—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2018/SC-C/09
ދަޢުވާކުރާ ފަރާތް: އިބްރާހީމް މުޙައްމަދު ޞާލިޙް، ނޫރާނީއާގެ، ޅ. ހިންނަވަރު
ޢަލީ ޙުސައިން
އަނާރާ ނަޢީމް
ދަޢުވާ ލިބޭ ފަރާތް: -
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 13 މާރިޗު 2018
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 މާރިޗު 2018
ނިމުނު ތާރީޚް: 24 އެޕްރީލް 2018
މައްސަލަ ނިންމި ގަޑި: 15:07
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ،
މައްސަލައިގެ ޚުލާޞާ
މިއީ، 13 މާރިޗު 2018 ވަނަ ދުވަހު ބާއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި، އެންޓި-ޑިފެކްޝަން ޤާނޫނުގެ ބިލް ފާސްކޮށްފައިވާ ފާސްކުރުމަކީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމުކޮށްފައިވާ އުޞޫލުތަކާއި ހަމަތަކާ ޚިލާފު އަދި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 59 މާއްދާގެ (ހ) ގެ ނައްޞަށް ރިޢާޔަތްކޮށް ބާޠިލު ނިންމުމެއްކަމަށްވާތީ، ބުނެވިދިޔަ ނިންމުމުގެ ނަތީޖާއަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރުން ސިޔާސީ ޕާޓީތަކުގެ މަޞްލަޙަތުގައި ހުއްޓުވުމާއި، ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައިވާ ދުސްތޫރީ އުޞޫލާ ޚިލާފުވާ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މެންބަރަކު މަޤާމުން ވަކިކުރަންޖެހިއްޖެތޯ ބަލައި ގޮތެއް ކަނޑައެޅުމަކާ ނުލައި، މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅޭނެ ޤާނޫނީ އުޞޫލުތަކެއް އެކަށައެޅުންކަމަށްވާ ހިނދު، އެކަމަކީ، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުމުގެ ޙައްޤާއި، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤާއި، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ އަސާސީ ޙައްޤާއި މިނިވަންކަމަށް ޤާނޫނީ ޙިމާޔަތްދީ، އިންތިޚާބީ ޙައްޤުތަކާއި ސިޔާސީ ޙައްޤުތައް ޙިމާޔަތްކުރުމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުޞޫލުތައް ނިގުޅިގެންދާ ކަމެއްކަމަށްވާތީ ޢާންމު މަޞްލަޙަތަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި ދިނުމަށާއި، އަދި އެ ނިންމުމާގުޅޭ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން އަދި އެއިން އިދާރާއެއްގެ މުވައްޒަފަކުވެސް އެއްވެސް ކަމެއް ނުކުރުމަށާއި އަދި މިހާތަނަށް ކޮށްފައިވާ ކަމެއް ތަންފީޛުކުރުން ވަގުތުން ހުއްޓާލުމަށް ޝަރީޢަތުން އަމުރުކޮށްދިނުމަށް އެދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ޙަވާލާދީ، ޅ. ހިންނަވަރު، ނޫރާނީއާގޭ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި، ބ. ކެންދޫ، މުނިޔާގޭ ޢަލީ ޙުސައިންއާއި، ހ. ގުރުސް، މާލޭ އަނާރާ ނައީމްގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.
މި މައްސަލަ އަޞްލުގައި ހުށަހެޅިފައިވަނީ ދަޢުވާލިބޭ ޚަޞްމަކާ ނުލައި އެކްސްޕާޓޭ(Ex-parte) ކޮށް ކަމުގައިވީ ނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) އަށާއި މައްސަލައިގެ ބާވަތަށް ރިޢާޔަތްކޮށް، ދިވެހި ދައުލަތުގެ ބަންޑާރަނައިބު މި މައްސަލައަށް ތަދައްޚުލްކުރެވި، ބަންޑާރަނައިބުގެ ފަރާތުން މި މައްސަލައިގައި ޖަވާބުދާރީވެފައި ވެއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ދުސްތޫރީ އަދި ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ނުކުތާތައް ފާހަގަކުރެވިފައިވެއެވެ.
މި މައްސަލައަކީ 13 މާރިޗު 2018 ވަނަ ދުވަހު ބާއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެންޓި-ޑިފެކްޝަން ބިލް ފާސްކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ބުނެ މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަމުގައި ވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއަށާއި، ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ދުސްތޫރީ މައްސަލަ" މާނަކޮށްފައި އޮންނަ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ޤާނޫނަކަށް ވުމުގެކުރިން، އެ ބިލުގެ ދުސްތޫރިއްޔަތުކަން ކަނޑައެޅުމުގެ އިޚްތިޞާޞް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަމަށާއި، އެހެންކަމުން މި ޤަޟިއްޔާގައި ޙަވާލާދެވޭ މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި، އެ ކޯޓުގައި މައުޟޫޢީގޮތުން ބެލިދާނެ މައްސަލައެއް ނޫންކަމަށް ބުނެ ބަންޑާރަނައިބުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އުފުލާފައިވާ އިޖްރާއީ ނުކުތާގެ މައްޗަށް ދުސްތޫރީ ނަޒަރަކުން ބެލިއިރު، ޙަވާލާދެވުނު މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަލައިގެންފައިވަނީ 2018 ވަނަ އަހަރު މާރިޗު މަހުގެ 13 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ "އެންޓި-ޑިފެކްޝަން ބިލު" ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 14 މާރިޗު 2018 ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް އެ ބިލު ޤާނޫނަކަށް ވުމަށްފަހުގައި ކަމަށްވާއިރު، މި މައްސަލައިގެ ދަޢުވާގެ ޞީޣާގައި "އެންޓި-ޑިފެކްޝަން ބިލު" ގައި ހިމެނޭ މާއްދާތަކެއްގެ ދުސްތޫރިއްޔަތުކަމާމެދު ތަޢުނުކޮށްފައި އޮންނަ އޮތުމަކީ އެއްވެސް ޙާލެއްގައި ދަޢުވާގެ ޞީޣާގައި ބަޔާންކޮށްފައިވާ "އެންޓި-ޑިފެކްޝަން ބިލު" އަކީ ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) ކަމަށް ތަކްޔީފު (characterize) ކޮށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައުޟޫޢީ ގޮތުން ބެލުމަށް އޮތް އިޖްރާއީ ހުރަހެއް ނޫންކަމާއި، މީގެ އިތުރުން، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ "ރަޤާބާ ދުސްތޫރިއްޔާ" (constitutionality review) ގެ ޢާންމު އިޚްތިޞާޞަކީ އޭގައި "ރަޤާބާ ލާޙިޤާ" (subsequent judicial review) އާއި "ރަޤާބާ ސާބިޤާ" (previous judicial review) ޝާމިލުވެގެންވާ އިޚްތިޞާޞެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި، 95 ވަނަ މާއްދާއާއި، 141 ވަނަ މާއްދާގެ (ށ) އާއި، 145 ވަނަ މާއްދާގެ (ނ) އާއި، 268 ވަނަ މާއްދާއާ، އަދި ތަފާތު ދުސްތޫރީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައިވާ "ރަޤާބާ ޤަޟާއިއްޔާ" (judicial review) އާގުޅޭ މަބްދައުތަކާއި އުޞޫލުތަކުން އިސްތިޚްލާޞް ކުރެވެން އޮތުމުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުންނާއި "ޤަޟާއީ ސަވާބިޤު" (judicial precedents) ތަކުންވެސް އެކަން ކަށަވަރުވެފައިވާކަން އެނގެން އޮންނައިރު، މި އަސާސްތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބަންޑާރަނައިބުގެ ފަރާތުން ހުށަހެޅި ޙަވާލާދެވުނު އިޖްރާއީ ނުކުތާ ބަލައިނުގަތުމަށް ނިންމުނެވެ.
ޤާނޫނީ ދައުލަތެއްގެ އެންމެ މުހިއްމު އެއް އަސާސަކީ "މަބްދައުލް މަޝްރޫޢިއްޔާ" (Principle of Legality) ގެ އަސާސްކަމާއި، މި މަބްދައުގެ މުރާދަކީ ދައުލަތުގައި ޤާނޫނުގެ ސިޔާދަތު ކަށަވަރުވެ، ދައުލަތުގެ އެންމެހައި ބާރުތަކާއި، މުއައްސަސާތަކާއި، އިދާރާތަކާ، އަދި އެންމެހައި ރައްޔިތުން ޤާނޫނަށް ބޯލެބުންކަމާއި، ތަހްޒީބުވެފައިވާ ދައުލަތްތަކުގައި މި މަބްދައު ގެރެންޓީކޮށްދޭ އެންމެ މުހިއްމު އެއް ދުސްތޫރީ މަބްދައަކީ "ސުމުއްވުއް ދުސްތޫރު" (supremacy of constitution) ގެ މަބްދައު ކަމާ، އަދި މި މަބްދައަކީ ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމުތަކުގައި އިސްތިޤްރާރުވެފައިވާ ދުސްތޫރީ މަބްދައެއްކަމަށްވާ "މަބްދައުއް ދުސްތޫރިއްޔާ" (Principle of Constitutionality) އޭގެ މައްޗަށް ބިނާވެގެންވާ އަސާސްވެސް ކަމާއި، މި މަބްދައުގެ މަފްހޫމަކީ ދައުލަތުގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ޤާނޫނީ ޤާޢިދާ (Legal Rule) ތަކަކީ - އެއީ ޕާރލަމެންޓުން ފާސްކުރާ ޤާނޫނަކަށްވިއަސް، ދައުލަތުގެ އިދާރާއަކުން ނެރޭ ޤަވާޢިދަކަށް ވިއަސް ނުވަތަ އިދާރީ ޤަރާރަކަށް ވިއަސް - ދައުލަތުގެ ޤާނޫނީ ހަރުފަތުގެ އެންމެ މަތީގައިވާ ޤާނޫނުއަސާސީގެ ނައްޞަކާއި ނުވަތަ ޤާނޫނުއަސާސީން ޤާއިމުކޮށްފައިވާ އެއްވެސް ދުސްތޫރީ މަބްދައަކާއި ތަޢާރުޟުނުވާ ޤާޢިދާތަކަކަށްވުން ކަމާ، ބުނެވިދިޔަ "މަބްދައުއް ދުސްތޫރިއްޔާ" އަކީ ފަރުދުންގެ އަސާސީ ޙައްޤުތަކާއި ޢާންމު މިނިވަންކަން ޙިމާޔަތްނުކުރެވޭ ފަދަ ޤާނޫނުތަކެއް ޤާނޫނު ހެދުމުގެ ބާރުގެ ފަރާތުން ފާސް ނުކުރެވޭނެކަން ކަށަވަރުކޮށްދޭ، އަދި ޤާނޫނު ހަދާ މަޖިލީހަށް އިސްތިބްދާދުވުމާއި، ޚުދުމުޚްތާރުވެގަތުމަށް ހުރަސްއަޅާ މަބްދައެއްކަން އެނގެން އޮންނަކަމާ، އަދި އިސްވެދިޔަ "މަބްދައުލް މަޝްރޫޢިއްޔާ" އާއި "މަބްދައުއް ދުސްތޫރިއްޔާ" އާ ދެ މަބްދައު އެއްވެސް އޮޅުމެއް ނާރާފަދަ ގޮތަކަށް ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި، "ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިންނެވެ. މި ޤާނޫނުއަސާސީން ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިއަސް ވާނީ ބާޠިލު އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފަށްކުރާ ކޮންމެ ކަމަކީ ބާޠިލު ކަމެކެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، އިސްވެ ބަޔާންވެދިޔަ "މަބްދައުއް ދުސްތޫރިއްޔާ" ގެ މަބްދައު ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި އިސްތިޤްރާރުވެފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކޮންމެ ޤާނޫނަކީ ޝަކްލީގޮތުންނާއި މައުޟޫޢީގޮތުން ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ ޤާޢިދާތަކާ ޚިލާފު ޤާނޫނަކަށް ނުވުމަކީ ދުސްތޫރީ ގޮތުން ލާޒިމުވެގެންވާ ކަމެއްކަމާއި؛ ޝަކްލީގޮތުން ޚިލާފުނުވުމުގެ މާނައަކީ ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް ފާސްކުރުމުގައި ޤާނޫނުއަސާސީން ކަނޑައަޅާފައިވާ –ވަކި ޚާއްޞަ ޤާނޫނީ ޢަދަދެއް ނުވަތަ އަޣުލަބިއްޔަތެއް ލާޒިމުވުން ފަދަ- އެންމެހައި އިޖްރާއާތުތަކަށް ތަބާވުންކަމާއި، މައުޟޫޢީގޮތުން ޚިލާފުނުވުމުގެ މާނައަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތައް ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންވެގެންވާ ދުސްތޫރީ ޤާޢިދާތަކާ އެއްގޮތްވުންކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް މިންވަރަކަށް ޤައިދުކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ މަތިންކަމާ، މިގޮތުން؛ ބުނެވިދިޔަ ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެފަދަ ޤާނޫނަކީ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތީން ފާސްވާ ޤާނޫނަކަށްވާންޖެހޭ ކަމާއި، ޤާނޫނުއަސާސީއާ ތަޢާރުޟުނުވުމަކީ ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞަކާ ނުވަތަ ޤާނޫނުއަސާސީއިން ޤާއިމުކޮށްފައިވާ ދުސްތޫރީ މަބްދައަކާވެސް ތަޢާރުޟުނުވުންކަމާ، މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވިއަސް ރައްޔިތުންގެ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭނީ، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަކަމާއި، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި ރައްޔިތުންގެ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރު ކަނޑައެޅުމުގައި، ހިފަހައްޓަން ބޭނުންވާ ޙައްޤު ނުވަތަ މިނިވަންކަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ހިފެހެއްޓުމުގައި ރިޢާޔަތްކޮށްފައިވާ ޤާނޫނީ އަސާސްތަކަށް ބަލައި ވަޒަންކުރުމުގައި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ކަންތަކަށް ރިޢާޔަތްކުރަންވާނެކަން އެނގެން އޮވެއެވެ.
ބަޔާންވެދިޔަ ދުސްތޫރީ މަބްދައުތަކާއި އުޞޫލުތަކުގެ އަލީގައި ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު ބާޠިލު ޤާނޫނެއްކަމަށް ބުނެ މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، އެ ސަބަބުތަކާ ގުޅޭގޮތުން ދަޢުވާކުރާ ފަރާތުންނާއި، ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ދުސްތޫރީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޙަވާލާދެވުނު އެންޓި-ޑިފެކްޝަން ޤާނޫނަށް ބަލާއިރު އެ ޤާނޫނަކީ، "ދިވެހިރާއްޖޭގައި ހިނގަމުންދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެފަދަ މެންބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ގެއްލޭ ޙާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާ ގުޅޭ އުޞޫލުތަކާއި އިޖުރާއާތުތައް ބަޔާންކުރުމުގެ ޤާނޫނު" ކަމަށް އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، އެ ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި: ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި މި ބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށްވާއިރު، މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމަށް އިންތިޚާބުކުރާ މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީކުރުވުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިޚާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިޚާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުންގެ މަޖިލީހަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި، ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން ލިބިގެންވާ ތަނެއްކަމަށް ހެދުމާއި، މިކަންކަން ހިމެނިގެންވާކަން ބުނެވިދިޔަ އެންޓި-ޑިފެކްޝަން ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) އަކީ، ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި "އެންޓި-ޑިފެކްޝަން" ޤާނޫނެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން އެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްކަމާ، އަދި އެ ޤާނޫނަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގައި ކަނޑައަޅައިފައިވާ އަސާސީ އަޙްކާމްތަކާއި އުޞޫލުތައް ޝާމިލުވާގޮތަށް އެކަށައަޅައިފައިވާ ޤާނޫނެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ނަންބަރު 2017/SC-C/17 ޤަޟިއްޔާއަކީ ވަކި ސިޔާސީ ފިކުރެއް ޤަބޫލުކޮށް އެ ފިކުރު ކުރިއެރުވުމުގެ ޔަޤީންކަން ރައްޔިތުންނަށް ދީ، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ނިސްބަތްވާ ދާއިރާ ތަމްޘީލުކުރުމުގެ އަހުދާއެކު ރައްޔިތުން ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ވިސްނުމަށް ތާއީދުކުރުމުގެ ގޮތުން ރައްޔިތުން ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކޮށްދިނުމުން، އެ ދާއިރާގެ ރައްޔިތުން ތަމްޘީލުކުރުމަށްޓަކައި އެ ދާއިރާއިން ތާއީދުކުރާ ސިޔާސީ ޕާޓީއެއްގެ ޕާލަމެންޓަރީ ގުރޫޕްގެ މެންބަރެއްގެ ޙައިޘިއްޔަތުން ރައްޔިތުންގެ މަޖިލީހަށް ވަނުމަށްފަހު، ކެންޑިޑޭޓް އިންތިޚާބުކޮށްދިން ދާއިރާގެ ރައްޔިތުންގެ މެދުގައި އޮތް އިޖްތިމާއީ ޢަޤުދު ނުވަތަ ސޯޝަލް ކޮންޓްރެކްޓަށް އިޙްތިރާމް ކުރުމެއްނެތި، އަދި އެ ފިކުރެއް ވިއްކައިގެން އިންތިޚާބު ކާމިޔާބުކުރި ސިޔާސީ ޕާޓީއެއްގެ ވިސްނުމާ ދުރަށްޖެހި، ރައްޔިތުންނަށާއި އަމިއްލަ ޕާޓީއަށް އޮޅުވާލާ މުޅިން އެހެން ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ފިކުރަކަށް ތަބާވުމަށް، ނުވަތަ ރައްޔިތުންގެ މަޖިލީހުގައިފްލޯރ-ކްރޮސިންގ (floor-crossing) އަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާ މާނަކޮށްދީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފްލޯރ-ކްރޮސް ކުރުމަކީ، ދިވެހިރާއްޖޭގައި ހަރުދަނާ ޑިމޮކްރަސީއެއް ޤާއިމުކުރުމަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ ދެމެހެއްޓެނިވި ލާބައާއި މަންފާ ލިބިގެންދާ ފަދަ ގޮތަކަށް ބައްޓަންކޮށް ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ އަމްނު ޢާންމަށާއި ސިޔާދަތަށް ނުރައްކާ ކުރިމަތިކުރުވާ ކަމެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި، ދިވެހި ދައުލަތުގެ ބަންޑާރަނައިބު ހުށަހެޅުމުން ބަލައި ނިންމާފައިވާ ދުސްތޫރީ މައްސަލައެއްކަން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގައި ހުށަހެޅިފައިވާ ކަންތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންވެގެންވާ މައްސަލައާ ގުޅުންހުރި އެންމެހައި ނައްޞުތަކާއި ދުސްތޫރީ މަބްދައުތަކާއި، އިސްލާމީ ޝަރީޢަތުގައި އިސްތިޤުރާރުވެފައިވާ ފިޤްހީ ޤާޢިދާތަކަށާއި، މިޒަމާނުގެ ދުސްތޫރީ ނިޒާމުތަކުގައި އިސްތިޤުރާރުވެ ޢަމަލުކުރަމުންދާ "އެންޓި-ޑިފެކްޝަން" ގެ އުޞޫލުތަކުގެ އަލީގައި ބެލުމަށްފަހު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވެވުނު މައިގަނޑު އަސާސްތަކަކީ، ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ ސިޔާސީ ޕާޓީ ނިޒާމުގެ ދަށުން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީގެ ފިކުރާއި އައިޑިއޮލޮޖީ ތަމްޘީލުކުރާ މެނިފެސްޓޯއެއް އެ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ހުށަހަޅައި، އެ ރައްޔިތުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުގައި ޖެހި، ރައްޔިތުންނަށް އެ މެންބަރުން ވެފައިވާ އަހުދާ ޚިލާފަށް، އަދި އެ މެންބަރުން އިންތިޚާބުކުރި ދާއިރާގެ ރައްޔިތުންގެ މަޞްލަޙަތުގެ މައްޗަށް ފަރްދީ އަދި ޒާތީ މަޞްލަޙަތު އިސްކޮށް އެ މެންބަރުން ނިސްބަތްވާ ޕާޓީ ބަދަލުކުރަމުން އަންނަ "ޡާހިރާ" (ظاهرة - phenomena) އަކީ، ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީގެ އިތުބާރު ރައްޔިތުންގެ މެދުގައި ގެއްލި، ދިވެހިރާއްޖޭގެ ދީމިޤްރާޠީ ނިޒާމު އޭގެ މައްޗަށް ބިނާވެގެންވާ އަސާސްތައް ބަލިކަށިވެ، ރައްޔިތުންގެ ސިޔާދަތަށް ނުރައްކާ ކުރިމަތިކުރުވައި، ޤާނޫނުގެ ޙުކުމް ދައުލަތުގައި ނެގެހެއްޓުމަށް އޮތް ހުރަހެއްކަމަށްވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ނިސްބަތްވާ ޕާޓީ ބަދަލުކުރުމުގެ "ޡާހިރާ" އަކީ މިހާރުން މިހާރަށް ޤާނޫނީގޮތުން މަނާކުރެވެން ޖެހޭނެ "ޡާހިރާ" އެއް ކަމަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު އެ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީއިން ވަކިކުރުމުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ގޮތުގެ ޝަރްޠުތަކާއި އިޖްރާއާތުތައް ތަފްޞީލުކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތުމަކީ ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީ ޙިމާޔަތްކޮށް ކުރިއެރުވުމަށް ކޮންމެހެން ޟަރޫރަތްތެރި ކަމެއްކަމާއި، ދިވެހިރާއްޖޭގައި އިސްވެ ބަޔާންވެދިޔަ ފަދަ "އެންޓި-ޑިފެކްޝަން" ޤާނޫނެއް ފާސްވެ އެއަށް ޢަމަލުކުރަން ފެށެންދެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިވާ ޙާލަތުގައި، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުންވެސް ވަކިވާނެކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން އެދިފައި އޮންނަ އޮތުމަށް ޤަޟާއީ ޙައްލެއް ދިނުމަކީ ކޮންމެހެން ޟަރޫރަތްތެރި ކަމެއްކަމާއި، މި އަސާސްތައްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި "......ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު އެ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީއިން ވަކިކުރުމުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ގޮތުގެ ޝަރްޠުތަކާއި އިޖްރާއާތުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ތަންޡީމުކުރަންޖެހޭ ކަމަށް ކަނޑައަޅައި، އެފަދަ ޤާނޫނަކަށް ޢަމަލުކުރެވެންދެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް މި ޤަޟިއްޔާގައި ޙުކުމްކުރާ ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް.." މީލާދީ ސަނަތުން 13 ޖުލައި 2017 ވަނަ ދުވަހު ކަނޑައަޅައިފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަޔާންވެދިޔަ ނަންބަރު 2017/SC-C/17 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އަޙްކާމްތަކާއި އުޞޫލުތަކަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އާއި، 145 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް ޢަދުލު އިންޞާފު ޤާއިމުކުރުމާއި ޤާނޫނުއަސާސީ މާނަކުރުމުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމާގުޅޭ އެންމެހައި ނައްޞުތަކާއި މަބްދައުތަކާއި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ ކަމާގުޅޭ އުޞޫލުތަކަށް ރަނގަޅަށް ބަލައި ވަޒަންކުރުމަށްފަހު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ އަޙްކާމްތަކާއި އުޞޫލުތަކެއްކަން އެނގެން އޮންނަކަމާއި، އެ އަޙްކާމްތަކާއި އުޞޫލުތައް ޝާމިލުވާގޮތަށް ފާސްކޮށްފައިވާ ޙަވާލާދެވުނު ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޟުވާ ޤާނޫނެއްކަމަށް ބުނެ މި މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ނަޒަރުކުރިއިރު، ޤާނޫނުއަސާސީގެ ބުނެވިދިޔަ މާއްދާތަކަކީ ޙަޤީޤަތުގައި، ދީމިޤްރާޠީ ނިޒާމް އޭގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިއްމު އަސާސްތައްކަމާ؛ މިގޮތުން ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ ނައްޞުގައި ކަށަވަރުކޮށްދީފައި އެވަނީ ޙަޤީޤަތުގައި "ރައްޔިތުންގެ ސިޔާދަތު" (popular sovereignty) ގެ މަފްހޫމު ކަމާއި، މި މަފްހޫމާ އެއްގޮތްވާ ގޮތުގެމަތިން މިޒަމާނުގެ ދުސްތޫރީ ނިޒާމުތަކުގައި ސިޔާދަތުގެ އަޞްލު ވެރިންނަކީ ރައްޔިތުންކަމާއި، ރައްޔިތުންނަކީ ވެރިކަމުގެ ބާރުތަކުގެ މަޞްދަރުކަމާއި، ރައްޔިތުން އެބައިމީހުންގެ ސިޔާދަތު ޙިމާޔަތްކޮށް، ހިންގާންވާނީ ޤާނޫނުއަސާސީގައި ކަނޑައަޅައިފައިވާ ގޮތުގެމަތިންކަމާއި، މިގޮތުން ބަލާއިރު، މިޒަމާނުގެ ތަފާތު ޑިމޮކްރަސީތަކުގައި ވެރިކަމުގެ ބާރުތައް ހިންގަނީ އަސާސީ ގޮތެއްގައި "ދީމިޤްރާޠިއްޔާ ނިޔާބިއްޔާ" ނުވަތަ "ރެޕްރެޒެންޓެޓިވް ޑިމޮކްރަސީ" ގެ އުޞޫލުން، ރައްޔިތުން ތަމްޘީލުކުރުމަށްޓަކައި ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ ރެޕްރެޒެންޓެޓިވުން ނުވަތަ މެންބަރުން މެދުވެރިކޮށްގެންކަން އެނގެން އޮންނައިރު، މި އުޞޫލު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ޤާއިމުކޮށްފައިވާ ކަމާއި، މީގެ އިތުރުން "ދީމިޤްރާޠިއްޔާ ޝިބްހު މުބާޝިރާ" ނުވަތަ "ކްވޮޒީ ޑައިރެކްޓް ޑިމޮކްރަސީ" (Quasi Direct Democracy) ގެ އުޞޫލުން ސީދާ ރައްޔިތުންގެ ބައިވެރިވުމަކުން ނިންމަންޖެހޭ މުހިއްމު ކަންތައްތައް ނިންމުމުގައި ރައްޔިތުންގެ ރެފެރެންޑަމް (referendum)، ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ އުޞޫލު ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި އިސްތިޤުރާރުވެފައިވާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (6) އާއި، 115 ވަނަ މާއްދާގެ (ޏ) އާއި، 262 ވަނަ މާއްދާގެ (ށ) އާއި، 264 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ދީމިޤްރާޠީ ނިޒާމް ޤާއިމުވެގެންވަނީ ގިނަ ސިޔާސީ ޕާޓީ އެކުލެވިގެންވާ ނިޒާމެއްގެ މައްޗަށްކަމާއި، މިގޮތުން ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ އަސާސީ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމާއި، ސިޔާސީ ޕާޓީއަކީ ޙަޤީޤަތުގައި ދީމިޤްރާޠީ އަދި ޤާނޫނީ (Legitimate) ވަސީލަތްތައް ބޭނުންކޮށްގެން ވެރިކަމާއި، ޢާންމު އިންތިޚާބުތައް ކާމިޔާބުކުރުމަށްޓަކައި އިއްތިޙާދުވެ، ވަކި ޚާއްޞަ ސިޔާސީ މެނިފެސްޓޯއެއް ތަންފީޒުކުރުމުގެ މަޤްޞަދުގައި، މަސައްކަތްކުރާ ޖަމާޢަތެއްކަން އެނގޭކަމާއި، މި މާނާގައި ދައުލަތުގެ ތަފާތު ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާއީ ކަންކަމާމެދު ރައްޔިތުންގެ ޢާންމު ރައުޔު، އޭގެ އެންމެ ފުރިހަމަގޮތުގައި ހޭލުންތެރި ކުރުވުމަށްޓަކާ ސިޔާސީ ޕާޓީތަކުގެ ދައުރަކީ މިޒަމާނުގެ ދީމިޤްރާޠީ ނިޒާމުތަކުގައި ޟަރޫރަތްތެރި ދައުރެއްކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގައި ދީފައިވާ ސިޔާސީ ޕާޓީގެ ތަޢާރުފަށް ބަލާއިރު، ސިޔާސީ ޕާޓީއަކީ، ރައްޔިތުންގެ ބަޔަކު، ރަޖިސްޓަރީވެފައިވާ ވަކި އައިޑެންޓިޓީއެއް އޮތް ބައެއްގެ ގޮތުގައި، އެބައިމީހުންގެ އަމިއްލަ އިޚްތިޔާރާއި މިނިވަންކަމުގައި، ޞުލްޙަވެރިކަމާއެކު، ދީމިޤްރާޠީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، ސިޔާސީ މައިދާނުގަޔާއި ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވެ، ބައިވެރިވެ އުޅުމަށާއި، ރައްޔިތުންގެ ވޯޓުން މީހަކު އިންތިޚާބުކުރުމަށް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ބުނެފައިވާ އިންތިޚާބުތަކަށް، ޕާޓީގެ ނަމުގައި ކެންޑިޑޭޓުން ކުރިމަތި ލެއްވުމަށާއި، އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި، އެ ކެންޑިޑޭޓުން ހޮވުމަށް މަސައްކަތްކުރުމަށް ސިޔާސީ ޕާޓީގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުފައްދައި، ރަޖިސްޓަރީކޮށްގެން އެ ޤާނޫނާއި ދިވެހިރާއްޖޭގެ އެހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިންގާ ޖަމާޢަތެއްކަން ބުނެވިދިޔަ ސިޔާސީ ޕާޓީގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަކަމާ، އަދި ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމުގެ ބޭނުން ނުވަތަ މަޤްޞަދުގެ ތެރޭގައި، ވެރިކަމުގެ ނިޒާމުގެ ތެރެއަށް ރައްޔިތުންގެ ބޭނުންތަކާއި ޝުޢޫރުތައް ވާޞިލުކުރެވޭނެ ގޮތް ހެދުމާއި، ރައްޔިތުންގެ ޚިޔާލާއި ފިކުރު މިނިވަންކަމާއެކު ބައްޓަންކުރުމަށް ޖާގަދިނުމާއި، ތަފާތު ވިސްނުންތަކަށް ސިޔާސީ މައިދާނުގައި ޖާގަދިނުމާއި، ޚިޔާލު ތަފާތުވުމާއެކުވެސް އެކީ އެއްބައެއްގެ ގޮތުގައި ދިވެހި ޤައުމު ދެމިއޮތުމަށް ބާރު އެޅުމާއި، ޤައުމުގެ ސިޔާސީ ޙަޔާތުގައި ވީހައިވެސް ގިނަބަޔަކު ބައިވެރިވުމަށް ފުރުޞަތު ދިނުމާއި، ދައުލަތުގެ އެކިއެކި ކަންކަން ހިންގާނެ މީހުންނަށް ތަމްރީނާއި ތަޖްރިބާ ހޯދައި ދިނުމާއި، ޤާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތަކުގެ ނަމުގައި ވާދަކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ، އަދި ބަޔާންކުރެވުނު ކަންކަމުގައި ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތައް ގުޅުވައިދިނުމާއި މިކަންކަން ޝާމިލުވެގެންވާކަން ބުނެވިދިޔަ ސިޔާސީ ޕާޓީގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނައިރު، ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ މަލްޓި ޕާޓީ ނިޒާމް ބިނާވެގެންވާންވާނީ ޤާނޫނުއަސާސީއާއި، ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ މުޖްތަމަޢުގެ އަސާސީ ޤިޔަމުތައް (values) ޙިމާޔަތްކުރެވޭނޭ އުޞޫލަކުން، އަދި ސިޔާސީ ޕާޓީ އުފެއްދުމުގެ މަޤްޞަދާ ޚިލާފު ނުވާނޭ ހަމައަކުން ކަމުގައިވާއިރު، ރައްޔިތުން ތަމްޘީލުކުރުމަށް އިންތިޚާބުކުރެވޭ މެންބަރުންނަކީ އެ މެންބަރުން އިންތިޚާބުކުރި ދާއިރާތަކުގެ ރައްޔިތުން އެ މެންބަރުން އިންތިޚާބުކޮށްފައިވާ އަސާސާއި ފިކުރަށް އިޙްތިރާމްކޮށް، އެ މެންބަރުންގެ ފަރްދީ އަދި ޒާތީ މަޞްލަޙަތު އެއްކިބާކޮށް، ރައްޔިތުންގެ ޢާންމު މަޞްލަޙަތަށް އިސްކަންދީ، އެ ދާއިރާތަކުގެ ރައްޔިތުން ތަމްޘީލުކުރުންމަތީގައި ދެމިތިބޭ ބަޔަކަށްވުމަކީ ދުސްތޫރީ ގޮތުން އެ މެންބަރުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު، ރައްޔިތުން ތަމްޘީލުކުރުމަށް ރައްޔިތުން އިންތިޚާބުކުރާ މެންބަރުން އެ މެންބަރުންގެ އަމިއްލަ މަޞްލަޙަތު އިސްކޮށް، މާލީގޮތުންނާއި ސިޔާސީގޮތުން ބާރުގަދަ ފަރާތްތަކެއްގެ ނުފޫޒުގައި ޖެހި، އެ ފަރާތްތަކުގެ މަޞްލަޙަތު ޙިމާޔަތްކޮށް ޢާންމު މަޞްލަޙަތާ ޚިލާފަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ބަދަލުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ ސިފައެއް (basic feature) ކަމަށްވާ، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ރައްޔިތުންގެ ސިޔާދަތަށް ކަނޑައެޅިގެން ހުރި ނުރައްކަލެއްކަމުގައި ބެލެވޭއިރު، އަދި އެއީ ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީ އޭގެ ޅަފަތުގައި ހަރުދަނާކޮށް ކުރިއެރުވުމަށް ކަނޑައެޅިގެން އޮތް ހުރަހަކަށްވެ، ޤާނޫނުއަސާސީއިން ޤާއިމުކޮށްފައިވާ ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ނިޒާމުގެ މަޤްޞަދާ ޚިލާފަށް، ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ މުހިއްމު އެއް ބާރު ކަމުގައިވާ ޤާނޫނު ހެދުމުގެ ބާރު ނުވަތަ ރައްޔިތުންގެ މަޖިލީހަކީ މާލީގޮތުންނާއި ސިޔާސީގޮތުން ނުފޫޒުގަދަ ބަޔަކު ބޭނުންގޮތަކަށް އެ މަޖިލީހުގެ އަޣުލަބިއްޔަތު ބައްޓަންކޮށް ރައްޔިތުންގެ ޢާންމު މަޞްލަޙަތާ ޚިލާފަށް އެފަރާތްތަކުގެ ޒާތީ މަޞްލަޙަތު ޙާޞިލުކުރުމަށް ބޭނުންކުރެވިދާނެ އާލަތަކަށް ބަދަލުވެގެން ހިނގައިދާނެތީ، އެކަން މަނާކުރުމުގެ މަޤްޞަދުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަކި ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބަށް ކުރިމަތިލައި، އެ ޕާޓީގެ ސިޔާސީ މެނިފެސްޓޯއާއި، އެ ޕާޓީގެ ސިޔާސީ ފިކުރު ކުރިއަރުވައި، އެ ފިކުރަށް އިޙްތިރާމުކުރުންމަތީ ދެމިހުންނާނެކަމުގެ އަހުދު ރައްޔިތުންނަށް ވުމުން، އެ އަސާސްގެ މައްޗަށް ރައްޔިތުން އިންތިޚާބު ކާމިޔާބުކޮށްދޭ މެންބަރަކު، އެ މެންބަރަކު އެ ޕާޓީއެއްގެ ނަމުގައި އިންތިޚާބުވި ޕާޓީ، ތަފާތު ނޭދެވޭ ނުފޫޒުގައި ޖެހިގެން ބަދަލުކުރުން ފަދަ "ފްލޯރ-ކްރޮސިންގ" (floor-crossing) ޕްރެކްޓިސްތައް މަނާކޮށް ހުއްޓުވުމަކީ ރައްޔިތުންގެ ސިޔާދަތު އަދި ދީމިޤްރާޠީ ނިޒާމު ޙިމާޔަތްކުރުމަށްޓަކައި ކޮންމެހެން ލާޒިމުކަމެއް ކަމުގައިވާއިރު، ބަޔާންވެދިޔަ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި "އެންޓި-ޑިފެކްޝަން" ޤާނޫނެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން އެ މަޖިލީހުން ފާސްކޮށްފައިވާ އިސްވެ ޙަވާލާދެވުނު ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޟުވާ ޤާނޫނެއްކަމަށް ބަލަންޖެހޭ އެއްވެސް ދުސްތޫރީ އަސާސެއް މި މައްސަލައިގައި ދަޢުވާކުރާ ފަރާތަށް ހުށަހެޅިފައި ނުވާއިރު، ބުނެވިދިޔަ އެންޓި-ޑިފެކްޝަން ޤާނޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފާސްކޮށްފައިވާ ޤާނޫނެއްކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކު އެ މެންބަރުކަމުން ވަކިވާ ހަތަރު ޙާލަތް ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޙާލަތެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ދިމާވެއްޖެނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ބުނެ މި މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ދުސްތޫރީ ނަޒަރަކުން ބަލާއިރު، "މެންބަރަކަށްވުމުގެ ޝަރްޠުތައް" މި އަރިމަތީ ސުރުޚީގެ ދަށުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) ގައި "ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުކުރެވޭ މީހެއްގައި އަންނަނިވި ޝަރްޠުތައް ފުރިހަމަވާންވާނެއެވެ. 1- ދިވެހި ރައްޔިތަކަށްވުން. 2- ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން. 3- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން. 4- ޢުމުރުން 18 އަހަރު ފުރިފައިވުން. 5- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން." މިފަދައިން ކަނޑައަޅައި ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި "ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހި ރައްޔިތަކަށްވީތާ ފަސް އަހަރު ފުރުމަށްފަހުއެވެ. އަދި އެމީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ނ) ގައި "އަންނަނިވި ޙާލަތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ. 1- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން. 2- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން. 3- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.4- ފަނޑިޔާރަކު ކަމުގައިވުން." މިފަދައިން ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ރ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަޤާމުގައި ހުރެ އަދާކުރުން މަނާވެގެންވާ ސަރުކާރާއި ދައުލަތުގެ ވަޒީފާތައް ލިސްޓް ކުރެވިފައިވާކަން އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ އިސްވެދިޔަ 73 ވަނަ މާއްދާގެ (ނ) ގެ ޢިބާރާތަށް ބެލުމުން އެ މާއްދާގެ އެ އަކުރަކީ އޭގެޒާތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ މަޖިލީހުގެ މެންބަރުކަމުން ވަކިވާ ޙާލަތްތައް ޙަޞްރު (restrict) ކޮށް އެނޫން ޙާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިނުވާނެކަން ކަށަވަރުކޮށްދޭ އަކުރެއް ނޫންކަމާ، އެ މާއްދާގެ އެ އަކުރުގައި ބަޔާންކޮށްފައި އެވަނީ ޙަޤީޤަތުގައި އެމީހެއްގެ ނަޒާހަތްތެރިކަމާއި، ޝަރަފާއި ކަރާމަތާއި 'އިޢުތިބާރު' (moral standing) ގެއްލޭފަދަ، އެ މާއްދާގެ އެ އަކުރުގައި ކަނޑައެޅިފައިވާ ވަކި ޙާލަތްތަކެއް މެދުވެރިވެފައިވާ މީހަކަށް ނުވަތަ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރަމުންދާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވުމުގެ އަހުލިއްޔަތު ލިބިގެންނުވާ ވާހަކަ ކަމާ، އަދި އެއަށްފަހު އެ މާއްދާގެ އެ އަކުރުގައި ކަށަވަރުކޮށްދީފައިވަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވުމަށް ފަހުވެސް، އެ މެންބަރަކަށް ޤާނޫނުއަސާސީގެ ބުނެވިދިޔަ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ޙާލަތެއް މެދުވެރިވެއްޖެނަމަ އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ވާހަކަކަން ރަނގަޅަށް އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ޙާލަތްތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ މަޖިލީހުގެ މެންބަރުކަމުން ވަކިވާ ޙާލަތްތައް ޙަޞްރުކޮށް ބަޔާންކޮށްފައިވާ ޙާލަތްތަކެއް ނޫންކަން ޚުދު ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) އިންވެސް ދަލާލަތު ކޮށްދޭ ކަމާ، މިގޮތުން ބަލާއިރު، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުކުރެވޭ މީހެއްގައި ފުރިހަމަވުން ލާޒިމުވެގެންވާ ޝަރްޠުތައް ބަޔާންކޮށްފައިވާއިރު، އެއިން ޝަރްޠެއް ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއްގައި އުނިވެއްޖެނަމަ "މަފްހޫމުލް މުޚާލަފާ" (مفهوم المخالفة/opposite meaning) ގެ އުޞޫލީ ޤާޢިދާއާ އެއްގޮތްވާ ގޮތުގެމަތިން އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމީ ޚިލާފެއް ނެތް މައްސަލައެއް ކަމާއި، ޤާނޫނުއަސާސީގެ ބުނެވިދިޔަ 73 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ޝަރްޠުތައް ފުރިހަމަވެގެން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ޤާނޫނާ އެއްގޮތަށް ޞައްޙަ މަގުން އިންތިޚާބުވުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ ދައުރުގެ ތެރޭގައި، އެ މެންބަރެއްގެ ކިބައިން ޤާނޫނުއަސާސީގެ ޙަވާލާދެވުނު 73 ވަނަ މާއްދާގެ (ހ) ގެ (1)، (2)، (3)، އަދި (5) ގައި ބަޔާންވެގެންވާ ޝަރްޠުތަކުގެ ތެރެއިން ޝަރްޠެއް އުނިވެއްޖެނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް އެ މާއްދާގެ އެ އަކުރުގައި ޞަރީޙަކޮށް ބަޔާންކޮށްފައި ނެތުމަކީ އެއްވެސް ޙާލެއްގައި ބުނެވިދިޔަ ފަދަ ޝަރްޠެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިން އުނިވުމުންވެސް އެ މެންބަރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ދެމިހުރުން ދަލާލަތުކޮށްދޭ ކަމެއް ނޫންކަމާ، ސަބަބަކީ، ބުނެވިދިޔަ ޝަރްޠުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަޖިލީހުގެ މެންބަރުކަމުގައި ދެމިހުރިހައި ހިނދަކު އެ މެންބަރެއްގެ ކިބައިގައި "މުތަލާޒިމް" (concurrent) ސިފައެއްގައި ދެމިހުންނަންޖެހޭ ޝަރްޠުތަކެއްކަމާއި، މީގެއިތުރުން، ޤާނޫނުއަސާސީގެ 77 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން އިސްތިޢުފާދީފިނަމަ، އެ މެންބަރަކު މެންބަރުކަމުން ވަކިވާނެކަން އެނގެން އޮންނަކަމާއި، ބަޔާންވެދިޔަ ކަންކަމުން އިސްތިޚްލާޞްކުރެވޭ ނަތީޖާއަކީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވޭ މީހުން، އެ މަޖިލީހުގެ މެންބަރުކަމުން ވަކިވާ އެންމެހައި ޙާލަތްތައް ޙަޞްރުކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވާނެ އެހެން ޙާލަތްތައް ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތުގެމަތިން، އަދި ދީމިޤްރާޠީ ދައުލަތްތަކުން ޤަބޫލުކުރާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފާސްކުރާ ޤާނޫނަކުން ކަނޑައެޅުމަކީ އެއްވެސް ސިފައެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ މަނާކުރާ ކަމެއް ނޫންކަމާ، އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި "އެންޓި-ޑިފެކްޝަން" ޤާނޫނެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޙާލަތެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ދިމާވެއްޖެނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ބަލާނެ އެއްވެސް ދުސްތޫރީ އަސާސެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންކަމުގައި ބަޔާންކޮށްފައިވަނިކޮށް، އެ މާއްދާއާ ޚިލާފަށް އެންޓި-ޑިފެކްޝަން ޤާނޫނުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޤާމުން ވަކިވެއްޖެކަމަށް ކަނޑައެޅުމުގެ ބާރު އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަށާއި، އިލެކްޝަންސް ކޮމިޝަނަށް ދީފައިވަނީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ބާރުކެނޑޭ ގޮތަށްކަމަށް ބުނެ މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ދުސްތޫރީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ނައްޞުގައި "ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރްޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރާންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، އެ މާއްދާއިން އިސްތިޚްލާޞްކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވުމުގެ ކުރިން އެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރްޠު މީހެއްގައި ހަމަވޭތޯ ޚިލާފެއް އުފެދިއްޖެނަމަ ނުވަތަ މަޖިލީހަށް އެމީހަކު އިންތިޚާބުވާ ފަހުންވެސް އެމީހަކު އިންތިޚާބަށް ކުރިމަތިލާފައިވަނީ މެންބަރުކަމުގެ ޝަރްޠު ފުރިހަމަވެގެން ކަމާމެދު، ނުވަތަ ޤާނޫނާ އެއްގޮތަށް ޞައްޙަމަގުން އިންތިޚާބުވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގައި ފުރިހަމަވާންޖެހޭ ޝަރްޠެއް އެ މެންބަރުގެ ކިބައިން އުނިވުމުގެ ސަބަބުން އެ މެންބަރަކު މަޤާމުން ވަކިކުރުމާމެދު، ނުވަތަ ޤާނޫނުއަސާސީއާއި ޤާނޫނުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެ ކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެފަދަ ޚުޞޫމަތްތައް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމާއި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ އިސްވެދިޔަ ނައްޞުގެ އަލީގައި ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ 3 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރަކަށް އަންނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ބަޔާންކޮށް އެ ޙާލަތްތައް އެންޓި-ޑިފެކްޝަން ޤާނޫނުގެ އިޝާރާތްކުރެވުނު 3 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ކަމާއި، އެ މާއްދާގައި ބަޔާންކޮށްފައި އެވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަން ގެއްލޭ ޙާލަތްތަކެއް ކަމާއި، އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ މެންބަރުކަން ގެއްލެނީ ޙަޤީޤަތުގައި އެންޓި-ޑިފެކްޝަން ޤާނޫނުގެ 3 ވަނަ މާއްދާގެ ބާރުންކަމާއި، އެ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އަދާކުރާ ދައުރަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އެ މާއްދާގައި ބުނާފަދަ ޙާލަތެއް މެދުވެރިވެފައިވާކަން ރައްޔިތުންގެ މަޖިލީހަށް އެންގުން ކަމާއި، އެ މާއްދާގައި ބުނާފަދަ ޙާލަތެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެގެން އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް އެންޓި-ޑިފެކްޝަން ޤާނޫނުގެ 3 ވަނަ މާއްދާގައި ކަނޑައަޅައިފައި އޮންނަ އޮތުމަކީ އެއްވެސް ޙާލެއްގައި، އެ މާއްދާގައި ބުނާފަދަ ޙާލަތެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެ ކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން އެފަދަ ޚުޞޫމަތްތައް ބަލައި ފައިޞަލާކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ އަޞްލީ އިޚްތިޞާޞް (original jurisdiction) އަށް އެއްވެސް ގޮތަކަށް އޮތް ހުރަހެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، ޤާނޫނެއް އެކުލަވާލާ ތާރީޚުގެ ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް އެ ޤާނޫނު ތަޠްބީޤުނުވުމުގެ ހަމައަކީ ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމުގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ އުޞޫލަކަށް ވީހިނދު، އެންޓި-ޑިފެކްޝަން ޤާނޫނުގެ 3 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެކަމަށް ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް، އެ ޤާނޫނު ފާސްކުރުމުގެ ކުރިން 13 ޖުލައި 2017 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ މެންބަރުންގެވެސް މެންބަރުކަން ގެއްލޭނެކަމަށް އެންޓި-ޑިފެކްޝަން ޤާނޫނުގެ 3 ވަނަ މާއްދާގައި ކަނޑައަޅައިފައިވަނީ މާޟީއަށް ރުޖޫއަވާގޮތަށް ނުވަތަ ރެޓްރޮސްޕެކްޓިވްކޮށް ޤާނޫނު ތަޠްބީޤުކޮށް ތަންފީޛުކުރެވޭ އުޞޫލަކުން ކަމުގައިވާއިރު، އެއީ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފުކަމެއް ކަމަށް ބުނެ، މި މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބެލިއިރު؛ ކޮންމެ ޤާނޫނަކީވެސް އުޞޫލެއްގެ ގޮތުން، އެ ޤާނޫނަކަށް ޢަމަލުކުރަން ފަށާ ތާރީޚުގެ ފަހުން ހިނގާ ވާޤިޢާތަކުގެ މައްޗަށް ތަޠްބީޤުކުރެވޭ ޤާނޫނެއްކަމާއި، މީގެ މަފްހޫމަކީ ޤާނޫނަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން މާޟީގައި ހިނގައިދިޔަ ވާޤިޢާއެއްގެ މައްޗަށް އެ ޤާނޫނު "ރަޖްޢީ" (retrospective) ކޮށް ތަޠްބީޤު ނުކުރެވުން ކަމާއި، މި ޤާނޫނީ ޢާންމު މަބްދައަކީ އުޞޫލެއްގެ ގޮތުން، ހުރިހައި ބާވަތެއްގެ ޤާނޫނީ ޤާޢިދާތަކުގެ މައްޗަށް ހިނގާ މަބްދައެއްކަން އެނގެން އޮންނައިރު، އަލަށް ފާސްކުރާ ނުވަތަ ޢަމަލުކުރަން ފަށާ ޖިނާއީ ޤާނޫނު "ރަޖްޢީ" ކޮށް މާޟީގައި ހިނގާފައިވާ ވާޤިޢާތަކެއްގެ މައްޗަށް ތަޠްބީޤު ނުކުރުމުގެ މަބްދައަކީ ޖިނާއީ ޢަދުލުގެ ނިޒާމުގައި އިސްތިޤުރާރުވެ، ތަފާތު ދީމިޤްރާޠީ ދައުލަތްތަކުގެ ދުސްތޫރުތަކުގެ އިތުރުން، އިންސާނީ ޙައްޤުތަކާބެހޭ ޢާލަމީ އިޢުލާން (Universal Declaration of Human Rights) އާއި، މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ އަހުދު (International Covenant on Civil and Political Rights) އާއި، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އަސާސީ ނިޒާމު (ރޯމް ސްޓެޓިއުޓް) ފަދަ ބައިނަލްއަޤުވާމީ މުޢާހަދާތްތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަބްދައެއްކަމާއި، މި މަބްދައު ބިނާވެގެންވަނީ "ޖިނާއީ ޝަރްޢިއްޔަތު" (Criminal Legality) ގެ މަބްދައުގެ މައްޗަށް ކަމާއި، މީގެ މުރާދަކީ ޤާނޫނުގެ ނައްޞަކުން މެނުވީ ޖަރީމާއެއް ނުވަތަ ޢުޤޫބާތެއް ކަނޑަނޭޅޭނެކަމާ(nullum crimen nulla poena sine lege)، އަދި ހަމަ އެފަދައިން އަލަށް ޢަމަލުކުރަންފެށޭ ޖިނާއީ ޤާނޫނެއް، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެކުރިން ހިނގާފައިވާ ވާޤިޢާއެއްގެ މައްޗަށް ތަޠްބީޤު ނުކުރެވޭނެ ކަމާއި، މި އުޞޫލަށް ޢަމަލުކުރުމުގައި ރިޢާޔަތްކުރުން ލާޒިމުވެގެންވާ އަސާސީ ޝަރްޠަކީ އަލަށް ޢަމަލުކުރަން ފެށޭ ޖިނާއީ ޤާނޫނަކީ މުއްތަހަމަށް ބޮޑަށް މަޞްލަޙަތު ގޯސް ޤާނޫނަކަށްވުން ކަމާއި، ނަތީޖާއެއްގެ ގޮތުން އަލަށް ޢަމަލުކުރަން ފެށޭ ޤާނޫނަކީ މުއްތަހަމަށް ބޮޑަށް މަޞްލަޙަތު ރަނގަޅު ޤާނޫނެއްކަމުގައިވާނަމަ އެ ޤާނޫނު މާޟީގައި ހިނގާފައިވާ، އޭގެ މައްޗަށް ފައިޞަލާކުރަނިވި ނިހާއީ ޙުކުމެއް ނައަންނަ ވާޤިޢާތަކުގެ މައްޗަށް "ރަޖްޢީ" ކޮށް ތަޠްބީޤު ކުރުމުގެ މަބްދައަކީ އިސްވެ އިޝާރާތްކުރެވުނު ޖިނާއީ ޤާނޫނުތައް "ރަޖްޢީ" ކޮށް ތަޠްބީޤު ނުކުރުމުގެ މަބްދައާ ގުޅިލާމެހިފައިވާ، އަދި ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤުރާރުވެފައިވާ މަބްދައެއްކަން އެނގެން އޮންނައިރު، ބުނެވިދިޔަ މަބްދައުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމާއި، ޖިނާއީ ނޫން އެހެން ކޮންމެ ޤާނޫނަކީވެސް ޢާންމު އުޞޫލެއްގެ ގޮތުން ރަޖްޢީކޮށް މާޟީގައި ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް ތަޠްބީޤު ނުކުރެވޭނެ ޤާނޫނެއްކަން ތަފާތު ދީމިޤްރާޠީ ދައުލަތްތަކުގެ ޖުރިސްޑިކްޝަންސް ތަކުގައި އިސްތިޤުރާރުވެފައިވާ "ރަޖްޢީ" ކޮށް ޤާނޫނު ތަޠްބީޤު ނުކުރުމުގެ ޤާނޫނީ ޢާންމު މަބްދައު (principle of non-retroactivity of the law) ގެ އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނައިރު، މި ޤާނޫނީ ޢާންމު މަބްދައަކީ ދިވެހިރާއްޖޭގެ ޤަޟާއީ ނިޒާމުގައި އިސްތިޤުރާރުވެފައިވާ މަބްދައެއް ކަމާއި، މި މަބްދައު ތަޠްބީޤުކުރުމުގައި އިސްތިޘްނާކުރެވޭ އަސާސީ ތިން ޙާލަތެއް ޤާނޫނީ ފިޤުހު (jurisprudence) ގައި އިސްތިޤުރާރުވެފައިވާ ކަމާއި؛ ފުރަތަމަ ޙާލަތަކީ އިސްވެ އިޝާރާތްކުރެވުނު ފަދައިން އަލަށް ޢަމަލުކުރަން ފެށޭ ޖިނާއީ ޤާނޫނަކީ މުއްތަހަމަށް ބޮޑަށް މަޞްލަޙަތު ރަނގަޅު ޤާނޫނެއްކަމުގައިވާނަމަ އެ ޤާނޫނު މާޟީގައި ހިނގާފައިވާ، އޭގެ މައްޗަށް ފައިޞަލާކުރަނިވި ނިހާއީ ޙުކުމެއް އައިސްފައިނުވާ ވާޤިޢާތަކުގެ މައްޗަށް "ރަޖްޢީ" ކޮށް ތަޠްބީޤު ކުރުންކަމާއި، ދެވަނަ ޙާލަތަކީ، ޢަމަލުކުރަމުންދާ ޤާނޫނެއް ތަފްސީރުކުރުމުގެ ނުވަތަ މާނަކުރުމުގެ މަޤްޞަދުގައި ފާސްކުރެވޭ ތަފްސީރީ (explanatory) ޤާނޫނު އެ ޤާނޫނަކުން ތަފްސީރުކޮށްފައިވާ އަޙްކާމްތަކާއި ނައްޞުތައް ހިމެނޭ އަޞްލު ޤާނޫނަށް ޢަމަލުކުރަން ފެށުނު ތާރީޚުން ފެށިގެން ރަޖްޢީކޮށް ތަޠްބީޤުކުރުންކަމާއި، ތިންވަނަ ޙާލަތަކީ، ޖިނާއީ ޤާނޫނު ނޫން އެހެން ޤާނޫނެއްގެ ޞަރީޙަ ނައްޞުގައި އެ ޤާނޫނަކީ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް ރަޖްޢީކޮށް ތަޠްބީޤުކުރެވޭނޭ ޤާނޫނެއްކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވުން ކަމާއި؛ ރަޖްޢީކޮށް ޤާނޫނު ތަޠްބީޤު ނުކުރުމުގެ ޤާނޫނީ ޢާންމު މަބްދައުން އިސްތިޘްނާކުރެވޭ ބުނެވިދިޔަ ތިންވަނަ ޙާލަތް ތަޠްބީޤުކުރުމުގައި ފުރިހަމަވުން ލާޒިމުވެގެންވާ އަސާސީ ތިން ޝަރްޠެއްވާ ކަމާއި، ފުރަތަމަ ޝަރްޠަކީ ރަޖްޢީކޮށް ތަޠްބީޤުކުރުމަށް ޤާނޫނީ ނައްޞަކުން ކަނޑައެޅޭ ޤާނޫނަކީ އެއްވެސް ޙާލެއްގައި ޖިނާއީ ޤާނޫނަކަށް ނުވުން ކަމާއި، ދެވަނަ ޝަރްޠަކީ ޖިނާއީ ޤާނޫނު ނޫން އެހެން ޤާނޫނެއް ރަޖްޢީކޮށް ތަޠްބީޤުކުރުމަށް ކަނޑައެޅުމުގައި ޤާނޫނު ހަދާ މަޖިލީހުން ފާސްކުރާ ޤާނޫނަކުން މެނުވީ އެ ޤާނޫނެއް ރަޖްޢީކޮށް ތަޠްބީޤުކުރުމަށް ކަނޑަނޭޅުން ކަމާ، އެބަހީ ޤާނޫނެއް ރަޖްޢީކޮށް ތަޠްބީޤުކުރުމަށް ކަނޑައެޅޭ ޤާނޫނީ ޤާޢިދާއަކީ ޤަވާޢިދެއް ނުވަތަ އިދާރީ ޤަރާރެއް ފަދަ ޤާނޫނީ މަޞްދަރަކުން ކަނޑައެޅޭ ޤާޢިދާއަކަށް ނުވުންކަމާއި، ތިންވަނަ ޝަރްޠަކީ ޖިނާއީ ޤާނޫނު ނޫން އެހެން ޤާނޫނެއް ރަޖްޢީކޮށް ތަޠްބީޤުކުރުމަށް ކަނޑައަޅާ ޤާނޫނުގައި އެކަން ޞަރީޙަ ޢިބާރާތުން ބުނެފައިވުން ކަމާއި، އެކަން އިސްތިޚްލާޞް ކުރެވެނީ މުޝައްރިޢުގެ ނިޔަތުން ނުވަތަ ޤާނޫނު ހެދުމުގެ ކުރީގައި ޤާނޫނު ހަދާ މަޖިލީހުގައި ކުރެވިފައިވާ ބަޙުޘުން ނުވަތަ "ތަޙްޟީރީ" (preparatory) މަސައްކަތުން ކަމުގައި ވެގެން ނުވާނެކަން ތަފާތު ޖުރިސްޑިކްޝަންސް ތަކުގައި އިސްތިޤުރާރުވެފައިވާ "ރަޖްޢީ" ކޮށް ޤާނޫނު ތަޠްބީޤު ނުކުރުމުގެ ޢާންމު މަބްދައާގުޅޭ އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނައިރު، އިސްވެ ޙަވާލާދެވުނު ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ 3 ވަނަ މާއްދާގައި "ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރަކަށް އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ. އަދި މީލާދީ 13 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން މި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެކަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ އެންމެހައި މެންބަރުންގެ މައްޗަށްވެސް މި މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލު ހިނގާނެއެވެ.." މިފަދައިން ބަޔާންކޮށްފައިވާ ކަމާއި، ބުނެވިދިޔަ ޤާނޫނުގެ 3 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި، އެ މާއްދާގައި ބުނެފައިވާ އުޞޫލު އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން،13 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް ހިނގާނެކަމަށް ބަޔާންކޮށްފައި އޮތުމުގެ ޙަޤީޤީ މަޤްޞަދަކީ، ބުނެވިދިޔަ އެންޓި-ޑިފެކްޝަން ޤާނޫނަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި "އެންޓި-ޑިފެކްޝަން" ޤާނޫނެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން އެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާއިން ޤާއިމުކޮށްފައިވާ އަސާސީ އަޙްކާމްތަކާއި އުޞޫލުތައް އެ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުކަމުގައިވާ 13 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން ދެމިގެންދާގޮތަށް އެ ޤާނޫނު ފާސްކުރުންކަން ރަނގަޅަށް އެނގެން އޮންނައިރު، ޢަދުލު އިންޞާފުގެ ހަމަތަކާއި ޢާންމު މަޞްލަޙަތަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމް ނަގަހައްޓައި ދެމެހެއްޓުމުގެ މަޤްޞަދުގައި ރައްޔިތުންގެ މަޖިލީހުން ބުނެވިދިޔަ "އެންޓި-ޑިފެކްޝަން" ޤާނޫނު އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް ހިނގާނެކަމަށް ކަނޑައަޅައި ފާސްކޮށްފައިވަނީ ދުސްތޫރީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބަލާނެ އެއްވެސް އަސާސެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.
އިސްވެދިޔަ ނުކުތާތަކުގައި ބަޔާންވެގެންވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މި މައްސަލަ ހުށަހެޅި ފަރާތުން ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ ދުސްތޫރިއްޔަތުކަމާ މެދު މައުޟޫޢީގޮތުން ތަޢުނުކޮށް ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ ދުސްތޫރީ ގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ހުށަހެޅުންތަކެއް ނޫންކަން އެނގެއެވެ.
ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ ބިލު ފާސްކުރުމުގައި ޝަކްލީގޮތުންނާއި އިޖްރާއީގޮތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ތަބާވުން ލާޒިމުކޮށްފައިވާ ދުސްތޫރީ އުޞޫލުތަކާއި ޤާނޫނީ ހަމަތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުން ޢަމަލުކޮށްފައި ނުވާކަމަށާއި، މިގޮތުން އެންޓި-ޑިފެކްޝަން ޤާނޫނުގެ ބިލު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގާފައިވަނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް އެ މާއްދާގައި ބުނާ ކޯރަމް ހަމަނުވާ ޖަލްސާއެއްގައި ކަމުން އެ ޤާނޫނަކީ ބާޠިލު ޤާނޫނެއްކަމަށް ބުނެ، މި މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، އެ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ގޮތުން ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ދުސްތޫރީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޤާނޫނުއަސާސީއާ ޚިލާފުނުވާނޭ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، އަދި އެ ކަންތައްތަކާ ގުޅޭ ޤަވާޢިދުތައްވެސް ހަދާނީ އެ މަޖިލީހުން ކަމަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތައެވެ." މިފަދައިން ބަޔާންކޮށްފައިވާ ކަމާ، އަދި ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ހ) ގައި "މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުން ނިންމުމެއް ނިންމޭނީ އެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގެ ޞަރީޙަ ޢިބާރާތުގައި "މި ޤާނޫނުއަސާސީގެ 86 ވަނަ މާއްދާ އެހެން އޮތްކަމުގައި ވިޔަސް ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި އޮންނައިރު، ޤާނޫނުއަސާސީގެ އިސްވެދިޔަ 86 ވަނަ މާއްދާއާއި، 87 ވަނަ މާއްދާގެ (ށ) އިން އިސްތިޚްލާޞްކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ފަށައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޞައްޙަ ޤާނޫނީ ޢަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތަ ކަމުގައި ވިއަސް، ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އެހުން ޞައްޙަވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމާއި، ނޫންނަމަ އެ ވޯޓަކީ ދުސްތޫރީ ގޮތުން ޞައްޙަ ވޯޓެއްކަމުގައި ނުބެލެވޭނެކަމާ، މީގެ އިތުރުން، ޤާނޫނުއަސާސީގެ ބުނެވިދިޔަ 87 ވަނަ މާއްދާގެ (ހ) އިން ދޭހަވާ މަފްހޫމަކީ ޤާނޫނުއަސާސީގައި ވަކި ޚާއްޞަ އަޣުލަބިއްޔަތަކުން ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތައް ފިޔަވައި، ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމެއް ނިންމާންވާނީ އެ ނިންމުމެއް ނިންމާ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންކަން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ވަކި ޚާއްޞަ އަޣުލަބިއްޔަތަކުން ނިންމުމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަމަކީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ކަމެއްކަމުގައިވީ ނަމަވެސް ނުވަތަ ނުވިނަމަވެސް، އެކަމެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހަންވާނީ މަދުވެގެން ޤާނޫނުއަސާސީގައި އެކަމެއް ނިންމުމަށް ކަނޑައަޅާފައިވާ އަޣުލަބިއްޔަތާ އެއްވަރަށް މެންބަރުން ހާޒިރުވެތިބޭ ވަގުތެއްގައި ކަމާ؛ މިގޮތުން ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރި މީހަކު އެ މަޤާމުން ވަކިކުރުމަށް ހުށަހެޅޭ ޤަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންކަން ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ބ) އިން އެނގެން އޮންނައިރު، އެފަދަ ޤަރާރެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓެއް ނަގާންވާނީ މަދުވެގެން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމާ، ހަމަ އެފަދައިން، ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުން ކަމަށް ޤާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނައުމަށް ފާސްކުރާ ޤާނޫނު ފާސްކުރެވޭނީ މަދުވެގެން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ހާޒިރުވެ ތިބޭ ޖަލްސާއެއްގައިކަން އެނގެން އޮންނައިރު، މިއިން އިސްތިޚްލާޞްކުރެވޭ ދެ ނަތީޖާއެއްވާ ކަމާއި؛ ފުރަތަމަ ނަތީޖާއަކީ ޤާނޫނުއަސާސީގައި އެކަމެއް ފާސްކުރުމަށް ވަކި ޚާއްޞަ އަޣުލަބިއްޔަތެއް ކަނޑައަޅާފައި ނުވާނަމަ ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާންވާނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމާއި، ދެވަނަ ނަތީޖާއަކީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ކަމެއް ނޫންކަމެއް ފާސްކުރުމަށް ޤާނޫނުއަސާސީގައި ވަކި ޚާއްޞަ އަޣުލަބިއްޔަތެއް ބަޔާންކޮށްފައި ނުވާނަމަ އެފަދަ ކަމެއް ނިންމުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކަށް ވާނީ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢާންމު އުޞޫލުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތަކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމަށް ބަޔާންކޮށްފައި އޮންނައިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ "ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ" ކަންކަމަކީ ޢާންމު އުޞޫލެއްގެ ގޮތުން ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނު ހެދުމުގެ ބާރުގެ ދަށުން އެ މަޖިލީހުން ފާސްކުރާ ޤާނޫނު (legislation) ތަކުގައި ހިމެނިގެންވާ ޤާނޫނީ ޤާޢިދާތައް (Legal Rules) ކަމާއި، އެހެނީ ޤާނޫނަކީ ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުވެގެންވާ "ޢާންމު އަދި މުޖައްރަދު" (general and abstract) ޤާނޫނީ ޤާޢިދާތައްކަން ޤާނޫނުގެ ޢާންމު ތަޢުރީފަށް ބެލުމުން އެނގޭކަމާއި، ޤާނޫނީ ޤާޢިދާއެއްގެ އެންމެ މުހިއްމު ދެ ޚާއްޞިއްޔަތަކީ އެ ޤާޢިދާއަކީ ޢާންމު އަދި މުޖައްރަދު ޤާޢިދާއަކަށް ވުމާ، އަދި އެ ޤާޢިދާއަކީ އެއަށް ޢަމަލުކުރުން ނުވަތަ ތަބާވުން ލާޒިމް ޤާޢިދާއަކަށް ވުންކަމާ؛ ޤާނޫނީ ޤާޢިދާއަކީ ޢާންމު އަދި މުޖައްރަދު ޤާޢިދާއަކަށްވުމުގެ މުރާދަކީ ޤާނޫނީ ޤާޢިދާއަކީ ވަކި ފަރުދަކާ ޝަޚްޞީގޮތުން ނުވަތަ ވަކި ޚާއްޞަ ވާޤިޢާއަކާ މުޚާޠަބުކުރާ ޤާޢިދާއަކަށް ވެގެން ނުވާނެކަމާއި، ނަމަވެސް އެ ޤާޢިދާއަކީ، އެ ޤާޢިދާގައި ކަނޑައަޅާފައިވާ ޝަރްޠުތައް ނުވަތަ ޞިފަތައް ފުރިހަމަވާ ކޮންމެ މީހެއްގެ މައްޗަށް ނުވަތަ ވާޤިޢާއެއްގެ މައްޗަށް އެއްހަމައަކުން ޢާންމުކޮށް ތަޠްބީޤުކުރެވޭ ޤާޢިދާއެއް ކަމާއި، ޤާނޫނީ ޤާޢިދާ މުޚާޠަބުކުރަނީ ފަނޑިޔާރުން، މެޑިކަލް ޑޮކްޓަރުން، ލޯޔަރުން، ވިޔަފާރިވެރިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފަދަ ވަކި ޚާއްޞަ ޕްރޮފެޝަނެއްގެ ނުވަތަ ވަކި ދާއިރާއެއްގައި މަސައްކަތްކުރާ ބަޔަކަށްވުމަކީ އެ ޤާޢިދާގެ ޢާންމު އަދި މުޖައްރަދުކަން (generality and abstraction) ގެއްލިގެންދާ ކަމެއް ނޫންކަމާއި، އެފަދަ ޕްރޮފެޝަންތައް އިންތިޒާމްކުރާ ޤާނޫނެއްގައި ކަނޑައެޅިފައިވާ ޝަރްޠުތަކާއި ޞިފަތައް ފުރިހަމަވާ ކޮންމެ މީހެއްގެ މައްޗަށް އެ ޤާނޫނު އެއްހަމައަކުން ތަޠްބީޤުކުރެވޭނަމަ އެއީ ޢާންމު އަދި މުޖައްރަދު ޤާނޫނެއް ކަމާއި، ޤާނޫނީ ޤާޢިދާއަކީ ޢަމަލުކުރުން ލާޒިމް ޤާޢިދާއަކަށްވުމުގެ މުރާދަކީ އެ ޤާޢިދާއަކީ އެއަށް ޢަމަލުކުރުމާއި ނުކުރުން ހަމަހަމަ ޤާޢިދާއެއް ނޫންކަމާ، ނަތީޖާއެއްގެ ގޮތުން ޢަމަލުކުރުން ލާޒިމް ޤާނޫނީ ޤާޢިދާއަކީ، އަބަދުވެސް އެ ޤާޢިދާއަކާ ޚިލާފުވާ ފަރާތެއްގެ މައްޗަށް ޖަޒާ ނުވަތަ އަދަބު ކަނޑައެޅޭ ޤާޢިދާއެއް ކަމާއި، ޤާނޫނީ ޤާޢިދާއަކާ ޚިލާފުވުމުގެ ސަބަބުން ކަނޑައެޅޭ ޖަޒާ ނުވަތަ އަދަބު އެ ޤާޢިދާއެއްގެ ބާވަތަށާއި ވައްތަރަށް ބަލައި ތަފާތުކަމާ؛ އޭގެ ތެރޭގައި ޖިނާއީ ތަފާތު އަދަބުތަކާއި، މަދަނީ ތަފާތު އަދަބުތަކާއި، އިދާރީ ތަފާތު އަދަބުތައް ޝާމިލުވެގެންވާ ކަމާއި، މީގެ އިތުރުން ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ޢަމަލުތަކާއި ތަޞައްރުފާތުތައް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނާ ޚިލާފުވުމުގެ ސަބަބުން ބާޠިލުކަމަށް ކަނޑައެޅުމަކީވެސް އޭގެޒާތުގައި ޤާނޫނީ ޖަޒާއެއްކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ 3 ވަނަ މާއްދާގެ ނައްޞުގައި "ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރަކު އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ. އަދި މީލާދީން 13 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން މި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެކަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ އެންމެހައި މެންބަރުންގެ މައްޗަށްވެސް މި މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލު ހިނގާނެއެވެ. (ހ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުން. (ށ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުން. (ނ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުން. (ރ) ވަކި ޕާޓީއަކަށް ނިސްބަތްނުވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވާދަކޮށްގެން މިނިވަން މެންބަރެއްގެ ގޮތުގައި އިންތިޚާބުވި މެންބަރަކު، އެ މެންބަރަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށްފަހު، އެ މެންބަރަކަށް އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުން. 1- ޕާޓީގެ މެންބަރުކަމުން ވަކިކުރުން. 2- ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުން. 3- އެހެން ޕާޓީއެއްގެ މެންބަރަކަށްވުން." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމާއި، ޤާނޫނީ ޤާޢިދާގެ ޚާއްޞިއްޔަތުތައް އެންޓި-ޑިފެކްޝަން ޤާނޫނުގެ ބަޔާންވެދިޔަ 3 ވަނަ މާއްދާގައި ޝާމިލުވެގެންވާ ކަމާ؛ މިގޮތުން އެ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލު ހިނގާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވާ ކޮންމެ މެންބަރެއްގެ މައްޗަށް ކަމުގައިވާއިރު، އެ މާއްދާގައި ޢާންމު އަދި މުޖައްރަދު ޤާޢިދާއަކަށްވުމުގެ ޚާއްޞިއްޔަތު ފުރިހަމަވާކަމާ، ހަމަ އެފަދައިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، ނުވަތަ ވަކި ޕާޓީއަކަށް ނިސްބަތްނުވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވާދަކޮށްގެން މިނިވަން މެންބަރެއްގެ ގޮތުގައި އިންތިޚާބުވި މެންބަރަކު، އެ މެންބަރަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށްފަހު، އެ މެންބަރަކު އިންތިޚާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު ނިސްބަތްވާ ޕާޓީގެ މެންބަރުކަމުން ވަކިކުރަންޖެހޭ ފަދަ ކަމެއް ނުކުރުމާއި، ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިނުވުމާއި، ޕާޓީ ބަދަލުނުކުރުމަކީ އެ މެންބަރެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމާއި، އެފަދަ ކަމެއް މެންބަރަކު ކޮށްފިނަމަ އޭގެ ޖަޒާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުންކަން އެނގެން އޮންނައިރު، އެންޓި-ޑިފެކްޝަން ޤާނޫނުގެ ބަޔާންވެދިޔަ 3 ވަނަ މާއްދާ މުޚާޠަބުކުރާ މީހުންގެ މައްޗަށް އެ މާއްދާގައި ކަނޑައަޅާފައިވާ ޤާޢިދާތަކަށް ޢަމަލުކުރުން ލާޒިމުވުމުގެ ޚާއްޞިއްޔަތު ޝާމިލުވެގެންވާކަން އެނގެން އޮންނައިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) އަކީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ޤާނޫނީ ޤާޢިދާތަކެއް ހިމެނޭ ޤާނޫނެއްކަން ރަނގަޅަށް އެނގެން އޮންނަކަމާ، ވުމާއެކު ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނު ފާސްކުރުމަށް ވޯޓަށް އަހާ ޖަލްސާގެ ޤާނޫނީ ޢަދަދަކަށްވާނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުންކަމާއި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދަކީ 85 މެންބަރުން ކަމަށްވާއިރު، އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުންކަމުގައި ވާނީ މަދުވެގެން 43 މެންބަރުންކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، ޙަވާލާދެވުނު އެންޓި-ޑިފެކްޝަން ޤާނޫނަކީ، އިސްވެ އިޝާރާތްކުރެވުނު ފަދައިން، ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމް ޤާނޫނީ ޤާޢިދާތަކެއް ހިމެނިފައިވާ ޤާނޫނެއްކަމުގައިވީ ނަމަވެސް، 13 މާރިޗު 2018 ވީ އަންގާރަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެންޓި-ޑިފެކްޝަން ބިލު ފާސްކުރުމަށް ވޯޓަށް އެހި ވަގުތު އެ ޖަލްސާގައި ހާޒިރުވެ ތިބީ 39 މެންބަރުން ކަމާއި، އޭގެ ތެރެއިން ބިލު ފާސްކުރަން ފެންނަކަމަށް ވޯޓުދިނީ 36 މެންބަރުންކަން ރައްޔިތުންގެ މަޖިލީހުގެ ބުނެވިދިޔަ ޖަލްސާގެ ޔައުމިއްޔާއަށް ބެލުމުން އެނގެން އޮންނަކަމާއި، ބުނެވިދިޔަ ޖަލްސާގައި ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޤާނޫނީ ޢަދަދު ކަމުގައިވާ 43 މެންބަރުން ހާޒިރުވެ ނެތީސް އެންޓި-ޑިފެކްޝަން ބިލަށް ވޯޓަށް އަހައި އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޞައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށްކަމަށް ބުނެ ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ތަފާތު ދެ ޙުއްޖަތެއް ހުށަހަޅާފައިވާ ކަމާއި؛ ފުރަތަމަ ޙުއްޖަތަކީ އެންޓި-ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އެ ބިލް ފާސްކުރުމަށް ބޭނުންވާ ޤާނޫނީ ޢަދަދަކީ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބުނާ ޤާނޫނީ ޢަދަދުކަމަށް ބަލައިގެން ކަމަށާއި، ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގައި ޙަޞްރުކޮށް ގިންތިކޮށްފައިވާ "ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ" ޤާނޫނުތަކުގެ ތެރޭގައި އެންޓި-ޑިފެކްޝަން ޤާނޫނު ހިމެނިގެން ނުވާކަމަށް ބުނެ ދައްކާފައިވާ ވާހަކަތައް ކަމާއި، ނަމަވެސް ޙަޤީޤަތަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާ ފަރުމާކުރެވިފައިވަނީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނު ހެދުމުގެ ބާރުގެ ދަށުން އެ މަޖިލީހުން ފާސްކުރާ ޕަބްލިކް ލޯ އާއި ޕްރައިވެޓް ލޯ ގެ ދާއިރާގައި ހިމެނޭ ތަފާތު ޤާނޫނުތައް ޝާމިލުވާ ގޮތަށްކަން އެނގެން އޮންނައިރު، އެންޓި-ޑިފެކްޝަން ޤާނޫނަކީ ބުނެވުނު 38 ވަނަ މާއްދާގެ (ށ) ގައި ބުނާފަދަ ރައްޔިތުން ވަކިގޮތަށް ޢަމަލުކުރުމަށް ނުވަތަ ނުކުރުމަށް ބާރުއަޅާ ޤާނޫނުތަކުގެ ތެރޭގައި ހިމެނޭ ޤާނޫނެއް ކަމާއި، އެހެނީ އެ ޤާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ޕާޓީ، އެ މެންބަރަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ބަދަލުނުކުރުމަށް ނުވަތަ ޕާޓީން ވަކިނުވުމަށް ނުވަތަ ޕާޓީން ވަކިކުރަންޖެހޭ ފަދަ ކަމެއް ނުކުރުމަށް ބާރުއަޅާ ޤާނޫނެއްކަން އެނގެން އޮންނައިރު، ބަންޑާރަނައިބުގެ ފަރާތުން އެންޓި-ޑިފެކްޝަން ޤާނޫނަކީ ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ކަމެއް ހިމެނޭ ޤާނޫނެއް ނޫންކަމަށް ބުނެ ދައްކާފައިވާ ވާހަކަ ބިނާކޮށްފައިވާ އަސާސްތަކަކީ ޞައްޙަ އަސާސްތަކެއް ނޫންކަން އެނގެން އޮންނަކަމާއި، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) އާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ނެތީސް އެންޓި-ޑިފެކްޝަން ބިލަށް ވޯޓަށް އަހައި އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ދުސްތޫރީ ގޮތުން ޞައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށްކަމަށް ބުނެ ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ޙުއްޖަތަކީ، މި މައްސަލައިގެ ބަހުސްގެ ބޭނުމަށް އެންޓި-ޑިފެކްޝަން ބިލަކީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ ދަށުން ފާސްކުރަންޖެހޭ ބިލެއްކަމަށް ބެލިކަމުގައިވީ ނަމަވެސް، ޑޮކްޓްރިން އޮފް ނެސެސިޓީއަށް ރިޢާޔަތްކޮށް އެންޓި-ޑިފެކްޝަން ބިލު ފާސްކުރުމަށް ވޯޓަށް އަހާ ޖަލްސާގައި ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނާ ޤާނޫނީ ޢަދަދަށް ވުރެ މަދު ޢަދަދެއްގެ މެންބަރުން ހާޒިރުވެތިބެ އެ ބިލު ފާސްކުރުން ދުސްތޫރީ ގޮތުން ޞައްޙަވާނެކަމަށް ބުނެ ދައްކާފައިވާ ވާހަކަތައްކަން އެނގެން އޮންނަ އޮތުމެވެ.
ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖްރާއާތާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން އެންޓި-ޑިފެކްޝަން ޤާނޫނު ފާސްކޮށްފައި އޮތްއޮތުމަށް މަޝްރޫޢިއްޔަތުކަން ލިބެނީ "ޑޮކްޓްރިން އޮފް ނެސެސިޓީ" އަށް ރިޢާޔަތްކޮށްގެން ކަމަށް ބުނެ ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ ވާޤިޢާތަކަށާއި، އެއާގުޅިގެން މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، "ނަޡަރިއްޔަތުއް ޟަރޫރާ" (نظرية الضرورة/doctrine of necessity) ނުވަތަ "ނަޡަރިއްޔަތުއް ޡުރޫފުލް އިސްތިޘްނާއިއްޔާ" (نظرية الظروف الاستثنائية/doctrine of exceptional circumstances) ގެ މަފްހޫމަށް ބަލާއިރު، މި ނަޡަރިއްޔާއަކީ އިސްލާމީ ޝަރީޢަތާއި، ވަޟުޢީ ޤާނޫނީ ނިޒާމުތަކުގެ ޕްރައިވެޓް ލޯގެ ދާއިރާއާއި ޕަބްލިކް ލޯގެ ދާއިރާގައި އިސްތިޤުރާރުވެފައިވާ އަދި އިސްލާމީ ދައުލަތްތަކާއި، އެނޫންވެސް ދީމިޤްރާޠީ ދައުލަތްތަކުގެ ޤަޟާއީ ނިޒާމުތަކުގައި ތަޠްބީޤުކުރެވޭ ނަޡަރިއްޔާއެއްކަން އެނގެން އޮންނަކަމާއި، ޕަބްލިކް ލޯގެ ދާއިރާގައި، ނުވަތަ ދައުލަތުގެ ބާރުތަކުގެ ދާއިރާގައި، އެ ނަޡަރިއްޔާގެ މަފްހޫމަކީ، އާދައިގެ ޙާލަތްތަކުގައި ޣައިރު ޤާނޫނީ ނުވަތަ ޣައިރު ދުސްތޫރީ ކަމުގައި ބެލެވޭ ދައުލަތުގެ ބައެއް ޢަމަލުތަކާއި ތަޞައްރުފާތުތަކަކީ، ދައުލަތަށް ދިމާވާ އިސްތިޘްނާއީ ޙާލަތްތަކުގައި، ދައުލަތުގެ އަސާސީ މަޞްލަޙަތާއި، ދައުލަތުގެ ވުޖޫދާއި ކިޔާން ޙިމާޔަތްކޮށް ދައުލަތަށް ކުރިމަތިވެދާނެ އިޢާދަނުކުރެވޭނޭ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ކޮންމެހެން ޟަރޫރަތްތެރި އަދި ލާޒިމުވެގެންވާ ޢަމަލުތަކާއި ތަޞައްރުފާތުތަކެއް ކަމަށްވާނަމަ، އެއީ ޝަރްޢީ އަދި ދުސްތޫރީ ގޮތުން ޞައްޙަ ޢަމަލުތަކާއި ތަޞައްރުފާތުތަކެއްކަމަށް ބެލުން ކަމާއި، "ޟަރޫރާ" ގެ އަޙްކާމްތަކަށް ޢަމަލުކުރުމުގެ މަޝްރޫޢިއްޔަތުކަން އިސްލާމީ ޝަރީޢަތުގެ އަސާސީ މަޞްދަރުތައްކަމަށްވާ ކީރިތި ޤުރުއާނާއި، رسول الله صلى الله عليه وسلم ގެ ސުންނަތާއި، އިޖްމާޢުން ސާބިތުވެ އެނގެން އޮންނަކަމާއި، އިސްލާމީ ޝަރީޢަތުގަޔާއި ވަޟްޢީ ޤާނޫނުތަކުގައި މި ނަޡަރިއްޔާ ޤާއިމުވެގެންވާ މަޝްހޫރު ޤާޢިދާއަކީ "الضَّرُورَاتُ تُبِيحُ المَحُظُورَات" (necessitas facit licitum quod alias non esct licitum) މި ޤާޢިދާކަމާއި، މި ޤާޢިދާއިން ބަޔާންކޮށްދޭ އުޞޫލަކީ، އާދައިގެ ޙާލަތުގައި މަޝްރޫޢިއްޔަތުކަން ލިބިގެންނުވާ ޢަމަލަކަށް "ޟަރޫރަތުގެ ޙާލަތު" (حالة الضرورة/state of necessity) ގައި ނުވަތަ އިސްތިޘްނާއީ ޙާލަތުގައި މަޝްރޫޢިއްޔަތުކަން ލިބިގެންވުމުގެ އުޞޫލު ކަމާއި، އެހެން ޢިބާރާތަކުންނަމަ ޝަރްޢީ ގޮތުން އަޞްލުގައި ހުއްދަނޫން ކަންތައް ޟަރޫރަތުގެ ޙާލަތުގައި ހުއްދަވުމުގެ އުޞޫލު ކަމާއި، ދުސްތޫރީ ފިޤުހުގެ ދާއިރާގައި މި އުޞޫލު ތަޠްބީޤުކުރުމުގައި ރިޢާޔަތްކުރަންޖެހޭ އަސާސީ ޝަރްޠުތަކަކާއި "ޟަވާބިޠު" ތަކެއްވާ ކަމާއި؛ އޭގެތެރޭގައި ދައުލަތުގެ އެންމެ މަތީ އަދި އަސާސީ މަޞްލަޙަތަށް ނުރައްކާ ކުރިމަތިވާފަދަ އިސްތިޘްނާއީ ޙާލަތެއް މެދުވެރިވެގެން މެނުވީ އާދައިގެ ޙާލަތުގައި ތަޠްބީޤުކުރުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އަދި ޤާނޫނީ ޤާޢިދާއަކާ ޚިލާފަށް ޢަމަލުނުކުރުމާއި، އާދައިގެ ޙާލަތްތަކުގައި ތަޠްބީޤުކުރުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އަދި ޤާނޫނީ ޤާޢިދާއަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަކީ ދައުލަތަށް މެދުވެރިވާ ބުނެވިދިޔަ ފަދަ އިސްތިޘްނާއި ޙާލަތުގައި ޢަމަލީގޮތުން ނުކުޅެދިގެންވާ ކަމެއް ކަމަށްވާނަމަ މެނުވީ އެ ޤާޢިދާއަކާ ޚިލާފަށް ޢަމަލުނުކުރުމާއި، ދައުލަތަށް މެދުވެރިވާ ޟަރޫރަތުގެ ނުވަތަ އިސްތިޘްނާއީ ޙާލަތުގައިވެސް ޢާންމު މަޞްލަޙަތު ޙިމާޔަތްކުރުމުގެ މަޤްޞަދުގައި މެނުވީ އާދައިގެ ޙާލަތުގައި ތަޠްބީޤުކުރުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އަދި ޤާނޫނީ ޤާޢިދާއަކާ ތަޢާރުޟުވާ ޢަމަލެއްނުކުރުން ޝާމިލުވެގެންވާ ކަމާ؛ މީގެ އިތުރުން، ޟަރޫރަތުގެ ޙާލަތެއް ނުވަތަ އިސްތިޘްނާއީ ޙާލަތެއް މެދުވެރިވުމުން އަޅާ އިސްތިޘްނާއީ ފިޔަވަޅު އެ ޙާލަތުގައި އެޅުން ލާޒިމުވާ މިންވަރަށްވުރެ އިތުރަށް އެޅުމަކީ ހުއްދަކަމެއް ނޫންކަމާ، މީގެ މާނައަކީ، ޟަރޫރަތުގެ ޙާލަތުގައި ދުސްތޫރީ އަދި ޤާނޫނީ އަޙްކާމްތަކާ ޚިލާފަށް ކުރާ ބައެއް ކަންތައްތަކަށް މަޝްރޫޢިއްޔަތުކަން ލިބިގެންވީ ނަމަވެސް، އެއީ ޟަރޫރަތުގެ ޙާލަތާ ކުރިމަތިލެވޭ މިންވަރަށްވުރެ އިތުރުނުވާނޭ ގޮތެއްގެމަތިން ލިބިގެންވާ މަޝްރޫޢިއްޔަތުކަމެއް ކަމާއި، އެއީ އެއްވެސް ޙާލެއްގައި މުޠުލަޤުގޮތަކަށް ދުސްތޫރީ އަދި ޤާނޫނީ އަޙްކާމްތަކާއި އިޖްރާއާތުތަކާ ޚިލާފަށް ޢަމަލުކުރުމަށް ދެވޭ "ރުޚުޞަތު" (authorization) އެއް ނޫންކަން އިސްލާމީ ޝަރީޢަތާއި، ވަޟްޢީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައިވާ "ނަޡަރިއްޔަތުއް ޟަރޫރާ" ގެ އަސާސީ އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި "ނަޡަރިއްޔަތުއް ޟަރޫރާ" ގެ ބަޔާންވެދިޔަ އަޙްކާމްތަކަށް ދުސްތޫރީ ޝަރްޢިއްޔަތުކަން ލިބިދޭ މައިގަނޑު އަސާސްތަކަކީ ދިވެހިރާއްޖެއަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެއްކަމާއި، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީންކަމާ، އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި، 10 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމުގެ އިތުރުން، ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައި އޮންނަ އޮތުންކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖްރާއާތާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން އެންޓި-ޑިފެކްޝަން ޤާނޫނު ފާސްކޮށްފައި އޮތް އޮތުމަށް މަޝްރޫޢިއްޔަތުކަން ލިބެނީ "ޑޮކްޓްރިން އޮފް ނެސެސިޓީ" އަށް ރިޢާޔަތްކޮށް ކަމަށް ބުނެ، އެކަން ސާބިތުކުރުމުގެ ގޮތުން ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ ވާޤިޢާތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދަދެއްގެ މެންބަރުން މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތާވަލުކުރެވޭ، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ ދުސްތޫރީ އިޖުރާއާތާ އެއްގޮތްވާ ގޮތުގެމަތިން ފާސްކުރަންޖެހޭ ގިނަ ޢަދަދެއްގެ ޤާނޫނުތައް ފާސްކުރުމަށް ހުރަސް އެޅުމުގެ ނިޔަތުގައި އެފަދަ ޤާނޫނުތައް ފާސްކުރުމަށް ތާވަލުކުރެވޭ ޖަލްސާތަކަށް ޤަޞްދުގައި ހާޒިރުނުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރެކޯޑްތަކުން ދައްކާގޮތުން 13 ޖުލައި 2017 އިން ފެށިގެން އެ އަހަރުގެ ނިޔަލަށް މަޖިލީހުގައި 14 ވޯޓެއް ނެގުނުއިރު އޭގެ ތެރެއިން 07 ވޯޓަށް އެހި ވަގުތު 43 މެންބަރުން ޖަލްސާގައި ހާޒިރުވެފައިނުވާ ކަމަށާއި، އަދި 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 13 ވޯޓެއް ނެގިފައިވާއިރު، އެއިން އެއްވެސް ވޯޓަކަށް އެހި ވަގުތު 43 މެންބަރުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެފައިނުވާ ކަމަށާއި، މިކަންތައްތައް މިގޮތުގެމަތިން ހިނގާތީވެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބެލިބެލުމުގައި ބިލުތައް ފާސްކުރުމަށް ވޯޓަށް އަހާ ވަގުތު ވަކި މެންބަރުންތަކެއް ތަކުރާރުކޮށް ޖަލްސާއަށް ހާޒިރުނުވާކަމަށާ، އެހެންކަމުން، މިވަގުތުގެ ޙާލަތަށް ބަލާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކަށް ފެތޭ ބިލުތައް ފާސްކުރުމަށްޓަކައި ވޯޓަށް އެހުމަށް މި ވަގުތު ހުރަސްތަކެއް ހުރިކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފާހަގަކޮށްފައިވާ ކަމަށާ، އެގޮތުން،14 ޖޫން 2017 އިން ފެށިގެން 12 މާރިޗު 2018 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް ބިލެއް ފާސްކޮށްފައިނުވާ ކަމަށާ، އަދި އެ މުއްދަތުގެ ތެރޭގައި ޤައުމު ހިންގުމަށާއި އަދި ރައްޔިތުންނަށް ބޭނުންތެރި އިޤްތިޞާދީ އަދި އިޖްތިމާއީ މުހިންމު ކަންތައްތައް ފާސްކުރުމަށް ހުރަސްތަކެއް ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބަންޑާރަނައިބުގެ އޮފީހަށް މަޢުލޫމާތުދީފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޢަމަލުކުރާ ގޮތަށް ބަލާއިރު ވޯޓުގައި ބައިވެރިވުން ވީޓޯ ކުރުމުގެ ވިސްނުން ގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށާއި، މި މައްސަލަ ހުށަހެޅި ބައެއް މެންބަރުން ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފުންވެސް އެ މެންބަރުން ޤަބޫލުނުކުރާ ކަންތައްތަކެއް ހުރުމުން އެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވާ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލިސް މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، މީގެ އިތުރުން، 13 މާރިޗު 2018 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާ އެ ދުވަހު މެންދުރުފަހު 1:00 ގައި ރައްޔިތުންގެ މަޖިލީހުގައި ތާވަލްކުރެވިފައިވާތީވެ މަޖިލީހުގެ މެންބަރުންނަށް އެ ދުވަހުގެ ޖަލްސާއަށް ދަޢުވަތު އެރުވިފައިވާ ކަމަށާއި، އެ ދުވަހުގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑު ކުރެވިފައިވާކަން މެންބަރުންނަށް އެންގިފައިވާ ކަމަށާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙް ގެނައުމުގެ ބިލަށާއި، އެންޓި-ޑިފެކްޝަން ބިލަށް ވޯޓަށް އެހުމަށް ތާވަލުކުރެވުނު ބުނެވިދިޔަ ޖަލްސާއަށް ހާޒިރުވީ 41 މެންބަރުން ކަމަށާއި، އެހެންނަމަވެސް ވޯޓަށް އެހި ވަގުތު ޖަލްސާގައި ހާޒިރުވެ ތިބީ 39 މެންބަރުންކަމަށާ، އަދި އެ ޖަލްސާއަށް ހާޒިރުނުވެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 28 މެންބަރުން ސަލާން ފޮނުވާފައިވާއިރު ސަލާން ފޮނުވާފައިވަނީ ކޮން ސަބަބަކާހުރެކަން އެފަރާތްތަކުން ހާމަކޮށްފައިނުވާ ކަމަށާއި، ސަލާން ފޮނުވާފައިވާ މެންބަރުންގެ ތެރެއިން 9 މެންބަރުން އެ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ތަފާތު ކޮމިޓީތަކަށް ހާޒިރުވެފައިވާކަމަށާއި، އެގޮތުން ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވިފައިވަނީ އެ ދުވަހު ހެނދުނު 10:35 އާއި މެންދުރުފަހު 2:35 އާ ދެމެދުގެ ވަގުތެއްގައި ކަމުގައިވީ ނަމަވެސް އެ ދުވަހުގެ ޖަލްސާ އަށް ހާޒިނުވެވޭނެ ކަމަށް ބުނެ އެ މެންބަރުން ކޮމިޓީތަކުގައި ބައިވެރިވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތުދީފައިވާ ކަމަށާ، އަދި އެ ދުވަހުގެ ޖަލްސާ ކުރިއަށްދިޔައިރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ތިބިކަމުގެ މަޢުލޫމާތު އެ މަޖިލީހުން ބަންޑާރަނައިބުގެ އޮފީހާ ޙިއްސާކޮށްފައިވާކަމަށް ބުނެ، ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ އިސްވެދިޔަ ވާޤިޢާތައް، މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ބަންޑާރަނައިބުގެ ފަރާތުން ދީފައިވާ ބަޔާންތަކުންނާއި، ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، ބުނެވިދިޔަ ވާޤިޢާތައް ޠަޢުނުކުރެވޭ ފަދަ ޙުއްޖަތްތަކެއް މި މައްސަލަ ހުށަހެޅި ފަރާތައް ޤާއިމުކުރެވިފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ އިޝާރާތްކުރެވުނު ވާޤިޢާތަކުގެ މައްޗަށް "ނަޡަރިއްޔަތުއް ޟަރޫރާ" ގެ ނުވަތަ "ޑޮކްޓްރިން އޮފް ނެސެސިޓީ" ގެ ބަޔާންވެދިޔަ އަޙްކާމްތަކުގެ އަލީގައި ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ހިނގަމުންދާއިރު، މަޖިލީހުގެ ކޮންމެ މެންބަރަކުވެސް އެކަށީގެންވާ ޢުޒުރެއް ދިމާނުވާހާ ހިނދަކު، މަޖިލީހަށް ހާޒިރުވެ އެ ވޯޓުގައި ބައިވެރިވާންވާނެ ކަމަށާ، އަދި މަޖިލީހުގެ ޖަލްސާއެއްގައި ވޯޓަށް އެހޭ ކޮންމެ މައްސަލައެއްގައި، އޭނާގެ ޒާތީ ނުވަތަ މާލީ މަޞްލަޙަތެއް ވޯޓަށް އަހާ މައްސަލައެއްގައި އޮތްކަމަށް ނުވާހާ ހިނދަކު، ވޯޓުދޭންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 158 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާ، އެހެންކަމުން، ރައްޔިތުންގެ މަޖިލީހުން ކަންކަން ފާސްކުރުމަށް ނެގޭ ވޯޓުތަކުގައި ބައިވެރިވުމަކީ އެކަށީގެންވާ ޢުޒުރެއް ދިމާނުވާހާ ހިނދަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމާއި، އެއީ އެ މެންބަރުންނަށް ލިބިގެންވާ ތަޤުދީރީ ބާރެއް ނޫންކަން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 158 ވަނަ މާއްދާގެ (ހ) ގެ އިސްވެދިޔަ ޢިބާރާތުން ސާފުކޮށް އެނގެން އޮންނަކަމާ، މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުއްދަދީފައި ނުވާހާ ހިނދަކު، މެންބަރުން މަޖިލީހުގެ މަސައްކަތަށާއި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމަކީ ކުރަންޖެހޭނެ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 209 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުން އެއްވެސް ޢުޒުރަކާ ނުލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތައް ފާސްކުރުމަށް ތާވަލުކުރެވޭ ޖަލްސާތަކަށް، އެ ބިލުތައް ފާސްކުރުމަށް ހުރަސްއެޅުމުގެ މަޤްޞަދުގައި ހާޒިރުނުވުން ފަދަ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފު ރައްޔިތުންގެ ޢާންމު މަޞްލަހަތަށް ގެއްލުންދެނިވި ދީމިޤްރާޠިއްޔަތާ ޚިލާފު ޢަމަލުތަކަކީ ދީމިޤްރާޠީ ނިޒާމުތަކުގައި މަޤުބޫލު ޢަމަލުތަކަކަށް ނުވާއިރު، މިފަދަ ޢަމަލުތައް މަނާކޮށް ހުއްޓުވުމުގެ މަޤްޞަދުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ޢުޒުރަކާ ނުލައި ހާޒިރުނުވާ މެންބަރުންނާ މެދު އެކި މިންވަރުގެ ސުލޫކީ ފިޔަވަޅު އެޅުމުގެ އުޞޫލު ދީމިޤްރާޠީ ދައުލަތްތަކުގެ ޕާރލަމެންޓުތަކުގައި އިސްތިޤުރާރުވެފައިވާ ކަމާ، މިގޮތުން ވިދިވިދިގެން ވަކި ޢަދަދަކަށް ޕާރލަމެންޓުގެ ޖަލްސާތަކަށް ޢުޒުރަކާ ނުލައި ހާޒިރުނުވާ މެންބަރުން ޕާރލަމެންޓުން ވަކިކުރުމުގެ އުޞޫލަކީވެސް ބައެއް ދީމިޤްރާޠީ ދައުލަތްތަކުން ޤަބޫލުކުރާ އުޞޫލެއްކަން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ (2) ގައި "ރައްޔިތުން ފުރިހަމައަށް ތަމްޘީލުވާނޭ، އަދި އެބައިމީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނޭ ދީމިޤްރާޠީ އުޞޫލުތައް އެކުލެވޭނޭ، ޖަވާބުދާރީވާ، ހާމަކަން ބޮޑުގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާނޭ ޤަވާޢިދުތަކާއި އުޞޫލުތައް އެ މަޖިލީހުން ކަނޑައަޅާންވާނެއެވެ. އެ ޤަވާޢިދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތަކާއި، ހާޒިރީއާ ގުޅޭ އުޞޫލުތައް ހިމެނިދާނެއެވެ. އަދި މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ މެންބަރެއްގެ މުސާރައާއި ޢިނާޔަތްތައް ކެނޑޭނެ ގޮތްތައްވެސް ކަނޑައެޅިދާނެއެވެ." މިފަދައިން ކަނޑައަޅައިފައި އޮންނައިރު، ޢުޒުރެއްނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވާ މެންބަރުންނާ މެދު ތައުދީބީ ފިޔަވަޅު އެޅޭނޭ ހަމައަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތަކާއި ހާޒިރީއާ ގުޅޭ ކަންކަން ތަންޒީމުކުރާ ޤަވާޢިދުތައް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ ބުނެވިދިޔަ 88 ވަނަ މާއްދާގެ (ހ) ގެ (2) އިން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރެއްކަމުގައިވީ ނަމަވެސް، މިއަދާހަމައަށް ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ ޖަލްސާތަކަށް ޢުޒުރަކާ ނުލައި ތަކުރާރުކޮށް ހާޒިރުނުވާ މެންބަރުންނާ މެދު ތައުދީބީ ފިޔަވަޅުއެޅޭނެ އުޞޫލެއް ޤާއިމުކޮށްފައިނުވާއިރު، ރައްޔިތުންގެ މަޖިލީހުގައި އެންޓި-ޑިފެކްޝަން ބިލު ފަދަ މުހިއްމު ބިލުތައް ފާސްކުރުމަށް ތާވަލުކުރެވޭ ޖަލްސާތަކަށް ފަރްދީގޮތުންނާއި ޖަމަޢީގޮތުން މެންބަރުން ހާޒިރުވެފައި ނުވަނީ އެކަން ހުއްޓުވުމަށް ބާރުއަޅާނޭ އެއްވެސް ކަހަލަ "ރާދިޢު" (deterrent) އުޞޫލެއް ނެތިކަން އެނގެން އޮންނަކަމާ، މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޤަބޫލުނުކުރާ ކަންތައްތަކެއް ހުރުމުން މިފަހަކަށް އައިސް އެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މަޖިލީސް މިހާރު ހުއްޓުމަކަށް އައިސްފައިވާކަމަށް މި މައްސަލަ ހުށަހެޅި ފަރާތުންވެސް ބުނެފައި އޮންނަ އޮތުމަށް ބަލާއިރު، ދީމިޤްރާޠީ ދައުލަތްތަކުގެ ޕާރލަމެންޓުތަކުގެ މެންބަރުންގެ މެދުގައި، ނުވަތަ "ބައިކެމެރަލް" (bicameral) ނިޒާމް އޮންނަ ޕާރލަމެންޓުތަކުގައި ޕާރލަމެންޓުގެ ދެ ހައުސްގެ ދެމެދުގައި ޚިލާފު އުފެދި ޕާރލަމެންޓްގެ މަސައްކަތް ހުއްޓުމަކަށް އަންނަ ގޮތް މެދުވެރިވާ ޙާލަތްތަކުގައި އެފަދަ މައްސަލަތައް ޙައްލުކުރުމަށް ތަފާތު ދުސްތޫރީ އަދި ސިޔާސީ ވަސީލަތްތައް، 'ޗެކްސް އެންޑް ބެލެންސެސް' ގެ ޙުދޫދުގެ ތެރޭގައި ކަނޑައެޅިފައިވާ ކަމާ؛ މިގޮތުން، ޕާރލަމެންޓުގެ މަސައްކަތް ވަގުތީގޮތުން ހުއްޓުވައި މެންބަރުންގެ މެދުގައި އުފެދިފައިވާ ޚިލާފު ޙައްލުކުރުމަށް މަސައްކަތްކުރުމާއި، އެ ވަސީލަތް ބޭނުންކޮށްގެންވެސް ޕާރލަމެންޓް ހުއްޓުމަކަށް އައިސްފައި އޮންނަ އޮތުމަށް ނިމުމެއް ނައިސްފިނަމަ ކަނޑައެޅިފައިވާ ދުސްތޫރީ އިޖްރާއާތުތަކާ އެއްގޮތަށް ޕާރލަމަންޓު އުވާލައި، ޕާރލަމެންޓަރީ އަވަސް އިންތިޚާބެއް ބޭއްވުމަށް ކަނޑައެޅުމަކީ ޕާރލަމެންޓަރީ ނިޒާމުތަކުގައި ދައުލަތުގެ އެންމެ އިސްވެރިޔާއަށް ލިބިގެންވާ ބާރެއްކަމާއި، ހަމަ އެހެންމެ ޕާރލަމެންޓުގެ މެންބަރުންގެ މެދުގައި އުފެދޭ ޚިލާފުތައް ޙައްލުކުރުމުގެ މަޤްޞަދުގައި ޕާރލަމެންޓުގެ މަސައްކަތްތައް ކަނޑައެޅޭ ވަކި މުއްދަތަކަށް ހުއްޓުވުމުގެ ބާރު ބައެއް ރިޔާސީ ނިޒާމުތަކުގައިވެސް ދައުލަތުގެ އެންމެ އިސްވެރިޔާއަށް ލިބިގެންވާކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އަންނަ އައުން ޙައްލުކުރާނެ ވަކި ޚާއްޞަ ދުސްތޫރީ އިޖްރާއާތެއް ކަނޑައެޅިފައި ނެތްކަމުގައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި އުފެދޭ އިޚްތިލާފުގެ ސަބަބުން އެ މަޖިލީހުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާނަމަ އެކަން ސިޔާސީގޮތުން ޙައްލުކުރަން ބާރު އެޅުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭކަމެއްކަން ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އިން އިސްތިޚްލާޞްކުރެވެން އޮންނައިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) އިން މަތިކޮށްފައިވާ އެންމެ އަސާސީ އިޚްތިޞާޞް ކަމުގައިވާ ޤާނޫނު ފާސްކުރުމުގެ އިޚްތިޞާޞްގެ ދަށުން 14 ޖޫން 2017 އިން ފެށިގެން 12 މާރިޗު 2018 ގެ ނިޔަލަށް އެއްވެސް ބިލެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ނުކުޅެދިފައިވާއިރު އަދި އެކަމަށް އެއްވެސް ދުސްތޫރީ ނުވަތަ ސިޔާސީ ޙައްލެއް އައިސްފައި ނުވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ޚަޞްމުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، 13 މާރިޗު 2018 ވަނަ ދުވަހު އެންޓި-ޑިފެކްޝަން ޤާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނާ ޤާނޫނީ ޢަދަދު ފުރިހަމަނުވާ ޖަލްސާއެއްގައިކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު ފަދައިން، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނާ ޤާނޫނީ ޢަދަދު ފުރިހަމަނުވާ ޖަލްސާއަކުން އެންޓި-ޑިފެކްޝަން ޤާނޫނު ފާސްކޮށްފައިވާއިރު، ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ އިޖްރާއާތު ފަހަނައަޅައި، އެ ޤާނޫނު ފާސްކުރުން ޤާނޫނީގޮތުން ހުއްދަވާނީ އެފަދަ ޟަރޫރަތެއް ޤާއިމުވެފައިވާނަމަ ކަމާއި، އެފަދަ ޟަރޫރަތެއް ޤާއިމުވެފައިވާކަމަށް ބެލެވޭނީ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ދުސްތޫރީ އިޖްރާއާތު ފަހަނައަޅައި އެ ޤާނޫނު ފާސްނުކޮށްފިނަމަ، ދައުލަތުގެ އަސާސީ މަޞްލަޙަތަކަށް ގެއްލުމާއި ނުރައްކާ ކުރިމަތިވުމުގެ އިޙުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވާނަމަ ކަމާއި، މިކަންކަމުގެ މައްޗަށް ދިވެހިރާއްޖޭގައި އެންޓި-ޑިފެކްޝަން ޤާނޫނެއް ފާސްކުރުމަށް މެދުވެރިވި ސަބަބާއި، އެ ޤާނޫނުގެ މަޤްޞަދުގެ އަލީގައި ބަލާއިރު، ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ ޕާޓީ ނިޒާމުގެ ދަށުން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކޮށް އިންތިޚާބުވާ މެންބަރުން ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުގައި ޖެހި، އެ މެންބަރުން އިންތިޚާބުކުރި ދާއިރާގެ ރައްޔިތުންގެ މަޞްލަޙަތުގެ މައްޗަށް ފަރްދީ އަދި ޒާތީ މަޞްލަޙަތު އިސްކޮށް އެ މެންބަރުން ނިސްބަތްވާ ޕާޓީ ބަދަލުކުރަމުން އަންނަ "ޡާހިރާ" އަކީ ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީގެ އިތުބާރު ރައްޔިތުންގެ މެދުގައި ގެއްލި، ދިވެހިރާއްޖޭގެ ދީމިޤްރާޠީ ނިޒާމު އޭގެ މައްޗަށް ބިނާވެގެންވާ އަސާސްތައް ބަލިކަށިވެ، ރައްޔިތުންގެ ސިޔާދަތަށް ނުރައްކާ ކުރިމަތިކުރުވައި، ޤާނޫނުގެ ޙުކުމް ދައުލަތުގައި ނެގެހެއްޓުމަށް އޮތް ހުރަހެއް ކަމަށްވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ނިސްބަތްވާ ޕާޓީ ބަދަލުކުރުމުގެ "ޡާހިރާ" އަކީ މިހާރުން މިހާރަށް ޤާނޫނީގޮތުން މަނާކުރެވެންޖެހޭ "ޡާހިރާ" އެއްކަމަށްވާތީ، އެންޓި-ޑިފެކްޝަން ޤާނޫނަކީ، ބުނެވިދިޔަ މަޤްޞަދު ޙާޞިލުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާގެ ޙުކުމުގައި "އެންޓި-ޑިފެކްޝަން" ޤާނޫނެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން އެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާއިން ފާހަގަކޮށްފައިވާ ކަންތަކަށާއި، ބަންޑާރަނައިބުގެ ފަރާތުން މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި "ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވި ދާއިރާތައް ތަމްޘީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ." މިފަދައިން ކަނޑައަޅައިފައި އޮންނަ އޮތުމަށް ބަލާއިރު، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީގެ ފިކުރާއި އައިޑިއޮލޮޖީ ތަމްޘީލުކުރާ މެނިފެސްޓޯއެއް އެ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ހުށަހަޅައި، އެ ރައްޔިތުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުގައި ޖެހި، ރައްޔިތުންނަށް އެ މެންބަރުން ވެފައިވާ އަހުދާ ޚިލާފަށް، އަދި އެ މެންބަރުން އިންތިޚާބުކުރި ދާއިރާގެ ރައްޔިތުންގެ މަޞްލަޙަތުގެ މައްޗަށް ފަރްދީ އަދި ޒާތީ މަޞްލަޙަތު އިސްކޮށް އެ މެންބަރުން ނިސްބަތްވާ ޕާޓީ ބަދަލުކުރުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ ޙަވާލާދެވުނު 75 ވަނަ މާއްދާއާ ޚިލާފުކަމެއްކަން އެނގެން އޮތުމުގެ އިތުރުން، އެއީ ސިޔާސީގޮތުންނާއި މާލީގޮތުން ނުފޫޒުގަދަ ބަޔަކު ބޭނުންވާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ބައްޓަންކޮށް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އެބައިމީހުންގެ ޒާތީ އަދި ސިޔާސީ މަޞްލަޙަތު ޙާޞިލުކުރުމަށް މަގުފަހިވެގެން ހިނގައިދާނެ ކަމެއްކަން އެނގެން އޮންނައިރު، އެއީ ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ އެންމެ އަސާސީ އެއް ސިފަ ކަމަށްވާ ޤާނޫނުއަސާސީގެ ބުނެވިދިޔަ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ސިޔާދަތަށް ކަނޑައެޅިގެން ހުރި ނުރައްކަލެއްކަމާ، އަދި އެއީ ދައުލަތުގެ އެންމެ މުހިއްމު އެއް ރުކުން ކަމަށްވާ ދައުލަތުގެ ބާރުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ޙަޤީޤީ ބާރުވެރިންނަކީ ރައްޔިތުންކަމުގައި އޮންނަ އޮތުމުގެ މަޤްޞަދު ގެއްލި، އެ މަޖިލީހަކީ ޙަޤީޤަތުގައި ސިޔާސީގޮތުންނާއި މާލީގޮތުން ނުފޫޒުގަދަ ބަޔަކު ތަމްޘީލުކުރާ ތަނަކަށް ބަދަލުވެގެން ހިނގައިދާނެ ކަމެއްކަމާއި، މިކަމަކީ ޙަޤީޤަތުގައި ދިވެހި ދައުލަތުގެ އަސާސީ މަޞްލަޙަތާއި، ދައުލަތުގެ ވުޖޫދާއި ކިޔާން، އަދި ރައްޔިތުންގެ ޢާންމު މަޞްލަޙަތަށް އިޢާދަނުކުރެވޭ ފަދަ ގެއްލުމާއި ނުރައްކާ ކުރިމަތިކުރުވަފާނެ ކަމެއް ކަމުގައިވާއިރު، އެ ނުރައްކަލުން ދައުލަތުގެ އަސާސީ މަޞްލަޙަތާއި ރައްޔިތުންގެ ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ޙަވާލާދެވުނު އެންޓި-ޑިފެކްޝަން ޤާނޫނު ފާސްކޮށް އެއަށް މިހާރުން މިހާރަށް ޢަމަލުކުރަން ފެށުމަކީ ކޮންމެހެން ޟަރޫރަތްތެރިކަމެއްކަން އެނގެން އޮންނައިރު، އެ ޤާނޫނަކީ އަޞްލުގައި ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައިވާ ދުސްތޫރީ އިޖްރާއާތު ފުރިހަމަވެގެން މެނުވީ، އެބަހީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެތިބޭ ޖަލްސާއެއްގައި މެނުވީ ފާސްނުކުރެވޭނެ ޤާނޫނެއްކަމުގައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަކުރާރުކޮށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިނުވުމުގެ ސަބަބުން މަޖިލީހުގެ ޤާނޫނު ހެދުމުގެ އަސާސީ މަސައްކަތް ހުއްޓުމަކަށް އައިސްފައި އޮންނަ އިސްވެ ބަޔާންވެދިޔަ ޙާލަތާއި ވާޤިޢަށް ބަލާއިރު، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޤާނޫނީ ޢަދަދު ފުރިހަމަވާ ޖަލްސާއެއްގައި އެ ޤާނޫނު ފާސްކުރުމަށް ވާޤިޢީގޮތުން ރައްޔިތުންގެ މަޖިލިސް ނުކުޅެދިފައިވާކަން އެނގެން އޮންނަކަމާ، އެހެންކަމުން 2018 ވަނަ އަހަރު މާރިޗު މަހުގެ 13 ވަނަ ދުވަހު، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޤާނޫނީ ޢަދަދު ފުރިހަމަނުވާ ޖަލްސާއެއްގައި، ރައްޔިތުންގެ މަޖިލީހުން އެންޓި-ޑިފެކްޝަން ޤާނޫނުގެ ބިލު ފާސްކޮށްފައި އޮންނަ އޮތުމަށް، އިސްވެ ބަޔާންވެދިޔަ "ނަޡަރިއްޔަތުއް ޟަރޫރާ" ގެ އުޞޫލުތަކާއި އަޙްކާމްތަކަށް ރިޢާޔަތްކޮށް، ދުސްތޫރީ ޝަރްޢިއްޔަތު ލިބިގެންވާކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދު ފުރިހަމަނުވާ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުން އެންޓި-ޑިފެކްޝަން ބިލު ފާސްކޮށްފައި އޮންނަ އޮތުމަކީ "ނަޡަރިއްޔަތުއް ޟަރޫރާ" ގެ އުޞޫލުތަކަށް ރިޢާޔަތްކޮށް، ދުސްތޫރީ ގޮތުން ޞައްޙަކަމެއް ކަމަށް ޤަޟާއީގޮތުން ކަނޑައެޅިގެން ދިއުމަކީ، ޤާނޫނުއަސާސީގެ ބުނެވިދިޔަ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިޖްރާއާތާ ޚިލާފަށް ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ބާވަތުގެ ޤާނޫނުތައް ފާސްކުރުމަށް ދެވޭ ޢާންމު ރުޚުޞަތެއް ނޫންކަމާ، ސަބަބަކީ "ނަޡަރިއްޔަތުއް ޟަރޫރާ" ގެ އަޙްކާމްތަކަކީ ކަނޑައެޅިގެންވާ ޝަރްޠުތަކެއް ފުރިހަމަވެގެން މެނުވީ ތަޠްބީޤުކުރެވޭނެ އަޙްކާމްތަކެއް ނޫންކަމާ، އެހެންކަމުން، ކަނޑައެޅިފައިވާ ދުސްތޫރީ ނުވަތަ ޤާނޫނީ އިޖްރާއާތަކާ ޚިލާފަށް، "ނަޡަރިއްޔަތުއް ޟަރޫރާ" އަށް ރިޢާޔަތްކޮށް ފާސްކުރެވޭ ޤާނޫނުތަކުގެ ދުސްތޫރިއްޔަތުކަމާ ނުވަތަ މަޝްރޫޢިއްޔަތުކަމާމެދު ޠައުނުކުރެވިއްޖެނަމަ އެ މައްސަލައެއް ބަލައި ފައިޞަލާކުރުމުގެ ބާރު ކަމާބެހޭ ކޯޓަށް އަބަދުވެސް ލިބިގެންވާކަން އެނގެން އޮންނަ އޮތުމެވެ.
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންވެގެންވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ ދުސްތޫރިއްޔަތުކަމާމެދު މައުޟޫޢީގޮތުން ތަޢުނުކޮށް މި މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ދުސްތޫރީ ގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަން އެނގެން އޮންނާތީއާ، އަދި ބުނެވުނު އެންޓި-ޑިފެކްޝަން ޤާނޫނުގެ ބިލު، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް އެ މާއްދާގައި ބުނާ ޤާނޫނީ ޢަދަދު ހަމަނުވާ ޖަލްސާއެއްގައި ފާސްކޮށްފައިވަނީ "ޑޮކްޓްރިން އޮފް ނެސެސިޓީ" އަށް ރިޢާޔަތްކޮށްކަމަށް ބުނެ، ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން އެކަން ސާބިތުކުރުމަށް ދައްކާފައިވާ ވާހަކަތަކާއި ވާޤިޢާތަށް ބިނާކޮށްފައިވާ ޤާނޫނީ އަސާސްތަކަކީ ޞައްޙަ އަސާސްތަކެއްކަން އެނގެން އޮންނަ ހިނދު، ބުނެވުނު ޤާނޫނުގެ ބިލު ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ފާސްކުރަންޖެހޭ ފަދަ "ނެސެސިޓީ" ނުވަތަ "ޟަރޫރާ" ގެ ޙާލަތެއް ނެތްކަން މި މައްސަލަ ހުށަހެޅި ފަރާތަށް ސާބިތުކޮށްދެވިފައި ނުވާއިރު، އެ ޤާނޫނުގެ ދުސްތޫރިއްޔަތުކަމާމެދު ޝަކްލީގޮތުން ތަޢުނުކުރާނެ ހަމައެއްވެސް ނެތަތީ، ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) އަކީ މައުޟޫޢީގޮތުންނާއި ޝަކްލީގޮތުން ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަމަށް ބަލާނެ އެއްވެސް އަސާސެއް ނެތްކަން އެނގެން އޮވެއެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ދުސްތޫރީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، މީލާދީ ސަނަތުން 14 މާރިޗު 2018 (26 ޖުމާދަލްއާޚިރާ 1439 ހ.) ވީ ބުދަ ދުވަހު ޢަމަލުކުރަން ފަށާފައިވާ ޤާނޫނު ނަންބަރު 2018/2 (އެންޓި-ޑިފެކްޝަން ޤާނޫނު) އަކީ ޝަކްލީގޮތުންނާއި މައުޟޫޢީގޮތުން އެއަށް ދުސްތޫރީ ޝަރްޢިއްޔަތު ލިބިގެންވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތް ޤާނޫނެއްކަން އެނގެން އޮންނާތީ، އެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު ބާޠިލު ޤާނޫނެއްކަމަށް ކަނޑައަޅާނެ އެއްވެސް އަސާސެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.