އާދަމް ޙަލީމް ވ. ފާޠިމަތު އާދަމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-IH/2017/16، 07/Fm-C/2016
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ފެމިލީ ކޯޓުގެ 07/Fm-C/2016 ޤަޟިއްޔާގައި، ނިޔާވި ޢަބްދުﷲ ޝިހާމްގެ ތަރިކަ އޭނާގެ މަންމައާއި ބައްޕައަށް ހަމަހަމައަށް މިލްކުވާ ކަމަށް ޙުކުމްކުރިއެވެ. އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް ބައްޕަ އާދަމް ޙަލީމް އެދުމުން، ހައިކޯޓުގެ HC-IH/2017/16 ނިންމުމުން (07 މާރިޗު 2017) އެކަށީގެންވާ ސަބަބެއް ނެތްކަމަށް ބުނެ އައްލަބިއްޔަތުން ހުއްދަ ނުދިނެވެ. އެ ނިންމުމަށް އިލްތިމާސްކުރުމުގެ ހުއްދައަށް 2017/SC-L/121 ފޯމުން އެދުނުއިރު ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖަޢާކޮށްދިނުމަށް އެދުމުން، ސުޕްރީމް ކޯޓުން މި މައްސަލަ ބެލިއެވެ.
- ވާޤިޢާ
- ޢަބްދުﷲ ޝިހާމް 20 މާރިޗު 2009 ގައި ނިޔާވިއިރު، އޭނާގެ މަންމަ ފާޠިމަތު އާދަމްއާއި ބައްޕަ އާދަމް ޙަލީމްގެ އިތުރުން، އެއްބަނޑު އެއްބަފާ އަޚަކާއި އުޚުތަކުވެސް ދުނިޔޭގައި ތިބިއެވެ. ތަރިކައިގައި ހުރީ މ. ސަންރީފް ގޯތިން ޢަބްދުﷲ ޝިހާމްއަށްވާ 100 އަކަފޫޓުގެ ބިމާއި އޭގައިވާ ޢިމާރާތްތަކެވެ. މަންމަ އެދުނީ ތަރިކަ ހަމަހަމައަށް ބަހަން ކަމަށާއި، ބައްޕަ އެދުނީ ތަރިކައިގެ އުޞޫލުން ލިބޭ ބައި އޭގެ ޒާތުން ލިބުމަށް ކަމަށް ފެމިލީ ކޯޓުގައި ބަޔާންދިނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަރިކަ ބަހާފައިވަނީ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށް ސަބަބު ބަޔާންކޮށް ހުށަހެޅި އިސްތިއުނާފަށް، އެކަށީގެންވާ ސަބަބެއް ނެތްކަމަށް ބުނެ ހައިކޯޓުން ހުއްދަ ނުދިނުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އާދަމް ޙަލީމް ބުނީ، ފެމިލީ ކޯޓުގެ ޙުކުމަކީ ޤުރުއާނުގައިވާ ވާރުތަ ބެހުމުގެ ގޮތާ ޚިލާފު ޙުކުމެއް ކަމަށާއި، ހައިކޯޓުން ހުއްދަ ނުދިނީ ބަލަންވާވަރަށް ނުބަލައި ކަމަށެވެ. އަދި ފެމިލީ ކޯޓަށް ޙާޟިރުވުމުގެ އަމުރު ނުލިބުމުން ޙުކުމް ކުރި ދުވަސް ނޭނގި، ޤާނޫނުއަސާސީއިން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލުނު ކަމަށް ބުންޏެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ފާހަގަކުރީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2، 10 އަދި 70 ވަނަ މާއްދާތަކުން ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ އަސާސަކީ އިސްލާމް ދީން ކަމާއި، ވާރުތަވެރިން ރުހޭ ގޮތެއް ނެތްނަމަ ތަރިކަ ބަހަންވާނީ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާ އެއްގޮތަށް ކަމެވެ. ފެމިލީ ކޯޓުން ތަރިކަ ހަމަހަމައަށް ބެހީ ކޮން ޝަރުޢީ އުޞޫލެއްގެ މައްޗަށްކަމާއި، އަޚާއި އުޚުތަށް ތަރިކައިން ނުލިބޭ ސަބަބު ބަޔާންކޮށްފައި ނުވެއެވެ. އެހެންކަމުން، ސަބަބު ބަޔާންކޮށް ހުށަހެޅި މި އިސްތިއުނާފު، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުން ބަލައިގަނެ ބަލަންޖެހޭނެ ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ނިންމުން ބާޠިލުކޮށް މައްސަލަ ހައިކޯޓަށް ތަޙުވީލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު؛ އިސްތިއުނާފު ބަލައިގަނެ ބެލުމަށް މައްސަލަ ހައިކޯޓަށް ތަޙުވީލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ދިވެހިރާއްޖެއަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެއްކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމަށާއި، އަދި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށާއި އަދި ހަމަ އެ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި އަދި ހަމައެހެންމެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ނ) ގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނުވާނެކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމުގެ މައްޗަށް ބަލައި ނަޒަރުކުރުމުން ދިވެހިރާއްޖޭގެ މުޅި ޤާނޫނީ ނިޒާމް އެ މައްޗަށް ބިނާވެގެންވާ މައިގަނޑު އަސާސަކީ އިސްލާމް ދީން ކަމާއި އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މައިގަނޑު މަޞްދަރުކަން ސާފުކޮށް އެނގެން އޮވެއެވެ.
HN2 މީހަކު ނިޔާވާ ހިނދު، އޭނާގެ ވާރުތަ މުދާ، އޭނާގެ ވާރުތަވެރިންގެ މެދުގައި ބެހުމަށް އެ ވާރުތަވެރިންގެ މެދުގައި ރުހި ޤަބޫލުވާ ވަކި ގޮތެއް ނެތްނަމަ، އެ ވާރުތަވެރިންގެ މެދުގައި، އެމީހުންގެ ނިޔާވި މުވައްރިޘުގެ މުދާ ބެހެވެންޖެހޭނީ އިސްލާމީ ޝަރީޢަތުގައި ވާރުތަ މުދާ ބެހުމުގައި ކަނޑައެޅި ބަޔާންވެފައިވާ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
HN3 ފެމިލީ ކޯޓުގެ ނަންބަރު 07/Fm-C/2016 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ، ސަބަބު ބަޔާންކޮށް އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ... ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބެލުމަށްޓަކައި ހައިކޯޓުން އެ މައްސަލަ ބަލައިގަނެ، ... ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢުގެ މައްޗަށް އިސްތިއުނާފީ ނަޒަރަކުން ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ ގޮތަށް އޮތް މައްސަލައެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އާދަމް މުޙައްމަދު ޢަބްދުﷲ (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، ޢަބްދުލްޣަނީ މުޙައްމަދު
- ރިޔާސަތު
- އާދަމް މުޙައްމަދު ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 11 ޖޫން 2018 · ރަޖިސްޓްރީކުރީ 16 އޭޕްރީލް 2019 · ނިމުނީ 30 ޖުލައި 2019 (3.4 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މާލެ ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޝިއްޔާ ނަންބަރު: 2019/SC-A/33
ދަޢުވާކުރާ ފަރާތް: ޢާދަމް ޙަރީމް، މ. ސަންރީފް، މާރެ
ދަޢުވާ ލިބޭ ފަރާތް: ފާޠިމަތު އާދަމް، ދަފްތަރު، ނަންބަރު ރސ 651، މާލެ
މައްސަލައިގެ ބާވަތް: ތަރިކަ
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 11 ޖޫން 2018
ރަޖިސްޓްރީކުރެވުނު ތާރީޚް: 16 އެޕްރީލް 2019
ނިމުނު ތާރީޚް: 30 ޖުލައި 2019
މައްސަލަ ނިންމި ގަޑި: 13:15
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަބްދުލްޢަނީ މުޙައްމަދު
އިލްތިމާސްކުރެވުނު ނިންމުން
ނަންބަރު: HC-IH/2017/16
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 01 ފެބުރުވަރީ 2017
ނިމުނު ތާރީޚް: 07 މާރިޗު 2017
މައްސަލައިގެ ޚުލާޞާ:
[1]މިއީ، ފެމިލީ ކޯޓުގެ ނަންބަރު 07/Fm-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މ. ސަންރީފް، އާދަމް ޙަލީމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A074165) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ފެމިލީ ކޯޓުގެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އާދަމް ޙަލީމްގެ ފަރާތުން އެކަށީގެންވާ ސަބަބެއް ހުށަހަޅާފައިވާކަމަށް ބެލެވެން ނެތްކަމަށް ބުނެ، އެ މައްސަލަ ބަލައިގަތުމުގެ ހުއްދަދެވެން ނެތްކަމަށް އެ މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އައްލަބިއްޔަތުން ނިންމި ހައިކޯޓުގެ ނަންބަރު HC-IH/2017/16 ނިންމުން، އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-L/121 ފޯމުން މ. ސަންރީފް، އާދަމް ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްދިނުމަށް އެދި އޭރު ހުށަހެޅުނު ކަންކަމާ ގުޅިގެން އެ މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް، މ. ސަންރީފް، އާދަމް ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
[2]މި މައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތަކީ ފާޠިމަތު އާދަމް (ދަފްތަރު، ނަންބަރު ރސ 651 / މ.އ. ރައްދިއްގާ، މާލެ) (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A025806) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
[3]01- ފެމިލީ ކޯޓުގެ ނަންބަރު 07/Fm-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ، ފާޠިމަތު އާދަމް (ދަފްތަރު ނަންބަރު 651) ގެ ދަރިފުޅު މ. ސަންރީފް، ޢަބްދުﷲ ޝިހާމް 20 މާރިޗު 2009 ގައި ނިޔާވެފައިވާކަމަށް ބުނެ، ޢަބްދުﷲ ޝިހާމްގެ ތަރިކައިގެ މައްސަލަ ނިންމައި ދިނުމަށް އެދި ފާޠިމަތު އާދަމް (ދަފްތަރު ނަންބަރު 651 / މއ. ރައްދިއްގާ، މާލެ) ގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޝިއްޔާއެއްކަމާއި، ފެމިލީ ކޯޓުގެ އެ ޤަޝިއްޔާ ބަލައި ނިންމާފައިވަނީ މ. ސަންރީފް، ޢަބްދުﷲ ޝިހާމް، 20 މާރިޗު 2009 ގައި ނިޔާވެފައިވާކަމާއި، ޢަބްދުﷲ ޝިހާމް ނިޔައުވިއިރު އޭނާގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ އޭނާގެ މަންމަ ފާޠިމަތު އާދަމް (ދަފްތަރު ނަންބަރު 651) އާއި، ބައްޕަ އާދަމް ޙަލީމް، މ. ސަންރީފް އާއެކު ޖުމްލަ 02 (ދޭއް) ވާރިޘުން ކަމާއި، ތަރިކައިގައި ހުރީ މ. ސަންރީފް އެވެކިޔާ އަމިއްލަ / ބަންޑާރަ ގޯތިން ޢަބްދުﷲ ޝިހާމް އަށްވާ 100 (އެއް ސަތޭކަ) އަކަފޫޓުގެ ތެރޭގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި އަމިއްލަ ބިންކަން ހެކިންނާއި ވާރިޘުންގެ ބަހުންނާއި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން ޘާބިތުވެ އެނގެން އޮންނާތީ، މި ތަރިކައިގައި ހިމެނޭ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި، އަމިއްލަ ބިން މި ތަރިކައިން ލިބެންތިބި 02 (ދޭއް) ވާރިޘުން ކަމުގައިވާ މަރްޙޫމް ޢަބްދުﷲ ޝިހާމްގެ މަންމަ ފާޠިމަތު އާދަމް (ދަފްތަރު ނަންބަރު 651) އާއި ބައްޕަ އާދަމް ޙަލީމް، މ. ސަންރީފް އަށް ހަމަހަމައަށް މިލްކުވެއްޖެ ކަމަށް ކަނޑައަޅައި ޙުކުމް ކޮށްގެން ކަމާއި، މި ކަންކަން ފެމިލީ ކޯޓުގެ ނަންބަރު 07/Fm-C/2016 ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
[4]02- ފެމިލީ ކޯޓުގެ ނަންބަރު 07/Fm-C/2016 ޤަޝިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ގޮތަށް ކަމަށް ބުނެ، އާދަމް ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޝިއްޔާއަށް މައިގަނޑު 03 (ތިނެއް) ސަބަބެއް ހުށަހަޅައި އެކަންކަމާބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޝިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
[5]ފުރަތަމަ ސަބަބަކީ، ފެމިލީ ކޯޓުގެ ނަންބަރު 07/Fm-C/2016 ޤަޟިއްޔާ ނިންމާފައިވަނީ އިސްލާމީ ޝަރީޢަތުގައި ވާރުތަ މުދާ ބެހުމަށް ހަމަޖެހިފައިވާ (ޤުރުއާނުގައިވާ) ގޮތާ މުޅިން ޚިލާފަށް ކަމަށްވުން ކަމަށް ބުނެ، ހުށަހަޅާފައިވާ ސަބަބެވެ.
[6]ދެވަނަ ސަބަބަކީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުގައި އައްލަބިއްޔަތު ރައުޔު ދިންއިރު ބަލަންވާވަރަށް ނުބަލައި މައްސަލައިގައި ޢަދުލު އިންޞާފަށް ހުރަސްއެޅޭ ގޮތަށް ޢަމަލުކޮށް މައްސަލަ ނިންމާފައިވުން ކަމަށް ބުނެ، ހުށަހަޅާފައިވާ ސަބަބެވެ.
[7]ތިންވަނަ ސަބަބަކީ، ފެމިލީ ކޯޓުގެ ނަންބަރު 07/Fm-C/2016 ޤަޟިއްޔާ އެ ކޯޓުން ނިންމުމުގައި އެ މަޖިލީހަށް ޙާޟިރުވުމަށް ލިބެންޖެހޭ ޙާޟިރުވުމުގެ އަމުރު ލިބިފައިނުވާތީއާ އަދި އެކަމުގެ ސަބަބުން މައްސަލަ ނިންމީ ކޮން ދުވަހެއްގައިކަން އާދަމް ޙަލީމްއަށް ނޭނގިވާތީ، އިސްތިއުނާފުކުރުމުގެ ފުރުޞަތު ގެއްލިގެން ދިޔަގޮތް ބަޔާންކޮށްދީފައިވާއިރު، އެކަމަށް ނުބަލައި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން މި މައްސަލައިގައި ޤާނޫނުއަސާސީއިން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލި އަދި ވާރުތަ މުދަލުން މަޙްރޫމްވެގެން ދިޔުން ކަމަށް ބުނެ، ހުށަހަޅާފައިވާ ސަބަބެވެ.
[8] 03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2017/16 ނިންމުން،
[9]ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށް ބުނެ އާދަމް ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި އަދި މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށާއި އަދި އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2017/16 ނިންމުމުގެ މައްޗަށާއި އަދި ފެމިލީ ކޯޓުގެ ނަންބަރު 07/Fm-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[10](ހ) ފުރަތަމަ ކަމަކީ، ފެމިލީ ކޯޓުގެ ނަންބަރު 07/Fm-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މ. ސަންރީފް، އާދަމް ޙަލީމްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ފެމިލީ ކޯޓުގެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އާދަމް ޙަލީމްގެ ފަރާތުން އެކަށީގެންވާ ސަބަބެއް ހުށަހަޅާފައިވާކަމަށް ބެލެވެން ނެތްކަމަށް ބަޔާންކޮށް، އެ މައްސަލަ ބަލައިގަތުމުގެ ހުއްދަ ދެވެން ނެތްކަމަށް އެ މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އައްލަބިއްޔަތުން ނިންމާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2017/16 ނިންމުމަށް ބެލުމުން އެނގެން އޮންނަ ކަމެވެ.
[11](ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ދިވެހިރާއްޖެއަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެއްކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމަށާއި، އަދި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށާއި އަދި ހަމަ އެ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި އަދި ހަމައެހެންމެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ނ) ގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނުވާނެކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމުގެ މައްޗަށް ބަލައި ނަޒަރުކުރުމުން ދިވެހިރާއްޖޭގެ މުޅި ޤާނޫނީ ނިޒާމް އެ މައްޗަށް ބިނާވެގެންވާ މައިގަނޑު އަސާސަކީ އިސްލާމް ދީން ކަމާއި އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މައިގަނޑު މަޞްދަރުކަން ސާފުކޮށް އެނގެން އޮންނަ ކަމެވެ.
[12](ނ) ތިންވަނަ ކަމަކީ، މީހަކު ނިޔާވާ ހިނދު، އޭނާގެ ވާރުތަ މުދާ، އޭނާގެ ވާރުތަވެރިންގެ މެދުގައި ބެހުމަށް އެ ވާރުތަވެރިންގެ މެދުގައި ރުހި ޤަބޫލުވާ ވަކި ގޮތެއް ނެތްނަމަ، އެ ވާރުތަވެރިންގެ މެދުގައި، އެމީހުންގެ ނިޔާވި މުވައްރިޘުގެ މުދާ ބެހެވެންޖެހޭނީ އިސްލާމީ ޝަރީޢަތުގައި ވާރުތަ މުދާ ބެހުމުގައި ކަނޑައެޅި ބަޔާންވެފައިވާ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ވާރުތަ މުދާ ބެހުމާ ބެހޭގޮތުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެން އައިސްފައިވާ އަޙްކާމްތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ ކަމެވެ.
[13](ރ) ހަތަރުވަނަ ކަމަކީ، ފެމިލީ ކޯޓުގެ ނަންބަރު 07/Fm-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، މ. ސަންރީފް، ޢަބްދުﷲ ޝިހާމް ނިޔައުވިއިރު، އޭނާގެ މަންމަ ފާތިމަތު އާދަމްއާއި ބައްޕަ އާދަމް ޙަލީމްއާއި އަދި އޭނާއާ އެއްބަނޑު އެއްބަފާ އަޅަކާއި އުޅުތަކު ދުނިޔޭގައި ތިބިކަން އޭނާގެ މަންމަ ފާތިމަތު އާދަމްއާއި ބައްޕަ އާދަމް ޙަލީމްއާ އަދި ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތަށް ޙާޟިރުކުރެވިފައިވާ ދެ ހެކިންގެ ފަރާތުން އެ ޤަޟިއްޔާގެ ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނައިރު، މަރުޙޫމް ޢަބްދުﷲ ޝިހާމްގެ މަންމަ ފާތިމަތު އާދަމްއާއި ބައްޕަ އާދަމް ޙަލީމްއާ މި ދެމީހުން ކުރެ، މަރުޙޫމް ޢަބްދުﷲ ޝިހާމްގެ މަންމަ ފާތިމަތު އާދަމް މި ތަރިކަ ބަހަން އެދި ހުށަހަޅާފައިވަނީ މި ތަރިކައިން ލިބެންތިބި ވާރިޘުންގެ މެދުގައި ހަމަހަމައަށް މި ތަރިކަ ބެހުމަށްކަން އޭނާގެ ފަރާތުން ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތަށް ދީފައިވާ ބަޔާނުން އެނގެން އޮތްނަމަވެސް، މަރުޙޫމް ޢަބްދުﷲ ޝިހާމްގެ ބައްޕަ އާދަމް ޙަލީމް، މަރުޙޫމް ޢަބްދުﷲ ޝިހާމްގެ ތަރިކަ ބަހަން އެދި ހުށަހަޅާފައިވަނީ ތަރިކައިގެ އުޞޫލުން މި ތަރިކައިން ލިބޭ އެއްޗެއް އޭގެ ޒާތުން އޭނައަށް ލިބުމަށް އެދިގެންކަން ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތަށް އާދަމް ޙަލީމް ދީފައިވާ ބަޔާނުން އެނގެން އޮތުމުން މަރުޙޫމް ޢަބްދުﷲ ޝިހާމްގެ ތަރިކަ ބަހާނެ ގޮތަކާމެދު އެ މަރުޙޫމް ނިޔައުވިއިރު ދުނިޔޭގައި ތިބި އެ މަރުޙޫމުގެ މަންމައާއި ބައްޕައާ ދެމީހުންގެ މެދުގައި ޚިލާފު އުފެދިފައިވާކަން އެނގެން އޮތްއިރުވެސް، އިޝާރާތްކުރެވުނު ފެމިލީ ކޯޓުގެ ޤަޟިއްޔާއިން މަރުޙޫމް ޢަބްދުﷲ ޝިހާމްގެ ތަރިކަ އޭނާގެ މަންމައާއި ބައްޕައާ ދެމެދު ހަމަހަމަވާ ގޮތަށް ބަހައި ނިންމާފައިވަނީ ޝަރުޢީ ކޮން އުޞޫލެއްގެ މައްޗަށް ބިނާކޮށްގެންކަން އެއްވެސް މިންވަރަކަށް ބަޔާންކުރުމަކާ ނުލައިކަން އެ ޤަޝިއްޔާގެ ޙުކުމަށް ވާޞިލްވުމަށްޓަކައި ބަޔާންކުރެވިފައިވާ ސަބަބުތަކުންވެސް އަދި ޙުކުމުންވެސް އެނގެން ނެތްކަން ބުނެވުނު ފެމިލީ ކޯޓުގެ އިޝާރާތްކުރެވުނު ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮތުމުގެ އިތުރުން މަރުޙޫމް ޢަބްދުﷲ ޝިހާމް ނިޔައުވިއިރު އޭނާގެ މަންމައާއި ބައްޕައާއެކު އޭނާއާ އެއްބަނޑު އެއްބަފާ އަޚަކާއި އުޚުތަކު ދުނިޔޭގައި ތިބިކަން އެނގެން އޮންނައިރު، އަޚް އާއި އުޚްތަށް މަރުޙޫމް ޢަބްދުﷲ ޝިހާމްގެ ތަރިކައިން ނުލިބޭ ސަބަބަކީ ކޮބައިތޯއާއި އަދި މީހަކު ނިޔައުވާއިރު އޭނާގެ މަންމައާއި ބައްޕައާއި އަޚުން ތިބޭ ޙާލަތުގައި، ތަރިކަ ބެހުމުގެ ޝަރުޢީ އުޞޫލުތައް ނިޔާކުރާގޮތުން މަރުޙޫމުގެ މަންމައާއި ބައްޕައަށް ތަރިކައިން ލިބޭނެ މިންވަރަކީ ކޮބައިތޯއާއި އަދި މި ޙާލަތުގައި މަރުވިމީހާގެ އަޚުންނަށް ތަރިކަ މުދަލުން ލިބޭނެތޯ ނުވަތަ ނޫންތޯއާ އަދި މި ޙާލަތުގައި މަރުވިމީހާގެ ތަރިކަބެހޭނީ ކިތައް ބައިންތޯއާއި މިއިން އެއްވެސް ކަމެއް އިޝާރާތްކުރެވުނު ޤަޝިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގައިވެސް އަދި ޙުކުމުގައިވެސް ބަޔާންކުރެވިފައި ނުވާކަންވެސް އިޝާރާތްކުރެވުނު ފެމިލީ ކޯޓުގެ ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނައިރު، ފެމިލީ ކޯޓުގެ ނަންބަރު 07/Fm-C/2016 ޤަޝިއްޔާ ނިންމަވާފައިވާގޮތް ރަނގަޅު ނޫންކަމަށް ބުނެ އާދަމް ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ފޯމަށް ބަލާއިރު، ފެމިލީ ކޯޓުގެ ބުނެވުނު ޤަޝިއްޔާ ނިންމާފައިވަނީ ތަރިކަބެހުމުގެ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ސަބަބު ބަޔާންކޮށް އާދަމް ޙަލީމްގެ ފަރާތުން ނުކުތާތަކެއް ހުށަހަޅާފައިވާކަން އެނގެން އޮންނައިރު، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އާދަމް ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު ގޮތެއް ނިންމި ފަނޑިޔާރުންގެ އައްލަބިއްޔަތުން ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2017/16 ނިންމުން ނިންމާފައިވަނީ ތަރިކައިގެ މައްސަލައެއް ކޯޓުތަކުން ނިންމުމުގައި ބަލަންޖެހޭ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ބަލައި ރިޢާޔަތް ކުރެވިގެންކަން އެ ނިންމުމުގައި އެއްވެސް މިންވަރަކަށް ސާފުކޮށް ބަޔާންކުރެވިފައި ނުވާކަން އެނގެން އޮންނަކަން ފާހަގަކުރެވިފައިވާތީ ބަޔާންކުރެވިދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނިންމުމަކީ އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ނިންމުމެއްކަން އެނގެން އޮންނަ ކަމެވެ.
ޙުކުމް:
[14]އިސްވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ
[15]ހައިކޯޓުގެ ނަންބަރު HC-IH/2017/16 ނިންމުމަކީ ބާޠިލް ނިންމުމެއް ކަމަށް ކަނޑައެޅުމާއެކު،
[16]ފެމިލީ ކޯޓުގެ ނަންބަރު 07/Fm-C/2016 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި
[17]ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ، ސަބަބު ބަޔާންކޮށް އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި
[18]މ. ސަންރީފް، އާދަމް ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައަކީ ޤާނޫނު ނަންބަރު
[19]22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ
[20]ހައިކޯޓުން އެ މައްސަލަ ބެލުމަށްޓަކައި ހައިކޯޓުން އެ މައްސަލަ ބަލައިގަނެ، ފެމިލީ ކޯޓުގެ އިސްވެ
[21]އިޝާރާތްކުރެވުނު ޤަޟިއްޔާއިން ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢުގެ މައްޗަށް އިސްތިއުނާފީ ނަޒަރަކުން
[22]ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ ގޮތަށް އޮތް މައްސަލައެއްކަން ބަޔާންވެދިޔަ ޝަރުޢީ އަދި
[23]ޤާނޫނީ ހަމަތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ސާފުކޮށް އެނގެން އޮންނާތީ،
[24]ފެމިލީ ކޯޓުގެ ނަންބަރު 07/Fm-C/2016 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި
[25]ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ މ. ސަންރީފް، އާދަމް ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
[26]އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފަށް ބަލައިގަނެ، މިބާވަތުގެ
[27]މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ހައިކޯޓުން އެ މައްސަލަ އަލުން ބަލައި ފައިޞަލާކުރަނިވި ޙުކުމަކުން ނިންމުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލަ ތަޙްވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.