާނޫނާ ޚިލާފު އަމުރެއް ކަމަށް ބުނެ، އެ އަމުރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާތަނަށް ބާޠިލްކޮށްފައިނުވާ ބައިތައް ކަމުގައިވާ އެ އަމުރުގެ 01 ވަނަ ނަންބަރާއި 03 ވަނަ ނަންބަރާއި 04 ވަނަ ނަންބަރަކީ ބާޠިލް ބައިތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ހުށަހެޅި އިޖްރާއީ ނުކުތާގެ މައްޗަށް ޤާނޫނީގޮތުން ނަޒަރުކުރިއިރު، ކޯޓަކުން ޙުކުމެއް ކުރުމުގައި ނުވަތަ އަމުރެއް ނެރުމުގައި ބައިވެރިވާ ފަނޑިޔާރެއްގެ ޖިނާއީ ނިޔަތެއް އޮތުމަކީ އޭގެ ޒާތުގައި އެ ޙުކުމެއް ނުވަތަ އަމުރެއް ބާޠިލުކަމަށް ކަނޑައަޅަން ޖެހޭ ސަބަބެއް ނޫންކަމާއި، އެހެނީ، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޮންމެ ކޯޓަކަށްމެ، އެ ކޯޓެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލަތައް ބަލައި ޙުކުމް ކުރުމާއި އަމުރު ނެރުމުގެ ބާރު ދުސްތޫރީގޮތުން ލިބިގެންވާއިރު، ކޯޓަކުންކުރާ ޙުކުމެއް ނުވަތަ ނެރޭ އަމުރެއް ބާޠިލުކަމަށް ބެލެވޭނީ އެ ޙުކުމެއް ނުވަތަ އަމުރެއް ނެރުމުގައި އިޖްރާއީ ގޮތުންނާއި މައުޟޫޢީ ގޮތުން ޤާނޫނު ތަޠްބީޤުކޮށްފައިވާ ގޮތުގެ ޞައްޙަކަމާމެދު ކަމާބެހޭ ކޯޓުގައި ޤަވާޢިދުން ޠަޢުނުކުރެވި، ކަމާބެހޭ ކޯޓުން އެ ޙުކުމަކީ ނުވަތަ އަމުރަކީ ބާޠިލު ޙުކުމެއް ކަމަށް ކަނޑައަޅައިފިނަމަކަން މަދަނީ އަދި ޖިނާއީ އިޖްރާއާތުގެ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމާއި، ކޯޓުން ކުރާ ޙުކުމެއްގައި ނުވަތަ ނެރޭ އަމުރެއްގައި ބައިވެރިވާ ފަނޑިޔާރަކު ޤާނޫނަކުން ތަޖްރީމްކޮށްފައިވާ ޢަމަލެއް ހިންގާފައިވާނަމަ ނުވަތަ ފަނޑިޔާރުކަމުގެ އަހްލިއްޔަތުކަން ގެއްލޭފަދަ ކަމަކަށް އަރައިގެންފައިވާނަމަ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައެޅިފައިވާ އިޖްރާއީ ޝަރްޠު (due process) ތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ފަނޑިޔާރަކާ މެދު ޖިނާއީ ނުވަތަ ތައުދީބީ ފިޔަވަޅު އެޅުމަށް ޤާނޫނީގޮތުން އެއްވެސް ހުރަހެއް ނެތްކަން އެނގެން އޮންނައިރު، މި އަސާސްތަކުގެ މައްޗަށް ބިނާކޮށް ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ހުށަހެޅި އިޝާރާތްކުރެވުނު އިޖްރާއީ ނުކުތާ ޝަރީޢަތަށް ބަލައި ނުގަތުމަށް ނިންމުނެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބާޠިލުވެއްޖެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ބުނެ ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ނަޒަރުކުރިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކޮންމެ ކޯޓަކަށްމެ، އެ ކޯޓެއް ހިމެނޭ މަރުޙަލާއެއްގެ ދަށު މަރުޙަލާގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ދުސްތޫރީ ނަޒަރަކުން ބަލާއިރު، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވާ އުޞޫލަކީ ޙަޤީޤަތުގައި، ޚަޞްމުންގެ މެދުގައި އުފެދޭ ޚުޞޫމަތްތަކަށް ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމުގެތެރެއިން ޤަޟާއީ ޙިމާޔަތްލިބި، އެ ފަރާތްތަކުގެ ޙައްޤުތަކާއި ޤާނޫނީ މަރްކަޒުތައް އިސްތިޤްރާރުވެގެން ދިއުމުގެ ޟަރޫރަތްތެރިކަމަށްޓަކައި، އެއްފަހަރު ފައިޞަލާކުރެވި ޤަޟާއީ "ޙުއްޖިއްޔަތު" ލިބިގެންވާ ޙުކުމަކާގުޅޭ މައްސަލައެއް ދެވަނަ ފަހަރަށް އެ މައްސަލަ ބެލި ކޯޓަށް ނުވަތަ އެ ކޯޓާ އެއް މަރުޙަލާއެއްގެ އެހެން ކޯޓަކަށް ފައިޞަލާކުރުމަށް ހުށަހެޅުން މަނާކުރާ އުޞޫލުކަމާ؛ މިގޮތުން، ދަޢުވާއެއްގައި ފައިޞަލާކޮށް ކުރެވޭ ޙުކުމަކާ ވިދިގެން، އެ ޙުކުމެއް ކުރި ފަނޑިޔާރެއްގެ ނުވަތަ ކޯޓެއްގެ ވިލާޔަތުން އެ ދަޢުވާ ބޭރުވެގެން ދިއުމުން (preclusione)، އަލުން އެ ދަޢުވާ އެ ފަނޑިޔާރެއްގެ ނުވަތަ އެ ކޯޓެއްގެ ކުރިމައްޗަށް ފައިޞަލާކުރުމަށް ހުށަހެޅުމަކީ ޝަރީޢަތްކުރުމާބެހޭ އިޖްރާއާތުގެ ޢާންމު އުޞޫލުތަކާ ޚިލާފުކަމެއްކަމާ، ނަމަވެސް އެފަދަ ދަޢުވާއެއް އިޖްރާއާތުގެ ޤާނޫނުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަމާބެހޭ މަތީ ކޯޓެއްގައި ޠަޢުނުކުރުމަކީ އިސްވެދިޔަ ޢާންމު އުޞޫލާ ތަޢާރުޟުވާކަމެއް ނޫންކަމާ، މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ ކޯޓުތައް ތަރުތީބު ކުރެވިފައިވަނީ އަސާސީ ތިން ދަރަޖައަކަށް ކަމުގައިވާއިރު، ދަށު ކޯޓުތަކުން (ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭގޮތުން) ނިންމާ ނިންމުންތައް އިސްތިއުނާފީ ނަޒަރަކުން ބަލައި ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ކަމާއި، އަދި ހައިކޯޓުން ނިންމާ ނިންމުންތައް ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ އާއި، 36 ވަނަ މާއްދާގެ (ނ) އާއި 38 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި، ޤާނޫނުއަސާސީއާ ޤާނޫނު މާނަކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް ދުސްތޫރީ ނަޒަރަކުން ބަލާއިރު، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ހަމައެކަނި ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިގެންވާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓު ފިޔަވައި އެހެން އެއްވެސް ކޯޓަކަށް ލިބިގެން ނުވުމުގެ އިތުރުން، އެފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުން އިއްވާ ޙުކުމްތަކާއި ނެރޭ އަމުރުތަކަކީ އެންމެ ފަހުގެ ނިހާއީ ނިންމުންތަކެއް ކަމާއި، އެފަދަ ނިންމުންތައް ބަދަލުކުރުމުގެ ބާރު ހައިކޯޓަށާއި، ދަށު ކޯޓުތަކަށް ލިބިގެން ނުވާކަން ޤާނޫނުއަސާސީގެ އިސްވެ އިޝާރާތްކުރެވުނު 143 ވަނަ މާއްދާގެ (ނ) ގެ މަފްހޫމުން އެނގޭކަމާއި، އެހެނީ ދަށު މަރުޙަލާގެ ކޯޓެއްގެ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ މަތީ މަރުޙަލާގެ ކޯޓަކަށް ކަމުގައިވާ ހިނދު، އޭގެ ޤާނޫނީ މަފްހޫމަކީ މަތީ މަރްޙަލާގެ ކޯޓެއްގެ ނިންމުން ބަދަލުކުރުމުގެ ބާރު އެއަށްވުރެ ދަށު މަރްޙަލާގެ ކޯޓަކަށް ލިބިގެން ނުވުންކަމާއި، އޭގެ ނަތީޖާއަކީ ސުޕްރީމް ކޯޓަކީ ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެ މަތީ ކޯޓު ކަމުގައި ވާއިރު، ސުޕްރީމް ކޯޓުގެ ނިންމުމެއް ބަދަލުކުރުމުގެ ބާރު ސުޕްރީމް ކޯޓު ފިޔަވައި އެހެން އެއްވެސް ކޯޓަކަށް ލިބިގެން ނުވުން ކަމާ، ހަމަ އެހެންމެ، ހައިކޯޓުން ނިންމާ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރެވޭ މައްސަލަތައް ބަލައި ސުޕްރީމް ކޯޓުން އިއްވާ ޙުކުމްތަކާއި ނެރޭ އަމުރުތަކަކީ ޝަރްޢީ މަރްޙަލާގެ އެންމެފަހުގެ ނިންމުން ކަމުގައިވާއިރު އެ ފަދަ ނިންމުމެއް ބެލުނު ދަޢުވާއެއް، އަލުން ބަލައި ފައިޞަލާކުރުމުގެ ބާރު އެހެން އެއްވެސް ކޯޓަކަށް ލިބިގެން ނުވާކަން އެނގެން އޮންނަކަމާ، މީގެ އިތުރުން، ސުޕްރީމް ކޯޓަކީ ޢަދްލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ ޝަރްޢީ މަރްޙަލާގެ އެންމެހައި ކޯޓުތަކުން އެއަށް ތަބާވުން ލާޒިމުވެގެންވާ "ޤަޟާއީ ސަވާބިޤު" (judicial precedent) ތައް އެކުލެވިގެންވާ ނިންމުންތަކެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އިން އެނގެން އޮންނައިރު، ސުޕްރީމް ކޯޓުގެ ނިންމުންތަކުންނާއި، ޙުކުމްތައް ބިނާކުރި ސީދާ ސަބަބުތަކުން (ratio decidendi) އިސްތިޚްލާޞް ކުރެވޭ ޤާނޫނީ އުޞޫލުތަކާއި މަބްދައުތައް އެއްބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރުމަކީ ޝަރްޢީ މަރްޙަލާގެ އެންމެހައި ކޯޓުތަކުގެ މައްޗަށް ލާޒިމުވެގެންވާކަމެއްކަމާއި، އޭގެ ޙަޤީޤީ ބޭނުމަކީ ޝަރްޢީ މަރްޙަލާގެ ކޯޓުތަކުން އެއްބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރާ އުޞޫލުތަކާއި އަޙްކާމްތައް ތަފާތު ނުކުރުންކަން "ޤަޟާއީ ސަވާބިޤު" ތަކާ ގުޅޭ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، ޠަޢުނުކުރުމުގެ މަރްޙަލާތައް ނިމުމުގެ ސަބަބުން، ނުވަތަ ޤާނޫނުގައި ކަނޑައެޅިފައިވާފަދަ ޢުޒުރަކާ ނުލައި އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ދިއުމުގެ ސަބަބުން ނުވަތަ އިސްތިއުނާފު ނުކޮށް ދޫކޮށްލުމުގެ ސަބަބުން ފައިޞަލާކުރަނިވި ޙުކުމަކަށްވެ، ކަނޑައެޅިނިޔާގެ ބާރު (force of res judicata) ލިބިގެންވާ ޙުކުމަކުން ނިމިފައިވާ އެއްވެސް މައްސަލައެއް އަލުން ބެލުމުގެ ބާރު ޝަރްޢީ މަރްޙަލާގެ އެއްވެސް ކޯޓަކަށް ލިބިގެން ނުވުމަކީ ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ ޢާންމު މަބްދައެއް ކަމާއި، އެގޮތުން ފައިޞަލާކުރަނިވި ޙުކުމުގެ ޙުއްޖިއްޔަތު ދެމިގެންދާނީ އެ ޙުކުމުން ފައިޞަލާކުރެވުނު ދަޢުވާގައި ހިމެނޭ ޚަޞްމުންގެ މައްޗަށާއި، ފައިޞަލާކުރެވުނު ދަޢުވާގެ 'މަޙައްލު' (subject matter) ގެ މައްޗަށާ، އަދި އެ ދަޢުވާގެ ސަބަބު (Cause of Action) ނުވަތަ ދަޢުވާކުރާ ފަރާތުން ހުށަހަޅާ ޤާނޫނީ ވަޤާއިޢު (Facts) ތަކުގެ މައްޗަށްކަން އެނގެން އޮންނަކަމާ؛ މިގޮތުން ކޯޓަށް އަލުން ބެލުމަށް ހުށަހެޅޭ މައްސަލައިގެ 'މަޙައްލު' އަކީ ފައިޞަލާކުރަނިވި ޙުކުމެއްގެ 'މަޙައްލު' އާއި ތަފާތު 'މަޙައްލު' އަކަށް ވާނަމަ، ނުވަތަ އެ މައްސަލައިގައި ހިމެނޭ ޚަޞްމުންނަކީ ފައިޞަލާކުރަނިވި ޙުކުމަކުން ނިންމި މައްސަލައެއްގައި ހިމެނޭ ޚަޞްމުންނާއި ތަފާތު ޚަޞްމުންނަށްވާނަމަ، ނުވަތަ އެ މައްސަލައިގެ ޤާނޫނީ ވަޤާއިޢުތަކަކީ ފައިޞަލާކުރަނިވި ޙުކުމަކުން ނިންމި މައްސަލައެއްގެ ޤާނޫނީ ވަޤާއިޢުތަކާއި ތަފާތު ވަޤާއިޢުތަކެއްނަމަ އެ މައްސަލައެއް އައު ދަޢުވާއެއްގެ ގޮތުގައި ކަމާބެހޭ ޝަރްޢީ ކޯޓަކުން ބަލައި ފައިޞަލާކުރުމަށް އޮތް އިޖްރާއީ ހުރަހެއް ނެތްކަން ތަފާތު ޤާނޫނީ ނިޒާމުތަކުގައި ތަޠްބީޤުކުރެވޭ އިޖްރާއާތުގެ ޤާނޫނުގެ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، ކަނޑައެޅިނިޔާގެ ބާރު (force of res judicata) ލިބިގެންވާ ޙުކުމަކުން ނިމިފައިވާ އެއްވެސް މައްސަލައެއް އަލުން ބެލުމުގެ ބާރު ޝަރްޢީ މަރްޙަލާގެ އެއްވެސް ކޯޓަކަށް ލިބިގެން ނުވުމުގެ ބަޔާންވެދިޔަ މަބްދައަކީ އެއްވެސް އިސްތިޘްނާއެއް ނެތި މުޠުލަޤު ގޮތަކަށް ތަޠްބީޤުކުރެވޭ މަބްދައެއް ނޫންކަން އެނގެން އޮންނަކަމާ، މިގޮތުން ބަލާއިރު، ޤަޟާއީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައިވާ ބުނެވިދިޔަ މަބްދައު ތަޠްބީޤުކުރުމުން ޙާޞިލުވާ އަސާސީ ނަތީޖާއަކީ ޚަޞްމުންގެ މެދުގައި އުފެދޭ ޚުޞޫމަތްތަކަކީ ނިމުމެއް ނެތި ދެމިގެންދާ ޚުޞޫމަތްތަކަކަށް ނުވެ، އެ ޚުޞޫމަތްތަކަށް ޤަޟާއީ ޙިމާޔަތްލިބި، އެ ފަރާތްތަކުގެ ޙައްޤުތަކާއި ޤާނޫނީ މަރްކަޒުތައް އިސްތިޤުރާރުވެ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެފަރާތްތަކަށް އިންޞާފު ކަށަވަރުވެގެން ދިއުން ކަމުގައިވާއިރު، އެ ނަތީޖާ ޙާޞިލު ނުވާނޭހެން ފާޅުކަން ބޮޑުގޮތަކަށް ޢަދްލު އިންޞާފަށް ހުރަސް އެޅޭގޮތަށް ނިމިފައިވާ ޙުކުމްތަކަކީ އޭގެ ޒާތުގައި ނިހާއީ ޙުކުމްތަކެއްކަމަށް ނުބެލެވޭނެކަމާ، އެހެންކަމުން، އެފަދަ މައްސަލަތައް އިސްތިޘްނާއީ ގޮތަކަށް އަލުން ބަލައި މުރާޖަޢާ ކުރުމަކީ އިސްލާމީ ފިޤްހުގައި އިސްތިޤްރާރުވެފައިވާ ޝަރްޢީ އުޞޫލުތަކުގެ އިތުރުން، ތަފާތު ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރެވޭ އިޖްރާއާތުގެ ޤާނޫނުތައް ހުއްދަކުރާ ކަމެއްކަމާއި، މިގޮތުން، އިޚްތިޞާޞް ނެތް ކޯޓަކުން މައްސަލައެއް ބަލައި ފައިޞަލާކުރުން ފަދަ "ނިޒާމު ޢާންމް" އާ ޚިލާފު އިޖްރާއާތެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ޙުކުމެއްނަމަ، ނުވަތަ ޚަޞްމަކު ހެދި މަކަރާއި ޙީލަތެއްގެ މައްޗަށް، ނުވަތަ ހުށަހެޅި ދޮގު ލިއުމެއް ނުވަތަ މުސްތަނަދެއްގެ މައްޗަށް، ނުވަތަ ދޮގު ހެއްކެއްގެ މައްޗަށް ބިނާކޮށް ފައިޞަލާ ކޮށްފައިވާ ޙުކުމެއްނަމަ، ނުވަތަ މައްސަލައިގައި ފައިޞަލާކޮށް ޙުކުމް ކުރުމަށް މެދުވެރިވީ ދަޢުވާ ޘާބިތު ކުރަނިވި ޤަޠުޢީ (conclusive) ލިއުމެއް ނުވަތަ ހެއްކެއް ފޮރުވުމުގެ ސަބަބުން ކަމަށްވާނަމަ، ކަނޑައެޅިގެން ޚަޞްމުންގެ ޙައްޤު ގެއްލޭފަދަ ޤަޠުޢީ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ބަޔާންވެދިޔަ ފަދަ ޙުކުމްތަކަށް، އެ ޙުކުމްތައް ހިމެނޭ މައްސަލަތައް އަލުން ބަލައި މުރާޖަޢާކުރުމުގެ ފުރުޞަތު ލިބުމުކާނުލައި ފައިޞަލާކުރުވަނިވި ބާރު ލިބިގެން ދިއުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ޢަދްލު އިންޞާފަށް ހުރަސް އެޅިގެން ދިއުންކަން އެނގެން އޮންނާތީ، އިސްތިޘްނާއީ ޙާލަތްތަކެއްގައި އެފަދަ މައްސަލަތައް އަލުން ބަލައި މުރާޖަޢާ ކުރުމުގެ ފުރުޞަތު ތަފާތު ޖުރިސްޑިކްޝަންތަކުގައި ކަމާބެހޭ ކޯޓަށް ލިބިގެންވާކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާއި، 145 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ޝަރުޢީ މަރުޙަލާގެ އެންމެ ފަހުގެ ނިންމުންކަމަށްވާތީ، އެފަދަ ނިހާއީ ނިންމުމަކީ ސުޕްރީމް ކޯޓު ވެސް ހިމެނޭގޮތުން އެއްވެސް ކޯޓަކަށް އިތުރަށް ބަލައި، މުރާޖަޢާ ކުރެވޭނެ ނިންމުމެއް ނޫންކަމަށާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް އެ ކޯޓުގެ އިސްނެގުމަކުން ބާޠިލުކުރެވޭނެ ޤާނޫނީ އިޖުރާއާތުތަކެއް ކަނޑައަޅާފައި ނުވާތީ، އެ އުޞޫލަކީ ޤާނޫނުއަސާސީ ބަލައިގަނެފައިވާ އުޞޫލެއް ނޫންކަމަށް ބުނެ، ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ދުސްތޫރީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި "ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު މާނަކުރުމުގަ އާއި ލިބިދިނުމުގައި ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ކޯޓުތަކުން ނަގަހައްޓަންވާނެކަން ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގެން އޮންނައިރު، މިޒަމާނުގެ ތަފާތުގެ ޤާނޫނީ ނިޒާމުތަކާއި ޤަޟާއީ ނިޒާމުތަކުގައި "ރެސް ޖުޑިކާޓާ" ގެ މަބްދައު ތަޠްބީޤުކުމުގައި ޢަމަލުކުރާ އިސްވެ ބަޔާންވެދިޔަ އުޞޫލުތަކަށް ރިޢާޔަތްކޮށް، ސުޕްރީމް ކޯޓުން ބަލާ މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުން އަލުން ބަލައި މުރާޖަޢާކުރަންޖެހޭ އިސްވެ ބަޔާންވެދިޔަ ފަދަ ޖައުހަރީ ސަބަބެއް މައްސަލައިގައި ހިމެނޭ ޚަޞްމެއްގެ ފަރާތުން ހުށަހަޅައިފިނަމަ، ނުވަތަ ސުޕްރީމް ކޯޓުގެ އިސްނެގުމަކަށް އެފަދަ މައްސަލަތައް އަލުން ބަލައި މުރާޖަޢާކުރުމުގެ ބާރު ޢަދްލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާކަމީ ޖަދަލެއް އޮތްކަމެއް ނޫންކަން އެނގެން އޮންނައިރު، ސުޕްރީމް ކޯޓުގެ ނިންމުންތައް، ކަނޑައެޅިފައިވާ ބައެއް ޙާލަތްތަކުގައި ބަދަލުކުރުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓަށް ލިބިގެންވާކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައިވެސް ކަށަވަރުކޮށްދީފައިވާ ކަމާއި، މިގޮތުން އެ ޤާނޫނުގެ ގެ 20 ވަނަ މާއްދާގެ (ހ) ގައި، މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ދިވެހިރާއްޖޭގެ އެހެން ހުރިހައި ކޯޓުތަކުން ތަބާވުން ލާޒިމު ނިންމުމެއްކަމަށް ބަޔާންކުރުމަށް ފަހު، އެ މާއްދާގެ (ނ) ގައި "މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، ޤާނޫނީ އުޞޫލަކާ ބެހޭގޮތުން، ނުވަތަ ޤާނޫނީ ނުކުތާއަކާ ބެހޭގޮތުން، ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް، ނުވަތަ ބާޠިލު ކުރުމަށް ނުވަތަ އެ ނިންމުމާ ދުރަށް ދިއުމަށް، ނުވަތަ އެ ނިންމުމަށް، ފަހުގެ ނިންމުމަކާ ތަފާތު ކުރުމަށް ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރަކަށް މި ޤާނޫނުގައި ހުރަހެއް ނެތެވެ." މިފަދައިން ބަޔާންކޮށްފައިވާ ކަމާ، މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ނިންމުންތައް މުރާޖަޢާކޮށްދިނުމަށް އެދި ޚަޞްމުންގެ ފަރާތުން މީގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ބަލާއިރު، އެފަދަ ހުށަހެޅުންތައް ސުޕްރީމް ކޯޓަށް ބަލައި ނުގަތުމަށް ނިންމާފައިވާނަމަ، އެ ނިންމުން ބިނާކޮށްފައިވާ އަސާސަކީ މުރާޖަޢާކުރަންޖެހޭ ފަދަ ޖައުހަރީ ސަބަބެއް ޚަޞްމުންނަށް ހުށަހެޅިފައި ނުވާތީކަމާއި، އެއީ އެއްވެސް ޙާލެއްގައި ސުޕްރީމް ކޯޓަށް ސުޕްރީމް ކޯޓުގެ ނިންމުން އަލުން ބަލައި މުރާޖަޢާ ކުރުމުގެ އިޚްތިޞާޞް ލިބިގެން ނުވާތީ ނޫންކަން އެނގެން އޮންނަކަމާއި؛ މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ޝަރުޢީ މަރުޙަލާގެ އެންމެ ފަހުގެ ނިންމުންކަމަށްވާތީ، އެފަދަ ނިހާއީ ނިންމުމަކީ ސުޕްރީމް ކޯޓަށްވެސް އިތުރަށް ބަލައި މުރާޖަޢާކުރެވޭނެ ނިންމުމެއް ނޫންކަމަށް ބުނެ ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ޞައްޙަ ދުސްތޫރީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަން އެނގެން އޮންނަ ކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާއަކީ، ވަކި ސިޔާސީ ފިކުރެއް ޤަބޫލުކޮށް އެ ފިކުރު ކުރިއެރުވުމުގެ ޔަޤީންކަން ރައްޔިތުންނަށް ދީ، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ނިސްބަތްވާ ދާއިރާ ތަމްޘީލުކުރުމުގެ ޢަހުދާއެކު ރައްޔިތުން ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ވިސްނުމަށް ތާއީދުކުރުމުގެ ގޮތުން ރައްޔިތުން ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކޮށްދިނުމުން، އެ ދާއިރާގެ ރައްޔިތުން ތަމްޘީލުކުރުމަށްޓަކައި އެ ދާއިރާއިން ތާއީދުކުރާ ސިޔާސީ ޕާޓީއެއްގެ ޕާލަމެންޓަރީ ގުރޫޕުގެ މެންބަރެއްގެ ޙައިޘިއްޔަތުން ރައްޔިތުންގެ މަޖިލީހަށް ވަނުމަށްފަހު، ކެންޑިޑޭޓް އިންތިޚާބުކޮށްދިން ދާއިރާގެ ރައްޔިތުންގެ މެދުގައި އޮތް އިޖްތިމާޢީ ޢަޤުދު ނުވަތަ ސޯޝަލް ކޮންޓްރެކްޓަށް އިޙްތިރާމް ކުރުމެއްނެތި، އަދި އެ ފިކުރެއް ވިއްކައިގެން އިންތިޚާބު ކާމިޔާބުކުރި ސިޔާސީ ޕާޓީއެއްގެ ވިސްނުމާ ދުރަށްޖެހި، ރައްޔިތުންނަށާއި އަމިއްލަ ޕާޓީއަށް އޮޅުވާލައި މުޅިން އެހެން ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ފިކުރަކަށް ތަބާވުމަށް، ނުވަތަ ރައްޔިތުންގެ މަޖިލީހުގައިފްލޯރ-ކްރޮސިންގ (floor-crossing) އަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާ މާނަކޮށްދީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފްލޯރ-ކްރޮސް ކުރުމަކީ، ދިވެހިރާއްޖޭގައި ހަރުދަނާ ޑިމޮކްރަސީއެއް ޤާއިމުކުރުމަށާއި، ރާއްޖޭގެ ރައްޔިތުންގެ ދެމެހެއްޓެނިވި ލާބަ އާއި މަންފާ ލިބިގެންދާ ފަދަ ގޮތަކަށް ބައްޓަންކޮށް ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ އަމްނު ޢާންމަށާއި ސިޔާދަތަށް ނުރައްކާ ކުރިމަތިކުރުވާ ކަމެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި، ދިވެހި ދައުލަތުގެ ބަންޑާރަނައިބު ހުށަހެޅުމުން ބަލައި ނިންމާފައިވާ ދުސްތޫރީ މައްސަލައެއްކަން އެނގެން އޮންނަކަމާއި، އަދި އެ ޤަޟިއްޔާގައި "......ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު އެ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީއިން ވަކިކުރުމުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެގޮތުގެ ޝަރްޠުތަކާއި އިޖްރާއާތުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ތަންޡީމު ކުރަންޖެހޭ ކަމަށް ކަނޑައަޅައި، އެފަދަ ޤާނޫނަކަށް ޢަމަލުކުރެވެންދެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް މި ޤަޟިއްޔާގައި ޙުކުމްކުރާ ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް.." ކަނޑައަޅައި 13 ޖުލައި 2017 ވަނަ ދުވަހު ޙުކުމް ކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ.
(ޅ) ހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބާޠިލުވެއްޖެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައި ކަނޑައަޅާފައިވާ ކަނޑައެޅުން ބިނާކުރި މައިގަނޑު އަސާސެއްގެ ގޮތުގައި، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާއަކީ ފްލޯރ-ކްރޮސް ކުރުމާ ބެހޭގޮތުން ދިވެހި ދައުލަތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން އެކަމަށްޓަކައި ޤާނޫނެއް ފާސްކުރަންދެން އެ މައްސަލަ ޙައްލުކުރުމަށްޓަކައި ވަގުތީ ފަރުވާއެއް ދިނުމާބެހޭގޮތުން ބެލެވިފައިވާ މައްސަލައެއްކަމުގައިވާއިރު، އަދި އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ދިވެހި ދައުލަތުން އެ މައްޗަށް ޢަމަލުކުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ލާޒިމްކުރާ ކަމަކަށްވާއިރު، އެ ޤަޟިއްޔާގެ ޙުކުމްކުރި ތާރީޚުން ފެށިގެން 6 މަހާއި 20 ދުވަސް ފާއިތުވެގެން ގޮސްފައިވީނަމަވެސް، ބުނެވިދިޔަ ޙުކުމާ އެއްގޮތަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުންވެސް ޢަމަލުކޮށްފައިނުވާކަމަށް ސުޕްރީމް ކޯޓުގެ ބުނެވުނު ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ އެއްވެސް ޙާލެއްގައި އެ ޙުކުމުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އަޙްކާމްތަކާއި އުޞޫލުތަކަށް ޢަމަލުކުރުމަށް ވަކި މުއްދަތެއް ކަނޑައަޅައި އެ މުއްދަތު ފަހަނައަޅައި ދިއުމުން އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުވާގޮތަށް ކޮށްފައިވާ ޙުކުމެއް ނޫންކަމާ، ނަމަވެސް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބަންޑާރަނައިބުގެ ފަރާތުން އެ ޤަޟިއްޔާގައި ހުށަހަޅާފައިވާ ބަޔާންވެދިޔަ ކަންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންވެގެންވާ މައްސަލައާ ގުޅުންހުރި އެންމެހައި ނައްޞުތަކަށާއި، ދުސްތޫރީ މަބްދައުތަކަށާއި، އިސްލާމީ ޝަރީޢަތުގައި އިސްތިޤުރާރުވެފައިވާ ފިޤްހީ ޤާޢިދާތަކަށް، މިޒަމާނުގެ ދުސްތޫރީ ނިޒާމްތަކުގައި އިސްތިޤުރާރުވެ ޢަމަލުކުރަމުންދާ "އެންޓި- ޑިފެކްޝަން" ޤާނޫނުގެ އުޞޫލުތަކުގެ އަލީގައި ބެލުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ނިސްބަތްވާ ޕާޓީ ބަދަލުކުރުމުގެ "ޡާހިރާ" (phenomenon) އަކީ ޤާނޫނީގޮތުން ކޮންމެހެން މަނާކުރަން ޖެހޭ "ޡާހިރާ" އެއްކަމުގައި ވާތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު އެ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީއިން ވަކިކުރުމުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ގޮތުގެ ޝަރްޠުތަކާއި އިޖްރާއާތުތައް ތަފްޞީލުކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތުމަކީ ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީ ޙިމާޔަތްކޮށް ކުރިއެރުވުމަށް ކޮންމެހެން ޟަރޫރަތްތެރި ކަމެއްކަމުގައި ވާހިނދު، ދިވެހިރާއްޖޭގައި "އެންޓި ޑިފެކްޝަން" ޤާނޫނެއް ފާސްވެ އެއަށް ޢަމަލުކުރަން ފެށެންދެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިވާ ޙާލަތުގައި، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުންވެސް ވަކިވާނެކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން އެދިފައި އޮންނަ އޮތުމަށް ޤަޟާއީ ޙައްލެއް ދިނުމަކީ ކޮންމެހެން ޟަރޫރަތްތެރި ކަމެއްކަމުގައި ދެކިގެން، ކޮށްފައިވާ ޙުކުމެއް ކަމުގައިވާއިރު، ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި "އެންޓި ޑިފެކްޝަން" ޤާނޫނެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ގައިޑްލައިނާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށް އެ އަށް ޢަމަލުކުރަން ފެށެންދެން، އެ ޤަޟިއްޔާގެ ޙުކުމަށް ޢަމަލުކުރުމަކީ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް ދައުލަތުގެ އެންމެހައި ބާރުތަކާއި، އިދާރާތަކާއި، މުއައްސަސާތަކާއި، އެންމެހައި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމުގައިވާއިރު، އަދި އެ ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވާ އަސާސްތަކާއި ސަބަބުތަކާ މެދު އެއްވެސް ފަރާތަކުން ޠަޢުނުކޮށް، އެ ޤަޟިއްޔާގެ ޙުކުމް މުރާޖަޢާކުރަންޖެހޭ ފަދަ ޤަޠުޢީ ސަބަބެއް ހުށަހެޅި ބެލިފައި ނުވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބާޠިލުވެއްޖެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައި ކަނޑައަޅާފައިވަނީ ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ސުޕްރީމް ކޯޓުގެ ނިހާއީ ޙުކުމެއް މުރާޖަޢާ ކުރަންޖެހޭ ފަދަ ޤަޠުޢީ ސަބަބެއް ވޫޖޫދު ވުމަކާ ނުލައި ކަމަށްވާތީ، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގެ 01 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބާޠިލުވެއްޖެކަމަށް ކަނޑައަޅާފައިވަނީ ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން ޤާނޫނުހެދުމުގެ ބާރުގެ ޙަޤީޤީ މަސްއޫލިއްޔަތު އަދާކުރަމުން ގެންދިއުމަށް ހުރަސްއެޅި ހުއްޓިފައި އޮންނަތާ ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާތީ އާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމުގެ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ގެއްލިފައިނުވާތީ ބުނެވިދިޔަ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި އެންމެހައި މެންބަރުން ހިމެނޭގޮތަށް ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތިން 2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ޤަވާޢިދުން ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 27 އޮގަސްޓް 2017 ގައި ނިންމާފައިވާ ނިންމުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 6 ވަނަ ބާބުގައި ޢަދްލު އިންޞާފު ޤާއިމްކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ނަޒަރުކުރިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވުމުގެ ކުރިން އެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރްޠު މީހެއްގައި ހަމަވޭތޯ ޚިލާފެއް އުފެދިއްޖެނަމަ ނުވަތަ މަޖިލީހަށް އެ މީހަކު އިންތިޚާބުވާ ފަހުންވެސް އެމީހަކު އިންތިޚާބަށް ކުރިމަތިލާފައިވަނީ މެންބަރުކަމުގެ ޝަރްޠު ފުރިހަމަވެގެން ކަމާމެދު، ނުވަތަ ޤާނޫނާ އެއްގޮތަށް ޞައްޙަ މަގުން އިންތިޚާބުވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގައި ފުރިހަމަވާންޖެހޭ ޝަރުތެއް އެ މެންބަރުގެ ކިބައިން އުނިވުމުގެ ސަބަބުން އެ މެންބަރަކު މަޤާމުން ވަކިކުރުމާމެދު، ނުވަތަ ޤާނޫނުއަސާސީ އާއި ޤާނޫނުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެ ކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެފަދަ ޚުޞޫމަތްތައް ބަލައި ގޮތެއް ކަނޑައެޅުމުގެ އަޞްލީ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީގެ މެމްބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް މި ޤަޟިއްޔާގައި ޙުކުމްކުރާ ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް.." 13 ޖުލައި 2017 ވަނަ ދުވަހު ކަނޑައަޅާފައިވާކަން އެނގެން އޮންނައިރު، އެ ތާރީޚުގެ ފަހުން ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅާފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެން، އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ހުސްވެއްޖެކަމާމެދު ޚިލާފު އުފެދިފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅާފައިވާ ބަޔާންވެދިޔަ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައެޅޭ މެންބަރަކު، އެ މެންބަރެއްގެ މެންބަރުކަން ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމާ އެއްގޮތްވާ ގޮތުގެމަތިން ގެއްލިފައިވާކަމާމެދު ޚިލާފު އުފައްދައި ޤާނޫނުއަސާސީގެ ޙަވާލާދެވުނު 74 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައި ފައިޞަލާކުރުމަކީ ހަމައެކަނި ސުޕްރީމް ކޯޓަށް ލިބިގެންވާ އިޚްތިޞާޞެއްކަމުގައި ވާއިރު، އެފަދަ މައްސަލަތައް ބަލައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އުފެދިފައވާ ޚުޞޫމަތަށް ފައިޞަލާކުރެވި، އެ ޚުޞޫމަތަށް ނިހާއީ ޙައްލެއް ލިބެނިވި އުޞޫލެއްގެ މަތިން ނިންމާ ނިންމުމަކަށް ވާންޖެހޭނެކަމާ، އަދި އެފަދަ ޚުޞޫމަތްތަކުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންވާނީ ކަނޑައެޅިފައިވާ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލައެއް ބަލައި ފައިޞަލާކުރުމަށް ފަހުގައިކަން އެނގެން އޮންނައިރު، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމަށް ފަހު، އެ ޙުކުމުގައި ކަނޑައަޅާފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމާމެދު ޚިލާފު އުފައްދައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން 4 ފަރާތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތައް ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/19 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/20 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/21 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/22 ޤަޟިއްޔާގެ ދަށުން އެ މައްސަލަތަކުގެ އަޑުއެހުންތައް ބާއްވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 އަމުރު ނެރުމުގެ ކުރިން، އެ އަޑުއެހުންތައް ނިމިފައިވާކަން އެނގެން އޮންނަކަމާއި، ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަތަކުގައި ފައިޞަލާކުރަނިވި ޙުކުމެއް ކޮށްފައި ނުވާކަން އެނގެން އޮންނަކަމާއި، އެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި އިތުރު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 27 އޮގަސްޓް 2017 ގައި ނިންމާފައި ވީނަމަވެސް، އެ ނިންމުމަކީ އެފަދަ މައްސަލަތައް ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި ފައިޞަލާކުރުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އިޖްރާއާތުތަކާ ޚިލާފަށް މައްސަލައިގެ މައުޟޫޢަށް ފައިޞަލާ ނުކޮށް ނިންމާފައިވާ ނިންމުމެއްކަން އެނގެން އޮންނާތީ، ސުޕްރީމް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 2017/SC-C/19 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/20 ޤަޟިއްޔާއާއި، ނަންބަރު 2017/SC-C/21 ޤަޟިއްޔާ އާއި، ނަންބަރު 2017/SC-C/22 ޤަޟިއްޔާއިން ބެލުނު މައްސަލަތަކަކީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި އެ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ފައިޞަލާކުރަނިވި ނިހާއީ ޙުކުމެއް ކުރަންޖެހޭ މައްސަލަތަކެއްކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމަށް ފަހު، އެ ޤަޟިއްޔާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅާފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެން އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ތެރެއިން އިސްވެ އިޝާރާތްކުރެވުނު 4 ފަރާތް ފިޔަވައި އެހެން ފަރާތަކުން ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ހުށަހެޅި މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 އަމުރު ނެރުމުގެ ކުރިން ސުޕްރީމް ކޯޓަށް ބަލައިގެންފައި ނުވާކަން އެނގެން އޮންނަކަމާއި، ނަމަވެސް އޭގެ ފަހުން ބުނެވިދިޔަ 12 މެންބަރުންގެ ތެރެއިން އިތުރު 8 ފަރާތަކުން ހުށަހެޅި މައްސަލަތައް ސުޕްރީމް ކޯޓަށް ބަލައިގަތުމުގެ ހުއްދަ ދެވި، އެ މައްސަލަތައް ސުޕްރީމް ކޯޓުގައި މިހާރު ރަޖިސްޓްރީ ކުރެވިފައިވާކަން ސުޕްރީމް ކޯޓުގެ ކަމާގުޅޭ ރަސްމީ ލިއުންތަކަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމުގެ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ގެއްލިފައި ނުވާކަމަށް ސުޕްރީމް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 2018/SC-SJ/01 އަމުރުގައި ބަޔާންކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅާފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެން، އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ މެންބަރުންގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމާމެދު ޚިލާފު އުފެދި އެކަމާމެދު ގޮތެއް ނިންމުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާމެދު ސުޕްރީމް ކޯޓުން ނިންމާފައިވާ ފައިޞަލާކުރަނިވި ނިންމުމެއްގެ މައްޗަށް ބިނާ ކޮށްގެން ކަމަށް ނުވާތީ، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގެ 4 ވަނަ ނަންބަރުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމުގެ ޙައިޘިއްޔަތު ޤާނޫނީގޮތުން ގެއްލިފައިނުވާތީ ބުނެވިދޔަ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި އެންމެހައި މެންބަރުން ހިމެނޭ ގޮތަށް ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތިން 2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ޤަވާޢިދުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއާ، އަދި ދުސްތޫރީ މައްސަލަތައް ބަލައި ފައިޞަލާކުރުމުގައި ޢަމަލުކުރަންޖެހޭ، އިސްތިޤުރާރުވެފައިވާ އިޖްރާއާތުތަކާ އެއްގޮތަށް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
ދިވެހިރާއްޖޭގެ މިނިވަން މުސްތަޤިއްލު ފަނޑިޔާރުގެއަށް ފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް އިސްވެ ހަމަޖައްސައި ކަމާބެހޭ ފަރާތަށް ހުށަހެޅުމަކީ އެއްވެސް ފަރާތެއްގެ ފިއްތުމަކާ ނުލައި ޢަދްލު އިންޞާފު ޤާއިމްކުރުމުގެ އިސްފަރާތުގެ ޙައިޘިއްޔަތުން ސުޕްރީމް ކޯޓުން އަދާކުރަންޖެހޭ ހަމައެކަނި އެ ކޯޓުގެ މަސްއޫލިއްޔަތެއްކަމަށްވާތީ، ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް ޢައްޔަންކުރުމާ ބެހޭގޮތުން އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކުން ނުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުއަސާސީގައި ދައުލަތުގެ ތިން ބާރުން އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވުމުގެ ގޮތުން ކަނޑައަޅާފައިވާ ޗެކްސް އެންޑް ބެލެންސެސްގެ ނިޒާމާ ޚިލާފަށްކަމަށް ބުނެ ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ދުސްތޫރީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރަކީ ދިވެހި ދައުލަތުގެ މުސްތަޤިއްލު ދުސްތޫރީ ތިން ބާރުގެ ތެރެއިން އެއްބާރުކަމާއި، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކަށް ކަމާ، އަދި ޢަދްލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓުކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާ އާއި، 141 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ޢަދްލު އިންޞާފުގެ ނިޒާމުގެ މުސްތަޤިއްލު ކަމަކީ މިޒަމާނުގެ އެންމެހައި ދުސްތޫރީ ނިޒާމުތަކުގެ ދުސްތޫރުތަކާއި، ކަމާގުޅޭ ބައިނަލްއަޤުވާމީ ވަޘާއިޤު ((instruments ތަކުގައި އިސްތިޤުރާރުވެފައިވާ އެއާމެދު އެއްވެސް ޚިލާފެއް ނެތް މަބްދައެއް ކަމާއި، އަދި އެ މަބްދައަކީ މަޝްރޫޢިއްޔަތު (legality) އާއި، ޤާނޫނުގެ ސިޔާދަތު ކަށަވަރުކޮށްދޭ އެންމެ މުހިއްމު އެއް ގެރެންޓީ ކަމާއި، އެ މަބްދައު ކަށަވަރުކުރަމުން 26 އޯގަސްޓް 1985 އިން 6 ސެޕްޓެމްބަރ 1985 އަށް އިޓަލީގެ މިލާން ގައި ބޭއްވުނު ޖަރީމާ މަނާކުރުމާއި، ކުށްވެރިންނާމެދު މުޢާމަލާތްކުރުމާ ބެހޭ ޔުނައިޓެޑް ނޭޝަންސްގެ 7 ވަނަ ކޮންގްރެސްއިން ފާސްކޮށްފައިވާ ޢަދްލު އިންޞާފުގެ ނިޒާމުގެ މުސްތަޤިއްލުކަމާ ބެހޭ އަސާސީ މަބްދައުތަކުގެ (Basic Principles on the Independence of the Judiciary) 1 ވަނަ ނަންބަރުގައި "ޢަދްލު އިންޞާފުގެ ނިޒާމުގެ މުސްތަޤިއްލުކަން ދައުލަތުން ކަށަވަރުކޮށްދީ އެކަން ޤައުމުގެ ޤާނޫނުއަސާސީ ނުވަތަ ޤަނޫނުގައި ކަނޑައަޅައި ބަޔާންކުރަންވާނެއެވެ. އަދި ޢަދްލު އިންޞާފުގެ ނިޒާމުގެ މުސްތަޤިއްލުކަމަށް އިޙްތިރާމްކޮށް އެކަން ނެގެހެއްޓުމަކީ ސަރުކާރުގެ އެންމެހައި މުއައްސަސާތަކާއި އެނޫންވެސް މުއައްސަސާތަކުގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ." މިފަދައިން ބަޔާންކޮށްފައި ވާއިރު، ޢަދްލު އިންޞާފުގެ ނިޒާމުގެ މުސްތަޤިއްލު ކަމުގެ މާނައަކީ ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ ފަނޑިޔާރުންނަކީ ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނުހެދުމުގެ ބާރާއި އެނޫންވެސް ފަރާތަކުން - ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންވެގެންވާ "ޗެކްސް އެންޑް ބެލެންސެސް" ގެ ޙުދޫދުގެ ތެރެއިން ނޫންގޮތަކަށް، ފޯރުވައިފާނެ ނުފޫޒަކުން އެއްކިބާވެގެން ތިބޭ ބަޔަކަށް ވުންކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި، 142 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ޢަދްލު އިންޞާފުގެ ނިޒާމުގެ މުސްތަޤިއްލުކަން ކަށަވަރުކޮށްދޭ އަސާސީ އުޞޫލުތަކެއް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމުގެ މުސްތަޤިއްލުކަން ކަށަވަރުކޮށްދޭ ތަފާތު ގެރެންޓީތަކުގެ ތެރެއިން އަސާސީ އެއް ގެރެންޓީއަކީ ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ ކޯޓުތަކަށް، ފަނޑިޔާރުކަމުގެ މަޤާމަށް އަހުލުވެރި ޤާބިލު ފަނޑިޔާރުން ޢައްޔަންކުރުންކަން އެނގެން އޮންނައިރު ފަނޑިޔާރުންގެ ޝަރްޠުތައް ކަނޑައަޅައި ފަނޑިޔާރުން ޢައްޔަންކުރުމާބެހޭ އިޖްރާއާތުތައް ކަނޑައަޅާ ޤާނޫނުތަކާއި ޤަވާޢިދުތަކަކީ ޢަދްލު އިންޞާފުގެ ނިޒާމުގެ މުސްތަޤިއްލުކަމާ ގުޅޭގޮތުން ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ މަބްދައުތަކާއި އަޙްކާމްތަކާ އެއްގޮތް ޤާނޫނުތަކާއި ޤަވާއިދުތަކަކަށް ވާންޖެހޭނެކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، މިޒަމާނުގެ ތަފާތު ދުސްތޫރީ ނިޒާމުތަކުގައި ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރާގޮތް ތަފާތު ކަމާއި؛ މިގޮތުން ބައެއް ނިޒާމުތަކުގައި ރައްޔިތުންގެ އިންތިޚާބަކުން ފަނޑިޔާރުން އިޚްތިޔާރުކުރެވޭ ހިނދު، ބައެއް ނިޒާމުތަކުގައި ފަނޑިޔާރުން ޢައްޔަންކުރުމުގެ ބާރު ޤާނޫނުހެދުމުގެ ބާރަށް ލިބިގެންވާކަމާއި، އަދި ބައެއް ނިޒާމުތަކުގައި ފަނޑިޔާރުން ޢައްޔަންކުރުމުގެ ބާރު ވެރިކަން ހިންގުމުގެ ބާރަށް ލިބިގެން ވާއިރު، ބައެއް ނިޒާމުތަކުގައި "ޗެކްސް އެންޑް ބެލެންސެސް" ގެ އުޞޫލުން ޤާނޫނުހަދާ މަޖިލީހުގެ ރުހުން ލިބިގެން ފަނޑިޔާރުން ޢައްޔަންކުރުމުގެ ބާރު ވެރިކަން ހިންގުމުގެ ބާރަށް ލިބިގެންވާކަން ތަފާތު ދުސްތޫރީ ނިޒާމުތަކުގައި ޢަމަލުކުރާ، ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމާބެހޭ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ އެންމެހައި ފަނޑިޔާރުން ޢައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، މިގޮތުން އުއްތަމަ ފަނޑިޔާރުގެ މަޤާމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާ އާއި، 148 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނައިރު، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތްކަމުގައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ސުޕްރީމް ކޯޓުގެ އެންމެ އިސްފަރާތްކަމުގައިވާ އުއްތަމަ ފަނޑިޔާރު ޢައްޔަންކުރުމުގައި "ޗެކްސް އެންޑް ބެލެންސެސް" ގެ އުޞޫލުން ސުޕްރީމް ކޯޓުން އަދާކުރަންޖެހޭ ޤާނޫނީ ދައުރެއް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަން އެނގޭކަމާ، އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގެ 3 ވަނަ ނަންބަރުގައި ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް ޢައްޔަންކުރުމާ ބެހޭގޮތުން އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކުން ނުކުރުމަށް ކަނޑައަޅާފައިވާ ބައިގައި އުއްތަމަފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޝާމިލުވާ ގޮތަށް ކަނޑައަޅާފައި އޮތްއޮތުން ޤާނޫނުއަސާސީގެ 147 ވަނަ މާއްދާ އާއި، 148 ވަނަ މާއްދާގެ (ހ) އާ އެއްގޮތް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ށ) ގައި " ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެނިހެން ފަނޑިޔާރުން ޢައްޔަންކުރާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން އުފައްދާ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ." މިފަދައިން ބަޔާންކޮށްފައިވާ ކަމާ، އަދި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހުރިއްޔާއަށް މަޝްވަރާދިނުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންއާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއްކަމުގައި ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު، އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމަކީ އުޞޫލެއްގެ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ކަމުގައި ވީނަމަވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެ މަސްއޫލިއްޔަތު އަދާކުރާންވާނީ، ޢަދްލު އިންޞާފުގެ ނިޒާމުގެ މުސްތަޤިއްލުކަން ކަށަވަރުވާ ގޮތެއްގެ މަތިންކަމާ، މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ޢަދްލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓު ކަމުގައި ބަޔާންކޮށްފައިވާ އިރު، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި ކޯޓުތައް އެ ކޯޓުތަކުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނޭ އުޞޫލަކުން، އިންތިޒާމުކޮށް ހިންގުމަކީ ސުޕްރީމް ކޯޓުގެ ރަޤާބާ އާއި، އިޝްރާފުގެ ދަށުން ކުރަންޖެހޭ ކަމެއްކަމުގައި ވާއިރު، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ނިންމުމަށް ދިމާވާ ދަތިތައް ތަޤުޔީމުކޮށް ވަޒަންކުރުމަށް ފަހު، ކޯޓުތަކަށް އިތުރަށް ފަނޑިޔާރުން ޢައްޔަންކުރަން ޖެހިއްޖެކަން ކަނޑައެޅުމަކީ ޢަދްލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ސުޕްރީމް ކޯޓުން ކުރަންޖެހޭ އަދި އަދާކުރަމުންދާ މަސްއޫލިއްޔަތެއް ކަމުގައިވާއިރު، "ޗެކްސް އެންޑް ބެލެންސެސް" ގެ އުޞޫލުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުޕްރީމް ކޯޓު ފިޔަވައި އެހެން ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަން ކުރަންވާނީ ސުޕްރީމް ކޯޓުގެ ހުށަހެޅުމަކަށް ކަން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ބ) އާއި (ޅ) އަށް ބެލުމުން އެނގެން އޮންނަ ކަމާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ބުނެވުނު 16 ވަނަ މާއްދާގެ (ބ) ގައި އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެނިހެން ފަނޑިޔާރުން ޢައްޔަންކުރާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަމަށް ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ޅ) ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދަށު ކޯޓަކަށް ފަނޑިޔާރަކު ޢައްޔަންކުރާނި، ޖުޑީޝަލް ކައުންސިލްގެ ލަފާގެ މަތިން، އުއްތަމަ ފަނޑިޔާރު، އެކަމަށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެދުމުން ކަމަށް ބަޔާންކޮށްފައިވާ ކަމާއި، ޖުޑީޝަލް ކައުންސިލްގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 02/SC-RU/2011 ރޫލިންގ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/03/2011 ސަރކިއުލަރ އަށް ރިޢާޔަތްކޮށް، މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމުގައި ވާއިރު، ފަނޑިޔާރުންގެ ޤާނޫނުގެ ބުނެވުނު 16 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރަކު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢައްޔަންކުރަންވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން، އުއްތަމަފަނޑިޔާރު، އެކަމަށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެދުމުންކަން އެނގޭކަމާއި، މި އަސާސްތަކުގެ މައްޗަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގެ 3 ވަނަ ނަންބަރުގައި ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް ޢައްޔަންކުރުމާ ބެހޭގޮތުން އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކުން ނުކުރުމަށް ކަނޑައަޅާފައިވާ ބައިގައި އުއްތަމަފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޝާމިލުނުވާ ގޮތަށް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ބ) އާއި ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއްކަމަށް ބަލާނެ ޤާނޫނީ އަސާސެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގެ 01 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބާޠިލުވެއްޖެކަމަށް ކަނޑައަޅާފައިވާ ބަޔާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގެ 4 ވަނަ ނަންބަރުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމުގެ ޙައިޘިއްޔަތު ޤާނޫނީގޮތުން ގެއްލިފައި ނުވާތީކަމަށް ބުނެ، ބުނެވިދިޔަ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި އެންމެހައި މެންބަރުން ހިމެނޭ ގޮތަށް ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތިން 2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ޤަވާޢިދުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ބަޔާއި މި ދެބަޔަކީ ބާޠިލު ބައިތަކެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގެ 3 ވަނަ ނަންބަރުގައި ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް ޢައްޔަންކުރުމާ ބެހޭގޮތުން އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކުން ނުކުރުމަށް ކަނޑައަޅާފައިވާ ބައިގައި އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޝާމިލުވާ ގޮތަށް އޮތް އޮތުން ބާޠިލުކަމަށް ކަނޑައަޅައި، މި މައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.